Views: 7938 64

ރޮއެ ރޮއެ ވަރުބަލިވެފައިވާ ލައިބާ ސިހުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. ހުދު ޔުނީފޯމުގައި ކޮޓަރިއަށްވަން ނަރުސްކުއްޖާއަށް ވަރަށް ފަރުވާތެރިކަމާއި އެކު ލައިބާއ ބަލާލެވުނެވެ. އެނަރުސްކުއްޖާގެ އަތުގައި ފެހިރަޖާގަނޑެއް އޮތެވެ. ހީވަނީ ތުއްތު ކުއްޖަކު އެރަޖާގަނޑުގެ ތެރޭގައި އޮތް ހެންނެވެ. ލައިބާގެ ހިތް ތެޅިގަތެވެ. ހިތް ނުތަވަސްކަމާއި ބިރުވެރިކަމުން ފުރާލިއެވެ. ކުޑަ އެނދުކައިރިއަށް ހުއްޓި ނަރުސްކުއްޖާ އެއެނދަށް ނަޒަރެއް ދީފައި ދެން އެނބުރުނީ ލައިބާ އާ ދިމާލަށެވެ.

" ކޮބާ އެނެއް ބޭބީ....؟ " ނަރުސްކުއްޖާގެ މޫނުމައްޗަށް އެރި ކުލަވަރުން އޭނާ ކަންބޮޑުވެފައިވާކަން އެނގުނެވެ.

" ގެއަށް ގެންދިޔައީ ......ބޭބީ ޑިސްޗާޖްކޮށްލާފައޭނުން ........" ކުޑަކޮން ވިސްނާލައިފާ ލައިބާ ނަރުސްކުއްޖާއަށް ޖަވާބެއްދިނެވެ. ނަރުސް ހިނިތުންވެލާފައި އައިސް ލައިބާގެ އަތަށް އޭނާގެ އަތުގައި އޮތް ދަރިފުޅު ލައިދިނެވެ. އެވަގުތު އަނެއްކާވެސް ލައިބާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ.

" ބޭބީ މިހާރު ރަނގަޅު ..........މިއަދު ލައިބާމެންނަށް ގެއަށް ދެވޭނެ......." ނަރުސް ޖަވާބުދިނީ ހިނިތުންވެ ހުރެއެވެ. އަދި ލައިބާ އާ ކުޑަކޮން ވާހަކަދައްކަން ހުރެފައި ކޮޓަރިން ނިކުމެގެންދިޔައެވެ. އެއާއެކު ލައިބާ އަނެއްދަރިފުޅުމަތިން ހަނދާންކޮށް ރޮވެންފެށިއެވެ.

****

ކެނޑިނޭޅި އިވެމުންދިޔައީ ޑޯބެލް އަޅާ އަޑެވެ. ޖޫލީ ފާހާނާއިން ނިކުމެގެން ދޮރުހުޅުވަން ވަގުތުނެގިއެވެ. ތަކުރާރުކޮން ބެލްއަށް ފިތާވަރުން ދޮރު ނުހުޅުވިގެން ލަސްވާކަން ހާމަވެއެވެ. ސިޑިން ފައިބައިގެން ދޮރާހަމައަށް ޖޫލީ އައީ ކުޑަކޮން ދުވެލާފައެވެ. ދޮރުމަތީގައި ކުޑަކުޑަ ކުއްޖަކު އުރާލައިގެން ހުރީ ނަވީނެވެ. ރަޖާގަނޑުތެރޭގައި އޮތް ލޯބިލޯބި ފުށްކޮޅުފެނުނު ވަގުތު ޖޫލީގެ މޫނުމަތިން އުފާވެރިކަންފެނުނެވެ.

" މީ އަހަރެމެންގެ ބޭބީތަ؟ " ޖޫލީއަށް ވާޙަކަދައްކަން އުނދަގޫވިއެވެ. ގަބޫލުކުރަން ދަތިވިއެވެ.

