ކޮއްކޮ

ކޮއްކޮއިންނަކީ ރަނެކެވެ. ބައެއް ފަހަރު އުނދަގުލަކަށްވިޔަސް އާއިލާގެ މުޅި މާހައުލަށް އުފާވެރިކަން ގެނުވާދޭ ބައެކެވެ. ކޮއްކޮއެއް ހުރުމަކީ އެތައް ހަނދާންތަކެއް އުފައްދާދޭ ކަމެކެވެ.

އަހަރެންގެ ލޯބިވާ ކޮއްކޮ މިދުނިޔެއަށް އުފަންވީސުރެ އޭނާއާމެދު އަބަދުވެސް ހާއްސަކަމެއް ބަހައްޓަމެވެ. ހަލަންޏަކަސް ބަހެއް ނުބުނެ ވޭތޯ ވަރަށް މަސައްކަތްކުރަމެވެ. ކޮއްކޮ ބޮޑުވަމުން އައިވަރަކަށް އާ ކަންކަން ދަސްކުރަން މަސައްކަތްކުރެއެވެ. އެގޮތުން އެއްދުވަހަކު ސްކޫލުން އަހަރެން އައި އިރު ބޭބެހުރީ ކޮއްކޮ އުރައިގެންނެވެ. މުޅި އަނގައިގާ އޮތީ ލެއެވެ. ކިހިނެއްވީތޯ އަހާލުމުން ފެންބޯ ތައްޓެއް ކާލި ވާހަކަ ބޭބެ ބުނިއެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ.

ކޮއްކޮ ބޮޑުވަމުން އައީ ފިސާރި މޮޅު ނަތީޖާތަކާ ވަނަތައް ސްކޫލުން ހޯދަމުންނެވެ. ނަމަވެސް އަހަރެންގެ ލޯ މައްޗަށް ކޮއްކޮ ގެއްލުނީ ކިޔަވަން ލަންކާއަށް ބަދަލުވިފަހުންނެވެ. އަހަރު ތަކަކު ޙަބަރެއް ނުވެ ހުއްޓާ ފޭސްބުކް މެދުވެރިކޮއް ދެމީހުން ދިމާވިއެވެ. އަދި ހާލު އަހުވާލުއެހުނެވެ. އެދުވަސްވަރު ކާފާވެސް ބަލިވެގެން ކޮއްކޮ ކައިރިއަށް ވަނީ ގެންދެވިފައެވެ. ކާފަ ކޮއްކޮ ކައިރިއަށް ކުރީ ވަދާއީ ޒިޔާރަތެވެ. މި ދުނިޔެއާ ކާފަ ވަކިވެގެން ދިޔައީ ކޮއްކޮމެނާ ބައްދަލްކޮއްފައި އައިތާ ހަފްތާއެއް ވީ ފަހުންނެވެ. ކާފަ ނިޔާވުމުން އަހަރެންނަށް ލިބުނު ހިތާމަގައި ކޮއްކޮ ބައިވެރިވެ ހިތްވަރު ދިނެވެ.

advertisment

ކާފަ ނިޔާވިތާ އަހަރުތަކެއްފަހުން އަހަރެންނަށް ކޮއްކޮ ކައިރިއަށް ދެއަހަރަށް ކިޔަވަން ދިޔުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. އެއްގެއަކަށް ދެވުމުން ވަރަށް އުފާވިއެވެ. އަދި އެކި މީސްމީހުންނާ ކޮއްކޮ އަހަރެން ރަހްމަތްތެރި ކުރުވިއެވެ. އެމީހުންގެ ސަބަބުން އެތައް ގިނަގުނަ ފައިދާހުރި ފިލާވަޅުތަކާ މަޖާ ވަގުތުތަކުގެ ސަބަބުން އަބަދުވެސް ފަޅުފިލައެވެ. މިގޮތުން އެންމެ ބޮޑަށް ހަނދާނަށް އަންނަނީ ކޮއްކޮއާއެކު ލަންކާގެ ނޫރައްލިޔާއަށް ދިޔަ ދަތުރެވެ. އެއީ އަހަރެންގެ ހަޔާތުގައިވެސް ނުދާހާ ފިނި ތަނެކެވެ. ނޫރައްލިޔާގައި ދެދުވަސް ހޭދަކުރަން ޖެހުނީވެސް އެއް ޖިންސް މަތިން އަނެއް ޖިންސް ލައިގެނެވެ. މިކަމާ ކޮއްކޮ ވަރަށް މަލާމާތްވެސް ކުރިއެވެ. ނޫރައްލިޔާ ދަތުރު ނިންމާލުމަށް ފަހު ޗުއްޓީ ހަމަވުމުން ކިޔެވުމާގެން ކުރިޔަށް ދިޔައީމެވެ. ފުރުތަމަ ޑިޕްލޮމާ ހާސިލްކުރުމުން އެކަމަށް އެންމެ ފުރުތަމަވެސް މަރުހަބާކީ ކޮއްކޮއެވެ.

