Views: 4353 74

"އެކަމަކު ކިހިނެއް ބަޔަކަށް މި ވާހަކަތައް އެނގޭނީ؟" ސުވާލު އުފެއްދީ ހިމްޔާނެވެ. އަހަރެން ފުން ނަޟަރަކުން އަށަކަށް ބަލައިލީމެވެ. މަޢާފް ކުރާށެވެ. މިވަގުތަށް އޮތް މިއީ އެންމެ ރަނގަޅުގޮތެވެ.
"ތާނިމް ކަހަލަ. ޖާސޫސެއް. ނޫނީ... އެންމެ ބޮޑަށް ހީވާ ގޮތަކީ، އަދި ވެފައި އޮންނާނެވެސް ގޮތަކީ... މިތާ އެތެރެއިން މީހަކު ފަނި ހެދުން.." އަހަރެން ލޯ ހަނިކޮށްލާ ވަށައިގެން ނަޟަރު ހިންގާލަމުން ޔަޤީން ކަމާއި އެކު ބުނެލީމެވެ.
"އެތެރެއިން މީހެކޭ!؟" ހުމެއިދު ކުއްލިއަކަށް އިން ތަނުން ތެދުވިއެވެ. ހުރީ ކުރިއަށްވުރެ ވެސް ބޮޑަށް ހާސްވެފައެވެ. އަނެއްކާ ކުރިން އަށަކަށް ޝައްކު ކުރެވިފަ އޮތީ ބާއެވެ؟
"އޭ ހޭމް. އާދެބިއަ. ހިމްޔާން ކައެވެސް. މަ އެބަ ޖެހޭ ސިއްރު ވާހަކަތަކެއް ދައްކަން.." އިފްރީން ބުނެލިއެވެ. އަދި ހިނގައިގަތީ ފާރާއި ދިމާލަށެވެ. ސުވާލެއް ނެތި ހުމެއިދާއި ހިމްޔާން ފަހަތުން ދިޔައެވެ.
އިފްރީން ގޮސް، ފާރުގައި ތަތްކޮށްފައި ހުރި ވޯލްޕޭޕަރުގައި އަތް ކާތާލި ވަގުތު ތަންކޮޅެއް ނެއްޓުނެވެ. އެތަނުގައި ހިފާ، ދަމާލާ ނައްޓުވާލިއެވެ. ފާޅުވީ ވަންހަނާ ވެފައި ހުރި ދޮރެކެވެ. ސިއްރު ދޮރެކެވެ. ޑިޖިޓަލް ކަމުން، ދިވެހި ރާއްޖެކަމާއި މެދުވެސް ޝައްކުވާ ވަރުވެއެވެ.
އިފްރީންގެ އަތްތިލައިގެ ނިޝާނުން ދޮރު ހުޅުވުނެވެ. ގިނަ ބަޔަކު ތިބީ ހައިރާންކަން މަތީއެވެ. އަހަރެންނެކޭ އެއްފަދައިން އެފަދަ ސިއްރު ކޮޓަރިތައް ހުންނަކަން އެމީހުންވެސް ނުދަންނަނީއެވެ. އަށަކަށް ބަލައިލީމެވެ. މޫނު މަތިން، އެ ކޮޓަރީގެ ވާހަކަ ނެނގޭކަން ޔަޤީންވިއެވެ.
"އޭތް ރިފާޝާ!" އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަޑު ކަންފަތާ ހަމައަށް ފޯރިހާ އަވަހަށް، ގޮވާލި، އިފްރީނަށް ބަލައިލީމެވެ.
"ކައެ ވެސް އާދެބެއަ.." އަހަރެން ނުހަނު ހައިރާން ވިއެވެ. އަހަރެންގެ ޕްލޭންގެ އެއްބައި މިހާ އަވަހަށް ކާމިޔާބު ވީހެއްޔެވެ؟ ލަސް ނުކޮށް ހިނގައިގަތީމެވެ.
.....................
"ކާކު؟ ކާކަށް ވާނީ؟" އިފްރީން ކޮށްލީ ސުވާލެކެވެ. އެ ކޮޓަރިގަނޑު ދިރާސާ ނުކޮށް، މަޝްވަރާއަށް ސަމާލުކަން ދޭން އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް ދޭތެރެއަކުން ކޮޓަރިއަށް ކަޅިއެއް އެއްލެއެވެ. އެއްޗެއް ހުރި ތަނެއްވެސް ނޫނެވެ. ހަމަ އެކަނި، އެއް ކަނެއްގައި، ބޮޑު ފޮތް ހަރުގަނޑެއް ހުރި ކަމެވެ. އޭގައި ގިނައީ ބޮޑެތި ފައިލްތަކެވެ. ވީ ވަރަކުން ކަޅި އެއްލަމުން ލޭބަލް ކުރުމަށް ޖަހާފައި ހުރި ނަންތައްވެސް ކިޔާލީމެވެ.
"ރިފާޝާ އެ ބުނަނީ ރަނގަޅަށް. އެތެރެއިން ކޮންމެސް މީހަކު މި ނުބައި މި ހަދަނީ. އެކަމަކު ޝައްކު ކުރެވޭކަހަލަ، އޭރޭ ބޭރޭ ގޮލަޔަކުވެސް މި ފަހަރު ނުވައްދަމެއްނު؟" ހުމެއިދު ބުނެލިއެވެ.
