Views: 4301 73

"މެޑަމްއަށް ގުޅަނީ. ޕޮލިސް އަންނަނީ.." ބިރުންހުރެ ލަކްޝްމީ ދޭންފެށީ އިންޒާރެވެ. އެވެސް އަހަރެމެންނަށެވެ. ފޯނު ނަގަންވެސް ނެގިއެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ވަޅިސެޓެވެ.
އެޖު ދުރުކޮށްލުމަށްފަހު، އަހަރެން ލަކްޝްމީ ކައިރިއަށް ޖެހިލީ، މިޔަ ތޫނު، ބޮޑު ވަޅިއެއް ހިފައިގެންނެވެ. އަހަރެން ކުރަން އުޅޭ ކަމެއް ނޭނގޭތީ އެޖްވެސް ހުރީ ބިރުންނެވެ. އޭގެ އެތައް ގުނައެއް ބިރުން ހުރީ ލަކްޝްމީއެވެ. ހޭނުނެތުނިއްޔާ ރަނގަޅެވެ. ފޯނު ނަގާ ހުޅުވާލީ، މަރުން ސަލާމަތްވާން ބޭނުންވާލެއް ބޮޑުކަމުން ކަމަށް ބެލީމެވެ.
"މެޑަމް އަންނަނީ. ޕޮލިސްވެސް އަންނަނީ. އަހަރެމެން ޖަލަށްވެސް ގެންދަނީ. އެކަމް.... ލަކްޝްމީ މަރުވަނީ." އަހަރެން ވަޅިގެންގޮސް އެ ކުށެއް ނެތް އަންހެން މީހާގެ ކަރުގައި ޖައްސާލީމެވެ. ޖެހުނު ތަނުން، އިސާހިތަކު ލޭތައް އޮހޮރެން ފެށްޓެވެ.
"މެޑަމް ކޮއްކޮ، ލަކްޝްމީ ތަދުވަނީ.."
"ކޮން މެޑަމް ކޮއްކޮއެއް ކިޔާކަށްތަ؟ ކައެ މައެ ބުނާ ކަންތައް ކުރަން ޖެހޭނީ. އެހެން ނޫނީ މަރާލާނަން." ދެލޯ ބޮޑުކޮށްލަމުން އަހަރެން ބާރު އަޑަކުން ބުނީމެވެ. އެ އަންހެން މީހާ މަޑު މަޑުން ދެ ފަރާތަށް ބޯ ތަޅުވާލިއެވެ. އަހަރެމެންގެ މަގުސަދު ގާތްގަނޑަކަށް ކާމިޔާބުވީއެވެ.
އެޖް، ކައިރިވެލާ ކުރަން ޖެހޭނެ ކަންތައް ގަޑިޔާއެކު ކިޔައިދިނެވެ. ލަކްޝްމީ ބޯ ޖަހާލަ ޖަހާލާ އިނެވެ.
"ކައެ މީހުން ކައިރީ ކިޔައިފިއްޔާ މަށަށް އިނގޭނެ އިނގޭ. މަރާލާނަން.." ދަމުންވެސް އަހަރެން ދިޔައީ މަރުގެ އިންޒާރުތަކެއް ދީފައެވެ.
.....................
ގެއަށް ވަދެވުމާއި އެކު، އިންތިޒާރުގައި ހުރި އިފްޝޮޓް ސުވާލު ކޮށްލިއެވެ. ކަންތައް ދިޔައީ ކިހިނެތް ތޯއެވެ. ބްލެކްމެއިލިންނަށް ދިޔައީ ކިހާ ޚަރަދެއްތޯއެވެ.
"އެކައްޗެއްވެސް ނުދާނެއްނު ފާޑެއްގެ އަންހެނެއް މަށާ އެއްކޮށް ފޮނުވީމަ." އެޖް ބުނެލި ބަހުން އިފްޝޮޓް އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. އަހަރެން ކުރި އިތުބާރު ނަގާލީހޭ ބުނާ ފަދަ ގޮތަކަށެވެ.
"އައި ގޮތަށް ކެމެރާތައްވެސް ފުނޑާލާފަ އެ މީހާއަށް ބިރު ދައްކާލައިފި. ނަމުން އިފާ ކޮއްކޮ. އެމަންޖެ ކަރުގަ ވަޅިވެސް ކުޑަކޮށް އަޅާލާފަ އައީ.. ގަދައޭ މީނަ. ހަމަ ގިނަގިނައިން އަންހެނުން ގޭންގަށް ވައްދަންވީ." އެޖު ހިތުން މިހާރު އަހަރެން ވަރުގެ މީހެއް ނެތެވެ.
"ހުރިހާ އަންހެނުން މަގޭ ރިފޭ ހެނެއް ނުވާނޭ... ދޯ. އާދެބަ މަށާ އެއްކޮށް ބޭރަށް ޖައްސާލަން.." ހިމްޔާންވެސް އައިސް ވާހަކައިގެ ތެރެއަށް ވެދެލިއެވެ.
"މަޑު ކޮށްބިއަ.. އޭ އޭރު ބުނީ އަސްލު އެއްޗެއްތަ؟ މަމީ ކައެ ބޯއި ފްރެންޑްތަ؟ ސީކޮށް ބުނި އެއްޗެއްތަ؟" ފައްޗަކަށް އެޖް ސުވާލުތައް އަމުނާލިއެވެ. ކަންތަކާ ޖެހުނީއެވެ.
