Views: 3722 79

ދެން ވޭތުވީ، އަހަރެންނަށް މަސައްކަތެއް ނެތް ދުވަސްކޮޅެކެވެ. އެމީހުން، އަހަރެން ބައިވެރި ނުކުރީއެވެ. އަހަރެންނަށް ޖެހުނީ ގޭގައި ފޫހިވެފައި އޮންނާށެވެ. ދޭތެރެދޭތެރެއިން އަޔާޒް ނޫނީ އެޖާއި އެކު ކޮފީއަކަށް ގޮސްލެމެވެ. އަހަރެން އެއް ގޮތަކަށްވެސް ހިމްޔާނާއި ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ރާއިނާ އަހަރެންގެ ގުޅުންވެސް، ފޯނު ކޯލުތަކުންނާއި، ބައެއް ފަހަރު ބައްދަލުވުމުން، ދިޔައީ ބަދަހިވަމުންނެވެ.
އާ އަހަރު ފެށުނު ރޭ ވީ އަހަރެންނަށް ވަރަށް ޚާއްސަ ރެއަކަށެވެ. މަހެއް ހާ ދުވަހަށް ފަހު ރާއިން، ރަށްޓެހިވާން އެހުމުންނެވެ. އަހަރެން ބުނާނީވެސް ކީކޭހެއްޔެވެ؟ އޭގެ މާކުރިންވެސް ހިތުގެ މިލްކުވެރިކަން ވަނީ ރާއިނަށް ނަޤުލު ކުރެވިފައެވެ. ލިބުނު އުފާވެރިކަން ބަޔާން ކުރަންވެސް ދައްޗެވެ.
ބޯއިފްރެންޑަކާ، ބެސްޓީ އަކާ، ގޭންގް ބެސްޓީއަކާއެކު އަހަރެންގެ ދިރިއުޅުން ހަމަ ވަރަށް ފައްކަލެވެ. ހައިޝަމް ކަންތަކުގައި، ލިބުނު ރުފިޔާވެސް، ރަނގަޅަށް ޚަރަދުކޮށްލެވޭ ވަރަށް ހުއްޓެވެ.
............................
"ރިފް.. ވަރަށް އަވަހަށް ހުޅުވަބަ" ދޮރުގައި ޓަކިޖަހަމުން ބޭރުން ހިމްޔާން ގޮވާލިއެވެ. އަހަރެންނަށް ނިދިފައި އޮއްވައެވެ. ހިމްޔާނާއި އަހަރެން، ފެނިލުމުން އެއްޗެއް ބުނެލުން ނޫން ގޮތަކަށް ވާހަކަ ނުދައްކާތާ ދެމަސްވަނީއެވެ. ފުރަތަމަކޮޅު ފަހަތުން ނުނައްޓާ، ވީ ކީތްތޯ ބަލަން ވަރަށް އުޅުނު ނަމަވެސް ފަހުން ފަހުން ހިމްޔާންވެސް، ކޮންމެހެން އަހަރެން އުޅޭގޮތަކާއި އަޅާލާކަށް ނޫޅެއެވެ.
"ހުނ؟" ކުޑަކޮށް ދޮރު ހުޅުވާލާފައި އަޑު ލައްވާލީމެވެ.
"އިފްޝޮޓް ބުނީ، މިރޭ ރިފް ގޮވައިގެން އަންނައްޗޯ.. އެ ވާހަކަ ބުނެލަން.." ހިމްޔާން ރީތިކޮށް އަހަރެންގެ މޫނަށް ބަލައިލިއެވެ. އިތުރަށް ކޮންމެސް އެއްޗެކޭ ބުނަން އުޅޭހެންވެސް ހީވެއެވެ. ނަމަވެސް އަހާކަށް ނެތީމެވެ. އަހަރެން، މުއީނަށްފަހު ކޮއްކޮއާއި މަންމަގެ މަރުގައި ކުށްވެރި ކުރާނީ ހިމްޔާނެވެ. ދުވަހަކުވެސް މަޢާފް ކުރެވޭނެ ހެނެއް ހިއެއް ނުވެއެވެ.
އަހަރެން ހޫމް އަޅުވާލުމުން، ހިމްޔާން ހިނިތުންވެލާފައި އޭނާގެ ކޮޓަރިއާ ދިމާލަށް ދިޔައެވެ. ދެފަހަރަކު އެނބުރި ބަލައިވެސްލިއެވެ.
އެނދުގައި އޮށޯވެލާ، ރާއިނަށް މެސެޖު ކޮށްލީމެވެ. އެރޭ ދެވެން ނެތް ވާހަކައެވެ. ހެނދުނު ޖިމަށް ގޮސް އައިސް ނިދިގޮތަށް މި ހޭލެވުނީ ހަވީރުއެވެ. ފެންވަރާލައިގެން ތާޒާވެލީމެވެ. ގޭންގް ކަމަކު މިހާ ޒަމާނަށް ފަހު ދާންޖެހުމުން އަހަރެންގެ ހިތްވެސް ޢާންމު ރޭޓަށްވުރެ ބާރަށް ތެޅޭހެން ހީވެއެވެ. ޔަޤީނުންވެސް އިފްޝޮޓް ކުޑަކަމަކު އަހަންނެއް ނުގެންދާނެއެވެ.
..................
"ރިފް.." ހިމްޔާނު ފަހަތަށް ސައިކަލަށް އަރައިގެން ދިޔައިރު، ހިމްޔާން އަހަރެންނަށް ގޮވާލިއެވެ. އަހަރެން އިނީ ޖަވާބުނުދޭން، ގަދަ އަޒުމަކާއި އެކު ހިތުލައިގެންނެވެ.
"ރިފް ކުރަން ބޭނުން ނުވާ ކަމެއް ކުރަން އިފްޝޮޓް ބުނެފިއްޔާ، ބުނާތި އެކަމެއް ނުކުރާނަމޭ. އިފްޝޮޓް ރުޅިއަޔަސް ޑިސިޝަން ނަގާނީ ރިފް" އެތެރެއަށް ވަންނަން ދިޔައިރުވެސް، ހަވީރުއްސުރެ ހިމްޔާންގެ މޫނުމަތީ ހުރި ނުތަނަވަސްކަން ހުއްޓެވެ.
......................
"ކަލޭ ހާދަ ދަންނަ ވައްތަރެއް ޖަހަޔޭ.." އަހަރެން ގާތު އިހަށް މަޑުކުރަން ބުނެފައި ހިމްޔާން، އިފްޝޮޓް ހުރި ކޮޓަރިއަށް ވުނުމުން، ބާ ސޯފާގަނޑެއްގައި ވޭޕެއް ހިފައިގެން އިން މީހާ ފެނި އަހަރެން ގޮސް ޖައްސާލީ އެ ސޯފާގައެވެ. އެސޮރާ ފޮށެލާ ހިތްވީއެވެ. ދުވަސްގަނޑެއް ކުރިން އަހަރެންނާ މަގުމަތިން ދިމާކުރި މީހާއެވެ.
"އޭ އެއްކަލަ މަންޖެތަ؟" ބިރެއް ފެނުނުހެން، ކުޑަކޮށް ދުރަށް ޖެހިލަމުން އެމީހާ ފަލަމަސްގަނޑުގައި އަތް އަޅާލިއެވެ. އަހަރެން ވަޅި ހަރާލި ތަނުގައި ކަންނޭނގެއެވެ.
