Views: 3551 63

"ހަލޯ؟" ތެޅި ތެޅި އޮތް ހިތަކާއި އެކު ފޯނު ނަގާ އަހާލީމެވެ.
"ކީތްވެތަ ފޯނު ނުނަގަނީ؟ ކަޑަ ކަމެއް ވެއްޖޭ" ހިމްޔާންގެ އަޑުގައިވެސް ވީ ހާސްކަމެވެ.
"ކިޔާބަ" އެނދުން ތެދުވެ ކޮޓަރި ތެރޭ ހިނގާލަމުން އަހަރެން ބުނީމެވެ.
"ތާނިމު.. އޭނަ ގޭންގު ގްރޫޕެއް މިއަދު މެންދުރު އެބައާދެ. އެމީހުން އައުމުގެ ކުރިން ކޮންމެހެން ވެސް އަހަރެމެން ފުރަން ޖެހޭ." ހިމްޔާން ބުނެލި ބަހަށް އަހަރެން ކޮޓަރިއަށް ނަޟަރެއް ހިންގާލީމެވެ. އަދި އެކައްޗެއްވެސް ތައްޔާރެއްވެސް ނުކުރަމެވެ.
"ކޮން އިރަކުން ފުރަނީ؟"
"ދިހަ ގަޑި ބައިގަ. އެގާރައިގެ ކުރިން އަތޮޅުން ނިކުންނަން ޖެހޭނެޔޭ އިފްޝޮޓް ބުނެފަ އޮތީ." ހިމްޔާން ޖަވާބު ދިނުމުން އަހަރެން ވަގުތުން ފޯނު ކަނޑާލީމެވެ. ނުވަ ގަޑި ބައިވެ ބޮޑުވީއެވެ. ކުރަން ހުރި މަސައްކަތްތައް ފުނި ޖެހިފައެވެ.
ވީ އަވަހަކަށް ފެން ވަރާލާ ރީތިވެލީމެވެ. އެއިރުވެސް ރަނގަޅަށް ދެލޯ ނުހުޅުވެއެވެ. ގެންދަން ހުރި އެއްޗެހި ތައްޔާރުކޮށް ހުރިހާ އެއްޗެއް ހަމަތޯ ބެލުނުއިރު ދިހައެއް ޖަހާ ފަނަރަ ހިނގައިފިއެވެ. އަވަސް އަވަހަށް އަހަރެން މިސްރާބު ޖެހީ ބަނދަރަށެވެ. ނިދިގަނޑުވެސް ބޮލުން ދާކަށް ނޫޅުނެވެ.
..................
ތިން ގަޑިއިރުގެ ދަތުރަކަށް ފަހު މާލޭގެ ބަނދަރުގައި އަނެއްކާވެސް ފައި ޖައްސާލެވުނެވެ. ހަދާފައިވާ ވިއްސާރަ ވިލާތަކުގެ ސަބަބުން، މެންދުރުގެ އެ ވަގުތުވެސް، ފިނިވެފައި އަނދިރިއެވެ. ބާރު ވައި ޖެހެމުން ދިޔަ އިރު ކޮންމެވެސް ވަރަކަށް ވާރޭ ތިކިވެސް ޖަހައެވެ. ވީ އެންމެ އަވަހަކަށް ޓެކްސީއެއް ހޯދައިގެން، އަހަރެމެން ދެމީހުން ތިބެން ހަމަ ޖެހިފައި އޮތް ގެއަށް ދެވުނު އިރު ބޮޑު ތިކި ވާރޭ، ބޯކޮށް އޮއްސާލަނީއެވެ.
އަހަރެން ހީކުރިހާ ތަންކޮޅު ކުޑައެއް ނޫނެވެ. ހުރިހާ ފަރުނީޗަރެއްވެސް ހުރީ ހަމަ ކޮށްދީފައެވެ. ފެންވަރުގެ ގޮތުންވެސް ދެރައެކޭ ނުބުނެވޭނެއެވެ. ހިސާބު ގަނޑުވެސް ފުދޭ ވަރަކަށް ހިތް ފަސޭހައެވެ. ހަނި ގޯޅިގަނޑެއްގެ ބަދަލުގައި ބޮޑު މަގަކަށް ވާގޮތަށް ހުރުމުން، ހާސްކަންވެސް ކުޑައެވެ.
އިރުކޮޅަކު ހިމްޔާނާ ވާހަކަ ދައްކަން އިނދެފައި، ކޮޓަރިއަށް ވަނީ ނިދާލުމުގެ ގަސްދާއިވެސް އެކުއެވެ. ރޭ ނުނިދުނު ތަންކޮޅު ފުރިހަމަ ކޮށްލަންވެސް ޖެހެއެވެ. އަދި މޫސުންވެސް އެކަމަށް ބާރު އަޅަނީއެވެ.
....................
"މިތަން ރަނގަޅުތަ؟" ހަވީރު އަތަށް އަޅާލީމާ، ރީތިވެލައިގެން ނުކުތުމުން ހިމްޔާން ސުވާލުކޮށްލިއެވެ.
"އާނ ހަމަ ފައްކާ. ކައެ އަށްވެސް ޗޫސް ކުރަން އެނގޭކަން އެބަ ފެނޭ... ބަނޑު ހައެއް ނޫންތަ؟" ބަނޑުގައި އަތް އަޅާލަމުން ބުނެލީމެވެ. ދަތުރަށް ފަހު އެކައްޗެއްވެސް ބަނޑަށް ނުލެވޭކަން ހަނދާން ވުމުންވެސް އިތުރަށް ބަނޑު ހައިވަނީއެވެ. އަނެއްކޮޅުން އަވަސް އަރުވާލައިގެން، ރަށުން ފުރީވެސް ރަނގަޅަށް ނުކައެވެ.
ގޮސް ހިމްޔާން ކައިރީ ސޯފާ ގަނޑަށް ވެއްޓިގަތީމެވެ. އަދިވެސް ބޭނުން ވަނީ ނިދާލާށެވެ. ނުފުރޭ އެއްޗަކަސް ހިތް ފުރޭ ވަރަށެވެ.
"ކާ އެއްޗެއް ހޯދަން ދާން ޖެހޭނީ. މިތާކު ނުހުންނާނެ އެކައްޗެއްވެސް. ވޭޕެއް ލިބިދާނެ" ހިމްޔާން ފޯނަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ. އެ ސޮރާ، އެ ސޮރުގެ ޕަބްޖީއެވެ. ރަނގަޅަށް އެހުރީ ދެވިހިފާފައެވެ.
