Views: 3928 56

އަހަރެންނަށް ކުރިމަތީ ހުރި މީހާއަށް ރަނގަޅަށް ބަލައިލެވުނެވެ. އެ ހަށިގަނޑުގައި ދަންނަ ގޮތެއް އެބަހުއްޓެވެ. އެ އިސްކޮޅާއި ފަލަ މިނެވެ. އިސްތަށިގަނޑެވެ. އަޅައިގެން ހުރި ފަށްވެސްމެއެވެ. ކާކުތޯ ވިސްނަމުން، ހަމަލާ ދޭން އަހަރެންނަކަށް ފަސޭހައެއް ނުވިއެވެ. އިރުކޮޅެއްގެ ތެރޭ، އެމީހާ، އަހަރެން ފާރާއި ދިމާއަށް ކޮއްޕާލިއެވެ. ޖެހުނު ގޮތަކުން، ދެން އިތުރު ހަރަކާތެއް ގެންނަން އުނދަގޫވީ އެރި ތަދަކުންނެވެ.
އެއިރު އޭނަ، އަހަރެންނާއި ދިމާއަށް އާދެއެވެ. އަތުގައި ވަޅިއެއްވެސް އޮތެވެ. އަހަރެންގެ ނަޟަރު ހުއްޓުނީ އެމީހާގެ ލޮލަށެވެ. އެއީ ހަމަ އެ ލޮލެވެ. އެ ލޯ އަހަރެން ދަންނަމެވެ. އެތައް އިރަކު އެ ލޮލަށް ގެއްލިފައި އިނީމެވެ. ނަމަވެސް ކުރީގައެވެ. މިފަހަރު ގެއްލިފަ އިންނާކަށް ވަގުތެއް ނުލިބުނެވެ. އޭނަ ހޫރާލި ވަޅިން ރެކެން ޖެހުނެވެ. އެކަން ކާމިޔާބުވެސް ކުރީމެވެ.
ކަރުގައި އިން ޓެޓޫ ފެނުނީ އެވަގުތެވެ. މިއީ އިއްތިފާގެއް ހެއްޔެވެ؟ ނޫނީ އިތުރު މީހަކު ހަމަ އެ ޓެޓޫ އެތަނުގައި ޖަހާފައި އިނީ ހެއްޔެވެ؟ ބަލަން ނުހުރެ އަހަރެންވެސް ވަޅި ނަގާ ހޫރާލީމެވެ. ދިމާވީ ސީދާ، މޫނާއެވެ. ވަޅި ޖެހުނު ބައިގެ، ފޮތިގަނޑުވެސް ކަފައިގެން ދިޔައެވެ. ކަންފަތުން ފެށިގެން މޫނާއި ހަމައަށް ކަފައިގެން ގޮސްފައިވީއިރު ހީވަނީ 'ޖޯކަރ' މޭކަޕް ކޮށްލާފައި ހުރިހެންނެވެ.
ވަގުތުގެ ބޭނުން ހިފާ، އަހަރެން، އޭނަ ފާރަށް ކޮއްޕާލީމެވެ. އަތް ހަރަކާތް ކޮށްލީ ފޮތިގަނޑު ނެގުމަށެވެ.
އެވަގުތު ހިމްޔާން އައި ގޮތަށް އައިސް، އޭނަގެ ބޮލުގައި ޖަހާ، ރުމާލުން އަނގަމަތި ނިވާކޮށްލީ، އަހަރެން ކޮއްޕާލާފައެވެ. ލިބިފައި ހުރި ހަމަލާތަކުގެ ސަބަބުންނާއި އެކު މާގިނައިރު ތަކެއް ނުވެ، ހޭނެތިގެން، އެމީހާ ވެއްޓުނެވެ. އަހަރެންނަށް ހުރެވުނީ ބަލާށެވެ. އެއީ ހަމަ އޭނައެއް ނޫންހެވެ؟
އެކަން ކޮށް ނިންމާލުމަށް ފަހު ހިމްޔާން އަހަރެންނާއި ދިމާއަށް ބަލައިލިއިރު ބެލުމުގައިވީ ރުޅިވެރިކަމެވެ. އެއީ ކީއްވެ ހެއްޔެވެ؟
ދިޔަ މަގުމަތީ ދެން ތިބި ދެމީހުން، އަހަރެން، ކުރި ހިތްވަރަށް މަރުހަބާ ކިޔާ އުޅުނެވެ. ހިމްޔާން ހުރީ މަޑުމަޑުންނެވެ. ކޮންމެވެސް ކަމަކާ ނުރުހިފައެވެ.
