Views: 6989 86

" ބަޝީރާ....." ނަސީރުގެ އަޑު ޖެހިފައި ބަޝީރާގެ ހިތުގެ ހިނގުންވެސް ހުއްޓުނު ކަހަލައެވެ. އެއަޑު ކަންފަތުގައި ޖެހުމުން ބަޝީރާއަށް އެއީ ނަސީރުގެ އަޑުކަން އެނގިއްޖެއެވެ. ފަންސަވީސްއަހަރު ފަހުންވެސް އެއަޑު ކަންފަތުގައި ޖެހުމުން ބަޝީރާގެ ހިތަށް ބުނެދޭންނޭގޭ އިހްސާސްތަކެއް ކުރުވައިފިއެވެ. ބާލީދީތެރެއިން ނެގި ފޮތިގަނޑު މުށުގައި ބާރުކޮއްލީ ދެލޯމަރާ ބާރުކޮއްލަމުންނެވެ. ހިތުގައި ވަށާލީ ނަފްރަތާއި ރުޅިވެރިކަމުގެ ބާނިތަކުންނެވެ. ނަފްސު ހަމައަކަށް އެޅޭތޯ ގަދައަޅާ މަސައްކަތް ކުރަމުންދިޔައިރު މީހާގެ ހަށިގަނޑު ރޫރޫ އަޅައެވެ.
" ބަޝީރާ....." އަނެއްކާވެސް ނަސީރު ގޮވާލިއެވެ. ޔަގީނުންވެސް އޭނާގެ އަޑު ބަޝީރާ އާ ހަމައަށް ފޯރައްޖެކަން ޔަގީނެވެ. ބަޝީރާ ނަސީރަށް ފުރަގަސްދީގެން ހުއްޓަސް އޭނާގެ ހަރަކާތްތަކަށް އައި ހުއްޓުން ނަސީރަށް ފާހަގަވިއެވެ. ނަސީރު ގޮވާލުމުން ސިހުނުވަރު ނަސީރުގެ ދެލޮލަށް ފެނުނެވެ.

" ކޮންމެވެސް އެއްޗެއް ބުނެބަލަ.........." ނަސީރު ބުނެލީ އާދޭސްކުރާ ރާގަކަށެވެ. އޭނާޔަށް ދެވޭނެނަމަ މިހާރު ގޮސް ހުންނާނީ ބަޝީރާގެ ކުރިމަތީގައެވެ.
" ނޭނގުނު.....ނުދަންނަ މީހުންނާ ވާހަކަދައްކައެއް ނޫޅެން......." އަތުގައި އޮތް ފޮތިގަނޑު މެޔާ ކައިރިކޮށްލަމުން ބަޝީރާ ވާހަކަދެއްކީ އުނދަގުލާއި އެކުއެވެ. މީހާއެކޭ އެއްގޮތަށް އަޑުވެސް ތުރުތުރު އަޅައެވެ.

" މީނަސީރުއޭ......" ނަސީރު ހީކުރީ ހަގީގަތުގައިވެސް އޭނާ ނޭގުނީކަމަށެވެ.

" އަހަރެން ދަންނަ ނަސީރެއް ނުހުންނާނެ......" ބަޝީރާގެ ނޭވާހުރީ އަވަސްވެފައެވެ. ދެލޮލުން ފާއްދާލީ ކަރުނައެވެ. އަމިއްލަ ކޯތާފަތުގައި އަތް ޖައްސާލެވުނެވެ. ކަރުނަ އައުމުން އިންތިހާއަށް ޖެހިލުންވިއެވެ. ނަސީރަށްޓަކާ އެންމެ ކަރުނަތިއްކެއް ވައްޓާލަންވެސް ބަޝީރާ ބޭނުންނުވާ ފަދައެވެ.