"ދެރަ ކަމެއްނު.. އެތާ މަ ތެދެއް ހެދިންތަ؟" ނިތް އަރުވާލަމުން އަހަރެން ހިމްޔާން ފަހަތުން ނުކުންނަން ދިޔައީމެވެ. މިއުޅޭ ފިރިހެންވެރިން ހަމަ ގަމާރީއެވެ. ކިރިޔާ އިށާރާތެއް ކޮށްލާއިރަށް އެޔަށް ނަންދޭންވީ ލޯބިހެއްޔެވެ.
....................
އެކި ތަންތާ ތެޅިތެޅިފައި އަހަރެމެން އައީ ހަވީރު ހަތަރެއް ޖަހާކަށް ހާއިރުއެވެ. ރޭވުމާއި އެއްގޮތަށް، ޑެލްއާއި އެކު، އަހަރެން ދިޔައީ ރަސްފަންނަށެވެ. ކަންތައް ޕްލޭނާއި އެއްގޮތަށް ދާނަމަ، ފަސްގަޑި ސާޅީސް ފަހެއްގައި ޔައިންގޮވައިގެން ލަކްޝްމީ އަންނާނެއެވެ. މީހުން ގިނަ ތަނެއް ޚިޔާރު ކުރީ، އެފަދަ ތަނެއްގައި ފަސޭހައިން، މީހެއްގެ ލޮލުގައި އަޅައިގަނެ ޝައްކު ކުރުމުގެ ފުރުސަތު ކުޑަވާނެ ކަމަށްބަލާފައެވެ.
ޑެލް ކާރުގައި ބައިންދާފައި ނުކުތީ އަހަރެންނެވެ. ބަލާ ބެލުމަށް އަހަރެންނަކީ ޔައިންގެ އާއިލާމީހެއް ނޫންކަމެއްވެސް މީހުނަކަށް ނޭނގެނެއެވެ.
"ކޮއްކޯ. މަންމި ބުނީ، ލަކްޝްމީ ދައްތި ކުޑަކޮށް ބަލިވީމަ، މިއަދު ދައްތަ ގެއަށް ޔައިން ގެންދާށޭ، ކުޅެލަން. ދޯ ލަކްޝްމީ..." އަހަރެން ހިނިތުންވެލައިގެން ހުރެ ވާހަކަ ދެއްކީމެވެ. އަށް އަހަރު ނަމަވެސް ޔައިން ފެންނަނީ އުމުރަށްވުރެ ހަގުކޮށެވެ. ދޮން ހަންގަނޑަކާއި އެކު ފަން އިސްތަށިކޮޅެއް ލިބިފއިވި އިރު، ނުހަނު ލޯތްބެވެ. ދެރައެއް ދޭންޖެހޭތީ ދެރަވެސްވެއެވެ.
އުނދަގުލެއް ނެތި، ޔައިން ކާރަށް އެރުވުނެވެ. ލަސްތަކެއް ނުކޮށް ޑެލް ކާރު ދުއްވާލިއެވެ. ގޮސް މަޑުކޮށްލީ އަހަރެމެން އުޅޭ ގެއާ ފުދޭވަރަކަށް ދުރު ހިސާބެއްގައި ހުރި، ގޭންގު އެހެން ގެއެއް ކައިރިއަށެވެ. އެގެއަށް ޔައިން ލުމުން، އަހަރެމެންގެ މަސައްކަތް ނިމުނީއެވެ. އިފްޝޮޓް ބުނި ގޮތުންނަމަ، އެގެއިން ހަވާލުވާ ބަޔަކު، ޔައިން ފަޅު ރަށަކަށް ގެންދާނީއެވެ. އަދި އުޒެއިރްއަށް އިންޒާރުދީ، އަހަރެމެންނަށް ރައްކާތެރިކަން އެބެތްކަން ޔަގީންވާ ވަރު ކުރާނެއެވެ.
......................
"ހިނގާ ފެގެއް ދަމާލަން." ފޫހިވެފައި އޮތް ހިމްޔާން އަހަރެން ވަދެގެން އައިތަން ފެނުމުން ދައުވަތުދިނެވެ. ހީލަމުން ހިމްޔާން އަތުން ލައިޓަރު ނަގަމުން، އަހަރެން ސިނގިރެޓެއް ރޯކޮށްލީމެވެ. އެހެން މީހުން ކުރާ ކަމެއް، ހަމަ އަންހެން ކުއްޖަކަށް ވީތީ ނުކުރެވެންވީ ސަބަބެއް އޮތް ކަމަކަށް ނުދެކެމެވެ.
..................
ހެނދުނު ހޭލެވުނީ މީހަކު އައިސް އަހަރެން އޮތް ސޯފާގަނޑަށް ވެއްޓިގަތުމުންނެވެ. ހުސްގަޔާ ހިމްޔާން ހުރުމުން އަހަރެންނަށް އުނދަގޫ ވިއެވެ. އެހެނަސް އަޅާނުލާން މަސައްކަތް ކުރީމެވެ. މިމީހުންނާ އެކު އުޅެންޏާ ޖެހޭނީ އެކަމަށްވެސް ހޭނޭށެވެ.
