Views: 15848 126

ނަވީންގެ ނޭވާގެ ހޫނުކަން ލައިބާގެ ހިތުގެ އެންމެ ހިމަނާރާއި ހަމައަށްދިޔައީ އަސަރުކުރަމުންނެވެ. ނަވީންވެސް ބައިވަރު ވާހަކަދައްކަން ބޭނުންވިއެވެ. އެހެން ނަމަވެސް ހެނދުނުގެ އެހިތްގައިމު ވަގުތުގައި ނަވީންގެ އަމިއްލަ ނަފްސަށް ބާރުފޯރުވުންވީ ދަތިކަމަކަށެވެ.

" ނަވީން....." ފަހަތުން އިވުނީ ޖޫލީގެ އަޑެވެ. ޖޫލީގެ އަޑު ބާރުވެފައި އެއަޑުގައިވި ހަރުކަށިކަމުން އަޑުއަހަން ހުންނަ މީހަކުވެސް ބިރުން ރޫރޫ އަޅައިގެންދާނެއެވެ. ނަވީނާއި ލައިބާގެ ހަށިގަނޑުގައިވެސް ހިނގައިގަތީ ބިރުވެރިކަމުގެ އޮއެވަރެކެވެ. ނަވީން ލައިބާގެ ގައިން އަތްނައްޓާލާފައި ދުރަށްޖެހިލެވުނެވެ.

" ކީއްތިކުރަނީ........." ޖޫލީ އައީ ނަވީނާއި ދިމާލަށެވެ.

" އަހަރެން ހީކުރީ.....ހީކުރީ މީ ޖޫ....ޖޫލީކަމަށް...." ނަވީން ވާހަކަދެއްކީ އަޅައަޅައިގެންނަމުންނެވެ. ޖޫލީގެ ރުޅިއައިސްފައިވާ މޫނަށް ބަލަން ހުންނަންވެސް ނަވީނަށް އުނދަގޫވިއެވެ.

" މިހާރު އަހަރެންނާ އެހެން މީހުންވެސް އޮޅޭ ހިސާބަށް ދިޔައީތަ ؟ " ނަވީންގެ ފުރަގަހުން ފެންނަން ހުރި ލައިބާގެ މޫނަށް ޖޫލީގެ ދެލޯ އަމާޒުވިއެވެ. ލައިބާ ބަލަން ހުރި ގޮތުން ނަގަންވީ ކޮން މާނައެއްކަމެއް ޖޫލީއަކަށް ނޭގުނެވެ.

" މި ބުނީ އެހެނެއްނޫނޭ......ބަދިގޭގަ ރޮށިފިހަން ހުރީ އަހަރެން ހީކުރީ ޖޫލީ ކަމަށް.........އެހެން މީހަކު ބަދިގޭގަ އުޅިދާނެ ކަމެއް ކިހިނެތް އެނގޭނީ ....ޖޫލީ ކަމަށް ހީކޮށޭ ބައްދާލެވުނީ......." ޖޫލީ ހިތްހަމަ ނުޖެހިފައި ހުރުމުން ނަވީން އުޅުނީ ޖޫލީގެ ރުޅިގަނޑު ފިނިކުރެވޭތޯއެވެ.

ނަވީން ދޮގުހެދީތީ ލައިބާ ހިތްމަރުވިއެވެ. އެގޮތަށް ދޮގު ހަދައިގެން ހަގީގަތް އޮޅުވާލައިގެން ކިހާ ދުވަހަކު އުޅޭނެބާއޭ ލައިބާގެ ހިތަށް އެރިއެވެ. ނަވީން ދެރަވެލާފައި އެހެން ބުނުމުން ޖޫލީއަށް ގަބޫލުކުރެވުނެވެ. ނަވީންގެ މޭގައި އައިސް ޖޫލީ ބޮނޑިވެލީ ކިޔުނު އެއްޗެއްސަށް ލަދުވެތިވާ ހާލުއެވެ. މިފަހަރުވެސް އެމަންޒަރު ބަލަން އުނދަގޫވީ ލައިބާއަށެވެ. ބަދިގެއިން ނިކުމެގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތީ ނިކަން ހަލުވިކޮށެވެ. އެތަނުގައި ހުންނަން އޭނާ ބޭނުން ނުވީއެވެ.

" ސޮރީ......" ޖޫލީ ދެރަވެފައި މައާފަށްއެދުނެވެ. ނަވީން އިޙްތިޔާރުކުރީ ހިމޭންކަމެވެ. އޭނާގެ ނަޒަރު ގުޅިފައިވަނީ ކޮޓަރިއާ ދިމާލަށް ދިޔަ ލައިބާއަށެވެ. ޔަގީނުންވެސް ލައިބާ އެދިޔައީ ހިތުގައި ޖެހިގެންނެވެ.

" ނޭގޭންނު........ކިހިނެތްތަ ނަވީންގެ ގޮތްވެސް އެނގޭނީ........އަނބިމީހާ ލޯމަތިން ގެއްލޭއިރަށް ގިނަމީހުން މިތިބެނީ އެހެން މީހަކާ ހިތާވެފައި ވިއްޔާ........ދެއަނބަށް މީހަކާ އިންނަން ވެފައި ވިއްޔާ........." ޖޫލީ ވާޙަކަދެއްކީ ކަންހިނގާ ގޮތުގެ މައްޗަށް ބުރަވެ ހުރެއެވެ.

" ތިކުރީ ވަރަށް ދެރަކަމެއް.......ލައިބާ އެދިޔައީ ދެރަވެގެން........." މައާފްނުކުރިތާގައި ނަވީން ކަންބޮޑުވީ ލައިބާޔާ މެދުއެވެ. ބޯއުފުލާލައި ޖޫލީ ނަވީންގެ މޫނަށް ބަލާލީ ހައިރާންކަމާއި އެކުއެވެ.

" ދޭ ލައިބާ ކައިރިން މައާފަށް އެދެން........" ނަވީން އެހެން ބުނެފައި ޖޫލީ އާ ދުރަށްޖެހިލީ ނިޒާރު ބޭރުން އައިސްވަނުމުންނެވެ. ޖޫލީއަށް ހިމޭންވެފައި ހުރެވުނެވެ. ނަވީންގެ އަމަލްތަކުން ޖޫލީ ޔަގީންވީ ނަވީން ހިތްހަމަނުޖެހިފައި ހުރިވަރެވެ. އެތަނުގައި މަޑުވެސް ކޮއްނުލާ ނަވީން ސިޑިން އަރައިގެން ދިޔަ ގޮތަށް ދިޔައީއެވެ.

*****

މެންދުރުވުމާއި ދާދިވަނީ ގާތްވެފައެވެ. ނަވީނާއި ނިޒާރުވީ އެމީހުންގެ މަސައްކަތަށް ގޮހެވެ. ޖޫލީ ދެއަތުން ދެ ކޮތަޅު ހިފައިގެން އައިސް ލައިބާ ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. އެތެރެއަށްވަންނަން ހުއްދަ ލިބުމުން ޖޫލީ ދޮރު ހުޅުވާލިއެވެ. ދެކުދިން ރީތިކުރަން އެނދުމަތީގައި އިނދެފައި ލައިބާ ހިންދެމިލީ އެތެރެއަށްވަން ޖޫލީ ފެނިފައެވެ. ވަގުތުން ލައިބާގެ މޫޑް ގޯސްވިއެވެ.

" ރީތިކުރަނީތަ ؟ " ޖޫލީ އައިސް އެނދުކައިރިއަށް ހުއްޓެމުން ސުވާލުކުރިއެވެ. އޭރު ލައިބާގެ ސަމާލުކަން ހުރީ އެކުދިންނަށެވެ. " ހޫމް" ހަމަ އެކަނި ލައިބާ އެވަރުން ފުއްދާލީއެވެ.

" ސޮރީ........" ޖޫލީ ގެނައި ދެކޮތަޅު އެނދުމަތީ ބަހައްޓަމުން ޖޫލީ ވާޙަކަދެއްކީ ލައިބާގެ ސަމާލުކަން ލިބޭނޭ ހިތާއެވެ.

" ކޮންކަމަކަށް؟ " ލައިބާގެ އަޒުމް ވަރުގަދައެވެ. ޖޫލީ މައާފަށް އެދުނީ ކޮންކަމަކަށް އެނގޭއިރުވެސް ގަސްތުގައި އެނގޭކަމަށް ލައިބާ ހަދާނުލިއެވެ.

" މިއަދު ހެނދުނުވީ ކަންތަކާ........." ޖޫލީގެ އަޑުން ދެރަވެފައިވާ ވަރު ކިތަންމެ ރަނގަޅަކަށްވެސް ހާމަވެއެވެ.

