Views: 3714 47

ކުޑަކުޑަ އެ ކަޅު ފިސްތޯލަ، އަތަށް ނެގީމެވެ. އެއީ ހަމަ ޔަޤީނުންވެސް ފޭކު އެއްޗެއް ނޫނެވެ. އަލްޔަސް ގޭންގު މީހުން ފިސްތޯލަވެސް ގެންގުޅޭ ހެއްޔެވެ؟ ގަދަ ބައެއް ތާއެވެ. އަހަރެން އަވަސް އަވަހަށް ނުކުތް އިރު އެއްކަލަ އަޔާޒު ބިރުން ވިރެނީއެވެ. ބައެއް މީހުން ހަމަ ފިނޑީއެވެ.
..................
އަޔާޒާއި އެކު ގެއަށް ދިޔައިރު އަޔާޒް ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދެވުނެވެ. ވިސްނުނީ އަލްޔަސް ބަޑިއެއް ހޯދި ތަނަކާ މެދުއެވެ. އެއީ ހަމަ ގައިމުވެސް ފުލުހެއް ނޫނެވެ. އަނެއްކޮޅުން ފޮރުވާފައި އެ އޮތީވެސް ގޭގައެވެ. އިފްޝޮޓްމެންވެސް ބަޑިއެއް ނުގެންގުޅެއެވެ. ވީއިރު އަލްޔަސް؟
ގެއަށް ވަންތަނާ ޖެހުނީ ހިމްޔާން ކުރިމައްޗަށެވެ. އަހަރެން ހުރީ އަތުން ސިނގިރޭޓު ފޮށްޓެއް ހިފައިގެން ކަމުން ހިމްޔާން ވަގުތުން ޖަހައިގަތެވެ. އަހަރެން ގާތަށް އައި ރުޅިން ހިމްޔާން ކޮއްޕާލީމެވެ. ނުވިސްނާ ހުރުމުން، ހިމްޔާން، ގޮސް ޖެހުނީ ކާ މޭޒުގައެވެ.
އެވަރުންވެސް ސިނގިރޭޓު ފޮށި ނުދިނުމުން، އަހަރެން ވަލު ޖަނަވާރެއްހެން ހިމްޔާނާއި ދިމާއަށް ދިޔައިމެވެ. ތަޅައިގަނެފައި ބިންމައްޗަށް ވައްޓާލީމެވެ. ހިމްޔާން ހުރީ ވަރަށްވެސް ހައިރާންވެފައެވެ. ހިމްޔާންގެ ދެއަތް ހުރަހަށް ބާއްވާލީ މޭޒުގެ ފައި ގަޔާވީކޮޅަށް، އެތެރެއަށް ލައިފައެވެ. އިތުރު ވިސްނުމަކަށް ނުގޮސް ބިޑި އަޅުވާލީމެވެ. ހިމްޔާންގެ މޫނުމަތިން ހާސްކަން އޭގެ އެންމެ ބޮޑު މިންވަރަށް ފެންނަން ފެށްޓެވެ.
"ރިފާޝާ؟" އަހަރެން އެހެން ހިމްޔާން ބާއްވާފައި ދާން ހިނގައި ގަތުމުން ހިމްޔާން ގޮވިއެވެ. އެ ބަރު މޭޒު އުފުއްލާފައި ހިމްޔާނަށް ސަލާމަތް ވެވުމަކީ ވުން އެކަށީގެން ވާ ކަމެއް ނޫނެވެ.
.....................
ރާއިނާއެކު ޖިމަށް ދާން ތެދުވީ ހެނދުނު ފަހެއް ޖެހިއިރެވެ. ނިކުތް އިރުވެސް ހިމްޔާން އޮތް ތާނގައި އޮތެވެ. ދެވެން ނެތީމާ އޮންނާނެތާއެވެ.
"މި ނައްޓުވަންވީ ރިފާޝާ.. މަ މަރާލަންތަ ތި އުޅެނީ؟" ހިމްޔާން ހަޅޭއްލަވައިގަތެވެ.
"މަ މިދަނީ ރާއިނާ އެއްކޮށް ޖިމަށް. އައިސް ކާންދޭނަން." ފޫހި ކަމާއި އެކު ބުނެލީމެވެ.
.........................
އިފްޝޮޓް ގުޅުމުން އަހަރެން ފޯނު ނެގީމެވެ. ޖިމުގައި އުޅެއުޅެފައި އަހަރެމެން ތިބީ ރެސްޓޯރެންޓަކަށް ވަދެއެވެ.
"ކޮބާ ހިމްޔާން؟ ކީތްވެ އޭނަ ފޯނު ނުނަގަނީ؟"
"މަށަށް ކިހިނެއްތަ އެނގޭނީ؟" އަހަރެން އާދައިގެ ގޮތަކަށް ބުނެލީމެވެ. ހިމްޔާން ބަނޑަށް މަރުނުވާ ކަމެއްވެސް ނޭނގެއެވެ.
"ކޮންތާކު ކައެ؟" އިފްޝޮޓް އެއްސެވެ. އަހަރެން ކޮޓަރީގައޭ ބުނެ ފޯނު ކަނޑާލީމެވެ. އަދި ރާއިނާ ދައްކަން ހުރި ވާހަކަ އަލުން ފެށީމެވެ.
ދެންވެސް ވާނީ ފަސްވަރަކަށް މިނިޓެވެ. ރުޅި ވެރިކަމާއި އެކު ފޯނު ނެގީމެވެ.
"ކައެ ކޮންތާކުހޭ؟!"
"ބަލަ ބުނެފީމެއް ނޫންތަ ކޮޓަރީގައޭ" އިފްޝޮޓް އެހި ރާގުގައި ޖަވާބުވެސް ދިނީމެވެ.
"ކަލޭ ކޮޓަރީން އިންސާނެއްގެ ހިލަމެއް ނުވާތީ މި އަހަނީ. ހިމްޔާން.." އިފްޝޮޓަށް ބުނެވުނީ އެވަރަށެވެ. އަހަރެން ފޯނު ކަނޑާލީއެވެ. އަދި އަވަސް އަވަހަށް އެއަރޕްލޭން މޯޑަށް ފޯނު ލީމެވެ. މި އިފްޝޮޓް ގެއަށްވެސް އައީވެ. ކަންތަކާ ޖެހުނީއެވެ.
ކިރިޔަކިރިޔާ ރާއިނަށް ވީގޮތް ކިޔައިދެވުނު ކަމެވެ. ރާއިންގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅިއެވެ. ރާއިން ކަންފަތުގައި ފޯނު ޖަހާލުމުން އަހަރެން ބަލަން އިނީމެވެ. އެމޫނަށް ހާސްކަން ވެރިވެގަތްތަން ފެނުނެވެ.
