Views: 3695 69

"ތާނިމް!" ދެތުންފަތް ދޭތެރެއިން އަޑު ނުކުމެގެން އައި އިރު މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ. އިޚުތިޔާރެއް ނެތި ދެލޯ ފުރާ ފައިބަން ފެށީ ކަރުނައެވެ. ހިތާމައިގެ ކަރުނައެވެ. ފޯނު ބާއްވާފައި ބޮލުގައި ދެއަތް އަޅާލީމެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ތާނިމް އެފަދަ ކަމެއް ކޮށްފާނެ ހެއްޔެވެ؟
ލޯބީގެ ވާހަކަތައް އިވި އަނެކާ ދެކެ ވާ ލޯބީގެ ސަބަބުން މީހުން އަމިއްލައަށް މަރުވާކަން ދަންނަމެވެ. ނަމަވެސް ތާނިމް އެއީ އެވަރުގެ މޮޔައެއް ހެއްޔެވެ؟ ފަހަރުގައި ތާނިމް މަރުވީ އޭނަގެ ގޭންގު މީހުން ރުޅިއައުމުން ކަމަށްވެސް ވެދާނެއެވެ. ކޮންމެ ގޮތެއް ނަމަވެސް އެ ޒިންމާ އެޅޭނީ އަހަރެންގެ ބޮލުގައެވެ. ދިރި ހުރި ފުރާނައެއް ވަކިވެގެން އެ ދިޔައީ އަހަރެންގެ ސަބަބުންނެވެ.
އިތުރު ތަފްސީލް ލިބޭނެ ކަމަށް އުންމީދުކޮށް އަނެއްކާވެސް ފޯނު ހުޅުވާލީމެވެ. އަހަރެމެންގެ ރަށާއި ގުޅޭ ޚަބަރުތައް އަންނަންފެށްޓެވެ. އަންހެނެއްގެ ގަޔަށް ވަޅި ހަރާލާ މަރާލި ޚަބަރެވެ. ހަތް އަހަރުގެ ރިފްޝާން މަރުވި ޚަބަރެވެ. މަޔަކާއި ދަރިއަކު މަރުވި ޚަބަރެވެ. އެކި ގޮތް ގޮތުން އަހަރެންގެ ހިތަށް އަސަރުކުރުވާ ޚަބަރުތަކެވެ.
ނުރޯން ހުއްޓާވެސް ގިސްލެން ފެށުނެވެ. ތާނިމާއެކު ހޭދަ ކުރެވުނު ވަގުތުތައް ހިތަށް އަރާފައެވެ. އެއިރު ތާނިމް އުޅުނީ ހާދަ އުފަލުންނެވެ. އަބަދުވެސް މޫނު މަތިން ފެންނާނީ ހިނިތުންވުމެކެވެ. މިޒާޖުން ފެންނާނީ އުޅުމުގައި ހުންނަ ސަކަކެމެވެ. ތާނިމްގެ އާއިލާގެ މައުލޫމާތުވެސް ކޮންމެވެސް ވަރަކަށް އަހަރެންނަށް އެނގެއެވެ. އެމީހުން ހާދަ ދެރަވާނެއެވެ. ކުއްޖަކު ބަލާ ބޮޑު ކުރާނީ ކޮންމެ ބަޔަކުވެސް އެތައް ހުވަފެން ތަކެއް ދެކިގެންނެވެ.
މަންމަމެންގެ ހަނދާންތައްވެސް އައިސް ބޯ ފުރާލިއެވެ. ޢާއިލާއާއެކު ހޭދަވި އުފާވެރި ވަގުތުތަކެވެ. ގޭކައިރީގައްޔާއި ކުދި ކުދި ޕާކުތަކުގައެވެ. ކުޅެން އުޅުނު ހަނދާންތަކެވެ. ބައްޕަ ވަކިވެ ދިޔަ ދުވަސް ލޮލު ކުރިމަތީ ސިފަވެގެން ދިޔައެވެ. އެއިރު، އެއަށް ވުރެ ހިތާމަ ވެރި ދުވަހެއް ނާންނާނެޔޭ ހިތަށް އެރިއެވެ. ނަމަވެސް ދުވަސްގަނޑަކަށްފަހު ކޮއްކޮވެސް އަހަރެންނާއި އުމުރަށް ވަކިވީއެވެ. އެތައް ވޭނެއް ތަހައްމަލު ކުރުމަށް ފަހު އެންމެ ފަހުން އަލްވަދާޢު ކީއެވެ. މަންމަ އޮތް ހާލުވެސް ހިތުން ފޮހެ ނުލެވުނެވެ. އެރޭ މަންމަ ކިހާ އަނިޔާއެއް ތަހައްމަލު ކޮށްފައިވާނެޔޭ ހިތަށް އަރުވާލެވުނެވެ.
ދެން ބޮލު ތެރެއަށް ވަދެގަތީ އަހަރެމެން ކުރަން މި އުޅޭ ކަންތަކެވެ. އަހަރެންނާ ގުޅުމެއް ނެތަސް ހައިޝަމަކީވެސް ބައެއްގެ ޢާއިލާ މީހެކެވެ. މީހެއްގެ ފިރިއެކެވެ. ކުއްޖެއްގެ ބައްޕައެކެވެ. އެމީހުންގެ ހިތަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟
ގޭގެ ދޮރު ހުޅުވާލުމުން އަހަރެން ގިސްލުން ހުއްޓާލީމެވެ. ނަމަވެސް ސިކުނޑީގެ އަމުރަށް ބޯ ލެނބުމެއް ނެތި ދެލޯ ފުރާ ހޯސްލައިފައި ކަރުނަތައް ފައިބަމުން ދިޔައެވެ. އަހަރެން ހީކުރީ ހިމްޔާން އައުމުން ބޯ އަޅާލާ ރޮއިލާނެ ކޮނޑެއް ލިބޭނެ ކަމަށެވެ.
"ތާނިމް ކަންތަކާ ދޯ ތި ރޮނީ؟" ގެނައި އަންހެން ކުއްޖާ ހިމްޔާންގެ ކޮޓަރިއަށް ފޮނުވާލަމުން އަހާލިއެވެ. ކިތަންމެ ރުޅި އަޔަސް ހިމްޔާންވެސް މި ވަގުތު ހިތާމަ ކުރަން ޖެހޭނެއެވެ. ކުލާސް ކުއްޖަކަށް ވީތީއެވެ. ކުޑަ މިނުން ދެކެ ފަރިތަ މީހަކަށް ވީތީވެސްމެއެވެ.
"ފަހަރެއްގަ ވެދާނެއްނު އޭނަ ގޭންގު މީހުން ރުޅިއައިސް އޭނަ ދަން ޖެއްސީ ކަމަށްވެސް.." އަހަރެން ތާނިމް ދަން ޖެހުނީ އަމިއްލައަށް ކަމަށް ޤަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. ތާނިމްގެ މަރުގެ ޒިންމާ ބޮލު އަޅައިގެން އަހަރެން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ މިހާރުވެސް ހިތަށް އަރާ ފައިބަމުން ދާ އިހުސާސްތަކުން އަދި އަހަރެން ދުނިޔެއިން މޮޔަ ނުވާކަން ނަސީބޭ ހިތަށް އަރައެވެ.
