Views: 6561 90

ބަޝީރާ އައިސް ލައިބާގެ ފުރަގަހުގައި ހުއްޓުނީ ދޮރުމަތީ ހުރީ ކާކުތޯ ބަލާލުމަށެވެ. އެމީހާގެ މޫނު ފެނުމުން ބަޝީރާގެ ދެބުމަ ކައިރިކޮށްލެވުނު އިރު އަތްފައި ފިނިވާ ގޮތްވެއްޖެއެވެ. ގަތްބިރެއްގެ ބޮޑުކަމުން ހަތަރެސްފައި ރޫރޫ އަޅައިގަތް އިރު ނޭވާލާންވެސް ދަތިވެއްޖެއެވެ. ލައިބާގެ ކޮނޑުގައި ބަޝީރާއަށް ހިފަހައްޓާލެވުމުން ލައިބާ މަންމަގެ މޫނަށް ބަލާލިއިރު އެމޫނުމަތިންވެސް ފެންނަނީ ހައިރާންކަމެވެ.

" ދަރިފުޅާ ލައިބާ ؟ " ލައިބާ ބީރަށްޓެހިވެފައި ހުއްޓާ އެމީހާ ގޮވާލީ ލައިބާގެ ނަމުންނެވެ. ލައިބާ ނިއްކުރިމައްޗަށް އެރި ކުދިރޫތަކުންނާއި އުނދަގުލުން ބޭރުކޮށްލި ނޭވާއިން ނިޒާރުގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ގެނުވިއެވެ. އެއީކާކުކަން ލައިބާއަށް ނޭގުނީކަން ނިޒާރަށް އެނގުނެވެ. ވާނީވެސް އެހެންތާއެވެ. އަދި ލައިބާއަށް ނިޒާރު ފެނިފައެއްނެތެވެ. ހަމައެކަނި ވާހަކަދެއްކިފައި ހުރީ މަދުފަހަރަކު ފޯނުންނެވެ.

advertisment
" ހިހހި......ނޭގިފަދޯ ތިހުރީ............" އެއްފަހަރު ބަޝީރާއަށް އަނެއްފަހަރު ލައިބާއަށް ބަލާލަމުން ނިޒާރު ބުނެލިއެވެ.

" މީ ބައްޕައޭ..........." އެޖުމްލަ އިވިފައި ތެޅިގަނެވުނީ ބަޝީރާއަށެވެ.ބަޝީރާއަށް ފަހަތަށް ޖެހުވުނެވެ. ދެއަތާ ދެއަތާ އަތްޖޯޑުކޮށްލެވުނެވެ. ބަޝީރާ މާލެ ނާންނަން އުޅުނީ މިހެންވެއެވެ. ނަސީރުއާ ދިމާވެދާނެތީއެވެ. ދެން ދުވަހެއްގައިވެސް ނަސީރުއާ ދިމާވާން ބަޝީރާ ބޭނުމެއް ނޫނެވެ. ކުރިމަތިންފެންނަން ހުރި ސޫރަ ނަސީރުގެ ސިފަޔާ ދާދި އެއްގޮތެވެ. ތަފާތީ ހަމައެކަނި ލޮލުގެ ކުލައެވެ. ނަސީރުގެ މުށިކުލައިގެ ކަޅި ބަޝީރާ ދުވަހެއްގައިވެސް ހަނދާންނުނެތޭނެއެވެ. އެއީ ބަޝީރާ ނަސީރުއާ އަޅައިގަތް ސަބަބެވެ. ނަސީބަކުން ކަމެއް ނޭގެއެވެ. ލައިބާއަށް އެކުލައިގެ ކަޅިއެއް ލިބިފައެއް ނުވެއެވެ.

" ބައްޕަ......." ހިތާހިތުން ލައިބާ ކިޔާލިއެވެ. އެއީ ނަވީންގެ ބައްޕަކަން ލައިބާއަށް ޔަގީންވިއެވެ.