"ރިފް... އިފްޝޮޓް.. ބުނީ ހަމަ މިހާރު ރިފް ގޮވައިގެން އަންނާށޯ.." މަޑުމަޑުން ރާއިން ބުނެލިއެވެ. މަޑުކުރަން ރާއިން ދެކޮޅު ހެދުމުން އަހަރެންނަށް ޖެހުނީ ދާށެވެ.
................
"މީ ކޮންކަމެއް ރިފާޝާ؟ މި ހުޅުވާ." އިފްޝޮޓް އަމުރުކޮށްލިއެވެ. އަހަރެން ބޯލަނބާނެ ކަމަށް ހެއްޔެވެ؟ ވާނެ ކަމެއް ނޫނެވެ. އަހަރެން ކޮށްލާފައި އޮތް ކަންތައް ފެނިފައި ބިރެއް ހެން ބަލަން ހުރެހުރެފައި ރާއިންވެސް ދިޔައީއެވެ.
"މަ ހަނދާނެއް ނުވިޔޭ ތީގެ ތަޅުދަނޑި ނަގާކަށް. މަ ހިމްޔާން މަރުނުވާ ވަރަށް ކާންދޭނަން. ސޯ ޑޯންޓް ވޮރީ.." އަހަރެން ބުނެލީމެވެ. އިފްޝޮޓް އިތުރަށް އައީ ރުޅިއެވެ. ގެތެރެ އެތަން މިތަން ހޯދަން ފެށްޓެވެ. ކޮންމެވެސް ތާކުން ނަރުތަކެއް ހޯދައިގެން ގެނެސް، އެ ބިޑި ހުޅުވަން އުޅުނެވެ.
"ކީތްވެތަ ކައެ ހިމްޔާނާ ޖައްސާލައިގެން ތި އުޅެނީ؟" ތަންކޮޅެއް ފިނި ރާގެއްގައި އިފްޝޮޓް އަހާލިއެވެ.
"ހިމްޔާން މަށާ ތޮޅެނީ" އަހަރެން ތުންގަނޑު އޫކޮށްލީމެވެ.
"އަނެއްކާ ކީތްކުރީ؟ ރޭޕް ކޮށްލީ؟" އުޑަފައިން އިށީންދެ އިނދެ އިފްރީން ބުނެލިއެވެ. އަހަރެންނަށް ހީވީ މަޝްހޫރު ބޮޑު މީމެއް އަޑުއިވުނު ހެނެވެ. އެއްފަހަރު ހިމްޔާނަށް އަނެއް ފަހަރު އިފްރީނަށް ބަލައިލީ ނުހަނު ނުރުހުމާއި ހައިރާންކަމާއި ވެސް އެކުއެވެ. މިވެސް ދެން ބޮލުގައި އަޅުވާކަހަލަ އިލްޒާމް ހެއްޔެވެ؟ ހިމްޔާންގެ ދެލޯވެސް ބޮޑުވެގެން ދިޔަތަން ފެނުނެވެ.
ބިޑި ނެއްޓުވުމައިގެން އިފްރީން ދިޔައީ ކުރިއަށެވެ. ހިމްޔާން ސަލާމަތް ވާތަން ނުބަލަންވެގެން އަހަރެން ދިޔައީ ކޮޓަރިއަށެވެ.
ފޯނު އެއަރޕްލޭން މޯޑް އޮފް ކޮށްލުމާއި އެކު އަޔާޒް ވަރަކަށް ގުޅާފައި ހުރިކަން އެނގުނެވެ. އެހެންކަމުން އަވަސް އަވަހަށް އަޔާޒަށް ގުޅާލީމެވެ. އެއްކަލަ އަލްޔަސް އަޔާޒު މަރާ ނުލާކަމެއްވެސް ނޭނގެއެވެ.
"ހަލޯ؟" ފޯނު ނެގުމުން ބުނީމެވެ.
"ޚަބަރު ފެނުނީމަ. ރިފް ދޮންބައްޕަ ދޫކޮށްލައިފިއެންނު؟" އިވުނު ވާހަކައިން އަހަރެން ހައިރާންވިއެވެ. އެކަން ކުރިން އެނގުނު ނަމަތާއެވެ.
"ސީކޮށްތަ؟" ޔަޤީން ކޮށްލަން އަހަރެން އަހާލީމެވެ. އަޔާޒް ދޮގު ނުހަދާނެކަން އެނގިހުރެއެވެ.
"މަށަށް ރަށަށް ދެވޭނެ ގޮތެއް އަޅެ ހޯދަ ދީބަ" އަހަރެން ބުނެލީމެވެ. ޙަޤީގަތުގައި ބޭނުންވީ ޚިޔާލެކެވެ. އަނެއްކާ ރާއިން ކައިރީ ރޯކަށް ނުކެރޭނެއެވެ.
"ލޯންޗުން ޓިކެޓެއް ނަގައިދީފާނަން ރިފް ޕޭ ކުރަންޏާ." އަޔާޒް ބުނެލި ޖުމުލައިން އަހަރެންނަށް ރާވާލެވުނީ ޕްލޭނެކެވެ. އަދިވެސް މުއީން ގާތު އަހަން ޖެހޭ އެއްޗެހި އެބަހުއްޓެވެ. މިއީ ރަނގަޅު ފުރުސަތެކެވެ.
ހަވީރު އެނބުރި އަންނަން ޓިކެޓެއްވެސް ނަގާށޭ ބުނެ ފޯނު ކަނޑާލީމެވެ. ސްކޫލް ފެށިފައި ވުމުން ހޯދަން އުނދަގުލެއް ނުވާނެއެވެ. ފުރާ ގަޑި ދިހަޔަކަށް ހަމަ ޖެހުނު ކަމަށް މެސެޖެއް އައުމުން އަހަރެން ތައްޔާރު ވެލީމެވެ. އަނެއްކާވެސް ރަށަށް ދާށެވެ.
..................
"ކައެ ވެސް ދަންތަ؟" އަޔާޒް ލޯންޗަށް އެރުމުން އަހަރެން އަހާލީމެވެ.
"ރިފް ތިހާ ކުރު ދަތުރެއް ކޮށްލާއިރު ތިރަށަށް ޖައްސާލާނީއޭ ހިތަށް އެރީ." އެއަކު މައްސަލައެއް ނެތެވެ. އަޔާޒް ހުރުމުން އަހަރެންނަށް ފިނޑިނުވެ މަސައްކަތްވެސް ކުރެވޭނެއެވެ.
...............
"މީ މުއީންގެ." އެތެރެއަށް ވަންނަމުން އަހަރެން ބުނެލީމެވެ. އަޔާޒް ބޯ ޖަހާލިއެވެ. މެންދުރުގެ އެ ވަގުތު ހެލިފެލިވެ އުޅޭ މީހުން ވަރަށް މަދެވެ. އަހަރެމެން ގެއަށް ވަންކަން ބަޔަކަށް ނުވެސް އެނގޭނެއެވެ.
