Views: 3702 62

ހިތުގައި ބޮޑު އުދާހެއް ބާއްވައިގެން އުޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މަޑުން ނީނދެވިގެން ހިނގައިގަތީމެވެ. ރާ ފުޅިއެއް ހޯދާށެވެ. ނަސީބަކުން ވަރަށް ފަސޭހައިން ހުސްކޮށްލާފައި، އެއްލައިލާފައި އޮތް ފުޅިއެއް އަތުޖެހުނެވެ. ފުލުގައި އެތިކޮޅެއް ހުއްޓެވެ.
ފުޅި އަތަށް ނެގީމެވެ. އަދި މަޑުމަޑުން ފޫ ހިއްލައިލާ، ހުރި އެތިފޮދު އަތަށް އަޅާލީމެވެ. ދޮރު ހުޅުވާލި މީހަކު ފެނުނީ އެވަގުތެވެ.
އެއްފަހަރު އަތަށް އަނެއް ފަހަރު ސޯފާއިން ތެދުވެ ނިކުންނަން ދިޔަ އެމީހާއަށް ބަލައިލީމެވެ. ހައިރާން ވިއެވެ. ކުރިން މަޑު ފިޔާތޮށި ކުލައިގައި ކުރި ނިޔަފަތިތައް، މިހާރު އެހުރީ ގަދަ ކަޅު ކުލަ އަރަން ފަށާފައެވެ. އޭގެ މާނައަކީ، ކޮންމެވެސް ސަބަބަކާއި ހުރެ އެމީހާ އެ ގެންގުޅުނީ ނޮން އަލްކަހޯލިކް އެއްޗެކޭއެވެ. ކީތްވެބާއެވެ؟
ބަލާކަށް ނުހުރެ ހިނގައިގަތީމެވެ. އެމީހާ ފަހަތުންނެވެ. އަހަރެންގެ މުޅި ޝައުގުވެރިކަން އެމީހާ އަތުލައިފިއެވެ.
އަހަރެން އުޅުނީ ވަރަށް ސިއްރުންނެވެ. އެމީހާވެސް ސިއްރުވެރި ގޮތެއް ހުރި އިރު، އެނގިއްޔާ ޠާހިރެއް ނުވާނެއެވެ.
އެމީހާ، ގެއަކަށް ވަދެ، ލިފްޓަށް އެރުމުން، އަހަރެން ދުއްވައިގަތީމެވެ. ސިޑިން އަރާށެވެ. ތިން ވަނަ ފްލޯއަށް ދެވުމުން، އަހަރެން އުންމީދު ކަނޑާލީމެވެ. އެމީހާ ގެއްލުނީ ކަމަށެވެ. އެހެން ހުރެވެސް ފަސްވަނަ ފްލޯއަށް އެރުނުކަން ނަސީބެވެ.
ދޮރު ހުޅުވާފައި އެމީހާ އެތެރެއަށް ވަނެވެ. ފަސްވަރަކަށް މިނިޓު މަޑުކޮށްލާފައި އަހަރެން، ތަޅު ހުޅުވާ ސާމާނު ނެގީމެވެ. އަދި ވީހާވެސް މަޑުމަޑުން މަސައްކަތް ކުރިއަށް ގެންދިޔައީމެވެ. ކޮށްކޮށް ބާވެފައި ވާ މަސައްކަތެއް ކަމުން މާ އުނދަގުލެއް ނުވިއެވެ.
އެތެރެއަށް ވަނީވެސް އަތަށް ވަޅި ހެޔޮވަރުކޮށްލައިގެންނެވެ. ލިބިދާނެ ހަމަލާއަކަށް ސަމާލުވެގެންނެވެ. ފުރަތަމަ އެއްލި ކަޅިން އެމީހާއެއް ނުފެނުނެވެ. ނަމަވެސް ކަމެއް ފާހަގަ ވިއެވެ. އެ ތަން، އަހަރެން ކުރިން ދެކިފައިވާ ތަނަކާ ވަރަށް ވައްތަރެވެ. ފިލްމަކުން ނޫނީ ހުވަފެނަކުން ފެނިފައި އޮތީހެއްޔެވެ؟ ހަނދާންކޮށްލަމުން އިތުރަށް ބަލައިލީމެވެ.
"ކާކު؟" ފްރިޖު ކައިރީ ފެންފުޅިއެއް ހިފައިގެން ހުރި އެމީހާ، އަހަރެންނަށް ފެނުނީ މަތިން ބައިން ޖެހިގެން އޭނަ ވާހަކަ ދެއްކުމުންނެވެ. މިގެ ފެނުނީ ކޮންތާކުން ކަންވެސް ހަނދާނަށް އައީ އެވަގުތެވެ.
"ކަލޭ؟" އެމީހާއަށް އަހަރެން ފާހަގަވީއެވެ. އަދި ސީދާ އަހަރެންނާއި ދިމާލަށް އައެވެ. އަހަރެންނަށް ހުރެވުނީ ވިސްނާށެވެ. އަޔާޒްމެން ގޭގައި އުޅޭ މީހާޔާ މީނަގެ ގެ އެއްގޮތަކަށް މިހުރީ ކީތްވެ ހެއްޔެވެ؟ ފަރުނީޗަރާއި، ތަރުތީބުވެސް ހަމަ ތަފާތެއް ނެތެވެ.
