Views: 3734 65

ފެތުރިފައިވީ ފަނޑު ނޫ އަލިކަމެކެވެ. ވަށައިގެންވީ ހުދުކުލައިގެ ހަތަރު ފާރެވެ. ސާފު ހުދު ސީލިން އަށް ބަލަން އިރުކޮޅަކު އޮތީމެވެ. އެއްވެސް ކަހަލަ އަޑެއް ބަޑެއް ނީވެއެވެ. ބަންދުވެފައިވާ ތަނެކެވެ. ދުވާލުކަމެއް ރޭގަނޑު ކަމެއްވެސް ނޭނގެއެވެ.
ހަށިގަނޑުގައި ވަރުބަލި ކަމެއް ހުރި ނަމަވެސް ތެދުވީމެވެ. އަހަރެން ބާއްވާފައި އޮތީ ކުޑަ އެނދެއްގައެވެ. ވީ ކަންކަން ހަނދާނަށް އަންނަން އިރުކޮޅެއް ނެގިއެވެ. ވީ ގޮތް އެނގުމުން، މީހަކު ބުރިކަށީގައި ސައްޕެއް ޖެހިހެން ތެދުވީމެވެ. ހުރި ހަމަ އެކަނި ދޮރު ކައިރީ މަޑުކޮށްލީމެވެ. ބޮޑު ދަގަނޑު ދޮރެކެވެ. ތަޅުގައި ހިފާލި އިރު ހުރީ ތަޅުލައިފައެވެ. ތަޅަށް ވުރެ ކުޑަ ތަންކޮޅެއް މަތީގައި ކުޑަ ބިއްލޫރި ކޮޅެއް ހަރުކޮށްފައި ހުއްޓެވެ. އެތަނުން ބޭރު ބަލައިލީމެވެ. ފެންނަނީ ހަމަ ހުދު ކުލައިގެ ފާރެކެވެ.
އެނބުރި ގޮސް އިށީނީމެވެ. ވިސްނަން ފެށީމެވެ. އަހަރެންނަށް މި ހުރެވެނީ ކޮންތާކު ބާއެވެ؟ ވައްތަރީ ޖަލަކާއެވެ. ނަމަވެސް ދިވެހި ރާއްޖޭގައި މިކަހަލަ ޖަލެއް ނުހުންނާނެއެވެ.
އަނެއްކާވެސް ތެދުވީމެވެ. ބަނޑުހައިކަންވެސް އިހުސާސްވެއެވެ. ހިތްވަރު ކޮށްލާފައި، އިސްތަށިގަނޑު އައްސާފައި އޮތް ވޫލްކޮޅު ނައްޓާލީމެވެ. އަދި އޭގެ ތެރޭގައި އޮތް ކުޑަ ދަގަނޑު ކޮޅ ހިފައިގެން ގޮސް ދޮރު ކައިރީ ހުއްޓިލީމެވެ.
ތަޅުގެ ތެރެއަށް ވަޔަރުކޮޅެއް ވަރުގެ އެ ދަގަނޑު ކޮޅު ލައި، ކުޑަ މަސައްކަތެއް ކޮށްލަނިކޮށް ދޮރު ހުޅުވުނެވެ. ހުޑީގެ ބޯ، ބޮލުގައި އަޅާލަމުން، އަހަރެން ނުކުތީމެވެ. ކޮންމެހެންވެސް، މި އުޅެވޭ ތަނެއް ހޯދަން އެބަ ޖެހެއެވެ.
ދެފަރާތަށްވެސް ދެވެން އޮތެވެ. ކަނާތަށް ވީ ފަޅިއަށް ހިނގައިގަތީމެވެ. ކޮންމެ ފަނަރަ ފޫޓަކުން ފަނަރަ ފޫޓަކުން، އަހަރެން ހުރި ކަހަލަ ކޮޓަރިއަކާއި ދިމާ ވެއެވެ. މީހަކު ހުރި ތަނަކާއި ނުޖެހެއެވެ. އެކަހަލަ އަށެއްކަ ކޮޓަރި ފަހަނައަޅާ ދެވުނު ފަހުން ސިޑިއަކާއި ލިފްޓަކާއި ޖެހުނެވެ. ވިސްނާލުމަށް ފަހު އަހަރެން ސިޑިން އަރަން ފެށީމެވެ.
"ހުއްޓޭ!" ފަހަތުން އިވުނު ފިރިހެނެއްގެ އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެނބުރި ބަލައިލިއިރު، އެންމެ ތިރީ ހަރުފަތުގައި މީހަކު ހުއްޓެވެ. ކަޅުކުލައިގެ ފޮތިގަނޑަކުން މޫނު އޮތީ ފޮރުވާލެވިފައެވެ.
އަހަރެން މާނޭވާތަކެއް ލަމުން ހުރިތާ ހުރީމެވެ. އެމީހާ މައްޗަށް އަރަން ފެށްޓެވެ. ދުއްވައިގަންނަންވެސް ހިތަށް އެރިއެވެ. ނަމަވެސް އަހަރެން މަޑުކުރީއެވެ.
އެމީހާ އަހަރެންނާއި އަރާ ހަމަވުމުން، ފަޔަށް ލެވުނު ހާ ބާރެއް ލައި ޖެހީމެވެ. ފަހަތަށް ކޮއްޕާލާށެވެ. ހަރުކޮށްފައި ހުރި ދަގަނޑު ގަނޑުގައި އެމީހާ ނުހިފެއްޓި ނަމަ ވެއްޓުނީހެވެ. ދެވަނަ ފަހަރަށްވެސް ޖެހީމެވެ. އޭގެން މާ ބޮޑު އަސަރެއް ނުކުރިއެވެ. ވެފައިހުރި ވަރުބަލިކަންނެވެ. ގައިގައި ތަޅާފޮޅާހާ ހަކަތަ ނެތީއެވެ.
ބޫޓު ތެރޭ އޮތް ވަޅި މަޅާލި ވަގުތު ހެރުނީ ސީދާ ބަނޑަށެވެ. އެމީހާގެ ބާރު ހަޅޭކާއެކު މުޅިތަން ރަތް ކުލައިން ނިވި ދިއްލޭން ފެށްޓެވެ. ގަތް ބިރާއި އެކު ބަލާކަށްނުހުރެ އަހަރެން ދުއްވައިގަތީމެވެ. މައްޗަށް އަރާށެވެ. ނަމަވެސް ދެވުނީ ތަންކޮޅަކަށެވެ. މަތިން އައި ދެމީހުން އަހަރެން ހިފޭއްޓިއެވެ. ތިން ވަނަ މީހަކު ފަހަތުން އައިސް އަނެއްކާވެސް އިންޖެކްޝަނެއް ހަރާލިއެވެ.
ކުރީ ފަހަރުހެން މަންޟަރު ބަލަން ގިނަ އިރުތަކެއް އަހަރެންނަކަށް ނުލިބުނެވެ. އިންޖެކްޝަން ޖެހުމާއި އެކު ސިޑިމައްޗަށް ވެއްޓުނެވެ. އިތުރު ކަމެއް ނުކުރެވި އުޅެނިކޮށް ހޭވެރިކަން އަހަރެން ދޫކޮށް ދިޔައީއެވެ.
................
ދެންވެސް ލޯ ހުޅުވާލެވުނީ ނޫ އައްޔެއްގެ ތެރެއަށެވެ. ނަމަވެސް އޮވެވުނު ތަން ވަރަށް ތަފާތެވެ. ހަތަރު ފާރާއި އެކު ސީލިންގައިވެސް ލައިފައިވަނީ އަޅިކުލައެވެ. އޮވެވުނު އެނދުގެ ކުރިމައްޗަށް ވާ ގޮތަށް، ޓީވީއެއް ހުއްޓެވެ.
"ރިފާޝާ؟" ކައިރީގައި މީހަކު ހުރިކަންވެސް އެނގުނީ އެމީހަކު އަހަރެންގެ ނަމުން ގޮވާލީމައެވެ. ސިއްސައިގެން ގޮސްފައި އެމީހާއަށް ބަލައިލީމެވެ. ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެކެވެ. އޭގައި އަޅި ކުލައިގެ ދެ ރޮނގު ދަމާފައި ހުއްޓެވެ. ފެންނަ ފެނުމަށް އެމީހާ ވާނީ ތިރީހުގެ އަދަދުތައް ގުނަމުންދާ މީހަކަށެވެ. އެމީހާގެ ކައިރީ މޫނު ނިވާކޮށްގެން ހުރި، ތަންކޮޅެއް ޒުވާން ފިރިހެނަކުވެސް ހުއްޓެވެ.
"ތީ ކޮންބައެއް؟" ބިރުން ހުރެ އަހާލީމެވެ. ހަމަ ގައިމުވެސް މިއީ ގޭންގެއްގެ ބައެއް ނޫނެވެ. ފުލުހުންނެއްވެސް ނޫނެވެ. ޓެރަރިސްޓުން ތަކަކަށް ނުވެއްޖިއްޔާ ރަނގަޅެވެ.
"އަހަރެމެން މީ އެމްއެސްއޭ.." އެމީހާ ބުނެލިއެވެ. އަހަރެން ދެ ލޯ ހަނިކޮށްގެން ބަލަން އިނީމެވެ. އެއީ އެމީހުން ގޭންގު ނަން ބާއެވެ؟
"މޯލްޑިވްސް ސީކްރޭޓް އެޖެންސީ.." އަހަރެން ބަލަން އިން ގޮތުން އެމީހާ އިތުރު ކޮށްލިއެވެ. ދިވެހި ރާއްޖޭގައި ސީކްރޭޓް އެޖެންސީއެއްވެސް އޮވޭ ހެއްޔެވެ؟ ކުރިއަކުން އަޑެއްވެސް ނާހަމެވެ.
