Views: 4478 77

ރިފްޝާން ހިނަވާ ކަފުން ކުރެވިއްޖެއެވެ. އަހަރެން ދިރިއުޅުމަށް ކުރި ހިތްވަރާއި އެކުއެވެ. ކަށުނަމާދަށްފަހު އެ ގެންދަނީ ރިފްޝާންގެ ސަންދޯކެވެ. ފަސްދާނު ލުމަށެވެ. އަހަރެންގެ ދިރި އުޅުމުގައިވި އުފާވެރިކަމާއި އެކުއެވެ.
ވަގުތު ހިނގަމުން ގޮސް އެކަންތައްވެސް ނިމުނީއެވެ. އިރު ދައުރުވަމުންގޮސް، އާ ރޭގަނޑެއްވެސް ގެނެސްދިނެވެ. އުޅުނު ތާކު އުޅެފައި މުއީނާއެކު މަންމަ އައިސް ގެއަށް ވަނީ އެހާކަށްހާއިރެވެ. ވަން ކަމެއް ނޭނގި އަހަރެން ނިކުތީއެވެ. ކުރިމަތި ލާނެ ހާ ހިތްވަރު ނެތުމުންނެވެ.
މިސްރާބަކަށް ވީ ފުށްޓަރެވެ. ދާން މާ ރަނގަޅު ތަނެއް ނޫންކަންވެސް އެނގެއެވެ. ނަމަވެސް ވިސްނުން ހުރީ ހަމައަކު ނޫނެވެ. އަހަރެން ބޭނުންވަނީ، އެކަނިވެރިކަމެވެ. ކޮއްކޮއާ ނުލައި އަހަރެންގެ ދިރިއުޅުމުގެ މާނައެއް ކޮބާހެއްޔެވެ؟ ނެތް ހިތްވަރުން އެތައް މަސައްކަތެއް ކޮށްގެން ހޯދި ފައިސާގެ އަގަކީ މިއީހެއްޔެވެ؟ ހިތުގައި ޝަކުވަލެވެ. ސިކުނޑީގައި އުދާހެވެ. ބޭރުކޮށްލަން ބޭނުންވެފައެވެ. ބައްޕަގެ މަރަށްފަހު އެކަން ކުރީ ކޮއްކޮ ގާތުއެވެ. ޅަޔަސް އެ ސިކުނޑިން އަހަރެންނަށް އެތައް ފިލާވަޅެއް ދަސްކޮށްދިނެވެ. ނަމަވެސް އެންމެފަހުން ވަކިވެދިޔައީއެވެ.
އެތައް އިރަކު ވިސްނަން އޮވެފައި އެނބުރި ގެއަށް ދާން ހިނގައިގަތީމެވެ. މަރުވީ ރިފްޝާނެވެ. އަދިވެސް ރިފާޝާގެ ރޫޙްނެތް ފުރާނަ ދިރި އެބަހުއްޓެވެ. ދިރިއުޅުން އޮތީ ކުރިއަށެވެ.
...............
"ކޮންތާކުން ތި އައީ؟" ކުރިމަތިވީ މަންމަގެ ސުވާލެވެ.
"ބެހޭ ކަމެއް ނޫން.." އަހަރެން ދިނީ، ކުރިން ދުވަހަކު ނުދޭ ކަހަލަ ޖަވާބެކެވެ.
"ރިފާޝާ؟!" ލިބުނު ހައިރާން ކަމާއި އެކު މަންމަ އަހަރެންގެ ނަމުން ފުދޭވަރަކަށް ބާރަށް ގޮވާލިއެވެ. ފުން ނަޟަރަކުން އަހަރެން މަންމައަށް ބަލައިލީމެވެ. އަހަރެންގެ އެތެރެހަށީގައިވީ އެންމެ ކަމެކެވެ. ރުޅިވެރިކަމެވެ. ހިތާމައާއި މޮޅި ބަދަލުވި ރުޅިވެރިކަމެވެ.
