1353 17

އެއިރާންޑޯ ބުނި ތަން ހޯދުމަށް ސިންދްބާދްމެންގެ ދަތުރު ފެށުމުގެ ކުރިޔަށް ހުރިހާ ޕަރީންތައް ވަޅުތައް ކޮނެފާ ވަޅުލިޔެވެ. އަދި ސިންދްބާދްގެ ފަޅުވެރިޔާއަށް ވެސް ވަކިން ވަޅެއްކޮނެ މަހާނައެއް ޖަހާދިނެވެ. އެއަށްފަހު ބޯ ބުރިކޮށްލެވިފާވާ ލޫސީގެ ހަށިގަނޑުގެނެސް ސިންދްބާދްގެ ފަޅުވެރިޔާ އަމުނާލެވުނު ލޮންސިއަށް އަމުނާލުމަށްފަހު ލޫސީގެ ބޯ އެއިރާންޑޯގެ ލޮންސިއަށް އަމުނާލުމަށްފަހު އެ ހަށިގަނޑު ކައިރީ ބިންމަތީގާ ހަރުކޮށްލިޔެވެ. އެއަށްފަހު ސިންދްބާދްމެން ދާން އުޅެނިކޮށް ވަރަށް ހިތާމައާއެކު އެއްޗެއް ރޯއަޑު އިވުނެވެ. އެ ރުއިން އަންނަނީ ޕަރީން ދިރިއުޅުނު ގަހުންނެވެ. ގަސް ކައިރިއަށް ސިންދްބާދް ދިޔުމުން ގަހުން ލޮލެއް ހުޅުވުނެވެ. އެ ލޯވަނީ ކަރުނައިންފުރިފައެވެ.

ގަސް : އަހަރެންގެ ހުރިހާ އެކުވެރިން މަރުވީ؟
ސިންދްބާދް : މަރުވީކީނޫން. މަރާލީ. ނަމަވެސް ގާތިލްގެ ކިބައިން އަހަރެން ބަދަލް ހިފާފިން
ގަސް : ކާކު ގާތިލްއަކީ؟
ސިންދްބާދް : ލޫސީ
ގަސް : މަ އަބަދުވެސް ވަރަށް ޝައްކުކޮށް ނަފްރަތުކުރިމީހެއް އެއީ
ސިންދްބާދް : އަހަރުމެންގެ ވަރަށް ދިގު ދަތުރެއް އެބޮތް ދެން ގޮސްލީ
ގަސް : ކޮންތަނަކަށް ތިޔަ ދަނީ؟
ސިންދްބާދް : އުތުރުފަރާތުގާވާ ފެންއާރު ހޯދުމަށް
ގަސް : ދާން އެނގޭތަ
ސިންދްބާދް : އުތުރަށް ދާން އެނގޭނުދެން
ގަސް : ތިހީކުރަނީ ގޯސްކޮށް މިއީ ނާމާން ރަށެއް ހީނުކުރާތި ދަތުރު ފަސޭހަވާނޭ
ސިންދްބާދް : އެހެންވިއްޔާ އެހީވާންވީނު އަހަރުމެންނަށް
ގަސް : (މޫގަނޑަކުން ނުފޮޅި އިން ފިޔާތޮށި މަލެއް ނަގާފަ) މީގަވާނެ އަހަރެން ކަލެޔަށްދޭ ހަދިޔާއެއް. މާފޮޅުމުން ޕަރީއެއް ކަލެޔަށް ލިބޭނެ އެޕަރީގެ ބޭނުން ހެޔޮގޮތުގާކުރާތި ނުބައިގޮތުގާކޮށްޕިނަމަ ލޫސީއަށް ބަދަލްވުން ގާތް.... ނަމަވެސް މާފޮޅޭނެ ދުވަހަކަށް އިންތިޒާރުނުކުރާތި އެ ފޮޅޭނީވެސް އެންމެ ބޭނުންޖެހޭ ދުވަހެއްއައުމުން.
ސިންދްބާދް : ޝުކުރިއްޔާ
ގަސް : (އިތިރި މޫގަނޑެއް ބިންމަތިން ދަމައިގެންފަ) އަހަރެންގެ މި މޫގަނޑުގެ ކުރީކޮޅު ބުރިކޮށްލާ. އެމޫގަނޑު ކިޔާދޭނެ އުތުރަށް ދާންޖެހޭ އެންމެ ފަސޭހަގޮތް. ކަނޑުމަގުން ނުދާތި. ދެން އަވަހަށްދޭ

