Views: 3356 68

ތާނިމް އެދުނު ފަދައިން ހަވީރު ހަތަރެއް ޖެހިއިރު އަހަރެން ހުރީ ގެއާ ދިމާ އަތިރިމަތީއެވެ. ތާނިމް އައުމުން، ދެމީހުން އެކުގައި ހިނގާލަން ދިޔައީމެވެ. އެކި އެކި ވާހަކަ ދައްކަމުންނެވެ. އަހަރެން އުންމީދު ކުރި ފަދައިން ތާނިމް ވީ ދުރު ވިސްނޭ މީހަކަށެވެ. އެންމެ ފޯރީގައި ދެއްކުނީ ސްކޫލަށް ދާހިތްނުވާ ވާހަކައެވެ.
"ސްކޫލަށް ގޮތެއް ހަދަންވީނު.." އަހަރެން ލާނެތް ގޮތަކަށް ބުނެލީމެވެ.
"މަޖާ ވާނެ. ކީތް ކުރާނީ؟" ތާނިމްވެސް ބައިވެރިވެލިއެވެ.
"ސްކޫލް ވައިފައި ހެކް ކުރާނީ؟" ތާނިމް ޚިޔާލެއް ދިނެވެ. ދެން އަހަރެން، ތީ މާކުރިންވެސް ކޮށްފައި އޮތް ކަމެކޭ ބުނަން ވީ ހެއްޔެވެ. އޭރުން އަހަރެންނަކީ ޙަޤީގަތުގައި ކާކުކަން ތާނިމަށް އެނގިދާނެއެވެ. އެހެން ވެއްޖެ ނަމަ ތާނިމް އަހަންނާއި ގުޅުމެއް ބާއްވަން ބޭނުން ނުވާނެކަން ޔަގީނެވެ.
"އުނހު.. ތީ މާ ކުޑަކަމެއް.. ހައެއް ހަތެއްގަ އުޅޭ ކުދިންވެސް ތިކަން ކޮށްލާނެ.." އަހަރެންގެ ޚިޔާލު ފާޅުކޮށްލީމެވެ.
"މިރޭ މަށާއި އެއްކޮށް އާދޭ. އޭރުން މަޖާ ކަމެއް ކޮށްލެވިދާނެ.." އަހަރެން ހިނިތުންވެލީމެވެ. އިރުކޮޅަކު ބަލަން ހުރެފައި ތާނިމް އޯކޭޔޭ ބުނެލިއެވެ.
...............
ގޭގައި އޮވެވެސް އަހަރެންނަށް ވިސްނެމުން ދިޔައީ އެރޭ ވާނެ ގޮތަކާއި މެދުއެވެ. ސްކޫލަށް ހަދަން އުޅޭ ގޮތަކާ މެދެއްނޫނެވެ. ތާނިމް ކުރާނެ ކަންތަކެވެ. ހިނގާނެ ކަންތަކެވެ.
ރިސޯޓަށް ދާން މުއީން ފުރުމުން، އަހަރެން ގޭތެރެ ކުޑަކޮށް ހާވާލީމެވެ. މަންމަގެ ޑައިރީއެއް ނަމަވެސް ފެނޭތޯއެވެ. އަލަމާރި ހާވަނިކޮށް ފޮޓޯ އަލްބަމްތަކެއްވެސް ފެނުނެވެ. އުފާވެރި އާއިލާއެއްގެ ފޮޓޯތަކެވެ. އެހެނަސް އަދު ދުނިޔޭގައި އަހަރެން ނޫން މީހަކު ނެތެވެ. އެފޮޓޯތައް ބަލަން އިނދެފައި ތެދުވީމެވެ. ގޮސް ވަލުފަރާތުގައި ބޮޑު އަލިފާންގަނޑެއް ޖަހާ އެއެއްޗެހި އަންދާލީއެވެ. އެފޮޓޯތައް ފެނުމުން އެ ހަނދާންތައް އާލާވުން ނޫން ކަމެއް ނުވާނެތީއެވެ. ހިތަށް އިތުރު ވޭން ނޫން އެއްޗެއް ނުލިބޭނެތީއެވެ.
ދެން މަންމަ އަލަމާރިން ފެނުނު، އަހަރެންގެ އުފަންދުވަހުގެ ސެޓްފިކެޓާ، ގްރޭޑް ދިހައެއްގެ ލީވިން ފަދަ މުހިންމު ތަކެތި އަހަރެންގެ ކޮޓަރިއަށް ގެންގޮސް ރައްކާކުރީމެވެ.
..........................
ވަރަށް ރުޅި އަންނާނެކަން އެނގުނު ނަމަވެސް، ގޭންގާއި އެކު އޮތް މީޓިންއަށް ނުދެވޭނެ ކަމަށް ބުނީ ތާނިމާ އެކު ދާށެވެ. އެކަން އެނގިއްޖެ ނަމަ އަދި އިތުރަށް ރުޅި އަންނާނެކަންވެސް އެނގެއެވެ. އަދި އަހަރެން ތާނިމާ ބައްދަލު ކޮށްފިނަމަ އެ މައުލޫމާތުވެސް، ލަސްތަކެއް ނުވެ އިފްޝޮޓާއި ހަމައަށް ދާނެކަންވެސް އެނގެއެވެ. ކުޑަކުޑަ ރަށެއް ކަމުން، ގޭންގުގެ މީހުން ނޫޅޭ ތަނެއްވެސް ނޯންނާނެއެވެ.
ރީތިވެލާފައި، އެޅުވި ދަބަހަށް އަހަރެންލީ ތޫނު ކަތިވަޅިއެކެވެ. އޭގައި އެއްފަހަރުން މީހަކު މަރާލެވޭހާ ތޫނުކަން ހުންނާނެއެވެ.
...............
"ކީތްކުރަން ތި އުޅެނީ؟" އަހަރެން ކަރަންޓުނަރުތައް ގުޅާފައި ހުންނަ ބޮޑު ފޮށިގަނޑާ ކައިރިވުމުން، ބަލަން ހުރި ތާނިމް ސުވާލުކޮށްލިއެވެ.
"މަޖާ ކަމެއް ކުރާކަށްނު" އަހަރެން ތާނިމަށް ހިނިތުންވުމެއް ދިނީމެވެ. މަޖާކަންތައް ވާނީ އަދި ފަހުންނެވެ. މިއީ ކުޑަކަމެކެވެ.
އަހަރެން ދަބަހުން ނެގި ކަތިވަޅި ފެނި ތާނިމަށް އަހަރެން ކުރަން އުޅުނު ކަންތައް ރެޔަކާލިއެވެ.
