Views: 4088 60

"ރާއިން؟!" ފަތިހު ގެއަށް އައި އިރު، ސިޓިން ރޫމުގައި އިން މީހާ ފެނި އަހަރެން ދިޔައީ ސިއްސައިގެންނެވެ. ރާއިންގެ މޫނު މަތީ ހާސްކަން ފިޔަވާ އިތުރު ކަމެއް ފެންނާކަށް ނެތެވެ.
"ކޮންތާކުން ތި އައީ؟ މަ ހާސްވާ ވަރެއް ނޭނގޭތަ؟" ރާއިންގެ ފަރާތުން ފުރަތަމަ ފަހަރަށް ރުޅިވެރިކަން ފެނުމުން، ހިތުގައި ރިއްސާލިއެވެ. ވަރަށް ދެރަވިއެވެ. ނަމަވެސް ކުރެވޭނީ ކީތްހެވެ؟ ކިތަންމެ ބޭނުންވިޔަސް އަހަރެންނަށް، އެމްއެސްއޭގެ ވާހަކަތައް ރާއިނާ ހިއްސާ ކުރުމުގެ ފުރުސަތެއް ނެތެވެ. އެމީހުނަށް ނުވިސްނެނީއެވެ. ރާއިން ގޭންގަށް އެހީވަނީ ހަމަ އެކަނި، ބޮޑެތި ކޭސް ތަކުގައި، މީހުން ޤައުމުން ބޭރަށް ފޮނުވާށެވެ. ގޭންގުގެ ސިއްރެއް ހާ މިންވަރުވެސް ރާއިނަކަށް ނޭނގެއެވެ.
"ސޮރީ. އަސްލުވެސް ވަރަށް ބޮޑަށް ސޮރީ.." އަހަރެން ގޮސް ރާއިން ގާތު އިށީނީމެވެ.
"އެޖު އެބުނީ ތެދެއްތަ؟ ހަމަ އަސްލުވެސް ރިފް ތަ ފަޔާޒް މަރާލަނީ؟" ރާއިން ރުޅިވެރިކަން ދޫކޮށްލާފައި ރީތިކޮށް ވާހަކަ ދެއްކިއެވެ. ރާއިން ހާސްވާނެ ވަރު އަހަރެންނަށް އެނގެއެވެ. ދޮގު ހެދުމުގެ ބޭނުމެއް ނެތީތީ އަހަރެން ބޯ ޖަހާލީމެވެ. މަޑުމަޑުންނެވެ. ދެރަވާކަން މޫނުމަތިން ދައްކަން އުނދަގުލަކާވެސް ކުރިމަތި ނުވިއެވެ. ޙަޤީގަތުގައިވެސް ދެރަވެފައި ހުރުމުންނެވެ.
"ވަރަށް ސީރިއަސް ނުވަނީސް އެމީހުން ރިފް ބޭރަށްވެސް ނުފޮނުވާން ދޯ އުޅެނީ. އެމީހުން ހާދަ ގޯހޭ. އަޅެ ރިފް. ރިފްއަށް ދެރަ ގޮތެއް ވެއްޖިއްޔާ މަ ހާދަ ދެރަވާނޭ. ފަޅާއަރައިގެން ރިފް ހައްޔަރު ކޮށްފިއްޔާ މަ އަމިއްލައަށް އެ އިފްރީން މަރާލާނަން.." ރާއިން އަހަރެންގެ އަތުގައި ހިފާ ބާރުކޮށްލަމުން ބުނެލިއެވެ. ރާއިން އަހަރެމެންގެ މުސްތަޤުބަލު ހުވަފެނުން ބަލާކަން އަހަރެންނަށް އެނގެއެވެ. ޙަޤީގަތް ފޮރުވަން މިހާ ދެރަވާ ސަބަބަކަށް އެކަންވެސް ވާނެއެވެ.
ވާހަކަ ދައްކަން ތިބެފައި، ފަތިސް ނަމާދަށް ގޮވުމުން، ރާއިން ދިޔައީ ނަމާދަށެވެ. އެކަންވެސް ވީ އަހަރެންގެ ހިތުގައި ރާއިނަށް އޮތް ލޯބި އިތުރުވި ކަމަކަށެވެ. އަހަރެންވެސް ގޮސް ވަގުތު ފާއިތު ވުމުގެ ކުރިން ފަތިސް ނަމާދު ކޮށްލީމެވެ.
.....................
އާ ދުވަހަކަށް އިރު އަރައިފިއެވެ. ނިންޖަށް އެދިއެދި އަހަރެންގެ ދެލޯ ވީ ދުޅަވެފައެވެ. ނަމަވެސް ފިކުރުތަކާއި ހުރެ އަހަރެންނަށް ހަމަ ނިދި ލިބޭ ގޮތެއް ނުވެއެވެ. ހަ ދުވަސް ތެރޭ އެތައް ބަޔަކު ހައްޔަރު ކުރަން ޖެހިފައިވުމުން، މިއަދުގެ ހަވީރު، އެމްއެސްއޭއިން މަސައްކަތް ފަށާނެއެވެ.
ވިސްނެނީއެވެ. ހާސްވަނީއެވެ. ފަޅާ އަރާފާނެތީއެވެ. ކިތަންމެ ގަޓު ހުންނަ މީހަކަށް ވެގެން އުޅުނަސް، އަދިވެސް އަހަރެން އެމީހުންދެކެ އިންތިހާއަށް ބިރުގަނެއެވެ. މޮޅެތި ލޯޔަރުންނާއި ފުލުހުންގެ ޤަދަރު ލިބިފައިވާ މަހުޖަނުން މަރަން ކެރޭ ބަޔަކަށް އަހަރެން ކަހަލަ ޢާއިލާއެއް ނެތި ބިކަވެފައިވާ އަންހެން ކުއްޖަކަށް ކޮންމެ ކަމެއް ކުރަންވެސް އިފްރީންމެނަށް ކެރޭނެކަމާއި މެދު އަހަރެން ޝައްކެއް ނުކުރަމެވެ.
.....................
ފޯނު ރިންގުވާ އަޑަށް ލޯ ހުޅުވާ ބަލައިލީމެވެ. އެންމެ ފަހުން އެހެން އޮވެފައިވެސް ނިދުނީއެވެ. ސޭވް ކޮށްފައި ނެތް ނަންބަރެއް ނަމަވެސް އަދަދުތައް ފެނުމުންވެސް އެއީ ހިމްޔާން ކަން އެނގުނެވެ. ނެގުމުގެ ބަދަލުގައި ކަނޑާލާފައި، އަހަރެން ރީތިވެލައިގެން ނުކުތީމެވެ. ކޮފީއަކުން ސިކުނޑި ތާޒާ ކޮށްލާފައި އަހަރެން ޖައްސާލީ ޚަބަރު ކިޔާށެވެ.