"މަގޭ ފޯނު ގެއްލިއްޖޭ. އެއްވެސް ތާކުން ނުފެނުން." ރީތި ވެލައިގެން އައިސް އަހަރެން ޝަކުވާ ކޮށްލީމެވެ. މިޒަމާނުގައި ފޯނަކާއި ނުލާ އުޅޭނީ ކިހިނެއް ހެއްޔެވެ.
"އަން ފޯނެއް." ހިމްޔާން ކުޑަ ކުޑަ އެއްޗެއް ދިއްކޮށްލިއެވެ. ނޮކިއާ ބައްތިގަނޑެކެވެ. އެއިން ކުރެވޭނެ ކަމެއް އޮންނާނެ ހެއްޔެވެ. ތިދެން ކޯޗެއްހޭ އަހާލީމެވެ.
"ދެން މި ބޭނުން ނޫނިއްޔާ ޖެހޭނީ އާ އެއްޗެއް ހޯދަން. އެހާ އުނދަގުލެއް ނުވާނެ. ބަލާ، މަވެސް މިއޮތީ ކުރިންފަހަރު އައިސް ހޯދި އެއްޗެއް." ހިމްޔާން އޭނާގެ ޖީބުން، ސެމްސަންގް ގެލެކްސީ ނޯޓް 10 ނަގާ ދައްކާލިއެވެ. "ކައެ އަށް މީތި ދޭންވީތަ؟ މަށަށް އާ އެއްޗެއް ހޯދަން އެއްވެސް އުނދަގުލެއް ނުވާނެ." ހިމްޔާން ހިނިތުންވެލިއެވެ.
"އައްޗި ތިޔެއް ހެޔޮ، މަ އަމިއްލައަށް ހޯދަފާނަމޭ.." ކުރަން ޖެހޭނެ ކަން އެނގުނު ނަމަވެސް ސާބިތުކަމާއި އެކު ބުނެލީމެވެ. އަލަށް ކުރާ ކަމެއް ނޫނިއްޔާއެވެ.
"ހޫނ މީނަޔަށް އާފަލެއް ނޫނީ ނުދިރޭނެ." ހިމްޔާން ދިމާކޮށްލިއެވެ. އަންހެން ކުދިން ވަރަށް ވުރެ ފޮނީއޭ ހިތަށް އަރާނެއެވެ.
.................
އެރެއެވެ. ހިމްޔާނާއި އެކު އަހަރެން މަޑު ކޮށްލައިގެން ހުރީ، ފޯނު ވިއްކާ ފިހާރައެއް ކައިރީއެވެ. މީހެއްގެ ލޮލުގައި އަޅައިނުގަންނާނެ ފަދަ ގޮތަކަށް ފާރައަށެވެ.
"އެމީހާ" މުސްކުޅި ފުރައިގެ އަންހެނަކު ފިހާރަތެރެއިން ނުކުތުމުން ހިމްޔާން އަހަރެންނަށް ބުނެލިއެވެ. އެމީހާގެ އަތުގައި އޮތް ކޮތަޅަށް ފަރުވާތެރިކަމާއި އެކު ބަލައިލީމެވެ. އޭގައި އެ އޮތީ އަހަރެންނަށްވީ އާ ފޯނެވެ.
އެމީހާ ފަހަތުން ހިނގަން ފެށީމެވެ. ރަށުގަހެން މާ ފިލަފިލައިގެން އުޅޭކަށް ނުޖެހުނެވެ. ކޮންމެ ގޮތަކަށް އުޅުނަސް މީހަކަށް ފާހަގައެއް ނުވާނެއެވެ.
"ދޭ. މަ ކަރަންޓު ކަންތައް ހަމަޖައްސާނަން.." ހިމްޔާން އެއްލޯ މަރާލިއެވެ. ތަޖުރިބާ ހުރި މީހެކޭ އަހަރެންގެ ހިތަށް އެރިއެވެ. އެއުޅެނީ މާލޭގެ ބޮޑު ގެއަކުން ކަރަންޓު ދުއްވާލާށެވެ. ހަމައެކަނި އެތެރޭގައި ހުރ ކެމެރާތައް މަސައްކަތް ނުކުރާނެ ގޮތެއް ހަދާށެވެ.
ސިގުނަލާއި އެކު އެތެރެއަށް ވަނީމެވެ. ކުރަން މިއުޅެނި ވަރަށް 'ކޫލް' ކަމެއް ކަމަށް ހިތައެވެ. ފޯނުން އަލި ކުރަމުން، އެ އަންހެން މީހާ އެރި ފްލޯއަށް އެރީމެވެ. ތަޅާއި ކުޅެން ބޭނުންވާ ސާމާނު ނަގާ، ދޮރުހުޅުވާލީމެވެ.
އެތެރޭގައި ވަށާލެވިފައިވީ އުއްބައްތިއެއްގެ އަލިކަމެވެ. ދޮރާއި ވިދިގެން ހުރި މޭޒުމަތީ 'އަހަރެންގެ ފޯނު' އޮތެވެ. ސަކަހިނިތުންވުމަކާއި އެކު މަޑުމަޑުން ކޮތަޅު ނެގިވަގުތެވެ.
އެމީހާއަށް އަހަރެން ފެނުނީއެވެ. ހަމަ ގައިމުވެސް ކާކު ކަން ސާފު ވާވަރެއް ނުވާނެއެވެ. އިތުރު ގޮތެއް ނެތުމުން، ދުއްވައިގަތީމެވެ.