"ވޯހ، ރިފް.. ތީ ގޭންގްސްޓަރ އެއްތަ؟" ތާނިމް އަހަރެން އަތުން ކަތިވަޅި އަތުލައި ތައްޔާރު ވެލިއެވެ. އަދި ލެވުނު ހާ ބާރެއް ލާފައި ޖެއްސެވެ. ވަގުތުން ކަނޑައިގެން ދިޔައީ އިންޖިނުގެއިން ސްކޫލަށް ގުޅާފައިވި ކަރަންޓު ނަރެވެ. ސިކުންތެއްވެސް ލަސްވުމެއް ނެތި، މުޅި ސްކޫލުގައި ދިއްލާފައި ހުރިއްޔާ ހުރިއެއްޗެއްގެ އަލިކަން ކެނޑުނެވެ.
"ރަން.." އަހަރެން ތާނިމްގެ އަތުގައި ހިފާ ދުއްވައިގަތީމެވެ. ޖެހުނު މަގުން ވަލު ފަރާތަށެވެ. ދެވުނު މަގުން ދުވަމުން ގޮސް ހުއްޓުނު އިރު އަހަރެމެން ދެމީހުންވެސް ތިބީ ވާނެވަރަކަށް ވަރުބަލިވެފައެވެ.
"ރިފް މިކަހަލަ ކަންކަންވެސް ކުރަންތަ؟" ދޮންވެލި ގަނޑުގައި އިށީންނަމުން ތާނިމް ސުވާލުކޮށްލިއެވެ. އަހަރެންވެސް ކައިރީގައި އިށީނީމެވެ.
"އާނ.. މީ އެއްނު މަޖަލަކީ" އަހަރެން ރީތި ހިނިތުންވުމެއް ދިނީމެވެ. ފޯނު ނެގީ ގަޑިބަލައިލަން ކަމަށެވެ. ނަމަވެސް، އަހަރެން އަނބުރާ ޖީބަށްލީ، ކުޑަކަމެއް ކޮށްލާފައެވެ.
"ސޯ.. ގޭންގް މީހުން ވައިފައިތަ ހެކް ކުރަނީ؟" އަހަރެން އަހާލީމެވެ.
"ހިމްޔާން ދޯ ބުނީ މަ މީ ގޭންގް މީހެކޭ.." ތާނިމް މަޑުމަޑުން ހީލިއެވެ.
"ނޫނޭ.. ވަރަށް ގޯސް ކަންކަން ކުރާނީ.. ރިފްމެންނަށް ޚިޔާލަށްވެސް ނުގެނެވޭނެ.." ތާނިމް ދިނީ ނުސީދާ ޖަވާބެކެވެ.
"މިސާލަކަށް؟" އަހަރެން ޝައުގުވެރި ކަމާއި އެކު އެހީމެވެ. ގޭންގުތަކުން ކުރާކަންކަން ނޭނގިގެނެއް ނޫނެވެ. ތާނިމްގެ ދުލުން ބުނުވާށެވެ. އެއަޑުން ބުނާ އަޑު އަހާށެވެ.
"މިސާލަކަށް ބަލާ މަގޭ މޫނު. މީ އަދި ކުޑަކަމެއް.." އަހަރެންނަށް ޖެހުނީ ހައިރާންވާ ކަމަށް ހެދޭށެވެ. އެއް ކަމެއް ޔަގީންވީއެވެ. ހަމަ ގައިމުވެސް ތާނިމަށް އެރޭ އުޅުނީ އަހަރެން ކަމެއް ނޭނގެއެވެ. އެނގޭ ނަމަ މޫނުމަތިން ތަފާތު ކުލައެއް ފެނުނީހެވެ.
"އަސްލުތަ؟ ކިހިނެތް އަސްލުތީ ވެފަ؟"
"މީ ހިމްޔާންމެން ގޭންގު ކުއްޖެއް ކުރި ކަމެއް. އަންހެން ކުއްޖެއް. ވަރަށް މޮޅު.. އަސްލު ގޭންގް ތަކުގަ އަންހެން ކުދިންނެއް ނުވެސް އުޅޭނެ. މަ އެއީ ކާކު ކަން ހޯދަން ވަރަށް ބޭނުން. އެކަމް ދެން ގޭންގް ގަ ބޭނުން ކަމެއް ނުއެއްކުރެވޭނެ ހިތަށް އަރާހާ އިރަކަށެއް." ތާނިމްގެ އަޑުގައިވީ ރުޅިވެރިކަމެވެ. އެ އަންހެން ކުއްޖާއަކީ ކާކުކަން އެނގޭ ދުވަހަކުން ތާނިމަށް ވާނީ ކިހިނެއް ބާއެވެ.
"ހިމްޔާންއަކީ އަސްލުވެސް އެހާ ގޯސް ކުއްޖެއްތަ؟" އަހަރެން އަނެއްކާވެސް ސުވާލެއް ކުރީމެވެ. ކިހާ ވަފާތެރި މީހެއްކަން އެނގިދާނެތާއެވެ.
"ޔާހް.. ވައްކަން ކުރުމާ މާރާމާރީގަ އެވަރުގެ ބައެއް ނޫޅޭނެ" ތާނިމް ފިކުރެއް ނެތި ވާހަކަ ދައްކަމުން ދިޔައެވެ.
"ކީއްވެ ހިމްޔާން އެހާ ރުޅިއަންނަނީ ތާނިމް ދެކެ" ދެންވެސް އަހަރެން ސުވާލެއް ކޮށްލީމެވެ.
"އެއީ ޒަމާންވީ ރުޅިވެރިކަން ހަމަ. އަހަރެމެން ދެގޭންގު ދެމެދު އަބަދުވެސް ވަރަށް މައްސަލަ އޮންނާނެ. އެމީހުންގެ ގޯސްކަމުން އަސްލު. ކުރީ ދުވަހުވެސް އުޒެއިރާ އިފްރީނާ ހެދީ ޑީލެއް. އެކަމަކު އެމީހުން ކެހިދީފަ، އަހަރެމެންގެ އަތުން އެއްޗެހި ތަކެއް ޖަހައިގަނެގެން ދިޔައީ.." ތާނިމް އަހަރެމެން ގޭންގު ކުށްވެރިކޮށް ވާހަކަދެއްކިއެވެ.
"އިފްރީންއަކީ ކާކު؟" ފުރަތަމަ ފަހަރަށް ނޭނގޭ ސުވާލެއް ކޮށްލީމެވެ. ކުރިން އިފްރީނެއްގެ ވާހަކަ އަޑެއް ނާހަމެވެ.
"މިރަށު މީހެއްނު އެއީ.. ވަރަށް ފުއްޕާފަ އުޅޭނެ. އެމީހުން ގޭންގު މިރަށުގަ އޮންނަ ގޮފި ލީޑަރު އެއީ.." ތާނިމް ކޮންމެވެސް ވަރަކަށް އިފްރީން ހުންނަ ގޮތްވެސް ކިޔާލަ ދިނެވެ.
