2886 28

ދުވެފައި ކަހަލަ ގޮތަކަށް އައިސް ގޭގެ އަސްކަނި ދަށަށް ވެދެވުނީ ހަމަ ކިރިޔާއެވެ. ޖެހެމުންދިޔަ ވައި އިހުނަށްވުރެ ބާރުކޮށްލައި ބޯކޮށް ވާރެ ވެހެންފެށީ ހަމަ އެވަގުތުއެވެ. " މުޅި ދަތުރު ޚަރާބުވީ މި " އަތުގައި އޮތް ކެމެރާއިން މީގެ އިރުކޮޅެއް ކުރިން ނަގައިފައި ހުރި ފޮޓޯތަކަށް ބަލަމުން ހިތާހިތުން އަހަރެންނަށް ބުނެލެވުނެވެ. " މިއޮށްބޮޑު ރަށުގައި ރީތި އަންހެން ކުއްޖެއްވެސް ނޫޅެނީތަ އަޅެ " ވޮލީކުޅޭ ތަނުން ނަގައިފައިހުރި ބައެއް ފޮޓޯތަކަށް ބަލަމުން ދިޔައިރު އަހަރެންގެ އެންމެ ބޮޑު ޝަކުވާ ފަހަރަކު ފޮޓޯއަކަށް ކުރަމުން ގެންދިޔައީ އެ ފޮޓޯތަކަށް އެއްވެސް ޝައުޤުވެރިކަމެއް ނެތިއެވެ. ގޭތެރެއަށް ވަނުމުގެކުރިން އެންމެ ފަހުން ބަލައިލެވުނު ފޮޓޯއިން އަހަރެންނަށް ފެނުނީ ޤަބޫލު ކުރަން ދަތި މަންޒަރެކެވެ.
އެއްފަށަށް ގަތާލެވިފައިވާ އިސްތަށިގަނޑެކެވެ. އޮމާން ރީތި ދޮން މޫނެކެވެ. އެ މޫނުގައިވާ އަލިކަމަށް އިތުރަށް ވިދުންގެނެސްދެނީ މަޑު މުށިކުލައިގެ ކަޅިއެއް ލިބިފައިވާ ރީތި ދެލޮލާއި ލުއި ލިނިތުންވުމެއް ދައްކުވައިދޭ މަޑު ފިޔާތޮށިކުލައިގެ ދެ ތުންފަތުންނެވެ. އާދަޔާއި ޚިލާފު ދިގު އެސްފިޔަތަކަކާއެކު ލިބިފައިވާ ހިތިފަތު ބުމައެކެވެ. ލައިގެންހުރީ ކަކުލާއި ހިސާބަށް އަންނަ މަޑު ނޫކުލައިގެ ކުރުތާ ޓޮޕަކާއި ގަދަ ނޫކުލައިގެ ޖިންސެކެވެ. މުޅި މާޙައުލުގެ އުފަވެރިކަން ފަތަޙަ ކުރާހައި އެ ރީތި ޒުވާނާގެ މޫނުމަތީގެ އެ ރީތިކަމުގައި އެއްވެސް މޭކަޕެއް އެއްވެސް ފެޝަނެއް ފެންނަން ނެތުމީ އިތުރު ހައިރާންކަމެއް ލިބިގެން ދިޔަކަމެކެވެ. މިފަދަ ޒަމާނެއްގައި ޒަމާނާއި އެއްގޮތަށް ޒަޙުޒީބުނުވާ އެކަހަލަ ރީތި އަންހެން ކުދިން އުޅޭބާއެވެ؟ ހަމަ ޔަޤީނުންވެސް ޒަމާނަށް ލޯހުޅުވިފައިވާ ޒަހުޒީބު ފިރިހެންނަކަށް މިފަދަ ރީތި ކުއްޖެއް ކަމުނުދާނެކަން ޔަގީނެވެ. އެއީ އަހަރެން ގަބޫލު ކުރާގޮތެވެ.
