Views: 4577 65

"ހިމް ބަލަ. މުއީން!" އަހަރެން ޝަހާދަތް އިނގިލި ހިއްލާ ދައްކާލަމުން ބުނެލީމެވެ.

ހިމްޔާންވެސް އެނބުރިލާ ބަލައިލިއެވެ. އެތަނުގައި ގްރޫޕަކާއި ވާހަކަ ދައްކަން އެއިނީ އަހަރެންގެ މަންމަގެ ފިރމީހާއެވެ. އަހަރެންގެ ދޮން ބައްޕައެވެ. މުއީނަށް އަހަރެން ފެނިއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ މަންމަ ކައިރީ ބުނާނެބާއެވެ؟ އަހަރެން ދަންވަރު ގެއިން ނުކުމެދާނެއެކޭވެސް މަންމަ ހިތަށްވެސް ނާރާނެއެވެ. އަދި ފިރިހެން ކުއްޖަކާއި އެއްކޮށް މިފަދަ ތަނެއްގަ ވުމުން ދެން އެހިތަށް ކުރާނީ ކޮންކަހަލަ އަސަރުތަކެއް ހެއްޔެވެ؟

...........................

"އޭ ކާލމް ޑައުން. އެހާ އައްޔެއް ނޫނެއްނު. އަޅައެއް ނުގަންނާނެ." ހިމްޔާން މަސައްކަތް ކުރީ އަހަރެންގެ ބިރު ކަނޑުވާށެވެ. ނަމަވެސް އަހަރެންގެ ހިތުގެ ތެޅުން ވަނީ ހިނދަކަށްވުރެ ހިނދެއް ބާރެވެ. މުއީން އެ އަންނަނީ ސީދާ އަހަރެމެންނާއި ދިމާއަށެވެ. މޫނުމަތިން ފެނިގެންހެން ހިއެއް ނުވެއެވެ. އުންމީދު ކުރެވުނީ، ނިކުންނަން ދަނީ ކަމަށެވެ. ނަމަވެސް ހިތާއި ސިކުނޑި ވަނީ ވަހުމްތަކުން ފުރިފައެވެ.

އަހަރެން ފަހަނައަޅާ މުއީން ދިޔައީވެސް، އަހަރެން އެހާލެއްގައި ތުރުތުރު ލައި އިންދައެވެ. ހަމަ ޖެހުމުގެ ނޭވާއެއްލެވުނެވެ. ނަމަވެސް ލީ ނޭވާ ދެވަނަ ސިކުންތުގައި ތާށިވިކަހަލައެވެ.

"ރިފާޝާ؟" މުއީންގެ އަޑެވެ. އެނބުރި އައިސް އެ ހުއްޓިލީ ސީދާ އަހަރެމެން މޭޒު ދޮށުގައެވެ. އަހަރެން ނުތަނަވަސްކަމާއި އެކު އިސް އުފުލާ ބަލައިލީމެވެ. އެމޫނަކުން ރުޅިވެރިކަމެއް ނުފެނެއެވެ.

ފާޑަކަށް މުއީން ހިމްޔާނަށް ބަލައިލިއެވެ. ހިމްޔާން އޭނާގެ ޖޯކު ހިނިތުންވުން ދިނެވެ. އަދިވެސް އަހަރެންގެ ހިތް ހީވަނީ ފުންމާލާފައި ނުކުމެދާނެހެންނެވެ. އަހަރެމެން ދެމީހުންނަށް ފާޑަކަށް ބަލަން ހުރެފައި، މުއީން އަނގަޔަށް ގޮތެއް ހަދާލިއެވެ. އެ ނެގީ މުޅިން ނުބައި މާނައެއްކަން ވަގުތުން އަހަރެންނަށް ދޭހަވިއެވެ.
"ކޮބާ މަންމަ؟" އެއްޗެކޭ ބުނުމުގެ ބަދަލުގައި ކުރިމަތިވީ އާދައިގެ ސުވާލެކެވެ.

"ކޮއްކޮ ކައިރީގަ.." އަދަބުވެރިކަމާއި އެކު އަހަރެން ޖަވާބު ދިނީމެވެ. އިތުރަށް މަޑުކުރަން ނަހަދާ މުއީން ދިޔައީ ނުކުންނާށެވެ.

"ރިފޭ ހާދަ ފިނޑިއޭ. މުއީން ކިހާ ކޫލް.." ހިމްޔާނަށް މަލާމާތް ކޮށް ނުލާ ކެތް ނުވިޔެވެ. އަހަރެން ރުޅި މޫނު ހަދާލީމެވެ. އަދި ކޮޅަށް ތެދުވި އަންހެން ކުއްޖާއަށް ބަލައިލަމުން، އެކަން ހިމްޔާނަށް އަންގާލީމެވެ.

........

އަހަރެންނަށްވެސް މޫނު ނިވާ ކުރާނެ ފޮތިގަނޑެއް ދީފައި، ހިމްޔާންވެސް މޫނު ނިވާކޮށްލިއެވެ. ކުރަން މިއުޅެނީ ރަނގަޅު ކަމެއް ނޫނޭ އަހަރެންގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ.

ބޮދަމުން އަހަރެމެން ދިޔައީ އެ އަންހެން ކުއްޖާގެ ފަސްފަހަތް ބަލަމުންނެވެ. ހިމްޔާން ބިޓެއް ކަމަށްވެސް ވެދާނެއެވެ.

