Views: 7721 62

...............

ހޮސްޕިޓަލަށް ގެނައި އިރަށްވުރެން ނަސީރުގެ ހާލު ރަނގަޅެވެ. ނިދިފައި އޮތުމުން އާދިލާ ގޮސް ހުއްޓުނީ ކުޑަދޮރުކައިރީގައެވެ. ދޮރުފޮތިގަނޑު ކަހާލާއި ބޭރުބަލާލިއެވެ. މޫނުމަތީގައި ބީހުނު ވައިރޯޅިން ބުނެދޭން ނޭގޭ އިޙްސާސެއް ކުރުވިއެވެ. އޮއްސެމުންދިޔަ އިރުގެ ރަންދޯދިތަކުން އުދަރެސްވަނީ ފަވާލާފައެވެ. އެމަންޒަރު ބަލާފޫހިނުވާނޭކަން ޔަގީނެވެ. އާދިލާގެ ތުންފަތްމައްޗަށް އުފާވެރިކަން ގެނުވިއެވެ.
" ބަޝީރާ.....ބަޝީރާ......." އާދިލާ ސިއްސައިގެން ދިޔައެވެ. ދެލޯ ބޮޑުވިއެވެ. މީހާ ގަބުވެފައި ހުއްޓާ ތިންވަނަ ފަހަރަށްވެސް އެނަމުން ގޮވާލައިފިއެވެ. އާދިލާގެ ހަށިގަނޑު ތުރުތުރު އަޅައިގެންދިޔައިރު މީހާގެ ދެލޯ ފެންކަޅިވެއްޖެއެވެ. ނަސީރު އޮތީ ދެލޯ މަރާލައިގެންނެވެ. ބަލިކަށި އަޑަކުން ކެނޑިނޭޅި ގޮވަމުންދަނީ ބަޝީރާއަށެވެ. އާދިލާ ބަރު ފިޔަވަޅުތަކެއް އަޅަމުން ގޮސް ނަސީރު އޮތް އެނދުކައިރިއަށް ހުއްޓުނެވެ. އަދި ނަސީރުގެ އަތުގައި ހިފާލިއެވެ. ނަސީރުގެ ދުލުން އިވެމުންދާ ނަން ތަކުރާރްވާން ނޭދޭކަން އާދިލާގެ މޫނުމަތިން ހާމަވެއެވެ. ސިހިފައި ނަސީރު ލޯހުޅުވާލިއެވެ. ކުރިމަތީގައި ރޮވިފައި ހުރި އާދިލާ ހުއްޓާވެސް އޭނާގެ ދެލޯ ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލިއެވެ. ހީވަނީ އެތަނުން އެހެން މީހަކު ފެންނަން ނަސީރު ބޭނުންވާ ހެންނެވެ.
" ކާކަށްތަ ތިގޮވަނީ........." އާދިލާ ހިނިތުންވެވޭތޯ މަސައްކަތްކުރިއެވެ. ނަސީރު ބަލަހައްޓައިގެން އޮތް ގޮތުން ޖަވާބުދޭން ބޭނުން ނުވާކަން އެނގުނެވެ.
" ކޮން ބަޝީރާ އަކަށްތަ ތި ގޮވަނީ........" އާދިލާ އެސުވާލުކުރީ އަމިއްލަ ހިތްމަތީ އަތްއަޅާލާ ހާލުއެވެ. އެނގޭކަމެއް ނޭގޭކަމަށް ހަދައިގެން ހުންނަން އާދިލާ ބޭނުންނުވީއެވެ. އާދިލާގެ ދުލުން ބަޝީރާގެ ނަން ބުނެލުމާއެކު ނަސީރަށް ތެޅިގަނެވުނެވެ. ސިހުމާއި ނުތަނަވަސްކަން އެމޫނުމަތިން ސިއްރުނުވެ ފެންނަން ހުއްޓެވެ.
" އޫ......ނުގޮވަން އެއްވެސް މީހަކަށް ނުގޮވަން......." ނަސީރުގެ ނިތްކުރިމަތީގައި ކުދިދާތިކިތައް ވިދަންފެށިއެވެ. ހަގީގަތާއި ކުރިމަތި ނުލެވިގެން އުޅޭހެން ނަސީރުގެ ކޮންމެ ހަރަކާތަކުން ހެކިދެއެވެ.
" އެކަމަކު އަހަރެން އެހީމޭ .........."
" ތިވާނީ ހީވިގޮތަކަށް.......އަހަރެންނަށް ފާޑެއްގެ ހުވަފެނެއް ފެނުނީ ..........." ލޮލުގެ ހިމަކޮޅުން އާދިލާއަށް ބަލާލަމުން ނަސީރު ބުނެލިއެވެ. އަދި އަވަސްއަވަހަށް އާދިލާއަށް ނުބަލަން މޫނު އަނބުރާލިއެވެ.
" އަހަންނަށް ހީވިގޮތެއްނޫން އެ............ އަހަރެން ހިތަށް އަރާ އަމިއްލަ ނަފްސަށް އޮޅުވާލައިގެން ކިހާދުވަހެއްވަންދެން ނަސީރު އުޅޭނެބާއޭ؟ " އާދިލާ އަޑުގައިވީ ރިހުމެވެ.