" ހޫމް.....ހީ އިޒް މައިން...." ނަވީނަށް ހިނިތުންވެވުނީ ގަދަ ކަމުންނެވެ. ހިތަށް އުނދަގޫވެފައި ނަވީނަށް ހުރެވުނީއެވެ. ނަވީންގެ އަތުން ޖޫލީ ދަރިފުޅުނެގިއެވެ. ނިކަން ނުފަރިތަކަމާއި އެކުއެވެ. ޖޫލީ ދަރިފުޅު އުރައިގެން އިށިއިނީ ސޯފާގައެވެ. ނަވީން ޖޫލީ ކައިރީ އިށިއިނެވެ.

" ތީ އަހަރެން ނަވީންގެ ލޯތްބަށްޓަކާވީ ޤުރުބާނީއެއް......ލޯބިލޯބިންވީ ޤުރުބާނީއެއް ......މުޅި އުމުރަށް އަހަރެން ނަވީންގެ އަންބެއްގެ މަގާމް ބައިންދާދީ އެވަރުން އަހަންނަށް ފުދޭނެ......" ލައިބާގެ އެބަސްތައް ހީވީ ނަވީންގެ ކަންފަތް ބުޑުގައި ގުގުމާހެންނެވެ. ދަރިފުޅު ގެނައި ނަމަވެސް ހިތްހަމަޖެހުމެއް ނަވީނަކަށް އިހްސާސެއްނުވެއެވެ.

ބޭރަށްދާންވެގެން ނިޒާރު ނިކަން އަވަސް އަރުވާލައިފާ ސިޑިން ފައިބައިގެން އައެވެ. ސޯފާގައި ތިބި ނަވީނާއި ޖޫލީ ފެނި އޭނާގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. ޖޫލީގެ އުނގުގައި ކުޑަކުއްޖަކު އޮތުމުން އަދިވަކިން ހައިރާނެވެ ދެލޯބޮޑުކޮށް އެމީހުންނަށް ބަލަން އޭނާއަށް ހުރެވުނެވެ.

" ބައްޕާ....." ޖޫލީގެ މޫނުމަތިން އުފާވެރިކަން ނުގެއްލެއެވެ. ނިޒާރު ނިކަން ބާރުލައިފާ އައިސް އެމީހުން ކުރިމަތީ ހުއްޓުނެވެ.

" ތީ........" ނިޒާރު އުޅުނީ ވާޙަކަދެއްކޭތޯއެވެ. ނިޒާރުގެ ޖުމްލަ ފުރިހަމަ ވިޔަ ޖޫލީ ނުދެއެވެ.

" އާން ބައްޕާ .......މީ އަހަރެންގެ ދަރިފުޅު........." ޖޫލީ އުފަލުން އިނދެ އެހެން ބުނުމުން ނިޒާރަށް ބަލާލެވުނީ ނަވީންގެ މޫނަށެވެ. ނިޒާރު ކަންބޮޑުވެފައި ހުރިތަން ފެނިފައި ނަވީން ތެދުވެތެވެ. އަދި ބައްޕަގެ އަތުގައި ހިފައިގެން އަވަސް އަވަހަށް ބޭރަށް ނިކުތެވެ. ނަވީންގެ މިހަރަކާތުން ޖޫލީ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އެހެނަސް އަތުގައި އޮތް ދަރިފުޅަށް ބަލާލާފައި ހިނިތުންވެލީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބިއްޖެކަން ޔަގީންކުރަމުންނެވެ.

" އެއީ....." އެތެރެއަށް އަތް ދިމާކުރަމުން ނިޒާރު އުޅުނީ ނަވީނާއި ވާހަކަދައްކާށެވެ. އެކަމަކު ހިތަށް އަރައިފައިބަމުންދާ ޝުއޫރުތައް ދުލާ ހަމައަށް ގެނައުމަކަށް ނިޒާރަކަށް ކުޅަދާނައެއްނުވިއެވެ. ޖޫލީ އަތުގައި އެއޮތީ ނަވީނާއި ލައިބާގެ ދަރިފުޅެވެ. އެކުއްޖާ ލައިބާއާ ވަކިކޮށްގެން ގެނައީއެވެ. އެކަން އަމިއްލަ ދެލޮލަށް ފެނުމުންވެސް ނިޒާރަށް ގަބޫލުކުރާކަށް ފަސޭހައެއްނުވިއެވެ. ނަވީން އެފަދަ ބޮޑުކަމެއް ކޮއްދާނެޔޭ ނިޒާރުގެ ހިޔާލަށްވެސް ގެންނަން ދައްޗެވެ.

