ވަކިވެދިޔަޔަސް – 11

ޕޮލިހުންނަށް އެނގިއްޖެ ކަމަށް މެސެޖު އައުމުން، ދެން ތިބި މީހުން އަރާ ތިބި ލޯންޗަށްވެސް ނައްޓާލަން އެންގީމެވެ. އެއަރޕޯޓުން މެސެޖެއް ނުލިބޭތީ އަހަރެމެން ދެމީހުންގެ ހިތް މަޑުޖެހުމެއްނެތި ބާރުބާރަށް ތެޅެމުން ދިޔައެވެ. ދެވަނަ ލޯންޗުވެސް ހުޅުލެއާ ހަމައަށް ފޯރިއެވެ. ރާއިނާއި ދާނިޝް ހަމަ ބަޚަބަރެވެ.
“ހިތަދޫއަށް ދާ މީހުން ފުރައިފި.” ދާނިޝްގެ މެސެޖު ލިބުނީ ވިއްސަކަށް މިނިޓު ފަހުންނެވެ. އެއިރު އިފްޝޮޓާއި ހިމްޔާންވެސް ޚަބަރު ބަލަން، އެތައް މެސެޖެއް ކޮށްފައި ހުއްޓެވެ. ލިބުނު ޚަބަރު އެމީހުނަށް އަންގާލީމެވެ. މުހިންމީ އަނެއްދެމީހުނަށް ވީ ގޮތެކެވެ. ދިޔަތާ ބައިގަޑިއިރު ވެއްޖެއެވެ. އެއަރޕޯޓު ތެރެއަށް ވަން ހިސާބުން ލޮކޭޝަންވެސް ވަނީ ގެއްލިފައެވެ. އެތެރޭގައި ވާ ކަމެއް ނުވެސް އެނގެއެވެ.
“ފުރައިފި!” ރާއިންގެ މެސެޖާއި އެކު އަހަރެމެންނަށް ހިފާއްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ. އެންމެނަށް އެކަން އަންގާ ކާމިޔާބުވީ ކަމުގެ ޚަބަރު ފަތުރާލީމެވެ. ދެން އޮތީ، އިންޑިޔާގައި ތިބި އަހަރެމެންގެ ގޭންގު މީހުންގެ މަސައްކަތެވެ. ލަސްތަކެއް ނުކޮށް އަކްމަލާއި ކާމިލް ބެލްޖިޔަމަށް ފޮނުވާލެވުމުން ހުރިހާ މަސައްކަތެއް ނިމުނީއެވެ.
ދެ ފްލައިޓުވެސް ދާން ޖެހޭ މަންޒިލަށް ފޯރަންދެން، ޕޮލިހުންގެ ހަރަކާތްތަކަށް ފާރަވެރިވެ ތިބީމެވެ. އެމީހުންނަށް އެއްވެސް ކަހަލަ ހެއްކެތް ލިބިއްޖެ ނަމަ އެކަން ނައްތާލުމަށެވެ. ހުރިހާ ކަމެއްވެސް ރަނގަޅަށް ދިޔުމުން އަހަރެންވެސް ހިތް ހަމަ ޖައްސާލީމެވެ. މިއީ ދެން އެހާ ބޮޑު ކަމެއް ނޫނޭ ހިތައް ވިސްނައިދީފައެވެ.
“ދެން ލޯންޗްގަ ދިޔަ މީހުން ދާނީ ކޮންތާކަށް؟” އަހަރެން އެޖު ގާތު އަހާލީމެވެ.
“އެމީހުނާ ހަވާލުވާނީ މުއީން.” އެޖުގެ ޖަވާބުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.
“ކޮ.. ކޮން މުއީނެއް؟” އަވަސް އަވަހަށް ސުވާލު ކޮށްލީމެވެ. ހިތަށް އެރި ނުބައި ވަސްވާސްތަކަކީ ހުސްވެސް ދޮގުކަމަށް ޤަބޫލުކުރެވޭތޯ ބަލަމުންނެވެ.
“ތިރަށު މުއީން. އޭނައޭ ގޭންގްގެ ދަތުރު ފަތުރުގެ ބައި ބަލަހައްޓާނީ..” އެޖަށް އަހަރެންނަކީ މުއީން ދޮން ދަރިއެއްކަން ނޭނގެނީއެވެ. އެކަމަކު، މިވީވެސް ކިހިނެއް ހެއްޔެވެ؟ މުއީން ގޭންގް މީހަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެހެންވިއްޔާ މަންމަ.. ހިތުގައި އޮތް އެތި ވަގުތުން ފުހެލީމެވެ. މުއީނަށްވެސް އެވަރުގެ ޝައްކު ކުރާކަށް ނުވާނޭ ހިތަށް އަރާތީއެވެ. އަހަރެންގެ ސިކުނޑިއާއި ހިތް ދުވަހެއްގެ ކޮޅުންވެސް އެއް ގަލަކަށް ނާރާނެއެވެ.
އުޒުރެއް ދައްކާލާފައި އަހަރެން އަވަސްއަވަހަށް ގެއަށް އައީމެވެ. މުއީނާމެދު ވިސްނެނީއެވެ. މާ ބޮޑަށެވެ. ބޯހާސްވަނީއެވެ. ވިސްނާ ވަރަކަށެވެ. ނަމަވެސް މިކަން ވާނީވެސް ވިސްނައިގެންނެވެ.
…………………..
މުޅި މީސްމީޑިއާގައި މަޝްހޫރު ވިޔަފާރިވެރިޔާ ހައިޝަމް އަލީއަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާ ދީ މަރާލި ޚަބަރެވެ.
ފުލުހުން އަތުކުރި އޮޅާލާ އެކަން ތަޙުޤީގު ކުރަމުން ދެއެވެ. ގޭންގު އެންމެންވެސް، ކުރި ކަންތައް އެކަކަށްވެސް ނާނގާ، ދުނިޔެއަށް ސިއްރުކުރެވޭތޯ، މޫނުމަތީގެ ހާސްކަން ފޮރުވާލައިގެން އުޅެމުން ދިޔައެވެ.
ފަތިސްވީ އިރުވެސް އަހަރެންނަށް ހަމަ އޮތްތާ އޮވެވުނީއެވެ. މުއީންގެ ފިކުރުގައެވެ. ހިތުގައި އުތުރި އަރަމުން ދިޔަ ސުވާލުތަކަށް އެންމެ ޖަވާބެއް ނަމަވެސް ލިބޭތޯއެވެ.
ހިމްޔާން ނިދި ކަން ޔަގީންކޮށްފައި އަހަރެން ނުކުތީމެވެ. ބޭރަށެވެ. ފޯނު ނަގާ ޑައިލްކޮށްލީމެވެ. ރާއިނަށެވެ.
“ރިފް؟” އެކޮޅުން ހައިރާން ކަމާއި އެކު އެއްސެވެ. ވެނިމުނު ކަންތަކަށް ފަހު ފޯނުން ގުޅައިގެން ވާހަކަ ދެއްކުން އޮތީ މަނާކޮށްފައި ކަމުންނެވެ.
“މަށަށް ޓިކެޓެއް ހޯދަ ދީބަލަ ބ އަތޮޅަށް ދާން.. ރުފިޔާ ފޮނުވަދޭނަން.” އަހަރެން އެދުނީމެވެ. ކީތްކުރަން ތޯ ވަގުތުން ސުވާލު ކުރިމަތިވިއެވެ. އަހަރެން ފަހުން ކިޔައިދޭނަމޭ ބުނީމެވެ.
