Views: 6698 70

ފުން ނޭވާއެއް ލަމުން، އަހަރެން އަނެއްކާވެސް ދެލޯ މަރާލީމެވެ. ބިރުން އަހަރެންގެ މުޅި ހަށިގަނޑު ތުރުތުރު ލަނީއެވެ. އަތަށް ވާން ކޮށްލާފައިމެ ފަސްޖެހެވެނީއެވެ. ކޮންމެ ފަހަރަކުވެސްމެއެވެ. އަހަރެންނަކީ ފިނޑިއެކެވެ. ކަންކަން ކުރަން ނުކެރޭ މީހެކެވެ.

"އަވަސް އަވަސް.." އަޑުގައި ރުޅިވެރި ކަމެއް ނެތަސް، އެ ޢަމުރުގައި ހަރުކަށިކަންވިއެވެ. ހިންދިރުވާލައިފައި އަހަރެން ފުން ނަޟަރަކުން، ފަނަރަވަރަކަށް ފޫޓު ދުރުގައި ހުރި ފިރިހެން ކުއްޖާއަށް ބަލައިލީމެވެ. ހުސް ގަޔާ ހުރި އިރު، ދެއަތް ވީ ފުރަގަހުގައި ހުރި ބިޔަ ބޮޑު ގަހާއި އެކު ބަނދެލެވިފައެވެ. މޭ މަތީ ވަށް ފިލާކޮޅެއް ހަރުކޮށްފައިވެއެވެ. އޭގެ ވަށަމިން ފޫޓަކަށްވުރެ ބޮޑެއް ނުވާނެއެވެ.

ދެންވެސް ފުން ނޭވާއެއް ދޫކޮށްލަމުން އެއް އަތް ފަހަތަށް ދަމާލީމެވެ. ތައްޔާރުވެލުމަށެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރަމެވެ. ނަމަވެސް ބިރުގަންނަނީއެވެ. އަހަރެމެންގެ ނަޟަރުގައި އެއީ ކުށްވެރިއެކެވެ. އެހެނަސް ހަމަ އެކަނި އިދިކޮޅު ގޭންގު މެންބަރަކަށް ވީތީއެވެ. އިސްކޮޅުގެ ކުރުކަމާއި ހަށިގަނޑުގެ ހިކި ކަމުން ފެންނަ ފެނުން އުމުރަށްވުރެ ވެސް ހަގު ކަމަށް ދައްކައެވެ. މިހާ ބިރު މިގަންނަ އެއް ސަބަބު ކަމަށް އެކަންވެސް ވެދާނެއެވެ. ކުރަން ބުނާ ކަމެއް ނުކުރުމުގެ އިޚްތިޔާރަކީ އަހަރެންނަށް ލިބިފައިވާ އެއްޗެއް ނޫނެވެ.

ވައިގެ ތެރޭގައި ހޫރާލި ތޫނު ހަންޖަރު، ގޮސް ހެރުނީ ސީދާ އެ ފިލާކޮޅަށެވެ. ކުޑަކޮށް ކަސިޔާރު ވީ ނަމަވެސް، އެ ކުއްޖާގެ ދުވަސް ދިޔައީހެވެ. ގަތް ބިރުން އިތުރު ދިމާއަކަށް ކަޅި ހަރަކާތް ކޮށްލަންވެސް އަހަރެންނަކަށް ނޭނގުނެވެ.

"ރިފޭ!" އަޑަށް އަހަރެންގެ ސިކުނޑި ހަރަކާތް ކުރިލެއް ނުހަނު އަވަހެވެ. ވައި ކަފަމުން އައި ފުރަތަމަ ދަނޑިގަނޑުން ރެކުމާއި އެކު ދެވަނަ ދަނޑިގަނޑު އަހަރެންގެ އަތުން ހިފީމެވެ. ފިލައިންހަދާފައިވާ ތީރުތަކެކެވެ. ކޮޅުގައި ތޫނު ތިލައެއް ހަރުކޮށްފައި ވުމުން، އޭގެން އެއްޗަކުން ޖެހުނު ނަމަ ޖެހޭ ތަނެއް ޒަޚަމް ކޮށްލާނެއެވެ.

"ވަރަށް ރަނގަޅު.. މިހާރު އެބަ ފެނޭ ކުރިއެރުން." އަތް މުށްކަވާލާ ބޮޑުވައި އިނގިލި މައްޗަށް ނަގާލަމުން، ހިމްޔާން ބުނެލިއެވެ. ބަދަލުގައި އަހަރެން ހިނިތުންވެލީމެވެ.

