3586 54

އާއެކެވެ. އަަހަރެން މިއީ ރަނޑެކެވެ. އަންހެނުންނަށް ޙާއްސަވެގެންވާ ބައެއް ސިފަތައް އަހަރެން ކިބައިން ފެންނަކަން ޚުދު އަހަރެންވެސް ޤަބޫލުކުރަމެވެ. ހިނގުމުގައި ވެސް ރަނޑު ގޮތެއް ހުރެއޭ ބުންޏަސްަ އެކަމެއް އަހަރެން ދޮގެއް ނުކުރާނަމެވެ. ވާހަކަދެއްކުމުގައި އަންހެންވަންތަކަމެއް ހުރެއޭ ބުންޏަސް އެކަން އަހަރެން ޤަބޫލުކުރާނަމެވެ. ނަމަވެސް އެކަމަށް ޖޯކުޖަހައި މަލާމާތްކުރަމުން ދާއިރު މިކަން މިހެން ދިމާވުމަށް މެދުވެރިވި ސަބަބު އެނގޭނީ ކިތައް މީހުންނަށް ބާއެވެ؟ އެކަމަށް އަހަރެންނަށް ފުރައްސާރަކުރަމުންދާއިރު މިކަމުގައި ފަރުދާވެފައިވާ މަންޒަރު ފެންނާނީ ކިތައް ލޮލަށް ބާއެވެ؟

އަހަރެންނަކީ މަންމައާ ބައްޕަގެ ކައިވެންޏަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އެެއީ ވެސް ކައިވެންޏަށް 10 އަހަރުވެގެން ދިޔަފަހުން ޑަކްޓަރުން ވެސް އުއްމީދު ކަނޑާލާފައިވަނިކޮށެވެ. އެހެންކަމުން، އަހަރެން ދެކެ އަހަރެންގެ މައިންބަފައިިން ވަމުންދިޔައީ ވަރުގަދަ ލޯތްބެކެވެ. އެމީހުން ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔައީ އަހަރެންގެ މުސްތަޤްބަލު އުޖާލާކޮށްދިނުމަށްޓަކައެވެ. ނަމަވެސް އެ ލޯބީގައި އެމީހުން ހައްދު ފަހަނަޅައި ދިޔައީއެވެ. އެ ލޯބީގެ ސަބަބުން އަހަރެންގެ މުސްތަޤްބަލް ކަޅު އަނދަވަޅަކަށް ވެއްޓިގެން ދިޔައީއެވެ.

މަންމަ މަސައްކަތް ކުރަމުންދިޔައީ ރަށުގެ ސިއްހީ މަރުކަޒުގެ ނަރުހެއްގެ ގޮތުގައެވެ. ބައްޕަ މަސައްކަތްކުރަނީ ރަށުގެ ކޯޓުގެ އިސް ގާޒީއެއްގެ ގޮތުގައެވެ. އެހެންކަމުން، އަހަރެންގެ ހުރިހާ ކަމެއް ކޮށްދިނުމަށާއި އަހަރެންގެ ބެލުމުގެ ޒިންމާ ހަވާލުކުރީ އުޖޫރައަކަށް އެކަންކޮށްދިނުމަށް އެއްބަސްވި ބިދޭސީ ފިރިހެނަކަށެވެ. ގޭގެ އެންމެހާ ކަންކަމާއި އަހަރެންގެ ހުރިހާ ކަމެއް ކޮށްދެނީ އެމީހާއެވެ. އަހަރެންނަށް ގޯސް ރައްޓެހިން އިހުތިޔާރުކުރެވިދާނެތީއާއި ފެންނަން ނުޖެހޭ މަންޒަރުތައް ފެނި އަހަރެންގެ އަޤީދާ ބަލިކަށިވެގެން ހިނގާދާނެތީ އަަހަރެން ބޭރަށް ނުފޮނުވުމަށް ބިދޭސީ މީހާއަށް އަމުރުކޮށްފައިވެއެވެ. މީހުންގެ ހަސަދައާއި އެސްފީނާއިން ސަލާމަތްކުރުމަކީވެސް އެކަމުގައި ފޮރުވިގެންވާ ހިކުމަތެކެވެ.