……………….
މެންދުރު އޮތް ފްލައިޓުން އަހަރެން ފުރީމެވެ. ގޭންގު އެއްވެސް މީހަކު ގާތު ނުބުނެއެވެ. ރާއިންގާތުވެސް، އެމީހުންނަށް ސިއްރު ކޮށްދިނުމަށް އެދުނީމެވެ.
ފެރީއިން ރަށަށް އާދެވުނު އިރު، އިރު ދިޔައީ އޮއްސޭށެވެ. ބަނދަރު މައްޗަށް ނަޟަރެއް ހިންގާލުމަށް ފަހު ދެކެފަރިތަ މަގުތަކުން، އަވަސް ފިޔަވަޅު ތަކެއްގައި ހިނގައިގަތީމެވެ. އަހަރެން އުޅުނު ކޮޓަރީގެ، މަގާއި ދިމާލަށް ހުޅުވޭ ކުޑަދޮރު އަހަރެން ދަމުންވެސް ބެހެއްޓި ގޮތަށް ހުއްޓެވެ. ތަޅު ނުލާ، ބޭރުން ވަންނާނެ މީހަކަށް ވަދެވޭނެ ގޮތެށެވެ.
އެތެރެއަށް ދެމިގަނެފައި، އަހަރެން އަވަސް އަވަހަށް ކޮޓަރީގެ ދޮރު ތަޅުލީމެވެ. އަހަރެން އުޅޭ ކަމެއް އަދި އެއްވެސް މީހަކަށް އެނގިގެން ނުވާނެއެވެ. ވަރުބަލިކަން ފިލުވާލުމަށް އެނދުގައި ޖައްސާލީމެވެ. ކުރެވުނީ ތަފާތު އިޙުސާސެކެވެ. ރާއްޖެ އައީއްސުރެ ނިދަމުން ދިޔަ އެ އެނދުގައި ޒަމާންތަކަކަށް ފަހު އޮށޯވެލެވުމުންނެވެ. ރޭ ނުނިދާ ހުރުމުންވެސް ކަންނޭނގެއެވެ. ހިފާލާފައިވި މަޑު ފިނި ކަމުގައި، ނިދެން މާ ގިނަ އިރުތަކެއް ނުނެގިއެވެ.
……………..
ޕޮޕް މިޔުސިކުގެ އަޑެވެ. ގޭގެ އިމުން ބޭރު ނުވާނެ ވަރަށް ނަމަވެސް ބާރަށެވެ. ޖަހާފައި ހުރީ އެމިނެމްގެ ރެޕް ލަވައެކެވެ. ގޭގެ ސިޓިން ރޫމްގައެވެ. އަހަރެން އަވަސް އަވަހަށް ގަޑި ބަލައިލާފައި ތެދުވީމެވެ. ދަންވަރު ބާރަވެސް ޖަހައިފިއެވެ. އެންމެން ދިޔުމުން މުއީން ގޭގައި އެކަނި މައި އެކަނި ޕާޓީ ބާއްވާލަނީ ހެއްޔެވެ.
މަޑުމަޑުން ނުކުތީމެވެ. ހިތަށް އެރިއެވެ. ސަހަރޯއެވެ. އަހަރެން ދިޔަ ފަހުން އެ ގެ އެންމެ ފަހަރަކުވެސް ސާފު ނުކުރަނީބާއެވެ؟ އުކާފައި ހުރި ތަކެއްޗަށް ބަލައިލީމެވެ. ބޮއިފައި ހުރި ސިނގިރޭޓާއި އެނާރޖީ ޑްރިންކްތަކެވެ. ވެއްޓިފައި އޮތް ރާފުޅިއެއް ފެނުމުން، އެޖު ހެދީ ދޮގެއް ނޫންކަން ގާތްގަނޑަކަށް ޔަގީންވިއެވެ.
އަހަރެންނަށް ކުރިން ކުރެވުނީވެސް ދޮގު ހީއެކެވެ. މުއީން ދަންވަރު ޕާޓީ ބާއްވާލައިގެން މިއުޅެނީ އެކަންޏެއް ނޫނެވެ. ސޯފާއަށް ވެޑުވިފައި އިން އިރު، އެތަނުގެ ތެރޭ ދެ އަންހެން ކުދިންވެސް އުޅެއެވެ. ލަވަޔަށް ހަރަކާތް ކުރަމުން ނަށަނަށާފައި އުޅުނު އިރު ޚިޔާލެއް ފިކުރެއްވެސް ނެތެވެ.
އަހަރެން ރަނގަޅަށް މުއީނަށް ބަލައިލީމެވެ. އެއިނީ ހަމަހޭގައި ނޫންކަން ރަނގަޅަށްވެސް އެނގުނެވެ. ބޯ ތަޅުވަމުން ތަޅުވަމުން ގޮތަކަށް ހެމުން ދިޔައިރު ވައްތަރީ ހަމަ މޮޔައަކާއެވެ. ނުހެވި މަޑުން ހުރެވޭ ވަރެއްވެސް ނޫނެވެ.
“މުއީން. މުއީން.. ބަލަ އެހުރީ ކަލޭ ދަރިއޭ.” އެ އަންހެން ކުދިންތަކަށް އަހަރެން ފެނުމާއި އެކު މުއީންއަށް އެކަން އެންގެތޯ އުޅުނެވެ. ޖަހާފައި ހުރި ލަވަވެސް ނިއްވާލިއެވެ. މިހާރު ފެތުރިފައިވީ ދަންވަރުގެ މިލްކުވެރި، ހިމޭންކަމެވެ.
“މަގޭ ދަރިއެކޭ؟ ނޫނެކޭ އެއީ. އެއީ.. އެއީ މަގޭ ދަރިއެއް ނޫނޭ ކުދިންނޭ..” މުއީން އަހަރެންނާއި ދިމާއަށް އިނގިލި ދިއްކޮށްފައި ނުސާފުކޮށް ބުނަމުން ދިޔައެވެ. ބޮއިގެން ހުރި އެއްޗެއްވެސް، ބޭނުންކޮށްފައި އެހުރީ ވަރަށްވުރެ ގިނައިންކަން، ޔަޤީންކުރެވުނެވެ.
“އެއީ ކޮންމެސް ފަ ފަފާރިޝެއްގެ ދަރިއެކޭ.” ބައްޕަގެ ނަން އިވުމުން ހިތުގައި ރިއްސާލިއެވެ. މުއީން ކޮންމެހެން އެވާހަކަ ދައްކަން ޖެހޭ ހެއްޔެވެ؟ އެ ދެ ކުދިންނަށްވެސް އަހަރެންނާއި މުއީންގެ އޮތް ގުޅުން ރަނގަޅަށްވެސް އެނގޭނެއެވެ.
ދެކުދިން ދެކުދިންނަށް ކޮންމެވެސް އެއްޗެހި ތަކެއް ކިޔާފައި ހިނގައިގަތެވެ. ގެއިން ނުކުންނާށެވެ. އަހަރެން ބޭނުންވި ވެސް ގޮތެވެ.
ގޮނޑިއެއް ދަމަމުން އައިސް، މުއީނާ ދިމާ ކުރިމަތީ އެ ބަހައްޓާފައި އިށީނީމެވެ. މުއީން ފުޅާ ހިނިތުންވުމެއް ދިނެވެ.