މީހަކު ބެލް ޖެހީ އެހެން އޮއްވައެވެ. ހިމްޔާން ފޯނު ދޫކޮށްފައި ހިރިވެސް ނުލާނެކަން އެނގޭތީ ހުޅުވަން ދިޔައީ އަހަރެންނެވެ.
"ހޭ.. މަގޭ ރިފޭގަނޑު.." އެއްކަލަ އެޖެވެ. ކުޑަކޮށް ގަޅި ސޮރެކެވެ. ޖަހަނީވެސް ގަމާރު ވައްތަރެކެވެ.
ތިން މީހުން، ހަވީރު ފިނީގައި، ބޭރަށް ދިޔައީ ކާށެވެ. އެ ވަގުތުގައި، ރޭގަނޑު އޮތް ކަންތަކުގެ ވާހަކަ ކޮންމެވެސް ވަރަކަށް ސާފުވިއެވެ. އެބުނާ ޑީލެއް ހަދާ މީހާ، މިރޭ އަހަރެމެންނާ ބައްދަލު ކުރާނެޔޯލައެވެ.
"ރިފް ސިންގަލްކޮށްތަ އަބަދުވެސް ހުންނާނީ.." ބޯ ކަހާލަމުން އެޖު އަހާލިއެވެ. ވަރަށް ނޫން ކަމަށް ހަދާފައި ވާހަކައިގެ ތެރެއިންނެވެ. ދަސްކޮށްދިނީމަވެސް އަހަރެންނަކީ ކާކުކަން އަދި އެޖަށް އެނގޭވަރު ނުވަނީއެވެ.
"ނޫން.." އަހަރެންނަށް އެއްޗެކޭ ބުނެވުމުގެ ކުރިން ޖަވާބު ދިނީ ހިމްޔާނެވެ. އަހަރެންގެ މަތިން ވާހަކަ ދައްކަން ބައިންދާފައި އިންނަ މީހެކޭ ހީވާފަދައެވެ.
"އެޖު ކަލޭ މޮޔަވާން ނޫޅޭ.. ކުރީރޭ އެއައީ، އިހަކަށް ދުވަހު ނެގި ބިޓު މަހާ ކަށްޓާ ވަކިކޮށްފަ.. ކަލޯ ގަދައޭ.." ހިމްޔާން ފެށީއެވެ. އެޖުވެސް ވާހަކަ ތެރެއަށް ވަނީ ތަފްސީލާއި އެކު ވާހަކަ އަޑުއިވުމުން ނޫނީ ނުނިކުންނަހާ ބޮޑަށެވެ. ފަށައިގެން އަލިފުން ޔާއަށް، ހިމްޔާން، އަހަރެން ތާނިމާ އެއްކޮށް ކުޅުނު ޑްރާމާގަނޑުގެ ވާހަކަ ކިޔަމުން ދިޔައެވެ. ގާތަށް އައި ރުޅިން ދަތް ކުނޑި ވިކާލައިގެން އަހަރެން އިނީއެވެ. އަހަރެން ތާނިމާއެއްކޮށް އުޅުނީ މުޅި ދުނިޔޭގެ ޚަބަރަށް އެ އަރުވާކަށް ނޫނެވެ. އެކަމަކު މި ހިމްޔާނު މެނަށް ހޮޅުއަށިތަށް ދޮށުން ފެށިގެން ބީބީސީއަށް އަރުވަންވެސް އެ ކަމުދާނެއެވެ.
ކައި ނިމުމުން، ސައިކަލެއް ހޯދައިގެން މުޅި މާލެ ކުޑަކޮށްފައި އެނބުރި ގެއަށް އައީ އަނދިރިވުމުންނެވެ. ގޭގައިވެސް، ސަކަރާތް ޖަހަޖަހާފައި އެބުނާ މީޓިންއަކަށް ދާން ތައްޔާރުވެލީމެވެ. ގޭންގް މެންބަރެއްގެ ދިރިއުޅުން އުޅެން އަހަރެންނަށް މި ފެށެނީ އަދިކިރިޔާއެވެ. ދިރި އުޅުމުގައި އޮތް ކަމަކީ އެމީހުން ބުނާ ކަންކަން ކޮށްލަ ދިނުމާއި ހޭވޭނެ ތާކު ހޭވުމެވެ.
ވަގުތު އޮތުމުން ފޯނު ހުޅުވާލީ ވަކި ބޭނުމެއް އޮވެގެނެއް ނޫނެވެ. މާހިލްގެ ނަންބަރު ފެނުމުން މުއީން ބުނި ވާހަކަ ހަނދާންވިއެވެ. ހަމަ އެމީހުނަށް އަހަރެންގެ ޚަބަރު ނާންގަން ވީ ހެއްޔެވެ؟ އާއިލާގައި ތިބި ހަމަ އެކަނި ބަޔަކީ އެއީއެވެ. މަންމައާއި ކޮއްކޮގެ މަރު ތަޙުޤީގު ކުރުމަށްވެސް އެމީހުން އެހީތެރިވެދީފާނޭ ހިތް ބުނަމުން ދިޔައެވެ.
އަހަރެންނަށް މި ވަގުތު މުހިންމީ އެކަން ހެއްވެ؟ ނޫނީ ގޭންގްހެއްޔެވެ؟ ހަމަ ގައިމުވެސް ހިމްޔާން މެނާ ވަކިން އުޅެން އަހަރެންނަކަށް ދެން ފަސޭހައެއް ނުވާނެއެވެ. އަދި ކުރެވިފައި ހުރިހާ ބޮޑެތި ކުށްތަކާއި އެކު ބޮޑު ލޯޔަރެއް ކައިރީ އުޅެވޭނެ ހެއްޔެވެ؟ އަހަރެން އެމީހުން ގާތަށް ގޮސްފިނަމަ ހަޑި ވާނީ އެމީހުންގެ ނަމެވެ. އިސާހިތަކު ޢާއިލާގެ ޤަދަރުވެރިކަން ނެތިދާނެއެވެ.
"އޭތް!" ވިސްނަން އޮވެފައި މެސެޖެއް ކޮށްލީ ފޯނު ވަގަށް ނެގި އިރު ދިމާވި އަޔާޒަށެވެ. ކަމެއް ބޭނުން ވެއްޖިއްޔާ ބުނައްޗޭ ބުންޏެއް ނޫންހެވެ. އެހެން ނޫނަސް ފޫހިވެގެން މެސެޖެއް ކޮށްލާނެ މީހަކުވެސް އެ ނޫނީ ނެތެވެ.
"އާނ ބްރޯ" ލަސްތަކެއް ނުވެ ރިޕްލައި އައުމުން އަހަރެން ކުޑަކޮށް ވާހަކަ ދައްކާލީމެވެ. ދާން ވަންދެން ފޫހި ފިލުވާލާށެވެ.
