6394 62

ޖޫލީ އާއި ނަވީނަކީ ޒީނިޔާގެ ނަޒަރުގައި ލޯބީގެ ލާމަސީލު ނަމޫނާއެވެ. އެހެން މީހުންނަށް ހުރި ރީތި މިސާލީ ދިރިއުޅުމެއް އުޅެމުންދާ ދެމަފިރިންނެވެ. އެހެނަސް އިވުނު އެންމެ ޖުމްލަޔަކުން ނަވީނާއި މެދު ދެކޭގޮތް ބަދަލުވެއްޖެއެވެ. ހިތާހިތުން ނަވީނަށް އެއްޗެހި ކިޔުނެވެ.

ރީތިވާ މޭޒުމަތީގައި ޗާޖަށްޖަހާފައި އޮތް ޒީނިޔާގެ ފޯނު ނަގާ ޖޫލީގެ ނަންބަރަށް ޑައެލް ކޮއްލިއެވެ. ރިންގް ކެނޑުނު އިރުވެސް ފޯނެއް ނުނެގިއެވެ. ޒީނިޔާ ކޮޓަރިތެރޭ ދެކޮޅަށް ހުރެ ހިނގަންފެށިއެވެ. ދެފަހަރު ތިންފަހަރު ގުޅި އިރުވެސް ފޯނަށް ޖަވާބެއް ނުދެއެވެ. މިމަންޒަރު ބަލަން އައްފާން އެނދުމަތީގައި އޮތެވެ. ޒީނިޔާ އުޅޭގޮތުން އެންމެފަހުން އެއްޗެއް ބުނެނުލާ އޭނާޔަކަށް ނޯވެވުނެވެ.

" ހާލު ބޮޑު ބަލިމީހަކަށް ލޭނުލިބިގެންތަ ތިއުޅެނީ ....." އަނގަޔަށާއި ލޮލަށް ވައްތަރެއް ޖައްސާލަމުން ޒީނިޔާ ހުރި ފިޔަވަޅުމަތީ ހުއްޓުނެވެ. އަދި ކަންފަތުގައި ޖައްސައިގެން ހުރި ފޯނު ތިރިކޮށްލިއެވެ.

" ކާކަށްތަ މާވަރަކަށް ނުގުޅިގެން ތިއުޅެނީ .......؟ " އައްފާން އޮތީ ނިކަން ހަމަޖެހިފައި އޮތް ހެންނެވެ.

" ޖޫލީއަށް....." ޒީނިޔާގެ މޫނުމަތިން ފެނުނީ ނުރުހުމުގެ އަސަރެވެ. އެއަޑު އިވިފައި އައްފާނަށް ފުންމައިގެން ތެދުވެވުނެވެ. އަދި ބާރުގަދަ ވައިރޯޅިއެއް ފަދައިން އައިސް ހުއްޓުނީ ޒީނިޔާ ކުރިމަތީގައެވެ.

" ކީކޭ ތި ބުނީ ........."

" ކީއްކުރަން ޖޫލ..ޖޫލީއަށް ގުޅަނީ ...." އައްފާނަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ. ޒީނިޔާއަށް އެއްޗެއް ނުބުނެ ވިގެން އުޅެނިކޮށް އޭނާ އަތުގައި އޮތް ފޯނު ދަމައިގެތެވެ.

" ކީއްކުރަން ޖޫލީއަށް ގުޅަން ތިއުޅެނީ.............." ފޯނު އޮތް އަތް ހަރަކާތްކޮއްލަމުން އައްފާން ވާހަކަދެއްކި އިރު އަޑުގައި ހަރުކަށިގޮތެއް ހުއްޓެވެ. ޒީނިޔާ ހިތް ހަމަނުޖެހިގެން ހަމަ އެކަނި މޫނު އަނބުރާލެވުނީއެވެ. ހިތްހަމަނުޖެހިގެން ދުވަހަކުވެސް ޒީނިޔާ އައްފާނާއި ޒުވާބެއް ނުކުރެއެވެ. އެހެންވެ މިފަހަރުވެސް އޭނާ އިޙްތިޔާރުކުރީ ހިމޭންކަމެވެ.

" ލައިބާގެ ވާހަކަ ބުނަންތަ ؟ " ޒީނިޔާގެ ދަތްދޮޅީގައި ހިފައި އައްފާނާއި ދިމާލަށް މޫނުއަނބުރާލިއެވެ. ޒީނިޔާ ޖަވާބެއް ނުދިނެވެ. ހަމައެކަނި އިޙްތިޔާރުކުރީ ހިމޭންކަމެވެ. ޒީނިޔާގެ ފެންކަޅިވެފައިވާ ދެލޮލުންނާއި އެހަމަހިމޭންކަމުން އައްފާނަށް ޖަވާބު ލިބުނެވެ. ކުށްވެރިޔަކު ފަދައިން ޒީނިޔާ އިސްޖަހާލިއެވެ.

advertisment

" ކީއްކުރަން ....؟ ޒީނިޔާއަށް ފުރަގަސްދީފައި ގޮސް އައްފާން ހުއްޓުނީ ބެލްކަންޏަށް ނިކުންނަ ދޮރުކައިރީގައެވެ.

" ތިވާހަކަ އެނގިގެން އިތުރު މައްސަލަތަކެއް ޖެހޭނީ....... ނަވީން ލައިބާ އާ ކައިވެނިކުރީ ލޯތްބަކުންނޫން.......ޖޫލީއަށް ކުދިން ނުލިބޭތި މަޖްބޫރުވެގެން......ނަވީން ދަރިއަކު ބޭނުންވާތީ....." އައްފާންގެ ފަހު ޖުމްލަ އިވިފައި ޒީނިޔާ ސިހުނެވެ. އޭނާއަށް އެނގިފައިވާ ގޮތުން ކުދިން ނުލިބެނީ ނަވީނަށެވެ. އެއީ ޖޫލީ ޒީނިޔާއަށް ކިޔާދީފައިވާ ގޮތެވެ. ޖޫލީއަށްވެސް އެނގިފައިވަނީ ނަވީން އޭނާ ކައިރީ ބުނެފައިވާ އެއްޗެކެވެ.