"ހަމަ ޖާސޫސް ކުރާ ބަޔަކު ރަނގަޅު ކަމަށް ހެދިގެން އުޅެފާނެއްނު؟" އަހަރެން ބުނެލީމެވެ. މި ދެއްކެނީ އަމިއްލަ މީހާގެ ވާހަކަ ކަން އެނގިހުރެއެވެ. އަހަރެން އަމިއްލައަށް ހުރެ މިހެން ކިޔުމުން، އެމީހުން އަހަރެންނަށް ޝައްކު ނުކުރާނެކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަށެއް މި ވައްޓާލެވެނީ ބޮޑު ނުރައްކަލެއްގެ ތެރެއަށެވެ.
"އާނ.. އަޖްމަލެއްވެސް މި ފަހަރު ނުހިމަނަން. މަށަކަށް، ކުޑަކޮށްވެސް ކާކު ކަން ޝައްކު ކޮށްލާކަށް ނޭނގެ." އިފްރީން ޖަވާބުގައި ބުނެލިއެވެ. އަހަރެން ހައިރާންވިއެވެ. އަޑުއިވުނީ އޮޅުމަކުން ނޫންބާއެވެ؟ ހަމަ އެ ބުނީ އަޖުމަލް އޭ ހެއްޔެވެ؟
"ޕްލޭން އަވަސް ކޮށްލަންވީނު" ހުމެއިދު ދިން ޖަވާބުން، އަހަރެންގެ ވިންދު އަވަސްވެލިއެވެ. އެމްއެސްއޭގެ ޕްލޭން ފެއިލް ވެއްޖެ ނަމަ، އަހަރެންނަށް މީހަކު މަރާލަން މަޖުބޫރުވާނެއެވެ.
"މީ އަށާރަ. މާދަން ނަވާރަ.. މާދަމާ ރެއަށް ހަދަންވީނު. މަށާ ރިފްއާ ހަމަ ރެޑީ." ހިމްޔާން ހުމެއިދުގެ ޚިޔާލަށް ތާއިދުކޮށްލިއެވެ.
"ދެން ފަޔާޒޯ؟ މާދަމާ ރޭ ފަޔާޒް ނުދާނެ ދޯ މާ ހަފާކަށެއް."
"އެކަމާ ހާސް ނުވޭ. މަ ދެތިން ސޮރަކު ގޮވައިގެން، އެ ގޯތި ދޮށުގަ މުގޯލި އަޅާލާފަ، އޭނަ އަތުޖައްސަފާނަން. ބާރަ ގަޑި ބަޔަށް ފަޔާޒް ހުންނާނީ އަހަރެމެންގެ ބެލުމުގެ ދަށުގަ." އިފްރީން ޔަޤީންކަމާއި އެކު ބުނެލިއެވެ.
ވާހަކަ ދެއްކުމުގައި ހިނދުކޮޅެއް ހޭދަ ވެގެން ދިޔައެވެ. އަހަރެން އެއްވެސް ވަރަކަށް، އެމީހުންގެ ބަހާއި އަހަރެން ދެކޮޅު ކަމެއް ނުދައްކަމެވެ. ހީވާނީ އިނީ ވަރަށް ރުހިގެން ކަމަށެވެ.
އަހަރެމެން ނުކުތް އިރު، އެންމެން ތިބީ އިންތިޒާރުގައެވެ. ނަމަވެސް އިފްރީނާއި ހުމެއިދު، އެމީހުންނަށް އަމުރު ކޮށްލީ އެނބުރި ދާށެވެ. ފަހުން އެމީހެއްގެ ރޯލު އެމީހަކަށް ވަކިން ކިޔައިދޭނި ކަމަށް ނިންމިފައި ވާތީއެވެ. އެހެން ނޫންނަމަ، އެ އުޅޭ ޖާސޫސަކަށް، ޕްލޭންގައިވާ ކަންކަން އެނގިދާނެތީއެވެ. އެ ޖާސޫސަކީ ކާކު ބާއޭ އެންމެންގެ ހިތުގައިވެސް ވާނެއެވެ. ދެހިތެއް މެނުވީއެވެ.
..............................
"އޭތް ހިމްޕްސް.." ނިކުންނަން ދަމުން އަހަރެން ގޮވާލީމެވެ. ހިމްޔާން އެނބުރި ބަލައިލިއެވެ.
"ކީއްވެ ހާދަ ލޯބިން ތި ގޮވާލީ؟" ހިމްޔާން، އަހަރެން ގޮސް އަރާ ހަމަ ކުރަންދެން މަޑުކޮށްލިއެވެ.
"އެ ކީއްވެތަ އެޖަށް ޝައްކު ކުރަނީ؟ އެއީ ގޯސް މީހެއްތަ؟" ހިތުގައި އޮތް އެންމެ ބޮޑު ސުވާލު އަހާލީމެވެ.
"ނޫނޭ ރިފޭ.. އެއީ ގޯސް މީހެއް ނޫން. އެކަމަކު ދެން އެނގެއެއްނު؟ އެއީ ކުޑަކޮށް ގަޅި މީހެއް. ޖަމީލް ކޮއްކޮ ވީމަ މިތާ މި ގެންގުޅެނީ. ތަޅުވާލަން އަސްލު." ހިމްޔާން ޙަޤީގަތް ހާމަ ކޮށްލިއެވެ. އަހަރެންގެ ހިތް ހަމްދަރުދީއިން ފުރާލިއެވެ. އެ ސޮރުވެސް އެ އުޅެނީ ހާދަ ޙާލެއްގައެވެ.