އަހަރެން ހުންނާނީ ނުވިސްނާ ކަމަށް ހީކޮށްފައި ކަންނޭނގެއެވެ. ފަހަތުން އައި ފިރިހެން މީހާ، އަތުގައި އޮތް ދަގަނޑުބުރި މަޅާލީ އަހަރެންނާއި ދިމާއަށެވެ. ކުޅަދާނަ ކަމާއި އެކު ރެކެމުން، ދިފާއުގައި އެމީހާއަށްވެސް ހަމަލަދިނީމެވެ. ލިބިފައިވިހާ ޓްރެއިނިންއަކާއި އެކުވެސް އެމީހާ ބިމާ ހަމަކޮށް ނުލެވެނީސް، އިތުރު މީހަކު އެމީހާޔާ ބައިވެރި ވެލިއެވެ. ހަރަކާތްތަކުގެ އަވަސްކަމާއި އެކު، އެދެމީހުން ބަލި ކޮށްލެވުނީ، މެދުކެނޑުމެއްނެތި ފަނަރަ ވަރަކަށް މިނިޓު ހަމަލާ ބަދަލު ކުރެވުނު ފަހުންނެވެ. އަންހެން ކުއްޖަކަށްވެ ހުރެ، ދެ ފިރިހެނުން ބަލިކޮށްލަން އެވަރު ގިނައެއްނޫނެއް ނޫންހެވެ.

"ދެން މިއަދަށް ނިމުނީ.." ގަސްގަނޑުގެ ތެރެއިން ނުކުތް ޒުވާނާ ބުނެލި ބަހަށް، ތަޅާ ފޮޅުން ދޫކޮށްލީމެވެ. މުޅި މީހާ ހުރީ ދާހިތްލާ ފޯވެފައެވެ.

"އަން ލާސްޓް" ދެން އަހަރެންގެ ކުރިމަތީ ހުއްޓިލީ އޭނައެވެ. އޭނައޭ މިކިޔެނީ ނަން ނޭނގޭތީއެވެ. އެހުމުންވެސް އެމީހުން އަހަރެން ކައިރީގައި ނުބުނީއެވެ. އަހަރެން އޭނައާ މުޚާތަބު ކުރަނީ، އެހެން މީހުންވެސް ބޭނުން ކުރާ ކޯޑް ނަމުންނެވެ. އިތުރު ގޮތެއް ނެތީމާ އޮތް ގޮތުގައި ޖެހޭނީ ހިފަންތާއެވެ.
'އިފްޝޮޓް' އަކީ، އަހަރެންނަށް ގުޅެވިގެން މި އުޅޭ ގޭންގުގެ އިސްމީހާއެވެ. ނުވަތަ މިރަށުގައި މިއޮތް ގޮފީގެ އިސްމީހާއެވެ. އައިސް އަހަރެންގެ ކުރިމަތީ ހުއްޓިލިއިރު، އަހަރެންގެ އިސްކޮޅާއި އަޅާ ބަލާއިރު މާވެސް ދިގެވެ. ރަނގަޅަށް މަސްޖަހާފައިވާ ބިޔަ ހަށިގަނޑެކެވެ. އިފްޝޮޓް، އަހަރެންނަށް ދައްކާލީ ކުޑަވަރެއްގެ ވަޅިއެކެވެ. އަހަރެންވެސް އަހަރެންގެ އަތުގައި އޮތް ވަޅި ނަގާ ދައްކާލީމެވެ. މަންޟަރު ބަލަން ހުރި ހިމްޔާން، އަހަރެމެން އެތެރެއަށް ލާފައި ވެލިގަނޑުގައި، ވަށް ބުރެއް ކުރަހާލިއެވެ.

ތުބުން ފުމެލުމާއި އެކު، ފެށީމެވެ. ފުރަތަމަ ހަރަކާތް ގެނައީ އިފްޝޮޓެވެ. ފަރުވާތެރިވެ ހުރެ އެއިން ރެކެލީމެވެ. އަމިއްލަ ހަރަކާތްތައް ގެންނަމުން، އަހަރެންވެސް މަސައްކަތް ކުރީ، އަމިއްލަ ގަޔަށް ވަޅި ހެރުނަ ނުދީ، ހަމަލާ ދެވޭތޯއެވެ. ކުޑަ އެ ބުރުން ބޭރު ނުވެ، އުޅުމުގެ ތެރޭގައި ފުރަތަމަ އަނިޔާވީ އިފްޝޮޓަށެވެ. މުލައްދަނޑިޔަށް އަހަރެންގެ ވަޅީގެ ހަމަލަ އެރުމާއި އެކު ލޭތައް ފައިބައިގަތެވެ. އަބަދުވެސް އަހަރެން ދަށްވާން މެދުވެރިވާނީ އެފަދަ ކަމެކެވެ. ހިތަށް ކުރި އަސަރުން އިތުރަށް ސަމާލުކަން ދޭން އުނދަގޫވިއެވެ. ވަގުތު ހަމަ ވި އިރު، އަހަރެންގެ ފަލަ މަސްގަނޑަށާއި މޭ ކައިރިއަށްވެސް ހަމަލާތަކެއް އަރާފައިވިއެވެ.
އެއީ ކޮންމެ ހޮނިހިރު ދުވަހެއްގެވެސް އާދައެވެ. ހަވީރު ފަހެއް ޖަހާއިރު އަހަރެމެން ތިބޭނީ ކޮންމެވެސް ފަޅު ރަށެއްގައި އެފަދަ ހަރަކާތެއްގައެވެ. އަހަރެން ހާސިލް ކުރަމުންދާ ޓްރެއިނިންއެކެވެ. އެމީހުން ބުނީތީއެވެ. ތެދުތެދަށް ބުނާނަމަ މަޖުބޫރު ވެގެންނެވެ. ފަސޭހަގޮތެއްގައި ގިނަ ރުފިޔާތަކެއް ހޯދެން އޮތް ހަމަ އެކަނި މަގުކަމަށް ވުމުންނެވެ.