"އިނގެއެންނު ޑެލް." ހިމްޔާން ވާހަކަ ދައްކަން ފެށްޓެވެ.

"ކޮން؟ ލެޕްޓޮޕް ބްރޭންޑް.." އަހަރެންނަށް އިނގެނީ ޑެލް ލެޕްޓޮޕެވެ. އެކަމަކު އެހި އިރުވެސް އެ ދައްކަނީ މީހެއްގެ ވާހަކަ ކަން އަހަރެންނަށް އެނގެއެވެ.

"ޕިސް ދެން. އެއީ އަހަރެމެން ގްރޫޕް ސޮރެކޭ. ކުރީ ރޭ ބަޔަކު އައިސް ޑެލް ގައިގަ ތަޅައިގަތީ. އެ ގްރޫޕް އިސް އެއްޗެއްގެ ކޮއްކޮ ތިހިރަ ދާ މަންޖެއަކީ. އެހެންމަ ބަދަލު ހިފާލަން މިއުޅެނީ.." ހިމްޔާންގެ ރޭވުން ކޮންމެވެސް ވަރަކަށް ކިޔާލަ ދިނެވެ.

އަހަރެން ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުނެވެ. އެ ކުއްޖާ ކޮށްފައި އޮތް ކުށެއް ނެތެއް ނޫންހެވެ. ދެން އެކުއްޖާޔާ ބެހެން ޖެހޭ ހެއްޔެވެ؟ އަހަރެން އިތުރަށް އެއްޗެކޭ ނުބުނަމެވެ. މިކަން ކުރަން އައީ އަމިއްލައަށް ބޭނުންވެގެންނެވެ. ދެން ކޮން ދެކޮޅެއް ހަދާކަށް ހެއްޔެވެ؟

"ރިފޭ ދޭ. ގޮސް މިއޮތްހާ ދުހު ދަސްކުރި އެއްޗެއް ބޭނުންކޮށްގެން އޭނަ ވައްދަންވީ އެހެރަ ފަޅުގެއަށް. މިއޮތީ އަނގަ ބަންދުކުރަން ފޮތިގަނޑު." ކުޑަކުޑަ ކަމެއްހެން ކިޔާލަ ދިން އިރު، އަހަރެންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އަހަރެންވީ ކުށެއްނެތް އަންހެން ކުއްޖަކު ކިޑްނެޕް ކުރަންހެއްޔެވެ؟

"ކަމޯން ރިފް. ދިސް އިޒް ބިޒްނަސް." އިތުރަށް ހިމްޔާން ބުނެލިއެވެ. އަހަރެން ބިރުންހުރެ، ފުން ނޭވާއެއް ލާފައި ހިނގައިގަތީމެވެ. ކިޑްނެޕް ކުރުމަކީ އާ ކަމެއް ނޫނެވެ. ނަމަވެސް ރަށުގައި، އަންހެން ކުއްޖަކު ކިޑްނެޕް ކުރަން ބުނުމުން ފަސްޖެހެވުނީއެވެ. ހަމަ އަހަރެންގެ ފިނޑި ކަމުންނެވެ. އަހަރެން ބޭނުންވާ ފައިސާ ލިބޭނީ އެމީހުން ބުނާ ކަންކަން ކޮށްދިނީމައެވެ. މިނޫންގޮތެއް ނެތެވެ.

ދިޔައީ ކިތަންމެ މަޑުމަޑުން ނަމަވެސް، ވަކި ހިސާބަކަށް ދެވުންތަނާ އެކުއްޖާއަށް، ފަހަތުގައި މީހަކު ހުރިކަން އެނގުންވެ އެނބުރިލިއެވެ. ތަންވަޅު ބަލާފައި އަހަރެން ހަމަލަ ދިނީމެވެ. ފަޔަށް ލެވުނުހާ ބާރެއްލާފައި ޖެހީ ބަނޑުގައެވެ. ވަރަށް ތަދުވާނެކަން އަހަރެންނަށް އެނގެއެވެ. ކަޑަވެސް ވިއެވެ.

ތޫލި ހަޅޭކަކާއި އެކު އެކުއްޖާ ގުދުވެލިއެވެ. ވަގުތު ބޭކާރުކުރުމެއް ނެތި، ފައިގައި ހިފާ އެކުއްޖާ ބިމަށް ވައްޓާލީމެވެ. ހަޅޭއްލަވަމުން ދިޔަ އަނގަމަތީ އަތް އަޅާލާ، ހިމްޔާން ދިން ވާގަނޑުގެ އެހީ ހޯދީމެވެ. ހިމްޔާން އައީ އެހިސާބުންނެވެ. ދެމީހުންވެގެން، އެ ފަޅުގެއަށް އެ ކުއްޖާ ވެއްދީމެވެ.

އަހަރެންނަށް އިހުސާސް ވަމުން ދިޔައީ އަހަރެންގެ ރަހުމް ކުޑަކަމެވެ. ނަމަވެސް ހިމްޔާން މުޅިން ތަފާތެވެ. ހުރީ އެ އަންހެން ކުއްޖާއާ ކޮންމެވެސް ވާހަކަ ތަކެއް ދައްކާށެވެ. ކަނު ބަނެފައި ހުރި ނަމަވެސް، އެ އަންހެން ކުއްޖާވެސް ގަދަ ހަދާ ހަޅޭއްލަވާކަށް ފަހަކުން ނޫޅުނެވެ. އަހަރެން މިހާ ބިރު ގަންނަނީ މިކަމަށް އާ ވީމަ ކަމަށް ޤަބޫލު ކޮށްލާފައި އަހަރެން ގޮސް އެދެމީހުން ގާތު ހުއްޓިލީމެވެ.