ދެވަނަ ފަހަރަށް ގުޅީ އިފްރީނެވެ. ނަގާ ހިތް ނުވެފައިވެސް ނެގީމެވެ. ހަދުވަސް ތެރޭ ބޮޑު ކަމެއް އޮތް އިރު ފޯނު ނުނަގަންޏާ ފެންނާނީ އަހަރެންގެ ބޮލާ ކަނދުރަޔާ ވަކިކޮށްފައި އޮއްވައެވެ.
"ހަލޯ؟"
"ޖަމީލްގެ ޚަބަރެއް އެއްވެސް އިރަކު ވިތަ؟" އެހި ސުވާލުން އަހަރެން ހައިރާންވިއެވެ. ޖަމީލް ވާނީ ޖަލުގައި ނޫންހެވެ. އިފްރީން ކައިރީ އެހެން ބުނަންވެސް ބުނެލީމެވެ.
"ޖަލަކު ނެތޯ. އިއްޔެއިން ސުރެ ޚަބަރެއް ނުވޭ." އިފްރީން ހުރީ ކުރިން ދުވަހަކު ނުވާ ވަރަށް ހާސްވެފައެވެ. އެދެމީހުން ގެ ގާތްކަން ހުދު އަހަރެންވެސް ދެލޮލުން ދުށީމެވެ. ހިމްޔާނާއި ޑެލްއަށް ފަހު އިފްރީނާ އެންމެ ގާތް މީހަކީ އެއީ ކަންނޭނގެއެވެ.
"ކައެ ދޭބިއަ އެޖު ކައިރިއަށް. ޖަމީލާ ބެހޭ މައުލޫމާތެއް ހޯދޭތޯ ބަލާ." އިފްރީން އަމުރު ކޮށްލިއެވެ. ފޯނު ކަނޑާލުމުން، އަހަރެން އެޖު ކައިރިއަށް ދާން އަވަސްވެގަތީމެވެ.
.......................
"ރިފް!" ދޮރު ހުޅުވި އިރު އަޖްމަލް ހުރީ މުޅިން އޮށްދާ ހިތްލާފައެވެ. ބޭބެ ގެއްލިގެން ހާސްވީ ވަރުން ކަންނޭނގެއެވެ.
"އެއްވެސް އާ މައުލޫމާތެއް ލިބިއްޖެތަ؟" އެޖު ކޮށްފައި ހުރި މަސައްކަތް ފެނިފައި އަހަރެން އަހާލީމެވެ. ތިން ހަތަރު ލެޕްޓޮޕް ހުޅުވައިގެން އެ މަސައްކަތް ކުރަނީ ޖަމީލް ހޯދާށެވެ.
އެޖު އެއްޗެކޭ ނުބުނުމުން އަހަރެން އެނބުރި އެޖަށް ބަލައިލީމެވެ. ކޮންމެވެސް އެއްޗެކޭ ބުނަން އެބަ އުޅެއެވެ. ނަމަވެސް ނުއެއް ބުނެއެވެ. އެހެން މީހުނަށް ނޭނގޭ ކޮންމެވެސް އެއްޗެއް އެޖަށް އެނގޭކަން އަހަރެން ދެނެގަތީމެވެ. ފޮރުވުމެއް ނެތި ފާޅުކޮށް އެ މޫނުމަތިން އެކަން ފެންނަން ހުރުމުންނެވެ.
"ބުނެބަ" އަހަރެން ސީދާ ލޮލަށް ބަލަމުން ބުނީމެވެ.
"ރިފް... ޕްލީސް.." އެޖުގެ ހާސްކަން ހިނދެއް ހިނދަކަށް ބޮޑުވާހެންވެސް ހީވެއެވެ. އެކުވެރިއެއްގެ ގޮތުން، ފޯރުކޮށްދެވެން އޮތް ހާ އެހީއެއް ފޯރު ކޮށްދޭން އަހަރެން މިހުރީ ތައްޔާރަށެވެ.
"ޕްލީސް.. މި ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނައްޗޭ.. ވަކިން އިފްޝޮޓާ ހިމްޔާންމެން ކައިރީ. ޕްލީސް." އެޖު ފެށީ އާދޭސް ކުރާށެވެ. އަހަރެން ވަގުތުން އެހެން މީހުން ކައިރީ ނުބުނާނެ ކަމަށް ވައުދު ވީމެވެ. ހިތް ބަލި ކަމުންނެވެ. ބޮޑު ފިރިހެނެއް ރޯނީ ވީ ކަމެއް ވަރަށް ވުރެ ބޮޑުވީމާ ކަމަށް ޤަބޫލުކުރެވޭތީއެވެ.
"ބޭބެ.. ޖަމީލް.. ޖަމީލް އުޅުނީ ޕޮލިހަކާ ރަށްޓެހި ވެގެން. ގޭންގަށް ވުރެ އޭނަ ދެކެ މާ ލޯބި ވާނެ. ހުރިހާ އެއްޗެއްވެސް ހިއްސާ ކުރާކަން އެނގޭ. ގޭންގް ކަންކަންވެސް. ޖަމީލް ފިލީ އޭނަ އެއްކޮށް." އެޖު ބުނެލިއެވެ. ސޯޅައިގައި ހުރި އޭސީގެ ގަދަ ފިނީގައިވެސް އެޖު ދާހިތްލަނީ މެންދުރުގެ ގަދަ ހޫނުގައިވެސް ނުހިތްލާ ވަރަށެވެ.
"އިފްރީން މެނަށް އެނގިއްޖިއްޔާ ޖަމީލް މަރާލާނެ. ފަހަރެއްގަ މަވެސް. އެމީހުން އެކަމަކު ޖަމީލް ހޯދާނެ" އެޖު ހުރީ ބިރުވެސް ގަނެފައެވެ. ވާ ނުވާ އަހަރެންނަށް މުޅިން ސާފެއް ނުވެއެވެ. އެޖާއި ޖަމީލަކީވެސް، އިފްރިނާއި ނުލާހިކު ގާތް ބައެކެވެ.
"އޭ ތިހެން ނުވިސްނާ. އިފްރީން އެހެނެއް ނުހަދާނެ. އެޓްލީސްޓް އެޖް އަކަށް. މީގަ އެޖްގެ ކުށެއް ނެތެއްނު.." ކުރަން ނޭނގޭ ކަމެއް ނަމަވެސް ހިތްވަރު ލައިދެވޭތޯ އުޅުނީމެވެ.
"ރިފާޝާއަށް އަދި އިފްޝޮޓް ނޭނގެނީ.." އެޖު ބުނެލީ އެވަރަށެވެ. އިތުރު އެއްޗެކޭ ބުނޭތޯ އަހަރެން ބަލަން އިނީމެވެ.