އިރު އޮއްސި އަނދިރިވުމުން، އަހަރެމެން ވަރުބަލި ފިލުވާލަން ގޮނޑުދޮށުގައި ޖައްސާލީމެވެ. މުޅި އެރަށުގައިވެސް ތިބީ އެ ފަސް ފިރިހެނުންނާއި އަހަރެންނެވެ. އަހަރެން އުޅޭ ގޮތް މީހަކަށް އެނގިއްޖެ ނަމަ އަހަރެންނަށް އަދަބުވެސް ލިބޭނެއެވެ. ނަމަވެސް އަހަރެންގެ ހިތުގައި ބިރުވެރިކަމެއް ނެތެވެ. ހާސްވާންވީ ކޮންކަމަކާ ހެއްޔެވެ؟ އެއީ އަހަރެންގެ އެކުވެރިންނެވެ. އެމީހުން އަހަރެންނަށް ދެރަގޮތެއް ނުހަދާނެކަން އަހަރެން ޔަގީންކުރަމެވެ.

އައި ކުޑަ ކުޑަ ޑިންގީގައި ފުރީ އަނދިރިވެސް ވީ ފަހުންނެވެ. ލެދަރ ޖެކެޓަކުން، ލިބިފައިހުރި ޒަޚަމްތައް ފޮރުވާލީމެވެ. ފަޔަށް ލިބުނު ޒަޚަމްވެސް ކުރު ސްކަރޓަކުން ނިވާކޮށްލެވުނެވެ.

"އާން.. މިއޮތީ. ރޭގަ ކުރި ކަންތަކަށް ވީބައި." ލެފުމުގެ ކުރިން އިފްޝޮޓް އަހަރެން އަތަށް، ފައިސާ ބޮނޑިއެއް ދިއްކޮށްލިއެވެ. އިތުރު ވިސްނުމަކަށް ނުގޮސް އަހަރެން އޭގައި ހިފީމެވެ. އެއަށްވުރެ ބޮޑަށް އަހަރެން ބޭނުންވާ އެއްޗެއް ނެތީއެވެ.

.....................

ގެއަށް ގޮސް ފެންވަރާ ރީތިވެލީމެވެ. ވަރުބަލި ފިލުވާލުމަށް ޖައްސާލަމުން ޒަޚަމް ވި ތަންތަނުގައި ބޭސް އަޅާލީމެވެ. އަދި ލިބުނު ފައިސާކޮޅު ގުނާލީމެވެ. ކުރިންވެސް އެއްބަސް ވެވިފައި އޮތް ގޮތަށް ސަތޭކާ ރުފިޔާގެ ވިހި ނޫޓެވެ. މާނައަކީ ދެހާސް ރުފިޔަލޭއެވެ. އޭގެން، ދެނޫޓު ނަގާ އަހަރެންގެ ޖިންސު ޖީބު ތެރެއަށް ކޮއްޕާލީމެވެ. ބާކީ ބައި، ހިފައިގެން އަހަރެން ނިކުތީ، ބޭރަށް ދިއުމަށެވެ.

"ކޮއްކޮ ކިހިނެއް؟" އަހަރެން ސުވާލު ކޮށްލީ ގޭތެރެއަށް ވަދެގެން އައި އަހަރެންގެ މަންމައާއެވެ. މިއަދު ކުޑަކޮށް ރަނގަޅޭ މަންމަ ބުނެލިއެވެ. މަންމަ އައިސް އަހަރެންނާއި އަރާ ހަމަވުމުން، އަހަރެން ފައިސާ ބޮނޑި ދިއްކޮށްލީމެވެ. މަންމަގެ މޫނުމަތިން ފެނުނީ ހާސްކަމެވެ.
"ދަރިފުޅާ، އަނެއްކާވެސް؟ ކޮންތާކުން ތި.." އަހަރެންނަށް ޖެހުނީ މަންމަގެ ވާހަކަ މެދު ކަނޑާލާށެވެ.

"އެކަމާ ހާސް ނުވެބަލަ. މިހާރު ވިސްނަންވީ ކޮއްކޮ އޮތް ހާލާ މެދުއޭ. ޕްލީސް، އަވަސް ބޭރަށް ދެވޭނެ ގޮތެއް ހޯދަބާ. ކޮއްކޮ އެހާލުގަ އޮންނަތަން ދެކެން ހާދަ އުނދަގުލޭ.." އަހަރެން ހިތުގެ އިހުސާސްތައް ތެދުބަހުން ހާމަކޮށްލީމެވެ. މަންމަގެ ހިތުގައިވެސް ހަމަ އެ އިހުސާސްތައް ވާނެކަން އެނގެއެވެ.
މަގު މަތިން ދަމުން، ފިހާރައަކަށް ވަދެލާ ގަންނަން ބޭނުންވާ އެއްޗެހި ގަނެލީމެވެ. އެއަށް ފަހު އަހަރެން މިސްރާބު ޖެހީ ހޮސްޕިޓަލާއި ދިމާއަށެވެ.