...............
މަޝްވަރާ އޮތް ކޮޓަރިތެރެއަށް ވެއްދީ އަދަދުން މަދު ބަޔެކެވެ. އަތުން ގުނާލެވޭހާ ވެއެވެ. ބައްދަލުކުރަން އައި މީހާ އައީ އަހަރެމެން އެތެރެއަށް ވަންތާ އިރުކޮޅެއް ފަހުންނެވެ. މާ ރަނގަޅަށް ނޭނގުނަސް، މަތިމަތިން އެއީ ކާކުކަން އަހަރެންނަށްވެސް އިނގެއެވެ.
ފިނޭންސް މިނިސްޓަރުގެ ފިރިމީހާގެ އިތުރުން، އަދީލަކީ މާލޭގެ ބޮޑު ވިޔަފާރިވެރިއެކެވެ. ހިމްޔާން ކިޔައިދިން ގޮތުން ނަމަ، ވަޒީފާ އަދާކުރަނީ، ސަރުކާރު ކޮންމެވެސް އޮފީހެއްގެ މަތީ މަޤާމެއްގައެވެ. މީހާގެ ދެފަރާތުގައި، ދެ ބޮޑީ ގާރޑުން މަޑުކޮށްގެން ތިބޭ އިރު ޝަޚުސިއްޔަތުގެ ވަރުގަދަކަން ފެނިގެންދެއެވެ.
"އަން. މިހިރީ ބޭނުންވާނެ ހުރިހާ މައުލޫމާތު. ހުރިހާ ކަމެއްވެސް ރަނގަޅަށް ދާން ވާނެ. ފަނަރައިގެ ކުރިން ފިލާ މީހުން ބެލްޖިޔަމްއަށް ގޮސް ހަމަ ޖެހެންވާނެ. ނިމުނީމަ، އެއްބަސްވި ވަރަށް ފައިސާ ލިބޭނެ.." އަދީލްގެ ވާހަކަތައް ބޮޑަށް އަމާޒުވެފަ ހުރީ އިފްޝޮޓަށެވެ. ދެއްކި ވާހަކައިގެ ބޮޑު ބައި ބާކީ މީހުނަށް ސާފެއްވެސް ނުވާނެއެވެ. ހަމަ ޔަގީނުންވެސް އަހަރެންނަކަށް ނުވިއެވެ.
މައުލޫމާތޭ ކިޔާފައި ދިން މުށި ކަރުދާސް ކޮތަޅުތައްވެސް ދިއްކޮށްލީ އިފްޝޮޓަށެވެ.
"މީގެން ޚަރަދުތަކަށް ފުދެންވާނެ." އަދީލްގެ އެއް ބޮޑީ ގާޑު، މޭޒު މަތީ ބޮޑު ކަޅު ސޫޓް ކޭހެއް ބަހައްޓާލިއެވެ. އެ ހުޅުވާލީ ޑެލްއެވެ. އޭގައި ހުސް ފައިސާއެވެ. އެހާ ގިނަ އަދަދެއްގެ ޑޮލަރު، ޚަރަދަށޭ ކިޔާފައި ދޭތީ، ކުރިއަށް އޮތް ކަންތައް އެނގެން އަހަރެންގެ ހިތަށް ކެތްވަނީކީ ނޫނެވެ. އަދި ނިމުނީމާ ކިހާ ފައިސާއެއް ލިބޭނެ ބާއެވެ.
....................
އަދީލާއި އޭނާގެ މީހުން ދިޔުމުން، އިރުކޮޅެއް ކޮށްލާފައި އަހަރެމެން ދިޔައީ އެހެން ގެއަކަށެވެ. ގޭންގުގެ ގެތައްވެސް ގިނައީއެވެ. މީހުނަށް ޝައްކެއް ނުވާނެހެން ކަންކަން ކޮށްލެވޭނީވެސް އޭރުންތާއެވެ. އަނެއްކޮޅުން ގޭންގުގެ މީހުންގެ އަދަދުގެ ގިނަކަމާއި ފެތުރިފައި ވާލެއް ބޮޑުކަންވެސް އަހަރެން އުންމީދު ކުރި ވަރަށްވުރެ މާ ފުޅަލެވެ.
ގޭންގުގެ އާންމު އެއްވުންތައް ބާއްވާ ކޮޓަރިތަކާ، އެތަން ވަރަށް ތަފާތެވެ. ހުރިހާ ގޮތަކުންވެސް މެއެވެ. ހަތަރު ފާރުވެސް މެ، ފަޅު ފިލާފައިވަނީ، އެކި ވަރުގެ ޗާޓުތަކުންނެވެ. ތަން އޮތީ ވަރަށް ރަނގަޅަށް ސާފުވެސް ކޮށްފައެވެ. އެއް ފާރު އެއްކޮށް ރާއްޖޭގެ ޗާޓެއް އޮތް އިރު ޕިން ތަކަކުން މީހުން ތަކެއްގެ ފޮޓޯ ހިއްޕާފައި ހުއްޓެވެ. އޭގެ އިތުރުން މާލެއާއި ކައިރި ހިސާބުތައް، ގެތައް ސާފުކޮށް ފެންނަ ވަރުގެ ޗާޓު ޗާޓާއި، ވަކި ތަންތަންކޮޅު ޒޫމް ކޮށްފައި ހުރި ޗާޓުވެސް ހުއްޓެވެ. ގޭންގެއްގެ ފެންވަރު އަހަރެންނަށް އަންދާޒާ ކޮށްލަންވެސް އެނގުނީ އެހިސާބުންނެވެ. މިތަނުގައި އުޅޭ އިރު މައުލޫމާތު ހާދަ މުއްސަނދި ވާނެއެވެ.
ކޮޓަރީގައި ދިގު މޭޒެއް ފިޔަވާ، އެއްވެސް ފަރުނީޗަރެއް ނެތެވެ. ކުޑަމިނުން ގޮނޑިއެއް ހާ މިންވަރުވެސް ނެތެވެ. އަހަރެމެން އެތަނަށް ވަން ތަނާހެން، މަދު އިރުކޮޅެއްގެ ތެރޭ މީހުން އެއްވާން ފެށްޓެވެ. އަދީލް ފޯރުކޮށްދިން އެއްޗެއްސަށް ނަޟަރުހުއްޓާލައިގެން ހުރުމަށް ފަހު އިފްޝޮޓް އިސްއުފުލާލާ ބަލާލީ، ވަދެ ނިކުމެ އުޅުން މުޅިން ނިމުމުންނެވެ.
