1342 54

ޔާސިރާއި، ޙާރިޘާއި، މާލިކާ ތިން ބޭކަލުންނަކީ ތިން އަޚުންނެވެ. އޭގެ ތިން ކަލުން އެއްފަހަރަކު ޔަމަނުކަރައިން މައްކާއަށް ދަތުރުފެށިއެވެ. މައްކާގެ ތަފާތު މާހައުލާއި އެތަނުގެ އިޖްތިމާއީ ދިރިއުޅުމާއި ސަގާފަތް ތަޖްރިބާކޮށްލެއްވުމަށްޓަކައެވެ. އޭގެ ތެރެއިން މާލިކާއި، ޙާރިޘް މައްކާއަށް ވަޑައިގެން ދުވަސްކޮޅަކު ތިއްބެވުމަށްފަހު އެނބުރި އެބޭކަލުންގެ އަސްލު ވަޒަންކަމުގައިވާ ޔަމަނަށް ވަޑައިގެންފިއެވެ. އޭގެ ދެކަލުންގެ އަނެއް އަޚް ޔާސިރު ބިން އާމިރު މައްކާއަށް ދޫކުރައްވާފައެވެ.

ޔާސިރު ބޭނުންފުޅުވީ މައްކާގައި މަޑުކުރެއްވުމަށެވެ. އަބަދުގެ އަބަދަށް މައްކާގައި ވަޒަންވެރިވުމަށެވެ. ޔާސިރު ހުންނެވީ މައްކާގެ ޖައްވާމެދު ނުހަނު ބޮޑަށް ހިތްޕުޅާވެފައެވެ. އެގޮތުން އަބޫ ޙުޛައިފާ ބިން ޢަބްދުލް މަޚްޒޫމީގެ ޙަލީފަކަށް ވެވަޑައިގެނެވިއެވެ. އޭގެ ދެބޭކަލުން އެއްބޭކަލު އަނެއްބޭކަލަކު ދެކެ ނުހަނު ޤަބޫލުފުޅުވެވަޑައިގަންނަވައެވެ. އިސާހިތު އަބޫ ޙުޛައިފާގެ އަރިހުގައި ޔާސިރަށް ޚާއްޞަ އިމްތިޔާޒީ މަޤާމެއްދެވިއްޖެވެ. އަދި އޭނާގެ އަޅުކުއްޖެއް ކަމަށްވާ ސުމައްޔާ ބިންތި ޚައްބާތުއާ ޔާސިރުގެ ކާވެނިކޮށްދެއްވިއެވެ.

advertisment

މިކާވެނިފުޅުވީ ވަރަށް އުފާވެރި ބަރަކާތްތެރި ކާވެނިފުޅަކަށެވެ. އެދެކަނބަލުން ކާވެނީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވާތާ މާގިނަދުވަސްތަކެއް ނުވަނީސް ލޯބިލޯބި ދަރިކަލެއް ލިބިވަޑައިގެންފިއެވެ. އެދަރިކަލުންނަށް އެދެކަނބަލުން ދެއްވި ނަންފުޅަކީ ޢަންމާރެެވެ. އަބޫ ޙުޛައިފާއަކީ ވަރަށް އޯގާތެރި ދީލަތި ބޭފުޅެކެވެ. އެނާ އޭނާގެ އަޅުކުއްޖެގެ ގޮތުގައި އިންނެވި އައްސައްޔިދާ ސުމައްޔާ އާއި އޭނާގެ އާއިލާ ފުރިހަމަ މިނިވަން އާއިލާއެއްގެ ގޮތުގައި ދިރިއުޅުމަށް ދޫކޮށްލެއްވިއެވެ. އޭނާގެ އަޅުވެތިކަމުން އެއާއިލާ މިންޖުކޮށްދެއްވިއެވެ. އަބޫ ޙުޛައިފާ ސުމައްޔާއާއި ޔާސިރުގެ ދެކަނބަލުންނަށް ވަރަށް ރިޢާޔަތްކުރައްވައެވެ. އޭގެ ދެކަނބަލުންނާ އަބަދުވެސް ގުޅުން ބާއްވާ ހައްދަވައެވެ. އެހީތެރިވެވަޑައިގެން ތެކެއްޗާއި ފައިސާ ދެއްވައި ހައްދަވައެވެ.