" އެކަމަކު......" ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވަނީސް އައްފާން ޒީނިޔާ ދިމާލަށް އެނބުރި ބަލާލިއެވެ. އެމޫނުގައި ހުރި އަސަރުތަކުން ޒީނިޔާގެ ދޫހަރަކާތެއް ނުކުރިއެވެ.

" ނަވީނަށް ކުދިން ނުލިބެނީއޭދޯ ޖޫލީ ބުނީ......." ފަޓްލޫނު ޖީބަށް އެތް އަތްޖަހާލަމުން އައްފާން ވާޙަކަ ދެއްކީ ޒީނިޔާގެ މޫނުން ނަޒަރު ވަކިކޮށްނުލާ ހުރެއެވެ. ޒީނިޔާ ބޯ ހަލުވާލިއެވެ.

" އެއީ ދޮގެއް....... ނަވީން ޖޫލީ ކައިރީ ބުނީ އެގޮތަށް އަސްލު ކުދިން ނުލިބެނީ ޖޫލީއަށް ........ ޖޫލީ އަމިއްލައަށް އެކަމާ ދެރަވެގެން ހިނގައިދާނެތީ ނަވީން ބޭނުންވީ ހަގީގަތް ސިއްރު ކުރަން ............" ހަމަ ޖެހޭ ގޮތް ދައްކަން މަސައްކަތްކުރި ނަމަވެސް އައްފާންގެ މޫނުމަތިން ކަންބޮޑުވުމާއި ނުތަނަވަސްކަން ދިޔައީ ފެންނަމުންނެވެ.

" ނަމަ ނަމަ ޒީނިޔާގެ ފަރާތުން މިކަން ޖޫލީއަށް ނާންގާތި........." ޝަހާދަތް އިނގިލި ޒީނިޔާއާ ދިމާއަށް ދިމާކޮށްލަމުން އައްފާން އެދިނީ އިންޒާރެކެވެ. ޒީނިޔާ ލަދުންނާއި ދެރަވިވަރުން ތުންފަތުގައި ދަތްއަޅާލަމުން ބޯތަޅުވާލީ އެކަމާ އެއްބަސްވުމުގެ ގޮތުންނެވެ. އައްފާން ޒީނިޔާ ކައިރިއަށް ޖެހިލައި އޭނާގައިގާ ނިކަން ލޯބިން ބައްދާލިއެވެ. އަދި ތަކުރާރުކޮން އެކަން ސިއްރުކުރަން އެދުނެވެ.

****

ތަށިތައް ނަގާ ނިމިގެން އާދިލާ އައިސް އިށިއިނީ ލައިބާ ކައިރީގައެވެ. ލައިބާ އާއި ވާހަކަދައްކާލާނެ ފުރުސަތަކަށް އާދިލާ ދިޔައީ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންނެވެ. ސޯފާގައި ލައިބާ އިނީ ޓީވީ ބަލާށެވެ.

" މަންމަ ކީއްވެތަ ނައީ......" އާދިލާ ދުފާ ތަބަށް ހިފައިގެން އައިސް އިށިއިނީ ލައިބާ ކުރިމަތީވާނޭހެން އިން ސޯފާގައެވެ.

" މަންމަ އުޅެނީ ބޮލުގައި ރިއްސާތީ.......އެހެންވެ ނައީ ........." އާދިލާއަށް ބަލާލަމުން ލައިބާ ހިނިތުންވެލިއެވެ. އާދިލާވެސް ހިނިތުންވެލިއެވެ.

" މަންމަ އެކަނިތަ ލައިބާޔާ އެކު މާލެ އައީ....ގެއިންއިތުރު މީހަކު ނާދޭތަ ؟ " ބިލެތްކޮޅެއް އަނގަޔަށްލަމުން އާދިލާ އަހާލިއެވެ. އޭނާގެ އަމާޒަށް ދަތުރު ފެށުމުގެ މަގްސަދުގައެވެ.

" ހޫމް........އިތުރު މީހަކު ގެއަކު ނުތިބޭނެ........" ކޮނޑު އަރުވާލަމުން ލައިބާ ބުނެލިއެވެ.

" އެހެންތަ ؟ ކޮބާ ލައިބާގެ ބައްޕަ ؟ " ލައިބާގެ މޫނުން އާދިލާގެ ނަޒަރު ވަކިކޮށްނުލާ ފަހަރަކު ސުވާލެއްކުރަމުން ދިޔައެވެ.

" ނޭގެ.....އަޅުގަނޑު ބައްޕައެއް ނުހުރޭ......" ލައިގެންހުރި ހެދުން އަތުތެރެއަށް ބޮނޑިކޮށްލަމުން ލައިބާ ޖަވާބުދިނެވެ. އޭރު އެދެލޮލުން ކަރުނަ ވިދަވިދާހުއްޓެވެ.

" އޯހް....... ވަރަށް މައާފަށް އެދެން........ދައްތަ މާ އަނގަގަދައީ ދޯ .........." ދެރަވެލާފައި އާދިލާ އެހެން ބުނެލުމުން ލައިބާ ދެފަރާތަށް ބޯހޫރާލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

ލައިބާ އެގެއިން ދިއުމުން އާދިލާގެ ވިސްނުން ދަތުރުކޮށްލީ އޭނާއަށް ފެނުނު ތަސްވީރާއި މެދުގައެވެ. އެތަސްވީރު ކަޅާއި ހުދުންވީ ނަމަވެސް އޭގައިވީ ލައިބާއެވެ. ލައިބާއަށްވުރެން ހިކިކޮށް ހުރި ނަމަވެސް ހީވަނީ ލައިބާ ތަންކޮޅެއް ކުރީގެ ފޮޓޯއެއްހެންނެވެ. ނޫނީ އެއީ ލައިބާ އާ ލޭގެ ގުޅުމެއްވާ ކޮންމެވެސް މީހެކެވެ. އަނެއްކާ ބަޝީރާ.......އާދިލާ ހިތަށް ބަޝީރާގެ ނަން އެރުމުން ތެޅިގަނެވުނެވެ. އެހެނަސް އެހެންވާނީ ކިހިނަކުން ހެއްޔެވެ؟ ބަޝީރާ ބުނެފައިވާ ގޮތުން އޭނާ މާލެ އައީ މުޅިން އަލަށެވެ.