"ދިޔާމެއްނު ތިރަށަށް....... " ބަޝީރާ ބަހެއް ނުބުނެއެވެ. ނަސީރު ހީކުރީ އެހެން ބުނުމުން އެއްޗެއް ބުނެލާނެ ކަމަށެވެ. އިރުކޮޅަކު އެއްޗެއް ބުނޭތޯ ނަސީރު މަޑުވެސް ކޮއްލިއެވެ.
" ބަޝީރާ ހަނދާނެއްނެތްދޯ އެކަމަކު އަހަރެން ހަނދާން އެބަހުއްޓޭ..........ބަޝީރާގެ ހަނދާން ނުކުރާ އެންމެ ދުވަހެއްވެސް އަހަރެން ނުދާނެ......." ނަސީރުގެ އަޑުއަހަން ބަޝީރާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. މީހާގެ ލޭކެކިގަތެވެ. މިއޮއް ހުރިހާ ދުވަސްވަންދެން ވަޅުޖަހާފައިވާ ޖަޒްބާތުތައް ކެކި އުތުރި އެރީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ.

" ހުއްޓާލާ ހުއްޓާލާ....އަހަރެން ތި ވާހަކަތައް އަޑު އަހާކަށް ބޭނުމެއްނޫން......" ބަޝީރާ ހަޅޭލަވައިގަތީ ކަރުބުޑުންނެވެ. އަދި ނަސީރާ ދިމާލަށް އެނބުރުނު އިރު ދެލޮލުން އަލިފާންކަނި ބުރައެވެ. ބަޝީރާގެ މޫނުފެނި ނަސީރުގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ބަޝީރާގެ އަޑު އިވިފައި ނަސީރުގެ މޫނުން ފެނުނީ ހައިރާންކަމެވެ. ނަސީރު ހީކުރި ގޮތާ ހިލާފަށް އޭނާ އެއީ ކާކުކަން ބުނުމުން ބަޝީރާގެ ފަރާތުން ފެނުނީ ނުރުހުމެވެ. ނަފްރަތާއި ރުޅިވެރިކަމެވެ.

" އަދިވެސް ދައްކާނެ މޮޅު ވާހަކައެއް އޮތީތަ....؟ އިރެއްގަ ކަލޭ ދެއްކި ދަޅަޔަށް ހެއްލުނަސް މިހާރު އަހަރެން ތިހެން ދައްކާލާހާ ވާހަކަޔަކަށް ނުހެއްލޭނެ......" ބަޝީރާގެ ނޭވާ ހުރީ އަވަސްވެފައެވެ.

" އަހަރެން ވަރަށް މަސައްކަތްކުރިން....." ނަސީރުގެ އަރުބެދި ވާހަކަދައްކަން އުނދަގޫވިއެވެ. ހިތަށްކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. ބަޝީރާ ކައިރިއަށް ދާން ހާލަތު އޭނާޔަށް ތަނެއް ނުދިނެވެ. ދިމާވި ނުރައްކާތެރި އެކްސިޑެންޓުގައި ބަލިއެނދުގައި އެތަށް ދުވަހެއް އޮންނަން ޖެހުނީއެވެ. ހިނގުމުން މަހްރޫމްވީއެވެ.

" ކޮންކަމަކަށް.....މައުޝޫމް އަންހެންކުދިންގެ އިއްފަތްތެރިކަން ފޭރިގަންނަން؟ " ބަޝީރާގެ ހިތުގައި ނަސީރުގެ މައްޗަށްވީ ރުޅިވެރިކަމެވެ. ބަޝީރާގެ އެޖުމްލައިން ނަސީރުގެ ހިތުގައި އެތަށްހާސް ކޫރުމެއް އެޅިގެންދިޔައެވެ.

" ވީކަމެއްވީ ބަޝީރާގެވެސް ރުހުމުގައި...." ނަސީރުގެ ޖުމްލައިވިފައި ބަޝީރާއަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. ހަގީގަތަކީ ބައެއްފަހަރު ވަރަށްވެސް ހިތި އެއްޗެކެވެ. ބަޝީރާ ނަސީރުއާ ގާތްވީ އިންތިހާއަށް ލޯބިވެވިގެންނެވެ. ނަސީރުވެސް ބަޝީރާ ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ދިނެވެ. އެކަމަކު ނަސީރު މާލެއައިސް އޭނާގެ މަތިން ހަނދާން ނައްތާލީއެވެ.

" އެއީ އަހަރެން ބަޝީރާއަށް ދެރައެއްދޭން ކުރިކަމެއްނޫން.....ޒުވާންކަމުގެ ޖޯޝުގައި އަހަ........" ނަސީރުގެ ލޮލުން ކަރުނަ ހިލުނެވެ.

