Views: 6295 90

ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ނަވީން ކާރުން ފޭބިއެވެ. ނަވީންގެ އެހީތެރިކަމާއެކު ލައިބާ ކާރުން ފޭބިއިރު ބަޝީރާ ހުރީ ކާރުން ފައިބައިގެން އެގޭ ދޮރުމަތީގައެވެ. މަންމަ ބަލަން ހުރިގޮތުން ލައިބާވެސް އެގެއާދިމާލަށް ވަރަށް ފުންނަޒަރަކުން ބަލާލިއެވެ. ދޮރުގެ އެއްކައިރީގައި ރަތްއަކުރުން ފަވާފައިވާ " ޗެރީ ގާޑަން " ގެ ނަން ލައިބާ ދެތިން ފަހަރަކު ކިޔާލިއެވެ. ކައިރިކައިރީގައި ދޮރާއްޓަކާއި ގޭޓެއްހުއްޓެވެ. ހީވާގޮތުން އެއީ އެއްގެއެއްގެ ދެބަޔަށް ވަންނަން އިންނަ ދެދޮރެވެ. ގޭޓުގެ ފުރަގަހުން ފެންނަންހުރި ތިންބުރީގެ އިމާރާތަށް ލައިބާ ނަޒަރު ހިންގާލައިގެން ހުއްޓާ އައްފާން ތަޅުދަނޑިފަތިން ހުޅުވީ ދޮރާއްޓެވެ. ދޮރޯށީގެ ތަޅުހުޅުވާ އެތެރެއަށް ވަންނަން ދައުވަތުދިނެވެ. ލައިބާގެ އަތުގައި ހިފައިގެން ހުރެ ނަވީން ހިނގައިގަތީ އެގޭތެރެއަށް ވަންނާށެވެ. އަނދިރިކޮށް އޮތް ގޭތެރެ ދިއްލާލީވެސް އައްފާންގެ އަތުންނެވެ. ސުވާލުތަކުން ފުރިގެންވީ ހާލުވެސް ލައިބާ ހުރީ ދޫހިމޭނުން ލައިގެންނެވެ. ވެފައިވާ ވަރުބަލިކަމާ މަންމަވެސް ހުރުމާއެކުއެވެ. ފަޅުކޮށް އޮތް އެގޯތިން ލައިބާއަށް ޔަގީން ކުރެވުނީ އެއީ ނަވީންގެ ގެނޫންކަމެވެ. ނަވީންގެ ގޭގައި އޭނާގެ ބައްޕަޔާ ޖޫލީވެސް އުޅޭނޭ ކަމެވެ.

" މީ .........މީހުންވެސް ނޫޅޭ ގެއަކީތަ ؟ " އެންމެންގެ ފަހަތުންވަން ބަޝީރާގެ އަޑަށް ތަނުގެ ހަމަހިމޭންކަން ފޫއަޅުވާލިއެވެ.

" ކޮބާ މިގޭ މީހުން ނަވީނުގެ ބައްޕަމެން ........" ނަވީންގެ މޫނުން ނަޒަރު ވަކިކޮށްނުލާ ބަޝީރާ ސުވާލުކުރިއެވެ.

advertisment
" އާނ.......މީމީ...........އަހަރެމެން ގޭގަ މީ............" އެފަދަ ސުވާލަކަށް ތައްޔާރުވެގެން ނެތުމުން ބަޝީރާއަށް ޖަވާބުދިނުންވީ ނަވީނަށް އުނދަގޫކަމަކަށެވެ.