" އާން ބައްޕާ އެއީ އަހަރެންނާ ލައިބާގެ ދަރިފުޅު......" ނަވީން އެހެން ބުނުމުން ނިޒާރުގެ ދެލޯ ބޮޑުކޮއްލެވުނެވެ.

" ސުބްހާނަﷲ....." ނިޒާރުގެ ޝަހާދަތްއިނގިލި ނޭފަތުގައި ޖައްސާލަމުން ބުނެލިއެވެ.

" ހެޔޮ ނުވާންނުން ދަރިފުޅާ........މަޔަކާއި ދަރިއަކު ވަކިކޮށްލާކަށް ނުވާނެ......ތީ ވަރަށް ބޮޑު ގޯހެއް" ނިޒާރު ކަރުއެލުވާލީ ދެރަވި ވަރުންނެވެ.

" ބައްޕާ.....ޖޫލީއަށްޓަކާ އަހަރެން އެބަޖެހެޔޭނުން ކުއްޖަކު ގެނެސްދޭން .........ދަރިއަކު ނެތީމަ ހާދަ ހިތާމައެއް ޖޫލީ ކުރެޔޭ އަހަރެންނަށޭނުން އެނގޭނީ ........" މޫނު އަނބުރާލަމުން ނަވީން ވާހަކަދެއްކިއެވެ.

" ތި ދަރިފުޅު ގެނައިމަ ލައިބާ ހިތާމަކުރާނެވަރު ނަވީނަށް އެނގޭތަ ؟ " ބައްޕަގެ މޫނަށް ނަވީނަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. ނިޒާރު ހިތްހަމަނުޖެހުނުވަރުން ގެއިން ނިކުމެގެން ދިޔައީއެވެ. ނަވީން ބަގީޗާތެރޭ އިރުކޮޅަކު ހުރެފައިވަނީ އެތެރެއަށެވެ.

******

ބަޝީރާ ފެންވަރާލައި ތާޒާވެލައިގެން ހޮސްޕިޓަލަށް އައެވެ. އައީ އާދިލާމެން ބަޔަށްވަދެ ކާންވެސް ކައިގެންނެވެ. ލައިބާއަށް ކާން ހިފައިގެންނެވެ. ބަޝީރާ ހޮސްޕިޓަލަށް އަންނާތީ ބަޝީރާގެ އަތުގައި ނަސީރަށްވެސް ތަށިބަރި ފޮނުވިއެވެ. ލައިބާ ކައިރިއަށް ދިއުމުގެ ކުރިން ފުރަތަމަ ބަޝީރާ ދިޔައީ ނަސީރު ބާއްވާފައި އޮތް ޕުރައިވެޓް ރޫމަށެވެ. ދޮރުހުޅުވާލިއިރު ނަސީރު އޮތީ ފޮތެއް ކިޔާށެވެ. ކައިރީގައި އާދިލާ އިނީ ހިސާބަކަށް ނިދިޖެހޭގޮތްވެފައެވެ. ދެމީހުންގެ ދެމެދަށްވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެވެ. ހިތާ ދެކޮޅަށް ބަޝީރާ ކޮޓަރިތެރެއަށްވަނެވެ.

" އަހާން ބަޝީރާ..........." އާދިލާ ހިނިތުންވެލާފައި އެހެން ބުނެލިނަމަވެސް ހިތުގައި އުފެދިފައިވަނީ ހައިޖާނެވެ. ނަސީރު ބަޝީރާއަށް ގޮވި އަޑުއިވުނު ފަހުން އާދިލާގެ ހިތަށްހަމަޖެހުމެއް ނުލިބެއެވެ. ނަސީރުވެސް ފޮތް ތިރިކޮއްލާފައި ދޮރާދިމާއަށް ބަލާލިއެވެ.

ނަސީރު ބަލާލުމުން ބަޝީރާއަށް ހީވީ ބިންމަތީގައި ދެފައި ތަތްލިހެންނެވެ.

