Views: 4015 48

'ވަޔާ ދިޔުމުން ނިވާލާ، ނަޔާ އަލިކަން އުޖާލާ. ޙަޔާތުގެ ބިން މަތީގާ، މަގޭ އުނގުގަ ނިދާލާ'

***

އަހަރެން ތިބާ އަށް ބަލަމެވެ. ހިތުގެ އެންމެ ފުންމިނުންނެވެ. ތިއީ ކާކު ކަން އެނގޭނެ އެންމެ މޮޅު މީހަކީ އަހަންނެވެ. އަހަރެންނަށް ބަލާށެވެ. އަހަރެންގެ ދެލޮލަށް ބަލާށެވެ. ވަރަށް ސާފުކޮށް ތިބާ ބޭނުންވާ ކަންކަން އަހަންނަށް އެނގެއެވެ.

ތިބާ އަހަރެން ދޫކޮށްލާފައި ދިޔަ ދުވަސް ހަނދާން ކުރާށެވެ. އެދުވަހު ރުއީ އަހަރެންނެވެ. އަތުގައި ހިފާ އާދޭސް ކުރީމެވެ. ދަރިފުޅަށްޓަކައި މަޑުކޮށްލަން އެދުނީމެވެ. ވަރި އަކީ އެންމެ ފަހުގެ ނިންމުންކަމުގައި ނެހެދުމަށް ސަލާންވެސް ޖެހީމެވެ. ލޯބިވާތީއެވެ. ލޯބިވަމެވެ. ތިއީ އަހަރެންގެ ދުނިޔެއެވެ.

advertisment

ނަމަވެސް ތިބާގެ ސިކުނޑި ހުރީ އެހެން ދިމާލަކަށް ހުއްޓިފައެވެ. ފޫހި ވަނީއޭ ބުނެ، ސަވާރީ އަކަށް އަރައިގެން ވަކި މިސްރާބެއް ނެތި ދަތުރު ފެށީއެވެ. ބޭވަފާތެރި ވީއަކީ ނޫނެވެ. އަހަރެން ދޫކޮށްލީ އެހެން ސުވަރުގެއެއް ހޯދަން ކަމަށް ބުނީމެއް ނޫން ހެއްޔެވެ؟ އެޖަންނަތުން ލިބުނީ ކޮން އުފަލެއް ހެއްޔެވެ؟ ކޮން އަރާމެއް ހެއްޔެވެ؟ ހިތާ ހިތުން ދުއާ ކުރެވެނީ ތިބާގެ އަރާމާއި އުފަލަށެވެ. ހިތް ހެޔޮކުރީމެވެ. އަހަރުމެން ދެމައިން ހިތްވަރު ކުރީމެވެ. އުފާވެސް ކުރީމެވެ. ނަމަވެސް އަހަރެންގެ ތަންމަތި އޮތީ ހުހަށެވެ.

ތިދެމީހުން އަތުގުޅައިލައިގެން ޕާކަށްދާ މަންޒަރު ދުށީމެވެ. އިންސްޓަރގްރާމަށް ލީ ފޮޓޯތަށްވެސް ދެކުނީމެވެ. ކުރެވުނުހާވެސް ކަމަކީ ލޮލުން ފޭބި ކަރުނަ ފޮހެލުމެވެ. އެކަނި އަނދިރީގައި، މޮޅިވެރި ސާލެއްގައި ސިކުނޑި ހޭހަން ކުރީމެވެ. ތިބާ އޭނާ އާއި އެކީ ދަތުރުފެށީ ވަރަށް ވެސް އަހަވަށެވެ. އަހަރުމެން ދެމައިން އެކަނި ބޮއްކުރައެއްގެ އެންމެ ކަނޑެއްވެސް ހުރަސް ކުރަން އަހަރެއްހާ ދިގު މުއްދަތެއް ނެގިއެވެ. އެމަންޖެ ހިތް އަދިވެސް ވަރަށް ކުޑައެވެ. ހިތާމަ ކުރައެވެ. އެއައްވުރެ ކުރެވޭ ސުވާލުތައް ގިނައެވެ.

ތިދެމީހުން ރާއްޖެ ދޫކޮށްލި ޚަބަރު އަޑު އެހީ ފޫހި ކަންމަތީގައެވެ. އެކަން ވާނޭކަން އެނގިހުރެއެވެ. ތިބާއަށް ގުޅައި މަރުހަބާ ކިޔަން ވެސް ބޭނުންވިއެވެ. ނަމަވެސް އަހަރެން މަރުހަބާގައި ވާނީ ކޮން ފޮނި ކަމެއް ހެއްޔެވެ؟ ތިބާ އަބަދުވެސް ފެންނަނީ އުފަލުންނެވެ. އެތައް ހާސް މޭލު ދުރުންނެވެ. ފޯނުގެ ސްކްރީންތަކުންނެވެ. މީސްމީހުންގެ ދޫދޫ މަތިން ދެކެވޭ ވާހަކަ ތަކުންނެވެ. އަދިވެސް ހިތް އޮތީ ހެޔޮކޮށެވެ.