ބަނދަރަށް ދެވުނު އިރު ދެ ލޯންޗު އޮތީ ތައްޔާރަށެވެ. އެ އެއްޗެހިތައްވެސް ހުރީ ދެ ލޯންޗައް ބަހާލާފައެވެ. ހަމަ ޖެހިފައި އޮތީ، އަހަރެމެން ސީދާ، ރަށަށް ދާ ގޮތަށެވެ. އެހެންކަމުން، އަހަރެމެން ތިން މީހުން އެކައްޗައް އެރީމެވެ. އެރުމާއި އެކު ދުއްވާލިއެވެ. އައި އިރަށްވުރެ މާވެސް ބާރަށެވެ. އެމީހުން ހޭ އެރުމުގެ ކުރިން ކޮންމެހެންވެސް އަހަރެމެން ދާން ޖެހޭނެއެވެ.
.................
"ހިމްޔާން..." އަހަރެން ގޮވާލީމެވެ. އެއަޑަށް އިފްޝޮޓްވެސް ބަލައިލިއެވެ. ފެންނަ ފެނުމަށް، އިފްޝޮޓް ހުރީ އަހަންނާމެދު ވަރަށް ހިތްހަމަ ޖެހިފައެވެ.
"ކިހާ ދެރަ ކަމެއްތަ؟ އާން. އެއީ ތާނިމް. ކަލޭގެ ހަސަން ތަކުރު. ހުސެން ތާނިމް. އެކަމު ކައެ ވެސް، އެހެން ގޭންގު ތަކުގެ މީހުނާ ލަވް ޑްރާމާ ކުޅެން ހަދާނެ ކަމެއްނެތް.." ރުޅިވެރި ކަމާއި އެކު، ހިމްޔާން ހަޅޭއް ލަވައިގަތް އަޑަށް ކައްޕިވެސް އަހަރެމެންނާ ދިމާއަށް ބަލައިލިއެވެ. އިފްޝޮޓަށް ބަލައިލުމުން، އެބުނީ ތެދެކޭ ބުނާ ފަދަ ގޮތަކަށް ބޯ ޖަހާލިއެވެ.
"އޯކޭ.. ސޮރީ. ކުރިން މަށަކަށް ނޭނގޭ އެއީ ގޭންގެއްގެ މީހެއް ކަމެއް. އަސްލުވެސް ސޮރީ. އެހެން ނޫނަސް އޭނަޔާ މަށަކާ އެއްވެސް ގުޅުމެއް ނެތެއްނު. ނުވެސް ބާއްވާނަމޭ.." އަހަރެން ބުނެލީމެވެ. އެންމެ ގާތް އެކުވެރިޔާ އެގޮތަށް ރުޅިއައިސްފައި ހުރުމުން އުނދަގޫ ވަނީއެވެ.
"މްމް ދެން ބަހައްޓާ.." ހިމްޔާންވެސް އަޑު މަޑު ކޮށްލާފައި ބުނެލިއެވެ. މޫޑު ކަޓާފައި އިނުމުން، އަހަރެން އެއްކައިރިޔަކަށް ޖެހިލީ އިފްޝޮޓާއި އެކުއެވެ.
"ހަމަ އަސްލުވެސް އެއީ އެ ތަ؟" އަހަރެން އެހީމެވެ. އެ ފޮށި ތަކަށް އިށާރާތް ކޮށެވެ.
"އެނގެޔޭ ރިފާޝާ މިކަމުގެ ތެރެއަށް ވަންނަން ބޭނުން ނުވާނެކަން. ގޯސް ކަމެއްކަންވެސް އެނގޭ. އެކަމަކު މީ ހާދަ ބައިވަރު ރުފިޔަލެކޭ. ރިފްއަށްވެސް މިކަމުގެ ތެރޭ އުޅެލީމަ އެނގޭނީ ލިބޭވަރު. މިހާ ވަރަށް ފައިދާވާ ވިޔަފާރިއެއް ދުނިޔެމަތީވެސް ނޯންނާނެ." އަހަރެން ކުރި ސުވާލަށް ބޯޖަހާލަމުން އިފްޝޮޓް ކިޔައިދިނެވެ.
"މިކަމުން ލިބޭ ފައިދާ ރިފް އަށްވެސް ލިބޭނޭ. އަން. މީ މިކަން ސިއްރު ކޮށްދޭތީ.." ފަސްސަތޭކަ ރުފިޔާގެ ނޫޓެއް ދެމުން އިފްޝޮޓް ހިނިތުންވެލިއެވެ. އަހަރެންވެސް ބަދަލުގައި ހިނިތުންވުމަކުން ފުއްދާލީމެވެ.
...................