" ކާން ހިފައިގެންދޯ ތިއައީ......" އާދިލާ ވާހަކަދެއްކުމުން ބަޝީރާ ކުޑަކޮން ސިހުނެވެ. އަތުގައި ހުރި ތަށިބަރި އާދިލާއާ ދިމާލަށް ދިއްކޮށްލިއިރުވެސް ނަޒަރު ހުއްޓިފައިވީ ނަސީރުގެ މޫނަށެވެ. އެކަން އެހެން ފަހަރެއްގައި ފާހަގަ ނުކުރެވޭހާ ބޮޑަށް އާދިލާއަށް ފާހަގަކުރެވުނެވެ.

" ބަޝީރާ.....އަހަރެން އެބައަންނަން ފެންފުޅިޔަކާއި ޓިސޫފޮއްޓެއް ގަނެގެން........މަޑުކޮއްލަންވީނުން އަހަރެން އަންނަދެން ........" ހިތާދެކޮޅަށް ބަޝީރާ ބޯޖަހާލިއެވެ. އާދިލާ އަތްދަބަސް ހިފައިގެން ކޮޓަރިން ނިކުތީ ނަސީރު ކައިރީވެސް ބުނެފައެވެ. ގޮނޑީގައި އިށިއިންނާކަށް ބަޝީރާ ބޭނުމެއްނުވިއެވެ. ބަޝިރާ މަޑުކޮއްލީ ކުޑަދޮރުކައިރީގައެވެ.
" އެއީ އަހަރެންގެ އަންހެނުން އާދިލާ......." ނަސީރުގެ އަޑުކަންފަތުގައި ޖެހުމުން ބަޝީރާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.

" ބަޝީރާ އާ ދިމާވިއިރު އަހަރެންނާއި އާދިލާގެ ކައިވެނިކުރެވިއްޖެ...." ބަޝީރާއަށް ބޭޢިހްތިޔާރުގައި ނަސީރާ ދިމާލަށްބަލާލެވުނެވެ. ނަސީރުވެސް އޮތީ ބަޝީރާއާ ދިމާލަށް ކަޅިޖަހާނުލާ ބަލާށެވެ. ބަޝީރާއަށް ނަސީރު އާ ދިމާވެ ދެމެދުގެ ގުޅުން އެހާ ގާތްވިއިރުވެސް ނަސީރަކީ މީހެއްގެ ފިރިއެއްކަމެއް ނޭގެއެވެ. ނަސީރު ނުވެސްބުނެއެވެ. ހުރިހާ މާނައެއްގައިވެސް ނަސީރު އޮޅުވާލީކަން މިހާރު ބަޝީރާއަށް ޔަގީނެވެ.

" ލޯތްބަކުން ކުރެވުނު ކައިވެންޏެއްނޫން އެއީ .....މައިންބަފައިން މަޖްބޫރުކޮއްގެން ..........." ނަސީރު ހިތްދަތިވެގެން ދެލޯމަރާލިތަން ބަޝީރާއަށް ފެނުނެވެ.

" ބަޝީރާމެން ރަށަށް ދިޔައިރު އަހަރެމެންނަށް އައްފާން ލިބިއްޖެ....ދަރިއަކު ލިބުނީމަވެސް އަހަރެންނަށް އާދިލާ ދެކެ ލޯބިނުވެވުނު .......ދަރިފުޅު ދެކެވެސް......" ނަސީރު އޮތީ އެވާހަކަތައް ހިއްސާކުރަން ބޭނުންވެފައެވެ. މިހާތަނަށް އެއްވެސް މީހަކާ އޭނާ އެވާޙަކަތައް ހިއްސާކޮށްފައެއް ނުވެއެވެ. ބަޝީރާގެ ރަށަށް ގޮސް ދެމީހުން ރައްޓެހިވެ ދެމެދުގައި ގާތް ގުޅުމެއް އުފެދުނަސް ނަސީރު އެވާހަކަތައް ހިއްސާކޮށްފައެއް ނުވެއެވެ.