"ތީ ކާކު؟ މީ ކޮންތަނެއް؟" އަހަރެން އަނެއްކާވެސް ސުވާލު ކުރީމެވެ. ދެއަތުގައިމެ ބިޑި އަޅުވާފައި އޮތުމުން ތަޅާ ފޮޅައިގެން ވާނެ ކަމެއް ނެތްކަން ފަހުމްވީއެވެ. ދެން ޖެހޭނީ ބަސްއަހައިގެން އިނދެ ބޭނުންވާ އެއްޗެއް އޮޅުން ފިލުވާށެވެ.
"އަހަރެން މީ އެމްވީ ޒީރޯ ޓޫ ޖީޓޫ ޒީރޯ ވަން.." އެމީހާ ބުނެލި އެއްޗަކުން އަހަރެން ހަނދާންވީ އޭރު ދިމާވި ގޭންގު ސޮރުމަތިންނެވެ. މީވެސް އޭގެ މީހުންތަކެއް ތާއެވެ. މިމީހުން ކަންތައްވެސް މިދަނީ މާ މައްޗަށެވެ.
"ތީ އެއްކަލަ ކެމެރާ ހަރުކުރާ ގްރޫޕް ދޯ.." ރީތިކޮށް އެނދުގެ ފަޑީގައި ލެގިލަމުން އަހަރެން ދެބުމަ ގޮށްޖަހާލީމެވެ.
"އެއީ ސިކްސްޓީ ޓޫގެ މަސައްކަތް. އަހަރެން މީ ސިކްސްޓީ ތްރީ.." ދެން ހުރި ފިރިހެން މީހާ ބުނެލިއެވެ. ޒީރޯ ވަން، ސިކްސްޓީ ތްރީ ކަންފަތް ދޮށުގައި އެއްޗެހި ތަކެއް ކިޔާފައި ނުކުންނަން ދިޔައެވެ. އަހަރެންގެ ބޯ ހީވަނީ ދެންމެ ދެންމެ ފަޅައިގެން ގޮސްފާނެ ހެނެވެ.
އެބުނާ ސިކްސްޓީ ތްރީއެއް އޭނަ އަޅާފައި ހުރި މާސްކުގަނޑު ނެގިއެވެ. އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. މިއޮތް ހާއިރު އެތާ ހުރިއިރުވެސް އަހަރެންނަށް މީނަ ނޭނގުނު ކަމެވެ.
"ކަލޭ! އަލްޔަސް ދޯ" އަހަރެން ބުނެލީމެވެ.
"ހްމް މަ. ކަލޭ ދޯ މަގޭ ބަޑިއާ ބިޑިއާ ވަގަށް ނެގީ. އަދި އެދުވަހު އެއް ސިނގިރެޓު ދިނީތީ ތިން ފޮށިވެސް ހިފާލައިގެނޭ އެރޭ ނައްޓާލީ.." އަލްޔަސް ވީ އަހަރެން ހީކުރި ގޮތާއި ޚިލާފަށް މަޖާ މިޒާޖެއްގެ މީހަކަށެވެ.
"ޒީރޯ ވަން. އެއީ ޖީޓޫގެ ލީޑަރު.." އަލްޔަސް ގޮސް ޓީވީ ކުރިމަތީ ހުރި ސޯފާގައި އިށީނެވެ. އަހަރެންވެސް ތެދުވެ ގޮސް އިށީނީމެވެ. އަދިވެސް ދެއަތް އޮތީ ހައްޔަރު ވެފައެވެ.
"ތި ކިޔާ އެއްޗެއް ކުޑަކޮށްވެސް ސާފެއް ނުވި." އަހަރެން ބުނީމެވެ.
"ސާފުކޮށްދޭން ޖައްސާފައޭ ޒީރޯ ވަން އެދިޔައީ.." އަލްޔަސް، ޖަވާބުގައި ބުނެލިއެވެ. އަދި ޓީވީ ހުޅުވާލިއެވެ.
"އައި އެސް އޭ އެނގޭތަ؟" ފުރަތަމަ އަލްޔަސް ކޮށްލީ ސުވާލެކެވެ. އަހަރެން ބޯ ހޫރުވާލީމެވެ. އަލްޔަސްވެސް ބޯ ހޫރާލިއެވެ.
"އައިއެސްއޭ އަކީ އިންޓަނޭޝަނަލް ސީކްރޭޓް އެޖެންސީ. އެމީހުން މީހުނަށް ނޭނގޭގޮތަށް ބޮޑެތި ކުށްތައް ދިރާސާކޮށް ކުށްވެރިން ހޯދާނެ. އައިއެސްއޭގެ ގޮފިތައް ދުނިޔޭގެ އެކި ކަންކޮޅު ތަކުގަވެސް އޮންނާނެ. އެމީހުން ރާއްޖެ އާ ހަމައަށް ފޯރީ މީގެ ދެ އަހަރު ކުރިން." އަލްޔަސް ކިޔައިދިނެވެ.
"ރާއްޖެއަށް އައި ގޮތްޕަށް ކީ ނަމަކީ އެމްއެސްއޭ.."
"އޯހް މިހާރު ކުޑަކުޑަކޮށް އެބަ ގެޓް ވޭ..." އެއްޗެކޭ ނުބުނެ ނީންނަން ވެގެން ބުނެލީމެވެ.
"ރާއްޖޭގެ ގޮފި ބަހާލީ ތިން ބަޔަކަށް. އެމްވީ ޒީރޯ ވަން. އެމްވީ ޒީރޯ ޓޫ. އެމްވީ ޒީރޯ ތްރީ. އެމްވީ ޒީރޯ ވަން އަކީ ޚަރަދުތައް ބަލަހައްޓާ، އައި އެސްއޭއަށް ޚަބަރުތައް ފޮނުވާ މީހުން. ދެން އޮތް ދެބައި އައުޓް ފީލްޑްގަ އުޅޭނީ. ދެބައިވެސް އިތުރު ތިން ގްރޫޕަކަށް ބަހާލާފަ އޮންނާނީ. އަހަރެމެން މީ އެމްވީ ޒީރޯ ޓޫގެ ޖީ ޓޫ" އަނެއްކާވެސް އަލްޔަސް އަކުރު ތަކެއް ކިޔެވެ.
"އެމްއެސްއޭ އުފެއްދީ މިތިން ބައިގެ ލީޑަރުން. އެމީހުން އައިއެސްއޭގަ ތިން އަހަރު މަސައްކަތް ކޮށްފަ ދިވެހި ރާއްޖޭގައި އެތައް ކުށްތަކެއް ވާކަން އެނގުނީމަ މިތަން އުފެއްދީ.." އަލްޔަސް ދައްކަމުން ދިޔަ ވާހަކަޔަށް އަހަރެން ބޯޖަހާލަ ޖަހާލާ އިނީމެވެ.
"ދެން މިކަމަށް ޝައުގުވެރިވާ ހުނަރު ހުންނަ މީހުން މިތަނަށް ވައްދާ ފުޅާ ކުރަމުން މި ދަނީ.." އަލްޔަސް ޓީވީއިން އެއްޗެއް އަޅުވާލިއެވެ. ޚަބަރެކެވެ. އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއޮތީ ނުވެސް ކުރާ ކުށެއް އަހަރެންގެ ބޮލުގައި އަޅުވާފައެވެ.
"ޖަލުން މީހަކު ނެރެން އުޅުނު މީހަކު ހައްޔަރު ކޮށްފި. މިދިޔަ އާދިއްތަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވަނީ އަހްމަދު ޖަމީލް ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުން ހާމަ ކުރައްވާ. ޕޮލިސް ސްޓޭޝަނަށް ވަންނަން މަސައްކަތް ކޮށްފައިވަނީ ދެމީހުން ކަމަށާ އޭގެ ތެރެއިން އެކަކު ފިލީ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވި. ފިލި މީހާ ހޯދުމުގެ މަސައްކަތް.." ޚަބަރު މެދަކާއި ހަމައަށް ދިޔަތަނާ އަލްޔަސް ޓީވީން އަޅުވާފައި ހުރި އެތި ބަދަލުކޮށްލިއެވެ. އަހަރެންނަށް ޖަހާފައި އިން ބުދެއްހެން އިނދެވުނީއެވެ.
ދެން އަލްޔަސް އަޅުވާލީ ގޭންގުގެ ކޮޓަރިތައް ފެންނަ މަންޟަރެކެވެ. އޭގެން އެކަތި ބޮޑުކޮށް އަޅުވާލިއެވެ. ފެންނަނީ އިފްރީންމެން އަހަރެން ވީ ތަނެއް ނޭނގިގެން ވަރަށް ހާސްވެގެން އުޅޭ ތަނެވެ.
.....................
"މަ ދާން ޖެހޭނެ.." އަހަރެން ހިތް އަވަސްވެ ހުރެ ބުނެލީމެވެ. އެމީހުން ރުޅި އަންނާނެ ވަރު ހިތަށް އަރާފައެވެ.
"ތިހެނެއް ނުއެއް ދެވޭނެ އަދިއަކު. މިހާރު ތީ އަހަރެމެންގެ ގައިދީއެއް." އަލްޔަސް ދިން ޖަވާބުން އަހަރެން މާޔޫސްވިއެވެ.
