Views: 3987 55

"ރިފްޝާން... ރިފްޝާން.." ހައުލާއްތަ ބުނަމުން ދިޔައެވެ.
"ޝޯންއަށް ކިހިނެއްވީތަ؟" އެހި އިރުވެސް އަހަރެންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ކުޑަ ކަމެއް ވެގެން މީހަކު އެވަރަށް ހާސް ނުވާނެކަން އަހަރެންނަށްވެސް އެނގެއެވެ.
.......................
"ރިފްޝާން... ދެ ކިޑްނީ ވެސް ފެއިލްވެފަ!." ލިބުނު ކުއްލި ޝޮކާއި އެކު އަހަރެން ދުއްވައިގަތީމެވެ. އެ ހުރި ގޮތަށެވެ. ލައިގެން ހުރި ނިދާހެދުމުގައެވެ.
ހޮސްޕިޓަލަށް ދެވުނު އިރު މަންމަ ރޮއެ ހޭރެނީއެވެ. މުއީން، މަންމަ މަސްލަސް ކުރެވޭތޯ އުޅެއެވެ. އަހަރެން އިތުރު ކަމެއް ކުރާކަށް ނުހަދަމެވެ. ގޮސް މަޑުކޮށްލީ ރިސެޕްޝަން ކައިރީއެވެ.
"ކިހާވަރެއް؟ ކިހާވަރެއްހޭ ޑައިލަސިސް ހަދަން ބޭނުންވަނީ؟" ރުޅިވެރި ކަމާއި އެކު އަހަރެންނަށް އަހާލެވުނީ ހުރި އެންމެ ބާރު އަޑުންނެވެ. އެއިއިރުވެސް ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔައެވެ.
"މިވަރުން ވާނެތަ؟" ފައިސާ ބޮނޑި ނަގާ، މޭޒުމަތީ އަހަރެން ބާއްވާލީމެވެ. އެއަށް ބަލައިލާފައި އިތުރަށް ބޭނުން ވާނެ ވަރު، އެތާ ތިބި މީހުން ބުނެދިނެވެ.
އިތުރު ވިސްނުމެއް ނައުމުން އަހަރެން ދުއްވައިގަތީމެވެ. ބޭރަށެވެ. އެއިރު މުއީން ކޮންމެވެސް އެއްޗެކޭ ކީކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް އެވަގުތަށް އަހަރެންނަށް މުހިންމުވީ ކޮއްކޮއެވެ.
..................
"ހިމްޔާން!" ހިމްޔާން އުޅޭ ގޭގެ ދޮރުގައި ގޮށްމުށް ކަވާ ޖަހަމުން އަހަރެން އަޑުގެ ނެތް ކޮޅަށް ގޮވާލީމެވެ. ކައިރި ގޭތަކުން ފަތިސް ނަމާދަށް ނިކުމެ އުޅޭ މުސްކުޅި އުމުރުގެ މީހުން ވަރަށް ބެލިއެވެ.
ދޮރު ހުޅުވީ ހިމްޔާންގެ ދައްތަ ހަމްރާއެވެ. އަހަރެން ހުރި ގޮތުން ވަންނާށޭ ބުނެލިއެވެ. ވަގުތު ތަކެއް ބޭކާރު ނުކޮށް އަހަރެން ވަނީ ސީދާ ހިމްޔާންގެ ކޮޓަރިއަށެވެ.
"ރިފް؟!" އަތުގައި އޮތް ސިނގިރޭޓު ތިރިއަށް ވައްޓާލަމުން ހިމްޔާން ބުނެލިއެވެ. ހައިރާންވެފައި ހުރި ވަރު އަޑުންވެސް އެނގިގެން ދިޔައެވެ.
ހިމްޔާން ކުރަން ހުރި ކަންތަކަށް އަހަރެންގެ ފަރުވާލެއް ނެތެވެ. ފުން ނޭވާތަކެއް ލައިފައި އަހަރެންގެ އެދުން ހާމަ ކުރީމެވެ. މުޅި ދުނިޔޭގައިވެސް އެ ނޫނީ، އަހަރެންނަށް ހެޔޮ އެދޭ ރައްޓެއްސަކު ނެތް ކަމަށް ދެކިގެންނެވެ.
"ހިމްޔާން.. މަގޭ ކޮއްކޮ. ކޮއްކޮ ދެ ކިޑްނިވެސް ފެއިލްވެފަ؟ ޑައިލަސިސް ނުހަދައިފިއްޔާ މަރުވާނެ. ޕްލީސް... ދީ ލޯނެއް. މަ ކައެމެން ބުނާ ކޮންމެ ކަމެއްވެސް ކޮށްދޭނަން.." ހާސްވެފައި ހުރި ވަރުން އަހަރެން ބުނެލީމެވެ.
"ކޮންމެ ކަމެއްވެސް؟" ހިމްޔާން ސުވާލު ކުރުމުން ބޮލަށް ރުޅި ސަވާރުވާން ފެށްޓެވެ. އަހަރެންގެ ކޮއްކޮ މަރުގެ ތުންފަތްމަތީ އޮތް އިރު ކޮންހާ ސުވާލެއް ކުރާކަށްހެއްޔެވެ؟ އާނ އެކޭ ކަލޭ ބީރުހޭވެސް ބުނެލީމެވެ. އަހަރެން ހުރި ހާލަތު ފެނިފައި ހިމްޔާން، ކޮންމެވެސް ދޭތެރެއަކުން ރުފިޔާ ބޮޑިއެއް ނެރުނެވެ. އަހަރެންގެ އަތަށް ދެމުން ފަހުން ގުޅާށޭ ބުނެލިއެވެ. ޝުކުރު އަދާ ކޮށްފައި އަހަރެން އަނެއްކާވެސް ދުއްވައިގަތީ ހޮސްޕިޓަލާއި ދިމާއަށެވެ. ކޮއްކޮ ދުނިޔޭގައި ހުރި ކަމެއް ނެތް ކަމެއްވެސް ނޭނގެއެވެ.
ރަށުން ޑައިލެސިސް ނުހެއްދޭކަން އެގުނު ހިނދު އަނެއްކާވެސް އަހަރެން ހާސްވިއެވެ. ކައިރި ރަށަކުން ހެދޭކަން އެނގުނު ހިނދު، ދިއުން އެމީހުން ހަމަ ޖައްސައިދިނެވެ. މުއީނާއި މަންމެގެ ފައިގާ ހިފައި އަހަރެން ރޮއުނީމެވެ. އަހަރެން ގެންދަން ދެކޮޅު ހެދުމުންނެވެ. ނަމަވެސް އެމީހުން އެއްގޮތަކަށްވެސް އަހަރެން ގެންދާކަށް އެއްބަހެއް ނުވިޔެވެ. ސަބަބު އެނގޭނި ހަމަ މުއީނަށެވެ.