" އަހަރެން ހަމައެކަނި ލޯބިވީ މީހަކީ ބަޝީރާ" ބަޝީރާއަށް ހީވީ ފިނިފިނި އަތަކުން އޭނާގެ ޒަހަމްވެފައިވާ ހިތުގައި މީހަކު ފިރުމާލިހެންނެވެ. އެވަގުތަކީ އާދިލާ ނަސީރު އޮތް ކޮޓަރިއަށް ވަންނަން އައި ވަގުތެވެ. ކުޑަކޮން ހުޅުވިފައިވާ ދޮރުކައިރީ އާދިލާ މަޑުކޮށްލެވުނީ އިވުނު އަޑު ޔަގީން ނުކުރެވިގެންނެވެ. ނަސީރަކީ މާބަސް ގިނަ މީހެއް ނޫނެވެ. ފެންނަ ކޮންމެ މީހަކާ ވާހަކަދައްކާ އުޅޭ މީހެއްވެސް ނޫނެވެ. އެއަޑު އިވިފައި އާދިލާގެ ހިތްކުދިކުދިވިއެވެ.

" އެއީތަ ނަސީރު ލޯބިވާ މީހަކީ............." އާދިލާ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އެތެރެއަށް ވަންނާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ބޭނުންވީ ނަފްސު ހަމަޔަކަށް އަޅުވާލަންށެވެ.

" ދެން ކީއްވެ އަހަންނަށް އެހާ ބޮޑު ދެރައެއްދިނީ ލަނޑެއްދިނީ........" ބަޝީރާއަށް ދޫހިމޭނުން ލައިގެން ނުހުރެވުނެވެ. ދުލުން ބުނެފައިވި ފޮނި ބަސްތަކާއި ނަސީރުގެ އަމަލު ދިމަލެއްނުވެއެވެ. ބަޝީރާގެ ހިތުގައިވީ ޝަކުވާއެވެ.

" ކީއްވެ ތިހެން ތިބުނަނީ.....އަހަރެން ބަޝީރާއަކަށް ލަނޑެއް ނުދެން .......ދެރައެއްވެސް ނުދެން........"

" އަހަރެން ތިރަށުން އައީ ބައްޕަ ބަލިވެގެން.......އަހަރެން އާއިރު ބައްޕަ އޮތީ ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައި.......ބައްޕަ ރަނގަޅު ވެލީމަ އަހަރެން އުޅުނީ އެނބުރި ބަޝީރާ ކައިރިއަށްދާން........ދަބަހަށް އެއްޗެހި އަޅައިގެން ނިކުތީ ގޭމީހަކަށް ނޭގި ފިލައިގެން.........ލޯންޗު ނައްޓާލަދާނެތީ ދުއްވައިގެނެވުނީ މަގުމައްޗަށްދޭންވީ ސަމާލުކަން ނުދީ.................ބާރު ސްޕީޑްގައި ދުއްވާފައި އައި ޕިކަޕަކުން ޖެހި އަހަރެން އެކްސިޑެންޓްވީ........." ބަޝީރާއަށް ލިބުނު ސިހުމާއި އެކު އަނގަމަތީ އަތް އަޅާލެވުނެވެ.

" ކަނާތްފައި ކަކުލުން ތިރި އެއްކޮން ޗިސްޗިސްވީ ........އަނެއްފައި ބިނދުނީ.......ފައިޖެހުނީ ބުރިކޮއްލަން..........އަހަރެން އުމުރަށް ނުކުޅެދޭ މީހަކަށްވީ........އަހަރެން ދެފައިން ހިނގޭނަމަ ބަޝީރާ ހޯދަން އަހަރެން ދިޔާމުސް .........ތަގްދީރު އަހަރެމެން ދެތަން ކުރުވީ ..........." ނަސީރުގެ ލޮލުން ކަރުނައާއިރު ބަޝީރާ ގިސްލަ ގިސްލާފައި ރޮނީއެވެ. ނަސީރާއި މެދު ބަޝީރާ ވިސްނީ ވަރަށް ގޯސްކޮންނެވެ. އޭނާޔަށް ކެހިދީފައި ފިލީ ކަމަށެވެ. އެކަމަކު މިއަދު ހަގީގަތް އެނގުމުން ބަޝީރާ ވަރަށް ބޮޑަށް ދެރަވިއެވެ. އެހިތަށް ވަރަށް އަސަރުކޮށްފިއެވެ.

