6421 84

ލައިބާގެ ފުރަގަހުގައި ހުއްޓި ނަވީން ހުރީ ދާން ލަސްވެފައެވެ. ހަޤީގަތުގައި ޖޫލީގެ ރައްޓެއްސަކަށް ނޫނީ ގޭމީހަކަށް ފެނިދާނެތީ ނަވީން މާބޮޑަށް ބިރުގަންނަނީއެވެ. އިރުއިރުކޮޅާ ބޭރުވެސްބަލާލެވެއެވެ. ދޮރާދިމާލަށްވެސް ބެލެނީ މާ ވަރަކަށެވެ. އެހެން ހުރެފައި ނަވީން އެއްލި ކަޅިޔަކުން އޭނާގެ ލޮލުގައި އަޅައިގަތީ ސަޖާ އާއި ޖޫލީއެވެ. އޭރު ދެމީހުންވެސް އެއްހަމައެއްގައި ތިބެ ކޮންމެވެސް ވާހަކައެއް ދައްކަމުން އައިސް ފިހާރަދޮރުގައި ހިފަނީއެވެ. ބިރުން ނަވީންގެ ހަތަރެސްފައި ރޫރޫ އަޅައިގަތެވެ. ދެލޯ ބޮޑުކޮށްގެން އެމީހުންނާ ދިމާލަށް ބަލަންހުރެވުނީއެވެ. ފިހާރަތެރެއިން ދެން އެމީހުންނަށް ނުފެނި ލައިބާ ގޮވައިގެން ނިކުމެވެން ނެތީމައެވެ.

ކޮންމެ ގޮތެއްވިޔަސް އެމީހުންނާ ކުރިމަތިލާނެ ހިތްވަރެއް ނަވީންގެ ނެތެވެ. އެމީހުން ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކަށް ނަވީން ދެފިޔަވަޅު ފަހަތަށް އަޅަމުން ދިޔައެވެ. މައްޗަށްއަރަން ހުންނަ ސިޑީގެ ދަށުގައި ހުރި ގުދަންފެނުނީ ނަވީން ހާސްވެ ކުރާނެ ކަނެއް ނޭނގިގެން ދެކޮޅު ބަލަނިކޮށެވެ. ބޮކިނިއްވާ އަނދިރިކޮން އެތަން އޮތަސް ދޮރުހުރީ ހުޅުވާފައެވެ. ލައިބާ ކައިރީ ބުނެވެސް ނުލާ ނަވީން ގުދަންތެރެއަށްވަނެވެ. އެންމެ މިނެއްޓެއްވެސް ބޭކާރުކޮށްލުމެއްނެތިއެވެ. އޭރު ބިރުންގޮސް ނަވީންވަނީ ދާހިތްލާ ފޯވަފައެވެ.

” ފެހިކުލަތަ ރީނދޫކުލަތަ ރީތީ………..” ލައިބާ ދެއަތުން ދެކުލައިގެ ބޭބީ ރޮންޕާރސް ނަގައިގެން އެނބުރިލި އިރު ނަވީނެއްނެތެވެ. ލައިބާގެ ފުރަގަހުގައި ހުރީ ސަޖާއާއި ޖޫލީއެވެ.

advertisment

” ފެހިކުލަ ………” ޖަވާބުދިނީ ޖޫލީއެވެ. ރަކި ގޮތަކަށް ލައިބާއަށް ހިނިތުންވެވުނެވެ. ނަވީން ހުރިކަމަށް ހިތާ އެހެން ބުނެވުނު އިރު އެހެން ބަޔަކު ތިބުމުން ލަދުގަންނަ ގޮތްވިއެވެ.
” އަހަރެން ހީކުރީ ނަވ……….” ލައިބާގެ ޖުމްލަ ފުރިހަމަނުވަނީސް ޖޫލީ އަހާލިއެވެ

” އެކަނިތަ ؟ ޝޮޕިންގއަށް ނިކުމެ ތިއުޅެނީ………..” ކައިރީގައި މީހަކު ފެންނަން ނެތުމުން ޖޫލީ އަހާލިއެވެ. ބޮޑުބަނޑަކާއިއެކު އެއަންހެންކުއްޖާ ފެނުމުން ޖޫލީ ވާޙަކަދައްކާހިތްވީއެވެ. ފަހަކަށް އައިސް ޖޫލީއަށް މާބަނޑުއަންހެނަކު ފެނުމުން ޙާއްސަގޮތެއް ބެހެއްޓެއެވެ.