" ނަވީންމެން ގޭގަ ކޮޓަރިތައް މަރާމާތު ކުރަނީ............." އައްފާންގެ ޖަވާބުއިވިފައި ނަވީނަށް ދޫކޮށްލެވުނީ ހިތްހަމަޖެހުމުގެ ނޭވާއެކެވެ. އަދި އައްފާނަށް ބަލާލެވުނީ ޝުކުރުވެރިކަމުގެ ލޮލަކުންނެވެ. ނަވީނާއި އައްފާން ދެމެދު ބަދަލުކުރެވުނު ބެލުންތަކުން ލައިބާގެ ހިތުގައި ކޫރުއެޅުނެވެ. ކަންކަން ފޮރުވަން މަސައްކަތްކުރާކަން ލައިބާއަށް ސިއްރެއްނުވިއެވެ. އެކަންކަން ގަބޫލުކުރީ ބަޝީރާއެވެ. އެއްވެސްކަމަކަށް ޝައްކުނުވާތީއެވެ.

" މިތަންމީ ކުއްޔަށްތަ؟ " ބަޝީރާގެ ސުވާލަށް ލައިބާ އިނީ އެމީހުން ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.

" ކަމަކު ނުދޭތަ ؟ ސިޓިންގރޫމާއި ބަދިގެ ކުޑަޔަސް ކޮޓަރި ބޮޑުވާނެ........... " ނަވީން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. ބަޝީރާވެސް ހިނިތުންވެލަމުން ގޭތެރެއަށް ނަޒަރު ހިންގާލީ އެތަނަށް ތައުރީފު ކުރަމުންނެވެ. އެތަނުގައިވަނީ ކުޑަސިޓިންގރޫމަކާއި އެކު ކައްކާކެވޭނޭ ގޮތަށް ކުޑަ ބަދިގެ ބަޔަކާއި ނިދާކޮޓަރިއާ ފާހާނާއެކެވެ. ތަން ސާފުތާހިރެވެ.

" ނޫނޭ މިތަން ގޯހެއްނޫން........." ބަޝީރާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ނަވީން ބުނިހެން ބޮޑު ކޮޓަރިއެކެވެ. އެކަމަކު ބަޝީރާގެ މައްސަލަޔަކަށްވީ ކުއްޔަށް ތަނެއްގައި ހުރުމެވެ. މީހުންގެ ތުންތުންމަތިންނާއި ޙަބަރުތަކުން މާލޭގެ ކުލިބޮޑުކަން ބަޝީރާއަށްވެސް އޮތީ އިވިފައެވެ. އޭނާޔަށް އެތަނަށް ކުލިދައްކަން ނުޖެހުނަސް އަމިއްލަ ގެދޮރުހުރެ ނަވީން އަތުން އެކަމަށް ބޮޑު ހޭދައެއް ވާނެތީ ފިކުރުކޮށްލެވުނެވެ.

އެތަނާއިމެދު ބަޝީރާ ހުރީ ހިތްހަމަޖެހިފައެވެ. އެހެނަސް ލައިބާ އިނީ ހިތްހަމަޖެހިގެނެއް ނޫނެވެ. އެމީހުން ކުރިމަތީ ހިތްހަމަޖެހޭކަމަށް ހެދިގެންނެވެ. އައްފާނާއި ނަވީން އެތަނުން ނިކުމެގެން ދިޔައީ އެމީހުންނަށް ކާނެއެއްޗެއް ގެންނަން ކަމަށްބުނެއެވެ. ބަޝީރާ ފެންވަރައިގެން ނިކުތްއިރު ލައިބާއަށް އޮތީ ނިދިފައެވެ. ދިގުދަތުރެއް ކޮއްފައި އައުމުން މާބޮޑަށްވަރުބަލިވީއެވެ. ލައިބާއަށް އުނދަގުވެދާނެތީ ބަޝީރާ ގޮސް މަޑުކޮށްލީ ސިޓިންގރޫމް ސޯފާގައެވެ.