"ކަލޭ ތިހާ ފިނޑި އިރު މަގުމަތިން ދާހާ މީހަކަށް އުނދަގޫ ކުރަންވާނެ.." އަހަރެން ހިނިގަނޑެއް ޖަހާލާފައި ބުނެލީމެވެ. ރަނގަޅަށްވެސް އޭނަ ކަޑަކޮށްލަން ބޭނުމެވެ.
ހިމްޔާން ގޮވުމުން އަހަރެން އެތެރެއަށް ވަންނަން ދިޔައީމެވެ. އެއިރު ހިތް ނޭނގޭ ބާރު މިނެއްގައި ތެޅެމުން ދިޔައެވެ. ރަނގަޅު ކަމެއް ނަމަ، ހިމްޔާން އެގޮތަށް ވާހަކައެއް ނުދައްކާނެއެވެ.
...............
"ރިފާޝާ." އަހަރެން، ގޮނޑީގައި އިށީނުމުން، އިފްޝޮޓް ވަރަށް ރަނގަޅަށް އަހަންނަށް ބަލައިލިއެވެ. ސްކޭނެއް ކޮށްލަން އުޅޭފަދައަކުންނެވެ. އަހަރެންގެ ހިތް އޮބި އޮންނަވަރެއް ނޫނެވެ. ކީތްވެ ކަމެއްވެސް ނޭނގެއެވެ. އެކޮޓަރިގަނޑުގައި ތިބީވެސް ހަމައެކަނި އިފްޝޮޓާއި، ހިމްޔާން އަދި ޑެލްގެ އިތުރުން، ތިން މީހެކެވެ.
"މި ވީހާ ދުވަހު ކިހާ ކަމެއް ދަސްވެއްޖެ؟" ފުރަތަމަވެސް ކުރިމަތިވީ ސުވާލަކާއެވެ. އަހަރެން ވަކި ޖަވާބެއް ނުދެމެވެ. އެހެން ކަމުން އަނެއްކާވެސް އިފްޝޮޓް ވާހަކަ ދައްކަން ފެށްޓެވެ.
"ރިފާޝާ އެއްވެސް ވަރަކަށް ސްޓަފް ބޭނުންކުރިންތަ؟" ދެން އިވުނީ ހައިރާންވި ސުވާލެކެވެ. ކީތްވެގެން އިފްޝޮޓް އަހަން ހިތަށް އެރުވި އެއްޗެއްބާއެވެ؟
"ނޫން!" މަޑުމަޑުން ބުނެލީމެވެ.
"ރަނގަޅު.." އަހަރެންދޭހާ ޖަވާބެއް މާކު ކުރަން އިންނަ މީހެއް ހެން، އިފްޝޮޓް އިނެވެ.
"ރިފް ވަރަށް ކްރައިމްގަ ބައިވެރިވާ ހިތްވެއެންނު؟" އިފްޝޮޓް ދެން އެހި ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި އަހަރެންނަށް، އިރުކޮޅަކު އިންނަން ޖެހުނެވެ. ޙަޤީގަތުގައި އަހަރެން، ޤާނޫނާ ޚިލާފު ކަންކަން ކުރަން ވަރަށް ލޯބިކުރަމެވެ. މަޖަލަށެވެ. ނަމަވެސް އެއީ ހަމައެކަނި ލާނެތް ކަންކަމެވެ. ބަޔަކަށް ޖެއްސުންކޮށް، ތަނެއް ހެކު ކޮށް ވައްކަންކުރެވިދާނެއެވެ. ނަމަވެސް މީހުން މަރާ، ޑްރަގް ޑީލް ކުރުމަކީ އަހަރެން އެއްވެސް ވަރަކަށް ގަޔާވާ ކަމެއް ނޫނެވެ.
"ޑިޕެންޑްސް" ދެވިސްނުމެއްގައި އިނދެފައި އަހަރެން ބަހެއް ދުލުކުރިއަށް ގެނައިމެވެ. އިފްޝޮޓް މަޑުމަޑުން ބޯ ޖަހާލިއެވެ.
"ރިފް މިކަމުގަ މިހެން އުޅޭއިރު ޖަލަށް ވަދެލާކަށް ބޭނުމެއް ނުވޭތަ؟" އިފްޝޮޓް އެހި ސުވާލުން ނަގަންވީ މާނައެއް އަހަރެންނަކަށް މުޅިއަކުން ދޭހައެއް ނުވިއެވެ. ކިތަންމެ ފޫއްސެއް ވިޔަސް ބަލައިލެވުނީ ހިމްޔާނަށެވެ. ހިމްޔާނު ވަގުތުން ބޯހޫރާލިއެވެ. އަހަރެން ނޫނެކޭ ބުނަން ވީ ހެއްޔެވެ؟
"ގިނަވެގެން ދެދުވަސް ތެރޭ ނެރެދޭނަމޭ." އިފްޝޮޓް އިތުރުކޮށްލިއެވެ. އަހަރެން ވިސްނާލީމެވެ. އަހަރެންނަށް އަދި ދުވަހަކުވެސް، ކުށެއް ކޮށްގެން، ސްކޫލުން ނޫނީ އަދަބެއް ނުލިބެއެވެ. ޖަލުތެރެ ލޮލަށްވެސް ފެނިފައެއް ނުވެއެވެ. އެބުނާ ގޮތަށް ވަދެލާފަ ނިކުމެވެންޏާ މިއީ ކިހާ ރަނގަޅު ފުރުސަތެއްހެއްޔެވެ؟
"މަޖާ ވާނެ.." އަހަރެންގެ މޫނަށް ލާނެއް ހިނިތުންވުމެއް ވެރިކުރުވީމެވެ. އެކަމަކު ޖަލަށް ވަންނަން ކުރަން ޖެހޭނީ ކޮންކަމެއް ބާއޭ ހިތަށް އެރިއެވެ.
އިފްޝޮޓްވެސް ހިނިތުންވެލަމުން، އެތަނުގައި ތިބި އެހެންމީހުނަށް އިށާރާތެއް ކޮށްލިއެވެ. އެތަނުން ނުކުތުމަށެވެ. އަހަރެންނާއި އިފްޝޮޓް އެކަނި ވުމުން، އިފްޝޮޓް ވަރަށް ސާފުކޮށް ޕްލޭން ކިޔައިދިނެވެ. އަހަރެން ކަނުލާ އަޑުއަހަން އިނީމެވެ. މާ ބިރުވެރި މަސައްކަތެއްވެސް ނޫނެވެ.
......................
ހޮނިހިރު ދުވަހެވެ. އިފްޝޮޓްގެ ރޭވުމާއި އެއްގޮތަށް އަހަރެން ހުރީ ހުޅުމާލޭގެ ބީޗް ސަރަހައްދުގައެވެ. ހަވީރު ފިންޏަށް ނިކުމެ އުޅޭ މީސްމީހުން އެކި ހިސާބުތަކުން ފެންނަން ތިއްބެވެ. އަހަރެން މަޑުކޮށްލައިގެން ހުރި ކެފޭ ތެރޭގައިވެސް ކޮންމެވެސް ވަރަކަށް މީހުން ތިއްބެވެ. ގިނައީ ކޮފީއަކަށް އައިސް ތިބޭ ފިރިހެންވެރިންނެވެ.