"އެންމެން ހަމަ ވެއްޖެ؟" ވަކިމީހަކަށް އަމާޒު ނުވާ ގޮތަށް އިފްޝޮޓް އެހުމުން، ކޮންމެވެސް މީހަކު އާނއެކޭ ބުނެލިއެވެ. ހުރި މޮޔަ ކަމުން، އަހަރެން މޭޒު ކައިރިއަށް އެއްވެ ތިބި މީހުން ގުނާލީމެވެ. އަހަރެންނާއި އެކު ބަރާބަރު ތިރީހެވެ. ވަކި ބަޔަކަށް ދައުވަތު ދެވުނު ތަނެއްތާއެވެ. ހާސްވާން ޖެހުނު ކަމަކީ، މުޅި އެތަނުގައިވެސް އަހަރެން ނޫން އަންހެނެއް ނެތް ކަމެވެ. އެންމެންގެ އަމާޒުފަތް ގަނޑަކަށް އަހަރެން ވީ ސަބަބަކީ އެއީ ކަމަށް ޔަގީން ކުރީމެވެ. އެންމެން، މޭޒުދޮށަށް އެއްވި އިރު، އަހަރެން އެތަނާ ކައިރިވީ، ދެފަރާތުން ހިމްޔާނާއި އެޖުގެ އަތުގައި ހިފައިގެންނެވެ. ހިތް ނުތަނަވަސް ވެފައި ހުރި ވަރުންނެވެ.
އިފްޝޮޓް އޮޅާލާފައި އޮތް ކަރުދާސްގަނޑެއް ދިއްކޮށްލުމުން، އެއްވެ ތިބި މީހުން އޭތި މޭޒުމަތީ ފަތުރާލިއެވެ. ދިހަފޫޓު ފަސްފޫޓުގެ ބޮޑު އެމޭޒަށް ކިރިޔަ ކިރިޔާ ފެތޭ ވަރުގެ ބޮޑު ޗާޓެކެވެ. މާލެއާއި ހުޅުމާލޭގެ ބޮޑު ބައެއް އޭގެން ފެންނައިރު ހަނި ގޯޅިތަށްވެސް ސާފުކޮށް ފެނެއެވެ.
ފައިލެއް ހުޅުވާލާ އިފްޝޮޓް، އޭގެން ބައެއް މައުލޫމާތު ކިޔަމުން ދިޔައެވެ. އޭގައި އެބުނާ އެއްޗެއް ސާފުކޮށް މެޕުން ފެންނާނެހެން ކުރަހަމުން ދިޔައީ ހިމްޔާނެވެ. ގެއެއް ފާހަގަކޮށް އޭގައި ބޮޅުއަޅާލިއެވެ. އެތަނުގައި މީހެއްގެ ފޮޓޮއެއް ބާއްވާލާ އޭނާގެ ވަނަވަރު ކުރުކޮށް ފޮނިކޮށް، ކުޑަކޮށް ލިޔެލިއެވެ. މާލޭގެ ބޮޑު ވިޔަފާރި ވެރިއެކެވެ.
އިފްޝޮޓް ކިޔަމުން ދިޔަ ވަރަކަށް ހިމްޔާން، ހައިޝަމްގެ ފިހާރަތަކާއި ރެސްޓޯރެންޓުތައް ފާހަގަ ކުރަމުން ދިޔައެވެ. އެންމެން ވެސް އަނގަބަންދުކޮށްގެން ތިބީ ބަލާށެވެ. ހުޅުމާލެއިން ސަރަހައްދުތަކެއްވެސް ފާހަގަކޮށްލިއެވެ. އަދި ހިސާބުގަނޑެއް ރަތް މާކަރުކުން ފަލަކޮށް ފަވާލިއެވެ.
"ކެމެރާތައް ފާހަގަކޮށްލާ." އޭތްރީ ސައިޒުގެ ގަނޑުތަކެއް ދިއްކޮށްލަމުން އިފްޝޮޓް އެދުނެވެ. އެކި މީހުން އެކި ގަނޑުތައް ނަގާ އެކަމާ އުޅެގަތެވެ. އަހަރެމެން ކައިރިއަށް އައި ގަނޑަށް ބަލައިލީމެވެ. އޭގެން ފެންނަނީ، މާލޭގެ ވަކި ސަރަހައްދުތަކެއްގެ ޗާޓެވެ. ހަރުކޮށްފައި ހުންނަ ކެމެރާތައް ފާހަގަކޮށްފައި ހުއްޓެވެ. އަހަރެމެންގެ މަސައްކަތަކީ، އެތަން ތަން، މޭޒުގައި އޮތް ބޮޑު ޗާޓުގައިވެސް ފާހަގަ ކުރުމެވެ. މަސައްކަތުގައި އުޅުނު އިރު، މިމީހުން ކަންކަން ދަންނަލެއް މޮޅޭ ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ފާހަގަ ކުރިތަނުން ހަލާކުވެފައި ހުރި ކެމެރާތައްވެސް ބައެއް މީހުނަށް އެނގެއެވެ.
"މިއީ ހައިޝަމްގެ އާއިލާ" މެޕުގެ މަސައްކަތް ނިމުމުން، އެންމެނަށް ފެންނާނެހެން އިފްޝޮޓް ފޮޓޯގަނޑެއް ބާއްވާލިއެވެ. ހައިޝަމްގެ އިތުރުން ހައިޝަމްގެ އަންހެނުންނާ، ޒުވާން ދެ އަންހެން ކުދިންނެވެ. އެތަނުން އެކަކު އެއީ ހައިޝަމްގެ ދަރިއެއް ކަމަށާ، އަނެއް އަންހެން ކުއްޖާއަކީ ދެ އަހަރެއްހާ ދުވަސް ކުރިން މަރުވި، ހައިޝަމްގެ ކޮއްކޮއެއްގެ ހުރި ހަމައެކަނި ދަރިފުޅު ރިދާ ކަމަށް އިފްޝޮޓް ބުންޏެވެ.
"ރިދާގެ ކައިވެނި ޕާޓީ މާދަމާ ނޫން އަނެއް ދުވަހު ރޭ އެބެތް" އިފްޝޮޓް މެޕުން ފާހަގަ ކޮށްފައި އޮތް ސަރަހައްދެއް ދައްކާލަމުން ބުނެލިއެވެ. އެއީ ވަލީމާ އޮންނަ ތަން ކަމުގައި ޤަބޫލު ކުރެވުނެވެ.