"ދަހުލާން. އެއީ މަގޭ ފްރެންޑެއް. ހަމަ ޑެލް މެނެކޭ އެއްވަރަށް އިފްޝޮޓްމެނާ ގާތް ވާނެ.." އެޖު ކިޔައިދިނެވެ. އެބުނާ މީހަކަށް ވީ ގޮތެއް ހޯދުމަށް، އަހަރެން މަޑުމަޑުން އަޑުއަހަން އިނީމެވެ.
"އެހެން ވަރަށް ގާތްކޮށް އުޅެއުޅެފަ ހިމްޔާނާ ދެމީހުން ޖެހުނު މައްސަލައެއްގަ ދަހުލާން އެހެން ގޭންގަކަށް ހުރިހާ އެއްޗެއް ކިޔައިދިނީ. އެކަން އެގުނު ދުވަހު.." އެޖު ލޯ މަރާލިއެވެ. ވީ ގޮތެއް އެނގެން ބޭނުންވި ވަރުން އަހަރެން ވީ ކީތްހޭ އަހާވެސް ލީމެވެ. ކެތްތެރި ވާން ނޭނގެނީއެވެ.
"ބަނދެގެން ގެންދިޔައީ ފަޅު ރަށަކަށް. ދެން ގައިގެ ހަމުގަ އެކި ތަންތަނުގަ، އިންޗިއަކުން އިންޗިއަކުން ކަޓަރު އެޅީ. މާ ފުންކޮށެއް ނޫން. މަރުނުވެ ވޭނުގަ ހުންނާނީ އޭރުންނެއްނު. އަތުގަޔާ ފައިގަ ދަގަނޑު އޮޅާފަ، ދޮން ވަންދެން ހޫނުވެސް ކުރި. އޭރު ދަހުލާން ލެވި ހަޅޭއް އަދިވެސް.." އެޖަށް ބުނެވުނީ އެހިސާބަށެވެ. ދެން އިސް ޖަހައިގެން އިނީއެވެ.
"އެމީހާ މަރާލީތަ؟" އަވަސްއަވަހަށް ސުވާލުކޮށްލީމެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވެލިއެވެ. އަހަރެން ފަޅާއަރައިފިއްޔާ އަދި ކިހާ ވަރެއް ކޮށްލާނެ ބާއެވެ؟ އެމްއެސްއޭ ބުންޏަކަސް އެބުނާ ހިމާޔަތްތެރިކަމެއް ފޯރުކޮށްދެވޭނެ ކަމަކަށް އަހަރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ.
"ނޫން. މަރައެއް ނުލާ. އެޙާލަށް އެރަށަށް ދޫކޮށްލާފަ އައީ. ޕޮލިހުންނަށް ފެނިގެން ސަލާމަތް ކުރީ އޭގެ ފަނަރަ ގަޑިއިރު ފަހުން." ސަލާމަތްވި ކަން އެނގުމުން އަހަރެން ހިފާއްޓައިގެން ހުރި ނޭވާ ދޫކޮށްލީމެވެ.
"އެހިސާބުން ނިންމާލީކީ ނޫނޭ. އޭނަ ކޮއްކޮ ރޭޕް ކޮށްލީ... އޭނަ ގަރލްފްރެންޑް.. އޭނަގެ އެއްވެސް ކުށެއްވެސް ނެތި... ހަމަ އެކަނި ދަހުލާން ޖީއެފަށް ވީތީ، ދަން ޖެއްސީ." އިންސާނަކަށް ވީތީ، އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ.
"އަޅެ. އެމީހުނާ ނުކުޅެ ދަހުލާން މަރާލިނަމަ." އަހަރެންނަށް ބުނެވުނީ އެހެނެވެ. ކުށް ކުރި މީހާގެ ބަދަލުގައި، ކުށުގެ ސަޒާ އެހެން މީހުނަށް ދޭކަށް ނުޖެހޭނެއެވެ.
"އެމީހުން ބޭނުންވީ ދަހުލާން އެ ހުރިހާ ވޭނެއް ތަހައްމަލު ކުރަން. ކެތް ނުވެގެން ބްލީޗް ބޮއިގެން މަރުނުވުމުން ދަން ޖެހެންވެސް އުޅުނު. އެކަމެއްވެސް ނުވި. އެންމެ ފަހުން ޒަހަރު ބޮއިގެން، އަމިއްލައަށް މަރުވީ." އެޖު ކިޔައިދިނެވެ. ފިރިހެނަކަސް ދެލޮލުން ކަރުނަ ފާއްދާލައިފައި ހުއްޓެވެ. ބުނާނެ އެއްޗެއް ނޭނގިފައި އަހަރެންނަށް އިނދެވުނީއެވެ. އެޖު ކުރިން ބުނިހެން އަހަރެންނަށް އަދި މި މީހުން ނޭނގެނީއެވެ.
"މިހާރު މޮޔަ ހީވޭ، ބޭބެ ފަހަތުން، ކޫލް ކަމެއް ކަމަށް ހީކޮށް ވަދެވުނީތީ. ދިރިއުޅުން ހަލާކު. ހަޔާތްވެސް ބަރުބާދު. ކިހިނެއް ރިފާޝާ މިތަނަށް ވަނީ؟" ކިޔަމުން ކިޔަމުން ގޮސް، އެ ސުވާލަކަށް ޖަވާބުދޭން އެންމެ އުނދަގޫ އެއްސުވާލު އެޖު ކޮށްލިއެވެ. ދެންމެއަކު ހިތަށް ކުރިހާ އަސަރެއް ހިތުން ފިލުވާލާފައި އަހަރެންނަށް ކުޑަވަރެއްގެ ހިނިގަނޑެއް ޖަހާލެވުނެވެ. އެންމެ ފަހުން އެ ސުވާލާއި ވެސް މި ކުރިމަތިވީއެވެ.
"ހިމްޔާނާ ފުރަތަމަ ދިމާވީ ސްކޫލުން. އެއީ ހަމަ ރާއްޖެ އައި ތަނާ. ކިޔަވާހިތް ނުވާތީ، އަހަރެން ޖައްސާލީ ފަހު ބެންޗުގަ. އެ ބެންޗު އެންމެންހެން އުޅޭނީ ޓީޗަރުންނާ ފޮށެން. ސަކަރާތް ޖަހަން. ދެން މާ މަޑަކުން ހިމްޔާން އިންނާތީ ފާހަގަ ވީ. ރަނގަޅަށް ބަލައިލިއިރު، ކުލާހަށް އަންނަގޮތަށް އެސޮރު އަރާނީ ގަނޑަކަށް. އެވެސް ޑޭޓާ ޖައްސައިގެން. ދެން އެހެން މަހެއްހާ ދުވަހު ކެތް ކޮށްފަ، ކެތް ނުވެގެން، ހިމްޔާން ފޯނު ދަމައިގަނެފަ، ސްކޫލު ވައިފައި ޕާސްވޯޑް ޖަހައިދިނީ. ކުޑައިރުއްސުރެ ކުރާ ހިތްވާ ކަމެއް ވީމަ އައިސް ފުރަތަމަ ކަމަކަށްވެސް މަ އޭތި ހެކްކޮށްލީއޭ. ބޭނުން ނުކުރިޔަކަސް.." ސްކޫލްގެ ލާނެތް ދުވަސްވަރު ހަނދާން ކުރަމުން ކިޔައިދިނީމެވެ.
