6789 64

" މީހުން ލޭބަލްކުރަނީ އަހަރެންމީ ކުދިންނެއް މީހެއްގެ ގޮތުގަ ........އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ ފިރިހެނުންގެ މައްސަލައެއް ހުރެގެން ދަރިން ނުލިބޭކަމަކަށް............." ވީގޮތް އެނގުމުން ނަވީނަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

" ހިނގާ ބޭރަށްދާން ...........އަހަރެން ބޭނުން އިތުރަށް ޓެސްޓުކުރަން.........." ޖޫލީ ބޭނުންވާ ގޮތް އެނގުމުން ނަވީނަށް ތެޅިގަނެވުނެވެ. ބޭރަށް ގޮސްގެން ހަގީގަތް އެނގޭކަށް ނަވީން ބޭނުމެއްނޫނެވެ. ނަވީން އެހުރިހާ ކަމެއް ސިއްރުކުރީ ޖޫލީ އޭނާ ދޫކޮށް ހިނގައިދާނެތީއެވެ. ޖޫލީ ދެކެވާ ލޯތްބަށްޓަކާއެވެ.

" ފަހަރެއްގަ ދުނިޔޭގެ ކޮންމެވެސް ހިސާބަކުން ފަރުވާއެއް ލިބިދާންނު........." ނަވީން ދެލޯމަރާލަމުން ދޫކޮށްލީ ފިނި ނޭވާއެކެވެ. މާޔޫސްކަމާއި ގޮތްހުސްވެފައިވާ މީހަކު ފަދައިން ޖޫލީއަށް ބަލާލިއިރު ދެލޮލުން އެތައް ކަމެއް ފެންނަން ހުއްޓެވެ.

" އެޓެސްޓުތަކަކީ ބޭރުން ކޮށްފަ ހުރި ޓެސްޓުތަކެއް ..........އިތުރަށް ޔަގީންކުރަންވެގެން އެތަށްތަނަކުން ބަލާފަވަނީ.............." ނަވީންގެ ޖަވާބު އިވިފައި ޖޫލީ އިސްޖަހާލިއެވެ.

" އަހަރެމެން ކިތަންމެ ގަބޫލުކުރަން ބޭނުން ނޫނަސް ބައެއް ހަގީގަތް ބަދަލެއް ނުވާނެ........ " ނަވީންގެ އަޑުމަޑެވެ. އަޑުގައިވީ ސީރިޔަސްކަމެވެ. ޖޫލީއަށް އެކަންކަން ބަލައިގަންނާކަށް ފަސޭހައެއް ނޫނެވެ. ސަބަބަކީ އެންމެވެސް އިނގިލި ދިމާކުރަނީ އޭނާޔާ ދިމާލަށެވެ. ޖޫލީ އަންހެނަކަށް ވީތީއެވެ. ހިތާމަޔަކީ ދަރިން ނުލިބުމަކީ އަންހެނެއްގެ އެކަނި މައްސަލައޭ ހީކުރާ މީހުން އަދިވެސް މިކުޑަ މުޖްތަމައުގައި އުޅޭކަމެވެ.

" ބުނެޔޭނުން ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށޭ ........" ޖޫލީގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ހީވަނީ ދެންމެދެންމެ ފައިބައިގަނެދާނެހެންނެވެ. ނަވީން ޖޫލީގެ ދަތްދޮޅީގައި ހިފާ އޭނާޔާ ދިމާލަށް އަނބުރާލިއެވެ. ޖޫލީ ލޮލުގައި ވިދަވިދާހުރި ކަރުނަތައް ފެނި ނަވީންގެ ހިތް ފުރުނީ ހަމްދަރުދީންނެވެ. ހަގީގަތް އެނގިގެން އެފަކީރުގެ އަމިއްލަ ނަފުސުކުށްވެރިކުރާނެވަރު ހިތަށް އަރާފައި ނަވީން ހިތުގައި ޖެހުނެވެ.