" އަޅާނުލާ..........."

" އިންތިހާއަށް ލޯބިވާ ފިރިމީހާޔާ މެދު ކުންހީއެއް ކުރެވުނީ ........އެހެންނު " ލައިބާގެ އަޑުގައިވީ މަލާމާތެވެ. ޖޫލީއަށް ބަލާލާފައި ލައިބާ ހިނިތުންވެލިއެވެ. އެހިނިތުންވުމުން ނަގަންވީ މާނައެއް ޖޫލީ އަކަށް ނޭގުނެވެ.

" އަހަރެން އަހަރެންގެ ފިރިމީހާއާ މެދު ކުންހީއެއް ނުކުރާނަން......ޔަގީން ކުރާނީ......" ލައިބާ ޖޫލީގެ މޫނަށް ބަލަން އިނދެ ބުނެލިއެވެ.

" ތިބުނީ......" ޖޫލީ ބިރުންހުރެ ބުނެލީ ލައިބާ ބުނި އެއްޗެއް ފަހުމްނުވެގެނެވެ.

" ހި...ހި....އަޅާނުލާ...........އަދި ޖޫލީއަށް ފަހުން އެނގޭނެ..........ކަމަކު ތަ ތިއައީ ؟ " ލައިބާ ވާހަކަ އޮއްބާލިއެވެ. ޖޫލީ އިތުރަށް ސުވާލުކޮއްދާނެތީއެވެ.
" މީ ....ނަވީން އިއްޔެ ގެނައި ހެދުންތަކެއް........އަހަރެން ކުރުތާ ނުލާތި ނަވީން ބުނީ ލައިބާއަށް ދޭށޭ....." ދެކޮތަޅު ލައިބާ އާ ކައިރިއަށް ޖައްސާލަމުން ޖޫލީ އޮޅުން ފިލުވައިދިނެވެ.

" ލައިބާ ހާދަ މޮޅޭ... ކުދިންގެ ކަންތައް ބަލަހައްޓަން.........އަހަންނަށްވެސް ދަސްކޮއްދީބަލަ....." ޖޫލީ ބޭނުންވީ ލައިބާގެ ސަމާލުކަން ހޯދާށެވެ. ލައިބާ ހިނިތުންވެލިއެވެ.
" އަމިއްލަ ބަނޑުން ވިހާދަރިއަކާ އެހެން މީހެއްގެ ކުއްޖަކާ ހާސްބައިތަފާތުވާނެ......ބަނޑުގަ ދަރިފުޅު ގަރުބަގަތީންސުރެން އެކުރެވެނީ ހާދަ ފޮނި އިޙްސާސްތަކެކޭ......ދެލޮލަށް ދަރިފުޅު ފެންނާނެ ދުވަހަކަށް ކުރަނީ ވަރަށް ދިގު އިންތިޒާރެއް..........ދަރިފުޅު ފެންނަ ހިނދު އެކުރެވޭ އުފާވެރި އިހްސާސް ދުލުން ބަޔާންކުރަން ދަތި.....ހާދަ ދިގު އިންތިޒާރެއްގެ ނިމުމޭ އެއީ......" ލައިބާ އެއްދިމާލަކަށް ބަލަން އިނދެ ވާޙަކަދައްކަމުންދިޔައިރު ދެލޮލުގައި ވިދަމުންދަނީ ކަރުނައެވެ. ލައިބާ އާ ދިމާލަށް ކަޅިޖަހާނުލާ ބަލަން ހުރިއިރު ޖޫލީއަށް ކުރެވެމުންދަނީ ތަފާތު އިހްސާސެކެވެ.

" އަހަރެންވެސް ބަނޑުބޮޑުވާން ވަރަށް ބޭނުންވި.......ދަރިއަކު އުފަންކުރުވަން ބޭނުންވި.......އެކަމަކު އަހަރެމެންގެ ތަޤްދީރުގައި އެކަން ލިޔެވިފައެއްނެތް..........." ޖޫލީގެ ލޮލުން ވެއްޓުނު ކަރުނަތިކި އަވަސް އަވަހަށް ފޮހެލިއެވެ.

" ދެރަ ނުވޭ އަހަރެން ޖޫލީއަށް މިސޮރު ގެންގުޅޭނެ ގޮތް ދަސްކޮއްދޭނަން............." ޖޫލީގެ ކޮނޑުގައި އަތް ބާއްވާލަމުން ލައިބާ ވައުދުވީ ހިތާދެކޮޅަށެވެ. ޖޫލީގެ ހިތާމަތަކަށް ލުޔެއްދޭން ލައިބާ ބޭނުންވާ ކަހަލައެވެ.

" އެކަމަކު އަހަރެންގެވެސް އެދުމެއް އެބައޮތް..............." ޖޫލީ ހިނިތުންވެލާފައި ލައިބާގެ އަތުގައި ހިފާލިއެވެ.

" އަހަރެންވެސް ބޭނުން އަހަރެން ފިރިމީހާގެ ހިތުންޖާގައެއް........" ލައިބާ އެބުނި އެއްޗެއް ނޭގިގެން ޖޫލީ ބަލަން އިނެވެ.

" އަހަރެންނަށް ދަސްކޮއްދީބަލަ ފިރިމީހާގެ ހިތުން ޖާގައެއް ހޯދަން.........ޖޫލީ އެކަމަށް ކިހާ މޮޅު........" ޖޫލީ ކުރިއަށްވުރެން ބޮޑަށް ހިނިތުންވެލިއެވެ. އުފާވިވަރުން އަނގައިން ބުނަންވެސް އުނދަގޫވިއެވެ. ހުޅުވިފައިވާ ދޮރުން އައްފާން އެއްފަރާތްވެލިއެވެ. ވަގުތުގެ ގޮތުން އޭނާ އެތަނުގައި ހުއްޓާ ފެންނަން ބޭނުން ނުވީއެވެ.

******

ބަޝީރާ އިނީ ސިޓިންގރޫމްގައެވެ. ރަށަށްދާންވާއިރަށް ފޮށިތައްޔާރުކުރަން އުޅުނުއިރު ދެލޮލުން ކަރުނަ ނުހިކެއެވެ. ފުރާވާހަކަ ބުނަން ގުޅީމައި ލައިބާ އޭނާޔާ އެކު ދާން އެއްބަހެއް ނުވިއެވެ. މާދަމާ ރޭ ފުރާ ބޯޓުން ރަށަށްދާން ބަޝީރާ ގާތްގަނޑަކަށް ހުރިހާ ކަމެއްހެން ހުރީ ތައްޔާރަށެވެ. ދޮރުގައި މީހަކު ޖަހާލިއެވެ. ދޮރުހުޅުވާލީ ލައިބާކަމަށް ހީކޮށެވެ. ބަޝީރާ ހީކުރީ ފުރާވާހަކަ ބުނުމުން ލައިބާއައީ ކަމަށެވެ. ދޮރުމަތީގައި ހުރި އާދިލާ ފެނިފައި ބަޝީރާ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އާދިލާ ހިނިތުންވެފައި ހުއްޓަސް ބަޝީރާގެ ތުންފަތް ހަރަކާތްކޮއްލާނެ ހިތްވަރު އޭނާ އަކަށް ނުލިބުނެވެ. އާދިލާ ވަންނަން އުޅުމުން ދޮރުން އެއްފަރާތްވެލުން ފިޔަވައި އިތުރުކަމެއް އޭނާޔަކަށް ނުކުރެވުނެވެ. އައީ ކޮންބޭނުމެއްގައި ތޯ އަހާލަންވެސް އޭނާ ހަނދާނެތްނެތެވެ.

" ބަޝީރާ ފުރަންތަ ތިއުޅެނީ........." ސިޓިންގރޫމް ތެރޭއަށް ބަލާލުމުން އާދިލާއަށް އެހެން ހީވިއެވެ.

" ހޫމް......." މަޑުމަޑުން ބަޝީރާ ބޯޖަހާލިއެވެ.

" ލައިބާ ވެސް ދޭތަ ؟ " އާދިލާ ދެލޯ ހުރީ ފެންކަޅިވެފައެވެ.