"ވަލީ ވެރިއަކަށް ދާނީ ހައިޝަމް. އަދީލް އަހަރެމެންނަށް ދީފައި އޮތީ ހަ ދުވަސް. އެހެންވީމަ އަހަރެމެންގެ މަސައްކަތަށް އެންމެ ރަނގަޅު ވާނީ ހައިޝަމް އެތަނަށް ދާ މަގުމަތި.." އަދިވެސް ކުރަން އުޅޭ ކަންތައް އިފްޝޮޓްގެ ދުލުން އޮޅިގެންވެސް ބޭރެއް ނުކުރެއެވެ. އަހަރެންނެކޭ އެއްފަދައިން އެހެން އެންމެންވެސް ތިބީ އެކަން އެނގުމަށް ކެތް މަދުވެފައި ކަން އެނގެއެވެ. ކުޑަމިނުން ހިމްޔާނަށާއި ޑެލްއަށްވެސް ކުރަން އުޅޭ ކަންތައް އެނގިފައި ނުވާކަން މޫނުމަތިން އެނގެއެވެ.
"ހަ ދުވަސް ތެރޭ ހުރިހާ ކަމެއް ނިންމަން އެބުނީ. މާނަ އަކީ، ހަތަރުދުވަހުގެ ތެރޭގަ ފިލާ މީހުން ފިލަން ޖެހޭނޭ. ވަގުތު ވަރަށް މަދުކަންވެސް އެނގޭ. ކުރަން އޮތް ކަންތައް ވަރަށް ބޮޑު.." އިފްޝޮޓް ފާޅުކުރަމުން ދިޔައީ ކަންބޮޑުވުންތަކެކެވެ.
"މިކަން އަހަރެމެންނަށް ވާނެތަ؟" ސުވާލުކޮށްލިއެވެ. ވަކި ވަކިން އެކި މީސްމީހުންގެ މޫނުތަކަށް ބަލަމުންނެވެ. އެތަނުން އެކަކުވެސް އެ ސުވާލަށް ނޫނެކޭ ބުނަން ހިތަށްވެސް އަރުވާނެ ހެނެއް ހިއެއް ނުވެއެވެ. ބަލާ ބެލުމަށްވެސް އެމީހުންނީ އަޒުމް ވަރުގަދަ ކެރޭ ބައެއްކަން ފެނެއެވެ. މޫނުމަތިންވެސް ފާޅުވެވެ ހުރީ އަމިއްލަ ނަފްސަށް ކުރާ އިތުބާރެވެ. މިމީހުން ތެރޭ އަހަރެން ކަހަލަ ފިނޑިއެއް ހުންނަން ހަޤީގަތުގައިވެސް ވަރަށް ލަދެވެ.
"ކީތްވެ ނުވާންވީ؟ މީ އަހަރެމެންނެއްނު..." ޖާނުން ވަރުގަދަކޮށް ހުރި މީހަކު ބުނެލިއެވެ. ކަޅު ކުލައިގެ އަތްކެނޑި ޓީޝާޓެއް ލައިގެން ހުރި އިރު، ހަށިގަނޑުގައިވަނީ ވަރަށް ރަނގަޅަށް މަސްޖަހާފައެވެ. އާދައިގެ މީހުނަށްވުރެ ބިޔަވެސް ބިޔައެވެ. ވައްތަރީ ރެސްލިން މެޗުތަކުން ފެންނަ ފަދަ މީހަކާއެވެ. އޭނަޔާ ޖެހިގެން ހަމަ އޭނަގެ ދެވަނަ ތަތްގަނޑެއް ހުއްޓެވެ. އެއްމާބަނޑު ކޮއްކޮ ނޫނީ ބޭބެއެވެ.
"އަދީލް ބޭނުންވަނީ." އިފްޝޮޓް ޖުމުލަ ފަށާފައި އެންމެންނަށް ބަލައިލަމުން މަޑުޖެހިލިއެވެ.
"ހައިޝަމްގެ ވަސްވެސް ދުނިޔޭން ފުހެލަން."
...................
ކޮޓަރީގައި ކޮންމެވެސް ވަރަކަށް އަޑުގަދަވެގެން ދިޔައެވެ. އެކަކު އަނެކަކު ކައިރީގައި ހުންނަ މީހާއަށް ބަސްބުނާ އަޑެވެ. އިފްޝޮޓްވެސް އެ ފުރުސަތު ދީގެން އިރުކޮޅަކު ހުރީއެވެ.
"ތިން ދުވަސް.. މިހާރުން މިހާރަށް މަސައްކަތް ފަށަންވީ.." ޑެލް ވާހަކަ ދައްކަން ފެށުމުން މީހުންތައް ހިމޭންވިއެވެ. އެންމެންވެސް ހާސްވެފައި ތިބިކަން އެނގެއެވެ. އެ އެންމެންގެ ތެރެއިންވެސް އަހަރެން ހާސްވި ވަރު ބޮޑުވާނެކަން އަމިއްލައަށްވެސް ޤަބޫލުކުރަމެވެ. އިންސާނަކު މަރާލުމަށް އެހީވުމަށްވުރެ ގޯސްކަމެއް އަހަރެންނަށް ދުނިޔެމަތީ ކުރެވޭނެ ބާއެވެ؟ މުސްލިމް އަޚެއްގެ ފުރާނަ ދުއްވާލުމަކީ ކިހާ ގޯސްކަމެއްކަން، އެތާ ތިބި އެންމެންނަށްވެސް އެނގޭނެއެވެ.
.................
"ހިމްޔާނާ ޑެލްއާ އެކު މަށަށް ވަގުތު ކޮޅެއް ދީބަ." އިފްޝޮޓް އެދުމުން، އެންމެން ނުކުންނަން ހިނގައިގަތެވެ. އަހަރެންވެސް ހިމްޔާނުގެ އަތުން ދޫކޮށްލާފައި އެޖާއި އެކު ހިނގައިގަތީމެވެ.
"އޭތް އެޖު. ކައެވެސް މަޑުކޮށްބިއަ" ދެން އިފްޝޮޓް ބުނެލި ޖުމުލައިން އަހަރެން ގަތީ އަމަށަކު ބިރެއް ނޫނެވެ. ނުވެސް ދަންނަ ގޭންގު ފިރިހެނުން ތަކަކާއި އެކު އަހަރެން އެކަނި މައި އެކަނި ހުންނަން ވީ ހެއްޔެވެ؟ އޮތް ހަމަ އެކަނި ގޮތަކީ އެއީއެވެ.
