Views: 4848 64

އާދައިގެ ސްޕީޑެއްގައި ލޯންޗް ދުއްވަމުން ގޮސް މާލޭގެ މަލަމަތި ބަލައިލީމެވެ. ޒަމާންތަކަކަށް ފަހު ފެނުމުން ހިތު ވިންދުވެސް އަވަސްވެލިއެވެ. އަތޮޅަށް ވަދެވި ރޭންޖު ލިބެން ފެށުމުން ހެސް ކިޔާފައި ފޯނަށް ނޮޓިފިކޭޝަންތައް އަންނަން ފެށްޓެވެ. އިފްޝޮޓްމެން އެތައް ފަހަރަކު ގުޅާފައި ހުއްޓެވެ. ރާއިންގެ މިސްކޯލުތަކާއި އަޔާޒްގެ މެސެޖުތައްވެސް އަދަދު ނުވާ ވަރަށް ހުއްޓެވެ. އައިއެމްއީއައި ނަންބަރު ބޭނުންކޮށްގެން އަހަރެންގެ ފޯނު ހޯދަން ފުލުހުން މަސައްކަތް ކުރިކަމަށްވެސް ޚަބަރު ލިބުނެވެ. އެންމެ ހެއްވާ ކަމަކަށްވީ އެކަމެވެ. ފޯނު އޮތީވެސް ބްލެކް ލިސްޓައް ލައިފައެވެ. ޑަރކްވެބުގައި އުޅެއުޅެ އަހަރެން އޮންނާނީ ލޮކޭޝަން ނުހޯދޭވަރު ފޯނަށް ކޮށްލާފައެވެ.
އަހަރެން ލޯންޗުން ފޭބީ ވަރަށް ސިއްރު ސިއްރުންނެވެ. ފައިސާ ދީގެން، ޕޮލިހުން އަހަރެން އިތުރަށް ހޯދަން ނޫޅޭނެކަން ޔަގީންކޮށްފައި ވީނަމަވެސް ގޭންގު މީހަކަށް ފެނިއްޖިއްޔާ ރަނގަޅެއް ނުވާނެއެވެ. ބަލައި އައިސް އޮތް ކަޅު ކުލައިގެ ކާރުގައި އަހަރެން މިސްރާބު ޖެހީ ދާން ޖެހޭ ގެއަށް ދިޔުމަށެވެ.
..........................
ކާރު އަހަރެން ބާލާފައި ދިޔުމުން އަހަރެން ގެއަށް ވަދެ އާދެވުނު ކަމުގެ ސިގްނަލަކަށް، ސީސީޓީވީ ކެމެރާ ކުރިމަތީ ހުއްޓިލާފައި ނިކުތީމެވެ. އެމްއެސްއޭގެ މީހުން އެވަގުތު ތިބެން ޖެހޭނީ އެ ބަލާށެވެ.
ފުރަތަމަ ޖެހުނު ގޯޅީގައި އޮތް ކާރަށް އެރީމެވެ. ފަހަތު ސީޓުގައި ކަނު ބަނދެފައި އޮތް މީހަކު އޮތެވެ. އަހަރެން ހިމްޔާނު މެނަށް ގެންގޮސްދޭ ހަދިޔާއެވެ. މިހާ ދުވަސް ފަހުން ފެންނަ އިރު އެއްވެސް އެއްޗެއް ނުގެންގޮސްފިނަމަ ހިތް ބަރުކަމެއްވެސް ބާއްވަފާނެ ނޫންހެވެ؟
އަހަރެންނާއި ޑްރައިވަރާއި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ފަހަތުގައި އޮތް މީހާ ތެޅެން ފެށުމުން އަހަރެން ކާރު މަޑުކުރަން ބުނީމެވެ. ޑްރައިވަރު އަހަރެން އެދުނު ފަދައިން ކަންތައް ކުރިއެވެ. އަނދިރި ގޯޅިގަނޑަކަށް ކާރު ހުއްޓާލިއެވެ.
އަހަރެން މަޑުން އިނީ، އެމީހާ ރަނގަޅަށް ހޭ ޖެހި ގޮނޑީގައި އިށީންނަން ދެނެވެ. އިށީނުމާއި އެކު ނިކުމެ ގޮސް ފަހަތު ސީޓުގައި ހަމަ ޖެހިލީމެވެ. ސިކުންތެއްވެސް ނަގާނުލާ ކާރު ދުއްވާލިއެވެ.
"ޑެލް!" އަހަރެން މަޑުމަޑުން ގޮވާލީމެވެ. ވަގުތުން ޑެލް އަހަރެންނާއި ދިމާލަށް މޫނު އަނބުރާލިއެވެ. ކަނު ބަނދެފައި ވުމުން އެކައްޗެއްވެސް ނުފެންނާނެއެވެ. ދެއަތްވެސް އޮތީ ފުރަގަހަށް ލައި ބިޑި އަޅުވާފައެވެ.
"ކާކު؟ މަ މީނީ ކޮންތާކު؟" ޑެލް ސުވާލުކޮށްލިއެވެ. ހާސްކަމާއި ބިރުވެރިކަމަކީ ކުރިން ދުވަހަކުވެސް ޑެލްގެ ކިބައިން އަހަރެން ދުށް ސިފައެއް ނޫނެވެ. އެކަމަކު ވަކި ވަރެއް ވީމާ ކޮންމެ މީހަކުވެސް ބިރުގަންނާނެތާއެވެ.
"މަޑުން އިނދޭ. މީ މަށޭ. އިފްޝޮޓް ކައިރިއަށް މި ގެންދަނީ. މަ ބުނާގޮތް ނުހަދަންޏާ ކަންތައް ވަރަށް ގޯސްވާނެ." އަހަރެން ވައި އަޑަކުން ބުނެލީމެވެ. ޑްރައިވަރަށް އިވިދާނެތީއެއް ނޫނެވެ. ޙާލަތާއި ގުޅުވާލަން ވެގެންނެވެ.
"ރިފާޝާ؟ މަ ކީތްވެތަ ބަނދެފަ މިއޮތީ؟ މި ފޮތިގަނޑު ނަގާބަލަ.." ޑެލް ވަގުތުން ޝަކުވާ ގޯނި އޮއްސާލިއެވެ. މި ފިރިހެނުންނަށް ރަނގަޅަކަށް ކަމެއްކޮށްދިނަސް މަޑަކުން ނުތިބޭނެއެވެ.