"ވަގެއް ވަގެއް.." އެ ދައިތަގަނޑު ހަޅޭއްލަވަމުން އަހަރެން ފަހަތުން އައުމަށް ދުއްވައިގަތެވެ. "މަގޭ ފޯނު.."
ހަތަރުވަނަ ފްލޯގައި ހުރެފައި އަހަރެންނަށް އާދެވުނީ ދެވަނަ ފްލޯއާ ހަމައަށެވެ. ލޮލުގައި އަޅައިގަތީ އެއް އަތުން ފޯނުން އަލިކުރަމުން، އަނެއްއަތުން ދޮރު ހުޅުވަން އުޅުނު ޒުވާން ފުރައިގެ ފިރިހެން ކުއްޖެކެވެ. ބަލަން ނުހުރެ، އެ ސޮރު ދޮރު ހުޅުވާލުމާއި އެކު، އެތެރެއަށް ވަދެގަތީމެވެ. އޭނަ ކޮއްޕާލުމަށް ފަހު އަވަސް އަވަހަށް ދޮރު ލައްޕާލީމެވެ.
އޭރުވެސް އަހަރެންގެ މޭގަނޑު ނެގި ނެގިފައި ޖެހެމުން ދިޔައެވެ. މާލޭގައި ވައްކަން ކުރާ ފުރަތަމަ ފަހަރު ކަމުންނެވެ.
"މީހަކު ގޮތެއް ހެދީތަ؟" އެ ފިރިހެން ކުއްޖާ ސުވާލުކޮށްލިއެވެ. ކަރަންޓުވެސް ނެތް ވަގުތެއްގައި، މާ ހާސްވެ ހުރި އަންހެން ކުއްޖެއް ވަނީމާ އަހާނީވެސް އެސުވާލު ނޫންހެވެ.
"ވަގެއް. ވަގެއް.. މަގޭ ފޯނު." އެ މުސްކުޅި މީހާގެ އަޑު ގުގުމާލާފައި ހުއްޓެވެ. އެވަގުތު އެ ފިރިހެން ކުއްޖާ އެއްފަހަރު އަހަރެންގެ އަތުގައި އޮތް ކޮތަޅަށް އަދި އަނެއްފަހަރު އެ އަޑަށް ސަމާލުކަން ދިނެވެ.
"ތީ ކޯޗެއް؟ ނުބުނާތި އެމީހާ ފޯނޭ. ވަގެއް ދޯ ތީ؟" އެ ކުއްޖާ މޮޔައީއެވެ. އަންހެން ކުއްޖެއްވީމާ ޤަބޫލުކުރަން ބޭނުން ނުވީއެވެ.
"އުހުނ. މަ މީ ވަގެއް ނޫން. އަސްލު ވީ ގޮތަކީ، މަ ކުރީ ދުހު ގަތް ފޯނެއް މީހަކު ވަގަށް ނެގީ. އެހެންމަ މަވެސް މީތި މި ނެގީ. މިއެއްނު ހަމަ ހަމަ ކަމަކީ.." އަހަރެން މާނަ ފުން ހިނިތުންވުމެއް ދިނީމެވެ.
"މަގޭ ކައިރީ ހަމަހަމަ ކަމޭ ކިޔާނެ ކަމެއްނެތް. ކޮޕުންނަށް." އެ ކުއްޖާއަށް ބުނެވުނީ އެވަރަށެވެ. އަހަރެން ކުއްލި ހަރަކާތެއް ގެނެސް، އެކުއްޖާ ފުރަތަމަ ކޮއްޕާލީ ސޯފާގަނޑަށެވެ. ބެލްކަނީ ދޮރު ފޮތިގަނޑު ފެނުނު ހިނދު ސިކުންތެއްވެސް ނަގާނުލާ، އޭގެން އެސޮރު ބަނދެލީމެވެ. އަނގަޔާއެކު ވާހަކަ ނުދެއްކޭނެ ގޮތަށެވެ. އޭނަ މަސައްކަތެއް ކޮށްލައިފިއްޔާ އެ ފޮތިގަނޑު ނައްޓާނެއެވެ. އެކަމަކު އަހަރެން ހަދާލި ގޮތް ފެނިފައި، އެ ހުރި ގޮތުގައި ހުރުން ބުއްދިވެރި ކަމަށް ވިސްނުނީ ތޯޗެކެވެ. އަހަރެން ފަތަހައިގެ ހިނިތުންވުމެއް ދިނީމެވެ. އަދި އޭނަ ޕޮލިހަށް ގުޅަން ނެގި ފޯނު، ވެއްޓުނު ތަނުން ނެގީމެވެ.
"ލިބުނީނު ދެފޯނު. ކައެ ޕޮލިސް ކައިރީ ކިޔާނީތަ ނޫނީ މި ފޯނު ހޯދާނީތަ؟" ގޮސް ކުރިމަތީ ހުއްޓިލަމުން އަހާލީމެވެ. އަދި އަނގަމަތީ އޮތް ފޮތިގަނޑުގެ ބައި ވާހަކަ ދެއްކޭނެ ވަރަށް ދުރުކޮށްލީމެވެ. މިޒަމާނު މީހުނަށް ފޯނަށްވުރެ ފުރާނަވެސް މުހިންމު ނުވާކަން ދެނެހުރީމެވެ. ކަރަންޓު އައިސް ބޮކިތައް ދިއްލުނީ އެވަގުތެވެ. އެ ފިރިހެން ކުއްޖާ ރަނގަޅަށް ފެނުނީ އެހިސާބުންނެވެ.