ބައްދަލުވުން އޮތް ކޮޓަރީން ބޭރުގައި އަހަރެމެން މަޑުކޮށްލައިގެން ތިބީމެވެ. އެކި ގްރޫޕް ގްރޫޕަށް، މީހުން ތިއްބެވެ. އަހަރެން، އެކަހެރިވެ މަޑުމަޑުން ހުރީމެވެ. އެމީހުން ބަލާ ވަރުން ލޯ ކޮނެލަފާނަމޭވެސް ހިތަށް އަރައެވެ. ލަސް ނުވެ، އިފްޝޮޓްމެންގެ އެ އެކަހެރި ބައްދަލުވުން ނިމޭތޯ، ހިތާއި ހިތުން ދުޢާ ކޮށްލަ ކޮށްލާ ހުރީމެވެ.
އެހެން ހުންނަތާ އެތައް އިރެކެވެ. ގުގުމާލާފައިވީ، ފިރިހެނުންގެ ބަރު އަޑުތަކެވެ. ވަގުތު ހިނގަމުން ދެޔެވެ. ހިމްޔާނުމެންގެ އިށާރާތެއް ނެތެވެ. އެހެން ދާ މީހުން އަހަރެންނަށް ގޮވާވެސް ހެދިއެވެ. ނަން އަހާ ފޮށެމުން ދިޔައީ އަހަރެންނަކީ މިއުޅޭ އާދައިގެ ފިނޑި އަންހެން ކުދިން ފަދަ މީހެއް ކަމަށް ހިތާ ކަންނޭނގެއެވެ. އިފްޝޮޓް ރުޅި ނާންނަނަމަ، އެމީހުން ބެލްކަނީއިން ބޭރަށް ހޫރާލީމުހެވެ.
"ވަދޭ.." އެތެރެއިން ގޮވާލި އަޑު އިވުނެވެ. އެންމެންހެން ދޮރާ ދިމާލަށް އަންނަން ފެށީ ފުރަތަމަ ދެވޭ މީހަކު މޮޅުވަނީއޭ ހިތާކަމަށްވެސް ވެދާނެއެވެ. އެހެންނަމަ އެއްވަނަ ލިބޭނީ އަހަރެންނަށެވެ. ދޮރު ބުޑުގައި ހުރި މީހާއަށް ވުރެ ކުރިން އެހެން މީހަކަށް ނުވަދެވޭނެ ނޫންހެވެ.
"މިކަން ވާނެ ކަމަށް ބަލާފަ ތިން ބަޔަކަށް މި ބަހާލީ.." ވާހަކަ ދައްކަމުން ދިޔައީ އިފްޝޮޓެވެ. ހިމްޔާނު މެނާ ދުރުގައި، ނުވެސް ދަންނަ މީހުންތަކެއް ކައިރީ ފިތިގެން ހުންނަން ވުމުން އަހަރެންނަށް ވަރަށް ބޮލަށް އުނދަގޫ ވިއެވެ.
"އެއް ގްރޫޕަކީ ޢަމަލީ ގޮތުން ބައިވެރިވާ މީހުންގެ ގްރޫޕެއް. ހަވާލުވެގެން އިސްކޮށް ހުންނާނީ ހިމްޔާން.." އަހަރެންނަށް ލޯ މަރާލެވުނެވެ. މިއީ ކިހާ ނުރައްކާތެރި ކަމެއްކަން ރަނގަޅަށްވެސް ވިސްނޭތީއެވެ. ހިމްޔާނަށް ދެރަ ގޮތެއް ވެއްޖެ ނަމަ އަހަރެންގެ މުޅި ދިރިއުޅުން ފަނާ ވާނެއެވެ.
"ފިލުމާ ހަވާލު ވާނީ އެޖާ ޑެލް. ދެން ކަންކަން ދާ ގޮތް ރަނގަޅުތޯ ބަލާށާ ކޮޕުންނަށް ބަޓުވާން އުޅެފިއްޔާ އެކަން ކަމާ ބެހޭނީ މަ." އިފްޝޮޓް ތިން ގްރޫޕް ކިޔާލަ ދިނެވެ. އަދިވެސް އަހަރެންގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ކައިރީގައި ތިބި ދެ މީހުނަށް އެއަޑު ނީވޭނެކަންވެސް ޔަޤީނެއް ނޫނެވެ.
އިފްޝޮޓް މީހުންތައް ގްރޫޕްތަކަށް ބަހަން ފެށްޓެވެ. އެޖް އަދި ޑެލްގެ ގްރޫޕަށް ކޮންމެވެސް ހަ މީހަކު ލިޔެވެ. ނަންތައް ކީ ނަމަވެސް، އެމީހުން ކުޑަކޮށްވެސް އަހަރެންނެއް ނުދަންނަމެވެ. ދެން ކިޔަން ފެށީ އިފްޝޮޓް ގްރޫޕް މީހުންނެވެ. ގިނަ މީހުން ދިޔައީ އެބަޔަށެވެ. އަހަރެން އުންމީދު ކުރީ އަހަރެންވެސް ޖެހޭނީ އެބަޔަށް ކަމަށެވެ. އުންމީދެއް ނޫނެވެ. ޔަޤީން ކުރީމެވެ.
"އަކްމަލް، ކާމިލް.." އިފްޝޮޓް އިށާރާތް ކުރީ އެއްކަލަ އެއްމާބަނޑު ދެކުދިންނަށެވެ. އަހަރެން ފިޔަވާ ގްރޫޕަކަށް ނުޖެހި ތިބި ފަހު ދެމީހުނެވެ.
"ރިފާޝާ..." ދެން އެ ގޮވާލީ އަހަރެންގެ ނަމެވެ. އެދެ މީހުނާ އެކުއެވެ. އެއިރު އެންމެންވެސް ބަލަން ހުރީ އަހަރެންނަށެވެ. ވަރަށް ހައިރާންވެ ހުރެއެވެ. ވަކިން ޚާއްސަކޮށް ހިމްޔާނާއި އެޖު އަދި ޑެލްގެ މޫނުމަތިން ފެންނަ ހައިރާން ކަން ބޮޑެވެ. އިތުރު ދިމާލަކަށް ނުބަލާ ސީދާ އިފްޝޮޓަށް ބަލަން ހުރެވުނީ، ބުނަން އެ އުޅޭ ޖުމުލަ އަޑުއެހުމަށެވެ.
"ހިމްޔާންގެ ދަށުން، ހައިޝަމް މަރާލުމުގަ ބައިވެރި ވާނީ ތި ތިން މީހުން!.."
....................
ލިބުނު ހައިރާން ކަމުން، އިރުކޮޅަކު ޤަބޫލުނުކުރެވިފައި ހުރީމެވެ. މީހަކު މަރުވެގެން ޑިޕްރެޝަނަށް ދާއިރު އަމިއްލަ އަތުން މީހަކު މަރާލާނީ ކިހިނެއް ހެއްޔެވެ؟
"އިފްރީން!" ހިމްޔާން މުޚާތަބު ކުރީ ފުދޭވަރަކަށް ބާރަށެވެ. އަސްލު ނަން ބޭނުން ކުރުމުން، ހިމްޔާން ނުރުހުނީ ކަން އަހަރެންނަށް އެނގުނެވެ.