" ބަލާލަ މިއިނގިލިތަކަށް..........." ޖޫލީގެ އަތްތިލާގައި ހިފާ އުފުލާލަމުން ނަވީން ބުނިލިއެވެ. ޖޫލީ ފަރުވާތެރިކަމާއެކު އެއަތަށް ބަލާލިއެވެ. ދެން ނަވީނާއި ނަޒަރު ގުޅުވާލީ އެބުނި އެއްޗެއް ދޭހަ ނުވާ ފަދައިންނެވެ.

" ކީއްވެ އެކި އިނގިލި އެކިވަރީ..........؟ " ނަވީން ކޮށްލި ސުވާލުން ޖޫލީގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. ކުޑަކުދިން ކުރާކަހަލަ ސުވާލެއް ކުރީމައެވެ.

" ހުރިހާ މީހުންގެވެސް އެކި އިނގިލި އެކިވަރެއްނު.........." ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހިނި އައިސް އިނދެ ޖޫލީ ބުނެލީ އާދަޔާ ހިލާފު ޖޯޝެއްގައެވެ.

" އަހަރެން ބުނަން މިއުޅޭ އެއްޗަކީ ....... އެއްވެސް މީހެއްގެ ހުރިހާ ކަމެއް ފުރިހަމައެއް ނުވާނެޔޭ.............ބޭނުން ހުރިހާ ކަމެއް ފުރިހަމައެއް ނުވާނެ.................އެހެންނަމަ އެންމެންގެ ފަސް އިނގިލިވެސް އެއްވަރުވީސް......." ޖޫލީގެ ހިނިތުންވުން ފިލާ މޫނުމަތިން ސީރިޔަސްކަން ފެނުނެވެ. ޖޫލީ އަށް ވިސްނައިދޭން ނަވީން ކޮންމެފަދަ އުކުޅެއްވެސް ބޭނުން ކޮށްދާނެއެވެ.

" ޖޫލީ ބުނީ މުޅިއަކުން ގޯސްވާހަކައެއްނޫން........މީހެއްގެ ދަރިއަކުވެސް އަހަރެމެންނަށް ގެނެސްގެން ބެލިދާނެ އެއީ ވަރަށް ރަނގަޅުވެސް ކަމެއް............ﷲގެ ހެޔޮދަރުމަޔަށް އެދި ޟާލިޙު ދަރިއަކު ބޮޑުކޮށްފިނަމަ ޘަވާބުވެސް ލިބޭނޭކަމެއް.........." ޖޫލީ ހިތްހަމަޖައްސައިދޭން ނަވީން ވާހަކަދެއްކިއެވެ.
" ދެން ކީއްވެގެން ލަސްކުރަނީ.........؟ " ދެރަވެލާފައި ޖޫލީ ބުނެލިއެވެ. އެއީ ރަނގަޅުކަމެއްކަން ނަވީނަށް ފެންނައިރު އެކަން ނުކޮށް ލަސްކުރަންވީ ސަބަބެއް ޖޫލީއަކަށް ނުވިސްނުނެވެ.

" ކަމުގެ ބޮޑުކަމުން........... " ޖޫލީ ގެނެސް ނަވީންގެ ގައިގާ ލައްކޮށްލިއެވެ.

" އެކަމަކު ދެން ގިނަދުވަހެއް ނުކުރާނަން........." ޖޫލީގެ އަތްތިލާގައި ހިފާ ފިތާލަމުން ނަވީން ޔަގީންކޮށްދިނެވެ. ވާހަކައިގެ މައުލޫ ބަދަލުކޮށް ދެމީހުންވެސް ހިމޭން ގޮނޑުދޮށެއްގައި ހަނދުވަރުގެ ރިހިއަލީގެ އުފާވެރިކަން ހޯދަން އަވަސްވިއެވެ. އެފަދަ އުފާވެރި ހިތްގައިމު ކަމަކީ އަބަދުލިބޭނޭ ހިތްހަމަޖެހުމެއް ނޫންކަން އެނގި ދެމީހުންވެސް ވާހަކައިގެ މިސްރާބު ބަދަލުކޮށްލީއެވެ.