"ކަލޭ ބޮލާ ކަނދުރަޔާ ސަލާމަތުން، އެކުގަ ބަހައްޓަން ބޭނުމިއްޔާ މަޑުން ހުރޭ އިނގޭ.." ކާރުގެ ދޮރު ހުޅުވާލުމަށް ފަހު އަހަރެން ޑެލްގެ ބުރަކަށީގައި އަޅާފައި، ބޭރަށް ކޮއްޕާލީމެވެ. ހިފެއްޓުމެއް ނެތި ގާތަކުގެ މައްޗަށް ވެއްޓުނެވެ.
މީހަކަށް ފެނުމުގެ ކުރިން އަހަރެން، ޑެލް ކޮއްޕަމުން ކޮއްޕަމުން ގޯޅިގަނޑުގެ ތެރެއަށް ހިނގައިގަތީމެވެ. ޑެލްވެސް ނަސީބަކުން ގަދަ ހަދާކަށް ނޫޅުނެވެ.
"ކޮބާ އެ އިފްރީނު؟" ތިން ވަނަ ފްލޯއަށް އަރާ އަހަރެން އެހީމެވެ. ވަކި މީހެއް ގާތަކު ނޫނެވެ. އެތަނުގައި ތިބި ދެތިން މީހުން ދެލޯ ވެއްޓޭވަރު ކޮށްގެން ބަލަން ތިއްބެވެ.
"އެ ރޫމްގަ. ބޮޑު މީޓިނެއް." އެކަކު ޖަވާބު ދިނެވެ. އަހަރެން އަނެއްކާވެސް ޑެލް ކޮއްޕާލީމެވެ. ރުޅިއައިސްގެން ބައެއް ބެލެނިވެރިން، ކުދިންގެ ކަންފަތުގައި ހިފައިގެން ގެންދާ ބީދައިންނެވެ. އަހަރެން ޑެލްއަށް އެހެން މި ހަދަނީ ކީތްވެކަމެއް ހުދު އަހަރެންނަކަށްވެސް ނޭނގެއެވެ.
"އޭ ނުއެއް ވަދެވޭނެ އިނގޭ ތިހެނެއް.." އަހަރެން ކޮޓަރީގެ ދޮރާއި ހަމަވި ތަނާހެން ދެމީހަކު ބާރު ބާރަށް އައިސް އެކަން މަނާ ކުރިއެވެ. އަހަރެން ދެބުމަ ގޮށް ޖަހާލަމުން އެމީހުނަށް ބަލައިލީމެވެ.
"މީ ކޯޗެއްކަން އެނގޭތަ؟" އަހަރެން އަތަށް ހެޔޮވަރު ތޫނު ވަޅިއެއް ނަގާ ދައްކާލީމެވެ. "މަށަށް މަ ކުރާނެ ކަންތައްތަކާ ނުކުރާނެ ކަންތައް ކިޔައިދެންޏާ މީގެ ހުރި ތޫނު ކަމެއް ދައްކާލަ ދޭނަން.." އަހަރެންގެ ބަހަށް އެދެމީހުންވެސް ފިޔަވަޅެއް ފަހަތަށް އަޅާލިއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ހައްޔަރުކޮށް ބިޑިއަޅުވާލައިގެން މި ގެންގުޅެނީ ގޭންގުގެ ހަމަ މަތީ ފަންތީގެ މީހެކެވެ.
"ކަލެއަށް ރަނގަޅަކަށް މި ބުނަނީ. އިފްޝޮޓް ކައެ ދަންޖައްސަން ވެސް ފަހެއް ނުޖެހޭނެ. އަނެއްކޮޅުން ތީ ގޭންގުގެ އިސްވެރިން އޭޒެޑުގެ އެންގުމަކަށް ބާއްވާ މީޓިންއެއް.." އެމީހާގެ އިންޒާރުން އަހަރެން އިތުރަށް ޝައުގުވެރިވީއެވެ. ތިބޭނެ ބަޔަކާއި، ދެން ވާނެ ގޮތަކާއި، މަހަކަށްވުރެ ގިނަ ދުވަސްފަހުން އަހަރެން ފެނުމުން އެމީހުންގެ މޫނަށް އަރާނެ ކުލައެއް ބެލުމެއްނެތި ތަޅުލައިފައި ހުރި ދޮރު ހުޅުވާލުމަށް ފަހު ތަޅު އަނބުރާލީމެވެ.
..........................
އެކޮޓަރިއަށް އަހަރެން ވަން އެއީ ފުރަތަމަ ފަހަރެވެ. ޖާގައިގެ ގޮތުން އެތަން އެހެން ކޮޓަރިތަކަށްވުރެ ތަނަވަހެވެ. މުޅި ކޮޓަރީގައިވެސް ތިބީ ފަންސަވީހަކަށް މީހުނެވެ. އެ އެންމެންވެސް ބަލާނެ އެހެން އެއްޗެއް ނެތޭ ހީވާ ފަދައިން އަހަރެންނަށް ބަލަމުން ދިޔައެވެ.
"ކަލޭގެ ލޯބިވާ ޑެލް.." ގިރުވާނުގައި ހިފާ ދަމައިގަތުމާއި އެކު އަހަރެން ގަޔަށް ލެވުނުހާ ބާރެއް ލައިފައި ޑެލް ހޫރާލީމެވެ. އެމީހުން ވަށައިގެން އެއްވެ ތިބި މޭޒު މައްޗަށެވެ. މީހުންތައް ގޮނޑިތައް ފަހަތަށް ޖައްސާލައި އެއްފަހަރު ޑެލްއަށް އަނެއް ފަހަރު އަހަރެންނަށް ބަލަން ތިއްބެވެ.
އިފްޝޮޓާއި އަހަރެންގެ ހަތަރު ކަޅި ހުރީ ހަމަވެފައެވެ. އިފްޝޮޓް ކޮޅަށް ހުރުމުން ހިމްޔާންވެސް ކޮޅަށް ތެދުވިއެވެ. އާ ޑްރާމާ ގަނޑެއް ފެށުނީއެވެ. އިފްރީންގެ މޫނުމަތިން، އެހުރީ ރުޅިއައިސް ކަމެއް ހައިރާން ވެފައި ކަމެއް، އުފަލުން ކަމެއްވެސް ނޭނގެއެވެ. ކޮންމެ ގޮތެއް ނަމަވެސް އަހަރެންނަށް ވަރިހަމައެވެ.