ކަޅުކުލައިގެ ޓޮޔޯޓާ ކާރެއް އައިސް މާދުރު ނޫން ހިސާބެއްގައި މަޑުކޮށްލުމުން އަހަރެން ފުން ނޭވާއެއް ބޭރުކޮށްލުމަށް ފަހު ތައްޔާރުވެލީމެވެ. ވަގުތު އައިސް ޖެހެނީއެވެ. ކެފޭ ތެރެއަށް ވަދެގެން އައި ތިރީހަކަށް އަހަރުގެ ފިރިހެން މީހާއަށް ކަތި ނަޟަރަކުން ބަލައިލީމެވެ.
ލައިގެން ހުރި ކަޅު ކޯޓައި ފަޓުލޫނުގައި އޮފިޝަލްގޮތެއް ހުއްޓެވެ. މަޝްހޫރު ބޮޑު ޤާނޫނީ ވަކީލެއްގެ ކިބައިން އެ ސިފަ ނުފެންނާނެ ސަބަބެއްވެސް ނެތެވެ.
އެމީހާގެ އިންތިޒާރުގައި އިން އަޒީމް، ފެނިގެން ހަނާއަޅާލުމުން، އެމީހާގޮސް އަޒީމްގާތު އިށީނެވެ. އަޒީމަކީވެސް، ސަރުކާރުގެ ބޮޑު މުއައްސަސާއެއްގެ ވެރިއެކެވެ. އަމިއްލަ ވިޔަފާރިތައްވެސް ބައިވަރެވެ.
ބައްދަލުވުން ނިންމާލާފައި އަޒީމް ދިޔުމުން، އިރުކޮޅެއް ކޮށްލާފައި އަހަރެން ތެދުވީމެވެ. އަނގަޔަށް ސިނގިރެޓެއް ޖަހާލައިގެން، އަނެއް އަތުން ފޮށިހިފައިގެންނެވެ.
"ހާދަ ހާސްވެފަ އިން ވައްތަރު ޖަހައޭ.." އަހަރެން ގޮސް، އެ ޤާނޫނީ ވަކީލު ކައިރީ އިށީނީމެވެ. ހުއްދަ ހޯދުމެއްވެސް ނެތިއެވެ. އެމީހާ ފަނޑު ހިނިތުންވުމެއް ދިނެވެ.
"އަން ސިނގިރޭޓެއް.. ހާސްކަން ކެނޑިދާނެ." އަހަރެން އަތުގައި އޮތް ފޮށިދިއްކޮށްލީމެވެ. އަނާން އޭގައި ހިފުމާއި އެކު، އަހަރެން އޭގެ ތުނި ޕްލާސްޓިކް ކަވަރު ދަމައިގަތީމެވެ. މިހާރު އެފޮށީގައި އަހަރެންގެ ފިންގަރޕްރިންޓެއް ނުހުންނާނެއެވެ.
އަނާން ސިނގިރެޓު ރޯކޮށްލި ވަގުތު ކައިރިވި ވެއިޓްރެސް އަތަށް، އަހަރެން ސިއްރުސިއްރުން އެ ޕްލާސްޓިކް ގަނޑު ދިނީމެވެ. ހުރިހާ ހެއްކެތް ނައްތާލުމަށެވެ. އަނާން އޯޑަރ ކުރި ކޮފީ ހިފައިގެން ނަމުގައި އަޔަސް، އެއީވެސް ކޮންމެވެސް ހިސާބަކުން ގޭންގާއި ގުޅިފައިވާ ކުއްޖެކެވެ.
އަނާން ސިނގިރޭޓު ރޯކޮށްލާ އެ ބޯލަންދެންވެސް އަހަރެން ވަރަށް ނޫންކަމަށް ހަދާލާފައި ބަލަން އިނީމެވެ. އަނާން ބަހެއް ބުނުމަށް އަނގަހުޅުވާލި ހިނދު އަހަރެން އަވަސްއަވަހަށް ފޯނު ކޯލެއް އައީ ކަމަށް ހެދީމެވެ.
"ހަލޯ... ނޫން ބިޒީއެއް ނޫން. ދާންވީތަ؟" އަހަރެން ފޯނު ކަންފަތުގައި ޖަހައިގެން އިނދެ ބުނެލީމެވެ. ފޯނު އެހެން ކަންފަތުގައި ޖެހުމުން އެ ދެވުނީ ސިގްނަލެކެވެ. ފެހި ސިގްނަލެވެ.
އަހަރެން ފޯނު ބޭއްވުމުން، އަނާން އަހަރެންނަކީ ކާކުތޯ ސުވާލުކޮށްލިއެވެ. އަހަރެން މަތިމަތިން ވަނަވަރު ކިޔާލަ ދިނީމެވެ. ކާކުކަން ނޭނގޭ ވަރަށެވެ.
މާ ގިނަ އިރުތަކެއް ނުވެ، ކެފޭ ތެރެއަށް އައީ ފުލުހުންގެ ޓީމެކެވެ. އައިސް މަޑުކޮށްލީ އަހަރެމެންގެ މޭޒުދޮށުގައެވެ. ބަހެއް ބުނެލުމެއްނެތި އަހަރެމެން ދެމީހުން ގެންގޮސް ފުލުހުންގެ ވޭނުގެ ތެރެއަށް އެރުވިއެވެ. އަނާން ވާ ނުވާގައިއިނެވެ. އަހަރެންވެސް، ވީގޮތް ނޭނގޭކަމަށް ދެއްކޭތޯ އުޅުނީމެވެ. މި ހައްޔަރު ކުރެވުނީ އަނާންގެ ކާރުގެ ތެރެއިން މަސްތުވާ ތަކެތި ފެނިގެންކަން ރަނގަޅަށްވެސް އެނގޭ ޙާލުގައެވެ.
.....................
ކުޑަކުޑަ ކޮޓަރިގަނޑެއްގައި އެކަނި އިންނަތާ ބައިގަޑިއިރެއް ހާއިރު ވެދާނެއެވެ. ލައްޕާފައި ހުރި ދޮރުގެ ބޭރުގައި ދެ ފުލުހަކު މަޑުކޮށްގެން ތިއްބެވެ.
ޓެސްތު ހެދުމަށް ގެންދިޔަ އިރު އަހަރެންގެ ހިތުގައި އެއްވެސް ވަރެއްގެ ހާސްކަމެއް ނެތެވެ. ނަތީޖާ އައީވެސް ބޭނުންވި ގޮތަށެވެ. އަހަރެން ޕޮސިޓިވްއެއް ނުވިއެވެ. އަނެއްކާވެސް އަހަރެން ކުރިން ގެންދިޔަ ކޮޓަރިގަނޑަށް ގެންދިޔައެވެ. އެ ހުރިހާ ހިނގުމެއް ހިނގި އިރު އަހަރެންގެ ކަމަކީ އެތަން ދިރާސާ ކުރުމެވެ. ކެމެރާތައް ހުންނަ ތަންތަނާއި، ދެވެން ހުންނަ މަގުތަކެވެ. އެމީހުންގެ ހުނަރުވެރިކަންވެސް މެއެވެ. ކިހާ ހުނަރެއް އެބަހުރިތޯ ބަލައިލަން، އެމީހުން ފޮޅާލާފައި ދުއްވައިގަންނަން ވީއޭވެސް ހިތަށް އެރިއެވެ. ހައްތަހާވެސް ޕްލޭނެއްގެ ދަށުން ކުރާ ކަމެއް ކަމަށް ވުމުން، އެކަން ނުކުރީއެވެ.
