1908 64

ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނާނެެއެވެ. ހެވާއި ނުބަޔާއި، އަސްލާއި ވަހުމާއި، މިފަދަ ކޮންމެ ކަމެއްގައިވެސް ހައްދުތަކާއި ޚަވާސާތަކެއްވާނެއެވެ. ބައެއް މީހުންނަކީ މި ބުނެވޭ 'ޚަވާސާ'ތައް ދަންނަ ބަޔެކެވެ. ގިނަ މުޖުތަމަޢުތައް ހިފަހައްޓައިދޭ ތަނބުތަކަކީ މިފަދަ މީހުންނެވެ. ބައެއް ފަހަރު އަހަރެންނަށް ހީވެއެވެ. އަހަރެންނަށް މިހުންނަނީ ފާޑެއްގެ ވަބާއަކާއި ލައިގަނެފައެވެ. މިބުނެވޭ ހަވާސާތައް އަަހަރެންނަށް އެހެން މީހުންނަށްވުރެ ސާފުކޮށް ފާހަގަވަނީއެވެ. ބައެއްފަހަރު ވަރަށް ރަނގަޅު ސިފައެކެވެ. އަނެއްބައިފަހަރު އިންސާނިއްޔަތުގެ މައްޗަށް އަހަރެންގެ ހިތުގައި އޮންނަ އިތުބާރު ކަނޑުވާލައެވެ.

ބާޒާރު މައްޗަށާއި، ޕާޓީތަކަށާއި، މީހުން އެއްވެ އުޅޭ މިފަދަ ތަންތަނަކީ އަހަރެންގެ ހަތުރުންނެވެ. ބަޔަކު އެއްވެ އުޅެންޏާ ކޮންމެ ގޮތެއް ހަދާފައިވިޔަސް އަހަރެން އެތަނަކާ ދުރަށްގޮސް ރެކިގަންނަމެވެ. ގެއިން އޮފީހަށް، އޮފީހުން ގެއަށް އައުން އާދައަކަށް ހެދިއްޖެއެވެ. އެއީ އަހަރެންގެ ހަވާސާއެވެ. އަހަރެންގެ ވަށައިގެން އެޅިފައިވާ ފާރެވެ. ވަޒީފާގެ ގޮތުން އަހަރެން އުޅެނީ ވަރަށް ހިތްހަމަޖެހިގެންނެވެ. ކޮންމެއަކަސް، ދުވަސްތައް ދައުރުވަމުންގޮސް ކޮންމެވެސް ހަފްތާއެއްގެ ހޯމަދުވަހެއްގައި އަހަރެންނަށް ހުޅުވެނީ އަހަރެންގެ އީމެއިލް އެވެ.

advertisment

ލިޔެވިފައިވަނީ ވަރަށް މަދު ބަސްކޮޅަކުން ދަޢުވަތެކެވެ. ސުކޫލު ދުވަސްވަރު އުޅުނު ކުލާހުގެ އެކުވެރިން ކޮޅެއް ހުކުރު ހޮނިހިރު ބަންދުގައި ކައިރި ރަށަކަށް ދަނީޔޯލައެވެ. އަހަރެންނަށްވެސް އެ އޮތީ ދަޢުވަތު ލިބިފައެވެ. މިއީ އަހަރެންނާއި މާ ގާތް ބައެއް ނޫނެވެ. އަހަރެންނަކީ ކުލާހުގައި ނިކަން މަޑުން އިން ކުއްޖަކީމެވެ. މުދައްރިސް ދެއްވާ ފިލާވަޅުތައް އެންމެ ފަރުވާތެރިކަމާއެކު ނިންމި އެއް ދަރިވަރަކީމެވެ. މިކަމުގެ ފައިދާ ނެގީ އަހަރެންގެ މިބުނާ ރަހުމަތްތެރިންނެވެ. އަހަރެން އެމީހުންގެ ފަރާތުން ބޭނުންވީ ހަމައެކަނި ދެކެފަރިތަކަމެވެ. ގާތް ރަހުމަތްތެރިއަކު ބޭނުންވި ދުވަހެއް ހަނދާނެއް ނުވެއެވެ. އެހެންކަމުން ދެފަރާތުގެ ބޭނުންވެސް ވަރަށް ހަމަހަމަ ގޮތުގައި ދިޔައީ ފުރިހަމަވަމުންނެވެ. އެމީހުންނަށް ލިބުނީ އެމީހުންގެ ފިލާވަޅުތައް ހަދައިދޭނޭ ބާންދީ އެކެވެ. އަހަރެންނަށް ލިބުނީ ދަންނަ މޫނުތަކެވެ. އެވަރުން އަހަރެން ހުރީ ވަރަށް ފުދިގެންނެވެ.