ފޯނު ރިކޯޑިންއަށް ލައިފަ އަޔާޒް އަތަށް ހިފާއްޓަން ދިނީމެވެ. ޕްލޭން ކިޔައެއް ނުދެމެވެ. ކިޔައިދިންނަމަ މިހާރު އަޔާޒް ފިލައިފީހެވެ.
"މުއީން." ބަދިގެ ތެރޭގައި ހުރި މުއީނަށް ގޮވާލީމެވެ. މުއީނަށް ލިބުނީ ހައިރާންކަމެވެ. ވަގުތުން ރުޅި މޫނު ހަދާލިއެވެ. ތިންމަސް ޖަލުގައި ހުންނަން ޖެހުނީ އަހަރެންގެ ސަބަބުން ކަމުން ކަމަށް ބެލީމެވެ.
"ކަލޭ މިތާ ކީތްކުރަނީ؟" މުއީން ސުވާލު ކޮށްލިއެވެ.
"ތިއެއް ނޫނޭ. ކަލޭ މަގޭ ކޮއްކޮ މަރާލީ ކީތްވެ؟" އަހަރެންވެސް ކޮށްލީ ސުވަލެކެވެ. މުއީންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.
"ބުނީމެއްނޫންތަ ބޭކާރު ޚަރަދު ނުކުރެވޭނެތީއޭ." މުއީން އެވާހަކަ ބަދަލު ކުރާކަށް ނޫޅުނެވެ.
"ދެން މަގޭ މަންމަ މަރާލީ ކާކު؟" ސުވާލުކޮށްލީމެވެ. އައިސް ހުރީ ވަރުގަދަ ރުޅިއެކެވެ. މި މައުލޫއަށް ވާހަކަ ދައްކައިފިނަމަ އަބަދުވެސް އުޅެން ޖެހޭ ޙާލެވެ.
"މަށަކަށް ނޭނގެ." މުއީން ފަރުވާކުޑަ ޖަވާބެއް ދިނެވެ.
އަހަރެން އަނެއްކާވެސް ސުވާލެއް އިތުރުކޮށްލީމެވެ. "ކަލޭ އެރޭ ހިމްޔާނާ ދެއްކީ ކޮން ވާހަކައެއް؟ ކޮން ރުފިޔަލެއް ދިނީ؟" އެރޭ މަތިން ހަނދާން ކުރަމުން އެހީމެވެ. މި ފަހަރު މުއީން ހައިރާން ވި ކަން މޫނުމަތިން އެނގުނެވެ. ޖަވާބެއް ދިނުމުގެ ބަދަލުގައި ހުރީ ހަނެވެ.
އަހަރެން އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލީމެވެ. ދެންވެސް ޖަވާބު ނުދިނުމުން، ހުޑީގެ ޖީބުގައި އަތް ޖައްސާލީމެވެ. އޭގައި އެއްޗެއް އޮތްކަމެއް ބަލާ މީހުންނަކަށް ނޭނގޭނެއެވެ. އަޔާޒަކަށްވެސް ނޭނގޭނެއެވެ. މުއީންގެ ދުލުން ބަސްބުނުވަން އަހަރެން ގެންގުޅޭނެ ހަތިޔާރެވެ.
"އެންމެ ރަނގަޅު. ޕޮލިސް ސްޓޭޝަން ތަކުގައި ހަނު ހުރެވުނަސް ކަލޭ ޖެހޭނީ މަ އަހާ ސުވާލު ތަކަށް ޖަވާބު ދޭން." އަހަރެން ޖީބުތެރެއަށް އަތް ލާފައި ނެގި ކުޑަ ފިސްތޯލް ދިއްކޮށްލީމެވެ. ސީދާ މުއީނާ ދިމާއަށެވެ.
ހައިރާންކަން ލިބުނީ ހަމައެކަނި މުއީނަކަށް ނޫނެވެ. އަޔާޒްވެސް ބިރުން ފަހަތަށް ޖެހިލިއެވެ. އަހަރެން ދެ ފިޔަވަޅު ކުރިއަށް އެޅުމުން މުއީން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.
"މަގޭ ކޮއްކޮގެ ގާތިލް މަރާލަން މަ ފަހެއް ނުޖެހޭނެ. ކިޔައިދެންޏާ ކިޔައިދީ. މާ ގިނަ ވަގުތެއް ނުލިބޭނެ." އަހަރެން އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އަޅާލީމެވެ.
"ހިމްޔާން.." މުއީން ވަރަށް މަޑުމަޑުން ބުނެލިއެވެ. އަހަރެން ކޮންމެވެސް ވަރަކަށް ބަޑި ތިރިކޮށްލީމެވެ.
"ހިމްޔާން އެރޭ ކިޔައިދިނީ ކައެ އާ މާހިލްއާ ދިމާވި ވާހަކަ. އެމީހުނާ ކައެ އާ ބައްދަލު ނުކުރެވޭނެ ގޮތެއް ހަދާށޭ ބުނީ. ރަހާގެ ނަންބަރު ޑިލީޓް ކުރީ، މަ." މުއީން ކިޔައިދިނެވެ. ބިރުންނެވެ. މަރަކީ އަމިއްލަ މީހާމެ އެހާ ބިރު ގަންނަ އެއްޗަކަށް ވީ އިރު، މުއީން، ރިފްޝާން މަރާލަން ފަސްނުޖެހުނު ކަމެވެ.
"ރުފިޔާ.. އެއީ ރިފާޝާ، ރިފާޝާ މަންމަ އަތަށް ދޭ ރުފިޔާ. މަށަށް ހަވާލު ކޮށްފަ އޮންނަ މަސައްކަތެއް، ރިފާޝާ ރީމާއަށް ދޭ ލާރި އަނބުރާ ހިމްޔާނަށް ދިނުން." މުއީންގެ ކޮންމެ ޖުމުލައަކުންމެ އަހަރެންގެ ހިތަށް ވެރިވަމުން ދިޔައީ އިތުރު ސުވާލުތަކެކެވެ.
"ސަބަބު!" ބަޑި ދިއްކޮށްލަމުން އަހަރެން ބުނެލީމެވެ. އެނގެން ކެތްމަދުވެ ހުރެއެވެ.