ކޮޓަރިއަށް ވަދެގެން ދިޔައީވެސް އެ ފޮޓޯއަށް ބަލަމުންނެވެ. އެހެން ދިޔުމުގެ ތެރޭގައި އެނދުކައިރީގައި ހުރި ގޮނޑިއެއްގައި ޖެހިފައި އަހަރެން ކުޑަކޮށް އަރިއަޅާޅާލިއެވެ. ނަސީބަކުން ނުއެއް ވެއްޓެއެވެ. " ސާބަސް ކަލޭ އަށް! މިހާ އަވަހަށް ބބިޓުންގެ ފޮޓޯނަގައިގެން އެއަށް މަސްތުވާން ފެށީ ދޯ؟ އަދި މިއަދުއޭ ތި އައީ. މިފަހަރު މިރަށުން އަންހެން ކުދިން ހުސްވާނެ ! " އެނދުގައި ފޯނާ ކުޅެއް އިން އައިހަމް ލާނެއް ހިނިގަނޑެއް ޖަހަމުން އަހަރެންނާއި މަލާމަތް ކުރަން ފެށިއެވެ. " ތިނޫން އެއްޗެއް ކިޔާކަށް ކަލޭއަކަށް ނޭނގެ ދޯ ؟ " ދޫ ނުދޭ ގޮތްދައްކަމުން އަހަރެން ގޮސް އެނދުގައި ޖައްސައިލީމެވެ. " އައިހަމް ، މިއީ ކައެ ދަންނަ ކުއްޖެއްތަ ؟ " ކެމެރާގެ ސްކްރީނުން އަދިވެސް އެ ހުރީ މީގެ އިރުކޮޅެއްކުރިން އަހަރެން ބަލަމުން ގެންދިޔަ ފޮޓޯ ފެންނާށެވެ.
" ދައްކަބަލަ ، މިރަށުގަ ނޫޅޭނެ މަ ނުދަންނަ ކުއްޖެއް " އައިހަމް ވެސް އެ ފޮޓޯއަށް ބަލައިލީ ޝައުޤުވެރިކަމާއެކުގައެވެ. " ހިތްކީ ދޯ ؟ އެކަމަކު ވާ " އައިހަމް ގެ ލާނެއްކަމުން ބޮނޑިއެއް އަޅާލަންވީއޭ ވެސް އެވަގުތު ހިތަށް އެރިއެވެ. " ހިތްވެސް ކިޔާފާނެ ދޯ ހަމަ ، އެއީ މައްސަލައެއް ނޫނެއްނު ؟ " އަހަރެންގެ ކައިރީގައި ވަކި އޭނައަށް ކުރި ބެއްދޭނެ ހެއްޔެވެ؟ " މައްސަލައެން ނޫން ! އޭނައަށް ކިޔަނީ ޔާޝާ، އެކަމަކު ބުނަން ؟ ޝީ އިސް ނޮޓް ޔުއަރ ޓައިޕް " ފޫހިގޮތަކަށް އައިހަމް އެހެންބުނެލީ އަހަރެންނާއި މަލާމަތްކުރާ ގޮތް ދައްކަމުންނެވެ. " އަހަރެން ހިތެއް ނުކިޔާ ! ހަމަ އަހާލީ ، ތިބުނާހެން އެއި އަހަރެންގެ ޓައިޕްގެ ކުއްޖެއްވެސް ނޫން " އަހަރެންގެ އެއްވެސް ޝައުޤުވެރިކަމެއް އެކަމަށް ނެތްކަން އަންގަމުން ބުނެލީމެވެ. " އާނ ! ޝިޔާޒް ބުނަން ، ކަލެއަށް ކުއްޖެއް ކަމުގޮއްސިޔާ އެކުއްޖެއްވާނީ ހޫރަކަށް " މިހެން ބުނެފައި ހެމުން ހެމުން ކޮޓަރިން ނިކުމެގެން އައިހަމް ގޮއްސިއެވެ. " ހްމްމްމްމް! "ޔާޝާ" ބުރުސޫރަޔާއި އެއްވަރަށް ކަންފަތަށް އަހާލަންވެސް ރީތި ނަމެކެވެ.