" ޔަގީނުންވެސް ތިހިތުގައި ކޮންމެވެސް މީހަކަށްވަނީ ޖާގަދީފައި .........އަހަންނަށް އެނގޭ އެއްޗަކީ އެނަސީބުވެރިޔަކީ އަހަރެން ނޫންކަން...." ދެލޮލުން ފޭބި ކަރުނަޔާއި އެކު އާދިލާގެ ގިސްލުމުގެ އަޑު ގުގުމާލިއެވެ. އެއާއެކު އާދިލާ އަނގަމަތީ އަތް އަޅައިގެންގޮސްވަނީ ފާހާނާތެރެއަށެވެ. ދެލޮލުން ފޭބިކަރުނަތައް ހިފަހައްޓާނުލެވުނީއެވެ. ބަދަލުގައި ލޯބިލިބޭނޭކަމަށް ލޯބި ދިނުމަކީ ރާޅު ފޮނުލާ ފަށުގައި ދޮންވެލިން ގެހެދުން ކަހަލަކަމެކޭ ބުނާތީ އޭނާވެސް އަހައެވެ. އަމިއްލައަށް އިޙްސާސްކުރެވުމުން ނޫނީ އެއީ ކިހާ ވޭނެއްހުރި ކަމެއްކަން ނޭގޭނެއެވެ. ފާހާނާތަށިމަތީ އިނދެގެން އާދިލާ ބޭނުންވީ ހިތްފުރެންދެން ރޯލުމަށެވެ. ނަސީރު ކައިރިން އެއްވެސް އެއްޗެއް އޮޅުން ނުފިލާނޭކަން އޭނާޔަށް ޔަގީނެވެ. ނުބުނަން ހިފަހައްޓައިގެން ހުރި ބަސްތަކެއް އޭނާގެ ދުލުން ނީވޭނޭކަން އާދިލާއަށް ޔަގީންވެއެވެ. އާދިލާ ދިޔަ ދިމާލަށް ބަލަން ނަސީރު އޮތް އިރު އެމޫނުމައްޗަށް އެތަށް ހާސްވާހަކައެއް އަރާފައިބަމުންދެއެވެ.
" ބަޝީރާ...." އެނަން ހިތާހިތުން ކިޔާލިއިރު މޭގައި ހިފާފައި ހުރި ރިހުމަށް ލުޔެއް ނުލިބެއެވެ. ނަސީރުގެ ކުށެއްނެތްކަން އަންގަން އޭނާ އޮތީ ވަރަށް ބޭނުންވެފައެވެ. އެއްވެސް މީހެއްގެ ބަދުދުއާއެއް ލިބެން އޭނާ ނޭދެއެވެ. ހަށިގަނޑާއި ފުރާނަވަކިވުމުގެ ކުރިން މާފްލިބެންޖެހޭ މީހުންގެ ފަރާތުން މާފު ހޯދަން އޭނާ އިންތިހާއަށް ބޭނުންވެއެވެ. އެހެނަސް އެކަން ވާން އޮތީ ބަޝީރާވެސް އޭނާ ދައްކާ ވާޙަކަ އަޑު އަހައިގެންނެވެ. ބަޝީރާ އާ ހަމައަށް ދެވުނީހީވެސް އޭނާގެ ދެފައި މައްޗަށް ކޮޅަށް ހުރެވޭ ނަމައެވެ. ހިނގޭނަމައެވެ. އެނިއުމަތުން އޭނާވަނީ ތާއަބަދަށް މަހްރޫމްވެފައެވެ. އަލަތު ލޯބިން މަހްރޫމްވީ ފަދައިންނެވެ.
*****
ސަރުމީލާމެން ދެމަފިރިންގެ މޫނުމަތިން އުފާވެރިކަން ފިލައިގެންނުދެއެވެ. އެހާ ޒުވާން އުމުރުގައި މާމަ ކާފަ ކިޔުމަކީ އެތަށް ހާސް އުފާވެރިކަމެވެ. ސަރުމީލާ އިނީ ކުޑަމީހާ ރީތިކުރާށެވެ. ޖަލީލް ގަނެގެން ގެނައި ކުޅޭ ސާމާނުތައް ފަހަރަކު އެއްޗެއް ކަނޑާލައިގެން ކުޑަމީހާއަށް އެދައްކަމުންދާއިރު ހޭޖެހޭ ބޮޑުމީހެކޭ ހީވެސްނުވެއެވެ. ސަޖާ އެނދުގައި އޮށުވެ އޮތްއިރު މާޙިލްގެ ފޯނުން ބަލަމުން ދިޔައީ ނަންތަކެކެވެ. ބަނޑުބޮޑުއިރުން ފަށައިގެން އަދިވެސް ދެމީހުން އެއްބަސްވެވޭނޭ ނަމެއް ނުފެނިގެން ހީވަނީ ދެންމެ ދެންމެ ކޯޅިގަނެދާނެހެންނެވެ. ނަވީނާއި ޖޫލީ ސަޖާއޮތް ކޮޓަރިއަށްވަނެވެ. ސަޖާއަށް ގޮވާލަން ޖޫލީ ނަވީން ގެނައީ ގަދަކަމުންނެވެ. އަތްގުޅި ނުކާވަރުގެ ބޮޑު ޕާރުސަލާއިއެކުވަން ޖޫލީއަށް ސަމާލުކަން ދިނީ ސަޖާޔާއި މާހިލް އެކަންޏެވެ. ސަރުމީލާ އާއި ޖަލީލްގެ ސަމާލުކަން އަތުލައިފައިވަނީ އެމީހުންގެ ކުޑަކުޑަ ދޮންފުތެވެ. ނަވީން ފެނުމުން މާހިލް އިންތަނުން ތެދުވެތެވެ. ދެމީހުން ކޮނޑާއި ކޮނޑުޖައްސާ މަރުހަބާ ކިޔެވެ. ޖޫލީ ގެނައި ޕާރުސަލް އެއްފަރާތެއްގައި ބެހެއްޓުމަށްފަހު ސަޖާ އޮތް އެނދުގެ މިޔަދޮށުގައި އިށިއިނެވެ. އޭނާގެ ނަޒަރު ހުއްޓުނީ ސަރުމީލާ އަށާއި ޖަލީލަށެވެ. ސަޖާއަށް ދަރިއަކު ލިބިގެން އުފަލުން އުޅޭތަން ފެނުމުން ޖޫލީގެ ހިތުގައި ކޫރުންއެޅުނެވެ. ހިތްދަތިވިއެވެ.