"ބުނަން. އިތުރު ހަޅޭކެއް އަޑު އަހާކަށް މަ ބޭނުމެއް ނޫން. މިކަމުގަ މަންމަގެ އިހުމާލުވެސް އެބެތް.. ކޮއްކޮ އެއިޑްސް ހުރިކަން ކީތްވެތަ ނޭނގެންވީ؟ މަންމައަށް ވުރެ ގާތުން ކޮއްކޮ ބެލީ ކާކު؟ ވީ ކަމެއް ވެފަ އޮންނާނީ ހޮސްޕިޓަލު ތެރޭގައްނު. މަ ކިހާ އާދޭހެއް ކުރިން ރާއްޖެއަށް ނާންނާށޭ ކިޔާފަ. މިމީހުން ކުރާނީ ހުސްވެސް މިކަހަލަ ވިޔާނުދާ ކަންކަން.." ނޭފަތް ދަމަމުން، ވާހަކަ ކުރިއަށް ގެންދިޔައިރު، މިއީ ރާއްޖޭގައި، ދަމަކު ބަޑިއެއް ޖަހާ ބީދައިން ވާކަމެއްކަން ރަނގަޅަށްވެސް ދެނެހުރީމެވެ. އެހެނަސް، ކެނެޑާގައި، އެހާ ޒަމާނު އުޅުނު އިރު ނުވި ކަމެއް މިތާ ވުމުން، ކުށްވެރި ކުރެވޭނީ ދިވެހިންތާއެވެ.
"ނޫނީ.. މިކަން މާ ކުރިންވެސް އިނގޭތީތަ ދާން ދެކޮޅު ހެދީ؟... ރުފިޔާ ހޯދައިދެވިފަ ހުންނާނެ. ބަލަ ނުލިބޭ އިރު ނޭނގޭތަ ފަސޭހަ ނުވާނެކަން އެ ހޯދަން. އަހާބަލަ. މަ ނުކުރަނީ ކީތްތޯ އެ ހޯދަން. ހަމަ އެކަނި ކޮއްކޮއަށް ޓަކާ. އެ ހުރިހާ ފައިސާ ދިޔައީ ކޮންތާކަށް؟ ބުނެބަލަ. އަދި ތާކުން މުއީނެއް ފެންނަ އިރަށް އިނީ.. ކީތްވެތަ މަ ހޯދިހާ ފައިސާޔަކާ، މުއީންގެ ފޯރުންތެރި ކަމުން ބޭރަށް ނުދެވުނީ. ކުޑަމިނުން މާލެވެސް." އަހަރެން ޝަކުވާ ކުރަމުން ގޮސް މަންމައާ ޖެހޭ ނުޖެހޭހާ ހިސާބު ގާތުގައި މަޑު ކޮށްލީމެވެ. އިހުސާސްތައް ބޭރުކޮށްލެވުމުން ކޮންމެވެސް ވަރަކަށް ރުޅިގަނޑު މަޑުވިއެވެ. އެހިނދު ކަމެއް ހަނދާންވިއެވެ.
"މަންމާ... މާހިލް. މަންމާ. ރަފީންބެއަކީ ލޯޔަރެއްނު... އެމީހުން އަހަރެމެންނާމެދު އަޅާލައޭ.. ހަމަ އަސްލުވެސް.. މިކަން ތަހުޤީގު ކުރަން ޖެހޭނެ.. ކޮއްކޮއަށް އިންސާފް.." ބުނެ ބުނެ ހުރި ޖުމުލަ މަންމަ ހުއްޓުވިއެވެ.