" ނަވީން ހެނދުނު އޮފީހަށްދަމުން އެބުނީ ތިދެމައިން ގޮވައިގެން އައި ވާހަކަ............." ލައިބާ އެއްފަރާތަކަށް ޖެހިލީ ނިޒާރު ވަންނަން ތަންދެއްކުމުގެ ގޮތުންނެވެ. އޭރު ބަޝީރާ ހުރީ ދޮރުމަތިން ދުރަށް ޖެހިލާއިގެންނެވެ.

" ދުރުވޭ އެތެރެއަށް........." ލައިބާގެ ފަރާތުން ފެނުން ލަދުވެތިކަމާއި އަދަބުވެރިކަމަށް ހިތާހިތުން ނިޒާރަށް ތައުރީފުކުރެވުނެވެ.

" އިށިއިންނަވާ.........."

" އެހާ ރަސްމީ ނުވިޔަސް ރަނގަޅުވާނެ............" ނިޒާރު އަތްޖައްސާލީ ލައިބާގެ ބޮލުގައެވެ. ﷲގެ ރަހުމަތުން ނިޒާރުގެ އިންތިޒާރަށް ނިމުން އަންނަނީއެވެ. ކާފަދަރިއެއް ލިބޭނެ ދުވަހަކަށް އޭނާ އިންތިޒާރުކުރާތާ ވަރަށް ދުވަސްވެއްޖެއެވެ.

" މަންމަ ހާދަ ދުރެއްގަ މިހިރީ............." ނިޒާރު ގޮސް ހުއްޓުނީ ބަޝީރާ ކުރިމަތީގައެވެ.

" ނަވީންގެ ބައްޕަ ނިޒާރު......." ނިޒާރު ސަލާމަށް އަތްދިއްކޮށްލަމުން އަމިއްލައަށް ތައާރަފުވިއެވެ. ނިޒާރުގެ ނަން އިވުމުން ބަޝީރާއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. ނިޒާރު ނަސީރުއާ ކިތަންމެ ވައްތަރަސް އެއީ ނަސީރުއަށް ނުވުމުން ބަޝީރާ ﷲގެ ހަޟްރަތަށް ޝުކުރުކުރިއެވެ. އުފާކުރިއެވެ.

" ނަވީން ބުނި މިއަދު ޑޮކްޓަރަށް ދައްކާ ވާހަކަ .........." ނިޒާރު އައިސް އިށިއިނީ ލައިބާ ކުރިމަތީގައެވެ. ލައިބާ ވެސް ކައިރީގައި ހުރި ސޯފާގައި އިށިއިނީ ނިޒާރު އިށިއިންނަން ބުނުމުންނެވެ.

" އާނ ނުވައެއްޖަހާއިރަށް އެޕޮއިންޓްމެންޓް ލިބިފަ އޮތް ވާހަކަ ބުނެފައި އޮތީ..............ނަވީން އަންނާނެ އެހާއިރަށް...." ލައިބާ ހިނިތުންވުމަކާއި އެކު ވާހަކަދެއްކިއެވެ.
" ހެނދުނު އެއްޗެއް ބޮއެފިންތަ މިހާރު ................." ވަށައިގެން ނަޒަރު ހިންގާލަމުން ނިޒާރު ވާހަކަދެއްކިއެވެ. ކާމޭޒުވެސް އޮތީ ހުހަށެވެ. ގޭސްއުނދުންމަތީގައި ތެއްޔެއް ތަވައެއްވެސް ނެތެވެ. ކައްކާ ކައި ހަދާފައިވާކަމުގެ ނިޝާނެއް އެތަނަކުން ނުފެނެއެވެ.