"ރިފާޝާ!" ހިމޭންކަން ކަނޑުވާލީ އިފްރީނުގެ ބާރު އަޑެވެ. މީގެ ކުރިން ދުވަހަކުވެސް އިފްރީން އެ ރާގުގައި އަހަރެންނާއި މުޚާތަބެއް ނުކުރެއެވެ. ރުޅިވެރިކަމާއި ހައިރާންކަންމެ އެކުވެފައިވި އަޑުގައި ޑެލް ގެނެސްދިނުމުން ވާންވީ އުފާ، ފެންނާކަށް ނެތެވެ.
"ޝުކުރު ކޮށްބިއަ.. މަ އެކަނި ގޮހޭ ތިއޮތް ޑެލް ގޮވައިގެން މި އައީ.." ކޮޓަރީގައި ތިބި ގޭންގުގެ ބޮޑުންނަށް އަހަރެން ސަމާލު ކަމެއް ނުދެމެވެ. އެތަނުގައި ތިން ހަތަރު ފުލުހަކުވެސް ތިއްބެވެ. އެމީހުންގެ ހައިރާންކަން ވަކިން ބޮޑެވެ.
"ހިމްޔާން.." އަމުރެއް ފަދަ ގޮތަކަށް އިފްރީން ބުނެލިއެވެ. ހީވާ ގޮތުން އެބުނީ އަހަރެން އެތަނުން ގެންދާށޭއެވެ. ހިމްޔާން ހިނގައިގަތުމާއި އެކު އަހަރެން ދަތްކުނޑި ވިކައިގަތީމެވެ.
"ބަލަ ކައެއަކަށް ހަމަ ނޭނގޭތަ މަ އެ ހިމްޔާނާ ވާހަކަ ނުދައްކާ ކަމެއް. މަށަށް ހެޔޮ އަޔަސް. އެކަމަކު ހަނދާން ކުރާތި، މަ ފަސްފަހަތު މިހުރި ހިމްޔާން ހުންނަންޏާ، ކަލޭ މި ކޮޓަރީން ނުކުން އިރު ފެންނާނީ މީނަގެ ފުރާނަ ނެތް މަސްގަނޑު.." މިއޮތް ހާ ދުވަހު އިފްރީނަށް ކުރި އިހްތިރާމް ފަސްދާނު ލައިގެން ހުރެ އަހަރެން ބުނެލީމެވެ. އެއިރު އިފްރީނާއި ޖެހިގެން ތިބި ދެތިން މީހަކު ޑެލްގެ ކަނު މޮހާލާ ބިޑި ނެއްޓުވޭތޯ އުޅެއެވެ.
"އޯހް.. މި ފަހަރު ހަނދާން ކުރީމޭ. ތަޅުދަނޑި ގެންނަން..." ޖީބުން ތަޅުދަނޑި ނަގާ ވައި ތެރޭ އެންމެނަށް ފެންނަހެން ހިފައިގެން ހުރުމަށްފަހު، އަހަރެން ޑެލްއާ ދިމާއަށް އޭތި ހޫރާލީމެވެ.
"ސޮރީ.. މައެ އެބަ އަންނަން.." ތަންކޮޅެއް މަޑު އަޑަކުން އެތާ ތިބި މީހުނަށް ބުނެލާފައި އިފްރީން ހިނގައިގަތެވެ. ސީދާ އަހަރެންނާއި ދިމާލަށެވެ. ސިންގާއެއް އޭތީގެ ޝިކާރައާއި ދިމާއަށް އަންނަ ގޮތަށެވެ. އިސްތަށްޓެކޭވެސް ހިތަށް ނާރުވަމެވެ.
...............
"ކަލޭ މޮޔަ ވެގެންތަ ތި އުޅެނީ؟" ބޭރަށް ފިޔަވަޅެއް އެޅުމާއި އެކު އިފްރީން ހަޅޭއްލަވައިގަތެވެ. އެތނުގައި ތިބި އެންމެން ބަލަމުން ދިޔައެވެ. ކުރިން އަހަރެންނަށް ނުވަންނާށޭ ކިޔާ ނަސޭހަތް ދިން މީހާވެސް ހުއްޓެވެ.
"ބަލަ ގޭންގުގެ ބޮޑު މީޓިންއެކޭ އެއީ. ކަލޭ ކަލެއަށް ވަދެވޭ ތަންތަނާ ނުވަދެވޭ ތަންތަނާ ނުދަންނަނީ ކީތްވެތަ؟" އިފްރީން ހީވަނީ ދެންމެ ދެންމެ އަހަރެން ރޮލާ ކާލަފާނެހެންނެވެ.
"ޑެލް އަލުން އަނބުރާ ޖަލަށް ގެންގޮސްދީފާނަމޭ.." އަހަރެން ބޭނުންވީ އިތުރަށް އިފްރީން ރުޅިއަރުވާށެވެ.
"ކަލޭ ޓެރަހުގަ މަޑުކުރޭ.. މަ އެބަ އަންނަން.." ދަތްޕިލަ ކޫރުވާލައިފައިވެސް އިފްރީން ބުނީ އެހެނެވެ. މާ މުހިންމު މީޓިންއަކީތާއެވެ. އަހަރެން ވަށައިގެން ތިބި މީހުނަށް ބަލައިލާފައި ޓެރަހަށް އަރަން ދިޔައީމެވެ.
.........................
"ވަރަށް މުހިންމު މީޓިންއެކޭ އެ ހިނގަނީ.. ކިޔާ އެއްޗެއް ބަލައިލަބަލަ.." ޝައިހާނަށް މެސެޖު ކުރަން ޖެހޭ ޚާއްސަ ނަންބަރަށް އަހަރެން މެސެޖު ކޮށްލީމެވެ. މާ ލަހެއްނުވެ ޖަވާބު އައެވެ.
"ބްރޯ އެ ރޫމްއަކު ނެތޭ ރިކޯޑަރު ހަރު ކުރެވިފައެއް. އަބަދު ބޮޑު ތަޅުން ތަޅުލައިފަ ހުންނަ ތަނެއް އެއީ.." ޖަވާބު ލިބުމުން އަހަރެން ފޯނު ޖީބަށްލީމެވެ. އެނބުރިލީ، އަލުން ތިރިއަށް ގޮސް އެމީހުން އެ ދައްކާ ބޮޑު ވާހަކައެއްގެ ކުޑަ މިންވަރެއް ނަމަވެސް ލިބޭނެ ގޮތެއް ވޭތޯ ބަލާށެވެ. ނަމަވެސް ކައިރީގައި އައިސް މަޑުކޮށްލި މީހެއްގެ ސަބަބުން އެކަން ވާގޮތެއް ނުވިއެވެ.