"ޝޯން" ނުހަނު ލޯބިން ގޮވާލީމެވެ. އެނދުމަތި ކޮށްފައި އޮތް އަހަރެންގެ ކޮއްކޮއަށެވެ. އޮތް ޙާލު ކިތަންމެ ދެރަ ނަމަވެސް، ރިފްޝާންވެސް، ބަދަލުގައި ވެދުން ކޮށްލީ ހިނިތުންވުމެކެވެ. ވަރުބަލިކަން މޫނުމަތިން ފޮރުވާލަމުންނެވެ. ހަތް އަހަރުގެ އެ ކުޑަ ކުޑަ މައުސޫމް ފުރާނަ، ހާދަ ކެތްތެރިއޭ އަހަރެންގެ ހިތަށް އަރައެވެ.
"މިހާރު އޯކޭތަ؟ އަދިވެސް ހުން އެބަހުރި ދޯ. ފަހުން ހޮޑު ލެވުނުތަ؟" އަހަރެން އެތައް ސުވާލެއް ކޮއްކޮއާއި ކޮށްލީމެވެ. ނަރުސް ކުއްޖާ ހިނިތުންވެލާފައި ދިޔުމުން، ކޮއްކޮ މަޑު މަޑުން، ބައެއް ސުވާލުތަކަށް ޖަވާބު ދިނެވެ.
"އިނގޭތަ؟ މި އައީ ޝޯން އަށް ހަދިޔަލެއް ހިފައިގެންނޭ.." ބޮލުގައި ފިރުމާލަމުން އަހަރެން ބުނެލީމެވެ. ކޮއްކޮ އަނެއްކާވެސް ހިނިތުންވެލިއެވެ.

"އިނގެޔޭ ދޮންތަ އަންނާނީ ހަދިޔަލެއް ހިފައިގެންކަން.. ޗޮކްލެޓްތަ.." އެ މޫނުގައިވީ އުފާވެރިކަމެވެ. އުފަންވީއްސުރެވެސް ތަހައްމަލު ކުރަން ޖެހިފައިވި ވޭންތަކަށް އެއްވެސް ޝަކުވާލެއް ނެތެވެ.

"އުހުނ... އައިސްކްރީމް!" ކޮތަޅުގެ ތެރެއިން، ނެގި ކުޑަ ކުޑަ ތަށި ދައްކާލަމުން އަހަރެން ބުނެލީމެވެ. "މަންމަ ކައިރީ ނުބުނައްޗޭ.." މަންމަ ރުޅި ނާންނާނެކަން އެނގުނު ނަމަވެސް، ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލާ އެއްލޯމަރާލީމެވެ. އެ ކޮއްކޮއަށް އިތުރު އުފާވެރި ކަމެއް ގެނެސްދިނުމަށެވެ. ޅަ އިރު، މަންމަމެން މާ ހިތް ހަމަ ނުޖެހޭ ކަންކަން ކުރުމަކީ އެކުދިން މާ ކުރާ ހިތްވާ ކަމެއްކަން އަހަރެން ދަންނަމެވެ.

އުފަލުން އިނދެ، ރިފްޝާން ކަމުން ދިޔަ މަންޟަރު ބަލަން އަހަރެންނަށް އިނދެވުނީ ގެއްލިފައެވެ. ސިކުނޑި، މާޒީގެ ސަފުހާތަކުގެ ތެރެއަށް ޚިޔާލުތައް ގަންބަން ފެށްޓެވެ. އުފާވެރި ކަމާއި ހިތްދަތިކަން އެކުވެފައިވި އެ މާޒީއެވެ.

...........

އަހަރެމެންގެ ޢާއިލާއަކީ ފޯރުންތެރި އާއިލާއެކެވެ. އުޅުނީ ވަރަށް ހިތް ހަމަ ޖެހިގެންނެވެ. އަހަރެންނާއި މަންމައާއި ބައްޕައެވެ. ބައްޕައަކީ ހުނަރުވެރި ޑޮކްޓަރެކެވެ. މުޅި ދުވަހު ހޮސްޕިޓަލުގައި ހޭދަ ކުރުމަށްފަހުވެސް، އަހަރެމެންނަށް ވަގުތު ދެއެވެ. މަންމައަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. ގޭގައި އިނދެގެން ލާރި ހޯދަނީ، އަހަރެންގެ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް ބަލަމުންނެވެ.