ލައިބާ ދެއަތަށް ބޯހޫރާލީ ނިޒާރު ކުރި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

" މިހާއިރު ވީއިރު ތިދެމައިންނަށް ހެނދުނުގެ ނާސްތާ ގެނެސްނުދޭތަ ؟ " މިފަހަރު މިނިޒާރުގެ އަޑުގައިވީ ނުރުހުމެވެ. އަށެއްޖަހައިގެން ދިޔައީއެވެ. މިހާރު އެދެމައިން ތިބޭނީ ބަނޑުހައިވެފައިކަން ނިޒާރަށް ޔަގީންވިއެވެ. ލައިބާ ބަލާލީ ބަޝީރާގެ މޫނަށެވެ. އެކާމާ އެއްޗެއް ބުނަން ބަޝީރާއަކަށް ނުކެރުނެވެ.

" ޕިސް ޕިސް ކޮންކަހަލަ ފިރިހެން ދަރިއެއްތަ ބައްޕަޔަށް ލިބިފައި އެހުރީ.............އެއްވެސް ކަމަކަށް ފަރުވާ ނުބަހައްޓާނެވެ. ނިޒާރުގެ ފަޓުލޫނު ޖީބުގައި އޮތް ފޯނުނަގާ ސްކުރީންގައި އިނގިލި ޖައްސާލިއެވެ.

" ބައްޕަ ހާދަ ވަރަކަށް އާދޭސްކޮށްގެނޭ ދަރިފުޅު ވިހަން މާލެ އެގެނައީވެސް..............." ނިޒާރު އިތުރަށް ބުނެލިއެވެ. ދެން ފޯނު ކަންފަތުގައި ޖަހައިގެންހުރެ ރެސްޓޯރެންޓަކަށް އޯޑަރ ދިނީ ދެމީހުނަށް ބުރޭކްފާސްޓު ގެނެސްދިނުމަށެވެ. އަދި ވަރަށް އަވަސްކުރުމަށްވެސް ބުނެލިއެވެ.

އެހެންޏާ ރަށަށް އަރާ ބީރައްޓެހިންނާ އަލަށްބައްދަލުވެގެންވެސް ބަޝީރާ ވާޙަކަ ދައްކަނީ ވަރަށް އެކުވެރިކޮންނެވެ. އެއާ ހިލާފަށް މިފަހަރު ތަފާތެވެ. ލައިބާ ނިޒާރުއާ ހުއްޓާނުލާ ވާހަކަދެއްކިއިރު ބަޝީރާ އެއްޗެއް ބުނެލަނީ މަދުފަހަރަކުއެވެ. އެކަން އެންމެ ބޮޑަށް ފާހަގަކުރެވުނީ ލައިބާއަށެވެ. އެމަންޒަރުތައް އެންމެ ކައިރިން ފެނުނު ލައިބާއަށް ބަޝީރާގެ ހިމޭންކަން ފާހަގަވިއެވެ.

ލައިބާމެން ދެމައިންނާ ވާހަކަދައްކަން އިނދެފައި ނިޒާރު އެގެއިން ނިކުމެގެން ދިޔައީ އޯޑަރކުރި ބުރޭކްފާސްޓް ލިބުމުން އެއަށް ފައިސާވެސް ދައްކާފައެވެ.

*****

ދެމައިންގެ މެދެގައިވީ މަރުފަދަ ހިމޭންކަމެވެ. ލައިބާ ބަހަކުން ބަހެއް ނުބުނެ އިނދެ ކައިނިންމާލިއިރު ބަޝީރާ ތައްޓަށްއެޅި އެއްޗެއްސަށް ބަލަހައްޓައިގެން އިނެވެ. މަދުމަދުން ލަސްލަހުން ކަމުންދިޔައިރު އޭނާއިނީ ކޮންމެވެސް ކަމަކާ ފިކުރުކުރާށެވެ.

" މަންމާ! ކާއެއްޗެހި ނުބައީތަ........." ވައަތް އުފުލާލައި ބަޝީރާގެ ކޮނޑުގައި އަތްޖައްސާލަމުން ލައިބާ ވާހަކަދެއްކީ އިރުކޮޅަކު ބަޝީރާގެ ހަރަކާތްތަކަށް ބަލަންއިނދެއެވެ. ބަޝީރާ ސިހުނެވެ.