ކިތަންމެ ނުވިސްނަން އުޅުނަސް އާދިލާއަށް އެކަމާއި މެދު ދިޔައީ ވިސްނަމުންނެވެ.އެވާހަކަތައް ހިތުގައި ބިންވަޅުނެގިފައިވަނީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެންނުދާނެ ފަދައިންނެވެ. އާދިލާ ދެކެ ނުވީ ލޯބި އޭނާ އެވީ ފަހެ ކާކު ދެކެބާއެވެ؟ އެއްފަހަރު ނަމަވެސް ދެކިލަން އެއެދެނީ ޔަގީނުންވެސް އިންތިހާއަށް ނަސީރުގެ ހިތުގައި ލޯބިވާތީއެވެ.

ދެދުވަސް ފާއިތުވެގެން ދިޔައީ އެފަދަ ގޮތަކަށެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި ބަޝީރާވެސް އާދިލާމެން ބަޔަކަށް ކާކަށް ނުދެއެވެ. ބަޝީރާ ނަޔަސް ލައިބާ ކާން އާދެއެވެ. ލައިބާގެ އަތުގައި ބަޝީރާއަށް އާދިލާ ތަށިބަރި ފޮނުވައެވެ.

*****

ހައިފާގެ އަންނައުނުތައް ފޮއްޓައް އަޅަންފެށިއެވެ. އަފީފު ނިޔާވަމުން އެގޭގައި ހުންނަން ހައިފާ ހިތެއް ނޭދުނެވެ. މި ފާއިތުވެދިޔަ ދެދުވަހުވެސް އާޝާ އޭނާ އާ ވާހަކައެއް ނުދައްކައެވެ. ކުރިންނެތް ގާތްކަމެއް ދެން ވެސް ނޯންނާނޭކަން ޔަގީނެވެ. އަލަމާރިން އެއްޗެހި ނަގަނިކޮން ވެއްޓުނީ ކަޅުކުލައިގެ ބޯބަނޑޭރިގަނޑެއް ލައިފައިވާ ފޮތެކެވެ. އެފޮތްނަގާ ހައިފާ ފަރުވާތެރިކަމާއެކު ބަލާލިއެވެ. ފޮތް ނުހުޅުވޭނޭހެން ލައިފައިވާ ތަޅުން އެއީ ޑައިރީއެއްކަން ހައިފާއަށް އެނގުނެވެ. ދެން ހަނދާންވީ އަފީފު ބުނެފައިވާ ވާ ވާހަކައެކެވެ.

" އަހަރެން ނެތް ދުވަހެއް އަތުވެއްޖެ ނަމަ މި ޑައިރީ އާޝާއާ ހަވާލުކޮށްދޭތި ..........." އެއީ އެޑައިރީ ހައިފާއަށް ފެނިގެން އެކަމާ ސުވާލުކުރުމުން ހައިފާއަށް އެނގުނުވަރެވެ. ކާކުގެ ޑައިރީއެއްކަމެއް ނޫނީ ކޮން މަޤްސަދެއްގައި ލިޔެފައިވާ ޑައިރީއެއްކަމެއް ހައިފާއަކަށް ނޭގެއެވެ. ހައިފާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.

އާޝާގެ ކޮޓަރީގައި ޓަކިދިނީ ތެޅިތެޅި އޮތް ހިތަކާއި އެކުއެވެ. ދެފަހަރު ޖަހާލުމުން ދޮރުހުޅުވިއެވެ. ރޮއެރޮއެ ދެލޯވަނީ ދުޅަވެފައެވެ. ބޮލުގެ އިސްތަށިތަކުގެ ކިޔަމަންވަނީ ގެއްލިފައެވެ. އާޝާ އަނގައިން ނުބުނެ ބަލަހައްޓައިގެން ހުރީއެވެ. ހައިފާ ދިމާކޮއްލީ އަތުގައި އޮތް ޑައިރީއެވެ. އޭގައި ހިފަން ނޫޅި ބަލަހައްޓައިގެން އާޝާ ހުރީއެވެ.

" އާޝާގެ ބައްޕަ ބުނީ ބައްޕަ ނެތް ދުވަހަކުން މީތި ހަވާލުކޮށްދޭށޭ........" ހައިފާ އެދެނީ ބައްޕަ އެއްޗެއްކަން އެނގުމުން އަވަހަށް އޭގައި ހިފިއެވެ. އާޝާ ފަރުވާތެރިކަމާއެކު އެއަށް ބަލާލިއެވެ. އަދި ތަޅުގައި އަތްލުމަށްފަހު ބަލާލީ ހައިފާގެ މޫނަށެވެ.

" ތަޅު ދަނޑި ވީ ތަނެއް ނޭގެ .....ތަޅު ދަނޑި ނުދޭ އަހަރެން އަތަކަށް.........." ހައިފާ އެހެން ބުނެފައި އާޝާ ކުރިމަތިން ދާން ހިނގައިގަތެވެ. އެއްޗެއް ހަނދާންވެގެން ހުއްޓޭ ފަދައިން ހައިފާ ހުއްޓުނީ ދެތިން ފިޔަވަޅު ކުރިއަށްޖެހިލާފައެވެ. އަނެއްކާވެސް އާޝާއަށް ބަލާލިއެވެ. އޭރުވެސް އާޝާ އެހުރިފިޔަވަޅުމަތީ ހުއްޓެވެ.