"ހޭ ތީ ހަތާވީސް ދޯ؟" އެމީހަކު އެއްސެވެ. ރީތި ފިޓު ހަށިގަނޑެއްގެ ވެރިއެކެވެ. އިލި އިސްތަށިގަނޑު ވަނީ ކަރާއި ހަމައަށް ދިގުކޮށްފައެވެ. ފިރިހެންވަންތަ ބަރު އަޑެކެވެ.
އަހަރެން ނިތް އަރުވާލީމެވެ. އާނއެކެވެ. އަހަރެންނަކީ ހަތާވީހެވެ. ނަމަވެސް އެވާހަކަ ދައްކަން މިއީ ދެން ކޮން ތަނެއްހެއްޔެވެ. އެއީ ދެން ކާކު ހެއްޔެވެ؟
"ނޭނގުނުތަ؟ މީ މަށޭ. އަށެއް." އެމީހާ އަނެއްކާވެސް ބުނެލިއެވެ. ވައްތަރު ގޮތެއްވެސް ހަށިގަނޑގައި އެބަހުއްޓެވެ. ނަމަވެސް، ކުރިން ދުވަހަކު މޫނު ނުފެންނަ މީހެއް އަލަށް ފެނުމުން ޔަޤީންކުރާކަށް ނޭނގޭނެ ނޫންހެވެ.
"މަށަކަށް ނޭނގެ ކައެ ތި ކިޔާ އެއްޗެއް. ހަތާވީހޯ، އަށަކޯ. ކަލޭ މޮޔަ ގޮވަނީތަ؟ މަށަށް ކިޔަނީ ރިފާޝާ. އާރްއައި އެފްއޭ އެސްއެޗްއޭ. ރި ފާ ޝާ..." އަހަރެން ރުންކުރުކަމާއި އެކު ބުނެލީމެވެ. އެއީ އަށަކަށް ވިޔަސް އަހަރެންނަށް ކީތްހެވެ؟ ބޭރުގައި ވާހަކަ ނުދައްކަން ވަނީ އަންގާފައެވެ. އެއީ އަށެއް ނަމަ އަށެއް މޮޔަވަނީއެވެ.
އިފްޝޮޓް އަންނަތަން ފެނުމުން، އެމީހާ ފާޑަކަށް ބަލައިލާފައި ދާން ހިނގައިގަތެވެ. އަހަރެން ހުރި ގޮތަށް މޫނު ހަދައިގެން ހުރީއެވެ.
"ކިހިނެއް ޑެލް ނެރުނީ؟" ސުވާލު ކުރެވުނެވެ. އަހަރެން މަތިމަތިން ވާހަކަ ހަދަހަދާލައިގެން ކިޔާލީމެވެ. ޑެލް ނެރުނީ ކާކު ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ.
"ކޮންތާކު މިއޮތްހާ ދުވަހު އުޅުނީ؟" އިފްރީން، ކުރިން އައިސް ހުރި ރުޅިގަނޑު ފިނިކޮށްލާފައި އަހާލިއެވެ. ކިތަންމެ ހާސްވާކަން ދެއްކިއަސް ދެން އެ ދަޅައަކަށް މި ރިފާޝާއެއް ނުހެއްލޭނެއެވެ. އަޅުވަން އެ އުޅެނީ ހަމަ އަނދުނެވެ. ކުރިއެކޭވެސް އެއްގޮތަށެވެ.
"ކަލެއާ ބެހޭ ކަމެއް ނޫން" ފޫހި ކަމާއި އެކު ބުނެލީމެވެ. އިފްރީން އަޅައެއް ނުލިއެވެ. އަހަރެން ނުދައްކަން ހިތުލައިގެން ހުރި ވާހަކައެއް ތަޅާ މަރައިގެންވެސް ނުނެރެވޭނެކަން އެސޮރަށްވެސް ވިސްނުނީއެވެ. އެހާ ދުވަހު އެކުގައި އުޅެވިއްޖެއެވެ.
"އަހަރެމެން މި ގޭންގުގެ ލީޑަރު އޭޒެޑް. އާ މިޝަންއެއް ފޮނުވާފަ އެބެތް. މާދަމާ ރޭ ދޭއްގަ މީޓިންއަކަށް އަންނައްޗޭ.." ހީވާ ގޮތުން އަދިވެސް އިފްރީން އަހަރެންނަށް އިތުބާރު ކުރެއެވެ. ވަރަށްވުރެ ހަމަ ގަމާރީއެވެ.
.....................
ޖެހިގެން އައި ދުވަސް އެއްކޮށްހެން ދިޔައީ ރާއިނާއެކުއެވެ. ސުވާލުތައް ގިނަ ކަމުން، ސިއްރުތައް ހިފާއްޓާލެވޭ ވަރުވީ ހަމަ ކިރިޔަ ކިރިޔާއެވެ. އަހަރެންނަށް ޖެހުނީ ބުހުތާނު ދޮގު ތަކެއް ހަދާށެވެ. ޕޮލިހުން ހޯދަފާނެތީ ހާއަލިފަށް ޖައްސާލީކަމަށް ބުނީމެވެ. ދޮގު ހަދަން ދެރަވެސް ވެއެވެ. ނަމަވެސް އެހެން ގޮތެއް ނެތެވެ. ވި ވައުދާ ޚިލާފެއް ނުވެވޭނެއެވެ.
އެރޭ މީޓިންއަށް ދިޔުމުގެ ކުރިން އަޔާޒް ކައިރިއަށްވެސް ވަދެލީމެވެ. ރާއިނަށްވުރެ ސުވާލު ގިނައެވެ. ދޮގު ހެދުމުގެ ބަދަލުގައި އަހަރެން ސާފުކޮށް އެއީ ސިއްރެކޭ ބުނީމެވެ. އަޔާޒް ކޮށްފައި ހުރި މަސައްކަތް ފެނުމުން ހައިރާންވެސް ވިއެވެ. އަހަރެންގެ ޚަބަރެއް ވޭތޯ އެތައް ހެކިން ވެބްސައިޓަކަށް ވަދެފައިވާ އިރު މާހިލްގެ ކަންތައްވެސް ދިޔައީ ބަލަމުންނެވެ.