އުޅެ ބޮޑުވީ އުފާވެރިކަމުގައެވެ. ތަރުބިއްޔަތުވީ ރަނގަޅު ގޮތުގައެވެ. ރަށުގެ ހިތްފަސޭހަ އަތިރިމަތީގައްޔާއި މޫދުގައި، ލިބުނުހާ ވަގުތަކު އުފާކޮށް ސަކަރާތް ޖެހި އާއިލާއަށް ބަނަ ދުވަސްތަކަކާއި ކުރިމަތި ލާންޖެހުނީ ކޮއްކޮ ދުނިޔެއަށް އައުމާއި އެކުއެވެ. މަންމަ ބަލިވެ އިން އިރު، އަހަރެމެން އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. ނަމަވެސް، ކަންތައް ބަދަލުވީ މުޅިން އިދިކޮޅަށެވެ.

އަހަރެން ބުނާނީ، ކިޔަވައިގެން ތިއްބެއް ކަމަކު، ކުރީގެ ދިވެހިން ފަރުވާ ކުޑާއީއޭއެވެ. އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ނާޅާތީ ދިމާވާ މައްސަލަތެކެކެވެ. އަހަރެންގެ މަންމައާއި ބައްޕަ ތެލިސީމިއާ ޓެސްޓެއް ނުކުރެއެވެ. އެއީ މާ ބޮޑު ކަމެއްކަމަށް އެއިރުގެ މީހުން ނުދެކޭތީ ކަމަށްވެސް ވެދާނެއެވެ. އޭގެ ސަބަބުން އަހަރެންނަށް އެއްވެސް ކަހަލަ އަސަރެއް ނުކުރިއެވެ. ކަމެއް ގޯސްކަން އެނގުނީވެސް ކޮއްކޮ ވިހި ހިސާބުންނެވެ.

ކޮއްކޮ ވީ ލޭއަޅަން ޖެހޭ ކުއްޖަކަށެވެ. ވިހި އިރުވެސް ޙާލު ވަރަށް ދެރައެވެ. ރަށުން ލޭއެޅުނު ނަމަވެސް، ކަން ވީ ވަރަށް އުނދަގޫ ކަމަކަށެވެ. ފޯރުންތެރިކަމެއް ހުރިކަން، އެއީ އަހަރެމެންގެ ނަސީބެވެ. ލިބުނު ހިތާމައިން އަރައިގަންނަން މަސައްކަތް ކުރަމުން، އަހަރެމެން ދިރިއުޅުން ބަދަލުކުރީއެވެ. ކެނެޑާއަށެވެ. ފޮނި އުންމީދު ތަކަކާއި އެކުއެވެ.

އެއިރު އަހަރެންގެ އުމުރުން އެގާރަ އަހަރެވެ. ބޯރންމެރޯ ހެއްދޭނެ ކަމަށް ކުރި އެދަތުރު ވީ ބޭކާރެވެ. އެކަމެއް ނުވިއެވެ. ކޮއްކޮގެ ސިއްހަތަށް ބަލާ އަހަރެމެން ކެނެޑާގައި މަޑުކުރީއެވެ. މަންމަމެންގެ ބުރަ މަސައްކަތުން އާއިލާގެ އުފާވެރިކަން ދެމެހެއްޓިއެވެ. ހޮސްޕިޓަލެއްގައި ބައްޕަ އަދާކުރީ ނަރުހެއްގެ ވަޒީފާއެވެ. މަންމަވެސް، ވަޒީފާއަކަށް ދާން ފެށްޓެވެ. ޚަރަދުތައް ބޮޑުވުމުން ދެކޮޅު ޖެއްސުމަށެވެ. ލައިބްރްރީއެއްގައި ފޮތްތައް ތަރުތީބު ކުރާ މީހެއް ގޮތުގައި އުޅުނެވެ.

ހޭނެން ވަގުތު ނެގި ނަމަވެސް، އާއިލާއަށް އުފާވެރިކަން އަލުން އައެވެ. ކެނެޑާގެ ސިއްޙީ ޚިދުމަތްތަކުގެ ފުރިހަމަ ކަމާއި އެކު ކޮއްކޮގެ ހާލާއި މެދުވެސް ހާސްވާން ނުޖެހޭ ވަރަށް ޙާލަތުދިޔައެވެ. ހެދި ބޮޑުވުމުގައި ލަސްކަމެއް ހުރި ނަމަވެސް، އާދައިގެ ދިރިއުޅުމެއް އުޅެވޭނެ ގޮތް ކޮއްކޮއަށްވެސް މެދުވެރިވިއެވެ.
އުފާވެރިކަމެވެ. މުޅި އާއިލާގައިވެސް ވީ އުފާވެރިކަމެވެ. ނަމަވެސް އެގޮތުގައި ހޭދަވީ ފަސްއަހަރެވެ. ކުއްލި ގޮތަކަށް، ސިޑިން ވެއްޓި، ބޮލަށް މޮހޮރުތަކެއް ހެރި، ބައްޕަ ނިޔާވިއިރު، އަހަރެންނަށް ކިރިޔާ އޯލެވެލް ނިންމާލެވުނީއެވެ. ޓެސްޓުތައް ހެދުމުން އެނގުނީ، ބައްޕަގެ ބޮލުގައި ޓިޔުމަރެއް އިންކަމެވެ. ކުރިންވެސް ބައްޕަޔަށް އެކަން އެނގިފައި އޮތްކަންވެސް ހާމަވިއެވެ. ނޭނގުނީ، އަހަރެމެންނާއި އެކަން ހިއްސާ ނުކުރި ސަބަބެވެ.