" ޖީޖޫ.......ނިކަން ރީތި ނަމެއް ބުނެބަލަ ބޭބީއަށް ކިޔާނެ.........އަހަރެންނަށް ރީތިވާ ނަމެއް މާހިލަކަށް ކަމަކު ނުދޭ ........." މާހިލް އަތު ހިކަނދިމަސްގަނޑުގައި ސަޖާ ތަޅައިގަތެވެ. މާހިލް އަތު ހިކަނދިމަސްގަނޑުގައި ސަޖާ ތަޅައިގަންނަމުން ބުންޏެވެ. މާހިލް ފޯނު އުފުލާލާފައި ދައްކާލީ އޭނާ ބަލަމުންދާ ނަންތަކެވެ. ނަވީންވެސް މާހިލް އާ ކައިރިވެލައި އެނަންތައް ބަލަން ފެށިއެވެ. އޭރު އޭނާގެ ސިކުނޑީގައިވެސް އެނބުރެމުންދިޔައީ އޭނާގެ ކުދިންނަށް ކިޔާނޭ ނަމަކާއި މެދުއެވެ. މިހާރު ލައިބާވެސް ނަވީންގެ ބައްޕަވެސް ކުދިންނަށް ނަމެއް ކިޔުމާއި ބެހޭ ގޮތުން ވާހަކަދައްކައިފިއެވެ. އެހެންނަމަވެސް ނަވީނަށް އަދި އެކަމާ އުޅެވޭ ގޮތެއް ނުވެއެވެ.
އެކޮޓަރިތެރޭގައި ޖޫލީއިނީ ހިމޭންވެފައެވެ. ފެންނަމުންދާ މަންޒަރުތަކުން ޖޫލީގެ ހިތަށްވަނީ އިންތިހާއަށް އަސަރުކޮށްފައެވެ. ޖޫލީ އަކީ ސަޖާގެ ދައްތައެވެ. ސަރުމީލާ އާއި ޖަލީލްގެ ދޮށީދަރިފުޅެވެ. ޖޫލީގެ މައިންބަފައިންނަށް މާމަ ކާފަ ކިޔަން އެންމެފުރަތަމަ ބޭނުމީ ޖޫލީގެ ދަރިއަކުއެވެ. އެހެނަސް ތަޤްދީރުގައި އެގޮތަށް ރޭވިފައި ނެތީއެވެ. އެމަންޒަރުތަކުން ޖޫލީގެ ހިތަށް އިންތިހާއަށް އުނދަގޫ އިހްސާސްކުރެވުނެވެ. ތެދުވެގެން ސަރުމީލާ އާ ދިމާއަށް ޖޫލީ ހިނގައިގަތެވެ. ކައިރިއަށް އައިސް ޖޫލީ ހުއްޓުމުންވެސް އޭގެ ދެމީހުން ބަލައިވެސް ނުލައެވެ. ޖަލީލްގެ އަތުގައި އޮތް ބޯޅައެއް ކުޑަމީހާއަށް ދައްކަދައްކާފައި ކާފަ އެކީ ކުޅެން އަންނާށޭ ކިޔައެވެ. ސަރުމީލާވެސް އޭނާ އަތުގައި އޮތް ކުޅޭ އެއްޗެއް ދިއްލާލާފައި ކުޑަމީހާ މޫނާ ކައިރިކޮށްލާ އެއްޗެއް ބުނެލައެވެ. ހީވަނީ ކުޑަދެކުދިންނަށް އަލަށް ތުއްތުކުއްޖަކު ފެނުމުން އުޅޭހެންނެވެ.
" މަންމާ....." ސަރުމީލާ ކޮނޑުގައި އަތް ޖައްސާލަމުން ޖޫލީ ގޮވާލިއެވެ. ދެމަފިރިން ޖޫލީއަށް ބަލާލީ އެކުއެކީއެވެ. އޭރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ކުޑަމީހާއަށެވެ.