*****

ދުވަސްތައް އޭގެ ބާރު ދުވެލީގައި ބަދަލުވަމުންދެއެވެ. އެއްބައެއްގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ފުރިހަމަވަމުން ދިޔަޔަސް އަނެއް ބަޔަކު އިންތިޒާރު ކުރަމުންދަނީ އެމީހުންގެ އުއްމީދުތައް ފުރިހަމަވާނޭ ދުވަހަކަށެވެ.

ސަޖާ އާއި މާޙިލްގެ ދިރިއުޅުން ހީވެސް ކޮށްފައިނުވާހާ އުފާވެރިއެވެ. މާޙިލްގެ އެހީތެރިކަން ސަޖާއަށް ކޮންމެ ކަމެއްގައިވެސް ލިބެއެވެ. އަށްމަހަށް އެޅިއިރުވެސް ސަޖާ ހަށިގަނޑު ފަލައެއް ނޫނެވެ. ހަމައެކަނި ބަނޑުބޮޑުވެފައި ހުއްޓަސް މޫނުމަތިން ފުށްކަން ހުއްޓެވެ. އަލަތު ދަރިފުޅަށް ބަލިވެއިނުމުން މޫނުމަތިން ކުރިން ނުފެންނަ ރީތިކަމަކާއި ފުރިހަމަކަމެއް އެމޫނުގައިވިއެވެ.
އައްފާނާއި ޒީނިޔާ ދެމީހުން ޒަވާޖީ ޙަޔާތަށްފަހު ދިރިއުޅެނީ " ޗެރީ ގާރޑަން" ގައެވެ. ޒީނިޔާ އާ ކައިވެނިކޮށްގެން އައްފާން ހުރީ އެހެން ތަނެއްގައި އުޅޭށެވެ. އެހެނަސް އާދިލާ ރޮއެފައި އެދުނު އެދުމަކާ ދެކޮޅުހަދަން ނުކެރުނީއެވެ. އާދިލާ އެދޭ އެދުމަކަށް ވާތީ ޒީނިޔާވެސް ބޭނުންވީ އާދިލާގެ އެއެދުން ފުރިހަމަކޮށްދޭށެވެ. އެއްގެއެއްގައި އުޅުނަސް ނަސީރު ޒީނިޔާ އަކާ އަދި އައްފާނަކާވެސް ވާހަކައެއް ނުދައްކައެވެ. އައްފާންވެސް ބައްޕަޔާ ވާހަކައެއް ނުދައްކައެވެ. ހީވަނީ ދެބަފައިންވެސް އެމީހުންގެ ގޮތުގައި އެމީހަކު ތިބީހެންނެވެ. ރުޅިވެރިކަން ދޫކޮށްލާ ސުލްހަވާން އެއިން އެކަކުވެސް ބޭނުންނުވާ ކަހަލައެވެ.

އަށްމަހަށް އެޅިއިރު ލައިބާގެ ހަށިގަނޑަށްވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. ހަށިގަނޑުފަލަވެފައި ބަނޑުބޮޑުކަމުން ލައިބާއަށް ހިނގަންވެސް އުނދަގުލެވެ. ދެފަޔާއި މޫނު ދުޅަކަމުން މީހާގެ ސިފަޔަށް ބޮޑުބަދަލެއް އައިސްފައިވެއެވެ. ބޮޑުބަނޑާއިއެކު ލައިބާ ގުނަނީ އިންތިޒާރުގެ ފޮނިދުވަސްތަކެވެ. އެފޮނިމޭވާ ދެކޭ ހިތުން އިންތިޒާރުކުރާއިރު ލައިބާގެ ހިތުގައި އެތައް އެތަށް ޝުއޫރެއް ހިނގަމުންދެއެވެ. މިހާދުވަސްވެގެންދާއިރު ނަވީން ދެކޭ ހިތުންވެސް ހުރެވެނިއްޔެއްނޫނެވެ. އިންތިޒާރުގެ ދުވަސްތަކަކީ ކިހާ ދިގުދުވަސްތަކެއް ކަމެއް އެނގޭނީ އެފަދަ އިންތިޒާރެއް ކުރަން ޖެހުނު މީހަކަށެވެ.

