7978 61

ކުޑަމީހާ އޮތީ ނަވީން އަތުގައެވެ. ބުއްފުޅިން އެތިފޮދެއް ބޮއެގެން އޭރު އެކުއްޖާ އޮތީ މައިތިރިވެފައެވެ. ލޯމެރެން އުޅޭއިރަށް ރޮއެގަނެއެވެ. ހީވަނީ އަބަދު ރޯންބޭނުންވެފައި އޮންނަ ހެންނެވެ. ގަޑިއެއްހާއިރު ފަހެވެ. ޑޯބެލް އަޅާލުމުން ދޮރު ހުޅުވަން ދިޔައީ ޖޫލީއެވެ. ދޮރުމަތީގައި ހުރި އަންހެންކުއްޖާފެނިފައި ޖޫލީގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އަދި ދޮރުމަތިން އެއްފަރާތަށް ޖެހިލިއެވެ. އެވަގުތު ނަވީނަށް ދޮރުމަތީގައި ހުރި މީހާގެ މޫނުފެނި އިންތަނުން ތެދުވެވުނެވެ. ދެފައިކޮޅު ތުރުތުރު އަޅައިގަތެވެ. މީހާ ދާހިތްލާ ފޯވީ ބަސްބުނާހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
” ލައިބާ….” އެނަން ނަވީނަށް ކިޔާލެވުނީ ހިތާހިތުންނެވެ. ދުލާހަމަޔަކަށް ނައެވެ.
ލައިބާގެ ފަހަތުން އައިސް ހުއްޓުނީ ނިޒާރެވެ. ނިޒާރުގެ އަތުގައި ކުޑަދަރިފުޅު އޮތެވެ. ލައިބާ އަތުގައި ދަބަހެއް ހުއްޓެވެ. ނިޒާރު ލައިބާ އެގެނައި މަޤްސަދު ނަވީނަށް ވަރަށް ރީތިކޮން ސާފުވެއްޖެއެވެ. ނިޒާރުގެ އެދުމަށް ލައިބާ އެތެރެއަށްވަނެވެ. ޖޫލީ ބަލަން ހުރި ގޮތުން ލައިބާއަށް އުނދަގޫވިއެވެ. ޖޫލީއަށް ލައިބާ އާ ވަނީ ދެދުވަހަކު ދިމާވެފައެވެ. އެއްދުވަހު ފިހާރަޔަކުން އަނެއްދުވަހު އައްފާން އެކީ ރެސްޓޯރެންޓަކުންނެވެ. އޭރު ލައިބާ ބަނޑުބޮޑެވެ. ނިޒާރު އަތުގައި އޮތް ދަރިފުޅުން އެއީ ލައިބާގެ ދަރިފުޅުކަން ޖޫލީއަށް އެނގިއްޖެއެވެ.
” ލަ….” ޖޫލީ ހިނިތުންވެފައި އިނގިލި ދިމާ ކޮއްލީ ލައިބާ އާ ދިމާލަށެވެ. ލައިބާގެ ނަން ޖޫލީ ހަނދާނަށް އާދޭތޯ ވިސްނާލިއެވެ. އެކަމަކު އޭނާ ހަނދާނެއްނުވިއެވެ.
” ލައިބާ….” ލައިބާ ކުރިއަށް ޖެހިލައި ސަލާންކުރަން އަތްދިއްކޮށްލިއެވެ. ލައިބާ ހިނިތުންވެލަމުން ބަލާލީ ނަވީނަށެވެ. ނަވީންގެ މޫނުމަތިން ނުތަނަވަސްކަން ނޫނީ ނުފެނެއެވެ.
” ވިހެއީތަ ؟ ބޯއީ އެއް…..” ޖޫލީ ސުވާލުކޮއްލި އިރު ހީވަނީ ގިނަދުވަސްތަކެއް ވަންދެން ނުފެނި ހުރި ރައްޓެއްސަކު ފެނިގެން ސުވާލުކުރިހެންނެވެ.
” ސިޒޭރިއަން ހެދީ ……..ގާރލްއެއް………” ލައިބާ އާއި ޖޫލީ ވާހަކަދައްކަން ތިބިއިރު ނަވީން ހުރީ ބިރުންވިރިވިރިއެވެ. ހިތްތެޅޭލެއް ބާރުކަމުން ހީވަނީ މޭފަޅާ ނިކުމެދާނެހެންނެވެ.
” ކޮބާ ފިރިމީހާ ؟” ޖޫލީގެ އެސުވާލާއި އެކު ލައިބާއަށް ބަލާލެވުނީ ނަވީނާއި ދިމާލަށެވެ. އެވަގުތު ނަވީންގެ މޫނުމަތިން އެފެންނަން ހުރި ކުލަތަކުން އޭނާ ހާސްވެފައިވާވަރު ކިތަންމެ ރަނގަޅަކަށްވެސް ލައިބާއަށް އެނގުނެވެ.