" މީހަކަށް އެޔަށްވުރެން ބޮޑު ދެރައެއް ދެވޭނެތަ؟ " ރުޅިވެރިކަމުގެ މައްޗަށް ހިތާމަޔާއި ހިތްދަތިކަން ކުރި ހޯދިއެވެ. ފިސްފިސްވެފައިވާ ހިތުގެ ވޭނީ އަޑު ބަޝީރާގެ އަޑުގައިވެސްވިއެވެ. ދެލޮލުން ކަރުނަތައް އޮހިގަތީ ހިފެހެއްޓުމެއްނެތިއެވެ.

" އެންމެންގެ މަލާމާތާއި ފުރައްސާރަޔާ ކުރިމަތިލާން ޖެހުނީ އަހަންނަށޭ......." ނަސީރުގެ މޫނަށް ބަލާލަމުން ބަޝީރާގެ މޭގައި އަތްޖައްސާލަމުން ވާހަކަދެއްކިއެވެ. ނަސީރުގެ ނިތްކުރިމައްޗަށް އެރި ރޫތަކުން ބަޝީރާ އެދައްކާ ވާޙަކަ ނަސީރަށް ފަހުމްނުވާކަން ހެކިދެއެވެ.

" އަހަރެން އެންމެ ލޯބިވާ މީހުންވެސް ތާއަބަދަށް ވަކިވެގެން ދިޔައީ ހަމަ ކަލޭގެ ސަބަބުން......." ނަސީރާއި ދިމާލަށް އިނގިލި ދިމާކޮށްލަމުން ބަޝީރާ ބުނެލިއެވެ. އަޑުގައި ހަރުކަށިގޮތެއް ހުއްޓެވެ.

" ކަލޭ ނުކުޅެދޭ މީހެއްގެ ގޮތުގައި އިންނަން ޖެހުނީ ވެދާނެ އަހަންނަށް ދިން އަނިޔާގެ ބަދަލުކަމަށް.............." ކައިރީގައި ހުރި ބާލީދީ ހިފައިގެން ބަޝީރާ ހިނގައިގަތީ ނަސީރުގެ މޫނަށް ބަލައިވެސް ނުލާ ހުރެއެވެ. ބަޝީރާގެ އެޖުމްލައިން ނަސީރުގެ ހިތަށް ވަރަށް އަސަރުކޮށްފިއެވެ. ބަޝީރާ ބޭނުން އެއްޗެއް ކިޔާލާފައި އެދިޔައީއެވެ. ނަސީރަށް ވާހަކަދައްކަން ފުރުސަތެއްވެސް ނުދިނެވެ. ނަސީރުވެސް ދައްކަން ވާހަކަ އެބަހުއްޓެވެ. ނަސީރު އަޑަށް ބާރު ލައިފައި ބަޝީރާއަށް ގޮވާލުމުންވެސް ބަޝީރާ ދިޔައީ ބަލައިވެސް ނުލައެވެ.
ބިއްލޫރި ދޮރު ދަމާލާފައި އެތެރެއަށްވަން އިރު ބަޝީރާއަށް ރަނގަޅަށް ރޮވިއްޖެއެވެ. އޭނާ އަވަސް އަވަހަށް ލޯފޮހެލަމުން ބަލާލީ ފެންނަ ހިސާބުގައި މީހަކު ހުރިތޯއެވެ. މީހަކު ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ބަޝީރާ ކަންތައްކުރި ގޮތުން ނަސީރުގެ ދެލޮލުން މީރާލީ ހިތާމައިގެ ކަރުނައެވެ. ބަޝިރާ އޭނާޔާ ވާހަކަދައްކާނެކަމަށް ހީކޮށްގެން ހުއްޓާ ދިއުމުން ހިތުގައި ޖެހުނެވެ. އުއްމީދުތައް ނާއުއްމީދު ވެގެން ދިޔައީ ބަސްބުނާހާ ވަގުތުކޮޅެއް ތެރޭގައެވެ. މޭގައި ހިފާފައިހުރި ރިހުން ގަދަވާން ފެށުމުން ނަސީރު ހިތަށް ބިރުވެރިކަންވަނެވެ. ބިއްލޫރި ދޮރާހަމައަށް ދެވުނީ ކިރިޔާއެވެ. ދޮރުގައި ތަޅައިގަތީ މީހަކަށް ގޮވާލާނެ ފަދަވެސް ނެތީމައެވެ. އެވަގުތަކީ ބޭރުން އައިސް އައްފާން ގެއަށްވަން ވަގުތެވެ. ދޮރުގައި ތަޅާގަތް އަޑަށް އޭނާ މިސްރާބުޖެހީ ބަގީޗާއަށް ނިކުންނަން ހުންނަ ދޮރާ ދިމާލަށެވެ. މޭގައި އަތް އަޅައިގެން އިން ނަސީރު ދާހިތްލާ ފޯވެފައި އިނެވެ. މެއަށް ތަދެއް އަރައިގެން ނަސީރަށް އިނީ އަނގައިން ނުބުނެވިފައެވެ. އެމަންޒަރު ފެނިފައި އައްފާންގެ ހިތަށް ކުލުނުވަނީ ކިހިނެތްކަމެއް ނޭނގެއެވެ.