ސިންދްބާދްމެން ނިކުންނަމުން ދިޔައިރު ގަސް އަނެއްކާވެސް ގިސްލާ ރޯންފެށިއެވެ. ސިންދްބާދްމެން ނުކުމެ ބަލަހައްޓައިގެންތިއްބާ ކަށިފަތްތަކުން މަޑުމަޑުން ގަސް ފޮރުވެންފެށިއެވެ. ނަމަވެސް މިފަހަރު ހަމައެކަނި އިވެނީ ގަހުގެ ރުއިމެއްނޫނެވެ. ކަށިފަތްތަކުންވެސް ފެންފައިބައެވެ. އަދި ރޯއަޑުއިވެއެވެ. މަޑު ދުވެލީގަ އައި ކަށިފަތްތައް ގަސް ހުރިތަން ފޮރުވުމާއެކު ރުއިން ހުއްޓުނެވެ.

ސިންދްބާދްމެން ޖަހާފަވާ ޓެންޓްތަކަށް އަނބުރާދެވޭނެ އެއްވެސް ގޮތެއް ނެތުމުން ދަތުރު ކުރިޔަށް ގެންދިޔުމުގެ ކުރިން ގަހުން ކަނޑާލި މޫގަނޑު ސިންދްބާދް ނެގުމާއެކު މޫގަނޑު ވައަތަށް ލެނބިލިޔެވެ. އެއާއެކު އެންމެން ހިނގަންފެށިއެވެ. ދާންޖެހޭ ކޮޅުކޮޅަށް މޫގަނޑު ލެނބެމުން ދިޔައިރު ޖޯ ގާތަށް ދިޔައީ ހިނިއަންނަމުންނެވެ. އެންމެ ފަހަށް ސިންދްބާދް އެކަމާ ސުވާލުކޮށްލަން ވިސްނާލިޔެވެ.

ސިންދްބާދް : ކީއްވެ މާވަރަކަށް ތިހެނީ ޖޯ؟
ޖޯ : ހެވޭނު. ސަމުގާއަކަށް މޫކޮޅެއް ބޭނުންކުރަންޏާ އެއްގޮތް ދިރޭ ފަންޏެކޭ
ސިންދްބާދް : (ހިނިއައިސްފަ) މިވަރުގެ ސަމުގާއެއް ލިބުނީތީ ޝުކުރުކުރަންވާނެ ނަސީބެއް ސޭމް ނެތްކަން
ޖޯ : އާނ އެސޮރުހުރިނަަމަ މިހާރު ނޭނގެ މަށަށް ކިޔޭނެ އެއްޗެއްވެސް
ރޯމަން : އެސޮރާ އަދިވާނެ ދިމާކުރަން ތި ހިފައިގެން ގޮސް
ސިންދްބާދް : ރަނގަޅު ކަމެއްތީ

ދަތުރުކުރަމުން ދިޔަ ސިންދްބާދްމެން ހަވީރުއަތަށް އެޅުނުއިރު ރަށުގެ އަތިރިމައްޗަށް އާދެވިއްޖެއެވެ. އަތިރިމަތީގާ ބޮޑެތި ގާތައް ޖެހިފާހުއްޓެވެ. ބައެއް ގާތަކުގާ ބޮޑެތި ބާގަނޑުތައްވެސް ހުރުމުން އަތިރިމަތީގާ އެދުވަހު އަރާމްކުރަން ހުރިހާ އެންމެން ނިންމިއެވެ. ފަޅުވެރިންގެ ދަބަސްތަކުން މަސްބާނާ ސާމާނު ނެގުމަށްފަހު މަސް ބޭނުމަށް މަސައްކަތްފެށުމުން ޖޯ ގޮސް ގަހެއް ކަނޑައިގެން ގެނެސް ކޮށާ ކުދިކޮށްލިޔެވެ. މަސްބާނަން މޫދަށް އެރުނު ފަޅުވެރިން ފުދޭ ވަރަކަށް މަސްބާނާގެން އައުމުން ރޯމަން އަލިފާންގަނޑު ރޯކޮށްލިޔެވެ. މަސްފިހެ ނިމުމުން ހުރިހާ އެންމެ ކައިގެން ގާތަކުގާ ހުރި ބާގަނޑުތައް ބަލާ އެންމެނަށް ނިދޭވަރު ބާގަނޑަކަށް އެންމެވެސް ވަދެ ހަމަޖެހިލިޔެވެ. އަދި އިރުއޮއްސި އަނދިރިވުމުން ލަވަކިޔާ މަޖާކުރުމަށްފަހު އެންމެން ނިދަން އޮށޯތެވެ.

