Views: 3611 75

އެމްބިއުލާންސް އައިސް މަންމަ ގެންދިޔަ އިރުވެސް އަހަރެންނަށް ހަމަ އެއިން ގޮތަށް އިނދެވުނީއެވެ. ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނުވެއްޓެއެވެ. ލިބުނު ޝޮކުންނެވެ. އިހުސާސްތައްވެސް ހިނދުކޮޅަކަށް މަޑުޖެހިލި ކަހަލައެވެ. ލޮލުކުރިމަތީ ސިފަވަނީ ފެނުނު މަންޟަރެވެ.
މުޅި އެނދުގައިވެސް އޮތީ ލެޔެވެ. މަންމަގެ މުޅި ހެދުންވެސް އެއިން ފޯވެފައެވެ. ވަޅި ހަރާލާ ޒަޚަމް ކޮށްލާފައި އޮތީ ކޮންތަނަކަށް ކަމެއްވެސް ނޭނގެއެވެ. ދެލޯ ބޮޑުކޮށް ހުޅުވައިގެން އޮތް އިރު، އެއީ އެންމެ ފަހު ވަގުތުވެސް، ޤާތިލާ ދިމާލަށް ބަލަހައްޓައިގެން އޮތް ގޮތެވެ.
އަހަރެންގެ ބަޑިފަޅައިގެން ދިޔައީ، ފުލުހުން އައިސް އަހަންނާ ސުވާލުކުރަން އުޅެގަތުމުންނެވެ. ފެށި ގޮތަށް ރުއިން ހުއްޓާކަށްވެސް ނޭނގުނެވެ. ނަމަވެސް ކޮއްކޮ މަރުވިދުވަސްހެން، މީހުނަށް ރުޅި ބާލާ މޮޔަ ގޮވާކަށް ނުހަދަމެވެ. އެއިންތާ އިނދެގެން ތަކުރާރުކުރެވެމުން ދިޔައީ އެއް ޖުމުލަތަކެކެވެ.
"އެންމެ ފުރަތަމަ ބައްޕަ.. ދެން ކޮއްކޮ. މިހާރު މަންމަ ވެސް.. ކީއްވެ... ކޮން ކުށެއް ކޮށްގެން. ކާކުގެ އަނިޔާވެރި ޢަމަލެއް؟"
......................
އެއްވެސް މީހަކު އެކަން އިތުރަށް ތަހުޤީގު ކުރަން ބާރުނޭޅުމުން، ކަށުކަމާކެމީގެ ކަންތައް ވަރަށް އަވަހަށް ނިމިއްޖެއެވެ. ފަސްދާނު ލުމަށް ސަންދޯއް ގެންދިޔުމުން، ހައުލާއްތަޔާއެކު އަހަރެން ދިޔައީ ހައުލާއްތަމެން ގެއަށެވެ. ނުރޮއުނު ނަމަވެސް، އަހަރެންނަށް ދިޔައީ ގިސްލެވެމުންނެވެ. ހުރީ ހުންވެސް އައިސްފައެވެ. އިރުކޮޅަކު ޖައްސާލަން އޮވެފައި، ބޭރަށް ނިކުތީ ބަޔަކު އަހަރެން ހޯދަން އައިސް ތިބި ވާހަކަ ބުނުމުންނެވެ.
ހިމްޔާނާއި އެކު ދެތިން ކުލާސް ކުއްޖެއް އައިސްތިއްބެވެ. އެއިން ފައިދާއެއް ނުކުރި ނަމަވެސް، އެމީހުން ދިން ހިތްވަރުގެ ބަސްތައް އަޑުއަހަން ހުރީމެވެ. ގިނަ މީހުން ނުދަންނަ ކަމެކެވެ. ދެރަކަމެއް ލިބުމުން ހިތްވަރު ކުރާށޭ ބުނާ އިރު، އެކަން ހަނދާން ކޮށްދީގެން އެދެވެނީ އިތުރު ދެރައެކެވެ. ހަމަ ގައިމުވެސް އަހަރެންނަށް އެކަމުން ނުހަނު އުނދަގޫވެއެވެ.
އެމީހުން ދިޔުމުން ހިމްޔާނާއި އެކު، އަހަރެން ދިޔައީ ގޭންގުގެއަށެވެ. ގޭގައި އޮތުމުން، ހަނދާންތައް މާ ބޮޑަށް ތުރާ ކުރާނެތީ، ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބޭތޯއެވެ.
"ކާކު ކަމެއްހެން ހީވަނީ؟" ޑެލް ސުވާލުކޮށްލިއެވެ.
"މުއީން.." އަހަރެން މަޑުމަޑުން ޖަވާބު ދިނީމެވެ. ތިން މީހުންގެ މޫނުމައްޗަށްވެސް ހައިރާންކަން ވެރިވިކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް އަހަރެން ހުރީ ކަންކަމާ އަޅާލާ ކަހަލަ މޫޑެއްގައެއް ނޫނެވެ. އަހަރެންނެކޭ އިހުސާސެއް ނެތް މީހެކޭ އެއްފަދައެވެ.