“ރިފްފާޝާ… ހިމްޕެ މަ ކައިރިޔަކު ނުވެސް ބުނެޔޭ ކައެ އަންނަ ވާހަކައެއް..” ހަމަ ހޭގައި ނުހުންނަވަގުތު، ކޮންމެ ފަދަ އެއްޗެއްވެސް ކިޔާފާނެއެވެ.
“މާޔަން އަކީ ކާކު؟” އަހަރެންގެ ފުރަތަމަ ސުވާލު ކޮށްލީމެވެ. މުއީން ޖަހާލީ ވަރުގަދަ ހިނިގަނޑެކެވެ.
“އެއީ މަގޭ ކޮއްކޮއެއް.. ވަރަށް ރީތި ވާނެ. ކަލޭ ވުރެން މާ ރީތިވަނޭ.” ޖެހުނު ގޮތަކަށް މުއީން ބަސްތައް އަތުރަމުން ދިޔައީމެވެ. ކުރަމުން ދިޔަ ޝައްކު ދިޔައީ ހިނދެއް ހިނދަކަށް ޔަޤީން ވަމުންނެވެ.
“ރިފްޝާން މަރާލީ ކާކު؟” ދެވަނަ ސުވާލުވެސް ކޮށްލީމެވެ. މިފަހަރު މުއީން ކަހާލީ ބޮލެވެ.
“މީހަކު މަރައެއް ނުލައެއްނު.. މަރުވީ.” ކޮންމެފަދަ ޙާލެއްގައިހުއްޓަސް މުއީންގެ ވިސްނުން ކޮށްޓެއް ނޫނެވެ.
“މަ މި އަހަނީ ކާކުހޭ މަގޭ ކޮއްކޮގަޔަށް ލޭ އަޅަން ނުބައި ލެޔެއް ހޯދާ، އެ އެޅީ؟” އަހަރެންގެ އަޑު ބާރު ކޮށްލީމެވެ.
“ޑޮކްޓަރު ލޭ އެޅީ.. މަގޭ ކޮއްކޮ މަށަށް ލޭ ހޯދަދިނީ..” ޚިޔާލެއްވެސް ނެތި މުއީން ޙަޤީގަތް ހާމަ ކޮށްލިއެވެ. އަހަރެންގެ ގާތަށް އައި ރުޅިން މީހާ ތުރުތުރު އަޅައިގަތެވެ. މުއީންގެ މަހާއި ކަށްޓާއި ވަކި ކޮށްލަފާނަމޭވެސް ހިތަށް އެރިއެވެ.
“ކީތްވެ؟ ރިފްޝާނަށް އެހެން ހެދީ ކީތްވެ؟” ދެއަތް މުށްކަވާލަމުން އަހަރެން ކޮޅަށް ތެދުވީމެވެ. އެއިރުވެސް ދެލޯ ތެމިއްޖެއެވެ. ކޮއްކޮގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ މުއީންގެ މައްސަލައަކީ ކޮބާ ހެއްޔެވެ؟
“މަ ކިހިނެއްތަ ބޭކާރު ޚަރަދު ތަކެއް ކުރާނީ؟ ކަލޭ ޑައިލަސިސް އަށް ރުފިޔާ ދެއްކީމަވެސް މަ ހާދަ ރުފިޔަލެއް ދައްކަން ޖެހުނޭ..” މުއީން ބުނެލި ޖުމުލައިން އަހަރެން އަނެއްކާވެސް އިށީނދެ ނިތް އަރުވާލީމެވެ. އަހަރެން ޑައިލަސިސް ގެ ޚަރަދުތަކަށް ފައިސާ ދެއްކުމުން މުއީން އަތުން ކޯޗެއް މަދުވީ ހެއްޔެވެ؟ މަޑުމަޑުން އިނދެފައި ސުވާލު ކޮށްލީމެވެ.
“ކަލެއަށް މިކަންކަން ކުރަން އަމުރު ކުރަނީ ކާކު؟ ކަލޭގެ ލީޑަރަކީ ކާކު؟” ގޭންގްގެ ކޮންމެ ފެންވަރެއްގެ މީހަކު މަތިންވެސް ލީޑަރެއް ހުންނަކަން އަހަރެން ދަންނަމެވެ.
“ހިހިމްޕެ.. ހިމްޔާން!” އަހަރެންނަށް އަޑު އަހަން ހުރެވުނީ އެވަރަށެވެ. ވަގުތުން ތެދުވެ ހިނގައިގަތީމެވެ. އަހަން އިތުރު އެތައް ސުވާލެއް ހުރި ނަމަވެސް ހިތަށް ކެތްވީ އެވަރަށެވެ. ފޯނު ނަގާ ގުޅާލީ ރަށު ޕޮލިސް ސްޓޭޝަނަށެވެ. މަރުވި މަންމަގެ ފިރިޔަކަސް، ގޭންގު މީހަކަސް ހެވެވެ. މުއީނަށް އަދަބު ޙައްޤުވާން ޖެހެއެވެ. ކޮއްކޮގެ ޤާތިލް ދުނިޔޭގައި މިނިވަންކަންކަމުގެ ނޭވާ ލައި، މި ޖައްވު ނުސާފު ކުރާހާ ހިނދަކު އަހަރެންނަކަށް ހަމަ ނޭވައެއް ނުލެވޭނެއެވެ.
ޕޮލިހުން އައިސް ގޭތެރެއަށް ވަނީ، އަހަރެން ބޭރުގައި މަޑުކޮށްލައިގެން ހުއްޓައެވެ. މަސްތުވާ ތަކެއްޗާއި އެކު މުއީން ހައްޔަރު ކުރެވުނެވެ. އަހަރެންގެ ފަރާތުން ބަޔާން ނަގަން އައުމުން އެއްވެސް ކަމެއްފޮރުވުމެއް ނެތި ކިޔައިދިނީމެވެ. އަހަރެން އައި އިރު މުއީން ހުރި ހާލަތާއި، އަންހެން ކުދިންތަކުގެ ވާހަކައެވެ. އޮޅުވާލީ އެންމެ ކަމެކެވެ. އަހަރެން އައި ބޭނުމެވެ. ކޮއްކޮ މައްސަލަ ބަލަން ހިތުވެސް ނުލީ ބަޔަކާ އެވާހަކަ ހިއްސާ ކުރުން މުހިންމު ކަމަށް ނުފެނުނީއެވެ. އަހަރެން އައީ ގޭގައި ބެހެއްޓި އެއްޗެހި ތަކެއް ބަލައި ކަމުގައި ބުނެ ވާހަކަ ހަދާލީމެވެ.
…………….
“ޕްލީސް.. ކޮއްކޮއަށް ލޭ އެޅި ރިޕޯރޓުތައް ލިބިދާނެތަ؟” ފަތިސް ނަމާދަށް ބަންގި ގޮވި އިރު އަހަރެން ހުރީ ރަށު ހޮސްޕިޓަލުގައެވެ. ރިސެޕްޝަންގައި އިން ދެމީހުންގެ މޫނުމަތިންވެސް ފެނުނީ ހައިރާން ކަމެކެވެ. ކޮންމެ ކޮންމެ މީހަކަށް ދެވޭ ކަހަލަ އެއްޗެއް ނޫންކަމުން ކަމަށްވެސް ވެދާނެއެވެ. ރަށުގައި މުއީން ހައްޔަރު ކުރި ޚަބަރު، އެއިރުވެސް ފެތުރިފައި ވުމުން ކަންނޭނގެއެވެ. އެތަނުން އެކަކު ފޯނު ކޯލެއް ކޮށްލާފައި ތެދުވެގެން ދިޔައެވެ. ދެން އިން މީހާ، ހިތްހެޔޮކަމާއި އެކު، އިރުކޮޅަކު މަޑުކޮށްލުމަށް އެދުނެވެ.