" ގެނޭ އަހަރެން އުރާލަން....." ޖޫލީގެ އަޑުގައިވީ އާދޭހެވެ. ފެންކަޅިވެފައިވާ ދެލޮލުން ޖޫލީގެ ހިތުގައި މައިވަންތަކަމުގެ ލޯބި އުތުރިއަރާކަން ހެކިދެއެވެ. އޭނާ ކެތްތެރިކަން ކުޑަވެފައިވާ ވަރު ހާމަވެއެވެ. ސަރުމީލާއަށް ބަލާލެވުނީ ޖަލީލްގެ މޫނަށެވެ. ޖަލީލް ބޮލުގެ އިޝާރާތުން އެދުނީ ޖޫލީ އެބުނާ ކަމެއް ކޮއްދިނުމަށެވެ. ޖަލީލް އެއްފަރާތަށް ޖެހިލުމުން ޖޫލީ އެޖާގައިގާ އިށިއިނެވެ. ސަރުމީލާ ކުޑަމީހާ ނަގާ ޖޫލީގެ އަތުތެރެއަށް ލައިދިނެވެ. އެވަގުތު ޖޫލީގެ ކަރުނަތައް ހިފަހައްޓާނުލެވުނެވެ. އެމަންޒަރު ފެނިފައި ޖަލީލް ޖޫލީގެ ބޮލުގައި ފިރުމާލިއެވެ. އެހެނަސް ބުނާނެ ބަހެއް ޖަލީލްގެ ދުލާ ހަމަޔަކަށްނައެވެ. ތުންފަތުގައި ދަތްއަޅާލަމުން ޖަލީލް ދުރަށްޖެހިލީ ޖޫލީ ދެރަވާނެވަރު ހިތަށް އަރާފައެވެ. ޖޫލީއަށް ދަރިއަކު ލިބޭތަން ދެކެން ޖަލީލްވެސް ވަރަށް ބޭނުންވިއެވެ.
ކުޑަމީހާއަށް ކިޔާނެ ނަމަކާއި މެދު މަޝްވަރާކުރަން ތިބި މީހުންނަށް ޖޫލީއަށް ވަމުންދާ ގޮތް ރޭކައެއްނުލައެވެ. އެތިންމީހުން މެދުގައި އެއަށްވުރެން ފޯރިގަދައެވެ. ނަވީނާއި ސަޖާ އެއްކޮޅަށް އަރައިގެން ތިބެ މާޙިލްގެ ހޮވުން ކަމުނުދާ ކަމަށް ބުނަމުންދިޔައެވެ. ސަޖާގެ އަޑުވެސް އެހާ ގަދައެވެ. ވިހައިގެން ގަދަ ނުވާ މީހެކޭ ފެންނަ މީހަކު ނުބުނާނެއެވެ.
ކުޑަމީހާގެ މޫނުގައި ޖޫލީގެ މޫނުޖައްސާލިއެވެ. ގަޔާކައިރިކޮށްލުމުން އެކުރެވުނު އިޙްސާސް ދުލުން ބަޔާންކުރަން ދައްޗެވެ. ގިސްލުމުގެ އަޑު ބޭރުވީ އެއަޑު ބޭރުވެދާނެތީ ވަރަށް ކެތްކޮއްގެން އިންދައެވެ. އެއާއެކު ސަރުމީލާވެސް ހިތުގައި ޖެހުނެވެ.
" ދަރިފުޅާ .....ނުރޮއެބަލަ....." ބުނާންވީ އެއްޗެއް ސަރުމީލާގެ ދުލާހަމައަކަށް ނައެވެ. ސަރުމީލާގެ އަތުން ޖޫލީގެ ބޮލުގައި ފިރުމާލީ ކެތްތެރިވުމަށް ބުނަމުންނެވެ. އެއާއެކު ޖޫލީގެ އަޑުވީ ބާރެވެ. ކޮޓަރިތެރޭގައި ތިބި އަނެއް ތިންމީހުންގެ ނަޒަރު ޖޫލީއަށާއި ސަރުމީލާއަށް ހުއްޓުނެވެ. ނަވީނަށް އިންތަނުން ތެދުވެގެން ޖޫލީ ކައިރިއަށް އާދެވުނެވެ. އޭރު ސަރުމީލާވެސް ރޮނީއެވެ. ވީގޮތެއް އޮޅުންފިލުވަން ވެގެން ޖޫލީ ކޮނޑުގައި ނަވީނަށް އަތްޖައްސާލެވުނެވެ. ޖޫލީ ވަރަށް ފުންނަޒަރަކުން ނަވީނާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
" މިދުވަސްދެކެން ހާދަ އުއްމީދެއް އަހަރެން ކުރީމޭ.....ހާދަ ހުވަފެނެއް ދެކުނީމޭ.........މިދުވަސް ދައްކަވައިތޯ ހާދަ ދުއާއެއް އަހަރެން ކުރީމޭ..........." ޖޫލީ ރޮމުން ދައްކަމުންދިޔައެވެ. އެބަސްތަކުން ނަވީންގެ ހިތް ކުދިކުދިވިއެވެ. ނިކަން މަޑުން އޮވެފައި ކުޑަމީހާ ރޯންފެށީ އެވަގުތުއެވެ. އެކުއްޖާ މަސަލަސްކުރަން ހަދާނޭ ގޮތެއް ޖޫލީއަކަށް ނޭގުނެވެ. ޖެހިލުންވެފައި ޖޫލީ ބަލާލީ ސަރުމީލާގެ މޫނަށެވެ.