"ދެން ހިމްޔާނަށް މަގޭ ފަހަތުގަ ޖައްސާފަ ނޫނީ ހުރެވޭ ކަމަކަށްނުވި. ހަފްތާއެއް ނުވެ، ފޯނެއް ހެކް ކުރަން ގެނެސްދިން. އެގޮތަށް އެކުވެރިކަން ބަދަހި ވަމުން ގޮސް، އެއް ދުވަހަކު ބޮޑު ބަސްތާއެއް ވަރުގެ ފޯނު ގެނެސްދިނީ ހެކް ކޮށްދޭށޯ ކިޔާފަ. މަ ބުނިން ތިވަރު ކަމެއް ކޮށްދެވޭނީ އަގަކަށޭ. ގިނައީވެސް އައިއޯއެސް ވިއްޔަ. އެއިރު ހިމްޔާނަށްވެސް މަގޭ ކޮއްކޮ ވަރަށް ބަލިކަން އެނގިފަ އޮތީ. އެއްވެސް މީހެއް ކައިރީ ނުބުނަން ޝަރުތުކޮށްފަ ގޭންގް ވާހަކަ ކިޔައިދިނީ. ބުނީ އެމީހުން ބުނާ ކަންކަން ކޮށްދެނިކޮށް ބޭނުން ވަރަކަށް ރުފިޔާ ލިބޭނެޔޭ. އަހަރެން ފުރަތަމަ ދެކޮޅު ހެދީ. އެކަމަކު ހިމްޔާން، ކޮއްކޮގެ ފަރުވަލޭ ކިޔާފަ ވަރަށް ވާހަކަ ދެއްކީމަ އެއްބަސް ވީ. ކުދިކުދި ވައްކަމުން، ފޭރުމުން، މިހިސާބަށްވެސް އާދެވިފަ މިހުރީ." ވޭތުވެ ދިޔަ ދެ އަހަރު ކުރުކޮށް ކިޔާލަ ދިނީމެވެ.
އެޖު އިތުރު އެއްޗެއް ބުނުމަށް އަނގަހުޅުވާލި ވަގުތު އަހަރެންގެ ފޯނު ރިންގުވާން ފެށްޓެވެ. އިފްރީނުގެ ކޯލެއް ކަމުން ޖަވާބު ދިނީމެވެ.
ހިތުގެ ތެޅުން އަވަސްވެ ގަތީ، ހަމަ ކުއްލިއަކަށެވެ. އިވުނު ޖުމުލައިން ދެލޯ ބޮޑުވީ ފުންމައިގެން ނުކުންނަ ވަރަށެވެ. މިއޮތް ހާއިރު ގަޑި ނުބަލާ އިނދެވުނީއެވެ. ގޭންގު ބަޔަކު މަސްތުވާ ތަކެއްޗާ އެކު ހައްޔަރު ކުރި ވާހަކަ ބުނަމުން، އިފްރީން އެދުނީ ވީހާވެސް އަވަހަކަށް އައިސް ދިނުމަށެވެ.
"ދެން އެޖޯ؟" އަހާލީމެވެ.
"ތީއްޗަކު ބަހައްޓާފަ އަވަސް އާދެބިއަ." އިފްރީން ފަހު ޖުމުލަ އިއްވާލަމުން ފޯނު ކަނޑާލިއެވެ. އެޖަށް، ވީ ގޮތުގެ ކުޑަމިންވަރެއް ކިޔައިދިފައި ބާރުބާރަށް ނުކުންނަން ދިޔައިމެވެ. ޓެކްސީއެއް ހޯދަން އުޅެފި ނަމަ އިތުރަށް ވާނީ ހަމަ ލަސްކަން އެނގޭތީ އަވަސް ފިޔަވަޅު ތަކެއްގައި ދާން ޖެހޭ ގެއާއި ދިމާލަށް ހިނގައިގަތީމެވެ.
............................
"ފަސް މީހުން.. އެކި ތަންތަނުން އަހަރެމެން ގޭންގުގެ ފަސް މީހުން. އެވެސް ރެޑް ހޭންޑެޑްކޮށް." ހާސް ކަމާއި އެކު އިފްރީން މުޚާތަބު ކުރަމުން ދިޔައީ އެ ކޮޓަރި ގަނޑަށް އެއްވެ ތިބި މީހުނާއެވެ. އެންމެންވެސް ތިބީ ވަރަށް ހާސްވެފައެވެ. ފަސް މީހުންވެސް، ބާވީސްވިލޭރޭގެ ޕްލޭންގައި ހިމެނުމާއި އެކު، ފުރަތަމަ ފަޔާޒް އޮފީސް ކައިރިން، މައްޗަން ގޯޅިއަށް ގެނެސްދޭ ޑްރައިވަރުވެސް ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނުމުންނެވެ.
"ކަލޭމެން ކައިރީ ކިތައް ފަހަރު ބުނިއްޔާތަ، ތިއަށް ވުރެ ސަމާލު ވެގެން އުޅެން އެނގޭނީ؟ ކިތައް ފަހަރު ބުނެވިއްޖެ ބޮޑު ރޭވުމެއް ރޭވިފަ އޮއްވަ، ސްޓަފް ނުނަގާށޭ. ނުނަގާށޭ ނުނަގާށޭ.." ގޮށް މުށްކަވާފައި މޭޒުމަތީ ވަރަށް ބާރަށް ޖަހަމުން ހުމެއިދު ބުނެލިއެވެ. އެހުރީ ރުޅި އައިސް ރަތް ވެފައެވެ. އަހަރެންނާއި އަށަކަށް އެކަކު އަނެކަކަށް ބަލައިލެވުނީ އެކުއެކީއެވެ.
ފަޔާޒް މަރާލުމުގައި ބައިވެރިވާ، ގޭންގުގެ އެންމެންހެން އެތަނުގައި ތިއްބެވެ. އާދެވުނު އެންމެނެވެ. އެހެން ހާސްވެފައި ތިބެ ހުމެއިދާއި އިފްރީން، އެމީހުންގެ ނިންމުން އިއްވާލިއެވެ. އާ ބަޔަކު ހަމަޖައްސައިގެންވެސް، އެމީހުން، ބާވީސް ވިލޭރޭ ފަޔާޒް މަރާލާނެއެވެ.