………………..
ހެނދުނު ފެރީއިން އަހަރެން ދިޔައީ ފުރާށެވެ. ރާއިން ޓިކެޓު ހޯދައިދީފާވެސް އޮތީ، އެހެން ގޮސް، މަޑުނުކޮށް ފުރޭ ގޮތަށެވެ. ހޯދަން އައި ތަކެތިން ކޮއްކޮއާ ގުޅޭ ހުރިހާ އެއްޗެއް ލިބުމުން އަހަރެން ހިތްހަމަ ޖައްސާލީމެވެ. އަދި ކޮއްކޮއަށް އިންސާފު ނުލިބުނަސް، ޙަޤީގަތް މިއޮތީ އެނގިފައެވެ. ހަނދާންތައް އާލާވުމުން، ހިތަށް އަސަރުކޮށްލިއެވެ. ނަމަވެސް ކަރުނަތައް ހިފާއްޓާލީމެވެ. ކުރީގެ ފިނޑި ރިފާޝާ އަލުން ވުޖޫދަށް އަންނަން، ބޭނުމެއް ނޫނެވެ. މަންމަމެންވެސް ބުނެއުޅޭނެއެވެ. ރޯނީ ފިނޑިންނެވެ.
……………
ހިމްޔާނާއި އެޖުގެ ކޯލުތައް ފުލުފުލުގައި އަންނަމުން ދިޔައެވެ. އިފްޝޮޓްވެސް ގުޅާފައި ހުއްޓެވެ. އަހަރެން މާލޭގައި ނޫޅޭ ޚަބަރު އެހިސާބަށް ދިޔައީ ކަންނޭނގެއެވެ. ގެއަށް ދިޔުމުގެ ބަދަލުގައި އަހަރެން މިސްރާބު ޖެހީ އަޔާޒްގެ ގެއަށެވެ. ދެން އަހަރެން ހިމްޔާނަށް ރުހުމުގެ ލޮލަކުން ބަލައި ނުލާނަމެވެ. އެންމެ ކުރީއްސުރެވެސް އަހަރެން ކިހާ އިތުބާރެއް ކުރިކަން، ހިމްޔާނަށް ރަނގަޅަށްވެސް އެނގޭނެއެވެ. ނަމަވެސް، ހިމްޔާން އަހަރެން ކަނު ބަނދެގެން ތެޅުވުން ނޫންކަމެއް ކުރިހެއްޔެވެ؟ ގޭންގަށް ވެއްދީ ކޮއްކޮގެ ބައްޔަށް ފަރުވާކުރަން ރުފިޔާ ލިބޭނަ ކަމަށް ބުނެފައެވެ. ނަމަވެސް ބިތު ފަންގި ނެގުމުން، މުއީން، ޚަރަދު ނުކުރާ ސަބަބަކީވެސް އެއީކަން އެނގުނީއެވެ.
“އަޔާޒް. މީއްޗިހި ފޮރުވަ ދީބަ.” އަހަރެން ރިޕޯޓުތައް ދީފައި އެދުނީމެވެ. އަހަރެންގެ ގޭގައި ދެން އެއްކަމެއްވެސް ކުރާކަށް ހިތެއް ޤަބޫލެއް ނުވާނެއެވެ. ހިމްޔާން އަހަރެން ހީކުރި ކަހަލަ މީހަކަށް ނުވީއެވެ.
“މިއައީ ރަށަށް ގޮއްސަ. މަގޭ ދޮންބައްޕަ ހައްޔަރުވެސް ކޮށްފި” އަހަރެން އިތުރަށް ބުނެލީމެވެ. އަޔާޒް ސުވާލު ފޮށި ހުޅުވާލިއެވެ. ކީތްވެތޯއާއި، ވެގެން އުޅެނީ ކީތްކަމެވެ. އަހަރެން މަތިމަތިން ކިޔާލަ ދިނީމެވެ. ކޮއްކޮގެ ޤާތިލަކީ އެއީ ކަމުގައި ބުނީމެވެ. އަދި ހިމްޔާންގެ ވާހަކަތައްވެސް ވަރަށް ނުރުހިފައި ހުރެ ކިޔައިދިނީމެވެ. ހިތުގައި އަނދަމުން ދިޔައީ ރުޅިވެރިކަމުގެ އަލިފާނެވެ. ހިމްޔާން ބިމު ދަށަށް އެހެންނޫނީ، ކުޑަގޮޅިއަށް ނުފެތެނީސް، އެ ހުޅުގަނޑު ނުނިވޭނެއެވެ. ނަމަވެސް އެހެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އުމުރުދުވަހު އެންމެ އިތުބާރު ކުރި އެކުވެރިޔާއެވެ.
އަޔާޒާއި އެކު، ސައިކަލުގައި އެ ހިސާބު ގަނޑުގައި ދުއްވާލުމަށް ފަހު، ކުރަން ބޭނުންވި ކަންތައް ވުމުން، އަހަރެން ދިޔައީ ރާއިނާ ބައްދަލު ކުރާށެވެ. އިރު އޮއްސޭ ދަޅައިގައި ދުވަންދާ މަގުމަތިންނެވެ. ފޯނަށް އަންނަމުން ދިޔަ މެސެޖު ތަކާއި ކޯލްތަކަށް ފަރުވާލެއް ނެތިއެވެ. ވެދިން އެހީއަށް ޝުކުރު އަދާކޮށްފައި އަހަރެން ހުރިހާ ވާހަކައެއް ފޮރުވުމެއް ނެތި ކިޔައިދިނީމެވެ. ރާއިނަކީ ގޭންގަށް މަސައްކަތް ކޮށްދޭ މީހެއް ނަމަވެސް، އަހަރެންނާއި އެކު ބަރާބަރަށް ހިމްޔާންގެ މަސްކެއެވެ. އެއީ އެއް އިރެއްގައިވެސް ރަނގަޅު މީހެއް ނޫންކަމަށް ބުންޏެވެ.
………..
“ކޮންތާކުން ތި އައީ؟” ގެއަށް ވަން އިރު އެޖާއި ހިމްޔާން ތިއްބެވެ. އަހަރެންގެ ކަންތަކާ ވަރަށް ހާސްވެފައެވެ. އެމީހުން ހިތުން، މިހާރު މި ހައިޝަމް ކަންތައް ބަސްޓުވަނީއެވެ.
“މަ ދާހާ ތަނަކީ ބެހޭ ކަމެއް ނޫން.” އަހަރެން ރުޅި މޫނު ހަދާލާފައި ގޮސް ކޮޓަރިއަށް ވަނީމެވެ. ހިމްޔާންގެ މޫނު ދެކޭކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ.
ފޯނު ނަގާ ހުޅުވާލީމެވެ. މެޕެވެ. ސްކްރީން ޝޮޓެއް ނަގާލާފައި، ބޮޅު އަޅާލީމެވެ. ސަރަހައްދެއްގައެވެ. ޑޮކްޓަރގެ ޕްރައިވެޓް ކާރު އޮންނަ ސަރަހައްދެވެ.