.......................
ގެއަށް ގޮސް އަހަރެން ޓެބްލެޓް ބަލައިލީމެވެ. ހުސް ސަފާރީއެއް އަތުޖެއްސީމެވެ. ލޯންޗެއްވެސް ހޯދުމަށް ފަހު، އަހަރެން މެސެޖު ފޮނުވާލީމެވެ. ޝައިހާނަށާއި އަށަކަށެވެ. ވީހާވެސް އަވަހަށް އައުމަށެވެ. އަދި މިސްރާބު ޖެހީމެވެ. ދެވުނުހާ އަވަހަކަށް ދާށެވެ.
..........................
"ކީތްވީތަ؟" ޝައިހާނަށް ބަލައިލާފަވެސް، އެއައީ ނިދަން އޮވެފާކަން އެނގޭވަރުވެއެވެ. ކައިރިފަށް ކަޅުވެފައި ހުރި ދެލޮލުންނެވެ.
"ކީތް ކުރަން ގެންދިޔަ މީޓިންއެއްތަ؟ ކީކޭތަ ކީ؟ އެއީ ކޮން ތަނެއްތަ؟ ކަލޭ މޮޔަވީތަ؟" ޝައިހާނަށް ވަކި ޖަވާބެއް ނުދެވި އުޅެނިކޮށް، އަށެއް އައިސް، ފައްޗަކަށް ސުވާލުތައް އަމުނާލިއެވެ.
"ނޭނގެ އެއީ ކޮން ކޮޓަރިގަނޑެއް ކަމެއް. ދެން މީޓިންއަށް ގެންދިޔައީ އެހެން މީހުނަށް އިތުބާރު ނުކުރާތީ. ކީ ވާހަކަ ބުނާނީ އައިމަން ސަރ އައިމަ." އެތެރައަށް ނުވަދެ އަހަރެން ހުރީ އައިމަން ސަރމެންގެ އިންތިޒާރުގައެވެ. މާ ދުރުން، ލޮނުގަނޑު ކަފާފައި ދެ ލޯންޗު އަންނަތަން ފެނެއެވެ.
"ކަލޭ މޮޔަ ވެގެންތަ އެހުރިހާ އެއްޗެއް ކީ އަޅެ؟ އެ ގަމާރު މީހުންތަކަކަށް ތަނެއް ދޮރެއް ވެސް ނޭނގުނީހޭ ކައެ ނުބުނި ނަމަ." އަށެއް ހުރީ ފުދޭވަރަކަށް ރުޅި އައިސްފައެވެ. ޝައިހާނަކަށް ވާއެއް ނުވާއެއް ނޭނގެއެވެ.
"ކިހިނެއްތަ ވެގެން މި އުޅެނީ މިހާރު؟" އައިމަން ސަރ އަދި ޝައިހާނާއި އަށެއްގެ މަތިން ތިބި ދެމީހުން އައިސް އަހަރެމެންނާ މުޚާތަބުކޮށް އަހާލިއެވެ.
"ކޮންމެ ކަމެއް ކުރިޔަސް ކިތަންމެ ބަޔަކު ހައްޔަރު ކުރިޔަސް އެމީހުން ފަޔާޒް މަރާލާނެ. އެހެން ގޮތެއް ހޯދަން ޖެހޭނީ." އަހަރެން ބުނެލީމެވެ. އެއްވެސް މީހަކު އަހަރެން ބުނި އެއްޗެއް ޤަބޫލު ކުރަން ބޭނުންވި ހެނެއް ހިއެއް ނުވެއެވެ.
"ދެން ތިހެން ވިއްޔާ އިފްރީނާ ހުމެއިދު ހައްޔަރު ކުރާނީ." ޝައިހާން ބުނެލިއެވެ.
"ނޫން. ތިހެނެއް ނުވާނެ. ކަލޭމެން ބޭނުމިއްޔާ ބޭކާރު މަސައްކަތްތަކެއް ކުރޭ. އެކަމަކު އިފްރީންމެން، ޕޮލިހުން ލައްވާ ހައްޔަރު ކުރުމަކީ ކައެ މެނަށް ކުރެވޭ ވަރު ކަމެއް ނޫން." އަހަރެން ޔަޤީންކަން ދިނީމެވެ. ހިމްޔާން ބުނި ބަސްވެސް ކަންފަތުގައި ގުގުމާލަ ގުގުމާލަ ހުއްޓެވެ.
"ކީތްވެތަ ހައްޔަރު ނުކުރެވެންވީ؟ ހެކި ހޯދީމަ އެހެން ގޮތެއް ނޯންނާނެ." އައިމަން ސަރ ބުނެލިއެވެ. އެމީހުން އަދިވެސް އަހަރެންނަށް އިތުބާރު ނުކުރަނީއެވެ. ދެއަތް މުށްކަވާލާފައި ދަތްކުނޑި ވިކައިގަތީމެވެ. ނަމަވެސް ދުލުން ބަހެއް ބޭރު ނުކޮށް، ރީތިކޮށް، ރިކޯޑް ކުރި ރިކޯޑިން ދިނީމެވެ. އިފްރީންމެނާ އެކު ސިއްރު ކޮޓަރި ތެރޭ ދެކެވުނުހާ ވާހަކައެއް އޭގައި ހުންނާނެއެވެ.
........................