"ރިފާޝާއަށް ހީވިޔަކަސް އަހަރެމެން ގޭންގް މަސައްކަތް ކޮށްގެން ބޮޑެތި މަހުޖަނުންނަކަށް ނުވެޔޭ. އެމީހުން ކަލެއަށް އެހާ ބައިވަރު ފައިސާ ދެނީ އަނބުރާ އެމީހުން އަތަށް އެ ލިބޭތީ." އަހަރެންނަށް ލިބެމުން ދިޔަ ހައިރާންކަން ދިޔައީ ހިނދެއް ހިނދަކަށް ބޮޑުވަމުންނެވެ. އެމީހުން މިއޮތް ހާ ދުވަހު އަހަރެން އެ ގެންގުޅުނީ ކަނު ބަނދެގެން ހެއްޔެވެ؟
"ކާކު މަންމަ މަރާލީ؟" ކުރިން ކުރި ސުވާލު އަނެއްކާވެސް ކޮށްލީމެވެ. މުއީން އިސް ޖަހާލިއެވެ. އަހަރެން ކުރިއަށް ފިޔަވަޅެއް އަޅާލީމެވެ.
"މަ" އަޑު ނުކުތީ ކިރިޔަ ކިރިޔާ ނަމަވެސް އެ އަޑު އަހަރެންނަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. އަހަރެންގެ ކުރިމަތީ މިހުރި އިންސާނާއަކީ، އަހަރެންގެ ކޮއްކޮއާއި މަންމަގެވެސް ގާތިލްހެއްޔެވެ؟ އަމިއްލަ އަނބިމީހާގެ ގަޔަށް ވަޅި ހަރާ މަރާލަން ލަދު ނުގަތް މީހެއް ހެއްޔެވެ؟ އައި ރުޅިން އަހަރެން އަނެއްކާވެސް ފިޔަވަޅެއް ކުރިއަށް އަޅާލީމެވެ. ބަޑީގެ ސްލައިޑް ފަހަތަށް ދަމާލީމެވެ. މިހާރު އޮޅިގެން ޓްރިގަރަށް ފިތާލެވުނަސް މުއީންގެ ދުވަސް ދާނެއެވެ.
"އެއީ އެއީ.. މަ ރީމާ ކައިރީ ބުނިން މާހިލަށް ނުގުޅާށޭ. އެކަމުވެސް ގުޅީ.." މުއީން ސަބަބު ކިޔައިދިން އިރު އަހަރެންގެ ހިތް ވަރަށް ބާރަށް ނެގިނެގިފައި ޖެހެމުން ދިޔައެވެ. މަންމަ އެ މަރުވީ އަހަރެންގެ ސަބަބުން ހެއްޔެވެ؟ އަހަރެން މަންމަ ގާތު މާހިލަށް ގުޅާށޭ ނުބުނި ނަމަ މިހެނެއް ނުވީހެވެ.
"މަ ގުޅައިގެން ނުވާނެޔޭ ބުނެފަ އެތެރެއަށް ދިޔައީ. ދެން މަށަށް އާދެވުނު އިރު ހުރީ ގުޅައިގެން. އެހެންވީމަ އަހަރެން ރީމާ ގެންގޮސް ކޮޓަރިއަށް ލީ. އެކަމާ އައި ރުޅިން ރީމާ ބުނި އެންމެން ކައިރީ މަ ކޮށްފަ ހުރި ކަންކަން ކިޔާނަމޭ. ބޯ ވާހަކަޔާ، ވައްކަން ކުރާ ވާހަކަވެސް. އެހެންވީމަ މަ ރީމާގަޔަށް ހަތް ފަހަރު ވަޅި ހަރާލިން. މީހަކަށް ވަޅިން ހަމަލާދިން ފުރަތަމަ ފަހަރު ނޫންވީމަ ބިރެއްވެސް ނުގަނެ. އެކަމަކު އަހަރެން އެކަން ކުރީ ގަސްތުގައި ރީމާ މަރާލާކަށް ނޫން." މުއީން ސީދާ އަހަރެންގެ މޫނަށް ބަލަމުން ކިޔައިދިނެވެ. އަހަރެންގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ރީތިކޮށް ފެންނާނެއެވެ. އެ ހިތާމަތައް މީހަކަށް ދައްކާކަށް އަހަރެން ބޭނުމެއް ނޫނެވެ. ހިތާމަތަކުގެ މައްޗަށް ރުޅިވެރިކަން ވެރިކުރުވީމެވެ.
"ކަލޭ ތި ބުނަނީ މަގޭ މަންމަގެ ގަޔަށް ހަތް ފަހަރު ވަޅި ހެރީ މަރާލާކަށް ނޫނޭޔޭތަ؟ ހުރި ނުބައި ނުލަފާކަން. މަ ހިތަށް އަރާ ކީތްވެ ބާއޭ މަންމަ ކަލެޔާ އެއްކޮށް އުޅުނީވެސް." އަހަރެން ދެން އިތުރަށް މަޑުމަޑުން ފިޔަވަޅު އަޅާކަށް ނުހުންނަމެވެ. ބާރަށް ހިނގާފާއި ގޮސް މަޑުކޮށްލީ މުއީނާ ދެތިން ފޫޓު ދުރުގައެވެ. ބޭނުންވި ކޮންމެ ވަގުތަކު ބޭނުންކުރަން އަތުގައި ތައްޔާރަށް ފިސްތޯލް އޮތެވެ.
"މަށަކީ ކާކުކަން އެނގުނު ހިސާބުން ރީމާ ވަރިވާން އުޅުން. އެކަމަކު ރީމާ އިނީ ބަލިވެކަން އެނގުނު ހިސާބުން އެކަންވެސް ނުވީ." މުއީން ބުނެލިއެވެ. އެނގެމުން ދިޔައީ އަހަރެން ކުރިން ހިތަށްވެސް އަރުވާފައި ނުވާ ކަންތައްތަކެކެވެ. ކުރިން އަހަރެންނަށް އެނގުނު ނަމައެވެ. މުއީން މިއަދަކު ދިރި ދުނިޔެއަކު ނުހުންނާނެއެވެ.
"ދެން ކޮންކޮން ބަޔަކަށް ކަލޭގެ ކަންކަން އެނގޭނީ؟" ކޮންމެހެން އެނގެން ބޭނުންވެގެން އެހީމެވެ. މިކަމުގައި ގޭންގް މީހުންގެ ތެރެއިން ކިހާ ބައެއްގެ އަތް ވޭތޯ ބަލާށެވެ.