“ދަރިފުޅާ ޖޫލީ !” ނިޒާރު ގޮވާލުމުން ޖޫލީ ނިޒާރަށް ސަމާލުކަން ހުއްޓުނެވެ.
“ލައިބާ މީގެ ފަހުން ހުންނާނީ މިގޭގަ …..ލައިބާ ދެން މީގެފަހުން ކުޑަމީހާގެ ހުރިހާ ކަމެއް ބަލަހައްޓާނީ……..” ނިޒާރު އެހެން ބުނުމުން ނަވީނަށް ހީވީ އެތަނުގައި ބާރުގަދަ ބޮމެއް ގޮއްވާލިހެންނެވެ. ޖޫލީއަށްވެސް ދެލޯ ބޮޑުކޮށްފައި ނިޒާރާއި ދިމާލަށް ބަލާލެވުނެވެ.
” އެކަމަކު …………” ނަވީނަށް ބުނަންވީ އެއްޗެއް ނޭގުނެވެ. ލައިބާ އެގޭގައި ބަހައްޓަން ނަވީން ހިތެއް ނޭދެއެވެ. ޖޫލީއަށް އެއްވެސް ކަމަކަށް ޝައްކުވާން އޭނާ ނޭދެއެވެ.
“….ލައިބާގެ އެހާ ކުޑަކުއްޖަކު އޮއްވާ….. ދެން ކިހިނެތް އަހަރެމެންގެ ދަރިފުޅު ބަލާނީ……..” ޖޫލީ އައިސް ހުއްޓުނީ ނަވީން ކައިރީގައެވެ. ލައިބާއަށް ދެލޯ މަރާލެވުނެވެ. ޖޫލީ އަހަރެމެންގެ ދަރިފުޅޭ ބުނީތީއެވެ. ނަވީންގެ އަތުމުލައްދަނޑީގައި ހިފަހައްޓާލަމުން ނަވީންގެ ކޮނޑުގައި ޖޫލީ ބޯއަޅާލިއެވެ. އެމަންޒަރު ބަލަން ލައިބާއަށް އުނދަގޫވިއެވެ.
” އެކަން ދޫކޮށްލާ ލައިބާގެ އަތްމައްޗަށް…….ލައިބާ ވަރަށް ކުޅަދާނަވާނެ……” ނިޒާރުގެ އަޑުގައިވީ ޔަގީންކަމުން ޖޫލީ ހައިރާންވިއެވެ. ނުވެސްދަންނަ މީހަކާއިމެދު އެހާ ޔަގީންކަން ދިނީމައެވެ.
ކުޑަސޮރު ރޯންފެށީ އެވަގުތުއެވެ. ލައިބާއަކަށް ބަލާކަށް ނުހުރެވުނެވެ. އަވަހަށްގޮސް ދަރިފުޅު ނަވީންގެ އަތުން ނަގާ އުރާލިއެވެ. އެދަރިފުޅު އެރޮނީ ބަނޑުހައިވެގެންކަން ލައިބާއަށް އެނގުނެވެ. ނަވީން ހުރީ ބުނާނެ ބަހެއް ނޭގިފައެވެ. އަމިއްލަ ބަނޑުންދަރިއަކު އުފަންކުރުމަށްފަހު އެދަރިފުޅު ބަލަން މާބޮޑު ތަޖްރިބާއެއް ބޭނުމެއްނޫނެވެ. ދަރިފުޅު އެއްއަތުން އަނެއް އަތައް ބަދަލުކޮއްލީ ވަރަށް ފަރިތަކާއެކުއެވެ. މިވީ ކުޑަދުވަސްކޮޅުގައިވެސް ލައިބާ ވަރަށް ކުޅަދާނަވެއްޖެކަން އެހަރަކާތުން ނަވީނަށް ކަށަވަރުވިއެވެ. ލައިބާ ދަރިފުޅު އުރައިގެން ދުރަށްޖެހިލީ ނަވީނަށް ބަލައިވެސް ނުލައެވެ.
” ނަވީން ……..ލައިބާގެ ދަބަސް ގެންދޭ ޒީނިޔާ ނިދި ކޮޓަރިއަށް…..އެއީ މީގެފަހުން ލައިބާގެ ކޮޓަރި” ނިޒާރުގެ އެޖުމްލަޔާއި އެކު ނަވީން އަވަސްވީ ނިޒާރު ބުނިކަންތަކާއިގެންނެވެ.