"ނުވާނެ އެހެނެއް.. ފާޑެއްގެ ނޯޓު ގަނޑެއްވެސް ލިޔެފައެއްނު މަރުވީ." ފަރުވާ ކުޑަގޮތަކަށް ހިމްޔާން ބުނެލިއެވެ. އަދި ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.
"ނޯޓެކޭ! ކީކޭ ލިޔެފަ އޮތީ؟" އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އޭގެ މަޤާމް ދޫކޮށް ނިކުންނަން އުޅޭހެންވެސް ހީވެއެވެ. އެބުނާ ނޯޓެއް ލިޔެފައިވަނީ އަހަރެންނަށް ކަމަށް ވާނަމަ ދެން ވާނީ ކިހިނެއްހެއްޔެވެ؟ އެ ނޯޓުގައި އަހަރެންގެ ވާހަކަ ހިމަނާފަވެސް އޮވެދާނެ ނޫންހެވެ؟
"މަށަކަށް ނޭނގެ. ކޮންމެސް ސޮރީއަކޯ. ދިސް އިޒް މައި ޗޮއިސްއޯ.." ހިމްޔާން ދޮރު ހުޅުވާލަމުން އެތެރެއަށް ދެމިގަތެވެ. އިތުރަށް އަހަން ބޭނުންވާ ސުވާލުތައް ބޮލުތެރެ ފުރާލިއެވެ. ނަމަވެސް ހިމްޔާން ނުކިޔައިދޭނެ ކަން އެނގެއެވެ. އެކަމާ ކުޑަކޮށް ރުޅިވެސް އައެވެ. ތަންތަން ކުޑަކޮށް ފުސްވާހެންވެސް ހީވެއެވެ. ބޯ އަނބުރާ ގޮތް ވުމުން އަހަރެން ސޯފާގައި ލެނގިލީމެވެ. ބޮލަށް ހަމަ ޖެހުމެއް ލިބޭތޯއެވެ.
...................
"އަޔާޒް ކޮބާ؟" އަހަރެން އަހާލީ ދޮރު ހުޅުވި ފިރިހެން ކުއްޖާގެ ގާތުއެވެ. އެއިރު އަދި ރަނގަޅަށް އިރު ނާރައެވެ. އެކުއްޖާ ފާޑަކަށް ބަލަން ހުރެފައި އެތެރެއަށް ވެއްދިއެވެ. ޓަކި ޖެހުމެއްވެސް ނެތި އަހަރެން ގޮސް ވަނީ އަޔާޒް ކޮޓަރިއަށެވެ.
"ރިފް؟ މި ތާ؟ ކީތް... ކުރަނީ؟" ހިފައިގެން އޮތް ފޯނު ބާއްވަމުން، އަޅައިގަންނަމުން އަޔާޒް އަހާލިއެވެ. އެއިރުވެސް އަހަރެންނަށް ދިޔައީ ރޮވެވެމުންނެވެ. އަޔާޒް ކައިރިއަށް އައީވެސް އިތުރު މީހަކު ނެތުމުންނެވެ. އެވަގުތު ބޭނުންވަނީ ގޭންގް ވިސްނުންނެތް، އިންސާނިއްޔަތު ކަން ހުރި މީހެއް ގާތު ވުމަށެވެ.
އަހަރެންގެ އަޑު ބޭރުވަނީ ކިރިޔަ ކިރިޔާއެވެ. ނަމަވެސް ހިތް ހަމަ ޖެހޭނީ އުދާސްތައް ބޭރުކޮށްލެވުމުން ކަން އެނގެއެވެ. ކިޔައިދެން ފެށީމެވެ. ބައްޕަގެ ވާހަކައެވެ. ކަންތައް ހިނގި ގޮތެވެ. ރާއްޖެ އައިސް ކުރިމަތިވި ކަންތަކެވެ. ކޮއްކޮއަށް އެމީހުން ހެދި ގޮތެވެ. އެޙާލުގައި އޮވެ މަރުވި ކަމެވެ. މަންމަ މަރާލި ވާހަކަވެސް މެއެވެ. އެންމެ ފަހުން އަހަރެން ތާނިމްގެ ވާހަކަވެސް ކިޔައިދިނީމެވެ. ގޭންގު ކަމަކު ތެޅުވި ވާހަކައާއި އޭނައަށް ކުރި ކަންތައްވެސް ކިޔައިދިނީ އެކައްޗެއްވެސް ފޮރުވުމެއް ނެތިއެވެ. ގޭންގު ކަންތައްތަކަކީ ބޮޑެތި ސިއްރުތައްކަން އެނގުނު ނަމަވެސް އިތުބާރުވެސް ނުކުރެވޭ އެ ކުއްޖާއަށް، އެއްވެސް ކަމެއް ފޮރުވުމެއް ނެތިއެވެ.
"އޭ އެ އޯކޭ ވާނޭ.. ތިހެން އަމިއްލަ ނަފްސު ކުށްވެރި ކުރާކަށް ނުވާނެ. އަމިއްލައަށް މަރުވުމަކީ އެމީހަކު އަމިއްލައަށް ޚިޔާރުކުރާ ގޮތެއް.." ވިސްނައިދޭ ފަދަ ގޮތަކަށް އަޔާޒް ބުނަމުން ދިޔައެވެ. ނަމަވެސް އަހަރެންނަކީ މީހަކު ބުނާހާ ވާހަކައެއް ޤަބޫލުކުރާ މީހެއް ނޫނެވެ.
ރޮއެވުނީ ކިހާވަރަކަށް ކަމެއް ނޭނގެއެވެ. އުޅެވުނީ ނުވެސް ނިދައެވެ. ސިކުނޑީގެ ހައިޖާނު ގަނޑަށްވެސް ވަކި ލުޔެއް ނުލިބުނެވެ. ބޯ ހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ. އަޔާޒް ޑިއުޓީއަށް ނުކުންނަން ޖެހޭ ގަޑި ގާތް ވުމުން، އަހަރެން އެނބުރި ގެއަށް ދިޔައީމެވެ. އެއިރުވެސް، ރޭގައި އައި އަންހެން ކުއްޖާ އުޅެއެވެ. އަޅާނުލާ އަހަރެން ވަނީ ކޮޓަރިއަށެވެ. ހިމްޔާން އުޅޭނީ ހިމްޔާން އުޅޭނެ ގޮތަކަށެވެ. ކިތަންމެ މުޑުދާރަސް އެއީ އަހަރެންނާ ބެހޭ ކަމެއް ނޫނެވެ.
އެއްޗެހި ބަދަލުކޮށްލާ، އެނދުގައި ޖައްސާލެވުމާއި އެކު ނިދުނެވެ. ވެފައި ހުރި ވަރުބަލި ކަމެއްގެ ސަބަބުންނެވެ.
.....................
މީހަކު ދޮރުގައި ޓަކި ޖެހިކަމެއް ނޭނގުނެވެ. ނިދުނީވެސް ދޮރު ތަޅުނުލައެވެ. މީހަކު ވަން ކަންވެސް އެނގުނީ އެމީހަކު އަހަރެންގެ ނަމުން ދެފަހަރަކު ގޮވާލާފައި އައިސް ގައިގައި ކޮށްޓަލުމެވެ.
