Views: 1831 51

ޓެކްސީގެ ދޮރު ބާރުބާރަށް ލައްޕައިލީމެވެ. ދުއްވާގަތީމެވެ. ނުތަނަވަސްވެގެންވާ ހިތަކާއެކީއެވެ. ބާރުބާރަށެވެ. މާނޭވާލަމުންނެވެ. ލިފްޓްގެ ދޮރު ހުޅުވައިލީމެވެ. 05 ވަަނަ ފަންފިފިލާއަށް ފިއްތައިލީމެވެ. ލިފްޓްގެ ދޮރު ހުޅުވުނުހެން ހީނުވަނީސް އަހަރެން ބާރުބާރަށް ހިނގައިގަތީމެވެ. މުޅި މާހައުލުގައިވަނީ އަބުއި ހިމޭންކަމެވެ. މިއަދު ހަމަ އެހާ ބަލިމީހުން މަދީ ހެއްޔެވެ؟ މިހާރު މީހުންގެ ސިއްހަތުގެ ހާލަތު ހަަމަ އެހާ ރަނގަޅުވީބާއެވެ؟ ނޫނީ އީދު ބަންދާ ދިމާކޮށް މާލޭަގައި ދިރުއުޅޭ މީހުން އެމީހުންގެ ރަށްތަކަށް ދިޔައީ ހެއްޔެވެ؟

މާކަ ދުރަކަށް ހިނގާކަށް ނުޖެހުނެވެ. މިޒޫ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. މުޅި މީހާވަނީ މިލާމޯޅިވެފައެވެ. އެމޫނުން އަބަދާއިއަބަދު ޞަދަޤާތްކުރަމުންދާ ހިނިތުންވުން މިއަދު ފެންނާކަށް ނެތެވެ. އެ ކުރަނގި ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. އެ އިހިފަތު ބުމަ މިއަދު އެވަނީ ގޮށްޖެހިފައެވެ. ރޮނީއެވެ. ގިސްލަނީއެވެ. އަޑުން އަޑު ނަގައި ހަޅޭލަވަަނީއެވެ. ކައިރީ އަހަރެންގެ މަންމަ ހިތްވަރުގެ ބަސްތައް ދެމުން ދިޔައިރު މަންމަގެ ހާލު ވެސް ރަނގަޅެއް ނޫނެވެ. އަބަދުވެސް ރީތިކޮށް އޮމާންކޮށް ފުނާއެޅިފައިވާ އިސްތަށިގަނޑު މިއަދު ވަނީ ހޭވިފައެވެ. ދުފުމަށް ދެވިހިފައިވާ މަންމަ މިއަދު އަނގަޔަށް "މަޑިސީލަ" އެޅުމަށް އެވަނީ ހަނދާންނެތިފައެވެ.

"މިޒޫ!! ކޮބައިތަ މާއިޒް؟ ކޮބައިތަ މަގޭ ދަރިފުޅު؟"

މިޒޫގެ ފަރާތުން އަހަންނަކަށް ޖަވާބެއް ނުލިބުނެވެ. ވާހަކަދައްކާނެ ހިތްވަރު އެ ހަށިގަނޑުގައި ނެތީ ކަންނޭނގެއެވެ. ނޫނީ އަހަރެންދެކެ ރުޅިއައިސްހުރުމުގެ ސަބަބުން ވާަހަކަ ދައްކަން ބޭނުން ނުވަނީ ކަންނޭނގެއެވެ. އަހަރެން މިޒޫގެ އިހުސާސްތަކަށް އިހުތިރާމްކުރަމެވެ. މިއަދު އެފަކީރު ވާނެ ދެރަ އަހަރެންނަށް އަންދާޒާ ކޮށްލެވެއެވެ. 09 މަހާއި 09 ދުވަސްވަންދެން ހަށިގަނޑުގެ އެތެރޭަގައި ބޭއްވުމަށްފަހު އެތައް ވޭންތަކާއެކު ދުނިޔެއަށް އުފަންކުރި ދަރިފުޅަށް އެވަރު ކަމެއްް މެދުވެރިވުމުން އެފަދަ ކަމެއްވެދާނެކަމަށް ހުދު އަހަރެންގެ ޒަމީރު ވެސް ޤަބޫލުކުރެވެއެވެ.