"ކައެ މަސައްކަތް ދެން އޮތީ.." އަހަރެން އައުމުން، އަހަންނާ މުޚާތަބުކޮށް ހިމްޔާން ބުނެލިއެވެ. ނަން ބޭނުން ނުކުރީ ކާކުކަން ނާންގަން ވެގެންނެވެ. އެ ސޮރަށް ވިސްނެއެވެ.

ހިމްޔާން ކުޑަ ޕޮކެޓު ވަޅިއެއް ނަގާ އެ އަންހެން ކުއްޖާގެ އަތުގައި އަޅާލިއެވެ. ދެތިން އިންޗީގެ އެ ތަނުން ލޭތައް އޮހިގަތެވެ. ތަދުވާ މީހާއަށްވުރެވެސް ބިރު ބޮޑީ އަހަރެންނެވެ. ތިކުރީ ކީތްހޭ އަހާލީމެވެ.

"ގޮސް އެ ފާރުގަ، މީނަގެ ލެއިން މަ ބުނާ އަކުރުތަކެއް ލިޔުއްވާ.." ޖެހިލުންވެ ހުރެ އެކަންތައް ކުރަން ދިޔައީމެވެ.

"އާރް، އީ." ދުރުގައި ހެވިފައި އިނދެ ހިމްޔާން ކިޔަމުން ދިޔައެވެ. "ވީ، އީ.." އަހަރެން އޭނަ ބުނި ގޮތަށް ބޮޑު އަކުރުތަކަކުން ލިޔަމުން ގެންދިޔައީމެވެ. "އެން، ޖީ، އީ.." ބަސް ފުރިހަމަ ކޮށްލީމެވެ.

"ކޮން ރިވެންޖްއެއް ތަ" މަސައްކަތް ނިންމާލާފައި އައިސް އެހީމެވެ.

"ބުނެފީމެއް ނޫންތަ ޑެލް ގައިގަ މީނަ ބޭބެ ތަޅައިގަތީޔޭ.." ގޮނޑިއެއްގައި އެ ކުއްޖާ ބަނދެފައި، ހިމްޔާން ހާވަންފެށީ އެކުއްޖާގެ އަތްދަބަހެވެ. އޭގެން ފޯނު ނަގައި ހުޅުވާލިއެވެ.

"އޭ، މީގެ ޕާސްވޯޑަކީ ކޮބާ؟ އޭރުން ބޭބެގަނޑަށް ކައެ ހުރި ތަނެއް އަންގާލެވޭނީވެސް.." ހިމްޔާންގެ ގަމާރު ކަމެވެ.

"ބަލަ ތީ އެޕަލް 11 އެކޭ.. ފޭސް އައިޑީ ކިޔާ އެއްޗެއްގެ އަޑު ނާހަންތަ؟" އަހަރެން، ގޮސް ފޯނު ޖަހައިގަތުމާއި އެކު، އެކުއްޖާގެ މޫނަށް އަލިކޮށްލާފައި، ފޮތިގަނޑުތައް ނައްޓާލީމެވެ.

"ޔޫ އަރ ވެލްކަމް.." އަނެއްކާވެސް، އަނގަޔާ ލޯމަތީ ފޮތިގަނޑު އަޅަމުން ބުނެލީމެވެ.

ހިމްޔާން، އެ ބުނާ ބޭބެއަކަށް މެސެޖު ކުރާނެ ވަރަކަށް ކޮށްފާ، އަހަރެމެން އެތަނުން ނިކުންނަން ހިނގައިގަތީ އެ އަންހެން ކުއްޖާ އެތަނުގައި އެ ހާލަށް ދޫކޮށްލާފައެވެ. ޕޮލިހުންނަށް އެނގިދާނެތީ އަހަރެންގެ ހިތް އޮބި އޮންނަވަރެއް ނޫނެވެ.
"މިޔަށް ކިހިނެއް ހަދާނީ؟" ހިމްޔާން ދައްކާލީ އެކުއްޖާގެ ހޭންޑްބޭގެވެ. އަންނަމުން އައީ އެ ހިފައިގެން ކަމެއް އަހަރެންނަކަށް ނުވެސް އެނގެއެވެ.

"ބަނދަރާ ދިމާ މޫދަށް އެއްލައިލާނީ." އަހަރެން ދިނީ ލާނެއް ހިނިތުންވުމެކެވެ.

"އާނ ދޯ. އޭރު އައިޑީކާޑުގެ ބޭނުމުގައިވެސް ޖެހޭނީ، އެތަނަށް ފުންމާލަން." ހިމްޔާން އެކަންވެސް ނެގީ ސީރިޔަސް ކޮށެވެ. މިމީހާއާއެކު ދިރިއުޅެވޭ ވަރެއް ނޫނެވެ. ގޮތް ދޫނުކުރުމުން އެންމެފަހުން އަހަރެންނަށް ޖެހުނީ އެ އައިފޯން 11 ޕްރޯ މެކްސްވެސް، މޫދަށް އެއްލައިލާށެވެ. ބައެއްގެ ބޮޑު ޚަރަދެކެވެ. ހިނދުކޮޅަކުން ފެނަށެވެ.

...................