ހަމަޖައްސާނެ ބައެއް ކަނޑައެޅުމުގައި ވަގުތު އަރައިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އިފްރީންގެ އެދުމުގެ މަތިން، އަހަރެން ހިމްޔާނާ އެއްކޮށް ދިޔައީ، ފަރިތަ ކޮށްލާށެވެ. ވަޅީގެ ހަރަކާތްތައް ބޭނުން ނުކުރާތާ ފުދޭވަރަކަށް ދުވަސް ވެފައި ވުމުންނެވެ.
.........................
އެގާރަ ޖެހި އިރުވެސް އަހަރެމެން ތިބީ އެގޭގައެވެ. ކިތަންމެ ފޫހިވިޔަސް އަހަރެންވެސް ހިމްޔާން ކައިރީ ސިނގިރޭޓެއް ޖަހައިލައިގެން އިނީމެވެ. އެއްވެސް ވާހަކައެއް ނުދައްކަމެވެ. ފޯނު ބަލަމުން، އިފްރީނާއި ހުމެއިދު ބެލްކަންޏަށް ޖެހިލުމުން، އެމީހުން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ކަންތައް ކުރަންވީ ގޮތެއް ނިންމާނީ އެދެ މީހުނެވެ. ގެއަށް ދާންވިއްޔާ ދާން ވީކަމެވެ. މަޑުކުރަންވިއްޔާ މަޑު ކުރަންވީ ކަމެވެ.
އިފްރީންގެ މިލާފައި ހުރި މޫނު ފެނިފައިވެސް އަހަރެންނަށް، ވީ ގޮތް މުޅިން ސާފު ވިއެވެ. ނޭނގޭ ކަމަށް ދައްކައިގެން އިނީމެވެ.
"އަނެއްކާ އިތުރު ހަތް މީހުން ހައްޔަރު ކޮށްފި" ހުމެއިދުގެ ޖުމުލައާއި އެކު މުޅި ކޮޓަރި ތެރެ އަޑުގަދަވެގެން ދިޔައެވެ. އަހަރެންވެސް ހާސްކަމުގައި ބައިވެރި ވެލަމުން މިދެން ކިހާ ދެރަ ކަމެއްހޭ ބުނެލީމެވެ.
"ބާރަ މީހުން މިއަދު މި ހައްޔަރު ވީ. މަށަކަށް ނޭނގެ ކީތްވެގެން ކަމެއް ކޮޕުން އެ އުޅެނީ. ހުސް ވެސް ޕްލޭންގަ ހިމެނޭ މީހުނޭ.." އިފްރީން ކަންބޮޑުވެފައި ހުރެ ބުނެލިއެވެ.
"އެންމެން އެމީހެއްގެ ގެއަށް ދޭ. މަގުމަތީގަވެސް ބަލައިގެން އުޅޭތި. މި ހަފްތާ ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްގެން ނުވާނެ. ވަކިން ޚާއްސަކޮށް މަސްތުވާ ތަކެތި." ހުމެއިދު އަމުރު ކޮށްލިއެވެ. އެންމެންވެސް ނިކުންނަން އަވަސްވެގަތެވެ. އަމުރަށް ބޯލަނބާ ބައެކެވެ.
........................
"އޭ ހިމްޔާން!" ސައިކަލަށް އަރާ ސްޓާޓްކޮށްލި ވަގުތު އަހަރެން ގޮވާލުމުން ހިމްޔާން ސިހިފައި ބަލައިލިއެވެ. މުއީން ކަންތައް ފަޅާ އެރި ހިސާބުން، އަހަރެންގެ ދުލުން ރިވެތި ގޮތެއްގައި ހިމްޔާންގެ ނަން ބޭރުވިވެސް އެއީ ފުރަތަމަ ފަހަރެވެ.
"މަގޭ އެއްޗެހި އަދި ހުންނާނެ ތިގޭގަ.." އަހަރެން ބުނެލީ އެވަރަށެވެ. ހިމްޔާންގެ އެކުވެރިއެއް، ސައިކަލު ފަހަތަށް އަރަން ވެގެން، ކައިރީގައި ހުރި ކަންވެސް ދެނަހުރި ކަމަށް ނުހަދާ، އަހަރެން ގޮސް ސައިކަލު ފަހަތަށް އެރީމެވެ. ހިމްޔާން އެއްޗެކޭ ނުބުންޏެވެ. ހައިރާންވެ ހުރެ ސައިކަލު ދުއްވާލިއެވެ.
"ކައެ ބިރެއް ނުގަނޭތަ މީހަކު މަރާލާކަށް؟" ސައިކަލު ޕާކް ކުރުމަށް ފަހު، ކެމެރާ ހުރި ހިސާބަށް ދެވުމުގެ ކުރިން ހިމްޔާން މަޑުމަޑުން އަހާލިއެވެ. އެއްވެސް ވަރަކަށް އަހަރެން، ކުރަން ޖެހިފައި އޮތް މަސައްކަތަށް ދެކޮޅު ނުހެދުމުންނެވެ. ހިމްޔާންގެ ނަޟަރުގައި އަހަރެން މިއީ އަދިވެސް ދެ އަހަރު ކުރިން ބައްދަލުވި ފިނޑި މީހާއެވެ.
"ކިހިނެއް ހީވަނީ؟" ލިފްޓުގައި ހުއްޓިލަމުން ބުނެލީމެވެ. އެދޭތެރޭގައި ފުންކޮށް ވިސްނާލުމަށް ފަހުއެވެ.
"ތެދަށް ބުނަންޏާ މަށަކަށް މިހާރު ރިފާޝާއެއް ނޭނގެ. މަގޭ އެކުވެރިޔާއެއް ނޫން މިހާރު ތީ.." ހިމްޔާން މަޑުމަޑުން ބުނެލިއެވެ. އެ އަޑުގައިވީ ފުން ހިތާމައެވެ. އަހަރެންގެ ޢާއިލާއަށް ކޮންމެ ފަދަ ގޮތަކަށް ކަންތައް ކުރި ނަމަވެސް، ހިމްޔާންގެ ހިތުގައި އަހަރެންނަށް އޮތް މަޤާމް، ކުޑަކޮށްވެސް އަހަރެންނަކަށް ނުއޮޅެވެ.
"ކަލޭ އަމިއްލައަކަށްނު ކަލޭގެ އެކުވެރިޔާ މަރާލީ." އަހަރެން ރައްދު ދިނީމެވެ. ކޮންމެ ޙާލެއްގައި ނަމަވެސް، އަހަރެން ބަދަލު ވި ބަދަލު ވުން، އެޅުވޭނީ އަދި އަޅުވަން ޖެހޭނީވެސް ހިމްޔާންގެ ބޮލުގައެވެ.