.................
ޖެހިގެން އައި ދުވަހު އަހަރެން ސްކޫލަކަށް ނުދަމެވެ. މުޅި ދުވަހު ކޮޓަރީގައި ރޯލަ ރޯލާ އޮތީއެވެ. ގުޅައިގެން، ވީ ވަރަކުން ކޮއްކޮގެ ޙާލު ބެލީމެވެ.
އެމީހުން ރަށަށް އައީ ހަވީރުގެ ވަގުތެއްގައެވެ. ރީތި ވެލައިގެން އަހަރެން ދިޔައީ ހޮސްޕިޓަލަށެވެ. ކޮއްކޮއަށް އެންމެ މީރު ޗޮކްލެޓު ހިފައިގެންނެވެ.
"ދައްތިގެ ޝޯން.." މަޑުމަޑުން ގޮވާލީމެވެ. ގަދަ ކަމުން ކޮއްކޮ ހިނިތުންވެލިއެވެ. އަހަރެންނަށް ކަރުނަތައް ހިފާއްޓާލުންވީ އުނދަގޫ ކަމަކަށެވެ. ބޮލަށްވެސް ހުރީ ކޮންމެވެސް ގޮތެއް ވެފައެވެ. ކޮއްކޮ އަތަށް ޗޮކުލެޓު ކޮތަޅު ދީފައި އަހަރެން އެބުރިލީ މަންމައާ ދިމާއަށެވެ.
"ކޮބާ ރިޕޯރޓު؟" އެހީމެވެ.
"ބައްޕަ އަތުގަ ވީ. އޭގައި ރިފް ބަލަން ޖެހޭ އެއްޗެއް ނޯންނާނެއްނު." މަޑުމައިތިރި ކަމާއި އެކު ބުނެލި ނަމަވެސް އެ އަޑުގައިވީ މާޔޫސްކަމެވެ.
"މަ ބަލަން ޖެހޭ އެއްޗެއް ނޯންނާނެޔޭ؟ މަގޭ ކޮއްކޮއޭ. މުއީނަށްވުރެ މޮޅަށް އޭގަ އޮތް އެއްޗެއް މަށަށް އެނގޭނެ.." އަހަރެން ހަޅޭއް ލަވައިގަތީމެވެ. އެއީ އެފަދަ ގޮތަކަށް އަހަރެން، އުމުރުގައިވެސް ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. އަހަރެން ރުޅިއައުންވެސް ހައްޤު ނޫންހެވެ؟ ހުއްދަ ނޫން އެތައް މަސައްކަތެއް ކޮށްގެން އަހަރެން ހާދަ ފައިސާއެއް ހޯދައިދިފީމެވެ. އަދިވެސް ބޭރު ޤައުމަކަށް ދެވޭވަރު ވާކަމަކަށް ނުވެއެވެ.
އައި ސިނގުރުޅީގައި އަހަރެން ބޭރަށްދާން ހިނގައިގަތީމެވެ. ކުޑަ ގޭންގް މީޓިންއެއް އޮންނާނެޔޭ ހިމްޔާން ބުނި ހަނދާން ވުމާއިވެސް އެކުއެވެ. ޓްރާންސްޕްލާންޓް ހެދޭ ވަރަށް ރުފިޔާ ނުލިބޭ ހާ ހިނދަކު ޑައިލަސިސް ހެދުމަށްވެސް ރުފިޔާޖެހޭނީ ހޯދާށެވެ. އަނެއްކޮޅުން ރޭ ނެގި ލޯނަށް ވާވަރަށް މަސައްކަތް ކޮށްދޭންވެސް ޖެހެއެވެ.
..............
"ކޮންމެ ކަމެއްވެސް ކުރާނަމޭ ބުނީމެއްނު.." އިފްޝޮޓް އަހަރެންނާއި ގާތަށް ޖެހިލާ ސީދާ އަހަރެންގެ ލޮލަށް ބަލައިލިއެވެ. "ޖެހޭނީ އަހަރެމެންނާއި އެކު މާލެ ދާން. ދެދުވަސް ތެރޭ އާދެވޭނެ. އެކަމު ގޮސް ކުރަން ޖެހޭ ކަންތައް ކުޑައެއް ނުވާނެ.."
ދެކޮޅު ހެދުމެއް ނެތި އަހަރެން ބޯ ޖަހާލީމެވެ. އެނޫން ގޮތެއް ނުވެސް އޮންނާނެތީއެވެ. އެހެން ނޫނަސް އަހަރެންގެ ބޮލަށް އެއިރުވެސް ހުރީ ފާޑެއްގެ ރުޅިއެއް ސަވާރުވެފައެވެ. މުއީން ރިސޯޓުން ހޯދާ ލާރިޔާ، އަހަރެން މިކަމުން ހޯދާ ލާރިން ދެކޮޅު ނުޖެހޭތީއެވެ. އަހަރެންގެ ހިތާއި ސިކުނޑި ވީ ޝައްކާއި ވަހުމް ތަކުން ފުރާލެވިފައެވެ.
ގެއަށް ގޮސް ތައްޔާރުވެލީމެވެ. ދަބަހަށް އަންނައުނު ކޮޅަކާއި ރީތިވާ ސާމާނު އެޅީމެވެ. އަތުގައި ހުރި މަދު ފައިސާކޮޅު ވެސް ލުމަށްފަހު ދަބަސް ކޮނޑުގައި އަޅުވާލައިގެން ނުކުތީމެވެ. މަޑުމަޑުންނެވެ.
ދިހައެއްޖެހި ތަނާހެން ހިމްޔާނާއި އިފްޝޮޓާއި އެކު ފުރީމެވެ. ކުޑަ ކުޑަ ލޯންޗެއްގައެވެ. ކަނޑު ގަދައެއް ނޫނެވެ. ނަމަވެސް ރޭގަނޑުގެ ވަގުތަށް ވުމާއި އެކު އަހަރެން ހުރީ ފުދޭވަރަކަށް ބިރުންނެވެ.
"ކިހާ ވަރެއް ދައްކަން ޖެހޭގޮތަށް އޮތީ؟" ހިމްޔާނާއި އިފްޝޮޓް ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުކަން ދެވުނެވެ.
"ފަންސަވީސް ހާސް އަށްސަތޭކަ.." އެމީހުންވެސް އަހަރެން ހުރީތީ އެ ދެއްކި ވާހަކައެއް ނުދައްކާކަށް ނޫޅުނެވެ. އެއްގޮތަކީ އެ ވާހަކަތައް އަހަރެންނަށް އެނގުން މައްސަލައަކަށް ނުވުމެވެ. އަނެއް ގޮތަކީ އެ މީހުން އެ ދައްކާ ވާހަކަ އަހަރެންނަށް ފަހުމް ނުވާނެކަން އެމީހުނަށް އެނގުމެވެ.