ގެއަށް ދެވުނު އިރު ހަތަރެއް ޖަހާ ބޮޑުވަނީއެވެ. ބޮލަށް ބަރުވެ ކިރިޔަ ކިރިޔާ ކޮޅަށް ހުރެވޭ ކަމެވެ. އަނެއްކޮޅުން ފެށެނީ އާދިއްތަ ދުވަހެވެ. ހޭލެވޭނެ ކަމަށް އުންމީދު ކޮށް، އެލާމްވެސް ކޮށްފައި އަހަރެން ނިދަން އަވަސްވެގަތީމެވެ. އެއިރު ފަހެއްޖަހަން ފަނަރައެވެ.

"ނޫންން..." ހޭލެވުމާއ އެކު ހަޅޭއް ލަވައިގަނެވުނެވެ. ހަތެއް ޖަހަން ބަރާބަރު ފަސްމިނިޓެވެ. ހަތް ގަޑި ދިހައެއް އެއީ، ސްކޫލަށް ވައްދާ އެންމެ ފަހު ގަޑިއެވެ. ދެލޯ ނުހުޅުވުނަސް، ގަޔަށް ބޮލަށް ހިނި އަރައިގެން އުޅޭ ފަދައަކުން ފެންވަރާ ރީތިވެލީމެވެ. އޮޅާލި ތުވާލިން ހިކުނު ވަރަކަށް ހިއްކާފައި ބޯ އައްސަމުން ނިކުތް އިރު ހަތެއް ޖަހާ ދެ މިނިޓެއްވަރު ހިނގައިފިއެވެ. ސްކޫލް ތަންކޮޅެއް ކައިރިނަމަވެސް ކީތްހެވެ. ހިނގާފައި ދާން ޖެހޭ އިރު ފަނަރަ މިނިޓު އެކަމަށް ނަގާނެއެވެ.

ލަސްވިޔަސް ހެވެވެ. ނުކައެއް ނުދެވޭނެއެވެ. ބަނޑުގައި ދިރޭ އެއްޗެއް އުޅޭ ހެންވެސް ހީވެއެވެ. ހައިވެފައި ހުރި ވަރުންނެވެ.

"ރިފާޝާ. ސްކޫލަށް ދާންވީ. މިހާރު ގަޑި ޖެހިގެން ގޮސް މާ ލަސްވީއެއްނު..." ނިކުމެވުނީ ކޮއްކޮއަށް ކާ އެއްޗެހި ހިފައިގެން ދާން ނިކުތް މަންމަގެ ކުރިމައްޗަށެވެ.

"އެނގެޔޭ.. އެކަމު ހާދަ ބަނޑުހައޭ..." އަހަރެން އުޅުނީ ބަދިގެއަށް ވަދެވޭތޯއެވެ.

"އުހުނ. ސްކޫލަށް ނުގޮސް ކައިގެން ނުވާނެ... އަވަސް. ދާން އުޅޭ.." ގަދަ ހަދާލެވޭނެހާ ވަގުތެއްވެސް ނެތެވެ. އަނގަހަދާލާފައި ދުއްވައިގަތީމެވެ. ސްކޫލާ ދިމާއަށެވެ. ހުސް ބަނޑާއެވެ. އެތެރެ ހަށީ އުތުރި އަރަމުން ދިޔައީ ރޯދަ ދުވަސްދުވަހު ހަވީރު ކޮޅަށް އަޅާލީމާ ވާ އިހުސާސްތަކެވެ.

ކުދިން އިންޓަރވަލްއަށް ހެދިކާ ހަދާތަންތަން ހުންނަކަން އެއީ ހަމަ ނަސީބެވެ. ފަންސަވީސް ރުފިޔާ އެއިން މީހެއްގެ އަތަށް ޖަހަމުން، ބާރގަރއެއް ނަގައިގެން ދިޔައިރު، އަހަރެންނަކީ ކާކު ކަން ވިއްކާ މީހުނަށް ނުވެސް އެނގޭނެއެވެ. ބާކީ ވިއްޔާ ވީބައިވެސް ލިބޭނީ އެމީހާއަށެވެ. އަނގަޔަށް ބަރގަރ ކޮއްޕަމުން އަހަރެން ދުވީއެވެ.

ދުވެވުނު ބާރު މިނެއްގައި ދުވަމުން ދިޔައިރު، މަގު މަތިން ދިޔަހާ މީހެއްގެ އަމާޒު ފަތްގަނޑަކީ އަހަރެންނެވެ. އާ މީހުންނާއި، ކޮންމެ ދުވަހަކުމެ އަހަރެން އުޅޭ ހާލު ދެކޭ މީހުނެވެ. އެމީހުން ހިތަށް އަރާނެ އެއްޗަކަށް ނުވިސްނަމެވެ.

ސްކޫލާ ހިސާބަށް ފޯރުމުން ގަޑި ބަލައިލީމެވެ. ބާރަ ހިނގައިފިޔެވެ. މިހާރު ގަޑިވެސް ފަށާފާނެއެވެ. ގޭޓުން ވަދެއްޖެ ނަމަ ފެންނާނެތީ އަހަރެން ވަލުފަރާތުން، އެރީ ސްކޫލް ފާރުމައްޗަށެވެ. ދެލޯ އުނގުޅަމުންނެވެ. ދެން އެތަނުން ފުންމާލީ ފެންތާނގިތަކު މައްޗަށެވެ. އެހިސާބުން ދެވަނަ ފަންގިފިލާގެ ކޯރިޑޯރއަށް ފުންމާލުން އުނދަގޫ ކަމަކަށް ނުވާނެއެވެ.