ތަފާތު ސޮރެކެވެ. އިސްކޮޅު އަހަރެންނަށް ވުރެ ކުޑަ ތަންކޮޅެއް ދިގެވެ. 'ފިޓު' ހަށިގަނޑެކެވެ. އަދި މާ އުމުރުން ދޮށި ވާނެހެނެއް ހިއެއް ނުވެއެވެ. ހަމަ ގައިމުވެސް ވިއްސަކަށް ނާޅާނެއެވެ. ތުނބުޅި މަތިމަސް ބާލާލާފައި ހުރި އިރު އޮމާން ހަންގަނޑެކެވެ. އިސްތަށިގަނޑާއި ބުމައިން ފެށިގެން ކަޅީގައިވެސް ވީ ގަދަ ކަޅުކަމެވެ.
"ހޫން. ދެން ހެވޭ. ނެތީމޭ މީހަކު ކައިރީ ބުނާކަށް. ގެނޭ މަށަށް މަގޭ ފޯނު. އަލަށް ދިމާވި އަންހެން ވަގެއް، ކޮން ނަމެއްތަ ކިޔަނީ؟ މަ މީ އަޔާޒް.." އަނގަގަދަ ސޮރެއް ތާއެވެ. މައްސަލައެއް ނެތެވެ. ބަސްޓުނުވެ މިކަން ނިމުނީއެއް ނޫންހެވެ.
"ރިފާޝާ." ނަން ބުނެލީމެވެ. "މި ލިބޭނީ މަ މީހަކަށް ގުޅާލާފަ އިނގޭ. ޕާސްވޯޑް.." އަހަރެން އަޔާޒް މިނިވަން ކޮށްލީމެވެ. ޕާސްވޯޑް ޖަހާ ކީޕެޑް ހުޅުވައިދިނުމުން، ޑައިލްކޮށްލީ ހިމްޔާންގެ ނަންބަރަށެވެ.
"އޭ ކޮބާ؟ ދިޔައީތަ؟" އަހާލީމެވެ.
"އާނ ދެން ކައެ އުޅޭހާ އިރެއް ވަންދެން ނުހުރެވޭނެ ދޯ. ކިރިޔާ އަތުނުވީ." އެކޮޅުން ޖުމުލަ ފުރިހަމަ ކޮށްލުމުން ފޯނު ކަނޑާލީމެވެ.
"މަށާ އެއްކޮށް އައި މީހާ ގޮއްސިޔޭ. އިއްޔެ މާލެ އައީ. ނޭނގޭނެ ގެއަށް ދާކަށް. އޯކޭ ވާނެ ދޯ ފްރެންޑެއް ގޭގަ މިރޭ ނިދާލިޔަސް.." އަހަރެން އަޔާޒަށް ހިނިތުންވެލީމެވެ. އަޔާޒް އަދިވެސް ހުރީ ހައިރާން ވެފައެވެ. އަހަރެން އުޅޭ ގޮތްކުޑަ ވައްތަރުންނެވެ.
"ކަމަނާ ފުޅަށް ތިޔެއް އެނގިވަޑައިގަންނަވާނީ.." ދެކޮނޑު އަރުވާލަމުން އަޔާޒް ބުނެލިއެވެ.
"އަސްލުތަ؟ ތިހާ ރަނގަޅު ފްރެންޑެއް މީހަކަށް ނުވެސް ލިބޭނެ. ތޭންކްސް. ކޮން ރޫމެއް މަށަށް.." ހުރި ދެ ކޮޓަރިއަށް އިށާރާތްކޮށް އެހީމެވެ. އަހަރެން ބުނި އެއްޗެއް އަޔާޒަށް މުޅިން ފަހުމް ނުވިކަން އޭނާގެ މޫނުމަތިން ފާޅުވާން ހުރި ކުލަވަރުންވެސް އެނގެއެވެ.
"މަ ކޮންއިރަކު ކައެ ފްރެންޑަކަށް ވީ؟ ހަމަ އައި ގޮތަށް އައިސް ބަނދެ ބަހައްޓަފަ ފްރެންޑަކޯ. މަ ކޮޓަރިއަށް ނިދަން އަންހެން ކުއްޖަކު ވެއްދޭތަ.. ގެންގޮސް ދީފާނަން. އެކަމު މިތާ ނުއެއް ނިދޭނެ.." އަޔާޒް އޭނަގެ ނިންމުން އިއްވާލިއެވެ. އެގޮތްވެސް ގޯހެއް ނޫނެވެ.
.................
"ތޭންކްސް.." ގެއަށް ވަންނަމުން ބުނެލީމެވެ.
"އެނީ ޓައިމް.. މިދެން ފްރެންޑު ވެވުނީނު. ކަމެއް ބޭނުމިއްޔާ ބުނައްޗޭ. އަދި މަށަށް މަންޖެ ކަރާޓޭ ދަސްކޮށްދެންވާނެ.." އަޔާޒު ސަމާސާ ކޮށްލިއެވެ. އަހަރެން ހިނިތުންވެލާފައި، ރޭގަނޑުގެ ސަލާމްކޮށްލަމުން އެތެރެއަށް ވަނީމެވެ.