" ބައްޕާ......" އައްފާންގެ އަނގައިން ބައްޕާއޭ ކިޔާ ގޮވާލެވުނީ ބޭއިޙްތިޔާރުގައެވެ. ނަސީރަށްވެފައި އިންގޮތްފެނި ހިތުގައިޖެހުނީއެވެ. އައްފާން އަވަސްވީ ނަސީރަށް އެހީވާށެވެ. ގޭގައި އެއްވެސް މީހަކު ނޫޅޭ ގަޑިއަކަށްވުމުން އަވަސްވީ އެމްބިއުލާންސަށް ގުޅުމަށެވެ. ނަސީރު ހޮސްޕިޓަލަށް ގެންދިއުމަށްޓަކާއެވެ.

******

ޖޫލީ ގެއަށް އައީ ހަވީރުވީ ފަހުންނެވެ. އެންމެ ހިނދުކޮޅަކަށްވެސް ސަޖާއަށް ލިބުނު ލޯބިލޯބި ފުށްކޮޅާ ދުރުގައި ހުންނާކަށް ޖޫލީގެ ހިތެއް ނޭދެއެވެ. ސަރުމީލާ އޭނާ ގެއަށް ފޮނުވާލީ ގަދަކަމުންނެވެ. ފޯނުން ނަގާފައިވާ ފޮޓޯތައް ބަލަން އޮއްވާ ނަވީން ފާހާނާއިން ނިކުތެވެ. ރަނގަޅަށް ނުނިދުމުން ނަވީންގެ ދެލޮލުގައިވީ ރަތްކަމެވެ. މޫނުމަތީގައިވީ ނިދީގެ އަސަރެވެ. ފޯނުގެ ސްކުރީނުން ނަޒަރު ވަކިކޮށްނުލައި އޮތް ޖޫލީ އެއްފަހަރުވެސް ނަވީންގެ މޫނަށް ބަލައިނުލައެވެ. އޭނާގެ ހިތުގައި އުތެރެމުން އަންނަ ޖަޒްބާތުތައް ބޭރުވެދާނެތީ ޖޫލީ އޮތީ ނިކަން ކަންބޮޑުވެފައެވެ. ޖޫލީގެ ދުލުން ބޭރުވާ އެންމެ ބަހަކުންވެސް ނަވީންގެ ހިތް ކުދިކުދިވާން ޖޫލީ ނޭދެއެވެ.

" ކޮންތާކުން ތިއައީ.........އަހަންނަށްވެސް މިހޭލެވުނީ......ބަނޑުހައިވެގެން....." ލޯގަނޑު ކުރިމައްޗަށް ހުއްޓެމުން ނަވީން ވާހަކަދެއްކިއެވެ. ނިދީގެ އަސަރު އޭނާގެ އަޑުގައިވެސްވިއެވެ.

" ހޮސްޕިޓަލުން........" ޖޫލީ އެއޮތް ގޮތަށް އޮވެ ނަވީނަށް ބަލާލިއެވެ.