*****

މާހިލްގެ މަންމަޔަށް ގުޅާގުޅާ ޙަބަރެއް ނުވެގެން އޭނާ ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. ސަޖާޔާ މެދު މަންމަ ނުރުހުންވިޔަސް މަންމަޔާ މާޙިލާއި ދެމެދުވީ ގުޅުން ކަނޑާލަން އޭނާ ބޭނުމެއް ނޫނެވެ. މާޙިލްގެ ފޯނުކޯލްތަކަށް ޖަވާބު ނުދިނުމުން އެންމެ ފަހުން މާޙިލް ބޭނުންވީ މަންމަޔާ ބައްދަލުކޮށް ވާހަކަދައްކާށެވެ. މަންމަޔާއި ހިތްހަމަނުޖެހި ހުންނަން މާޙިލް ބޭނުން ނުވާތީއެވެ. ކަނޑުހުރަސްކޮށް ދަތުރެއް ކޮށްފައި މާޙިލް ވިލިގިއްޔަށް އައީ އެބޭނުމުގައެވެ. ގެއަށް ވަންއިރު ގޭތެރެއިން ފެނުނު އަނދިރިކަމުން އޭނާއަށް ހައިރާންކަން ލިބުނެވެ. އެހެނަސް ދޮރު ހުޅުވާފައި ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު މާހިލްގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ފަދައެވެ. މަންމަ ރޯއަޑުއަހަން މާހިލަށް ކެތެއްނުވިއެވެ. ސުއިޗް ޖައްސާލުމުން މަމްދޫހާ އިން ހާލު ފެނި މާހިލްގެ ހިތްވެސް ރޮއްވާލިއެވެ. ސިޓިންގރޫމްތެރޭގައި އެފުށްމިފުށަށް ޖަހާފައި އޮތް ސާމާނުތަކުގެ ތެރޭ ބިންމަތީ މަމްދޫހާ އިނދެގެން ރޮނީ މޮޔަޔަކު ފަދައިންނެވެ.

" މަންމާ............." މަމްދޫހާ އަތުގައި ހިފާ ކޮޅަށްޖެހިއެވެ. މާޙިލް ފެނުމުން މާޙިލް ގައިގާ ބައްދައިގަތެވެ. ރޯންފެށީ ކުރިއަށްވުރެންވެސް މާބާރަށެވެ.

" މަންމާ........ކިހިނެތް ވީތަ ...........މިތަނަށް މިއޮތީ ކިހިނެތްވެފައިތަ ؟ " މާހިލަށް ނުވިސްނުނެވެ. އެހާލަތަށް ކަންތައްދާންވީ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނުނެވެ. މަމްދޫހާ ގެންގޮސް އޭނާގެ ކޮޓަރީގައި ބައިންދާފައި ފެންފޮދެއް ޖެއްސިއެވެ.

" މަންމަ ނުރޮއެ ވީގޮތެއް ބުނެދީބަލަ .............." މަމްދޫހާ ހަމަޔަކަށް އެޅުނީ އެތަށް އިރަކު މާހިލް ވާޙަކަދެއްކިފަހުންނެވެ.

" ކީއްކުރަންތަ މަންމަޔަށް މިހުރިހާ ކަމެއް އެނގުނީ............" އެތަށް އިރެއްގެ ހިމޭންކަމަށްފަހު މަމްދޫހާ ބުނެލިއެވެ.

" ކޮންކަމެއްތަ މަންމާ..........." މާޙިލަކަށް ކުޑަކޮންވެސް މަމްދޫޙާ އެކިޔާ އެއްޗެއް ނޭނގުނެވެ.

" އާޝާ އެއީ މާޙިލް ބައްޕަގެ ދަރިއެއްކަން............" އެއްވެސް ދިރުމެއްނެތް ފަދައިން މަމްދޫހާ ބުނެލިއެވެ.

" އެކަން ނޭނގިއޮތް ނަމަ ކިހާ ރަނގަޅު.............އޭރުން އަހަރެން މިހާ ދެރައެއް ނުވާނެ .........." މަމްދޫހާ ކައިރީ އެނދުމަތީގައި އިނދެފައި މާހިލް ތެދުވެތެވެ. ކަންވީގޮތް އެނގުމުން މަންމަގެ މޫނަށް ބަލާލަންވެސް މާޙިލަކަށް ނުކެރުނެވެ.