ހުރިހާ ކަމެއް ގޯސްމިވީ އަހަރެންނަށް 07 އަހަރު ފުރި ސުކޫލަށް ވަންނަން ޖެހުމުންނެވެ. ކަމެއް ގޯސްކޮށް ކުރެވިއްޖެކަން މަންމަމެންނަށް ރޭކައިލީވެސް އަދިކިރިޔާއެވެ. ފުރަތަމަ ފަހަރަށް ގެއިން ބޭރަށް ނިކުމި ދުވަހެވެ. ދުނިޔެ މިއީ ކޮންތަނެއް ކަން އަހަރެންގެ ހަމަ ލޮލަށް ފެނުނު ދުވަހެވެ. އަހަރެންނަށް ޖެހުނީ އާޝޯހުވެފައި ތަންތަނަށް ބަލަހައްޓައިގެން ހުންނާށެވެ. މަގުމަތީގައި ރަނގަޅަށް ހިނގާކަށް ވެސް ނޭނގުނެވެ. ހިނގުމާއި ވާހަކަދެއްކުމާއި ހަރަކާތްތަކުން ރަނޑުގޮތެއް ހުންނަކަން މަންމަމެންނަށް ފާހަގަވީ އަދިކިރިޔާއެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. މި ހުރިހާ ދުވަހަކު އަހަރެންނަށް ފެނިފައިހުރީ އަދި ވާހަކަދެއްކިފައި ހުރީވެސް ބިދޭސީ މީހާއާއެވެ. އެމީހާގެ ކިބާއިގައިވާ ސިފައެއް އަހަރެންގެ ގަޔަށް ވާރުތަވުމަކީ މާކަ އުނދަގޫ ކަމެއް ނޫނެވެ.

ހަޤީޤަތުގައި ދުނިޔެއަށް ލޯ ހުޅުވުނީ އަދިކިރިޔާއެވެ. ކުރިމަތިލާން ޖެހުނީ އެކަނިވެރިކަމާއެވެ. ރަހުމަތްތެރިއެއް މިތުރެއް ނުލިބުނެވެ. ފުރައްސާރައާއި މަލާމާތަކީ އަހަރެންގެ އެންމެ ގާތް މިތުރުންނަށް ވެއްޖެއެވެ. ކްލާުހުގައި އަހަރެން މަޝްހޫރުވެފައިވަނީ "މަންޖެ" ގެ ނަމުންނެވެ. ޓީޗަރުން ކައިރީ އެވާހަކަ ބުނުމުން އަދި ލިބުނީ މާ ބޮޑު ހިތްދަތިކަމެކެވެ. އަދިވެސް އެ ޖުމުލަތައް ހިތުގައި ބިންވަޅުނެގިފައި އެބަހުއްޓެވެ. " ބަލަ އަފްޒަލަކަށް ނޭނގޭތަ ކުދިން އެހެން އެކިޔަނީ އަފްޒަލަށް އުޅެވޭ ގޮތުން ކަމެއް"

ދުނިޔެ ބަދަލުވެއްޖެއެވެ. ބަދަލުނުވާނީ ކޮން އެއްޗެއް ހެއްޔެވެ؟ މައިންބަފައިން އަަހަރެން ދެކެ ވާ ލޯތްބަށް ވެސް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ލޯބީގެ ވިންދުތައް އެހިތްތަކުގައި މަރުވެ ނަފްރަތުގެ އަލިފާްން އެ ހިތްތަކުގައި ހުޅުޖެހުމަށް މާކަ ގިނަދުވަހެއް ނުނަގައެވެ. އަދިވެސް އެމީހުން ކަންތައްތައް ކުރިގޮތާއި ބުނި ބަސްތައް ހިތުގައި ކަނޑާނަގައި ލިޔެވި ރައްކާކުރެވިފައި އެބަހުއްޓެވެ.

"އަފްޒަލްކައިރީ ކިތައް ފަހަރުތަ ބުނާނީ މީހުން ހުންނަ ވަގުތު މަށަށް މަންމައޭ ކިޔާފަ ނުގޮވާށޭ! ސަހާދެއްހަތެއް މިބުނީ ލަދުން ބޯފަޅައިގެން ދަާވަރުވޭ! މަ މިހާރު ހިތަށް އަރާ ދަރިއަކު ނުލިބުނު ނަމަ ކޮންފަދަހޭ!"

"ސަކީނާ! މީ ދެން ކިހާ ބޮޑު މުޞީބާތެއް! މަށަށް ހަމަޖެހިގެން މަގުގައި ހިނގާލެވޭކަށްނެތް! ރައްޓެއްސަކާ އެއްކޮށް ކޮފީއަކަށް ދެވެންނެތް! އެންމެން ވެސް ކިޔަނީ އަނގަ ހުއްޓާނުލާ! އަފްޒަލް! އަފްޒަލް! އަފްޒަލް! މަ އަތުން ގޯހެއް ނުހެދެނީސް ކަލޭ އޭނާ މައިތިރިކުރޭ1"