" ސަޖާ ވިހާފި.....ބޯއީއެއް....." އެއަޑު އަހާފައި ނަވީން ހުއްޓުން އެރިއެވެ. ލޯގަނޑުން ފެންނަން އިން ޖޫލީގެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. ނަވީނެކޭ އެއްގޮތަށް ޖޫލީވެސް އިންތިހާއަށް ދަރިއަކު ބޭނުންވަރު އެންމެ ހިނދުކޮޅަކަށްވެސް ނަވީން ހަނދާން ނުނެތެއެވެ. ޖޫލީ ބަލަން އިން ގޮތުން ނަވީނަށް އުނދަގޫވިއެވެ. އެދެލޮލުން އެތައް ހާސްވާހަކައެއް ބުނެދޭ ކަހަލައެވެ. ނަވީން އެނބުރި ޖޫލީގެ މޫނަށް ބަލާލީ ގަދަކަމުން ހިނިތުންވަމުންނެވެ. އަދި ފުންނޭވާއެއް ބޭރުކޮށްލިއެވެ.

" ޖޫލީގެ ހުވަފެންވެސް ވަރަށް އަވަހަށް ފުރިހަމަވެދާނެ......" ނަވީންގެ ދުލުން އެހެން ބުނުމާއެކު ޖޫލީގެ ލޮލުން ވެއްޓުނީ ކަރުނަތިއްކެކެވެ. އަދި ކިހާ ދުވަހަކަށް އިންތިޒާރުކުރަން ޖެހޭނެބާއޭ އޭނާގެ ހިތަށްއެރިއެވެ. ނަވީންގެ ނުކުޅެދުންތެރިކަން އިހްސާސްވެދާނެޔޭ ޖޫލީއަށް ހީވިއެވެ. ތުންފަތްމައްޗަށް ވެރިކުރުވީ ހިނިތުންވުމެކެވެ. ނަވީންގެ ހިތުގައި ޖެހެން ޖޫލީ ނޭދެއެވެ.

****

ބަޝީރާ ފެންވަރާލަން ގެއަށް ފޮނުވާފައި އާދިލާ އިނީ ލައިބާ ގާތުގައެވެ. ދިޔަފަހުން އިރުކޮޅެއް ވެއްޖެއެވެ. ކުޑަމީހާ ހޭލުމުން ބުއްޖައްސަން ލައިބާ އުޅުނުއިރު އާދިލާ ފަރާތުން އެހީތެރިކަން ލިބުނެވެ. ނިޒާރުވެސް ބޭރުގައި އިނީ އެމީހުން ކުޑަމީހާއަށް ބުއްނުދެވިގެން އުޅޭތީއެވެ. ނިޒާރު ހުރުމުން އުނދަގޫވެ ލައިބާ ލަދުގަނެދާނެތިންނެވެ. އައްފާންގެ ފޯނުކޯލް ލިބުނީ ނިޒާރު ވެއިޓިންގއޭރިޔާގައި އިންދައެވެ. ފޯނު ކޯލް ނިމުންއިރު އޭނާ ހުރީ ކޮޅަށް ޖެހިފައެވެ. ނަސީރު ގެނައި ހަބަރު ލިބިފައި އެދިމާއަށްދާން ހީކޮށްލާފައި ފުރަތަމަ ބޭނުންވީ އެޙަބަރު އާދިލާއަށް ދޭށެވެ.

" އައްފާން އެގުޅީ........." ނިޒާރުގެ އަޑަށް އާދިލާ އާއި ލައިބާ ބަލާލީ އެކުއެކީއެވެ.

" ނަސީރު މެއަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެނެއްސި.............." ކުޑަމީހާ އުރައިގެން އެކުއްޖާ މަސަލަސްކުރެވޭތޯ އުޅުނު އާދިލާގެ ހަރަކާތްތައް މަޑުޖެހުނެވެ.

" ބޮޑުބެ އަންނާނަން ޙަބަރު ބަލާލާފަ.......ލައިބާ ކައިރީ މަޑުކޮށްލާ......އެކޮޅަށް ގޮސް ވާނުވާ އަންގާނަން........." ނިޒާރު އެނބުރިދިޔައީ އާދިލާ ބޯޖަހާލުމުންނެވެ. އެބޯޖަހާލުމަކީ އޭނާ އެދެއްކި ވާޙަކައަށް އިޒުނަ ލިބުނުކަމުގެ ހެއްކެކެވެ.