ވަރަށް ވިސްނާލީމެވެ. ހަމަ ދާންވީހެއްޔެވެ؟ އެމީހުންނާއެކު އަހަރެންގޮސް ވަކި ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ މި ކުޑަ އަރާރުންގަނޑުން މޮޅުވީ އަހަރެންގެ ބޮޑާކަމެވެ. ދިރިއުޅުމުގައި ކުރިއަރާދިޔައީ ކިހާވަރަކަށްތޯ ބަލާލަން އަހަރެން ބޭނުންވިއެވެ. އުޅުން ހަމަ އަދިވެސް އެއްގޮތްވާނެބާވައެވެ؟ މަދަރުސާގައި އުޅުނު އިރު އެއީ އަހަރެން މާ ގަޔާވާ ގޮތަކަށް އުޅުނު ބައެއް ނޫންވިއްޔާއެވެ. ކޮންމެއަކަސް އަހަރެންގެ ހިތުގައި މިއުފެދުނު ސުވާލުތަކުގެ ޖަވާބުތައް ހޯދުމުގެ ނިޔަތުގައި އީމެއިލް އަށް ރިޕްލައި އެއް ކޮށްލީމެވެ. އަހަރެންވެސް މި ދަތުރުގައި ބައިވެރިވާނެ ކަމުގައި ބުނެލީއެވެ.

ހުކުރު ދުވަހުގެ ހެނދުނު 8 ޖެހި އިރު އަހަރެން ހުރީ ކ. މާފުށީ ބީޗްހައުސްގައެވެ. އެއީ މި ގެސްޓްހައުސްއަށް ކިޔާ ނަމެވެ. ވެބްސައިޓްގައި އިން ގޮތުންނަމަ މޫދާ ހަމަ ޖެހިގެންނެވެ. ނަމަވެސް މޫދު ކީއްކުރަން، ފެންގަނޑެއްހާ ހިސާބުވެސް މިއިން މަގަކުމަތިން ނުފެނެއެވެ. މޫދު އަދި އޮތީ އެތައް ރާސްތާއަކަށްފަހުއެވެ. ހުކުރުން ފޭބުމަށްފަހު މެންދުރުގެ ބޮޑު ނާސްތާއެއް އޮތުމާއެކު އަހަރެން ހުރީ އެކަމަށް ވަރަށް ސިކުނޑި ހުސްކޮށްލައިގެންނެވެ. އާންމުގޮތެއްގައި އަހަރެންގެ ޚިޔާލުތަކުގެ އުނދަގުލަކާހުރެ މީހުން ދައްކާ ވާހަކައަށް އެހާ ޝައުގުވެރިކަމެއް ފާޅެއް ނުކުރެވެއެވެ. ނަމަވެސް މިފަހަރު ތަންކޮޅެއް ޖާނާއި ވަރު ދައްކައިގެން ނޫނީ މި މީހުންތެރޭ ބަސްވިކޭ ވަރެއް ނުވާނެޔޭ އަހަރެންގެ ހިތަށް އަރަމުންދިޔައެވެ.

ހުކުރުން ފައިބެގެން އެންމެ އެއްވީ މެންދުރުގެ ކެއުމަށެވެ. ސުފުރާމަތި ތައްޔާރުކުރަން ބޭރު ދެމީހަކު އުޅެމުންދިޔައެވެ. ހަމަ އެތާނގައި އިތުރު ދެމީހަކު ކަންތައް ވަމުންދާގޮތް ބަލަހައްޓަން ތިއްބެވެ. އަހަރެމެންގެ ތިބީ ދިހި ވަަރަކަށް ބޮލެވެ. ތަށިތައް އަތުރަމުންދިޔަ ބަންގްލަދޭޝްގެ މީހުންތަކުގެ ތެރެއިން އެކެއްގެ ހަރަކާތްތައް ލަސްވެފައި ތުރުތުރު އެޅުމެއް ހުރިކަން އަހަރެންނަށް ފާހަގަވިއެވެ. ތަންކޮޅެއް ޝައުގާއެކު ބެލުމުން އަތުގައި އިން ބޭސްމަލަންގަނޑެއް ލޮލުގައި އަޅައިގަތެވެ. ބަލާބެލުމުން ދާދި ދެންމެއަކު ކަހަލަ ގޮތަކަށް ލިބުނު އަނިޔާއެކެވެ. އަހަރެން އަހާލީމެވެ. އަދިވެސް ތަދުވޭހެއްޔެވެ؟ މި ސުވާލާއެކު އަހަރެންނާއެކު އައިސް ދެންތިބި މީހުންގެ ޝައުގުވެރިކަން އަހަރެމެންނަށް އަމާޒުވިއެވެ. އަހަރެންގެ "ރަހުމަތްތެރިން" މި މަސައްކަތު މީހުންނާއި ދޭތެރޭ ދެކޭގޮތް ވަރަށް ތަފާތެވެ. އެމީއަހަށް ޖަވާބު ނުދެވުނީސް އެކަކު ނިކަން ބާރަކަށް ބުނެފިއެވެ. ތަދުވިޔަސް ނުވިޔަސް އަހަރެމެންނާ ކޮން ކަމެއް ހެއްޔެވެ؟ ޖެހިގެން އިންމީހާގެ ވާހަކައިން އަދި މާ އަސަރުކުރިއެވެ. އެހެން މީހެއް ތަށިތަކާއެކު ފޮނުވާށެވެ. އަހަރެމެންގެ ކާއެއްޗެއްސަށް ޖަރާސީމް އެތެރެވާގޮތެއް ބޭނުމެއް ނޫނެވެ.

