Views: 7484 85

" ކިހިނެތްވީ ދަރިފުޅާ....." ބަޝީރާއަށް އިންތަނުން ތެދުވެވުނެވެ. ކަމެއްވަރަށް ގޯސްވެއްޖެކަމުގެ ސިގްނަލް އޭނާއަށް ލިބުނެވެ. ކައިރީގައި ތިބި މީހުންނަށް ހުރި ސަމާލުކަން އޭނާޔަށް ގެއްލުނެވެ.

" މަންމާ އެމީހުން އަހަރެންގެ ދަރިފުޅު އެގެންދިޔައީ...................." ލައިބާ ރޮއެގަނެފައި އެބުނި ޖުމްލައިން ބަޝީރާގެ ފައިދަށުން ބިންގަނޑުދެމިގެން ދިޔަކަހަލައެވެ. އެޙަބަރުން ހިތުގައި ބިރުވެރިކަން އުފެދުނެވެ. ފޯނު ކަންފަތާއި ދުރުކޮށްލެވުނު އިރު ބަޝީރާގެ ދެލޮލަށްވީ ކަރުނަ ޖަމާވެފައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ ނިޒާރުގެ މޫނަށެވެ. ނިޒާރުވެސް ބަޝީރާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރި ގޮތުން ވީ ގޮތް އެނގެން ބޭނުންވިހެން ހީވިއެވެ.

" އޭ ވަރަށް ސަކަރާތް........ލައިބާ ރޮނީ ކޮންމެވެސް ކަމެއްވެއްޖެ........" ބަޝީރާގެ އަޑުގައިވީ ކަންބޮޑުވުމެވެ. އޭނާގެ ވާހަކަތަކުން އޭނާ ލައިބާ ކައިރިއަށްދާން ބޭނުންވަރު ހާމަވެއެވެ. ނިޒާރުވެސް މަޑުކުރާކަށް ބޭނުމެއްނުވިއެވެ. ލައިބާ ކައިރިއަށް ބަޝީރާ ގެންގޮސްދޭން އޭނާ އަވަހަށް ހިނގައިގަތީ އަވަހަށް ހިނގާށޭ ބުނަމުންނެވެ.

ލައިބާ އޮތް ކޮޓަރިއަށް ނުވަދެވެނީސް ލައިބާގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުނެވެ. އަވަހަށް އެތެރެއަށްވަން އިރު ލައިބާގެ ކޮނޑުގައި ހިފަހައްޓައިގެން ނަވީން ހުއްޓެވެ. ބަޝީރާ އެނދުކައިރިއަށް ހުއްޓުމުން ލައިބާ އޮޅުލައިގަތީ އޭނާގެ މަންމަގެ ގައިގައެވެ. ނިޒާރު ހުއްޓުނީ އެނދުގެ ފައިލާންކޮޅުގައެވެ.

" ކިހިނެތް ވީ ؟ " ބަޝީރާ ބަލާލީ ނަވީންގެ މޫނަށެވެ.

" ނޭވާލުމުގައި މައްސަލަ އުޅޭތީ އެކަކު ގެންދިޔައީ އައި.ސީ.ޔޫއަށް.........." ނަވީންގެ އަޑުގައި ހުރި މޮޅިވެރިކަން އެކަކަށްވެސް ސިއްރެއްނުވިއެވެ. ކަރުނަ އަޅާ ނުރުޔަސް އޭނާވެސް އެހުރީ ދެރަވެފައިކަން ޔަގީނެވެ.

" އެކަމާ ނުރޮއެ...... ރަނގަޅުވެލީމަ ގެންނާނެ ލައިބާ ކައިރިއަށް .....މާ ބޮޑަށް ކަންކަމާ ފިކުރު ބޮޑުކުރާކަށް ނުވާނެ......މިހާރުވާނީ ރަނގަޅަށް އަރާމްކުރަން ........" ނިޒާރު ވާހަކަދައްކަން ފެށުމުން ލައިބާ ނިކަން ފަސޭހައިން ހުއްޓާލައިފިއެވެ. އެކަމަކު އެހިތުގައި އަޅާ ވޭނަށް ކުޑަވެސް ލުޔެއް ނުލިބެއެވެ.

" ބަޝީރާ އެމަންޖެ އެނދުގައި ބާއްވާލާ....... އަރާމްކުރުން ވަރަށް މުހިއްމު " ނިޒާރު ހިނިތުންވެލައިގެން ހުރެ ވާހަކަދައްކަމުން ދިޔައެވެ.