ތަންކޮޅެއް ގިނަ ބެޖު އަރުވާލާފައި ހުރި ފުލުހެއް އެތެރެއަށް އައީ އަހަރެން އަނާނާމެދު ވިސްނަން އިންދައެވެ. ހަމަ ގައިމުވެސް އަނާން މަސްތުވާތަކެތި ބޭނުންކުރި ކަމަށް ނަތީޖާއިން ފެންނަން ޖެހޭނެއެވެ. އަހަރެން ދިން ސިނގިރެޓު ފޮށީގެ ކޮންމެ ސިނގިރޭޓެއްގައިމެ އެ ހުންނާނެއެވެ.
"އަނާން ބުނާ ގޮތުން، އޭނައަށް މި ފޮށި ދިނީ ރިފާޝާ." އަހަރެންގެ ކުރިމައްޗަށް ވާ ގޮތަށް ގޮނޑިއެއް ބަހައްޓާ އިށީންނަމުން އެމީހާ ބުނެލިއެވެ. އަހަރެން ބޭނުންވީ ވަރުގަދަ ހިނިގަނޑެއް ޖަހާލާށެވެ. ނަމަވެސް ޑިރެކްޓަރު ޑްރާމާއެއް ކުޅެން އިރުޝާދު ދިނުމުން ހަދަން ޖެހޭނީވެސް އެހެންނެވެ.
"މަށޭ؟ ބަލަ ތީގަ އެންމެ ސިނގިރޭޓެއްނު މަދީވެސް. މަ ކެފޭގަ އިނީވެސް ސިނގިރެޓެއް ޖަހައިގެން. ތީގަ މަދީ އަނާން ބުއި ސިނގިރެޓު. މަ ތީގަ އަތްވެސް ނުލަން." އަހަރެން ތެދާއި ދޮގު އެއްކޮށްގެން ވާހަކަ ހަދާލީމެވެ. ފާޑަކަށް ބަލަން އިނދެފައި އެމީހާ އަނެއްކާވެސް ނިކުމެގެން ދިޔައީއެވެ.
ފިންގަރޕްރިންޓް ރިޕޯޓްނެގުމުން، ދެންވެސް އަހަރެންނާއި ދެކޮޅަށް ހެއްކެތް ނުލިބުނެވެ. އެތައް ފަހަރަކު އެހުމުންވެސް އަހަރެން އެއްބަހެއްވެސް ނުވީމެވެ. އެންމެ ފަހުން އަހަރެން ޖެހުނީ ދޫކޮށްލާށެވެ.
"މީހަކު ބައްދަލު ކޮށްލަން ބޭނުންވާތީ، އިހަށް ހިނގާ އެ ކޮޓަރިއަށް.." ދޫކޮށްލަން ގެންދަމުން، ފުލުހެއް ބުނެލިއެވެ. އެއިރުވެސް އަދި ބިޑި ނައްޓުވާ ނުލައެވެ. ހިތާއި ހިތުން ކާކު ބާއޭ ސުވާލުކޮށްލަމުން އެބުނި ކޮޓަރިއަށް ވަނީމެވެ.
..................
"ތީ ފާރިޝް ކުއްޖެއް ނޫންތަ؟" ބައްދަލު ކުރާށޭ ބުނެ އައިސް އިނީ އަހަރެން ނުވެސް ދަންނަ ފުލުސް އޮފިސަރެކެވެ. ކުރި ސުވާލަށް އަހަރެން ހޫމް އަޅުވާލީމެވެ. މިމީހުން އަތުގައި އަހަރެންގެ ހުރިހާ މައުލޫމާތެއް ހުއްޓަ، ދެން ކޮންމެހެން ބޮޑު ދޮގުތަކެއް ހަދަންވީ ކީތްކުރަން ހެއްޔެވެ؟
"މަންމަޔާ ކޮއްކޮޔާ ވެސް މަރުވެއްޖެއެއްނު؟ ކާކާ އެއްކޮށް އުޅެނީ؟ މަންމަ އާއިލާ އެއްކޮށްތަ؟" އެމީހާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. އަހަރެން ޖަވާބު ދިނުމުގެ ބަދަލުގައި ކޮށްލީ ސުވާލެކެވެ. އެއީ ކާކުތޯއެވެ. ވާހަކަ ދައްކާނީ ރިވެތި ބަހުންތޯ ނޫނީ ނޫންތޯ ބަލާށެވެ.
"މަ މީ ފާރިޝް ރައްޓެއްސެއް.." އަނެއްކާ އަނެއް ކަންތަކެވެ. މީހުނަށް ވަކިން ޚާއްސަކޮށް ފުލުހުންނަށް އިހުތިރާމް ކުރުމަކީ އަހަރެން އެއްގޮތަކަށްވެސް ކުރާ ހިތްވާކަމެއް ނޫނެވެ.
"އޯހް.. ނޫން އެކަނި އުޅެނީ." އަހަރެން ބުނީމެވެ. އަށާރަ އަހަރު ފުރިފައި ވުމުން އެކަމާއި ދެކޮޅަށް އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަން ޔަޤީންކޮށްފައެވެ.
"ރަފީން މެންނަށް އެކަން އިނގޭތަ؟" ބޮލަށް އުނދަގޫ ސުވާލެކެވެ. އަހަރެން ބުނާނީވެސް ކީކޭ ހެއްޔެވެ؟ އެހި މީހާވެސް ގަޅީއެވެ. އަހަރެން ރަފީންމެނާ އެކު އުޅޭ ނަމަ މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރާނެ ހެއްޔެވެ؟
އަހަރެން ވަކި ޖަވާބެއް ނުދެމެވެ. ނުދެވުނީއެވެ. ދެވޭނެ ޖަވާބެއްވެސް ނެތީއެވެ.
....................
ޕޮލިސް ސްޓޭޝަނުން އެހާ އަވަހަށް ނުކުމެވުމުން އަހަރެންނަށް ކަމަކު ނުދިޔައެވެ. އެއްވެސް ކަހަލަ ޖެއްސުމެއް ނުކޮށްލެވުނީތީއެވެ. ބަލައި އައިސް ހުރި ހިމްޔާން ކައިރިއަށް ދާން ހިނގައިގަތް ވަގުތެވެ.
"ރިފާޝާ!" ފަހަތުން ފިރިހެނަކު ގޮވާލި އަޑަށް އަހަރެން އެނބުރި ބަލައިލީމެވެ. ލިބުނު ސިހުމުން، އަހަރެންގެ މުޅި ހަށިގަނޑު ހުއްޓުނު ކަހަލައެވެ. ކުރިއަށްވެސް ފަހަތަށްވެސް ފިޔަވަޅެއް އަޅަން ނޭނގިފާ ހުރީމެވެ.
"ރިފާޝާ؟" ކުރިން ދިމާވި ފުލުސް އޮފިސަރާއި އެކު އައިސް އެ މަޑުކޮށްލީ ރަފީންބެއެވެ. އެމީހާ ރަފީންބެއަށްވެސް އެންގީތާއެވެ. ހިތުގެ ތެޅުން މަޑުނުވި ނަމަވެސް، ރަފީންބެ ބުނުމުން، ދާން ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހާ ގަޓު ނެތީއެވެ.