” ނޫނޭ ފިރިމީހާއެކީ…………” ލައިބާގެ ދެލޯ ހޯދާލީ ނަވީންނެވެ. ދެކޮޅުބަލާލިއެވެ. އެހެނަސް އޭނާ ފެންނަ ހިސާބަކުނެތެވެ. ޔަގީނުންވެސް ލައިބާ ބަހައްޓާފައި ނަވީން ނުދާނެއެވެ. އެހެން ދިމާލެއް ބަލާލަން ދިޔައީ ކަމަށް ނިންމާ ބޭނުންވާ އެއްޗެހި ނަގަން އަވަސްވިއެވެ.

ޖޫލީ ތަންކޮޅެއް ދުރަށްގޮސްވެސް އެނބުރި ލައިބާއަށް ބަލާލިއެވެ. ކައިރީގައި ހުރި ސަޖާއަށް އެކަން ފާހަގަވެގެން އަހާލިއެވެ.
” މާ ވަރަކަށް ތިބަލަނީ ދަންނަ ކުއްޖެއްތަ އެއީ………” ސަޖާ އެހެން ބުނުމުން ޖޫލީ ހަމަޖެހިލިއެވެ.

” ނޫން…….ދަންނަ ކުއްޖެއްނޫން އެ………..އެކުއްޖާގެ ބަނޑު ހާދަ ބޮޑޭ………..” ސަޖާގެ މޫނަށް ބަލާލަމުން ޖޫލީ ބުނެލީ ހިސާބަކަށް ކަންބޮޑުވެ ހުރެއެވެ. ސަޖާ އަމިއްލަ ބަނޑަށް ބަލާލައި އަތްޖައްސާލިއެވެ.
” އަސްލުވެސްދޯ…….އަހަރެންވެސް ބޭނުން ބޮޑުބޮޑު ކަރައެއް …………” ސަޖާ ބަނޑުކުޑަވެ ދެރަވެއެވެ.

” އެހެންވިއްޔާ މާރުކޭޓަށްދާން ހިނގާ……………..”

” އެކީއްކުރަން މާރުކޭޓަށް؟ ” ސަޖާއަށް ޖޫލީ ކުއްލިއަކަށް މާރުކޭޓަށްދާ ވާހަކަދެއްކުމުން ހައިރާންވިއެވެ.

” ދެންމެދޯ ބުނީ ބޮޑުކަރައެއް ބޭނުމޭ…………” ޖޫލީ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

” ސާބަސް ހަމަ……….އެކަހަލަ ކަރައެއް ނޫނޭ………….އަހަރެންވެސް ބޮޑު ބޮޑުކޮށް ބަނޑުހުންނަން ބޭނުން………….އެކުއްޖާ ކިހާ ލޯބި ……..ޑަންގޭރީސް ލީމަ ރީތީވެސް ބަނޑެއް ހުރީމަ……….” ސަޖާ ކުސްތަޅާލީ ތުއްތުކުއްޖަކު ފަދައިންނެވެ.

” ޔާރައްބީ………ތުއްތު ތުއްތު ބޭބީ އެއްތަތީ…………” ސަޖާ ބަނޑުހައި ވާހަކަ ބުނުމުން ފިހާރާގައި ލަސްނުކޮށް އެދެމީހުން މިސްރާބުޖެހީ ރެސްޓޯރެންޓަކާ ދިމާލަށެވެ.
ގުދަނުގައި ފިލައި ހުރެފައި ނަވީން ނިކުތީ އެމީހުން ނިކުތްކަން ޔަގީންކޮށްފައެވެ. ފިހާރައިގެ ކައުންޓަރަށް ގުޅައިގެން ބަލާފައެވެ. ގުދަނުގައި ހުރެފައި ނަވީން ނިކުތްއިރު މީހާ ހުރީ ދާހިތްލާ ފޯވެފައެވެ. އެކަމާ ސުވާލު އުފެދުނީ ލައިބާއެވެ. ފާހާނާއަކަށް ދާންޖެހުނީ ކަމަށް ބުނެ ނަވީން ހަމަޖައްސާލިއެވެ. އެހެނަސް ލައިބާގެ ހިތުގައިވީ ވަހުމެވެ. ނަވީންގެ ބަހާއިމެދު ލައިބާއަށް އިތުބާރު ނުކުރެވެނީ ކީއްވެކަމެއް ހުދު ލައިބާއަކަށްވެސް ނޭނގެއެވެ.