ފިލަފިލައިގެން އުޅެމުން، ކުޑަދޮރުގެ ތެރެއިން، މަޑުމަޑުން ކްލާސްތެރެއަށް ވަނީމެވެ. ފަހަތު ކަނުގައި އިން އަހަރެންނަށް ހާއްސަ ގޮނޑީގައި އިށީންއިރު އެކަން ދަތީ ހަމައެކަނި ކްލާސް ބެކް ބެންޗަރ ގްރޫޕަށެވެ. އޭގެންވެސް ބައެއް ކުދިންނަށެވެ.

ވަން ގޮތަށް އަހަރެން ޑެސްކުގައި ބޯ އަޅާލީމެވެ. ރޭގައި ނުނިދުނު ތަންކޮޅު ނިދާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކުއެވެ.

"ކައެ ކޮންއިރަކު އައީ؟" ޖެހިގެން އިން ހިމްޔާނަށް މީހަކު އައި ކަން އެނގުނީ ފުރަތަމަ ގަޑި ނިމި ދެވަނަ ގަޑި ފެށިވެސް ފަހުންނެވެ.

"މަ މިތާ އިންނަތާ ކޮން އިރެއް؟ ފޯނަށް ގޮސް ގެއްލި ހުސްވެފަ އިންނަންޏާ ވާނީ ތިހެނެއްނު.."

"އެހެ.. އެއީ ގަނޑަކަށް އަރައޭ އިނީ. ބްރޯ. ފާޑެއްގެ ޗައިނާ ގްރޫޕެއް އަރާ މަ މަރާލައިފި.." ދުވާ ވެއްޖިއްޔާ ހިމްޔާން އުޅޭނީވެސް ޕަބްޖީގެ ތެރޭގައެވެ. އެއްޗެއް ހަނދާންވެގެން އަހަރެން ދަބަސް ހާވާލީމެވެ.

"ކޮބާ މަށަށް؟" މައިލޯ ޕެކެޓު ކަނޑާލާ އަނގަޔަށް ޖެހުމާއި އެކު ހިމްޔާން ޝަކުވާ ފެށީއެވެ. " ދެން ދީބަ އެތިކޮޅެއް.."

"ނޭނގެ މި ދަބަހުގަ އޮންނަތާ ގަރުނެއް ނުވާކަމެއްވެސް. ކުނިވެސް ވެފަ އޮވެދާނެ. އެކަމުވެސް ނުލިބޭނެ.." އަހަރެން އަތުން ކާ އެއްޗެއް އަތުލުމަކީ މީހަކަށް ކުރެވޭނެ ފަދަ ކަމެއް ނޫނެވެ. އަދި އަމުދުން ސްކޫލް ގަޑީގައި އަހަރެން ބަނޑުހައިވެފައި ހުއްޓާ އެކަމެއް ނުވާނެއެވެ.

"ހުނ.. ހެވޭ. މަ ކާނީ ޗިކަން ޑިނަރ.. ބަލަ. ޗިކަން ޑިނަރ.." ފޯނު ޑިސްޕްލޭ ދައްކާލަމުން ހިމްޔާން ފޮނިކަނޑާލިއެވެ. އަހަރެމެން ސްކޫލް ކޮންމެ ދުވަހެއްގައިމެ އުޅޭ ހާލެވެ.

"ކޯޗެއް ތި ބަލަނީ." އަހަރެންގެ ބަލަމުން ދިޔައީ ކިލާސް، ތެރެއަށްކަން އެނގުނު ހިނދު ސުވާލު އަމާޒު ވިއެވެ.

"އެއީ ކާކުތަ؟" އަހަރެންނަށް ބެލެމުން ދިޔައީ، މުދައްރިސް، ކިލާސް ކުރިމައްޗަށް، ބޯޑުގައި އޮތް ސުވާލު ހަދަން ގެންދިޔަ ކުއްޖާއަށެވެ. ކުރިއަކުން އަހަރެން އެކުއްޖާއެއް ނުދެކެމެވެ.

"ކައެ އުޅެނީ ދުނިޔޭގަތަ؟ އޭއްޗަކު އައިސް މި ކުލާހުގަ އިންނަތާ ދެ ހަފްތާ ވަރު ވެދާނެ.." ހިމްޔާން ޖަވާބު ދިން އިރުވެސް އަހަރެންގެ ނަޟަރު އެހެން ދިމާއަކަށް ނުދެއެވެ. އެހެރަ ރީތިކަމެކެވެ. ހިނގާ ގޮތާ، އަޅާ ފިޔަވަޅުތަކަށްވެސް ހިތް ޖެހިއްޖެއެވެ.

"ކޮން ނަމެއްތަ ކިޔަނީ.." އަހާލީމެވެ.

"މަށަކަށް ތިޔެއް ނޭނގެ. ކޮންމެވެސް.. ކޮންމެވެސް ހަސަނަކޯ. ތާ އަކުން. ހަސަން ތަކުރު ތޯޗެއް.." އަބަދު ފޯނުގެ ތެރޭ އުޅޭ މީހާއަށް އޭނަގެ ނަމެއް ނޭނގުނެވެ. އެކަމު އަހަރެންނަށްވުރެ ޙާލަތު ރަނގަޅުތާއެވެ.