"މަންމާތް!!" ލިބުނު ސިހުމުން އަހަރެންނަށް ހަޅޭއް ލަވައިގަނެވުނެވެ. އަހަރެންނަކީ ފުރާ ފުރިހަމަ ވެފައި އިން އަންހެނެއްކަން އެނގޭ އިރުވެސް މި ފިރިހެނުން އަހާލުމެއް ކަހާލުމެއް ނެތި ކޮޓަރިއަށް ވަންނަން ލަދެއް ނުގަނޭހެއްޔެވެ؟ އަނެއްކޮޅުން އަހަރެން ލައިގެން ހުރީވެސް އަތް ކެނޑި ޓޮޕްކޮޅަކާއި ކުރު ސޯޓެކެވެ.
"އެޖު! ނިކުންނަންވީ! ލަދާ ހަޔާތާ ކޮބާތަ؟" ދުލަށް އައިހާ އެއްޗެއް އަހަރެން ކިޔާލީމެވެ. ލިބުނު ހައިރާން ކަމުން، އެޖް، ނިކުތުމަށް ހިނގައިގަތެވެ. އަވަސްކޮށްގެން އައުމަށް ބުނެފައެވެ.
ފުން ނޭވާއެއް ލަމުން އަހަރެން ގޮސް ދޮރު ތަޅުލީމެވެ. ނިދި ފަހުން އަދި މިވީ ދެގަޑިއިރެވެ. ތެދުވަން ޖެހުމުން ވީ ފޫއްސަށްވުރެ ބޮޑީ ބޮލުގައިވި ރިހުމެވެ. ބަނޑަށްވެސް ނުބައި ގޮތަކަށް ތަދުވަމުން ދިޔައެވެ. އެވީ ކީތްކަން ވަރަށް ރަނގަޅަވެސް އެނގެއެވެ. ކޮންމެ މަހަކުމެ ހަތަރު ބައިކުޅަ އެއްބައި އުޅެން ޖެހޭ ޙާލެވެ. ބޮލުގައި އެވަރަށް އެ ރިއްސަނީ ރޭގެ ކަންތަކާއި، ތާނިމްގެ މަރާއި ހެދި ކަމަށް ޤަބޫލުކޮށް އެ ހަނދާންތަކާއި ދުރުވެވޭތޯ މަސައްކަތް ކޮށްލީމެވެ. ނަމަވެސް އިހުތިޔާރެއް ނެތި ހަނދާނަށް އަންނަ ކަމަކަށް އަހަރެންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟
...............
"ބޭބް ހާދަ ހޮޓޭ" ތައްޔާރުވެގެން ނުކުތުމާއި އެކު އެޖް ބުނެލިއެވެ. ހިމްޔާނާއި އެކު ސޯފައިގަނޑުގައި އެތިބީ އަހަރެންގެ އިންތިޒާރުގައެވެ. ހޭލިތަނާ ވީ ކަންތައް، އެޖު ހިމްޔާނަށް ކިޔައިދިނީކަން ދެމީހުންގެ މޫނުމަތިންވެސް ފެނެއެވެ. އަހަރެން ކަޑަވާނެ ކަންވެސް އެމީހުނަށް ހަމަ ނޭނގެނީ ހެއްޔެވެ. އަޅާނުލާން އަހަރެން މަސައްކަތް ކުރީމެވެ. ރުޅި އައިސްފިއްޔާ އެދެމީހުން ކަރާ ކަނދުރަޔާ ވަކިވާވަރު ކޮށްލެވިދާނެކަން އެނގެއެވެ. އަނެއްކޮޅުން އަހަރެން ހުރީ ހުންވެސް އައިސްފައެވެ.
ކައިރި ތަނަކުން ސައިބޮއިގެން ހިމްޔާން، ނައްޓާލީ އޭނާގެ މަސައްކަތަށް ދާށެވެ. ހަތިޔާރު ހޯދާ، ޕްރެކްޓިސް ކުރުމުގެ ކަންތައް ބަލަހައްޓަން ޖެހޭނި ހިމްޔާނެވެ. އަހަރެންވެސް އެޖާއި އެކު ދިޔައީމެވެ. ދާ ތަނެއް އެޖު ނުވެސް ބުންޏެވެ.
ވަދެގެން ދިޔައީ ބޮޑު ގެއެއްގެ ތެރެއަށެވެ. ހުރިހާ ދިމާއަކުންވެސް ފެންނަނީ ޝާހީކަމެވެ. ލިފްޓަށް އަރާ އެޖު ފިތާލީ ނުވަޔަކަށެވެ. އަހަރެން މަޑުމަޑުން އަނގަބަންދުކޮށްގެން ހުރީއެވެ. ކޮންމެވެސް ވަރަކަށް ހޮޑުލަވާ ކަހަލަ އިހުސާސެއްވެސް ކުރެވުނެވެ. ލިފްޓަށް އެރުމުން ވީ ގޮތެއް ކަމަށް ޤަބޫލުކޮށްލައިގެން އަހަރެން ހުރީއެވެ.
"ހާދަ ލަސްވީ؟ އާދޭ އެތެރެއަށް." ދޮރު ހުޅުވައިދިން މީހާ ބުނެލިއެވެ. ބޯ ހުރީ ތުނިކޮށް ކޮށާފައެވެ. ބަލާބެލުމަށްވެސް ގޭންގު މީހެއް ނޫންކަން އެނގެއެވެ. ލައިގެން ހުރި ކަޅު ޓީޝާޓުގައި ހުދު އަކުރުން، 'ގުޗީ' ޖަހާފައި އިން އިރު އެތެރޭގެ ފަރުނީޗަރުންވެސް މުއްސަނދިކަން ފެނެއެވެ.
"ރިފް.. މީ ރާއިން. ގޭންގުގެ އެއަރޕޯޓާ ބެހޭ ކަންކަން ކޮށްދޭ އެކަކު. ދެން ހުންނާނީ ދާނިޝް. އަދި ފަހުން އޭނަ ކައިރިއަށް ދާނީ.." އެޖު ކިޔައިދިނެވެ. އަހަރެންނާއި ރާއިން އެކަކު އަނެކަކަށް ހިނިތުންވެލީމެވެ. ކަސްޓަމްސްގައިވެސް ގޭންގު މީހުން އުޅެނީތާއެވެ. ގޭންގު ގޭންގު މީހެއް ނޫނެވެ. ގޭންގަށް އެހީވާ މީހެކެވެ.
އަހަރެމެން، ޕްލޭން ރާއިނަށް ކިޔައިދިނީމެވެ. ރާއިންވެސް ކަންބޮޑުވުން ފާޅު ކުރިއެވެ. މީހަކު މަރާލުމަކީ ރަނގަޅުކަމެއް ނޫންކަން އެސޮރަށްވެސް ވިސްނެނީއެވެ.
ގިނަ ވާހަކަތައް ދެއްކީ އެޖެވެ. އަހަރެންވެސް ދޭތެރެއަކުން ޖުމުލައެއް ދެ ޖުމުލަވަރު ބުނެލަމެވެ. ބޯ އަނބުރާތީ އަހަރެންނަށް، ވާހަކައަށް ސަމާލުކަން ދޭން ފަސޭހައެއް ނުވިއެވެ.
ދެވަނަ ފަހަރަށް ލިފްޓަށް އަރަން ޖެހުމުން އަހަރެން ހީކުރީ ހޮޑު ލެވޭނެ ކަމަށެވެ. ލޯގަނޑުގައި ބުރަކަށި ޖައްސައިލައިގެން ހުރީ ވަރަށް ބިރުންނެވެ. އަހަރެންނާއި ހެދި އެއްވެސް އުނދަގުލެއް ވާކަށް އަހަރެން ނޭދެމެވެ.