"ތާނިމް އަޑު ހާދަ ރީއްޗޭ.." މައުލޫއިން ބޭރަށް ޖެހިލީމެވެ. ތާނިމް މަޑުމަޑުން ހީލިއެވެ. "ލަވައެއް ކިޔައިދެން ވީތަ؟"
"ނޫން.. ލަދު.. ވާހަކެއް ކިޔައިދީ.." އަހަރެން ދެކޮޅު ހަދަމުން ލަދުރަކި ހިނިތުންވުމެއް ދިނީމެވެ. ތާނިމް ބަލަން އިން ގޮތުން އުނދަގޫވެސް ވެއެވެ.
"ކޮން ވާހަކައެއްތަ؟" މަސްތީ އަޑަކުން ތާނިމް ބުނަމުން ދިޔައެވެ. އެ ހިތުގައި އޮތީ ރަނގަޅު އެދުމެއް ނޫންކަން އަހަރެންނަށް ވަރަށް ރަނގަޅަށްވެސް ދޭހަވެއެވެ.
"ކިޔައިދީބަ ކޮންމެސް ގޭންގު ވާހަކައެއް. މަ ވެސް ހާދަ ބޭނުމޭ ގޭންގު ލައިފެއް.." އަނެއްކާވެސް އަހަރެން އެ މައުލޫއަށް ވަދެވޭތޯ އުޅުނީމެވެ.
"ރިފް ބޭނުން ގޮތެއް.." ތާނިމް ބުނެލިއެވެ. ލޯތްބަކީ ސިހުރެކޭ މީހުން ބުނެއުޅެއެއް ނޫންހެވެ. ތާނިމްގެ އަޑަށް އަހަރެން ޖެހުނީ އަހަރެންގެ މޫނު ވިއްކާލާށެވެ. އެދެއްކި ވާހަކަ އަޑު އެހުމަށް، ބާވިޔަސް ހެޔޮކަމަށް ބެލިޔަދޭށެވެ. އެކަހަލަ ނަޟަރުން ބޮލަށް އުނދަގޫވާވަރު އެނގޭނީ ހަމަ އަހަރެންގެ ބޮލަށެވެ.
ތާނިމް ނުސީދާކޮށް އެކި އެކި ވާހަކަ ކިޔައިދިނެވެ. ނަމަވެސް އެކައްޗެއްގެވެސް ޑީޓެއިލަކަށް ނުދިޔައެވެ. އެހެންކަމުން އަހަރެންނަށް ނޭނގޭ އިތުރު އެއްޗެއް އެނގޭގޮތެއް ނުވިއެވެ.
"ދެން ތާނިމް، ގޭންގުގެ ކޮންކަމެއް މިރަށުގަ ކުރަނީ؟" އިރުތަކަކަށް ފަހު އަހަރެން ސުވާލެއް ކޮށްލީމެވެ.
"އެވާހަކަ ދޯ.. އަސްލު އެއީ ވަރަށް ބޮޑު ސިއްރެކޭ.. އެކަމް ފަހުން ރިފް ކައިރި ބުނެވިދާނެ. މާ ބޮޑަށް ވިއްޔަ ރީތީ.." ތާނިމް އާފުރިލިއެވެ. އަހަރެންވެސް ކޮންމެވެސް ވަރަކަށް ނިދި އައިސްފިކަން އިހުސާސް ކުރެވުނެވެ.
"ދެން ހިނގާ ދާން.." އިސްނަގާ ބުނީ ތާނިމްއެވެ. "މާދަމާ ސްކޫލުން މީޓްވާނެއްނު؟"
"ނޫން.. މިހާ ލަހުން ނިދާފަ ކިހިނެއް ތެދުވާނީ؟ މަށަށް އެލާމް ކޮށްގެންވެސް ދެން ދިހައެއްގެ ކުރިން ނުހޭލެވޭނެ. ތާނިމް ގޮވަން އަންނަން ޖެހޭނީ." އަހަރެން އުޒުރު ދައްކާލީމެވެ.
"މާދަމާ ސްކޫލް ފަހު ދުވަހެއްނު. ހަމަ އަސްލުވެސް ދާންވީތަ ގޮވަން؟ ގޮސްފާނަމޭ.." ތާނިމް އަންނަމުން ދިޔައީ އަހަރެންނާއި ދިމާ ގާތަށެވެ.
"މަގޭ މޮޔަ ތާނިމްގަނޑު.. ކީތްކޮށްފަތަ އަހަރުމެން އައީ؟ މާދަމާ ސްކޫލް ނޯންނާނެޔޭ" މާކައިރިއަށް އައުމުން އަހަރެން ތާނިމް ކޮއްޕާލީމެވެ. މަޖަލަކަށް ހަދާފައެވެ. އެހެން އިރުކޮޅަކު މަޖާ ކުރަން ތިބެފައި އަހަރެމެން ދެމީހުންވެސް ދިޔައީ ގެއަށެވެ.
ވަން ކަމެއް ނޭނގި ނުކުތީމެވެ. ތާނިމް ގެއަށް ދިޔަކަން ޔަގީންކޮށްފައި އަހަރެން އަވަސްވެގަތީ، އިފްޝޮޓްމެން އުޅޭ ގެއަށް ދާށެވެ.
"ކޮން ގަނޑެއް ގަނެފަ ތި އައީ؟" ވަދެވުމާއި އެކު ހިމްޔާން ހަރުކަށިކަމާއި އެކު ބުންޏެވެ. ކޮޓަރީގައި ތިބީވެސް ހަމަ އެކަނި އިފްޝޮޓާއި ހިމްޔާނެވެ. ދެމީހުންގެ މޫނުމަތިންވެސް ހިސާބަކަށް ނުރުހުމުގެ އަސަރު ފެންނަން ހުއްޓެވެ.
"އިފްޝޮޓް އަސްލު ނަމަކީ އިފްރީންތަ؟" އަހަރެން ހިމްޔާންގެ ސުވާލަށް ބެލުމެއް ނެތި ކޮށްލީ އިތުރު ސުވާލެކެވެ. އަދި ހަމަ އެއާއެކު، ދެމީހުންގެ މޫނުވެސް މުޅިން ބަދަލުވެގެން ދިޔައެވެ. ލިބުނު ހައިރާންކަމުން ކަންނޭނގެއެވެ.
"މަ އަދި ތާކުން ފިރިހެނަކު ފެންނަ އިރަށް ޑޭޓެއް ނުކުރާނަމޭ. މަ މީ އެހާ ވަރުގެ މޮޔައެއް ނޫނޭ" ޖީބުގައި އޮތް ފޯނު ނަގާ، އަހަރެން ހުޅުވާލީމެވެ. ކުރި ރިކޯރޑިން އަޅުވާލުމަށް ފަހު، އިފްޝޮޓް އަތަށް ދިނީމެވެ. އެއީ ތާނިމްއާ އެކު ދެއްކިހާ ވާހަކައެކެވެ. އެއްވެސް ފޮރުވުމެއް ނެތިއެވެ.