" ނޫން.....އެކުއްޖާ ދާކަށް އެއްބަހެއް ނުވި.........." ބަޝީރާ ކަރުއެލުވާލީ ދެރަވެގެންނެވެ. އެދަރިފުޅާ ނުލާއި އުމުރުގެ ބާކީބައި ހޭދަކުރާނޭ ގޮތެއްވެސް ބަޝީރާއަކަށް ނޭގެއެވެ.
" ބަޝީރާ ފުރުމުގެ ކުރިން ނަސީރު ބޭނުންވޭ ތިޔައިގެ ދެމައިންނާ ބައްދަލުކުރަން ..........." އާދިލާ އެހެން ބުނުމުން ބަޝީރާގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ. ބުނާނެ އެއްޗެއް ނޭގިފައި ބަޝީރާއަށް އިޙްތިޔާރުކުރެވުނީ ހިމޭންކަމެވެ.

އާދިލާ މެދުވެރިކޮށް އޭނާޔާ ބައްދަލުކުރަން ބޭނުން ކަމަށް އެނގިއިރު އާދިލާ ހިތުގައިވެސް ލައްކަ ގިނަ ސުވާލު އުފެދޭނެކަން ޔަގީނެވެ. ބަޝީރާ ކަންބޮޑުވީ އެކަމާއެވެ. ބަޝީރާ އަކީ ކާކުކަން އެނގި އެދެމެދުގެ މައްސަލަ ގޯސްވާން ބަޝީރާ ބޭނުމެއްނޫނެވެ.

" އަހަރެމެން މިއައީ ނަސީރު ފޮނުވައިގެން....." އާދިލާ ކުރިއަށް ޖެހިލާފައި ވާހަކަދެއްކިއެވެ.

" ބުނެބަލަ ފުރުމުގެ ކުރިން ބައްދަލުކުރާނަމޭ...........އަހަރެން މިއައީ ނަސިރުއަށް ވައުދުވެފައި ބަޝީރާ ގެނެސްދޭނެކަމަށް........ " ބަޝީރާ ދެއަތާއި ދެއަތް ޖޯޑުކޮއްލެވުނެވެ. އިސްއުފުލާލަން ނުކެރިފައި ހުރި ފިޔަވަޅުމަތީ ހުރީ ހަދާނެ ގޮތް ހުސްވެފައިވާ މުޝާފިރެއްފަދައިންނެވެ.

" ނަސީރު އަހަންނަށް ހުރިހާ ވާހަކައެއް ކިޔާދީފި ......." ބަޝީރާގެ އަތްމަތީ އަތްބާއްވާލަމުން އާދިލާ ބުނެލިއެވެ. ބަޝީރާގެ ހަށިގަނޑަށް ކުރެވުނީ ފިނި އިޙްސާސެކެވެ. މޫނުމައްޗަށް އަރާއިގެން ދިޔަ ކުލަވަރުން ބަޝީރާ ކަންބޮޑުވިވަރު އާދިލާއަށް ސިއްރު ނުވާނޭކަން ޔަގީނެވެ. ސޯފާއަށް ހަށިގަނޑުދޫކޮށްލެވުނީ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ.

ނަސީރު އާއި އާދިލާ އާދެމެދު ކުނިޖެހެން ބަޝީރާގެ ހިތެއް ނޭދެއެވެ. ނަސީރުގެ ހަޔާތަށް ބަޝީރާ އައިސްފައިވަނީ ވިއްސާރަދުންޏެއް ފަދައިންނެވެ. ތާއަބަދަށް ނަސީރު އާއެކު ބަޝީރާގެ ދިރިއުޅުން ލިޔެވިފައެއްނުވެއެވެ. މިއަދު ހުރިހާ ހަޤީގަތެއް އެނގުމުން އާދިލާ ހިތުގައި ޖެހޭނެވަރު ބަޝީރާއަކަށް ސިއްރެއްނުވިއެވެ.

" ބުނޭ ދާނަމޭ.........ނަސީރު ބޭނުން ބަޝީރާ އާ ވާހަކަދައްކާލަން....." އާދިލާ އަޑުގައިވީ އޯގާތެރިކަމެވެ. ބަޝީރާ އާމެދު އޭނާގެ ހިތުގައި ހިތްބުރަކަމެއް ނުވާފަދައެވެ. އާދިލާގެ ފުށުން ބަޝީރާއަށް ފެނުނީ ކެތްތެރިކަމާއި ހިތްހެޔޮކަމުގެ ނަމޫނާ މިސާލެވެ. ނަސީރުގެ އެދުމަކަށްވާތީ އާއި އާދިލާ އާދޭސްކުރާވަރުން އެންމެ ފަހުން ބަޝީރާ އެއްބަސްވީ ނަސީރު އާ ބައްދަލުކުރާށެވެ.

އާދިލާގެ ފަހަތުން ބަޝީރާ ހިނގައިގަތީ ދިރުމެއްނެތް މީހަކުފަދައިންނެވެ. އޭރު ބަޝީރާގެ ހިތުގައި އެނބުރެމުންދަނީ ނަސީރުދައްކަން އުޅޭ ވާހަކައިގެ ބޮޑުކަމެވެ. މީހަކު ފޮނުވައިގެން ބައްދަލުކުރަން ބުނާނީ ޔަގީނުންވެސް ބޮޑު ވާހަކައެއްވީމައެވެ.

ނަސީރު ބަގީޗާގައި އިން ވާހަކަ ބުނެފައި އާދިލާ އެރީ ސިޑިން މައްޗަށެވެ. އާދިލާ ލޮލުކޮޅަށް ގެއްލެންދެން ބަޝީރާއަށް ހުރިފިޔަވަޅުމަތީ ހުރެވުނެވެ. ނަސީރު ފެންނަ ހިސާބަށް ދިއުމަކީ ބަޝީރާއަށް ކުރަން ފަސޭހަކަމެއްނޫނެވެ. ލަސްފިޔަވަޅުތަކެއް ނަގަމުން ގޮސް ދޮރު ހުޅުވާލުމާއިއެކު ނަސީރުގެ ސަމާލުކަން ހުއްޓުނީ ބަޝީރާއަށެވެ. ބަޝީރާ އޭނާޔާ ބައްދަލުކުރަން އައިސްދާނެޔޭ ފަހަރެއްގައިވެސް އޭނާ ހީކުރެވިފައި ނެތީމައެވެ. ނަސީރުގެ ކުރިމަތިވާގޮތަށް ހުއްޓިފައި ބަޝީރާ ދިނީ ނަސީރުއަށް ފުރަގަހެވެ. ނަސީރާއި ހަތަރުކަޅި ހަމަކުރަން އޭނާ ބޭނުން ނުވާކަހަލައެވެ.

" ބަޝީރާ......."

" އަހަރެން ބަޝީރާ މިގެނައީ ބަޝީރާ ކިބައިން މައާފަށްއެދެން......" ބަޝީރާއަށް ދެލޯމާރާލެވުނެވެ. ނަސީރަކީ ކުށްވެރިއެއްނޫނެވެ. އެކަން މިހާރު ބަޝީރާވެސް ގަބޫލުކުރެއެވެ. ހާލަތު ދެމީހުން އެއްތަން ކުރަން ތަންނުދިނީއެވެ.

" އަހަރެންގެ ސަބަބުން ބަޝީރާ އެތައް ކަމަކާއި ކުރިމަތިލައިފި .....އެތަށް ހިތާމަޔަކާއި ހިތްދަތިކަމެއް ލިބިއްޖެ....ބަޝީރާ އެކޭ އެއްގޮތަށް އަހަންނަށްވެސް އަދަބު ލިބިންޖެހޭނެ......ކުށްކުރީ ދެމީހުން އަހަރެންވެސް ކުށުން ބަރީއަވުމެއް ނުވާނެ........." ނަސީރުގެ އަޑުގައި ރިހުން އެކުލެވިގެންވިއެވެ.

" ލައިބާއަށް އެނގޭނެތަ އަހަރެންމީ ލައިބާގެ ބައްޕަކަން......." ބަޝީރާ ހަމައެކަނ ބޯ ހަލުވާލީއެވެ. އަނގައިން ނުބުނެވިފައި ހުރީ ރޮވޭވަރުންނެވެ. ނަސީރު އެވާހަކަދެއްކުމުން މާ ބޮޑަށް ބަޝީރާއަށް އަސަރުކޮއްފިއެވެ. އެދުވަސްތައް އެންމެ ވަގުތުކޮޅަކަށްވެސް ބަޝީރާ ހަނދާނެތް ނުނެތެއެވެ. ނަސީރު އެވާހަކަދެއްކުމުން ބަޝީރާ ވަކިން ބޮޑަށް ދެރަވީއެވެ.
" ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ބައްޕަ އެނގެން ޖެހޭނެ.....އާއިލާ އަކީ ކޮބައިކަން އެނގެންވާނެ......." ދެންވެސް ވާހަކަދެއްކީ ނަސީރުއެވެ. ބަޝީރާ އެއްޗެއް ނުބުނެހުރީ އެކަމާ ދެކޮޅު ހަދާތީކީނޫނެވެ. މިހާ ދުވަސްކޮއްފައި ލައިބާއަށް ލައިބާގެ ބައްޕަ ފެނުމުން ވާނެ ގޮތެއް ބަޝީރާއަށް އަންދާޒާކޮއްލަންވެސް ދައްޗެވެ.