ވިންދުތިޔެ ތިޔެ ހިތުގެ ދިރުން
ހިތް އަބަދު އަބަދު އެދެނީ ލޯތްބޭ
ކޮންމެ ރެޔަކު ތިހަނދާންއާވޭ
ހިތުގައިވަނީ މި ތިޔަ ތާޒާ ލޯތްބޭ
އެންމެ އެދޭ ދެން ދޭށެ އުފާ
ލޭގާ މިނިޝާންތައް ވެޔޭ ފެވިފާ
ދޫކޮށްނުދޭ ކައިރީގައިވޭ މަގޭ
ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ
ޖާނާމަގޭ ތަޤްދީރޭ ތީއިނގޭ
ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ

ނިދަން އެނދުގައި އޮއްވާ އެއަޑުން ލައިބާގެ ނިދިވެސް ފިލައިގެން ދިޔައެވެ. ރެޑިޔޯއިން އިވެމުންދިޔައީ ރީތި ދިވެހި ލަވައެކެވެ. ހީވަނީ ލައިބާ ހިތުގައި އުތުރި އަރާ ޝުއޫރުތައް އޭނާ ކުރިމައްޗަށް ބަންޑުންކޮއްލިހެންނެވެ. އޭގެން ކޮންމެ ބަހެއް އޭނާގެ ދިރިއުޅުމާވީ ގުޅިލާމެހިފައެވެ. ލައިބާގެ ހިތުގެ އެންމެ ހިމަނާރަށްވެސް އޭގެ އަސަރު ފޯރައްޖެއެވެ. ދެލޮލުން ކަރުނަ އޮހިގަންނާކަށް މާގިނައިރުތަކެއް ބޭނުމެއްނުވިއެވެ. ދެލޯ ފުރިގެން ބަނޑުންވެއްޖެއެވެ.

ލޮލުން ފޭބި ކަރުނަތައް އަވަސް އަވަހަށް ފޮހެލީ ކޮޓަރިއަށްވަން ބަޝީރާ ފެނިފައެވެ. ފަނޑުފަނޑު ރީނދޫ އަލީގައިވެސް ލައިބާ ރޯކަން އެމައިމީހާއަށް ސިއްރެއްނުވިއެވެ. ފައްޖަހައިގެން ގެނައި އަންނައުނުތައް މޭޒުމައްޗަށް ދޫކޮށްލާފައި ބަޝީރާ އިށިއިނީ ލައިބާގެ މިޔަދޮށުގައެވެ. އަތުގައި ފިރުމާލިއެވެ.

" ކޮންކަމަކާ ތި ރޮނީ............" ބަޝީރާއަށް ދައްކަން ހަމަޖެހޭގޮތް ދެއްކިނަމަވެސް ހުރިހާ ކަމެއް ފަޅާއަރައިފިކަން އެނގުނީ ބަޝީރާގެ އެޖުމްލައިންނެވެ.

" ނުރޮން މަންމާ........" މަންމައަށް ޖަވާބެއްދޭން އިރުކޮޅެއް ލައިބާނެގިއެވެ. ވިސްނާލާފައި ޖަވާބު ދިނެވެ

" އެހެންވާނީ ކިހިނެތް މަންމަ ދުށީމޭ ލައިބާ ލޯފޮހެލިތަން..........." ބަޝީރާ ދެރަވެފައި ބުނެލިއެވެ. ބުނެލި ރާގުންވެސް ލައިބާ އާމެދު ފިކުރުކުރާވަރު ހާމަވެއެވެ.