އަހަރެން ގެއަށް ވަންނަން ދިޔައީ ވަރަށް ބިރުން ހުރެއެވެ. މަންމަމެންނަށް ފެންނަ ހިނދު ރުޅި އައިސް އެއްޗެހި ކިޔާނެކަން އެނގޭތީއެވެ. ނަސީބަކުން ދަންވަރުގެ އެ ގަޑީގައި ގޭތެރެ ވަރަށް ހަމަ ހިމޭނެވެ. މަންމަގެ ފައިވާން ނެތުމުން ވީ ކޮއްކޮ ކައިރީގައި ކަން އެނގުނެވެ. ކޮޓަރީގައި މުއީން އުޅެއެވެ. ހީވާގޮތުން ނިދާފައެވެ.
އަހަރެން ގޮސް އަހަރެންގެ ކޮޓަރިއަށް ވަނީމެވެ. ކަންކަމާ ވިސްނަން މަޑުނުކޮށް އަހަރެން އަވަސްއަވަހަށް ފެންވަރާލީއެވެ. އަދި ނިދަން ތައްޔާރުވެލައިގެން އެނދުގައި އިށީންދެލީމެވެ. ޚިޔާލުތައް އަންނަން ފެށްޓެވެ. ކުރެވުނު ކަމާއި މެދުއެވެ. ކިހާ އަޒާބެއް އަހަރެންނަށް ލިބޭނެ ހެއްޔެވެ. މި ކުރެވުނީ ކިހާ ގޯސްކަމެއް ހެއްޔެވެ. އެހެން ވިސްނުމަށް ފަހު އަނެއްކޮޅުވެސް ބަލައިލީމެވެ. އެމީހުންވެސް އެކަން އެކުރަނީ ރުފިޔަލަށެވެ. މިނޫން ގޮތެއް ނެތީމައެވެ.
ވިސްނަން އިނދެފައި އަހަރެން ބޭރަށް ނިކުމެލީމެވެ. ފުރާޅަށް އަރާލީ، ހިތަށް ހަމަ ޖެހުމެއް ލިބޭތޯއެވެ. ތާނިމްގެ ފިކުރުތައްވެސް އަހަރެންނަށް ތުރާ ދެމުން އައީ ކެތް ނުވާ ވަރަށެވެ.
އެހެން ފުރާޅުގައި އޮއްވާ ފެނުނު މަންޟަރަކުން ހައިރާން ވިއެވެ. ގޭތެރެއިން ނުކުމެގެން އެދަނީ މުއީނެވެ. ފަތިސް ނަމާދަށްވެސް ނުދާ މީހަކު އެގަޑީގައި ބޭރަށް ދާތަން ފެނުމުން ހައިރާންވެސް ވާނެ ނޫންހެވެ. މުއީން އައީ، އަހަރެމެންގޭ ގޯޅިގަނޑަށެވެ. އެހެންކަމުން، ފުރާޅުގައި އޮންނަ އިރު މަންޟަރު ނުހަނު ރީތިކޮށް ފެނެއެވެ.
ދެންވެސް ފެނުނީ އަހަރެން އިތުރަށް ހައިރާންވާން ޖެހޭ ކަމެކެވެ. މުއީނާ ބައްދަލު ކުރަން އައި މީހާއެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ.
ހިމްޔާނެވެ. އަހަރެން ފަރުވަތެރިވެ ބަލަން އޮތީމެވެ. ދެމީހުންގެ މޫނު މަތިންވެސް ހާސްކަން ފާޅުވާން ހުއްޓެވެ. ރިފާޝާއޭ ކިޔާހެން ވަރަށް ހީވެއެވެ. އެންމެ ފަހު ކަމަކަށް މުއީން، ފައިސާ ތަކެއް ހިމްޔާން އަތަށް ދިނެވެ. އަދި ދެމީހުންވެސް، އެނބުރި އައި ދިމާއަށް ދާން ހިނގައިގަތެވެ.
މުއީނާ ހިމްޔާން ދައްކަން އޮންނާނީ ކޮން ސިއްރު ވާހަކައެއްހެއްޔެވެ. މުއީން އެ ދިނީ ކޮންހާ ލާރިއެއް ހެއްޔެވެ. ވިސްނާ ވަރަކަށް ވިސްނޭނީ އެންމެ ނުބައިކޮށެވެ. ފަހަރުގައި އެއީ ގެނައި މަސްތުވާ ތަކެތި ގަންނަން ދިން އެއްޗަކަށްވެސް ވެދާނެ ނޫންހެވެ. އެއިން ރިފްޝާނަށް ޚަރަދު ކުރިއްޔާ ވާނީ ކީތްހެވެ. އެކަމުގެ ސަބަބުން އަހަރެންގެ ހިތް ގޯސްވީ ހަމައެކަނި މުއީނާ މެދުއެއް ނޫނެވެ. ހިމްޔާނާމެދުވެސް ދެކެމުން އައި ގޮތް ބަދަލުވެގެން ދިޔައެވެ.