"އަހަރެމެންނަށް ކިހާ ވަރެއްގެ ފައިދާއެއް ކުރާނެ؟" ސުވާލު ކުރަމުން ދިޔައީ ހިމްޔާނެވެ.
"އަހަރެމެން ބޭނުންވާ ވަރަށް ނަގާފަ، ތިން ގުނަ ބޮޑު ކޮށްލާފަ ވިއްކާނީ.. އޭރުންވެސް ފަންސާސް ހާސްވަރު އަރާނެ." ދައްކަމުން ދިޔައީ ކޮންމެވެސް ވިޔަފާރީގެ ވާހަކައެއްކަން އަހަރެންނަށް ޔަގީންވިއެވެ. ނަމަވެސް ކޮން އެއްޗެއްކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟
ލޯންޗު، މާލެއާ ގާތް ކުރިއިރު ދަންވަރު އެކެއްވެސް ޖަހައިފިއެވެ. ފޭބި އިރު އަހަރެމެން ބަލައި، ތިން ސައިކަލުގައި އައިސް ތިން މީހުން ތިއްބެވެ. ހުޑީ ރަނގަޅުކޮށްލަމުން އަހަރެންވެސް އެތަނުން އެކަކު ފަހަތަށް އެރީމެވެ.
ކުޑަ ދަތުރަކަށް ފަހު އެމީހުން މަޑުކޮށްލީ، ހަނި ގޯޅިއެއްގައި ހުރި ގެއެއްގެ ކުރިމައްޗަށެވެ. އިފްޝޮޓްމެން ކަންތައް ކުރި ފަދައިން އެތެރެއަށް ވަނީމެވެ. މާލޭން ފެންނަން ޖެހޭ ވަރުގެ ތަރައްޤީގެ ކުލަތަކެއް އެތަނުގައި ނެތެވެ. ހަމަ އެކަނި މައްޗަށް ނަގާލާފައި ހުރި ކަމާއި ސެކިޔުރިޓީގެ ވަރުގަދަ ކަމެވެ.
އަހަރެމެން އެރި ފްލޯގައި އިތުރު ހައެއްކަ މީހުން ތިއްބެވެ. ހުސްވެސް ފިރިހެނުންނެވެ. އަހަރެންގެ ހިތަށް ނުތަނަވަސްކަން ވެރިވާން ފެށްޓެވެ. ދެދުވަސް ވަންދެން އަހަރެން ކެތް ކުރަންވީ މިތަނުގައި ހެއްޔެވެ؟
"މާދަމާ ހަވީރު ރާވާނީ. މާދަމާ ރެއަކަށްނު ޕްލޭން ކުރެވިފަ އޮތީ.." އިފްޝޮޓް ނިކަން ހަމަ ޖެހިލާފައި، ހުސްކޮށް ހުރި ސޯފާއަށް ވެއްޓިގަތެވެ. ހީވާ ގޮތުން އެ އުޅެނީ ނިދާށެވެ. އަހަރެން ނިދަންވެސް ޖެހޭނީ މިތަނުގައި ހެއްޔެވެ؟
ހިމްޔާން ދާން އުޅެން ފެށުމުން، އަހަރެން އަތުގައި ހިފާ ހުއްޓުވީމެވެ. އެނބުރިފައި ހިމްޔާން އަހަރެންގެ މޫނަށް ބަލައިލިއެވެ. ސިކުނޑީގައި އޮތް އެއްޗެއް ދޭހަވީ ކަންނޭނގެއެވެ. ހިނިތުންވެލާފައި ވާހަކަ ދެއްކިއެވެ.
"އޭތް މީނަޔޯ؟"
"ތިރީގަ ވެއްޖެ ޑެލް ބިޓު. އޭނަޔާއެއްކޮށް އޭނަ ގެއަށް ފޮނުވާލާ..." އެހެން އޮވެގެން އިފްޝޮޓް ބުނެލިއެވެ. ހިމްޔާން ހިނގާށޭ ބުނުމުން އޭނަގެ ފަހަތުން އަހަރެން ދިޔައީމެވެ.
..................
"އައިމް ރަހާ. ކޮންނަމެއް ކިޔަނީ؟" ތިރީ ފްލޯރ ގައި ހުރި އަންހެން ކުއްޖާއާއެކު އޭނާގެ ގެއަށް ދިޔަ މަގުމަތީ، ރަހާ އަހާލިއެވެ.
"ރިފާޝާ." އަހަރެން ހިނިތުންވެލީމެވެ.
"މަ ކިޔާނީ ރިފް އެނގޭ.." ހީވާ ގޮތުން، ހިތްހެޔޮ އެކުވެރި ކުއްޖެކެވެ. މާދުރު ނޫން ހިސާބެއްގައި ހުރި ރަހާގެ ގެޔަށް ވަނީމެވެ. މާލޭގެ ހަގީގީ ކުލަތައް ފެންނަން ފެށީ އެހިސާބުންނެވެ. ޖާގަ މާ ތަނަވަސް ނޫނަސް، ފެންވަރުގެ ގޮތުން މޮޅެވެ. އަހަރެންގެ ހަނދާންތައް ފީނާލީ ކުޑައިރުގެ އުފާވެރި ދިރިއުޅުމަށެވެ. ވިލިނގިލީގައި އުޅެމުންވެސް ދޭތެރެއަކުން މާލެ އައިސް އުޅެމެވެ.
"އެއީ ރަހާގެ މަމްމެން ރޫމް. ދެން އެހެރީ ރަހާގެ. ހުސްކޮށް އެހެރީ ރަހާގެ ދޮންތަ ރޫމް. ފްރެންޑަކާ އެއްކޮށް ބެންކޮކަށް ގޮސްވީ. ރިފްއަށް އޯކޭ ދޯ އެތަން؟... ވަރަށް ޓަޔަރޑް ދޯ. ސައިބޮއިގެން ދޭ ނިދާލަން." ބަދިގެއަށް ވަންނަމުން ރަހާ އަހަރެންނަށް ކިޔައިދިނެވެ. ކޮޓަރި ޝެއަރ ކުރަން ނުޖެހުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. ސައިބޮއިގެން ރަހާގެ މެހެމާނު ދާރީއަށް ޝުކުރު އަދާކޮށްފައި ކޮޓަރިއަށް ވަދެލީމެވެ.
ކޮޓަރިތެރެވެސް މާ ބޮޑެއް ނޫނެވެ. ނަމަވެސް ހިތްފަސޭހައެވެ. ދަބަސް އެނދުމައްޗަށް ދޫކޮށްލަމުން އޮށޯވެލީމެވެ. ބޮލަށް ބަރުވާން ފެށުމުން، ފެންވަރާލައި، އެއްޗެހި ބަދަލުކޮށްލައިގެން އޮށޯތީ ނިދާށެވެ.