ބެކްޕެކެއް ކޮނޑުގައި އަޅާލައިގެން ނުކުތް އިރު އަހަރެން ޖަހާނީ ހަމަ މައުސޫމް އަންހެން ކުއްޖެއް ވައްތަރެވެ. ހިތް ކިތަންމެ ކިލަނބަކަސް އަންހެން ކުދިން ވާނީ އަންހެން ކުދިންނަށެވެ.
ހައިޝަމް، މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރި ވެވުނީތީ، ކެމެރާ ނުހުންނަ ތަންތަން އަހަރެންނަށް އެނގުނެވެ. އެހެން އަންހެން ކުދިންހެން ދަންވިދަންވިހެން އަލިމަގުތައް ޚިޔާރު ކުރާކަށް ނަހަދަމެވެ. ބެލީ އެންމެ އަނދިރި، އެންމެ ހަނި ގޯޅިތަކުން ހިނގޭތޯއެވެ.
ޖެހުނު ސައިކަލެއްގެ މަޑި ހުޅުވާލީމެވެ. އަތަށް އަންގި ލައްވާފައެވެ. ސަލާމަތަށެވެ. ދަބަހުގެ ތެރެއިން، ފެންހުސްކުރި ފުޅިއަކާއި، ވަރަށް ހިމަ ހޮޅިއެއް ނެގީމެވެ. ޕެޓްރޯލް ތަކު ތެރެއަށް އެއްކޮޅު ލައިފައި، އަނެއްކޮޅުގައި އަނގަޖަހާ ދަމާލުމަށް ފަހު، ފުޅީގެ އަނގަޔާ ދިމާ ކުރުމުން އިސާހިތަކު ފުޅިއަށް ޕެޓްރޯލް އެޅެމުން ދިޔައެވެ. ކުޑަތަންކޮޅެއް ދުރުގައި، އެކަން ނުހުއްޓޭކަން ޔަޤީން ކުރަން ހުރީމެވެ. އަހަރެންގެ މަސައްކަތް ދިޔައީ ވަރަށް ކާމިޔާބުކޮށެވެ.
އެގޮތަށް ޕެޓްރޯލް ހޯދަމުންގޮސް، އަހަރެން ހުރީ ހަވަނަ ސައިކަލުން ޕެޓްރޯލް ނަގާށެވެ. ގޯޅިގަނޑު ހުޅުވިފައި އޮތް އިތުރު ގޯޅިގަނޑަކުން ބައެއްގެ ހިލަމެއް ވިއެވެ. އެއިރު ތިން ވަނަ ފުޅީގެ މެދަކާ ހިސާބަށް ފުރުނީއެވެ. އެއްފަހަރު ފުޅިއަށް އަނެއްފަހަރު އަޑު އަންނަ ދިމާއަށް ބަލާލުމަށްފަހު، ކުރަން ހުރި ކަންތައް ހުއްޓާލާ، ގެންގުޅުނު ސާމާނު ދަބަހަށް ލާ ފޮރުވާލީމެވެ. އެއައި ގްރޫޕް އަހަރެން ފެންނަ ހިސާބަށް ފޯރީ، ޒިބު އަޅުވަން ހުއްޓައެވެ.
“އޭތް… ހާދަ ލޯބި މަންޖެއެކޭ. ލޯބި ލޯބި އިސްތަށިކޮޅެއް.. ކޮން ނަމެއްތަ ކިޔަނީ؟” ފުރަތަމަ ފޯރި ދެމީހުން، އައި ގޮތަށް އައިސް، އަހަރެން ހުރި ހިސާބުގައި މަޑުކޮށްލިއެވެ. އަހަރެންގެ އިސްތަށި ގަނޑުގައި މައްސަލައެއް ހުރީ ބާއޭ ހިތަށް އެރިއެވެ. ފަހަރުގައި އެމީހާއާއި ދާދި އެއްވަރަކަށް ދިގުމިން ހުރުމުން ކަމަށްވެސް ވެދާނެއެވެ.
“ކީތް ތި ކޮށްލަނީ މިތާ؟ ބިޓު ކައިރިއަށް މީޓަށް އައިސްތަ؟” އަހަރެން ހުރިތާ މަޑުމަޑުން ހުރުމުން އެމީހުންވެސް ތިބީއެވެ. އެހެން އަންހެން ކުއްޖެއްނަމަ މިހާރު ދުވެ ފިލީސްކަންނޭނގެއެވެ. އަހަރެންނަށް އެމީހުންނަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ އެމީހުން އައުމުން އަހަރެންގެ މަސައްކަތަށް ހުރަސްއެޅުމެވެ.
“ވާހަކައެއްވެސް ނުދައްކާނަންތަ؟ ތިހެން ކަމަކު ނުދާނެ. އަޑު ބޭރު ކުރަން ޖެހޭނީ..” އެތަނުން އެކަކު ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އަހަރެން ފަހަތަށް ފިޔަވަޅެއް ނޭޅިނަމަ ގައިގައި ޖެހުނީހެވެ. އެހެން ފިޔަވަޅަކަށް ފިޔަވަޅެއް އަޅަމުންގޮސް އެންމެ ފަހުން އަހަރެން ފާރުގައި ލައްވިއެވެ.
ހުޑީގެ ޖީބުން ފޯނު ނެގީމެވެ. އެމީހުން ހީކުރީ އަހަރެން އުޅުނީ މީހަކަށް ގުޅަން ކަމަށް ކަންނޭނގެއެވެ. އަތުލަން އުޅުނެވެ. ނަމަވެސް ހުށިޔާރު ކަމާއި އެކު، ގަޑި ބަލައިލާފައި، އެނބުރި ޖީބަށް ލީމެވެ. ދޭއް ޖަހަނީއެވެ. މިހެން ވަގުތު ބޭކާރު ކުރަން ހުރެގެނެއް ކުރަން އައި ކަންތަކެއް ނުވާނެއެވެ.
“އޭތް މިހިރަ ފެންނަ ގޮތް ކުޑަ މީހާ!” އަހަރެން ބުނެލީމެވެ. އެމީހާ ކޮންމެވެސް ވަރަކަށް ސިހުނެވެ. ހީކުރީ އަހަރެން މިއޮތް ހާއިރު އުޅުނީ ބިރުން ކަމަށް ކަންނޭނގެއެވެ. އަދި މިހެން ފެންނަ ތާކުން ތާކު ނުޖެހޭ މީހެއް ފެނިގެން ބިރު ގަންނަން އަހަރެން މީ ކާކު ހެއްޔެވެ؟
އެމީހާ އަހަރެންނާއި ދިމާލަށް ގެނައި އަތުގައި ހިފާ ހޫރާލީމެވެ. އަތް ފަހަތަށް ގޮސް، އެދިމާގައި ޕާކުކޮށްފައި ހުރި ސައިކަލުގައި ޖެހުނެވެ. މާ ބާރަށް ނޫންކަމުން ތަދެއް ނުވާނެއެވެ. އެމީހާގެ ފޯރި ވީ އިތުރެވެ.
“ކަލޭ ބިޓެއް ހުރޭތަ؟” ސުވާލުކޮށްލީމެވެ. ރަނގަޅު ކަމެއް ރާވާލަމުންނެވެ. އެމީހާ ޖަހާލީ ހިނިގަނޑެކެވެ.
“ކޮއްކޮއެއް ދައްތައެއް އާއިލާއެއް ހުރޭތަ؟” ދެންވެސް އަހާލީމެވެ. މިފަހަރު އެ ޖެހި ހިނިގަނޑުގައި ފަހަތުގައި ހުރި މީހާވެސް ބައިވެރި ވެލިއެވެ. އެއިރު ގްރޫޕްގެ ބާކީ ތިބި ހައެއްކަ މީހުންވެސް ލާނެއް ހިނިތުންވުމަކާއި އެކު ބަލަން ތިއްބެވެ.