ކުޑަދެކުދިން ގޮވައިގެން ލައިބާ ކޮޓަރިގައި އުޅުނުއިރު ޖޫލީ އުޅުނީ ބަދިގޭގެއެވެ. ހެނދުނުގެ ސަޔާއި މެންދުރަށް ކައްކަން އުޅުނު އިރު ޖޫލީގެ ހިތުގައިވީ ކުޑަކުޑަ ދަރިފުޅެވެ. ނިޒާރު އެކުއްޖާ ބަލަން މީހަކު ގެނައިތީ ޝަކުވާ ކުރެވުނެވެ. ޖޫލީގެ ހުރިހާ ވަގުތެއް ހުސްކުރަން ބޭނުންވީ އެދަރިފުޅަށްޓަކާއެވެ.
ނިޒާރާއި ނަވީން ތިބީ ގޭގެ ޓެރަހުގައެވެ. އާވިއަރައަރާ ހުރި ދެތަށި ކޮފީ އެމީހުން ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި ހުއްޓެވެ. މަޝްވަރާ ކުރެވެމުންދަނީ ނަވީންގެ ދެދަރިންނަށް ނަންކިޔުމާއި ގުޅޭގޮތުންނެވެ. އެކަމާ ނިޒާރު ވާހަކަދައްކަމުން ދިޔައިރު ނަވީން އެއްޗެއް ބުނެލައިނީ މަދުފަހަރަކުއެވެ.
” މިދައްކަނީ ނަވީންގެ ދެކުދިންނަށް ނަންކިޔާ ވާހަކަ؟ …..ލައިބާގެ ހިޔާލު މިކަމުގައި ހޯދަންވާނެ….އެއީ އޭނާގެވެސް ކުދިން…..” ނިޒާރު އަޑުގައި ހުރީ އަމުރުވެރި ގޮތެވެ. ނަވީން އިނީ ވިސްނުމެއްގެ ތެރެއަށް ގެނބިފައެވެ. ބައްޕަ ބުނެވެސްނުލާ ކުއްލިއަކަށް ލައިބާ ގެއަށް ގެނައުމުން އޭނާޔަށް އިނީ ހަގީގަތުގައި ވަރަށް ބޮޑަށް އުނދަގޫވެފައެވެ.
” ޖޫލީ އެކޭ ލައިބާ އެކޭ ވާންޖެހޭނީ ހަމައެއްގޮތެއް … ދެމީހުންނަށް ހަމަހަމަ ވާންޖެހޭނެ……..ދެމީހުންނަކީވެސް ނަވީންގެ އަނބިން ” ނިޒާރުގެ މޫނަށް ނަވީނަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. ބައްޕަ ބުނި ކަމުގައި ވިޔަސް އެކަން ކުރަން އޭނާޔަކަށް ފަސޭހައެއް ނޫނެވެ. އެދެމީހުން އެއްގެއެއްގައި ގެންގުޅޭނެ ގޮތެއް ނަވީނަކަށް ނުވިސްނެއެވެ. ޔަގީނުންވެސް އަބަދުވެސް އޭނާ ހުންނަން ޖެހޭނީ ސިހިސިހިއެވެ. ޖޫލީއަށް ލައިބާގެ ކަންތައް އެނގިދާނެތިން އަބަދުވެސް ހުންނަންޖެހޭނީ ހާސްކަމެއްގެ ތެރޭގައެވެ.
” އަހަރެން ބަލާނަން……….” ނަވީންގެ އަޑުގައި އެއްވެސް ކަހަލަ ޔަގީންކަމެއްނެތެވެ.
” ބަލާނީކީ ނޫން ކުރާނީ……..ދެއަނބިންނަށް ތަފާތުކުރުމަކީ ތިމާ ފާފަވެރިވާކަމެއް……ނަވީނަކަށް އެވަރެއް ނޭގޭތަ؟” އެންމެ ފަހު ސުވާލު ނިޒާރުކޮއްލީ ހިތްހަމަނުޖެހުމާއި އެކުއެވެ. ބައްޕަގެ އެސިފަޔަކީ ނަވީނަށް ވަރަށް ބީރަށްޓެހި ސިފައެކެވެ. ބައްޕަގެ މޫނަށް ބަލަން ނުކެރިގެން ނަވީން އިސްޖަހާލިއެވެ. ނިޒާރު ހީވަނީ ޒާތަކަށް ނަވީނަށް މަޖްބޫރުކުރާހެންނެވެ. ބުނެވެސްނުލާ ލައިބާ އެގެއަށް ގެނައީއެވެ. މިހާރު އެބުނަނީ ދެމީހުންނަށް ހަމަ ހަމަކުރުމަށެވެ. އެކަމާ ވިސްނާލިޔަސް ނަވީންގެ ސިކުނޑި ފަޅައިގެންދާވަރުވެއެވެ.