...................
ދޮރުގައި ޓަކި ޖަހާ އަޑަށް އަރާމު ނިންޖެއްގައި އޮވެފައި ހޭލެވުނެވެ. ފުރަތަމަވެސް ބަލައިލެވުނީ ގަޑިއަށެވެ. މެންދުރު ދޭއްޖެހީއެވެ. ގޮސް ކޮޓަރި ދޮރު ހުޅުވާލި އިރު ރަހާއެވެ.
"ހިނގާ ކާން.." ރަހާގެ ޖުމުލަ އިވުމުން، ބަނޑުހައިކަން އިހުސާސް ވިއެވެ. ރީތިވެލައިގެން މިދަނީ ކަމުގައި ބުނީމެވެ.
ފެންވަރާލައިގެން، އަހަރެން ލީ، ނޫ ކުލައިގެ ހުޑީއެކެވެ. ބޯ ހިއްކާލުމަށްފަހު އިސްތަށިގަނޑު ފުނާއަޅާލާފައި ފަހަތަށް ދޫކޮށްލާފައި ބޭއްވީއެވެ.
ކައިގެން އަހަރެން، ރަހާއާއިއެކު ވާހަކަ ދައްކާލަން އިރުކޮޅަކު މަޑުކޮށްލީމެވެ. ދިހައެއް ނިންމާލުމަށްފަހު ޔުނިވާރސިޓީގައި ކިޔަވަމުންދާއިރު ރަހާގެ އުމުރަކީ ސޯޅައެވެ. އަހަރެންނަށްވުރެ އެއް އަހަރު ކުޑައެވެ.
އަސްރު ނަމާދުކޮށްލައިގެން، އަހަރެމެން ދިޔައީ ރެސްޓޯރެންޓަކަށެވެ. ހިމްޔާންމެން ކައިރިއަށް ދިޔުމުގެ ކުރިން މާލެތެރެ ބަލައިލުމުގެ ނިޔަތާއި ވެސް އެކުއެވެ. ކުރިން އަހަރެންނަށް ފެނިފައި އޮތް މާލެ އޮތީ ފުދޭ ވަރަކަށް ބަދަލުވެފައެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވުނު ކަމަކީ ކުރިއަށްވުރެވެސް ކާރޫބާރޫ ބޮޑުކަމާއި ޤަވާއިދުތައް ނެތިފައިވާ ކަމެވެ. ނުވަތަ ޢަމަލު ނުކުރާކަމެވެ.
................
"ހޭ ރަހާ.." އަހަރެމެން ވާހަކައިގައި، ސައިބޯން ތިއްބާ، ކުއްޖަކު އައިސް ކައިރީގައި އިށީނެވެ. އުމުރުން އަށާރައަށްވުރެ ބޮޑުނުވާނެ ފިރިހެން ކުއްޖެކެވެ. އިސްތަށިގަނޑު ހުރީ، މާ ތުނި ނޫންވަރަކަށް ކޮށާފައެވެ. އަހަރެން ދަންނަ ގިނަ ފިރިހެނުންނާ ޚިލާފަށް އެއްވެސް ގަހަނާއެއް އަޅާފައި ނެތް އިރު ފެންނަފެނުމަށް އޮފިޝަލް ގޮތެއް ހުއްޓެވެ.
"ހޭ.. ރިފް، މީ މާހިލް. ރަހާގެ ކްލާސްމޭޓެއް. މީ ރިފާޝާ އިނގޭ މާހިލް. ޑެލްގެ ފްރެންޑެއްގެ ފްރެންޑެއް.." ރަހާ އަހަރެމެން ތަޢާރަފުކޮށްދިނެވެ. އަހަރެމެން އެކަކު އަނެކަކަށް ހިނިތުންވެލީމެވެ. އެ މޫނުގައި ދަންނަ ގޮތެއް ހުރިހެން އަހަރެންނަށް ހީވިއެވެ. ނަމަވެސް ހަމައެކަނި ހީއެކެވެ.
"ރިފާޝާ. މަގޭ ކަސިންއެއްވެސް ހުންނާނެ ރިފާޝާ ކިޔާ. ހަމަ ތިހާކަށްވަރު ވާނީ. އެކަމް ކެނެޑާގަ ވީ." މާހިލް ބުނެލި އެއްޗަކުން އަހަރެންނަށް ލިބުނީ ކުއްލި ޝޮކެކެވެ. އަހަރެންވެސް މާހިލެއް ދަންނަމެވެ. ބައްޕަގެ ކޮއްކޮއެއްގެ ދަރިފުޅެވެ. އަހަރެންނަށް ވުރެ ހަގުވާނީ އެންމެ އަހަރެކެވެ. އަނެއްކޮޅުން ކެނެޑާގައި އަހަރެން އުޅެންވެސް އުޅުނީމެވެ.
"އޮވްހް. ތި ރިފާޝާއަކާ ބައްދަލުކޮށްލަން އެހެންވިއްޔާ ވަރަށް މަޖާވާނެ." މޫނު މަތީ ކުލަވަރު ފޮރުވާލަމުން، އަހަރެން ފޭކު ހިނިތުންވުމެއް ގެނައީމެވެ.
"ޔާހ.. އެކަމު ދިޔަ ގޮތަށް ދެން ފާޑަކަށް ގެއްލިފަ ވީ. އެމީހުން ބައްޕަ މަރުވި ފަހުން، އަނެއްހެން އެއްވެސް ގުޅުމެއް ނޯވެ. ބައްޕަމެންވެސް ދޭތެރެއަކުން ކިޔާނެ މިސްވާ ވާހަކަ." މާހިލްގެ ވާހަކައިން އަހަރެންގެ ހީ ޔަގީނަށް ބަދަލުވިއެވެ. އަހަރެންގެ ކުރިމަތީ މީނީ އަހަރެންގެ ބައްޕައަށް ބޮޑުބެ ކިޔާ ކުއްޖެކެވެ. ހިތުގައި ބިރުވެރިކަމެއްވެސް ފެތުރިގަތެވެ.
"ބައްޕަގެ ވާހަކަ ދައްކާއިރު، އެއޮތް އައީ މާހިލްގެ ޑޭޑްއޭ.." ރަހާ ބުނެލި ޖުމުލައިން، ދޮރާ ދިމާއަށް އަހަރެމެން ދެމީހުންނަށް ބަލައިލެވުނީ އެކުއެކީއެވެ. ހިތް ތެޅިގަތެވެ. ބޮޑުވެފައި ހުރި މާހިލް އަހަރުތަކެއް ފަހުން ފެނުމުން ނޭނގުނަސް، ރަފީންބެ އަހަރެންނަކަށް އޮޅުވައެއްނުލެވޭނެއެވެ. އެއީ ހަމަ ރަފީންބެއެވެ. އަހަރެންގެ ބައްޕަގެ ކޮއްކޮއެވެ.