ނިޒާރު އެދިން ހަބަރުން އާދިލާ ހިތުގެ ހަމަޖެހުން ނަގާލިއެވެ. އެވަގުތުވެސް ހިތާހިތުން ދުޢާކުރެވުނީ ނަސީރަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިއެވެ. ބަޝީރާ އައީ އޭގެ ގަޑިއެއްހާއިރު ފަހުންނެވެ. އާދިލާ ހުރީ ނަސީރު އޮތް ހިސާބަކަށް ނުދެވިގެން ކެތްތެރިކަން ކުޑަވެފައެވެ.

" ބަޝީރާ އަހަރެން މިދަނީ ނަސީރު މެއަށް ތަދެއް އަރައިގެން ގެނެއްސި ....." ކަބަޑްތެރެއިން އާދިލާގެ އަތްދަބަސްނަގަމުން އާދިލާ ވާހަކަދެއްކިއެވެ. އާދިލާ އިނީ ބަޝީރާ އައުން ލަސްވެފައެވެ. އާދިލާ ކޮޓަރިން ނިކުންނަދެން ބަޝީރާ ހުރިފިޔަވަޅުމަތީ ހުއްޓެވެ. ލިބުނު ހަބަރުން އޭނާއަށް ހަރަކާތެއް ކޮއްލަން ނޭގުނެވެ. މީގެ ކުޑައިރުކޮޅެއްކުރިން ނަސީރުއާ ދިމާވިއިރު އޭނާ ރަނގަޅެވެ. އެއްވެސް މައްސަލައެއްނެތެވެ. ބަޝީރާގެ ދެލޮލަށް ކަރުނަ ޖަމާވީ ނަސީރާއި ދިމާލަށް ކިޔުނު އެއްޗެހި ހިތަށް އަރާފައެވެ. ކިތަންމެ ރުޅި އައި ނަމަވެސް އެކަހަލަ އެއްޗެއް ބުނެގެން ނުވާނެކަން ވިސްނުނުއިރު މާލަސްވެއްޖެއެވެ. ނަސީރު ގޮވަގޮވާ އޮއްވާ އޭނާ ނަސީރު ކައިރިން އައީ އޭނާ ދައްކާ ވާހަކަ އަޑުއަހަން ބޭނުން ނުވާތީއެވެ. އެހުރިހާ ކަމަކާ މިހާރު ބަޝީރާ ހިތުގައި ޖެހިއްޖެއެވެ. ރުޅި އައިސްހުރެ ގޮތެއް ނިންމުމަކީ ބައެއް ފަހަރަށް އޭގެ ނަތީޖާ ވަރަށް ގޯސްވާކަމެކެވެ. ނަސީރު މެއަށްތަދުވެގެން ގެނައި ޙަބަރު ލިބުމުން ބަޝީރާގެ ހިތުގައި ޖެހުނެވެ.
" މަންމާ....." ލައިބާގެ އަޑަށް ބަޝީރާ ދިޔައީ ސިއްސައިގެންނެވެ.

" ދައްތަ އެއިނީ ވަރަށް ލަސްވެފައި......... " ބަޝީރާ ހުއްޓުން އަރާފައި ހުރިގޮތުން ލައިބާ ހީކުރީ ބަޝީރާ އެހުރީ އާދިލާ މާ އަވަސްއަރުވާލާފައި ދިއުމުން ހުރިގޮތެއްކަމަށެވެ.
"އަހަރެން ދެފަހަރަކު މަންމަ ފޯނަށް ގުޅީމޭ......ނުނަގަމެއްނު " ލައިބާ އެހެން ބުނެލުމުން ބަޝީރާ ހައުސްކޯޓް ޖީބުގައި އޮތް ފޯނުނަގާ ބަލާލިއެވެ. ދެކޯލް ކެނޑުނުއިރުވެސް އޭނާ އަކަށް ނޭގެއެވެ. ނިކަން މާޔޫސީ ގޮތަކަށް އައިސް ލައިބާ ކައިރީ އިށިއިނެވެ. ދެން ދެމައިންގެ މެދުގައިވީ ހިމޭންކަމެވެ. އެކަކުވެސް ބަހެއް ބުނެނުލައެވެ. ކޮންމެ މީހަކުވެސް ވިސްނަމުންދިޔައީ އެމީހެއްގެ އަމިއްލަ ކަންކަމާއެވެ.

