3658 132

ތައުބާގެ ދޮރަކީ ހުޅަނގު ފަރާތުން އިރު އަރަންދެކަށް ހުޅުވިފައިވާ އެއްޗެކެވެ. ގިޔާމަތުގެ އަލާމާތެއް ކަމުގައިވާ ހުޅަނގުފަރާތުން އިރުއެރުމުން ތައުބާގެ ދޮރު އެއްކޮއް ބަންދުވާނެއެވެ. މިކަމާމެދު ވިސްނާލަނީ އަޅުގަނޑުމެންތެރެއިން ކިތައް މީހުންބާއެވެ. ދުވަހެއް ދުވަހަކަށް މި ފެންނަމުންދަނީ ގިޔާމަތުގެ ކުދި އަލާމާތްތަކެވެ. މިހެންގޮސް ބޮޑު އަލާމާތެއްކަމުގައިވާ ހުޅަނގުފަރާތުން އިރުއަރާފައިހުރިތަން ފެނުމުން އިންސާނާއަށް ބުނެވޭނީ ދެންކީކޭބާއެވެ. އެއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ.

ޒަމީރުއަކީ މިޒަމާނުގެ ޒުވާނެކެވެ. މިޒަމާނުގެ ފެޝަނަކީ އޭނާ ލޯބިކުރާ އެއްޗެކެވެ. ޒަމީރުގެ ހެދުން އެޅުމުގައި މުޅިންވެސް ލައިއުޅެނީ އިރައިގެން ގޮސްފައިވާ އަންނައުނެވެ. ކަރުގައި އެޅުނު ފަށެއްއަޅާ ތޮރުފުނު ތަނަކުން ތޮރުފައިގެން ހިތުހުރި ގޮތަކަށް އޭނާގެ ދިރިއުޅުން ގެންދަމުންދެއެވެ. ޒަމީރުގެ ބައްޕައަކީ މަހުޖަނެއްކަމުން އޭނާ ވަޒީފާއަށް ދާކަށް ނުޖެހެއެވެ. އަތުން ފައިން މަސައްކަތެއްނުކޮއް މައިންބަފައިންގެ ޙަރަދުގައި ބޭނުން ތާކަށްގޮސް އަރާމު ދިރިއުޅުން އުޅެމުންނެވެ.

މިއަދުވެސް ޒަމީރު ދިޔައީ ދަތުރެއްދާން ރާވަމުންނެވެ. އޭނާއާ އޭނާގެ ރަހްމަތްތެރިން މިއަދު ދާން ނިންމާފައި އޮތީ މަކުނުދޫއަށްށެވެ. ދަތުރުދިޔުމަށް ޒަމީރުގެ އަމިއްލަ ލޯންޗަގައި އޭނާގެ ރައްޓެހިންނާއެކު ނައްޓާލިއެވެ. މަކުނުދޫއަށް ލެފުމާއެއްކޮއް ޒަމީރުމެން ބަލާ އޭނާގެ މަކުނުދޫ އެކުވެރިޔާ އައިސް ހުއްޓެވެ. މަކުނުދޫގައި އެދުވަހުން ހިންގަންވީ ކަންތައްތައް ރަހްމަތްތެރިޔާވަނީ ޒަމީރުމެންނަށް ތައްޔާރުކޮއްދީފައެވެ. މިގޮތުން އެންމެ ފުރުތަމަ ދިޔައީ މަސްދަތުރެކެވެ. މަސްދަތުރު ނިންމާފައި އެރޭ އައިސް މަސްފިހުމުގެ ކަންތަކުގައި އެންމެން އުޅުނެވެ. ބޭނުނު މަސްތައް އިތުރުވެފައި ހުރުމުން ޒަމީރުގެ ރަހްމަތްތެރިޔާ މަސްބަލާ އަންނަން މީހަކަށް ގުޅިއެވެ. ޒަމީރު މަސްފިހަން އަލިފާންގަނޑު ރޯކޮއް ބާކީވެފައި ހުރި މަސްކޮޅު ހަވާލުކުރަން ތައްޔާރުވެގެން ހުއްޓާ އައީ ކަޅު ހެދުމުން ނިވާވެގެންހުރި ދޮން ރީތި ކުއްޖެކެވެ. އެކުއްޖާ އައިސް ޒަމީރު އަތުގައި ހުރި މަސްކޮތަޅުގައި ހިފީ އިސްދަށަށް ޖަހާލައިގެންހުރެއެވެ. އެކުއްޖާ އަނބުރާ ދިޔުމުން ޒަމީރު އޭނާގެ ރަހްމަތްތެރިޔާގާތުގައި އެއީ ކޮންކުއްޖެއްތޯ ސުވާލުކުރިއެވެ. ރަހްމަތްތެރިޔާ ހީލާފައި އެކުއްޖާއާށް ހިތްކީދޯއޭ ބުނެލިއެވެ. އަދި އެއީ ވަރަށް ނިކަމެތި އަޙްލާގި ރަނގަޅު ކުއްޖެއްކަމަށް ބުނެލިއެވެ.