*****

އާދިލާ ބޭރަށް ދަމުން ދިޔައީ ޒީނިޔާ ކޮޓަރީގައި އުޅެނިކޮށް ބުނެފައެވެ. ނަސީރު ކުޑަކޮން ބަލިވެ އުޅޭތީއާވެސް އެއްކޮން ކަމަކަށް ބޭނުންވެސް ވެދާނެތީއެވެ. ޒީނިޔާ ލޯގަނޑު ކައިރީ ހުރެގެން ރީތިވަމުން ދިޔައީ ބޭރަށްދާށެވެ. ޖޫލީ އެކީ ފިނި ބުރެއް ޖަހާލަން ދިއުމަށެވެ. ދެމީހުން ދިމާނުވާތާ ދުވަސްތަކެއް ވެފައި ވާތީއާވެސް އެއްކޮންނެވެ.

ޒީނިޔާ ލައިގެންހުރީ ކަޅުކުލައިގެ ޝިފޯންފޮތީގެ ގަޔަށްދޫ ގަމީސްކޮޅަކާއި ހަމައެކުލައިގެ ޖީންސެކެވެ. ރަތްޝޯލެއް އަޅާލުމަށްފަހު ގަޔަށް ސެންޓުބުރުވާލިއެވެ. ކައިވެނިކުރި ފަހުން ޒީނިޔާ ތަންކޮޅެއް ފަލަވެލާފިއެވެ. އެހެންވެ ލައި އުޅެނީވެސް ގަޔަށްދޫކޮށް ފަހާފައިވާ ހެދުންތަކެވެ. އަތުކުރީގައި ގަޑިއަޅަމުން ކޮޓަރިން ނިކުތީ ބޭރަށް ދާން ހުރިހާ ތައްޔާރީއެއް ވެގެންނެވެ.
” އާދިލާ އާދިލާ ……………” ނަސީރު ގޮވާއަޑު އިވުނީ އޭނާގެ ކޮޓަރިންނެވެ. ވަގުތުން ޒީނިޔާއަށް ހުއްޓެވުނެވެ. ޒީނިޔާ އާ ނަސީރު ވާހަކަ ނުދެއްކިޔަސް ނުރުހުންވިޔަސް އެކޮޓަރިއާ ދިމާލަށް ހިނގައިގަނެވުނެވެ. ނަސީރަކީ އައްފާންގެ ބައްޕައަށް ވީތީއެވެ. އަދި އަމުދުން ބަލި މީހަކަށްވެސްވީމައެވެ. ކޮންމެފަދަ މުހިއްމު ބޭނުމެއްގައިވެސް ނަސީރު ގޮވައިދާނެއެވެ.
ދޮރުހުޅުވުނު އަޑަށް ނަސީރު ބަލާލިއެވެ. ޒީނިޔާ ބޭރުކޮށްލަން އުޅުނު ނޭވާވެސް ދޫކޮށްލަން އުނދަގޫވިއެވެ. ނަސީރު ކަޅި އަޅާލި ގޮތުން ހިތުގައި ބިރުވެރިކަމުގެ އޮއެވަރެއް އުފެދުނެވެ. ހިތްހަމަ ނުޖެހިގެން އެއްޗެއް ބުނެދާނެތީ ޒީނިޔާއަށް ހިންދިރުވާލެވުނެވެ.

” މަ……މަންމަ ބާޒާ……..ރަށް ގޮސްވީ……….” ޒީނިޔާއަށް ވާހަކަދައްކަންވެސް އުނދަގުވިއެވެ. ނަސީރު އިސްޖަހާލިއެވެ. ހީވަނީ ޒީނިޔާގެ މޫނުވެސް ދެކެން ބޭނުން ނުވާހެންނެވެ. ބަހެއް ބުނޭތޯ އިރުކޮޅަކު ހުރެފައި ޒީނިޔާ އުޅުނީ ދޮރުލައްޕާފައި އެތަނުން ދާށެވެ.