*****

ހޮސްޕިޓަލުން ނިކުތް ގޮތަށް ނަވީނާއި އައްފާން ބޭނުންވީ ކޮފީއެއް ބޯލާށެވެ. ދެމީހުން ދައްކަން ހުރި ވާހަކަތައްވެސް ހުރުމުންނެވެ. ދެ ލަވާޒަރ އަށް އޯޑަރ ދިނުމަށްފަހު ނަވީން ގޮނޑީގައި ހަމަޖެހިލިއިރު މޫނުމަތީގައިވީ ނުތަނަވަސްކަމެވެ. ހުރިހާ މީހުންގެ ވާހަކަތައް އަޑުއަހައިގެން ގޮތެއް ނިންމަން ނަވީނަށް އިނީ އުނދަގޫވެފައެވެ. އެއްކޮޅުން ޖޫލީއެވެ. އަނެއްކޮޅުން ނަވީންގެ ބައްޕަ ނިޒާރެވެ. ދެންހުރީ ލައިބާއެވެ.

" ބައްޕަ ބޭނުންވަނީ ލައިބާމެން މާލޭގަ ބައިތިއްބަން..........؟ " ނިތްކުރީގައި އަތްޖައްސާލަމުން ނަވީން ބުނެލިއެވެ. އެކަމާ ނަވީން ކަންބޮޑުވެފައިވާވަރު އޭނާގެ އަޑުންނާއި ހަރަކާތްތަކުން ހާމަވޭވޭ ހުއްޓެވެ.

" އަހަރެން ބޭނުމެއް ނޫން ދުވަހެއްގައިވެސް އެއީ އަހަރެންނާ ލައިބާގެ ކުދިންކަން ޖޫލީއަށް އެނގޭކަށް........" އައްފާން ބަހެއް ބުނެނުލާ ބަލަހައްޓައިގެން އިނީއެވެ.

" ސަޖާއަށް ދަރިއަކު ލިބުނީމަ ޖޫލީ އަނެއްކާ ދަރިއަކު ބޭނުންވެގެން އުޅެން ފަށައިފި .......އެކަމާވެސް އަހަރެން ބޮލުގައި ރިހޭވަރު ވަކި ކުޑައެއްނޫން......."

" ދެން އެކަކު ލައިބާ އަތުން ހޯދަން ވިއްޔޭނުނ.....ކިހިނެތް ލައިބާ ދެކުދިން ބަލާނީ ......؟ " އައްފާން ވާހަކަދައްކަން ފެށީ އިރުކޮޅަކު ވިސްނަން އިނދެފައެވެ.

" އާން ތިކަމާ މިވިސްނަނީ.....އެކަމަކު ހިތަށް އަރަނީ ޖޫލީއަށް އެހާ ކުޑަކުއްޖަކު ގެންގުޅެވޭނެބާއޭ.......މަންމަ ކައިރިން ބުއްބޯ ކުދިން އެހެން މީހަކަށް ގެންގުޅެން ފަސޭހައެއް ނުވާނޭ........." ނަވީން ވާޙަކަދެއްކީ އޭނާއަށް ހީވާ ހީވުމެއްގެ މައްޗަށް ބުރަވެ އިނދެއެވެ.

" ގައިމުން އަހަރެންގެ މަންމަ ބުނި އަހަރެން އެއްގޮތަކަށްވެސް މަންމަ ގާތުން ނުދެވުނޭ.......އަހަރެން ކުޑައިރުވެސް ހުރީ ވަރަށް ޗަބީކޮންނޭ....ބުއްފުޅިޔޭ މަންމަ ޖެއްސީ.........އެހެންވީމަ އަހަންނަކަށް ހިޔެއްނުވޭ ބުއް ނުދިނަސް އެއީ އެހާ މައްސަލައެއް ހެންނެއް؟ " އައްފާން ކިޔާއިދިނީ އޭނާގެ މަންމަ އޭނާގެ އެންމެ ތުއްތުއިރުގެ ވާޙަކަތައް ކިޔާދީފައިވާ ގޮތަށެވެ. މަންމަގެ ގާތުން ނުދެވުނަސް އެއީ އެހާ މައްސަލައެއްކަމަކަށް އައްފާނަކަށް ނުފެނުނެވެ.