..................
ދިޔަ މަގުމަތީ އެތައް ސުވާލެއް ކުރިމަތިވިޔެވެ. އަހަރެން މަޑުމަޑުން އިނދެ ބައެއް ސުވާލުތަކަށް އާނ ހޫމް ބުނެލަމެވެ. އެންމެ ފަހުން، ދިމާވާން ނުޖެހޭ މީހުނާވެސް މި ދިމާވީއެވެ. އެވެސް ޕޮލިސް ސްޓޭޝަނުންނެވެ. އެކަމާއި ބެހޭގޮތުން ރަފީންބެ ސުވާލު ނުކުރުމުން އަހަރެން ހިތް ހަމަ ޖައްސާލީމެވެ. ހީވާ ގޮތުން އެއިރު ދިމާވި ފުލުސް މީހާ، އަހަރެން ހައްޔަރު ކުރެވުނީ އޮޅުމަކުން ކަމާއި އަހަރެންގެ ކުށެއް ނެތް ކަން ކިޔައިދިނީއެވެ. ދޮގެއްނަމަވެސް، މައްސަލަ ނިމުނީ އެހެނެވެ.
"އަޅެ ދޯ ރިފާޝާވެސް.. އެދުވަހު ހަމަ އެނގުން ދޯ މީ މަލްދާއްތަކަން؟ ހަމަ ދިޔައީ ދޯ؟" އަހަރެންގެ ބުރަކަށީގައި ފިރުމަ ފިރުމާފައި މަލްދާއްތަ ބުނަމުން ދިޔައެވެ. އަހަރެންނަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"މަށަށް އޭރުވެސް ހީވިއޭ. އަދި ބުންޏެއްނު އެ ވާނީ އެހެން ރިފާޝާއަކަށޭ.." މާހިލް އަނގަހަދާލިއެވެ. ހަނދާނަށް އަންނަނީ ކުޑައިރުގެ ހަނދާންތަކެވެ.
ރަފީންބެމެން، ވަރަށް އާދޭސް ކުރިއެވެ. މަޑު ކުރުމަށެވެ. ނަމަވެސް އަހަރެން ދެކޮޅުހެދީމެވެ. އިތުރު ގޮތެއް ނެތުމުންނެވެ. އަހަރެން އެމީހުން ކައިރީ މަޑު ކުރާނީ ކިހިނެއް ހެއްޔެވެ؟ ދެދުވަހުން އެއްދުވަހު ޖަލުގެ ތޭރިތަކުގެ ތެރޭ ހުންނަން ޖެހޭ މީހެއްގެ ޒިންމާ އެމީހުން ނަގާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންނަށް ޖެހުނީ ރޯ ދޮގުތަކެއް ހަދައިގެން މަތި ބައްދާށެވެ. އެކުވެރިޔަކާއި އެކު، ހުންނަނީ އޭނާގެ ގޭގައި ކަމަށާއި، ކިޔަވަނީ ކަމުގައި ބުނީމެވެ. އަދި ޕަރޓް ޓައިމްކޮށް ވަޒީފާ އަދާކުރަމޭވެސް ބުނެލީމެވެ.
..................
އެމީހުންގެ އެދުން ބޮލާ ލައި ޖަހާފައި އަހަރެން އެނބުރި ގެއަށް އައީމެވެ. ލައިދެން އައިސްފާވެސް، އެތައް ނަސޭހަތެއް ރަފީންބެ ދިނެވެ. ކަމެއް ބޭނުންވެއްޖެ ނަމަ އަންނަން ވައުދު ކުރުވިއެވެ.
އެތެރެއަށް ވަން އިރު ހިމްޔާން ބޮލުގައި އަތް އަޅައިގެން ސޯފާގައި އިނެވެ. ވަރަށް ހާސްވެފައެވެ. އަހަރެންގެ ހިތަށް ވެރިވީ ފޫހި ކަމެވެ. ހިމްޔާނަކީ ހާދަ ގޯސް މީހެކެވެ.
"ވަޓް؟" ދެލޯ ބޮޑުކޮށްގެން ބަލަން ފެށުމުން، ލޯ އަޅާލާފައި އަހަރެން ދިޔައިމެވެ. ކޮޓަރިއަށެވެ. ހިމްޔާން ފެނުމުން އަހަރެންގެ ޚަރާބުވެފައި ހުރި މޫޑު އިތުރަށް ގޯސްވީއެވެ.
..................
"ވީ ގޮތް ކިޔައީ ދީބަލަ." އަހަރެން އެކަނި ކޮޓަރިގަނޑަކަށް ގެންގޮސް އިފްޝޮޓް އެދުނެވެ. އަހަރެން ހުރީ އެއްގޮތަކަށްވެސް ވާހަކަ ދައްކާ ކަހަލަ މޫޑެއްގައެއް ނޫނެވެ. އެހެންކަމުން ގޮނޑީގައި ހަމަ ޖެހިލާ މޭޒުގައި އަތް އަޅުވާލަމުން އަތަށް ހެޔޮވަރު ކޮށްލީ އަހަރެންގެ ފޯނެވެ. ކަމެއް ނުކޮށް ހުންނަން ލިބުނު ދުވަސްކޮޅު އަތު ޖެއްސި އާ އެއްޗެކެވެ.
ޑޭޓާ ނިއްވާލާފައ ކްރޯމަށް ވަނީމެވެ. ގޭމު ކުޅޭށެވެ. އެގަޑީގައި ހަމަ އެކަން ކޮށްލާ ހިތްވީއެވެ. އަނގަ ޗޭ ކޮށްގެން އިފްޝޮޓް ބަލަން ހުއްޓެވެ. އެއްޗެކޭ ނުބުނާތީ އަހަރެން ހަމަ ޖެހިލައިގެން އިނީމެވެ.
"އޭތް!" ހުރި އެންމެ ބާރު އަޑުން އިފްޝޮޓް ހަޅޭއްލަވައިގަތެވެ. އަހަރެން ދިޔައީ ސިހިގެންނެވެ. ވަގުތުން އަތުން ދޫވެ ފޯނު ވެއްޓުނެވެ. ބިންމައްޗަށެވެ. އަހަރެން ރުޅިވެރި ކަމާއި އެކު އިފްޝޮޓަށް ބަލައިލީމެވެ. އިފްރީނެވެ. އަހަރެން ވާހަކަ ދައްކަން ބޭނުން ނުވާ ވަގުތަކު އަހަރެންގެ ދުލުން އެންމެ ލަފްޒެއްވެސް އިފްރީނަކަށް ބޭރެއް ނުކުރެވޭނެއެވެ.
ގުދުވެލީ ފޯނު ނަގާށެވެ. އެވަގުތު މޭޒުގެ އަޑީގައި ހަރުކޮށްފައި އިން އެއްޗެއް ފެނުނެވެ. ފާހަގަ ނުވާ ކަހަލަ ގޮތަކަށް އިން ނަމަވެސް ހަމަ ލޮލުގައި އަޅައިގަތީއެވެ. އެއަށް ބަލަން އޮވެވުނެވެ. އާދައިގެ ފަންސުރު ތުނޑުޖަހާ ދައްޗަކަށް ވުރެ ބޮޑެއް ނުވާނެއެވެ. ރަނގަޅަށް ބަލައިލުމުން އޭގެން ކުދި ކުދި ހޮރުތަކެއް ފެނުނެވެ. ވަގުތުން އެއީ ރިކޯޑަރެއް ކަން ދެނެގަތީމެވެ.