" ނަސީބެއްނު އެކަން އެނގުނުކަން..........އެހެން ނޫންނަމަ............." މާޙިލްގެ އަރުބެދި ވާހަކަދައްކަން ދަތިވިއެވެ. އަމިއްލަ އިޙްސާސްތައް ކޮންޓުރޯލްކުރުގެ ގޮތުން އަތްތިލަ މުށްކަވާ ބާރުކޮށްލިއެވެ. މަމްދޫހާއަށް ފުރަގަސްދީގެން ހުރި މާހިލަށް ވަރަށް ފުންނަޒަރަކުން މަމްދޫހާ ބަލާލިއެވެ. މާޙިލް ބުނިއެއްޗަކާއި މެދު މަމްދޫހާއަށް ވިސްނާލެވުނީ މާޙިލް އޭނާގެ ކޮޓަރިން ނިކުމެގެންދިޔާމައެވެ. މާޙިލް އެބުނީވެސް ދޮގުވާހަކައެއް ނޫންކަން ގަބޫލުކުރަން އޭނާއަށް ބޭނުންވީ މަދު ވަގުތުކޮޅެކެވެ.

އިރުގަނޑެއް ފަހުން މަމްދޫހާ ބޭރަށް ނިކުތްއިރު ސިޓިންގރޫމްތެރެ އޮތީ ރީތިކޮށްފައެވެ. މާހިލާ މުނާޔާ ދެކުދިންވެގެން ނޫޑްލްސް ހަދަން އުޅޭތަން ފެނި ހިތަށް ހަމަޖެހުން ލިބުނެވެ. ދަރިންނަކީ މަމްދޫހާ ލޮލުގެ ފިނިކަމެވެ. އިސްމާއިލް އޭނާ ދޫކޮށްދިޔަޔަސް އެކުދިންނަށް އެކަމެއް މަމްދޫހާ ނުބާއްވައެވެ. އަބަދުވެސް މަމްދޫހާގެ ޝަކުވާއަކަށްވީ އޭނާ ދޫކޮށްލަންޖެހުނު ސަބަބެއް ނޭގުނީތީއެވެ. މިއަދު އެހުރިހާ ސުވާލެއްގެ ޖަވާބުވަނީ ލިބިފައެވެ. އެހެނަސް އެކަން އެނގިގެން މިއަދު މަމްދޫހާ އެވަނީ އެތަށްހާސް ޒަހަމަކުން ޒަހަމްވެފައެވެ. އިސްމާއީލްގެ ނަން ހިތަށް ވަނުމުން ހަނދާންވީ ޑައިރީގައި ލިޔެފައިވާ އެންމެ ފަހުގެ އިބާރާތްކޮޅެވެ.

" މަމްދޫހާއަށް މަށަށް އިތުބާރުކުރަން ފަސޭހަ ނުވެދާނެ އެކަމަކު މަށަށް މަޢާފުކޮށްދޭނެ ކަމަށް އުއްމީދުކުރަން އެއްވެސް ހާލެއްގައި ކުރެވުނު ކުށް ހަނދާނެއް ނުނެތޭ ............ދަރިންކޮޅާއި މަމްދޫހާ ދޫކޮށް މިދަނީ މަމްދޫހާ ކައިރިން މަޢާފަށް އެދޭނެ ހިތްވަރު ނެތުމުން......އިންސާނަކަށްވީތީ އަހަންނަށްވެސްވީ ކުށެއް ކުރެވިފަ.........އެފާފައިގެ އަސަރު ފިލައިގެން ދިއުމެއް ދުވަހެއްގައިވެސް ނުވޭ........ ..... އަހަރެންގެ ބޭވަފާތެރިކަން މަމްދޫހާގެ އޯގާތެރިކަމާއި ވަފާތެރިކަމަކަށް ޖާގައެއް ނުދޭ.......އެއްވެސް ހާލެއްގައި މަމްދޫހާޔާ ވަކިވާން ބޭނުމެއްނޫން ...............އެއަށްވުރެން މަމްދޫހާ ދެކެ ލޯބިވޭ....." ޑައިރީގައި އިސްމާއިލްގެ އަތުން ލިޔެފައިވެއެވެ. އެޑައިރީ ފޮރުވާފައި ބޭއްވީ ކީއްވެގެންބާއޭ މަމްދޫހާ ހިތަށް އެރިއެވެ. މަމްދޫހާއަށް ދައްކަން ނުކެރުނީބާއޭ އޭނާ ހިތަށް އެރިއެވެ.