"އެކަމަކު ރިފާޝާއަށް އެބެތް ގޮތެއް.." އަނެއްކާވެސް އަލްޔަސް ބުންޏެވެ. އެބުނާ ގޮތެއް އަޑުއަހަން އަހަރެން ދެލޯ ބަޑުކޮށްގެން ބަލަން އިނީމެވެ.
"މިތަނާ ގުޅިއްޖިއްޔާ އަހަރެމެން ހެން ޖާސޫސް ކުރަން ބޭރަށް ފޮނުވާލެވިދާނެ. ފުރިހަމަ ހިމާޔަތް ލިބޭނެ. ބަޑި، ބިޑި ކެމެރާ.." އަލްޔަސް ބުނަމުން ދިޔަ ޖުމުލަ އަހަރެންނަށް ޖެހުނީ ހުއްޓުވާށެވެ.
"ތިބުނަނީ މަ ގޭންގަށް ބޭވަފާތެރި ވާންވީއޭތަ؟" އަހަރެންގެ އަޑުގައި ރުޅިވެރިކަންވެސް އެކުލަވާލީމެވެ. އެމީހުން ކޮންމެ ފަދައަކުން އަހަރެންނާއި މެދު ޢަމަލު ކުރިޔަސް އަހަރެންގެ ހިތުގައި ގޭންގަށް ކުލުނެއްވެއެވެ.
"އެމީހުން ރިފާޝާ އެ ގެންގުޅެނީ ކުޅޭ ކުޅޭ އެއްޗެއްހެން. ރިފާޝާގެ ހުނަރު އެ ބޭނުންކުރަނީ ނާޖާއިޒް ގޮތުގަ. އެމީހުންނަކީ ހާދަ ގޯސް ބައެކޭ. މީހުން މަރާ އަނިޔާވެރި އެތައް ކަމެއް މިރާއްޖޭގަ ހިންގާ.." އަލްޔަސް އަހަރެންގެ އަތަށް ފައިލެއް ދިއްކޮށްލިއެވެ. އެތެރެ ބަލައިލިއިރު ކޮންމެ ސަފްހާއަކުމެ ވަނީ އަނިޔާވެރި ގޮތަކަށް މަރާލާފައި ވާ މީހެކެވެ. ހިތަށް ރަނގަޅަށްވެސް އަސަރުކޮށްލިއެވެ. އޭގައި ފަންސާހަކަށް މީހުންގެ ފޮޓޯ ހުއްޓެވެ. އަހަރެންގެ މަންމަވެސްމެއެވެ.
"ތީ ހަމަ އެކަނި ތި ގޭންގު ކޮށްފަ ހުރި ކަންތައް. ރިފާޝާ ބޭނުމެއް ނުވޭތަ އެމީހުނަށް އިންސާފް ހޯދައިދޭކަށެއް. އެތަނުގަ ރިފާޝާގެ މަންމަ ނޫނަކަސް، އެތައް ބައެއްގެ އާއިލާ މީހުނެއްނު އެތިބީ. ރިފާޝާ ބޭނުމިއްޔާ ގޭންގުގަ އުޅޭ. އެކަމަކު އެއީ ރިފާޝާގެ އާއިލާ މަރާލި މީހުން."
"އަހަރެން މިތަނާ ގުޅިއްޖިއްޔާ އެމީހުން އަހަރެން ބައްދާލާނެ." އަހަރެން ބުނީމެވެ. ހަނދާންވީ އަހަރެން ނުކުންނަން އުޅުނު ދުވަހު ހިމްޔާން ދެއްކި ވާހަކަތަކެވެ.
"އަހަރެމެން ހިމާޔަތްތެރިކަން ދޭނަމޭ.." އަލްޔަސް ޔަގީން ކަމާއި އެކު ބުންޏެވެ. އަހަރެން އިރުކޮޅަކު ބަލަން ހުރީމެވެ.
"ވިސްނާނަން.." އާނއެކޭ ބުނަން ބޭނުން ނުވާތީ އަހަރެން ބުނެލީމެވެ. އަލްޔަސް އަދި ފަހުން ބައްދަލު ވާނެ ކަމަށް ބުނެ ނުކުންނަން ދިޔައެވެ. އިރުކޮޅެއް ފަހުން މޫނު ނިވާކޮށްގެން ހުރި މީހަކު ކާ އެއްޗެހި ހިފައިގެން އައެވެ. އެއްވެސް އެއްޗެކޭ ނުބުނެ، ބިޑި ނައްޓުވާލަ ދީފައި އެމިހާ ދިޔައީއެވެ.
ހިތްހަމަ ޖެހޭވަރަށް ކާލެވުނެވެ. ކުރެވޭނެ ކަމެއް އަދި ދެވޭނެ ތަނެއް ނެތުމުން އަހަރެން އެނދުގައި އޮށޯތީމެވެ. ވިސްނާށެވެ. މިއީ ހާދަ ބޮލަށް ތުރާ ތަނެކެވެ. ވާއެއް ނުވާއެއްވެސް އަހަރެންނަކަށް ނޭނގެއެވެ. ދެން މިތަނުގެ މީހަކަށް އަހަރެން ވާނީ ކިހިނެއް ހެއްޔެވެ؟
އަލްޔަސް ބުނިހެން އިފްރީންމެން ކުރާ ކަންކަމަކީ ބޮޑެތި ގޯސްކަންކަން ކަން އަހަރެންނަށްވެސް އެނގެއެވެ. ނަމަވެސް ދެކެވުނީ އަހަރެންނަށް އަޅާލާ ބަޔަކީ އެއީ ކަމަށެވެ. އަނެއްކޮޅުން މިމީހުންނަކީ ވަކި ރަނގަޅު ބައެއް ކަމެއް އަހަރެންނަކަށް ޔަޤީނެއް ނޫނެވެ. ނަމަވެސް މިތަނުގެވެސް އަޖުމަ ބަލައިލުން ގޯސްވާނެ ހެނެއް ހިއެއް ނުވެއެވެ.
.................
އަލްޔަސް އެނބުރި އައީ ދެތިން ގަޑި އިރު ފަހުންނެވެ. ސުވާލެއް ކުރުމެއްނެތި، އަލްޔަސް އަހަރެން ގެންދިޔައީ އެކޮޓަރި ގަނޑުން ބޭރަށެވެ. ތަނުގެ ބޮޑު ކަމާއި ހައިބަތު އަހަރެންނަށް އެނގިގެން ދިޔައީ އެހިސާބުންނެވެ. މީހުން މާ ގިނައެއް ނޫނެވެ. ނަމަވެސް މަދެކޭވެސް ނުބުނެވޭނެއެވެ. އެންމެންވެސް ތިބެނީ މޫނު ނިވާކޮށްގެންނެވެ. އަންހެން ކުދިންވެސް އުޅެއެވެ.
"އެއްކަލަ މަންޖެ!" އަލްޔަސާ އެކު އަހަރެން ވަން ކޮޓަރީގައި އެނދުމަތި ކޮށްފައި އޮތް ފިރިހެން މީހާ، އަހަރެން ވަނުމާއިއެކު ގޮވާލިއެވެ. އެއީ އަހަރެމެން ގޭންގުގަ އެ އުޅޭ ޖާސޫސް ކުރާ ސޮރެވެ. މުޅި މީހާ އޮތީ ބެންޑޭޖް ކޮށްފައެވެ. އަހަރެން ކޮށްލި ވަރެވެ.
"ކައެ ކިހިނެއް ފިލީ؟" އަހަރެން ސުވާލުކޮށްލީމެވެ.
"ބުނީމެއްނު ހިމާޔާތްތެރިކަން ދޭނެޔޭ. އަހަރެމެން ގޮއްސަ ސަލާމަތް ކުރީ.." އަލްޔަސް ޖަވާބުގައި ބުނެލިއެވެ.
"ތިދެން ސަލާމަތް ކުރުންތަ؟ މަ ތިމީހާއަށް އެވަރު ކޮށްލި އިރު ކައެމެން ކޮބާ؟" އަހަރެން މަލާމާތުގެ ރާގެއްގައި ބުނެލީމެވެ. މިފަދަ ހިމާޔަތްތެރިކަމެއް ބޭނުންވާނީ ކާކު ހެއްޔެވެ؟
"މި ވަރު ކަމަކަށް ކެތްކުރެވޭނެ ކަމަށް ވައުދުވެފައޭ މިތަނަށް ވަނީ.. ގޭންގު މީހުން، މީހަކު މަރުވިޔަސް ސަލާމަތެއް ނުކުރާނެ.. އަދި ބުނަން، މަށަށްވެސް ނަމެއް އޮންނަ އިރު ތިމީހާ ކިޔާނެ ކަމެއް ނެތް.." އެނދުމަތީ އޮތް މީހާ އެބުނާ އެމްއެސްއޭއެއް ދިފާޢު ކުރިއެވެ.
"ހަނދާނެއްވެސް ނެތް ކަލެއަށް ކިޔާ ވިޔާނުދާ ނަމެއް. އެކެއްދޭއްތިނެއްތަ؟" އަހަރެން އެކޮޓަރި ތެރެއަށް ރަނގަޅަށް ބަލައިލީމެވެ. ފެންވަރުގެ ގޮތުން ހަމަ އެންމެ މައްޗެވެ. މިހުރެވެނީ ހަތްތަރީގެ ހޮޓެލެއްގައި ނޫން ބާއޭވެސް ހިތަށް އެރިއެވެ.