ހަމައެކަނި އާއިލާއަށް ލިބުނީ ހިތާމައެއް ނޫނެވެ. ޚަރަދުތައްވެސް ކޮޅެއްގައި ނުޖެހެން ފެށީއެވެ. މަންމަ ލައިބްރަރީއެއްގައި މަސައްކަތް ކޮށްގެން ލިބޭ ލާރިކޮޅުގައި، ދެދަރިން ގޮވައިގެން ކުއްޔަށް ކެނެޑާގައި އުޅޭނީ ކިހިނެއްހެއްޔެވެ؟ އަހަރެން ހައިސްކޫލަށް ފޮނުވާނަމަ، އިތުރު ބައިވަރު ލާރި ބޭނުންވާނެއެވެ. ކޮއްކޮގެ ފަރުވާވެސް ވަކި އަގު ހެވެއްނޫނެވެ.

އިތުރު ގޮތެއް ނެތުމުން، މަންމަ ގޮތެއް ނިންމީ އަހަރެމެން ގާތު އަހާވެސް ނުލައެވެ. ރާއްޖެއިން މީހަކާ ކައިވެނި ކުރީއެވެ. އެނބުރި ރާއްޖެއަށް އައީ، ފައިސާކޮޅެއް ހޯދާ، ދޮން ބައްޕައަށްވެސް ވަޒީފާ ހަމަ ޖެހުމުން، އަލުން އެކޮޅަށް ބަދަލު ވާގޮތަށެވެ. ހިތް ހަމަ ނުޖެހުނު ނަމަވެސް އަހަރެންނަށް ވެސް އިތުރު އެހެން ގޮތެއް ނެތެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައިރުވެސް ރާއްޖެއިން ދެވޭ ދުވަހެއް ނައެވެ. އަހަރެންނަށް ސްކޫލަށް ދެވޭގޮތްވިއެވެ. ނަމަވެސް ކިޔެވުމުގެ ރޫހެއްނެތެވެ. ބައްޕަޔާއި އެކު އެރޫހްވެސް ފަސްދާނު ލެވުނީއެވެ.

ރާއްޖެ އައިސް ރަނގަޅަށް ކޮއްކޮއަށް ލޭ އެޅުނީ ދެފަހަރުއެވެ. ކުއްލިއަކަށް ވަރަށް ބަލިވާން ފެށީއެވެ. އެހެންކަމުން އިތުރު ޚަރަދުތަކެއް ކުރަންޖެހި، ބޭރަށް ދާނެ ހުރިހާ ދޮރެއް ބަންދުވީއެވެ.

ކޮއްކޮގެ ޙާލު ދުވަހެއް ދުވަހަކަށް ދަނީ ދަށަށެވެ. އަބަދުވެސް ހުން އައިސްފައެވެ. ކުރިން ރޫފަ ރީތި ހަށިގަނޑު ހިކިގެންގޮސް ކަށިތައް ފެންނަން ފަށާފައެވެ. އެއްޗެއް ކާލުމާއި އެކު ހޮޑުލެވެއެވެ. އުމުރުން އެންމެ ހަ އަހަރެވެ. އަބަދުވެސް އޮންނަނީ ހުން އައިސްފައެވެ. އަޅަން ލޭ ލިބުނު ނަމަވެސް ޙާލަތު ދުވަހުން ދުވަހަށް ދަނީ ހަމަ ދަށަށެވެ. މަންމަ ރޯތަން ދެކެމެވެ. އަހަރެންވެސް ރުއިމުގައި އެތައް ވަގުތެއް ހޭދަ ކުރަމެވެ. ކޮއްކޮއަށް އަވަސް ޝިފާޢެއް ދެއްވާތޯ ދުޢާ ކުރަމެވެ. އެހެނަސް އަދިވެސް، ޙާލަތަށް ކުރިއެރުމެއް ނާދެއެވެ. އެހެން އެ އެނދުގައި ހޭދަކުރަން ޖެހިފައިވާތާ އަހަރަކަށްވުރެ ގިނަދުވަސް ވަނީއެވެ. ބައެއް ފަހަރު ޑޮކްޓަރުންވެސް އުންމީދު ކަނޑާލައިފިޔޭ ހިތަށް އަރައެވެ. އެހެނަސް އުންމީދު ކުރުން ނޫން ގޮތެއް އަހަރެމެންނަކަށް ނެތެވެ.

ހިތަށް އަރައެވެ. ބައްޕަ ހުރި ނަމައެވެ. އެހެންނަމަ އަހަރެމެން މިހާލެއްގައި ނުޖެހުނީހެވެ.

.................