"ރިފާޝާއަކަށް އެކަމެއް ނުވާނެއްނު. އަދި ކުރީ ދުވަހު މިކަމަށް އެ ތަޢާރަފުވީ.. އެހާ ނުރައްކާތެރިކަން އޮތް ކަމަކަށް ތަޖުރިބާ ނެތް މީހަކު ނުގެންދެވޭނެ." އެފަދަ ގޮތަކަށް ހިމްޔާން އިފްޝޮޓާއި ވާހަކަ ދައްކަފާނެއެކޭ އަހަރެންގެ ހިތަކަށްވެސް ނާރައެވެ. އެކަކު އަނެކަކުގެ ހިތުގައި އޮންނަ އެއްޗެހިވެސް އެނގޭވަރުގެ ދެމީހުން ވިއްޔާއެވެ. މޮޅު ކަމަކީ، އެހެން ހިމްޔާން ވާހަކަ ދައްކަން ޖެހުނު ސަބަބަކަށް އަހަރެން ވުމެވެ.
"އެއީ ތެދެއް. އަހަރެމެންނަށްވެސް އުނދަގޫވާނެ މިއަދު ދިމާވާ މީހަކު ލައްވައިގެން އުޅެން. އެއް ފަހަރުގެ ކަމެއް ދޯ މީ. ކުޑަ ގޯހެއް ހެދުނަސް، ބައިވަރު މީހުން ބެދޭނެ. މިއަދު މިތަނަށް އައި އަންހެން ކުއްޖަކަށް މި ކަމެއް ނުވާނެ ދޯ" އަކްމަލް ހިމްޔާނާއި އެއްބައި ވެލިއެވެ. މީހަކު އަހަރެންނަށް ކަމެއް ނުވާނެއޭ ބުނުމުން އެކަމާއި އަހަރެން އެއްބަސްވާނެ މިއީ ފުރަތަމަ ފަހަރެވެ. އެމީހުން އެބުނާހެން، މިއީ އަހަރެންގެ ފެންވަރާ ނުބައްދަލު ކަމެކެވެ.
"އެކަމަކު ދެން ނެތެއް ނޫންތަ ދާނެ މީހަކު. ކައެ މެން ދެމީހުން އެކަންޏަކު ނުވާނެއްނު. އެހެންނޫނަސް އަންހެން ކުދިން ވަރަށް ރަންވާނެ. މި ޕޮލިހުން ޝައްކެއްވެސް ނުކުރާނެ. ފިލާ އިރު ރިފޭ ބޭރަށް ނުގޮސް މަޑު ކުރީމަ ދެން ފަހަރަކަށްވެސް ހުންނާނެ. އަކްމަލްމެނަށް ގޮއްސަ ނޭނގެ އާދެވޭނެ ދުވަހެއްވެސް. ކުރިން ދެ ފަހަރު ފޮނުވި ގްރޫޕްތަކަށްވެސް އަދިވެސް އެ އުޅެނީ ރާއްޖެ އަރަން ނުކެރިގެން.." އިފްޝޮޓް އިތުރު ކޮށްލި ވާހަކައިން އަހަރެން އަދި އިތުރަށް ބިރު ގަތެވެ. މީހަކު މަރާލާފައި އައިސް އަދި އަހަރެން އުޅެންވީ ރާއްޖޭގައި ޕޮލިހުން ކުރިމަތީ ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އޭރުން ފަޅާ ނާރާ ނުދާނެއެވެ.
"ރިފާޝާ ތިކަން ކުރާހާ ތަޖުރިބާއެއް ނުހުންނާނެޔޭ." ޑެލްވެސް މިފަހަރު ހުރީ އިފްޝޮޓާއި ދެކޮޅަށެވެ. އަހަރެންގެ ފެންވަރު އިފްޝޮޓް ނޫން އެންމެންވެސް ދަންނަނީއެވެ. މިއުޅޭ ގްރޫޕާ ޚިލާފަށް އިފްޝޮޓް ހުންނަނީ، ފެންވަރަށް ވުރެވެސް އަހަރެން މަތި ކޮށްލާފައެވެ.
"ބަލަ މިއޮތް ހުރިހާ ދުވަހު ޓްރެއިނިން ތަކެއް ހެދުވީ މިކަހަލަ ކަންކަމަށް ތައްޔާރު ކުރުވާށޭ.. މިކަންކަން ނުކުރަންޏާ ގޭންގުގަ ރިފާޝާގެ ބޭނުމެއް ނެތެއްނު؟" އިފްޝޮޓް އޭނާގެ ބަސް ދިފާޢު ކުރިއެވެ. 'އަހަރެން' މައުލޫއަކަށް ހަދާ އެކޮޓަރީގައި އެ ފެށީ ބޮޑު ބަހުހެކެވެ. އަހަރެންގެވެސް ދުލެއް އޮތީތީ އަމިއްލަ މީހާއަށް ފެންނަ ގޮތް ހާމަ ކޮށްލަން ނުލިބޭނެ ބާއޭ ހިތަށް އެރިއެވެ.
"އެޖު އެބުނީނު މީނަ މުއާމަލާތު ކަންކަމުގައިވެސް ފައްކަލޭ. މިބަޔަށް ލައިބަލަ." ޑެލް އަނެއްކާވެސް ހިފާލިއެވެ. ހަމަ ގައިމުވެސް އެބައިގައި ހަމަ ޖެހިލައިގެން މަސައްކަތް ކުރަން ފަސޭހަ ވާނެއެވެ.
"ދެން ރިފާޝާގެ ބަދަލުގަ ދާނީޔޯ؟" އިފްޝޮޓް ސުވާލުކޮށްލިއެވެ. މަސްޖަހާ ބިޔަކޮށް ތިބި އެ ފިރިހެނުންތަކު ތެރޭގައި އެވަރު ކަމެއް ކޮށްލެވޭ ވަރުގެ މީހެއް ހަމަ ނެތީބާއޭ ހިތަށް އަރައެވެ. އެމީހުނަށް ނުވާ ކަންކަން އަންހެނެއް ކުރަން ޖެހުނީމާ އެމީހުންގެ ނަމަށްވެސް ހުތުރެއް ނޫންހެވެ. ހަމަ ފިރިހެނުން ފިނޑީއެވެ.