"މަރުވެފަ އޮތް މީހަކަށް ކޮން އިންސާފެއް. ހަމަ ޖެހިބަލަ. އިތުރަށް ބޭކާރު ކުރާކަށް އަހަރެމެން އަތަކު ފައިސާއެއް ނެތޭ.." މަންމަގެ ޖުމުލައިން އަހަރެންގެ ހިތުގައި އެތައް ކޫރެއް އެޅިގެން ދިޔައެވެ. ކުލުނަކީ މިއީހެއްޔެވެ؟
"ބޭކާރޭ؟.. ކޮއްކޮއަށް ވީ އިންސާފޭ. މަ ފައިސާ ހޯދަވެސް ފާނަން.." ހައިރާންވެ ހުރެ އަހަރެން ބުނީމެވެ. ކޮއްކޮއަށް ސަބަބެއް ނެތި އެއިޑްސް ނުޖެހޭނެކަން ހަމަ މަންމައަށް ނުވިސްނެނީ ހެއްޔެވެ؟
"މޮޔަ ނުވެބަލަ ރިފާޝާ.. ކޮންމެ ކޮންމެ ފައިސާއެއް ބޭނުންކުރަން ހެޔޮ ވާނެތަ؟ ބޭކާރު ކަންކަން ކުރަން އުޅޭނެ ކަމެއް ނެތް. ތިބުނާ ބަޔަކު އަޅާލާ ނަމަ ހޯދަން އައިސްފީހެއްނު.." މުއީން ހަޅޭއްލަވައިގަތުމުން އިތުރަށް ބަސް ބުނާކަށް އަހަރެންނަކަށް ނުކެރުނެވެ. ލޯ އަޅާލުމަށް ފަހު، ގޮސް ވަނީ ކޮޓަރިއަށެވެ. އޮތް ހަމަ އެކަނި ފުރުސަތުގެވެސް ބޭނުން ނުހިފާން މަންމަމެން އެއުޅެނި ކީތްވެ ހެއްޔެވެ؟
ހެވެވެ. އެމީހުން އެއްބަސް ނުވިޔަސް، އަހަރެން އެ މަރުގެ ޙަޤީގަތާއި، ރިޝްފާނަށް އިންސާފް ނުހޯދާ ދުލެއް ނުކުރާނަމެވެ. ރަހާ އަތުން މާހިލްގެ ނަންބަރު ލިބިދާނެއެވެ. އެމީހުން އަހަރެންނަށް އެހީވާނެ ކަމުގެ ޔަގީންކަމުގައި ފޯނު ހުޅުވާލީމެވެ.
ކޮބައިހެއްޔެވެ؟ ރަހާގެ ނަންބަރު ނެތީ ކީތްވެ ހެއްޔެވެ؟ ގައިމު ސޭވްކުރީ މިދެ އަތުންނެވެ. މެސެޖުވެސް ކޮށްފައި ހުންނާނެއެވެ. ނަމަވެސް އެކައްޗެއްވެސް ނެތެވެ. ވަގުތު ހޯދައިގެން އަހަރެންގެ ފޯނާ ކުޅޭނީ އަދި ކުޅެވޭނީވެސް ކާކަށް ހެއްޔެވެ؟
ހަނދާނަށް އައީ ހިމްޔާނެވެ. އެރޭ ހިމްޔާނާއި މުއީން ބައްދަލު ކުރި ބައްދަލު ކުރުމެވެ. އެއީ ކޮން ކަމަކު ބާއެވެ. ވިސްނާކަށް ނުހަދަމެވެ. ޖަވާބު ހޯދާނި ހިމްޔާންގެ ދުލުންނެވެ. ބޭރަށް ނުކުމެ ހިނގައިގަތީމެވެ. ހިމްޔާން ހޯދާށެވެ. އެވަގުތު ހިމްޔާން އުޅޭނެ ތަންވެސް އަހަރެންނަށް ވަރަށް ރަނގަޅަށްވެސް އެނގެއެވެ.
.....................
"ކައެ ރޭގަ މުއީން ކައިރިއަށް އައީ ކީތްކުރަން؟" ގޭންގު ހަޓު ކައިރިއަށް ދިޔަ ގޮތަށްގޮސް، އަހަރެން ދިޔައީ ސީދާ މައުލޫއަށެވެ. ހިމްޔާނަށް ލިބުނު ޝޮކު ރަނގަޅަށްވެސް ދެކުނީމެވެ. އެކުވެރިޔަކަށް ވީތީ ޖަވާބު ދޭނެ ކަމަށް އުންމީދުވެސް ކުރީމެވެ.
"އެއެއް ނުބުނެވޭނެ.." އަޑުގައިވީ ސާބިތު ކަމެވެ. ސާފުކޮށް، ހަރުކޮށް ބުނީތީ، އިތުރަށް ޖަދަލު ކުރުމެއްނެތި، އެހެންހޭ، އަހަރެން ތިކަމުގެ ޙަޤީގަތްވެސް ހޯދާނަމޭ ކިޔާ ހިނގައިގަތީ ދާށެވެ. ނަމަވެސް، އެމީހުންގެ ޑެލް، އަހަރެން ކުރި ބެއްދިއެވެ.