" މާދަމާ ރޭ ފުރަން މިއުޅެނީ......." އާޝާގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި އެހެން ބުނެފައި ހައިފާ ގޮސްވަނީ އޭނާގެ ނިދާ ކޮޓަރިއަށެވެ. އާޝާ ހައިފާ ގޮސް އޭނާގެ ލޮލުކޮޅަށް ގެއްލެންދެން ހުރީ ބަލާށެވެ. އެމޫނުމަތިން މާޔޫސްކަމާއި ހިތާމައިގެ ކުލަނޫނީ ނުވެއެވެ.

******

ބަޝީރާ އޮތީ ބިތްދޮށަށް އެނބުރިގެންނެވެ. ދެލޮލުން އަންނަމުންދިޔަ ކަރުނަތައް އިރުއިރުކޮޅާ ފޮހެލައެވެ. ބަޝީރާ އޮތް އެނދުގެ މިޔަދޮށުގައި އަރާމް ނިންޖެއްގައި އޮވެފައި ލައިބާއަށް ހޭލެވުނީ ބަނޑުގައި ރިއްސަންފެށުމުންނެވެ. އުނދަގުލުން ތެދުވެ ލައިބާ އެނދުމަތީ ހަމަޖެހިލިއެވެ. މާބޮޑަށް ނުރިއްސިނަމަވެސް އެތަދުގެ ވޭން މުޅި ހަށިގަނޑަށް ފެތުރުނުފަދައެވެ. ލައިބާގެ ނިދިފިލައިގެން ދިޔައެވެ. ތުންފަތުގައި ދަތްއަޅާލީ އެތަދަށް ކެތްނުކުރެވިގެންނެވެ. އެއްއަތުން ބަނޑުގައި ފިރުމާލަމުން ހޮސްކޮން އޮތް އަތުން ބަޝީރާގެ ގައިގާ ކޮށްޓާލިއެވެ.

" މަންމާ.މަން.......މާ ......." ލައިބާއަށް ވާހަކަދައްކަންވެސް އުނދަގޫވިއެވެ. ބަޝީރާ މޫނު ފޮހެލަމުން ކޮޅަށްޖެހުނީ ނިކަން އަވަހަށެވެ. އަދި ހޮޅިބުރީގެ އަލިގަދަކޮށްލަމުން ލައިބާ އާ ކައިރިއަށްޖެހިލީ ނިކަން ހަލުވިކޮށެވެ. ލައިބާ އިން ގޮތުން އޭނާ ބަނޑުގައި ރިއްސަނީކަން ބަޝީރާއަށް އެނގިއްޖެއެވެ. ހިނދެއް ހިނދަކަށް އެރިހުންދިޔައީ ގަދަވަމުންނެވެ. ލައިބާ ދާހިތްލާ ފޯވަމުންދިޔައެވެ. ބަޝީރާގެ އަތުން ލައިބާގެ ބުރަކަށީގައި އާއި ބަނޑުގައި ފިރުމާލަދެމުން ގެންދިޔައެވެ. މަންމަގެ ފިރުމުންތަކުން ލުއިވާހެން ހީވާ ވަގުތުވެސް އާދެއެވެ. އެހެނަސް ވިހެއުމުގެ ވޭންވަރު ގަދަވަމުންދިޔައީ ލައިބާއަށް ކެތްކުރަން ދަތިވާވަރަށެވެ.

" ނަވީން........." އަޑަށްބާރު ލައިފައި ނަވީނަށް ގޮވާލެވުނުއިރު ލައިބާގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ.

*****

ނަވީނާއި ޖޫލީ ތިބީ ފުންނިއްޖެއްތެރެއަށް ގެނބިފައެވެ. ދޮރުގައި ޖަހާލަމުން ނިޒާރު ނަވީނަށް ގޮވާލިއެވެ. ނިޒާރުގެ އަޑަށް ދެމީހުންނަށްވެސް ހޭލެވުނީ އެކުއެކީގައި ހެންނެވެ. އެކަކު އަނެއްކެއްގެ މޫނަށް ބަލާލެވުނެވެ. މެންދަމުގެ އެގަޑީގައި ޔަގީނުންވެސް ނިޒާރު ގޮވާނީ ބޮޑުކަމެއް ދިމާވެގެންނެވެ. ގައިމަތީ އަޅާފައިވާ ބުލޭންކެޓް އެއްފަރާތްކޮއްލަމުން ނަވީން އަވަސްއަވަހަށް ތެދުވެތެވެ. އަދި އަވަސްއަވަހަށް ދޮރުހުޅުވިއެވެ.

" ކިހިނެތްވީ ؟ " ގަމީހުގެ ގޮށްތައް އަޅުވަން ހުރި ނިޒާރަށް ބަލާލާފައި ނަވީން ބުނެލީ ކަންބޮޑުވެ ހުރެއެވެ.

" އެއްޗެހި ބަދަލުކޮށްގެން އަވަހަށް އާދޭ....."

" ލައިބާ ބަނޑުގައި ރިއްސަނީ ....." ނިޒާރު ބުނެލީ ވައިއަޑުންނެވެ. ކޮޓަރިތެރޭގައި ހުރި ޖޫލީއަށް އިވިދާނެތިންނެވެ. އެވާހަކައިވިފައި ނަވީން އެތެރެއަށްވަދެ ޓީޝާޓެއް ނަގާ ބޮލަށް މަހާލިއެވެ.

" ކިހިނެތްވީ.....ކޮންތާކަށް ތިދަނީ...." އެނދުމަތީ ކޮޅަށްޖެހިފައި އިން ޖޫލީ އަހާލިއެވެ. ހިސާބަކަށް ޖޫލީވެސް އިނީ ކަންބޮޑުވެފައެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި ނަވީން ކުޑަ ގޮތަކަށް ރީތިވެލިއެވެ.