*****
ދަންވަރުގެ ހަމަހިމޭންވަގުތެވެ. ބުލޭންކެޓް އެއްފަރާތްކޮއްލާފައި ނަވީން އެނދުންތެދުވެތެވެ. ވަރަށް އަރާމްކޮށް ނިދާލާފައި ޖޫލީ އޮތެވެ. ޖޫލީގެ މޫނަށް ބަލާލާފައި ނަވީން މަޑުމަޑުން ކޮޓަރިން ނިކުތެވެ. ހީވަނީ ވައްކަންކުރަން އުޅޭ ވަގަކުއުޅޭހެންނެވެ. އެހާވެސް ސިއްރުން ގޮސް ލައިބާ ކޮޓަރީގެ ދޮރުގައި ހިފާލިއެވެ. ނަސީބަކުން ހުރީ ތަޅުނުލައެވެ. ސިއްރުސިއްރުން ކޮޓަރިތެރެއަށް ދެމިގަތް ނަވީން ދިޔައީ ސިއްސައިގެންނެވެ. އެނދުމަތީގައި ލައިބާ އިށިއިނދެލައިގެން އިންދާފެނި ހަގީގަތުގައިވެސް ނަވީން ސިހުނެވެ. އޭނާ ހީކުރީ ލައިބާ މިގަޑީގައި އޮންނާނީ ނިދާފައި ކަމަށެވެ. އެކަމަކު ކުޑަމަންޖެއަށް ބުއްޖައްސައިގެން އިންދެފައި ހަށިގަނޑު ނިވާކޮއްލެވުނީ ބޭއިހްތިޔާރުގައެވެ. ނަވީނަކީ ލައިބާގެ ހަލާލް ފިރިމީހާ ކަމަށްވިޔަސް އެދެމެދުގައި ވަނީ ދުރުކަމެވެ. ނިދިފައި އޮތް ދަރިފުޅު ތަންމަތީގައި ބޭއްވިއިރުވެސް ނަވީންގެ ނަޒަރު ހުއްޓިފައިވަނީ ލައިބާއަށެވެ. އެބެލުމުން ލައިބާއަށް އިންތިހާއަށް އުނދަގޫވިއެވެ. ހިތްތެޅިލީ މިފަހަރު ނަވީން އެއައީ ކޮންކަމެއް ބޭނުންވެގެންބާއޭ ހިތަށް އެރުމުންނެވެ. އަމިއްލަ އެދެމެއްނެތި އޭނާ ގާތަށް ނަވީން ނާންނާނޭކަން ލައިބާއަށް މިހާރު ޔަގީނެވެ.
” ކިހިނެތްވީ………” ދެމީހުންގެ ދެމެދަށްވެރިވެފައިވާ ހިމޭންކަން ފޫއަޅުވާލީ ލައިބާއެވެ. ނަވީންގެ ހަމަހިމޭންކަން ލައިބާ ހިތުގެ ހަމަޖެހުންވަނީ ނަގާލާފައެވެ. ބަހަކުން ބަހެއް ނުބުނެ ނަވީން ހިނގައިގަތީ ލައިބާއާ ދިމާލަށެވެ. ނަވީންގެ މޫނުމަތިން ފެންނަންހުރި އަސަރުތަކުން ލައިބާއަށް ހައިރާންކަން ނޫނީ ނުފެނެއެވެ. ނަވީން އައިސް އިށިއިނީ ލައިބާގެ ނޭވާގެ ހޫނު އިހްސާސްވާހާ ގާތުގައެވެ. ނަވީންގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް ލައިބާގެ މޫނުން ވަކިނުވެއެވެ.
” ނުނިދަންތަ ؟ ” ނަވީން ކުރީ ލައިބާ ހީކުރި ކަހަލަ ސުވާލެއްނޫނެވެ.
” އާނ އާން…..” ލައިބާއަށް ޖަވާބުދޭން އުނދަގޫވިއެވެ. ނަވީން ފެންނަ ކޮންމެ ވަގުތަކު ލައިބާގެ ހިތް ނަވީންގެ މައްޗަށް ފުރިއުތުރިގެން އަރަނީ ލޯބިންނެވެ. ނަވީންގެ ކޮންމެ ބަލާލުމަކުން ލައިބާއަށް އިހްސާސްކުރެވެނީ ލޯބިވެތިކަމެވެ. އިންތިހާއަށް ނަވީންގެ ލޯބި އޭނާ ބޭނުމެވެ. ނަވީން ލޯބިނުވާކަން އެނގޭހާލުވެސް އެލޯތްބަށް އެދެވެނީއެވެ.
” ކީއްވެ ނުނިދަ ތިއުޅެނީ………”
” ކުޑަ ދެކުދިންގެ މަންމަޔަކަށް ކިހިނެތް ބޭނުން އިރަކު ނިދޭނީ……..” ލައިބާ ބަލާލީ ލޯބިލޯބިކޮން ނިދާފައި ތިބި ދެފުއްކޮޅަށެވެ.
” ތިބުނީ؟ ” ނަވީނަށް ލައިބާ އެބުނި އެއްޗެއް ނުވިސްނުނެވެ.