"އެބޭތޭ އާ ޕްލޭނެއް.." ފަހަތުން ވާހަކަ ދެއްކީ ހިމްޔާނެވެ. އަހަރެން ހަމަ ރަނގަޅަށްވެސް ހައިރާންވިއެވެ.
"ނެގި ލޯން ފުއްދިއްޖެއެއްނު. އިތުރަށް މަ ރުފިޔަލެއް ބޭނުމެއް ނޫން.."
"މާ ރަނގަޅެއްނު. ދެން ކޮށްދޭނީ ހިލޭ.." ޑެލް ބުނެލިއެވެ. އަހަރެންގެ ގާތަށް އިތުރަށް ރުޅިއައެވެ. އަހަރެން އިތުރަށް އެމީހުން ބުނާ ކަންކަން ކުރާނެ ސަބަބެއް ނެތްކަން އެމީހުނަށްވެސް އެނގެން ވާނެއެވެ.
"ރިފާޝާ... ނުދަންނަންތަ ގޭންގު ޤަވާއިދެއް؟ ވަންނަންޏާ ވަންނަންވީ. އެކަމު ފަހު ނޭވަޔާ ހަމައަށްވެސް، ނިކުތުމެއް ނޯންނާނެ. ރިފް ބޭނުމިއްޔާ ދޭ. އެކަމު ދާ ދުވަސް، އެއީ ރިފް ކުރިހާ ކަމެއް ފަޅާ އަރުވާލާ ދުވަސް. އެއްކަލަ ފިހާރައިން އަހަރެމެން ވައްކަން ކުރަންވެގެން، ސީސީޓީވީ ކެމެރާތައް ޝަޓްޑައުން ކޮށްލީ ކާކުކަން. މަގު މަތިން ދިޔަ އަންހެން ކުއްޖަކު ކިޑްނެޕް ކުރީ ކާކު ކަން. މަސްތުވާތަކެތީގެ ވިޔަފާރީގައި ގޭންގަކަށް އެހިވީ ކާކުކަން" ވާހަކަ ދައްކަމުން ދިޔައީ އަހަރެންގެ ޒަމާންވީ އެކުވެރިޔާކަންވެސް އަހަރެންނަށް ޤަބޫލުކުރަން ދަތިވިޔެވެ. ނަމަވެސް ވިސްނަން މަޖުބޫރުވިއެވެ. ބުނަން އެއުޅެނީ އަހަރެން މިހުރީ ބެދިފައޭއެވެ. އޮތް ހަމަ އެކަނި ގޮތަކީ ގޭންގު މަސައްކަތައިގެން ކުރިއަށް ދިޔުމެވެ.
އިރުކޮޅަކު އިސްދަށަށް ޖަހައިގެން ހަނު ހުރުމަށްފަހު، ފުންނޭވައެއް ދޫކޮށްލަމުން ހިމްޔާނަށް ބަލައިލީމެވެ.
"އެންމެ ރަނގަޅު... ކޮބާ ޕްލޭނަކީ." އަހަރެންގެ ނިންމުން އިއްވާލީމެވެ. އަހަރެންނަށް މިކަމުގައި ގޯހެއް ނުފެނެއެވެ. ކޮއްކޮ ވަކިވީއެކޭ ކިޔާފައި އެކުވެރިންނަށް އެހީ ވެވިދާނެއެވެ.
"މާދަމާ އަނެއްކާވެސް މާލެ ފުރަން ޖެހޭނެ.. ވަގުތު މަ މެސެޖު ކޮށްލާނަން.." ކާމިޔާބީގެ ހިނިތުންވުމަކާއި އެކު ހިމްޔާން ޖަވާބު ދިނެވެ. މައްސަލައެއް ނެތް ކަމުގައި ބުނަމުން އަހަރެން ގެއަށް ދިޔައީމެވެ. އަނެއްކާވެސް މި ފެށުނީ އާ ބާބެކެވެ. ދުނިޔެއާއި ކުރިމަތި ލާނި އާ އަހަރެންނެކެވެ.
މަންމައާ ރުޅި ހެދުނުކަން ނަސީބޭ ހިތަށް އެރިއެވެ. ދަބަސް ތައްޔާރު ކޮށްލުމަށް ފަހު ނިދަން އެރީމެވެ. ލޯބިވާ ކޮއްކޯއެވެ. ދައްތަވެސް ކޮއްކޮއާއެކު މަރުވެއްޖެއެވެ. ދެން އިތުރަށް ދިރިއުޅުމާއި މެދުވިސްނާކަށް ނެތީމެވެ.