"މަށަށް ކިޔަނީ ޝައިހާން.. ނޫނީ ސިކްސްޓީ ޓޫ.." ޝައިހާން ބުނި ޖުމުލައަށް ބޯ ޖަހާލުމަށް ފަހު އަހަރެން ގޮސް ހުއްޓުނީ ކުޑަދޮރު ކައިރީއެވެ. މަޑުމަޑުން ދޮރު ފޮތިގަނޑު އެއްފަރާތް ކޮށްލީމެވެ. ބޭރުން ފެންނަ މަންޟަރެއް ބަލައިލުމަށެވެ.
ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ގައިން ހީބިހި ނަގައިގެންވެސް ދިޔައެވެ. އަހަރެން އުންމީދު ކުރީ، ޓްރެއިން ކުރެވޭފަދަ ހުސް ބިމެއް ފެންނާނެ ކަމަށެވެ. ނޫނީ މާލޭގެ ހަލަބޮލި މަގެއް ނުވަތަ ރާއްޖެތެރޭގެ އަމާން މާހައުލު ނަމަވެސް ރަނގަޅެވެ. ކުޑަމިނުން ފަޅުރަށެއް ނަމަވެސް ޚިޔާލަށް ގެންނަން ފަސޭހަ ވީހެވެ. ނަމަވެސް ފެންނަން އޮތީ ހާމައަށް އޮތް ކަނޑެވެ. ލޮލު ކޮޅަށް ދަންދެންވެސް ފެތުރިފައި އޮތް ގަދަ ނޫ ކުލައިގެ ކަނޑެވެ. ނަގަމުން ދިޔައީ ބޮޑެތި ރާޅެވެ. ތިބެވުނީވެސް ވަރަށް މަތީގައެވެ. ދިހަ ބުރީގެ އިމާރާތެއްގެ ބެލްކަނީގައި ހުރެ ތިރި ބަލައިލުމުންވެސް ނުކުރެވޭ ފަދަ އިހުސާސް ތަކެއް ކުރެވުނެވެ.
"މީ.. މީ ބޯޓެއްތަ؟ މީ ދިވެހި ރާއްޖެތަ؟" އަހަރެންނަށް އޭލިއަނެއް ފެނިގެންވެސް ނުވާނެ ވަރަށް ހައިރާންވެ ހުރެ އެހީމެވެ.
"ސާބަހޭ. މީ ސިމްފޮނީ އޮފް ސީސް އެއް ނޫނޭ. ހަމަ އާދައިގެ ބޮޑު މަނަވަރެއް. މިތާ ކައިރީ އޮންނާނެ ދިވެހި ރާއްޖެ ބޯޑަރު. ދެން ގާތް ގަނޑަކަށް ބޭރުވެފަ މިތިބެވެނީ." އަލްޔަސް ސާފުކޮށްދިނެވެ. ޖެހިފައި މިތިބީ ވަރުގަދަ ބަޔަކާ ތާއެވެ. ބޯޑިން ޕާހެއް އެކައްޗެއްވެސް ނުލައި އަހަރެން މިހުރީ ދިވެހި ރާއްޖެއިން ބޭރު ކޮށްފައެވެ.
"މިތަނަށް ވަންނަން ކީތް ކުރަން ޖެހޭނީ.." އިތުރަށް މިއީ ގޭންގް ބައެއް ނޫންކަމަށް ޝައްކު ނުކެރެވޭވަރަށް ހެކި ފެންނަން އޮތުމުން އަހަރެން ޝައުގުވެރި ކަމާއި އެކު އަހާލީމެވެ.
"ވަންނަން ވީތަ؟" ޝައިހާން އަހާލިއެވެ. ހީވާ ގޮތުން މި މީހުން އަހަރެން މިތަނަށް ވައްދަން ވަރަށް ބޭނުންވެއެވެ.
"ޖެހޭނީ ޓްރެއިނިން އެއް ހަދަން. ވަކި ކަންތައް ތަކަކަށް އެއްބަސް ވާން ޖެހޭނެ.." އަލްޔަސް ބުނެލި ވާހަކައަށް އަހަރެން ފުންކޮށް ވިސްނާލީމެވެ. މިމީހުންގެ ޝަރުތުތަކަކީ ކޮބައިބާއެވެ.
"އޯކޭ." މަޑުމަޑުން ބުނެލީމެވެ. ވަގުތުން އަލްޔަސް، ހިނގާށޭ ބުނެލިއެވެ.
.......................
އަލްޔަސް އަހަރެން ގެންދިޔައީ އެންމެ މަތީ ޑެކަށެވެ. އެހެން ގޮތަކަށް ބުނާނަމަ، އެ ބޯޓުގެ ފުރާޅު ނުވަތަ ޓެރަހެވެ. ތިރި ބަލައިލެވުމުން އަތް ފައި ފިނިވާ ގޮތް ވިއެވެ. އުސްމިނާއި އެކު ކަނޑުން ނަގާ ބިޔަ ރާޅުތައް ފެނިފައެވެ.
ބޯޓާއި ވިއްސަކަށް ފޫޓު ދުރުގައި ހަމަ އެއް ވަރުގެ، އެއް ވައްތަރު ބޯޓެއް އޮތެވެ. އޭގައި ބޮޑު އަކުރުން 'އެމްވީ ޒީރޯ ޓޫ، ޖީ ތްރީ' އޭ ޖަހާފައި އޮތެވެ. މިމީހުންގެ ތިންވަނަ ގްރޫޕްތާއެވެ. ދެ ބޯޓު ދެމެދު ބްރިޖެއް ކަހަލަ ފިލާގަނޑެއް އަޅާފައި އޮތެވެ. އަލްޔަސް ހިނގައިގަތީ އެއާ ދިމާއަށެވެ.
"ތި އުޅެނީ ކީތްކުރަން؟" ބިރުން ހުރެ، ގޮސް އަލްޔަސާ އަރާ ހަމަ ކޮށްފައި އަހާލީމެވެ. އެއިރު އަލްޔަސް މޫނު ނިވާކޮށްލަނީއެވެ.
"ބުނީމެއްނު ވަންނަން ބޭނުމޭ. ބޮޑެތި މީހުން ނިންމާފަ އޮތީ ރިފާޝާ ވަންނަން ބޭނުމިއްޔާ ގްރޫޕް ތިނަކަށް ވައްދަން. އެހެން ވީމަ އެމީހުން ކައިރިއަށް މި ގެންދަނީ.." އަލްޔަސް، އެ ފިލާގަނޑު މައްޗަށް އަރާ އަތް ދިއްކޮށްލިއެވެ. ބިރުގަތެވެ. ނަމަވެސް ފިނޑިވާކަށް ބޭނުމެއް ނުވިއެވެ. އެހެން ކަމުން އަލްޔަސްގެ އަތުގައި ހިފައި ފިލާގަނޑުގައި ދެފައި ހަމަ ކޮށްލީމެވެ.
"ކީތްވެ މަ އެ ގްރޫޕަށް ފޮނުވާލަނީ؟" ފުރަތަމަ ފިޔަވަޅު ކުރިއަށް އަޅަމުން އަހަރެން އަހާލީމެވެ. އަލްޔަސް އަހަރެންގެ އަތުން ދޫކޮށްލުމުން، އަހަރެން ހުރީ އިހުނަށްވުރެވެސް ބިރުންނެވެ. ވީހާވެސް، ތިރިއަށް ނުބެލޭތޯ މަސައްކަތް ކުރީމެވެ. ފުޅާ މިނުގައި ފަސްފޫޓު ހުންނަ ވަރުގެ ފިލާގަނޑެއް ނަމަވެސް، އަރިމަތީ ކުޑަމިނުން ފެންސެއްވެސް ޖަހާލާފައި ނެތުމުން ގަންނަން ބޭނުންނުވިޔަސް ބިރު ގަންނަނީއެވެ. ހިތާއި ސިކުނޑީގެ އެދުމާއި ޚިލާފަށް ފިނޑިވެވެނީއެވެ.
"ތިޔެއް ދެން މަށަކަށް ނޭނގެ. އެމީހުން ނިންމި ގޮތް." އަލްޔަސް ދެކޮނޑު އަރުވާލިއެވެ. އަދި މަޑުމަޑުން ހިނގަމުން ދިޔައެވެ. އަހަރެންވެސް ހާސްކަން ދޫކޮށްލެވޭތޯ އުޅެމުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ދިޔައީމެވެ. އެންމެ ފަހުން އަނެއް ބޯޓާއި ހަމައަށްވެސް ފޯރައިފިއެވެ.
އެތަނުން އަހަރެމެންނަށް މަރުހަބާ ކީ ތިރީހަކަށް އަހަރުގެ ފިރިހެނެކެވެ. ބިޔަ ހަށިގަނޑަކާއި އަލި ހަންގަނޑެއްގެ ވެރިއެކެވެ. ލައިގެން ހުރީ އަލްޔަސްމެންނާ ކޮންމެވެސް ވަރަކަށް ތަފާތު، ކަޅު ކުލައިގެ އަތްދިގު ޓީޝާޓެކެވެ. ހުޑީއެކޭވެސް ބުނެވިދާނެއެވެ. އަލްޔަސްމެން ލާ ޓީޝާޓުހެން އަޅިކުލައގެ ރޮނގުތަކެއް ނެތެވެ. ނަމަވެސް ހުޑީގެ ކަރުގައި އޮންނަ ވާފަށް އޮތީ އަޅިކުލައިގައެވެ.