ވެހެމުން ދިޔަ ވާރޭ އެއްވެސް ވަރަކަށް ތުނި ކޮށްލާގޮތެއް ނުވިއެވެ. އެހެންކަމުން އެރޭ އެއްކޮށް ހޭދަކުރަން ޖެހުނީ ގޭގައެވެ. ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށްފަހު އައިހަމް އާއިއެކު އަހަރެން ސިޓިންގް ރޫމްގައި މަޑުކޮށްލީމެވެ. އޭރު އައިހަމް ގެ ބައްޕަ ހަނީފުވެސް ސިޓިންގް ރޫމްގައި ޓީވީ ބަލަން އިނެވެ. އައިހަމްމެންގެ ގެޔަކީ އެހާ ބޮޑު ގެޔެއް ނޫނެވެ. ހުންނަނީ ދެ ކޮޓަރިއާއި ކުޑަވަރެއްގެ ސިޓިންގް ރޫމެކެވެ. ބަދިގެއަކާއި ކާގެއެއްވެސް ގޭތެރެއިން ވަދެވޭގޮތަށް ހަދާފައިހުރެއެވެ. އާދައިގެ ސާދާ ގެޔެކެވެ. އައިހަމް ގެ މަންމައާއި ބައްޕަޔަކީ ކިތަންމެ ފޯރާ ބަޔަކަށް ވިކަމުގައި ވީނަމަވެސް އެ މީހުންގެ އުޅުމާއި އުޅޭ ގެއިން އެކަމެއް ނުފެނެއެވެ. އާދައިގެ މެދުމިނުގެ ދިރިއުޅުމަކަށް ލޯބި ކުރާ ދެމަފިރިންނެވެ. އައިހަމްގެ މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިއަކީ އައިހަމް ކަމުން އިތުރަކަށް ގެ ހެދުމުގެ ޚިޔާލެއްވެސް އެ ދެމަފިރިންގެ ނެތެވެ. އައިހަމް މާލެ ކިޔަވަން އައިސް އުޅުނީ އަހަރެންނާއި އެއް ކްލާހެއްގައި ވަރަށް އެކުކޮށް ކަމުންއޭރުއްސުރެ އަހަރުމެން ދެމީހުންނަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. މި ދަތުރަކީ އަހަރެންގެ ބައްޕަގެ ކުންފުންޏަކުން މިރަށުގައި އަޅަމުންދާ އައިސް ޕްލާންޓުގެ މަސައްކަތް ކުރިއަށް ދާގޮތް ބެލުމަށް ބައްޕަގެ އެދިލެއްވުމުގެ މަތިން އައި ދަތުރެކެވެ. އިއްތިފާޤަކުން އައިހަމްގެ ރަށްކަމުން އަހަރެން މި ދަތުރުގައި ހުންނަންޖެހޭނީ އައިހަމްގެ ކައިރީގައި އެ ގޭގައި ކަމަށް އެންމެ ފުރަތަމަވެސް އައިހަމް އޮތީ ބުނނެފައެވެ.
" ކޮބާ ދަތުރު ކިހިނެއްދަނީ ؟ " ޓީވީ ނިއްވާލަމުން ހަނީފުބެ އަހަރެން ކައިރީ އަހާލިއެވެ. " މިއަދު މި އައީ އަދި . ވިއްސާރަވީމަ އަދި މާބޮޑު މަސައްކަތެއް ނުއެއް ކުރެވޭ ، އަނެއްހެން މާބޮޑު ކަމެއް އަދި ނުވޭ " އަހަރެންނަށް ރަގަނޅަށް ޖަވާބު ނުދެވިގެން އުޅެނިކޮށް އެވަގުތުވެސް އައިހަމް ޖެއްސުން ކޮށްލިއެވެ. " ތެދެއް އަނެއްހެން އަދި ކުރެވުނު ކަމަކީ ރަށުތެރެއިން ކުދިންގެ ފޮޓޯ ނެގުން " އައިހަމް ގެ ލާނެއް ހިނިގަނޑު މުޅިތަނަށް ގުގުމާލިއެވެ. " ޝިޔާޒް ތީ ފޮޓޯގްރަފަރެއްތަ ؟ " ތެދުވެގެން ދަމުން ހަނީފުބެ އަހާލިއެވެ. " ލައްބަ އޭ ބުނެ އަހަރެން ޖަވާބު ދިނީމެވެ. އެރޭ ނިދުމުކުރިންވެސް ދެ ފަހަރަކު އަހަރެންނަށް އެ ފޮޓޯ އަށް ބަލައި ލެވވުނެވެ. އަދި އެ ފޮޓޯއާއި މެދު ވިސްނުމުގައި ވަގުތު ކޮޅެއް ހޭދަ ކުރެވުނެވެ.