..............................
ހެނދުނު ހޭލެވުނު އިރު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ތައްޔާރުވެލައިގެން އަހަރެން ނިކުތީ ކޮއްކޮ ކައިރިއަށް ދިޔުމަށެވެ. ނުހަނު ހަމަ ޖެހިލައިގެން ހިނގާލާފައި ދިޔައީ ލަވައެއް ކިޔަމުން، ބޯވެސް އެއަށް ތަޅުވަމުންނެވެ. ސްކޫލަށް ނުގޮސް ސްކޫލް ކުއްޖަކު ރަށުގަ ގިނަވެގެން އުޅޭތީ ބަލާ މީހުންގެ ބެލުންތަކަށްވެސް އިސްތަށްޓެކޭވެސް ހިތަށް ނާރުވަމެވެ.
ކޮއްކޮ އޮންނަ ކޮޓަރި ދޮރު ހުޅުވާލީ، ހިނިތުންވެލައިގެން އޮތް ރިފްޝާނެއް ދުށުމުގެ އުންމީދުގައެވެ. ނަމަވެސް އެނދު ވަށާލައިގެން ތިބީ ހާސްވެފައި ތިބި ނަރުހުންނެވެ. ގަތް ބިރުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެނދު ކައިރީ މަޑުކޮށްލީމެވެ.
ކޮއްކޮ ކެއްސަ ކެއްސާފައި ހޮޑުލަމުން ދިޔައިރު ނޭފަތުންނާއި އަގައިން ބޭރުވަމުން ދިޔައީ ރަތްކަން ގަދަ އޮލަ ލެއެވެ. މުޅި ދެލޯ ރަތްވެފައި ވީ އިރު ހަށިގަނޑުގައި އެތްވެސް ހަކަތައެއް ނެތެވެ.
"ކޮބާ މަންމަ؟" ވީ ގޮތް އޮޅުން ފިލުވުމުގެ ކުރިން އަހަރެން ސުވާލެއް ކުރީމެވެ. އެވެސް އެތައް އިރަކު މަންޟަރު ޤަބޫލު ނުކުރެވިގެން ހުއްޓި ހުރެފައެވެ. ކޮއްކޮ މިޙާލަށް ވެއްޓުނު އިރު މިތާ ބެލެހެއްޓުންތެރިޔަކު ހުންނަން ޖެހޭނެ ނޫންހެވެ.
"ޖެހިގެން ހުރި ކޮޓަރީގަ..." ނަރުހެއްގެ ޖަވާބާއި އެކު އަހަރެން ދުއްވައިގަތީމެވެ. ވަންއިރު މަންމަވެސް އޮތީ އެނދެއްގައި ބާއްވާފައެވެ. ކައިރީގައި ނަރުހެއް އިން އިރު، މަންމަގެ ދެލޯ އޮތީ މެރިފައެވެ.
"ކިހިނެއް ވެގެން މި އުޅެނީ؟" އަހާލީމެވެ. ތާށިވެފައިހުރި އަޑުން، ނިކުތް ވަރަކުންނެވެ. އެއިރު އަހަރެން ދާހިތްލާ، މުޅިން ފޯވެއްޖެއެވެ. ލިބިފައި ހުރި ހާސްކަމުގެ ބޮޑު ކަމުންނެވެ.
"ކޮއްކޯ.. ރިފްޝާން، އެޗްއައިވީ އަށް ޕޮސިޓިވްކަން އެނގުނީމަ.. މަންމަ ހޭނެތުނީ.." ނަރުސް ކުއްޖާގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. ފޮރުވިފައިވި ހިތާމައެވެ. ހިތެއް ވާ ކޮންމެ މީހަކަށްވެސް އަސަރުކުރާނެއެވެ.
"ކޮންމެހެން ހަދަ ހަދައިގެން ވާހަކަ ދައްކާނެ ކަމެއް ނެތް. ކަލޭ ތި ބުނަނީ މަގޭ ކޮއްކޮއަކީ އެއިޑްސް ޖެހިފައި ހުރި މީހެކޭތަ؟ ނުވާނެ ތިހެނެއް؟" އައި ރުޅިން އަހަރެންނަށް ވާހަކަ ދެއްކުނީ އެނގުނު އެންމެ ހަޑި ބަހުރުވައިންނެވެ. މިފަދަ ޙާލަތެއްގައި ބަޔަކު ސަމާސާ ކުރަންޏާ އެހެން ވާހަކަ ނުދެއްކެންވީ ސަބަބެއްނެތެވެ.