"މަ ކިޔައިދިނީ ހިމްޔާނަށް އެކަނި." މުއީން ބޭނުންވަނީ އަހަރެންގެ ހިތް ކުދި ކުދި ކޮށްލަން ހެއްޔެވެ؟ އެ ހުރިހާ އިލްޒާމެއް އެ އަޅުވަނީ އަހަރެން އެންމެ އިތުބާރު ކުރި މީހާގެ ބޮލުގައެވެ. މިރަށަށް އައި ހިސާބުން ފެށިގެންވެސް އަހަރެން ހިމްޔާން ދަންނަމެވެ. އެއީ މިހާ ގޯސް މީހެއްހެއްޔެވެ؟
"ކަލޭ ހަނދާން ކުރާތި! ކަލެއަށް ކަލޭގެ ޙައްޤު އަދަބު ލިބޭނެ. ކަލެއަށް ވީ ޙުކުމް ތަންފީޒު ނުކުރަނީސް މަ ހުއްޓައެއް ނުލާނަން." އަހަރެން ފިސްތޯލު ނަގާ، ސީދާ މުއީންގެ މޫނާ ދިމާކޮށްލައިގެން ހުރެ ފަހު ޖުމުލަ އިއްވާލީމެވެ. އަދި ސިކުންތެއްވެސް ބޭކާރު ކޮށް ނުލާ، ހިނގައިގަތީމެވެ. އެތަނުން ނުކުންނާށެވެ. މަންމައާއި ބަނޑުގައިއޮތް އަހަރެންގެ ކޮއްކޮ، ވަކިވެދިޔަ ތަނުން އުމުރަށް ދުރަށް ދާށެވެ.
................
"ކޮންތާކުން ހޯދި ފިސްތޯލެއް؟" އަހަރެންނާއި އަޔާޒް ތިބީ ބަނދަރު މަތީ ހުރި ރެސްޓޯރެންޓެއްގައެވެ. މުއީނާ ވާހަކަދެއްކި ފަހުން އަޔާޒް އިސްވެ އެއްޗެކޭ އެހި އެއީ ފުރަތަމަ ފަހަރެވެ. އަހަރެންގެ ހިތަށް ކޮށްފައިވާ އަސަރު އަޔާޒަށްވެސް ވިސްނެނީއެވެ.
"އަލްޔަސް ކޮޓަރިން" އަހަރެން ބުނެލީމެވެ. އަޔާޒް ހައިރާންކަމާއި އެކު ބަލަން އިނެވެ. މިއޮތް ހުރިހާ ދުވަހު އުޅެވުނީ ބަޑިވެސް ގެންގުޅޭ މީހެއްގެ އަވަށްޓެރިޔާގެ ގޮތުގައި ކަން ޤަބޫލު ނުކުރެވިފައެވެ.
"މަ މި މައްސަލަ އެއްގޮތުން ނުވިއްޔާ އަނެއް ގޮތުންވެސް ނިންމާނަން. ޔަޒް އެއްވެސް މީހެއް ކައިރީ އެއްވެސް އެއްޗެއް ނުކިޔައްޗޭ. އަރޫން ކައިރީވެސް." އަހަރެން، ބޯން އިން ކޮފީތަށި މޭޒު މަތީ ބަހައްޓަމުން ބުނެލީމެވެ. އަޔާޒް އަހަރެން ބޭނުންވި ޔަޤީންކަން ދިނެވެ. ދެން އޮތީ އަނެއްކާވެސް މީހަކަށް އިތުބާރު ކުރުމާއި ނުކުރުމެވެ. ކުރި ފަހަރު އެކަމުގެ ހިތި ރަހަ ރަނގަޅަށްވެސް ލައިފިއެވެ.
...........................
މާލެއަށް ދެވުމުން ފުރަތަމަ ކަމަކަށް އަހަރެން، މުއީން ދެއްކި ވާހަކަތަކުގެ ރިކޯރޑިން ލެޕްޓޮޕަށް އަޅާލީމެވެ. އަދި އޭގެ ކޮޕީއެއް ޕެންޑްރައިވެއްގައި ރައްކާކުރުމަށްފަހު ކުރިން ދިން ރިޕޯރޓްތަކާއި އެކު ފޮރުވަން އަޔާޒް އަތަށް ދިނީމެވެ. އެ ހުރިހާ މަސައްކަތެއް އަޔާޒްގެ ގޭގައި ކޮށްފައި ގެއަށް ދިޔައިރު ރޭގަނޑު އަށެއް ޖަހައިފިއެވެ.
"ހޭ ރިފޭ.." އެތެރެއަށް ވަން އިރު ސޯފާގައި ތިބި ދެމީހުންގެ ތެރެއިން އެކަކު ބުނެލިއެވެ. އެވާނީ ހިމްޔާނުގެ އެކުވެރިންނަށެވެ. އަހަރެންގެ ދެލޯ ހޯދާލީ ހިމްޔާނެވެ. ރަނގަޅަށް ބަވާލަން ބޭނުމެވެ.
"އިނގޭތަ؟ ކަލެއާ މަށާ ލައިގެން އިފްޝޮޓް އެބަ ޕްލޭނެއް ހަދައޭ." ސޯފާގައި ދެން އިން މީހާ ބުނެލިއެވެ. ފަން ދިގު އިސްތަށިގަނޑެއް ހުރި އިރު އެމީހާގެ ހަމުގެ ކުލަ އައްޔެވެ. މޫނުމަތީގައި ދަންނަ ގޮތެއް ހުއްޓެވެ.
އެމީހާ ބުނި އެއްޗަކަށް ސަމާލުކަން ދިނުމެއް ނެތި އަހަރެން ހިނގައިގަތީ ކޮޓަރިން ނުކުތް ހިމްޔާނާއި ދިމާއަށެވެ. އެއް އަތް ލެވުނުހާ ބާރެއް ލާފައި މުށްކަވާލައިގެން ހުރި އިރު އަނެއް އަތް އޮންނާނީ ޖީބުގައެވެ.
"ކަލޭ.. ކަލޭ ތީ ހާދަ ގޮތެއް ފޮތެއް ނެތް މީހެކޭ." ހުރި އެންމެ ބާރު އަޑުން އަހަރެން ހަޅޭއް ލަވައިގަތީމެވެ. ފުރަތަމަ ހިމްޔާން ނިތް އަރުވާލި ނަމަވެސް ދެވަނަ ސިކުންތުގައި އަހަރެން ނެގި ފިސްތޯލު ފެނި ހިމްޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
"ކަލެއަކަށް ނޭނގޭތަ ދުވަހަކު މީހަކަށް ނުކުރާ ވަރަށް މަ ކަލެއަށް އިތުބާރު ކުރިން ކަމެއް؟ ދުވަހެއްގެ ކޮޅުންވެސް ދޮގެއްވެސް ހަދާފައެއް ނޯންނާނެ. ހުރިހާ ސިއްރެއްވެސް ކިޔައިދިނިން. މިއަށް ވުރެ ރީތި ގޮތަކަށް ކައެ އަކަށް ނޭނގުނު ތަ އޭގެ ބަދަލު ދޭކަށް؟ މުއީން ލައްވާ އެ ހުރިހާ ފައިސާ އަނބުރާ ކަލޭމެންގެ އަތަށް ގެނުވި އިރު އެންމެ ފަހަރަކު މަ ކައިރީ ބުނެލި ނަމަ އެވަރަށް ރުފިޔާ ދެވޭކަށް ނެތޭ. ކަލޭގެ ނަސޭހަތަށް ހެއްލި އެ ރުފިޔާ ކޮޅު ހޯދަން މަގޭ ބޮލުގަ ހާދަ ފާފައެއް އަޅައިގެނޭ މިއުޅެނީ. ކިތަށް މީހުން ގައިގަ ކަމެއް ނޭނގެ ތަޅައިގަނެވުނީ. ކިތައް މީހުންގެ މުދާ ކަމެއް ނޭނގެ ފޭރިގަނެވުނީ. ބައިވަރު ފިހާރަތައް ފަޅާލާ، ބޮޑެތި ވައްކަންތައްވެސް ހިންގިން.." އަހަރެން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން ދިޔައިމެވެ. ހިމްޔާން ބިރުން ހުރެ ފަހަތަށް ޖެހެމުން ގޮސް، ކޮޓަރީގެ ދޮރުގައި ލައްވިއެވެ.