މާކައިރުތަކެއް ނުވަނީސް އިމަރޖެންސީ ކޮޓަރީގެ ދުރު ހުޅުވުނެވެ. ޑަކްޓަރު ދޮރުން ނިކުތްއިރު އަހަރެން ޑަކްޓަރުގެ މޫނުގެ އިހުސާސްތައް ވަރަށް ރަނގަޅަށް ދިރާސާކުރީމެވެ. ފުރަަތަމަ ރައްދުކުރީ ހިނިތުންވުމެކެވެ. އަދި ބޯ ދެކޮޅަށް ހޫރުވާލުމަށްފަހު މާޔޫސީވެގެންވާ ރާގެއްގައި ސޮރީއޭ ބުނި އަޑުވެސް އެހީމެވެ. އަހަރެންގެ އަންހެނުންނާއި މަންމަގެ ފަހަތުން އަހަރެން ވެސް ދުއްވައިގަތީމެވެ. އަހަރެންގެ ދަރިފުޅު ދެކިލުމަށް ކެތްމަދުވެފައިވާތީއެވެ. މާއިޒް ފެނުމާއެކު މިޒޫ ގޮސް ބާރުބާރަށް އެފަކީރުގެ ގައިގައި އޮޅުލައިގަނެވެ. އަދި އަޑުން އަޑުނަގައި ބާރަށް ރޯންފެށިއެވެ. ލޯތްބާއި އޯގާތެރިކަަމުން ފުރިގެންވާ ދޮޮނެއް މާއިޒްްގެ ނިތްކުރިއަށް ދިނެވެ. މައިވަންތަކަމުގެ ލޯބި ހާދަހާ ވަރުގަދައެވެ. އެ ލޯބި އަހަންނަށް ފެނުމުން އަހަރެން ވެސް ފެންކަޅި ކުރުވައިފިއެވެ.

ދެން މިޒޫއާއި މަންމައާ ދެމީހުން ދުއްވައިގަނީ ކައިރީގައި ހުރި ކުޑަކުޑަ ކޮޓަރިއެއް ފަދަ ތާކަށެވެ. އަަަހަރެންވެސް އެމީހުންގެ ފަހަތުން މަޑުން މަޑުން ދިޔައީމެވެ. ސުވާލުތަކުން ފުރިގެންވާ ހިތަކާއެކީއެވެ. އެ ކޮޓަރީގެ މެދުގައި ކުޑަކުޑަ އެނދެެއް އޮތެވެ. އެ އެނދުގެ މަތީ ކޮންމެވެސް މީހެއް ހިނަވައި ކަފުންކުރެވިފައިވެއެވެ. އެމީހާ ފެނުމާއެކު މަންމައާ މިޒޫ ދެމީހުންގެ ގައިގައި އޮޅުލާގަނުމަށް ބާރުބާރަށް ރޯންފެށިއެވެ. މިވަނީ ކިޔެއް ހެއްޔެވެ؟ ނިޔާވެގެން މިއުޅެނީ ކާކު ހެއްޔެވެ؟ މަންމައާާއި މިޒޫ އެވަރަށް ހިތާމައެކުރަނީ ކާކު ނިޔާވުމުން ހެއްޔެވެ؟

ސުވާލުތަކަށް ޖަވާބު ހޯދުމަށް އަވަސްވެ ގަތީމެވެ. މީހުން ގަނޑުގެ ތެރެއިން ޖާގަ ހަދަމުން އެމީހާގެ މޫނުފެންނަ ވަރަށް ކައިރިވީމެވެ. ކައިރީގައި ހުރި މުސްކުޅިފުރައިގެ ފިރިހެނެއް އެ މައްޔިތާގެ މޫނު ބަލައިލުމަށްޓަކައި މޫނުމަތީގައި އެޅިފައިވާ ހުދު ފޮތިގަނޑު ނެގިއެވެ. އެމީހާގެ މޫނުމަތިވަނީ ވަރަށް ބޮޑަށް ވެސް ޒަހަމްވެފައެވެ. ލޭތައް ނުހިކިހުރުމުން އެއީ ވަރަށް ފަހުން ދިމާވި ކޮންމެވެސް ހާދިސާއަކުން ޒަހަމްވި މީހެއްކަން އެނގުނެވެ. އެމީހާގެ ސިފަ އަހަރެންގެ ހިތަށް ނަގައިގަނުމަށް ނެގީ މަދު ސިކުންތުކޮޅެކެވެ.