"ކޮބާ ލިބުނުތަ؟" އެތެރެއަށް ވެދެވުމާއި އެކު ހިމްޔާން އެއްސެވެ. އަހަރެން ފޮނިވެލާފައި ލިބުނު އާ އައިފޯން އެކްސް ދައްކާލީމެވެ. ގޭންގް މީހުން ރުފިޔާ ނެތަސް ފެންވަރުގެ އެއްޗެހި ހޯދާގޮތް ދަސްމިވީ އަދިކިރިޔާއެވެ.
"އޭތް، އެއްކަލަ ޔައިން ބަލާ މީހާ އެނގެއެއްނު. ލަކްޝްމީ.." ފޯނެއްގައި ހުރެފައި އެޖު، އަހަރެމެންނާއި ގާތަށް ޖެހިލިއެވެ.
"އެ މަންޖެ ދަން ޖައްސާފަ ހުއްޓަ ފެނިއްޖެ.."
އަހަރެންގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. މިވީ ކިހިނެތް ހެއްޔެވެ؟ ގޭންގު ކަމެއް ކޮށްލައިގެން މީހެއްގެ ފުރާނައަށް ގެއްލުން ވެދާނެއެކޭ އަހަރެންގެ ހިތަކަށް ނާރައެވެ. ބައްޕަޔާ ކޮއްކޮ މަރުވީމާ އަހަރެމެންނަށް އަސަރު ކުރާ ފަދައިން، އެ މައުސޫމް އަންހެނާގެ ޢާއިލާ މީހުންވެސް ހާދަ ހިތާމައެއް ކުރާނެއެވެ. ޚިޔާލުތައް ބޯ ފުރާލިއެވެ. އަނެއްކާވެސް ކޮއްކޮގެ ފިކުރުތައްވެސް އެނބުރި އައެވެ. މޫޑު ޚަރާބުވުމުން، އަހަރެން އޮށޯތީ ނިދާށެވެ. ވީ ކަމެއް ވީއެވެ. ކުށުގައި އަހަރެންވެސް ހިމެނޭނެކަން އެނގެއެވެ. އެހެނަސް ދެން ކުރެވޭނެ ކަމެއް ނެތެވެ.
.........................
"ހަވީރު ފުރާނީ. ހަވީރު ވަންދެން ރިފް ބޭނުން ކަމެއް ކޮށްލާ. މަ ނިދާލާނީ." ހޭލެވުނު އިރުވެސް އަހަރެން ރީތިވެގެން އިންތަން ފެނުމުން ހިމްޔާން ބުނެލިއެވެ. އެއިރު ދިހަގަޑި ބައިވެ ބޮޑުވެދާނެއެވެ.
"ދެން މަ ހަވީރުވަންދެން މިތާ އިންނަންވީ؟" ފޫހިވާނެ ވަރު ހިތަށް އަރުވާލެވުނެވެ.
"ރިފް ބޭނުންތާކަށް ދިޔަސް ހެޔޮ. ހަވީރު ވާއިރު ޖެހޭނީ ގޭގަ ހުންނަން.." އާ ފުރެލަމުން ހިމްޔާން ބުނެލި ޖުމުލަ ނިންމާލުމަށް ފަހު އޮށޯތެވެ. އަހަރެން ކަމެއް ރާވާލަމުން ނުކުތީމެވެ. އަދި މިމާލޭގަ ކުރެވޭނެ ކަންކަން އެބަހުއްޓެވެ.
ރަހާ ގޯތި ދޮށުގައި މުގޯލި އަޅައަޅާފައި އަހަރެން ޓެކްސީއެއް ނަގައިގެން ދިޔައީ އެމީހުން ޔުނިވާރސިޓީ ކައިރިއަށެވެ. ރަހާ ޑެލްއާ ރުޅިވިޔަސް، އާދޭސް ކޮށްގެންވެސް އަހަރެން މާހިލްގެ ނަންބަރު ހޯދަން އެބަ ޖެހެއެވެ. ކޮއްކޮގެ މަރު ރަނގަޅަށް ދިރާސާނުކޮށް ހަމަ ނޭވާއެއް އަހަރެންނަކަށް ނުލެވޭނެއެވެ.
އެހިސާބު ގަނޑުގައި ހިނގާލަ ހިނގާލާ ހުއްޓާ، ކުދިންތައް ނިކުންނަން ފެށްޓެވެ. ދެލޯ ހޯދަމުން ދިޔައީ ރަހާއެވެ. ނަމަވެސް ފުރަތަމަ ލޮލުގައި އަޅައިގަތީ ދެ ފިރިހެން ކުއްޖަކާއެކު ބޮޑު ވާހަކައިގައި ނުކުމެގެން ދިޔަ މާހިލެވެ. ރަހާ ހޯދުމުގެ ޚިޔާލު ދޫކޮށްލާފައި އެމީހުންނަށް ފާރަލާން ފެށީމެވެ.
ވަކި ހިސާބަކުން މާހިލް ގޯޅިއެއް އެޅިއެވެ. މާހިލް ފަހަތުން ދިޔުމުގެ ބަދަލުގައި، އަހަރެން ފަހަތު އަޅުވާލީ ކައިރީ ހުރި ކެފޭއަކަށްވަތް އޭނާގެ ދެ އެކުވެރިންނެވެ.
ވަގުތުގެ ގޮތުން މީހުން ވަރަށް މަދެވެ. ފުރަތަމަ ޖެހުނު ގޮނޑީގައި ޖައްސާލީމެވެ. ނަޟަރު ހުއްޓުވާލީ، މޭޒުމަތީ ބާއްވާފައި އޮތް އެއިން ކުއްޖެއްގެ ފޯނަށެވެ.