މާހިލާ ބައްދަލުކޮށްލަން ދާންވެސް ހިތަށް އެރިއެވެ. ނަމަވެސް އެރޭ ބައްދަލުވުމަކަށް ކިޔާފައި އޮތުމާއި އެކު އަހަރެން ނުދިޔައީއެވެ. އަޔާޒް ދިން މައުލޫމާތުން އެނގުނު ގޮތުގައި، މާހިލް ވަނީ ކޯޓަށް، މަންމައަދި ކޮއްކޮގެ މައްސަލަވެސް ހުށައަޅާފައެވެ. މުއީނާމެދު އަދި އެއްވެސް ކަމެއް ކޮށްފައި ނެތް ނަމަވެސް، ޑޮކްޓަރު ހުރީ ގޭބަންދުގައެވެ.
........................
"ހަސަން ފަޔާޒް" މީޓިން ކުރިއަށް ދިޔަ ކޮޓަރީގައި ތިބީ އިފްރީނާއި ނުލައި ދިހަ މީހުނެވެ. އިފްރީން ފަދައިން ގޭންގުގެ ކަންކަން ބަލަހައްޓާ ދެމީހަކުވެސް އެތާ ވިއެވެ. ހިމްޔާން އިފްރީނަށް އެހީވާން ހުރި އިރު އެޖު ހުރީ އަހަރެންނާއި ވާހަކަ ދެއްކޭނެ އިރެއް ނުފެނި ކެތް މަދުވެފައެވެ.
"އޭޒެޑް ބޭނުންވަނީ މީނަ މަރާލަން. ރިސޯޓް ވިޔަފާރީގެ މަސައްކަތުގައި ފަޔާޒްގެ ދޮށީ ދަރި ބައިވެރިވީ ފަހުން ވިޔަފާރި ވަރަށް ކުރިއަށް އެބަދޭ." 'ހޭމް' ކިޔައިދިނެވެ. ހުމެއިދަކީވެސް އިފްރީނެކޭ އެއްގޮތަށް ގޭންގު ކަންކަން ރޭވުމުގައި އިސްކޮށް އުޅޭ މީހެކެވެ.
"ލުވެއިޒު ދޯ. ތީނަ އެއްނު ނިންމާލަންވީ؟" ހުމެއިދު ބޭއްވި ދެފޮޓޯގަނޑުގެ ތެރެއިން އެކަތި އަތަށް ނަގަމުން ހިމްޔާން ބުނެލިއެވެ. އެބުނާ ލުވެއިޒަކީ އެއީއެވެ. ކަޅާއި ދޮނަށް ނުކިޔޭ ހަންގަނޑެކެވެ. އަޅިކުލައަކަށް ދާ ލޮލަކާއި ކަޅުކަންގަދަ ބުމައެކެވެ. ދިވެއްސަކަށް ވުރެ ވައްތަރީވެސް ބޭރު މީހަކާއެވެ. ދެން އޮތް ފަޔާޒްގެ ފޮޓޮއަށްވެސް ފަރުވާތެރިވެ ބަލައިލީމެވެ. ރީތި މީހަކަށް ލިބޭނީވެސް ރީތި ދަރިންނެވެ.
"އޭޒެޑް ބޭނުން ވަނީ ފަޔާޒޭ." އިފްރީން ރައްދު ދިނެވެ. އަހަރެން ސުވާލެއް ނުކޮށް މަޑުމަޑުން ހުރީމެވެ. ހީވާ ގޮތުން އެ ލުވެއިޒަކާ ފަޔާޒެއް ނޭނގޭ ހަމައެކަނި މީހަކީ އަހަރެންނެވެ.
"ދުވަސް އެބެތް ހަމަ ބައިވަރު. ވަރަށް ރަނގަޅަށް ރާވާލަން ވާނެ.." ހޭމް ބުނެލިއެވެ. އިތުރަށް ރީތި މީޓިންއެއްގެ ގޮތުގައި އެ ބައްދަލުވުން ގެންދިޔުމުގެ ބަދަލުގައި އެމީހުން ސޯފާތަކުގައި އިށީންދެ ފެށީ އެހެން ކަމެކެވެ. ބިޔަރު ދަޅު ތަކާއި ރާފުޅި ތަކުގައި ޖެހި މަސްތުވާތަން ބަލަން އިނދެފައި ސިނގިރޭޓެއް ރޯކޮށްލީމެވެ.
"ރިފޭ.. ކައެ ވެސް ދެން މީގެ އެއްޗެއް ދަމައިއަބިއަ. ތި ސިގިރޭޓު ތި ދެން ކޯޗެއް؟ އާން ބުރޯ.." އެޖު އަހަރެންގެ އަތަށް އޭނާ ދެބައިކުޅަ އެއްބައި ބޮއިފައި ހުރި ފުޅި ދިއްކޮށްލިއެވެ. އިފްރީނާއި ހިމްޔާން ހިނިގަނޑެއް ޖަހާލާފައި އަހަރެންނަކަށް ނުކެރޭނޭ ބުނެލިއެވެ. ދޮގެއްވެސް ނޫނެވެ. ނަމަވެސް މަލާމާތް ކުރުމުން އައި ރުޅިން އެއިން ދަޅެއް ދަމާލަފާނަމޭވެސް ހިތަށް އެރިއެވެ.
....................
އިފްރީނުމެން އެންމެން މަސްތުވެ ތިބިތަނަށް ދެމުމުން، އަހަރެން ނުކުތީ ބޭރަށެވެ. މާލެތެރޭ ހޭވިލާފައި ވަނީ އަހަރެންގެ ކޮޓަރިއަށެވެ. އެމްއެސްއޭ މީހުން ހޯދައިދީފައި ހުރި ތަނެވެ. ވަރުބަލި ކަމެއްވެސް ހުރުމާއި އެކު ނިދާ ކޮޓަރިއަށް ވަދެ އެމްއެސްއޭ ޓެބްލެޓް ނަގާ ބަލައިލީމެވެ.