" އަހަންނަށް މައާފްކުރޭ ބަޝީރާ.....ބަޝީރާގެ މައާފްނުލިބި އުމުރުގެ ބާކީބައި ހޭދަކުރާނެ ގޮތެއްވެސް އަހަންނަކަށް ނޭގެ........." ނަސީރުގެ ކޮންމެ ޖުމްލައިން އެހިތަށް ކޮއްފާވައި އަސަރުތައް ބަޝީރާއަށް ކިތަންމެ ރަނގަޅަކަށްވެސް އިހްސާސްކުރެވެމުނެވެ.

" އަހަރެން ބޭނުން ލައިބާ އާ ބައްދަލުކުރަން.........ދަރިއަކު ހުރިކަން އެނގޭނަމަ ......." ނަސީރަށް ކަރުނަތައް ހިފަހައްޓާނުލެވުނެވެ. ނަސީރުގެ ގިސްލުމުގެ އަޑުއިވިފައި ބަޝީރާ ނަސީރު އާ ދިމާލަށް މޫނު އަނބުރާލިއެވެ. ލޯމަތީގައި އަތްއަޅައިގެން އިނދެ ނަސީރު ގިސްލަގިސްލާފައި ރޮނީއެވެ. ބަޝީރާގެ ހިތަކަށް އެމަންޒަރު ބަލަން ކުޅަދާނައެއްނުވިއެވެ.
" ނަސީރު.........ތީ ކުށްވެރިއެއްނޫން......ނަސީރު އަހަރެން ކިބައިން މައާފަށް އެދޭކަށްނުޖެހޭނެ........." ބަޝީރާ ވާހަކަދެއްކި އަޑަށް ނަސީރު މޫނުމަތިން އަތްނެގިއެވެ. އޭރު ބަޝީރާ އިނީ ނަސީރުއިށިއިނދެއިން ގޮނޑިކައިރިއަށް ތިރިވެއެވެ. އެދެލޮލުންވެސް ހިފެހެއްޓުމެއްނެތި ދިޔައީ ކަރުނަ އަންނަމުންނެވެ.

" ބަޝީރާ އަހަރެން ބޭނުން ލައިބާއާ ބައްދަލުކުރަން..........އުމުރުގެ ބާކީބައި ބަފައެއްގެ ލޯބި އެދަރިފުޅަގެ މައްޗަށް ހުސްކޮއްލަން........އެދަރިފުޅަށް އުނިވެފައިވާ ބައްޕަގެ ލޯބި ދޭން އަހަރެން ބޭނުން............." ބަޝީރާ ނަސީރުގެ މޫނަށް ބަލާލިއެވެ. އަދި އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ފަހުން ކޮންމެ ނަތީޖާއެއް ނިކުތްކަމަށް ވިޔަސް އެކަމާ ބަޝީރާ އެއްބަސްވީ ނަސީރުގެ އެދުމެއް ކަމަށްވީމައެވެ. ލައިބާއަށްވެސް އޭނާގެ ބައްޕަޔަކީ ކޮބައިކަމާއި ބައްޕަގެ އާއިލާ އެނގުން މުހިއްމުކަމަށް ބަޝީރާއަށްވެސް ފެންނާތީއެވެ.

*****

ޖެހިގެން އައިދުވަހެވެ. ބަޝީރާ، ލައިބާ އާ ބައްދަލުކުރަން ބޭނުންކަމަށް ބުނުމުން ލައިބާ އައީ ދެކުދިންވެސް ގޮވައިގެންނެވެ. އެކުގައި ނަވީންވެސް އައެވެ. ދޮރުގައި ޓަކިދޭން ފެށުމުން އެތެރެއިން ދޮރު ހުޅުވީ އައްފާނެވެ. ލައިބާ އާއި ނަވީނަށްވެސް ހައިރާންކަން ލިބުނެވެ. އައްފާން ދޮރު ބޮޑަށް ހުޅުވާލައި އެއްފަރާތަށް ޖެހިލުމުން ސިޓިންގރޫމްގައި ތިބި އެހެން މީހުން ފެނި އިތުރަށް ހައިރާންވިއެވެ. އާދިލާ އާއި ނަސީރު އަދި ނިޒާރު ގެ އިތުރުން ލައިބާގެ މަންމަ ބަޝީރާއެވެ. އެއެންމެންގެ މެދުގައި އޮތީ ހިމޭންކަމެކެވެ. ހީވަނީ ބާރުގަދަ ކޮޅިގަނޑަކަށްފަހު ދުނިޔެމައްޗަށް އަމާންކަމާއި ހަމަހިމޭންކަން ވެރިވެފައިވާހެންނެވެ. އެއިން ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބެލިއިރުވެސް އެފެންނަންހުރި އަސަރުތަކާއި ކުލަތައް ލައިބާއަށް ތަރުޖަމާކުރާކަށް ނޭގުނެވެ. އެންމެނާއި ދުރުގައި ބަޝީރާ ހުރީ ކޮޅަށެވެ. ފާރުގައި ލެނގިލައިގެން ހުރެފައި ލައިބާ ފެނުމުން ކުރިއަށް ހިނގައިގަތެވެ. ހިނިތުންވެވޭތޯ މަސައްކަތްކުރިކަން މޫނަށް ގެނައި ހަރަކާތުން އެނގެއެވެ.

" މަންމާ ....." ލައިބާގެ އަޑުން ތަނަށް ވެރިވެފައިވާ ހިމޭންކަން ފޫއަޅުވާލިއެވެ. ލައިބާގެ އަތުގައި އޮތް ދަރިފުޅު ނެގީ ބަޝިރާއެވެ. ނަވީންގެ އަތުގައި އޮތް ދަރިފުޅު އާދިލާ އުރާލުމުން ނަވީން އިށިއިނީ ސޯފާގައެވެ.

" މަންމަ ކީއްކުރަން އަންނާށޭ ބުނީ.........." ލައިބާ އެންމެންގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

" މަންމަ މިއުޅެނީ ރަށަށްދާން.............." ބަޝީރާ އިސްޖަހާލީ ލައިބާ އާ ދިމާލަށް ބަލާލާނެ ހިތްވަރުނެތުމުންނެވެ. ލައިބާ އާ ނުލާ ދިރިއުޅުމުގެ ބާކީބައި ހޭދަކުރާނޭ ގޮތެއް ބަޝީރާއަކަށް ނޭގެއެވެ. ލައިބާ އަށްވެސް މަންމަ އާ ނުލާ ދިރިއުޅެން އުނދަގޫވާނެއެވެ. އެތަނުގައި އެތިބި އެންމެންނަކީ މަންމަ ފުރާތީ ބައްދަލުކުރަން އައިސްތިބި މީހުންކަން ލައިބާއަށް ވިސްނުނީ ބަޝީރާ ފުރާ ވާހަކަބުނުމުންނެވެ

" ފުރުމުގެ ކުރިން މަންމަ ވާހަކައެއް ބުނަން ބޭނުންވީ......" ބަޝިރާ އަޑުގައި މާޔޫސީކަންވިއެވެ.

" ކޮން ވާހަކައެއް މަންމާ ............." ލައިބާ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ.

" ދަރިފުޅު ބޭނުންތަ ދަރިފުޅުގެ ބައްޕަޔަކީ ކާކުކަން އެނގެން............؟ " ބަޝީރާ ކޮއްލި ސުވާލުން ލައިބާއަށް ހީވީ ފައިދަށުން ބިންގަނޑުދެމިގެން ދިޔަހެންނެވެ. އުމުރުގެ މިހާ ހިސާބަށް އާއިރު އޭނާ އެންމެ ދެކެންބޭނުންވި އެކަކީ އޭނާގެ ބައްޕައެވެ. ބައްޕަ ހުންނަ ގޮތް ބަލާލަން ބޭނުންވިއެވެ. އެހެނަސް މަންމަ އަތުގައި ބައްޕަގެ ފޮޓޯއެއްހާ ހިސާބުވެސްނެތެވެ. ބައްޕަ ކޮބައިތޯ ލައިބާ ކުޑަކުޑައިރު އެހިޔަސް ފަހުން ބައްޕަގެ ވާހަކަ ނުދައްކަންފެށީ އެވާހަކަ އަހައިގެން މަންމަ ރޮއްވާލަން ބޭނުން ނުވާތީއެވެ. ފަހަރެއްގައިވެސް ބައްޕަ ދެކެން ބޭނުން ނުވެގެންނެތް ނޫނެވެ. ލައިބާއަށް ޖަވާބެއްދޭން އުނދަގޫވިއެވެ. އެއްޗެއް ނުބުނެވިފައި ހުއްޓާ އަނެއްކާވެސް ވާހަކަދެއްކީ ބަޝީރާއެވެ.