ވެއިޓްރެސް އައިސް އެމީހުންގެ ކޮފީތަށި ގެނެސްދިން ވަގުތެވެ. ގޮސް ޖެހިގަތީ ވެއިޓްރެސް ގައިގައެވެ. ވަގުތުން ކޮފީތަށި މުޅިމޭޒަށާއި އެކު ވެރުނެވެ. އެންމެންގެ ސަމާލުކަން އެކަމަށް ހުއްޓުނު ހިނދު އަހަރެން ހިނގައިގަތީ އެ ފޯނު ހިފައިގެންވެ. ޕްރައިވެޓް ރޫމް ގަނޑަށް ވެދުވުނު އިރު އަހަރެންގެ ހިތު ވިންދު ކުރިޔަށްވުރެ އަވަހެވެ.
ސިމް ނަގާ، އަހަރެންގެ ފޯނަށް ލައްވާލީމެވެ. ޕާސްވޯޑެއް ނެތް ކަން ނަސީބެވެ. އެއަށް ސޭވް ކޮށްފައި ހުރި ނަންބަރުތައް ބަލައިލީމެވެ. އެކުވެރިން އެކަކު އަނެކަކު ނަންބަރު ގެންގުޅޭނެތާއެވެ. ހާސްވާން ޖެހުނީ ތިން ހަތަރު މާޙިލް އުޅޭތީއެވެ. އަހަރެންނާ ޚިލާފަށް ފުރިހަމަ ނަން ބޭނުން ކުރާކަން ހަމަ ނަސީބެވެ. މާހިލް ރަފީން ޖަހާފައި އިން ނަންބަރު އަހަރެންގެ ފޯނަށް ނޯޓު ކޮށްލާފައި، ފޯނުގެ ސިމް ބަދަލުކޮށްލީމެވެ.
އަވަސް އަވަހަށް ނިކުތް އިރު އެމީހުން ނުކުންނަނީއެވެ. އެމީހުން ތިބި މޭޒު ކައިރިއަށް ސިއްރު ސިއްރުން ފޯނު ވައްޓާލީ، ނުތެޅޭނެ ފަދަ ގޮތަކަށެވެ. އަދި ބާރުބާރަށް އެތަނުން ނުކުންނަން ދިޔައީމެވެ.
"ހޭ. ޔޫ މެން ތިބި މޭޒު ކައިރީ ފޯނެއް ވެއްޓިފަ އެބެތް.." ވަރަށް ރަނގަޅު ބޮޑު މީހަކަށް ވެގެން ގޮސް ބުނެލީމެވެ. އަދި ވަގުތުން، ދާން ހިނގައގަތީމެވެ. ލިބުނު ކާމިޔާބީގެ ސަބަބުން ވަރަށް އުފާވެ ހުރެއެވެ.
....................
ހަމަ ޖެހިފައި އޮތް ވަގުތަށް ފުރައިގެން ރަށަށް އާދެވުނީ އިރު އޮއްސެނިކޮށެވެ. ވަރުބަލިކަމާއި އެކު ގޮސް ގެއަށް ވަނީމެވެ. އެއިރު މަންމަ، ފެންޑާގައި، ފާރަށް ލެނގިލައިގެން ހުއްޓެވެ. ލޯކައިރި ދުޅަވެފައި ހުރުމުން ޙާލު އަދިވެސް ވަރަށް ގޯސްކަން އެނގެއެވެ.
"ރިފް؟ މި ދެދުވަހު ކޮންތާކު އުޅެފަ ތިއައީ؟ މަންމަ ހާސް ވާނެ ވަރެއް ނޭނގޭތަ؟ ރުޅި އަޔަސް އެވަރު ބޮޑު ދޯ.." މަންމަގެ އަޑު ހުރީ ކުރަކި ވެފައެވެ. ވަރަށް ރޮއިފައި ހުރިކަން އެނގެއެވެ. އަހަރެން ވަށައިގެން ހޯދާލީ މުއީން ފެންނަން ހުރިތޯއެވެ.
"މަންމާ ޕްލީސް.. ކޮއްކޮ މަރުވިކަން ކުޑަމިނުން އެމީހުނަށް އަންގަން ޖެހޭނެއްނު. ހީވޭތަ ހަމަ ހުރެފަ މީހަކަށް އެއިޑްސް ޖެހޭނެހެން. މިކަންތައް ހޯދަން ޖެހޭނެއްނޫންތަ؟" އަހަރެންވެސް ރުޅިވެރިކަން ދޫކޮށްފައި ވާހަކަ ދެއްކީމެވެ. ވިސްނައިދޭ ރާގެއްގައެވެ.
"ކިހިނެއް އެމީހުން ހޯދާނީ؟" މަންމަގެ ސުވާލުން އަހަރެންނަށް ހަމަޖެމުމެއް ލިބުނެވެ. އަދި އަވަސް އަވަހަށް މާހިލްގެ ނަންބަރު އެބެތް ކަމުގައި ބުނީމެވެ.