"މަރުހަބާ. ފުރަތަމަ ޓެސްޓުން ފާސްވެފަ." މެސެޖެއް އައިސް އޮތުމުން ކިޔާލީމެވެ. ކޮން ފުރަތަމަ ޓެސްޓެއް ހެއްޔެވެ؟ މަސައްކަތުގެ އަޕްޑޭޓެއް އެމީހުނަށް ނުވެސް ފޮނުވާ އުޅެނިކޮށް ނަތީޖާ ލިބުނީ ހެއްޔެވެ؟
ކޮން ފުރަތަމަ ޓެސްޓެއްހޭ ރައްދުގައި ލިޔެލާ، ނުފޮނުވިގެން އުޅެނިކޮށް އިތުރު މެސެޖެއް އައެވެ. ލޯންޗެއްގެ ނަމެވެ. ވީ އެންމެ އަވަހަކަށް ދަބަސް ރެޑީ ކޮށްލައިގެން ނުކުތީމެވެ. ބުނާ ތަނަކަށް ވީހާވެސް އަވަހަށް އަންނަން އައިމަން ސަރ ނަސޭހަތް ދީފައި ހުރި ވަރުންނެވެ.
އަހަރެން އެރުމާއި އެކު ލޯންޗު ދުއްވާލިއެވެ. ދުއްވަން އިން މީހާ، ދުލުން ބަހެއް ބޭރު ކުރުމެއްނެތި ހައްޕު ކިޔައިގެން އިނީއެވެ. އެވަގުތު އަހަރެން، ލައިގެން ހުރި ކަޅު މަތިކޮޅުގެ މަތިން އެމްއެސްއޭ ހުޑީ ލީމެވެ. ބާރު ދުވެލީގައި ލޯންޗު ގޮސް، ސަފާރީއެއް ކައިރިއަށް މަޑުކޮށްލިއިރު، އަހަރެން ހުރީ މޫނުވެސް ނިވާކޮށް، އެންމެ ފުރިހަމައަށް ތައްޔާރު ވެގެންނެވެ.
................
"ހަތާވީސް. ފުރަތަމަ ޓެސްޓުން ވަރަށް ގަދައޭ." އެތެރެއަށް ވަނުމާއިއެކު ޝައިހާން ބުނެލިއެވެ. ދެން އެ ސަފާރީގައި ފަޅުވެރިންގެ އިތުރަށް އިނީ އެއްކަލަ އަށެކެވެ. މޫނު ނިވާކޮށްފައި ހުރި ނަމަވެސް އެއީ ހަމަ ގޭންގުން ދިމާވި މީހާކަން ޔަގީންވިއެވެ.
"ކޮން ޓެސްޓެއްތަ؟" އެމީހުން ގާތު އިށީންނަމުން އަހަރެން އަހާލީމެވެ.
"މަ ގޮސް އޭރު ކަލޭ ދުލުން ވަރަށް ބަސް ބޭރު ކުރަން އުޅުނީމެއްނު." އަށެއް ލާނެތް ރާގެއްގައި ބުނެލިއެވެ. އޭނާގެ ފުށުން އެ ސިފަ ފެނުނު އެއީ ފުރަތަމަ ފަހަރެވެ.
"އެއީ ޓެސްޓެއްތަ؟"
"ހޫނ. ޖާސޫސަށް ފޮނުވާ އެންމެންގެވެސް ފުރަތަމަ ޓެސްޓު. މަ ފާޑަކަށް ފެއިލްވީ." ޝައިހާން ކިޔައިދިނެވެ. އިތުރަށް ބުނަން އެއްޗެއް ނެތުމުން އަހަރެން ބޯޖަހާލީމެވެ.
"އިތުރު ޚަބަރެއް ނެތްތަ؟ އަހަރެމެން ބައި ބޮޑު މީހާ ކައެއަށް ތައުރީފު ކޮށްފަ ވަރަށް ވާހަކަ ދެއްކި. އިފްރީން ގްރޫޕް އަންހެން ކުއްޖަކޯ. ޖަލުން ނެރެގެން ގެނެސް ކޮންމެސް ޑެލްއެއް ހޫރާލީއޯ. ހަމަ ވޮންޑަރ ވިމިންއަށް ހަދާލާފަ ހުރީ.." ހިނިގަނޑަކާއި އެކު އަށެއް ބުނެލިއެވެ. އަހަރެންވެސް މަޑުމަޑުން ހީލީމެވެ.
"އެމީހުން އެ ރާވަނީ ފަޔާޒް މަރާލަން." އަހަރެން ފަރުވާ ކުޑަ ރާގެއްގައި ބުނެލީމެވެ. ނަމަވެސް އަހަރެން އެހެން ބުނި ކަމެއް ނޭނގި، ޝައިހާނާއި އަށެއް ކޮޅަށް ތެދުވީ ބިރެއް ފެނުނު ހެންނެވެ. ދެލޯވެސްތިބީ ކުރެވޭނެ އެންމެ ބޮޑަކަށް ބޮޑު ކޮށްގެންނެވެ.
"ކާކޭ؟" ފުރަތަމަ ސުވާލު ކުރީ ޝައިހާނެވެ.
"ރިސޯޓު ބިޒްނަސް ފަޔާޒުތަ؟" ދެމީހުންވެސް ހީވީ އަތެއް ފަޔެއް ބިނދިގެން އުޅެނީ ހެންނެވެ.
"އާނ. ކިހިނެއް ވީ؟" އާދައިގެ ގޮތަކަށް އަހާލީމެވެ. މީހާގެ ފެންވަރެއް އެކައްޗެއްވެސް އަހަރެން ނުދަންނަމެވެ. އެމީހާ އެމްއެސްއޭ މީހަކަށް ނުވެއްޖިއްޔާ ރަނގަޅެވެ.
"އެއީ ހަމަ ވަރަށް ރަނގަޅު މީހެއް. އެއްވެސް ގޯހެއް ނުވާނެ. އެހާ ވަރުގަދައަށް ވިޔަފާރި ކުރާއިރުވެސް ކޮރަޕްޝަންގެ ޢަމަލެއް ހިންގި ކަމުގެ މައުލޫމާތެއްވެސް ނުލިބޭ." ޝައިހާން ސާފު ކޮށްދިނެވެ.
"ކީތްވެތަ ފަޔާޒް މަރާލަން ޖެހުނީ؟" ސުވާލު އުފެއްދީ އަށެކެވެ.
"އޭނަ ވިޔަފާރި މާ ކުރިއަރާތީ އޭޒެޑް ހިތްހަމަ ނެހެނިއްޔޯ. ޖޭ ވަނީ ކަންނޭނގެ." އަހަރެން ބުނެލީމެވެ. އެކަމާ އަނެއް ދެ މީހުންވެސް އެއްބަސްވިއެވެ. މީހަކު ކަމެއްގައި މާ ކުރި އަރަންޏާ ބޮލަށް ތުރާވާ، ނޭވާ ނުލެވޭ މީހުން އުޅޭކަން ދަންނަމެވެ. ހަޖަމު ނުވިޔަކަސް މެރުން ދެން އެއީ ބޮޑުވަރެވެ.