" ދަރިފުޅުގެ ބައްޕަ ބޭނުންވީ ދަރިފުޅަށް ދަރިފުޅުގެ ބައްޕަ އެނގެން.......ބައްޕަގެ އާއިލާ އަކީ ކޮބައިކަން އެނގެން......." ބަޝީރާގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. ލައިބާގެ ފުރަގަހުން ފެންނަން ތިބި މީހުންގެ މޫނަށް ބަޝީރާގެ ނަޒަރު ހުއްޓުނުއިރު ދެލޮލުގައި ވިދަމުންދަނީ ކަރުނައެވެ.

" މިހާދުވަސް ފަހުންތަ އަހަރެން ދެކެން ބައްޕަ ބޭނުންވީ............" ލައިބާއަށް އޭނާގެ އަމިއްލަ ނަފްސަށް ބާރެއް ނުފޯރުވުނެވެ. ލައިބާ އަޑުކުރަކިވެގެން ދިޔައިރު އެހިތުގައިވީ ރިހުން އެއިން އެއްވެސް މީހަކަށް ސިއްރުނުވާނޭކަން ޔަގީނެވެ. ހިތުގައި ޖެހިފައިވާވަރު ލޮލުން ވެއްޓުނު ކަރުނަ ތިކި ހެކިދޭނެއެވެ.

" ދަރިފުޅާ ލައިބާ " ލައިބާގެ ފަހަތުން އިވުނީ ނަސީރުގެ އަޑެވެ. ލައިބާ ފަހަތް ބަލައިލީ ނިޒާރުގެ އަޑު ނޫންކަން ޔަގީންވެ ހުރެއެވެ. ނަވީނަށްވެސް ލިބުނީ ހައިރާންކަމެވެ. ނަވީނަށް ހަށިގަނޑު ތެދުކޮށްލެވުނީ ނަސީރުގެ މޫނުމަތިން ފެންނަ ރިހުންތައް ގަބޫލުނުކުރެވޭ ހާލުއެވެ.

" ދަރިފުޅާ ލައިބާ .....ބައްޕައަށް މައާފްކުރޭ! " ފުރޮޅުލީ ގޮނޑީގައިއިން ނަސީރު މޭގައި އަތްޖައްސާލަމުން ވާހަކަދެއްކީ ރޮވިފައި އިނދެއެވެ. ނަސީރުގެ އަޑުޖެހުމުން އާދިލާގެ ލޮލުން ކަރުނަ ހިލުނެވެ. ލައިބާއަށް ބުނާނެ އެއްޗެއް ނޭގި ހުރި ފިޔަވަޅުމަތީ ހުރެވުނީ ގަބޫލުކުރަން ދަތިވެފައެވެ. ނަވީންވެސް ބަލަން އިން ގޮތުން ގަބޫލުކުރަން ދަތިވެފައި އިންކަން އެނގެއެވެ. ކަންވީ ގޮތް ނަސީރު ކިޔައިދެމުން ދިޔައިރު ތިންއަންހެނުންގެ ލޮލުންވެސް ކަރުނަ ހިފަހައްޓާ ނުލެވެއެވެ. ލައިބާގެ ހިތުގައި ބައްޕަޔާމެދު ބުރަކަމެއްނެތެވެ. ކިތަންމެ ބޮޑުވެފައި ހުއްޓާ ފެނުނަސް ބައްޕަ ފެނުމުން ލައިބާ އިންތިހާއަށް އުފާވިއެވެ. ބައްޕަގެ ކުށެއްނެތްކަން އެނގިގެންދިޔައިރު ލައިބާއަށްވަނީ ބޭބެއެއް ލިބިފައެވެ. އައްފާންވެސް ކޮއްކޮއެއް ލިބުމުން އުފާވާކަން ހާމަކުރުމުން ލައިބާ ބަލައިގަނެފައިވާކަން ޔަގީންވިއެވެ.

*****

މެންދަމުގެ ހަމަހިމޭން ވަގުތެވެ. އިރާކޮޅު ވެހެންފެށިވާރޭ މެންދަންވީ އިރުވެސް ހުއްޓާނުލައެވެ. ޖޫލީ އަރާމް ނިންޖަކަށް ގެނބިފައިވާއިރު ނަވީނަށް އޮތީ ނުނިދިފައެވެ. އަމިއްލަ ދިރިއުޅުމާއި މެދު ވިސްނިވިސްނިހެން ނަވީންގެ ބޮލަށް ދިޔައީ ބަރުވަމުންނެވެ. ދިރިއުޅުމުގެ މިހާ ހިސާބުން ގޮތެއް ނިންމަން ނަވީނަށްވަނީ އުނދަގޫކަމަކަށްވެފައެވެ. ޖޫލީއަށް ހަގީގަތް އެނގުމުން ނަވީން ދޫކޮށް ހިނގައިދާނެކަމުގެ ބިރު ހިތުގައިވަނީ އިންތިހާއަށެވެ. ޖޫލީ އާއި ލައިބާ ތަފާތުނުކުރަން ނަވީންގެ ބައްޕަވެސްވަނީ ބުނެފައެވެ. އަނބިންގެ މެދުގައި އަދުލުވެރިނުވެވިއްޖެ ނަމަ ނަވީން ފާފަވެރިވާނޭކަން އެނގުނު ހިސާބުން އޭނާގެ ހިތުގައިވަނީ ބިރުވެރިކަން އުފެދިފައެވެ.

ނަވީން މަޑުމަޑުން އެނދުންތެދުވެތެވެ. ބޭނުންވީ ލައިބާ ކައިރިއަށްދާށެވެ. ލައިބާ އާ މިކަމާ ބެހޭ ގޮތުން ވާހަކަދައްކާށެވެ. ލައިބާގެ އެހީތެރިކަން އޭނާ އިންތިހާއަށް ބޭނުމެވެ. ލައިބާ އާ ނޫނީ މިވާހަކަތައް އޭނާޔަށް ދެއްކޭކަށްވެސް ނެތެވެ. ސަބަބަކީ ހުރިހާ ހަގީގަތެއް އެނގެނީ ލައިބާއަށް ކަމަށްވީތީއެވެ. ޖޫލީ އާ ހިއްސާކުރެވެން ނެތީމައެވެ.

މަޑުމަޑުން ކޮޓަރިން ނިކުތްއިރު ޖޫލީ އޮތީ ހޭލައެވެ. ސިއްރު ސިއްރުން ބޭރަށްދާތަން ފެނިފައި ޖޫލީއަކަށް ނޯވެވުނެވެ. ޖޫލީވެސް އެނދުންތެދުވެތެވެ. ބޭނުންވީ ނަވީން އެހާ ސިއްރުން އެދާތަނެއް ބެލުމަށެވެ. ސިޑިން ފައިބަންގެން ގޮސް ނަވީންވަނީ ލައިބާ ނިދާކޮޓަރިއަށެވެ. ޖޫލީގެ ހިތުގައި ޝައްކާއި ވަހުމުގެ ބާންޏެއް ދަތުރުކޮއްލިއެވެ. ލައިބާ ކޮޓަރި އާ ހަމައަށް ދެވުންގޮތްވެސް ޖޫލީއަކަށް ނޭނގުނެވެ. އެކޮޓަރީގެ ތަޅުގައި ހިފީ ތެޅިތެޅި އޮތް ހިތަކާއި އެކުއެވެ. ދޮރު ތަޅުލާފައި ހުރުމުން ހުރިތަނުގައި ޖޫލީގެ ދެފައި ތަތްލިކަހަލައެވެ. ޓަކިޖަހާލަންވެސް އަތް އުފުލާލާނެ ހިތްވަރު ޖޫލީއަކަށް ނުލިބުނެވެ. ދެލޮލުން ވެއްޓުނު ހޫނު ކަރުނަތިކި އަތުގައި ޖެހުމުން ޖޫލީއަށްވެސް ސިހުންލިބުނެވެ. ސިޓިންގރޫމް ސޯފާޔާ ހަމަޔަށް ޖޫލީ ހިނގާފައި ދިޔައީ ހިތްވަރަށެވެ. އެހިސާބަށްގޮސް ސޯފާއަށް ހަށިގަނޑު ދޫކޮށްލެވުނީ ހިތަށްކުރި ފުންއަސަރެއްގެ ބޮޑުކަމުންނެވެ.