" ބޮޑުބެކީ ހުޅުމާލެއިން ގެއެއް ގަންނަ ވާހަކަ....." އައްފާން އެހެން ބުނުމުން ނަވީންގެ މޫނުމައްޗަށް އެރީ އެހެން ކަހަލަ ކުލަވަރެކެވެ.

" ކީއްކުރަންތަ ގެއެއް ގަންނަނީ............"

" މިބުނީނުން ބައްޕަ ބޭނުންވަނީ ލައިބާމެން މިކޮޅުގަ ބަހައްޓާށޭ.......މާލެއިން ގެއެއް ހޯދުމަށްވުރެން ހުޅުމާލެއިން ހޯދަން ފަސޭހަވާނެތީ ހުޅުމާލެއިން ގަންނަ ވާހަކަކީ.......... އެކަމަކު އަހަރެން އެއްގޮތަކަށްވެސް ރުހޭކަމެއް ނޫން ލައިބާ މިކޮޅުގައި މަޑުކުރުމަކީ..........." އަދިވެސް ނަވީންގެ ހިތުގައި ލައިބާއާ މެދު އެއްވެސް ލޯތްބެއްނެތްކަން އޭނާގެ ވާހަކަތަކުން ހާމަވެއެވެ. އޯޑަރ ކުރި ކޮފީ ގެނައުމުން ދެމީހުން ވާހަކަ މެދު ކަނޑާލިއެވެ. ދެން ދެމީހުން ވާހަކަ ކުރިއަށް ގެންދިޔައީ ވެއިޓަރ ދިއުމުންނެވެ. ހޮސްޕިޓަލްގައި އޮތް އައްފާންގެ ބައްޕަގެ ހާލާއި ބެހޭ ގޮތުން ނަވީން ސުވާލުކުރިއެވެ. ބައްޕައަށް ވީގޮތުން އައްފާން އިނީ ކަންބޮޑުވެފައެވެ. ދުވަހެއްގައިވެސް މިނޫނީ އޭނާ ބައްޕަގެ ކަމަކާއިގެން ދެރަނުވާ ވަރަށް މިފަހަރު ބަލިވުމުން ދެރަވެއްޖެއެވެ.

*****

ހޮސްޕިޓަލަށް ގެނައި އިރަށްވުރެން ނަސީރުގެ ހާލު ރަނގަޅެވެ. ނިދިފައި އޮތުމުން އާދިލާ ގޮސް ހުއްޓުނީ ކުޑަދޮރުކައިރީގައެވެ. ދޮރުފޮތިގަނޑު ކަހާލާއި ބޭރުބަލާލިއެވެ. މޫނުމަތީގައި ބީހުނު ވައިރޯޅިން ބުނެދޭން ނޭގޭ އިޙްސާސެއް ކުރުވިއެވެ. އޮއްސެމުންދިޔަ އިރުގެ ރަންދޯދިތަކުން އުދަރެސްވަނީ ފަވާލާފައެވެ. އެމަންޒަރު ބަލާފޫހިނުވާނޭކަން ޔަގީނެވެ. އާދިލާގެ ތުންފަތްމައްޗަށް އުފާވެރިކަން ގެނުވިއެވެ.

" ބަޝީރާ.....ބަޝީރާ......." އާދިލާ ސިއްސައިގެން ދިޔައެވެ. ދެލޯ ބޮޑުވިއެވެ. މީހާ ގަބުވެފައި ހުއްޓާ ތިންވަނަ ފަހަރަށްވެސް އެނަމުން ގޮވާލައިފިއެވެ.

ނުނިމޭ

  1. Avatar

    Naseeru ge haalaa medhu v bodah aympathy vey…. aslu Naseer akee goas meeheh noon….

    Dhonkalo Naveen, thiyahaa amilla edhun bodu vaakah nuvaane…. dhari aku hoadhaashey kiyaafa hama ekani loabi vaa anbimeehaa ah ekani alhaalanee thi… Vihaigen ulhey Naveen ge anbi meehaa ah thi dheneee haadha bodu dhera ekey… thi kureveneee haadha bodu faafa ekey…. I hate hate hate hate hate hatr hate you NAVEEN…..

    23

ޚިޔާލު ފޮނުއްވާ