ފުރަތަމަ ހަރަކާތް އެމިހާ ގެނައުމުން އަހަރެންވެސް މަޑުން ހުންނާކަށް ނުހަދަމެވެ. ރެކިފައި ރައްދު ދިނީމެވެ. ނަފްސަށް ވަރަށް އިތުބާރުކޮށްގެންނެވެ. ނަމަވެސް އެ މީހާ އަހަރެން ހީކުރި ކަހަލައެއް ނޫނެވެ. ހަރަކާތްތައް ވަރަށް އަވަސްވެފައި ހިފާއްޓާލަން އުނދަގުލެވެ. އަހަރެން ބަލިވާން ދިޔަވެސް އެއީ ފުރަތަމަ ފަހަރެވެ. އެހަރެން ވަޅިން ހަމަލާދެމުން ދިޔައިރު، އެމީހާ ހުސްއަތާވެސް އަހަރެންގެ ގައިން ލޭ ހިލުވާލިއެވެ.
ބަލިވާނެހެން ހީވާން ފެށުމުން، އަހަރެން ވިސްނަން ފެށީމެވެ. ޔަޤީން ކަމެއް ނެތި ފޮތް ހަރުގަނޑާއި ގާތްވެލީމެވެ. އެމީހާއަށް ހަމަލާއެއް ދެވުމުގެ ކުރިން އެތަން ހާވާލީމެވެ. ބިޑި އޮތްތޯއެވެ. ހައިރާންކަން ދެގުނައަށް ބޮޑުވިއެވެ. ހަމަ އެތަނުގައި، ކުރިންވެސް ފެނުނު ކަހަލަ ބިޑިއެކެވެ. މިއުޅެނީ ހަމަ ހުވަފެނެއްގައި ނޫންބާއެވެ؟
ކުއްލި ހަރަކާތައި އެކު އެއް އަތުގައި ބިޑި އަޅުވާލީމެވެ. އެއަށް އެމީހާ، ހައިރާންވެ ހުރެ ބަލައިލި ވަގުތު، ހުޝިޔާރުވެ ހުރެ އަތް ފަހަތަށް އަނބުރާލާފައި، ދެވަނަ އަތުގައިވެސް ބިޑި އެޅުވީމެވެ. ދެން އިތުރަށް އަތަކުން ހަމަލައެއް ނުދެވޭނެއެވެ. އެކި ގޮތްގޮތުން ދެންވެސް އޭނަ ދެމުން އައި ހަމަލާތަކަށް ކެތް ކުރަމުން، ވަރަށް ޙާލުން ހޭނައްތާލެވޭ ވަރުވިއެވެ. އެއިރު އަހަރެންނަށް ކޮޅަށް ހުރެވެނީވެސް ކިރިޔަ ކިރިޔަ ކިރިޔާއެވެ. ބޮޑު ފަލަ ފިރިހެނަކާއި ބައިގަޑިއިރު ތަޅާ ފޮޅުމުން އެވަރު ނުވާންވީ ސަބަބެއްވެސް ނެތެއް ނޫންހެވެ. ކިތަންމެ ތަޖުރިބާއެއް ހުއްޓަސް އަހަރެން ވާނީ ހަމަ އަންހެނަކަށެވެ.
އެމީހާ ހޭ އެރުމުގެ ކުރިން ގޮނޑިއެއްގައި ރަނގަޅަށް ބަނދެލީމެވެ. ވަރަށް ހާލުންނެވެ. ޖޫސް ފުޅިތަކެއް ފެނިގެން އެ ބޮއިލާ ހަށިގަނޑުގައި ވަރު ޖައްސާލީމެވެ. ކުރިންފަހަރުވެސް ކޮޓަރިއަށް ނުވަންނާތީ އަހަރެން އެމީހާގެ ކޮޓަރި ހާވާލީމެވެ. ފާހަގަ ވާ ވަރުގެ އެއްޗަކަށް ފެނުނީ ފާޑެއްގެ ޓެބްލެޓްގަނޑެކެވެ. އޭގެ ފަހަތުގައި ބްރޭންޑެއްގެ ނަމުގެ ބަދަލުގައި ފާޑެއްގެ ލޯގޯއެއް އިނުމުންނެވެ.
......................
"އޭ... ހޭ އެރީދޯ.." އެމިހާ ލޯ ހުޅުވާލުމުން އަހަރެން ދެފަހަރު އެމީހާގެ މޫނުމަތީ ޖަހާވެސް ލީމެވެ. އިހުސާސެއްވެސް ނުހުންނަ މީހެއްހެން އެމީހާ ބަލަން އިނެވެ. އަހަރެންގެ އަތުގައި އޮތް ފިސްތޯލު ފެނިވެސް ބިރެއްވެސް ނުގަތެވެ.
"ކޮން ނަމެއް ކިޔަނީ؟" އަހާލީމެވެ. އެމީހާ މަޑުމަޑުން ހިނިތުންވެލިއެވެ. އަހަރެން ރުޅިނޭރުވިގެން ކަންނޭނގެއެވެ.