އެހެންދުވަސްތަކަށް ވުރެ އަވަހަށް ޖެހިގަންއައި ދުވަހު އަހަރެންނަށް ހޭލެވިއްޖެއެވެ. ވިއްސާރަވެ ފިނި ގަދަވުމުގެ ސަބަބުން ރޭގައި މާއަވަހަށް ނިދުނީއެވެ. ގަޑި ބަލައިލިއިރު ގަޑިން އަދި ހައެއް ޖަހަނީއެވެ. ނިދި ހަމަވެފައި ވުމުން އިތުރަށް ނިދުމުގެ ބޭނުމެއް ނެތްކަމަށް ބަލައި މޫނު ދޮވެލައިގެން ބޭރަށް ނުކުތީ ގުދުރަތީ މާޙައުލުގެ ފޮޓޯ ކޮޅެއް ނަގައިލުމަށް ހިތް އެދެމުން ދިޔަވަރުންނެވެ. އޭރުވެސް އައިހަމް އޮތީ ގުގުރި ދަމާފައި ނިދާންށެވެ. ބޭރަށް ނިކުމެ އެދިމާލު އަތިރިމައްޗަށް ދިޔައިރުވެސް އަހަރެންނަށް ބެލެމުނންދިޔައީ އިއްޔެ ނެގުނު އެ ރީތި ފޮޓޯ ގަނޑަށެވެ. ގަބޫލު ނުކުރެވުނަސް އެ ފޮޓޯ ގަނޑަށް ބަލައިލެވޭ ކޮންމެ ފަހަރަކު ބުނެދޭން ނޭނގޭ އިޙްސާސްތަކެއް އަހަރެންގެ އެއްވެސް ބާރަކާއި ނުލައި ހިތުގެ ވިންދުތަކާއި ކުޅެމުން ދެއެވެ. ނަމެއް ދެވިފައިނުވާ ގުޅުމަކަށް އަދައި މި ފޮޓޯގައި އެވާ ޒުވާނާ ހޯދުމަށްޓަކައި ހިތުގައި މަޑުމަޑުން ވިންދެއްޖަހާ ކަމުގެ އިޙްސާސް ކުރެވެން ފަށައިފިއެވެ. މި ޚިޔާލުތަކުގައި ހުރެ ގޮސް އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އޮށޯވެލީމެވެ.
މިހާރު އެއްވެސް ވަރަކަށް ވިއްސާރައިގެ އަސަރު ނެތްކަމުގައިވިޔަސް ރޭގައި ވެހުނު ވާރޭގެ ސަބަބުން މިހާ ހެނދުނުގަޑީގައި މުޅި މާޙައުލުގައިވަނީ ތެތްފިނިކަމެކެވެ. ހިސާބަކަށް ވައިޖެހުމުގެ ސަބަބުން ގަސްގަހުގެ ފަތްތަކުގައި ހައްޔަރުވެފައި ހުރި ފެންތިކިތައް އެއްވެސް ހުރަހަކައިނުލައި އެއިން ކޮންމެ ވައިރޯޅިއަކާއެކު ބިންމައްޗަށް އޮހެމުން ދިޔައެވެ. މޫދާއި ޖައްވު ބެދޭ ހިސާބުން ފެންނަ ރީތި މަންޒަރު ފޮޓޯނެގުމަށް އަހަރެން ކެމެރާ ދިއްކޮށްލީމެވެ. އަދި އެދިމަލަށް ޒޫމް ކޮށްލީމެވެ. ފޮޓޯ ފޯކަސްވެ ނުވެ ހުއްޓައި ރާޅު ޖަހާ ފަށުން ހިނގަފައި އައިސް ކެމެރާގެ ކުރިމައްޗަށް އަންހެން ކުއްޖެއް ހުއްޓުނެވެ. އަހަރެން އިނީ އެއްގަމުގައި ކަމުން އޭނައަށް އަހަރެން ނުފެންނާނެއެވެ. ފުރަތަމަ އަހަރެންނަށް ހަޅޭއްލަވައިގަނެވެން އުޅުނީއެވެ. އެކަމަކު އެ ކުއްޖާގެ މޫނު ފެނުނުހިސާބުން އަހަރެންގެ ދޫ ބަންދުވެގެން ދިޔަ ގޮތް ވެސް ނޭނގުނެވެ.