ދަންވަރުގެ ވަގުތެވެ. ސިންދްބާދް ކުޑަ ނިދިކޮޅެއް ނިދުމަށްފަހު ހޭލެވުނެވެ. މޫދާ ދިމާލަށް ބަލަހައްޓައިގެން ފުން ވިސްނުމެއްގާ އިން ސިންދްބާދްއަށް އަތިރިމަތީ ފުރަގަހަށް އެނބުރި ހުއްޓިގެންހުރި މީހަކުފެނުނެވެ. އެމީހާ ހުރީ އަސާގަނޑެއްގެ ހިފައިގެންނެވެ. އެ އަސާގަނޑުގާ ކުދި ކަށިތަކެއް އެލުވިފާވެއެވެ. އެމީހާ ލައިގެން ހުރި ހެދުން ކަޅުވެފާ ބަލެވެ. ހެދުންގަނޑުގެ ތިރި ވަނީ އިރައިރައިގެން ގޮސްފައެވެ. އެއީ ކާކުތޯ ބަލަން ސިންދްބާދް ޝައުގުވެރިވިއެވެ. ނަމަވެސް ކަނޑި އުރައަށް ލައްވާލައިގެން ހުށިޔާރުކަމާއެކު ނުކުތެވެ. އެމީހާއާ އަރާ ހަމަވުމާއެކު އެމީހާ ސިންދްބާދްއާ ދިމާލަށް އެނބުރުނެވެ. އެމީހާގެ ދެލޯވަނީ މެރިގެންގޮސް ތަތްލަވާފައެވެ. މޫނުމަތި ސިފަ އެހާ ޙުތުރެވެ. ބެލެވޭ ގޮތުގާ އޭނާގެ މޫނުގާވަނީ މީގެ ކުރިން އަލިފާން ހިފާފައެވެ.

ސިންދްބާދް : ތިއީ ކާކު؟
މީހާ : އޭ މިހިރަ މީހާ ކަލޭ ތި ހޯދާ އެއްޗަކީ ހާދަ ގެއްލުންހުރި އެއްޗެކޭ
ސިންދްބާދް : އެންމެ ރަނގަޅު މަ މިހޯދަނީ ކޮންއެއްޗެއް؟
މީހާ : ކަލޭގެ ކުރިމަގު އެކަމުގެ ސަބަބުންވަނީ ވަރަށް ބޮޑަށް ބަނަވެފަ އެއްވެސް އުފަލެއް އަދި އަރާމެެއް ނެތް އޮތީ ހަލާކު. ކަލޭގެ ރަސްކަން އަމިއްލަ އަތުން ހަލާކުކޮށްލާނެ. ކަލޭވާނީ މިދުނިޔޭގަ ހުރި އެންމެ ދަހިވެތި އެންމެ ހަރުކަށި އަދި އެންމެ ޖާހިލް އެކަކަށް. ކަލެޔަށް އަބަދުވެސް އޮންނާނީ ނުފުދިފާ. ކަލޭ ކުރިމަތީ މީހަކު ގަތުލްވިޔަސް ކަލޭގެ ހަރުހިތުގެ ސަބަބުން އެއްވެސް ރަހުމެއް ކުލުނެއް އެމީހަކަށް ނޯންނާނެ. މި ދުނިޔޭގެ ހުރިހާ ލަޝްކަރަކަށްވުރެ ކަލޭގެ ލަޝްކަރު ވަރުގަދަވާނެ ނަމަވެސް އެއީ އިންސާފެއް ނުބަހައްޓާނެ ލަޝްކަރެއް. މިދުނިޔޭގަ ކަލޭ ރަސްކަން ކުރިޔަސް ކަލެޔަށް އުފަލެއްނެތް.
ސިންދްބާދް : ކީކޭ ކަލޭ ތި ކިޔަނީ؟
މީހާ : އަހަރެންނަށް ކަލޭގެ ކުރިމަގު ފެނިފަވަނީ އެހެންވެ މި ކިޔާދިނީ. ކުރިޔަށް ދިޔުމާ ނުދިޔުން އޮތީ ކަލޭ އަތްމަތީގަ
ސިންދްބާދް : (ރުޅިއައިސްފަ) ކަލޭ އައި ތާކަށް ކަލޭ އަނބުރާ ދޭ އެހެންނޫނީ މަގޭ ކަނޑިން ކަލޭގެ ބޯ ބުރިކޮށްލާނަން
މީހާ : އަހަރެން ގޮސްފާނަން އެކަމު އަހަރެން ހޯދަން ބޭނުންވެއްޖެނަމަ އުތުރުގާވާ ފެންއާރު ކައިރިއަށް އާދޭ
ސިންދްބާދް : މަޑުކޮށްބަލަ. އަހަރެން އެތަނަށް ދާން މި ދަނީވެސް
މީހާ : މާދަމާ ހެނދުނުން އާދޭ މިރޭ ނިދާލާ މި ގޮނޑުދޮށް ހުރިގޮތަށް އުތުރަށްދާއިރު ފެންނާނެ ދެ ފަރުބަދައެއް އެ ދޭތެރޭގަ ތި ހޯދާ ފެންއާރު ހުންނާނެ ދެން އަހަރެން ގޮސްލީ