" މަންމަޔަކަށް ވީމަ ވާނެ ނިކަން ހިތްވަރު ގަދަވާން.........އަދި އަމުދުން ލައިބާއަށް މިއޮތީ ޑަބަލް ހިތްވަރުގަދަކުރަން ޖެހިފައި ދެމީހުންގެ ކަންތަކުގައި ވަރަށް ބުރަވާނެ........އަޅެ ނޫންތަ ބަޝީރާ......." ނިޒާރުގެ ބަހަށް ބަޝީރާ ހަމައެކަނި ހިނިތުންވެލީއެވެ. ލައިބާ އެނދުގައި ބާއްވާ ގައިމަތީގައި އަޅާފައިވާ ފޮތިގަނޑު ރަނގަޅުކޮއްދިނުމަށްފަހު ބަޝީރާ އިށިއިނީ ގޮނޑީގައެވެ. ކުޑަ އެނދުކައިރިއަށް ޖެހިލައި ކާފަދަރިފުޅަށް ބަލަން ނިޒާރު އިރުކޮޅަކު ހުއްޓެވެ.

"ނަވީން ދާން ވިއްޔޭނުން ސައިބޯން .......މިހާރު ހުންނާނީ ވަރަށް ބަނޑުހައިވެފަ............"

" ބައްޕަ މިކޮޅުގައި މަޑުކުރާނަން..........." ނަވީން ބޯޖަހާލާފައި ނިކުމެގެން ދިޔައީ ލައިބާއަށް ބަލައިވެސް ނުލައެވެ. އެމަންޒަރުން އިތުރަށް ލައިބާގެ ހިތަށްވީ ތަދެވެ. ދެލޯ މަރާލެވުނީ ހިތުގައި ޖެހުނުވަރުންނެވެ.

" ބަޝީރާ އަހަރެން ބޭރުގައި މިއިނީ ކަމެއް ބޭނުންވެއްޖެއްޔާ ގޮވާލާ........." ނަވީންގެ ފަހަތުން ބޭރަށް ނިކުންނަމުން ނިޒާރު ބުނެލިއެވެ. ލައިބާވެސް ލޯމަރާލިގޮތަށް ނުހުޅުވައެވެ. ބަޝީރާގެ ހިތަށް ސިފަވީ ނަސީރެވެ. އެއާއެކު ހިތުގައި ވަރުގަދަ ހަނގުރާމައެއް ކުރަންފެށިކަހަލައެވެ. އެކިކަހަލަ އިހްސާސްތަކުން މަސްހުނިވެފައިވީ ހަނގުރާމައެކެވެ. ނަސީރު ކުރިމަތީ މަޑުނުކޮށް އަންނަން ޖެހުނުކަން ނަސީބޭ ހިތަށްއެރިއެވެ. އޭނާގެ ޒުވާން އުމުރު ނަގާލީ އެނުލަފާ ނަސީރުއެވެ. ރަށުމީހުން ކުރިމަތީ ބަދުނާމުވީ އޭނާގެ ސަބަބުންނެވެ. ކިތަންމެ ހިތްވަރުކޮށްގެން އިނަސް ބަޝީރާއަށް ރޮވިއްޖެއެވެ. ކުޑައެނދުގައި އޮތް ދަރިފުޅު ރޯލުމުން އަވަސްއަވަހަށް ގޮނޑިންތެދުވެގެން ގޮސް އެނދުކައިރީ ހުއްޓުނެވެ. ދަރިފުޅު އަތަށް ނެގިއިރު ތުންފަތްމައްޗަށް ހިނތުންވުމެއް ގެނުވާއިފިއެވެ.

*****

މެންދުރުވާން ކައިރިވިފައިވަނިކޮން ސަޖާ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދެވުނެވެ. މާހިލާއި ސަޖާގެ މަންމަޔާ ބައްޕަގެ އިތުރުން ޖޫލީވެސް ހޮސްޕިޓަލަށް ދިޔައެވެ. މާހިލް އެންމެ ދެރަވީ މާހިލްގެ ފަރާތުން އޭނާޔަށް ހިތްވަރު ދޭނެ މީހަކު ނެތުމުންނެވެ. މާހިލްގެ މަންމަ ކައިރީ ސަޖާ ބަނޑުގައި ރިހޭތީ ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ ނުބުނީ ސަޖާއަށް މަންމަ ކިޔާފައިވާ އެއްޗެހިންނެވެ.

