ޤާތިލް

ނޭވާ ކުރުވާން ފަށައިފިއެވެ. ހަށިގަނޑުގައި އެއްވެސް ހަަކަތައެއްް ނެތެވެ. ދެފައި މައްޗަށް ކޮޅަށް މިހުންނަނީ ވެސް ގަދަކަމުންނެވެ. އަނަރޫފަވެފައިވާ ހަށިގަނޑަށް ބަލައިލީމެވެ. އަތް ދަނޑި އިލޮށިކޮޅަކަށް ވަނީއެވެ. ދެލޯވަނީ އަނޑިވަދެފައެވެ. މޫނުމަތީގެ ދެކައިރީ ކޮލުގެ ދެކަށިގަނޑު މައްޗަށް ނިކުމެފައި ހުއްޓެވެ. ދެތުންފަތްވަނީ ހިކިވެ ހަންފޮޅިފައެވެ. މޭގެ ކަށިގަނޑު ބިރުންގަންނަ ވަރަށް ބޭރަށް ނިކުމެފައި އެބަހުއްޓެވެ. ބަނޑުގައި އެއްްވެސް މަސްކޮޅެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަތަށް ބާރުލީމެވެ. ބާރުބާރަށް މުށްކަވައިލީމެވެ. އަދި ކުރިމަތީގައި ހުރި ދޮރުގައި ބާރުބާރަށް ޖަހަންފެށީމެވެ. ހަޅޭލެވީމެވެ. ގިސްލާ ރުއީމެވެ. އާދޭސްތައް ކުރީމެވެ. ކަޅު ސާލަކުން ލޯމަތި ފަރުދާކޮށްލައިފިއެވެ.

..................................................................................................................................
އަހަރެން މިއީ ބަލި ކުއްޖެކެވެ. ނިމުމެއް ނުވާ ބައްޔެއްގެ ޝިކާރައަކަަށްވެފައިވާ ކުއްޖެކެވެ. މިއީ މަންމައާއި ބައްޕަގެ ސަބަބުން އަހަންނަަށް ތަހައްމަލު ކުރަން ޖެހުނު ވޭނެކެވެ. މަންމައާއި ބައްޕައަށް މިކަން ތަހައްމަލު ކުރަން ބޭނުން ނުވާނަމަ ކައިވެނިކޮށް އަހަރެން ދުނިޔެއަށް އުފަންކުރުވީ ކީއްކުރަން ހެއްޔެވެ؟ ބަނޑުގައި އޮށްވާ އަހަރެން މަރާނުލީ ކީއްވެ ހެއްޔެވެ؟ ހައްތަހާ ވެސް ޝަކުވާތަކެވެ. ހިތުގައި ހިނގާ އުދާސްތަކެވެ. އާއެކެވެ. އަހަރެން މިއީ ޓެލެސީމިއާ ކުއްޖެކެވެ. ހަށިގަނޑަށް ލޭ އަޅަން ޖެހޭ ކުއްޖެވެ. މަހަކުން ދެފަހަރަކު ހަށިގަނޑުގެ އެތަން މިތަނަށް ކަށި ކޮއްޕަމުންދާ ކުއްޖެވެ.

ލޯބި އެއީ ކޯއްޗެއްކަން އަދި ވެސް އަހަންނަަކަށް ނޭނގެއެވެ. އެއީ މި ދުނިޔޭގައި އޮންނަ އެއްޗެއް ހެއްޔެވެ؟. މުޅި މުޖުތަމައުގައި އަހަރެން ވަނީ ބާކިވެފައެވެ. އެކަނިވެރި ވެފައެވެ. މުޖުތަމައުގައި އެކަންނެއް ނޫނެވެ. ދިރިއުޅެމުންދާ ގޭގައި ވެސް މެއެވެ. އަދި ވެސް އެބަސްތައް ހަނދާނުގައި އެބަހުއްޓެވެ.