” އެކަކު ބޭއްވިތަނުން އަނެއްމީހާ އެހޭލީ……..” ލައިބާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ހަމަ ނިދިނުލިބުނަސް އެދެކުދިން ފެންނަ ހިސާބުގައި އޭނާ އިންނާނީ އުފަލުންކަން ޔަގީނެވެ. ނަވީން އެހިނިތުންވުން މާނަކުރީ އެހެންނެވެ.
” ދަރިންކޮޅަށް ނަން ކިޔަންވެގެން ލައިބާއަށް ފެންނަ ވަކިނަމެއް އެބައޮތްތަ ؟ ” ނަވީންގެ މޫނަށް ނުބަލަން ލައިބާ އިސްޖަހާލިއެވެ.
” ނޫން…….އަހަރެން ނުހޯދަން ކިޔާނެ ނަމެއް……..ނަވީން ބުނީމެއްނު ނަވީން ނަމެއް ހޯދި ވާޙަކަ” ލައިބާ ގަސްތުގައި ގަދަކޮއްލިއެވެ.
” ހޫމް…… ނާވީ އެންޑް ލިވީ ކަމުދޭތަ އެދެނަން…….” ލައިބާ އިސްއުފުލާލިއެވެ.
” ނަވީނަށް ކަމުދަންޏާ އަހަރެންނަށް ކަމުދާނެ” ނަވީންގެ އެއްވެސް ނިންމުމަކަށް ލައިބާ ދެކޮޅުހަދަން ބޭނުމެއްނޫނެވެ. އެއީ ނަވީން ދެކެ ލައިބާ އިންތިހާއަށް ލޯބިވާކަމުގެ ހެއްކެކެވެ.
*****
ޗެރީ ގާޑަންނުން ކުލީ ކޮޓަރީގައި ބަޝީރާ އޮތީ އެކަނިވެފައެވެ. ފޫހިކަމާއި އެކަނިވެރިކަމުން އޭނާ ރޫޅޭހާ ވެއެވެ. ލައިބާޔާއި މާމަދަރިންކޮޅާއި ދުރުގައި ބަޝީރާ ގުނަމުންއެދަނީ ހިތްދަތި ވަގުތުތަކެކެވެ. ނިޒާރު ލައިބާ ބަލައި އައުމުން ބަޝީރާ އޭނާ ފޮނުވީ ހިތުން ރުހުމުންނެވެ. ލައިބާގެ އުފަލަކަށް ހުރަސްއަޅާނީ އޭނާ ކިހިނަކުން ހެއްޔެވެ؟ އަނެއްކޮޅުން ލައިބާ އަށް ލައިބާގެ ދަރިންނާ ވަކިން އުޅޭނި ކިހިނަކުން ހެއްޔެވެ ؟
ނިޒާރު ބަޝީރާވެސް އެގެއަށް ގެންދަން އުޅުނެވެ. ބަޝީރާ އެގެއަށްދާން ބޭނުންނުވީއެވެ. އޭނާ ބޭނުންވަނީ އެނބުރި ރަށަށްދާށެވެ. ބޯޓެއް ފުރަންވަންދެން ބަޝީރާ ބޭނުންވީ އެގޭގައި މަޑުކުރާށެވެ. ފޫހިވެގެން ބޭރުބަލާލަން ނިކުތްއިރު ނަސީރު ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް އައިސްވަންނަނީއެވެ. ގެއަށްވަންނަން ދުއްވަމުންދިޔަ ގޮނޑި ނަސީރަށް ހުއްޓާލެވުނީ ބޭއިޙްތިޔާރުގައެވެ. އޭރު އާދިލާވެސް ފައިލުތަކާއި ބޭސްކޮތަޅުތައް ހިފައިގެން ކާރުން ފައިބަނީއެވެ. އައްފާން ޑީކީގައި ހުރި އެއްޗެހި ކާރުން ބާލުވަން އުޅެއެވެ. ދެމީހުންގެ ނަޒަރު ހުއްޓިފައިވާތަން ފެނިފައި އާދިލާގެ ހިތުގައި އެތަށްހާސްކޫރެއް އެޅުނެވެ. އެހެނަސް އެކޫރުންތަކުގައި މަލަންއަޅާލާމުން އާދިލާ ބަޝީރާއަށް ގޮވާލީ ހިނިތުންވުމަކާއި އެކުއެވެ.
” ބަޝީރާ ……ކިހިނެތްތަ ؟ ” ބަޝިރާ އާއި ވާހަކަދައްކަން އާދިލާ މަޑުކުރުމުން ނަސީރު ނިކަން ބާރަށް ގޮސް ގޭތެރެއަށްވަނެވެ.