“މިހާރު އިންނަން ވީތަ، އާއިލާ ތި ހޯދަނީ؟” އެމީހާ ކޮށްލި ސުވާލުން އަހަރެންވެސް ހިނިގަނޑެއް ޖަހާލީމެވެ.
“ނޫން.. ހައްތަހާވެސް ބަޔަކަށް ދެރައެއް ދޭން ބޭނުން ނުވާތީ” އެފަހަރު އެމީހާ އަހަރެންގެ މޫނާ ދިމާލަށް ގެނައި އަތް އަހަރެން ނުހުއްޓުވަމެވެ.
“ތި ކުރީ ވަރަށް ބޮޑު ކުށެއް. ގައިގަ އަތް ނުލާ ހުރޭ..” އަހަރެން އަމުރު ކޮށްލީމެވެ. ރިފާޝާ ކުރާ އަމުރަކަށް ބޯ ނުލަބައިފިއްޔާ ވާނެ ގޮތްވެސް މިމީހުނަށް ދައްކާލަދޭނަމެވެ.
އެ އަތުގައި ހިފީމެވެ. މިފަހަރު ހޫރާލާކަށް ނުހަދަމެވެ. އެހެން ހުރެފައި، ކަކުލުން ޖެހުނު އެންމެ ބާރަކަށް ޖެހީއެވެ. ވީތަދުން އެސޮރު ހަޅޭއް ލަވައިގަތެވެ. އެކަން ވީ އަހަރެންނަށް ވަރަށް މަޖާ ކަމަކަށެވެ. ފިނޑި މީހެކެވެ.
ވަގުތުން ދެން ތިބި މީހުންގެ މޫނުމަތީ ކުލަ އޮއްސުނެވެ. ރުޅިވެރި ކަމާއި އެކު، އަހަރެންނާއި ދިމާލަށް އައެވެ. ދެއަތް ދަމާލާ ދެމިލީމެވެ. ތައްޔާރު ވެލާށެވެ. މިއިން މީހަކު އައިސީޔޫގައި ނުނިމިއްޖިއްޔާ ރަނގަޅުވާނެއެވެ.
ދެއަތް ތެރެއަށް ވެސް ލައްވާފައި އޮތް މިޔަ ތޫނު ވަޅީގައި ހިފީމެވެ. އެތަން އެމީހުނަކަށް ނުފެންނާނެއެވެ. ކައިރިއަށް އައުމާއި އެކު އޭގެން ހަމަލަ ދިނީމެވެ. މާފުންކޮށް ނުހެރޭތޯ ބެލީމެވެ. އަހަރެން ބޭނުންވީ ކުދި ކުދި އަނިޔާ ކުރާށެވެ.
ވަޅިއަށްވުރެ އެމީހުނަށް ނުރައްކާ ވީ، އަދި ވާނީވެސް އަރެންގެ ދިގު ފަޔެވެ. އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފީމެވެ. އެތަނުން ތަންކޮޅެއް ކުރު ސޮރެއްގެ މޫނަށްވެސް އެއް ހަމަލާ އެރިއެވެ. އެމީހުނަށް އަހަރެން ހިފާއްޓާނުލެވުނެވެ. އިފްޝޮޓްމެންކަހަލަ ގޭންގް ގޭންގުގެ އިސް މީހުނަށް ނުވާ ކަމެއް ތާކުން ތާކު ނުޖެހޭ ގްރޫޕެއްގެ ތިން މީހުން އައިސްގެން ވާނެ ހެއްޔެވެ؟ އެމީހުން އެންމެ ފަހުން ހުއްޓާލުމުން، އަހަރެން ގޮސް ފުރަތަމަ އައި މީހާ ކައިރީގައި މަޑުކޮށްލީމެވެ. ފާރަށް ލެނގިގެން ހުރިއިރު އަދިވެސް ތަދު ނުފިލަނީހެން ހީވެއެވެ. ހުރީ ރުޅިއައިސް ރަތް ވެފައެވެ. އިރުކޮޅަކުން ފުފިގެން ފަޅައިގެންވެސް ގޮސްދާނެޔޭ ބުނަން ހިތަށް އެރިއެވެ.
އަހަރެން އެމީހާ ބޭނުންވީ އެންމެ ކަމަކުއެވެ. ހަޑިވެފައި ހުރި ވަޅިތައް ސާފުކޮށްލާށެވެ. އެމީހާ ފެށި ކަމެއްގެ ހަޑި ސާފުކުރަން ޖެހޭނީ އެމީހާނޫންހެވެ. ގެއަށް ގޮސް ޓީޝާޓުން ލޭތައް ސާފުކުރުން ފަސޭހަ ކަމަކަށް ނުވާނެއެވެ.
“ދެރަކަމެއްނު! އަނެއްކާވެސް؟” ވަގުތުގެ ބޭނުންހިފާ އެމީހާ އަހަރެން ފާރާއި ދިމާއަށް ކޮއްޕާލާ ނުދެވޭނެހެން، ބައްދާލިއެވެ. ހުންނަ ގަމާރުކަމެވެ.
އައި ރުޅިން އަހަރެން ވަޅި ނަގާ ހަރާލީމެވެ. މުށްގަނޑާ ޖެހެންދެންނެވެ. އެމީހާގެ ފަލަމަސްގަނޑަށެވެ. ކޮންމެ ތަނަކަށްވިޔަސް ތަދުވާނެތާއެވެ. އަނގަ ފުޅާ ކުރީ އަޑުގެ ނެތް ތަނަށް ހަޅޭއްލަވަން ކަންނޭނގެއެވެ. ނަމަވެސް މަގު މަތި ކަމަށްވުމުން ބޭރުކޮށްލީ މަޑު އާހެކެވެ. ވަޅި ނަގާ ދެވަނަ ފަހަރަށްވެސް ހަރާލީމެވެ. އަދި ބާކީ މީހުނަށް ބަލައިލާފައި ދާން ހިނގައިގަތީމެވެ. އަންގި ލައްވާފައި ހުރެވުނު ކަމުން، އެ ވަޅި އެމީހާގެ ފަލަމަސްގަނޑުގައި ބާއްވާފައެވެ. އެއިރު ބާކީ މީހުންގެ މޫނުމަތިން ހީވަނީ ޖިންނިއެއް ފެނިގެން އުޅޭހެންނެވެ.
……………..
އަނދިރި ގޯޅިގަނޑެއްގެ ތެރެއިން އަހަރެން ނުކުތީ ކަޅު ފޮތި ގަނޑަކުން މޫނު ނިވާކޮށްލައިގެންނެވެ. ބަލާ ބެލުމަށް އަންހެނެއްކަމެއް ނޭނގޭނެއެވެ. ގޮސް މަޑުކޮށްލީ ޕާކު ކޮށްފައި އޮތް ކާރެއް ކައިރީއެވެ. އަދި މި ބުނެވުނީ ރަނގަޅަކަށް ނޫނެވެ. މުއީންގެ ރުފިޔަލަށް ހެއްލި ރިފްޝާންގަޔަށް އެއިޑްސް ހުރި ލޭ އެޅި ނުބައި ޑޮކްޓަރުގެ ކާރު ކައިރީއެވެ. ޕެޓްރޯލް ފުޅިތައް ނަގާ އެއަށްއަޅާލީމެވެ. ހުރިހާ ހިސާބަކަށެވެ. ހުޅުހިފާ ވަރަށެވެ. ތިން ފުޅިވެސް ހުސްކޮށްލާފައި ސިނގިރޭޓު ބޯން ގެންގުޅޭ، ދެބައިކުޅަ އެއްބައި ހުސް ލައިޓަރު ނެގީމެވެ. ވިހަ ހިނިތުންވުމަކާއި އެކު، ކުރަން އައި ކަންތައް ނިންމާލީމެވެ.