"އަދި އެ ހުރިހާ ކަމެއް ކޮށްފަ މަގޭ މަންމަވެސް މަރާލަން ވެއްޖޭ. ހުވާ މި ބުނީ، މަގޭ އަތުން އަދި ކަލޭ މަރުވާނެ. ކަލޭގެ ބޮލާއި ކަނދުރަޔާ ވަކި ކޮށްފައި ނޫނީ މަ ދުލެއް ނުވެސް ކުރާނަން. މަ ކައިރީ މާ ފޮނިވާން އުޅެންޏާ މަ މީ ކާކުކަން ކަލެއަށް ފެންނާނެ. އެކަމަކު އެ ވާނީ ކަލޭގެ ފަހު ނޭވާ ދޫކޮށްލާވަގުތަށް." އަހަރެން، އައިސް ހުރި ރުޅީގައި ހިތަށް އައިހާ އެއްޗެއް ކިޔަމުން ދިޔައިމެވެ. ދެންމެ ދެންމެ ހިމްޔާން ތަޅާ ބާލާލަ ފާނަމޭވެސް ހިތަށް އަރައެވެ.
"ތީ ކާކު ދެއްކި ވާހަކަ ތަކެއް؟" އަހަރެން ހުއްޓުމުން ހިމްޔާން ދުލު ކުރިއަށް ސުވާލެއް ގެނައެވެ.
"ކާކު ހޭ؟ ކަލޭ ހުރިހާ ކަމަކަށް ގެންގުޅުނު މީހާ. ކަލޭގެ ޕަޕެޓް.. އާނ މުއީން. ކަލޭގެ އަމުރަށް ބޯ ލެނބި މުއީން." ބަޑި ސީދާ ހިމްޔާންގެ ބޮލާއި ދިމާއަށް ދިއްކޮށްގެން ހުރެ ބުނަމުން ދިޔައިމެވެ.
"މަށާއި މުއީނާ ކޮން ގުޅުމެއްތަ އޮންނާނީ؟ މުއީން ތި ހެދީ ހުސް ދޮގު. ރިފް..." ހިމްޔާން ބުނަން އުޅުނު ޖުމުލަ ހުއްޓާލި އަހަރެން ކޮށްލި ކަމަކުންނެވެ. ސްލައިޑް ފަހަތަށް ދަމާލާ ބަޑި ތައްޔާރުކޮށްލީއެވެ. މުއީނަށް އޭގެ ބިރުވެރިކަން މުޅިން ނޭނގުނަސް، ހިމްޔާނަށް ބަޑިއަކުން ވާނެ ވަރު ތަސައްވަރު ކޮށްލެވެނީއެވެ. ސޯފާގައި ތިބި މީހުންވެސް ތިބި ތަނުން ތެދުވެލިއެވެ.
"ދޮގޭ.. ތިދެން ކިހާ ބޮޑު ޖޯކެއް. މުއީން ދެއްކިހާ ވާހަކައެއް މަގޭ އަތުގަ ހެއްކަށް އެބަހުއްޓޭ. ކަލެއަށް އަޅުވައިދެންވީތަ؟ ނޫން.. މަށަށް އެ އެޅުވިދާނެ ޕޮލިސް ސްޓޭޝަންގަވެސް. ކަލޭ އަދިވެސް މަށާ ބެހެން އުޅެންޏާ ކަންތައް ވަރަށް ގޯސްވާނެ." އަހަރެން އެންމެ ފަހު ޖުމުލަ އިއްވާލުމަށް ފަހު، ބަޑިއަށް އިތުރަށް ބާރުލައި ކުޑަކޮށް ތަޅުވާލީމެވެ. އަދި އެނބުރި ހިނގައިގަތީ ކުޅި ބަލަން ތިބި ދެމީހުނާ ދިމާއަށްވެސް ބަޑި އަމާޒުކޮށްލާފައެވެ. އޭގެން ވަޒަނެއް ދޫކޮށްލަންވެސް އަހަރެން ފަސްނުޖެހޭނަމޭ ބުނާ ފަދައަކުންނެވެ.
ކޮޓަރިއަށް ވަދެ ތަޅުލެވުނު ކަން ޔަޤީންކޮށްފައި ބަޑި ފޮރުވީމެވެ. މީހަކަށް އެ ލިބިއްޖިއްޔާ އަހަރެން ސަލާމަތެއް ނުވާނެއެވެ. ގައިން ތާހިރުވެ ރީތި ވެލީމެވެ. ބޭރަށް ދާށެވެ. އިފްޝޮޓާއިވެސް ބައްދަލު ކުރަން ޖެހެއެވެ. ހިމްޔާންގެ މަތީ މީހާއަކީވެސް އެއީއެވެ.
......................
"ރިފާޝާ!" ތަޅުލާފައި ހުރި ދޮރު ހުޅުވާލުމާއި އެކު އިފްޝޮޓް އިން ތަނުން ތެދުވީ ބިރެއް ފެނިގެންހެނެވެ. އެ ބިލްޑިން ގައި ހުންނަ އިފްޝޮޓްގެ އަމިއްލަ ކޮޓަރިގަނޑެވެ. އެހެން ގޮތަކަށް ބުނާނަމަ އިފްޝޮޓްގެ އޮފީހެވެ.
އެތަނުގައި އެވަގުތު ހިމްޔާނުވެސް ހުއްޓެވެ. ދެމީހުންވެސް ދެލޯ ބޮޑުކޮށްގެން އަހަރެންނަށް ބަލަނީއެވެ. ފާޑަކަށެވެ. ހިމްޔާންގެ ދެލޯ ދެފަހަރަކު އަހަރެންގެ ހުޑީގެ ޖީބަށްވެސް އަމާޒުވިއެވެ. ފިސްތޯލު އޮވެފާނެ ކަމަށް ކަންނޭނގެއެވެ.