"އެމްވީ ޒީރޯ ޓޫ ޖީ ޓޫ ސިކްސްޓީ ޓޫ.." އެމީހާ އެހެން ހިނިތުންވެ ހުރެ އެއްޗެހި ތަކެއް ކިޔެވެ. ފަންޑިތަ ކިޔަވަނީ ތޯޗެކެވެ. ނަން އެހުމުން ކިޔަން ދެން އެއީ ކޯޗެއް ހެއްޔެވެ؟
"ބަލަ މަ އެހީ ނަމޭ!" ކޯތާފަތް މައްޗަށް އަތުންގެ ހޫނު ހަމަލާއެއް އަރުވާލަމުން ބުނެލީމެވެ. ދަންވަރު އެކެއް ޖަހަނީއެވެ. އެމީހާ ކިޔާހާ އަކުރުތަކަކާއި ނަންބަރު ތަކެއް އަޑުއަހާކަށް ނުހުރެވޭނެއެވެ.
"ދެންމެ ނޫންތަ މިބުނީ!" އެމީހާ ބުނެލިއެވެ. އަހަރެން ދެބުމަ ގޮށްޖަހާލީމެވެ. ފާޑެއްގެ ފޯރމިއުލާގަނޑެއް ކިޔާފައި އަދި ނަމޭ ބުނެފި ނޫންހެވެ. ބަޑި ބޮލުގައި ނުޖައްސަނީސް ތެދު އެއްޗެއް ނުބުނާނެއެވެ.
"ކަލޭ ނަމަކާ މަށަކާ ކީތް؟ އެކަމަކު ކިޔައިދީބަލަ. ކަލޭ ކީތްވެ ނޮން އަލްކަހޯލިކް ބިއަރ ބޮނީ؟" އަހަރެން އޮޅުން ފިވަން ޖެހޭ ފުރަތަމަ ސުވާލު ކޮށްލީމެވެ. މާ ބޮޑަށް ނޫނަސް އެމީހާގެ މޫނުމަތީގެ ކުލަ ތަފާތުވެލިއެވެ.
"ކިހިނެއް އެނގުން އެއްޗެއްބާ؟" އަދިވެސް އެމީހާގެ މޫނުމަތިން ބިރުވެރިކަމެއް އަދި ހާސްވުމުގެ އަސަރެއް ނުފެނެއެވެ.
"މަށަކީ އާދައިގެ މީހެއް ނޫނޭ.." ފޮނިވެލާފައި ބުނެލީމެވެ. އެމީހާ ޖަހާލީ މަޑު ހިނިގަނޑެކެވެ.
"ތިކަން އެނގެޔޭ. މަ ތަޅާ ބާލައިލެވޭނީ ވަރަށް ފެންވަރު ހުރީމަ." އެމީހާ ބުނެލިއެވެ. ތައުރީފެއް ހެއްޔެވެ؟ ހާދަ ރަނގަޅު މީހެކެވެ.
"އެހެންވީމަ ކަލޭގެ ފުރާނަ ނުދަނީސް އަވަހަށް ކިޔައިދީ މީގެ ޕާސްވޯޑް" ބަޑި ނަގާ ބޮލުގައި ޖައްސާލަމުން ބުނެލީމެވެ. އެމީހާ އަނެއްކާވެސް ހިނިގަނޑެއް ޖަހާލިއެވެ. ބިރުގެ ކަންފުޅެއްވެސް ނެތީއެވެ.
"މަރާނުލައިގެންތަ ތި އުޅެނީ؟ ކަލޭ ކަހަލަ މަކަރު ހަދާ، ތާކުން ތާކު ނުޖެހޭ ގޮލައެއް މަރާލައިގެން އިފްޝޮޓްވެސް ރުޅިއެއް ނާންނާނެ.." އެމީހާ ވާހަކަ ދައްކާތޯ، ވަޅިން ގައިގެ ބައެއް ތަންތާ އަޅާލީމެވެ.
"ކަލެއަކަށް ނުއެއް ކެރޭނެ އެކަމަކު މަ މަރާލާކަށް.." އެމީހާ ވަރަށް ހެވިފައި ބުންޏެވެ. އަހަރެންވެސް ހިނިގަނޑެއް ޖެހީމެވެ. އެމީހާ ހީކުރަނީ އަހަރެންނަށް ނުކެރޭނެ ކަމަށް ހެއްޔެވެ؟ ފިސްތޯލު ރީލޯޑް ކޮށްލީމެވެ.
"ކެރެންޏާ މަރާލަބަލަ! މަށަށް ފެނުނު ވިއްޔަ ކަލޭ ކައިރީ ހައިޝަމް މަރާލަން ބުނި ދުވަހު ބިރު ގަތް ވަރު. ދުވަހަކު ނުކުރާކަމެއް ކަލެއަށް ކިހިނެއް ކުރަން ކެރޭނީ؟" އެމީހާ މޫނުމަތިން ހިނިތުންވުން އޮއްސޭ ގޮތެއް ނުވިއެވެ. އަހަރެންގެ ގާތަށް އިތުރަށް ރުޅި އަންނަމުން ދިޔައެވެ. މިހިރަ ފެންނަ އިންސާނާ އާއި އޭނާގެ ގަޓެވެ. އެ ހަދަނީ ދޮގެއްވެސް ނޫނެވެ. އަހަރެންނަށް މީހަކު މަރާލާކަށް ނުކެރޭނެއެވެ.
"ކަލޭ އެ ދުވަހު އެތާކު ނެތް. ދެން ކިހިނެއް އެނގުނީ؟" އަހަރެން ސުވާލު ކުރީމެވެ. އެރޭ އުޅުނު އެންމެން އަހަރެންގެ ހަނދާނަކު ނެތެވެ. ނަމަވެސް މިމީހާ ނެތްކަން ޔަޤީނެވެ.