އެނބުރި އާދިލާ ކޮޓަރިއަށްވަން އިރު ނަސީރު އިނީ ކުޑަދޮރު ކައިރީގައެވެ. ދޮރުފޮތިގަނޑު ކަހާލައިގެން އިނީ ބޭރުބަލާށެވެ. އާދިލާ ވަދެ ދޮރުލެއްޕުމުންވެސް އެނބުރި ބަލައިވެސް ނުލިއެވެ.
” އެއްޗެއް ބޯންވީނުން……؟ ” ނަސީރު ޖަވާބެއް ނުދިނެވެ.
” ކޯޗެއް ގެންނަންވީ ސައިތަ ؟ ނޫނީ ކޮފީތަ؟ ” ދެންވެސް ނަސީރު އަނގައިން ނުބުންޏެވެ. ހީވަނީ އާދިލާ އާ ވާޙަކަނުދައްކަން ހުވާކޮއްގެން އިންހެނެވެ.
” ބޭސްކެވޭނީ އެއްޗެއް ބޮއެގެންނު……” އާދިލާ އަޑުގައިވީ އޯގާތެރިކަމެވެ.
” އަހަރެން ބޭނުމީ އެކަނިވެލަން……….” ނަސީރުގެ އަޑުގައި ހިތްދަތިކަން ނޫނީ ނުވެއެވެ. އާދިލާގެ މޫނުމަތި މާޔޫސްކަމުން މިލާލިއެވެ.
” ކޮބައިތަ ނަސީރުގެ މައްސަލަޔަކީ ؟ ” އާދިލާ ހިތުގައި ޖެހުނެވެ. ނަސީރު ސިއްރުކުރަމުން އެދާ ކަންތައްތައް އޭނާޔާ ހިއްސާނުކުރަނީ ކީއްވެބާއޭ އޭނާ ހިތަށްއަރައެވެ.
” ކަމެއް ނުވޭ އަހަރެން ބޭނުމީ ހަމަ އެކަނިވެލަން……..” ނަސީރުގެ އަޑުގައިވީ އާދޭހެވެ. އާދިލާ ދެލޮލުގައި ކަރުނަ ވިދަންފެށިއެވެ. ސަބަބު އެނގޭއިރުވެސް އެހުމަކީ އިންސާނުންގެ އާދައެކެވެ. ނަސީރުގެ ދުލުން ބުނާ އަޑުއަހަން އާދިލާވެސް ބޭނުންވަނީއެވެ.
” ކޮބާ ބޭނުމަކީ؟ އަހަންނާ ހިއްސާ ނުކުރެވޭނެ ވާޙަކަތަކެއް ހުރީތަ؟ ” އާދިލާ ބޭނުންވީ އޭނާ ހިތުގައި އުތުރިއަރަމުންދާ ޝުއޫރުތައް ބަންޑުން ކޮއްލާށެވެ. ހުރިހާ ހަގީގަތެއް އެނގި ހުރެ އެކަމާ ކުރިމަތިލާށެވެ.
” މާހާއްސަ މީހަކު ހުރީތަ ؟ މާ ހާއްސަ ހަނދާންތަކެއް ހުރީތަ ؟ ” އާދިލާގެ ޖަޒްބާތުތައް އޭނާޔަށް ހިފަހައްޓާނުލެވުނެވެ. ނަސީރު އެއިން ގޮތަށް އިނީ އާދިލާއަށް ޖަވާބުދޭން ނުކެރިފައެވެ.
” އަހަންނަށް ހުރިހާ އެއްޗެއް އެނގުނީމަވެސް ނަސީރު ތިއުޅެނީ ކިޔައި ނުދޭންތަ؟ ” އާދިލާގެ އެވާހަކަ އަޑުއިވިފައި ނަސީރަށް ތެޅިގަނެވުނެވެ.
” އާން ނަސީރު އާ ބަޝީރާ ދެއްކި ވާޙަކަ އަހަރެމެންނަށް އަޑުއިވުނު …………” އާދިލާގެ ހިތްވަރު އެލުނީ އެހިސާބުންނެވެ. ދެލޮލުން ފޭބި ކަރުނަތަކާއެކު އަރުބެދި ވާޙަކަދައްކަން ދަތިވިއެވެ. ތިމާ އިންތިހާއަށް ލޯބިވާ ތިމާގެ ފިރިމީހާ ލޯބިވާ އެހެންމީހަކު ހުންނަކަން އެނގުމުން އޭނާގެ ހިތް ކުދިކުދިވެފައިވާ ކަހަލައެވެ. ނަސީރު ގޮނޑި އަނބުރާލިއެވެ. ހޮސްޕިޓަލްގައި ބަޝީރާ އާއި ނަސީރު ދެއްކި ވާހަކަ އާދިލާއަށް އިވުނީތާއޭ އޭނާގެ ހިތަށް އެރިއެވެ. ގޮނޑި އަނބުރާލި ގޮތަށް ނަސީރު އިސްޖަހާލިއެވެ.