"ދެން މަ ވީ އައިމިނާބީ އަށް ވާން؟" އަހަރެންވެސް މަޖަލުގައި ބައިވެރި ވެލީމެވެ. އިންތިޒާރު ކުރެވެމުން ދިޔައީ ގޮސް ބޯޑުގައި އެ ސުވާލު ހަދާނެ އިރަކަށެވެ. މޮޅު ކުއްޖެއް ނަމަ އަހަރެން ކަހަލަ މީހަކާ ހިތާ ނުވާނެއެވެ.

ކުރިއަށް ދަނީ ހިސާބު ގަޑިއެވެ. ދީފައި ވަނީ ސިމަލްޓޭނިޔަސް އީކުއޭޝަންއެކެވެ. އެދިފައިވަނީ އެކްސް އަދި ވައި ހޯދާށެވެ.

"މިސް މީނދީ އެކްސް. މީނދީ ވައި.." އެބުނާ ހަސަން ތަކުރެއް، ސުވާލުގައި އިން އެކްސް އަދި ވައިގައި ބޮޅު އަޅާލިއެވެ. ވިސްނޭ ކުއްޖެކެވެ.

ބޯ ހުރީ އާދައިގެ ވަރަކަށް ދިގުކޮށެވެ. ގިރުވާން ކައިރިން، އަޅާފައި އޮތް ފަށް ފެންނަން އޮތެވެ. އަތުގައިވެސް ޗޭނުތަކެއް ހުއްޓެވެ. މަނާކަންކަންވެސް ކުރާ ކުއްޖެއްތާއެވެ. ކަރުގައި ކުރަހާފައި އިން، ގަބުރު ބޯ އަދި ވަކިން އަހަރެންނަށް ރީތި ވިއެވެ. އެ ލޮލުގެ ފުންކަމާ، އަޑުގެ ބަރު ކަމާއި، މީހާގެ ފިރިހެންވަންތަ ކަމެވެ. ގޯސް އެންމެ ސިފައެއްވެސް އަހަރެންނަކަށް ނުފެނުނެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެތާއެވެ.

"ހޫނ ތިއޮއް ސޮނި ފައިބަނީ." ދިމާ ކޮށްނުލާ ހިމްޔާނަށް ނުހުރެވުނެވެ. އަބަދު ޕަބްޖީގައި އުޅެމުންވެސް އަހަރެންނާ ފޮށިނުލާ އެސޮރަކަށް ނުވާނެއެވެ. ސްކޫލް ވައިފައި ހެކް ކޮށްލަދެވުނީތީވެސް މޮޔަ ހީވެއެވެ.

............

އިންޓަރވަލް ގަޑިއަށް ހުރިހާ އެންމެން ބޭރަށް ނިކުންނަން ފެށުމުން، އަހަރެންވެސް ކަންނެތް ކަމާއި އެކު ދަބަސްގަނޑު ހިފުނުގޮތަކަށް ހިފައިގެން، އަހަރެންގެ އިންތިޒާރުގައި، ކޯރިޑޯރގައި ހުރި ހިމްޔާނާއި އަރާ ހަމަ ކުރީމެވެ. އެއިރުވެސް އަހަރެންގެ ދެލޯ ހޯދަމުން ދަނީ ހިތް ދެކިލުމަށް އެދޭ ސޫރައެވެ. އެބުނާ ހަސަން ތަކުރެކެވެ. އެސޮރު އަސްލު ނަންވެސް ހޯދަން ވެއްޖެއެވެ.

"އޭ. މިރެއަށް އެބަ އޮތޭ ބޮޑު ޕްލޭނެއް." ސްކޫލް ގޭޓުން ނިކުމެވުމާއ އެކު، ދެފަރާތް ބަލައިލާ، ވައި އަޑަކުން ހިމްޔާން ބުނެލިއެވެ.

"އިންޓަރވަލް ފަހުން ކިޔައިދޭނަން އިނގޭ." ފުދޭ ވަރަކަށް މީހުން ގިނަ ވުމާއި އެކު، އެ މާހައުލު ހިމްޔާނަށް ކަމު ނުދިޔައީއެވެ. އެހެން ނޫނަސް، މި މީހުން ގޭންގުގެ ސިއްރެއް ފަޅާ އަރައިފިއްޔާ ކަންތައް ދާނެ ހިސާބެއްވެސް ނޭނގެއެވެ.

"މިހާރު ކިޔަންޏާ ކިޔާ. މަ އިންޓަރވަލް ފަހުން ބަލި..." އަހަރެން އަހަރެންގެ ނިންމުން ބުނެލީމެވެ. އެއީ އަހަރެން އަލަށް ކުރާ ކަމެއް ނޫންކަމުން، ހިމްޔާންގެ މޫނު މަތިންވެސް ނުރުހުމެއް ނުވަތަ ޝަކުވާގެ ކުލަވަރެއް ފާޅެއް ނުވިއެވެ.