" ޖޫލީ ނިދާލާ ......އަހަރެން އެބައަންނަން ބައްޕަޔާ އެކު ގޮސް......" ޖޫލީގެ ކޮލުގައި އަތް ޖައްސާލަމުން ނަވީން ބުނެލިއެވެ. އަދި ސައިޑްޓޭބަލްމަތީއޮތް ފޯނާއި ވޮލެޓް ނަގައިގެން ކޮޓަރިން ނިކުތެވެ. ޖޫލީއަށް ކަންބޮޑުވެފައި އެނދުމަތީ އޮވެވުނީއެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން އިޙްސާސްކުރެވެމުންދަނީއެވެ.

******

ލައިބާ ހޮސްޕިޓަލަށް ގެންދެވުނެވެ. ލައިބާ ލޭބަރ ރޫމަށް ވެއްދުމުން ނަވީނާއި ނިޒާރު އަދި ބަޝީރާ ބޭރުގައި އިންތިޒާރުގެ ވަގުތުތައް ގުނަންފެށިއެވެ. އެއިން ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ހިތާހިތުން ދުޢާ ކޮށްލައިގެން ތިބީ ވާނެގޮތެއް ނޭގޭތީއެވެ. ޑޮކްޓަރ ނިކުމެ ޙަބަރު ދޭނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.

ނަރުސްކުއްޖަކު ނިކުމެ ލޭހޯދަން ބުނެލިއެވެ. އެއާއެކު އެންމެ ހާސްވީ ނަވީނެވެ. އެހެނަސް ނިޒާރު އެކަމާ ހަމަޖެހުމަށް ބުނެފައި ލޭހޯދަން އަވަސްވިއެވެ. އައްފާނަށް އާދެވުނީ ދެތިން މީހަކު ކުރޮސްމެޗް ހަދަން އައި ފަހުންނެވެ. އެމީހުންނާ ދިމާ ނުވެގެން ނިކަން ކަންބޮޑުވެފައި ހުއްޓާ ކުއްލިއަކަށް އައްފާން މަތިން ހަނދާންވީއެވެ. އައްފާން ފެނުމުން ނިޒާރު ހިނގައިގަތީ ލެބޯޓަރީއާ ދިމާލަށެވެ. އެންމެ މިނެއްޓެއްވެސް ލަސްކުރެވޭކަށް ނެތެވެ.

ލޭބަރ ރޫމްގެ ދޮރު ހުޅުވުމުން ބަޝީރާ އާއި ނަވީންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. އިންތަނުން ދެމީހުންނަށްވެސް ތެދުވެވުނީ އެކުއެކީގައެވެ. ނަރުސްކުއްޖާ ދިން ޙަބަރުން ބަޝީރާއަށް ރޮއެގަނެވުނީ ބޭއިޙްތިޔާރުގައެވެ.

" ނުވިހާ ގިނައިރުވާތި ބޭބީގެ ހާލު ދަށަށްދަނީ ......އެހެންވެ ސިޒޭރިއަންއަކަށް ދާންޖެހެނީ ...........ފޯމްގައި ސޮއެކޮއްލަން ........" ނަވީން ބަޝީރާގެ ކޮނޑުގައި އަތްޖައްސާލުމަށްފަހު ހަމަޖެހެން ބުނެލިއެވެ. އަދި ނަރުސްކުއްޖާދިން ގަލަމުގައި ހިފިއެވެ.

ކިތަންމެ ވަރުބަލިވެފައި އޮތް ނަމަވެސް ލައިބާއަށް ހިނިތުންވެވުނީ ދަރިންގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ދެލޮލުން މީރާލީ އުފާވެރިކަމުގެ ކަރުނައެވެ. ޔަގީނުންވެސް އަލަށް މަޔަކަށްވާ ކޮންމެ މީހަކު އެއުފާވެރި އިޙްސާސްކުރާނޭކަން ކަށަވަރެވެ. އެއުފާވެރިކަން ދުލުން ބަޔާން ކުރެވޭވަރަށް ވުރެން ފޮންޏެވެ. ދެކުދިން ގެނެސް ލައިބާގެ ދެފަރާތުގައި ބާއްވާލިއެވެ. މިދުވަސްދެކެން އޭނާ ހާދަ ދިގު އިންތިޒާރެއް ކޮއްފިއެވެ. ފުރަތަމަ ބަނޑުބޮޑުކަން އެނގުނު ހިސާބުން ދެލޮލަށް ފެންނާނެ ދުވަހަކަށް ދުވަސްތައް ގުނަން ފެށުނެވެ. ފުއްކަމުންނާއި ލޯބިކަމުން ލައިބާގެ ހިތް ތުއްތު ދެފުރާނައިގެ މައްޗަށް ބަންޑުންވިއެވެ. އިންތިހާއަށް ލޯބިވާ ނަވީނަށްޓަކާ ބޮޑު ޤުރްބާނީއެއް ވެވިއްޖެކަމުގެ އުފާވެރިކަން ލައިބާގެ ހަފަރާތުން ބައްދާލިއެވެ.

ނަވިންމެންނަށް އެތެރެއަށް ވަންނަން ހުއްދަ ލިބުނެވެ. އޭރު އެމީހުން ތިބީ މިވަގުތުކޮޅަށްޓަކާ ކެތްތެރިކަން ކުޑަވެފައެވެ. ނަވީންމެން ފެނުމުން ލައިބާގެ ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަން ހަނދާންނެތް ފަދައެވެ. އޭނާގެ މޫނުމަތިން ފެނުނީ ހިނިތުންވުމެވެ. ހިތްހަމަޖެހުމެވެ.