"ދަނީ އެނގޭ.." މާހިލް، ރަފީންބެ އައުމުން ޖެހިގެން އިން މޭޒަށް ދިޔައެވެ. އެތަނުން އަހަރެންނަށް ރީތިކޮށް ރަފީންބެގެ މޫނު ފެނެއެވެ. ރަފީންބެއަށް ފެނި އަހަރެން އެނގިދާނެތީ އަހަރެން އިނީ ބިރުން ވިރިވިރިއެވެ. ރަހާއަށް ނޭނގޭނެހެން ހިމްޔާނަށް ގުޅާލީމެވެ. އަދި ފޯނު ނެގުމުގެ ކުރިން ކަނޑާލީ އަލުން ގުޅާނޭ ކަމަށް ޔަގީންކޮށްފައެވެ.
"ކުއްލިއަކަށް ހާދަ މޫޑީވީ؟" ރަހާއަށްވެސް އަހަރެންގެ މޫނުމަތިން އެވަރު ފާހަގަވީއެވެ. އަހަރެން ބޯކަހާލަމުން ކަމެއް ނުވާކަމަށް ބުނެލީމެވެ.
"މާހިލް ބައްޕަޔަކީ ލޯޔަރެއްތަ؟" އަހަރެން ދެންވެސް ބޭނުންވީ ޔަގީން ކުރާށެވެ. ރަހާ ކައިރީ އަހާލިއްޔާ ރަހާއަށް އެނގޭނީ ކޯޗެއް ހެއްޔެވެ؟
"އާން. ދަންނަންތަ ރަފީން؟" އަހަރެންގެ އަތްފައި އަނެއްކާވެސް ފިނިވެގެން ދިޔައެވެ. މާލެ އައި ދަތުރުވެސް މި ދިމާވަނީ އެންމެ ނުރަނގަޅު މީހުނާއެވެ.
"ޔާހ. މަދުމަދުން ދެކެން ސޯޝަލް މީޑިއާގަ އުޅޭއިރު." އަހަރެން ވާހަކަ ހަދާލީމެވެ. ރަހާ މަޑުމަޑުން ބޯ ޖަހާލިއެވެ.
"އޯހް މިއޮތް ގުޅަނީ ހިމްޔާން. ދާން ލަސްވެގެން ކަންނޭނގެ.." އަހަރެން ފޯނުގެ ޑިސްޕްލޭ ދައްކާލަމުން، ތެދުވީމެވެ. އަވަސްއަވަހަށް ހިނގައިގަތީ، ރަހާ އެއްޗެކޭ ބުނުމުގެވެސް ކުރިންނެވެ.
"އޭތް ހިމްޔާން.." ބޭރަށް ނިކުމެވުމާއި އެކު އަހަރެން ވަރަށް ހާސްވެ ހުރެ ގޮވާލީމެވެ.
"އޯތް، ކިހިނެއް ވީތަ؟" އެ އަޑުގައިވީ އަބަދުވެސް ހުންނަ ސަކަ ގޮތްގަނޑެވެ.
"މަ ރަހާ އެއްކޮށް ރެސްޓްރޯންޓްއަކަށް ވަނީ. މިތާ ތެރޭ އެބަ އުޅޭ މަގޭ ބޮޑުބެއެއްވެސް. އަވަސް އާދެބަ ބަލައި. އެމީހުނަށް ފެނިދާނެ..." އަހަރެން އެއް ނޭވާއިން ފައްޗަކަށް ދަމާލީމެވެ. ހިމްޔާންވެސް ވަގުތުން ސީރިޔަސް ވިއެވެ. ދާންވީ ކޮންތާކަށްތޯ އެހުމުން ހުރި ތަނުގެ ނަން އަހަރެން ބުނެލީމެވެ. ރަހާއަށް އާދެވުނި އެވަގުތެވެ.
"ހިމްޔާން އެބަ އާދެ ބަލާ... ދާން ވެގެން ލަސްވަނީޔޯ.." އަހަރެން ކުޑަވަރެއްގެ ދޮގެއް ހަދާލީމެވެ. އެނޫން ގޮތެއް ނެތިގެންނެވެ. ރަހާއަށް އަހަރެންގެ ޙަގީގަތް އެނގިއްޖިއްޔާ ރަނގަޅެއް ނުވާނެއެވެ.
"އޯހް. އޯކޭ. އެހެންވިއްޔާ ރަހާ މި ދަނީ ގެއަށް ދާން އިނގެ.. ކަމެއް ބޭނުން ވެއްޖިއްޔާ ގުޅާލާތި.." ހިތް ހެޔޮ ކަމާއި އެކު ބުނަމުން ރަހާ ހިނގައިގަތެވެ. އެކަނި އެތާ ހުރި ވަގުތު، މާހިލް ނޫނީ ރަފީންބެ ނިކުމެދާނެތީ އަހަރެން ހުރީ ތުރުތުރު އަޅައަޅައެވެ.
.....................
"ކިހިނެކޭ ވީ؟" ސައިކަލުގައި ދިޔަ ވަގުތު ހިމްޔާން އެއްސެވެ. އަހަރެން އަކުރުން އަކުރަށް ވީގޮތް ކިޔައިދިނީމެވެ. ހިމްޔާންވެސް އިރުޝާދު ދިނީ މާހިލްއަށް ނުފެނި އުޅުމަށެވެ. އަހަރެން ފިލައިގެން މާލެ އައިސް އުޅޭކަން އެނގިއްޖިއްޔާ ނިކުންނާނެ ނަތީޖާ ރަނގަޅު ނުވާނެތީއެވެ.
އާދައިގެ މަތިން އެމީހުންގެ މަޝްވަރާގައި ދެއްކި ގިނަ ވާހަކަތައް އަހަރެންނަށް ކުޑަކޮށްވެސް އެނގޭގޮތެއް ނުވިޔެވެ. އަހަރެންނަކީ ނަމަކަށް އެތަނުގައި ބަހައްޓާ މީހެއް ކަހަލައެވެ. އެ ބުނާ ޑީލެއް ހަދަން ދާ މީހުންގެ ނަންތައް ކީ އިރުވެސް އަހަރެންގެ ނަމެއް ނުކިޔައެވެ. ދެން އަހަރެން މިތަނަށް ގެނައީވެސް ކީތްކުރަންހެއްޔެވެ.
މަޝްވަރާ ނިމި އެހެން މީހުން ދިޔުމުން ހިމްޔާނާއި އިފްޝޮޓާއި އަހަރެން އެކަނިވީއެވެ. އެހިސާބުން، ވަރަށް ސާފުކޮށް އިފްޝޮޓް އަހަރެންގެ މަސައްކަތް ކިޔައިދިނެވެ.