"ކަލޭ ދޭ ބޭރަށް. މަ މީނަޔާ ވާހަކައެއް ދައްކަން ޖެހޭ.." އަހަރެން އަމުރު ކޮށްލީމެވެ. ހިމްޔާނަށެވެ. އަހަރެންވެސް ދެން ހިމްޔާން ބުނާހާ ކަމެއް ކޮށްދީގެނެއް ނޫޅޭނަމެވެ. އަހަރެންގެ ހުންގާނުގައި ދެން ހުންނާނީ އަހަރެންނެވެ. ކުރިއަށް ދާނެ މިސްރާބުވެސް އެހެން މީހަކު ކަނޑައެޅިޔަ ނުދޭނަމެވެ.
"މަ ބަޑި ހޯދީ ކޮންތާކުންތޯ ސުވާލު ނުކުރާތި. ކިތަންމެ ވަރަކަށް އެހިޔަސް ނުބުނާނަން.." ހިމްޔާން ދިޔުމުން، އަހަރެން އިފްޝޮޓް ކުރިމަތީ ހުރި މޭޒުގެ ކުރިމަތީ މަޑުކޮށްލީމެވެ. އެއްޗެކޭ ނުބުނެ އިފްޝޮޓް ބަލަން ހުއްޓެވެ.
"ހީކުރަން ކައެއަށްވެސް އެނގޭނެ ކަމަށް މަ ޢާއިލާ ދެކެ ލޯބިވާ ވަރު. ހިމްޔާނަކަސް އެހެން މީހަކަސް، މަ ލޯބިވާ މީހަކަށް ކެއްސެއް ދީފިއްޔާ އޭގެ ހިތި ރަހަ އެމީހެއްގެ ކަރުބުޑުގަ ލާނެ." އަހަރެން ކިޔައިދެމުން ދިޔައިމެވެ. އިފްޝޮޓް ދޫ ހަރަކާތްވެސް ކޮށްނުލާ ބަސްއަހައިގެން އިނެވެ.
"މަ ކަލޭމެން ބުނާ ގޭންގު ހުރިހާ ކަމެއްވެސް ކޮށްދޭނަން. ތިކިޔާ އާ ޕްލޭނެއްގަ މަ ބައިވެރި ކުރިޔަސް މަ އެކަމެއް ކޮށްދޭނަން. އެކަމަކު ދެން ދުވަހެއްގެ ކޮޅުންވެސް މަ، އެ ހިމްޔާނާ ވައިވެސް ނޭޅޭނަން.." އަހަރެން ބުނެލީމެވެ. އެއަށްފަހު ހަނު ހުރުމުން، އިފްރީން ވާހަކަ ދައްކަން އަނގަހުޅުވާލިއެވެ. ނަމަވެސް ފުރަތަމަ ކަމަކަށް، އިށާރާތްކޮށްލީ، ކައިރީގައި ހުރި ގޮނޑީގައި އިށީނުމަށެވެ.
"ހިމްޔާން މަށަށް އެ ކިޔައިދިނީ ތެދުތަ؟" އިފްރީން ސުވާލުކޮށްލިއެވެ. މީނަވެސް މިހާރު ހިމްޔާނަށް އިތުބާރު ނުކުރަނީ ހެއްޔެވެ؟ އެއީ މީހަކު އިތުބާރު ކުރަން ހެޔޮ ވާ ވަރު މީހެއްވެސް ނޫނެވެ.
"ހިއެއް ނުވޭ ދޮގެއް ހަދާފާނެ ހެނެއް. ކައެއަކަށް.." އަހަރެން ބުނީމެވެ. ހިމްޔާން ކީ އެއްޗެއް ނޭނގެންޏާ ދޮގާއި ތެދާ ވަކި ކުރާނީ ކިހިނެއް ހެއްޔެވެ؟
"އެހެންވީމަ ކަލޭ ގޮސް މުއީނަށް ބިރު ދައްކާފަ ހުރިހާ ވާހަކައެއް އޭނަގެ އަނގައިން ބޭރުކުރީ؟ ފިސްތޯލެއްވެސް ހޯދި ތާކުން ހޯދައިހެން އެބަ ގެންގުޅޭ.." އިފްރީން ފުން ނަޟަރަކުން ބަލައިލިއެވެ. އަހަރެންނަށް ހަދަންވީ ގޮތެއް ވިސްނަނީ ކަންނޭނގެއެވެ.
"ކޮބާ ކުރި ރިކޯރޑިން؟" ސުވާލު ކުރުމުން، އަހަރެން ފޯނު ނަގާ ރިކޯޑިން ޖައްސާލީމެވެ.
"ހިމްޔާން ބުނި ކަލޭ ބުންޏޭ މީތި ޕޮލިހުންނަށް ދޭނަމޭ.." އިފްރީން، ރިކޯޑިން ނިއްވާލުމަށް ފަހު އަނެއްކާވެސް އަހަރެންނަށް ބަލައިލިއެވެ.
"މަށަކީ ތިބުނާހާ ގަމާރު މީހެއް ނޫނޭ. މަ ވެސް ގޭންގް ދެކެ ލޯބިވާތީ ދޯ މިހުރިހާ ދުވަހުވެސް މި އުޅެނީ. މަގޭ ނަފުރަތު އޮތީ ހަމަ އެކަނި ހިމްޔާނަށް.." ހިތަށް އައި އެއްޗަކުން، މޭޒުގެ އަޑީގައި އަތް ކާތާލަމުން ބުނެލީމެވެ. އިފްރީނަށް ފާހަގަ ނުވާނޭހެން ސިއްރު ސިއްރުންނެވެ.
"އެންމެ ރަނގަޅު. ޕްލޭނަށް ދަމާ." އިފްޝޮޓް ބުނެލިއެވެ. އަހަރެންނާ މެދު މާ ބޮޑު ނުރުހުންތެރިކަމެއް ހުރި ހެނެއް ހިއެއް ނުވެއެވެ.
"ރޭގަ ޑެލް ހައްޔަރު ކޮށްފި. ހައިޝަމް ކަންތަކުގަ އޭނަގެ އަތެއް އޮތް ކަން ކޮންމެސް ގޮތަކުން ޕޮލިހުންނަށް އެނގުނީ. އަހަރެމެން ވަރަށް އުޅެގެންވެސް އޭނަ ދޫކޮށެއް ނުލި. އެހެންވީމަ ރިފާޝާ، ޖަމީލް އެއްކޮށް ގޮސް، ޑެލް ގޮވައިގެން އަންނަންވީ.." އިފްޝޮޓް އަހަރެންނަށް ބަލަމުން ދިޔައީ ދުވަހަކު ނުބަލާ ކަހަލަ ޒާތަކަށެވެ.