"އިފްޝޮޓް!" އަހަރެން ގޮސް މަޑުކޮށްލީ އިފްޝޮޓާއި ޖެހޭ ނުޖެހޭހާ ގާތުގައެވެ. ނަމުން ގޮވާލީވެސް މަޑުމަޑުންނެވެ. ފާޑަކަށް ބަލަން އިފްޝޮޓް ހުއްޓެވެ. އަހަރެން އުޅޭ ވައްތަރުންނެވެ.
"މި ކޮޓަރީގަ އެއްވެސް ކަހަލަ ރިކޯޑަރެއް ކެމެރާއެއް އެއްޗެއް ހުންނާނެތަ؟" އަހާލީމެވެ. ކަންފަތް ބުޑުގައެވެ. އެ ރިކޯޑަރާއި ހަމައަށް ނުދާހާ މަޑުމަޑުންނެވެ.
"ނޫން.. ކިހިނެއްވީ؟" އިފްޝޮޓް ނިތް އަރުވާލަމުން ދުރަށް ޖެހިލިއެވެ. އަހަރެން ލޯ އަޅާލާފައި އިފްޝޮޓަށް ރަނގަޅަށް ބަލައިލީމެވެ. ދޮގު ހަދަނީ ހެނެއް ހިއެއް ނުވެއެވެ. އަނެއްކާ ބަޔަކު އަހަރެމެންގެ ގޭންގަށް ފާރަލަނީ ހެއްޔެވެ؟ ޕޮލިހުން ކަމަކަށްވެސް ވެދާނެއެވެ.
"އެއީ ހިމްޔާން އަޑު އަހާފާނެތީ." އަހަރެން އެކަންތައްވެސް ޖެހީ ހިމްޔާން ބޮލަށެވެ. އާދެވިފައި ހުރި ރުޅިންނެވެ.
"ހިމްޔާން ކީތް ވީތަ؟" އިފްޝޮޓް ޝައުގުވެރިކަމާއި އެކު އެއްސެވެ. އަހަރެންނާއި އިފްޝޮޓް ދިމާވީވެސް ހިމްޔާނާއި އޮތް އެކުވެރިކަމުންނެވެ. ދެން މިހާރު ހަތުރުންނަށް ވީމާ އެހެންވެސް އަހާނެތާއެވެ.
"ހިމްޔާން ވަރަށް ގޯސް.. މުއީން މަސައްކަތް ކުރީ ހިމްޔާންގެ ދަށުން. އޭގެ މާނައަކީ މަގޭ ކޮއްކޮ މަރާލީވެސް އެ ނުލަފާ ހިމްޔާނޭ.." އަހަރެން އަތް މުށްކަވާލާފައި ބުނީމެވެ. އިފްޝޮޓް ފާޑަކަށް ބަލަން ހުއްޓެވެ. ބިރެއް ފެނިގެން އުޅޭ ހެންވެސް ހީވެއެވެ. އަހަރެން އަޅައެއް ނުލަމެވެ.
"އަދި ބުނަންތަ؟ މަ އެ ހިމްޔާންގަނޑާ އެއްކޮށް އެއް ފުރާޅެއްގެ ދަށުގަ ނުވެސް އުޅޭނަން. ކަލޭ މަ ހުންނާނެ ތަނެއް ހޯދަދީ." އަހަރެން އަނެއްކާވެސް ބުނެލީމެވެ. ކީކޭ ހިތަށް އަރައިގެން ކަމެއްވެސް ނޭނގެއެވެ.
"އޯކޭ. އެއްކޮޓަރީގެ ތަނެއް ކަލޭމެން ދެމީހުނަށް ހޯދަފާނަން. އެކަމަކު.." އިފްޝޮޓް ބުނެބުނެ ހުރި ޖުމުލަ އަހަރެން ހުއްޓުވީމެވެ.
"އުނހު. އެހެން ހަދާނެ ކަމެއް ނެތް.. މަ އަމިއްލައަށް މަ އުޅޭނީ. ކަލޭމެން މަ އުޅޭ ތަނަކާ ބެހެން ހަދާނެ ކަމެއް ނެތް.." އަހަރެން މަނާ ކޮށްލީމެވެ. އަހަރެން ބޭނުންވީ ހަމަ ތާކުން ތާކު ނުޖެހޭ ވާހަކައެއް ދައްކާލާށެވެ.
"ހޫނ ހެވޭ ތިހެންވިއްޔާ.. ކިޔާ ބަލަ. ރަފީން ކީ ކީކޭތަ؟ ކީކޭ ކިޔާފަތަ އައީ؟" އަނެއްކާވެސް އެ ސުވާލެވެ. އަހަރެން، މޭޒުގައި އިށީންދެ ހަމަ ޖެހިލީމެވެ.
"އެ ވާހަކަ ދޯ. މަ ބުނީ ހަމަ މަ ބޭނުމެއް ނޫނޭ އެމީހުންނާ އެއްކޮށް އުޅޭކަށް. މިހާރުވެސް އުޅޭ ގޮތަށޭ އުޅޭނީ.." އަހަރެން ކޮންމެވެސް ވަރަކަށް ކިޔައި ދިނީމެވެ. އިތުރަށް ކިޔައިދެން އުޅެނިކޮށް ޑެލް އައިސް ދޮރު ހުޅުވާލިއެވެ.
"ރިފްވެސް ދެން އޯކޭ ދިޔަސް.." ޑެލް އާ ވާހަކަތަކެއް ދައްކާފައި އިފްޝޮޓް ދިޔައީ ނުކުންނާށެވެ. ދާށޭ ބުންޏަސް، އަހަރެން އެކޮޓަރި ވަރަށް ރަނގަޅަށް ބަލައިލީމެވެ. އެފަދަ ފުރުސަތެއް ލިބުމުންނެވެ.
ލަސްނުކޮށް މޭޒު ދަށަށް ވަދެ އެ ރިކޯޑަރ ނެގީމެވެ. އަދި ވަށައިގެން އެހެން ތަންތަންވެސް ބަލައިލީމެވެ. ހަމަ އެކަނި މޭޒަކާއި ދެ ގޮނޑި ހުރި އެ ކޮޓަރީން ދެން ފެންނާނީ ކޯޗެއް ހެއްޔެވެ؟
ފާރުތައް ބަލަނިކޮށް އެއްޗެއް ލޮލުގައި އަޅައިގަތެވެ. ހުދު ފާރުގައި އިން ކުޑަކުޑަ ބޯޅައެކެވެ. އެއަށް ބަލަން ހުރެފައި ފުންމާލީމެވެ. އަތް ޖެހޭތޯއެވެ. ނުވިއެވެ. ދެތިން ފަހަރަކު ފުންމާލުމުންވެސް ނުވުމުން އަހަރެން ގޮނޑިއެއް ގެނެސް އެއަށް އަރާ، އެ ބޯޅަ ނެގީމެވެ. މަދޮށްޓަކަށް ވުރެ ބޮޑެއް ނުވާނެއެވެ.