"ކޮންމެ ގޭންގަކުންވެސް ދާން އެއްބަސްވެފައި އޮތީ ފަސް މެންބަރުން. ރިފާޝާ ދާނީ ހަވަނަ މެންބަރެއްގެ ގޮތުގަ. މާނައަކީ ރިފާޝާ ދާކަން އަނެއް ގޭންގު މީހުނަކަށް ނޭނގޭނޭ. އަހަރެމެން މިދަނީ ވަރަށް ނުރައްކާތެރި ކަމެއް ކުރަން. އަހަރެމެން ޑީލް ހަދާ ނިމުމުން، އެތަނުގަ ތަޅާފޮޅުމެއް ހިނގާނެ. ރިފާޝާ، ފިލައިގެން ހުންނަ ތަނުން ނިކުންނާނީ އެވަގުތު.." އިފްޝޮޓްގެ ވާހަކައަށް އަހަރެން ބޯޖަހާލަ ޖަހާލާ ހުރީމެވެ.
"އުންމީދުކުރަން ދެވުންހާ ޓްރެއިނިންއެއްގެ ބޭނުން ރަނގަޅުގޮތުގަ ހިފާނެކަމަށް. އެމީހުންގެ މީހަކަށް ކޮންމެ ކަމެއް ކުރަން ޖެހުނަސް ފަސް ނުޖެހޭތި. ރިފް ފަހު ވަގުތު ގޯހެއް ހަދައިފިއްޔާ އަހަރެމެންގެ މީހެއްގެ ފުރާނައަށްވެސް ގެއްލުން ވެދާނެ.." އިފްޝޮޓްގެ އަޑުގައި ވީ ނިމުމެއްނެތް ސީރިއަސް ކަމެވެ. ހިމްޔާން ގެ މޫނުގައިވެސްމެއެވެ. އެހެންކަމުން އަހަރެންގެ ހިތަށް ބިރުވެރިކަން ވެރިވެގަތެވެ.
ރަހާގެ ގެއަށްގޮސް، އަހަރެން ތައްޔާރުވެލީމެވެ. އެމީހުން އެދުނު ފަދައިން، ކަޅު ލެގިންސަކާއި އެކު، ލީ ކަޅު ކުލައިގެ ހުޑީއެކެވެ. ހެދުމާއި ގުޅުވައިގެން އަހަރެން އެރީވެސް ކަޅު ސްނިކާސްއަކަށެވެ. ދަބަހަށް ގެނައި ހުރިހާއެއްޗެއް އަޅައިގެން ނިކުމެ ރަހާއާ ވަދާޢުގެ ސަލާމް ކޮށްލީމެވެ. އެބުނާ ޑީލެއް ހަދާފައި އަންނަ ގޮތަށް ފުރަން ހަމަޖެހިފައިވާތީއެވެ.
އަހަރެންނަށް ދެވުނު އިރު އެހެންމީހުން ތައްޔާރުވުމައިގެން އުޅެއެވެ. އަހަރެން ދިޔުމުން ކަޅު ފޮތިގަނޑެއް ދިއްކޮށްލިއެވެ. ނޭފަތުން ފެށިގެން ތިރި ނިވާވާ ގޮތަށް، އޭތި އައްސާލީމެވެ.
އިފްޝޮޓް ނޫން ބާކީ މީހުން ތިބީ، ހަމައެކަނި ލޯ ކަނޑާފައިވާ ކަޅު މާސްކެއް އަޅައިގެންނެވެ. ރިވަރޑޭލްއިން ބްލެކް ހުޑްތަކެއް ފެންނަ ފަދައެވެ.
އެމީހުން އަހަރެންނަށް ހަތިޔާރު ފޯރުކޮށްދިނެވެ. ދެއަތަށް، ދެ ވަޅި ލައްވާލީމެވެ. އެނަގާފައި ހަމަލާ ދޭން، ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެވިފައެވެ. ބޫޓުގައިވެސް ވަޅިއެއް ހަރުކުރީ، ފައިން ވަކި ގޮތަކަށް ޖަހައިފި ނަމަ އެ ވަޅި ހެރޭނެ ގޮތަށެވެ. ޕޮކެޓުތެރެއަށް އެމީހުން ދިން ސްޕްރޭއެއް ޖަހާފައި އޮތް ރުމާލެއް ލީމެވެ. އެއިން ކުރާނެ ކަންތައްވެސް ކިޔައިދިނެވެ.
"އިތުރު ޚަބަރު އެބަހުއްޓޭ.." އެންމެންނަށް ތައްޔާރުވެވުމުން އިފްޝޮޓް ބުނެލިއެވެ. "އެބަހުރި އެމީހުންގެ ފަރާތުން އަންނަމީހުންގެ ނަންތައް ދީފަ." ފޯނު ހުޅުވާލަމުން އިފްޝޮޓް އެނަންތައް ކިޔަމުން ދިޔައެވެ. އެންމެންނަށްވެސް އެނަންތައް އިނގެއެވެ. އަހަރެން ނޫނީއެވެ.
"ވަޓް؟ ތާނިމްވެސްތަ؟" ހިމްޔާން ސުވާލެއް ކުރުމުން އަހަރެން އެދިމާއަށް ބަލައިލީމެވެ. އެއިރު ހިމްޔާންވެސް ބަލަހައްޓައިގެން ހުރީ އަހަރެންނަށެވެ.
"އާން... އަހަރެމެން ރަށުގަ އުޅޭ ސޮރެއްދޯ." އިފްޝޮޓް ބުނެލިއެވެ. އެމީހުން ދައްކާ ވާހަކައެއް ނޭނގޭނެތީ އަހަރެން ހުރީ އަޅާނުލާން ނިންމައިގެންނެވެ. ހިމްޔާނާއި އިފްޝޮޓާއި ދެމެދު ލޮލުގެ މެސެޖުތަކެއް ބަދަލުކުރެވުނެވެ. އެދެއްކި ވާހަކައެއްގައި އަހަރެން ހިމެނޭކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް ކަމަކަށް ނުހަދާ އަހަރެން އެކަން ދޫކޮށްލީއެވެ.
އަހަރެމެން ދަތުރު ފެށީ މާސްކުތައް ނަގައިގެންނެވެ. ބަޔަކަށްފެނި ޝައްކެއް ކޮށްފާނެތީއެވެ. ލޯންޗުގައި ވިލިނގިއްޔަށް ގޮސް، ދާން ޖެހޭ ގެއާއި ކައިރިވުމުން، އަނެއްކާވެސް މޫނު ނިވާކޮށްލީމެވެ.