...................
އާ ދުވަހެކެވެ. ދުވާލު ހަތަރު ދަމު ކޮޓަރީގައި އޮވެފައި، ނިކުތީ އިރު އޮއްސެނިކޮށެވެ. ފެންނަން މީހަކު ނެތުމުން، އަމިއްލައަށް ނޫޑްލްސް ޕެކެޓެއް ކައްކާލައިގެން ކާލީމެވެ. މަންމައަށް ނުވަތަ މުއީނަށް ނުފެންނާނެހެން މިސްރާބު ޖެހީ ބަނދަރަށެވެ.
ލޯންޗް، ތައްޔާރަށް އޮތެވެ. އިފްޝޮޓާއި ހިމްޔާނުގެ އިތުރުން ޑެލްވެސް ދާން، އަރާ ތިއްބެވެ. ހީވާ ގޮތުން ކުރީ ފަހަރަށްވުރެވެސް ވަރުގަދަ ޕްލޭނެކެވެ.
"ސޮރީ ރިފް. އެކަމު މިފަހަރު ޖެހޭނީ އަހަރެމެންނާ އެއްކޮށް އެގޭގަ ހުންނަންވެސް.." މާލެ މަލަމަތި ފެންނަ ވަރަށް ގާތް ވުމުން ހިމްޔާން ބުނެލިއެވެ. ހާސްކަމާއި އެކު ސަބަބު އެހީމެވެ.
"މަށާ ރަހާޔާ ބްރޭކަޕް ވީ.." މަސްނޫއީ ހިނިތުންވުމެއް ދެމުން ޑެލް ޖަވާބުދިނެވެ. ދުވާލަކު ދެ ބިޓުން ޖައްސަންޏާ ވާނީ އެވަރެވެ.
މައްސަލައެއް ނެތޭ ބުނީ އިތުރު ގޮތެއް ނެތުމުންނެވެ. އަހަރެންނަށް އޮތީ އެމީހުން ޖެހިހާ ބެރަކަށް ނެށުންތާއެވެ.
................
ފަޒާގައި ރަސްކަން ކުރަމުން ދިޔައީ ރޭގަނޑުގެ އަނދިރިކަމާއި ތެތް ފިނިކަމެވެ. އަހަރެމެން ތިބީ، ގޭގެ ޓެރަހުގައެވެ. އަހަރެމެންނޭ މި ނިސްބަތް ކުރީ، ރަށުން އައި، އަހަރެމެން ހަތަރު މީހުނާއި، އިތުރު ދެމީހެކެވެ. އެ އެންމެން، ނުލާހިކު ހަމަ ޖެހިލައިގެން ސިނގިރެޓު ބޮނީއެވެ. ހިމްޔާން ކައިރީ، ގޮތަކަށް ފިލައިގެން ހުރި އިރުވެސް، އެމީހުންގެ ބެލުންތަކުން އަހަރެންނަށް ދިޔައީ ވަރަށް އުނދަގޫ ވަމުންނެވެ.
ކެތް ނުވެގެން އަހަރެން، ހިމްޔާންގެ އަނގައިގައި އޮތް ސިނގިރޭޓު ދަމައިގަތީމެވެ. ފަކުރަކަސް، ތުންޖަހާ ދަމާލީ އެޔެވެ.
"ދެން؟ ކޮބާތަ ޕްލޭން.." ނިދި ސަވާރު ވާން ފެށުމާއި އެކު އަހަރެން އިސްވެ ބުނެލީމެވެ. ހަމަ އެއާއި އެކު އެތަނުން ފިރިހެނަކު ބަރު އަޑުން ހޭން ފެށްޓެވެ. އެމީހުން ކިޔާ ނަމުންނަމަ 'އެޖް' އެވެ. އަހަރެންނަށްވެސް ބޭނުންކުރެވޭނީ، އެނގުނު ނަމެއްތާއެވެ.
"ކޮން ޕްލޭނެއްތެ؟" އެޖް، ސުވާލުކޮށްލިއެވެ.