"ރިފް.. އަމިއްލަ ދޮން ބައްޕަ އާ ދިމާއަށް އިނގިލި ދިއްކުރާކަށް ނުވާނެއްނު.." ހިމްޔާން ބުނެލި ޖުމުލައިން އަހަރެން ހިމްޔާނަށް ބަލައިލީމެވެ. އެބުނަނީ އަހަރެން ޤަބޫލުކުރާ ގޮތް ބަދަލުކުރާށޭ ހެއްޔެވެ؟ ނޫނެކެވެ. އަހަރެން ޤަބޫލުކުރާނީ، މަންމަ މަރާލީ އަދި މަރާލެވޭނީވެސް ހަމަ އެކަނި މުއީނަށް ކަމަށެވެ. އެހެން ނޫންނަމަ، ފަތިހުގެ އެ ގަޑީގައި މުއީންވެސް އޮންނާނީ އެ ކޮޓަރީގައި ނޫންހެއްޔެވެ؟
"މަ ކައެ ބުނާ އެއްޗެއް ޤަބޫލެއް ނުކުރާނަން. އެއްވެސް މީހަކު ބުނާ އެއްޗެއް ޤަބޫލެއް ނުކުރާނަން. އަމުދުން ކަލޭ އެރޭ މުއީން ކައިރިއަށް ދިޔަ ސަބަބު އަކުރުން އަކުރަށް ނުކިޔައިދެނީސް، ޤަބޫލުކުރަން ހިތަށްވެސް ނާރުވާނަން.." އަހަރެންނަށް ރުޅި އާދެވުނެވެ.
"ހިމްޔާން! އިހަށް ދޭބަ ބޭރަށް.." އަހަރެން އެކަމަށް ބޭނުންވި ވަރު އިފްޝޮޓަށްވެސް އެނގުނީ ކަންނޭނގެއެވެ. ދެކޮޅު ހެދުމެއް ނެތި ހިމްޔާން ދިޔައެވެ.
"ރިފް... އެނގޭ ރިފް ވަރަށް ސަފަރ ކޮށްފިކަން. އެނގޭ އަހަރެމެން ކަހަލަ ވިޔާނުދާ މީހުންކަން ތިކަހަލަ ކަންކަން ކޮށް އުޅެނީވެސް.. އެކަމު ބިލީވް މީ. ތިޔަކު ގޭންގުގެ އަތެއް ނޯންނާނެ. އަހަރެމެންވެސް ރިފްގެ މަމް އާ ކޮއްކޮ އާ މަރުވީމަ ވަރަށް ދެރަވޭ. ގޭންގުގެ ކޮންމެ މީހަކީވެސް، މަށަށް ވަރަށް މުހިންމު މީހެއް. ކޮއްކޮއެއް ފަދައިން ލޯބިވަން. ހީ ނުކުރާތި ރިފް އެކަނިވެރި ވީއޭ.. އަހަރެމެން އަބަދުވެސް ރިފް އާ އެއްކޮށް ތިބޭނެ. ހީކޮށްލާ މީ ރިފްގެ ފެމިލީއޭ. ވީވަރަކުން މިކަމުގެ ހަގީގަތް ހޯދަންވެސް އަހަރެމެން އެހީވާނަން.." އިފްޝޮޓް ވަރަށް ދިގުކޮށް ވާހަކަ ދެއްކިއެވެ. އަހަރެންވެސް ކަނުލާ އަޑުއަހަން އިނީމެވެ. އިފްޝޮޓް ބުނިހެން، އަހަރެންނަށް އާއިލާއޭ ކިޔާނެ އިތުރު ބަޔަކު ނުވެސް ނެތެވެ. ދެން އޮތީ މިމީހުނަކީ މިތުރުން ކަމަށް ދެކިގެން އުޅުމެވެ.
................
އެރޭ އަހަރެން ނިދީ ހައުލާއްތަ މެންގޭގައެވެ. އެމީހުން އަހަރެންނަށް ވަރަށް ހެވެވެ. ހުރިހާ ކަމެއްވެސް ކޮށްދިނީ އަޅާލުމާ އޯގާތެރި ކަމާއި އެކުއެވެ. މުއީން އަހަރެން ވީ ކޮންތާކުތޯ ބަލައިލަންވެސް ނައެވެ. އަހަރެންވެސް ކޮންމެހެން މުއީން ވީ ތަނެއް ހޯދާކަށް ނޫޅެމެވެ. އެއީ އަހަރެންނަށް މުހިންމު މީހެއް ނޫންވިއްޔާއެވެ.
ޖެހިގެން އައި ދުވަހު ބަޔާން ނެގުމަށް ޕޮލިސް ސްޓޭޝަނަށް ޙާޟިރުކެރުވެނެވެ. ފުރަތަމަ ވަނީ މުއީނެވެ. ބޭރުގައި މަޑު ކުރަން ޖެހުނު ވަގުތުކޮޅުވެސް، ދެރަ ނުވުމަށާ، ވީ ގޮތް ކިޔާލަދީފައި އައުމަށް، ހައުލާއްތަ ނަސޭހަތްތެރިވިއެވެ. އެފަދަ އޯގާތެރި މީހެއް އެވަގުތު އަހަރެންގެ ޙަޔާތުގައި ހުރި ކަމީ އަހަރެންގެ ނަސީބުގައި އަދިވެސް ތަން އޮތް ކަމުގެ ހެއްކެކެވެ.
ވަނީމެވެ. ރޮމުން ގިސްލަމުން، އަލިފުން ޔާއަށް ވީހާ ކަމެއް ސާފުކޮށް ކިޔައިދިނީމެވެ. އެންމެ ކަމެއް މެނުވީއެވެ. އެރޭ، މާހިލަށް ގުޅާށޭ ބުނި ވާހަކައާއި، އަހަރެން އައީ ކޮންތާކުން ކަން ސިއްރުކުރީމެވެ. ގޭންގާމެދު ވިސްނާފައެވެ.