"ނުދެކެންތަ ކެމެރާއެއް؟" އެމީހާ ކޮށްލީ ސުވާލެކެވެ. ވަގުތުން އަހަރެންގެ ހަރަކާތްތަކަށް ހުއްޓުން އައެވެ. ހުރިހާ ކޮޓަރިއެއްގައި އެއްކަލަ ކަހަލަ ކެމެރާ ހުރެފާނެއެވެ. އިފްޝޮޓް އޮފީހުގައި ހުންނަ އިރު އެ ތަނުގައިވެސް ނުހުރެ ނުދާނެއެވެ. އެކަމަކު މީނަޔަށް އެނގުނީ ކިހިނެއް ހެއްޔެވެ؟
"ކަލޭ ދޯ ގޭންގު ކޮޓަރި ތަކުގަ ކެމެރާޔާ ރިކޯޑަރާ ހަރު ކުރަނީ.." އައި ރުޅީގައި އަހަރެން އަތުގައި އޮތް ވަޅި ހަރާލީމެވެ. އޭނަގެ މުލައްދަނޑިއަށެވެ. ވަޅި ނައްޓުވާލުމާއި އެކު ބޮކިބޮކި ޖަހަމުން ލޭތައް އޮހޮރިގަތެވެ. ވަރަށް ތަދުވާނެކަން ޔަޤީނެވެ. ނަމަވެސް އެކަންވެސް އެމީހާގެ މޫނުމަތިންނެއް ނުފެނެއެވެ.
މީނަ މީ ތާނިމް ކަހަލަ މީހެއް ހެއްޔެވެ؟ އަހަރެންގެ ގޭންގަށް ފާރަލާ ޖާސޫސެއް ހެއްޔެވެ؟ މިކަން މިއޮތް ހާ ދުވަހު އިފްޝޮޓްމެނަށް ނޭނގި ހުރެދާނެ ހެއްޔެވެ؟ އެ އުޅުނީ އަހަރެންގެ ގޭންގްގެ ކަންކަން ފަޅާ އަރުވަން ހެއްޔެވެ؟ މީނަގެ ހުރި ނުބައިކަން ދެކި ބަލާށެވެ.
"އާނ.. ދެކުނީމޭ ކަލޭ ކެމެރާ ކުރިމަތީ ޖެއްސިހާ ވައްތަރެއްވެސް. ހިންޏާ ބިނދުނު ހަމަ އެ ބަލާފަ.. އަދި މަ ދުވަހަކުވެސް ކަލެއަށް ދޮގެއް ހެދުނު ހަނދާނެއް ނުވެޔޭ. އެކަމަކު ކަލެއެއްނު ކެމެރާ ކުރިމަތީ މަގޭ ބޮލުގަ ދޮގު ހެދިކަމުގެ އިލްޒާމް އަޅުވާލީ.." އެމީހާގެ ހުނުމަކަށް ބަދަލެއް ނައެވެ. މިމީހާއަށް އަހަރެން ވަރަށް ރަނގަޅަށްވެސް އެނގެނީއެވެ.
"ތެދެއް. މަށަކަށް ކައެ މަރާލާކަށް ނުކެރޭނެ. އެކަމަކު މަގޭ ތިބޭނެ ވަރުގަދަ ރަށްޓެހިން. އެއިން މީހަކު ކައިރީ ބުނެލުން އޮންނާނީ. އަލްޔަސް މަރާލާނެ!" އަހަރެން ބުނި ޖުމުލައިން އެމީހާގެ މޫނު އެއްކޮށް ބަދަލުވިއެވެ. އެހެންވީމާ މިއީ އިއްތިފާގެއް ނޫންތާއެވެ. ހަމަ މީނަޔާ އަލްޔަސްގެ ވަރަށް ބޮޑު ގުޅުމެއް ވަނީއެވެ.
"ކަލެއަށް ކިހިނެއް އެނގުނީ؟" އެމީހާ ހާސްވެ ހުރެ އަހާލިއެވެ. އެކުވެރިޔާގެ ފުރާނަ ގެއްލުމެއްގެ ތެރޭ އޮތީތީއެވެ. އަހަރެން ކާމިޔާބުގެ ހިނިތުންވެއް ދިނީމެވެ.
"ބުނީމެއްނު މަ މީ އާދައިގެ މީހެއް ނޫނޭ. ކަލޭ މީގެ ޕާސްވޯޑް ނުކިޔައިދިނަސް ވެސް މި މަށަށް ހުޅުވެންވެސް ހުޅުވޭނެ." އެންމެ ފަހަރަކު މަސައްކަތް ކޮށްލައިގެން ހުޅުވުނު ސްކްރީން ދައްކާލަމުން އަހަރެން ބުނެލީމެވެ. އެމީހާ ހާސްވެގެން ގޮސް ދާވެސް ހިތްލަމުން ދިޔައެވެ. އެމީހާ ނަމޭ ކިޔާފައި ކިޔައިދިނީވެސް ޕާސްވޯޑެވެ. ގަމާރު ބޮލެއް ހުރި މޮޔައެކެވެ.