" ނަވީން..........." ޖޫލީ ހިތުގައި ޖެހިފައިވާވަރުން އަޑުވެސް ބޭރެއް ނުވިއެވެ. ކުޝަންއެއްނަގާ މެޔާލައި ބޮނޑިކޮއްލިއިރު ހިތްވެސް ހީވަނީ ރޫޅިދާނެހެންނެވެ. ދުވަހެއްގައިވެސް ނަވީން ބޭވަފާތެރިވެދާނެޔޭ ޖޫލީ ހިޔެއް ނުކުރެއެވެ. އެތަނުގައި އެތައް އިރެއްވީ އިރުވެސް ނަވީން ކޮޓަރިން ނުނިކުމެއެވެ. ޖޫލީ އެނބުރި ކޮޓަރިއަށް ދިޔައީ އަމިއްލަ ނަފްސްހަމައަކަށް އެޅުމުންނެވެ.

*****

އާދުވަހަކަށް މަރުހަބާކީއެވެ. ރޭކުރި ވިއްސާރައިގެ އަސަރު ފިލައިގެންނުދެއެވެ. ދުނިޔެ މައްޗަށް ޖެހެމުންދަނީ ތެތްފިނި ވައެކެވެ. ޖޫލީ ހޭލައިގެން ތިރިއަށް އާއިރު ލައިބާ ކުޑަސޮރު އުނގަށްލައިގެން ސިޓިންގރޫމް ސޯފާގައި އިނެވެ. އަނެއް ދަރި ނިދިފައި ސޯފާމަތީ ތަންމަތިހަދާފައި ބާއްވާފައި އޮތެވެ. ޖޫލީ ލައިބާ ކޮޓަރިއަށް ވަދެފައި ނިކުތީ އަންނައުނު އަޅާފޮށިހިފައިގެންނެވެ. ފޮށި ލައިބާގެ ފައިބުޑުގައި ބަހައްޓާފައި ޖޫލީ އެދަރިފުޅު ލައިބާގެ އަތުން އަތުލިއެވެ.

" ކަލޭތީ ހާދަ ނުލަފާ އަންހެނެކޭ.........އަހަރެންގެ ފިރިމީހާ ޖަހައިގެންފަ ތިއުޅެނީ މިކުއްޖާވެސް އަހަރެން އަތުން ފޭރިގަންނަންތަ ؟ ޖޫލީ އަޑުގައިވީ އިންތިހާ ރުޅިވެރިކަމެވެ. ލައިބާއަށް އިންތަނުން ތެދުވެވުނެވެ.
" މިހާރުން މިހާރަށް ކަލޭ ޖެހޭނީ މިގެއިންދާން........." ޖޫލީގެ އަޑު ގަދައެވެ. ލައިބާގެ ލޮލުން ކަރުނަ އޮހިގަތީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ.

" އަދިވެސް ހުންނަނީތަ ؟ ހަމަ މިހާރު މިގެއިން ނިކުމޭ................" ޖޫލީގެ އަޑުގަދަވެގެން ނަވީން ކޮޓަރީގައި އޮވެފައި ނިކުތެވެ. ރުޅިއައިސްފައި ޖޫލީ ހުރިއިރު ލައިބާ ރޯލަރޯލައިހުއްޓެވެ. ނަވީން ފެނުމުން ލައިބާއަށް އިތުރަށް ރޮއެގަނެވުނީ ހިތުގައި ޖެހުނުވަރުންނެވެ. ކުޑަމީހާވެސް ޖޫލީ އަތުގައި އޮވެފައި ރޯންފެށީ އެވަގުތުއެވެ.

" ކިހިނެތް ވެގެން މިއުޅެނީ............"

" އަހަރެން ބުނި އެއްޗެއް އަޑެއް ނީވޭތަ އަހަރެން މިބުނީ މިގެއިން ދާށޭނުން......." ލައިބާއަށް ބަލާލެވުނީ ނަވީންގެ މޫނަށެވެ. ނަވީން އިސްޖަހާލިތަން ފެނިފައި ހަގީގަތް ކިޔައިދޭނެ ހިތްވަރު އޭނާގެ ނެތްކަން ލައިބާއަށް އެނގުނެވެ. މިފަހަރުވެސް ޖޫލީ ދެރަވެދާނެތީ ލައިބާއަށް މަޖްބޫރުވާނީ އެގެއިންދާންކަން ލައިބާއަށް ވިސްނުނެވެ.

" އަހަރެން ދާނީ އަހަރެންގެ ދެދަރިން ގޮވައިގެން.............." ލައިބާ އަޑުގައިވީ ވޭނާއި ކެކުޅުމެވެ.

" ދެދަރިންނޭ......" ޖޫލީ ނިކަން ފިލިތަކަށް ދަމާލާފައި ބުނެލިއެވެ. ލައިބާ އެގެއިން ދާންޖެހިއްޖެ ނަމަ ދާން އަޒުމް ކަނޑައަޅާފައި ހުރީ އެދެކުދިން ގޮވައިގެންދާށެވެ.

" ނަވީން....އަދިވެސް ހަގީގަތް ކިޔައިދޭކަށް ނުވޭތަ ؟ " ލައިބާގެ އަޑުގައިވީ އާދޭހެވެ. ލައިބާގެ ސުވާލު ނަވީނަށް އަމާޒުވުމުން ނަވީނާއި ދިމާލަށް ޖޫލީވެސް ލޯއަޅާލައިގެން ހުއްޓެވެ. ނަވީން އިސްޖަހާލީ ކުށްވެރިއަކު ފަދައިންނެވެ. އެންމެ ފުރަތަމަ ދުވަހު ހަގީގަތް ކިޔާދެވުނުނަމައޭ ނަވީން އެތަށްހާސްފަހަރަކު ހިތަށް އަރައެވެ. އެއްދޮގު ފޮރުވަން އެތަށް ހާސްދޮގެއްވަނީ ނަވީނަށް ހެދިފައެވެ. ނަވީން އައިސްވަނީ ކޮޓަރިއަށެވެ. ނަވީންގެ ފަހަތުން ޖޫލީވެސް އައިސްވަނެވެ. ކުޑަސޮރު އެނދުގައި ބާއްވާފައި ޖޫލީ އައީ ނަވީނާ ދިމާލަށެވެ.

" ކީކޭތަ އޭނަ އެކިޔަނީ ............." ޖޫލީ އައިސްހުރީ ނަވީންގެ ނޭވާ ފޯރާފަށުގައެވެ.

" ލައިބާ އެއީ އަހަރެންގެ އަންހެނުން......" ނަވީން ޖޫލީގެ ކޮނޑުގައި ހިފަހައްޓާލަމުން ވާހަކަދެއްކިއެވެ. ލިބުނު ހަބަރުން ހަރަކާތެއް ކޮއްލަންވެސް ނޭނގިފައި ޖޫލީއަށް ހުރެވުނެވެ. ޖޫލީއަށް ހީވީ ކުޑަވަގުތުކޮޅަކަށް ދުނިޔޭގެ ހިނގުންވެސް ހުއްޓި ދުނިޔެ ހިމޭންވިހެންނެވެ. އެސްފިޔަތައް ފޫދިގެން އައި ކަރުނަތިކިތައް ދެކޯތާފަތުގެ ތިރިން ރޮނގަކަށް ފައިބާގަތީ ލިބުނު ޙަބަރުން ހިތްދަތިވެގެންނެވެ.

" ނަވީން ........ބުނޭތީ ދޮގެކޭ......ބުނޭތީ ދޮގެކޭ...." ޖޫލީގެ ނޭވާހުރީ އަވަސްވެފައެވެ. އެމޫނުމަތިން އެކަން ދޮގުކުރަން އެދޭވަރު ފެންނަން ހުއްޓެވެ.

" އާން ޖޫލީ މީ ހަގީގަތް..........." ޖޫލީގެ ދެކޮނޑުގައި ހިފަހައްޓާލަމުން ނަވީން ބޭނުންވީ ހަގީގަތް ހާމަކޮއްދޭށެވެ. ހަގީގަތަކީ ކިތަންމެ ހިތި އެއްޗެއްކަމަށް ވިޔަސް ދެން ޖޫލީއަށް އެއްވެސްކަމެއް ފޮރުވާކަށް ނަވީން ބޭނުމެއްނޫނެވެ.