ވަކި މީހަކާ ދެކޮޅަށް ހެއްކެއް ނުލިބުނެވެ. މުއީން ބުނާ ގޮތުން ނަމަ، މުއީން ދިޔައީ ފަތިސް ނަމާދަށެވެ. އެއިރު މަންމަވެސް ނަމާދަށް ހޭލާ އުޅެއެވެ. ނަމާދުން ރައްޓެއްސަކާ ދިމާވެގެން މުއީން ދިޔައީ އޭނާގެ ގެޔަށެވެ. އަނެއްކޮޅުން، މިސްކިތުގައި ތިބި މީހުންވެސް، މިސްކިތުން މުއީން ފެނުންކަމުގެ ޔަގީންކަން ދިނެވެ. ސުވާލަކީ ދުވަހަކު ނުކުރާކަމެއް އެރޭ މުއީން ކުރީ ކީތްވެހެއްޔެވެ؟ ތަހުގީގު ނުކޮށް ވަޅުލުމުން މަރުވި ގަޑިއެއް ނޭނގުނެވެ.
އަދި ތަހުގީގު ކުރާނެ ކަމަށް ބުނެ އެމީހުން ކޭސް މަތި ޖަހާލީއެވެ. އަބަދުވެސް ވަނީ މިވަރެކެވެ. އަހަރެމެން ފަދަ ބަޔަކާ ގުޅޭ ކަމެއްގެ ތަހުގީގު ކުރުން މުހިންމެއް ނުވެއެވެ. ތަހުގީގު ކުރާނި ސިޔާސީ ކަންކަމެވެ. އެވެސް މެދަކާއި ހަމައަށެވެ. އަހަރެންނަށް ފުލުހުންނަށްވެސް ނަފުރަތު ކުރެވެން ފެށިއެވެ. އިންސާފެއް ނެތި އަހަރެންގެ ޙަޔާތާއި ވަކިވެފައި އެ އޮތީ އެންމެ މީހެއް ނޫނެވެ.
ކަންކަމާއި މެދު ވިސްނަން އިނީ، އަމިއްލަ ކޮޓަރީގައެވެ. އަހަރެން އާދޭސް ކުރުމުން ހައުލާއްތަ އެންމެ ފަހުން އަހަރެން ގެއަށް ފޮނުވާލަން އެއްބަސްވީއެވެ. އެންމެންވެސް ތިބެނީ އަހަރެންގެ ނިމުންވެސް މަންމަ ފަދަ ގޮތަކަށް ވެދާނެތީ ބިރުންނެވެ. އަހަރެން އެކަމަކާ ބިރެއް ނުގަނެއެވެ. އެމީހަކު އަހަރެން މަރާލަން އަންނާނެ ނަމައޭވެސް ހިތަށް އަރައެވެ. ހަމަ ގައިމުވެސް، ފަސް ފިރިހެނުންނަށްވުރެ މަދު އަދަދަކަށް އައިސްގެން އަހަރެންނަށް ގޮތެއް ނުހެދޭނެއެވެ.
އެހެން އިންދާ ފޯނެއް ރިންގުވާން ފެށްޓެވެ. މަންމަގެ ފޯނެވެ. ނަގާ ބަލައިލިއިރު ގުޅަނީ މާހިލެވެ. ދެފިކުރެއްގައި ހުރެފައި ފޯނު ނަގާ ކަންފަތުގައި ޖަހާލީމެވެ.
"ހެލޯ.. ކުރިން ރޭ ގުޅާލާފަ އިނީމަ.. ކޮން ބޭފުޅެއްތޯ؟" އެކޮޅުން މާހިލް ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ. އިރުކޮޅަކުން އެކޮޅުން ފޯނު ކަނޑާލައިފިއެވެ.
އެހެން އިނދެފައި އަހަރެން، އެބުނާ ކޯލެއް ގޮސްފައި އިން ވަގުތެއް ބަލައިލީމެވެ. މަންމަ މަރުވި ރޭ، އެގާރަ ޖަހާކަށް ހާއިރުއެވެ. މައުލޫމާތު ދައްކާ ގޮތުންނަމަ، މާހިލް ފޯނު ނެގިއެވެ. މިނިޓަކަށް ކޯލް ދެމިގެން ގޮސްފައިވިޔެވެ. އޭގެން ދޭހަ ކުރަންވީ އެއްޗެއް އަހަރެންނަކަށް ނޭނގުނެވެ.
އަނެއްކާވެސް ވިސްނުމަށް ރުޖޫޢަ ވީމެވެ. ކާކުހެއްޔެވެ؟ ކުށެއް ނެތް އަހަރެންގެ މަންމައަށް އެހެން ހަދާނީ ކާކު ހެއްޔެވެ؟ ކޮން ބޭނުމަކު ހެއްޔެވެ؟ އާނއެކެވެ. އިންސާނުން ކެހިވެރީއެވެ. ހަމަ ގައިމުވެސް މިއީ ކޮންމެވެސް ނުލަފާކަމެއް ހުރި އިންސާނަކު ކޮށްފައިވާ ކަމެކެވެ. ކޮއްކޮއަށްވެސް އެކަން ދިމާވީ އެހެނެވެ. ބަލަން ހުރެ ބަލާށެވެ. އަހަރެންގެ ހުރި ނުބައިކަމެއްވެސް އެމީހަކަށް ދައްކާލަ ދޭނަމެވެ. އެކަމެއް ކުރަން ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް ފަހެއް ނުޖެހޭނަމެވެ. މީހުން އެކިޔާ ފަދަ ގޭންގްސްޓާރަކަށްވެސް އަހަރެންނަށް ވެވިދާނެއެވެ. އަހަރެން ލޯބިވާ މީހުން މެރި ބަޔަކު، ކޮށާ ވަލު ޖަނަވާރަށް ކާންދޭންވެސް އަހަރެން ފަހެއް ނުޖެހޭނަމެވެ. މިއަދު ފިލާ އޮތަސް، މާދަމާ، އެކަން ކުރި ބަޔަކު ފަޅާ އަރުވާލާނަމެވެ.