"ޝާން ކައިރީ ކިތައް ފަހަރު ބުނާނީ ކޮއްކޮ މެންނާ ކައިރި ނުވާށޭ! ކޮއްކޮމެން ގައިގައި އަތްލާ ނުހަނދާށޭ! ކޮއްކޮމެންގެ ހަންގަނޑު ނުލާހިކު ނާޒުކުވާނެ! ޝާންގެ ތި ކުރަކިވެފައިވާ އަތުން އެކުދިންގެ ގައިގައި އަތްލުމުން އެކުދިންގެ ހަންގަނޑު ސަކަރާތްވެެދާނެ!"

"އާބިދާ ކައިރީ ކިތައް ފަހަރު ބުނިން ޓެލެސީމީއާ ކުއްޖެކޭ އަވަހަށް އެބޯޓްކޮށްލާށޭ! ފުރަތަމަ ދަރިއޭ ކިޔައިގެން އާބިދާ ވިއްޔަ ހޭރުނީ! އާންއެހެންނަ! އާބިދާއަށް އެއްްވެސް އުނދަގުލެއް ނުވާނެ! ހުރިހާ މަސައްކަތެއް މިކުރަންޖެހެނީ މަށެންނު! ކޮންމެ މަހަކު ދެފަހަރަކު ލޭ ހޯދައި ރޭގަނޑުގެ ނިދި ނަގައިލާ މަވިއްޔަ މި ގޮސް މަރުކަޒުގަ އިންނަން ޖެހެނީ! އަދި ޖެހިފައި ހުރި މުސީބާތްކުޑަކަމުން މީނާ ގައިގައި ހުންނަން ވެސް ޖެހުނީ ބީ ނެގެޓިވް ލޭ ވިއްޔަ! މިއީ ދުނިޔެމަތީ މަށަށް ޖައްސަވާފައިވާ ބޮޑު މުސީބާތެއް!"

އެކުވެރިކަމަކީ ކޯއްޗެއް ހެއްޔެވެ؟ މިތުރުންނަކީ ދުނިޔެމަތީ ކޮން ބައެއް ހެއްޔެވެ؟ ގާތްތިމާގެ މީހުންނަކީ ހަމައެހާ ގާތް ބައެއް ހެއްޔެވެ؟ އަވައްޓެރިންނަކީ ހަމަ އެހާ އޯގާތެރި ބައެއް ހެއްޔެވެ؟ ތަފާތުނުކުރާ އެއްވެސް ތަނެއް މި އުޑުގެ ދަށުގައި ވޭ ހެއްޔެވެ؟

"ކަލޭ ކިތަންމެ އިރެއް ވަންދެން މިތާ ބަލަންހުއްޓަސް ކަލޭ ކުޅޭކަށް ނުލައްވާނަން! ކުޅެވޭ ނަމަ އަދި ތާހިރޭ މިތާ އައިސް ހުންނަން"

"ކިތައް ފަހަރު ކަލޭ ކައިރީ ބުނަންވީ އަހަރެމެންގެ އަފްޒަލް އާ އެކީ ނޫޅޭށޭ! އޭނާއާ އެކީ ސްކޫލަށް ނުދާށޭ! ބަލަ ތިއީ ބަލި ކުއްޖެކޭ! އެހެން ކުދިން ބަލިކުރަން ނޫޅެ މައިތިރިވެގެން އުޅޭ!"

"މިއީ އާބިދާއަށް ގެނައި ރަންފަށެއް! މިއީ ހަމަ އިންޑިއާގެ އެންމެ އަގު ބޮޑު ރަން! މިއީ ހުސޭނަށް ގެނައި ފައިވާނެއް! ވަރަށް ވަރުގަދަ ވާނެ! މިއީ މާމަގެ ދޫނި ޝިމްލާއަށް ގެނައި ރަން އަނގޮޓިއެއް! ވަރަށް ލޯބިވާނެ ދަރިފުޅު މިއަޅައިލީމަ! ޝާންއަށް އެއްޗެއް ގަންނާކަށް އަވައްޖެއް ނުވި މާމާއަކަށް!