” ފެންތައްޓެއް ގެނެސްދީ………….” ނަސީރު އަޑުގައި އަމުރުވެރިކަމެއް އަދި ރުޅިވެރިކަމެއްވެސްނެތެވެ. ޒީނިޔާ މިގެންނަނީއޭ ބުނެ އެތަނުން ދިޔައިރު މޫނުމަތީގައިވީ އުފާވެރިމެވެ.
ނަސީރު މިއަދު ނޫނީ އެއްވެސް މާނައެއްގައި އޭނާޔާ އަނގައިން ބުނެފައެއް ނުވެއެވެ. ނަސީރު މިއަދު ޒީނިޔާ އާއި އަނގައިން ބުނީ މަޖްބޫރުވެގެންނެވެ. އާދިލާ ގެއަކުނެތެވެ. ޖަގުގައި ފެނެއްވެސް ނެތެވެ. އޭނާ ތަންތަނަށްދަނީ ފުރޮޅުލީ ގޮނޑީގެ އެހީގައެވެ. އެގޮނޑިވެސް ނަސީރު އެނދުގައި އޮތުމުން އާދިލާ އެހުރީ މާދުރެއްގައި ބަހައްޓާފައެވެ. އަމިއްލަ ދެރަކަން ވަޒަންކުރެވޭނީ މިފަދަ ދަނޑިވަޅެއްގައެވެ. އެއްވެސް މީހަކީ އެހެންމީހުންގެ އެހީއާ ނުލާ އުޅެވޭނެ މީހެއް ނޫނެވެ. އަމުދުން ނަސީރު ކަހަލަ ހާއްސައެހީއަށް ބޭނުންވާ މީހުންނަށް މީހެއްގެ އެހީ އިންތިހާއަށް ބޭނުންވެއެވެ.

އެނބުރި ޒީނިޔާ އައީ ކުޑަތަބަކެއްގައި ނަސީރަށް ހަވީރުގެ ސައިވެސް ހިފައިގެންނެވެ. ނަސީރު ބުނެދާނެ އެއްޗަކަށް ޖެހިލުންވެ ހުރެމެއެވެ. ލިބުނު ފުރުސަތުގައި ޒީނިޔާ ބޭނުންވީ ނަސީރުގެ ރުހުންހޯދާށެވެ. މޭޒު ކައިރިކޮށްލައި އެއްޗެހި ބަހައްޓާފައި ޒިނިޔާ ނިކުތީ ބޭރަށެވެ. އިރުގަނޑެއް ކޮށްލާފައި ވަންއިރު އެއްޗެހި ހުރީ ހުސްކޮށްފައެވެ. ނަސީރު އޮތީ އޮށުވެއެވެ. ނިއްކުރިމަތީ އަތްބާއްވާލައިގެން މައްޗަށް ބަލަހައްޓައިގެން އޮތް އިރު ހީވަނީ ކަމަކާ ފިކުރުކުރާހެންނެވެ. ނޫނީ ފޫހިވެފައި އޮތީއެވެ.

” ގޮނޑި ގެނެސްދެންތަ ” ނަސީރު އާންމުކޮށް ހަވީރުގެ ގިނަވަގުތު ހޭދަކުރާނީ ބަގީޗާގައެވެ. އެތަނަށްދާން ބޭނުންވެފައި އޮވެދާނޭ ހިތާ ޒީނިޔާ އަހާލިއެވެ.

” އާން……..” ޖަވާބުދިނީ ޒީނިޔާއަށް ބަލައިވެސް ނުލައެވެ. އެހެނަސް ޒީނިޔާ އުފަލުންހުރެ ގޮނޑި ގެނެސް އެނދުކައިރީ ބަހައްޓާފައި އެނބުރިދިޔައީ ގެނައި ތަށިތައް ހިފައިގެންނެވެ.

ބޭރަށް ނިކުތްއިރު ޖޫލީ އައިސްއިނެވެ. ސޯފާގައި އިންއިރު އޭނާ އިނީ ކޮންމެވެސް ފޮތެއް ހިފައިގެންނެވެ. ޒީނިޔާގެ އަޑުޖެހުމުން ޖޫލީ ފޮތް ލައްޕާލިއެވެ.

” ކާކުގެ ފޮތެއްތަމީ…………” އަތުގައި އޮތް ފޮތަށް އިޝާރާތްކުރަމުން ޖޫލީ އަހާލިއެވެ.