"އެމްވީ ޒީރޯ ޓޫ ޖީތްރީ ޒީރޯ ވަން.." ސަލާމަށް އަތް ދިއްކޮށްލަމުން އެމީހާ ބުނެލިއެވެ. އަނެއްކާވެސް ޒީރޯ ވަން އެކެވެ. އަހަރެން މި ހުރިހާ އެންމެންގެ ނަންތައް ދަސްކުރަން ވެއްޖިއްޔާވެސް އިތުރު ކަމެއް ނުކުރެވި އުޅެނިކޮށް ފެންނާނީ މުސްކުޅިވެފަ ހުންނަ ތަނެވެ.
"މަ ތިހުރިހާ ނަމެއް ދަސްކުރަން ޖެހޭތަ؟" ސަލާމަށް ދިއްކޮށްލި އަތުގައި ހިފަމުން އަހަރެން އަހާލި ސުވާލުން ދެމީހުންވެސް ފެށީ ހޭށެވެ. އެމީހުން އެހާ ޕްރޮފެޝަނަލްކޮށް އުޅޭ އިރުވެސް އަހަރެން ގޮތެއް ފޮތެއް ނެތި އުޅޭތީއެވެ.
"ނޫނޭ.. ހަމަ އެކަނި ކައިރީގައި އުޅޭ ދެތިން މީހަކު އެނގުނީމަ ރަނގަޅުވާނެ. މިތަނުގަ ހަތް ދުވަސް ވީމަ ކީ ނަމެއް ބޭނުމެއް ނުކުރެވޭނެ.. އެހެންވީމަ މުއާމަލާތެއް ކުރަން ޖެހިއްޖެ ނަމަ ނަންބަރު ބޭނުންކުރާނީ..." އެމީހާ ކިޔައިދިނެވެ. އަހަރެން ބޯ ޖަހާލީމެވެ. ދެން އެއްވެސް މީހަކާ ވާހަކަ ނުދައްކާ ހުންނާނީތާއެވެ. މި ނަންބަރުތައް ދަސްކުރާކަށް އަހަރެންނަކަށް އުމުރު ހުހެއް ނުކުރެވޭނެއެވެ.
އަލްޔަސް ސަލާން ކޮށްލާފައި އެނބުރި އައި ބޯޓަށް ދިޔުމުން އަހަރެމެން ހިނގައިގަތީ ތިރިއަށް ފައިބާށެވެ.
"މަ މީ މި ގްރޫޕްގެ ލީޑަރު. ޒީރޯ ވަން ކިޔާނެ ކަމެއް ނެތް. އައިމަން ސަރ ކިޔާ.." އެމީހާ ހިތްހެޔޮކަމާއި އެކު ބުންޏެވެ. އަހަރެން ބޯޖަހާލަ ޖަހާލަ ހުރީމެވެ.
އަހަރެމެން ގޮސް ވަނީ ކުޑަ ކޮޓަރިއަކަށެވެ. އެއް ފާރު އެއްކޮށް އޮތީ ޒާތެއްގެ ސްކްރީނެކެވެ. އަހަރެން ހަމަ ރަނގަޅަށްވެސް ކޮސްވިއެވެ. އެ ސްކްރީނުގައި އަހަރެންގެ ނެތް މައުލޫމާތެއް ނެތެވެ. އައިޑީކާޑު ކޮޕީއަކުން ފެށިގެން އުޅޭ ގޭންގު ނަމަށްދަންދެން ހުއްޓެވެ. ކުޑަމިނުން އާއިލާގެ ބައިގާ، ރަފީންބެ މެންވެސް މަދުކޮށްލާފައެއް ނެތެވެ. މިމީހުން އަހަރެންނާ ބެހޭ ގޮތުން ހޯދާލާފައި އެބަހުއްޓެވެ. އާދައިގެ ބައެއް ނޫނެވެ.
"މައުލޫމާތެއްގަ މައްސަލައެއް އުޅެނީތަ؟" އިތުރު ދިމާއަކަށް ބެލުމެއްނެތި އެތައް އިރެއް ވަންދެން ސްކްރީނަށް ބަލަން ހުރުމުން އައިމަން ސަރ އެއްސެވެ. އަހަރެން ވަގުތުން ބޯ ހޫރުވާލީމެވެ. އެތަނުގައި އެއްޗެއް ނުބައިވިޔަސް އަހަރެންނަށް އެނގޭނެ ހެނެއް ހިއެއް ނުވެއެވެ.
"ފުރަތަމަ ޝަރުތުތައް އަޑު އަހަމާ.." މޭޒެއްގެ ކައިރީ އިން ގޮނޑިއަށް އިށާރާތް ކޮށްލަމުން އައިމަން ސަރ ބުންޏެވެ. އަހަރެން ގޮސް ގޮނޑީގައި އިށީނީމެވެ. އެ ޝަރުތުތަކަށް ޢަމަލު ކުރެވޭނެހެން އަހަރެންނަށް އެއްގޮތަކަށްވެސް ހިއެއް ނުވެއެވެ.
"ފުރަތަމަ ކަމަކަށް... މިތަނުގެ ހުރިހާ މައުލޫމާތެއް ސިއްރު ކޮށްދެންވާނެ. ވަކި މީހަކަށް ނޫން. މުޅި ދުނިޔެއަށް. މިތަނުގެ މީހަކާއި ވެސް ހަމަ ފެނިގެން މިތަނުގެ ވާހަކަ ދައްކައިގެން ނުވާނެ. ހުއްދަ ދެވޭ މީހުން ތަކަކަށް އެކަނި މިތަނުގެ ކަންކަން ހިއްސާ ކުރެވޭނީ.." ފުރަތަމަ ޝަރުތު އަހަރެންނަށް އުނދަގޫ ކަމެއް ކަމަކަށް ނުފެނުނެވެ. އަހަރެންގެ ހިތް އެކަމަށް ފުދޭވަރަކަށް މޮޅުވާނެއެވެ. އެތައް ސިއްރެއް ރައްކާ ކުރެވިދާނެއެވެ.
"ދެން ކޮން ބަޔަކަށް ކިޔައިދެވެނީ؟" އަހާލީމެވެ.
"ވަރަށް ރަނގަޅު ސުވާލެއް. މަށާއި ގްރޫޕް ދޭއްގެ ލީޑަރާ ދެމީހުން އެދިއްޖެ ކޮންމެ ޙާލަތެއްގަ އެމްއެސްއޭ އާ ގުޅޭ ވާހަކައެއް ދެއްކިދާނެ. މި ބޯޓު ތެރޭގަ އެކަކު އަނެކަކާ، ސިއްރުތައް ނޫން ވާހަކަތައް ދެއްކޭނެ. ދަތުރު ފަތުރު ކޮށްދޭ މީހުނާވެސް. މިބުނާ ސިއްރުތައް ކިޔައިދެވޭނީ، ހަމައެކަނި ޕާޓްނަރަށް.." އައިމަން ސަރ، ޤަވާއިދުތައް ކިޔައިދެމުން ދިޔައެވެ. އަހަރެންގެ ޕަރޓްނަރަކަށް ވާނީ ކާކުބާއެވެ؟
"ބޭރު އެއްވެސް މީހަކާ..." އަހަރެން އަހައަހާ ހުރި ސުވާލު އައިމަން ސަރ ހުއްޓުވިއެވެ.
"ނޫން.. ބައެއް މީހުނާ ކުރެވިދާނެ. ފުރާނަޔާ އެއްވަރަށް އިތުބާރު ކުރާނަމަ. އެކަމަކު މިތަނުގެ ލޮކޭޝަން އެއީ ހަމަ އެކަނި މިތަނުގެ މީހުނަށް އެނގޭނެ އެއްޗެއް. ކިޔައިދެން އުޅޭ މީހަކު އަންގާލަން ވާނެ.." އަހަރެން ވިސްނާލީމެވެ. މިހާރު އަހަރެން ހިމްޔާނަކަށް އިތުބާރެއް ނުކުރަމެވެ. ގޭންގަށް ޖާސޫސް ކުރާއިރު ގޭންގު މީހަކާ ހިއްސާއެއް ނުވެސް ކުރެވޭނެއެވެ.
"ރާއިން.." މަޑުމަޑުން ބުނެލީމެވެ. އަހަރެން އާންމުކޮށް ސިއްރުތައް ކިޔައިދީ ހަދަނީ އަޔާޒަށް ކަމަށްވިޔަސް، ފުރާނަޔާއި އެއްވަރަށް އިތުބާރު ކުރަނީ ރާއިނަށެވެ.
"ނޫން..." އައިމަން ސަރ ވަގުތުން ދެކޮޅު ހެދިއެވެ. އަހަރެން ބަލަން އިނީމެވެ. ރާއިނަށް ނުކިޔައިދެވޭނެ ސަބަބެއް ލިބޭނެ ކަމަށް އުންމީދު ކޮށްގެންނެވެ.
"ގޭންގާ އެއްވެސް ގޮތަކުން ގުޅިފައި ހުރި މީހަކަށް އެއްވެސް އެއްޗެއް އެނގިގެން ނުވާނެ. ރާއިން ތި ގޭންގަށް މަސައްކަތް ކޮށްދޭތާ ހަމަ ގައިމުވެސް ތިން އަހަރު ވެއްޖެ. އެހާ ގިނަ ދުވަސްވީ މީހެއް އެއްވެސް ޙާލެއްގައި ގޭންގަށް ދެރައެއް ދޭކަށް ބޭނުމެއް ނުވާނެ." އައިމަން ސަރ ދެއްކީ އަހަރެންނަށް ޤަބޫލު ކުރެވޭ ފަދަ ވާހަކަތަކެއް ނޫނެވެ. ރާއިން އަހަރެންނަށް ދެރައެއް ނުދޭނެއެވެ. މިމީހުނަށް އަދި އެކަން ނޭނގެނީއެވެ.