"ޕޮލިހެއް ނޫން. އަސްލު ގޭންގު ބައެއްވެސް ނޫން. ބަޑިއާ ބިޑިއާ ގެންގުޅޭ. ކަލޭމެން ތީ ކޮން ބައެއް؟" ސުވާލުކޮށްލީމެވެ. އެޓެބްލެޓްގަނޑު ހާވާލަމުންނެވެ. 'ފުޓޭޖެސް' ޖަހާފައި އިން އެޕެއް ހުޅުވާލީމެވެ. ސްކްރީނަށް އެރީ ފާޑެއްގެ ކޯޑްތަކެކެވެ. ބައިވަރެއް ހުއްޓެވެ. ވިސްނާލުމުން އެއީ ކޯޗެއްކަން އެނގުނެވެ.
ރިކޯޑަރުން ފެނުނު ނަންބަރު ކަހަލަ ނަންބަރު ތަކެވެ. 'ސީބީ 25' އަށްފަހު އެކަކު ދުއިސައްތައާއި ހިސާބަށް ނަންބަރު ހުއްޓެވެ. އަހަރެން ހުޅުވާލީ ހަތެކެވެ. އަހަރެންނަށް ރޫޅާލި އެއްޗެވެ.
އެއްވެސް އަޑެއް ނީވެއެވެ. ނަމަވެސް ކެމެރާއިން އަހަރެން ލިޔުނު ގަނޑު ފެނެއެވެ. ރިކޯޑަރާ ކެމެރާއާ މިމީހުން ކަނެއްކްޓް ކޮށްފައި ހުރީތާއެވެ.
އެމީހާއަށް ބަލައިލުމަށްފަހު އަހަރެން ހިނގައިގަތީމެވެ. ބެލްކަންޏަށެވެ. އަދި 'ސީބީ 25، 10، ހުޅުވާލީމެވެ. އިފްރީން ކޮޓަރީގައި އިން ރިކޯޑަރުގައި އިން ނަންބަރެވެ.
...................
"އިފްރީން ޕްލީސް. އޭނަ އެހެން ރުޅި އައިއްސަ އުޅުނަކަސް، އޭނަގެ ފަރާތުން ހާދަ ފައިދާއެއް ކުރާނޭ. ތިހެން ހަދާކަށް ނުވާނެ." ވާހަކަ ދައްކަމުން ދިޔައީ ހިމްޔާނެވެ. ފަރުވާތެރިވެ އަހަރެން ބަލަން ހުރީމެވެ.
"ހިމްޕެ ކައެ ނިކަން ވިސްނަ ބިއަ. މިހާ އަވަހަށް އެ ހޯދާލީ މުއީންގެ ޙަޤީގަތް. ކަލޭވެސް ތިހުރީ ފަޅާއަރާފަ، ހުރިހާ ކަމެއް ނޫނަސް. މާ ބައިވަރު ތަޖުރިބާއެއް އޭނަ ނުވެސް ހުންނާނެ. ފިސްތޯލެއްވެސް އަތުޖައްސައިފި.." އިފްރީންގެ ވާހަކައިން އެ ދައްކަނީ އަހަރެންގެ ވާހަކަކަން ޔަޤީންވިއެވެ.
"މާދަމާ ނޭނގެ އަހަރެމެންގެ ޙަޤީގަތް ނޫންކަމެއް ހޯދާނީ. އޭޒެޑާ ހަމައަށް މިކަން ގޮއްސިއްޔާ ވަރަށް ކަޑަވާނެ. މިއީ މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތް." އިފްރީން އިތުރަށް ބުނެލިއެވެ. އަހަރެންގެ ހިތުގައި އިތުރު ސުވާލުތަކެއް އުފެދުނެވެ. އެދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އޭޒެޑަކީ ކާކު ހެއްޔެވެ؟
"ކޮން އިރަކުން ތިކަން ކުރަނީ؟" ފެންނަ ފެނުމަށް ހިމްޔާން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އަހަރެން ހީކުރިހާ މިދެމީހުންގެ ގުޅުންވެސް ރަނގަޅެއް ނޫންތާއެވެ.
"ތިންގަޑި ބައިގަ" އިފްރީންގެ ޖުމުލަ އިވުމުން އަހަރެންނަށް ގަޑިއަށް ބަލައިލެވުނީ އިހުތިޔާރެއް ނެތިއެވެ. ދޭއް ޖެހީއެވެ. ވަގުތު ވަރަށް ކުޑަތަން ވެއްޖެއެވެ.
"ޖަމީލާ ރިފާޝާ ދާނީ. ގާތް ގަނޑަކަށް ޔަގީން އެމީހުނަށް އެކަން ނުވާނެކަން. އެއިރުން ފަހުން ޝަމްހާއަށް ފައިސާކޮޅެއް ދީގެން ޑެލްއާ ޖަމީލާ ނެރެވިދާނެއްނު. ރިފާޝާ މިހެން ތެޅެންޏާމު އަހަރެމެންނަށް އޮންނާނީ ހުސް ނުރައްކާ. ދެން އެދެމީހުން ގޮސް އެކަން ކުރިޔަސް މައްސަލައެއް ނެތެއްނު. ޑެލް ލިބޭނެ." އިފްޝޮޓް ގެ ކޮންމެ ޖުމުލައެއްމެ އަހަރެންގެ ހިތުގެ އެންމެ ފުންމިނަށްވެސް އަސަރުކުރުވަމުން ދިޔައެވެ. އަހަރެން ހީކުރީ ގޯހީ ހަމަ އެކަނި ހިމްޔާން ކަމަށެވެ. ނަމަވެސް އިފްޝޮޓްވެސް އަހަރެންނަށް ހެޔޮއެދޭ މީހަކަށް ނުވިއެވެ.