"ޝާން! މިފަހަރު ސްޕޯޓްސް މީޓްސް މިދަނީ ނުލާހިކު ވާދަވެރިކޮށް! އަނެއް ކުލާހުގައި އެތިބީ ވެސް ނުލާހިކު މޮޅެތި ކުދިން! މިސް ޝާން ދެރަކުރާކަށް ބުނާ އެއްޗެއް ނޫން މިއީ! ޝާން ތިއީ ބަލި ކުއްޖެއް! ޝާންއަކަށް ނުދުވެވޭނެ! އެކަން ޝާން އަށްވެސް ރަނގަޅަށް އެނގޭނެ! އެހެންވެ މިސްއަށް ރަނގަޅީ މިފަހަރު ސްޕޯޓްސް މީޓުގައި ޝާން ބައިވެރި ނުވިއްޔާ!"
...........................................................................................................................
ކުރެވުނީ ކުއްހީއެކެވެ. ކަޅުސާލަކުން ލޯމަތި ފަރުދާ ކޮށްލީއެއް ނޫނެވެ. މަންމަ މެންގެ މިޝަން ކާމިޔާބު ވީއެވެ. ބައްޕަ ދެކެން ބޭނުންވާ ދުވަސް އައީއެވެ. އަހަރެންގެ އަޖަލު ޖެހުނީއެވެ. މިފަނާވަނިވި ދުނިޔެއާ ވަކިވީއެވެ. ވަކިވީއެއް ނޫނެވެ. ބަޔަކު މީހުން ވަކިކުރުވީއެވެ. އާއެކެެވެ. އަހަރެންގެ ކޮޓަރީ އަހަރެން ބަންދުކޮށްފައި ބަހައްޓައިގެން ހުންނަތާ 01 މަސްވީއެވެ. ލޭ ނާޅައި ބެހެއްޓުމުން އިސާހިތަކު އަހަރެން ނެތިގެން ދާނެކަން އެނގޭތީއެވެ. ކިހާ އޯގާތެރި ބައެއް ހެއްޔެވެ؟ މައިވަންތަ ލޯބި ކިހާ ވަރުގަދަ ހެއްޔެވެ؟ ބައްޕަގެ ލޯބި ކިހާ މަތިވެރިހެއްޔެވެ؟ އިންސާނިއްޔަތުގެ އެއްވެސް ކަންފުޅެއް ނެތެވެ. ލޯބިވާ މަންމާއެވެ. ލޯބިވާ ބައްޕާއެވެ. ތިގޮތަށް އަހަރެން ދުނިޔެއިން ވަކިކުރުވަން ބޭނުންނަމަ އަހަރެން ދުނިޔެއަށް އުފަންކުރުވީ ކިޔެއްކުރަން ހެއްޔެވެ؟ ދުނިޔޭގެ ވަގުތީ ކުލަބަލައިލުމަށް ކުޑަ މުއްދަތެއް އަހަންނަށް ތިދިނީ ކީއްވެ ހެއްޔެވެ؟ ތިއީ ދުނިޔޭގެ ލޮލަށް ކަޝްފުވެފައިވާ ދެ ޤާތިލުންނެވެ.

  Please log in or register to bookmark.
  4k

  10 ޚިޔާލު

  1. މި ވާހަކަ ކިއީމަ އަހަރެންނަށް ހަނދާން ވަނީ ،އަހަރެންގެ އެކުވެރިޔާ ޒައިން ގެ މަތިން... އެއީވެސް ލޭ އަޅާ ކުއްޖެއް.. އުމުރުން އެންމެ 10 އަހަރުގައި ލޭގެ ކެންސަރު ޖެހުމުގެ ސަބަބުން މި ފަނާވެނިވި ދުނިޔެ ދޫކޮށް އަހަރެމެންނާ އަލްވަދާޢު ކިޔައިފިކަން... ވަރަށް ވެސް އަސަރުގަދަ ވާހަކައެއް... މިކަހަލަ އެހެން ވާހަކައެއް ގެނެސްދޭނެ ކަމަށް އުންމީދު ކުރަން..
   ސްޓޭ ސޭފް.. 😉 😉 😉
   ސްޓޭ ހޯމް 💒 🌁 🏠..
   ސްޓޭ އިން ޓަޗް.. 😁 😁 😁

  Leave a Reply to 💚 24 💚 X

  Your email address will not be published.