"އަޔާޒޯ؟" އުންމިދެއް ނެތަސް އަހާލީމެވެ.
އައިމަން ސަރ ފުން ނަޟަރަކުން ބަލައިލިއެވެ. ވިސްނަނީ ކަންނޭނގެއެވެ. އަޅާނުލާށޭ ބުނަން ވީއޭވެސް ހިތަށް އެރިއެވެ. ނަމަވެސް މަޑުން އިނީއެވެ. ފަހަރުގައި އަޔާޒަކީ ކާކުކަން ނޭނގުނީ ކަމަށްވެސް ވެދާނެ ނޫންހެވެ؟
"އަދި ނުބުނާތި. ދުވަސްކޮޅަކު މިތާ އުޅެލާފަ އިތުބާރު ކުރެވޭހެން ހީވަންޏާ ބުންޏަކަސް ހެޔޮ." ހައިރާންވިއެވެ. ރާއިނަށްވުރެ ބޮޑަށް އަޔާޒަށް އިތުބާރު ކުރަންވީ ހެއްޔެވެ؟ ތި ދުވަހެއް ދުވަހަކުވެސް އަންނާނެހެނެއް ހިޔެއް ނުވެއެވެ. ނަމަވެސް ޖެހޭނީ މިމީހުން ބުނާ ގޮތެއް ހެދިގެން ހުންނާށެވެ.
"ދެވަނަ ޝަރުތު" އިރުކޮޅަކު މަޑުކޮށްލުމަށް ފަހު އައިމަން ސަރ ބުނެލިއެވެ. އަހަރެން އަޑުއަހަން އިނީމެވެ.
"މިތަނަށް ވަނުމަށް ފަހު ނުކުތުމެއް ނޯންނާނެ. އުމުރުދުވަހު އުޅެން ޖެހޭނީ މިތަނުގަ. މި ތާނގަ މި މާނަކުރި އުމުރު ދުވަހަކީ ފަސްދޮޅަސް ފަހެއް.." އައިމަން ސަރގެ ޖުމުލައިން އަހަރެންނަށް ހިންދިރުވާލެވުނެވެ. މިއީ ވާވަރު ކަމެއް ބާއެވެ؟
"ޚިޔާނާތްތެރި ވެއްޖިއްޔާ އަހަރެމެން އެންމެންގެ ސަލާމަތަށް އުމުރުދުވަހުގެ ޖަލު ޙުކުމެއް އަންނާނީ. މި ބުނާ އުމުރު ދުވަހަކީ ހަމަ މަރުބައްޔާވެސް ޖެހެންދެން ގައިދީއަކު ކަމުގައި ވުން." އައިމަން ސަރ އުޅުނީ އަހަރެން ބިރު ގަންދުވަން ބާއޭ ހިތަށްއެރިއެވެ. ނޫނީ އަހަރެން ނުލާހިކު ވަރުގަދައަށް އަމިއްލަ ނަފުސަށް ކުރާ އިތުބާރު ކަނޑުވާލާށެވެ. ކޮންމެއަކަސް ހިތުގައި ސުވާލު އުފެދުނެވެ. އަހަރެންނަށް މިކަން ވެދާނެ ކަމާއި މެދުއެވެ.
ވަގުތު ލިބުނު ނަމަވެސް ގިނަ އިރުތަކެއް ވިސްނަން އިންނާކަށް ނުކެރުނެވެ. ދެ ޝަރުތާވެސް ރުޙި ޤަބޫލުވީމެވެ. ސޮއި ކުރަން ބައިވަރު ލިޔުންތަކެއް ދިނެވެ. އިނގިލީގެ ނިޝާނާއިވެސް އެކު އެކަންވެސް ކޮށްލީމެވެ.
............................
"މިރޭ ޓްރެއިނިން ފަށަން ވާނެ." ތިރީ ބައެއްގައި ހުރި ކޮޓަރިއެއް ދައްކަމުން އައިމަން ސަރ ބުނެލިއެވެ. އަހަރެން ބޯ ޖަހާލާފައި އެތެރެއަށް ވަނީމެވެ. އެއީ އަހަރެންނަށް ވީ ކޮޓަރިއެވެ. ހުރީ ދެ ކޮމްޕިޔުޓަރާއި ޓީވީ ކަހަލަ ސްކްރީން ތަކެއްގެ އިތުރުން ދެ ސޯފާ އަދި މޭޒެކެވެ. ދެ ދޮރު ފެންނަން ހުރުމުން އަހަރެން ގަޔާވި ދޮރުން ވަނީމެވެ. ޝައިހާން ބާއްވާފައި އޮތް ކަހަލަ ކޮޓަރިއެކެވެ. މިތަނަށް ވަނުމަށްފަހު އަހަރެންގެ ކޮޓަރިއެވެ.
ކުޑަ ފްރިޖެއް ހުރުމުން ހުޅުވާލީމެވެ. އޭގެން ނެގި ޖޫސްފުޅި ހުސްކޮށްލުމަށް ފަހު އެނދުގައި ޖައްސާލީމެވެ. އެކޮޓަރި ނުހަނު ހިތް ގައިމެވެ. މަދުވަނީ ހަމަ އެކަނި ސިނގިރޭޓެކެވެ. ވަރުބަލި ކަމެއް ނެތްހެން ހީވުމުން ކޮޓަރި ހާވާލީމެވެ. ހިފާ ގެންގުޅޭ އެއްޗަކަށް އެންމެ ކަމުދާ އެއްޗަކަށް ފެނުނީ ލެޕްޓޮޕެކެވެ. މެކްބުކް ޕްރޯއެކެވެ. އަވަސް އަވަހަށް ހުޅުވާލީމެވެ. އޭގައި ހުރި އެއްޗެއް ބެލުމަށް އޮތް ޝައުގުވެރިކަން އައި ތާކަށް ގޮސްފިއެވެ. ދުވަހުގެ ތާރީޚު ފެނިފައެވެ.
ދެލޯ އުނގުޅާފައިވެސް ބެލިއްޖެއެވެ. ލެޕްޓޮޕް ނިއްވާލާފައިވެސް ބެލިއްޖެއެވެ. ހަމަ އެކެއް މާރޗެވެ. އެކެއް މާރޗް 2020އެވެ. އަހަރެން ވަރަށް ރަނގަޅަށްވެސް އެރޭ ހަނދާން އެބަހުއްޓެވެ. އޮޅިފައި އޮތީކީވެސް ނޫނެވެ. އަހަރެން ޖަމީލާއެކު ޕޮލިސް ސްޓޭޝަނަށް ދިޔައީ ހޯމަ ވިލޭރެއެއްގައެވެ. އެއީ 24 ފެބްރުއަރީއެވެ. ދެން މިހާރު ކުއްލިއަކަށް ހަދުވަސް ކުރިއަށް އާދެވުނީ ކިހިނެއް ހެއްޔެވެ؟
އެ ހާސްކަމުގައި އިންދާ މީހަކު ދޮރުގައި ޓަކި ޖަހާލިއެވެ. ގޮސް ދޮރު ހުޅުވާލީމެވެ. މޫނު ނިވާ ކޮށްފައި ހުރުމުން ކާކު ކަމެއް ނޭނގުނެވެ. ޒުވާން ފުރައިގެ އަންހެން ކުއްޖެކެވެ. މޫނު ފެންނަން ހުރި ނަމަވެސް އެނގޭނެ ހެނެއް ހިއެއް ނުވެއެވެ.
އެކުއްޖާ ދިއްކޮށްލީ ފަތްޖަހާލާފައި އޮތް ކަޅުކުލައިގެ އެއްޗެކެވެ. އަށެއް ޖަހާ އިރަށް ޓްރެއިނިންއަށް ތައްޔާރުވެ، އެ ހެދުން ލުމަށް ބުންޏެވެ. އަދި އައިމަން ސަރ، އަހަރެން ގާތު ރަނގަޅަށް ކައްޗޭ ބުނި ކަމަށްވެއެވެ. އަހަރެން އަހަން އޮތް ސުވާލު އަހާލީމެވެ. ދުވަހުގެ ތާރީޚެވެ. އެކުއްޖާގެ ޖަވާބުވެސް ދެގޮތެއް ނުވިއެވެ. މަރޗް މަސް ފެށުނީއެވެ.
ވިސްނަން އޮވެ އޮވެފައި ފްރިޖުގައި ހުރި ޕުޑިންއެއް ކަހަލަ އެއްޗެއް ނަގާ ކާލީމެވެ. ރަނގަޅަށް ހައިކަން ފިލުވާލުމަށް ފަހު ފެންވަރާލީމެވެ. ފިނިފެން ގަޔަށް އޮހެރެމުން ދިޔަ އިރު ޚިޔާލުތައް ދުނިޔޭގެ އިމުން ބޭރުވެލިއެވެ. ކުރިއަށް އޮތް ދަތުރާއި މެދު ވިސްނާލެވުނެވެ.
.......................
"ކަލޭމެން މަ ކިހާ ދުވަހަކު މިތަނުގަ ހޭނައްތާފަ ބޭއްވިން؟" އައިމަން ސަރ ފެނުމާއި އެކު އަހަރެން ބާރު އަޑަކުން އަހާލިމެވެ. ވިސްނާ ވިސްނާވެސް ބޮލަށް ތެޔޮ އަރައިފިއެވެ.