"ދޮންތާ! ކީތްވެ ތި ރޮނީ؟" ހޭވެރިކަމަށް އެބުރި އާދެވުނީ ރިފްޝާންގެ މަޑު އަޑުންނެވެ. އެމޫނު މަތިން ހާސްވުމުގެ އަސަރުތައްވެސް ފެންނަން ހުއްޓެވެ.

"ދޮންތަ ރޮއުނީމަ ޝޯން ހާދަ ދެރަވޭ.." ކިތަންމެ ކުޑަޔަސް ރިފްޝާން، ވިސްނޭ ބޮޑު މީހެއް ފަދައެވެ. ގަދަ ކަމުން ހިނިތުންވެލަމުން، އަހަރެން ކޮއްކޮގެ ބޮލުގައި ފިރުމާލީމެވެ. ލޯބިންނެވެ.

"ދޮންތަ ޑެޑީ މަތިން މިސްވީއޭ. ޝޯން ދެރަ ނުވާތި.. ދޮންތަގެ ދޫނިކޮޅު..." ވަރަށް ލޯބިން އަހަރެން ބުނެލީމެވެ. އެތެރެ ހަށީގެ އިހުސާސްތައް ކޮންމެ ފަދަ ނަމަވެސް، ކޮއްކޮ އުފަލުގައި ބެހެއްޓުމަކީ އަހަރެންގެ ވާޖިބެއް ކަމުގައި ދެކެމެވެ. އިތުރު ވޭނެއް އެ ކޮއްކޮ އުފުލަން ޖައްސާކަށް އަހަރެން ބޭނުމެއް ނޫނެވެ.
"އައިސްކްރީމް ހުސްވީދޯ. މިހާރު އަންނާނެ މަންމަ ކާ އެއްޗެހި ހިފައިގެން. ދޮންތަ ދިޔަސް އޯކޭތަ؟" އައިސްކްރީމް ހުސްކޮށްލި ތަށީ ޑަސްބިނަށް ލައިދީ، ރިފްޝާނަށް ޓިޝޫއެއް ދެމުން އަހަރެން ބުނެލީމެވެ. އެވަގުތު އަހަރެން ބޭނުންވީ އެކަނިވެރިވެލާށެވެ.
"އޯކޭ." ބާލީސް ކައިރީ ބާއްވާފައި އޮތް ރޫބިކްސް ކިއުބް އަތަށް ނަގަމުން ރިފްޝާން ހިނތުންވެލިއެވެ. ކޮންމެވެސް ވަރަކަށް މޫނުމަތިން ވަރުބަލިކަން ފާޅުވާންވެސް ހުއްޓެވެ. ބޮލުގައި އަނެއްކާވެސް ފިރުމާލީމެވެ. ހުން ގަދަވެއްޖެތޯ ބަލައިލުމަށެވެ. ކޮއްކޮ މިހާ ބަލިވާންޖެހުނީ ކީތްވެހެއްޔެވެ؟ ލޭވެސް އަޅަން ޖެހޭއިރު، ބަލިވާ ބައި އަހަންނަށް ޖެހުންނަމައޭވެސް ހިތަށް އަރައެވެ.

ގެއަށް ދިޔަ މަގުމަތިން މަންމައާއި ދިމާވިއެވެ. އެހެންކަމުން، ކޮއްކޮ އެކަނިވެރި ނުވާނެކަން އެނގޭތީ، ހިތް ހަމަ ޖައްސާލީމެވެ. އަދި މިރޭގެ މަސައްކަތް އޮތީ ކުރިއަށެވެ.

ކިޔަވާ ފޮތްތައް ނަގާފައިވެސް ގަނޑު އުކުން ނޫންކަމެއް އަހަރެންނަކަށް ނުވިއެވެ. ހަމަ ކިޔަވާ ހިތްނުވަނީއެވެ. ހިތް ނުޖެހޭ ކަމެއް ނުކުރެވޭނެކަން އަހަރެންވެސް ދަންނަމެވެ. ސްކޫލަށް ދަނީވެސް މަޖުބޫރުވާތީއެވެ.
ބަދިގެ ބަލައިލާފައި، ބަނޑުހައިނަމަވެސް ގަރުދިޔަލާއި ބަތާ ހުރުމުން ކާން ބޭނުންނުވެފައި ނިކުތީއެވެ. ކޮއްކޮއަށް އައިސްކްރީމް ގަނެފައި ބާކީ ހުންނާނެކަން ހަނދާން ވުމުން، ކައިރި ފިހާރަޔަކުން ކަޕް ނޫޑްލްސް ތަށްޓެއް ގަނެ، އެ ހަދާލައިގެން އެރީ ގޭ ފުރާޅަށެވެ. އެތަނަށްވުރެ އެވަގުތުގައި ހިތް ހަމަ ޖައްސާލެވޭނެ ތަނެއް ނެތީއެވެ.
....
"އޭތް ކޮބާ؟ ކިހާ ހިސާބެއްގަ؟" އަހަރެން ފޯނުން ވާހަކަ ދައްކަމުން ދިޔައީ ހިމްޔާނާއެވެ. ގަޑިން ދަންވަރު ބާރަ ގަޑި ބައިވެ ބޮޑުވެއްޖެއެވެ. އަހަރެން ހުރި ހިސާބު ބުނުމުން އަވަސްކުރަން ބުނެފައި ހިމްޔާން ފޯނު ކަނޑާލީއެވެ. އަހަރެންވެސް އަވަސް ފިޔަވަޅު ތަކެއްގައި ދާން ބުނި ރެސްޓޯރެންޓާ ދިމާއަށް ދިޔައީމެވެ. ރެސްޓޯރަންޓަކަށްވުރެ ބޮޑަށް އެއީ ލަވަ ހުށައަޅާއިދޭ ތަނެކެވެ. އެހާ ދަންވަންދެން ހުޅުވާފައި އެހުރީވެސް އެހެންވެއެވެ.