ދޮރުކައިރީ އެމީހުންގެ ވާހަކަތައް އަޑުއަހަންހުރި އާދިލާއަށް ހީވީ ޒަހަމްވެފައިވާ އޭނާގެ ހިތް އިތުރަށް ވަޅިއަޅާ ކުދިކުދިކޮށްލިހެންނެވެ. ދެލޮލަށް ބަރުވެގެން އައި ކަރުނަތައް ކޯތާފަތްމައްޗަށް އޮހިގަތެވެ. އާދިލާ ކައިރިއަށް އައިސް އައްފާން ހުއްޓުނު ކަމެއް އޭނާ ނުދެނަހުއްޓެވެ. ވަށައިގެންވީ އެއްވެސް ތަނެއް އޭނާޔަށް ނުފެންނަ ކަހަލައެވެ. މަންމަ ރޯތަންފެނި އައްފާންގެ ހިތުގައިވެސް ބިރުވެރިކަން އުފައްދާލިއެވެ. ބައްޕައަށް ކަމެއް ވިއްޔޭ ހިތާ ދޮރުހުޅުވާލެވުނެވެ. ކޮޓަރިތެރޭ ގުގުމަމުންދަނީ ރުއިމުގެ އަޑެވެ. ގިސްލުމުގެ އަޑެވެ. އައްފާން އެއްފިޔަވަޅު ކުރިއަށް އަޅާލިއެވެ. އައްފާން ކޮޓަރިއަށް ވަންނަތަން ފެނި އާދިލާގެ ދެލޯ ބޮޑުވިއެވެ. އެހެނަސް އޭނާޔަށް އަނގައިންނެތް ނުބުނެވުނެވެ. އިންތަނުން ތެދުވެގެން ގޮސް އުޅުނީ އައްފާން ހުއްޓުވާށެވެ.

" ލައިބާއަކީ ނަސީރުގެ ލޭ........އެއީ ނަސީރުގެ....." އެތަނުގައި ހީވީ ބާރުގަދަ ބޮމެއް ގޮވިހެންނެވެ. އެންމެންނަށް ސިހުން ލިބުނެވެ. މިއޮއް ހުރިހާ ދުވަހު ބަޝީރާ ސިއްރުކޮށްފައިވާ ހަގީގަތް ހާމަކުރިއެވެ. ނަސީރުއަށްވެސް ބުނާނެ އެއްޗެއް ނޭގުނެވެ. އައްފާން ކޮޓަރިން ނިކުންނަން އެނބުރިލިއެވެ. ރޮވިފައި ހުރި އާދިލާ ބަސްހުއްޓިފައި ދޮރުމަތީ ހުއްޓެވެ. ހީވަނީ އެއްވެސް ދިރުމެއްނެތް މީހެއްހެންނެވެ. ބަޝީރާ އާއި ނަސީރަށް އެހެން ބަޔަކު އެމީހުންގެ ވާޙަކަތައް އަޑުއަހަން ތިބިކަމެއް ނުދެނަ ހުއްޓެވެ. ދެމެދުގައި އޮޅުން ނުފިލާ ހުރި އެތަށް ހާސް ވާހަކަތަކެއްވިއެވެ.

އައްފާނަށްވެސް ބުނާނެ ބަހެއް ނޭގުނެވެ. އާދިލާވެސް އިހްތިޔާރުކުރީ ހިމޭންކަމެވެ. މަންމަ އަތުލަފަކޮއްގެން ގެނެސް ގޮނޑިބަރީގައި އައްފާން ބައިންދާފައި ކައިރީ އޭނާވެސް އިށިއިނެވެ. އައްފާންގެ ކޮނޑުގައި ބޯއަޅާލައިގެން އިނދެ އާދިލާ ރޮމުން ގެންދިޔައެވެ. އިވުނު އަޑުން އައްފާނަށްވެސް އިނީ ޝޮކެއް ލިބިފައެވެ.

" ރަށުމީހުންގެ މަލާމާތާއި ފުރައްސާރައިން އަހަރެން ވޭތުކުރީ ހިތްދަތި ދުވަސްތަކެއް.....މަންމަޔާއި ބައްޕަވެސް ނިމިދިޔައީ އެހިތާމައިގައި ......." ވާހަކަދައްކަން އުނދަގޫވެގެން އިރުއިރުކޮޅާއި ބަޝީރާ ހުއްޓާލައެވެ.