އެއީ މީގެކުރިން އެ ފޮޓޯއާއިމެދު މިވަރަށް ވިސްނަންޖެހިފައިނުވާ ފޮޓޯގައިވާ ރީތި ޒުވާނާ ، އާދެ ޔާޝާއެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ. އިއްޔެއާއި ޚިލާފަށް މިއަދު ބޮލުގައި ހުޅިއެއްޖަހައިގެން ހުރި އިރު އަރައިގެން އެހުރެދާ އިރުވެސް އެ ރީތިކަމަށް ސަނާކިޔަމުން ދާކަހަލައެވެ. ޔާޝާ ޖިންސުގެ ފައިކުރި ނުތެމޭ ވަރަށް އޮޅާލައި މައްޗަށް ޖައްސާލުމަށްފަހު އިށީނދެ އޭނަ ގެނައި ތެލި ދޮންނަން ފަށައިފިއެވެ. އަހަރެން އަވަސްވީ އަހަރެންގެ މަސައްކަތައިގެންނެވެ. އެކި ގޮތްގޮތަށް ފޮޓޯ ނަގަމުން ގެންދިޔައީމެވެ. ބައެއްފަހަރު ބޮލުގެ އެއްއަރިއަކުން މޫނު މައްޗަށް ވެއްޓިފައި ވާ އިސްތަށިކޮޅު ރީތި ކޮށްލައެވެ. އެހެން ރީތި ކޮށްލި ކޮށްލުމުގގެ ތެރޭގައި މޫނުގައި ކޮންމެވެސް ވަރަކަށް ދެލި ހޭކިފައިވެސް އެބަހުއްޓެވެ. މިއިން ކޮންމެ ޙަރަކާތެއްވެސް ދިޔައީ އަހަރެންގެ ހިތުގައި މާނަފުން ކައްޓަކުން ކަނޑައި ބިންވަޅު ނަގަމުންނެވެ.
އަހަރެންނަށް މިވަނީ ކީއްބާއެވެ؟ ކިތަންމެ ރީތިކަމުގައިވިޔަސް އަހަރެން އަބަދުވެސް ބޭނުންވާ ތަޙުޒީބީ އެއްވެސް ސިފައެއް ޔާޝާގެ ކިބަޔަކު ނެތެވެ. އެކަމަކު އޭނަ ކިތަންމެހާވެސް ރީއްޗެވެ. ހިތުގައި މިހާރު އުފެދޭ ސުވާލަކީ އަހަރެންގެ ހުވަފެނުގައިވާ ފަދަ ހުރިހާ ސިފަތަކެއް ލިބިފައިނުވާ ޒުވާނަކު އަހަރެންގެ ހިތް ފަތަޙަކުރަމުން މިދަނީ ކީއްވެގެން ބާއެވެ؟ ހަމަޔަގީނުންވެސް އެތަށް އަންހެންކުދިންގެ ފޮޓޯ މިކެމެރާއިން މިއަދާހަމައަށް ނެގިފައިވީއިރުވެސް މިހާ ރީތި ފަތްމިންޏެއްގެ ފޮޓޯ މި ކެމެރާއިން ނެގގިފައެއް ނެތެވެ. އެ ރީތިކަން ރައްކާކުރާނެ ކުޅަދާނަކަމެއް މިކެމެރާގެ ލެންސްގައި ނުހުންނާނެކަން ޔަގީނެވެ. މިފަދަ ޚިޔާލުތަކެއްގައި ހުރެ ޔާޝާއާއި ވާހަކަދެއްކުމުގެ ނިޔަތުގައި އޭނާއާއި ދިމާލަށް ހިނގައިގަތީމެވެ. އަހަރެންގެ ހިތް ބާރަށް އެބަ ތެޅެއެވެ. ބައެއްފަހަރު ހަށިގަނޑުތެރޭގައި ނޯންނަން އުޅެނީއޭވެސް ހީވެއެވެ. މަޑުމަޑުންގޮސް ޔާޝާއާއި އަރައި ހަމަކޮށްލީމެވެ. " ހެއި ! އަހަރެންނަށް ކިޔަނީ ޝިޔާޒް " ވަރަށް އުނދަގުލުނން ނަމަވެސް އަހަރެން ބުނީމެވެ. އެހެން ނަމަވެސް ޔާޝާއަށް އަޑު އިވުނު ހެނެއް ހިއެއް ނުވެއެވެ.
( ނުނިމޭ )
ލިޔުންތެރިޔާ: '' މި ވާހަކައިގައި ހިމެނޭނީ ޖުމުލަ ހަތަރު ބައެވެ. ތިންބައި ނަމަވެސް ތިޔަ ބޭފުޅުން ޝައުޤުވެރި ވާނެ ގޮތަށް މި ތިންބައި ގެނެސްދެވޭތޯ ބަލާނަމެވެ. ހަފްތާއަކު މި ވާހަކައިގެ އެއްބައި ގެނެސްދޭނަމެވެ.

  1. Avatar

    ލިޔުންތެރިޔާ ހިތް އެދޭ ސިފަތައް ތަ އެހުރީ ސިފަ ކޮށްފައި؟ މިކަމުގައި ލިޔުންތެރިޔާގެ ޖަވާބެއް ބޭނުން

ޚިޔާލު ފޮނުއްވާ