ދުވަސްކޮޅެއްގެ ތެރޭގައި އަލުން ސުމައްޔާއާއި ޔާސިރުގެ ދެކަނބަލުންނަށް އަލުން ދެދަރިކަލުން ލިބިވަޑައިގެންފިއެވެ. އޭގެ ތެރެއިން އެއްދަރިކަލެއްގެ ނަންފުޅަކަށް ޢަބްދުﷲ، އަނެއް ދަރިކަލުންގެ ނަންފުޅަކަށް ޙާރިޘް އޭ ވިދާވެ ނަންދެއްވިއެވެ. މީގެ ތެރެއިން ޙާރިޘްވަނީ އިސްލާމްދީން އައުމުގެ ކުރިން ޖާހިލިއްޔަ ޒަމާނުގައި ޤަތުލުވެފައެވެ.

އައްސައްޔިދާ ސުމައްޔާއަކީ އިސްލާމްދީނަށް އަވަސްވެވަޑައިގެންނެވި ހަތްބޭކައުކަނބަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. “އައްސާބިޤޫނަލް އައްވަލީން” ގެ ޖަމާއަތުގައި ހިމެނިވަޑައިގެންނެވި ބޭކަނބަލެކެވެ. އެކަމަނާ އިސްލާމްވެވަޑައިގެން ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމަގެ އަތްޕުޅު މައްޗަށްވަނީ ބައިއަތު ހިއްޕަވާފައެވެ. އެހެންކަމުން އެކަމަނާ ވެވަޑައިގެންފަވަނީ އަންހެން ޞަޙާބީ ބޭކަނބަލުންގެ ތެރެއިންވެސް ދަރަޖައިގެ ގޮތުން އަރާއިންނެވި ބޭކަނބަލަކަށެވެ.

އިސްލާމްދީނަކީ މިންތީގެ ހަމަހަމަކަމާއި ގިންތީގެ ހަމަހަމަކަމަށް ވަކާލާތު ކުރާދީނެކެވެ. ކޮންމެ ނަސަބަކުން އަޔަސް، ކޮންމެ ގައުމަކުން އަޔަސް މީހާގެ ކުލަޔާއި ޖިންސަށް ބެލުމެއްނެތި ހަމަހަމަކަމާ އަދާލަތަށް ގޮވާލާ ދީނެވެ. އެހެންކަމުން އެދީނުގެ އަމަލުތަށް ބިނާވެގެންވަނީ ހިތުގެ ޠާހިރު ނިޔަތުގެ މައްޗަށެވެ. ކަލަމިދިކަމާއި ދޮންކަޅުމިނަކަށް ނޫންނެވެ. އިންސާނާގެ މާތްކަން ބިނާވެގެންވަނީ އޭނާގެ ތަޤްވާވެރިކަމުންގެ މައްޗަށެވެ. މިކަން ބަޔާން ކުރައްވައި އަރަހުށި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިދަންނަވާ ފަދައިންނެވެ.

“ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ.” [49:13}

ކުރިންވެސް ދެންނެވިފައިވާނެ ފަދައިން އައްސައްޔިދާ ސުމައްޔާއަކީ އިސްލާމްދީނަށް އަވަސްވެވަޑައިގެންނެވި ހަތް ބޭކައުކަނބަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. އެބޭކައުނބަލުންނަކީ
1. އަބޫ ބަކްރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު
2. ޢަލީ ބިން އަބީޠާލިބު ރަޟިޔަ ﷲ ޢަންހު
3. ޚަދީޖާ ރަޟިޔަ ﷲ ޢަންހާ
4. ޒައިދު ބިން ހާރިޘަތު ރަޟިޔަﷲ ޢަންހު
5. ސުމައްޔާ ބިންތި ޚައްބާތު ރަޟިޔަ ﷲ ޢަންހާ
6. ޢަންމާރު ބިން ޔާސިރު ރަޟިޔަ ﷲ ޢަންހު
7. ބިލާލު ބިން ރަބާހް ރަޟިޔަ ﷲ ޢަންހު. މި ހަތްބޭކަލުންނެވެ.

އެދުވަސްވަރު ކީރިތި ރަސޫލާގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބުގެފާނު ދުނިޔޭގައި ހުންނެވުމުގެ ސަބަބުން މައްކާގެ މުޝްރިކުންގެ އަނިޔާތައް ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ކޮންމެވެސް ވަރަކަށް ވަނީ ކުޑަވެފައެވެ. ހަމައެހެންމެ އަބޫބަކުރުގެފާނުފަދަ އާރާއި ބާރާއި ނުފޫޒުގަދަ ބޭފުޅުންގެ މައްޗަށްވެސް މައްކާގެ މުޝްރިކުންގެ އަނިޔާތައްވަނީ ކުޑަވެފައެވެ. ނަމަވެސް ޟަޢީފު މުސްލިމުންނަށް މައްކާގެ މުޝްރިކުންގެ އަނިޔާވެރިކަމުގެ ވަކިތަކުން ސަލާމަތެއްނުވެވުނެވެ. މައްކާގެ މުޝްރިކުން ނިކަމެތި ޟަޢީފު މުސްލުމުންނަށް ހިތުހުރިހާ އަޛާބެއް ދައްކަމުން އެބައިމީހުން ދީނުން ބޭރުކޮށްލެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ.

ސުމައްޔާ ރަޟިޔަ ﷲ ޢަންހާއާއި އެކަމަނާގެ ދަރިކަލުން ޢަންމާރާއި އެކަމަނާގެ ފިރިކަލުން ޔާސިރަކީ މުޝްރިކުންގެ އަނިޔާވެރިކަމުގެ އަމާޒުފަތްގަނޑަކަށް ހަދާފައިވާ ތިންމައިންނެވެ. ކާފަރުން އޭގެ ތިންމައިންނަށް ނުކުރާކަށް އަނިޔާއެއް ނެތޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އެހާ މިންވަރަށް އޭގެ ތިންމައިންނަށް އަނިޔާވެރިވަމުން ގެންދިޔައެވެ.

އެއްފަހަރަކު މައްކާގެ މުޝްރިކުން ސުމައްޔާ ރަޟިޔަ ﷲ ޢަންހާއާއި އެކަމަނާގެ ދަރިކަލުން ޢަންމާރާއި އެކަމަނާގެ ފިރިކަލުން ޔާސިރަށް އަނިޔާދެމުން ގެންދަނިކޮށް އިއްތިފާޤުން އެތަނަށް މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހިވަސައްލަމައަށް ވަޑައިގެންނެވިއްޖެއެވެ. އެކަލޭގެފާނަށް އެމަންޒަރު ފެނިވަޑައިގެން އެކަމާ ވަރަށް ދެރަފުޅުވެވަޑައިގެންނެވިއެވެ. ހިތްޕުޅަށް ވަރަށް ފުން އަސަރުތަކެއް ވެރިވެގެން ދިޔައެވެ. ނަމަވެސް ޚުދު ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމަ އަށްވެސް އެބައިމީހުން އެއަޛާބުން ދަފަރާ ކުރާނެ އެއްވެސް ބާރެއް ލިބިވަޑައިގެންފައެއްނުވެއެވެ. އެހެންކަމުން އެކަލޭގެފާނުގެ އޯގާވެރިކަމުންގެ ބަސްފުޅުތަކުން އޭގެ ތިންމައިންގެ ހިތްޕުޅުގައި އުފެދިފައިވާ ޒަޚަމަށް ފަރުވާދެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
“އޭ ޔާސިރުގެ އާލުވެރިންނޭވެ. ތިޔަބައިމީހުން ކެތްތެރިވާށެވެ. ތިޔަބައިމީހުންގެ އެންމެފަހުގެ މަންޒިލަކީ ސުވަރުގެއެވެ.”