"އާދޭ އެތެރެއަށް ވަންނަން." އަހަރެންގެ އަތުގައި ހިފަމުން ހިމްޔާން ދިޔައީ ވަންނާށެވެ. އެތަނުގައި ގިނައިން އުޅޭނީ ތިއްތި ދެއްކެން އުޅޭ އަންހެނުންނާއި އަނބިންނަށް ސިއްރުން އުޅޭ ފިރިން ނުވަތަ ޕްލޭ ބޯއިސްއެވެ. އެތަނުގައި ގިނައީ އަހަރެންނަށް ބިރުވެރި ފާޑު ޖަހާ މީހުންނެވެ.
ހުސް މޭޒެއް ދޮށުގައި އިށީން އިރުވެސް، ހިމްޔާން ކޮންމެވެސް އެއްޗެއް ހޯދަމުން ދިޔައެވެ. އަހަރެން ގާތު ނުބުނަންޏާ ނޭނގޭނެތާއެވެ.

"ރިފް.. ބަލާބަ. އޭންދަ މޭޒު ކައިރީ އޭންދީނު، ރެޑް ޓޮޕް އަކާ ސޯޓެއް ލައިގެން އިން އަންހެން ކުއްޖެއް." މީހަކަށް ފާހަގަ ނުވާނޭހެން ދައްކަމުން ހިމްޔާން ބުނެލީ ވައި އަޑަކުންނެވެ.
"އެއީ މިރޭގެ ޓަރގެޓް. އޭނަ ތާކަށް ދޭތޯ ބަލާތި." ހިމްޔާން ބުނީ އެވަރަށެވެ. އިތުރު އެއްވެސް ކަމެއް އޮޅުން ފިލުވައި ނުދިނެވެ. ސަމާސާ ރާގެއްގައި ބުނަނީ ބަލަން ހުރުމަށެވެ.
"ރީތި ލަވައެއްދޯ.." ފޫހި ވާނެތީ ހިމްޔާން ވާހަކައެއް ފެށްޓެވެ.

"އުހުނ. އެހާއެއް ނޫން. މާ ހަޑި ބަސް ކިޔަނީ. އެން ރައިމްއެއްވެސް ނުވޭ.." އަހަރެންނަށް ފެންނާނީ ކޮންމެ ކަމެއްގެވެސް ނުބައި ތަންކޮޅެވެ. އެކަމާ ހިމްޔާން ޕިސްޕިސް ކިޔާލަ ކިޔާލަ ހުންނާނެއެވެ.
ވާހަކައިގެ ތެރެއިން ކުއްލިއަކަށް އަހަރެން ހުއްޓުން އެރިއެވެ. ފެނުނު މަންޟަރަކުންނެވެ. ފެނުނު މީހަކުންނެވެ.

"ހިމްޔާން.." އަހަރެން ހާސްކަމާއިއެކު ގޮވާލީމެވެ.

ފުރަތަމަވެސް ހިމްޔާން ބަލައިލީ އެ އަންހެން ކުއްޖާ އިންތޯއެވެ. އިންތާ އިނުމުން، އެނބުރި ހިމްޔާން އަހަރެންނަށް ބަލައިލިއެވެ.

އަހަރެން ވީހާވެސް ބޮޑަކަށް އަޅާފައި ހުރި ހުޑީއިން މޫނު ނިވާކޮށްލެވޭތޯ އުޅުނީމެވެ. އަހަރެން ބޭނުންވީ ފިލާށެވެ. އެތަނުން ދާށެވެ. އަހަރެން އުޅޭ ގޮތް މަންމައަށް އެނގިއްޖެ ނަމަ ކަންތައް ވަރަށް ގޯސް ވާނެކަން އަހަރެންނަށް އެނގެއެވެ. ބިރުގަތީ ވަރެއް ވަރެއް ބަލާފައެއް ނޫނެވެ.
"ހިމް ބަލަ. މުއީން!" އަހަރެން ޝަހާދަތް އިނގިލި ހިއްލާ ދައްކާލަމުން ބުނެލީމެވެ.

(ނުނިމޭ)

ޚިޔާލު ފޮނުއްވާ