ދަރިފުޅުގެ ސުވާލުތައް މަދުވާހެން ހީވެއެވެ. ބައްޕަގެ ވާހަކައެއް ނުދައްކައެވެ. އޭނާ ބައްޕަ އަށް ގުޅަން ބޭނުންނުވެއޭ ކިޔައިގެން އަހަރެންނާ ޒުވާބުވެސް ކުރީމެއް ނޫންހެއްޔެވެ؟ ލޯބިވާއެވެ. ތިބާ ދަރިފުޅު ކައިރީގައި ނެތީމެއް ނޫންހެއްޔެވެ؟ އެމަންޖެއަކަށް މިހާރު ބައްޕަ އެއް ބޭނުމެއް ނުވެއެވެ. ނަމަވެސް ބައްޕައެއް މުހިންމެވެ. ވަރަށް މުހިންމެވެ. އުންމީދެއް ނެތް ހުވަފެނެއް ދެކެން އެމަންޖެވެސް ބޭނުމެއް ނެތެވެ.

މަސްތަކާއި އަހަރުތައް މާޒީ ވަމުންދާވަރަކަށް ތިބާގެ ހިނިތުންވެސް ގެއްލެމުންދާހެން ހީވެއެވެ. މިހާރަކު އިންސްޓަގްރާމެއް ނުވެސް ފެނެއެވެ. ޓިލީޓްކޮށްލީ ހެއްޔެވެ؟ ޚަބަރެއް ނުވެފައި ހިސާބަކުން އަހަރެންނަށް އަންނަ ކޯލުތަކައި މެސެޖުތައް ގިނަވާން ފެށިއެވެ. ތިބާ އޭނަގެ މަތިން ފޫހިވީ ހެއްޔެވެ؟ އިނގިރޭސިން ބުނާހެން، ތިބާ 'ޕްރިޑިކްޓަބަލް' ވީއެވެ. އަހަރެންގެ ފަހަތުން އަންނާނެ ކަމެއް ނެތެވެ. ތިވަނީ އޭނާއަށް ބޭވަފާތެރިއެވެ.

ތިދެމަފިރިން އަލުން ރާއްޖެ އަށް ބަދަލު ހަފްތާގައި އަހަރެންނާއި ބައްދަލު ކުރީމެއް ނޫން ހެއްޔެވެ؟ ނަމަވެސް އަހަރެން ތިބާ ފައްސާ ފޮނުވާލީމެވެ. ހިތުގައި އެޅި ޒަޚަމްތަކާއި ފޭބި ކަރުތައް އަދި ފޮހެވިގެން ނުދެއެވެ. ނަފްރަތެއް ނުކުރަމެވެ. ނަމަވެސް ތިއީ ދުވަހަކުވެސް އަހަރެން ދެކެން ބޭނުންވާ މޫނެއް ނޫނެވެ. ފޯނުން ތިބާގެ ނަންބަރު ޑިލީޓުކޮށް ބްލޮކް ވެސް ކުރީމެވެ. ތިއީ އަހަރެންނަށް މަރުވެފައިވާ މީހެކެވެ. މިގޮތުގައި އަހަރެންގެ ހަޔާތުގެ ބާކީ ދުވަސްތައް ހޭދަކުރަން ބޭނުމެވެ.

ނަމަވެސް މިހާރު ތިބާ ތިހިރީ އަހަރެންގެ ގޭގައި، އަހަރެންގެ ކޮޓަރީގައި، އަހަރެންގެ ކުރިމަތީގައެވެ. ރޮއެ އާދޭސް ކުރަނީއެވެ. ދެކަކޫމަށްޗަށް ތިރިވެ ސަލާން ޖަހަނީއެވެ. އޭނާ ވަރިކޮށްފި ކަމަށް ބުނެ މައާފަށް އެދެނީއެވެ. އަހަރެންގެ ލޮލުން އެންމެ ކަރުނައެއްވެސް ވައްޓާ ނުލަމަވެ. ދެން އިތުރަކަށް ތިބާއަށްޓަކައި ބާލާނެ ކަރުނައެއް ނެތެވެ. ނަމަވެސް ... ނަމަވެސް ތިއީ އަހަރެންގެ އަލަތު ލޯތްބެވެ. ހިތުގެ ވިންދެވެ. ފުރާނައިގެ ދިރުމެވެ. ތިނޫން އެހެން އުފަލެއް ނެތެވެ. ހިތުގެ ލަގަން ދޫވެއްޖެއެވެ. އަތް ފައިގެ ވާގި ނެތް ކަހަލައެވެ. އަހަރެންގެ އަތު ތެރެއަށް އަންނާށެވެ.

' ... މުސާފިރަކަށް ނުވީމާ، ސަވާރީ ދެން މޮހާލާ.

ވަޔާ ދިޔުމުން ނިވާލާ، ނަޔާ އަލިކަން އުޖާލާ. ޙަޔާތުގެ ބިން މަތީގާ، މަގޭ އުނގުގަ ނިދާލާ'

ނިމުނީ

ޚިޔާލު ފޮނުއްވާ