އެދުވަހަކީ މަމްދޫހާޥެސް ދައްކަން ހޮސްޕިޓަލަށް އައިސް އުޅުނު ދުވަހެކެވެ. ނަންބަރާ ޖެހެންދެން މަމްދޫހާ އިނީ ގޮނޑިބަރީގައެވެ. އެހެން އިންދާ ފެނުނީ ޖަލީލާއެކު މާޙިލް އޭނާ ކުރިކަނޑާ ދިޔަތަނެވެ. މަމްދޫހާ ބޭނުންވީ އެމީޙުން ހޮސްޕިޓަލްގައި ކުރާ ކަމެއް ބަލާށެވެ. އެހެންވެ ގޮނޑިން ތެދުވެގެން އެމީހުންގެ ފަސްފަހަތުން ހިނގައިގަތެވެ. އެމީހުން ގޮސް މަޑުކުރީ ލޭބަރ ރޫމް ކައިރިއަށެވެ. އޭރު އެތާގައި ސަރުމީލާ އާއި ޖޫލީވެސް ތިއްބެވެ. މަމްދޫހާ ބޭނުންވީ އެތަނަށްދާށެވެ. މަޑުމަޑުން ހިނގަމުން އެހިސާބަށް ނުދެވެނީސް ލޭބަރރޫމް ދޮރުހުޅުވުނެވެ. ނަރުސްކުއްޖަކު ނުކުތުމުން އެންމެން އެދިމާލަށް ދުއްވައިގަތެވެ. ނަރުސްކުއްޖާ އަތުގައި ރަޖައަކަށްލައިފައި އޮތް ދަރިފުޅު ސަރުމީލާގެ އަތަށް ލައިދިނެވެ. އެތަންފެނި މަމްދޫހާއަކަށްވެސް ދުރަކު ނުހުރެވުނެވެ. މާހިލްވެސް ޖީބުގައި އޮތް ފޯނުނަގާ ކުޑަމީހާގެ ފޮޓޯއެއްނަގާލިއެވެ. ސަރުމީލާގެ އަތުން މާޙިލްގެ އަތަށް ދަރިފުޅު ލައިދިނެވެ. މާހިލް ހުރީ އެކުއްޖާ ކުޑަކަމުން އަތްޖައްސާލާނެ ގޮތެއް ނޭނގިފައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. އެއެންމެންވެސް މިދުވަހަށް ވަރަށް ދިގު އިންތިޒާރެއް ކޮއްފިއެވެ. ސަރުމީލާގެ ލޮލުގައި މަމްދޫހާ އަޅައިގަތީ ފޯނެއް އައިސްގެން ދުރައްޖެހިލަން އުޅެނިކޮށެވެ.

" އަހާން މަމްދޫހާ އާދޭ އާދޭ....." ސަރުމީލާ ހިނިތުންވެލީ ހުރިހާ ދަތެއް ފެންނަ ވަރަށެވެ. މަމްދޫހާ ހުރީ ހިސާބަކަށް ލަދުންނެވެ. ސަޖާއަށް ކިޔުން އެއްޗެހިން އެއިން މީހަކާ މޫނުހަމަކުރުން އޭނާ ހުރީ ޖެހިލުންވެފައެވެ. ސަރުމީލާގެ އަޑަށް ޖަލީލްވެސް އެމީހުންނާ ދިމާއަށް ބަލާލިއެވެ. އޭރުވެސް ޖޫލީ އާއި މާޙިލް ހުއްޓާނުލާ ދައްކަމުންދިޔަ ވާހަކައިގެ ތެރެއިން ދޭތެރެއަކުން ހިނިގަނޑެއްޖަހާލާ އަޑު އިވެއެވެ.

" މަމްދޫހާ އަވަހަށް އާދޭ މިއޮއް ފުއްކޮޅެއް ނިކަން ދެކިބަލަ....އަވަހަށް އާދޭ އުރާލަން....." ޖަލީލްގެ އަޑަށް މާޙިލަށް ފަސްއެނބުރި ބަލާލެވުނެވެ. ޖަލީލަށް ލިބިފައިވާ އުފާ އޭނާގެ އަޑުން ހާމަވެއެވެ. ކާފަ ދަރިއަކަށް އޭނާ ވަރަށް އިންތިޒާރު ކޮއްފިއެވެ. އަދި އަމުދުން ފިރިހެން ދަރިއަކު ކާފަކިއުމުން ލިބިފައިވާ އުފާ އިންތިހާއަށް ބޮޑެވެ. މާހިލް މަމްދޫހާގެ މޫނަށް ބަލަން ހުރި ގޮތުން މަމްދޫހާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮއްލިއެވެ. މާހިލް ބުނާނެ އެއްޗެއް ނޭގޭ ހާލު ކުރިއަށް ފިޔަވަޅެއް އަޅަންވެސް އޭނާ ޖެހިލުންވިއެވެ. މާހިލް ފަރާތުން ފެނުނީ މަމްދޫހާ އުއްމީދުކުރި ފަދަ ގޮތެއް ނޫނެވެ. މާޙިލް ހިނިތުންވެލާފައި މަމްދޫހާ ކައިރިއަށްޖެހިލިއެވެ. އަދި ރަޖާތެރޭގައި އޮތް ދަރިފުޅު މަމްދޫހާ އަތައްލައިދިނެވެ. މަމްދޫހާއަށް ހުރެވުނީ ބަސްހުއްޓިފައެވެ. މާޙިލް އޭނާޔަށް މައާފްކުރީބާއޭ އޭނާ ހިތައްއެރިއެވެ.