އެރޭ މަސްފިހެގެން ކައި ނިންމާލައިގެން ނިދަން އެންމެންވަނެވެ. ނަމަވެސް ޒަމީރުއަކަށް ނިދޭގޮތްނުވިއެވެ. އޭނާގެ ހިތަށް އަންނަނީ އެކުއްޖާއެވެ. އެކުއްޖާގެ ރީތިކަމުގެ ފޮނިރަހަ އޭނާ ބޭނުންވިއެވެ. މިގޮތުން ޖެހިގެން އައިދުވަހު ރައްޓެހިންނަށް ބަހަނާއެއް ދައްކާފައި ޒަމީރު ރަށުތެރެ ބަލައިލަން ނުކުތެވެ. އެކުއްޖާ ފެނޭތޯއެވެ. ނަސީބަކުން އަތިރިމައްޗަށް ނުކުތްއިރު އެކުއްޖާ އަތިރިމަތީ އިން ޖޯއްޔެއްގައި އިންތަން ފެނުނެވެ. ލަހެއް ފަހެއް ނުކޮއް ގޮސް ޖެހިގެން ޖޯލީގައި ޒަމީރު އިށީންދެ އެކުއްޖާއާ ވާހަކަ ދެއްކޭތޯ ވަރަށްވެސް މަސައްކަތްކުރިއެވެ. ނަމަވެސް އެކުއްޖާ ޒަމީރުއަށް ހިނިތުންވުމެއްހާހިސާބުވެސްނުދީ އިންތަނުން ތެދުވެގެން ދިޔައެވެ. މިކަމާ ޒަމީރު ވަރަށް ދެރަވިއެވެ. އޭނާއަކީ އާއްމުކޮއް އަންހެންކުދިންގެ ހިތް ފަތަހަކުރާ މީހެކެވެ. ނަމަވެސް މިކުއްޖާ މީ އާދަޔާ ޙިލާފް ކުއްޖެއްކަން އޭނާއަށް ވިސްނުނެވެ. މިކުއްޖާއާ ބެހޭގޮތުން ޒަމީރުގެ އެކުވެރިޔާއާ އޭނާގެ ޝުއޫރުތައް ހިއްސާކުރިއެވެ. ރަހްމަތްތެރިޔާ ޒަމީރު ބުރަކަށީ ފިރުމާލާފައި އެކަން ހަނދާންނައްތާލުމަށް ބުނެލިއެވެ. އެއީ ޒަމީރުމެންފަދަ މީހުންނަށް ގުޑާނުލާނެ ކުއްޖެ ކަމަށް ބުނެލިއެވެ. މިކަމާ ޒަމީރު ވަރަށް ހިތްހަމަ ނުޖެހުނެވެ. އަދި އޭނާގެ މައްސަލައަކީ ކޮބާތޯ ސުވާލުކުރުމުން އެކުވެރިޔާ ދިނީ ވަރަށް ކުރު ޖަވާބެކެވެ. އެކުއްޖާއަކީ އާޙިރަތަށްޓަކައި މަސައްކަތްކުރާ ކުއްޖެއްކަމަށްށެވެ. ދުނިޔެއެއް އޭނާއަށް މުހިންމުނުވާކަން އެކުއްޖާ އަބަދުވެސް ބުނާވާހަކަ ބުނެލިއެވެ. މި ބަސްތައް އިވިފައި އެކުއްޖާއާ ޒަމީރު ދިމާކުރަން ވިސްނިއެވެ.