"އެހާ ގިނަ ދުވަހެއް ނޫން." ލިބުނީ ފަރުވާކުޑަ ނުސީދާ ޖަވާބެކެވެ.
"ކަލޭމެން މަ ހައްޔަރު ކުރީ ފެބްރުއަރީ ސައުވީހުގަ. މިއަދު މީ؟" އަހަރެން އެއްގޮތަކަށްވެސް ވީ ކަމެއް ވީ ކަމަށް ބަލާފައި ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ.
"ދެން.. ތިވަރު ކަމަކާ ހާސް ނުވެބަލަ. އާންމުކޮށް އަހަރެމެން ގައިދީން ހޭނައްތާފަ ދެހަފްތާވަރު ބާއްވަމޭ. ހޭ އެރީމަ ކާންދީފަ އަނެއްކާ ބާއްވަނީ. ތީގަ މައްސަލައެއް ކޮބާތަ؟" ބޮޑު ދަނގަނޑު ދޮރެއް ހުޅުވަމުން އައިމަން ސަރ ބުނެލިއެވެ. މިތަނުގެ ތެރޭގައި އުޅޭއިރު މިއީ ބޯޓެއްގެ ތެރެއޭ ކުޑަކޮށްވެސް ހީނުވެއެވެ.
"ގޭންގް މީހުން ތިބޭނީ ވަރަށް ނައްޓާފަ. ދާއިރަށް މަރާވެސް ލަފާނެ.." އަހަރެން، އަހަރެންގެ އެންމެ ބޮޑު ކަންބޮޑުވުން ހާމަ ކޮށްލީމެވެ.
"އަހަރެމެން ތިހެން ވިޔަކަ ނުދޭނަމޭ. ޤަބޫލުކޮށްބަލަ." އައިމަން ސަރ ބުންޏެވެ. ޤަބޫލުކުރާށޯލައެވެ. އެހެން ގޮތެއްވެސް އޮތީކީ ނޫނެވެ. މީދެން ކިހާ ދެރަކަމެއް ހެއްޔެވެ؟ އަހަރެންގެ އުމުރުން މި މީހުން އެ ބޭކާރު ކޮށްލީ ހަ ދުވަހެވެ.
"ކިހާ ފެންވަރެއް ރިފާޝާ ހުރީ؟" ސުވާލު ކުރެވުނެވެ. އެ ބޮޑު ކޮޓަރީގައި މުޅިންހެންވެސް ހުރީ ކަސްރަތު ކުރާ ސާމާނެވެ. ފެންވަރު ރަނގަޅު ޖިމެކެވެ. ހެލިފެލިވެ އުޅޭނެ އެއްވެސް މީހަކު އެތާކު ނެތެވެ. މުޅި އެތަނުގައިވެސް އަހަރެމެން ދެމީހުންގެ އިތުރުން ހުރީ ބޮޑު ބިޔަ ފިރިހެނެކެވެ. މާ ފަލައެއް ނޫނެވެ. އެހެނަސް މަސްޖަހާ، ހަށިގަނޑު އޮތީ ފުއްޕާލާފައެވެ. ހަމަ ގައިމުވެސް އެމީހާ ހަފޫޓަށްވުރެ ކުރެއް ނުވާނެއެވެ.
"ކިހާ ފެންވަރެއް ބޭނުންވަނީ؟" ކުރީ ރޭ އެއޮއް ކުޑަ ކުޑަ ޝައިހާން ބަލިކޮށްލެވުނު ޙާލު ހިތަށް އަރާފައި އިތުބާރު މުޅިންހެން ގެއްލިގެން ދިޔައެވެ. އެހުރި ބިޔަ ބޮޑު މީހާ، ބަލި ކޮށްލާނީ ކިހިނެއް ހެއްޔެވެ؟ އެމީހާ ކައިރީ އަހަރެންނެކޭ އަތުން ޖަހާ ފޮޅާލަން ޖެހޭ މެއްސެކޭ އެއްވަރެވެ.
"ޖީތްރީ ޓީއާރް ފައިވް.. ފުރަތަމަ މީނަގެ ހުރިހާ ހަމަލާއަކަށް ރެކުން.." އައިމަން ސަރ އެމީހާ ތަޢާރަފްކޮށްދިނުމަށް ފަހު ބުންޏެވެ. މުޅިން ޔަޤީންކަން ނެތަސް ތީ ބޮޑުކަމެއް ނޫނޭ ބުނެ ދާ ޖަހާފައި އޮތް ތަނުގެ ތެރެއަށް ވަނީމެވެ. ރެސްލިން މެޗަކަށް ހިންޏަކާއި އެތެއް އަރާ ތިބި ކަހަލައެވެ.
ރައްދުގައި ހަމަލާ ނުދޭން އަންގާފައި އޮތުމުން އަހަރެން ރެކެމުން ދިޔައިމެވެ. އެހެނެއް ކަމަކު ދޭތެރެއަކުން އަހަރެންގެ އަތް ހިމޭނުން ނުބޭއްވިގެން އެމީހާގެ ގަޔަށް ހަމަލާއެއް އަރައެވެ. ވީ ވަރަކުން އެކަން ބަދަލު ކުރެވޭތޯ އުޅުނީމެވެ. އެއިރު ޝައިހާން ބަލިކޮށްލަން އެހާ އުނދަގޫވީ ބަދަލުގައި ހަމަލާވެސް ދޭން ޖެހުމުންނެވެ. ހަމަ އެކަނި ރެކެން މާ އުނދަގޫ ކަމަކަށް ނުވެސްވިއެވެ. މައްސަލައަކީ ވަގުތެވެ. އެ އަތް އަވަސް މީހާގެ ހަރަކާތްތަކުން ރެކިރެކި އައިމަން ސަރ، އަހަރެން ބައިގަޑިއިރު ތެޅުވިއެވެ. ނިމުނު އިރު މުޅި ހެދުންވެސް އޮތީ ތެމިފޯވެފައެވެ.
"ވަރަށް ރަނގަޅު. ތީ ކޮންތާކުން އައިސް އުޅޭ މީހެއް. އަދި މީގެ ކުރިން އެކަކުވެސް އެއް ފަހަރުން މި ޓާސްކް ނިންމާފައެއް ނެތް. އަނެއްކޮޅުން އަންހެން ކުއްޖާ ގަނޑެއް.." ޓްރެއިނަރ ފުރަތަމަ ފަހަރަށް ވާހަކަ ދެއްކިއެވެ. އެސޮރުގެ މޫނު މަތިން ހައިރާންކަން ފިޔަވާ އިތުރު ކަމެއް ނުފެނެއެވެ. ބަލިކޮށް ނުލެވުނީމާ ކަޑަވީ ކަންނޭނގެއެއެވެ.
.........................
ރޮއުނީމެވެ. އާދޭސް ކުރީމެވެ. އިފްރީންމެން ރުޅިއަންނާނެ ވަރު ހިތަށް އަރުވާލާފައެވެ. އެދުނީމެވެ. ފޮނުވުމަށެވެ. ނަމަވެސް އެއްވެސް ޙާލެއްގައި އެމީހުން ތިބީ އެއްބަސް ވާ ކަހަލަ ގޮތަކަށް ނޫނެވެ.
ދެން ވޭތުވި ހަފްތާގައި ކޮންމެ ދުވަހަކު ތިން އިރު ޓްރެއިނިންއަށް ދާން ޖެހުނެވެ. ހުރިހާ ކަމެއް އެންމެ ގާތުން އައިމަން ސަރ، ބަލަމުން އައެވެ. ތަފާތު އެތައް ގޮތަކުން ޓްރެއިނިން ލިބުނެވެ. ތަފާތު އެކި ޓްރެއިނަރުންގެ ފަރާތުންނެވެ. ބުނެވުނު ގޮތުގައި މުޅި އެތަނުގައިވެސް އަހަރެން ވަރުގެ ވަޅީގެ ހަރަކާތް ތަކަށް މޮޅު މީހަކު ނެތެވެ. އަދި ހަމަ ބަޑި ޖަހަން ދަށް މީހަކުވެސް ނެތް ކަންނޭނގެއެވެ. އެންމެ ބޮޑަށް ފަރިތަ ކުރަން ޖެހުނީވެސް އެކަމެވެ. އަޑަށް ހޭނެންވެސް އެތައް ވަގުތެއް ނެގިއެވެ. ފުރަތަމަ ކޮޅު ހީވީ ހަމަ ކަންފަތް ބައްވެދާނެ ހެންނެވެ. ތޫރި ފަޅައިގެން ގޮސްފާނެ ހެންނެވެ. ނަމަވެސް ހަފްތާއެއް ވީ އިރު އަހަރެންނަނީ ހަމަ 'ޕްރޯ'އެކެވެ.
"ނުއެއް ނުކުމެވޭނެ.. އެކަމަކު ޗުއްޓީ ލިބޭނެ. ބޭރަށް ކިޔަވަން ދާނަމަ، ނޫނީ ބޭސްފަރުވާ އެއް ކުރަން ޖެހިއްޖެ ނަމަ. އެކަހަލަ ހުރިހާ ކަމަކަށް ޗުއްޓީ ލިބޭނެ. މަސައްކަތެއް ނެތިއްޔާ ކޮންމެހެން މިތަނަށް އަންނާކަށްވެސް ނުޖެހޭނެ." ޓްރެއިނިންގައި އުޅުނު އިރު އެކި އެކި ކަންކަން ސާފު ކޮށްދެމުން ދިޔައެވެ.