އެތުއްތު ދަރިފުޅު މަމްދޫހާ ބަލާލުމުން ހިނިތުންވެލީ ދެލޯ މަރައިގެން އޮވެއެވެ. ހީވަނީ އެކުއްޖާއަށްވެސް އެކުއްޖާގެ މާމަ ބީހުމުން އިހްސާސްކުރެވުނީ ހެންނެވެ. މަމްދޫހާގެ ހިތް އެތުއްތުތުއްތު ދަރިފުޅުގެ މައްޗަށް ލެނބިގެންދިޔައެވެ. ބޮޑުބޮޑު ދެލޯ ހުޅުވާލީ ތުންފަތަށް ގޮތެއް ހަދާލަމުންނެވެ. އެބޮޑުބޮޑު ދެލޮލަކީ ސަޖާގެ ފަރާތުން އެދަރިފުޅަށް ލިބިފައިވާ ދެލޮލެއްކަން ޔަގީނެވެ. ނޭފަތާއި ތުންފަތް އަދި ބޮލުގައި އޮތް ފަންފަން އިސްތަށިކޮޅު ޔަގީނުންވެސް މަމްދޫހާގެ މާހިލާ އެއްވެސް ތަފާތެއްނެތެވެ. މާޙިލް ކުޑައިރު އޮތީ ހަމަ މިހެންނޭ އެހިތް ބުނަމުންދިޔައެވެ.

ސަޖާ އާ ބައްދަލުކުރަން ފަހުން އަންނާނެ ކަމަށް ބުނެފައި މަމްދޫހާ ދިޔައީ ސަރުމީލާ އަތަށް ކުޑަދަރިފުޅު ލައިދީފައެވެ. މަމްދޫހާ ޑޮކްޓަރަށްދައްކަން ނެގި ނަންބަރާއި ކައިރިވާތީ އާވެސް އެއްކޮންނެވެ. ހަގީގަތުގައި މަމްދޫހާއަށް ސަޖާގެ ކުރިމައްޗަށް އަރަން ނުކެރިގެން އެތަނުން ދިޔައީއެވެ. ސަޖާގެ ބޮލުގައި އެޅުވުނު ހުތުރު ތުހުމަތުން ސަޖާ އޭނާއަށް މައާފުކުރާނެކަމެއްވެސް ނޭނގެއެވެ. އެކަން ހިތަށް އެރުމުން ސަޖާ އާ ބައްދަލުނުކޮށް މަމްދޫހާ ދިޔައީއެވެ.

******

ޑައިރީގައި ލައިފައިވާ ތަޅު ހަލާކުކޮއްލުމަށްފަހު އާޝާ ޑައިރީ ހުޅުވާލިއެވެ. އަފީފުގެ ސާދާ ދިވެހިލިޔުން ފެނިފައި އެއީ އަފީފުގެ ދެއަތުން ލިޔެފައިވާ ޑައިރީއެއްކަން އާޝާއަށް އެނގުނެވެ. ނިދަން ތައްޔާރުވެގެން އާޝާ އެނދުގައި އޮށޯވެލީ އެޑައިރީގައިވާ އެއްޗެއް ކިޔަން ނިކަން ޝައުގުވެރިވެގެންނެވެ. އާޝާއަށް ނޭނގި އޮތް ކޮންމެވެސް ކަމެއް އެންގުމަށްޓަކާ ލިޔެފައިވާ ޑައިރީއެއްކަން ކިޔަން ފެށުމުގެ ކުރިންވެސް އޭނާގެ ހިތް ދިޔައީ ބުނަމުންނެވެ.