" ކީކޭ ؟ " ފެންކަޅިވެފައިވާ ދެލޮލުން ބަޝީރާ ލައިބާއަށް ބަލާލަމުން އަވަސްއަވަހަށް ބުނެލިއެވެ.

" ނުބައީހޭ............." ކުޑަކޮން ދަމާލާފައި ލައިބާ ތަކުރާރުކޮށްލީ ކުރިންވެސް ކުރި ސުވާލެވެ.

" ނޫނޭ ......ނުބައެއް ނޫން.........." އެއްވެސް މާނައެއް ނެތްފަދަ ގޮތަކަށް ބަޝީރާ ބުނެލިއެވެ.

" ހަމަ ޔަގީންތަ؟ " މަންމަގެ މޫނުން ނަޒަރުވަކިކޮށްނުލާ ލައިބާ އެހީ ޔަގީންނުވާތީއެވެ. ބޯޖަހާލަމުން ބަޝީރާ އަވަސްއަވަހަށް މޫނު އަނބުރާލައި އެތިކޮޅެއް ކެވޭތޯބެލިއެވެ.

" އެކަމަކު ހީވަނީ މަންމަޔަށް ކޮންމެވެސް ކަމެއް ވެއްޖެހެން............." ލައިބާގެ ދޫ ހިމޭނުން ނުބޭއްވުނެވެ.

" ކިހިނެތްވީ..........." ބަޝީރާ ހިތުގައި އުފެދިފައިވާ ހައިޖާނު ލައިބާއަށް އެނގޭކަށް ބޭނުމެއް ނޫނެވެ. އެކަހަލަ އެއްޗެއް ހީވީތީވެސް ބަޝީރާ ކަންބޮޑުވިއެވެ.

" ބަސްމަދުކަމުން............" ގޮނޑިންތެދުވަމުން ލައިބާ ޖަވާބުދިނެވެ.

" ދެންވީ ބޮލިރަވައެއްހެން ހުއްޓާނުލާ ތަޅުވަންތަ؟ ..........." ބަޝީރާ އަޑުގައިވީ ޖޯޝެވެ. ބޭނުންވީ ލައިބާ ހެއްވާލާށެވެ. އިތުރަށް އޭނާޔަށް އައިސްފައިވާ ބަދަލާއި މެދު ވާހަކަ ދައްކާކަށް އޭނާ ބެނުމެއް ނުވިއެވެ. ހެމުން ހެމުން ލައިބާ ގޮސް ހުއްޓުނީ ސޯފާކައިރީ ގައެވެ. ދޮރުގައި ޖަހާލީ އެވަގުތުއެވެ.

" ނަވީން އައީ ކަންނޭގެ.........؟ " ހަށިފުރާ ދޫކޮށްލި ނޭވާޔާއެކު ލައިބާ ދޮރުހުޅުވާލީ ނިކަން ފުޅާ ހިނިތުންވުމަކާއި އެކުއެވެ. އެހެނަސް އެހިނިތުންވުން ދެމިގެންދިޔައީ ސިކުންތަކަށެވެ. ދޮރުމަތީގައި ހުރީ އައްފާނެވެ.

" ކޮބާ ނަވީން ؟ " ލައިބާ ލޯ ހޯދާލީ އައްފާން އެކީ ނަވީން އައިތޯއެވެ.

" ނަވީން އޮފީހުގަ.........ނަވީން ބުނެގެން މިއައީ..........ލައިބާ ގޮވައިން ޑޮކްޓަރަށްދައްކަންދާން............" އައްފާންގެ އެޖުމްލަ އިވިފައި ލައިބާ މާޔޫސްވާގޮތްވިއެވެ.
" ކީއްވެ ނަވީން ނައީ...........؟ " ތުންފަތުގައި ދަތްއަޅާލިއިރު ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.