...................
"ހަމަ މި ބޭނުމުގަތަ އެ ސޮރު ތި ގެންގުޅުނީ؟" ޤަބޫލު ނުކުރެވޭފަދަ ގޮތަކަށް އިފްޝޮޓް އެއްސެވެ. އަހަރެން އާނއެކޭ ބުނެލީމެވެ. ދެން އިތުރަށް އަހަރެންގެ އޮންނާނީ ކޮން ބޭނުމެއް ހެއްޔެވެ؟ މިމީހުނާ އެއްކޮށް އުޅެއުޅެ އަމިއްލަ ގޭންގުދެކެ ލޯބިވެވިއްޖެއެވެ. ދެން އިދިކޮޅު ގޭންގު މީހަކާ ފާޑުފާޑު ގުޅުން ހިންގަން އުޅެވޭ ހެއްޔެވެ؟
"ރިފް.. ތީ ހަމަ ޖަވާހިރެއް.." އެ ރިކޯރޑިން ދެވަނަ ފަހަރަށްވެސް ޖައްސަމުން އިފްޝޮޓް ބުނެލިއެވެ. އަހަރެން ކުޑަ ހިތްވަރެއް ލިޔަސް، އެމީހުން ގޭންގުގެ ހުރިހާ ސިއްރެއް ކޮޅާލެވޭނެކަން އިފްޝޮޓްވެސް ޔަގީންކުރިއެވެ. މީ ހަމަ ރަނުގެ ފުރުސަތެއް ކަމުގައި ބެލީމެވެ.
ގެއަށް ދިއުމާ ޖެހެންދެންވެސް ހިމްޔާން ހުރީ ފާޑަކަށެވެ. ދުވާލަކު ދެފަހަރު މޫޑު ކަޓާ މީހެކެވެ. އަހަރެން ތާނިމާ އެއްކޮށް އުޅޭތީ މީނަ ނައްޓަނީއެވެ. ނޫނީ ސްކޫލް ކަރަންޓު ކަނޑާލި އިރު ނުލެއްވީމަ ކަޑަވަނީއެވެ. އަހަރެން ތާނިމްގެ އިތުބާރާއި ޝައުގުވެރިކަން ހޯދަން ކުރި ކަމެއްގައި ތާކު އުޅޭ ހިމްޔާނެއް ލެއްވޭހެއްޔެވެ؟
...............
ޓެސްޓުތައް ފެށި އެކަމާ އުޅެން ޖެހުނެވެ. އަހަރެންނަށް މާ މުހިންމުއްވެސް ނޫނެވެ. ކިޔެވިޔަސް ފާސް ނުވާނެކަން އެނގޭތީއެވެ. އަނެއްކޮޅުން ކިޔަވަންވެސް ނޫޅެވެނީއެވެ. ޓެސްޓަށް ދެގަޑިއިރަށް ވީމާ ފޮތް ކިޔާލަމެވެ. ނަމަކަށެވެ.
އަހަރެންނާއި ތާނިމްގެ ގުޅުން ދިޔައީ ކުރިއަށެވެ. ތާނިމް ހިތުން، އަހަރެންނަކި ތެދަށް ހުރި އަލިފެކެވެ. ގޭންގު ކަމެއް ނެތް ރޭރޭ، އެތައް ދަމެއް ވަންދެން ތުނޑީ ކޮޅުގައި މާފޮޅުވަން ތިބެމެވެ. ޓެސްޓު ނުނަގާ ދުވަސްދުވަހު ދުވާލު ގަޑީގައި ކުރާ ފޯނު ކޯލުތައްވެސް އެތައް އިރަކަށް ދިގު ދެމިގެން ދެއެވެ. ތާނިމަށް އުފާވެރި ވަގުތު ތަކެކެވެ. ނަމަވެސް އަހަރެންނަށް ބޭކާރުވާ ގަޑިއިރުތަކެކެވެ. މީހުންގެ އިހުސާސްތަކާ ކުޅޭކަށް ނުވާނެއޭ ބުނެ އުޅޭ އަޑު އަހަމެވެ. ނަމަވެސް ކުރެވެން އޮތް ހިނދު ޖާސޫސްކުރަން ޖެހޭނެތާއެވެ. ތާނިމްގެ ކޮންމެ ބަހެއްވެސް އަހަރެމެން ގޭންގަށް ނުހަނު މުހިންމެވެ.
ބޮޑު ރޭވުމެއް ނެތުމުން، އަހަރެމެން ގޭންގުވެސް ކުދި ކުދި ކަންކަން ކޮށްލާ އުޅުނީމެވެ. މައިގަނޑު ކަމަކަށް ރަށަށް މަސްތުވާތަކެތި ވައްދާ އަހަރެމެން ބޮލަށް ޖަހަން އުޅުން ގްރޫޕާ ފޮށުމެވެ. އެކި ވަރުވަރުގެ ޖެއްސުން ކުރުމެވެ. ބަދަލުހިފުމުގެ ގޮތުންނާއި މަޖަލަށެވެ.
އޭލެވެލް އިމްތިހާނުތައް ނިމުނީވެސް އެ ޙާލެއްގައެވެ. ފަހު ޓެސްޓު ނިންމާލާފައި ގެއަށް ވަން އިރު މުއީން، ގޭ ދޮރަށް ލެނގިލައިގެން، ސިނގިރެޓެއް ޖަހާލައިގެން ހުއްޓެވެ.
"މަ މިއުޅެނީ ހިމްޔާން އެއްކޮށް މާލެ ބަދަލު ވާން.." އަރާ ހަމަވުމުން އަހަރެން ބުނެލީމެވެ.
"މަށަށް ހެޔޮ ރިފާޝާ ހިމްޔާނާ އިނަސް." މުއީން ބުނެލިއެވެ.
"އެކަމަކު.." އަހަރެން ވަންނަން ހިނގައި ގަތްތަނާ މުއީން ފެށި ޖުމުލައިން އަހަރެން ހުއްޓި އެނބުރިލީމެވެ.
"ނުވާނެ ރަފީންމެން ކައިރިއަށް ގޮސްގެން.. އެމީހުން މަށަށް ގުޅިޔޭ ރިފާޝާ ހޯދަން.." ޝައުގުވެރި ކަމާއި އެކު އަހަރެން އަޑުއަހަން ހުރީމެވެ.
"މަ ބުނިން ރިފާޝާ ވީ ކިޔަވަން ބޭރަށް ގޮހޭ. އެއީ ރިފާޝާއަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް ބަލާފަ." މުއީން ވާހަކަ ނިންމާލާފައި، ބޭރަށް ދާން ހިނގައިގަތެވެ. އިރުކޮޅަކު ބަލަން ހުރެފައި އަހަރެންވެސް ގޮސް ކޮޓަރިއަށް ވަނީމެވެ.