"އެއިޑްސް ޖެހިފައި ހުރިތާ ކިތަންމެ ދުވަހެއް. މިކަން ކުރިން ބެލެނިވެރިޔާއަށް އަންގާފަ އޮންނާނީ. މަންމައަށް ނޭނގޭކަމެއް އަޅުގަނޑުމެންނަކަށްވެސް ނޭނގެ." ދެންވެސް އެ ނަރުސް، ބުނި ބަސް އަނބުރާ ގެންދާކަށް ނޫޅުނެވެ. އަހަރެންގެ ބޮލަށް ސަވާރުވާން ފެށީ ބަޔާން ކުރަން ދަތި އިހުސާސްތަކެކެވެ.
"ނޫން.. ތީ ދޮގެއް.. ބުނޭ ތީ ދޮގެކޭ.." ހަޅޭއް ލަވައިގަންނަމުން، އަހަރެން ދިޔައީ އެތަނުން ނުކުންނާށެވެ. އެނބުރި ކޮއްކޮ ގާތަށް ދިއުމަށެވެ. އަހަރެންގެ ނަސީބުގައި ކުޑަވެސް ރަނގަޅު ކަމެއް ނެތީހެއްޔެވެ؟
ނުކުމެވުނު އިރު، އެމީހުން، ކޮއްކޮ ނެރެނީއެވެ. ރިފްޝާން، ކުކުރަމުން ދިޔައެވެ. މަޑުމަޑުން އޮންނަ އެ ކުއްޖާ ތެޅެމުން ދިޔައީ އަޅަމުންދާ ވޭންތަކަށް ކެތް ނުކުރެވިގެންނެވެ. މުޅި ހަށިގަނޑު ވަނީ ހުދުވެސް ވާން ފަށާފައެވެ.
"އޭތް... ކޮންތާކަށް ތި ގެންދަނީ... މަގޭ ކޮއްކޮ.. އޭތް.." އަހަރެން ހަޅޭއްލަވަން ފެށީމެވެ. ބަލަން ތިބޭ މީހުން ބުނާނީ މޮޔަ ގޮވަނީއޭއެވެ. އަހަރެން ހުރީ ހަމަ ހޭގައެވެ. އަމިއްލަ ފުރާނަ ފަދައިން ލޯބިވާ ކޮއްކޮ، ކެތް ނުވާ ފަދަ ބަލިޙާލުގައި އޮއްވާ، ކޮޓަރީން ނެރެގެން ގެންދިޔުމުން، ކެތްވާނީ ކިހިނަކުން ހެއްޔެވެ؟
އަޑު ހުރިވަރަކުން ހަޅޭއްލަވަމުން އަހަރެން ދިޔައީ އެމީހުން ހުއްޓުވާށެވެ. ކިޔޭ ނުކިޔޭއެއްވެސް ނޭނގޭ ޙާލުގައެވެ. އައިސީޔޫ ދޮރާ ހިސާބުން އަހަރެންނަށް ޖެހުނީ ހުއްޓޭށެވެ. އެމީހުން ހުއްޓުވީމައެވެ. އެތެރެއަށް ވަނަ ނުދިނީމައެވެ.
"މަގޭ ކޮއްކޮ... ކޮއްކޮ.." އަހަރެން ހިފާއްޓައިގެން ހުރި ނަރުސް ކުދިންތައް ކައިރީ ރޮމުން ދިޔައީމެވެ. ހުރި ހަމައެކަނި ކޮއްކޮއެވެ. ބައްޕައަށްފަހު އެންމެ ލޯބިވީ ފިރިހެނާއެވެ. ވަކިވެގެން ގޮސްފިނަމަ ކެތް ކުރާނީ ކިހިނަކުން ހެއްޔެވެ؟
ބޭރު ދޮރުން ވަދެގެން އައި މީހެއްފެނި އަހަރެން ބާރު ބާރަށް ހިނގައިގަތީމެވެ. ނަރުހުންގެ އަތްތައްވެސް ފޮޅުވާލާފައެވެ.
"ކަލޭ!" ގޮސް އަހަރެން ރުޅިވެރިކަމާއި އެކު ބުނެލީމެވެ.
މުއީންގެ މޫނުމަތިންވެސް ފެނުނީ ހައިރާންކަމެވެ. ދުވަހެއްގެ ކޮޅުންވެސް ރުހުމުގެ ލޮލަކުން ބަލައިލާފައި ނުވި ނަމަވެސް، އެ ފަދަ ގޮތަކަށް އަހަރެން މުއީނާ މުޚާތަބުކޮށް ނުހަދަމެވެ.