"މަންމައަށް ގުޅަން ކެރެންޏާ އާން.." މަންމަ ފޯނަށް ސޭވް ކޮށްދެމުން ބުނެލީމެވެ. މަންމަ ގުޅާނަމޭ ބުނުމުން އަހަރެން ވަރަށް ހިތްހަމަ ޖެހުނެވެ. ދަތުރު ވަރުބަލި ފިލުވާލުމާއެކު ނިދާލުމަށް ކޮޓަރިއަށް ވަނީ އުފަލުން ހުރެއެވެ. ކޮއްކޮއަށް އިންސާފް ލިބުމަށް މާ ގިނައިރެއް ނުވާނެ ކަމަށް ހިތާއި ހިތުން ބުނަމުންނެވެ.
......................
ހެނދުނު ހޭލެވުނީ ދުވަހަކު ނުހޭލާހާ އަވަހަށެވެ. ފެންވަރާލައިގެން ވަގުތު އޮތުމުން ފަތިސް ނަމާދުކޮށްލީމެވެ. ޒަމާންތަކަކަށް ފަހުއެވެ. ހިތަށް ހަމަ ޖެހުމެއް ލިބުނެވެ. ސްކޫލުގެ ފަހު ދުވަސްކޮޅޭ ހިތާ ސްކޫލަށް ދާން ތައްޔާރުވެލީމެވެ.
ރީތިވެގެން ނިކުތް އިރު ކިރިޔާ ހަގަޑި ބައިވީއެވެ. ސައިހަދާލައިގެން ބޮއިލީމެވެ. މަންމަ އަދި ނުތެދުވަނީއެވެ. ބޭރަށް ނުކުމެލަން ދަމުން، ދެތިން ފަހަރަކު ޓަކި ޖަހާލީމެވެ.
އާދައިގެ މަތިން މެދު އުމުރުފުރައިގެ އަންހެން ވެރިން ގޯތިތެރެއާއި، މަގުމަތި ކުނިކެހުމުގައި އުޅެއެވެ. އަހަރެން ފެނުމުން ހައުލާއްތަ ހިނިތުންވެލިއެވެ. އަހަރެންވެސް ބަދަލުގައި ހިނިތުންވެލާފައި އެތެރެއަށް ވަންނަން ދިޔައީމެވެ. ނަމަވެސް އެ ޢަމަލު ހުއްޓުވީ، ލޮލުގައި އަޅައިގަތް ކަމެކެވެ. ވެއްޓިފައި އެ އޮތީ މަންމަގެ ފޯނެވެ. އެ ނަގާ، ޖީބަށް ކޮއްޕާލީމެވެ. މުއީންގެ ފައިވާނެއްވެސް ނެތެވެ. މިއޮތް ހެނދުނާ މުއީން ދާނީ ކޮންތާކަށް ހެއްޔެވެ؟
ދެން އަހަރެން ގޮސް މަންމަ ކޮޓަރި ދޮރުގައި އަނެއްކާވެސް ޓަކި ޖަހާލީމެވެ. ތަޅުގައި ހިފިއިރު ތަޅުނުލާ ހުރުމުން، ހިފާ އަނބުރާލީމެވެ. މަޑުމަޑުން ކޮއްޕާލުމުން، ހަމަ އެ ދުވެލީގައި، މަޑުމަޑުން ދޮރުހުޅުވުނެވެ.
ފެނުނު މަންޟަރުން އަޑުގެ ނެތްކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. "މަންމާ!"
އެއިރު އަހަރެންގެ އަތްފައި ފިނިވެފައެވެ. ދެލޯ ބޮޑުވެފައެވެ. ސިކުނޑި ސުމަކަށް ގޮސްފައެވެ. އަހަރެންގެ ހަޅޭކުގެ އަޑަށް ހައުލާއްތައާއި އިތުރު ދެމީހަކު ދުވެފައި އައެވެ. އެމީހުނަށްވެސް ލިބުނީ އަހަރެންނަށް ލިބުނު ފަދައިން ހައިރާންކަމެވެ. ޖެހި ބުދެއްހެން ހުއްޓުން އަރާފައި އަހަރެންނަށް ހުރެވުނީއެވެ. ހައުލާއްތަ، އަހަރެން އެތަނާ ތަންކޮޅެއް ދުރުގައި ހުރި ސޯފާސެޓުގައި ބޭންދިއެވެ. ދެން ތިބި މީހުން، ހާސްވެ ތިބެ ފުލުހުންނަށް ގުޅަމުންދިޔައެވެ.
ގިނަ އިރުތަކެއް ނުވެ، ސައިރަންގެ އަޑު މާދުރުން އިވެން ފެށްޓެވެ. ރީނދޫކުލައިގެ ވަނުން މަނާ ޓޭޕުދަމާލީ އަހަރެންގެ ކުރިމަތީއެވެ. އެއިރު މުޅިގޭ ވަށައިގެން އަވަށު އެންމެންހެން އެއްވެފައި ތިއްބެވެ.
އެމްބިއުލާންސް އައިސް މަންމަ ގެންދިޔަ އިރުވެސް އަހަރެންނަށް ހަމަ އެއިން ގޮތަށް އިނދެވުނީއެވެ. ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނުވެއްޓެއެވެ. ލިބުނު ޝޮކުންނެވެ. އިހުސާސްތައްވެސް ހިނދުކޮޅަކަށް މަޑުޖެހިލި ކަހަލައެވެ. ލޮލުކުރިމަތީ ސިފަވަނީ ފެނުނު މަންޟަރެވެ.
(ނުނިމޭ)

ޚިޔާލު ފޮނުއްވާ