މިފާއިތުވި ދިގު މާޒީގައި އޭނާ ދަރިން ބަލާ ބޮޑުކުރީ އެކަނިމައި އެކަންޏެވެ. އެކަނި ދަރިންތަކެއް ބަލާ ބޮޑުކުރުމަކީ ކިހާ ބުރަކަމެއްކަން އެނގޭނީ އެފަދަ ކަމެއް ތަޖްރިބާ ކުރަންޖެހުނު މަޔަކަށެވެ. މަމްދޫހާ ބޭނުންވީ ހަމަޖެހިލައިގެން އިސްމާއިލަށް ގުޅާށެވެ. ހިތުގައިވި ޝަކުވާތައް ބަންޑުންކޮށްލާށެވެ.

*****

ފެންވަރައިގެން ނިކުތްއިރު ލައިބާ ފެންނަނީ ވަރަށް ތާޒާކޮންނެވެ. ރޭ ރަނގަޅަށް ނިދުމުން ވަރުބަލިކަމުގެ އަސަރުވެސް ފިލާ ހަށިގަނޑުގައި ލޮޑުކަމެއްނެތެވެ. އެންމެ ލާންބޭނުންވި ކަޅުކުލައިގެ ޑަންގޭރީސްގައި ލޯގަނޑުކުރިމަތީ ހުރެގެން ލައިބާ ތައްޔާރުވަމުން ދިޔައީ ނުވައެއްޖަހާއިރަށް ޑޮކްޓަރަށް ދައްކަންދިއުމަށެވެ. އެހެންޏާ ތައްޔާރު ނުވާވަރަށް ލައިބާ ތައްޔާރުވެލީ ނަވީން އޭނާ ބަލައި އަންނާނެކަމަށް ބުނެފައި އޮތީމައެވެ. ނަވީނާއި އެކު ބޭރަށްދާއިރު އޭނާގެ ދުލުން ލައިބާއަށް ތައުރީފުކުރަން ބޭނުންވެސް ވާތީއެވެ.

ރީތިވެގެން ބޭރަށް ނިކުތްއިރު ބަޝީރާ އިނީ ޓީވީ ހުޅުވައިގެންނެވެ. މޭޒުމަތީ ބިއްލޫރިތައްޓަކާއި ކިރުޕެކެޓެއް ބަހައްޓައިގެންނެވެ.

" އަހާން ތައްޔާރުވީތަ ؟ އާދޭ ކިރުތައްޓެއް ބޯލަން..........." ބަޝީރާ އުޅުނީ ލައިބާއަށް އެޕެކެޓުން އެތިފޮދެއް އަޅައިދޭށެވެ.

" ޗީ.....ނުބޯނަން........ނަވީން ގެނައީ ކިރުޕެކެޓެއް އެކަނިތަ ؟ " ނޭފަތް ދަމާލަމުން ލައިބާ އިންކާރުކުރިއެވެ. ކިރުގެ ވަސްޖެހުނަސް ލައިބާ މޭނުބައިކުރެއެވެ. އެއްއިރެއްގައިވެސް ލައިބާއަކީ ކިރުތަށިބުއި މީހެއް ނޫނެވެ.