..................
ހިމްޔާން ދިޔުމުން، އިރުކޮޅަކު ދޮރާ ދިމާލަށް ބަލަން އިނދެފައި އިފްރީން، ފައިލެއް ކިޔަން ފެށްޓެވެ. ސްކްރީނަށް ބަލަން ހުރެފައި ދާން އެނބުރިލީމެވެ. ބޮލަށް އައި ޚިޔާލަކުންނެވެ. ނަމަވެސް ފިޔަވަޅެއްވެސް ކުރިއަށް އެޅޭ ގޮތެއް ނުވިއެވެ. ފެނުނީ ބަން މީހާ ބަން ހުސްގޮނޑިއެވެ.
ހާސްކަމާއި އެކު ހޯދާލީމެވެ. އޭނަގެ ހިލަމެއްވެސް ނުވެއެވެ. އަހަރެން އަވަސްވެގަތީ އެތަނުން ދާށެވެ. ތާކު ފިލާ ހުރެ ކުއްލިއަކަށް ހަމަލާ ދީފިއްޔާ ރީއްޗެއް ނުވާނެއެވެ. ގަޑިއަށް ނުގޮސްފިނަމަ އިފްރީން އަހަރެން މަރާނެއެވެ.
....................
"އަޔާޒް!" އެވަގުތު އަހަރެން އައުމުން އެ މޫނުމަތީ ވީ ހައިރާންކަމެވެ.
"އަޔާޒް... އޭރު މަ ފޮރުވަން ދިން އެއްޗެހި. އޭއްޗިހި ދީބަ ވަރަށް އަވަސް.." އަހަރެން ވާހަކަ ދައްކަމުން ދިޔައިރުވެސް ހިތް ތެޅެމުން ދިޔައީ ވަރަށް ބާރަށެވެ. އަހަރެންނަށް ވިސްނޭވަރު މާވެސް ބޮޑީ ކަންނޭނގެއެވެ. އިރުކޮޅަކު ބަލަން ހުރެފައި އަޔާޒް އެއެއްޗެހި ގެނެސްދިނެވެ. މަޑުވެސް ކޮށްލުމެއް ނެތި އަހަރެން ނުކުތީއެވެ.
ބޭރަށް ނުކުމެ އަހަރެން ފޯނު ނަގާ ނަންބަރަކަށް ގުޅާލީމެވެ. މާހިލަށެވެ. އެމީހުން އެބުނާހެން އަހަރެންނަށް ޖަލުން ނިކުމެވޭނެ ކަމެއް ނޭނގެއެވެ. އެދެއްކި ވާހަކަތަކުންވެސް ހައްޔަރު ވާނެކަން ގާތްގަނޑަކަށް ޔަޤީނެވެ. އެހެން ވެއްޖެ ނަމަ މަންމައަށާއި ކޮއްކޮއަށް އިންސާފެއް ނުލިބޭނެއެވެ.
"ހެލޯ؟" ފޯނު ނަގަމުން، ނިދި އަޑަކުން މާހިލް ޖަވާބު ދިނެވެ.
"ހޭ މާހިލް. މީ.. މީ މީ ރިފާޝާ.." އަހަރެންނަށް ޖުމުލަ ފުރިހަމަ ކޮށްލެވުނީވެސް އަޅައިގަންނަމުންނެވެ.
"އޯހ. ކިހިނެއްވީ؟" ވަގުތުގެ ގޮތުން މާހިލް ސުވާލުކޮށްލިއެވެ. ތިނެއްޖަހަން ދެން މާ ގިނައިރެއް ނެތެވެ. އަހަރެންގެ ހިތުގެ ތެޅުންވެސް ކޮންމެ ސިކުންތަކާއި އެކު ބާރުވާކަހަލައެވެ.
"ޕްލީސް. އެބަޖެހޭ ބައްދަލު ކޮށްލަން.. ވަރަށް އަވަސް." ހާސްވެފައި ހުރި ވަރު އަހަރެންގެ އަޑުން ވެސް އެނގޭނެއެވެ.
"މިހާރު؟"
"ޔެސް.. ޕްލީސް އަވަސް.." އަހަރެން، ދޫ އޮޅެމުން ޖަވާބު ދިނީމެވެ. ނޭވާވެސް ކުރުވަނީއެވެ. އޮތް މަގުން ވަގުތަށް ބެލުމެއް ނެތި ދުއްވައިގަތީމެވެ. މިހާ ހާސްވާން ޖެހޭ ސަބަބެއް އަހަރެންނަކަށްވެސް ނުފެނެއެވެ.
"އާދެ ގެއަށް.." މާހިލް ބުނެލިއެވެ.
"ނޫން.. ރަފީންބެ މެންވެސް އުޅޭނެ. މިހިރީ ތިގޭ ބޭރުގަ. ނިކުމެބަ.." އަހަރެން ބުނެލީމެވެ. ގިނަ އިރުތަކެއް ނުވެ ދޮރު ހުޅުވާލާފައި މާހިލް ނުކުތެވެ. އެއިރު އަހަރެން، ކިރިޔަ ކިރިޔާ އެހިސާބަށް ފޯރީއެވެ. ތަންކޮޅެއް ކައިރީގައި ހުރި ގެއެއްކަން ނަސީބެވެ.