ވަގުތު ޖެހިއްޖެއެވެ. ހަޤީޤަތާ ކުރިމަތީލަން ޖެހިއްޖެއެވެ. ތަޤްދީރުގެ ނިޔަާއަކާ ދެކޮޅު ހެދޭކަށްނެތެވެ. ގަބޫލުކުރަން ކިތަންމެ އުނދަގޫވިއެއްކަމަކު ގަބޫލުކުރަން ޖެހިއްޖެއެވެ. ހިނެވި ކަފުންކުރެވިފައިވަނީ ދެވަނަ މީހެއްނޫނެވެ. އަހަރެންނެވެ. އާއެކެވެ. އެއީ ށ.ފޯކައިދޫ އަލަނާސީގޭ މިއުވާން މުހައްމަދެވެ. މުހައްމަދު އަލީ އާއި ރަޝީދާ ހަސަންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ފާތިމަތު މިޒުނާގެ ފިރިމީހާއެވެ. އަލީ މާއިޒްގެ ބައްޕައެވެ. ހުރިހާ ކަމެއް ވެސް ހަނދާނައަށް އައީ ދެނެވެ. އާއެކެވެ. އަހަރެންދިޔައީ މާއިޒް ގޮވައިގެން ސުކޫލަށެެވެ. ގަޑިޖެހެން ނުތަންވަޅުވެފައިވާ ގަޑިއެއްގައެވެ. 100 އަށް ސްޕީޑް ލައިގެން ސައިކަލު ދުއްވަމުން ދިޔައިރު ކުރިމަތިވާން މިއުޅޭ މުޞީބާތެއް އެއްގޮތަކަށް ވެސް ރޭކާނުލައެވެ. ސުކޫލާ ހަމައަށް ދިއުމަށް އެހާ ކައިރިވެފައިވަނިކޮށް އެފަދަ ކަމެއް މެދުވެރިވާނޭ ހިތަށް އަރާނީ ވެސް ފަހެ ކާކުހެއްޔެވެ؟ ހަނި ގޯޅިއަކުން ބާރުބާރަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟ ހަނދާނަށް އަންނަން ފަށައިފިއެވެ. އެ ސައިކަލު ޖެހުމާއެކު މާއިޒް ވިއްސައިގެންދިޔައީއެވެ. ނަމަވެސް މާތް ﷲ ގެ އިރާދަފުޅުން އެފަކީރު ވިއްސައިގެން ގޮސް ޖެހުނީ ވަރަށް ވެސް ނަސީބުގަދަކޮށެވެ. ބޮލަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށެވެ. ނަމަވެސް އަހަރެންނަކަށް އެ ނަޞީބެެއް ނުލިބުނެވެ. ބޯފަޅައިގެން ގޮސް ސިކުނޑިއަށް ލޭއެޅުނީއެވެ.

ލޯބި ދެމަފިރިއަކަށް އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ގެއްލުނީއެވެ. އަންހެނެއް ހުވަފަތްވެއްޖެއެވެ. ދަރިއެއް ޔަތީމްވެ އެކަނިވެއްޖެއެވެ. އުމުރުން އެންމެ 25 އަހަރުގައި އަހަންނަށް ދުނިޔެއަށް އަލްވަދާއު ކިޔަން މިޖެހުނީ ކުޑަކުޑަކަމެއްގައި ފަރުވާކުޑަކުރުމުގެ ސަބަބުންނެވެ. އަަވަސްއަރުވާލެވި ދުއްވަމުންދިޔަ އުޅަނދަށް މާ ބޮޑު ސަމާލުކަމެއް ނުދެވުމުންނެވެ. ދުއްވުމަށް ކަނޑައަޅާފައި ދުވެލީގެ ލިމިޓް ފަަހަނައަޅައި ދިޔައީމެވެ. ޤާނޫނުތަކާއި ޤަވާއިދުތަކަށް ފުރިހަމައަށް އަމަލުނުކުރެވުމުގެ ސަބަބުންނެެވެ.

  1. Avatar

    އުންމީދު ކުރަން ރީތި ވާނެކަމަށް ދެން ލިޔާ ވާހަކަތައް ވެސް..
    ސިލްސިލާ ވާހަކަ އެއް ލިޔަން ފަށަންވީ ނޫންތޯ؟ ހުނަރު އެބަހުރި، ماشاء الله.. ماشاءالله.. ވާހަކަ އޮބިނޯންނަ ވަރަށް ރީތި! އެކަމަކު ވާހަކަ މާކުރީ!

  2. Avatar

    I like your stories so much….. Plxx will u start writing long stories….. Will wait

ޚިޔާލު ފޮނުއްވާ