" ނަވީން ކީއްވެ އަހަރެންނަށް އޮޅުވާލީ .......ކީއްވެ އަހަންނަށް ބޭވަފާތެރިވީ........." ނަވީން ލައިގެންހުރި ޓީޝާޓްގެ ގިރުވާނުގައި ހިފަމުން ޖޫލީ ހިތުގައިވީ ޝުއޫރުތައް ބަންޑުން ކޮއްލިއެވެ.

" އަހަންނަށް މަޖްބޫރުވީ........." ނަވީންގެ ދެލޮލުންވެސް ޖޫލީއަށް ފެނުނީ ކަރުނައެވެ.

" ކުދިން ނުލިބެނީ އަހަރެންނަކަށް ނޫން .........ޖޫލީއަށް ......" ނަވީންގެ ދެއަތުން ޖޫލީގެ މޫނުގައި ހިފަހައްޓާލަމުން ނަވީން ބުނެލިއެވެ. ޖޫލީގެ މޫނުމަތި މިލައިގެންދިޔަތަން ފެނުނެވެ.

" އާން ޖޫލީ.........ޖޫލީ އަހަރެންނާ ވަކިވެގެން ހިނގައިދާނެތީ އަހަރެން ބުނީ ކުދިން ނުލިބެނީ އަހަރެންނަށޭ.....ޖޫލީ ހިތުގައި ޖައްސަން ބޭނުން ނުވާތީ.....އަހަރެން ދަރިއަކު ބޭނުންވެގެން އެހެން ކައިވެންޏެއްކުރީ ލޯތްބަކުންނޫން......." ޖޫލީ ގިސްލަގިސްލާފައި ރޮމުންދިޔައެވެ.

" އަހަރެން ހުރިހާ ކަމެއް ކުރީވެސް ޖޫލީދެކެ ލޯބިވާތީ ޖޫލީ އާ ވަކިވާންނޭދޭތީ........ މިހަގީގަތް އެނގުމުންވެސް އަހަރެން ނޭދެން ޖޫލީ އަހަރެންނާ ވަކިވާކަށް އަހަރެން އެއަށްވުރެން ބޮޑަށް ޖޫލީ ދެކެ ލޯބިވޭ......" ނަވީންވެސް ރޮނީއެވެ. ޖޫލީ ގެނެސް ގައިގާ ލައްކޮއްލައިގެން ދެމީހުން ރޮމުންގެންދިޔައިރު ޖޫލީއަށް ކޮއްފައިވާ އަސަރުވަކިން ބޮޑެވެ. ވާނީވެސް އެހެންތާއެވެ. މިއޮއް ހުރިހާ ދުވަހު ޖޫލީ ހީކޮށްގެންހުރީ ކުދިން ނުލިބެނީ ނަވީނަށް ކަމަށެވެ. މިއަދު ޖޫލީއަށް އެނގުނީ ކުދިން ނުލިބެނީ ޙުދު އޭނާއަށްކަމެވެ. މިއޮއް ހުރިހާ ދުވަހު އެކަން ސިއްރުކުރީ ޖޫލީ ދެރަވެދާނެތިންނެވެ. ނަވީން ދޫކޮށް ޖޫލީ ހިނގައިދާނެތީއެވެ.

" ލައިބާއަށް ލިބުނީ ޓުވިންސެއް....ޖޫލީއަށްޓަކާއި އަހަރެން ލައިބާ އަތުން ދަރިފުޅު ގެނައީ......." ޖޫލީއަށް ދެއަތް އަނގަމަތީގައި އަޅާލެވުނެވެ.

" ސުބްޙާނަﷲ ....." ޖޫލީއަށް ބުނަންވީ އެއްޗެއް ނޭގުނެވެ. ލައިބާ އެއީ ނަވީންގެ އަންހެނުނެވެ. ނަވީންގެ ދެކުދިންގެ މަންމައެވެ. ޖޫލީއަށްވުރެން ލައިބާގެ ދަރަޖަ މާމަތިވެރިއެވެ.

" ނަވީން ލައިބާ މިހާރު މިގެއިން ހިނގައިދާނެ.........." ޖޫލީއަށް އެހެން ބުނުމުން ނަވީން ތެދުވެގެން ދުއްވައިގަތީ ބޭރަށެވެ. ޖޫލީވެސް ނަވީން ފަހަތުން ދާން އުޅިފައި އެނދުމަތީގައި އޮތް ދަރިފުޅު ނަގާއިގެން ބޭރަށް ނިކުތެވެ.

ނަވީން ތިރިއަށް ފޭބިއިރު ލައިބާ ދަރިފުޅު ގޮވައިގެން ނިކުންނަނީއެވެ.

" ލައިބާ ލައިބާ......މަޑުކޮށްބަލަ ލައިބާ......" ނަވީންގެ އަޑަށް ލައިބާ މަޑުކުރި ނަމަވެސް ފަސްއެނބުރި ބަލައިވެސް ނުލިއެވެ.

" ކޮންތާކަށް ލައިބާ ތިދަނީ .......ނުގޮސްމަޑުކުރޭ......." ނަވީން އަޑުގައިވީ އާދޭހެވެ.

" ކީއްކުރަން ....އަހަންނަށް ނަވީންގެ ދިރިއުޅުމަކުން ޖާގައެއް ނެތެއްނު ........ ނަވީންގެ ހިތުން ނުލިބުނު ޖާގައެއް ނަވީންގެ ދިރިއުޅުމަކުން ނުލިބޭންނު......." ލައިބާ ދެލޯމަރާލަމުން ބުނެލިއެވެ. ނަވީނާއި ދުރަށް އަޅާކޮންމެ ފިޔަވަޅެއް ލައިބާ އަޅަމުންދާނީ ޔަގީނުންވެސް ހިތާދެކޮޅަށެވެ. ލައިބާގެ ހިތްވަނީ ނަވީނަށް ހިބަކުރެވިފައެވެ. ލައިބާވެސް ނަވީނާ ވަކިވާކަށް ބޭނުމެއްނޫނެވެ.

" ލައިބާ ހެޔޮ ނުވާނެ ނުގޮސްމަޑުކުރޭ........ނަވީން ދެކެވާ ލޯތްބަށްޓަކާ ނުގޮސް މަޑުކޮށްދީ......" ނަވީނާއި އެއްހަމައެއްގައި އައިސް ހުއްޓެމުން ޖޫލީ ބުނެލިއެވެ. ފަހަތް ބަލާލާފައި ލައިބާ ނިކުމެގެންދިޔައީ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ނުދެއްކުމަށްޓަކާއެވެ.

" ދޭ ގޮސް ލައިބާ ހުއްޓުވާ ނަވީން ބުނެފިއްޔާ ލައިބާ ކޮންމެ ކަމެއްވެސް ކުރާނެ........ނަވީނަށްޓަކާ ލައިބާގެ ފުރާނަވެސް ދީފާނެ...."

"އެހެންނަމަ ދަރިފުޅު ނުދިނީސް......ނަވީނަށްޓަކާ ކޮންމެ ކަމެއްވެސް ލައިބާ ކުރާނެކަން ޔަގީން......" ޖޫލީ ވާހަކަދެއްކީ ނަވީންގެ މޫނަށް ބަލައިވެސް ނުލައި ހުރެއެވެ. ނަވީން ދުވެފައި ބޭރަށް ނިކުތްއިރު ތުނިތުނިކޮން ވާރޭވެހެއެވެ. ލައިބާ ބަލައި ކާރުގައި އައްފާން އައިސް ހުއްޓެވެ. އޭރު ލައިބާ ކާރަށް އަރަނީއެވެ. ނަވީން އަޑަށް ބާރުލައިފައި ލައިބާއަށް ގޮވާލުމުން ލައިބާ ހުއްޓުންއެރިއެވެ. ލައިބާ ކާރަށް އަރަންދެން ދޮރުހުޅުވައިދީގެން ހުރި އައްފާންވެސް ފަސްއެނބުރި ބަލަން ހުއްޓެވެ. އެމޫނުން ފެންނަނީ ބީރަށްޓެހިކަމެވެ.
" ލައިބާ ޕުލީޒް މަޑުކުރޭ......." ނަވީން ހިފެހެއްޓީ ލައިބާގެ އަތުގައެވެ.

" އައި އެމް ސޮރީ......."