ދެން ދުނިޔެއާއި ކުރިމަތިލާނީ ކުރީގެ ފިނޑި ރިފާޝާއެއް ނޫނެވެ. މުޅިން އާ މީހެކެވެ. ކަންކަމާ ފަސްނުޖެހޭ ބިރުކުޑަ މީހެކެވެ. އިންސާނިއްޔަތުކަން އަހަރެންވެސް ހަނދާންނައްތާލާނީއެވެ.
...............
"ނެތް ތަ އާ ޕްލޭނެއް؟" އަހަރެން ޖޯޝު ހުރި އަޑަކުން އަހާލީމެވެ.
"ރިފް މިދުވަސްކޮޅު ރެސްޓު ކޮށްލާ.." ވަގުތުން އިފްޝޮޓް ދެކޮޅު ހެދިއެވެ. އޭނާގެ ނަޟަރުގައި އަހަރެންމީ ހަމަ ފިނޑިއެކެވެ.
"ނުފެނޭތަ؟ ދުނިޔެ އެންމެންވެސް މަށަށް ކެހި ދެނީ.. މަވެސް މަގޭ ހުރި ނުބައިކަން ދައްކާލަދޭން ބޭނުން.. މަށަށް ލިބުނު ދެރައާއި އެއްވަރަށް ދުނިޔެ އެންމެނަށް ދެރަ ނުލިބެނީސް، އަހަރެން ދޫކުރާކަށް ނެތިން.." އަހަރެން އަނެއްކާވެސް ބުނެލީމެވެ. އިފްޝޮޓް އަހަރެންނަށް ބަލައިލިއެވެ. ފާޑަކަށެވެ.
"ދެން ހުރީ ވަރަށް ބޮޑެތި ޕްލޭންތަކެއް.." ކުރު ޖަވާބެކެވެ. އަދިވެސް އަހަރެން ލައްވަން އިފްޝޮޓް ބޭނުން ނުވަނީއެވެ.
"ކައެ ހީކުރީ މައެ މީ ކާކު ކަމަށްތަ؟" ރުޅިވެރި އަޑަކުން އަހަރެން ބުނެލީމެވެ.
"މިހާރު މި އުޅެނީ، މިއުޅޭ ޅަ ގްރޫޕެއް ގަނޑެއް ގަނެގެން. މިބުނީ، މިތާ މި އުޅޭ ތާކުން ތާކު ނުޖެހޭ، ނަމުން ގޭންގު ގްރޫޕް ވާހަކަ. އެމީހުން މޮޔަވެގެން ސްޓަފް އެތެރެ ކުރިކަން ކޮޕުންނަށް ބަޓުވެފަ އޮތީ.. އަބަދުވެސް ވާ ގޮތަށް ބެދެން އޮތީ އަހަރެމެން.." އިފްޝޮޓް، އެކޮޓަރީގައި ތިބި އެންމެނާ މުޚާތަބުކޮށް ބުނަމުން ދިޔައެވެ.
"ތިކަން ޕޮލިސް ބޮލަށް ޖަހަންވީނު.." އަހަރެން މަޑުން ނީންދެވިގެން ބުނެލީމެވެ.
"ކައެ ތިކަން ކުރަން ހުރިއްޔާ ވާނެ." އިފްޝޮޓް އެއްބަސްވުމުން އަހަރެން ހިނިތުންވެލީމެވެ. އަހަރެން ކޮންމެ ކަމެއްވެސް ކުރާނަމެވެ. އަހަރެންގެ އާއިލާއަށް އިންސާފު ހޯދައި ނުދިން މީހުނަށް އަނިޔާއެއްދޭން އަހަރެން މިހުރީ ތައްޔާރަށެވެ.
"އޭ އެކަމް ތީތި ކަޑައޭ.. އެމީހުން އަހަރެމެން ބޮލަށް ޖެހީމަ ޖެހޭނެ އެމީހުނަށްވެސް ބޮނޑިއެއް ދޭން.." އެތަނުގައި އިން މީހަކު ބުނެލިއެވެ.
"އެދެން ކުޑަ ގްރޫޕެއްނު.." ހިމްޔާންވެސް ހުރީ އަހަރެންނާ އެއްކޮޅަށް ކަން އަންގާލަދިނެވެ.
"ޕޮލިހުން ބައްދާލާފަވެސް، ތި ކުޑަ ގްރޫޕް ހަފުސްކޮށް ލެވިދާނެއްނު." އަހަރެން އަނެއްކާވެސް ޚިޔާލެއްދިނީމެވެ. އެކަންވެސް އިފްޝޮޓަށް ވަރަށް ކަމުދިޔައެވެ. އެރޭގެ ބައްދަލުވުން ނިންމާލީ، ޕޮލިހުން ބޮލަށް ކޮންމެވެސް ގޮތަކުން، މަސްތުވާތަކެތި އެތެރެ ކުރިކަން ޖެހުމަށް ނިންމާފައެވެ.
.....................