" މަންމާ އޭނަ ނަގާ........." ނަވީން އެހެން ބުނެލީ ސަރުމީލާ ޖޫލީ އަތުން އެކުއްޖާ ނަގަން ނުކެރިފައި އިންހެން ހީވެގެންނެވެ. ސަރުމީލާ އެކުއްޖާ ނަގާ އޫންއޫން ކިޔަމުން ތެދުވެތެވެ. ނަވީން ޖޫލީގެ އަތުގައި ހިފައިގެން ހިނގައިގަތީ ބޭރަށެވެ. ނަވީން ބުނުމުން ޖޫލީވެސް ދެކޮޅު ހެދުމެއްނެތި އޭނާއެކު ނިކުތެވެ. ދެމީހުންގެ ދެމެދަށް ވެރިވެފައިވީ ހިމޭންކަމެވެ. ޖޫލީ އަތުގައި ހިފައިގެން ގޮސް ނަވީން އިށިއިނީ ހޮސްޕިޓަލް މެދުތެރޭގައި ހިތްހަމަޖައްސާލައި އިށިއިނދެލަން ހަދާފައިވާ ޕާކުތެރޭގައި ހުރި ހިލަގޮނޑިއެއްގައެވެ.
" ސޮރީ ........" އިސްޖަހާލައިގެން އިނދެ ޖޫލީ ބުނެލިއެވެ. ނަވީން ޖޫލީގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ. ދެމީހުންގެ ނަޒަރު ގުޅުވާލިއެވެ.
" ވަރަށް ބޮޑަށް ސޮރީ.......ނަވީން ދެރަވާނެވަރު އެނގޭ....އެކަމަކު ސަޖާގެ ބޭބީ ފެނުނީމަ އަހަރެންގެ ހިތަށް ކެތްނުވީ......." ޖޫލީއަށް އެހެން ބުނެފައިވެސް ރޮވުނީއެވެ. ފަހަކަށް އައިސް ކުޑަކުއްޖަކު ފެނުމުން ޖޫލީއަށް އަމިއްލަ ނަފްސަށް ބާރެއް ނުފޯރުވެއެވެ. މާބޮޑަށް ކުއްޖަކު ބޭނުންވާތީއެވެ. ނަވީން ބަހެއް ބުނެނުލާ ޖޫލީ ގެނެސް އޭނާޔާ ގާތް ކޮއްލިއެވެ. ޖޫލީއަށް ކުދިން ނުލިބޭކަން އެނގުމުން އޭނާ ދެރަވާނެވަރު އެވަގުތުވެސް ނަވީނަށް އަންދާޒާކޮއްލެވުނެވެ.
*****
ޖެހިގެން އައިދުވަހެވެ. ނަވީނަށް ލައިބާ ކައިރިއަށް ދެވުނުއިރު މެންދުރުވާން ދާދިވަނީ ކައިރިވެފައެވެ. ލައިބާ ކައިރީގައި އިނީ ބަޝީރާއެވެ. ނަވީން ފެނުމުން ބަޝީރާ ބޭނުންވީ ފެންވަރާލަން ގެއަށް ގޮސްލާށެވެ. ބަޝީރާ ކާރެއްގައި ގެއަށް ފޮނުވާލާފައި އެނބުރި ނަވީން އައީ ލައިބާ ކައިރިއަށެވެ.
" ކިޔާނެ ނަމެއް ހޯދަންވިއްޔޭނުން......." ލައިބާ ނަވީނަށް ބަލާލަމުން ބުނެލިއެވެ.
" އަހަރެން ނަމެއް ހޯދައިފިން.........." ނަވީން ގޮސް ހުއްޓުނީ ކުޑައެނދުކައިރީގައެވެ. ނިދާފައި އޮތް ދަރިފުޅު މޫނުގައި ފިރުމާލީ ނިކަން ހިތްހަމަޖެހި ހުރެއެވެ. ލައިބާ ހިތުގައި ޖެހުނެވެ. އެކުދިންނަށް ކިޔާނެ ނަމެއް ހޯދިވާހަކަބުނުމުން އިޙްސާސްވީ ދުރުކަމެވެ. އެކުދިންނަކީ އޭނާޔާ ނަވީންގެ ކުދިންނަށްވާއިރު އެކުދިންނަށް ކިޔާނެ ނަމެއް ނިންމި އިރު ލައިބާއަށް ކަމުދާ ނަމެއްތޯ އަހާނުލުމުން އިހްސާސްވީ އިންތިހާ ދުރުކަމެވެ. ދަރިން ލިބުމަށްފަހުވެސް ނަވީންގެ ހިތުގައި ލައިބާއަށް ޖާގަނެތްކަން ޔަގީނެވެ.
" އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ........" ނަވީން އެނބުރި ލައިބާއަށް ބަލާލިއިރު އޭނާ އިނީ ކަޅިޖަހާނުލާ ނަވީނަށް ބަލާށެވެ. އެތޫނު ބެލުމުން ނަވީނަށް އުނދަގޫވިއެވެ. އިސްޖަހާލަމުން ފަޓްލޫނު ޖީބުތެރެއަށް އަތް މަހާލީ އެވާހަކަ ފަށާނެ ގޮތެއް ނޭގޭތީއެވެ. ދެން ހަށިފުރާދޫކޮށްލި ނޭވާއިންވެސް އެބުނަން އުޅޭ ވާހަކައިގެ ބަރުދަން އިހްސާސްކޮއްލަންވެސް ދައްޗެވެ.