އަތްވަށް ނިކުތްވަގުތު ހުރިހާ ތަނެއް ކަޅުވެގެން ދިޔައެވެ. ކުޑަކޮށް މަޑުޖެހިލުމުން، އެކަން ކޮންމެވެސް ވަރަކަށް ރަނގަޅުވިއެވެ. ބޮލުގައި އެއްއަތް އަޅައިގެން ހުރެ ރާއިންގެ ކާރާއި ހަމައަށް ކިރިޔަ ކިރިޔާ ދެވުނު ކަމެވެ. މިވާ ގޮތުން އަދި ކޮންމެވެސް ނުބައެއް ވާނެ ކަމަށް ޤަބޫލު ކުރެވުނެވެ.
"މިހާރު މިދަނި ދާނިޝް ކައިރިއަށް އެނގޭ. އޭނަ އެއްބަސް ވީމަ، އަކްމަލް މެން ފޮނުވާލެވޭނީ މީހަކަށް ނޭނގޭ ގޮތަށް" ކުރީ ސީޓުގައި އިން އެޖު ބުނެލިއެވެ. އަދި އެނބުރި އަހަރެންނަށް ބަލައިލިއެވެ.
"ރިފް؟ އޯކޭތަ؟ ކިހިނެއް ވެފަ ތީނދީ؟" އެޖް ސުވާލު ކޮށްލުމުން އަހަރެން ހިނިތުންވެލީމެވެ. ކިޔައިދެންވީއޭވެސް ހިތަށް އެރިއެވެ. ނަމަވެސް އަހަރެން އެއްވެސް ކަމެއް ނުވާ ކަމަށް ބުނެ ދޮގު ހަދާލީ، ޕްލޭންގައި އަހަރެންގެ ރޯލެއްވެސް އޮތްކަން ހަނދާންކޮށްފައެވެ.
"މާލޭގަ ޕަބްލިކް ޓޮއިލެޓެއް ނުހުންނާނެތަ؟" ކާރު ތެރެވެސް ބަންދުވުމާއި އެކު، އެނބުރުންގަނޑު ރަނގަޅު ނުވާތީ އަހާލީމެވެ. ދެމީހުންވެސް އަހަރެންނަށް ބަލައިލިއެވެ. އަނެއްކާ އެހުނީ މާ މޮޔަ ސުވާލެއް ބާއެވެ.
"ކިހިނެއްވީ؟ ޓޮއިލެޓަށް ދާންވީތަ؟" މަޑު ހީލުމަކާއި އެކު، އެޖު ބުނެލިއެވެ. އަހަރެން ވަގުތުން ބޯ ހޫރާލީމެވެ.
"ރިފާޝާއަށް ކޮންމެސް ކަމެއް އެބަ ވޭ.. ޓޮއިލެޓަށް ދާން ވިއްޔާވެސް ތެދަށް ބުނެބަލަ.." ރާއިން ބުނުމުން އަހަރެން ކުޑަކޮށް ލަދުވެސް ގަތެވެ. ނަމަވެސް ފާޚާނާއަށް ދާކަށް އެއްބަހެއް ނުވީމެވެ.
"ފެން ފުޅިއެއް ނުލިބޭނެތަ؟" އަހާލީ ކާރުގައި އޮންނާނެ ކަމަށް ވަރަށް އުންމީދުކޮށްގެންނެވެ.
"އެޖު ދަގަ ގަންނަން." ރާއިން ކާރު ހުއްޓާލިއެވެ. އަހަރެން ނޫނެކޭ ބުނަން އުޅެފައިމެ ނުހުއްޓުވީ، އިތުރަށް ގޯސްވުމުގެ ކުރިން މި ބޯއެނބުރުމުން ސަލާމަތް ވޭތޯ ބަލާށެވެ.
ރާއިން ކައިރީ ކުޑަދޮރުހުޅުވާލަދޭން، އެދެން އުޅުނީމެވެ. ނަމަވެސް ނުއެއް ކެރުނެވެ. ދޭތެރެއަކުން ރާއިން އަހަންނަށް ބަލައިވެސް ލައެވެ. އަހަރެން އުޅޭ ގޮތުންނެވެ. ތަންތަން އަނެއްކާވެސް އަނދިރިވަނީއެވެ. ކިރިޔަ ކިރިޔާ އަމިއްލަ އަތްތިލަ އެކަނި ފެންނަވަރުވިއެވެ. ލޯ މަރާލާ ހުޅުވާޅުމުންވެސް ރަނގަޅުވާގޮތެއް ނުވިއެވެ. ވީ ކިހިނެއްކަން ނޭނގިގެން ވަރަށް ބިރުގަތެވެ.
"ރިފާޝާ.." އަހަރެންނަށް އިވުނީ ހަމަ އެކަނި އަޑެވެ. ކާރުގެ ދޮރު ހުޅުވާލި ރާއިނެއް ނުވެސް ފެނެއެވެ.
"ހޮޑު ލަވަންޏާ ހޮޑު ލީމަ ރަނގަޅުވާނީ.." ދެފަހަރަކު ލޯ މަރާ ހުޅުވާލުމުން، ރާއިން ދިއްކޮށްލައިގެން ހުރި ކޮތަޅު ފެނުނެވެ. އޭގައި ހިފިތަނާހެން އޯކާ ދެމެން ފެށްޓެވެ. ޙަޤީގަތުގައިވެސް ވަރަށް ލަދުގަތެވެ. އަނގަފުރާ ލެވެންފެށި ހޮޑުން ދުވި ވަހުން ކެތްވާ ވަރެއްވެސް ނޫނެވެ.
އެޖު އައީ އަހަރެން ހޮޑުލާ ނިމުނުނުތަނާއެވެ. ފެން ފޮދަކުން އަނގަސާފު ކޮށްލެވުމުން ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއް ލިބުނެވެ.
"ރިފް ބަލިއްޔާ ދޭ ގެއަށް.. މަށަށް އެކަނި ވެސް މިކަން ކޮށްލެވިދާނެ.." ކުރިންވެސް މިފަދަ ކަމެއް ވެއްޖިއްޔާ އެޖު އަހަރެން ނުގެންދާނެ ކަން އެނގެއެވެ. އެކަމަކު އަހަރެން ދާން ބޭނުމެވެ. ކުރަން ހަވާލުކުރާ ކަމެއް ކޮންމެ ސަބަބަކާ ހުރެ ވިޔަސް ނުކޮށް ދޫކޮށްލުމަކީ އަހަރެންގެ ގޮތެއް ނޫނެވެ.
"އުނހުނ.. މަ މިހާރު އޯކޭއޭ.." އަހަރެން ވަގުތުން ދެކޮޅު ހެދީމެވެ.
"އޯކޭ ނަމަ ހޮޑެއް ނުލެވޭނެއްނު. ވަރަށް ކައިރީގަ އެހުރީ ދާނިޝްގެ ގެ. އެޖު ބާލާފަ މަ ދާނަން ރިފާޝާ ލައިދެން." ރާއިން ބުނެލިއެވެ. އަހަރެންގެ އެދުމާއި ދެކޮޅު ހެދުމުން އަހަރެންގެ ގާތަށް ރުޅިއެއް އައެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ބޯތެރޭ ރާވާލީ ކުރާނެ ކަންތަކެވެ. އެޖު ބާލަން މަޑުކުރުމުން އަހަރެންވެސް ފައިބާނީއެވެ. ގަދަ ހަދާލައިފިއްޔާ މިމީހުންނަށް އަހަރެންނެއް ނުގެންދެވޭނެއެވެ.