އިތުރަށް މަޑުކުރުމެއް ނެތި އަހަރެން ދިޔައީ ގެއަށެވެ. ހިމްޔާން ކައިރީ ނުހުންނާނަމޭ ކިޔާފަވެސް ދާނެ ތަނެއް ނެތުމުންނެވެ. ގޭގައި އެވަގުތު ހިމްޔާން ނޫޅޭކަންވެސް ނަސީބެވެ.
އަހަރެން ކޮޓަރިއަށް ގޮސް އެ ކުޑަ ބޯޅަ ބަލައިލީމެވެ. ވައްތަރީ ކެމެރާއަކާއެވެ. އިފްޝޮޓް ދޮގު ހެދީތާއެވެ. އަހަރެން ގޮސް އަލަމާރިން ވަތްގަނޑެއް ހުސްކޮށްލީމެވެ. އެތެރޭގައި އެ ކެމެރާ ހަރުކޮށްލުމަށް ފަހު ދޮރުގައި ލެޓިނުން ލިޔެލީމެވެ.
"ކައެ ދޮގުހެދީނު؟"
............................
ހިމްޔާން އަންނައިރު ގޭގައި ނުހުންނަން ވެގެން އަހަރެން ނުކުތީމެވެ. ރާއިން ޑިއުޓީގައި އުޅޭ ވަގުތު ކަމުން އަހަރެން ދިޔައީ އަޔާޒް ގޯއްޗަށެވެ. ބެލް ޖެހުމުގެ ބަދަލުގައި އަހަރެން ޖަހާލީ ޓަތްކެވެ. ބޫޓުވެސް ހުރުމުން އެތެރޭގައި އުޅޭނެ ކަން އެނގުނެވެ.
ދޮރު ނުހުޅުވުމުން އަހަރެން ޕްލޭނެއް ރާވާލީމެވެ. ބެލް ޖަހަން ހިތަށްވެސް ނާރުވާ ފުރަތަމަ ހުޅުވާލީ ލިފްޓުގެ ދޮރެވެ. އެތެރެއަށް، އަޔާޒްގެ ބޫޓު ލީމެވެ. ޖެއްސުމަށެވެ. އެއަށް ފަހު، ޖީބުން ނެގި ދެ ދަނގަޑު ކޮޅުން ދޮރު ހުޅުވާލީމެވެ.
...................
"އަޔާޒޫ.. ކަލޭ ބިޓު ގެއަށް ގެންނަ އިރު އަންގާލައިގެން އުޅޭނަމަ.." އަހަރެން ވަން އިރު އަޔާޒާއި ދެން ހުރި ކޮޓަރީގައި އުޅޭ އަރޫން ޓީވީ ދޮށުގައި ތިއްބެވެ. އަރޫން އޮތީ ހުސްގަޔާއެވެ.
"މަގޭ ބިޓޭ؟" އަހަރެން އައިސް ސޯފާގަނޑަށް ޖެހިގަތުމުން އަޔާޒް ސުވާލުކޮށްލިއެވެ. "މީނަ މީ އެއްދުވަހަކު އައިސް މަ ކިޑްނެޕް ކޮށްލި މަންޖެއެއް."
"މަ އޮންނަނީ ޗަސް ބަނޑެކޭ. ލަދު ގަންނާނެ ދޯ.." ތެދުވެ ހިނގައިގަންނަމުން އަރޫން ބުނެލިއެވެ. ދެން އައީ ޓީޝާޓެއް ބޮލަށް މަހައިގެންނެވެ.
"އޭ.. ކަލޭ ކިހިނެއް ދޮރު ހުޅުވީ؟" އަރޫން އައިސް ސުވާލުކޮށްލިއެވެ. އަހަރެން ޖަހާލީ ހިނިގަނޑެކެވެ. ޖަވާބު ދޭން ޖެހުނީ އަޔާޒަށެވެ. އެކުވެރިއަކަށް ނުވެވުން ނަމައޭވެސް ހިތަށް އަރާނެ ކަންނޭނގެއެވެ.
"ނެތްތަ ފެގެއް؟" އަހާލީމެވެ.
"ހުންނާނެ. އެކަމު ނުއެއް ލިބޭނެ.." އަޔާޒް ޖަވާބު ދީފައި ދޫ ދިއްކޮށްލިއެވެ. އަހަރެން ކައިރިން، ލާނެތް ވާން އަޔާޒުވެސް ދަސްކުރީއެވެ.
"ހެވޭ. މަ ހޯދަފާނަމޭ.." ވަރަށް ޗިލްވެލާފައި އަހަރެން ތެދުވެ ހިނގައިގަތީމެވެ. ސިނގިރޭޓް ފޮށްޓެއް ލިބޭތޯއެވެ. ގޭތެރެއިން ނުފެނުމުން ނުކުތީމެވެ. ބޭރަށެވެ. މަގުމަތިން ދާ ސޮރެއް އަތުންވެސް ކަޓުވާލެވި ދާނެއެވެ. ނަސީބު އަތުގައި ހިފީ މާ އަވަހަށެވެ. ނިކުތް ވަގުތު އެ ފްލޯރގެ ބީއަށް ވަންނަން، ދޮރު ކައިރީ ހުއްޓި ހުރި މީހާގެ އަނގައިގައި ސިނގިރެޓެއް އޮތެވެ. އަތުގައި ލައިޓަރާއި ފޮށިވެސް އޮތްމެއެވެ.
"އޯހް.. ތި ހޯދާށޭ މި ނުކުތީވެސް. ދެއްވަބަ ތީގެ އެއްޗެއް.." އަހަރެން ގޮސް އޭނަގެ ކުރިމައްޗަށް ވާ ގޮތަށް ހުއްޓިލީމެވެ. ބޯ، ފަހަތަށް އައްސާލާފައި ހުރި އިރު ލައިގެން ހުރީ ޕްލެއިން ކަޅ ޓީޝާޓެކެވެ. މީނަވެސް ވާނީ ކޮންމެސް ގޭންގެއްގެ މީހަކަށޭ ހިތާއި ހިތުން ޔަޤީންކޮށްލީމެވެ.
އެމީހާ އެއްޗެކޭ ނުބުނެ ބަލަން ހުރުމުން އަހަރެން އަމިއްލައަށް ސިނގިރެޓެއް ނެގީއެވެ. ފޮށްޓަކުންވެސް ނޫނެވެ. އަނގައިގައި އޮތް އެއްޗެވެ. ރޯކުރަން ނުޖެހޭނީ އޭރުން ނޫންހެވެ.
"ތެންކިއު.. ވަރަށް ލޯބިވޭ." އެނބުރި އަޔާޒްމެން ބަޔަށް ވަންނަމުން އަހަރެން އެ ނުދަންނަ މީހާ ގާތު ބުނެލީނެވެ. ކޮންމެ މީހަކަސް ކީތްހެވެ.