” ކީއްވެ އަހަރެން ކައިރީ ބަޝީރާގެ ވާހަކަ ނުބުނީ………” ތުންފަތުގައި އާދިލާއަށް ދަތްއަޅާލެވުނެވެ. ބައެއްފަހަރު ހަގީގަތަކީ ވަރަށް ހިތި އެއްޗެއްކަމުގައި ވެއެވެ. އެކަކުގެ ހިތްހަމަޖެހުމަށްޓަކާ އަނެކާ ޤުރުބާންވާން ޖެހޭފަހަރުވެސް އާދެއެވެ.
” ކުރިން ބަޝީރާގެ ވާހަކަ ބުނި ނަމަ އަހަރެން ނަސީރު ކައިރިއަށް ބަޝީރާ ގެނެސްދިނީމުސް” އާދިލާއަށް ދެލޯ މަރާލެވުނީ ނަސީރަށް ފުރަގަސްދެމުންނެވެ. ނަސީރަށްވެސް ދެލޯ މަރާ ބާރުކޮއްލެވުނީ އެވާހަކަތަކުން ހިތަށް އަސަރުކުރިލެއް ބޮޑުކަމުންނެވެ. ހިމޭންކަމުގެ ވަގުތުތަކަކަށްފަހު ވާހަކަދައްކަންފެށީ ނަސީރުއެވެ.
” އަހަރެން އެކްސިޑެންޓްވީ ބަޝީރާގެ ރަށަށްދާން ނިކުތްތަނުން……….އެކްސިޑެންޓްވެ ފައިބުރިކޮއްލަން ޖެހުމުން ބޭނުންނުވީ ބަޝިރާ ހޯދަން ……އޭނަގެ މުސްތަޤްބަލް އަހަރެންނާއި ހެދި ހަލާކުވާން ބޭނުންނުވީ………” ނަސީރުގެ ވާހަކަތައް އަޑުއަހަން އާދިލާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ.
” އަހަރެންނަކަށް ނޭގެ އަހަރެންގެ ދަރިއަކަށް ބަޝީރާ ބަލިވެ އިންކަމެއް…….އަހަރެންގެ ދަރިއަކު އޭނަ ވިހޭކަމެއް…..” އެޖުމްލައިން ހީވީ އާދިލާގެ ފޮތިފޮތިވެފައިވާ ހިތުގައި ޅިޔައެޅުނުހެންނެވެ. އެވާޙަކަތައް އަޑުއަހަން އޭނާގެ ކަންފަތަކަށް ކުޅަދާނައެއްނޫނެވެ. އެހިތްވަރުނެތިގެން އެކޮޓަރިތެރެއިން ދުވެފައި އާދިލާއަށް ނިކުތީ ބޭރަށެވެ. ހިތްފުރޭންދެން އޭނާ ބޭނުންވީ ރޯށެވެ. ނަސީރުގެ ހިތުން ދުވަހެއްގައިވެސް އޭނާޔަށް ޖާގައެއް ހުސްނުވާނޭކަން އެނގުމުން އާދިލާ ވަކިން ބޮޑަށް ދެރަވިއެވެ.
*****
މޭޒުމަތީގައި އަތުރާފައިވާ ކާއެއްޗެހީގެ މީރުވަހުން މުޅި ގޭތެރެވަނީ އެއްވަސްވެފައެވެ. މޭޒުމަތި ބަލަހައްޓަން ބިދޭސީންގެ ހަތަރުވަރަކަށް މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ނިކަން ނަލަހެދިގެން ޖަލީލްމެން ދެމަފިރިން ނިކުތްއިރު ހީވަނީ އެދެމީހުންގެ ޒުވާންދުވަސްވަރުހެންނެވެ. މިރެއަށްޓަކާ ސަރުމީލާ ފަހާފައިވާ ހެދުމުގެ ވިދުންގަދަކަމުން ލޯތަރަތަރަ ޖަހާހާވެއެވެ. ކަޅުކުލައިގެ ވިދުމެއްހުރި ދިގު މެކްސީ އޭނާޔާ ކިތަންމެހާވެސް ގުޅެއެވެ. ހެދުމުގެ މޭމަތީގައި ރަންކުލައިގެ ރޭނދާއެއް އަޅާފައި ހުއްޓެވެ. ލުއި ގޮތަކަށް މޭކަޕްކޮއްފައި ހުރި އިރު ސަރުމީލާ އަދިވެސް ފެންނަނީ އުމުރަށްވުރެން ޒުވާންކޮށެވެ. ހުދުގަމީހާއި ކަޅުފަޓްލޫނުގައި ޖަލީލްވެސް ވަކި ސަރުމީލާއަށް ދޫކުރާހާއެއް ނޫނެވެ. ދެމީހުން އަތުގުޅާލައިގެން ތިރިއަށް ފޭބިއިރު ހީވަނީ އަދިވެސް އެމީހުންގެ ކައިވެނީގެ ރަންދުވަސްތައް ހެންނެވެ.