" ލައިބާ އާ ވަކިން ދެން އަހަންނަކަށް ނޫޅެވޭނެ........އަހަރެން ވަރަށް ލޯބިވޭ......ދެދަރިންގެ ހައްޤުގައިވެސް ހިނގާ އަހަރެންނާއި އެކު އުޅެންދާން ....." މިފަހަރު ލައިބާގެ ލޮލުން މީރާލީ އުފާވެރިކަމުގެ ކަރުނައެވެ. ތުންފަތުގައި ދަތްއަޅާލެވުނީ ނަވީން ބުނެލި ބަސްތައް ގަބޫލު ނުކުރެވިގެންނެވެ. އައްފާން ލައިބާގެ ބޮލުގައި ފިރުމާލިއެވެ. ހިނިތުންވެލަމުން ހުސްކޮން އޮތް އަތް ލައިގެންހުރި ފަޓްލޫނުގެ ޖީބަށްޖަހާލިއެވެ. ނަވީން ލައިބާގެ އުނަގަނޑުގައި އަތް އަޅުވައިލައިގެން " ޗެރީ ހައުސް" ދޮރޯށިން އެތެރެއަށްވަން އިރު ފެންޑާގައި ކުޑަދަރިފުޅު އުރައިގެން ޖޫލީ ހުއްޓެވެ. ނަވީނާއި އެކު ލައިބާ އަންނަތަން ފެނުމުން ޖޫލީ ހިނިތުންވެލިއެވެ.

******

ޗެރީހައުސްގައި މިއަދު ބާއްވާ ކުލަގަދަ ހަފްލާއަކީ ނިޒާރުގެ ކާފަދަރިންނަށް ނަންކިޔުމަށްޓަކާ ބާއްވާފައިވާ ހަފްލާއެކެވެ. ކުޑަކުޑަ ނާވީ އާއި ލިވީ އެދެކުދިންނަށް ހާއްސަކޮއްފައިވާ ކުޑަ އެނދުގައި ބާއްވާފައި އޮތެވެ. ކޮންމެ މީހަކުވެސް ވަރަށް ނަލަހެދިގެން ތިބިއިރު އެއިން ކޮންމެ މީހެއްގެ މޫނުމަތީގައިވެސްވީ އުފާވެރިކަމެވެ. ޖޫލީގެ މަންމަޔާއި ބައްޕަގެ އިތުރުން ސަޖާއާއި މާހިލް އަދި އެމީހުންގެ ކުޑަކުޑަ އިސްމާއީލްވެސް އެހަފްލާގައި ބައިވެރިވިއެވެ. ސަރުމީލާ އާއި ޖަލީލް ތިބީ ނަވީން ކަހަލަ ދަނބިދަރިފުޅެއް ލިބުނީތީ ނިކަން އުފަލުންނެވެ. ޖޫލީ ގައިގާ ހުރި އުނިކަމާއެކުވެސް ޖޫލީ ބަލައިގަތީތީ އެދެމަފިރިންގެ ހިތް ޝުކުރުންވީ ފުރިފައެވެ.

ބަޝީރާޔާއި އެކު ލައިބާގެ އެންމެގާތް އެކުވެރިޔާ ފާތުން އައީ އޭނާގެ ފިރިމީހާ ސިނާން އާއެކުއެވެ. ފާތުން ފެނުމުން ލައިބާ ވަރަށް ބޮޑަށް ހައިރާންވިއެވެ. ފަހަރެއްގައިވެސް ލައިބާއަށް ފާތުންނާއި މިގޮތަށް ދިމާވެދާނެކަމަށް އުއްމީދެއްނުކުރެއެވެ. ފާތުން ގައިގާ ބައްދާލާފައި ހާލު އަހުވާލު އޮޅުން ފިލުވިއެވެ.

ނަސީރު އާއި އާދިލާ ދުރުގައި ހުރި މޭޒެއްދޮށުގައި ތިއްބެވެ. ދެމީހުން ހީހީފައި ވާހަކަދައްކަން ތިބިއިރު އެދެމެދުގެ ގުޅުންވަނީ ދުވަހަކުވެސް ރަނގަޅު ނުވާ ވަރަށް ރަނގަޅުވެފައެވެ. އައްފާނާއި ނަސީރުގެ ގުޅުންވެސް މިހާރު ރަނގަޅެވެ. ޒީނިޔާ ބަނޑުބޮޑު ޙަބަރު ލިބުނު ފަހުން އެއާއިލާއަށްވަނީ އުފާވެރިކަން އައިސްފައެވެ. ހަމައެހެންމެ ނިޒާރުގެ މޫނުމަތިންވެސް އުފާވެރިކަން ފިލައިގެންނުދެއެވެ. ލިވީ އާއި ނާވީ އާއިގެން ނިޒާރު ވަރަށް ވަރުހުރެއެވެ.

ލައިބާ އާއި ޖޫލީ އާއި ދެކުދިން އެކުގައި އުޅޭއިރު ހީވަނީ ދެބެންހެންނެވެ. ދެއަނބިންގެ ހަރަކާތްތަކަށް ބަލަން ނަވީން ދުރުގައި ހުރީ ހިނިއައިސްފައެވެ. އެދެމީހުންނާއި ނުލާ ނަވީންގެ ދިރިއުޅުން ފުރިހަމަ ނުވާނޭކަން ޔަގީނެވެ. އެއިން ކޮންމެ މީހެއްވެސް ގުޅިގެން އެކަތިގަނޑަކަށްވެގެން އުޅެން ބޭނުންކަން ޔަގީނެވެ. އެއަށްވުރެން އެކަކު އަނެއްކެއްދެކެ ވާ ލޯބިވަރުގަދައެވެ.

~~~~~ ނިމުނީ ~~~~~

" ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ " މި ވާޙަކަ ނިންމާލުމުގެ ތައުފީޤު ދެއްވި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޝުކުރުކޮށް ޙަމްދުކުރަމެވެ. ވާޙަކައަށް ދެއްވި ތަރުހީބަށް އެންމެހާއި ކިޔުންތެރިންނަށް ފައްފަށުން ޝުކުރުދަންނަވަމެވެ. މިވާޙަކައަކީ ތިއެންމެހާ ކިޔުންތެރިންނަށް ކަމުދިޔަ ޝައުޤުވެރިވި ވާހަކައަކަށްވީ ކަމަށް އުއްމީދުކުރަމެވެ.

  1. Avatar

    Finally nimuny dhw naveen hurihaa vhk eh thedhah julee ah kiyaii dhinyma vrh happy and vhk liyun theriyaa ah vx vrh bodah Thankxx vhk mihaa gina dhuvahun vx nimmaaleema may God bless you your family and your work keep ♥️going girl lots of love

    15
    1
  2. Avatar

    Vaahaka nimunu goi v hadi naveen eyoh hurihaa dhuvahu julie ah olhuvaaleema ves vaguthun julie maafu kuree adhi julie kairee laibaa dheke loabi nuveyey bunefa fas minute nuve laiba kairiyah goss bunee v loabi veyey ninmaalaafa othee avas aruvaalaigen hen heevanee

    24
    4
    1. Avatar

      Julie gaathu bunee laiba dheke loabi nuve ekey noon, laiba aa kaiveni kuree loibakun nooney.. hageegee loabi ufedheynee kaivenyah fahuga.. ehnvma eyaku nethehnu dhogeh.. dhn Julie maafu kuran nufudheytha Julie ah taka naveen vee gurubaanee engumah fahuga ves?? Mioh huriha dhuvahu ulhuny vaahaka nimmainudheegen.. mihaaru nimuneema avas aruvaalaafa.. kaleymennah nethehnu rangalhu gotheh

      24
      1
  3. Avatar

    Aslu v reethi ending vs. Vaki hadi ekey buneveykah nei. Ekamu explain nukoh oi bai gina. Like naveen dhe ainbah in kan joolie ge family ah engumaa mikahala kanthah. But still really nice. .masha allah for ther writers talent

    18
    1
  4. Avatar

    Mi vaahaka. Keekey bunaani dhw v v v v v v nice. V fahun mivaahaka kiyan feshee. Hama intrestn kamun huriha vaguthaku vaahaka kiyuny. V v v loabi vaahaka eh. Heevany hama true story eh

  5. Avatar

    މި ވާހަކަ ކިޔަން ފެށިތާ އެއް އަހަރާއި އަށް މަސް ދުވަސް ވެއްޖެ.? ބައެއް އެޕިސޯޑް ލަހުން އަޕް ކުރާތީ ވަރަށް އިންތިޒާރު ކުރަން، އެކަމް މިހާ ތަނަށް ކިޔުނު އެންމެ ރީތި ވާހަކަ މީ.! ސޯ އިންސްޕަޔަރިންގ. Keep up the good worl♥️

    10

ޚިޔާލު ފޮނުއްވާ