މުއީން ދޮގު ހެދީ ކީތްވެ ހެއްޔެވެ؟ މުޅިއަކުން އޭގައިވެސް ގޯހެއް ނެތެވެ. މުއީން އެހެން ނުބުނި ނަމަ އެމީހުން އަހަރެން ހޯދަން އައީހެވެ. އެކަން އެހެން ވީ ނަމަ، އަހަރެންނަކަށް މި ދިރިއުޅުމެއް ނުލިބޭނެއެވެ. އަހަރެންވެސް ބޭނުންވަނީ ގޭންގައިގެން ކުރިއަށް ދާށެވެ. އަހަރެންގެ ދިރިއުޅުމަކީ މިހާރު މިއީއެވެ.
އެރޭ އަހަރެން ތުނޑިޔަށް ދިޔައީ އެހެން ރޭރެޔެކޭވެސް އެއްގޮތަށް ތާނިމްގެ އެދުމުގެ މަތިންނެވެ. އަހަރެން ދިޔަ އިރު ތާނިމް، ރަތް ކުލައިގެ ފިނިފެން މަލެއް ހިފައިގެން، އިންތިޒާރުގައި ހުއްޓެވެ. އެމަލުގެ އަގު ފައިސާއިން ގުނާނަމަ ވަރަށް ބޮޑުވާނެކަން އެނގެއެވެ. އެހެނަސް ތާނިމް ދޭ އެއްޗަކަށް އަހަރެންގެ ހިތުގައި އެއްވެސް އަގެއް ނެތެވެ. ކެހިވެރި ލޯތްބޭ ކިޔަނީ މިޔަށް ކަންނޭނގެއެވެ.
"މިރޭ ހާދަ މޫޑީ ވެފަ ހުރިހެން ހީވޭ.." ރާޅު ޖަހާ ފަށުގައި ހިނގާލަމުން އަހަރެން ބުނެލީމެވެ. ކުޑަކޮށް ނެގިމަޑުވެފައި ހުރިހެން ހީވާތީއެވެ.
"ރިފް.. މަ މާދެން ނޫން އަނެއްދުވަހުން ފުރަން ޖެހޭ. ހާދަ މިސް ވާނޭ.." އެ ހިތާމަވެރި އަޑުންނާއި މޮޅިވެރި ކަމުންވެސް، ތާނިމްވާ ތެދުވެރި ލޯބި ސާފުވެއެވެ. އެހެނަސް އެއީވެސް މާ ރަނގަޅު މީހެއް ނޫނެވެ. އިދިކޮޅު ގޭންގެއްގެ މީހެއް ރަނގަޅު ކަމަށް އަހަރެން ޤަބޫލެއް ނުކުރާނެއެވެ. ގޭންގް ކުލުނާއެކު، ހިމްޔާން މެންނާ އެކު އުޅެއުޅެ މުޅި ވިސްނުންވެސް ބިނާ ވެފައި ހުރީ އެގޮތަށެވެ.
"ކޮންމެ ރެއަކު ގުޅާނަމެއްނު.." އަހަރެން މަޑުމަޑުން ބުނެލި އިރު އަހަރެންގެ ޚިޔާލާ ފިކުރު އެހެން ދުނިޔެއަކަށް ދަތުރު ކޮށްފިއެވެ. އަހަރެންނަށް ވަގުތު ލިބޭނެ ބާއެވެ. ގުޅާކަށް ނޫނެވެ. އަހަރެންގެ މަސައްކަތަށެވެ.
"އާނ ގުޅާނަން. އެކަމު މިރޭ މީ މިހެން ބައްދަލު ކޮށްލެވޭނެ ފަހު ރޭ. މާދަމާ ގޭންގު ބަޔަކު އަންނާނެ. އެހެން ވީމަ މީޓެއް ނުކުރެވޭނެ.." ތާނިމްގެ ޖަވާބުން އަހަރެންނަށް ބަލައިލެވުނީ ގަޑިއަށެވެ. އެކެއް ޖަހަނީއެވެ. ދެން އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟
"ތާނިމް ބުނީމެއްނު މިރަށުގަ ތާނިމް ކުރާ ކަމެއް ބުނާ ނަމޭ.." އަހަރެން ހަނދާން ކޮށްދިނީމެވެ.
"ބުނިން ދޯ.. އެކަމު ދެން މިރޭ ދައްކާނީ އެ ވާހަކަތަ؟" އެ މޫނުމަތީ ފާޅުވާން ހުރީ ޝަކުވަލެވެ. އަހަރެން އަނެއްކާވެސް ވިސްނާލީމެވެ. އާ ރޭވުމެއް ރާވާލީމެވެ.
"އެހެންވިއްޔާ އާދެބަ.." އަހަރެން ހިނިތުންވެލަމުން، ތާނިމް އަތުގައި ހިފާ ދަމާލީމެވެ. ހިނގައިގަތީ ބޯކޮށް ހެދިފައި އޮތް ވަލާއި ދިމާއަށެވެ. ތާނިމްވެސް ރުހިގެން ފަހަތުން އައެވެ.
އަހަރެން މަޑުކޮށްލީ ބޮޑު ކާނިގަހެއް ދޮށުގައެވެ. ކަރަންޓު ކަނޑާލި ކަތިވަޅި ފޮރުވީ އެގަސްތެރޭގައެވެ. ތާނިމަށް ނުފެންނާނެހެން ނަގާ އަތަށް ހެޔޮވަރު ކޮށްލީމެވެ. ދެއަތް ފުރަގަހަށް ލައިގެން ހުރި އިރު، ކަމެއް ވާކަންވެސް ތާނިމަށް ރެޔަކާނުލައެވެ.
އަހަރެން މަޑުކޮށްލީ ތާނިމް އައިސް އަމިއްލައަށް މަޅި ކަރަށް މަހާލަންދެންނެވެ. އައިސް ގަޔާއި ޖެހޭ ނުޖެހޭހާ ކައިރިވަންދެންނެވެ. ބިރުންހުރެ، އަތަށް ބާރުލީމެވެ. ހުރިއްޔާ ހުރި ބާރަކާއި އެކު ކަތިވަޅި މަޅާލީމެވެ. ކަސިޔާރު ނުވެ ގޮސް ޖެހުނީ ސީދާ ތާނިމްގެ ބޮލުގައެވެ.
................
ނޫނެކެވެ. އަހަރެން ތާނިމް މަރާލުމަށް ގަސްދެއް ނުކުރަމެވެ. އެކަން ނުކުރީވެސް އެހެންވެއެވެ. ތާނިމްގެ ބޮލުގައި ޖެހީ، ކަތިވަޅީގެ، ދަނގަނޑު މުށްގަނޑުންނެވެ. ލަސްތަކެއް ކުރުމެއްނެތި، ސަލާމަތަށް އަހަރެން ޖީބުގައި ގެންގުޅޭ، ރުމާކޮޅުން ތާނިމްގެ އަނގަމަތި ފޮރުވާލީމެވެ. އަތަށް ލެވުނުހާ ބާރެއް ލައިގެންނެވެ.