"އަޅެ ކޮންމެވެސް ގޮތަކުން އަހަންނަށް އަންގާލިނަމަ........" ނަސީރަށްޓަކާއި ބަޝީރާ ވީ ބޮޑުގުރުބާނީއެކެވެ. އެކަން އެނގުމުން ވަކިން ބޮޑަށް ނަސީރު ހިތްދަތިވިއެވެ. ބަޝީރާގެ ޒުވާން އުމުރު ނަގާލީ ހިތްދަތިކަމުގައެވެ. އެހާ ނިކަމެތި ހާލުގައި ދަރިއަކު ބަލާ ބޮޑުކުރުމަކީ ފަސޭހަކަމެއްނޫނެވެ. އެވެސްއަދި އެކުއްޖާގެ ބައްޕަގެ އެހީއާ ނުލައެވެ.

" އަހަންނަކަށް ނަސީރުއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭގޭ....މާލޭގެ އެޑްރެހެއްވެސް އަހަނަކަށް ނޭގޭ........" އަޅައިގެން ހުރި ބުރުގާގެ ކަމުން މޫނު ފޮހެލިއެވެ.

" އެމަންޖެ ފެނިފަ ދަންނަ ފާޑުޖެހިޔޭ.........." ލައިބާ ފުރަތަމަ ފެނުނު ދުވަހުގެ ހަނދާން އާކުރަމުން ނަސީރު ބުނެލިއެވެ.

" ކޮބާއިތަ އެމަންޖެ ؟ ވަރަށް ދެކޭ ހިތްވެއްޖެ......އެނގޭނެތަ އަހަރެން މީ ބައްޕަކަން..........."ނަސީރު ގަދަކަމުން ހިނިތުންވެލިއެވެ. ބަޝީރާ ބޯ ހޫރާލިއެވެ. ނޭގޭނޭ ބުނުމަށެވެ.

" އަހަރެން ދަނީ އަހަރެން ނައިސްގެން ލައިބާ ހުންނާނީ ކަންތައް ބޮޑުވެފައި......" ކަބަޑްމަތީގައި ހުރި ކޮތަޅު ހިފައިގެން ބަޝީރާ ހިނގައިގަތެވެ.

" އަހަރެން އަދިވެސް ވާހަކަދައްކާލަން ބޭނުން........." ނަސީރު ކުޑަކޮން ބޯއުފުލާލަމުން ބުނެލިއެވެ.

" އަހަރެން ދަނީ ފަހުން ދެން..." ބަޝީރާ އަވަސް އަރުވާލައިފާ ހިނގައިގަތެވެ. އަމިއްލަ ހިތުގައި ފަސްއަޅާ ފޮރުވާފައިވާ ހުރިހާ ވާޙަކައެއް ހާމާކުރެވުނީތީ ބަޝީރާއަށް ހާސްކަން ލިބެމުންދެއެވެ. އެކަމާ ޖެހިލުންވެ ހުރެ އެކޮޓަރިން ނިކުތެވެ. ގޮނޑިބަރީގައި ތިބި އައްފާނާއި އާދިލާ ފެނި ހުއްޓުން އެރިއެވެ. އެމީހުން ބަލާލި ގޮތުންވެސް ބަޝީރާ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އާދިލާ ބަޝީރާ ފެނުމުން ތެދުވެތީ ދެލޯ ފޮހެލަމުންނެވެ.

" އަހަރެން މި....މިދަނީ......." ބަޝީރާ އަޑުވެސް ތުރުތުރު އަޅައެވެ. އާދިލާ ބޯޖަހާލިއެވެ. އެނބުރި ލައިބާ އޮތް ކޮޓަރިއަށް ދިޔައިރު ބަޝީރާގެ ހިތުގައި އެނބުރެމުންދަނީ ދެންމެ ކަންތައްވީ ގޮތެވެ. ނަސީރު އާ ހިއްސާކުރެވުނު ވާހަކަތަކެވެ. އަމިއްލަ ނަފުސަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ނަމަވެސް ކަންބޮޑުވަނީ އާދިލާ އާ މެދުއެވެ. އައްފާނާއި ލައިބާއަށް ހަގީގަތް އެނގިދާނެތީއެވެ. ކޮއްކޮއެއްގެ ގޮތުގައި އައްފާން ބަލައިނުގަނެދާނެތީއެވެ. ނަސީރުގެ ދަރިއެއްކަން އެނގޭ ހިސާބުން އާދިލާގެ އެއެހީތެރިކަން ނުލިބިދާނެތީއެވެ.