އެކަހެރި ކޮށްލެވިފައިވާ ފަޅު ގެއެކެވެ. އަހަރެމެން ދިޔައީ ދާން ވީ ވަގުތުގެ ކުރިން ކަމުން އަނެއް ގޭންގު މީހުނެއް އެއިރަކު ނާދެއެވެ. އަހަރެންނަށް ފިލަން ރަނގަޅު ތަނެއް ހޯދުނެވެ. އެމީހުން އެ ޑީލެއް ހަދާ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރީގެ ފާރު ކައިރީ ސީލިންއިން ހަލާކުވެފައި އިން ކުޑަކުޑަ ބާގަނޑެކެވެ. އަހަރެންނަށް ވެދެވޭ ވަރަށް އެތަންކޮޅު ހަލާކުކޮށްލީމެވެ.
މައްޗަށް އެރިއިރު ފުރާޅާއި ދެމެދު އޮށޯވެ އޮވެވޭހާ ވަރުގެ ތަންއޮތެވެ. ޖެހިގެން އޮތް ކޮޓަރީ ސީލިންއަށް ބަރުވެ ނުވެއްޓޭނެ ފަދަ ގޮތަކަށް އޮށޯވެވުމުން އަހަރެން، ތިރީގައި ތިބި މީހުނަށް އެކަން އަންގާލީމެވެ.
އަނެއް ގޭންގު މީހުން އައީ އޭގެ ފަނަރަވަރަކަށް މިނިޓުފަހުންނެވެ. މަންޟަރު ވަރަށް ސާފުކޮށް އަހަރެންނަށް ފެނެއެވެ. އެމީހުން ގޭންގު އިސްމީހާ ފިޔަވާ އެންމެންވެސް މޫނު ނިވާކޮށްގެން ތިބީ އަހަރެން ނިވާކޮށްގެން ހުރި ގޮތަށެވެ.
"އިތުރު މީހަކު ގެނައިން؟" މޫނު ނިވާ ނުކޮށް ހުރި، އެމީހުންގެ އިސްމީހާ އަހާލިއެވެ. އަހަރެންނަށް އެނގިފައިވާ ގޮތުންނަމަ އުޒެއިރެވެ. އިފްޝޮޓް ދެފަރާތަށް އަތް ހިއްލާލީ ކަލޭމެން ބަލާށޭ ބުނާ ފަދަ ގޮތަކަށެވެ. ކަމުގެ ޘަޤާފަތް އޮތް ގޮތް ކަންނޭނގެއެވެ. އެހިނދު އެމީހުންގެ ދެމީހަކު ކައިރި ހިސާބުތައް ހޯދާލިއެވެ. އަހަރެންނަށް ފިލާ އޮވެވުނީ ފެންނަ ކަހަލަ ތަނަކު ނޫނެވެ.
ވާހަކަތަކެއް ދެއްކުމަށްފަހު އުޒެއިރު ނޫން ހަތަރު މީހުންގޮސް، އައީ ބޮޑު ދެ ފޮށިގަނޑު ހިފައިގެންނެވެ. އެއިން ކޮންމެ އެއްޗަކަށް އަހަރެން ވަރުގެ ދެމީހުން ލެވޭ ވަރުވާނެއެވެ. ދެމީހުން ދެފަރާތުގައި ހިފައިގެން ގެނައި އިރު، އެއް ފޮށިގަނޑު ވަރަށް ބަރު ހެން ހީވެއެވެ.
ދެފޮށިގަނޑުވެސް އެމީހުން ހުޅުވާލިއެވެ. އެކަތީގައި ހުރީ ފާޑެއްގެ ޕެކެޓުތަކެކެވެ. އަނެއް ފޮށީގައި ހުރީ ދިޔާ އެއްޗެއް ހުރި ފުޅިތަކެކެވެ. ބަރުވީ އޭތި ތާއެވެ. އެއީ ކޯޗެއްކަންވެސް ޝައްކެތް ނެތް މިންވަރަށް އެނގެއެވެ. ކުރިންވެސް ހިމްޔާންމެން މި ވިޔަފާރީގައި އުޅޭކަންވެސް އެނގެއެވެ. ނަމަވެސް އަހަރެން ހަމަ ލޮލުން ދެކޭ މިއީ ފުރަތަމަ ފަހަރެވެ.
އަހަރެމެންގެ ގޭންގު ތިން މީހުން ވެގެން، އެ ފުޅިތައް ހުރި ފޮށި ގެންދިޔައެވެ. ހީވާ ގޮތުން ކާރަށެވެ. އެވަގުތު ބާކީ ތިބީ ހިމްޔާނާއި އިފްޝޮޓް އެކަންޏެވެ. އެ ފޮށި ލައިފައި އައިސް ދެވަނަ ފޮށި ގެންދަން ދިޔައީ ދެމީހުނެވެ. އެހެންކަމުން އެކޮޓަރީގައި އެވަގުތު ތިބީ އަހަރެމެންގެ ގޭންގު ތިން މީހުނާއި އެމީހުންގެ ފަސްމީހުނެވެ.
"ފައިސާ؟!" އުޒެއިރު އަތް ދިއްކޮށްލަމުން އިފްޝޮޓަށް ބުނެލިއެވެ. އިފްޝޮޓް އޭނާގެ ދަބަސް ނަގާ، އެމީހާއަށް އެއްލިއެވެ. އެވަގުތު ހިމްޔާން އަހަރެންނާއި ދިމާއަށް ބަލައިލިތަން ފެނުނެވެ. އެ ލިބުނީ ސިގުނަލެއް ކަމަށް ބަލާ އަހަރެން ތައްޔާރުވެލީމެވެ.
"މި ކޯޗެއް؟ ކަރުދާސް؟!" ދަބަހުން ނެގި ރުފިޔާތަކަށް ބަލަމުން، ރުޅިވެރިކަމާއި އެކު އެމީހާ ބުނެލިއެވެ. ވަގުތުން ބާކީ ތިބި ހަތަރު މީހުންމެ ދުއްވައިގަތީ، އެފޮށިތައް ނެރުނު ދިމާއަށެވެ. ހިމްޔާނާއި އިފްޝޮޓް އަދި ދެން ހުރި މީހާ އެމީހުން ދިޔަ ނުދީ ހިފާއްޓާލިއެވެ. އެވަގުތު ކާރު ސްޓަރޓްކޮށްލި އަޑު އިވުނެވެ. އަހަރެމެން ބައި ދެމީހުން އެތިކޮޅު ހިފައިގެން ދަނީއެވެ.