އަހަރެން އެދުމުން އެމީހުން އަހަރެންނަށް ފަޔާޒާއި ބެހޭ މައުލޫމާތު ސާފުކޮށްދިނެވެ. ރަށާއި ޢާއިލާއާއި އުޅޭ ތަނަށް ދަންދެނެވެ. އޭނަގެ ރިސޯޓުތައް ރާއްޖޭގައި ފުނިފުންޏަށެވެ. ބޮޑު މަހުޖަނެކެވެ.
........................
ފަތިސް ވާން އުޅެނިކޮށް ގެއަށް ގޮސްފައި، ނިދަން އޮށޯތީ ފަތިސް ނަމާދު ކޮށްލައިގެން މެސެޖެއްގެ ޒަރިއްޔާއިން ރާއިނަށް، އާ ދުވަހަކަށް މަރުހަބާ ކިޔާފައެވެ. ރާއިންގެ އާދުވަހުގެ އުފާވެރިކަމެވެ. އަހަރެންނަށް ނިދީގެ ފޮނި މީރުކަމެވެ.
ދުވަސްތައް ކުރިއަށް ދަމުން ދިޔައީ ވަރަށް ބާރު ދުވެއްޔެއްގައެވެ. ކޮންމެ ދުވަހަކުމެ ފަޔާޒް މަރާލުމުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން ދިޔައެވެ. އެކި ދުވަސް ދުވަހު އެކި މީހުނާ އެކުއެވެ. އެހެނެއް ކަމަކު އަބަދުވެސް އުޅޭ އެގާރަމީހުން އުޅެއެވެ. ފުރަތަމަ އެގާރައިގައި ފުލްޓައިމްކޮށް ކުޅެން ލިބޭތީ އަހަރެން ކޮންމެވެސް ވަރަކަށް ހައިރާންވެސް ވިއެވެ. ނަމަވެސް އިފްރީން މެން އެހެން ކަންތައް ކުރާ ސަބަބު ވަރަށް ސާފެވެ. ބެދުނަސް އެމީހުނަށް ދެރައެއް ނެތް މީހަކު ހުރުމުން ނާޖާއިޒު ފައިދާ ނަގާލަނީއެވެ.
މަހެއް ފާއިތުވިއިރު ދެފަހަރަކު އަށަކާއި ވެސް އެ ބައްދަލުވުން ތަކުގައި ދިމާވިއެވެ. އަހަރެން ފަދައިން، އެ ގްރޫޕްގަ، މާ މައްޗަށް ދެވިފަ ހުރި މީހަކީއެވެ. ތަފާތަކީ، އެމީހުން ގާތު އަށެއްގެ ބަސްވިކި، އެމީހުންގެ ޤަބޫލު ކުރުމުގައި އެމީހުނަށް ހެޔޮ އެދޭ ރަނގަޅު މީހަކަށް އަށެއް ވީކަމެވެ. އިފްރީންމެން އަހަރެން ގެންގުޅެނީ އަތަށް ހެޔޮވަރު ހަތިޔާރެއް ފަދައިންނެވެ. އަތުން ހިފާ ހަންޖަރުގެ މުށްގަނޑުގައި ވިހަ ހުރިއްޔާ، މީހަކަށް ދެވޭ އަނިޔާއަށްވުރެ ހިފާ މީހާ ޒަޚަމްވާ ވަރު ބޮޑުވާނެކަން އެމީހުން އަދި ނުދަންނަނީއެވެ.
ހުރިހާ މަޝްވަރާއެއް ނިމި ފަޔާޒްގެ ފަހު ރޭ ކަމުގައި އަހަރެމެން ކަނޑައެޅީ އޭޕްރިލް މަހުގެ ބާވީސް ވިލޭރެއެވެ. އެމްއެސްއޭ އަހަރެމެން ތިން މީހުން، އެއްތަން ކުރުވީ އެރެއަށް ހަފްތާއަކަށް ވެފަ އޮއްވައެވެ.
...................
"ޕްލޭން ސާފުކޮށް ކިޔައިދީބަލަ އަދި އެއް ފަހަރު." ޝައިހާންމެން ބައި ލީޑަރު އަހަރެން ކައިރީ އެދުނެވެ.
"ފަޔާޒް ކޮމްޕެނީ މީހުންގެ މާހެފުމެއް އެރޭ އޮންނާނެ ކަމަށް ވަނީ. އެރޭ އެކަންތައް ނިންމާފަ ދާ ގަޑީގަ، އިފްރީންގެ ބެލުމުގެ ދަށުން ދެމީހަކު، ފަޔާޒް ކާރަށް އަރުވައިގެން ލޯންޗާ ހަމައަށް ގެނެސްދޭނެ. ލޯންޗުގަ ފަޔާޒް ފަޅުރަށަކަށް ގެނައިމަ، މަށާ ހިމްޔާނާ ފަޔާޒް މަރާލާނީ. ބޭރަށް ދެވޭނެ ގޮތް ހަމަ ޖައްސާފަ އޮތީ. އެކަމަކު ބަސްޓު ވާނެހެން ހީ ނުވަންޏާ، އަހަންނެއް ނުފޮނުވާނަމޯ." އަހަރެން ކިޔައިދިނީމެވެ. މިފަހަރު އެއްގޮތަކަށްވެސް އަހަރެން ޢަމަލީ ގޮތުން ބައިވެރިނުކޮށް އެމީހުން، އަހަރެން ދޫކޮށްލާކަށް އެއްބަހެއް ނުވިއެވެ. އެމްއެސްއޭއަށް ނުވަދެވުނު ނަމަ، އަހަރެންވެސް ނިމިގެން ދާނީ ޤާތިލެއްގެ ގޮތުގައި ކަންނޭނގެއެވެ.
"ދެން ކިހިނެއް ހަދާނީ؟" އައިމަން ސަރ ހުރީ ވަރަށް ފިކުރު ބޮޑުވެފައެވެ. ތިން ހަތަރު ފަހަރަކު ބޯ ކަހަން ހުރިކަންވެސް ފާހަގަ ވިއެވެ.