ކުޑަމީހާ އުރާލައިގެން އިން ސަޖާ ޖޫލީގެ ގައިގާ ކޮށްޓާލަމުން އެތަނަށް އައިސްހުއްޓުނު ސަރުމީލާ އާއި ޖަލީލް ދައްކާލިއެވެ. މަންމަޔާ ބައްޕަ ތައްޔަރުވެގެން ތިބިލެއް ރީތިކަމުން ޖޫލީގެ ތުންފަތްމައްޗަށްވެސް ހިނިތުންވުމެއްވެރިކުރުވިއެވެ. މާހިލްގެ މޫނުމަތިންވެސް އުފާވެރިކަން ބަބުޅައިގަތެވެ. މާހިލާއި ސަޖާގެ ދަރިފުޅަށް ނަންކިޔަން ހަރަދުކުރީ ޖަލީލްގެ ޖީބުންނެވެ. ކުޑަދަރިފުޅާއިގެން ޖަލީލްމެން އުޅޭވަރު ފެނިފައި މާޙިލްވެސް ހުންނަނީ ނިކަން އުފަލުންނެވެ. ނަވީން އައީ އެމީހުން ސެލްފީތަކާއި ފޮޓޯތައް އަރިއަރިމަތިން ނަގަނިކޮށެވެ.
” މާމަގެ ދޮންފުތު……” ސަރުމީލާ ކުޑަމީހަ ނަގާ އުރާލަމުން ހިނގައިގަތީ އެސޮރު ބާއްވަން ބަހައްޓާފައި ހުރި ކުޑައެނދާއި ދިމާލަށެވެ. މެހްމާނުންތައް އަންނަންވާއިރަށް އެސޮރު ކުޑައެނދުގައި ބާއްވާލިއެވެ. އެއެނދާއި ދިމާ ފާރުގައި ނޫއަކުރުން
” އިސްމާއިލް” އިގިރޭސި އަކުރުން ކަނޑާފައިވެއެވެ. އެއީ ސަޖާ ބޭނުންވެގެން ކީ ނަމެކެވެ. ސަޖާ ބޭނުންވީ މާހިލް ބައްޕަގެ ނަން އެދަރިފުޅަށް ކިޔާށެވެ. ފުރަތަމަ މާޙިލް އިންކާރުކުރި ނަމަވެސް ފަހުން އެއްބަސްވިއެވެ. ސަޖާ އެދޭކަމަކަށް އޭނާ ދެކޮޅުހަދަން ބޭނުން ނުވާތީއެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި މެހްމާނުންތަކުން ގޭތެރެ ފުރާލައިފިއެވެ. ސަޖާގެ އާއިލާގެ މީހުންނާއި ރައްޓެހިންނެވެ. މާހިލްގެ ރައްޓެހިންނާއި ތިމާގެ މީހުނުންނެވެ.
ޖޫލީ ހުރީ ގެއަށް ނުދެވިގެންނެވެ. އެތަނަށް އޭނާ އަންނަން ބޭނުންވީ އޭނާގެ ދަރިފުޅުވެސް ގޮވައިގެންނެވެ. އެހެނަސް ނަވީނާއި އޭނާގެ ބައްޕަ އެގޮތާއި އެއްބަސްނުވީއެވެ. ތަންތަނަށް ގެންދާވަރަށްވުރެން ދަރިފުޅު ކުޑަކަމަށްބުނެއެވެ.
ހައިފާގެ އަތުގައި ހިފައިގެން އާޝާ އައިސްވަނީ ޖެހިލުންވެ ހުރެއެވެ. އޭނާ މިހާރު މާހިލާއި ކުރިމަތިލާން ބޭނުމެއްނޫނެވެ. އެހެނަސް ދައުވަތު ދީފައިވާތީ އާޝާ ބޭނުންވީ އަންނާށެވެ. ހުރިހާ ހަގީގަތެއް އެނގުމުން މާހިލާއި ސަޖާ ގާތުން މާފަށް އެދޭށެވެ.
މަމްދޫހާ އައީ އޭނާގެ ހުރިހާ ދަރިންނާއި އެކުއެވެ. އެކުގައި އިސްމާއިލްވެސް ގެނައެވެ. އިސްމާއީލް ގެނައީ ގަދަކަމުންނެވެ. ހުރި ހަމައެކަނި ފިރިހެންދަރިފުޅާއި ކުރިމަތިލާން އޭނާ ލަދުގަނެއެވެ. އެހެނަސް މާޙިލް ކައިރިން މައާފަށްއެދެން އޭނާވެސް ބޭނުމެވެ.
ނުނިމޭ

ރައްދު ކެންސަލް