" ބުނަންތަ ވީގޮތް..........." ލައިބާ އެއް އަރިއަކަށް އަރިވެލާފައި ވަރަށް އުނދަގުލުން ތެދުވެ އެނދުގައި އިށިއިނެވެ. ވީގޮތް އޮޅުން ފިލުވާހިތުން ބަޝީރާ ބަލާލިއިރު ލައިބާ މިއޮއް ތެދުވަނީއެވެ.

" މިހާރު ކީއްކުރަން ތިތެދުވަނީ............." ތެދުވަން އުނދަގުވާހަކަ ބުނާތީ ލައިބާ ތެދުވަންތަން ފެނި ބަޝީރާ ބުނެލިއެވެ.

" ރުއީ ކީއްވެކަން ބުނަން ވެގެން..............ދެންމެ ރެޑިޔޮލުން އައި ލަވަ އަޑުއަހާފަ.............." ވަރަށް ސީރިޔަސްވެފައި ލައިބާ ބުނެލުމުން ބަޝީރާ ޖަހާލީ ހިނގަނޑެކެވެ.

" ސާބަސް ހަމަ މިހާރު ތިނޫން ވަރެއްވޭތަ ލަވައެއް އަޑުއިވުނަސް ރޮވިފަ........ރެޑިޔޮލުން ޑުރާމާއެއް ވާހަކައެއް އަޑުއިވުނަސް ރޮވިފަ............މަންމަ ހިތަން އަރާ ލައިބާއަށް ކުދިން ލިބުނީމަ އެކުދިން ރޯންފަށާއިރަށް ލައިބާ ރޯނީބާއޭ..........." ބަޝީރާ ނިކަން ޖޯޝުގައި ބުނެލިއިރު އޭނާ އިނީ ހެވިފައެވެ.

" މަންމަ ތިހުރީނުން އަހަރެން ހުއްޓާލައްވަން.............." ލައިބާ ވަކި ދެރައެއް ނުވިއެވެ.

" ވަރަށް ހިތްވަރު ގަދަވާންވާނެ............އެހާމެ ކެތްތެރިވެސްވާންވާނެ ދަރިއަކު ބަލާ ބޮޑުކުރުމަކީ ކުޑަ ޒިންމާއެއްނޫން.......... އެކަކަށް އުފުލޭވަރަށް ވުރެން ބޮޑު ޒިންމާއެއް .........މަންމަޔާ ބައްޕަގެ ހިއްސާ ދަރިންތަރުބިއްޔަތު ކުރުމުގައި ލިބެންވާނެ........" ލައިބާ ކަޅިޖަހާނުލާ ބަލަންއިނީ ބަޝީރާގެ މޫނަށެވެ. މަންމަގެ ނަސޭހަތް އަބަދުވެސް ލައިބާ އަޑުއަހަނީ ޝައުޤުވެރިކަމާއެކުއެވެ. އެއްވެސް ފޫހިކަމެއްނެތި އަޑުއަހާ ހިތުންނެވެ. އެމަންމަ ފިޔަވައި ލައިބާއަށް ހެޔޮ ނަސޭހަތެއް ދޭނެ އިތުރު މީހަކު ނެތެވެ.