"ޕްލޭނެއް އެބެތްތަ؟" ގެއަށް ދިޔަ މަގުމަތީ ހިމްޔާން ސުވާލުކޮށްލިއެވެ. އަހަރެން ކަމެއް ރޭވިހެން ހީވެގެން ކަމަށްވެސް ވެދާނެއެވެ.
އަހަރެން މަޑު މަޑުން ހޫމް އަޅުވާލީމެވެ. "މާދަމާ ހެނދުނު މީޓްކުރޭ، ފިންގަރ ޕްރިންޓް ނާރާ ކަހަލަ އަންގި ކޮޅެއް ހިފައިގެން.." އަހަރެން ބުނި ބަސް ނުސާފުކޮށް ބުނަމުން، ގެއަށް ވަނީމެވެ. އަހަރެން ކުރަން އުޅެނީ ކީތްކަން ނޭނގި އިރުކޮޅަކު ހިމްޔާން އެތަނުގައި ހުންނަންވެސް ހުއްޓެވެ. ކުރިން ކަނު ބަނދެގެން މަސައްކަތް ކުރުވީ އަހަރެން ލައްވައެވެ. މިފަހަރު ކަން ވާނީ އޭގެ އިދިކޮޅަށެވެ.
..................
ހަތެއް ޖެހި އިރު އަހަރެމެން ތިބީ އަހަރެމެން ރަށު ޕޮލިސް އިސް މީހާ ގޯތި ކައިރީ ފިލައެވެ. މީހަކަށް ޝައްކު ނުވާނޭ ފަދަ ގޮތަކަށެވެ. މެދުކެނޑުމެއް ނެތި ހިމްޔާން ސުވާލުކުރަމުން ދިޔައެވެ.
"އެ މީހާ ވަރަށް ގިނައިން ކިއްލިއާ ފޯކާ ކާނެ.." އަހަރެން ބުނެލީ އެވަރަށެވެ.
"ކައެ މިހާރު އެ ސޮރު ޓްރެކްވެސް ކުރީތަ؟"
"ނޯ... ޓްރެކް ނުކުރިޔަކަސް އަނގަ ރަތް ކޮށްގެން ތިބޭ މީހުން މަށަސްވެސް ފެންނާނެ ދޯ.. މިހިރަ ގަމާރު މީހެއް." އަހަރެން ބުނެލީމެވެ.
އިރުކޮޅަކު އެހެން ތިބެތިބެވެސް، އެމީހާ ނުނިކުތުމުން، އަހަރެމެން، މީހުންނަށް އަޅައިނުގަންނަ ހިސާބަކަށް ޖެހިލީމެވެ. އެމަގުން، އެ ޕޮލިސް މީހާ ގޮސްފިއްޔާ ފެންނާނެ ވަރަށެވެ.
ދެ ސިނގިރެޓު ނަގާ ދެމީހުން ރޯ ކޮށްލީމެވެ.
"އެއްކަލަ ތާނިމް.." ކުރި ކަނޑާފައި ދިޔަ މީހާ ދިޔަ ވަގުތު ހިމްޔާން ބުނެލިއެވެ. އެސޮރަށްވެސް އިވޭ ވަރަށެވެ.
"ބިޓު ގަނޑު ގޮވައިގެން ރަށު ހުރިހާ ތަނެއްގަ ފެގު ޖަހައިގެން ނޫޅުނިއްޔާ ނުވަނީތަ؟" ތާނިމް މޫނު ކުނިކޮށްލިއެވެ. އަހަރެންގެ ގާތަށް ސިނގުރުޅިއެއް އައެވެ. އަހަރެންނަށް ނިސްބަތްކޮށް ހިމްޔާން ބިޓޭ ބުނަން ހެޔޮވާނެ ހެއްޔެވެ؟
"މަ މީ މީނަ ބިޓޭ ކާކުތަ ބުނީ؟ ތާނިމް ބިޓަށް ވިޔަސް މީއްޗަކު ބިޓަކަށް ނުވާނެ." އަހަރެން ހިތަށް އައި ޖުމުލަ ދުލަށްވެސް ގެނައީމެވެ. ތާނިމަށްވެސް ލިބުނީ ހައިރާންކަމެވެ. އެ މޫނުން އިތުރު ކުލަތަކަށް ވުރެ ބޮޑަށް ފާހަގަވަނީ، އަހަރެން، މޫނުމަތިން ކަފާލި ތަންގަނޑެވެ. އަދިވެސް ހާމައަށް ފެންނަން ހުއްޓެވެ.
"އޮވްހް އެހެންތަ؟" ލާނެތް ހިނިތުންވުމެއް ދީފައި ތާނިމް ދިޔައީއެވެ. އެކަމާ ހިމްޔާން ރަތަށް އަރާނެކަން މާކުރިންވެސް އަހަރެންނަށް އެނގެއެވެ.
ޕޮލިސް މީހާ ނުކުތީވެސް އަނގަރަތް ކޮށްލައިގެންނެވެ. ކަމުން ދިޔަ ޕެކެޓު އެއްލައިލީ ވަރަށް ދުރަށް ގޮހެވެ. މީހަކަށް ނުފެންނާނެހެން އަހަރެން އެ ހުސް ޕެކެޓު ނެގީމެވެ. އަންގިލައްވައިގެންނެވެ.
"ހިމްޔާން ބަލާ... މީގަ މިހާރު ހުންނާނީ، އޭނަގެ ފިންގަރޕްރިންޓް. މިޔަށް ޑްރަގްސް އަޅާފަ ކޮޓަރިއަށް ލީމަ، ރެކެން ދެއްކޭނެ ބަހަނާއެއް ނޯންނާނެ.." އަހަރެން ބުނެލީމެވެ. ހިމްޔާން އެއްބަސްވިއެވެ. ހައިރާން ވެ ހުރެއެވެ. ބައެއް ފަހަރު އަހަރެންވެސް އަހަރެންގެ ނުލަފާކަމާ ހުރެ ހައިރާންވެއެވެ.