" އަހަރެމެންނަށް މިސޮރު ދޭންވީޔޭނުން.........."
" އަހަރެމެންނޭ.......ކޮން އަހަރެމެންނެތް؟ " ނަވީން ބުނަން އުޅޭ އެއްޗެއްގެ ފުނަށް ފީނައިގަންނާކަށް ލައިބާއަކަށް ނޭގުނެވެ.
" މިބުނީ އަހަރެންނާ ޖޫލީގެ ވާހަކަ...." ލައިބާއަށް ހީވީ ކުޑަވަގުތުކޮޅަކަށް ދުނިޔޭގެ ހިނގުންވެސް ހުއްޓުނުހެންނެވެ. ޔަގީނުންވެސް މޭތެރޭގައިވި ހިތް ފިތިގެން އައި ކަހަލަ އިހްސާސެއް އޭނާޔަށް ދިޔައީ ކުރެވެމުންނެވެ. ދެމީހުންގެ ދެމެދުގައި ހިމޭންކަން ވެރިވެފައި އެތަށް އިރަކު އޮތެވެ. ލައިބާ ދެލޯ ބަރުވެގެން އައީ ކަރުނުންނެވެ. ނަވީނަށް އެހެން ބުނަން ކެރުނީތީ ލައިބާ ހައިރާންވިއެވެ. ނުވަމަހާއި ނުވަދުވަސްވަންދެން އެކުދިން އުފުލީ އޭނާގެ ބަނޑުގައެވެ. އެކުދިންނާ އެކުދިންގެ މައިމީހާ ގުޅިފައިވާނެވަރު ނަވީނަށް އަންދާޒާކޮށްލަންވެސް ނޭގޭނެއެވެ.
" ދަރިއަކު ނެތިގެން ޖޫލީ ވަރަށް ހިތާމަކުރޭ.......ޖޫލީގެ އެހުވަފެން ހަޤީގަތަކަށް ހަދައިދެން އަހަރެން ބޭނުން........ބުނޭ މިދަރިފުޅު ދޭނަމޭ......" ވައިރޯޅިއެއްފަދައިން އައިސް ނަވީން ކުޑަކަކޫޖަހާ އިށިއިނީ ލައިބާ އޮތް އެނދުކައިރީގައެވެ. އޮށޯވެ އޮތްއިރު ލައިބާގެ މޫނަށް ނަވީންގެ ނޭވާ ފޯރާހާވެސް ގާތުގައެވެ.
" ބުނޭ ދޭނަމޭ.........." ނަވީން ދެލޮލުން ކަރުނައައެވެ. ޖޫލީ ރޯތަން ބަލަން އޭނާޔަކަށް ދެން ކެތެއްނުވާނެއެވެ.
" އަހަންނަށް މިކަން ކޮއްދީ ........." ނަވީން ކުޑަކޮން ތެދުވެލަމުން ލައިބާގެ ދެއަތުގައި ހިފާލިއެވެ. ލައިބާ ހިމޭނުން އޮތީ ނަވީން ދައްކާ ވާހަކަ ނީވޭތީއެއްނޫނެވެ. އޭނާގެ އެ ހަމަހިމޭންކަމުން ނަވީނަށް ޖަވާބެއް ލިބޭނެކަމަށް ހީކޮށެވެ.
" ޕުލީޒް ލައިބާ.......ކޮންމެވެސް އެއްޗެއް ބުނެބަލަ......" ލައިބާ ދެއަތުގައި ހިފައި ނަވީން ތަޅުވާލިއެވެ. ލައިބާ ދެލޯ މަރާ ބާރުކޮށްލިއެވެ. އޭނާގެ ދަރިއެއް އޭނާޔާ ވަކިކުރުމަކީ ފުރާނަޔާއި ހަށިގަނޑު ވަކިކުރުން ކަހަލަ ކަމެކެވެ. މިހާރުވެސް އޭނާގެ ދެލޮލަށް ނުފެންނަ ހިސާބުގައި އެއްކުއްޖަކު އެއޮތީ އައި.ސީ.ޔޫގައެވެ. ނޭވާލާން އުނދަގުވެ ފަރުވާ ހޯދުމަށެވެ. އެއީވެސް އޭނާގެ ހަށިގަނޑުގެ އެއްބައެވެ. އެބަޔާއި ވަކިން އޭނާ ހޭދަކުރަނީ ކިހާ ވޭނީ ވަގުތުތަކެއްކަން އެނގޭނީ އެފަދަ ކަމެއް ތަހައްމަލްކުރަންޖެހުނު މަޔަކަށެވެ. އެކަމަށްޓަކާ ކަރުނައަޅާވަރު އެނގޭނީ އޭނާގެ ކައިރީ ހޭލައި އިންނަ އޭނާގެ ލޮބުވެތި މަންމައަށެވެ.