" ނަވީން މީޓިންގ އަކަށް ދާންޖެހުނީ............" އެހާ އުއްމީދުކޮށްގެން ހުއްޓާ މިފަހަރުވެސް ލައިބާ އުއްމީދުތައް ފުނޑުފުނޑުވީއެވެ. ފައިލް ހިފައިގެން ނިކުމެ އައްފާންގެ ފަހަތުން ލައިބާ ހިނގައިގަތީ ހިތާދެކޮޅަށެވެ. ފިސްފިސްވެފައިވާ ހިތަކާއި އެކުއެވެ. ހިތާހިތުން ނަވީނަށް އެއްޗެހިކިޔަމުންނެވެ.

*****

އިޝާ ނަމާދުން ފޭބިފަހުން އިރުކޮޅެއްވެއްޖެއެވެ. ލައިބާ ތައްޔާރު ވެގެން އިނީ ނަވީން އަންނަދެންނެވެ. ލައިބާ ގޮވައިން ބާޒާރަށް ދާނެކަމަށް ނަވީން އޮތީ ބުނެފައެވެ. ވިހަންވާއިރަށް އަދި އެކައްޗެއްވެސް ގަނެފައެއް ނުވެއެވެ. ފައިގައި ރިއްސާތީ ކަމަށް ބުނެ ބަޝީރާ ބޭރަށް ދާކަށް ތައްޔާރެއް ނުވެއެވެ. ހަޤީގަތުގައި ބަޝީރާ ބޭރަށް ނިކުމެ އުޅެން ބޭނުން ނުވަނީއެވެ.

އިންތިޒާރުގެ ވަގުތުގެ ދިގުކަން އިޙްސާސްވާނީ އެފަދަ ދިގު އިންތިޒާރެއް ކުރަންޖެހުނު މީހަކަށެވެ. ލައިބާ ކެތްތެރިކަމެއް ނެތި ގުނަމުންދިޔައީ އެފަދަ ވަގުތުތަކެކެވެ. ނަވީނަށް އާދެވުނީ ނުވަގަޑި ބަޔާ ދާދި ގާތްވެފައި ހުއްޓައެވެ. ކާރުގައި ހޭދަވި ވަގުތުތަކުގައިވެސް ނަވީން މާބޮޑު ވާޙަކައެއް ނުދައްކައެވެ. ލައިބާ ބުނާ އެއްޗަކަށް ނޫނީ އެއްޗެއް ނުބުނެއެވެ. އެއާ ހިލާފަށް ނަވީންގެ ކިބައިން ލައިބާއަށް ފެނުނީ ކަންބޮޑުވުމެވެ. ހާސްވުމެވެ. ކަމަކާ ޖެހިލުންވެ ބިރުގެންފައިވާ ކަމެވެ.

ނަވީން ލައިބާ ގޮވައިގެން ދިޔައީ ނަވީންގެ ފިހާރަޔަކަށެވެ. ލައިބާ ގަޔާވާކަހަލަ ހުރިހާ އެއްޗެއް އެތަނުން ލިބެން ހުއްޓެވެ. ނަގާފައި ނުނަގާނެ އެއްޗެއް ނޭގިގެން ލައިބާ އުޅޭއިރުވެސް ނަވީންގެ އެހީތެރިކަމެއް އޭނާއަކަށް ނުލިބެއެވެ. ނަވީންގެ ފަރާތުން ލިބެނީ ލައިބާ އެންމެ ބޭނުންވާ ކަހަލަ ޖަވާބެއް ނޫނެވެ.

" މީތިތަ މީތިތަ " ދެއަތުގައި އޮތް ދެ ބުލޭންކެޓްދައްކަމުން ލައިބާ އަހާލިއެވެ.

" ކޮންމެ އެއްޗެއްވެސް ރަނގަޅުވާނެ.............." ފަރުވާ ކުޑަ ރާގަކަށް ނަވީން ޖަވާބު ދިނެވެ. ލައިބާ ހިތުގައި ޖެހުނެވެ. އެއްޗެހި ގަންނަން އައިސް މިއުޅެނީ ދެމީހުންގެ ވެސް ދަރިއަކަށެވެ. ދެމީހުން އެކީ އެއްޗެހި ގަންނަން އައުމުގެ ބޭނުމަކީ ހުރިހާ މާނައެއްގައިވެސް އެހީވުމެވެ. އެކަމަކު އެއާ ހިލާފަށް ލައިބާއަށް ނަވީންގެ ފަރާތުން ފެނުނީ އަޅާލުން ކުޑަކަމެވެ. އެކަމާ އެއްޗެއް ނުބުނެ ހުރި ނަމަވެސް ލައިބާ ހުރީ ހިތްހަމަޖެހިގެންނެއް ނޫނެވެ.