ލިބުނު ސިހުމާއި އެކުވެސް ތާނިމް ތެޅެމުން ދިޔައެވެ. ސަލާމަތް ވުމަށެވެ. އަހަރެންނަށް އަނިޔާވެސް ވިއެވެ. ނަމަވެސް، އަށެއްކަ މިނިޓު އަހަރެން ކެތް ކޮށްލި ކެތްކޮށްލުމުން، ތާނިމްގެ ހޭވެރިކަން ކެނޑެމުން ދިޔައެވެ. ބިމަށް ދެމެމުން ދިޔަ އިރުވެސް ސަލާމަތް ވެވޭތޯ ގަދަ ހަދަމުން ދިޔައެވެ.
.................
މީހަކަށް ނުފެންނަ ކަން ޔަގީން ކޮށްފައި އަހަރެން ހިނގައިގަތީ ވަލުތެރެއަށެވެ. ހަނދުވަރު ނެތް އެރޭ، އަހަރެންނާއި އެކު ވީ ހަމައެކަނި ފޯނުގެ ޑިސްޕްލޭއިން ފެންނަ އަލިކޮޅެވެ. އަވަށާއި މާ ދުރު ނޫން ހިސާބެއްގައި، ދަމަމުން ގެނައި ތާނިމް ބާއްވާލީމެވެ. ބޮޑު ގަހަކާއި ލައި، ބަނދެލީ ހިރިނުލެވޭ ވަރަށެވެ.
ތާނިމްފޯނުގެ ފްލެޝްލައިޓު ދިއްލާލައި އަލިކޮށްލުމަށް ފަހު، އަހަރެންގެ ފޯނުން ރިކޯރޑު ކުރަން ޖައްސާ، ތައްޔާރުވެލީމެވެ. ތާނިމް ލޯ ހުޅުވާލިއެވެ. އަދި އިރުކޮޅަކު އެއްޗެއް ހަނދާން ކުރާ ފަދަ ގޮތަކަށް މަޑުން އިނެވެ.
"ރިފް! ތީ.. ތީ ހިމްޔާން ގޭންގު ކުއްޖެއްތަ؟" ތާނިމް އަހާލިއެވެ. ވަރަށް މަޑުންނެވެ.
"ހަމަ އެކަނި ގޭންގު ކުއްޖެއްނޫން.. ސްޓަފް ހިފައިގެން ފިލި ރޭ ތާނިމް މޫނު ކަފާލީވެސް މަ.." ފަޚުރުވެރި ކަމާއި އެކު އެރޭ ކޮށްލެވުނު މޮޅު ކަންތައް އަހަރެންގެ ތައާރަފުގައި ހިމަނާލީމެވެ.
"އާނ ދެން ކިޔައިދީ.. ފުރާނަ ސަލާމަތް ވާން ބޭނުމިއްޔާ ކަލޭގެ ގޭންގާ ބެހޭ ހުރިހާ އެއްޗެއްވެސް.. އަދި އަހަރެމެން ގޭންގާ ބެހޭ ހުރިހާ އެއްޗެއްވެސް.. އެކައްޗެއް ފޮރުވިކަން އެނގުނަސް، ޔައިން މަރާލާނަން. އޭރުން އުޒެއިރު ކައެ މަރާލާނެ.." އަހަރެން ބުނަމުން ދިޔައީމެވެ. ތާނިމް ހައިރާން ކަމާއި އެކު ބަލަން އިނެވެ. އަހަރެންގެ މައުލޫމާތުގެ މުއްސަނދި ކަމުން ކަންނޭނގެއެވެ.
އިރުކޮޅަކު އެހެން އިނދެފައި ފެށްޓެވެ. ގޭންގުގެ ތާރީޚާ ފެތުރިފައިވާ ހިސާބުތައްވެސް ކިޔައިދިނެވެ. އަހަރެންނަށް އެންމެ ޝައުގުވެރި ވެވުނީ ގޭންގުގެ ލީޑަރުން އެނގުމުންނެވެ. ތާނިމް ކިޔައިދިން ގޮތުގައި، ދެ ގޭންގުގެ ލީޑަރުންވެސް އުޅެނީ ބޭރު ޤައުމެއްގައެވެ. ކޮން ޤައުމެއްގައި ކަން ތާނިމަށް ވެސް ނޭނގޭ ކަމަށް ބުންޏެވެ. 'ދެވަނަ ފަންތީގެ' މީހުންގެ ގޮތުގައި އުޅެނީ ހުސްވެސް ބޮޑެތި މަހުޖަނުންނެވެ. ވިޔަފާރި ވެރިންނާއި ޤާނޫނީ ވަކީލުން އަދި ފުލުހުންނެވެ. ސަރުކާރުގެ އިސްވެރިން ނޫޅޭތޯ އެހުމުން، ތާނިމް ދިން ޖަވާބަކީ، 'އޮފަރ' ހުށައަޅާނީ އެމީހުންނޭއެވެ.
"ދެން ކައެ މިތާ ކުރަނީ ކީތް؟" އަހާލީމެވެ. އަހަރެންނަށް މުހިންމު ކަމަށް ފެންނަ ސުވާލަކީވެސް އެއީއެވެ. ތާނިމް އިސް ޖަހާލިއެވެ. ކުރިން ދެފަހަރު އެހުމުންވެސް ތާނިމް ޖަވާބު ދޭން ފަސްޖެހުނީ އެ ސުވާލަށެވެ. މިފަހަރުވެސް ޖަވާބު އައުން ލަސްވެގެން ދިޔައެވެ.
"މަ މީ، ތި ގޭންގަށް ސްޕައި ކުރަން ފޮނުވި މީހުން ތެރެއިން މީހެއް.. ތި ގޭންގު ކުރާ ކަންކަން ކޮޕުންނަށް ބަސްޓުކޮށް މީހުންގެ ޒާތީ މައުލޫމާތު އެއްކުރުން" ތާނިމް ބުނެލި ޖުމުލައިން އަހަރެންގެ ހިތުގައި ތާނިމަށް އޮތް ނަފުރަތު އިތުރު ވިނަމަވެސް އެއަށް ވުރެ ބޮޑަށް އިހުސާސްވީ ކަން ހިނގި ގޮތުގެ މަޖާކަމެވެ. ޖާސޫސް ކުރަން ފޮނުވި މީހާ އެ ޖެހުނީ ޖާސޫސެއްގެ އަތްދަށުއެވެ.