އެހެން މީހުންނަށްވުރެން ކުރީގައި ހުރެ ނަވީން ގޮސް ހުއްޓުނީ ކުޑަ އެނދުކައިރިއަށެވެ. ކުޑައެނދުގައި ތިބި ދެކުދިން ފެނި ނަވީން ލައިބާއަށް ބަލާލީ ހައިރާންކަމުގެ ލޮލަކުންނެވެ. އަދި ދެއަތް އުފުލާލަމުން މޫނަށް ގެނައި ހަރާކާތުން ނަވީން ކަންބޮޑުވެފައި ވާވަރު އެނގެއެވެ. ނަވީން ހުރި ފިޔަވަޅުމަތީ ގާވެފައި ހުއްޓާ ފަހަތުން އައިސް ބަޝީރާ އާއި ނިޒާރު އައިސް ކުޑަ އެނދުކައިރީ ހުއްޓުނެވެ.

" އަލް ޙަމްދުﷲ...." ބަޝީރާގެ ދެލޯ ފުރިގެން އައީ އުފާވެރިކަމުގެ ކަރުނުންނެވެ.

" އަލް ޙަމްދުﷲ ....." ނިޒާރަށްވެސްވީ ބަޝީރާއަށް ވީ ފަދަ ގޮތެކެވެ.

" މީ ހާދަ ދުވަހެއްގެ އިންތިޒާރެކޭ......." އުފަލުން ހުރި ނިޒާރަށްވެސް ކަރުނަތައް ހިފަހައްޓާނުލެވުނެވެ. ކާފަ ދަރިފުޅަކަށް އިންތިޒާރު ކުރަމުންދިޔަ ނިޒާރަށް އެއްފަހަރާ މިލިބުނީ ލޯބިލޯބި ދެފުށްކޮޅެވެ. އެނބުރި ނަވީންގެ މޫނަށް ބަލާލާފައި ނިކަން ބާރަށް ބައްދާލިއެވެ.

" މަރުހަބާ މަރުހަބާ ............" އެތެރެއަށް ވަދެގެން އައި އައްފާނެވެ. އެންމެންގެ ސަމާލުކަން އޭނާޔަށް ހުއްޓުނުއިރު އަތުގައި ތާޒާމޭވާ ވަށިގަނޑަކާއި މާބޮނޑިއެއް އޮތެވެ. އައްފާން ހުއްޓުނީ ލައިބާ ކައިރީގައެވެ. ސައިޑްމޭޒުމަތީ އޭނާގެނައި އެއްޗެހި ބަހައްޓާފައި ލައިބާ އާ ވާހަކަދައްކާލަން މަޑުކޮށްލިއެވެ. އޭރުވެސް އެހެން މީހުންތިބީ ކުޑަ އެނދު ވަށައިލައިގެންނެވެ. އައްފާން އެކަމާ ކުދިކިޔަމުން ގޮސް ނަވީންގެ ކޮނޑަށް އަތްވައްޓާލިއެވެ.

" އޯހް.......ޓުވިންސެއް......." އައްފާނަށްވެސް ލިބުނީ ސަޕްރައިޒެކެވެ. ނަވީންގެ ފަރާތުންވެސް ކުރިން އެކަހަލަ ވާހަކައެއް އިވިފައި ނެތީމައެވެ. ގަބޫލުނުކުރެވިގެން ލައިބާ އާ ދިމާއަށް އައްފާނަށް ބަލާލެވުނެވެ. ލައިބާ ހިނިތުންވެފައި ބޯޖަހާލުމުން އިތުރަށް އެކަން ޔަގީންވިއެވެ.

" މާ ރަނގަޅަކަށް ނުމިވީ......." ނަވީންގެ ކޮނޑުގައި ޖަހާލަމުން އައްފާން ބުނެލީ ހަމައެކަނި ނަވީނަށް އިވޭ ވަރަށެވެ. އެބުނި އެއްޗެއް ނޭނގިގެން ނަވީން ބަލަން ހުރުމުން އައްފާން ދައްކާލީ ދެކުދިންނެވެ. އެއާއެކު ނަވީނަށްވެސް ޖަވާބު ލިބުނު ފަދައެވެ.

ނިޒާރު ލައިބާ ކައިރީ މަޑުކޮށްލިއެވެ. ލައިބާގެ ބޮލުގައި ފިރުމާލާއި ހާލުއަހުވާލު އޮޅުން ފިލުވިއެވެ.

" ބަޝީރާ....އައްފާން ....ހިނގާ ބޭރަށްދަމާ........މިކުދިންނަށް ވަގުތުކޮޅެއް ދީފަ........" ނިޒާރު އެހެން ބުނެ ހިނގައިގަތުމުން އޭނާގެ ފަހަތުން އެދެމީހުން ހިނގައިގަތީ އެއްވެސް ޝަކުވާއެއްނެތިއެވެ.

އެމީހުން ދިއުމުން ނަވީންމެން ދެމަފިރިން އެކަނިވިއެވެ. ނަވީން ކުޑައެނދުކައިރިން ދުރަށް ނުގޮސްހުއްޓެވެ. ނަވީންގެ ތުންފަތްމަތިން ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. އެދެބެންނަށް ނަވީންގެ ސަމާލުކަން ހުއްޓިފައިވާއިރު އެކޮޓަރިތެރޭގައި އެނދެއްގެ މަތީގައި ލައިބާ އޮތްކަން ހަނދާންނެތް ކަހަލައެވެ.

" ނަވީން...." ލައިބާ ގޮވާލިއެވެ. މާބޮޑު އަސަރެއް ނެތް ފަދައިން ލައިބާ އާ ދިމާލަށް ނަވީން މޫނު އަނބުރާލިއެވެ.

" ހެޕީތަ ؟ " ހިނިތުންވެވޭތޯ މަސައްކަތްކުރަމުން ލައިބާ އަހާލިއެވެ.

" ހޫން.....ވަރަށް ބޮޑަށް ...." ބޯޖަހާލަމުން ނަވީންގެ ނަޒަރު އަނެއްކާވެސް ހުއްޓުނީ އެދެކުދިންނަށެވެ. ލޯބިލޯބިކޮން ނިދާލާފައި ތިބިއިރު ފެންނަ ކޮންމެ މީހެއްގެ ހިތް ލޯބިން ފުރޭނޭކަން ޔަގީނެވެ.