"މަ އަބަދުވެސް ރިފާޝާ ދެކުނީ އަމިއްލަ ކޮއްކޮއެއްގެ ގޮތުގަ. އެކަން ކުރި އިރުވެސް އެނގޭ ރިފާޝާ ދެރަވާނެ ވަރު. އެކަމަކު މަ ހުރިހާ ކަމެއްވެސް ކުރީ ރިފާޝާއަށް ރަނގަޅަކަށް. ރިފްޝާން ގަޔަށް ލޭ އެޅީ މުއީން އަމިއްލައަށް ބޭނުންވެގެން. އެކަން ކުރުމުގެ ކުރިން އެކަން މައެ ކައިރީ ބުނެލި. ރިފް މަގޭ އެކުވެރިއަކަށް ވީ އޭގެ ފަހުން." ހިމްޔާން ހުރީ އިސްދަށަށް ޖަހާލައިގެންނެވެ.
"ފަހުން ރުފިޔާތައް މުއީން ލައްވާ ހޯދީ، އެއީ ރިފްއަށް ނޭނގުނަސް މަށަށް އެއިރުވެސް އެނގޭ ކިތަންމެ ވަރެއް ކުރިއަސް ރިފްޝާން ރަނގަޅު ނުވާނެކަން. އެހެންވީމަ ދެން އެއީ
ހަމަ ބޭކާރު ޚަރަދެއްނު" ލިފްޓު ދޮރު ހުޅުވުމާއި އެކު، އަހަރެން މަޑުނުކޮށް ހިނގައިގަތީމެވެ. ހިމްޔާންގެ ވާހަކަ ތަކުން ހަނދާން ކޮށްދެނީ މާޒީވެ ދިޔަ އެ ދުވަސްތަކެވެ. އެ ދުވަސްތައް ހަނދާން ކޮށްގެން ފިނޑިވާކަށް ބޭނުމެއް ނޫނެވެ.
"ކައެ މަންމަ މަރާލީ މަ ބުނެގެނެއް ނޫން.." އަހަރެން ކޮޓަރިއަށް ވަން ވަގުތު ހިމްޔާން ބުނެލި ޖުމުލަ އިވުނެވެ. ނަމަވެސް އަޅައެއް ނުލަމެވެ. ހިމްޔާނަށް އެކަން އެނގުމުން އަހަރެންނަށް އަންގާލަން ވާނެ ނޫންހެވެ؟ އެކަން ހުއްޓުވަން ވާނެ ނޫންހެވެ؟
ބޭނުންވާނެހެން ހީވާ ހުރިހާއެއްޗެއް ދަބަސްގަނޑަށް، އެޅުނު ގޮތަކަށް އަޅާ ތައްޔާރުކޮށްލީމެވެ. އެއްކަލަ ކެމެރާގަނޑުވެސް، ނަގާ، ތަތް ކުރި ގަނޑު ބޮނޑި ކޮށްލާފައި ޑަސްބިނަށް އެއްލައިލީމެވެ. ފަހު ފަހަރަށް އެ ކޮޓަރިގަނޑަށް ބަލައިލުމަށް ފަހު، ނުކުތް އިރު ހިމްޔާން، ސޯފާގައި އޮށޯވެލައިގެން އޮތެވެ.
"ރިފް ތިހުރީ އަދިވެސް މައެދެކެ ވަރަށް ރުޅި އައިސްފަތަ؟" އަހަރެން ފެނުމުން، ހިމްޔާން ތެދުވެ އަހާލިއެވެ.
"ނޫން.. އެހެނެއް ނޫން.. އެކަމަކު.. އެކަމަކު ކުރިން ދެކުނުހެނެއް ދެން ނުދެކެވޭނެ. ނުވެސް ދެކޭނަން. މިހާރު ކުރިން ކުރިހެން ހިމްޔާނަށް އިތުބާރެއް ނުކުރަން.." ހިމްޔާން، ފްރިޖާ ދިމާލަށް ހިނގައިގަތެވެ. އަހަރެން ދިޔައީ ނުކުންނާށެވެ. ނަމަވެސް ހިމްޔާން ދެން ކޮށްލި ކަމަކުން، ނަގަނަގާ ހުރި ފިޔަވަޅުވެސް ޖެހުނީ ހުއްޓާށެވެ.
"ހިމްޔާން!" ގަތް ބިރާއި އެކު، ހައިރާންވެސް ވި ވަރުން ބުނީމެވެ. ހުރެގެން އެ ދަމާލަނީބޮޑު ރާ ފުޅިއެކެވެ. ތުން ޖެހިގޮތަށް އެއް ނޭވާއިން އެ ބޮޑު ފުޅި ދަމާލަން ހިތުލައިގެން ކަންނޭނގެއެވެ.
"ހިމްޔާން... އިފްޝޮޓާ ހޭމްވެސް ބުންޏެއްނު، ނުބޮއްޗޭ؟ ކަމެއް ވެއްޖިއްޔާ؟" އަހަރެން ހިމްޔާން ހުއްޓުވަން ހިނގައިގަތީމެވެ. އެމްއެސްއޭ މީހުން ގާތު ހިމްޔާން ހައްޔަރު ކުރަން ރުއި ނަމަވެސް، ހިމްޔާން ލޮލަށް ފެންނަން ހުރުމުން، ވިސްނުމާއި ޚިޔާލު މުޅިން ތަފާތެވެ. އެއްގޮތަކަށްވެސް ހިމްޔާނަށް ދެރައެއް ދޭކަށް ބޭނުމެއް ނުވެއެވެ.
"މަށަށް ކަމެއް ވެއްޖިއްޔާ ކިތްތަ ވާނީ؟ ރިފް ދެރަ ވާނަންތަ؟" މެދަކާއި ހަމައަށް ދަމާލުމަށް ފަހު ހިމްޔާން ސުވާލުކޮށްލިއެވެ. އަދި އޭގެން ކުރާ އަސަރެއް ނުކުރެއެވެ.
"ދެން ހިމްޔާން.. އާނ މަ ވަރަށް ދެރަ ވާނެ.. ޕްލޭންވެސް ފަނި ވާނެ.. ތި ބަހައްޓާ.." އަހަރެން އުޅުނީ ގޮސް އެ ފުޅި ހިމްޔާން ގެ އަތުން ދަމައިގަތުމަށެވެ. ނަމަވެސް އެ ފުރުސަތު ނުދީ ހިމްޔާން ޖެހިލީ ދުރަށެވެ.
"މަ ވަރަށް އުފާވާނެ، ރިފް މަށާ މެދު ވިސްނާކަން ޔަގީންވީމަ.." ހިމްޔާން، ދުރަށް ފިޔަވަޅު ތަކެއް އަޅަމުން އަނެއްކާވެސް ފުޅީގައި ތުން ޖެއްސެވެ.