ލައިބާ އޮތް ކޮޓަރިއަށްވަން އިރު ލައިބާ އިނީ އެކަންޏެވެ. ނަވީނެއްނެތެވެ. ލައިބާ އިނީ ކުޑަމީހާއަށް ބުއްޖައްސާށެވެ.

" ނަވީން ދިޔައީތަ ؟ " ބަޝީރާ އައީ ލައިބާ އާ ދިމާލަށެވެ. އެސުވާލަށް ޖަވާބުދޭން ލައިބާއަށް ފަސޭހައެއް ނޫނެވެ. ނަވީން އެދިޔައީ އޭނާގެ ފުރާނައިން އެއްބައި ހިފައިގެންނެވެ.

" ހޫމް......." ހަމައެކަނި ލައިބާ އެވަރުން ފުއްދާލީއެވެ. ބުއްދީފައި ލައިބާ ދަރިފުޅު ދުރުކޮށްލިއެވެ. ބަޝީރާ ލައިބާ އަތުން ދަރިފުޅު ނަގާ އުރާލިއެވެ. އެވަގުތު އެއީ ފިރިހެން ދަރިފުޅު ނޫންކަން ބަޝީރާއަށް އެނގުނެވެ. އަންހެންދަރިފުޅު ކޮލުގައި ނަވީންގެ ކޮލުގައި އިންނަ ކަހަލަ ބޮޑުބޮޑު ކަޅުތިލައެއް އިންދެއެވެ.

" މިމަންޖެ ގެނައީ ކޮން އިރަކު .....؟ " ހިނިއައިސްފައި ބަޝީރާ ބަލާލީ ލައިބާއަށެވެ. އިސްޖަހާލައިގެން އިންއިރު ލައިބާގެ ލޮލުންވަނީ ކަރުނަ ހިލިފައެވެ. ލައިބާ ޖަވާބެއް ނުދިނެވެ. ބަޝީރާ " އޫއޫން " ކިޔަމުން ގޮސް ހުއްޓުނީ ކުޑައެނދުކައިރީގައެވެ. ކުޑަ އެނދުހުސްކޮން ހުރުމުން ބަޝީރާއަށް ދެލޯ ބޮޑުކޮއްލެވުނެވެ.

" ކޮބާ؟ އެސޮރު......ކޮންތާކަށް އެސޮރު ގެންދިޔައީ ......؟ " ބަޝީރާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

" ނަވީން ގެންދިޔައީ......" ހިތި ބޭސްގުޅައެއް ދިރުވާލަންވެސް އެހާ އުނދަގޫ ނުވާނޭކަން ޔަގީނެވެ. ހަގީގަތަކީ އެހާވެސް ހިތި އެއްޗެކެވެ. އިސްޖަހާލައިގެން އިންނަމަވެސް ލައިބާގެ ދެލޮލުން ފޭބި ކަރުނަ ބަޝީރާއަށް ސިއްރެއް ނުވިއެވެ.

~ ނުނިމޭ ~

 1. Avatar

  Avahah hurihaa kudhin comment kuran aadhey …..erah dhw writer ah engeynee kiuntherin dhekeay goi….kamudhanyaaves nudhanyaaves……salhi eyhama mi baives …..

  13
 2. Avatar

  V reethi but thankolheh kuree…i think e kalhuthilain dhww e kuda kujjaa a ee naveen ge kideh kan engeynee boduvegn dhimaa vaane irakah waitinig waiting ..

  13
 3. Avatar

  ދެން ބައްޕަގެ ލޯބި ދޭން ބޭނުމިއްޔާ ދެ ކުދިންވެސް ދޭންވީނު، ވަރަށް ފޫހިވެއްޖެ. ބަޝީރާ މަޑުން ނުހުންނާތި މިފަހަރު.

  19
  1

ޚިޔާލު ފޮނުއްވާ