" ލައިބާ ނުވެސް ބުނަމެއްނު ޓުވިންސެއްކަން އަހަރެމެންނަށް ލިބެނީ....." ނަވީން ދައްކަން ފެށީ އެހެން ވާހަކައެކެވެ. ލައިބާގެ ހިތުގައި ޖެހުނެވެ. ނަވީނަށްޓަކާ އެފަދަ ބޮޑު ވޭނެއް ތަހައްމަލް ކުރުމުންވެސް އެންމެ ކުޑަމިނުން ލައިބާގެ ހާލުވެސް ނަވީން އަހާނުލިއެވެ. މިފަދަ ގޮތަކަށް ދެމީހުން އެކަނިވުމުން ލައިބާ ހީކުރީ ނަވީންގެ ލޯބި އޭނާގެ މައްޗަށް ހުސްކޮއްލާނެ ކަމަށެވެ.

" ނަވީން ނާހަމެއްނު......." ދިރުމެއްނެތް މީހަކު ފަދައިން ލައިބާ ބުނެލިއެވެ. އޭރު ޖަހާފައިވާ އިންޖެކްޝަން ތަކުގެ ބާރު ކެނޑި ކަފާލާފައިވާ ތަނުގައި ރިއްސަން ފަށައިފިއެވެ. އެރިހުމުގެ ވޭނުން ތަނެއް ހަލުވާލަންވެސް ލައިބާ ޖެހިލުންވިއެވެ. ހިނދެއް ހިނދަކަށް ހީވީ އެރިހުންގަނޑު ފޫޅުން ތިރީގެ ހުރިހާ ހިސާބަކަށް ފެތުރިގަތްހެންނެވެ. އެހިނދު ގައިދަށުގައި އަޅާފައިވާ ބެޑްޝީޓްގަނޑު ބޮނޑިކޮއްލަމުން ނިކަން ބާރަށް ރޮއެގަނެވުނެވެ. ކަންދިމާކުރި ގޮތުން ނަރުސްކުއްޖަކުވެސް އައިސްވަނީ އެވަގުތުއެވެ. އެކުއްޖާ އަތުގައި ހުރި ހުރިހާ ސާމާނެއް މޭޒުމައްޗަށް ދޫކޮށްލާފައި އަވަސްވީ ލައިބާއަށް އެހީވާށެވެ. ދުރުގައި މަންޒަރު ބަލަން ނަވީން ހުއްޓެވެ. އެހީވާކަށް ނޫޅެއެވެ.

*****

ބަޝީރާ ގޮވައިގެން ނިޒާރު އައީ ޗެރީ ގާޑަން އަށެވެ. ބަޝީރާ ބަނޑުހައިވެފައިވެސް ހުންނާނެތީ އާވެސް އެކުއެވެ. ނިޒާރުގެ ފަހަތުން އެގެއަށްވަންނަން ބަޝީރާ އަޅަމުން ދިޔަ ކޮންމެ ފިޔަވަޅެއް އެޅީ މަޖްބޫރުވެގެންނެވެ. ހިތާދެކޮޅަށެވެ. ޗެރީގާޑަންގައި އާދިލާއާއި ޒީނިޔާ އަވަދިނެތި އުޅެނީ ހެނދުނުގެ ސައިތައްޔާރުކުރާށެވެ.

" އާދިލާ ނިކަން ރަނގަޅަށް އަހަރެމެންނަށް ސައިދޭން ވެއްޖޭ...........ރޭހަތަރުދަމު ތިބީ ހޮސްޕިޓަލްގަ ހޭލައި........." ނިޒާރުގެ މޫނުމަތިން އުފާވެރިކަން ފިލައިނުދެއެވެ.
" ލައިބާ ވިހެއީތަ ؟ " ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލަމުން އާދިލާ އަހާލިއެވެ.

" އާން ސިޒޭރިއަން ހަދަންޖެހުނީ........ އެކަމަކު ތިންމައިންގެ ހާލުވެސް ރަނގަޅު ދޯ ބަޝީރާ........." ނިޒާރު އެންމެ ފަހު ޖުމްލަ ދޯ އެއްލީ ބަޝީރާއަށެވެ.
" ތިން މައިންނޭ......." އާދިލާއަށް ހީވިގޮތެއް ކަމެއް ހީކޮށް އަހާލިއެވެ. ޔަގީން ކުރުމުގެ ގޮތުންނެވެ.

" އާން ތިން މައިން ދެނިބޫ.......އެވެސް އަދި އަންހެންދަރިއަކާ ފިރިހެން ދަރިއެއް.............." އާދިލާގެ މޫނުމަތިންވެސް ފެނުނީ އުފާވެރިކަމެވެ. ބަޝީރާ ބަހެއް ނުބުނެ ހުއްޓެވެ. އެގޭތެރޭގައި ހުންނަން އޭނާއަށް ހުރީ އުނދަގޫވެފައެވެ. ޒީނިޔާ އެމީހުންނަށް ސައިތައްޔާރުކޮއްދިނެވެ. އެއާއެކު ވެފައި ހުރި ހައިހޫނުކަމުގައި ދެމީހުން އިށިއިނދެ ސައިބޯންފެށީ ބަހަކުން ބަހެއްވެސް ނުބުނެއެވެ.

ސައިބޮއެ ނިމިގެން ބަޝީރާ އިށިއިނީ ސޯފާގައެވެ. ނިޒާރު އެތެރެއަށްވަނީ ކޮއްކޮޔާ ބައްދަލުކޮށްލަން ކަމަށް ބުނެއެވެ. އާދިލާ ދުފާ ތަބަށް ހިފައިގެން އައިސް ބަޝީރާ ކައިރީ އިށިއިނެވެ.
" ކަމެއް ބޭނުންވެގެން ނުބުނެ ނުހުންނާތި......." ބަޝީރާ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ.