" އަހަރެން ލައިބާ ބުނި ކޮންމެ އެއްޗެއް ދޭނަން.......ލައިބާ ބުނި ކޮންމެ އަގެއްވެސް އަހަރެންނަށް ދެވޭނެ.......ބުނޭ ލައިބާ.....އަހަރެން ޖޫލީއަށް މިކަން ފުރިހަމަކޮށްދެން އެބަޖެހޭ.......އަނގައިން ބުނެބަލަ.........ކޮންވެސް އެއްޗެއް ބުނެބަލަ......" ލައިބާގެ މޫނުދެފަރާތުގައި ހިފަހައްޓާލަމުން ނަވީން އާދޭސްކުރަމުންދިޔައެވެ. ނަވީންގެ އަތް ލައިބާ ދުރުކޮށްލިއެވެ. ނަވީނަށް ލިބުނު ސިހުމުގައި ދެތިންފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ.
އެއްފަރާތަށް އެނބުރިލައިފާ ލައިބާ އެނދުގައި އަތްވިއްދާލަމުން ވަރަށް އުނދަގުލުން ލައިބާ ތެދުވެތެވެ. އަދި އެތްއަތުން ދަށްބަނޑުގައި ހިފަހައްޓާލަމުން ނިކަން މަޑުމަޑުން އެނދުން ތެދުވެތެވެ. ލައިބާއަށް އެހީވާންވެސް ނޫޅި ނަވީން ހުރީއެވެ. ލައިބާ ކުރަން އުޅޭކަމެއް ނޭނގިފައެވެ. މަޑުމަޑުން ހިނގާފައި ގޮސް ކުޑައެނދުކައިރީ ހުއްޓުނެވެ. ބަނޑުން އަތްދޫކޮށްލާފައި ދެއަތުން ދަރިފުޅުނެގިއެވެ. އޭރުވެސް ލައިބާގެ ދެލޮލުން ދިޔައީ ކަރުނަ އޮހެރެމުންނެވެ. ދަރިފުޅުގެ މައުޝޫމް މޫނަށް ބަލާލިވަގުތު ލައިބާގެ ގިސްލުމުގެ އަޑުން މުޅި ކޮޓަރިތެރޭގައިވި ހިމޭންކަން ފޫއަޅުވާލިއެވެ. ލައިބާގެ ހަރަކާތްތަކަށް ބަލަން ނަވީން ހުރީ ކުރިންވެސް އެހުރި ފިޔަވަޅުމަތީގައެވެ. ބުނަންވީ އެއްޗެއް ކުރަންވީ ކަމެއް ނޭގޭ ހާލުގައެވެ.
ލައިބާ ދަރިފުޅުގެ މޫނަށް ބޮސްދެމުންދިޔައީ އާވާރާއެއް ފަދައިންނެވެ. އެދަރިފުޅާ ވަކިން ފަޅި ސިކުންތެއްވެސް ހޭދަކުރާނެ ގޮތެއް ލައިބާއަކަށް ނޭގެއެވެ. މަޑުމަޑުން ހިނގާފައި އައިސް ނަވީން ކުރިމަތީ ހުއްޓުނެވެ.
" މީ އަހަރެންގެ ފުރާނަ........މިކުދިންނާ ނުލާ އަހަރެންގެ ދިރިއުޅުމުގައި އުފާވެރިކަމެއް ނުވޭ........ދިރިއުޅުމެއްފެށީ ވަރަށް ފޮނި އުއްމީދުތަކާއެކު އެކަމަކު އެއުއްމީދުތަކުގައި ކުލަޖެހުމެއްނުވޭ........އެހުވަފެންތައް ހަގީގަތަކަށްވުމެއް ނެތް........" ރޮމުން ވާހަކަދެއްކިއިރު ލައިބާގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އެތުއްތު މޫނާއި ވަކިވުމެއްނެތެވެ.
" އަހަރެން މިދަރިފުޅު ތިދެމީހުންގެ އަތް މައްޗަށް މިދޫކޮށްލަނީ އެއްވެސް ހާލެއްގައި މިދަރިފުޅު ދެކެ ލޯބި ނުވާތީކީ ނޫން......." ނަވީން ބަލަހައްޓައިގެން ހުރިއިރު އެދެލޯވެސްވަނީ ތެމިފައެވެ.
" ތިދެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭން......ތިދެމީހުންގެ އުއްމީދުތައް ފުރިހަމަކޮއްދިނުމަށްޓަކާ.......މިދަރިފުޅު ބައްޕަ ކައިރީ ހުރެ ބޮޑުވާން ބޭނުންވާތީ.....އަހަރެން ކައިރީ ހުރެގެން ހަމައެކަނި ލިބޭނީ މަންމަގެ ލޯބިއެކަނި.........." ނަވީނަށް ދަރިފުޅުދެމުން ބުނެލިއެވެ. ނަވީން ދެއަތް ދިމާކޮއްލުމުން ލައިބާ އެތުއްތު ދަރިފުޅު ނަވީންގެ އަތުތެރެއަށް ލައިދިނެވެ. ހަށިގަނޑުގެ އެހެންތަނެއްގައި އަޅާ ވޭނަށްވުރެން ހިތުގައި އަޅާވޭން ބޮޑެވެ. ނާރުތައް ބުރިބުރިވެގެން އެހިތް ހުއްޓިދާނެހެން ލައިބާއަށް ހީވިއެވެ. ބައްޕައެއްގެ ލޯބި ނުލިބި އޭނާ އުޅުނު ހިތްދަތި ދިރިއުޅުން އޭނާގެ ދަރިއަކު ތަހައްމަލްކުރާތަން ދެކެން އޭނާޔަށް ފަސޭހައެއްނުވާނެއެވެ. ކިތަންމެ ބޮޑުވެފައި ހުއްޓަސް ބައްޕަގެ ފަރާތުން ލޯތްބާއި ރައްކާތެރިކަން އޭނާ ބޭނުމެވެ.