އަހަރެމެން ގޮސް އިފްޝޮޓަށް އެ ޕްލޭން ކިޔައިދިނީމެވެ. އޭނާއަށްވެސް އެކަން ވަރަށް ކަމުދިޔައެވެ. ގޭންގު އެކި މީހުނަށް އަންގައިގެން، އެމީހާ ކާ ހުރިހާ ކޮތަޅެއް ހޮވަން އެންގިއެވެ. ހަފްތާއެއް ތެރޭ ވިއްސަކަށް ކޮތަޅު އަހަރެމެންނަށް އެއްކޮށްލެވުނެވެ.
އެމީހުން ހޯދި ތަނަކުން މަސްތުވާތަކެތި ހޯދާ އެއަށް އެޅިއެވެ. އަހަރެން ހުރީ މަންޟަރު ބަލާށެވެ. ގޭގައި ނޫޅޭނެ ވަގުތު ބަލާފައި އަހަރެމެން އެގެޔަށް ވަނީމެވެ. ނިދާ ކޮޓަރީގެ އެތަން މިތަނުގައި އެ ޕެކެޓުތައް ފޮރުވީމެވެ. އަދި ވިޔަފާރީގެ ޑީލް ފަދަ ލިޔުންތަކެއްވެސް، ކަބަޑެއްގެ ތެރެއަށް ލީމެވެ. އެންމެ ފަހު ކަމަކަށް ކޮޓަރީގެ ދެތަނެއްގައި ކުޑަކުޑަ ދެ ކެމެރާ ހަރުކޮށްލީމެވެ. ކުޅި ބަލާށެވެ.
އަހަރެމެން ޖެއްސި، އަންހެން ކުއްޖެއްގެ ރިކޯރޑިންގެ އަޑަށް، އެ ކޮޓަރިއަށް އެ ޕޮލުހިގު އަންހެނުން އައެވެ. އެއީވެސް ހީވާގި ޕޮލިހެކެވެ. ކޮޓަރިއަށް އައިސް ދެފަރާތް ބަލާ ހޯދާލިތަން، ބަލަން އަހަރެމެން ސްކްރީން ފަހަތުގައި ތިބީމެވެ. ހީހީފާ ވާހަކަ ދައްކަމުންނެވެ.
އެ އަންހެން މީހާ، ކަބަޑުން ގަނޑެއް ވެއްޓިފައި އޮތް ތަން ފެނުމުން އެ ނެގިއެވެ. ކިޔާލުމާއި އެކު މޫޑު މުޅިން ޚަރާބުވިއެވެ. އަދި މުޅި ކޮޓަރި ހޯދަން ފެށިއެވެ. އަހަރެމެންގެ ޕްލޭނާ އެއްގޮތަށެވެ. ފޮރުވި އެއްޗެހި ފެނުމުން އެއަންހެން މީހާ، ފޯނު ކޯލެއް ކޮށްލިއެވެ. ގިނަ އިރުތަކެއް ނުވެ، އެތަނަށް އައީ ޔުނީފޯރމުގައި ތިބި ފުލުހުންނެވެ. ފިރިމީހާއަށްވުރެ، ވަޒީފާއަށް ހުރުމަތްތެރިކޮށް ހިތި އަންބެކެވެ.
ހީހީފައި އަހަރެމެން އެވާހަކަ ދެއްކި އިރު ދެވުނީ ކިހާ ބޮޑު ގެއްލުމެއްކަން ނުވިސްނުނީއެވެ. ބައްދާލެވުނީ ކުށެއް ނެތް ފުލުހެކެވެ. ހަލާކުކޮށްލެވުނީ، ކުށެއް ނެތް އަންހެނެއްގެ ހިތާއި އިތުބާރެވެ. ނިގުޅައިގަނެވުނީ ކުށެއް ނެތް ކުޑަ ކުޑަ ކުއްޖަކަށް ވީ ބައްޕަގެ ލޯތްބެވެ. ކަށިކެޔޮ ވަލެއްގައި ހުޅުލީހެން، މުޅި މީސްމީޑިއާގައި އެވާހަކައެވެ. ފުލުހުންގެ ނަން ވަރަށްވެސް ހުތުރުވިއެވެ. ބެދުނީ އެމީހުންގެ މީހުނެވެ. ކަން ކުރި މީހުނާ، އެކަން ފުލުހުންގެ ބޮލުގައި އެޅުވި އަހަރެމެން، ހީލަ ހީލަ ފިލާ ތިބީއެވެ.
.........................
ދުވަސްތަކަކަށް ފަހު އަހަރެން އަނެއްކާވެސް ސްކޫލަށް ދިޔައީމެވެ. ސްކޫލް ބަންދުވާން ދެދުވަހަށް ވީއެވެ. ކުރިމަތިވަނީ އޭލެވެލް އިމްތިހާނޭވެސް އަހަރެންގެ ހިތަށް ނާރަނީއެވެ. ކުލާހަށް ވަނުމާއި އެކު ފާޑަކަށް އެންމެން ވެސް ބަލަމުން ދިޔައެވެ. ހިތްހެޔޮ ގޮތެއްވެސް ހުއްޓެވެ. އަހަރެންނަށް ދިމާވި ކަންކަމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ނޫނީ، އަބަދު ލަހުން އަންނަ މަންޖެ މާ އަވަހަކަށް އައީމައެވެ.