"އާނ ކަލޭ... ކަލެއާ ހެދި ވާހާ ކަންކަން. ކަލެއަށް ކުރިންވެސް ކޮއްކޮ އެޗްއައިވީއަށް ޕޮސިޓިވް ކަން އެނގޭ. ބުނެބަލަ ނޭނގެޔޭ.. ކަލޭ ހަމަ ގަސްދުގަ އަހަރެމެން ކައިރީ ނުބުނީ. ހުންނަ ނުލަފާކަން.." އައި ރުޅީގައި އަހަރެން ދުލަށް އައިހާ އެއްޗެއް ކިޔަމުން ދިޔައީމެވެ.
ހޮސްޕިޓަލަށް އެއްވެ ތިބި މީހުން އަހަރެން ހުއްޓުވަން އުޅެމުން ދިޔައެވެ. ނަމަވެސް އަހަރެން ވީ ވަރަކުން އެމީހުންގެ އަތްތައް ފޮޅުވަމުން ދިޔައީމެވެ. އެއްވެސް އެއްޗެކޭ ނުބުނެ މުއީން އެތެރެއަށް ވެދެގެން ދިޔުމުން އަހަރެންގެ ރުޅިވެރިކަން ވީ އިތުރެވެ. ރިފްޝާނާ މެދު ހިތުގައި ކުލުނެއް ނުވާ ނަމަ ފުރަތަމައިނުންވެސް މަންމައާ އިނީ ކީތްކުރަންހެއްޔެވެ؟
ވަގުތު ހިނގަމުން ދަނީއެވެ. އައިސީޔޫގައި ހިނގާކަމެއް އަހަރެންނަކަށް ނޭނގެއެވެ. ކިތަންމެ ފަހަރަކު އެ ދޮރު ފަޅާލާފައި އެތެރެއަށް ވަދެފާނަމޭވެސް ހިތަށް އެރިއެވެ.
"މީ ކަލޭމެންގެ އިހުމާލުން ވީ ކަމެއް. އަހަރެމެން ނެތް ފައިސާއިން ޚަރަދުކުރީމަ، ކަލޭމެން ރަނގަޅު ނޫން ލޭ އަޅަނީ. މަގޭ ކޮއްކޮއޭ... އެންމެ ހަތް އަހަރު.. އެންމެ ހަތް އަހަރޭ އެވީ. ކަލޭމެން އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟" އައި ރުޅީގައި އަހަރެން ބުނަމުން ދިޔައީމެވެ. ހޮސްޕިޓަލުގައި ތިބިހާ ބަޔަކާއި މުޚާތަބު ކޮށެވެ. ވަކި ވަކިން އެކި އެކި މީހުނަށް އިނގިލި ދިއްކުރަމުންނެވެ. ރޮއެވުނީ ކިހާ ވަރަކަށް ކަމެއްވެސް ނޭނގެއެވެ. ހުސްވާނަމަ ލޮލުން ކަރުނަ ހުސްވިތާވެސް ކިތަންމެ އިރެކެވެ.
އައިސީޔޫ ދޮރު ހުޅުވާލާފައި ޑޮކްޓަރު ނިކުތީވެސް އަހަރެން އެފަދަ ޙާލެއްގައި އުޅެނިކޮށެވެ. އަހަރެން ހުރީ ދުއްވައިގަންނަން ތައްޔާރަށެވެ. ނަމަވެސް އެމީހުން އަހަރެން ދިޔަ ނުދިނެވެ. އަހަރެންގެ ކޮއްކޮގެ ޙާލު ދެކިލުމަށް ދިޔަނުދިނެވެ.
އެމީހާއާ މުއީން ގާތް ވެލިއެވެ. ކޮންމެވެސް ވާހަކަތަކެއް ދެއްކިއެވެ. ހާސްވެ ހުރެއެވެ. އަހަރެންގެ ރުޅިގަނޑު އޭގެ ހަމައިން ނެއްޓީ އެވަގުތެވެ. އަރާފައި ހުރި ވަރުގަނޑާއި އެކު، ހިފައްޓައިގެން ތިބިހާ ބަޔަކު ފޮޅުވާލަމުން ދުވެ ގޮސް އެމީހުނާ ހަމަ ކުރީމެވެ. މާނޭވާ ލެވޭވަރުން ވާހަކަ ދައްކަންވެސް އުނދަގުލެވެ.