"ދެން ހިމްޔާން ޕްލީސް" އެތަނުގައި ނުހުރެ ދާން ހަވަނަ ހިއްސު އެލާރމް އަޅަމުން ދިޔަ ނަމަވެސް، އަހަރެންގެ ހިތް އެކަމަކާ އެއްބަހެއް ނުވިއެވެ. އެހެންކަމުން އަނެއްކާވެސް ހިނގައިގަތީމެވެ.
"ދެން ހެވޭ.. ރިފް ދޭ ބަލަ! މަ ހައްޔަރު ކުރިޔަސް އެއްވެސް މީހަކު ދެރައެއް ނުވެސް ވާނެ އަސްލަކު. އެހެން ނޫނަސް މަ ހައްޔަރެއް ނުވެސް ކުރާނެ.." ހިމްޔާން އަނެއްކާވެސް އޮށޯވެލީ ސޯފާގައެވެ.
"ހިމްޔާން.. ހަމަ ސީކޮށް މަ ދެރަވާނެޔޭ.." އަހަރެން ދެންވެސް ހިމްޔާން ހުއްޓުވޭތޯ އުޅުނީމެވެ. އެ ރާ ފުޅީގެ އަސަރު ކުރަން ފެށުމާއި އެކު، ކޮންމެ ފަދަ ކަމެއް ކުރަންވެސް ހިމްޔާން ފަސް ނުޖެހޭނެ ކަން އަހަރެން ދަންނަމެވެ. އަނެއްކޮޅުން ހިމްޔާން ގާތަށް ފާޑެއްގެ ނުލަފާ ރުޅިއެއް އަންނަކަންވެސް އެނގެއެވެ.
"މި ބުނީ ނޫންތަ؟ އެމީހުން މަ ހައްޔަރެއް ނުކުރާނެޔޭ، އެވަރު ބަޔަކު އެ ފުލުހުންގެ ތެރެއަކުވެސް ނޫޅޭނެޔޭ. މިތަނުން ދާން އުޅޭ.. ދޭބަލަ.." ހިމްޔާންގެ އަޑު ހިނދެއް ހިނދަކަށް ދިޔައީ ބާރު ވަމުންނެވެ. އަހަރެންގެ ހިތަށް ބިރުވެރިކަން ވައްދަމުންނެވެ. ފުރަތަމަ ފަހަރަށް ހިތާއި ދެކޮޅަށް ވިސްނުން އިސްކުރީމެވެ. އަދި ހިނގައިގަތީ ބޭރަށެވެ.
........................
ގެއަށް އައި އިރު އަހަރެން ހުރީ މުޅިން ވަރުބަލި ވެފައެވެ. ހިމްޔާނާ މެދުވެސް ވިސްނެނީއެވެ. އަނެއްކޮޅުން އެޖުގެ ޙާލުވެސް ރަނގަޅު ނުވާނެ ކަން އެނގެއެވެ. ރާއިންގެ މެސެޖުތައްވެސް ބޯކޮށް ވެހޭ ވާރޭހެން ހުއްޓާނުލައެވެ. ސީން ޒޯން ކޮށްލެވުނީތީ ވީ ވަރަކުން ރިޕްލައި ކުރީމެވެ.
"ބާރަ މީހުން ހައްޔަރު ކުރެވިއްޖެ. އެއްވެސް ކަމެއް ގޯސްތަ؟" އެމްއެސްއޭ ޓެބްލެޓަށް، ހައްޔަރު ކުރި މީހުންގެ ނަން ލިސްޓާއެކު މެސެޖު އައިސް އޮތެވެ. މާ ސީރިއަސް ނޫން ކަމަށް ލިޔެލާ ޖަވާބުގައި ފޮނުވާލީމެވެ.
ކަޅު ކޮފީއަކުން ހައިކަން ފިލުވާލާފައި އަހަރެން އިށީނީ ލެޕްޓޮޕް ދޮށުގައެވެ. ދެވަނަ ކޮފީ ތަށްޓެއް ހިފައިގެންނެވެ. ކޮންމެ ދުވަހެއްގެ މަސައްކަތްވެސް، އެމްއެސްއޭގެ އެމްވީޒީރޯ ވަންއަށް ރިޕޯރޓް ކުރުމަކީ ކުރަން ހަވާލުކޮށްފައި އޮތް މަސައްކަތެކެވެ. ކުރުކޮށް ގޭންގާ ބެހޭ ހުރިހާ ކަމެއް ލިޔެ ފޮނުވާލުމަށް ފަހު، ނިދޭތޯ އޮށޯތީމެވެ. މީހުން ބުނާހެން ކަޅުކޮފީއަކުން އަހަރެންނަށް އަސަރެއްވެސް ނުކުރެއެވެ.
...........................
އަރައިގެން އައި އިރާއި އެކު ލިބުނީ ދެ މީހަކު ހައްޔަރު ކުރި ޚަބަރެވެ. ވައްކަމުގެ ތުހުމަތުގައެވެ. ކުށް ސާބިތުވެސް ވިއެވެ. ހުކުމް އިއްވަން މާ ގިނަ ވަގުތު ނުނަގާނެ ކަމަށް ބުނި ކަމަށް ވެއެވެ. އަހަރެންނަށާއި ހިމްޔާނަށް ގެއިން ނުނިކުންނަން އެންގުނެވެ. ސަލާމަތަށެވެ. މުޅި ރޭވުމުގައިވެސް އެންމެ މުހިންމު ބައި ކުޅޭ ދެމީހުން ކަމަށް ވުމުންނެވެ.
ގޭ ބަންދުގައި އޮވެ، އަހަރެން ޚަބަރުތައް ބަލަމުން ދިޔައިމެވެ. އެކި ގޮތްގޮތުން ޝައިހާން މައުލޫމާތު ހޯދަމުން ދިޔައެވެ. ޕްލޭންގައި ހިމެނިފައި ނެތް މީހެއް ކަމުން ޝައިހާނަށް ފުދޭވަރެއްގެ މިނިވަންކަމެއް އޮތެވެ.
މުޅި މީޑިއާގައި ވެސް އޮތީ ގިނަ ބަޔަކު ހައްޔަރު ކުރަމުން ދާ ޚަބަރެވެ. ހިންގާ ޚާއްސަ އޮޕެރޭޝަނެއްގެ ދަށުން ކަމަށް ބުނި ކަމަށްވެސް އޮތެވެ. އެކި ގޮތްގޮތަށް މީހުން ފާޑު ކިޔަމުން ދިޔައެވެ. ތަރުހީބު ދީ އެއްކޮޅަށާއި، އެ ހައްޔަރު ކުރާ މީހުންގެ ކުށެއް ނެތް ކަމަށް ބުނެ ދެކޮޅަށްވެސް މެއެވެ. ބަޔަކު ރެޑް ހޭންޑެޑް ކޮށް ހައްޔަރު ކުރިއަސް، އެމީހުންގެ ކުށެއް ނުވާ ކަމަށް ދެކޭ ދިވެހިން މިއަދު ހަމަ ބައިވަރެވެ.