” ބައްޕަގެ……..” އަތުގައި ހުރި ތަބަށް ހިފައިގެން ޒީނިޔާ ހިނގައިގަތީ ކާމޭޒާއިދިމާލަށެވެ.

” ވަޓް؟! ………ހަމަ އަސްލުވެސްތަ ؟ ” ޖޫލީއަށް ގަބޫލުކުރަން ދަތިވިއެވެ. އެއުމުރުގެ މީހަކު ލޯބީގެ ވާހަކަ ކިޔައިދާނެއެކޭ ޖޫލީ ހިތަކަށް ނާރައެވެ. އާންމުކޮށް ލޯބީގެ ވާހަކަ ކިޔައި އުޅެނީ އަންހެނުންނޭ ބުނާތީ އޭނާ އަހައެވެ.

” ކިހިނެތްވީ……….؟ ” ޒީނިޔާ ފަސްއެނބުރި ބަލާލީ ޖޫލީގެ މޫނަށެވެ. ހިނިތުންވެލާފައި ޖޫލީ ބޯހޫރާލީ ދެފަރާތަށް ކަމެއް ނުވެޔޭ ބުނާފަދައިންނެވެ.

” ނަސީރުބެ މީ ވަރަށް އިޝްޤީ މީހަކީތާދޯ” ޖޫލީ ބުނިއެއްޗަކުން ޒީނިޔާ ގާތަށް ހިނިއައެވެ.

” އެކަން އެބަ އެނގެޔެއްނު………..ބައްޕަ ބަލިމީހަކަށްވީއިރުވެސް މަންމަ ކިހާ ހަމަޖެހިފަ އެހުންނަނީ………ބައްޕަގެ އެއްވެސްކަމެއް މަންމައަކަށް ބޮޑެއްނުވޭ…….ވަރަށް ކޮށްދޭހިތުން ކޮއްދެނީ………ބައްޕަގެ އެއްޗެހި ދޮވެ އިސްތިރިކުރަންވެސް އަހަންނަކަށް ނުޖައްސާނެ……..ބައްޕައަށް ވަކިން އެއްޗެއް ކައްކަން ޖެހުނަސް މަންމަ ކައްކާނީ……… އެޔެއްނޫންތަ ލޯތްބަކީ ” ޒީނިޔާ ވާޙަކައަޑުއަހަން އިނދެފައި ޖޫލީ ހިނިތުންވެލިއެވެ. ދެން އޭނާ ގެނބުނީ ހިޔާލެއްގެ ތެރެއަށެވެ.

މާގިނައިރު އެހެން ތިބޭކަށް ޖޫލީމެންނަކަށް ނުޖެހުނެވެ. އާދިލާ އެނބުރިއައީ ދެއަތް ފުރެންދެން ކޮތަޅުތައް ހިފައިންނެވެ. އާދިލާ ފެނުމުން އެމީހުން އަވަހަށް ނުކުތީއެވެ. ބޭރަށް ނިކުތްއިރު ހުރި މޫޑްމިހާރުވަނީ ބަދަލުވެފައެވެ. ކޮތަޅުތައް މޭޒުމައްޗަށް ދޫކޮށްލާ ފައި އާދިލާ އޮށުވެތީ ސޯފާގައެވެ. ފެނުނު މަންޒަރުން އާދިލާ ހިތުގެ ހަމަޖެހުންވީ ނަގާލާފައެވެ.

” އެއީ ކޮން އަންހެންކުއްޖެއްބާ ؟ އައްފާން އެކުއްޖާޔާ އޮންނަނީ ކޮން ގުޅުމެއްބާ ؟ ވަރަށް ގާތް ގުޅުމެއް އޮންނާތީދޯ އެކީ ބާޒާރުކުރަން ނިކުމެ އެއުޅެނީ……..އަތުގައި ހިފައިގެން ގޮސް ކާރަށް އެރުވީވެސް………….. ” ސިކުނޑީގައި ދިޔައީ ހައިޖާނު އުފައްދަމުންނެވެ. އާދިލާ ބާޒާރުކުރަން ސުޕަރމާކެޓުގައި ހުއްޓާ އައްފާނާއި މާބަނޑު އަންހެންކުއްޖަކު އެކީ ފެނުމުން އޭނާގެ މޫޑްވަނީ ހަރާބުވެފައެވެ. ދެމީހުން އުޅުނުލެއް ގާތްކަމުން ގާތްގުޅުމެއް އޮންނަކަމާމެދު އާދިލާ ޝައްކެއް ނުކުރެއެވެ. އައްފާން އައުމުން އެކަމާ ސުވާލުކުރަން ނިންމައިގެން އާދިލާ ހިތްހަމަޖައްސާލިއެވެ.