...............
"އޭތް ތިހެން ނުއެއް ދެވޭނެ. މަޑުކުރެ ކާރުގަ." އަހަރެން ފޭބުމާއި އެކު އެޖު ހަޅޭއްލަވައިގަތެވެ. ނަމަވެސް އަހަރެން އެއަޑު އަހަން ހިތަކަށްވެސް ނާރުވަމެވެ. ނޭނގުނު ކަމަކީ އެޖު މިއީ އަދި އާދައިގެ މީހެއް ނޫންކަމެވެ. މީހުން ގަޔަށް ބޮލަށް އަރަންވެސް ފަސް ނުޖެހޭނެއެވެ.
މީހުން ބަލަން ތިބި ކަންވެސް ހަނދާން ނައްތާލާފައި އެޖު އަހަރެން ކާރު ތެރެއަށް ލިއެވެ. ގަދަ ހަދާލެވޭނީވެސް ގައިގައި ވަރުކޮޅެއް ހުރި ނަމަތާއެވެ. އަހަރެންނަށް ޖެހުނީ އަނގަގަނޑު ހަދައގެން ކާރުގައި އިންނާށެވެ.
"ގޭގަ އެއްވެސް މީހަކު އުޅޭނެތަ؟" ރާއިން ގެޔާ ހިސާބުން އަދި ދާކަށް ނޫޅުނެވެ. އަހަރެންގެ ފަހަތުން ލިފްޓަށްވެސް އެރިއެވެ.
"ހީވަނީ." ނޫނެކޭ ނުބުނަން ވެގެން އަހަރެން ބުނެލީމެވެ. ހިމްޔާން ނޫޅޭނެކަން މާ ރަނގަޅަށްވެސް އެނގެއެވެ. ރާއިން، ދޮރާ ހަމައަށްވެސް އައުމުން ވަރަށް ބޮލަށް އުނދަގޫ ވިއެވެ. އަހަރެން މީ ކުޑަކުއްޖެއް ނޫންވިއްޔާއެވެ. އަމިއްލައަށް އެކަނި އުޅެވޭނެއެވެ.
"ކަމެއް ވެއްޖިއްޔާ ގުޅާތި. މީހަކަށް ގޮވާތި.." އަހަރެން ވަންނަން ދިއުމުން ރާއިން ބުނެލިއެވެ. އަހަރެން ވެދުންކޮށްލީ ހިނތުންވުމެކެވެ. މިމީހުނަށް އަހަރެން މީ މިއުޅޭ އާދައިގެ ފިނޑި އަންހެން ކުދިން ކަހަލަ މީހެއް ނޫންކަން ފަހުމްވާނެ ދުވަހެއް އާދޭތޯ ހާދަ ދުޢާ ކުރަމެވެ.
އެނދުގައި އޮށޯވެލުމާއި އެކު އައި ނައި ތަނެއް ނޭނގި ސަވާރުވީ ނިންޖެވެ. ކުރިންވެސް ހުރި ނިދިގަނޑު ކަންނޭނގެއެވެ. ނިދުމުން ރަނގަޅު ވެދާނޭ ހިތާ އަވަހަށް ދެލޯ މަރާލީމެވެ.
...............
"ރިފާޝާ!" ދޮރުގައި ޖަހަމުން މީހަކު ގޮވާ އަޑަށް ތެދުވަން ބޭނުން ނުވެފައިވެސް ތެދުވެ ގަޑި ބަލައިލީމެވެ. މިހާ އަވަހަށް ރޭގަނޑުވީއެވެ. ދޮރު ހުޅުވާލި އިރު އެޖެވެ. މިފަހަރުވެސް އައި ގޮތަށް އައިސް ވަދެނުގަތްކަން ނަސީބެވެ. ނިކުތް އިރު ރާއިންވެސް ސޯފާގައި އިށީނދެލައިގެން އިނެވެ.
"މިހާރު އޯކޭއޭ.. މަ ރަނގަޅޭ.." ހުއްޓާނުލާ ސުވާލު ކުރަން ފެށުމުން އަހަރެން ބުނެލީމެވެ. ދޮގެއް ނަމަވެސް އެހެން ސުވާލު ކުރުމުން ހާދަ ބޮލަށް އުނދަގޫވެއެވެ.
އެޖު، ގްރޫޕް އެހެން މީހުނާ ބައްދަލު ކޮށްލަން ދާ ވާހަކަ ބުނުމުން، ރާއިން ހިމްޔާން އަންނަންދެން މަޑުކުރަން ނިންމިއެވެ. ހިމްޔާން ގެއަށް އަންނާނެ ކަމެއްވެސް ނޭނގެއެވެ. ފަތިހު ފަހެއް ނުޖަހަނީސް އޭނަ ދައްކާނުލާނެއެވެ.
ރާއިން އިނުމުން، އަހަރެންވެސް ކޮޓަރިއަށް ނުގޮސް އިނީއެވެ. އެ ބަލަނީ މާވަރަކަށެވެ. ދެލޯ ކޮނެލަ ނުދީގެން ބާއެވެ. އަހަރެން މޫނު މަތީ އެއްޗެއް ހުރީ ހެއްޔެވެ؟ ހަމަ ކޮންމެ ފަހަރަކު އަހަރެން ރާއިނަށް ބަލައިލުމާއި އެކު ވަރަށް ނޫން ކަމަށް ހެދޭނެއެވެ. ފޫހި މީހެކެވެ.
"ހަމަ އަސްލުވެސް މިހާރު ރަނގަޅުތަ؟ ހޮސްޕިޓަލަށް ދިޔައިންތަ؟" އަނެއްކާވެސް ރާއިންފެށްޓެވެ. އަހަރެންނަކީ ބަނޑަށް ނުވަމަހާ ދިހަ ދުވަސް ވެފަ އިން އަންހެނެކޭ ހީވާ ކަހަލައެވެ. ހޮޑު ލެވުނީމާ އެއީ މީހާ އެޑްމިޓު ކުރަން ޖެހޭ ވަރުގެ ކަމެއް ކަމެއް އަހަރެން ނުދަންނަމެވެ.
"ދާންވީނު ކްލިނިކަކަށް ވިޔަސް. ތިހެން ގޭގަ އިންނަން ފޫހިވެސް ވާނެއްނު؟" ރާއިން އުޅުނީ އަވަހަށް ބެޗޭނެ ގޮތެއް ހޯދަން ކަންނޭނގެއެވެ. ދާން ބޭނުމިއްޔާ މިހާރުވެސް ދިޔައިމަ ނިމުނީ ނޫންހެވެ. އަހަރެންވެސް އަހަރެން ބަލަން މީހަކު ނުލިބިގެނެއް ނޫޅެމެވެ.
"ހިނގާބަ." އަނެއްކާވެސް ރާއިން ބުންޏެވެ. އަހަރެން އެއް ގޮތަކަށްވެސް ގެއިން ބޭރަށް ދާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް މި ލިބުނީ މާލެ ބަލައިލަން ރަނގަޅު ފުރުސަތެކޭ ހިތަށް އެރިއެވެ.