ޑައިރީ ކިޔަމުންދިޔައިރު އާޝާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ދިޔައީ ކަރުނަ އަންނަމުންނެވެ. ގަނޑަކަށްފަހު ގަނޑެއް އުކަމުން ދިޔަ ދިޔަހެން ތިލަވަމުން ދިޔައީ ކުރިން ނޭނގޭ އެތައް ވާހަކަތަކެކެވެ. އާޝާ އަކީ އަފީފުގެ ކުއްޖެއްނޫންކަމެވެ. އެހެނަސް ދަރިއެއްގެ ގޮތަށް އާޝާ ބަލައިގަތީ އަފީފަކީ ދަރިން ލިބުމުން މަހުރޫމްވެފައިވާ މީހަކަށް ވީތީއެވެ. އާޝާ އެންމެ ހައިރާންވިކަމަކީ އާޝާ އަފީފުގެ ދަރިއަކަށް ނުވާއިރު އޭނާގެ މިލްކިއަޔާތުގައިވާ ހުރިހާ މުދަލަކާއި ފައިސާއެއް އާޝާއަށް ލިބޭ ގޮތަށް އޮތީތީއެވެ. އަފީފު ނެތް ދުނިޔެއެއްގައި އެހުރިހާ އެއްޗެއްގެ ވެރިއަކީ އާޝާއެވެ. އެކަމުން އާޝާއަށް އެނގުނީ އަމިއްލަ ދަރިއަކަށް ނުވިޔަސް އާޝާ ދެކެ އަފީފު ލޯބިވާވަރެވެ. ދަރިއެއްގެ ގޮތުގައި ބަލައިގަންނަކަމެވެ.

ޑައިރީ ލައްޕާލީ އިތުރަށް ކުރިއަށް ނުގެންދެވިގެންނެވެ. ދެލޮލުން ހިފެހެއްޓުމެއްނެތި ދިޔައީ ކަރުނަ އަންނަމުންނެވެ. އެއްވެސް ގުޅުމެއްނެތް މީހަކު އޭނާ 28 އަހަރު ބަލާބޮޑުކޮއް ލޯބިދިނީތީ އާޝާގެ ހިތުގައި އަފީފަށް ދެވުނު މަގާމްވީ ބޮޑެވެ. އެންމެ ކުޑަ ދުވަހުން ފަށައިގެން އަފީފު އާޝާ ބެލީ އެއްވެސް ކަމަކަށް އުނިނުކޮށެވެ. އިންތިހާއަށް ލޯބިދީގެންނެވެ. ފައިސާ އާއި މުދާވެސް އާޝާއަށް ހިތަކަށް އޮތީ ލިބިފައެވެ. މަންމަޔަކާއި ނުލާ އަފީފު އާޝާ ބަލާ ބޮޑުކޮށް ކިޔަވައިދިނެވެ. ހުރިހާ މާނައެއްގައިވެސް ބައްޕައެއްގެ ލޯބިދިނެވެ. ހިމާޔަތާއި ރައްކާތެރިކަން އަފީފުގެ ފުށުން ލިބުނެވެ. މިޒަމާނުގައި އަފީފު ކަހަލަ މާތް މީހަކު މަދުވާނެއެވެ. އާޝާ ކުރަން އުޅުނު ކަމަކާ އަފީފު ނުގަބޫލުވީ އެންމެ ކަމަކާއެވެ. މާހިލާއި ގުޅެން އަބަދުވެސް އަފީފު ދެކޮޅެވެ. ސަބަބު މިއެނގުނީ އާޝާއަށް އަދި ކިރިޔާއެވެ. މާޙިލްގެ ބައްޕައަކީ އާޝާގެ އަސްލު ބައްޕަކަމުގައިވީތީއެވެ. މިއަދު އާޝާގެ ހިތްވަނީ އަފީފަށްޓަކާ ޝުކުރުންފުރިފައެވެ. ހުރިހާ މާނައެއްގައިވެސް އަފީފް އާޝާ މީހަކަށް ހަދައިދިނެވެ.