އަބޫ ޖަހުލަކީ މި އުއްމަތުގެ ފިރުއަޢުނެވެ. އޭނާއަކީ ޟަޢީފު މުސްލިމުންނަށް ލާއިންސާނީ އަނިޔާ ދިނުމުގައި އަރާހުރި މޭސްތިރިއެކެވެ. އަބޫޖަހުލުގެ އަނިޔާވެރިކަމުގެ ވަކިތަކުން އައްސައްޔިދާ ސުމައްޔާއަކަށް ސަލާމަތްވެވަޑައެއްނުގެންނެވުނެވެ. އޭނާ އެކަމަނާއަށް ރެޔާދުވާލު އިސްލާމްދީނުން ބޭރުކުރުމަށް އަނިޔާދެއްމުން ގެންދިޔައެވެ. ނަމަވެސް އެކަމަނާ އެ އަނިޔާތައް ބަރުދާސްތު ކުރައްވަމުން ގެންދެވީ ނުހަނު ސާބިތުކަމާއެކުގައެވެ.

އަބޫ ޖަހުލަށް އޭނާގެ އަނިޔާވެރިކަމުން ސުމައްޔާގެ އީމާންތެރިކަން ގުޑުވައިނުލެވުމުން އޭނާ އެކަމާ ވަރަށް ރުޅިއެރިއެވެ. އެނާ ރުޅިއައިސް ފުފިގެން ލޮންސިން ޙަމަލާދީ އެކަމަނާ ޝަހީދުކޮށްލިއެވެ. އެކަމަނާ ވެވަޑައިގެންނެވީ އިސްލާމްދީނުގެ ދިފާއުގައި އެންމެ ފުރަތަމަ ޝަހީދުވެވަޑައިގެންނެވި ބޭފުޅާކަމުގައެވެ. މި ޙާދިސާ ހިނގީ ނަބިއްޔާ ހިޖުރައަށް ވަޑައިގެންނެވުމުގެ ހަތް އަހަރު ކުރިން މައްކާގައެވެ. އެކަމަނާ ޝަހީދުވުމަށްފަހު އެކަމަނާގެ ފިރިކަލުން ޔާސިރުވެސް މުޝްރިކުންގެ އަނިޔާވެރިކަމުގެ އަމާޒު ފަތްގަނޑަކަށްހަދައި އެކަލޭގެފާނުގެ ޝަހީދުކޮށްލިއެވެ.

މަންމާފުޅާއި ބައްޕާފުޅު ޝަހީދުވުމަށްފަހު ކައުސާހިބާ ޞައްލަ ﷲ ޢަލައިހިވަސައްލަމަގެ އަރިހުގައި ޢަންމާރަށް ޚާއްޞަ މަޤާމެއް ލިބިވަޑައިގެންނެވިއެވެ. ކައުސާހިބާ ޞައްލަ ﷲ ޢަލައިހިވަސައްލަމަ ޢަންމާރަށް މުޚާތަބު ކުރައްވަނީ އިބްނު ސުމައްޔާގެ ނަންފުޅުންނެވެ. ކައުސާހިބާ ޞައްލަ ﷲ ޢަލައިހިވަސައްލަމަ ވަރަށް ގިނައިން ޢަންމާރުގެ އާއިލާއަށް ތާރީފު ކުރައްވައި ވާހަކަފުޅު ދައްކައި ހައްދަވައެވެ.

ޚިޔާލު ފޮނުއްވާ