ޝައިހާނާ އެކު ކުޑަ އޮފީހަކަށް ގެންދެވުނެވެ. އެދުވަހު ގޭންގާ ބެހޭ ގޮތުން އެތައް ސުވާލެއް ކުރެވުނެވެ. އަހަރެން ތެދަށް ޖަވާބު ދިނީމެވެ. ޝައިހާނާއި އެމީހުން ގްރޫޕް އެކަކުން ފޮނުވައިގެން އުޅޭ 'އަށެއް' ހޯދާފައި ހުރި މައުލޫމާތުތައް އަހަރެންނަށްވެސް ދިނެވެ. އެކި މީހުނަށް އެނގެނީ އެކި ވަރަށެވެ. އެންމެންނަށްވެސް އެނގޭ އަދި ނޭނގޭ އެކައްޗެއް އޮތެވެ. ގޭންގުގެ ލީޑަރަކީ އޭޒެޑް ކަމާއި އެއީ ކާކު ކަމެވެ.
.....................
"ސޮއި ކޮށްލާ.." ނިދާ ކޮޓަރީގެ ބޭރުގައި އޮންނަ ކޮޓަރީގެ ބައިގައި، ގޭންގާއި ބެހޭ މައުލޫމާތު ބަލަން އޮއްވާ އައިމަން ސަރ އައިސް ބުނެލިއެވެ. އެއީ އަހަރެން އެތަނަށް ގެނައިތާ ތިންވަނަ ހަފްތާއެވެ. ބައިމަސްވެ ދިޔައީއެވެ.
ސޮއި ކޮށްލާފައި ކޯޗެއްތޯ އެހުމުން މުސާރަ ކަމަށް ބުންޏެވެ. އަހަރެންނަށް ލިބުނީ ހައިރާން ކަމެވެ. ކުރިން މިމީހުން މުސާރަ ދޭކަމެއް ނުދެނަ ހުރީމެވެ.
"ހިއްސާ.. ދުނިޔޭގެ މަޝްހޫރު ބޮޑެތި ކުންފުނި ތަކުން. ރިފާޝާ ނަމުގަ އޮތަސް މި ބަލަހައްޓާނީ އެމްވީ ޒީރޯ ވަން އިން. ގެއްލުންތައް އެމީހުން ކަވަރު ކޮށްފަ ފައިދާގެ ގޮތުގައި ފަންސަވީސް ހާސް ކޮންމެ މަހަކުވެސް ޖަމާވާނެ. ދެން ހޯދާ ކާމިޔާބީ ތަކަށް ބޯނަސް ލިބޭނެ." އައިމަން ސަރ ތަފްސީލު ކޮށްދިނެވެ. އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ ބޯ ޖަހާލަ ޖަހާލަ އިނުމެވެ.
އެހޭދަވި ދުވަސްތަކުގައި އަހަރެންގެ އުޅުމަށް ވަރަށް ބޮޑެތި ބަދަލު ތަކެއް އައެވެ. ހިމްޔާނާއި އެކު އުޅެއުޅެ އޭނަގެ ވައްޓަފާޅިއަށް އޮތް ބަސްމަގު މުޅިން ބަދަލުވެގެން ދިޔައެވެ. ވިސްނުމާއި ސުލޫކުވެސްމެއެވެ. ކުރިއަށްވުރެ ބޮޑަށް ހިމްޔާންމެން މަތިން ފޫހިވިއެވެ. އެމީހުނަށް އޮތް ކުލުނު މުޅިން ނެތިގޮސް، މި އެމްއެސްއޭއަށް ޤަދަރު ކުރެވިއްޖެއެވެ. ނޭންގުމެއްގެ ތެރޭގައެވެ. އެންމެ ބޮޑަށް ބަދަލުވީ އަޚުލާޤެވެ. އަލުން ނަމާދު ކުރަން ފެށީމެވެ. ނަމަވެސް އެއްކަމެއް ހަނދާން ކުރީމެވެ. އެބުރި ގޮސް، އެއްވެސް ތަފާތެއް ބޭރުފުށުން ދައްކައިގެން ނުވާނެއެވެ.
އެމީހުން ލާ ކަހަލަ ހުޑީ އަދި ހަތިޔާރު ލިބުނެވެ. އެކި ސައިޒުގެ ވަޅި އާއި ބިޑިއެވެ. ކެމެރާއާއި ރިކޯޑަރުގެ އިތުރު ބަޑިއެކެވެ.
އެކުގައި މަސައްކަތް ކުރާނެ މީހަކު ޚިޔާރު ކުރަންވެސް ލިބުނެވެ. ފަންސަވީހުން މަތީގެ ހަތަރު ފިރިހެނަކާއި ތިރީހުގެ އަންހެނެކެވެ. އަހަރެން އެއްގޮތަކަށްވެސް އެއިން މީހަކާ އެކު މަސައްކަތް ކުރާކަށް ބޭނުމެއް ނުވިއެވެ. ހުރި ހުނަރަށްވެސް ބަލާފައި އައިމަން ސަރ އަހަރެން ބޭނުންވި ގޮތަށް ބައިވެރިޔަކާއި ނުލައި އެކަނި ދޫކޮށްލިއެވެ.
އެމީހުން ބޭނުން ކުރާ ކަހަލަ ކޯޑްނަމެއް ލިބުނެވެ. 'އެމްވީ ޒީރޯ ޓޫ ޖީތްރީ 27' އެވެ. އެމްވީ ޒީރޯ ޓޫގެ ތިން ބައިންވެސް އަހަރެމެންގެ ގޭންގަށް ޖާސޫސުން ހަމަ ވީއެވެ. ފަށަން އުޅެނީ އާ ޕްރޮޖެކްޓެކެވެ. އަހަރެމެން ތިން މީހުން ހިމަނައިގެން މީޓިންތަކެއްވެސް ބެއްވުނެވެ. ތިބީ މޫނު ނިވާކޮށްގެންނެވެ. ޝައިހާނާއި އަހަރެންނަށް ދެމީހުން ދެމީހުން އެނގެއެވެ. ނަމަވެސް ދެން ހުރި އަށެއް އަހަރެމެންނާ މާ ގާތްކޮށް ވާހަކަ ދައްކައެއް ނޫޅެއެވެ. ވަރަށް ސީރިއަސް މީހެކެވެ.
......................
"ތައްޔާރު؟" ވައިތެރޭ އޮތް ހެލިކޮޕްޓަރަށް އަރަން ވައްޓާލާފައި އޮތް ގޮށްޖެހި ވާގަނޑުގައި ހިފުމުން، އައިމަން ސަރ އަހާލިއެވެ. އަހަރެން ފުން ނޭވާއެއް ލަމުން ބޯ ޖަހާލީމެވެ. ކުރަން ފޮނުވާ މަސައްކަތް ކުރާނަމޭ ބުނަމުންނެވެ. އައިމަން ސަރ ވެސް ހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ. އަހަރެންނާއި މެދު ފޮނި އުންމީދު ތަކެއް ކުރެއެވެ. މި ރާއްޖޭގައިވާ ބޮޑެތި ސިއްރުތައް ހޯދައި، ޙަޤީގަތުގައިވެސް އަމަން އަމާން ތަނަކަށް މިތަން ހެދޭނެ ދުވަހެއް ދުށުމަށް އިންތިޒާރު ކުރެއެވެ.
ހެލިކޮޕްޓަރ މަޑުކޮށްލީ، ކަނޑު މެދުގައި އޮތް ލޯންޗާއި ދިމާ ތިރީހަކަށް ފޫޓު މަތީގައެވެ. ވާގަނޑު ވައްޓާލަމުން އަހަރެން ފަރިތަކަމާއި އެކު ފޭބީމެވެ. އެތެރޭގައި އެކަކުވެސް ނެތެވެ. ހެލިކޮޕްޓަރުވެސް ލަސްތަކެއް ނުކޮށް އެނބުރި ދިއުމަށް ނައްޓާލިއެވެ. ހޭދަކުރެވުނު މަސް ދުވަހުގެ ތެރޭގައި ކަނޑުތައްވެސް ވާނީ ވަރަށް ބޮޑަށް ދަސްކޮށްފައެވެ. ރާއްޖޭގެ ކޮންމެ ހިސާބަކަށް ދޫކޮށްލި ނަމަވެސް ސަމުގާއެއް އޮތްހާ ހިނދަކު ސީދާ މާލެ އަދި އެމްއެސްއޭގެ ސަފާރީތައް ހުންނަ ތަންތަނަށް ދެވޭ ވަރަށެވެ.
އާދައިގެ ސްޕީޑެއްގައި ލޯންޗް ދުއްވަމުން ގޮސް މާލޭގެ މަލަމަތި ބަލައިލީމެވެ. ޒަމާންތަކަކަށް ފަހު ފެނުމުން ހިތު ވިންދުވެސް އަވަސްވެލިއެވެ.

  1. Avatar

    އަޅޭ ދެންވާނެ ގޮތެއް ބަލަބަލާ އިންދަ އެނިމުނީ. އަނެއްބައި ކިޔާ ހިތުން ކެތެއް ނުވާނެ. އަވަހަށް އަޕް ކޮށްދީބަލަ

    11
  2. Avatar

    Hi monsta…. Kihineii haalu???? Mi story varah reethi….Ekam varah dheravey maazin noolheythee…. Hama naainsaaf continue eh nukuraanantha dhen???? And congrats…. Ummeedhukuran ingeyne kamah congrats kee sababu!!!!

    2
    2

ޚިޔާލު ފޮނުއްވާ