..............
ރީތިވެލައިގެން ރާއިނާއެކު އަހަރެން ދިޔައީ ބޭރަށެވެ. ރާއިން ދަންނަ ކޮންމެވެސް ތަނަކަށް މަޑުކޮށްލިއެވެ. ކާރުން ފައިބާ އަހަރެން ރީތިކޮށް އެތަނަށް ބަލައިލީމެވެ. އަދި ދެކެފައި ނުވާ ތަނެކެވެ. މާލޭގައި ތަންތަންވެސް ގިނައީއެވެ.
އެތެރެއަށް ވަން ތަނާ ފެނުނު މީހަކުން، އަހަރެންނަށް ކުރިއަށް ދާން އުނދަގޫވިއެވެ. އެއީ މިތާ މަސައްކަތް ކުރާ މީހެއް ހެއްޔެވެ؟ މި އާދެވުނީ އެންމެ ނުބައި ތަނަށް، އެންމެ ނުބައި ވަގުތުގައެވެ.
ރާއިންވެސް، އަހަރެން އަޔާޒް މަސައްކަތް ކުރާތަނަށް ގެންނަން ޖެހޭ ހެއްޔެވެ؟
ރިސެޕްޝަނިސްޓަކަށް ހުރި އަޔާޒާ ވާހަކަ ދެއްކީ ރާއިނެވެ. އަހަރެން ވަގުތުން ފޯނު ނަގާ މެސެޖު ކޮށްލީމެވެ. އަހަރެން މީ ދަންނަ މީހެއް ކަމަށް ނުހެދުމަށެވެ. ވަކި ސަބަބެއްވެސް އޮވެގެނެއްވެސް ނޫނެވެ.
އަހަރެން ހީކުރި ގޮތާއި އަދި އާންމު ޤަވާއިދާވެސް ޚިލާފަށް މަޑުކުރާކަށެއް ނުޖެހުނެވެ. އެ ޑޮކްޓަރު ކައިރިއަށް ވަނީ އަހަރެން އެކަންޏެވެ. ރާއިން ބޭރުގައި މަޑުކުރީއެވެ.
ހުސްވެސް ޖަވާބުދޭން ޖެހުނީ ބޮލަށް ތުރާ ސުވާލުތަކަކަށެވެ. ކަށިގަނޑު ޖައްސާ ކޮންމެވެސް އެއްޗެހި ތަކެއް ބަލަންވެސް ބެއްޔެވެ. ހޮސްޕިޓަލަށް ވުރެ އަހަރެން ފޫހިވާ ތަނެއް ދުނިޔެމަތީ ނުހައްދަވާނެއެވެ. އަހަރެންގެ ހުރި ހަމަ އެކަނި ކޮއްކޮވެސް ރަހުމްކުޑަކޮށް މަރާލީ އެތަނުގެ މީހުނެވެ.
"އެއްވެސް ކަމެއް ނެތް.. ރޭގަ ނުނިދާތީ ތިހެން ތި ވަނީ.. ދެން އެހާ ބޮޑަށް ކަންކަމާ ނުވިސްނާތި.." ޑޮކްޓަރު ކިޔައިދިނީ ރާއިންވެސް ބަހައްޓައިގެންނެވެ. ދިޔަ މަގުމަތީ އަހަން އިތުރު ސުވާލުތަކެއް ރާއިނަށް ލިބުނިއެވެ. އަހަރެން ނުނިދީ ކީތްވެތޯއާއި ވިސްނަނީ ކޮންކަމަކާ ތޯއެވެ. އަހަރެން ދޭނީވެސް ކޮން ޖަވާބެއް ހެއްޔެވެ.
އެތަނުން ނުކުތް ވަގުތު ރިސެޕްޝަން ކައިރީ އަންހެނެއް މަޑުކޮށްލައިގެން ހުއްޓެވެ. އަހަރެން ނުކުންނަން ދަނިކޮށް އަހަރެންގެ ނަމުން ގޮވާލީ އެމީހާއެވެ. މި މާލޭގައި އަހަރެން ދަންނަ އަންހެނަކަށް އުޅޭނީ ކާކު ހެއްޔެވެ؟ ހިތާއި ހިތުން ސުވާލު ކޮށްލަމުން އެނބުރިލީމެވެ. ފެނުނު މީހަކުން އަހަރެންގެ ދެލޯ އަތަށް ނައީ ކިރިޔާއެވެ.
.......................
އަހަރެން ވަރަށް ރަނގަޅަށްވެސް ދަންނަ މީހެކެވެ. އެންމެ ފަހުން 'ފައިގައި އަޅައިގަނެފަ ވެއްޓޭ' ބީދައިން މި ދިމާވީއެވެ. އަހަރެންގެ ހުރި ހަމަ އެކަނި ބޮޑުބޭބެގެ އަންހެނުންނެވެ. ނުވަތަ މާހިލްގެ މަންމައެވެ. އަހަރެންގެ މަލްދާއްތައެވެ.
އެހެން ބަލައިގެން އެތައް އިރަކު ހުރެވުނެވެ. މަލްދާއްތަ އަހަރެންނާއި ދިމާއަށް އަންނަން ފެށުމުން އަވަސް އަވަހަށް ނުކުމެ ހިނގައިގަތީމެވެ. އެމީހުނަށް އަހަރެން އެނގި، ހޯދިއްޖިއްޔާ ކަމަކު ނުދާނެއެވެ. ވަކިން ޚާއްސަކޮށް، ބޯމަތީ ބޮޑު ޕްލޭނެއް އޮއްވައެވެ.
........................
"ކީތްވެ މިތަނަށް؟" ރެސްޓޯރެންޓެއް ކައިރިއަށް މަޑުކޮށްލުމުން އަހަރެން ސުވާލުކޮށްލީމެވެ. އަހަރެން ބޭނުމީ މިވަގުތު ސީދާ ގެއަށް ދާށެވެ. ވިސްނަން ވަގުތު ބޭނުމެވެ.
"އާދެބަ." ރާއިން އެދުނެވެ. ވިސްނަން ވީ އެއްޗެއް ނޭނގިފައި އަހަރެންވެސް އެތެރެއަށް ދިޔައީއެމެވެ. ކާއެއްޗިއްސަށް އޯޑަރ ދިނުމަށް ފަހު ރާއިން ސުވާލު ކޮށްލިއެވެ. އެއިރު ދިމާވީ ކާކާތޯއެވެ. އަހަރެން ވަގުތުން ނޭނގެއޭ ބުނެލީމެވެ. ރާއިން ފާޑަކަށް ބަލަން އިނެވެ.
ރާއިނަކީ ގޭންގު މީހެއް ނޫނެވެ. ހިމްޔާން މެނާވެސް ގުޅުމެއް ނޯންނާނެއެވެ. އުޅެނީ ރީތި ދިރިއުޅުމެކެވެ. ވަޒީފާވެސް ރަނގަޅެވެ. ރާއިންފަދަ މީހަކާ ހިއްސާ ކޮށްލުން ރަނގަޅު ވާނޭ އަހަރެންގެ ހިތް ބުނަނީ ކީތްވެ ކަމެއް ނޭނގެއެވެ.