"މަ ގޮސްފާނަމޭ.." ހިމޭން ކަމުގެ އިރުކޮޅަކަށްފަހު ހިމޭންކަން ކަނޑުވާލީ ޑެލްގެ އަޑެވެ. ވަގުތުން އެންމެންގެ ކަޅިތައް ޑެލްއަށް ހުއްޓުނެވެ.
"މަ ގޮސްފާނަމޭ ރިފާޝާގެ ބަދަލުގަ މިފަހަރު. އެއިރުން ރިފާޝާއަށް އެޖާ އެއްކޮށް ޑީލްތައް ހެދޭނެއްނު. އެޖް ބުނިހެން މީނަ މިކަމަށްވެސް ކުޅަދާނައޭ.." ޑެލް އިތުރު ކޮށްލިއެވެ. އަހަރެން ހުރީ ތަޅު އަޅުވާ ދޫ ބަންދުކޮށްގެންނެވެ. ވީ އުފަލުން އަހަރެން ތޭންކްސްއޭ ބުނެލާއިރަށް ވެސް ޑެލް އެ ނިންމުން ބަދަލުކޮށްލަފާނެއެވެ.
"އެންމެ ރަނގަޅު. އެހެންވީމަ އެބަޔަކު އެބަޔެއްގެ ލީޑަރާއެއްކޮށް ދޭ މަޝްވަރާއަށް.." ފާޑަކަށް އަހަރެންނަށް ބަލަން ހުރެފައި އިފްޝޮޓް، ނިންމި ނިންމުން ހާމަކޮށްލިއެވެ. އަހަރެންނަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ.
"އާދޭ ދާން." އެޖް އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތުމުން އަހަރެންވެސް ދިޔައީމެވެ. ފަހަތުން އަހަރެމެން ބަޔަށް ޖެހުނު ބާކީ މީހުންވެސް އަޔެވެ.
.................
އެތައް އިރަކަށް ދިގު ދެމިގެން ދިޔަ އެ މަޝްވަރާއިން އެތައް ކަމެއް އަހަރެންނަށް ސާފު ވެގެން ދިޔައެވެ. ކުރެވެން މި އުޅެނީ ކިހާ ނުރައްކާތެރި ކަމެއްކަމާއި ލިބިދާނެ ގެއްލުންތަކެވެ. މިކަން ކުރާއިރު ކޮންމެ މީހެއްގެވެސް ޒިންމާ ވަރަށް ބޮޑުކަމާއި އެ ޒިންމާ އަދާ ނުކޮށްފިނަމަ ނުކުމެދާނެ ނަތީޖާއެވެ.
އަހަރެމެން ގްރޫޕަށް ލައިފައި ތިބީ، ސައިކަލު ދުއްވުމުގައި އެންމެ ފާހަގަކޮށްލެވޭ ތިން މީހުނާއި ލޯންޗް ގެންގުޅޭ ތިން މީހުނެވެ. އެމީހުންނަށް އެމީހުންގެ މަސައްކަތް ވަރަށް ސާފުކޮށް ކިޔައިދިނެވެ. ތިބެން ޖެހޭނެ ތަންތަނާއި، އަޅަން ޖެހޭނެ ސަލާމަތީ ފިޔަވަޅުތަކެވެ.
ފަތިސް ނަމާދަށްވެސް ގޮވި ފަހުން އެމީހުން ނުކުމެގެން ދިޔުމުން، އަހަރެން އެޖާއި އެކު އެކަނި ވީއެވެ. އަދިވެސް އަހަރެން ކުރަން ޖެހޭ ކަންތައް ނުކިޔައިދެއެވެ.
"ނުބުނާތި މަށަށް ޖެހޭނީ އެހެން އެންމެންނަށްވުރެ ބޮޑު ކަމެކޭ.." އާންމުކޮށް ވާ ގޮތް ހިތަށް އަރުވާލާފައި ބުނީމެވެ.
"އުނހުނ... އަހަރެމެން ދާނީ ކުޑަކުޑަ ޑޭޓަކަށް..." އެޖު ހިނިތުންވެލަމުން ދާން ހިނގައިގަތެވެ. ކޮންމެވެސް އިރަކުން ޕްލޭންވެސް ކިޔައިދޭނެ ކަމަށް ބަލާ، އިތުރުގޮތެއްވެސް ނެތުމާއި އެކު އަހަރެންވެސް ނުކުމެގެން ދިޔައީއެވެ.
ގެއަށް ވަން އިރު ހިމްޔާން އަދި ނާދެއެވެ. ސޯފާގައި އޮށޯވެލާ ފޯނު ހުޅުވާލީމެވެ. ކުޑަކޮށް ޚަބަރުތައް ބަލައިލާ، ކަންކަން އޮޅުން ފިލުވާލުމުގެ ނިޔަތުގައެވެ. އަހަރެމެންގެ ރަށު ޚަބަރެއް ފުރަތަމަވެސް ފެނުމުން ޝައުގުވެރިކަން ދަމައިގަތެވެ. ސުރުޚީގައިވެސް އޮތީ ކުއްޖަކު އަމިއްލައަށް ދަންޖެހި މަރުވި ވާކައެވެ. ހުޅުވާލާ ކިޔަން ފެށީމެވެ.
"ތާނިމް!" ދެތުންފަތް ދޭތެރެއިން އަޑު ނުކުމެގެން އައި އިރު މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ. އިޚުތިޔާރެއް ނެތި ދެލޯ ފުރާ ފައިބަން ފެށީ ކަރުނައެވެ. ހިތާމައިގެ ކަރުނައެވެ. ފޯނު ބާއްވާފައި ބޮލުގައި ދެއަތް އަޅާލީމެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ތާނިމް އެފަދަ ކަމެއް ކޮށްފާނެ ހެއްޔެވެ؟
ލޯބީގެ ވާހަކަތައް އިވި އަނެކާ ދެކެ ވާ ލޯބީގެ ސަބަބުން މީހުން އަމިއްލައަށް މަރުވާކަން ދަންނަމެވެ. ނަމަވެސް ތާނިމް އެއީ އެވަރުގެ މޮޔައެއް ހެއްޔެވެ؟ ފަހަރުގައި ތާނިމް މަރުވީ އޭނަގެ ގޭންގު މީހުން ރުޅިއައުމުން ކަމަށްވެސް ވެދާނެއެވެ. ކޮންމެ ގޮތެއް ނަމަވެސް އެ ޒިންމާ އެޅޭނީ އަހަރެންގެ ބޮލުގައެވެ. ދިރި ހުރި ފުރާނައެއް ވަކިވެގެން އެ ދިޔައީ އަހަރެންގެ ސަބަބުންނެވެ.
(ނުުނިމޭ)

ޚިޔާލު ފޮނުއްވާ