ލައިބާގެ ފުރަގަހުގައި ހުއްޓި ނަވީން ހުރީ ދާން ލަސްވެފައެވެ. ހަޤީގަތުގައި ޖޫލީގެ ރައްޓެއްސަކަށް ނޫނީ ގޭމީހަކަށް ފެނިދާނެތީ ނަވީން މާބޮޑަށް ބިރުގަންނަނީއެވެ. އިރުއިރުކޮޅާ ބޭރުވެސްބަލާލެވެއެވެ. ދޮރާދިމާލަށްވެސް ބެލެނީ މާ ވަރަކަށެވެ. އެހެން ހުރެފައި ނަވީން އެއްލި ކަޅިޔަކުން އޭނާގެ ލޮލުގައި އަޅައިގަތީ ސަޖާ އާއި ޖޫލީއެވެ. އޭރު ދެމީހުންވެސް އެއްހަމައެއްގައި ތިބެ ކޮންމެވެސް ވާހަކައެއް ދައްކަމުން އައިސް ފިހާރަދޮރުގައި ހިފަނީއެވެ. ބިރުން ނަވީންގެ ހަތަރެސްފައި ރޫރޫ އަޅައިގަތެވެ. ދެލޯ ބޮޑުކޮށްގެން އެމީހުންނާ ދިމާލަށް ބަލަންހުރެވުނީއެވެ. ފިހާރަތެރެއިން ދެން އެމީހުންނަށް ނުފެނި ލައިބާ ގޮވައިގެން ނިކުމެވެން ނެތީމައެވެ.

----------------- ނުނިމޭ -------------------

  1. Avatar

    ނަވީން މިއީ ކޮންކަހަަލަ މީހެއްތަ އަޅެ؟ ޖޫލީއަށް ކުދިން ނުލިބުމަކީ ޖޫލީގެ މައްސަލައެއް ނޫން… އެކަމް ދަރިއަކު ހޯދަން އެހެން މީހަކާއި ކައިވެނި ކޮށްފިއްޔާ 2 އަނބިންނަށް ވެސް ހަމަހަމަ ވާން ޖެހޭނެ… ނަވީންގެ ހުރިހާ ލޯތްބަކާއި އަޅާލުމެއް ހަގީގަތުގައި ދެނީ ޖޫލީއަށް އެކަނި…. ނަވީން ލައިބާ ދެކެ ލޯބިނުވިޔަސް އަމިއްލަ އިޙްތިޔާރުގައި ކައިވެނި ކުރީ… އެހެންވީމަ އަސްލު ނަވީން ވވވވވވވވވވވވވވވވ އަންފެއަރ ދެ އަނބިންނާއި ދޭތެރޭ ތަފާތު ކުރާ ވަރުން،،،

    12
  2. Avatar

    51 ވަނަ ބައިގައި ބަޝީރާ އެބައޮތް “މަންމަ ވެސް މާމަކުދިން ދެކޭ ހިތްވާނެ ނޫންހޭ” މިހެން ބުނެފަ…. “މާމަ ކުދިން” މީންސް 1 ކުއްޖަކަށް ވުރެ ގިނައިން ދޯވް ލައިބާ އަށް އެލިބެނީ… ޓްވިންސް ވީމަ އެތަނުން އެއްކުއްޖެއް ޖޫލީއަށް ދެނީ ދޯވް…. ކިހިނެތްބާ އަޅެ ދެން ވާނީ….

ޚިޔާލު ފޮނުއްވާ