ލައިބާ ރޯތަންފެނި ނަވީންގެ ހަރުހިތްވެސް ވިރިގެންދާން އުޅުނު ކަހަލައެވެ. ބޭއިޙްތިޔާރުގައި ލައިބާ ގެނެސް ގާތް ކޮއްލެވުނެވެ. ހީވީ ނަވީންގެ ހިތުގެ ވަރަށް އަޑީގައި ކުޑަނަމަވެސް ލޯތްބެއް އޮތްހެންނެވެ. ލައިބާގެ ނިތްކުރީގައި ނަވީން ތުންފަތް ޖައްސާލުމުން ލައިބާއަށް ދެލޯމަރާލެވުނެވެ. އިންތިހާއަށް އޭނާ ނަވީނަށް ބޭނުންވެއެވެ. ނަވީން ނިކަން އަވަހަށް ދުރަށްޖެހިލިއެވެ.
" ލައިބާގެ ތިހެޔޮކަން އަހަރެން މުޅި އުމުރަށްވެސް ހަނދާންކުރާނަން..........." ނަވީން ހިނގައިގަތީ އެކޮޓަރިން ނިކުންނާށެވެ. ނިދާފައި އޮތް ދަރިފުޅު ޖޫލީ އާ ހަވާލުކުރުމަށެވެ.
" އަހަރެންގެ ޝަރުތެއް އެބަ އޮތް............" ނަވީން ހިނގައިގަތް ވަގުތު ލައިބާގެ އަޑުއިވިފައި ހުއްޓުނެވެ. އަދި އެނބުރި ބަލާލާފައި ނިތްއެއްލިގޮތުން އެވާހަކަ އަޑުއަހަން ބޭނުންކަން އެނގުނެވެ.
" ތިދެމީހުންގެ ހެޔޮދުޢާ އަހަރެން އަބަށްބޭނުން......." ލައިބާ ހިނިތުންވެވޭތޯ މަސައްކަތްކުރިއެވެ.
" ތީ އަހަރެން ނަވީންގެ ލޯތްބަށްޓަކާވީ ޤުރުބާނީއެއް......ލޯބިލޯބިންވީ ޤުރުބާނީއެއް ......މުޅި އުމުރަށް އަހަރެން ނަވީންގެ އަންބެއްގެ މަގާމް ބައިންދާދީ އެވަރުން އަހަންނަށް ފުދޭނެ......" ނަވީން ބޯޖަހާލީ ގަދަކަމުން ހިނިތުންވެލަމުންނެވެ. ނަވީން ކޮޓަރިން ނިކުތުން ލައިބާގެ ރުއިމުގެ އަޑުން ކޮޓަރީގެ ހަތަރުފާރު ހީވީ ފޫއަޅުވާލަފާނެ ހެންނެވެ.
ރޮއެ ރޮއެ ވަރުބަލިވެފައިވާ ލައިބާ ސިހުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. ހުދު ޔުނީފޯމުގައި ކޮޓަރިއަށްވަން ނަރުސްކުއްޖާއަށް ވަރަށް ފަރުވާތެރިކަމާއި އެކު ލައިބާއަށް ބަލާލެވުނެވެ. އެނަރުސްކުއްޖާގެ އަތުގައި ފެހިރަޖާގަނޑެއް އޮތެވެ. ހީވަނީ ތުއްތު ކުއްޖަކު އެރަޖާގަނޑުގެ ތެރޭގައި އޮތް ހެންނެވެ. ލައިބާގެ ހިތް ތެޅިގަތެވެ. ހިތް ނުތަވަސްކަމާއި ބިރުވެރިކަމުން ފުރާލިއެވެ.
ނުނިމޭ

  1. Avatar

   ހުކުރު އަދި އަންގާރައިގައި ގަވައިދުން މިހާރު މި ވާހަކަ ގެނެސްދޭ އެބަ. ހިތް ނުފުރޭ ދޯ. އަދި އެބަ ކިޔައޭ އެހާ ގިނަދުވަސް ވީ ފަހުންނޭ މި އައި. ގަވައިދުން ކިޔަންތަ؟

 1. Avatar

  Joolee joolee jooleee…. e nun aiynbbeh neiyy dhoa kalo Naveen … thiyavaruge amilla edhumun foavefa huri firihenaku nudheken umuruga ves…. vaahaka akun mihaathanah dhimàvi enme foohi meehaa gandu thiya naveenu theee….

  15
  3
 2. Avatar

  ޔުމްނާ
  ނަވީން ހާދަ ގޯހޭ ދޯ ކީއްވެތަ އެހެން އެހަދަނީ ލައިބާ އަށް ވަރަށް ދެރަ ވެއްޖެ.

  7
  1

ޚިޔާލު ފޮނުއްވާ