"އަހަރެމެން ދާ އިރުވެސް ފަޅު ރަށުގަ އެމްއެސްއޭގެ ބަޔަކު ތިބޭނީ. ހަތާވީހާ ހިމްޔާނާ އެކަންޏޭ އެރަށުގަ ހުންނާނީ." އަށެއް ޚީޔާލެއް ދިނެވެ. އަހަރެންނަށް އެގޮތް ވަރަށް ކަމުދިޔައެވެ. ހަމަ ޔަޤީނުންވެސް، ހިމްޔާން ހިފާއްޓާލަން އެމީހުނަށް އުނދަގުލެއް ނުވާނެއެވެ.
"ތިހެން ކަމަކު ނުދާނެ. ކޮންމެ ފަހަރަކުވެސް އެމީހުންގެ ޕްލޭން ފަނިކޮށްލާފަ ނިންމާލާނީތަ؟ އެމީހުނަށް ޙައްޤު އަދަބު ދޭން ޖެހޭނެ" ޝައިހާން އަހަރެމެން ބޭނުންވި ގޮތާއި އެއްބަހެއް ނުވިއެވެ. މީހަކު މަރަން އުޅޭ ބަޔަކު ހަމަ ޖެހިލައިގެން އުޅޭތަން ބަލަން އޭނާ ބޭނުން ނުވަނީއެވެ.
"ދެން؟" އަށެއް ސުވާލު ކޮށްލިއެވެ.
"ހަތާވީހަށް އެނގޭނެއްނު މިކަމުގަ އުޅޭ އެންމެން. އެރޭގެ ކުރިން، މި ކަމާއި ގުޅުން ހުރި އެންމެން ހައްޔަރު ކުރާނީ." އައިމަން ސަރ ބުނެލިއެވެ. އަހަރެން އެކަމާއި ދެކޮޅަށް ބަހެއް ބުނަން އުޅުނީމެވެ. ނަމަވެސް އޭގެ ކުރިން އަށެއް އަހަރެންގެ ހިތުގައި އޮތް ޖުމުލަ އޭނާގެ ދުލުން އިއްވާލިއެވެ.
"ދެން އަހަރެމެންނޯ؟! އިފްރީނާ ހުމެއިދާ ހައްޔަރު ކޮށްފިއްޔާ، ވަރަށް ކަންތައް ބޮޑުވާނެ. އެހެންނޫނަސް އެމްއެސްއޭއިން އެމީހުން ހައްޔަރު ކޮށްފިއްޔާ، ޕޮލިހުން ވަރަށް ކަންތައް ބޮޑުކޮށްލާނެ. އިފްރީނުމެންގެ ބާރު އެތާ ތެރޭވެސް ވަރަށް ގަދަ ވާނެ. ޕޮލިހުން އައިސް ހައްޔަރު ކުރާ ގޮތެއް ހަދައިފިއްޔާ ސައުވީސް ގަޑިއިރު ނުވެ އެމީހުން ފިލާނެ." އަށެއް ވަރަށް ކެރިގެން ހުރެ ބުނެލިއެވެ. ބުނަން ބޭނުންވާހާ އެއްޗެއް ބުނާ މީހެކެވެ.
"ހުރިހާ އެންމެން ހައްޔަރު ނުކޮށް ހަމަ އެކަނި ދަތުރު ކޮށްދޭ މީހުން ހައްޔަރު ކުރީމަވެސް ރަނގަޅު ވާނެއްނު؟ މިސާލަކަށް ލޯންޗު ދުއްވާ މީހާޔާ، ލޯންޗާ ހިސާބަށް ގެނެސްދޭ މީހުން ހައްޔަރު ކުރީމަ." އަހަރެން ރައްދު ދިނީމެވެ. މީހަކު މަރަން އުޅޭ ބަޔަކަށް އަދަބެއް ނުދީ ދޫކޮށްލަން އަހަރެންނަކަށްވެސް އެއްބަހެއް ނުވެވޭނެއެވެ.
"ދެން މަ؟" އަނެއްކާވެސް އަށެއް ސުވާލު އުފެއްދިއެވެ.
"ކަލޭތީ ކެމެރާ ތަކާ ކުޅެން ބަހައްޓާފަ ހުރި މީހެއްނު. ތި ބައިގެ އެންމެން ހައްޔަރު ނުކުރާނީ." އަހަރެމެން އެންމެނަށް އެއް ގަލަކަށް އެރުނީ އެތައް ބަހުހަކަށް ފަހުއެވެ. އެރުނުކަން ދެން ހަމަ ނަސީބެވެ.
ރިކޯޑިންތައް ފަސްހަފަހަރު އަޑު އަހައިގެން، އެކި ކަންކަން ކުރާ މީހުން ދެނެގަތީމެވެ. ހައްޔަރު ކުރާނެ މީހުން ކަނޑައެޅި އިރު އަހަރެމެން ތަރުތީބެއް ކަނޑައަޅާ އެއަށް އިސްކަން ދިނީމެވެ. ކުރިން ކުށެއް ކޮށްފައި ނުވާ މީހާއަށްވުރެ ކުށުގެ ވެށީގައި ޢާންމު މީހުން ހައްޔަރު ކުރުމަށެވެ. އަލަށް ގޭންގާ ގުޅިގެން އުޅޭ މީހުންނަށްވުރެ ގިނަ ދުވަސްވެފައި ތިބި މީހުނަށް އިސްކަން ދިނުމަށެވެ. މަސްތުވާތަކެތި ހަމަ އެކަނި ބޭނުންކުރާ މީހާއަށްވުރެ، ބޭނުންކޮށް ވިޔަފާރިވެސް ކުރާ މީހުން ބައްދާލުމަށެވެ.
ބައިވެރިވާ ސަތޭކަ ސާދަ މީހުންގެ ތެރެއިން ހައްޔަރު ނުކުރާ ގޮތަށް އަހަރެމެން ނިންމީ ސާޅީސް ފަސް މީހުނެވެ. އަހަރެންނާއި އަށެއް ހިމެނުމާއި އެކު، ހުމެއިދާއި އިފްރީން އަދި ހިމްޔާންވެސް ހިމެނިގެންނެވެ. ހިމްޔާން ހައްޔަރު ކުރަން ތިން ހަތަރު ފަހަރު އަހަރެން އެދުނީމެވެ. ނަމަވެސް ޙާލަތަށް ވިސްނާ އިރު، ހިމްޔާން ހައްޔަރު ކުރާ ނަމަ އަހަރެންވެސް ޖެހޭނީ ހައްޔަރު ކުރާށެވެ.
(ނުނިމޭ)

ޚިޔާލު ފޮނުއްވާ