"ތާނިމް؟" އަހަރެންނަށް ލިބުނީ ހައިރާންކަމެވެ. އަހަރެންގެ ގޮނޑީގައި ތާނިމް އިނުމުންނެވެ.
"ބޮޑެތި ޗުއްޓީ ޗުއްޓީ ނަގާލީމަ ނޭނގޭނެއްނު. މީ މިހާރު މަގޭ ގޮނޑި.. ޖެހިގެން މީނދީ ހިމްޔާނުގެ.. ދެން ރިފްގެ.." ތާނިމް ބުނެލިއެވެ. އަހަރެން އަވަހަށް ގޮސް އަހަރެންނަށް ވީ ގޮނޑީގައި އިށީނީމެވެ. ހިމްޔާނާއި ތާނިމް އިންނަނީ ކައިރި ކައިރީގައި ޖެހި ޖެހިގެން ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ ވަރުގަދަ ތަޅާފޮޅުންތައް ހިނގާފައި ހުންނާނެކަން ޔަގީނެވެ. ތިންވަނަ ބޮޑު ހަނގުރާމަ އިއުލާން ނުކުރާ ކަމެއްވެސް ނޭނގެއެވެ. މިވީ ގޮތުން އެންމެ ފަހަރަކު ތާނިމަށް ބަލައިލިޔަސް ހިމްޔާނަށް އެނގޭނެއެވެ.
އެޚިޔާލުގައި އިނދެފައި، އަހަރެން ބަލައިލީމެވެ. ހިމްޔާން އައުމުގެ ކުރިން ބަލާ ބެލުމެއް ބަލާ ނިންމަން ޖެހޭނެތީއެވެ. އެ ހިނދު ތާނިމްވެސް އިނީ ބަލާށެވެ. އަދި ހަތަރުކަޅި ބައްދަލުވިހިނދު ތާނިމް ހިނިތުންވެލިއެވެ.
"އަހް.. ރިފް. އެންމެ ފަހުން އައީ ދޯ." އަހަރެމެން ދެމެދަށް ޖެހި ގަންނަމުން ހިމްޔާން ބުނެލިއެވެ. އަދި ފޯނު ނަގާ ރެޑީ ވެލީ އާދައިގެ މަތިން އޭނާގެ ލޯބިވާ ޕަބްޖީ ކުޅުމަށެވެ. އެޔާ ނުލައި ހިމްޔާންގެ ސްކޫލް ދުވަސް ފުރިހަމަ ނުވަނީއެވެ.
ނިދި ނައުމުން އަހަރެން ކުލާހުގައި އިނީ މޭޒުގައި ކުރަހާލަ ކުރަހާލައެވެ. ކަރުދާސް ބޯޅައެއް އައިސް ޖެހުނީ އެހެން އިންދައެވެ. ތާނިމް އެއްލޯ މަރާލުމުން އޭނާގެ ކަމެއްކަން އެނގިގެން ދިޔައެވެ. ތާނިމްއަށް އިރު އެރީ ކޮން ކޮޅަކުން ބާއޭވެސް ހިތަށް އެރިއެވެ. ލޯބިވާ މީހެއްގެ ފަރާތުން އެފަދަ އިށާރާތެއް ކުއްލިއަކަށް ވުމުން ހިތުގެ ތެޅުންވެސް އަވަސްވެގަތެވެ.
ގަނޑުކޮޅުގައި އޮތް އެއްޗެއް އަވަސް އަވަހަށް އަހަރެން ކިޔާލީމެވެ. އެއިރު ހިމްޔާން ކަޅި އަޅާލައިގެން އިނެވެ. ހީކުރީ އޭގައި އޮތް އެއްޗެއް ހިމްޔާން ގާތު ބުނާނެ ކަމަށް ކަންނޭނގެއެވެ. އަހަރެންނާ އަހަރެންގެ ތާނިމްގެ ސިއްރު ހިމްޔާން ކައިރީ ކިޔަން އަހަރެން މިއީ މޮޔައެއް ނޫނެވެ.
"ހޭ ފެގުބޯ ގާރލް.." އޮތީ ލެޓިނުން އޮތް ކުޑަ ކުޑަ ޖުމުލައެކެވެ. އެބުނީ އަހަރެންނާ ވާހަކަ ދައްކަން ބޭނުން ވާ ވާހަކަ ކަމަށް ޤަބޫލު ކުރެވުނެވެ. އަދި ހިނިތުންވެލީމެވެ. އަހަރެންގެ ޙިޔާލު ހުރި ގޮތް އޭގެން ދޭހަވާނެ ކަމަށް ޔަޤީންކޮށްފައެވެ.
ލަސްތަކެއް ނުވެ އަނެއްކާވެސް ކަރުދާސްކޮޅެއް ލިބުނެވެ. ނުހިފި އުޅެނިކޮށް ވެއްޓި ޖެހުނީ މާ ދުރަށެވެ. ތާނިމަށް އެކަން އެނގުމުން އަވަސް އަވަހަށް ގަނޑުކޮޅެއްގައި އެއްޗެއް ލިޔެލާފާ ދިއްކޮށްލިއެވެ. ހިމްޔާން އަތުނުލިކަން ހަމަ ނަސީބެވެ.
މިފަހަރު އޮތީ ނަންބަރެކެވެ. ތާނިމްގެ ނަންބަރެވެ. އެއަށް އަހަރެންނަށް ބަލައިލެވުނު ކަމެވެ.