"ކައެ އަބަދުވެސް ޗުއްޓީ ދޯ... އާނ.. މިހާރު ވެގެން މިއުޅޭ ގޮތަކީ، މިތާ އުޅޭ ކޮޕެއް މާ ފޮނި އަރުވަނީއޭ. ކޮންމެހެންވެސް އެބަ ޖެހޭ ސައިޒަށް ތިރި ކޮށްލަން." ހިމްޔާންގެ ވާހަކަ އަހަރެންގެ ޝައުގުވެރިކަން ދަމައިގަތެވެ. ފުލުހަކަށް ގޮތެއް ހަދަންޏާ ހެދޭނީ ވަރަށް ރާވާލައިގެންކަން ވިސްނޭތީއެވެ.
"އެކަމު... މަ ވަރަށް ބަނޑުހައޭ.. ހޫނ ދެން ދޭ. މިރޭ އާދޭ އެއްކަލަ ގެއަށް.." ޖުމުލަ ރަނގަޅަށް ފުރިހަމަވެސް ނުކޮށް، ޖެހުނު ގޯޅި އަޅާ، ހިމްޔާން ބާރަކަށް ހިނގައިގަތެވެ. އިތުރު އެއްޗެކޭ ބުނެލާނެ ފުރުސަތެއްވެސް އަހަރެންނަކަށް ނުދިނެވެ.

ގެއަށް ގޮސް ނިދިގޮތަށް، ހޭލެވުނު އިރު ހަވީރުވަނީއެވެ. ރީތިވެލައިގެން ކޮއްކޮ ކައިރިއަށް ވަދެލީމެވެ. މިރޭގެ ކަންތަކާ އުޅެން ޖެހޭނެތީއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.

....................

ރޭގަނޑެވެ. ހިމްޔާން ބުނި އެއްކަލަ ގެއަކީ ކޮންކަލަ ގެއެއްކަން ހޯދައިގެން އަހަރެން ދިޔައީ އެދިމާއަށެވެ. އެތެރެއަށް ވަން އިރު ހިމްޔާނާއި އިފްޝޮޓްގެ އިތުރުން އެމީހުން ގްރޫޕް ދެމީހަކު އެތަނުގައި ތިއްބެވެ. އެކި ތަންތަނުން ކޭބަލް ނަރުތައް ފެންނަން ހުރި އިރު އެތަނުގައި ވީ ހުސް އިލެކްޓްރޯނިކް އެއްޗިއްސެވެ. މަތީ ހުރި ޓީވީ ތަކުން ސީސީޓީވީ ފުޓޭޖްތަކެއްވެސް ފެންނަން ހުއްޓެވެ.

"ރިފޭ.. އާދޭ. ކައެ ނައިސްގެނޭ މިތިބެނީ.." އިފްޝޮޓް އަހަރެން ގެންގޮސް، ސޯފާގައި ބޭންދިއެވެ. ކުރިމަތީ ހުރި މޭޒުގައި އިން ލެޕްޓޮޕަށް އަހަރެން ބަލައިލީމެވެ. އޭގައިވަނީ ދެމީހެއްގެ ފޮޓޮއެކެވެ.

"މީ މަ އޭރު ބުނި ކޮޕް.. މީނަ މަގޭ އެކްސް ގޮވައިގެން އުޅޭތީ، މަ މީ ކިހާ ނުބައި މީހެއްކަން ދައްކާލަ ދޭން މިއުޅެނީ.." ހިމްޔާން ކިޔައިދިނެވެ. އަނެއް ފޮޓޯގައި ހުރި އަންހެން ކުއްޖާއަކީ ހިމްޔާން އެކްސްއެއް ކަމަށް އަހަރެންނަށް ޤަބޫލުކުރެވުނެވެ. ހާހުން ގެންގުޅެންޏާ އެނގޭނީވެސް ކިހިނަކުން ހެއްޔެވެ.
އާދައިގެ މަތިން އިފްޝޮޓް މަސައްކަތް ހަވާލުކޮށްލިއެވެ. ދެވިސްނުމެއްގައި އިނދެފައި އަހަރެން މަސައްކަތް ފެށީމެވެ. އެއްޗެހި ވައިރަލް ކުރުމަށް ބޭނުން ކުރާ ވެބްސައިޓްތަކަކަށް އެމީހުން ވަންނަން ޖެހޭނީ ކީތްވެކަން އަހަރެން ވަރަށް ރަނގަޅަށްވެސް ދަންނަމެވެ. ސުވާލު ކުރުމެއްނެތި އެމީހުން ބުނި ހުރިހާ ވެބްސައިޓަކަށް ވަނުމަށް ބޭނުންވާ ޕާސްވޯރޑް ހޯދާ، ޕޮލިސް މީހާގެ ފޭސްބުކް އެކައުންޓްވެސް ހެކްކޮށްލަ ދިނީމެވެ.

ދެން އެމީހުން ހުޅުވާލި ފޯލްޑަރއަކުން އަހަރެންނަށް ދެލޯ މަރާލެވުނީ އިހުތިޔާރުންވެސް ބޭރުގައެވެ. އެ ފޮޓޯ ފޯލްޑަރގައި ހުރީ ހުސްވެސް އެ އަންހެން ކުއްޖާގެ ފޮޓޯއެވެ. ބަލާ ބެލުމަށް ޢުމުރުން ސޯޅަ އަހަރަށްވުރެ ދޮށްޓެއް ނުވާނެއެވެ. ގިނަ ފޮޓޯ ތަކުގައި ހުރީ ހެއްދެވި ގޮތަށެވެ.
"ރިފޭވެސް ދޯ... ކަލޭ ނެތް އެއްޗެއް ހުރީތަ؟" އެތަނުގައި ތިބި ގޭންގު ފިރިހެނުން ތެރެއިން އެކަކު އަހަރެންނާއި މުޚާތަބުކޮށް ބުނުމުން އަހަރެންގެ ގާތަށް ކޮންމެވެސް ވަރަކަށް ރުޅިވެސް އައެވެ. އެމީހުން އަންހެން ކުއްޖެއްގެ މިފަދަ ފޮޓޯ ގެންގުޅެން ޖެހޭ ހެއްޔެވެ.
"ކައެ މެން އޭނަ ކޮޓަރީގަ ކެމެރާ ހަރުކޮށްގެން ނެގީތަ؟" ދުރަށް ބަލަހައްޓައިގެން ހުރެ އަހާލިއިރުވެސް އަހަރެން އިނީ ޤަބޫލުކުރަން ދަތިވެފައެވެ.