"މަ މިތަނަށްގެނެސް ބަހައްޓާފަ މިހުރީ ކައެމެންގެ ޕްލޭނަކަށް ކަން ކުރާކަށް ނޫންތަ" ތަންފުކެއް ދޫނުކޮށް އަހަރެން ބުނެލީމެވެ. އެއާއެކު އަނެއްކާވެސް އެޖާއި ދެން ހުރި މީހާ ޖަހާލީ ހިނި ގަނޑެކެވެ.
"އިފްޝޮޓް، ކައެ މިހާރު އަންހެން ކުދިންނަށްވެސް ގޭންގު ކަންކަން ކިޔައިދެނީތަ؟" އަހަރެންނަށް ނަން ނޭނގޭ މީހާ ބުނެލިއެވެ.
"ރިފްއަކީ މިހާރު ގޭންގުގެ ބައެކޭ.." ރައްދު ދިނީ ހިމްޔާނެވެ.
"ކިހާ މަޖާ.. މިހިރަ މަންޖެ. މީނައަށް ކީތް ވާނީ؟ އަންހެން ކުދިން މިކަމަށް ވައްދަން ވެއްޖިއްޔާ އެއް ކަމެއްވެސް ނުވެފަ އޮންނާނީ.." އެޖް ބުނެލި ޖުމުލައިން އަހަރެން ލާނެތް ހިނިތުންވުމެއް ދިނީމެވެ. އަހަރެންމީ ކިހާ ވަރެއްގެ ކާކުކަން، މިމީހުނަށް އަދި ނޭނގެނީއެވެ. އެކަމަކު ދަސްކޮށްދޭނަމެވެ.
ކުރިއަށް ފިޔަވަޅެއް އަޅާލީ ސީދާ އެޖާއި ދިމާއަށެވެ. ގޮސް މަޑުކޮށްލީ ޖެހޭ ނުޖެހޭހާ ގާތުގައެވެ. އެޖް ކޮންމެވެސް ވަރަކަށް ބިރުވެސް ގަތް ކަންނޭނގެއެވެ. ސިންގާއެއް ޝިކާރަކުރަން އޮތް ޖަނަވާރާ ދިމާއަށް ދާހެން ދިޔުމުން ވާނިވެސް އެހެންނޫންހެވެ.
"ޑޯންޓް އަންޑަރ އެސްޓިމޭޓް ވިމިން." އަހަރެން ބުނެލީ ވަރަށް ވެލާފައެވެ. އަނގައިގައި އޮތް ސިނގިރެޓު ނަގާ އެޖުގެ ކަރު ކައިރީ އަލިފާންކޮޅު ޖައްސާލީމެވެ. ތަދު ވާނެކަންވެސް އެނގެއެވެ. އެނބުރި ކުރިން ހުރި ތަނަށް އައީ، އެޖް ބޯން ހުރި ސިނގިރެޓު ހިފައިގެން، އެ އަނގަޔަށް ޖަހައިގެނެވެ. ކޮއްކޮއާއެކު ހަޔާތް މަރުވި ފަދައިން ލަދުވެސް ވަޔަށް އަރައިގެން ދިޔައީއެވެ.
އިފްޝޮޓް ރާވާފައިވާ ގޮތް އަޑު އެހުމަށްފަހު، އެރޭ ނިދަން ޖެހުނީ، ސޯފާގަނޑެއްގައެވެ. އެވެސް ހަތަރު ފިރިހެނުން ނިދާ ކޮޓަރި ގަނޑެއްގައެވެ. ބިރުވެސް ގަތެވެ. އަންހެނަކަށްވީތީ ގަންނަންވެސް ވާނެތާއެވެ.
.......................
ތައްޔާރު ވެލައިގެން، ހެނދުނު ނިކުތީ އެޖާއި އެކުއެވެ. ޕްލޭން ރޭވި މޮޅު މީހާ ރާވާފާ އޮތް ގޮތެވެ. އެކަމާ ކުސްތަޅާލަ ތަޅާލާ އެޖު ހުއްޓެވެ.