"މީ... މީ" އަތުގައި ހުރި ހުރިހާ ފައިލެއް ދެމުން އަހަރެން ބުނަމުން ދިޔައީމެވެ.
"އިނގެއެއްނު ރިފްޝާން މަރުވީ އެއިޑްސް ޖެހިގެން ކަން. މިހުރީ ހުރިހާ ރިޕޯރޓް. މި މީހާ އެ ލޭ އެޅީ ކޮއްކޮ ގަޔަށް. އެވެސް މުއީން ރުފިޔާ ދިނީމަ.." އަހަރެން ފައިލް ހުޅުވާލާ ކިޔައިދިނީމެވެ. މާހިލް ހައިރާން ކަމާއި އެކު އަޑުއަހަން ހުއްޓެވެ.
"ނެތް ވަގުތެއް. މި ޕެންގަ އެނގެން ޖެހޭ އެއްޗެއް ވިއްޔާ ހުންނާނެ. ދެން މާ އަވަހަށް ދިމައެއްވެސް ނުވާނެ ކަންނޭނގެ. ޕްލީސް އެމީހުނަށް އިންސާފް ހޯދަދީ.. އެން މަ ހައްޔަރު ކުރިޔަސް ހޯދަން ނާންނާތި." ޕެންޑްރައިވްގައި މާހިލް ހިފުމާ އެކު އަހަރެން ފަހަތަށް ފިޔަވަޅެއް އަޅާލީމެވެ. ކޮންމެވެސް އެއްޗެކޭ ކިޔަ ކިޔާ ހުއްޓާ އަހަރެން ދުއްވައިގަތީއެވެ. ވަގުތެއް ނެތެވެ.
ދުވަމުން ދުވަމުން އަހަރެން ދިޔައީމެވެ. ދުވެވުނު އެންމެ ބާރަކަށެވެ. ޙަޤީގަތުގައި ދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އިފްރީން ދެއްކި ވާހަކަ ތަކުން، އެމީހުން އަހަރެން މަރާލަންވެސް ފަސްނުޖެހޭނެއޭ އަހަރެންނަށް ހީވަނީއެވެ. މިހާރުވެސް ބައްދާލަން އުޅޭ އިރު، އެމީހުން ބުނާ ކަމެއް ނުކޮށް ފިލައިފި ނަމަ ހާދަ ވަރެއް ކޮށްލާނެއެވެ.
ދާން ޖެހޭ ގެއާއި ހަމައަށް ދެވުނު އިރު އަހަރެން ހުރީ މުޅިން ވަރުބަލިވެފައެވެ. އެއިރު ތިންގަޑި ފަނަރަ ހިނގައިފިއެވެ. އެހާ އަވަހަށް އެ އާދެވުނިވެސް، ކުރިން ކޮންމެ ދުވަހަކު ސްކޫލަށް އެޙާލެއްގައި ދާތީއެވެ.
.....................
ފުރިހަމައަށް ތައްޔާރު ވެލައިގެން އަހަރެން ނުކުތީ ޖަމީލާއެކުއެވެ. އޭނަގެ ކާރުގައި މިސްރާބު ޖެހީމެވެ. ސިފައިންގެއަށެވެ. ޑެލް ހުރި ތަނަށެވެ.
"ތިހުރީ ވަރަށް ބިރުންތަ؟" ދިޔަ މަގުމަތީ ޖަމީލް ސުވާލުކޮށްލިއެވެ. ހީވާ ގޮތުން ޖަމީލަކަށް އަހަރެމެން މި ފޮނުވަނީ ހައްޔަރު ވާން ކަމެއް ނޭނގެއެވެ.
"އަޖުމަލު ވަރަށް ކިޔާނެ ރިފާޝާ ވާހަކަ. އޭނަޔަށް ކަލޭ ވަރު މީހެއް ނެތް ދުނިޔޭގަވެސް.." ޖަމީލް އިތުރަށް ބުނެލިއެވެ.
"އަޖުމަލަކީ ކާކު؟" އަހަރެން އަހާލީމެވެ.
"އޯހް ނޭނގޭތަ؟ އާންމުކޮށް ކިޔާ އުޅޭނީ އެޖު. މަގޭ ކޮއްކޮ. އޭނަ ރިފާޝާ ބަޔޮގްރަފީ ހިތުދަސްވީމަ، މަ ހީކުރީ އެނގޭނެ ކަމަށް." ކާރު މަޑުކޮށްލަމުން ޖަމީލް ބުނެލިއެވެ. ދާންވާ މަންޒިލަށް ދެވުނީއެވެ.
"އެޖް އަސްލު ނަމަކީ އަޖްމަލްތަ؟" އަލަށް އެނގުނު އެއްޗެއް ކަމުން އަހާލީމެވެ. ޖަވާބުގައި ހޫމް އަޅުވާލަމުން، ޖަމީލް ހިނގައިގަތެވެ. އެބުނީ އެއީ ދެބެން ކަމަށެވެ. ހިމްޔާނާ ދިމާލަށް ބަޑި ދިއްކުރި ރޭ، ދަންނަ ވައްތަރު ޖެހީ އެހެންވެ ތާއެވެ.
........................
އަހަރެމެން ބޮދައިގެން ތިބެ ބަލަމުން ދިޔައީމެވެ. ފަނަރަ ވަރަކަށް މިނިޓު ތެރޭ، އެ ހިސާބުގަނޑުގެ ގިނަ ކެމެރާތައް ހަލާކުކޮށްލެވުނެވެ. އެހިސާބުން އަމިއްލަ ނަފްސަށް ގެއްލިފައި އޮތް އިތުބާރު ލިބެން ފެށްޓެވެ.