******

ޖޫލީ އާއި ޒީނިޔާގެ މަންޒިލަކަށްވީ ރެސްޓޯރެންޓެއްގެ މޭޒެއްދޮށެވެ. ދެމީހުންވެސް އެމީހެއްގެ ދިރިއުޅުމުގެ ކަންކަން ހިއްސާކުރަމުންދިޔައެވެ. ޒީނިޔާގެ ހަމައެކަނި މައްސަލައަކީ ބަފައިބެ އޭނަޔާ މެދު ހިތްހަމަނުޖެހުމެވެ. އެކަންވެސް މަޑުމަޑުން ރަނގަޅުވާނެކަމުގެ އުއްމީދު އޭނާޔަށް އެބައޮތެވެ.

ޖޫލީގެ ހިތާމަޔަކީ ދަރިއަކުނެތުމެވެ. ކުޑަކުދިންގެ ހިޔާއިން ކުއްޖަކު ގެންނަން ނޫޅިގެން އެކަމުގެ ޝަކުވާކުރީ ރޮމުންނެވެ. ޒީނިޔާ ޖޫލީއަށް ހިތްވަރުދިނެވެ. ކެތްތެރިވުމަށް ތަކުރާރުކޮށް ބުނަމުންދިޔައެވެ. އެހެނަސް ކެތްވާނީވެސް ވަކިވަރަކަށެވެ. އުއްމީދުވެސް ކުރެވޭނީ ވަކިވަރަކަށެވެ. ސަޖާއަށް ކުއްޖަކު ލިބެނީއެވެ. އެއީ ޖޫލީގެ ކޮއްކޮއެވެ. ދަރިއަކު އަމިއްލަ ބަނޑުގައި އުފުލުމަކީ އުފާވެރި އިޙްސާސެކޭ އެންމެންވެސް ބުނެއެވެ. އެކަން އަމިއްލައަށް ތަޖްރިބާކޮށްލަން ޖޫލީވެސް ބޭނުމެވެ. އެހެނަސް ނަވީން ނޫން މީހެއް ޖޫލީ ބޭނުމެއްނޫނެވެ. ނަވީނާއި ވަކިވާކަށް ޖޫލީ ނޭދެއެވެ. އެއަށްވުރެން ޖޫލީ ނަވީންދެކެ ވާލޯބި މާބޮޑެވެ. ކައިވެނީގެ ބާރުގަދަ ގޮށުން ގޮށްޖެހިފައިވި ގުޅުން ކެނޑިގެންދާން ދުވަހެއްގައިވެސް ނޭދެއެވެ.

އައްފާނާއި ލައިބާ އައިސްވަނީ ޖޫލީއާއި ޒީނިޔާ ތިބި ރެސްޓޯރެންޓަށެވެ. ޑޮކްޓަރ ހިނގަން ބުނެފައި އޮތީތީވެ ހިނގަން ނިކުމެފައި ލައިބާ ބަނޑުހައިވެގެންނެވެ. ޒީނިޔާވެސް ޖޫލީވެސް އެތަނުގައި އިނދެދާނެއެކޭ އައްފާންގެ ހިތަކަށްނާރައެވެ.

ވިއްސާރަވިލާތަކުން އުދަރެސްމަތި ބައްދާލާފައިވާތީ ދުނިޔެމަތިވެސްވީ އަނދިރިވެފައެވެ. ހަވީރުގެ އެގަޑިވެސް ހީވަނީ އިރުއޮއްސެން ދާދި ކުޑަތަންވެފައިވާހެންނެވެ. އައްފާނާއި އަންހެންކުއްޖަކު އެކީ އައިސްވަންތަން ފެނުނީ ޖޫލީއަށެވެ. އައްފާންހެން ހީވެގެން އެތަށްއިރަކު ބަލަން ޖޫލީއަށް އިނދެވުނެވެ. އޭރު ޒީނިޔާ އޭނާގެ ދަބަސްތެރެއިން އެއްޗެއް ނުފެނިގެން ހޯދަނީއެވެ.