…………………
އެހިސާބުން ދުރަށް ގޮސް، އަހަރެން އަނެއްކާވެސް ގޯޅިގަނޑަކަށް ވަދެފައި ހުޑީގެ މަތިން ރަތް ޖެކެޓެއް ލީމެވެ. ހުސް ދަބަސްގަނޑުވެސް އެތެރެއަށް ލައިފައެވެ. ގޯޅިން ނުކުތް އިރު، ފެންނާނީ ހަމަ ދޮން ރީތި އަންހެން ކުއްޖެކެވެ. ދެންމެ ކާރެއްގައި ރޯކޮށްލި ހިތެއްނެތް އިންސާނާގެ ހިލަމެއްވެސް ނުވާނެއެވެ.
މުޅި އަވަށުގައި ހޭވުނީ ފަތިސް ނަމާދަށް ގޮވަންދެނެވެ. ނުކުންނަ މަދު މީހުންކޮޅުވެސް ނުކުންނަން ވާއިރަށް ގެއަށް ވަނީމެވެ. އެއިރު މުޅި މާލޭގައި އަހަރެން ކުރި ކަންތަކުގެ ޚަބަރެވެ. ކޮންމެ ވެބްސައިޓެއް ހުޅުވާލިޔަސް، އަހަރެންގެ ތިން ޚަބަރެވެ. މުއީން ވާހަކަ ނެތަސް، އެންމެ މަތީގައި، ކާރެއް ގޮއްވާލި ޚަބަރާ ހައިޝަމްގެ މަރުގެ ޚަބަރު އޮންނާނެއެވެ.
………………….
“އައިޝަތު ރިފާޝާ ފާރިޝް!” އިފްޝޮޓްގެ އަޑުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ހިމްޔާނާއި އެކު ސޯފާގައި އެއިނީ ދެއްކޭނެ އެންމެ ރުޅި މޫނު ދައްކައިގެންނެވެ. އިނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އަހަރެން ފިލައިގެން ރަށަށް ގޮސްލީމާ ތޯޗެކެވެ. ނޫނީ މުއީން ހައްޔަރުވީ އަހަރެންނާ ހެދިކަން އެނގުނީއެވެ.
ދެން އަހަރެންގެ ނަޟަރު ހުއްޓުނީ އިފްޝޮޓްގެ އަތުގައި އޮތް ކުޑަ ވަޅިއަށެވެ. އެއަށް ބަލަން ހުރީމެވެ. އެ އުޅެނީ ކީތް ކުރަން ބާއެވެ؟
……………..
“ރިފާޝާއަށްވެސް އެނގޭދޯ އަހަރެމެން ގޭންގަކީ ވަރަށް ބޮޑަށް ފެތުރިފަ އޮތް ގޭންގެއްކަން..” އިފްޝޮޓް އާދައިގެ މަތިން ފެށީ މައުލޫއާ ދުރުންނެވެ. ވަން ގޮތަށް ދޮރަށް ލެނގިލައިގެން ހުރެ އަހަރެން ބޯޖަހާލީމެވެ.
“އަހަރެމެން ގޭންގުގަ އެތައް ބަޔަކު އުޅޭކަންވެސް އިނގެއެއްނު..” އިފްޝޮޓްގެ ވާހަކައަށް އަނެއްކާވެސް ބޯޖަހާލީމެވެ.
“ބައިވަރު ގޭންގުތައް ރާއްޖޭގަ އުޅޭނެ. ދެ ގޭންގު ދެމެދު ވަރަށް ތަޅާފޮޅުންތައް ހިނގާނެ. އަބަދުވެސް ކޮންމެވެސް މީހަކު ގައިގަ ލަޓި ބުރިޔަކުން ތަޅައިގަނެފަ ނޫނީ ވަޅި ހަރާފަ އޮންނާނީ..” އިފްޝޮޓް ބުނަން އެ އުޅޭ އެއްޗެއް އަޑުއިވޭނެ އިރެއްގެ އިންތިޒާރުގައި އަހަރެން ފޫހިކަމާއި އެކު ހުރީމެވެ.
“އެކަމަކު މިއަދު… މިއަދު މަށާ ހަމައަށް އައީ ވަރަށް ތަފާތު ޚަބަރެއް. މަގުމަތިން ފެނުނު އަންހެން ކުއްޖަކު، އަހަރެމެން ގޭންގު ތިން މީހުން ތަޅާ ބާލާލި ވާހަކަޔާ، އެކަކު ގަޔަށް ވަޅިއެއްވެސް ހަރާލި ވާހަކަ..” އިފްޝޮޓް އިންތަނުން ތެދުވެ އަތުގައި އޮތް ވަޅި ނަގާ ދައްކާލިއެވެ.
“އެމީހުން ބުނާ ގޮތުންނަމަ، ކިރިޔާ ފަސް ފޫޓު ހަމަވާ މަންޖެއެއް. ކަޅު، ފަން އިސްތަށިކޮޅަކާ، ކަޅު ލޮލެއް. ކަޅާ ދޮނަށް ނުކިޔޭ ހަންގަނޑެއް. ކަޅު ހުޑީ..” އިފްޝޮޓް ކިޔަމުން ދިޔައިރު އަހަރެން ދެލޯ މަރާ ތަގުޅި ކޮށްލީމެވެ. ކަންތަކާ ޖެހުނީއެވެ. ބަޔަކު މަގުމަތިން އަހަރެންނާ ފޮށުނީމަ ދެން އަހަރެންވެސް މަޑަކުން ނުހުންނާނެ ނޫންހެވެ. ދެން އަދި އެމީހުން އެއީ ގޭންގު ބައެއްކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟
“އެމީހުން ކިޔައިދިން ސިފަތަކުންނާ… ހަރަކާތްތައް ގެންގުޅުނު ގޮތް ސިފަ ކޮށްދިން ގޮތުން… ކީއްވެތަ މަށަށް ހީވަނީ…. ނޫން ޔަޤީން ވަނީ.. އެއީ” އިފްޝޮޓް ލަސްލަހުން ބުނަމުން ދިޔަ ޖުމުލަ އަހަރެން މެދުކަނޑާލީމެވެ.
“އެއީ މަށޭ.. ދެން ހަމަ ބަޔަކު ދިމާ ކުރާއިރަށް އެއީ ގޭންގު ބައެއްކަން އެނގޭތަ؟” އަހަރެން ނަފްސު ދިފާއު ކުރީމެވެ.
“އެކަމަކު ދެން އެވަރު ކުރާކަށް ނުވާނެދޯ..” ހިމްޔާން ބުނެލިއެވެ. އަހަރެން ވަގުތުން މޫނު ކުނިކޮށްލީމެވެ. ހިމްޔާނުވެސް އަހަރެންގެ ކޮއްކޮއަށް އެވަރު ކުރާކަށް ނުވާނެ ނޫންހެވެ.
“އެމީހުން ނުޖެހޭ މަށާ ބެހޭކަން” އަހަރެން ބުނެލީމެވެ.