ދޮރުގައި ޓަކިދޭންފެށުމުން އާޝާގެ ސަމާލުކަން ދޮރާ ދިމާލަށް ހުއްޓުނެވެ. މޫނު ފޮހެލަމުން ގޮސް ދޮރުހުޅުވިއިރު ކުރިމަތީގައި ހުރީ ހައިފާއެވެ. ހައިފާ މޫނުމަތީގައި އެއްވެސް ދިރުމެއްނެތެވެ. މޮޅީގެ ސާލުގައި ހުރި ހައިފާވެސް އަފީފު ނެތުމުގެ ހިތާމަކުރާނޭކަން ޔަގީނެވެ. ހައިފާ ދިއްކޮށްލި އަތަށް އާޝާއަށް ބަލާލެވުނެވެ. ތަޅުދަނޑިފައްޗެކެވެ. އެތަޅުދަނޑިފަތީގައި ހިފި ވަގުތު ހައިފާ ވާހަކަދެއްކިއެވެ.

advertisment

" ދަނީ......ހިތްހެޔޮކުރާތި........އަހަރެން ފަރާތުން ހިތްހަމަ ނުޖެހޭ ކަމެއްވެފައިވާ ނަމަ މައާފަށް އެދެން......" ހައިފާ ވާހަކަދެއްކީ އިސްޖަހައިގެން ހުރެއެވެ. އާޝާއަށް ވަރަށް ފުން ނަޒަރަކުން ހައިފާއަށް ބަލާލެވުނެވެ. ބުނާނެ ބަހެއް ދުލާހަމަޔަކަށް ނައެވެ. ހައިފާ ހިނގައިގަތީ އާޝާ އަނގައިން ނުބުނުމުންނެވެ. ކައިރީގައި ހުރި ދަބަހުގެ މުއްގަނޑުގައި ހިފާ ދަމާލަމުންނެވެ. ހައިފާވެސް އާޝާ ދޫކޮށްދަނީއެވެ. އޭނާ އެކަނިވީއެވެ.

" މަންމާ......" ހައިފާގެ ކަންފަތުގައި ޖެހުނީ އާޝާގެ އަޑެވެ. ފަސްއެނބުރި ހައިފާ ބަލާލީ އިވުނު އަޑާއިމެދު ޔަގީންނުވެ ހުރެއެވެ.

" މަންމާ.....މަންމަވެސް އަހަރެން ދޫކޮއްލާފަ ދަނީތަ؟ " އާޝާގެ ކޯތާފަތްމައްޗަށް ރޮނގަކަށްފޭބީ ކަރުނައެވެ. ހައިފާއަށް އާޝާގެ ދެލޮލުންފެނުނީ އާދޭހެވެ. ހައިފާ ދާން ބޭނުން ނުވާކަމެވެ. ކުޑައިރުންފެށިން އާޝާ ކައިރީގައި ހައިފާ އުޅުނަސް އާޝާ ހައިފާއަށް ނަފްރަތުކުރެއެވެ. ރުޅި އާދެއެވެ. އަފީފު މަންމަ ކިޔަން އެދުނެވެ. އާޝާ ބޭނުން ނުވީއެވެ. އާޝާގެ މަންމަގެ މަގާމްއެހެން މީހަކަށް ދޭން ބޭނުންނުވީއެވެ. " މަންމަ" އޭ ކިޔާ މިއަދު ނޫނީ އާޝާ ހައިފާއަށް ދުވަހެއްގައިވެސް ގޮވާފައެއް ނުވެއެވެ. ހައިފާގެ ދެލޮލުން ފޭބީ އުފާވެރިކަމުގެ ކަރުނައެވެ. ބަހެއް ނުބުނެވިފައި ހުރީ އެކަން ގަބޫލުނުކުރެވިފައެވެ.

" މަންމާ އަހަންނަށްޓަކާ މިގޭގަ މަޑެއް ނުކުރެވޭނެތަ؟ ބައްޕަ އަހަރެންނާ ތާއަބަދަށް ވަކިވެގެން އެދިޔައީ .......މަންމަވެސް އަހަރެން ދޫކޮށްދަނީތަ؟ " އާޝާ ވާހަކަދެއްކީ ރޮމުންނެވެ. އާޝާއަށް ކޮއްފައިވާ އަސަރު ހައިފާގެ ހިތުގެ އެންމެ ފުނާހަމައަށް ފޯރައްޖެއެވެ. ފޮށީގެ އަތްގަނޑުން ދޫކޮށްލާފައި އާޝާ ކައިރިއަށް ދިޔައީ ޖެހިލި ބާރު ވައިރޯޅިއެއް ފަދައިންނެވެ. އާޝާ ގައިގާ ހައިފާ ބައްދާލީ އަމިއްލަ އިހްސާސްތައް ކޮންޓްރޯލް ނުވާ ހާލުއެވެ.

" ދަރިފުޅާ....."