” އަހަރެން އެބައަންނަން ފާހާނާޔަކަށް ގޮސް……….” އެދިމާލަށް ބަލަން އިނދެފައި ޖޫލީ ބުނެލިއެވެ. ޒީނިޔާ ބަލާލާފައި ބޯޖަހާލީ އެންމެ ރަނގަޅުކަމަށް ބުނަމުންނެވެ. ޒީނިޔާ އިނީ އައްފާންމެންނަށް ފުރަގަސްދީގެންނެވެ. އެހެންނޫންނަމަ އޭނާޔަށް އައްފާން ފެންނައިރަށް އެނގުނީހެވެ.

ޖޫލީ ބަލަން ބޭނުންވީ އައްފާން އެތަނަށް އެއައީ ކާކު އެކީތޯއެވެ. ޖޫލީގޮސް އެމޭޒު ދޮށަށް ހުއްޓުނުއިރު ވެއިޓަރ އޯޑަރ ނަގާފައި ދުރަށް ޖެހިލަނީއެވެ. ވެއިޓަރ ދުރުވުމުން އޭނާގެ ފުރަގަހުގައި ހުރި ޖޫލީ ފެނި އައްފާން ދެލޯ ބޮޑުކޮށްލެވުނެވެ. އައްފާނުގެ ކަންފަތުގައި ޖަހައިގެން އިން ފޯނު ކަންފަތާ ދުރުކޮށްލެވުނީ ބުނާނެ ބަހެއް ނޭނގިގެންނެވެ. އޭރު އައްފާނުގެ ފޯނު ކޯލު އެފަރާތުގައި ހުރި ނަވީން ” ހަލޯ ހަލޯ ” އޭ ގޮވާއަޑުއިވިއިވި ހުއްޓެވެ. އައްފާނަށް ބަލާލަމުން ޖޫލީ ބަލާލީ ކައިރީއިން ކުއްޖާއަށެވެ. އެކުއްޖާ މޫނުފެނުނު ވަގުތު ޖޫލީ ތުންފަތްމައްޗަށް ހިނިތުންވުމެއް ގެނުވިއެވެ. އެއީ ރޭ ފިހާރައިން ދިމާވި ކުއްޖާކަން އެނގުނެވެ.

” ހާއި……….” އިސްވެ ހައި ޖަހާލީ ލައިބާއެވެ. ލައިބާއަށްވެސް ޖޫލީ ފެނުމުން ރޭ ފިހާރައިން ފެނުނުނީ އޭނާކަން ޔަގީންވިއެވެ.

” ހޭ……..މީނަތަ ؟ ” ޔަގީން ކުރަން އަހާލާ ފަދަ ގޮތަކަށް އަހާލިއެވެ. އެދެމީހުން ދެމެދު ފެނުނީ އެކުވެރިކަމެވެ. ކުޑަކޮން ހައިރާންވެފައި އެމަންޒަރު ބަލަން އައްފާނަށް އިނދެވުނެވެ. މިދެމީހުން ދަންނަނީ ކިހިނެތްބާއޭ ހިތަށް އެރިއެވެ.

” ތިދެމީހުން އެކަކު ……………އަނެއްކަކަށް އެނގޭތަ ؟ ” ޖެހިލުންވެފައި އައްފާން ސުވާލުކުރިއެވެ. ދެއަންހެންކުދިން އެކަކު އަނެއްކަކަށް ބަލާލާފައި ޖަހާލީ ހިނިގަނޑެކެވެ. އެއިން ނަގަންވީ މާނައެއް އައްފާނަކަށް ނޭގުނެވެ. އަނެއްކާ ނަވީން ހުރިހާ ވާޙަކައެއް ކިޔާދިނީބާއޭ އައްފާން ހިތަށް އެރިއެވެ.

ނުނިމޭ

  1. Avatar

    Deneh mihafthaage hukureh naanaane vaahaka gennany hukuru angaaraiga kihineh tha mivee v gavaaidhun vamun ais ais . Mihen huttumeh aissiyya othee vediya thanuga v gina duvas vefa

ޚިޔާލު ފޮނުއްވާ