"ބަލަ މީއްޗިހި ވައްތަރުތަ ބަޔަކު ނަގާފަ ހުރި އެއްޗިއްސާ؟ ހުސްވެސް އަމިއްލައަށް ގަނެފަ ހުރި ގަނޑު މީ. ބުނީމެއްނު މަގޭ އެކްސްއެކޭ.." ހިމްޔާން ރައްދު ދިނެވެ. އެމީހުން އެ ފޮޓޯތައް ލީކް ކުރުމައިގެން ކުރިއަށް ދިޔައިރު އަހަރެން ދުރުގައި އިނީ ނުބަލަންވެގެންނެވެ. އަހަރެންނަށް، އެހީވެވުނީތީވެސް ކަޑަވެސްވިއެވެ.
"ރިފް މެސެޖު ކުރޭ. އަހަރެމެން މެސެޖު ކޮށްފިއްޔާ ލެންގުއޭޖުންވެސް އޭނަޔަށް އިނގޭނެ އަހަރުމެންކަން." އިފްޝޮޓް އަހަރެންނަށް ދިއްކޮށްލި ސިމްކާރޑުގައި ހިފީމެވެ. ފޯނަށް ލައްވާލުމަށް ފަހު އެބުނާ ޕޮލިސްމީހާއަށް މެސެޖު ލިޔުނީމެވެ. ހިމްޔާން އެދުނު ޖުމުލަތައް އޭނަގެ ނުބައި ބަހުރުވަ، ވީވަރަކުން ރީތިކޮށްގެންނެވެ.

"ޒާހު، މީ އަދި ކުޑަކަމެއް. ކައެއަށް ޑޭޓް ކުރެވޭ ވަރުގެ މީހުނާ ނުކުރެވޭ ވަރު މީހުން ނުދަންނަންޏާ ދެން ޖެހޭ ކަންތައް މާ ބޮޑުވާނެ. ތިމާ މީހާގެ ފެންވަރު ނޭނގެންޏާ ދެން ވައިރަލް ވާނީ، ކައެ ކޮއްކޮ ފޮޓޯ. ނޫނީ ރަށްމެދަށް ބަލިވެ އިންނާނީ ކައެ ދައްތަ!" މެސެޖު ފޮނުވާލައިފައި އެމީހުން ވަރަށް މަޖާ ކުރިއެވެ. އަހަރެންވެސް ބައިވެރި ވީމެވެ. އެހެނަސް ބިރުވެސް ގަނެއެވެ. ބަސްޓުވެއްޖިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟

އެރޭ ގެއަށް ދެވުނުލެއް އެހެން ރޭރެއަށް ވުރެ އަވަހެވެ. ލިބުނު ފައިސާކޮޅު ގުނާ ލެވުމުން ހިތަށް ހަމަ ޖެހުމެއް ލިބުނެވެ. އެނދުގައި އޮށޯވެލީ ފަތިހު ކޮއްކޮ ކައިރިއަށް ދިޔުމުގެ ކުރިން ރަނގަޅަށް ނިދާލުމުގެ އުންމީދުގައެވެ.

...................

"ރިފާޝާ! ދަރިފުޅާ ރިފާޝާ.." ދޮރުބުޑުގައ ހުރެ މީހަކު ހަޅޭ ފަޅޭއް ލަވާ އަޑަށް އަހަރެންނަށް ހޭލެވުނެވެ. ލޯ އުނގުޅަމުން ގަޑި ބަލައިލި އިރު އަދި ހަތަރެއްވެސް ނުޖަހައެވެ.

"ހައުލާއްތަ؟" ލިބުނު ހައިރާން ކަމާއި އެކު އަހަރެން އަހާލީމެވެ. ހައުލާއަކި މަންމަގެ ދުވަސްވީ އެކުވެރިއެކެވެ. އަހަރެމެން ރާއްޖެ ބަދަލު ވީ ފަހުން އެންމެ ބޮޑަށް އެހީތެރިވި މީހަކީވެސް އެއީއެވެ. މޫނު މަތީގައިވި ހާސްކަމުން، ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން އަހަރެންނަށް ޔަގީން ވިއެވެ.

"ރިފްޝާން... ރިފްޝާން.." ހައުލާއްތަ ބުނަމުން ދިޔައެވެ.

"ޝޯންއަށް ކިހިނެއްވީތަ؟" އެހި އިރުވެސް އަހަރެންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ކުޑަ ކަމެއް ވެގެން މީހަކު އެވަރަށް ހާސް ނުވާނެކަން އަހަރެންނަށްވެސް އެނގެއެވެ.

(ނުނިމޭ)

  1. Avatar

    ma liyaa comment kyhve thr dlt kurany alhe…..ma mi ahany e stry up nukurany kyhve hey..at least sababeh vx bunaanama dhw…kiyuntherin inthixaaru ga nubaithibbbaa…monsta plxxxxxxx???

ޚިޔާލު ފޮނުއްވާ