“އެމީހުން ބުނި ގޮތުންވިއްޔާ ކަލޭ ހުރީ އެތާ ދުވާރު މަތީ ހަމަ މަޑުކޮށްގެން. ވަރަށް އަނދިރި ގޯޅިގަނޑެއް.. ކީތްވެ ކައެ ދަންވަރު ދޭއް ޖަހާއިރު އެތަނުގަ ހުންނަން ޖެހުނީ؟” އިފްޝޮޓް އަނެއްކާވެސް ސުވާލު ކުރިއެވެ. ޕޮލިހުންނަށްވުރެވެސް މިމީހުން ކަންތައް ފަލަވާނެއެވެ.
“ކުޑަ ޕެޓްރޯލް ކޮޅެއް ހޯދާލަން..” އަހަރެން ތެދަށް ބުނީމެވެ.
“އަނެއްކާ ފިހާރައެއް ކޮޅާލީ؟” ހިމްޔާން ދެލޯ ބޮޑުކޮށްލާ ހާސްކަމާއި އެކު އަހާލިއެވެ. އަދި މާ ރަނގަޅު މީހަކަށް ހެދިގެން އުޅޭނެއެވެ. އަހަރެން ހިމްޔާނާއި ވާހަކަ ދައްކާކަށްވެސް ނެތީމެވެ. ނަމަވެސް ރައްދު ނުދީ ނުހުރެވުނެވެ.
“ސައިކަލު ކިޔާ އެއްޗެއް ހުންނަކަން ނުދަންނަންތަ؟ ސައިކަލު!” އަހަރެން އަނގަހަދާލީމެވެ.
“ކީތްކުރާ ޕެޓްރޯލެއް؟” އަނެއްކާވެސް އިފްޝޮޓް އެއްސެވެ. ދެން ކިހާ ދެރަކަމެއް ހެއްޔެވެ؟ އަހަރެންވެސް އެމީހުން އުޅޭހާ ގޮތެއް ނުބަލަމެވެ. ދެން އަހަރެން ކުރާހާ ކަމަކާ މިމީހުން ބެހެން ޖެހޭ ހެއްޔެވެ؟
“އެއީ.. ވަރަށް ގޯސްމީހަކަށް ކުޑަގޮތެއް ހަދާލަން..” އަހަރެން ނުސީދާކޮށްވެސް ތެދަށް ބުނީމެވެ.
“ކީތްކުރީ؟” ހަރުކަށިކަމާއި އެކު އިފްޝޮޓް އެއްސެވެ. އެއީ އަހަރެންގެ ބެލެނިވެރިޔާއޭ ހީވާ ފަދައެވެ.
“މަގޭ ކޮއްކޮ ގަޔަށް އެޗްއައިވީ ލޭ އެޅި ޑޮކްޓަރު.. އޭނަގެ ކާރު..” އަހަރެންނަށް ބުނަން ޖެހުނީ އެވަރަށެވެ.
“ނުބުނާތި ކަލެޔޭ ހެންވޭރުގަ އޮތް ކާރެއް ގޮއްވާލީވެސް!” އިފްޝޮޓް ބުންޏެވެ. ދެން އަހަރެން އެހެން ނުބުނާށޭ ބުނީމަ، ބުނާނީ ކޯޗެއް ހެއްޔެވެ.
“ރިފާޝާ.. ކިހިނެއްތަ ތި އުޅެނީ؟ ގޭންގަކަށް ވަދެވުނީމަ އޭގެ މާނައެއް ނޫން ހިތަށް އެރިހާ ކަމެއް ކުރާށޭ. ކާރެއް ގޮއްވާލާފަ. ފިލައިގެން ރަށަށް ގޮއްސަ. އަދި ނުވިތާކަށް މުއީން ޖަލަށްވެސް ލައިފަ..” ހިމްޔާން އެއްޗެހި ގޮވައިގަތެވެ. އެވާހަކަ އިވުމުން އަހަރެންގެ ގާތަށް އައީ ރުޅިއެވެ.
“ބުނަން… މަ ކަލޭމެންގެ ސިއްރެއް ފަޅާއަރުވާ، ދެރަ ގޮތެއް ވާކަހަލަ ކަމެއް ނުކުރަމެއްނު؟ މަ އުޅޭހާ ގޮތަކާ ކަލޭމެންވެސް ނުބެހުނިއްޔާ ރަނގަޅުވާނީ.” ކަލޭމެންނޭ ކިޔައިގެން ބުނި ނަމަވެސް އަހަރެންގެ ބަސް އަމާޒުކުރީ ހަމައެކަނި ހިމްޔާނަށެވެ.
ދިޔަގޮތަށް ގޮސް ކޮޓަރިއަށް ވަނީމެވެ. އައި ރުޅީގައި ނިދަން އޮށޯތީމެވެ. ފޫހި ގޭންގްގަނޑެކެވެ. އަހަރެން އުޅޭނެ ގޮތަކަށް އުޅުނަ ނުދެނީ ކީތްވެ ހެއްޔެވެ؟
……………………
ކާރު މައްސަލަވެސް ތަހުޤީގު ކުރެވުނެވެ. ޝައްކު ކޮށްފައި، ދެ މީހަކު ހައްޔަރުވެސް ކުރިއެވެ. ހެކި ނުލިބުމުން ޖެހުނީ ދޫކޮށްލާށެވެ. އެމީހުން ނުކުރާ ކަމެއްގެ ހެކި އެމީހުނާ ދެކޮޅަކަށް ނުވެސް ލިބޭނެ ނޫންހެވެ. އަހަރެންނާދިމާއަށް އިނގިލި ދިއްކޮށްލަން އެނގުނު އެކަކުވެސް ނުވިއެވެ.
ހައިޝަމްގެ މައްސަލައިގެ ތަހުޤީގުވެސް ކުރިއަށް ދަމުން ދިޔައެވެ. އަދީލްމެން އެތެރެއެތެރެއިން ފަނި ހަދާތީ އެކަންވެސް ދާންވާ ވަރަށް ކުރިޔަކަށް ނުދެއެވެ.
ދެން ވޭތުވީ، އަހަރެންނަށް މަސައްކަތެއް ނެތް ދުވަސްކޮޅެކެވެ. އެމީހުން، އަހަރެން ބައިވެރި ނުކުރީއެވެ. އަހަރެންނަށް ޖެހުނީ ގޭގައި ފޫހިވެފައި އޮންނާށެވެ. ދޭތެރެދޭތެރެއިން އަޔާޒް ނޫނީ އެޖާއި އެކު ކޮފީއަކަށް ގޮސްލެމެވެ. އަހަރެން އެއް ގޮތަކަށްވެސް ހިމްޔާނާއި ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ރާއިނާ އަހަރެންގެ ގުޅުންވެސް، ފޯނު ކޯލުތަކުންނާއި، ބައެއް ފަހަރު ބައްދަލުވުމުން، ދިޔައީ ބަދަހިވަމުންނެވެ.
އާ އަހަރު ފެށުނު ރޭ ވީ އަހަރެންނަށް ވަރަށް ޚާއްސަ ރެއަކަށެވެ. މަހެއް ހާ ދުވަހަށް ފަހު ރާއިން، ރަށްޓެހިވާން އެހުމުންނެވެ.
(ނުނިމޭ)

    Please log in or register to bookmark.
    4k

    3 ޚިޔާލު

    ޚިޔާލު

    Your email address will not be published.