"އިތުރު ގޮތެއް ނެތެއްނު؟ ހަމަ އަތުޖެހުނުހާ ބަޔަކު ހައްޔަރު ކުރާނީ. އަހަރެމެންގެ ބެލުމުގެ ދަށަށް އިފްރީނާ ހުމެއިދު ގެނެވިދާނެއްނު." އަށެއް ބައިގެ ޒީރޯވަން ބުނެލިއެވެ. އަހަރެން ރުޅިގަނޑު ކޮންޓްރޯލް ކުރަން ކުރެވުނުހާ ކަމެއް ކުރީމެވެ. ޙަޤީގީ މަޤުސަދު މިމީހުން ހަނދާން ނައްތާލަނީ ކީތްވެހެއްޔެވެ؟
"އެމީހުން ހައްޔަރު ކުރީމަ ކިހިނެއްތަ ގޭންގުގެ ހުރިހާ ސިއްރެއް ހޯދާނީ؟ އަހަރެމެން މިހާ ދުވަހު މި ކުރި މަސައްކަތުގެ ނަތީޖާއެއް ނުނިކުންނާނެއް ނޫންތަ؟" އަހަރެން ރުޅިވެރިކަމާއި އެކު ބުނީމެވެ.
"ދެން ވާނެ ގޮތެއް ވެދާނެއްނު." އަށެއް ރައްދު ދިނެވެ. އެންމެންވެސް ތިބީ އަހަރެންނާއި ދެކޮޅަށެވެ. އިތުރަށް ގަދަ ހެދޭކަށްނެތެވެ. ޖެހިފާ މިހުރީވެސް ބޯހަރު ބަޔަކާއެވެ. މުޅިން ބޯ ހަލާކެވެ.
.........................
ގެއަށް އައި ގޮތަށް އައިސް، އަހަރެން ވެއްޓިގަތީ އެނދުމައްޗަށެވެ. އެ ހުރި ގޮތަށެވެ. ވިސްނެނީއެވެ. މާ ބޮޑަށެވެ. ކުރާނީވެސް ކީތްހެވެ؟ މިހާރު ބޮލަށް މިވާ އުނދަގުލަށް ވުރެ، މީހަކު މަރާލަން، އަހަރެންނަށް އުނދަގޫވާނެކަން ޔަޤީނެވެ.
ނިދަން އުޅެއުޅެވެސް ނުއެއް ނިދެއެވެ. ނިންޖަށް އެދިއެދި ދެލޯ ދުޅަވެފައެވެ. ނަމަވެސް ސިކުނޑި 'ނިދި' ވެސް ހަނދާން ނައްތާލައިފި ކަހަލައެވެ.
އޮވެއޮވެފައި ހެނދުނުވުމުން، ހިނގައިގަތީމެވެ. ބޭރަށެވެ. ކޮންމެހެންވެސް ނިދަން އެބަ ޖެހެއެވެ. މިރޭ، ކުރަން އޮތް ކަންތައް ކުރަން ޖެހުނަސް ނުޖެހުނަސް، ގައިގައި ވަރު ހުންނަން ޖެހެއެވެ.
....................
"އަޔާޒް.. މަށަށް ސްލީޕިން ޕިލްސް ޓެބްލެޓެއްލިބޭނެ ގޮތެއް ވެދާނެތަ؟" އަހަރެން ގޮސް ހުއްޓިލީ، އަޔާޒް މަސައްކަތް ކުރާ ތަނުގައެވެ. ކުޑަކުޑަ އެ ކްލިނިކްގެ ރިސެޕްޝަން ދޮށުގައެވެ. އަޔާޒް ދެލޯ ބޮޑުކޮށްގެން ބަލަން ހުއްޓެވެ.
"އާރ ޔޫ އޯކޭ؟" އަޔާޒް ކޮށްލީ ސުވާލެކެވެ. އަހަރެން ވަގުތުން ބޯ ހޫރުވާލީމެވެ. ޙާލަތު ރަނގަޅު ނަމަ ސްލީޕިން ޕިލްސް ހޯދަން އަންނާނެ ހެއްޔެވެ؟
"މަޑުކޮށްލާ ފައިވް މިނިޓްސް. މަގޭ ބްރޭކް ޓައިމް ޖެހެނީ." އަޔާޒް، ގޮނޑިބަރިއަށް އިށާރާތްކޮށްލަމުން ބުނެލިއެވެ. އަހަރެން އެއްޗެކޭ ނުބުނެ ގޮސް މަޑުމަޑުން އިށީނީމެވެ.
......................
"ކިހިނެތް ވީތަ؟" ވަކި މިސްރާބެއް ނެތި އަހަރެން ހިނގަމުން ދިޔައީ އަޔާޒްގެ އަތުގައި ހިފާލައިގެންނެވެ. މެންދުރަށް ދޮންވަމުން ދިޔަ އިރުގެ ގަދަ ހޫނުގައެވެ.
"ޔަޒް ރިފް ދެކެ ރުޅި އަންނާނަންތަ؟" އަހަރެމެން ގޮސް މަޑުކޮށްލީ ރަސްފަންނުގައެވެ. ވަގުތުގެ ގޮތުން، މީހުން މާ ގިނައެއް ނޫނެވެ.
"ތިބުނީ؟"
"މަ މީހަކު މަރާލައިފިއްޔާ ޔަޒް ރުޅި އަންނާނަންތަ؟" އަހަރެން ސީދާ ބަހުން، ނުސީދާ ސުވާލެއް ކޮށްލީމެވެ.