އިތުރަށް އެ ބަންގްލަދޭޝް މީހާއެއް އަހަރެންނެއް ނުދެކެމެވެ.

އަހަރެންގެ "ރަހުމަތްތެރިން" ގެ ވާހަކަތައް ފޫހިވެފައި ބޮޑާވެރިއެވެ. އެކެއްގެ މޮޅުކަމަށްވުރެ އަނެކާގެ މޮޅުކަމުގެ ވާހަކައެވެ. ދުނިޔެ ދެކޭނީ ކިހިނެއް ހެއްޔޭ އަބަދުވެސް ހިތަށް އަރާ ކަހަލައެވެ. ބަޔަކު ބުނެފާނެ އެއްޗަކަށް ބިރުން އުޅޭ ބަޔެކެވެ. ފޫހިގޮތަކަށް އެމީހުންގެ ވާހަކަތައް އަޑު އަހަން އިނދެފައި އަަހަރެން ކޮޓަރިއާ ދިމާަލަށް ހިނގައިގަތީމެވެ. ދިޔަ މަގުމަތީ އަހަރެންނާ ދިމާވީ އެއްކަލަ ބަންގްލަދޭޝް މީހާއާއެވެ.

އޭނާ އައި އެދުމަކާއިގެންނެވެ. ސްޕަވައިޒަރު އަރިހު މި ވާހަކަ ނުދެއްކުމަށް އެދިއެވެ. އޭނާގެ ވަޒީފާ އަތުން ދޫވެދާނެތީއެވެ. އޭރުން އަނބިދަރިންނަށް ލާރި ފޮނުވޭނޭ އެއްވެސް ގޮތެއް ނޯންނާނެތީއެވެ. އަހަރެން ބުނީމެވެ. ހާސްނުވާށެވެ. އެއީ ދެން އެހާބޮޑު ކަމެއް ނޫންތާއެވެ. ރަނގަޅަށް ބޭސްއަޅައިގެން އަވަސް ޝިފާއެއް ހޯދާށެވެ. ވަރަށް ޝުކުރު އަދާކުރުމަށްފަހު އޭނާ ގޮއްސިއެވެ. އަހަރެންވެސް ވަނީ ކޮޓަރިއަށެވެ.

އެނދުގައި އޮވެ ވަރަށް ވިސްނާލީމެވެ. އަހަރެންގެ ރަހުމަތްތެރިންގެ ހަވާސާއާއި އަހަރެންގެ ހަވާސާ ތަފާތުވަނީ އެހެންވެއެވެ. އެއީ ދެއްކުންތެރިންނެވެ. އެމީހުންގެ އެއްވެސް ބަހެއް އަހަރެންނަށް މަޖަލެއް ނޫނެވެ. އެމީހުންގެ އެއްވެސް ކަމަކުން އަހަރެން އެދޭކަހަލަ ނިމުމެއް ނުފެނެއެވެ. ދެން މިފަދަ ބަޔަކާއެކު އަހަރެންނަށް އެއް ދުވަސް ކީއްކުރަން، އެއް ގަޑި އިރުވެސް ހޭދަކުރެވޭނެ ބާވައެވެ.

ވިސްނާކަށް ނޯވެ އަހަރެން ތެދުވީމެވެ. ކުރިން ހަދާފައިވާ ރިޒަވޭޝަން ބަދަލުކޮށް ފުރަން ތައްޔާރުވީމެވެ. އެއްޗެހި ހަމަކޮށްލައިގެން ނިކުމެެ ރަހުމަތްތެރިންނާއި އަލްވަދާއު ކިޔަން ދާން މިސްރާބު ޖަހާލީމެވެ. ނަމަވެސް އަހަރެންގެ ހަވާސާގެ މަތިން ހަނދާންވެ ބަނދަރާއި ދިމާލަށް އަނބުރާލީމެވެ. ޤަދަރު ހައްގީ ޤަދަރުކުރަން ދަންނަ މީހުންނަށެވެ. އެއީ އަހަރެންގެ ހައްދުތަކެކެވެ. އަހަރެންގެ ހަވާސާއެވެ.

ނިމުނީ

ޚިޔާލު ފޮނުއްވާ