"އޭތް..." ޕްލޭނާ އެއްގޮތަށް، އަހަރެން، ޖަމީލްގެ އަތްދަނޑި މައްޗަށް ލައިގެން، ޖަމީލް، ސިފައިންގެ ކައިރިއަށް ދިޔައެވެ. އަހަރެން އޮތީ ހޭނެތިފައި ކަމަށް ހެދިގެންނެވެ. ދުރުން ފެނިގެން، ގާޑުންނަށް ތިބޭ ތަނުން އެއް ފުލުހަކު އައެވެ. ދެން ހުންނާނީ އަހަރެމެން ގޭންގު ފުލުހެކެވެ. ކުރަން ޖެހޭ ކަމަކީ، އެ އައި ފުލުސް މީހާ ބަލިކޮށްލުމެވެ.
"ކައިރިވުމާއި އެކު ހަމަލާ ދިނީމެވެ. ބަޔަކަށް ނުފެނެއެކޭ ނުބުނެވޭނެއެވެ. އަހަރެމެންގެ ކަންތައް ދެތިން ޓެކްސީ ޑްރައިވަރުންނަށް ހަމަ ގައިމުވެސް ފެނުނެވެ. މޫނު ނިވާ ކޮށްގެން ތިބުމުން ކޮން ބައެއް ކަމެއް ނޭނގޭނެއެވެ.
އެ ޕޮލިސް ހޭނައްތާފައި އަހަރެމެން ދުއްވައިގަތީ ގޭޓު ކައިރިއަށް ދިޔުމަށެވެ. ޕްލޭނާ އެއްގޮތަށް ކަންކަން ދާނަމަ، މިހާރު ޑެލް ހުންނަން ވާނީ އެހިސާބަށް އައިހެވެ.
އަހަރެންނަށް ދެވުނީ ތަންކޮޅަކަށެވެ. ސައިކަލެއްގައި ވަރަށް ބާރަށް އައި މީހަކު، ތޫނު އެއްޗެއް ހަރާލިއެވެ. އަހަރެންގެ ކަރަށެވެ. ދިޔަ ބާރު މިނުން ކޮން ބައެއް ކަމެއް ނޭނގުނެވެ. އެ ހަރާލި އެއްޗެއް ކަރުގައި އިނެވެ. ނައްޓުވާ ބަލައިލީމެވެ. ކުޑަ ވަރެއްގެ އިންޖެކްޝަނެކެވެ.
އެއަށް ބަލަން ހުރެފައި ދެން ކުރިއަށް ބަލައިލި އިރު، ފެންނަނީ ފުސްގަނޑެކެވެ. ލޯ މަރާލާފައި ހުޅުވާލިއިރު ދެފުލުހަކު އައިސް ޖަމީލު ހިފައްޓަނީއެވެ. ތިން ވަނަ ފުލުސް އަހަރެންނާ ދިމާލަށް އަންނަތަން ފެނުނެވެ. ނަމަވެސް އެހިސާބުން ހުރިހާ އެއްޗެއް ކަޅުވެއްޖެއެވެ. އެސްފިޔަ ޖަހާލީމާ ކޮންމެވެސް ވަރަކަށް ފެނެއެވެ.
ފަހަތުން އައި މީހަކު އެ ފުލުހަށް ހަމަލާ ދިނެވެ. އެމީހަކު ލައިގެން ހުރީ ހުސްވެސް ކަޅު އަންނައުނެވެ. މޫނުމަތިވެސް ވީ ނިވާކޮށްފައެވެ. އިތުރު ކަމެއް ސާފުވާ ވަރެއް ނުވިއެވެ. ފަހު ކަމަކަށް އިހުސާސްވީ، ހަށިގަނޑު ނުހިފޭއްޓި ވެއްޓެމުން ގޮސް، ބިންމަތީގައި ޖެހުން ކަމެވެ. ގާތަކުގައި ޖެހުމަށް ފަހު އިތުރަށް ވީ ގޮތެއް މުޅިއަކުން ނޭނގުނެވެ. ގާތަކުގައި ދަމާފައި ގެންދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. ކަނޑު ދަތުރު ކުރާ އުޅަނދަކަށް އެރުވިކަންވެސް އެނގުނެވެ. މުޅިން ޚަބަރު ހުސްވީ އެހިސާބުންނެވެ.
(ނުނިމޭ)

  1. Avatar

    ކޮބާ 15 ވަނަބައި އަވަހައް ލާބަލަ ދޯ! ހާދަ ދުވަހެކޭ ތި ވަނި ދޯ! އަވަސް ކޮށްބަލަ ދޯ! އިންތިޒާރު ގައި ކިޔުން ތެރިން ނުބާތިއްބަލަ ދޯ!

    1
    1
  2. Avatar

    ކޮބާ 15 ވަނަބައި އަވަހައް ލާބަލަ ދޯ! ހާދަ ދުވަހެކޭ ތި ވަނި ދޯ! އަވަސް ކޮށްބަލަ ދޯ! އިންތިޒާރު ގައި ކިޔުން ތެރިން ނުބާތިއްބަލަ ދޯ!

ޚިޔާލު ފޮނުއްވާ