"އެއީ އާންޓެކޭ.. އެކަމު އެޖު މެން ކައިރީ ނުބުނާތި." އަހަރެން ބުނީމެވެ. ރާއިން ވަގުތުން އެއްބަސްވިއެވެ. ޒަމާންތަކަކަށް ފަހު، ގޭންގް ވިސްނުން ނުހުންނަ މީހަކާ ވާހަކަ ދައްކާލެވުމުން، ހިތަށް ލިބުނީ ބަޔާންކުރަންދަތި ހިތް ހަމަޖެހުމެކެވެ. ކޭ ވަގުތު އަހަރެމެން ސަކަރާތްވެސް ޖެހީމެވެ. ކުރިން ހުރި ބޯއެނބުރުންވެސް އައި ތާކަށް އެނބުރި ގޮސްފިއެވެ.
.................
"ތޭންކްސް.." އެގާރަ ޖަހާކަށް ހާއިރު ގެއަށް އައިސް ވަންނަމުން އަހަރެން ބުނެލީމެވެ. އަނެއްކާވެސް އެ ލިބުނީ އާ އެކުވެރިއެކެވެ.
"ހެހެ.. އެނީ ޓައިމް.. ހީކޮށްލާ ޑޭޓެކޭ.." އަހަރެން ދޮރު ލައްޕާލަނިކޮށް ރާއިން ބުނެލިއެވެ. ދޮރު އެއްކޮށް ލެއްޕުމާއި އެކު ހިނިތުންވެވުނީ ކީތްވެކަމެއް ނޭނގެއެވެ. ދޮރުގައި ލެނގިލައިގެން އިރުކޮޅަކު މަޑުކޮށްލަންވެސް ޖެހުނެވެ.
ރާއިން ކަހަލަ ފިރިހެނަކާ އަދި އުމުރުގައިވެސް ދިމައެއް ނުވެއެވެ. މިހާރު ހިތުގައި ޖަހާ ކަހަލަ ވިންދެއް ކުރިން ދުވަހަކުވެސް ނުޖަހައެވެ. އަހަރެން މޮޔަ ވަނީ ހެއްޔެވެ؟
..............
އަހަރެން ކޮޓަރިއަށް ވަން ތަނާހެން އެޖު ގުޅިއެވެ. އެދުނީ، އަހަރެން އެމީހުނާ ބައިވެރި ނުވި ވާހަކަ ސިއްރު ކުރުމަށެވެ. އަދި އަހައިފި ނަމަ ކިޔައިދެންވީ އެއްޗެހިވެސް ބުނެދިނެވެ. ރުޅި އަޔަސް ނަޔަސް، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ބަލާ، އިތުރު މައްސަލައެއް ކުރި މަތި ވިޔަ ނުދޭންވެގެންނެވެ.
ދޮރު ހުޅުވި އަޑަށް އަހަރެން ކޮޓަރީން ނުކުތީމެވެ. ހިމްޔާން އާދަޔާ ޚިލާފަށް އަވަހަށް އައި ރެއެކެވެ. ކަންތައް ދަނީ ކިހިނެއްތޯ އަހާލީމެވެ. އެންމެ އިސްރޯލެއް އަދާކުރަނީ ހިމްޔާން ކަމަށް ވީތީއެވެ.
"ހަމަ ރަނގަޅު.. ރިފްމެންނޯ؟" ސުވާލު ކުރިމަތި ވިއެވެ. އަހަރެން އަވަސް އަވަހަށް އެޖު ބުނި ޖަވާބު ދިނީމެވެ.
"ރަނގަޅު. މިއަދު ކަސްޓަމްސް މީހުނާ ވާހަކަ ދެއްކީ. މާދަމާ، އިންޑިޔާއިން ހަވާލުވާ މީހުނާ ޑީލްހެދުން އޮންނާނީ.." އަހަރެން ޖަވާބު ދިނުމުން ހިމްޔާން ބޯ ޖަހާލާފައި ކޮޓަރިއަށް ވަނެވެ. އަހަރެންވެސް ބޭނުންވީ ނިދާލާށެވެ.
"ރިފް؟ ކީތްވީ؟ ބަލީތަ؟" ގުޅައިގެން ހުރެ އަޔާޒް ކިޔަމުން ދިޔައެވެ. ފިރިހެނުންނަކީ ހާދަ ހާސްވާ ބައެކެވެ. އަހަރެން ވީ ގޮތް ވަރަށް ރަނގަޅަށް ކިޔައި ދިނީމެވެ. މިހާރު އަޔާޒު އެއީ އަހަރެންގެ ބެސްޓީއެވެ. ގޭންގް މީހެއް ކަމުން ހިމްޔާން، ސިއްރުތަކަށް ކަމު ނުދަނީއެވެ.
..................
ހެނދުނު ހޭލި ގޮތަށް އަހަރެން ދިޔައީ ފިހާރައަށެވެ. ގަންނަން ޖެހޭ އެއްޗެހި ތަކެއް ހުރުމުންނެވެ. ކޮންމެހެން ބޭނުންވާނެ އެއްޗެހި ހަމަ ކޮށްފައި، ކާން ކަމުދާ އެއްޗިހި ކޮޅަކާއި، ސިނގިރެޓު ފޮށްޓެއްގެ އިތުރުން އަހަރެން ގަތީ މާރީތިވި ނެއިލް ޕޮލިޝް ފުޅިތަކެކެވެ. ކެނެޑާގައި އުޅުނު އިރު އޭގެ ބޭނުން ވަރަށް ރަނގަޅަށްވެސް އެނގިފައި ވިއެވެ. އެއްވެސް ކަހަލަ އަލްކަހޯލްއެއް އެޅިއްޖެ ނަމަ އޭގެ ކުލަ ކަޅު ކުލައަށް ބަދަލުވާނެއެވެ. ޑޭޓަށް ގޮސް އުޅޭ އރު ބިޓު، ޖޫސްތަށްޓަށް އެއްޗެއް އަޅާފައި ހުރެދާނެތީ އެކަމަށް ޚާއްސަކޮށް ހަދާފައި ހުރި އެއްޗެކެވެ.
ނުކުމެވުނީ އަހަރެން ދަންނަހެން ހީވާ މީހެއްގެ ކުރިމައްޗަށެވެ. ހަތަރު ކަޅި ބައްދަލުވި ހިނދު އެމީހާ ބިރެއް ފެނުނުހެން ތެޅިގަތެވެ. އަދި ފިހާރައަށްވެސް ނުވަދެ، ގޮސް އެރީ ކައިރީގައި އޮތް ޕްރައިވެޓް ކާރަށެވެ. އެމީހާ އުޅުނު ގޮތުން ފުރަތަމަ އައީ ހިންޏެކެވެ. ނަމަވެސް ފަހުން ސުވާލު އުފެދުނެވެ. ކުރިން ރަށުގައި އުޅުނު ޑޮކްޓަރު، އަހަރެންނަށް ފިލަން އެ އުޅުނީ ކީތްވެ ހެއްޔެވެ؟ ހަނދާނަށް އައީ ހަމަ ކިރިޔާއެވެ. ދުރަށް ނުދަނީސް، ކާރުގެ ނަންބޯޑު ފޯނުގެ ގެލެރީގައި ރައްކާ ކޮށްލީމެވެ.
...............