އަސާގަނޑުގެ އެހީގާ މަޑު ހިނގުމެއްގާ އެމީހާ ދާތަން ސިންދްބާދް ބަލަން ހުއްޓާ އިރުކޮޅަކުން ދުންގަނޑަކާއެކު އެމީހާ ގެއްލުނެވެ. ސިންދްބާދް އަނބުރާ އޭނާގެ މީހުން ކައިރިއަށްގޮސް ނިދަން އޮށޯތެވެ.

ޖެހިގެން އައި ދުވަހު ސިންދްބާދްއާ އޭނާގެ މީހުން ދަތުރު ފެށިއެވެ. ގޮނޑުދޮށް ހުރިގޮތަށް ހިނގަމުން ގޮސް ދެ ފަރުބަދަ ފެންނަން ފެށުމާއެކު ސިންދްބާދްގެ ހިތްވެސް ބާރަށް ތެޅެންފެށިއެވެ. އަވަސް ހިނގުމެއްގާގޮސް އެހިސާބަށް އަރާ ހަމަކުރިއިރު ދެ ފަރުބަދަ ދޭތެރޭ ފެންއާރެއް ހުއްޓާ ފެނުނެވެ. ފެންއާރާ ދިމާލަށް ހިނގާގަތްތަނުން ފެންއާރު ތެރެއިން ހަތަރު މީހަކު ނުކުތެވެ. އެމީހުން ތިބީ އަސާގަނޑުތަކެއް ހިފައިގެން ބޮޑެތި ހެދުންތަކެއް އަޅައިގެންނެވެ. ބޯ އެއްކޮށް ނިވާވެފާވާ ފާދިރީންލާކަހަލަ ހެދުންތަކެއް ލެވިފައިވާ އެ ހަތަރު މީހުންގެ ފަހަތުން ނުކުތީ ސިންދްބާދްއާ ރޭގަނޑު ދިމާވި މީހާއެވެ.

މީހާ : (އަސާގަނޑުން ތިންފަހަރު ބިންމަތީ ޖަހާލާފަ އޭނާގެ މީހުންނަށް ބަލާލާފަ) މިއީ އަހަރެން ބުނި މީހަކީ. ކަލޭމެން މީނާއަށް ތަން ދައްކަން ބޭނުންނަމަ ދައްކާ އެހެންނޫނީ ވަނަނުދީ ހިފަހައްޓާ