" މަންމަ ހާދަ ދިގު އިންތިޒާރެއް ކޮއްފީމޭ ދަރިފުޅު އަނގައިން މަންމާއޭ ކިޔާ ގޮވާލާނެ ދުވަހަކަށް............." ވާޙަކަ ކުރިއަށް ނުގެންދެވިގެން ހައިފާ ހުއްޓާލިއެވެ. އަރުބެދިގެންނެވެ. އާޝާގެ ހިތް ބަދަލުވީ ޑައިރީ ކީފަހުންނެވެ. އަފީފުވެސް ބަލާބޮޑުކުރީ އަމިއްލަ ލެޔެއްނޫނެވެ. ހަމަ އެހެންމެ ތިމާޔާ އެއްވެސް ގުޅުމެއްނެތް މީހަކު ތިމާދެކެ ލޯބިން އުޅިދާނޭކަން ފުރަތަމަ ފަހަރަށް އާޝާއަށް ގަބޫލުކުރެވުނެވެ. ހަގީގަތުގައި އަފީފްއެކޭ ހައިފާ އެކޭ އާޝާއަށްވާނީ އެއްވަރެވެ. އެއީ އޭނާޔާ ލޭގެ ގޮތުން އެއްވެސް ގުޅުމެއްނެތް ދެމީހުންނެވެ. ވީއިރު ހައިފާގެ ހިތުގައިވެސް އާޝާއާ މެދު ދަރިކުލުނު އޮވެދާނޭކަމަށް އާޝާ މިހާރު ގަބޫލުކުރެއެވެ.

" މަންމާ މަންމަ ހިނގައްޖެއްޔާ އަހަރެން ވަރަށް އެކަނިވާނެ........އަހަރެންގެ އެއްވެސް މީހަކު މިހާރުނެތް......" ހައިފާ ބަލާލީ އާޝާގެ މޫނަށެވެ.

" މަންމަ ނުދާނަމޭ މަންމަގެ އާޝާ ދޫކޮށްލާފައެއް........" އާޝާ އަށް އަނެއްކާވެސް ރޮވުނީއެވެ. ހައިފާ ﷲއަށް ޙަމްދުކުރިއެވެ. އާޝާގެ ހިތް އޭނާގެ މައްޗަށް ހެޔޮވީތީއެވެ. ހައިފާ އެންމެ ދެރަވީ މިދުވަސްދެކެން އަފީފު ނެތީމައެވެ.

******

ބަގީޗާތެރޭގައި ނަސީރު އިނީ އެކަނިމާ އެކަންޏެވެ. ހިޔާލާއި ފިކުރު ގުޅިފައިވީ ބަޝީރާ އާއެވެ. މިއަދު ބަޝީރާ ފެނުމުން ނަސީރަށް ބުނެދޭން ނޭގޭ އެތަށް އެތަށް އިހްސާސެއް އެބަ ކުރެވެއެވެ. ޒުވާންދުވަސްވަރާ ކިތަންމެ ބަދަލުވެފައި ހުއްޓަސް ބަޝީރާ ފެނުމުން ނަސީރަށް އެނގިއްޖެއެވެ. ބަޝީރާގެ ރީތިރީތި އިސްތަށިގަނޑު ފެންނަން ނެތަސް ނަސީރުއަށް ބަޝީރާއެއް ނޯޅެއެވެ. ބަޝީޜާގެ ސޫރަވަނީ ނަސީރުގެ ހިތުގައި ކަނޑާ ބިންވަޅު ނެގިފައެވެ.

ނަސީރަށް އެނގިފައިވާ ގޮތުން ބަޝީރާ މާލެ އައިސް އެއުޅެނީ އޭނާގެ އަންހެންދަރިއަކު ވިހާށެވެ. އެބުނާ އަންހެންދަރިފުޅު ލައިބާ ނަސީރާވަނީ ދިމާވެފައެވެ. ބޭބެ ނިޒާރުގެ ފަރާތުން އެނގިފައިވާ ގޮތުން ބަޝީރާގެ ހުންނަނީ އެންމެ ކުއްޖެކެވެ. ފިރިއަކު ނެތެވެ. ހުރީ ވަރިކޮއްފައި ކަމެއް ނޫނީ ފިރިމަރުވެފައި ކަމެއް ނޭނގެއެވެ. އެއީ ނަވީންގެ އަންހެނުންނަށް ވީއިރު އެމީހުންނަށް ލިބޭ ކުއްޖަކާއި ނަސީރާއި ލޭގެގޮތުންވާނީ ގުޅިފައެވެ. ބަޝީރާޔާ ވާހަކަދައްކަން ނަސީރު އިންތިހާއަށް ބޭނުންވެއެވެ. އެހެނަސް މިހާރު މާ ލަސްވެއްޖެކަން އޭނާއަށް އެނގެއެވެ. ހާލަތު ދިމާވީ ގޮތުން ނަސީރަށް ބަޝީރާ ކައިރިއަށް އެނބުރި ނުދެވުނީއެވެ. ވަކިނުވާން ދެމީހުން އެތަކެއް ވައުދެއްކުރިއެވެ. ޔަގީނުންވެސް ނަސީރާ ބައްދަލުވިއިރު ބަޝީރާ އަލެވެ. ބަގީޗާއެއްގައި ފޮޅިފައި އިން ތާޒާ މަލެކެވެ. އެމަލުގެ ރީތިކަމާއި ފޮނިކަން ލިބިގަތް ފުރަތަމަ މީހަކީ ނަސީރުއެވެ. އަންހެންކުއްޖަކަށް ލަނޑެއް ދިނުމުގެ ބޭނުމެއްގައި ނޫނެވެ. އިންތިހާއަށް ބަޝީރާ ދެކެ ލޯބިވެވިގެންނެވެ. އެލޯބީގައި އަމިއްލަ ނަފްސަށް ބާރު ނުފޯރުވެވިގެންނެވެ.