"ކޮބާ؟ މަގޭ ކޮއްކޮ ކޮބާ؟" އަހާލީމެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދެއްކިއެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލަނީއެވެ. އެމީހުން ބަހަކުން ބަހެއް ނުބުނަނީ ކީތްވެ ހެއްޔެވެ؟ އަހަރެން ތާކު ހުރި ކުޑަ ކުއްޖެއް ވައްތަރު ޖަހަނީ ހެއްޔެވެ؟ ނޫނެކެވެ. ސަތާރަ އަހަރު ފުރިހަމަވެފައި ވީ އިރު، އަމިއްލަ ކޮއްކޮގެ ޙާލަތު އެނގުމުގެ ޙައްޤު އަހަރެންނަށްވެސް އޮންނަން ވާނެއެވެ.
އެމީހުން ނުބުނުމުން އަހަރެން ހިނގައިގަތީ ވަންނާށެވެ. ކޮއްކޮގެ ގާތަށް ދާށެވެ. އެކަން ހުއްޓުވީ މުއީންއެވެ. ޙާލަތުގެ ގޮތުން އެންމެ ރަނގަޅު ގޮތް ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް އެކަން ވެސް ވީ އަހަރެންގެ ހިތުގައި އަނދަމުން ދިޔަ ރުޅިވެރިކަމުގެ އަލިފާނަށް އިތުރުވި ދަރަކަށެވެ.
"ކޮއްކޯ... ރިފްޝާން.." ޑޮކްޓަރު ވާހަކަ ދައްކަމުން ގޮސް ހުއްޓާލިއެވެ. އަހަރެން އެނބުރި ބަލައިލީމެވެ. ޝަކުވަލާއި އެކުއެވެ. ބުނެބަލާށެވެ. ކޮއްކޮ އަހަރެންނާއެކު ވޭތޯ ނޫނީ ވަކިވެ ދިޔައީކަން ހާމަ ކޮށްބަލާށެވެ. މިހުރީ އަޑުއަހާށެވެ. ކެތްތެރިވެވޭތޯ ބަލާނަމެވެ.
"ސޮރީ... ގިނަ ކޭސްތަކަށްވުރެ ގިނަ ދުވަހު ރިފްޝާން ދިރިދުނިޔޭގައި ހުރި. އެކަމަކު ކޮންމެ މީހަކުވެސް.." ޑޮކްޓަރު މާޔޫސީ އަޑަކުން ބުނަމުން ދިޔައެވެ.
"އުނހުނ. ތިހެން ނުބުނާތި. މަށަށް އެނގެޔޭ ކަލޭމެން ހަމަ މަގޭ ހިތް ތަޅުވަންކަން ތި އުޅެނީ.." އަހަރެންނަށް ކިޔޭ ނުކިޔޭ އެނގުނު ނަމަވެސް އޭގެން ދޭހަވާން ޖެހޭ އެއްޗެއް ހުދު އަހަރެންނަށްވެސް ނޭނގެއެވެ.
"ދުނިޔެއަކީ ވަގުތީ ތަނެއް. އަހަރެމެންނަށް ރިފްޝާން.. ސަލާމަތެއް ނުކުރެވުނު.." ހިތްތަޅުވަ ތަޅުވާފައިވެސް ޑޮކްޓަރު ޖުމުލަ ފުރިހަމަ ކޮށްލިއެވެ. އަހަރެންގެ ރުއިން އޭގެ މާކުރިން ސުރެވެސް ފަށައިފީމެވެ. ދުނިޔެއަކީ ހާދަ ކެހިވެރި ތަނެކެވެ. ބައްޕަޔަށްފަހު ކޮއްކޮވެސް ވަކިވެގެން ދިޔައީ ހެއްޔެވެ؟ އަހަރެމެން ދެމައިން ދުނިޔޭގައި އެކަނިވެރި ވީ ހެއްޔެވެ؟
.......................
މަންމަ ހޭ އެރުމާއި އެކު ލިބުނު ޚަބަރުން، ޙާލު ވަރަށް ދަށަށް ދިޔައެވެ. އިތުރު ގޮތެއް ނެތް ކަމަށް ފެނުމުން، އެވަގުތުގައިވެސް އެޑްމިޓް ކުރީއެވެ. ބޮލަށް ވެރިވެފައި ހުރި ހާހާއި އެކު އަހަރެން، ހިނގައިގަތީމެވެ. ނުކުންނާށެވެ. ހޮސްޕިޓަލުން ނުކުންނާށެވެ. ކޮއްކޮގެ ފަހު މަންޒިލުން ބޭރުވާށެވެ. މިސްރާބެއް ނެތް މީހެއް ފަދައިންނެވެ. ދެވޭ ދިމާލެއްވެސް އަހަރެން ނުބަލަމެވެ.