ހަތަރު މީހުން އެއްފަހަރާ ސިންދްބާދްމެނާ ދިމާލަށް ދުއްވައިގަތެވެ. އެވަގުތު ސިންދްބާދް، ރޯމަން އަދި ޖޯ އެމީހުންނާ ކުރިމަތިލާން ތައްޔާރުވިއެވެ. ޖޯ އާ ދިމާލަށް ދެމީހަކު ދިޔައިރު ސިންދްބާދްއާ ރޯމަންއާ ދިމާލަށް ދިޔައީ އެންމެ މީހެކެވެ. ސިންދްބާދް އާ ދިމާކުރި މީހާއަށް ސިންދްބާދް ފުލުފުލުން ހަމަލާދިނެވެ. ނަމަވެސް އެމީހާ ފިސާރެ ކުޅަދާނައެވެ. އޭނާގެ އަސާގަނޑު އެކި ގޮތްގޮތަށް އަނބުރާލާފާ ސިންދްބާދެގެ ހަށިގަނޑަށް ހަމަލާދިނެވެ. ނަމަވެސް ހުށިޔާރު ސިންދްބާދް ރެކެމުން ދެތިން ހަމަލާދިނެވެ. އެ ހަމަލާތަށް އެރީ ސީދާ އެމީހާ މެޔަށްށެވެ. އެއާއެކު އެމީހާ ބިންމައްޗަށް ވެއްޓި ދުންގަނޑަކަށްވެ ގެއްލުނެވެ.

ޖޯ އާ ދިމާކުރި ދެމީހުންނަށް އޭނާގެ ފުރޮލުން ފިސާރެ ވަރުގަދަ ހަމަލާތައް ދެމުންދިޔައެވެ. މިހެން އުޅުމުގެތެރޭގަ އެކަކުގެ ކަރުގާ ޖޯ އަށް ހިފުނެވެ. އެވަގުތު ބަލާފާ މައްޗަށް ނެގިގޮތަށް ބިންމައްޗަށް ޖަހަމުން ފުރޯ ކަރުގާ ޖައްސާ ބޯ ބުރިކޮށްލިޔެވެ. ދެން ހުރި މީހާ އެއިރު ޖޯ އާ އަރާ ހަމަވެއްޖެވެ. ނަމަވެސް ހުށިޔާރު ޖޯ އޮޅަންބަށިން ފިސާރެ ބާރަށް އެމީހާ ބަނޑުގާ ޖެހުމަށްފަހު ބޮލުގާހިފާ ކަކުލުން މޫނުމަތީ ޖެހުމަށްފަހު ފުރޯއިން ބުރަކަށީގާ ޖެހި ޖެހީނުން ދެބުރިކޮށްލިޔެވެ. އެއާއެކު ޖޯ އާ ދިމާކުރި ދެމީހުން ދުންގަނޑަކަށްވެ ގެއްލިއްޖެއެވެ.

ރޯމަންވެސް ދިޔާއީ އޭނާއާ ދިމާކުރި މީހާ ބަލިކުރުމަށް ހަމަލާތައް ދެމުންނެވެ. ނަމަވެސް އެމީހާ ހަލުވިކަމުން ރޯމަންގެ ހަމަލާއެއް ލައްވާނުލައެވެ. ވިސްނަން ހުރެފާ އެމީހާ ލައްވާ ރޯމަންއަށް ހަމަލާއެއްދިނެވެ. އެމީހާ އަސާގަނޑުން އައިސް ރޯމަން މޭމަތީގާ ޖެހުމާއެކު ރޯމަން ކުރިޔަށް ޖެހިލުމަށްފަހު ގޮށްމުށުން ފިސާރެ ވަރުގަދަ ހަމަލާތަކެއް އެމީހާއަށްދީ ބިންމައްޗަށް ވައްޓާލިގޮތަށް ކަނޑި އެމީހާ ކަރަށް ގަނބާލިޔެވެ. އެއާއެކު އެމީހާ ދުންގަނޑަކަށްވެ ގެއްލުނެވެ.

ސިންދްބާދްމެނާ ދިމާލަށް އައި މީހުންތައް ބަލިކުރުމަށްފަހު ކުރިޔަށް އެންމެން ހިނގައިގަތެވެ. ނަމަވެސް ހައިރާންވީ މަރާލެވުނު ހަތަރު މީހުން އަނެއްކާވެސް ފެންއާރު ކުރިމަތީ ތިބިތަން ފެނުމުންނެވެ. އެ ހަތަރު މީހުންގެ ފަހަތުން ސިންދްބާދްއާ ދިމާވި މީހާ ނުކުމެ ތިންފަހަރު އަސާގަނޑުން ބިންމަތީ ޖަހާލުމާއެކު ހަތަރު މީހުން ގެއްލުނެވެ.