އަހަރެމެން ސައިކަލުގައި ގޮސް މަޑުކޮށްލީ އުޒެއިރު ގޭ ދޮށުގައެވެ. ހޯދިފައިވާ މައުލޫމާތުގެ އަލީގައި އުޒެއިރާއި އޭނަގެ އަންހެނުން، އިފާ އެވަގުތު ވާނީ އޮފީހަށް ގޮހެވެ. ދަރިފުޅުވާނީ، ބަލަން ގެންގުޅޭ ބިދޭސީ މީހާއާއެކު ސްކޫލަށް ގޮހެވެ. އަހަރެމެން ފާރަޔަށް ތިބީ އެ މީހާ އަންނަންދެނެވެ. ޓަރގެޓަކީ، ކުރިން ރުފިޔާ ނުދީ، ޑްރަގްތައް ހިފައިގެން ފިލި ކަމަށްޓަކައި އެމީހުން އަހަރެމެން ގޭންގު ނުހޯދާނެ ގޮތެއް ހެދުމަށެވެ.
"ކައެ މިތާ އިނދޭ.." ބިދޭސީ މީހާއެތެރެއަށް ވަނުމާއި އެކު، އެޖް ދަމުން އަހަރެންނަށް އަމުރުކޮށްލިއެވެ. ނުވިސްނޭ މީހެކެވެ. އަހަރެންވެސް އައީ އެހީތެރި ވެދޭށޭވެ. ދެންވީ މިތާ ހުންނަން ހެއްޔެވެ؟
އެހެން ހުރުމަށް ފަހު، ޖީބުން، އަހަރެން ނެގީ، އަކިރިކޮޅެކެވެ. އެއީ އަހަރެންގެ އަމިއްލަ ރޭވުމަކަށް ގެނައި އެއްޗެކެވެ. މީހަކު ބަލަން ނެތްކަން ޔަގީންކޮށްފައި، ނެގި ސާޅަނގައިން، އެ ގާ އެއްލީ، ދޮރު މަތީ އިން ކެމެރާއަށް އަމާޒުކޮށެވެ. ޖެހުމާއި އެކު އެ ތެޅުނެވެ. ދެވަނަ ގާކޮޅުވެސް އެއްލީމެވެ. ވަންނަން ހިނގައިގަތީ، އިތުރު ކެމެރާއެއް ނެތްކަމާއި، ކެމެރާގަނޑު ހަލާކުވިކަން ޔަގީންކޮށްފައެވެ. އަދި ނެގި ގަދަ ރަތް ލިޕްސިޓިކުން ތުންފަތް ފަވާލަމުންނެވެ.
ސިޑިން އެރިއިރު އެޖާއި ބިދޭސީ މީހާ ދޮރު ދެފަރާތުން ބަހުގެ ހަމަލާތަކެއް ރައްދުކުރަމުން ދިޔައެވެ. އެޖު ހުރިގޮތް ފެނިފައިވެސް، ވައްދަން އޭނާ ދެކޮޅުހެދީއެވެ. އެހިސާބަށް ފޯރުމާއި އެކު، ދެއަތުން ދެ ކެމެރާއަށް ހޫރާލީ، އަރައިގެން ހުރި ފުންނާބު އުސްފައިވާނެވެ. ޓްރެއިނިން އިން ލިބިފައި ހުރި ތަޖުރިބާއާއެކު، އެއް ޝޮޓުން ދެ ކެމެރާވެސް ހަލާކުކޮށްލެވުނެވެ. ނަމަވެސް، ބޫޓުގެ އެއް ކިބަ ތަތްލިގޮތަށް ނުއެއް ވެއްޓުނެވެ. އަޅާ ނުލާ އަހަރެން ދިޔައީ ދޮރު ކައިރިއަށެވެ. އެޖު ފާޑަކަށް އަނގަޗޭ ކޮށްގެން ބަލަން ހުއްޓެވެ.
"އޭތް އިފާ! ދޮރު ހުޅުވަބަލަ. ދޮރު!. މިދެން ކޮންކަމެއް؟" އަހަރެން ކުޅެން މި ރާވާލީ ވަރުގަދަ ޑްރާމާ ސިލްސިލާއެކެވެ.
"މެޑަމް ގޭގަ ނޫޅެނީ.. ލަކްޝްމީ ހުންނަނީ." ދޮރު އަނެއް ފަރާތުން ގޮވާލި އަޑު އިވުނެވެ.