"ހެހެ. މަށަށް އެނގޭ ރިފާޝާ އެކަހަލަ ކަމެއް ނުކުރާނެކަން." އަބަދުވެސް ހުންނަ ލާނެތް ރާގުގަނޑުގައި އަޔާޒް ބުނެލިއެވެ.
"އެކަމަކު ދެން ހަމަ މަ މީހަކު މަރާލައިފިއްޔާ؟" އަހަރެން އަނެއްކާވެސް އެހީމެވެ. ކޮންމެހެންވެސް އަހަރެން ޖަވާބެއް ބޭނުމެވެ. މިރޭ ވާނެ ގޮތެއް ކުޑަކޮށްވެސް އަންދާޒާ ކޮށްލަންވެސް އަހަރެންނަކަށް ނޭނގެއެވެ. ދެދުވަސް ފަހުން އިއްވޭނީ މަރަށް މަރުހިފުމުގެ ޙުކުމް ނޫންކަމެއްވެސް ނޭނގެއެވެ.
"މަށަކަށް ނޭނގެ. ދުވަހަކުވެސް ދިމާ ނުވާނެ ކަމަކާ ކީތްކުރަން ބޭކާރު ވިސްނުންތަކެއް ވިސްނަން ވީވެސް؟" އަޔާޒް ފަރުވާކުޑަ ޖަވާބެއް ދިނުމަށްފަހު ޖަހާލީ ހިނިގަނޑެކެވެ. އަހަރެންވެސް މަޑުމަޑުން ހީލީމެވެ.
"މަ މީހަކު މަރާލައިފިއްޔާ ޔަޒް ރުޅި ނާންނައްޗޭ. ހަނދާން ކުރާތި މަ އަމިއްލައަށް ބޭނުންވެގެން އެކަހަލަ ކަމެއް ދުވަހަކުވެސް ނުކުރާނެކަން." އަހަރެން މައުނަވީ ގޮތަކަށް ބުނެލީމެވެ. ދެންވެސް އަޔާޒް ޖަހާލީ ހިނިގަނޑެކެވެ. އެ ހުނުމުގެ ތެރެއިން ތީ ސުއިސައިޑް ނޯޓެއްހޭވެސް އަހާލިއެވެ.
އަޔާޒް ޑިއުޓީއަށްދާނެ ޖެހޭ ގަޑި ޖެހުމުން، އަހަރެން އެނބުރި އައީ ގެއަށެވެ. ބޭނުންވީ ހިތް ފުރެންދެން ރޯށެވެ. އެމްއެސްއޭ މީހުން ކިތަންމެ ވަރަކަށް ވައުދުވިޔަސް، މިރޭ ފަޔާޒް މަރުނުވާނެ ކަމަށް އަހަރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ. ކުރިންވެސް ހައިޝަމް މަރާލަން އުޅޭ ޚަބަރު އެމީހުނަށް އޮންނާނީ ލިބިފައެވެ. ނަމަވެސް އެއްވެސް ކަމެއް ކޮށްފައެއް ނެތެވެ.
ފޯނުން ހުޅުވާލައިގެން އިނީ ރާއިންގެ ނަންބަރެވެ. ގުޅަން ކަމަށެވެ. ހިތް އެދެނީ ރޯށެވެ. ބިރުގަންނަ ވަރު ބުނެދޭށެވެ. ފަޔާޒް މަރާލަން ބޭނުން ނޫންކަމަށް ބާރަށް ހަޅޭއްލަވައިގަންނާށެވެ. ނަމަވެސް، ގުޅާކަށް ނުކެރޭނެއެވެ. ފަޅާއަރާފާނެތީއެވެ. ފޯނުން ދައްކާ ވާހަކަ، ޕޮލިހުން ނުލާހިކު ފަސޭހައިން ހޯދާކަން އެނގިފައި އޮތުމުން، ރިސްކެއް ނަގަން ބޭނުންނުވީއެވެ.
ހުސްބަނޑާ ހުރެ އަނެއްކާވެސް އޮށޯވެލީ ނިދޭތޯއެވެ. ނަސީބު ދިމާކުރި ގޮތުން، ވެފައި ހުރި ވަރުބައްޔާ އެކު، މާ ގިނަ އިރުތަކެއް ނުވެ ނިދީގެ ޢާލަމަށް ދަތުރުކުރެވުނެވެ.
.......................
ހަވީރުގެ ވަގުތެވެ. ސިނގިރޭޓެއް ހިފައިގެން އަހަރެން ހުރީ ބެލްކަނީގައެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ހުރިއިރު ދޭތެރެ ދޭތެރެއިން ފޯނު ނަގާ ބަލައިލެވެއެވެ. އިތުރު ތޭވީސް މީހަކު ހަށި ވިއްކުމުގެ ވިޔަފާރީގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ނަމަވެސް، ހުމެއިދާއި އިފްރީން، މިނިވަންކަމާއި އެކު އުޅެއެވެ. އެމްއެސްއޭއިން ބުނާ ގޮތުން ނަމަ، އިރުއޮއްސުމުގެ ކުރިން އެމީހުން ހައްޔަރު ކުރާނެއެވެ.
"ހަލޯ؟" ހިމްޔާންގެ ފޯނު ކޯލަށް ޖަވާބު ދިނީ ބިރުން ހުރެއެވެ.