"ކޮންތާކުން؟" ވަނުމާއި އެކު އަޔާޒް އަހާލިއެވެ. އަހަރެން އެތާ ހުރި މީހާ އަތުން ކަމުގައި ބުނީމެވެ. ވަގުތުން އަޔާޒާއި އަރޫންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
"އޭނަ އަތުންނޭ؟ އެއީ ބޮޑު ކްރިމިނަލް މީހެއް.. ތިކަހަލަ ކަންކަން ކުރަން ވެދާނެތަ؟" އަޔާޒް ބުނެލިއެވެ. ކްރިމިނަލްއަކަށް ވިއްޔާ އަހަރެންނަށް މާ ރަނގަޅެވެ. އެނެއްކޮޅުން އެމީހާ ހަޑިއެއްވެސް ނޫނެވެ.
"އެހެންތަ؟ އެސޮރު ވަރަށް ހޮޓޭ.. ކޮން ނަމެއްތަ ކިޔަނީ؟" އަހަރެން ވަގުތުން އަހާލީމެވެ.
"މިހާރު ތި އުޅެނީ އޭނަ ޖައްސަން؟" އަޔާޒް އެއްސެވެ. އެހިނދު އަހަރެން ކުރި ސުވާލަށް އަރޫން ޖަވާބު ދިނެވެ. ސަމާލުކަން ދެވުނީ އެޔަށެވެ.
"އަލްޔަސް ކަންނޭނގެ.."
"ހާދަ ރީތި ނަމެކޭ.." އަހަރެން ދެން ހިނގައިގަތީ ނިކުންނާށެވެ. އަޔާޒްމެން ބަލަން ތިއްބެވެ. ދަމުން ދަމުން ދޮރާ ހަމައަށް ގޮސް އަހަރެން އެނބުރިލީމެވެ.
"ބޯއިސް.. އެ ސޮރު ބޭރަށް ގޮއްސިއްޔާ މަށަށް ގުޅައްޗޭ... ޕްލީސް.." އަހަރެން ދެތުންފަތް ފުޅާ ކުރެވޭނެ ވަރަކަށް ފުޅާ ކޮށްފާ ހިނިތުންވުމެއް ދިނީމެވެ. އެދެމީހުން އެކަކު އަނެކަކަށް ބަލައިލިއެވެ. އަހަރެން ކުރަން އުޅޭ ކަންތައް ނޭނގޭ ޙާލުގައެވެ.
................
ގެއަށް ދިޔައިރު ހިމްޔާން ސޯފާގައި އޮތެވެ. ކައިރީގައި ކޮންމެސް އަންހެން ކުއްޖަކު އިނެވެ. ހިމްޔާން އަބަދުވެސް އުޅޭ ގޮތެވެ.
"އިފްޝޮޓް ބުނި ކައެ ދެން ނާންނާނެޔޭ؟" އަހަރެން އެތެރެއަށް ވަނުމުން ހިމްޔާން ބުނެލިއެވެ. އަހަރެން އެއްޗެކޭ ނުވެސް ބުނަމެވެ. ދިޔަ ގޮތަށް ކޮޓަރިއަށް ވަނީއެވެ.
އެ ކުޑަ ކުޑަ ރިކޯޑަރ ބަލަން ފެށީމެވެ. ނަންބަރު ތަކެއް ޖަހާފައ ހުއްޓެވެ. އެހެން ކަމެއް ފެންނާކަށް ނެތެވެ. 'ސީބީ 25، 7' ރަމްޒުކޮށްދެނީ ކޯޗެއް ބާއެވެ؟
އޭތި ރޫޅާލީ އެތެރެ ބަލައިލުމުގެ ނިޔަތުގައެވެ. އަލުން ހެދޭނެ ކަމަށެވެ. ނަމަވެސް އެކި އެކި ބައިބައިތައް ވެރުމުން، ދެން އެހެދުމަކީ ވާ ވަރު ކަމެއް ނޫނޭ ހިތަށް އެރިއެވެ.
ފޯނު ރިންގުވާން ފެށުމުން އެ ބަހައްޓާފައި ގޮސް ފޯނު ނެގީމެވެ.
"ހެލޯ؟ ނިދީތަ؟" އެކޮޅުން އަޔާޒް އެއްސެވެ. އަހަރެން ނޫނެކޭ ކީތްވީހޭ އެހީމެވެ.
"އެއްކަލަ ސޮރު ދިޔައިމަ" އަޔާޒް ބުނެލިއެވެ. އަހަރެންނަށް ހީލެވުނެވެ.
"ހާދަ ރަނގަޅޭ ޔަޒް.. ހަމަ މިހާރު މިދަނީ.." ކީތްކުރަން ތޯ އަހައަހާ ހުއްޓާ ފޯނު ކަނޑާލަމުން، އަހަރެން ދަބަސްގަނޑު ހިފައިގެން ނުކުތީމެވެ.
..........
"ތި އުޅެނީ ހަމަ އަސްލުވެސް ތި ތަނަށް ވަންނަންތަ؟" އަލްޔަސްބައި ދޮރު ހުޅުވާލުމުން އަޔާޒް އެއްސެވެ. އަހަރެން ވަރަށް ގަޓުގައި އާނއެކޭ ބުނެލިއެވެ.
"ނުވަންނާނަންތަ؟" ދޮރު ހުޅުވަމުން އަހަރެން ބުނެލީމެވެ.
"މަމަމަމަ މަ ހުންނާނަން މިތާ ފާރަޔަށް.." ވަގުތުން އަޔާޒް ދެކޮޅުހެދިއެވެ. ފިނޑި މީހެކެވެ. އަހަރެން ހިނިގަނޑެއް ޖަހާލާފައި ވަނީމެވެ.
އަހަރެން ހީކުރި ވަރަށް ވުރެ ސާފު ތާހިރު މީހެކެވެ. ހުރިހާ އެއްޗެއްވެސް ހުރީ ވަރަށް ތަރުތީބުކޮށެވެ. ހާވަނިކޮށް ހާވަނިކޮށް ސިނގިރޭޓު ފޮށިތަކެއް ފެނުނެވެ. ވަގުތުން އެ ނަގާ ދަބަހަށް ލީމެވެ. ވަތްގަނޑު ތަކާ އެއްޗެހި ހުޅުވަނިކޮށް ފޮތްތަކެއް ހުރި ހަރުގަނޑެއްގެ ތެރެއިން ކަލުކުލައިގެ އެއްޗެއް ފެނުނެވެ. ބިޑިއެކެވެ. ހައިރާންވެ ހުރެ އެ ނެގީމެވެ. ގަދަ އަލްޔަސްއެއް ތާއެވެ. އެވެސް ދަބަހަށް ލީމެވެ. ދާންވެގެން، ކޮޓަރިތަކުގެ ދޮރު ކައިރީ ހުރި ކަބަޑު ހުޅުވާލީމެވެ. ފަހު ކަބަޑެވެ. އެތާ ހުރީ ފޮތިތަކެކެވެ. އެއެއްޗެހި ހާވާލީމެވެ. ދެން ފެނުނު އެއްޗަކުން އަހަރެންގެ ދެލޯ އަތަށް ނައީ ކިރިޔާއެވެ. ހައިރާންވީ ވަރުންނެވެ.
.................
ކުޑަކުޑަ އެ ކަޅު ފިސްތޯލަ، އަތަށް ނެގީމެވެ. އެއީ ހަމަ ޔަޤީނުންވެސް ފޭކު އެއްޗެއް ނޫނެވެ.
(ނުނިމޭ)

  1. Avatar

    އެ އެމް.އެސް.އޭ މީހެއްވިއްޔަ

ޚިޔާލު ފޮނުއްވާ