މީހާ : (ސިންދްބާދްއާ ދިމާލަށް އަސާގަނޑު ދިއްކޮށްފާ) ކަލޭ އެކަނި އާދޭ
ސިންދްބާދް : (އެމީހާ ކައިރިއަށް އައުމަށްފަހު) މަ ފިޔަވާ އެހެން މީހަކަށް ވަދެވޭތަ؟
މީހާ : ނުވަދެވޭނެ. ކަލޭ އެކަނި ވަދޭ

ފެން އާރުގެ ފަހަތަށް ސިންދްބާދް ހިނގާފާ ވަނުމުން ފެނިގެން ދިޔައީ ގަލުން ހެދިފާވާ ފާލަމެކެވެ. އެ ފާލަމުގެ އެންމެ ކޮޅުގާ ދޮރެއްހުރިތަން ފެނިގެންދިޔައެވެ. ރަތްކުލައިން ޒީނަތްތެރިވެފާވާ އެ ދޮރު ވިދާ ބަބުޅައެވެ. މަޑު ހިނގުމެއްގާ ސިންދްބާދް އެ ފާލަން ހުރަސްކޮށްފާގޮސް ދޮރާ އަރާ ހަމަކުރިޔެވެ. އަދި ދޮރަށް ރަނގަޅަށް ނަޒަރު ހިނގާލަނިކޮށް ތަޅުދަނޑި ޖަހާ ތަނެއް ފެނުނެވެ. ކަނޑިއެއްގެ މުއްގަނޑު ވަންނަ ވަރަށް އިން ތަޅަށް ސިންދްބާދްއަށް އޮސްވޯލްޑްގެ ތަޙްތުގެ އަޑިން ހޯދުނު ތަޅުދަނޑި ޖީބުން ނަގާ ކޮށްޕާލިޔެވެ. ކޮއްޕާލުމަށްފަހު ދެކޮޅަށް އަނބުރާލިޔެވެ. އެއާއެކު ބާރު އަޑުފައްގަނޑެއް ގޮވާފާ ދޮރު ހުޅުވުނެވެ. ކުރިމަތިން ފެންނަންހުރީ ރަނުގެ ދެ ފަރުބަދައެވެ. އެ ދެ ފަރުބަދަ ދޭތެރޭގަ އިނީ ފޮއްޓެއް ބޭންދިފައެވެ. ސިންދްބާދް ގޮސް އެ ފޮށި ހުޅުވާލިޔެވެ. އޭގާވަނީ ލިޔުމެކެވެ.

" އޭ އިންސާނާއެވެ. ކަލޭ އަހަރެން ހަމަ ހޯދަނީހެއްޔެވެ. އަހަރެން ހޯދުމަކީ ކިހާ އުނދަގޫ ކަމެއްކަން ކަލެޔަށް އެނގޭހެއްޔެވެ. އަހަރެން ހޯދާފިނަމަ ވާނެ ގެއްލުންވެސް ކަލެޔަށް އެނގެއެވެ. ނަމަވެސް ކަލޭ ހަމަ ހިލާ ދޫނުކުރަމުއެވެ. ވީމާ އަހަރެން ހޯދުމަށް ދަތުރު ފަށާށެވެ. ކަލޭގެ ހުރި ހިތްވަރެއް އެނގޭނެއެވެ. އެންމެ ރަނގަޅެވެ. އަހަރެން މިބުނާ ތަނަކަށްދާށެވެ. ރޮމޭނިޔާގެ އުތުރުގާވާ ކިއްލާއަކަށްދާށެވެ. އެ ކިއްލާގެ ރާނީ ކަރްމެއްލާއާ ބައްދަލްކުރާށެވެ. އޭނާގެ ހިތް ރުހިއްޖެނަމަ އަހަރެން ވީތަން ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. "

- ނުނިމޭ -

ޚިޔާލު ފޮނުއްވާ