"ކޮބާ ރެޑީ؟" ހިމްޔާން ސުވާލުކޮށްލިއެވެ. އަހަރެން ބުނާނީވެސް ކީކޭ ހެއްޔެވެ؟ ތައްޔާރޭ ބުނުން ނޫން އެހެން ގޮތެއް އެބެތް ހެއްޔެވެ؟ މަޑުމަޑުން އާނއެކޭ ބުނެލީމެވެ. ފޯނުން، ސީދާ ބަހުން ވާހަކަ ދެއްކުން މަނާ ކޮށްފައި އޮތުމުން، ގަޑި ކިޔާފައި، އަހަރެމެން ފޯނު ކޯލު ނިންމާލީމެވެ.
ވަގުތު ކުޑަތަން ވަމުން ދިޔަ ވަރަކަށް އަހަރެންގެ ބިރު ދިޔައީ އިތުރުވަމުންނެވެ. ލޯލިތައް ހުރީ ކޮޅަށް ޖެހިފައެވެ. ނޭވާ ކުރުވެފައެވެ. ހިތަށް އަރާ ފައިބަމުން ދިޔަ އިހުސާސްތައް އެންމެ ރަނގަޅަށް އެނގޭނީ، ފުރަތަމަ ފަހަރަށް މީހަކު މަރަން، ކަތިވަޅި އަތަށް ހެޔޮވަރު ކޮށްލައިގެން ހުރި މީހަކަށެވެ. މަންމަ މަރާލާފައި އޮތްތަން ފެނުމުން ގަތް ބިރަށް ވުރެވެސް، ބިރުގަތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
މަޣްރިބް ނަމާދުން، މީހުންތައް ފޭބި އިރު އަހަރެން ހުރީ އިސްލާމީ މަރުކަޒު ކުރިމަތީއެވެ. ބަނދަރު މަތީ ހޭލަ މޭލަވެ އުޅޭ މީހުން، އަބަދެކޭވެސް އެއްގޮތަށް ބައިވަރެވެ. ވިއްސާރަ ހަދާފައި އޮތް ނަމަވެސް، މަގުމަތިން ދުއްވަމުން ދިޔަ އުޅަނދުތަކުގެ އަދަދަކަށް ބަދަލެއް ނާދެއެވެ.
ލޯންޗަށް އެރި އިރު، ހިމްޔާން، އަހަރެންގެ އިންތިޒާރުގައި އިނެވެ. އަހަރެން އެރުމާއި އެކު، ލޯންޗު ދުއްވާލިއެވެ. މާލޭގެ ނެރުން ބޭރުވެ ތަންކޮޅަކަށް ދުއްވާލިތަނާހެން، އިތުރު ލޯންޗެއް ކައިރިކޮށް، އަހަރެމެން ލާން ޖެހޭ އަންނައުނު ފޯރުކޮށްދިނެވެ. މާސްކާއި އަންގިއެވެ.
އަހަރެމެން ފަޅު ރަށަށް ބާލާފައި ލޯންޗު ތުލުސްދޫއާ ވީކޮޅަށް ދުއްވާލިއެވެ. ތެތް ދޮންވެލިގަނޑުގައި މަޑުމަޑުން ހިނގާފައި ގޮސް ރަށުތެރެއަށް ވަނީމެވެ. ވާ ވެފައި އޮތް ރަށުގައި ކޮށާފައި އޮތް މަގެއް ނެތެވެ. ދެވުނު ގޮތަކަށް ޖެހުނީ ދާށެވެ. ކަށިގަސް ގަހުގައި އަޅައިގަންނަމުން، އެ ކަނު އަނދިރީގައެވެ.
އެގާރަ ޖަހަންދެން އެކުގައި ތިބެފައި އަހަރެންނާއި ހިމްޔާން، ދެދިމާއަށް ހިނގައިގަތީމެވެ. ދެމީހުނަށް ދެމީހުން ހުރިތަން ފާހަގަ ވާ ހިސާބެއްގައި މަޑުކޮށްލައިގެން ތިބީމެވެ. ބާރަވެސް ޖެހި ފަހުން ފަޔާޒް ހައްޔަރުކުރެވުނު ޚަބަރު ލިބުނެވެ. އެމްއެސްއޭ، ތޭވީސް މީހުން ހައްޔަރު ކުރި ޚަބަރު ދިނުމަށްފަހު ހަމަ ބަޚަބަރެވެ.
ލޯންޗަށް ފަޔާޒް އެރުވުނު ޚަބަރު ލިބުމުން، އަހަރެންގެ ނޭވާ އިތުރަށް ކުރުވާގޮތް ވިއެވެ. އެއް ފަހަރު ޖަހާ މަރާލަންވެސް ކުރަން ޖެހިފައި އޮތް މަސައްކަތަށް ވުރެ ފަސޭހަވާނެއެވެ. އިފްރީންމެން ފަޔާޒް މަރުވާން ބޭނުންވަނީ ލޭ ހުސްވެގެންނެވެ. އެތައް އަނިޔާއެއް ތަހައްމަލު ކުރުމަށް ފަހުއެވެ. އަންގާފައ އޮތީ ވަކި ވަކިން އެކި ގުނަވަންތައް ބުރި ކުރުމަށެވެ. އަތުގެ އިނގިލިތަކުން ފެށިގެން، ވަކިވަކިން، ކޮޑު ހުޅާ ހަމައަށެވެ. އެވެސް ދިރިހުއްޓައެވެ. މަންޟަރު ބަލަންވެސް އަހަރެންނަކަށް ކެތެއް ނުވާނެއެވެ. ދެން އަދި އެކަން ކުރާނީ ކިހިނަކުން ހެއްޔެވެ؟
ވަގުތު ހިނގަމުން ދަނީއެވެ. ލަސްވެގެން ބައިގަޑިއިރު ތެރޭ ލޯންޗު މިހިސާބަށް ފޯރަން ޖެހޭނެއެވެ. އެއްގަޑި ބައިވެ ބޮޑުވި އިރުވެސް، ލޯންޗު ދައްކާނުލިއެވެ. ލަސްވެގެން ހިމްޔާންވެސް، ބޮދައިގެން ހުރި ތަނުން ނުކުމެ، އައިސް އަހަރެން ކައިރީ މަޑުކޮށްލިއެވެ. އިފްރީންމެން ގާތު އެހުމުން ލިބެނީ އެއް ޖަވާބެކެވެ. ލޯންޗު މާލެއިން ފުރައިފިއެވެ. އިތުރަށް އެކައްޗެއްވެސް ނޭނގެއެވެ.