އިރު އޮއްސި، ރޭގަނޑުގެ އަނދިރިކަން ވަށާލިއިރު، އިތުރު ސަތާރަ މީހަކު ހައްޔަރު ކުރެވުނު ކަމަށް އެމްއެސްއޭ އިން ޚަބަރު ލިބުނެވެ. އެގާރަ ޖަހާކަށް ހާއިރު ބައްދަލު ވުމަކަށް ދައުވަތާއި އެކު، ހަމަ އެ ޚަބަރު، މުޅި ދުވަހު އެއްކޮށް ނަވާރަ މީހުން ހައްޔަރުވި ކަމަށް ގޭންގުގެ ފަރާތުން ލިބުނެވެ. މުޅި ރާއްޖެ ވެސް، ފެތުރެމުން ދިޔަ ޚަބަރު ތަކުން ހޫނުވެފައެވެ. ވަކިން ޚާއްސަކޮށް އަހަރެމެންގެ ގޭންގެވެ.
.............
"އިއްޔެޔާ މިއަދު.. ނޭނގެ ކިތައް މީހުންކަމެއް ހައްޔަރު ވީކީ. ކޮންމެސް މީހަކު ގުނާބަލަ.." ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އިފްރީން، އައިސް ހުރި ރުޅިން ތުރުތުރުލައެވެ.
"އެއް ތިރީސް.." އިތުރު މީހަކު އަނގަ ހުޅުވަފާނެހެން ހީނުވުމުން އަހަރެން ބުނެލީމެވެ.
"އާނ.. އެއްތިރީސް.. އެއް ތިރީސް މީހުން ހައްޔަރުވީ. އެންމެ ދެދުވަސް.." އިފްރީން ކިޔަމުން ދިޔަ ޖުމުލަތަކުންނާއި، ވާހަކަ ދައްކަމުން ދިޔަ ގޮތުން އެ ހުރީ މަސްތުވެފައޭވެސް އަހަރެންނަށް ހީވިއެވެ.
"ކޮބާތަ ކޮޕަށް ފޮނުވި ގޮލައިން؟ އެމީހުން ކީތްތަ ކުރަނީ؟" ހުމެއިދު ބައި މީހަކު އަހާލިއެވެ.
"އެމީހުނާ ދިމާލަށްވެސް ނުކިޔޭކަށް އެއްޗެއް ނެތް. އެމީހުން ބުނާ ގޮތުން ނަމަ، އެކަންކަން ރިޕޯޓު ކުރަނީ ވަރަށް މަތީ ބައެއް. ދެން ރެޑްހޭންޑެޑް ވީމަ ދޫކޮށްވެސް ނުލެވެނީޔޯ." ޑެލް ބުނެލިއެވެ. ޕްލޭންގައި ނުހިމެނުނު ނަމަވެސް، މަޝްވަރާ ބައްދަލުވުންތަކުގައި ޑެލް ދިޔައީ ބަރާބަރަށް ބައިވެރިވަމުންނެވެ.
"ބޮޑު ކަމެއް ނުކޮށްލަނީސް މި މީހުން ނުހުއްޓާނެ. އޭޒެޑް ހުރީ ވަރަށް ރުޅި އައިސްފަ. މިކޮޅަށް އަންނަ ވާހަކަވެސް އެބަ ކިޔާ." މަޑުން އިނދެފައި ހުމެއިދު ބުނެލިއެވެ. އަހަރެންގެ ޝައުގުވެރިކަން، އެ ދެއްކި ވާހަކައަށް ދެވުނެވެ. ކޮންމެހެންވެސް އެ އޭޒެޑަކާއި ބައްދަލުކޮށްލަން ވެއްޖެއެވެ.
"ކީތްވެތަ އެކަމަކު އެއްފަހަރާ އެހާ ބައިވަރު މީހުން؟ އެހެން ގޭންގުތަކުން ކުރާ ކަންކަން ހަމަ ނުފެންނަނީތަ؟" ލޯންޗް ދުއްވަން ހަމަ ޖެއްސި މީހުންގެ ތެރެއިން މީހަކު ބުންޏެވެ. އަހަރެންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ފަހިކޮށްދެމުންނެވެ.
"ކަލޭމެންނަކަށް ހިއެއް ނުވޭތަ މިއީ މި ރާވާ ރޭވުންގަނޑާ ގުޅޭ ކަމެއް ހެނެއް؟" އަހަރެން އެންމެންގެ ޝައުގުވެރިކަން ދަމައިގަތީމެވެ. އަށެއް، ދެލޯ ބޮޑުކޮށްލިތަން ހަމަ ރަނގަޅަށްވެސް ފެނުނެވެ.
"މިބުނީ... އެ ހައްޔަރު ކުރީ އެއްތިރީސް މީހުން. ހުސްވެސް މި ގޭންގުގެ. އަނެއްކޮޅުން އެންމެންވެސް އެރޭގެ ކުޅިގަނޑުގަ ބައިވެރިވޭ. މަސްތުވާ ތަކެއްޗޭ، ވައްކަމޭ، ނޫނީ އެހެން ކަމެކޭ ކިޔައިގެންވެސް، އެ ހައްޔަރު ކުރަނީ އަހަރެމެންނަށް މިކަން ކާމިޔާބުވިޔަ ނުދޭން" އަހަރެން ތަފްސީލު ކޮށްދިނީމެވެ. އަށެއް އިނީ ނޭވާ ހިފާއްޓާލައިގެން ކަން އެނގެއެވެ. އަންނާނެ ރުޅިއަކާ މެދު ފަރުވާލެއް ނެތެވެ. އެއަށް ވުރެ އަހަރެންގެ ޕްލޭން މާ މޮޅުވާނެއެވެ.
"ދޮގެއްވެސް ނޫން.." މޭޒުމަތީ، އިށީނދެލަމުން، އިފްރީން ބަލަން ހުރީ ސީދާ އަހަރެންގެ ދެލޮލަށެވެ. ވަރަށް ފާޑަކަށެވެ.
"އެކަމަކު ކިހިނެއް ބަޔަކަށް މި ވާހަކަތައް އެނގޭނީ؟" ސުވާލު އުފެއްދީ ހިމްޔާނެވެ. އަހަރެން ފުން ނަޟަރަކުން އަށަކަށް ބަލައިލީމެވެ. މަޢާފް ކުރާށެވެ. މިވަގުތަށް އޮތް މިއީ އެންމެ ރަނގަޅުގޮތެވެ.
(ނުުނިމޭ)

ޚިޔާލު ފޮނުއްވާ