ކައިރީގައި ހުރި ކޮފީމަގު ހިހޫވި އިރުވެސް އެއިން އެތިފޮދެއް ބޯން ނަސީރު ހަނދާން ހުރިހެންނެއް ހިޔެއް ނުވެއެވެ. މާޒީގެ ހަނދާންތަކުން ނަސީރުގެ ހިތް ފިސްފިސްވެފައިވާ ފަދައެވެ. އަދިވެސް ނަސީރުގެ ހިތުގައި ބަޝީރާއަށް ނޫން މީހަކަށް ޖާގައެއްނެތެވެ.

ސިޓިންގރޫމުން ބަގީޗާއަށް ވަންނަން ހުރި ދޮރު ކަހާލާފައި ބަގީޗާތެރެއަށް ވަދެގެން އައީ ބަޝީރާއެވެ. އެތަންފެނިފައި ނަސީރުގެ ނަންބަރު އައިނު ނަގާ ލައިގެން އިން ގަމީހުގެ ފަސްބައިން ފޮހެލިއެވެ. ހަމަ ފޮހެލުމާއެކު އަވަހަށް އަޅާލިއެވެ. ބަޝީރާއަކަށް ނަސީރެއް ނުފެނެއެވެ. އޭނާ ހިފައިގެން އައި ބާލީދި ބިންމަތީގައި ބަހައްޓާލިއެވެ. އެއަށްފަހު ފަހަރަކު އެއްޗެއް ނަގާ އެއްޗެހި ހިއްކަން އަޅަން ދަމާފައި ހުރި ރޯނުގައި އަޅާލައެވެ.

ނަސީރު ދެލޯ ހޯދާލީ ފެންނަ ހިސާބުގައި މީހަކު ހުރިތޯއެވެ. ބަޝީރާ އާ އަނގައިން ބުނަން މިއަށްވުރެން ރަނގަޅު ފުރުސަތެއް ލިބޭނެކަމެއް އޭނާޔަކަށް ނޭނގެއެވެ. މަޑުމަޑުން ގޮނޑި ދުއްވާލީ ބަޝީރާ އާ ދިމާލަށެވެ. ތެޅިތެޅި އޮތް ހިތަކާއި އެކުއެވެ.

" ބަޝީރާ....." ނަސީރުގެ އަޑު ޖެހިފައި ބަޝީރާގެ ހިތުގެ ހިނގުންވެސް ހުއްޓުނު ކަހަލައެވެ. އެއަޑު ކަންފަތުގައި ޖެހުމުން ބަޝީރާއަށް އެއީ ނަސީރުގެ އަޑުކަން އެނގިއްޖެއެވެ. ފަންސަވީސްއަހަރު ފަހުންވެސް އެއަޑު ކަންފަތުގައި ޖެހުމުން ބަޝީރާގެ ހިތަށް ބުނެދޭންނޭގޭ އިހްސާސްތަކެއް ކުރުވައިފިއެވެ.

~ ނުނިމޭ ~

  1. Avatar

    Mary asluves mi vaahaka haadha reehchey. Negetive comments thakah visnaaleema ves ingeyne meehun rulhi annanee vaahaka upvaaleh lasveema. Positive koh visnaanama mee mary ah plus point eh. Hadi vaahaka eh upnukohgen aslu meehun neh noolheyne. Keep up the good work Mary. Love ur story. Can’t wait for the next part..

ޚިޔާލު ފޮނުއްވާ