" އަހަރެން ދާނަން ހަވީރުން ހޮސްޕިޓަލަށް ....އަހަރެންވެސް މިހާރު މާމަ ދަރިއަކަށް ވަރަށް އުއްމީދުކުރެވޭ އެބަ......." ސިޑިންގ މައްޗަށް އަރަމުންދިޔަ ޒީނިޔާއަށް ބަލަންއިނދެ އާދިލާ ހިއްސާކުރީ އޭނާ ބޭނުންވާ ގޮތެވެ. އެހުވަފެނުގައި ކުލަޖެހެން ބޭނުންވާކަން އޭނާގެ މޫނުމަތިން ހާމަވެއެވެ.

" އައްފާން ނޫން ކުއްޖަކު އަހަރެންނަކަށް ނުލިބޭ.....އޭނަ ވަރަށް ކުޑަކުޑައިރު ނަސީރު އެކްސިޑެންޓުވެއްޖެ........" އާދިލާއަށް ހީވަނީ އެވާހަކަތައް ހިއްސާކުރާނެ ރަޙްމަތްތެރިއަކު ލިބުނުހެންނެވެ.

" ނަސީރު...؟ " އެނަން ބަޝީރާގެ ދުލުން ނިކުތީ ބޭއިޙްތިޔާރުގައެވެ.

" އާން ނަސީރު އެއީ އަހަރެންގެ ފިރިމީހާ............" ބަޝީރާގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ. ހާސްކަމެވެ. އާދިލާ އިނީ އެމޫނަށް ބަލާށެވެ. އެވަގުތު ކޮޓަރީގެ ދޮރުހުޅުވާލާފައި ނިޒާރު ނިކުތީ ނަސީރުގެ ގޮނޑިކޮއްޕަމުންނެވެ. ނަސީރަށްވެސް ބަޝީރާ ފެނުމުން ބަލަންފެށީ ދަންނަ މީހަކަށް ބަލާހެންނެވެ. ނޫނީ ހިތުގައި ކުރެހިފައިވާ ސޫރަޔާ ކުރިމަތިންފެންނައިން މީހަޔާ މެދު ޔަގީން ނުވެގެން ބަލާފަދައިންނެވެ.

" މީ ބަޝީރާ......ނަވީންގެ މައިދައިތަ ....." އެޖުމްލަޔާއެކު ނަސީރަށް އެއީ އޭނާގެ ބަޝީރާކަން ޔަގީންވިއެވެ. އެދެމެދުގައި ނަޒަރު ވަކިކޮށްނުލާ ތިބެވުނީ ކިހާ އިރެއްވަންދެން ކަމެއްވެސް ނޭނގެއެވެ. ސިހުނީ ބަޝީރާ ފޯނުގެ ރިންގުގެ އަޑަށެވެ. ފޯނުގެ ސްކުރީނަށް ބަލާލާފައި އެއީ ލައިބާކަން އޭނާއަށް ޔަގީންވިއެވެ. ތުރުތުރު އަޅާ އަތަކުން ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ.

" މަން....މަންމާ މަންމާ .....އަހަރެންގެ ދަރި......" ލައިބާއަށް ރޮވޭވަރުން ވާހަކަވެސް ނުދެއްކުނެވެ.

" ކިހިނެތްވީ ދަރިފުޅާ....." ބަޝީރާއަށް އިންތަނުން ތެދުވެވުނެވެ. ކަމެއްވަރަށް ގޯސްވެއްޖެކަމުގެ ސިގްނަލް އޭނާއަށް ލިބުނެވެ. ކައިރީގައި ތިބި މީހުންނަށް ހުރި ސަމާލުކަން އޭނާޔަށް ގެއްލުނެވެ.

" މަންމާ އެމީހުން އަހަރެންގެ ދަރިފުޅު އެގެންދިޔައީ...................." ލައިބާ ރޮއެގަނެފައި އެބުނި ޖުމްލައިން ބަޝީރާގެ ފައިދަށުން ބިންގަނޑުދެމިގެން ދިޔަކަހަލައެވެ. އެޙަބަރުން ހިތުގައި ބިރުވެރިކަން އުފެދުނެވެ. ފޯނު ކަންފަތާއި ދުރުކޮށްލެވުނު އިރު ބަޝީރާގެ ދެލޮލަށްވީ ކަރުނަ ޖަމާވެފައެވެ.

ނުނިމޭ

 1. Avatar

  Kobaa comment eh kohlaaneh kujjeh ves neh tha. Miadhu ge part upvefa ey meeni mi up nuviyas ehaa foari hurey ekam comments gandheh like eh dheyn nukerey baeh heskiyaafa vaahaka kiyenikon eh v varah salhi mi part ves waiting for next

  1. Avatar

   ކަލޭމެން ތިހެން ކިޔަ ކިޔާ ތިއްބާ 60 ވަނަ ބައިވެސް 59 ބައިވެސް 58 ވަނަ ބައިވެސް ހަމަ އޭނަ ބުނި ދުވަހު ލިބިއްޖެ ދޯ ކިޔަން. މޮޔަނުވެބަލަ. މިކުދިން ހިލޭ ކަލޭމެން ޕްލީސް ކުރަން ކުރާ މަސައްކަތަށް ޝުކުރުވެރި ވެބަލަ. އަޖައިބު

  1. Avatar

   ބައްލަވާ. ލާރާ އަކީ 15،000 ރުފިޔާ ދީފަ އަވަސް އިން ވާހަކަ ލިޔަން ބަހައްޓާފަ ހުރި މީހެއް. މިޔަށް މި ލިޔަނީ ކަލޭމެން ހިތްހަމަ ޖައްސަން ހިލޭ ސާބަހަށް. މިޔަށް ލިޔާ ކުދިން ކުރާ މަސައްކަތުގެ އަގުވަޒަން ނުކުރެވެންޏާ މި ނުކިޔާ. ޝުކުރިއްޔާ

ޚިޔާލު ފޮނުއްވާ