ޖެހިގެން އައި ދުވަހުވެސް އެކުއްޖާ ހޯދަން ޒަމީރު ނުކުތެވެ. މިފަހަރު އެއްވެސް ގޮތަކަށް ނުފެނި އުޅެނިކޮއް އެކުވެރިޔާއާ ދިމާވިއެވެ. ހީލާފައި އެކުއްޖާ ދޯއޭ ތި ހޯދަނީ ކެރެންޏާ އެކުއްޖާ ގެއަށް ގޮސްބަލާށޭ ކިޔާފައި ގެ ހުރިތަން ކިޔާދިނެވެ. ލަހެއް ފަހެއް ނުކޮއް ޒަމީރު އެކުއްޖާ އުޅޭ ގެއަށް ދިޔައެވެ. އެ ގެޔަކީ ކުދިގަލުން ހެދިފައިވާ ފުދޭވަރަކަށް ހަލާކުވެފައި ހުރި ގެއެކެވެ. ޓިނުތަކުގައިވަނީ ދަބަރު ޖަހާ ފޫގޮސްފައެވެ. ޒަމީރު ދެފަހަރަކު ސަލާމްގޮވާލުމުން ނުކުތީ އަސާއެއްގެ އެހީގައި ހިނގަމުން އައި މުސްކުޅިއެކެވެ. ކީއްކުރަން ކާކު ހޯދަން އައި ކުއްޖެއްތޯ ސުވާލުކޮއްލުމުން ބުނާނެ އެއްޗެއް ނޭނގިފައި ޒަމީރު ހުއްޓާ އެތެރެއަށް އައިސް އިށީނުމަށް އެބޭބެ ދައުވަތުދިނެވެ. ޒަމީރު ވަދެ އިށީނުމުން އެ މުސްކުޅި މީހާ ހިނިތުންވެލާފައި ޒަމީރު އައީ ކީއްކުރަންކަން އެނގިޖެކަން ބުނެލިއެވެ. އެއަށްފަހު އެ ބޭބެ އެތެރެއަށް ގޮސް އަންހެން ކުއްޖާ ގޮވައިގެން އައިސް ޒަމީރު ކައިރީ ބޭނދުމަށްފަހު ފަށައިގަތެވެ.

