3370 81

އެއްފަހަރަކު ޒުވާން ފިރިހެނަކު އައިސް ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަރިހުގައި ދެންނެވިއެވެ. "އަޅުގަނޑަށް ޒިނޭ ކުރުމުގެ ހުއްދަ ދެއްވަފާނުތޯއެވެ؟" އޭނާ އެހެން ދެންނެވުމުން އިތުރު ސާހިބާ صلّى اللّـه عليه وسلّم ގެ އަރިހުގައިވާ ޞަޙާބީބޭކަލުން ނުރުހުންވެވަޑައިގެން އޭނާއާ ދިމާލަށް އެއްޗެތި ކިޔުއްވަން ފައްޓަވައިފިއެވެ. ނަމަވެސް އިތުރު ސާހިބާ ނުހަނު ހަމަޖެހިވަޑައިގެން އިންނަވައި ޙަދީޘު ކުރެއްވިއެވެ. "އަހަރެންގެ ކައިރިއަށް އަންނާށެވެ."

ދެން އޭނާ އައުމުން އިށީންނުމަށް ވިދާޅުވިއެވެ. އޭނާ އިށީނުމުން ޙަދީޘު ކުރެއްވިއެވެ. "ތިބާގެ މަންމަ ޒިނޭ ކުރުމަށް ތިބާ ރުހޭނު ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ ނަފްސު ކަލޭގެފާނުގެ މައްޗަށް ފިދާކޮށް ބުނަމެވެ. ދުވަހަކުވެސް ނުރުހޭނަމެވެ." ޙަދީޘު ކުރެއްވިއެވެ. "އެހެން މީހުންވެސް އެމީހުންގެ މައިންބަފައިން ޒިނޭކުރުމަކަށް ނުރުހޭނެއެވެ."

އިތުރަށް ކައުސާހިބާ صلّى اللّـه عليه وسلّم އޭނާއަށް އޮޅުން ފިލުއްވައި ދެއްވުމަށްޓަކައި ޙަދީޘު ކުރެއްވިއެވެ. "ތިބާގެ ދަރިން ޒިނޭކުރުމަށް ތިބާއަށް ރުހެވޭނެ ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ ނަފްސު ކަލޭގެފާނުގެ މައްޗަށް ފިދާކޮށް ބުނަމެވެ. ދުވަހަކުވެސް ނުރުހޭނަމެވެ." ޙަދީޘު ކުރެއްވިއެވެ. "އެހެން މީހުންވެސް އެމީހުންގެ ދަރިން ޒިނޭކުރުމަކަށް ނުރުހޫނެއެވެ."

އޭނާއަށް އިތުރު މިސާލެއް ދެއްކެވުމަށްޓަކައި ޙަދީޘު ކުރެއްވިއެވެ. "ތިބާގެ ބައްޕަ ފަރާތުގެ ބޮޑުދައިތަ އެހެން މީހަކާއެކު ޒިނޭކުރުމަށް ތިބާ ރުހޭނުހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ ނަފްސު ކަލޭގެފާނުގެ މައްޗަށް ފިދާކޮށް ބުނަމެވެ. ދުވަހަކުވެސް ނުރުހޭނަމެވެ." ޙަދީޘު ކުރެއްވިއެވެ. "އެހެން މީހުންވެސް އެމީހުންގެ ބަފައިފުށުގެ ބޮޑުދައިތައިން ޒިނޭކުރުމަކަށް ނުރުހޫނެއެވެ."

އަނެއްކާވެސް އިތުރު ސާހިބާ صلّى اللّـه عليه وسلّم ޙަދީޘު ކުރެއްވިއެވެ. "ތިބާގެ މަންމަ ފަރާތުގެ ބޮޑުދައިތަ އެހެން މީހަކާއެކު ޒިނޭކުރުމަށް ތިބާ ރުހޭނުހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ ނަފްސު ކަލޭގެފާނުގެ މައްޗަށް ފިދާކޮށް ބުނަމެވެ. ދުވަހަކުވެސް ނުރުހޭނަމެވެ. "އެހެން މީހުންވެސް އެމީހުންގެ މައިފުށުގެ ބޮޑުދައިތައިން ޒިނޭކުރުމަކަށް ނުރުހޫނެއެވެ."

ދެން އިތުރުސާހިބާ صلّى اللّـه عليه وسلّم އޭނާގެ ބޮލުގައި އަތްޕުޅު ބީއްސަވައި ޙަދީޘު ކުރެއްވިއެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މީނާގެ ފާފަ ފުއްސަވައިފާންދޭވެ. މީނާގެ ހިތް ޠާހިރު ކުރައްވާފާންދޭވެ! މީނާ ޢިއްފަތްތެރި ކުރައްވާފާންދޭވެ!"

ބުނެވޭ ގޮތުގައި، އޭގެ ފަހުން އެޒުވާނާ އެފަދަ ނުބައި ފާހިޝް އެއްވެސް ކަމެއްގެ ވާހަކައެއް ނުދައްކަވައެވެ. އެކަހަލަ އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެއްވައެވެ. {ރިވާކުރީ އިމާމު އަޙްމަދު}

މިދެންނެވި ޙަދީޘުން ރަސޫލާ އެވަނީ ޒިނޭކުރުމަށް ބޭނުންވެފައިވާ ޒުވާނަކަށް އެއީ ކިހާވަރެއްގެ ނުބައި ކަމެއްކަން ނުހަނު ސާފު ސީދާކޮށް ބަޔާންކޮށް ދެއްވާފައެވެ. އެއްވެސް މީހަކު އޭނާގެ ގާތް އަންހެން ކުއްޖަކު ނުވަތަ މީހަކު ޒިނޭފަދަ ޢަމަލެއް ކުރާކަށް ހިތެއް ނުރުހޭނެއެވެ.

ޚިޔާލު ފޮނުއްވާ