ކޮންމެއަކަސް ކިޔަވާނިމި އަހަރެން މާލެ އައިތާ މާ ގިނަދުވަހެއްނުވެ އިތުރު އުފާވެރި ޙަބަރު ލިބިގެން ދިޔައެވެ. އެއީ ޑޮކްޓަރުކަން ކިޔެވުމަށް ކޮއްކޮ ރަޝިއާއަށް ދިޔުމަށް ފުރުސަތު ލިބުނު ޙަބަރެވެ. ރަޝިއާގައި ކޮއްކޮ ދުވަސްތައް ހޭދަކުރަމުންދާގޮތް އަހަރެން ދިޔައީ މީސްމީޑިއާއިން ގާތުން ބަލަމުންނެވެ. ކޮއްކޮގެ އުފާވެރި ފޮޓޯތަކުގެ ތެރެއިން އެންމެ ފާހަގަވީ ސްނޯގައި ނަގާފައިވާ ފޮޓޯތަކެވެ. ނަމަވެސް ކަންތައްތައް ދިމާވިގޮތުން ކޮއްކޮ އަނބުރާ މާލެ އަންނަންޖެހުނެވެ. އެއަށް ފަހު ވަގުތުތަށް ހޭދަކުރީ އަމިއްލަ ކަންތަތަކުގައެވެ. އާއިލާ ފަޅުފިލުވައިދިނުމުގައެވެ. ރޯދަމަސްތަކުގައި އަހަރެން ދަހި ކުރުމުގައެވެ. މިގޮތުގައި ދުވަސްތައް ހޭދަކުރަމުން ގޮސް އަހަރެންގެ ކައިވެނީގެ އުފާވެރި ޙަބަރު ކޮއްކޮއަށް ދިނީމެވެ. ވާން އުޅޭ ފަހަރަވެރިޔާ ދައްކާލާ އެންމެންނާ އެކު ހީ ސަމާސާ ކޮއްލުމަށްފަހު ކައިވެންޏަށް ފުރައިގެން އައިތަނާ ވީ އެންމެ ބާރާދުވަސްތެރޭ މި ލިބުނީ ހިތްފަޅައިގެން ދާފަދަ ޙަބަރެކެވެ. އަހަރެންގެ ލޯބިވާ ކޮއްކޮ މިދުނިޔެއަށް އަލްވަދާއު ކިޔައިފިކަމެވެ. ފުރުތަމަ އަހަރެން ގަބޫލްވެސް ނުކުރަމެވެ. ނަމަވެސް ކޮއްކޮގެ ބައްޕައަށް ގުޅާލުމުން ޙަބަރު ތެދުކަން އެނގުނެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަހަރެންގެ ލޯބިވާ ކޮއްކޯއެވެ. އަހަރެންނަށް ހުރެވުނުތަނެއްވެސް ނޭނގުނެވެ. ހިތްވަރުކޮއް ކަރުނަ ހިފަހައްޓައިގެން ހުއްޓެއްކަމަކު އަހަރެންގެ ހިތްވަނީ ކުދިކުދިވެފައެވެ. ލޯބިވާ ކޮއްކޮއަށް އަބަދުވެސް އަހަރެން ހެޔޮދުވާކުރާނެމެވެ.

- ނިމުނީ -

( މިއީ އަޅުގަނޑުގެ ލޯބިވާ ކޮއްކޮ މުހަންމަދު ނާއިފް ނަޝީދުގެ ހަނދާންތައް އާކޮއްލުމަށް ލިޔެވިފައިވާ ވާހަކައެކެވެ. މަރްހޫމްގެ ފުރާނައަށް الله سبحان و تعالىٰ ބަރަކާތްލައްވާށެވެ. އަދި ފާފަ ފުއްސަވާންދޭވެ.)

  Please log in or register to bookmark.
  6k

  15 ޚިޔާލު

  1. ނާއިފްއާއި ދިމާ ނުވިޔަސް، މި ވާހަކައިން ވަރަށް ރަގަޅު ކޮއްކޮއެއްކަން ފާހަގަ ވިއެވެ. އަދި މަޖާ ސަކަ މިޒާޖެއްގެ ކޮއްކޮއެއް ހުރިކަން އެއީ ތިފަދަ ބޭބެއަކަށް ލިބޭނެ އުފަލެއްކަންވެސް ވާހަކައިން އިނގެއެވެ.

   10
  2. ދުވަހަކުވެސް ނާއިގެ ހަނދާންތައް އަހަރެންގެ ހިތުން ފިލައިގެން ނުދާނެ އެވެ. މިސް ޔޫ ލޯޑްސް ?

   10
  3. އަހަރެންނަށް ލިބުނު އެންމެ ރަނގަޅު އެކުވެރިޔަކީ ތީ! މަޖާ ހިތްހޮޔޮ އެކުވެރި އެންމެނާވެސް ގުޅޭ މީހެއް ނާއި އަކީ. މަށަށް ވާހަކަ ލިޔުމަށް ހިތްވަރުދެއްވާ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ނާއި އަބަދުވެސް ނަސޭޙަތްތެރިވާނެ. ކޮންމެކަމެއް ދިމާވިޔަސް އެންމެ ގާތުގައި އެހީވާން ހުންނާނެ. ކުއްލިގޮތަކަށް އަހަރުމެންނާ ވަކިވެގެން ދިޔައީމަ ހީވަނީ ހަށިގަނޑުން ބަޔެއް މަދުވެގެން ދިޔަހެން. ވިލް މިސް ޔޫ އޯލްވޭސް. މަރްހޫމްގެ ފުރާނައަށް الله سبحان و تعالىٰ ބަރަކާތްލައްވާށެވެ. އަދި ފާފަ ފުއްސަވާންދޭވެ. އާމިން!

   15

  ޚިޔާލު

  Your email address will not be published.