"ދެން އިތުރަށް ޖާސޫސް ކުރަން އުޅެނީ ކޮން ބައެއް؟" އަހަރެން އެންމެ ފަހު ސުވާލެއް ކަމަށް އަހާލީމެވެ.
"އަހަރެން އެކަނި.." ތާނިމް އަވަސް އަވަހަށް ބުނެލިއެވެ. ގަމާރީއެވެ. ފޮނުވި މީހުން ތެރެއިން އެކަކީމޭ ބުނީ ދެންމެއެވެ. އަހަރެން، އަތަށް ވަޅި ހެޔޮވަރު ކޮށްލަމުން ކައިރިވެލީމެވެ.
"ދޫ ބުރި ކޮށްލަން ޖެހިދާނެ މާ މޮޅެތި ދޮގު ހަދަންޏާ." އަހަރެން އެ ތޫނު ވަޅިން ތާނިމްގެ މޫނުގައި ކުރަހާލީމެވެ. މޫނުގެ ހަލާކު ނުވެ އޮތް ފަޅީގައިވެސް، އަނގައިން ކަންފަތު ފޫޅާ ހަމައަށް ރޮނގު ދަމާލީމެވެ. ދެން ކުޑަ މޭކަޕެއް ކޮށްލިޔަސް ވާނީ ހަމަ ޖޯކަރަށެވެ.
އަހަރެން ދޫނުކުރާނެ ކަން އެނގުމުން ތާނިމް ލިސްޓެއް ކިޔެވެ. އޭގައި ވިއްސަކަށް މީހުން ހިމެނުނެވެ. އަލަށް ގޭންގަށް ގުޅުނު ބަޔަކާ، ގޭންގަށް ގިނަ ދުވަސްތަކެއް ޚިދުމަތް ކުރުމަށްފަހު ޚިޔާނާތްތެރިވީ މީހުންވެސް އުޅެއެވެ.
ބޭނުންވާ މައުލޫމާތު ލިބުމުން، އަހަރެން، ރިކޯޑިން ސޭވް ކޮށްލުމަށް ފަހު އިފްޝޮޓަށް ގުޅާލީމެވެ.
"ރިފްޝާނުގެ މަރާ ބެހޭ ގޮތުންވެސް މަށަށް އެނގޭ.." ތާނިމްގެ ޖުމުލަ ނިމުނު ތަނާހެން އިފްޝޮޓް ފޯނު ނަގާ ހަލޯއޭ ބުނެލިއެވެ. އަހަރެން ވަގުތުން ފޯނު ކަނޑާލީ އިފްޝޮޓް ނައްޓާނެ ވަރު އެނގިހުރެއެވެ. ތާނިމް އެ ބުނި އެއްޗެއްގެ ޚުލާސާ އަހަރެން ކޮންމެހެންވެސް ބޭނުންވެއެވެ.
"ކިޔާބަލަ." ހަރުކަށިކަމާއި އެކު އަމުރުކޮށްލީމެވެ.
"ރިފާޝާމެން މިކޮޅަށް ބަދަލުވި ތަނާހެން މިރަށަށް އައި މާޔަން ކިޔާ އަންހެނެއް. އޭނަ އައި ކީތްކުރަން ކަމެއް ނޭނގެ. މާޔަން އަކީ މިރަށު ފިރިހެނެއްގެ ނަހަލާލު ދަރިއެއް. ކާކު ކަމެއް ނޭނގެ. މާޔަންއަކީ އެއިޑްސް ޕޭޝަންޓެއް. މިހާރު ދިރި ހުރި ކަމެއް ނޭނގެ.." ޅެން ބައިތެއްހެން ތާނިމް ކިޔާލިއެވެ. އަހަރެންގެ ހިތާ ސިކުނޑި ސުވާލު ތަކުން ފުރާލިއެވެ. ކޮއްކޮއަށް ލޭ ދިނީ މާޔަންހެއްޔެވެ؟ މިރަށުގައި އޭނަގެ އާއިލާ ވާނެ ނޫންހެވެ؟ މާޔަންގެ ތިމާގެ މީހުންނަކީ ކޮން ބައެއް ބާއެވެ؟
"މަގޭ މަންމަ މަރާލި މީހެއް އެނގޭތަ؟" އަހަރެން ސުވާލު ކޮށްލި ވަގުތު އިފްޝޮޓްގެ ކޯލަށް ފޯނު ރިންގު ވާން ފެށްޓެވެ. ނުނަގައިފި ނަމަ ވަރަށް ފުއްޕާނެއެވެ. ނަމަވެސް ތާނިމްގެ ޖަވާބު ކޮންމެހެންވެސް ބޭނުންވެއެވެ.
"އެރޭ އަހަރެމެން ގޭންގު އެކަކުވެސް މިރަށަކު ނޫޅޭނެ. އެހެންވީމަ ޔަގީން ކޮށްލާ އަހަރެމެން ކަމެއް ނޫންކަމަށް.." ތާނިމް ބުނެލިއެވެ. ލޯ ކުޑަކޮށްލަމުން ތާނިމަށް ބަލައިލާފައި އަހަރެން އިފްޝޮޓްގެ ފޯނު ކޯލަށް ޖަވާބު ދިނީމެވެ.
"ކީތްތަ ވަނީ؟" އަޑުގައި ވީ ނުރުހުމެވެ.
"ހިމްޔާން ފޮނުވަބަ." އަހަރެން ހުރި ތަން ކިޔައިދެމުން އެދުނީމެވެ. އެއްވެސް އެއްޗެކޭ ނުބުނެ ފޯނު ކަނޑާލިއެވެ. ހިމްޔާން އަންނާނެ ކަމެއް ނާންނާނެ ކަމެއްވެސް ނޭންގެއެވެ. ރަނގަޅަކަށް ކަމެއް ކޮށްދޭން އުޅުނަސް މިމީހުން އެއްބާރުލުމެއް ނުދޭނެއެވެ.
ތާނިމް އައްސާފައި އޮތް ތަނުން ސަލާމަތް ކޮށްފައި، ފުރަގަހަށް ދެއަތް ލައި، ވަރުގަދައަށް ބަނދެލީމެވެ. އަދި އަވަށާ ވީކޮޅަށް ހިނގައިގަތީމެވެ. ތާނިމް ކޮއްޕަމުން ކޮއްޕަމުންނެވެ.
..................
"ރިފޭ!" ތާނިމްގެ ބުރަކަށީ އަޅާ އެތެރެއަށް ކޮއްޕާލުމުން، އެތެރޭގައި ތިބި އެންމެން ހައިރާން ކަމާއި އެކު ގޮވާލިއެވެ. އަހަރެންގެ ޕްލޭން އެނގޭނީވެސް ހަމަ އެކަނި އިފްޝޮޓާށާއި ހިމްޔާނަށެވެ. އެކަން ސީރިޔަސްކޮށް ނެގީވެސް ހަމަ އެކަނި އިފްޝޮޓެވެ.