އެޖު އެއްގޮތަކަށްވެސް އަހަރެން ބައިވެރި ކުރާކަށް އެއްބަހެއް ނުވިއެވެ. އެޖުގެ ނަޟަރުގައި، އަހަރެންނަށް ވުރެ ބަލި މީހަކު ދުނިޔެމަތީވެސް ނެތެވެ. އަހަރެން އޮންނަން ވާނީވެސް އައިސީޔޫގައެވެ. މިމީހުން ކަންތައް ފަލަ ކަމުންވެސް ދިރި އުޅެވޭ ވަރެއް ނޫނެވެ. އެރޭ ގެންދާނަމޭ ބުނުމުން އެކަމާ ހިތް ހަމަ ޖައްސާލައިގެން ހުރުން ނޫން ގޮތެއް ނެތެވެ.
ހޯދި ތާކުން އަހަރެންގެ ނަންބަރު ހޯދައިގެން ރާއިން އަހަރެންގެ ހާލު ކިހިނެތް ތޯ މެސެޖު ކޮށްފައި ހުއްޓެވެ. އަހަރެން އަވަސްއަވަހަށް ރިޕްލައި ކުރުމުން ޖަވާބެއް ނައެވެ. ވާނީ ޑިއުޓީގައި ކަމަށް ހީކޮށްލާފައި އަހަރެން އޮށޯތީ ނިދާށެވެ. އިތުރު ކަމެއް ނެތިއްޔާ ދެން ކުރެވޭނީ އެކަން ނޫންހެވެ. ނިދި ޖެހެމުން ދިޔަ އިރުވެސް ލޯ ކުރިމަތީ ސިފަވަމުން ދިޔައީ އެއްކަލަ ޑޮކްޓަރު އުޅެމުން ދިޔަ ގޮތެވެ.
..........
އެރޭ ވީ ބޮޑު ރެއަކަށެވެ. ހައިޝަމް މަރާލަން އޮތް ރޭ ކަމަށް ވިތީއެވެ. އެޖާއި އެކު ދިޔައިރުވެސް އަހަރެން ހުރީ ބިރުން ވިރިވިރިއެވެ. މިހާ ނުބައި ކަމެއް ކުރަން ހެޔޮވެދާނެ ހެއްޔެވެ؟
ގޭންގްގެ، 'ކޮމްޕިޔުޓަރ ރޫމްގައި' އަހަރެމެން ދެމީހުން ތިބީ ފަރުވާތެރިވެ ބަލާށެވެ. ވަކި ވަކި ސްކްރީން ތަކަކުން އަހަރެމެންގެ ހަ މީހުންގެ ލޮކޭޝަން ފެންނަން ހުއްޓެވެ. އަދި އަކްމަލާއި ކާމިލް އުޅޭތަންވެސް ފެނެއެވެ. ލޯންޗް ދުއްވަން ތިބި މީހުން، އެއިރުވެސް ތިބީ އެއަށް އަރައެވެ. ސައިކަލުތަކާއި ކައިރި ހިސާބެއްގައި، ދުއްވަން ޖެހޭ މީހުން ފިލާ ތިއްބެވެ. އަކްމަލާއި ކާމިލްވެސް، ހުންނަން ޖެހޭ ތަނުގައި ތިއްބެވެ.
"މިހާރު ހައިޝަމް އެ ނައްޓާލީ ގެއިން.." އިފްޝޮޓް ބައި މީހަކު މެސެޖު ކޮށްލިއެވެ. އަހަރެމެން އެކަން، ގްރޫޕް އެހެން މީހުނަށް އަންގާލީމެވެ. ވަގުތުން އަޕްޑޭޓްތައް ލިބެމުން ދިޔައެވެ. ކެތް ތެރި ކަމާއި އެކު ބަލަން ތިބީމެވެ.
ހައިޝަމް ކާރުގެ ހަން ފެޅިގެން ކާރުން ފޭބިކަން އެންމެނަށް އަންގާލީ އެލަރޓަށް އައުމަށް ބުނެފައެވެ. ހަން ފެޅުނީކީ ނޫނެވެ. އަހަރެމެން ފަޅާލީއެވެ. އެހިސާބުން އަކްމަލާއި ކާމިލް ހަރަކާތް ކުރަން ފެށިތަން ފެނުނެވެ. އެމީހުނަށް އިރުޝާދުދޭނީ ހިމްޔާނާއި ޑެލްއެވެ. މިކަހަލަ އެހެން ކޮޓަރިއެއްގައި އެމީހުންވެސް ވާނެއެވެ.
"މިހާރު!" އައި މެސެޖު، އަހަރެން އަވަސްއަވަހަށް ސައިކަލު ދުއްވާ މީހުންނަށް ފޯރުކޮށްލަ ދިނީމެވެ. ލޯންޗު ދުއްވާ މީހުނަށް މެސެޖު ކުރަން ތައްޔާރަށް އެޖުއިނެވެ. ބާރު ސްޕީޑްގައި ސައިކަލުތައް ދާތަން ފެނެއެވެ.
އަހަރެން، އެއަރޕޯޓް ކަންކަން ރަނގަޅުތޯ ޔަޤީން ކުރީމެވެ. އަކްމަލާއި ކާމިލް އެރި ލޯންޗް، ވަރަށް ބާރަށް ހުޅުލެއާ ދިމާއަށް ދިޔައެވެ. އެމީހުން އަރުވައިގެން ސައިކަލު ދުއްވި ދެމީހުން އެހެން ލޯންޗަކަށް އެރުމުން، ހުހަށް ހުރި ލޯންޗަށް ބާކީ މީހާ އެރިއެވެ. ދުއްވާ މީހުން އެރި ލޯންޗް މަޑުކޮށްފައި އަނެއް ލޯންޗް ގޮސް، ކުރިން ދުއްވާލި ލޯންޗާ ހަމަ ކޮށްލިއެވެ.
"ވެއްޖެ.." ދުއްވަން އިން މީހެއްގެ މެސެޖު ލިބުނެވެ. އެބުނީ، އެމީހުންގެ ހަތިޔާރާއި އަންނައުނު، އަނެއް ލޯންޗަށް ބަދަލު ކުރެވުނު ވާހަކައެވެ. އެހިސާބުން، ދެ ލޯންޗް ދެދިމާއަށް ދިޔައެވެ. ފިލަން ޖެހޭ މީހުން ހުޅުލެއަށެވެ. އެހެން މީހުން އަތޮޅުން ނުކުންނާށެވެ.
ޕޮލިހުންނަށް އެނގިއްޖެ ކަމަށް މެސެޖު އައުމުން، އަނެއް ލޯންޗަށްވެސް ނައްޓާލަން އެންގީމެވެ. އެއަރޕޯޓުން މެސެޖެއް ނުލިބޭތީ އަހަރެމެން ދެމީހުންގެ ހިތް މަޑުޖެހުމެއްނެތި ބާރުބާރަށް ތެޅެމުން ދިޔައެވެ. ދެވަނަ ލޯންޗުވެސް ހުޅުލެއާ ހަމައަށް ފޯރިއެވެ. ރާއިނާއި ދާނިޝް ހަމަ ބަޚަބަރެވެ.
(ނުނިމޭ)

  1. Avatar

    އަޅޭ ނޭވާ ހިފަަހައްޓާލައިގެން އިންނަންމިޖެހުނީ. އަވަހަށް އަނެއްބައި އަޕް
    ކޮށްދީބަލަ ނިކަން

    21

ޚިޔާލު ފޮނުއްވާ