" ނަވީނެއްނޫން..........އައްފާން އައީ މިހިފައިގެން ........." ކިރުޕެކެޓް އެއްފަރާތަށް ޖައްސާލަމުން ބަޝީރާ ޖަވާބުދިނެވެ. އެހެން ބުނުމުން ލައިބާ މޫނުގެ ކުލަމިލައިގެން ދިޔައެވެ. މޫނުމަތީ ހުރި އުފާވެރިކަން ބަދަލުވިއެވެ. އިތުރު އެއްޗެއް ނޭހިގެން އުޅެނިކޮށް ދޮރުގައި ޓަކިދޭންފެށިއެވެ. ދެމައިން އެކަކު އަނެއްކަކަށް ބަލާލިއިރު މޫނުމަތިގައިވީ އެއިން ކޮންމެ މީހެއްގެ މޫނުގައިވެސްވީ ޖެހިލުންވުމެވެ.

" ނަވީން އައީކަންނޭގެ............." ބަޝީރާ ދޮރުހުޅުވަން ނުދިއުމުން ލައިބާ ބުނެލިއެވެ. މާލެއަކީ އެދެމައިންނަށް އާތަނެކެވެ. ދަންނަ މީހުންތަކެއް ނެތެވެ. ތޮއްޖެހިފައިވާ މާލެއަކީ އުޅެން އަމާން ތަނެއް ނޫންކަން އެދެމައިންވެސް ދަނެއެވެ. ފޭރުމާއި ވައްކަންކުރުން އިންތިޙާއެވެ. މާރާމާރީ އާއި މީހުންމެރުމުގައި މިހާރު ހައްދެއްނެތެވެ.

ކެނޑިނޭޅި ދޮރުގައި ޖަހާތީ ލައިބާ ގޮސް ހުއްޓުނީ ދޮރުކައިރީގައެވެ. އުޅުނީ ދޮރުހުޅުވާށެވެ.

ކީއްކުރަން ތިއުޅެނީ ............؟ " ބަޝީރާ ބުނެލީ ބިރުންނެވެ. ސިހިފައި ލައިބާއަށް ބަލާލެވުނީ މަންމަގެ މޫނަށެވެ.

" ކާކުތޯ ބަލާލަންވާންނު ........ކޮންމެވެސް ބޭނުމަކުދޯ މިދޮރުގައި ޖަހާނީ.............." ބަޝީރާ އެއްޗެއް ބުނުމުގެ ކުރިން ލައިބާ އެހެން ބުނެފައި ދޮރުހުޅުވާލިއެވެ. ކުރިމަތީހުރީ ނަވީނެއްވެސް އަދި އައްފާނެއްވެސް ނޫނެވެ. ބަޝީރާ އައިސް ލައިބާގެ ފުރަގަހުގައި ހުއްޓުނީ ދޮރުމަތީ ހުރީ ކާކުތޯ ބަލާލުމަށެވެ. އެމީހާގެ މޫނު ފެނުމުން ބަޝީރާގެ ދެބުމަ ކައިރިކޮށްލެވުނު އިރު އަތްފައި ފިނިވާ ގޮތްވެއްޖެއެވެ. ގަތްބިރެއްގެ ބޮޑުކަމުން ހަތަރެސްފައި ރޫރޫ އަޅައިގަތް އިރު ނޭވާލާންވެސް ދަތިވެއްޖެއެވެ. ލައިބާގެ ކޮނޑުގައި ބަޝީރާއަށް ހިފަހައްޓާލެވުމުން ލައިބާ މަންމަގެ މޫނަށް ބަލާލިއިރު އެމޫނުމަތިންވެސް ފެންނަނީ ހައިރާންކަމެވެ.

" ދަރިފުޅާ ލައިބާ ؟ " ލައިބާ ބީރަށްޓެހިވެފައި ހުއްޓާ އެމީހާ ގޮވާލީ ލައިބާގެ ނަމުންނެވެ.

------ ނުނިމޭ -----

  1. Avatar

    ނަވީންގެ ބައްޕަ ނިޒާރު ދޯވް އެއައީ…
    ނިޒާރުއާ ނަޞީރު ވައްތަރުކަނުން ބަޝީރާ ހައިރާންވީދޯވް… ދެން ކިހިނެތްބާ ވާނީ؟؟؟

    22

ޚިޔާލު ފޮނުއްވާ