"ވިތަ؟" ހިތް އަވަސް ކަމާއި އެކު އިފްޝޮޓް އަހާލި އިރު، ދެންމެއަކު ހުރި ނުރުހުންތެރިކަން އައި ތާކަށް އަރައިގެން ގޮސްފިއެވެ. އެތަނުގައި ހިމްޔާންވެސް ހުއްޓެވެ. ހަމަ ނުފޮނުވީއެވެ.
"ޝައްކެއްވެސް ނެތެއްނު." އަހަރެން ރިކޯޑިން އިފްޝޮޓް އަތަށް ދިނީމެވެ. އެއިރު ތާނިމް އަހަރެންނަށް ބަލަހައްޓައިގެން ހުއްޓެވެ. އެ ސޮރު އަހަރެންނަށް ހާދަ އިތުބާރެއް ކޮށް ލޯބި ވިއެވެ. ނަމަވެސް އަހަރެންގެ އޮންނަނީ ހިތެއް ނޫން ކަމުން، އެ ލޯބީގައި ކޮޅުފައިން ޖަހަން ކުޑަވެސް އަސަރެއް ނުކުރަނީއެވެ.
..........
"ކައެ ދަންނަން ދޯ މޮޅަށް ޑޭޓު ކުރަން؟" ގެއަށް ދިޔަ މަގުމަތީ ހިމްޔާން އިށާރާތް ކުރީ އަހަރެން، ތާނިމަށް ކޮށްލާފަ ހުރި ވަރަށެވެ. ހިމްޔާން ރީތި ކޮށް އަހަރެންނާ އެވާހަކަ ދެއްކީވެސް މަހެއް ކޮށްލާފައެވެ. އަހަރެން ނަމަކަށް ވިޔަސް ތާނިމާ ރަށްޓެހި ވުމުން، ހިމްޔާން ގާތަށް ފާޑެއްގެ ނުލަފާ ރުޅިއެއް އައިސް ހުރީއެވެ.
މިމީހުން ޤަބޫލުކުރާ ގޮތުންނަމަ ފިރިހެނަކު އަންހެނެއް ދެކެ ބިރު ގަންނާނީ، ވާ ވަރު ކޮށްލީމައެވެ. ނަމަވެސް ޙަޤީގަތަކީ، އަހަރެން އަންހެނަކަށް ވީ ހަމަ އެކަނި ޖިންސުން ކަމެވެ. ޢަމަލާ އަޚްލާޤުން އަހަރެންނެކޭ ހިމްޔާނެކޭ ޖެހޭނީ އެއްތާކުއެވެ. ވާނީ އެއްވަރެކެވެ. އެއްތާކުން ދަސްވެނިވެފައި ތިބި އެއް ޒާތެއްގެ ނުބައި ނުލަފާ ދެމީހުނެވެ.
"މަ ކައެއާ ވައިވެސް ނޭޅިވޭތޯ ބަލާނަން.." ހިމްޔާން އިތުރުކޮށްލި ޖުމުލައިން އަހަރެން ހިނި ގަނޑެއް ޖަހާލީމެވެ.
"ވައި އެޅުނަސް ނޭޅުނަސް ކިޔާ އެއްޗެއް މީހުން ކިޔާނޭ. މަ މުއީން ކައިރީ ކައެ އާ އެއްކޮށް މާލެ ދާން އުޅޭ ވާހަކަ ބުނީމަވެސް ބުނީ ކައެ އާ އިނަސް ހެވޯ.."
"އަދި އެވާހަކަވެސް ދައްކަން ވެއްޖެޔޭ ދޯ. އިފްޝޮޓް ބުނި ކައެ ކައިރީ ބުނެލައްޗޯ ވަރަށް ރަނގަޅު އޮފަރ އެއް ލިބިފަ އެބޭތޭ. މާދަމާ ރޭ މާލެ ދާން ކަމަށް. ގޮއްސަ ބަލައިލާފަތަ ތަން ހިފާނީ؟ އެހެން ނޫނީ މިހާރު ހޯދަން ވީތަ؟" ހިމްޔާން އަހަރެންގެ ޚިޔާލަކަށް އެދުނެވެ.
"މަށަށް ހެޔޮ ކޮންމެ ގޮތެއް ހެދިޔަސް. މަ ދާއިރު މަށަށް ރޫމެއް ހުންނަން ވާނެ.." އަހަރެން ޝައުގުވެރިކަމެއް ނެތް ރާގަކަށް ބުނެލީމެވެ. އެއްބަސް ވެވިފައި އޮތީ، އަހަންނާއި ހިމްޔާން، ދެކޮޓަރީގެ އެޕަރޓްމެންޓެއް ހިފައިގެން އުޅުމަށެވެ. ވިޔަފާރީންނާއި، ލިބޭ އެކި އެކި ފުރުސަތުތަކުން ކުލި ދައްކާފައި މާ ބައިވަރު ބާކީ ވާވަރަށްވެސް ލިބޭނެކަމަށް ހިމްޔާން ބުނުމުންނެވެ. އެހެން ނޫނަސް އަހަރެމެންގެ ޚަރަދުތައް ބޮޑެއް ނުވާނެއެވެ. އާންމު ދިރި އުޅުމަށް ބޭނުންވާނެ ހުރިހާ އެއްޗަކަށްވެސް ޚަރަދު ކޮށްދޭނީ، ފިހާރަތަކުން ނިކުންނަ މުސްކުޅި ފުރައިގެ މީހުނެވެ.
ނިދަން އޮށޯވެވުނު އިރު ހަތަރެއްވެސް ޖަހައިފިއެވެ. ނިދި އައިސްފައި ހުރި ވަރުން ނިކަން ފަސޭހައިން ނިދަންވެސް ނިދުނެވެ.
..................
ފޯނު ރިންގުވާ އަޑަށް ހަނިހަނިކޮށް ލޯ ހުޅުވާ ބަލައިލީމެވެ. ހީވީ މީހަކު އެތިފަހަރެއް ގައިގައި އެޅިހެންނެވެ. އަވަސްއަވަހަށް ތެދުވީމެވެ. ކަންތައް ވެގެން ނުވާނެ ވަރަށްވުރެ ބޮޑު ވީމާ ނޫނީ ހިމްޔާން އެވަރަކަށް ނުގުޅާނެއެވެ. ހަ މިސްކޯލު އިނެވެ. ނުވައެއް ޖެހީއްސުރެ އެދަނީ ކޮންމެ ފަސް މިނިޓަކުން ފަސް މިނިޓަކުން ގުޅަމުންނެވެ.
"ހަލޯ؟" ތެޅި ތެޅި އޮތް ހިތަކާއި އެކު ފޯނު ނަގާ އަހާލީމެވެ.
(ނުނިމޭ)

ޚިޔާލު ފޮނުއްވާ