"ފަހަތު ބަރީގަ ކޮން ގަނޑުތަކެއްތަ މި ޕާސްކުރަނީ.." ޓީޗަރު ހަޅޭއް ލަވައިގަތެވެ. އަހަރެން އަވަސް އަވަހަށް އެ ގަނޑުކޮޅު ފޮރުވީމެވެ. އަތުލާފައި މުޅި ކުލާހަށް އެ ކިޔާލާފިއްޔާ މާ ރީއްޗެއް ނުވާނެއެވެ. ފަޟީހަތް ވާނީ އަހަރެންނަށް ވުރެ ބޮޑަށް ތާނިމެވެ. އެހެން ވާކަށް އަހަރެން ނޭދެމެވެ.
"އާނއެކޭ.. މި މީހުން ކަންތައްވެސް މިހާރު ބޮޑޭ. މިއަންނަ ހަފްތާ ޓެސްޓު. އަދިވެސް ގަނޑުކޮޅު ކޮޅު ޕާސް ކުރަންވާނެ.." މިފަހަރު ވާހަކަ ދެއްކީ ހިމްޔާނެވެ. މާ ރަނގަޅު މީހެއް ކަމަށެވެ. ފޯނުގަނޑު ނަގާ ހޫރާލަފާނަމޭވެސް ހިތަށްއެރިއެވެ.
"ރިފާޝާ ވަރަށް ގިނަ ދުވަސް ފަހުން ސްކޫލަށް އައިމަ، މިސްވި ފިލާވަޅުތައް ކިޔައިދެނީއޭ.." ތާނިމް ރައްދުގައި ބުނެލިއެވެ. ދޮގު ހަދަންވެސް ދަންނަ ސޮރެކެވެ. އަނެއްކާވެސް އަހަރެން ލޯބިވާ ސިފައެކެވެ. ވާހަކަ ހަދާލަން ހުރި މޮޅުކަން ބަލާބަލާށެވެ.
"ހޫން ކައެއަށް ވިއްޔަ އެންމެ ގިނައިން ފިލާވަޅު އެނގޭނީ.." ހިމްޔާންވެސް ދޫކުރާ ޚިޔާލެއް ނުކުރިއެވެ. ދެން ކީ އެއްޗެއް ކީ ފުދޭވަރަކަށް މަޑުން ނަމަވެސް ބަހުގައި ހުރި ހަޑިކަން އެނގޭވަރު ވިއެވެ. ވަކި ހިސާބަކަށް އެ ބަހުގެ ހަމަލާތައް ދިޔައިރު، ކިރިޔަ ކިރިޔާ ގަޔަށް ބޮލަށް ނާރާކަމެވެ. އެންމެ ފަހުން މުދައްރިސް ގޮސް، ފިލާވަޅައިގެން ކުރިއަށް ދިޔައީއެވެ. ދުވަހެއްގެ ކޮޅުންވެސް އަހަރެމެން އިސްލާހު ނުވާނެކަން ފަހުމްވީއެވެ.
..........................
އިންޓަރވަލް ގަޑީގައި އަހަރެން ނިކުމެގެން ދިޔައީ ހިމްޔާނާއި އެކުއެވެ. ފަހަތުން ތާނިމް އައިސް ހަމަ ކުރުމުން އަހަރެމެން ދެމީހުނަށްވެސް ލިބުނީ ހައިރާން ކަމެވެ.
"ހޭ ރިފް. ނަންބަރު ދީބަ.." އެއްލޯ މަރާލަމުން ތާނިމް ބުނެލި ބަހުން އަހަރެންނަށް ކުޑަވަރެއްގެ ހަރޓްއެޓޭކެއް ނުޖެހުނީ ކިރިޔާއެވެ. މީނާ މިހާރު އެއުޅެނީ މޮޔަވެގެން ހެއްޔެވެ؟
"ނުލިބޭނެ ދާން އުޅޭ.." ހިމްޔާން ވަގުތުން ބަވާލިއެވެ.
"ކަލޭ ތީ މަގޭ ބައްޕައެއް ނޫނޭ.." އަހަރެންވެސް ރައްދު ދިނީމެވެ. ހިމްޔާން ކަޑަކޮށްލާށެވެ. އަދި ތާނިމް ދިއްކޮށްލި ފޯނުގައި އަހަރެންގެ ނަންބަރު ޖަހާލީމެވެ. އެއްޗެކޭ ނުބުނެ ހީލާފާ ތާނިމް ދިޔުމުން، ހިމްޔާން ވަރުގަނޑު ބޭލީ އަހަރެންނަށެވެ. ހިމްޔާން ހިތުން ތާނިމް ވަރުގެ ނުބައި މީހެއް ދުނިޔެމަތީވެސް ނުހައްދަވައެވެ.
އިންޓަރވަލް ފަހުން ސްކޫލަށް ނުގޮސް އަހަރެން ނިދާލީއެވެ. ސްކޫލް ގަޑި ނިމުނު ކަމެއް ނޭނގި ތާނިމް ގުޅިއެވެ. ނައީ ކީތްވެތޯ ސުވާލު ކުރިއެވެ. އަހަރެން ކަމެއް ނުވާކަމަށް ބުނުމުން އެދުވަހު ބައްދަލުކޮށްލުމަށް އެދުނެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް އަހެރެން އެއްބަސްވީމެވެ. ތާނިމްއަށް ވީތީއެވެ. އަހަރެންގެ ހިތުގެ ވެރިޔާއެވެ.
(ނުނިމޭ)

ޚިޔާލު ފޮނުއްވާ