"ކޮބާތަ؟" ދޭއް ޖަހަން ފަނަރައަށް ވުމުން އަނެއްކާވެސް ހިމްޔާން، އެއްސެވެ. ޖަވާބު މިފަހަރު ލަސްވެގެން ދިޔައެވެ. އަހަރެންގެ ހިތުގެ ތެޅުން މަޑު ނުވެއެވެ. ހިމްޔާންގެ މޫނުމަތިންވެސް ހާސްކަމުގެ އަސަރުތައް ފެންނަން ހުއްޓެވެ.
"ހަލޯ.. އަޑު އިވޭތަ؟" ހުމެއިދު އަހާލި އަޑު އިވުނެވެ. އަޑު އަންނަނީ ކެނޑިކެނޑިގެންނެވެ. މައްސަލައެއް އެބަ އުޅޭ ކަން އެހިސާބުން ޔަޤީން ކުރެވުނެވެ.
"ހޭމް... އޭތް ހޭމް. އަޑު އިވެޔޭ.." ހިމްޔާން، ދެތިން ފަހަރަކު ގޮވާލުމުންވެސް ޖަވާބެއް ނުލިބުނެވެ.
"ކައެމެން ފޭބި ދިމާލުން ލޯންޗު ގާތް ކުރާނެ. އަވަސް އޭގަ އާދޭ މާލެއަށް." ފަސް ވަރަކަށް މިނިޓު ފަހުން ހުމެއިދުގެ އަޑު ފޯރި އިރު، އިވުނު ޖުމުލަ ވީ އަހަރެމެން ހީކުރި ކަހަލަ ޖުމުލައަކަށް ނޫނެވެ.
"އަވަސް. ޕޮލިސް ދެ ލޯންޗު ތިދިމާއަށް އެބަދޭ." އިފްރީން ބުނެލި އަޑު އިވުނެވެ. އެކަކު އަނެކަކަށް ބަލައިލުމަށް ފަހު އަހަރެމެން ދެމީހުން ދުއްވައިގަތީމެވެ. ކުރިން އައި މަގުން، އެނބުރި އައި ކޮޅަށެވެ.
"ކިހިނެތްތަ ވެގެން މި އުޅެނީ؟ ފަޔާޒް ކޮބާތަ؟" ލޯންޗު ދުއްވާލުމުން އަހަރެން އަހާލީމެވެ. ފަޔާޒް މަރާލަން ނުޖެހޭނެޔޭ ހީވުމުން އެއް ބިރު ކެނޑުނު ނަމަވެސް، އޮތް ހާސްކަން ކުޑައެއް ނުވިއެވެ. ހިމްޔާންގެ ހާސްކަން އަދި ވަކިން ބޮޑެވެ.
"ނޭނގެޔޭ. ކޮންމެވެސް މީހަކު ރިޕޯޓް ކޮށްގެން ޕޮލިހުން ފަޔާޒް ހޯދަނީ. އަހަރެމެންވެސް ފަޔާޒް ހޯދަނީ." އިފްރީން ހުރީ ވަރަށް ހާސްވެފައެވެ. ވާހަކަ ދައްކަމުން ދިޔައިރު ކިޔާ ނުކިޔާ އެއްޗެއް ދޭހަވާ ވަރެއްވެސް ނުވެއެވެ.
"ކީކޭތަ ތި ކިޔަނީ؟ ބަލަ ލޯންޗުގައެއް ނޫންތަ އޭނަ ވީ؟" ހިމްޔާން އަހާލިއެވެ. އަހަރެން އަޑުއަހަން ހުރީމެވެ.
"ލޯންޗުގައޭ ވީ. އެކަމަކު ލޯންޗު ގެއްލިއްޖެޔޭ." ހުމެއިދު ޖަވާބު ދިނެވެ. އެއިރު އަހަރެމެން ތިބި ލޯންޗު، ފާލަމާ ގާތް ކުރަނީއެވެ. އިތުރު ސުވާލުތަކެއް ކުރަން ނުހަދާ، އަހަރެމެން ދެމީހުން އަވަސްވެގަތީ އެމީހުން ގާތަށް ދިއުމަށެވެ.
..........................