"ދެރަ ކަމެއްނު. އިފާ ކޮއްކޮ ހުންނަނީ.. މަގޭ އިފާ ކޮއްކޮ ހުންނަނީ.. ގެއަށް ނުވައްދަނީ، ކައެ ވަޒީފާއިން ކަނޑާލަނީ.." އަހަރެން އަނެއްކާވެސް ގޮވާލީމެވެ. އެޖު ވާނުވާވެފަ ހުއްޓެވެ.
އެބުނާ ލަކްޝްމީއެއް ދޮރު ހުޅުވާލިއެވެ. އަހަރެން ހިތްހެޔޮ ފާޑު ހިނިތުންވުމެއް ދިނީމެވެ. ލަކްޝްމީ އަހަރެން ބުނިބަސް ޤަބޫލުކޮށް އެތެރެއަށް ވައްދަން އެއްބަސްވިއެވެ.
"ބުޅިބޯ ވައްތަރު، ގޮޅިޖެހި ގަމީސް ކަރުގޮތް އަޅުވާ ވައްތަރު، ޕާޓޭ ވައްތަރު ނުވައްދަނީ. މެޑަމް ރުޅިއަންނަނީ.." އެޖު ވައްދަން ލަކްޝްމީ ދެކޮޅުހެދިއެވެ. އިފާ ރަނގަޅަށްވެސް ގެއަށް ވައްދާނެ މީހުނާ ނުވައްދާނެ މީހުން ކިޔައިދީފައި ހުރީއެވެ.
"އަޅެ އިފާ ކައެ ގެންގުޅެނީ. ޤަބޫލެއްވެސް ނުކުރެވޭ.. މީނަ މައެ ބޯއި ފްރެންޑް ހުންނަނީ. ބޯއި ފްރެންޑް. މީނަ ބަހައްޓާފަ ކިހިނެއް ވަންނަނީ؟" އަހަރެން ބުނެލި ޖުމުލައިން، ލިބުނު ކުއްލި ހައިރާންކަމުން އެޖަށް ފެށުނީ ހޭށެވެ. އެކަން ފޮރުވަން ކެއްސަނީ ކަމަށް ހަދާލިއެވެ.
"އޮހް.. ބޭބް ކެއްސަނީތަ؟ އަޅެ. އޭތް، މިތަނުން ނުބައިވަސް ދުވާ ވައްތަރު ހުންނަނީ. ސާފު ކުރަން ޖެހެނީ.. އަވަސް ފެން ގެނޭ. ކައެ މައެ ބޭބް މަރާލަންތަ ބޭނުންވަނީތަ؟.." ދެންވެސް އަހަރެން ދިޔައީ ޑްރާމާއާއިގެން ކުރިއަށެވެ. ބިރުންވެސް، ލަކްޝްމީ އަހަރެމެން ވެއްދީއެވެ. ބޯނެތް މަންޖެއެކެވެ. ފެންބަލައި ދިޔުމުން، އަހަރެމެންވެސް ވަދެގެން ދިޔައީ، އޭނަގެ ފަހަތުންނެވެ.
"ކައެ ގަދަ އެނގޭ.." ވައި އަޑަކުން ކަންފަތް ދޮށުގައ އެޖް ބުނެލިއެވެ. ދެން އޮތް ބައި މަށަށޭ ބުނާ ފަދަ ގޮތަކަށްވެސް މެއެވެ.
"އޭތް މިއޮތީ ރުފިޔާ. އަހަރެމެން ޔައިން ބޭނުމޭ. ކައެ ގެނެސްދޭނަމެއްނު. ބައިވަރު ރުފިޔާދޭނަން.." އެޖު ގޮސް ޑީލް ހުށައަޅާލިއެވެ. ވަރަށްވުރެ މޮޔައީއެވެ. ދުނިޔޭގައި އުޅޭ އެ އަންހެނާއަށްވެސް ވާގޮތް ކޮންމެވެސް ވަރަކަށް ފަހުމްވާނެ ނޫންހެވެ.
"މެޑަމްއަށް ގުޅަނީ. ޕޮލިސް އަންނަނީ.." ބިރުންހުރެ ލަކްޝްމީ ދޭންފެށީ އިންޒާރެވެ. އެވެސް އަހަރެމެންނަށެވެ. ފޯނު ނަގަންވެސް ނެގިއެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ވަޅިސެޓެވެ.
(ނުނިމޭ)

ޚިޔާލު ފޮނުއްވާ