ޚަބަރު ލިބިގެން ހޮސްޕިޓަލާއި ދިމާއަށް ދަމުން ދިޔަ އެކި އެކި އުމުރުގެ، އެކި އެކި ފަންތީގެ މީހުން، އަހަރެންނަށް ބަލަމުން ދިޔައެވެ. ބައެއް މީހުން އަހަރެން ހުއްޓުވާ ހިތްވަރު ކުރަން ބުނުމަށް މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އަހަރެން ދިޔަ މަގުން ދިޔައީ ކުރިއަށެވެ.
ފަހަތުން ދުވެފައި އައި މީހަކު އަހަރެން ހުއްޓުވާ އަނބުރާލިއެވެ. މޫނު މަތީގައި ވީ ހާސްކަމެވެ.
"ހިމްޔާން.." ކިރިޔަ ކިރިޔާ ނުކުތް އަޑުން އަހަރެން ގޮވާލީމެވެ. އިތުރަށް މަޑުކުރުމެއް ނެތި، ކޮނޑުގައި ބޯ އަޅާލީ ހިތަށް ކޮށްފައިވި އަސަރެއްގެ ބޮޑުކަމުންނެވެ. އަޑުން އަޑު ނަގައި ރޮމުން ދިޔައީމެވެ. އަހަރެން އާންމުކޮށް ކޮށް އުޅޭ ކަމެއްވެސް ނޫނެވެ. ނަމަވެސް އިންސާނުންގެ ހިތަށް ކެތް ކުރުމުގައި ހައްދެއް ވާ އިރު، އެ ހައްދު ފަހަނަ އަޅާ ދިޔުމުން، މިހެންވެސް ވާނެތާއެވެ. ޒުވާން ފުރައިގެ، ލާނެތް ކުދިން، މަގު މެދުގައި، ރޯ މެންދުރު ކުޅެމުން ދިޔަ ޑްރާމާގަނޑު ބަލަން ތިއްބެވެ. އަޅައެއް ނުލަމެވެ. ކީތްހެވެ. ލޯބިވާ މީހުން ވަކިވެ ދިޔުމުން އެންމެންގެ ހިތަށްވެސް އަސަރު ކުރާނެ ނޫންހެވެ.
...................
އެނބުރި ހޮސްޕިޓަލަށް ގޮސްވެސް އަހަރެން މީހަކާ އަނގައިން ނުބުނަމެވެ. ހިމްޔާނާ ޖެހި ފިތިގެން ގިސްލަ ގިސްލާ އިނީއެވެ. އުމުރުގެ ނާޒުކު ކަމާއި އެކު، މީހުން ދައްކާނެ ވާހަކައަކަށް ފަރުވާލެއް ނެތެވެ.
ރިފްޝާން ހިނަވާ ކަފުން ކުރެވިއްޖެއެވެ. އަހަރެން ދިރިއުޅުމަށް ކުރި ހިތްވަރާއި އެކުއެވެ. ކަށުނަމާދަށްފަހު އެ ގެންދަނީ ރިފްޝާންގެ ސަންދޯކެވެ. ފަސްދާނު ލުމަށެވެ. އަހަރެންގެ ދިރި އުޅުމުގައިވި އުފާވެރިކަމާއި އެކުއެވެ.
ވަގުތު ހިނގަމުން ގޮސް އެކަންތައްވެސް ނިމުނީއެވެ. އިރު ދައުރުވަމުންގޮސް، އާ ރޭގަނޑެއްވެސް ގެނެސްދިނެވެ. އުޅުނު ތާކު އުޅެފައި މުއީނާއެކު މަންމަ އައިސް ގެއަށް ވަނީ އެހާކަށްހާއިރެވެ. ވަން ކަމެއް ނޭނގި އަހަރެން ނިކުތީއެވެ. ކުރިމަތި ލާނެ ހާ ހިތްވަރު ނެތުމުންނެވެ.
މިސްރާބަކަށް ވީ ފުށްޓަރެވެ. ދާން މާ ރަނގަޅު ތަނެއް ނޫންކަންވެސް އެނގެއެވެ. ނަމަވެސް ވިސްނުން ހުރީ ހަމައަކު ނޫނެވެ. އަހަރެން ބޭނުންވަނީ، އެކަނިވެރިކަމެވެ. ކޮއްކޮއާ ނުލައި އަހަރެންގެ ދިރިއުޅުމުގެ މާނައެއް ކޮބާހެއްޔެވެ؟
(ނުނިމޭ)

ޚިޔާލު ފޮނުއްވާ