"މިހިސާބުން ލޮކޭޝަން ގެއްލުނީ." ސްކްރީނުން އަޅުވާފައި ހުރި ޗާޓުގައި އަތް ޖައްސަމުން ނިހާލް ކިޔައިދިނެވެ. ހުމެއިދުގެ އެސިސްޓެންޓެވެ. އެހެން ގޮތަކަށް ބުނާނަމަ އެމީހުންގެ ހިމްޔާނެވެ.
"ކީތްވެ ގެއްލެންވީ؟" ހިމްޔާން ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. ރާއްޖޭގައި ބަރމިއުޓާ ޓްރޭންގްލް އޮތީކީ ނޫނެވެ. ދެން ހަމަ ކުއްލިއަކަށް، ބޮޑު ލޯންޗެއް ގެއްލޭނެ ހެއްޔެވެ.
އެކި މީހުން އެކި އެއްޗެހި ކިޔަމުން ދިޔައެވެ. އެމީހެއް ޚިޔާލަށް އައިހާ އެއްޗެކެވެ. އަހަރެން ފަރުވާތެރިވެ އަޑުއަހަން އިނީމެވެ. އެހެން ގޭންގެއްގެ ކަމެއް ކަމަށް ވެދާނެ ބާއެވެ؟ ދެން ފަޔާޒަށް ވާނީ ކިހިނެއް ބާއެވެ؟
އެހެން އަހަރެމެން ތިބޭތާ ކިތަންމެ އިރެކެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑު ގުގުމާލިއެވެ. އެކަކުވެސް އެއަޑު އިވުން ކަމަށްވެސް ނުހެދިއެވެ. ބަލަމުން ދިޔައީ އެ ލޯންޗުގެ ޚަބަރެއް ވޭތޯއެވެ. ފަހެއްވެސް ޖެހި ފަހުން ގެއަށް ދާން ހުއްދަ ލިބުނެވެ. އެކަނިވެލަން ބޭނުންވި ނަމަވެސް، އަހަރެން ދިޔައީ ހިމްޔާނާ އެއްކޮށެވެ. ފޫހިވާ މީހަކަސް، ހިނގާފައި ދިއުމަށްވުރެ ސައިކަލު ފަހަތުގައި ފަސް މިނިޓު ހޭދަކޮށްލަން ފަސޭހަވާނެތީއެވެ.
................................
އެމްއެސްއޭގެ ޚަބަރެއް ވާގޮތެއް ނުވިއެވެ. އަމިއްލައަށް މަތިން ބައިން ޖެހިގެން މެސެޖުކުރާކަށް ނެތީމެވެ. އެމީހުން ކަމެއް ކުރިއްޔާ އަހަރެންނަށް އަންގާލަން ވާނެތާއެވެ.
ވަރުބަލިކަމެއްވެސް ހުރުމާއި އެކު، އެނދުގައި އޮށޯވެލީމެވެ. ގިނަ އިރުތަކެއް ނުވެ ލޮލަށް ބަރުވާން ފެށްޓެވެ. އެމްއެސްއޭ ނުވަތަ ގޭންގުގެ ފަރާތުން ވިޔަސް މެސެޖެއް އާދޭތޯ އިންތިޒާރު ކޮށްލަ ކޮށްލާ އޮއްވާ މަޑުމަޑުން ދެލޯ މެރެންފެށުނެވެ.
..........................
ކުޑަދޮރު ފޮތިގަނޑު ކެހިފައި ހުރުމުގެ ސަބަބުން، އެޅެމުން ދިޔަ، އިރުގެ ދޯދިތައް އަހަރެންނަށް އުނދަގޫ ކުރަމުން ދިޔައެވެ. އޮވެވުނީ ތެދުވާން ބެނުން ނުވެފައެވެ. ކަންނެތް ގޮތަކަށް މޫނުމަތީ ބާލީސް އަޅާލީ އިތުރަށް ނިދާލުމުގެ އުންމީދުގައެވެ. ނަމަވެސް، ހޭލެވުމަށް ފަހު އަލުން ނިދުމަކީ އަހަރެންނަށް ފަސޭހަ ކަމެއް ނޫނެވެ.
ބުރަހެލި ހިނގުމެއްގައި، ގައިން ތާހިރުވެލައިގެން ގޮސް ކަޅު ކޮފީއަކުން ސިކުނޑި ތާޒާކޮށްލީމެވެ. ފޯނު ބަލައިލީ އެއަށް ފަހުއެވެ.
"ލޯންޗު ފެނިއްޖޭ. އަވަސް އާދެބަ" ސާޅީހަކަށް މިނިޓު ކުރިން މެސެޖު އައިސް އޮތީ ހިމްޔާނުގެ ފަރާތުންނެވެ. ގަޔަށް ހުޑީ މަހާލިއިރު، ޓެބްލެޓް ބަލައިލަންވީތޯ ހިތާއި ހިތުން ސުވާލު ކޮށްލެވުނެވެ. ނަމަވެސް، ތައްޔާރުވެ ލެވުނު ހިނދު، ސިކުންތެއްވެސް ލަސްނުކޮށް އަހަރެން ހިނގައިގަތީ ދާށެވެ.
[ނުުނިމޭ]

  1. Avatar

    އަނެއް އެޕިސޯޑު ކޮބާތަ؟ މިހާރު ކުން ދުވަހެއްތަ ދެން. ލިޔުންތެރިން އެބަބުނޭ އެމީހުން ފޮނުވަމޭ. ވާހަކަ.ކޮމް އިން އަޕްޑޭޓް ކުރާލެއް ލަހީއޭ

ޚިޔާލު ފޮނުއްވާ