ތަންވަޅު ބަލާފައި އުޒެއިރު، ފަހަތު ދޮރުން ނިކުންނަން އުޅެގަތެވެ. އަހަރެންނާއި ކައިރި ދޮރުންނެވެ. ބަލަން ނުހުރެ އަހަރެން ފުންމާލީމެވެ. ގެނައި ކުއްލި ހަރަކާތުން، އޭނަޔަށް ލިބުނީ ޝޮކެކެވެ. ނަމަވެސް އަހަރެންނަކީ އަންހެން ކުއްޖެއްކަން އެނގުނު ހިނދު ލާނެއް ގޮތަކަށް ހީލާފައި އުޒެއިރުވެސް ހަމަލާތަކައިގެން ކުރިއަށް ދިޔައެވެ. އެމީހާ އަހަރެންގެ ފެންވަރު ނުދަތީކަން ޔަގީނެވެ. އިފްޝޮޓާއި ހިމްޔާނާއި އެކު ފަސްފިރިހެނުން ބަލި ކޮށްލެވޭ އިރު، އެކަކު ބަލިކޮށްލުން އަހަރެންނަށް އެއްވެސް ކަމަކަށް ވާނެ ހެއްޔެވެ. އަހަރެންނަކީ ހަމަ އެކަނި މިކަމަށް ޚާއްސަކޮށް ތައްޔާރު ކޮށްފައި ހުރި މީހަކީމެވެ.
ހުރިހާ ގޮތަކުންވެސް މޮޅުވަމުން ދިޔައީ އަހަރެންނެވެ. އޭނަ ނެގި ވަޅިންވެސް ވީ ފައިދާއެއް ނެތެވެ. ލައިގެން ހުރި ހުޑީގެ ވާގަނޑު، އަހަރެންނެގީމެވެ. އަދި، ކުޅަދާނަ ކަމާއި އެކު، ދެއަތް ފުރަގަހަށް ލާ ބަނދެލީމެވެ. އަންހެނަކަށް ވީތީ އެފަދަ ކަމެއް ނުވާނެޔޭ މީހުން ބުނާނެއެވެ. ނޫނެކެވެ. ހަމައެކަނި މިކަމަށް ތައްޔާރުވާތާ، ކިތަންމެ ދުވަހެކެވެ.
ޖީބުގައި އޮތް ރުމާ ނަގާ އެމީހާގެ ނޭފަތް މަތީ އަޅާލީމެވެ. އަތް އައްސާފައި ވުމާއި އެކު، އަހަރެންގެ ކަކުލުން ދިން ހަމަލާއެއްގެ ސަބަބުން، އެސޮރު އިނީ ނުތެދުވެވޭ ވަރު ވެފައެވެ. ފިރިހެނުންގެ ބަލިފަޔެވެ.
އަހަރެން އެމީހުންގެ ލީޑަރަށް ހަދަމުން ދިޔަ ގޮތް ފެނިފައި، ހިމްޔާންމެން ކައިރިން ރެކިގަނެ ދެމީހަކު އަހަރެންނާއި ދިމާއަށް އަޔެވެ. ހޭނެތި ނެތި އޮތް އުޒެއިރު ދޫކޮށްލަން އަހަރެންގެ ހިތެއް ނޭދުނެވެ. އެހެންކަމުން، ވީ ވަރަކުން، ފައިން ހަމަލާ ދެވޭތޯ އުޅުނީމެވެ.
ހިމްޔާނާއި އިފްޝޮޓް، ދެންތިބި ދެމީހުން މަތަ ކުރަން ދޫކޮށްލާފައި އަހަރެންނާއި ދިމާކުރަން އައި ދެމީހުނާ ދިމާކުރަން، ބާކީ ހުރި އަހަރެމެން ބައި މީހާ އައެވެ. އަހަރެން އެކަމާ ހިތްހަމަ ނުޖެހި ހަޅޭއް ލަވަން ފެށުމުން، އޭނަ އަހަރެން ބުނި ބަސް އެހިއެވެ. އަހަރެމެން ދެމީހުންގެ މަޤާމު ބަދަލުކޮށްލީއެވެ.
އޭނަ އައިސް، އެ ރުމާގައި ހިފުމުން، އަހަރެން ހަށިދަމާލާ، ދިމާކުރަން ޖެހޭ ދެމީހުނަށް ބަލައިލީމެވެ. މިއީ އަހަރެން އެންމެ ގިނައިން ޓްރެއިނިން ހެދި ކަންތަކެވެ. ދެމީހުނާ އެއްފަހަރާ ދިމާކުރުމެވެ. ޓްރެއިނިންގައި ހަދާހެން، އެކަކުގެ ނޭފަތަށް ހަމަލަ ދިނިއްޔާ، ހިފަނީ އަނެކަކުގެ ފައިގައެވެ. އެހެން އުޅެމުން، އެކަކު، ބިންމައްޗަށް ވައްޓާލެވުމުން، ބުރަކަށީގައި ފައިންޖަހާ، ފާރަށް ގަންނުވާލީމެވެ. ބާކީ ހުރީ އެންމެ މީހެކެވެ. އަހަރެމެންގެ ގޭންގު އެންމެންމެ އުޅުނީ ހޭނެއްތުމުގެ މަސައްކަތުގައެވެ. އުޒެއިރު ބިމަށް ދެމުމުން، އެކަން ކުރި މީހާ، އަހަރެން ފާރަށް ގަންނުވާލި މީހާއާއި ހަވާލުވިއެވެ.
އެހިނދު އަހަރެންނަށް ކުރިމަތީ ހުރި މީހާއަށް ރަނގަޅަށް ބަލައިލެވުނެވެ. އެ ހަށިގަނޑުގައި ދަންނަ ގޮތެއް އެބަހުއްޓެވެ. އެ އިސްކޮޅާއި ފަލަ މިނެވެ. އިސްތަށިގަނޑެވެ. އަޅައިގެން ހުރި ފަށްވެސްމެއެވެ. ކާކުތޯ ވިސްނަމުން، ހަމަލާ ދޭން އަހަރެންނަކަށް ފަސޭހައެއް ނުވިއެވެ. އިރުކޮޅެއްގެ ތެރޭ، އެމީހާ، އަހަރެން ފާރާއި ދިމާއަށް ކޮއްޕާލިއެވެ. ޖެހުނު ގޮތަކުން، ދެން އިތުރު ހަރަކާތެއް ގެންނަން އުނދަގޫވީ އެރި ތަދަކުންނެވެ.
އެއިރު އޭނަ، އަހަރެންނާއި ދިމާއަށް އާދެއެވެ. އަތުގައި ވަޅިއެއްވެސް އޮތެވެ. އަހަރެންގެ ނަޟަރު ހުއްޓުނީ އެމީހާގެ ލޮލަށެވެ. އެއީ ހަމަ އެ ލޮލެވެ.
(ނުނިމޭ)

    1. Avatar

      ކޮމެންޓް ސެކްޝަން ގަ ޕްރައިވެޓް ވާހަކަ ހާމަ ކުރަން ވެދާނެތަ؟؟؟
      ރީތި ވާހަކެއް އިނގޭ މޮންސްޓާ..

ޚިޔާލު ފޮނުއްވާ