ޕްލޭން ކިޔައިދިން އިރު، މޭޒު ދަށުން އަތުޖެހުނު ރިކޯޑަރ ދިރާސާ ކޮށްލީމެވެ. ހަމަ ކުރިންވެސް ފެނުނު ވައްތަރު އެއްޗެކެވެ. ތަފާތަކީ މިފަހަރު އިން ނަންބަރެވެ.
ޖަމީލް އެއްކޮށް ގޮސް ކުރަން ޖެހޭ ކަންތައް ވަރަށް ބޮޑެވެ. ވަކިން ޚާއްސަކޮށް ސެކިއުރިޓީގެ ކަންތަކެވެ. އެހިސާބު ގަނޑު ހުރިހާ ކެމެރާއެއް ހަލާކު ކޮށްލަން ޖެހެއެވެ. އަދި ގޭޓު ކައިރީ ތިބޭ ދެމީހުން ކުރެ އެކަކަށް ހަމަލާ ދޭން ޖެހެއެވެ. އެތެރޭގައި އުޅޭ އަހަރެމެންގެ މީހުން، އެހިސާބަށް ޑެލް ގެނެސްދޭނެ ކަމަށް އިފްޝޮޓް ބުންޏެވެ. އަހަރެމެން އިތުރަށް ޖެހޭނީ ފުލުހުންގެ އަތު ނުޖެހި ޑެލް، ސަލާމަތުން ގޭންގަށް ގެނެސް ދޭށެވެ.
ދެބަސްވެވެން ނެތުމާއި އެކު އެއްބަސްވީމެވެ. ހައިރާންވީ ލިބުނު ވަގުތުކޮޅުގެ ކުޑަކަމުންނެވެ. ނުވެސް ދަންނަ ޖަމީލަކާއެކު ގޮސް ޖަލަކުން ގައިދީއަކު ނެރެން ޖެހެނީ ހަމަ އެރޭ ތިންގަޑި ބައިގައެވެ. އެކަމެއް ފަތިސް ވުމުގެ ކުރިން ކޮށް ނިންމަންވެސް ޖެހޭނެއެވެ.
....................
މަގުމަތީ ހޭވިލާފައި އަހަރެން ދިޔައީ ގޭންގުގެ އޭރޭ ބޭރޭ މީހުން އުޅޭ ގެއަކަށެވެ. މިއުޅޭ ސްކޫލް ކުދިންތަކާއި، ގޭންގްގެ ބޮޑެތި ޖަރީމާތަކުގައި ބައިވެރިވެ ނޫޅޭ މީހުން ސަކަރާތް ޖަހާ ގެއެކެވެ. އެމީހުން އެމީހުންގެ ބިޓުންވެސް ގޮވައިގެން މަޖާނަގާ ތަނެވެ. ބޮޑު ވާނީ މަސްތުވާ ތަކެތީގެ ކަންތަކެވެ.
ގާޑުންނަށް ތިބި މީހުން އަހަރެންނަކީ ކާކުކަން ޤަބޫލު ނޫކުރުމުން، އެމީހުންނާ ތަޅައި ގަނެފައި އެތެރެއަށް ވައްދާ ވަރު ކޮށްލީމެވެ. ނަސީބަކުން އެތަނުގައި އަންހެން ކުދިންވެސް މަދެއް ނޫނެވެ. ޖަހާފައި ހުރީ ޕޮޕް މިއުސިކެކެވެ. އެތައް މީހުނެއް އެތާ ތެރޭ އުޅުނު އިރު ކުޑަ ވަރެއްގެ ޕާޓީއެއް ފަދައެވެ. ރަނގަޅަށް މަސްތުވެފައި ނެތް މީހަކުވެސް އެތަނުގައި މަދެވެ.
އަހަރެންގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް އެކަހެރިކޮށް އިން ސޮރެކެވެ. އަނގަޔަށް ސިނގިރޭޓެއް ޖަހައިގެން އިން އިރު އެއް އަތުގައި ބިޔަރު ދަޅެއްވެސް އޮތެވެ. ބަލާ ބެލުމަށް އެ އިނީ މަސްތުވެފައި ހެން ހިއެއް ނުވެއެވެ.
ގޮސް އެމީހާ ކައިރީ ސޯފާގައި ޖައްސާލީމެވެ. އަނގައިގައި އޮތް ސިނގިރޭޓުގެ ދަހިވެތި ކަމުގައި، އަތް ހަރަކާތް ކޮށްލެވުނީ، އެމީހާ ބިޔަރު ދަޅު ހިއްލާލި ވަގުތުގައެވެ. އެމީހާ އެއްވެސް ވަރަކަށް ނުވިސްނާ އިނުމުން، އެ ބިޔަރު ދަޅު ވެރުނެވެ. ސިނގިރޭޓަށާއި އެއްކޮށް އަހަރެންގެ އަތަށެވެ. އައި ރުޅިން ދެމީހުން ދެމީހުނަށް ލޯ އަޅާލީމެވެ. ކުރިމަތީ ހުރި ކުޑަ މޭޒުމަތީ އޮތް އެމީހާގެ ސިނގިރޭޓު ފޮށި ނެގުމުން، އެމިހާ ބިޔަރު ބުއިމައިގެން ކުރިއަށް ދިޔައެވެ.
އަހަރެންގެ ނިޔަފަތިތައް ފާހަގަވީ އެވަގުތެވެ. ހަމަ ގައިމުވެސް އަހަރެންގެ އަތަށް ބިޔަރު ދަޅު ވެރުނެވެ. ދެން ނިޔަފަތި ތަކުގެ ކުލަ ބަދަލު ނުވަނީ ކީތްވެހެއްޔެވެ؟ އަނެއްކާ އެ ނެއިލް ޕޮލިޝް، މަސައްކަތް ނުކުރަނީ ހެއްޔެވެ؟
ހިތުގައި ބޮޑު އުދާހެއް ބާއްވައިގެން އުޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މަޑުން ނީނދެވިގެން ހިނގައިގަތީމެވެ. ރާ ފުޅިއެއް ހޯދާށެވެ. ނަސީބަކުން ވަރަށް ފަސޭހައިން ހުސްކޮށްލާފައި، އެއްލައިލާފައި އޮތް ފުޅިއެއް އަތުޖެހުނެވެ. ފުލުގައި އެތިކޮޅެއް ހުއްޓެވެ.
ފުޅި އަތަށް ނެގީމެވެ. އަދި މަޑުމަޑުން ފުހިއްލައިލާ، ހުރި އެތިފޮދު އަތަށް އަޅާލީމެވެ. ދޮރު ހުޅުވާލި މީހަކު ފެނުނީ އެވަގުތެވެ.
(ނުނިމޭ)

ޚިޔާލު ފޮނުއްވާ