އުޅުނީމެެވެ، ދިރިއުޅުނީމެވެ. ހާލުގައެވެ. ހިތްދަތިކަމާއި ވޭނުގައެވެ. އަމިއްލަ އަށް މަރުވާން ހިތަށް ނާރައި އެންމެ ރެއެއް ވެސް ނުދާނެއެވެ. އަތުގައި ކަޓަރުން ހަމަލާ ދެވޭ ރޭތައް ގިނަވެއްޖެެއެވެ. ސުކޫލަކަށް ދާހިތެއްނުވެއެވެ. ކޮޓަރީގައި ބަންދުވެފައި އޮންނަނީއެވެ. ވިސްނާށެވެ. ހިތާމަކުރާށެވެ. އަމިއްލަ ނަފްސަށް ނަފްރަތުކުރަމެވެ. ނަފްސަށް އެއްވެސް އިތުބާރެއްނެތެވެ. ނަފްސާނީ ބަލީގެ ލަޝްކަރުން އަހަރެންގެ ހަށިގަނޑު ފަތަހަކޮށްލުމަށް ނެނގީ މަދު ދުވަސްކޮޅެކެވެ.

"އަފްޒަލް! މާވަރަކަށް ކޮންކަމަކާ ތި ވިސްނަނީ؟ މިއަދު އެއްވެސް ޕޭޝަންޓެއް ވެސް ނާންނަ ދުވަހެއްތަ؟" އަހަރެންގެ މާޒީގެ ކަޅު ދުނިޔެއިން އަހަންނަށް ހޭލެވުނީ ނުހާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އަހަރެން ޝުކުރުން ފުރިގެންވާ ހިތަކުން ނުހާއަށް ބަލައިލީމެެވެ. ނުހާއާ ދިމާނުވާ ނަމަ އަހަރެން މިއަދު އުޅޭނީ ކޮން ހާލެއްގައި ކަމެއްވެސް ނޭނގެއެވެ. ދުނިޔެ މިއީ ކޮންތަނެއްކަން ނުޙާ އަހަންނަށް ދަސްކޮށްދީފިއެވެ. ހިތްވަރާއި ކެތްތެރިކަމަކީ ނުހާގެ ސަބަބުން އަހަންނަށް ދަސްވި ކަންކަމެވެ. ނުހާއެއީ އަހަރެންގެ ޑަކްޓަރެެވެ. ނަފްސާނީ ބަލިން އަރައިގަނެވުނީ ނުހާގެ ބުރަ މަސައްކަތުންނެވެ. ނުހާގެ ހިތްވަރުގެ ބަސްތަކުން ދުނިޔެ އެއްކޮށް ބަދަލުކޮށްލައިފިއެވެ.

ދުނިޔެއެއް އެކަންޏެއް ނޫނެވެ. އަހަރެންވެސް ބަދަލު ކޮށްލައިފައިއެވެ. އަހަރެންގެ ކިބައިގައިވާ ރަނޑުގޮތްތައް އެއްކޮށް ފިލުވާަލައިފިއެވެ. އަހަރެންނަށް ކިޔަވާ ދިނެވެ. ކުޑައިރުއްސުރެ އަހަރެން ދެކުނު ހުވަފެން ކަމުގައިވާ ޑަކްޓަރަކަށް ވުމުގެ ހުވަފެން ހަޤީޤަތަކަށް ހަދައިދީފިއެވެ.

"ތިއައީ އެެންނު މިހިތުގެ ޕޭޝަންޓު"

އަހަރެން ވެސް ސަމާސާކޮށްލުމުގެ ގޮތުން ބުނީމެވެ. ނުހާއެއީ މިއަދު އަހަރެންގެ އަނބިމީހާއެވެ. އެއީ އަހަރެންގެ ދުނިޔެއެވެ. އަހަރެންގެ ނަޞީބެވެ. ހިތްދަތި ކަޅު ދުވަސްތައް މާޒީވެ ހިނގައްޖެވެ. މިއީ މުޅިން އައު އަފްޒަލެކެވެ. އެއްވެސް ކަމަކީ ނުވާނޭކަމެއްނޫން ކަން ނުހާ އަހަންނަށް ސާބިތު ކޮށްދީފިއެވެ. މީހެއްގެ ކިބައިގައިވާ ރަނޑުގޮތްތައް ވެސް ކެނޑުވިދާނެއެވެ. ނަމަވެސް ބުރަ މަސައްކަތުންނެވެ. ފުރައްސާރައާއި މަލާމާތަކުންނެއް ނޫނެވެ. ލޯތްބާއި ހިތްވަރު ދީގެންނެވެ.

  1. Avatar

    ވަރަށް ރަނގަޅު އިބާރާތްތަށް ލިޔެލާފަ ހުރި ގޮތް. ރަނޑު ކޮންމެ ކުއްޖެއްގެ އިހުސާސްތައް ބޭރު ކޮށްލަންވެސް މިވާހަކައިގެ ފެށުން ބޭނުންކުރެވިދާނެ

    10

ޚިޔާލު ފޮނުއްވާ