" އަހަރެންނަކަށް ތިކަމަކާ އެއްވެސް އެއްޗެއް ބުނެވޭކަށްނެތް. އެކަމު އަހަރެންގެ ދަރިފުޅު ތިބާއާ ރުހެންޏާ ކައިވެނިކޮއްދޭން މިހުރީ ތައްޔާރަށް. ފުރުތަމަ ތިބާއަށް އަހަރެންގެ ދަރިފުޅަކީ ކާކުކަން މި ކިޔާދެނީ. އޭނާ މަންމަ ވަނީ ވިހެއުމުގެ ތެރޭ ނިޔާވެފަ. އޭނާއަކީ ތިބާހެން ދުނިޔެއާ ހެދި އުޅޭ މީހެއްނޫން. އޭނާ މަސައްކަތްކުރަނީ އާޙިރަތަށް. އޭނާއަކީ ފިރިހެނަކަށް އިސްވެ ދުވަހަކުވެސް ބަލާ މީހެއްނޫން. ދެން އޮތީ އެންމެ މުހިންމު ކަންތައް. އޭނާ ތިބާއާ ވާހަކަ ނުދެއްކީ އެނާއަކީ މަންމަން ކުއްޖަކަށްވާތީ. ނަމަވެސް މަންމަން ކުއްޖެއްނޫނަސް އޭނާއަކީ އެއްވެސް އިރެއްގައި ހިލޭ ފިރިހެނަކާ އަނގައިންބުނާނެ މީހެއްވެސްނޫންކަން އަހަރެންނަށް އެނގޭ. ތިބާ އަހަރެންގެ ދަރިފުޅާ ކައިވެނި ކުރަން ބޭނުންނަމަ ތިބާ އޭނާއަށް ދެރައެއް ނުދޭނެކަމަށް އުންމީދުކުރަން އަދި އިސްލާމީ ރިވެތި އުސޫލްތަކުގައި ހިފަހައްޓާނެކަމަށް އުންމީދުކުރަން. އަހަރެންގެ ފަރާތުން އެއްވެސް ކަމެއް ތިބާއަކަށް މަޖްބޫރެއްނުކުރާނަން އެއީ ތިބާގެ އަމިއްލަ ނިންމުމެއް "

މުސްކުޅިޔާގެ ވާހަކަތައް އަޑުއަހައި ޒަމީރުއަށް ތިން މަސްދުވަސް ދިނުމަށް އެދުނެވެ. އަދި އެ ތިންމަސް ތެރޭގައި ޒަމީރު ބޭނުންވަނީ ދުރުގައި ހުރެ އެކުއްޖާއާ މުއާމަލާތްކުރަންކަން ބުނެލިއެވެ. އެދުވަހު ފުރައިގެން ދިޔަ ޒަމީރު ތިން މަސްތެރޭ ގަދައަޅާ މަސައްކަތްކުރީ އިލްމު ލިބިގަތުމުގައެވެ. އަމިއްލައަށް ހުރިހާ ކަމެއް ދަސްކުރިއެވެ. ފުރުތަމަ ކަމަކަށް ތައުބާގެ ނަމާދުކުރިއެވެ. އަދި އެއަށްފަހު ކީރިތި ގުރްއާން އަޑުއަހައި ދަސްކޮއްގެން ޙަތިމްއިން ފަށައިގަތެވެ. ރަށުގައި ހުރި ކުއްޖާއާ ދިޔައީ ގަވައިދުން މުއާމަލާތްކުރަމުންނެވެ. އެކުއްޖާގެ ފަރާތުން ލިބެމުން އައި އޯގާތެރިކަމުން ޒަމީރުގެ މުޅި ދިރިއުޅުން ބަދަލްވިއެވެ. ހެވާ ނުބައި ޒަމީރުއަށް ދަސްކޮއްދިނެެވެ. އަންނަން އޮތް ބިރުވެރި ދުވަހަށް ތައްޔާރުވުމަށް ހިތްވަރުލާދީ ދީނީގޮތުން ޒަމީރުގެ ހިތް ވަރުގަދަކޮއްދިނެވެ. ޒަމީރު ޒަމާނީ ފެޝަން ދޫކޮއްލިއެވެ. ތޮރުފައިފާ ހުރި ތަންތަނުގައި އަޅުވާފައި ހުރި އެއްޗެހިނެގިއެވެ. މުޅި މީހާ ސިފަ އެއްކޮއް ބަދަލު ކޮއްލީ ރިވެތި އަޙްލާގު ރަނގަޅު ޒުވާނަކަށްށެވެ. ތިންމަސްވުމުން މަކުނުދޫއަށް ޒަމީރު ދިޔައެވެ. ލޯންޗް ލެފުމުން ބަލާ އައިސް ހުރީ އޭނާގެ ރަހްމަތްތެރިޔާ އެކަންޏެއްނޫނެވެ. ވާން ތައްޔާރުވެފައި ހުރި އަނބިމީހާވެސްމެއެވެ.

- ނިމުނީ -

ޚިޔާލު ފޮނުއްވާ