1413 92

ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ذوالكفل عليه السّلام އަކީ މާތް الله سبحانه وتعالى މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވި ނަބީބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ذوالكفل عليه السّلام ގެ ނަންފުޅު ކީރިތި ޤުރްއާނުގައި ދެފަހަރެއްގެ މަތިން ބަޔާން ކުރައްވާފައިވެއެވެ. އެއީ އަންބިޔާޢު ސޫރަތުގައާއި ޞާދު ސޫރަތުގައެވެ. ذوالكفل عليه السّلام ގެ ނަންފުޅު ޤުރްއާނުގެ ދެތަނެއްގައި ބަޔާން ކުރައްވާފައި ވީނަމަވެސް އެކަލޭގެފާނުގެ ޙަޔާތްޕުޅާ ގުޅޭގޮތުން އެއްވެސް ތަފްސީލެއް ބަޔާން ކުރައްވާފައެއްނުވެއެވެ.

ނަންފުޅާއި ނަސަބުފުޅު
ذوالكفل عليه السّلام ގެ ޙަޔާތްޕުޅުގެ ވާހަކަތައް ޤުރްއާނާއި ޞައްޙަ ޙަދީޘްގައި ބަޔާން ކުރައްވާފައި ނެތުމުގެ ސަބަބުން އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ މައުލޫމާތު ހޯދުމަށްޓަކައި ރުޖޫޢަވާން ޖެހެނީ ތާރީޚީ މަޞްދަރު ތަކަށެވެ. އެގޮތުން الحافظ إبن كثير رحمه اللّـه ލިޔުއްވާފައިވާ އަލްބިދާޔާ ވައްނިހާޔާގެ އެއްވަނަ ޖިލްދު 515 ވަނަ ޞަފްޙާގައި ބަޔާން ކުރައްވާފައިވަނީ ذوالكفل عليه السّلام އަކީ أيوب عليه السّلام ގެ ދަރިކަލެއްކަމުގައެވެ. އެކަލޭގެފާނުގެ އަސްލު ނަންފުޅަކީ بِشر ކަމުގައެވެ. { އަލްބިދާޔާ ވައްނިހާޔާގެ އެއްވަނަ ޖިލްދު 515 ވަނަ ޞަފްޙާ}

ވަރަށް ގިނަ ޢިލްމުވެރިންގެ ލިޔުއްވުންތަކުގައި ބަޔާންކޮށްފައިވަނީ ذوالكفل މިނަންފުޅަކީ އެކަލޭގެފާނުގެ ލަޤަބުފުޅު ކަމުގައެވެ. އެހެނީ كفل މި ނަންފުޅު ނެގިފައިވަނީ “ކަފާލާ” މިބަހުންނެވެ. އޭގެ މާނައަކީ ކަމެއް ކުރުމުގެ ޒިންމާ ނެގުމެވެ. ކަމެއް ކުރުމަށް ހަވާލުވުމެވެ. އެކަލޭގެފާނަށް ذوالكفل ގެ ނަމުން ނަންކިޔިގެންވަނީ އޭރު އެޒަމާނުގައި ހުންނެވި ނަބިއްޔާގެ ފަރާތްޕުޅުން، އެނަބިއްޔާ އަދާ ކުރައްވަމުން ގެންދެވި މަސްޢޫލިއްޔަތު އަދާ ކުރެއްވުމުގެ ޒިންމާ އަމިއްލަފުޅަށް ނެންގެވި ކަމަށްޓަކައެވެ. {ބައްލަވާ ތަފްހީމުލް ޤުރްއާނުގެ އަންބިޔާޢު ސޫރަތުގެ 85 ވަނަ އާޔަތުގެ ތަފްސީރު/ ލައިފް އެންޑް ޓައިމްސް އޮފް މެސެންޖާސް ޞަފްޙާ 390/ އަލްބިދާޔާ ވައްނިހާޔާގެ އެއްވަނަ ޖިލްދުގައި ذوالكفل عليه السّلام ގެ ވާހަކަ ބަޔާންކުރެއްވި ބައި}

ذوالكفل عليه السّلام ގެ ދިރިއުޅުއްވީ އިރާޤުގެ ރަށެއްކަމުގައިވާ ކިފްލުގައި ކަމަށް ބައެއް ތާރީޙް ލިޔުންތެރިން ލިޔެފައިވެއެވެ. އެރަށް އޮންނަނީ ފުރާތު ކޯރުގެ އައްސޭރީގައެވެ. اَلـنَّـجَـف‎ އާއި الحلة‎ އާ ދެމެދުގައެވެ. {https://en.wikipedia.org/wiki/Dhul-Kifl}

ނަބީއެއްކަން ނުވަތަ ނޫންކަމާމެދު އުފެދޭ ޚިލާފު

ކުރިން މިމަޒުމޫނުގެ ފެށުމުގައި ދެންނެވިފައިވާނޭ ފަދައިން ޖުމްހޫރު ޢިލްމުވެރިން ގެ ނަޒަރުގައި ذوالكفل عليه السّلام އަކީ ނަބީބޭކަލެކެވެ. ނަމަވެސް މި މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ކޮންމެވެސް ވަރަކަށް ޚިލާފު އުފެދިފައިވާ މައްސަލައެއް ކަމުން މިކަމުގައި ޢިލްމުވެރިންގެ ބައެއް ބަސްފުޅުތައް ހުރިނެތްގޮތް ދަންނަވާލުމަކީ މުނާސަބު ނޫންކަމެއްކަމުގައި އަޅުގަނޑު ނުދެކެމެވެ.

އިހުގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތާބިޢީ ބޭކަލެއްކަމުގައިވާ مجاهد ވިދާޅުވަނީ ذوالكفل عليه السّلام އަކީ ނަބީބޭކަލެއް ނޫންކަމުގައެވެ. އެކަލޭގެފާނަކީ ޞާލިޙު ބޭކަލެއްކަމުގައެވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ ޤައުމުގެ ނަބިއްޔާގެ ފަރާތްޕުޅުން އެ ނަބިއްޔާގެ މަސްޢޫލިއްޔަތު އަދާކޮށް އެ ޤައުމުގެ މީސްތަކުންގެ މެދުގައި އިންޞާފުން ޙުކުމްކުރުމަށް ޖާމިނުވެވަޑައިގެންނެވި ބޭކަލެއެއްކަމުގައެވެ. އަދި އެކަލޭގެފާނަށް “ذوالكفل” ގެ ނަންފުޅުން ނަންލިބިވަޑައިގެންނެވީ އެކަމުގެ ސަބަބުންކަމުގައެވެ. {ތަފްސީރު އިބްނު ކަޘީރުގެ ސޫރަތުލް އަންބިޔާޢުގެ 85 ވަނަ އާޔަތުގެ ތަފްސީރު}

ابن أبي حاتم ރިވާކުރައްވާފައިވެއެވެ. كنانة بن الأخنس ވިދާޅުވެފައިވެއެވެ. أبو موسى الأشعري މިންބަރުގައި ހުންނަވައިގެން ވިދާޅުވަނިކޮށް އަހަރެން އަޑުއެހީމެވެ. ” ذوالكفل އަކީ ނަބީބޭކަލެއް ނޫނެވެ. ނަމަވެސް ބަނީ އިސްރާޢީލުންގެ ތެރޭގައި ވަރަށް ޞާލިޙު މީހަކު އުޅުނެވެ. އޭނާ ކޮންމެ ދުވަހަކު ސަތޭކަ ނަމާދު އަދާކޮށް އުޅުނެވެ. އޭނާ ނިޔާވެ ދިޔުމަށްފަހު އެހެންމީހަކު އޭނާ އަދާ ކުރައްވަމުން ގެންދެވި ސަތޭކަ ނަމާދު އަދާކުރައްވަމުން ގެންދެވިއެވެ. އޭގެ ސަބަބުން އެމީހާއަށް ذوالكفل ގެ ނަންމުން ނަންދެވުނެވެ. {ތަފްސީރު އިބްނު ކަޘީރުގެ ތިންވަނަ ޖިލްދުގެ 192 ވަނަ ޞަފްޙާ / މިއީ މިއީ މުންޤަތިޢު ރިވާޔަތެކެވެ. މުންޤަތިޢު ރިވާޔަތަކީ ސަނަދު ގުޅިފައިނުވާ ރިވާޔަތްތަކެވެ.}

إبن كثير رحمه اللّـه އޭނާ ލިޔުއްވި އަލްބިދާޔާ ވައްނިހާޔާގައި ވިދާޅުވެފައިވެއެވެ.
“ކީރިތި ޤުރްއާނުގައި ذوالكفل عليه السّلام ގެ ނަންފުޅު ނަބީބޭކަލުންގެ ނަންފުޅުތަކާއެކު ޒިކުރު ކުރައްވާފައިވުމުން އެކަލޭގެފާނަކީވެސް ނަބީބޭކަލެއްކަމަށް ދަލީލު ލިބެއެވެ. އެންމެ މަޝްހޫރު ބަހަކީވެސް މިއީއެވެ. ނަމަވެސް އިހުގެ ބައެއް ޢިލްމުވެރިން އެކަލޭގެފާނަކީ ނަބީބޭކަލެއްނޫން ކަމަށް ބުނެފައިވެއެވެ. ذوالكفل عليه السّلام އަކީ މީސްތަކުންގެ ތެރޭގައި ހުންނެވި ޞާލިޙު ބޭކަލެއްކަމުގައިވެސް ބުނެފައިވެއެވެ. {އަލްބިދާޔާ ވައްނިހާޔާގެ އެއްވަނަ ޖިލްދުގެ 516 ވަނަ ޞަފްޙާ}

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބައެއް ޙަދީޘް ބަސްފުޅުތަކުން އިހުގެ އުންމަތްތަކުގެ މީސްތަކުންގެ ތެރޭގައި “ކިލްފު” އޭ ކިޔުނު މީހެއް އުޅުއްވިކަން ދޭހަވެއެވެ.

ޚިޔާލު ފޮނުއްވާ