" ބައްޕަޔަކާ ނުލާ ދަރިއަކު ބޮޑުކުރުމަކީ ފަސޭހަކަމެއް ނޫން...........އެއީ ދަތި އުނދަގު ދިރިއުޅުމެއް.........." އެބަސްތައް ބަޝީރާގެ އަނގައިން ނިކުތީ ބޭއިޙްތިޔާރުގައެވެ. މާޒީގެ އެހިތްދަތިދުވަސްތައް އަނެއްކާވެސް ހީވީ އޭނާގެ ހަފަރާތުން ވަށާލިހެންނެވެ. އެދުވަސްތައް ހަނދާންނައްތާލެވޭނެ ގޮތެއް ބަޝީރާއަކަށް ނެތެވެ. ކިތަންމެ ހަނދާން ނައްތާލަން ބޭނުންވިޔަސް އެކަން ހީވަނީ އޭނާއަށް އަބަދު ހަނދާންކޮށްދޭހެންނެވެ. ކުރެވުނު ފާފައަށް ތައުބާވެގެން ހުއްޓަސް އަމިއްލަ ނަފުސް އަބަދުވެސް އެހިތާމަތަކުން މިންޖުވެވެން ނެތް ކަހަލައެވެ.
" ވިހާ ދުވަސް ކައިރިވި ކައިރިވީވީހެން ވަރަށް ހާސްވޭ.............." ލައިބާ ހިތުގައިވި ބިރުވެރިކަން މަންމަޔާ ހިއްސާކޮށްލިއެވެ. ވަގުތުގެ ގޮތުން ބަޝީރާ މޫޑްބަދަލުކޮށްލަންވެސް މެއެވެ.

" ނަވީން ބުނި ލައިބާ ވިހަން މާލެ ގެންދާ ވާޙަކަ........." އިސްޖަހާލައިގެން އިނދެ މޮޅިވެރި ރާގަކަށް ބަޝީރާ ބުނެލިއެވެ.

" އެނޫން ގޮތެއް ނެތެއްނު މަންމާ....! މިރަށުގަ ހޮސްޕިޓަލްގަ ފެންވަރު ދެރަ ވާހަކަ އެންމެން އެކިޔަނީ އެންމެ ފަހުން ސިޒޭރިއަން ހެދިމީހާވެސް ޖެހުނީ މާލެގެންދަން........ދެވޭނެ ފަރުވާއެއް މިތާ ނެތީތި ............" ލައިބާގެ މޫނަށް ބަޝީރާ ވަރަށް ފުންނަޒަރަކުން ބަލާލިއެވެ. އެއީ އޭނާއަށްވެސް އެނގޭ ތެދު ހަގީގަތެވެ. އެކަމަކު ލައިބާ ވިހަން މާލެދަންޏާ ކިތަންމެ ބޭނުން ނޫނަސް ބަޝީރާއަށް ޖެހޭނީ މާލެދާށެވެ. ދުނިޔޭގެ ލަދައްޓަކާވެސް އެކަން އޭނާއަށް ކުރަން މަޖްބޫރުވާނެއެވެ. ބަޝީރާ އެނދުންތެދުވެތެވެ. މޭޒުމަތީގައި ހުރި ހުސްޖަގު ހިފައިގެން އޭނާ ކޮޓަރިން ނިކުތެވެ. ބޭނުންވީ އެކަނިވެލާށެވެ. ސިކުނޑިއަށް ބަރުވެފައިވުމުން އެކަނި އިނދެ ވިސްނާލާށެވެ. ރޯލާށެވެ. ބައެއްފަހަރު އެކަންކަމުންވެސް ސިކުނޑިއަށް ލުއި ލިބި ހިތްހަމަޖެހުން ލިބިދެއެވެ.

*****

ލައިބާމެން ރަށަށް ދިއުމުގެ ކުރިން ނަވީން ބޭނުންވީ ސަޖާގެ ހާލު ބަލާލަން ދިއުމަށެވެ. ޖޫލީ އާ އެކު އެގެއަށް ދިޔައީ މެންދުރުވާން ދާދި ކައިރިވެފައި ހުއްޓައެވެ. ދޮރުގައި ހިފާލިއިރު ދޮރު ހުރީ ތަޅުލައިފައެވެ. ޑޯބެލް އަޅާލުމުން އެތެރެއިން ދޮރުހުޅުވީ މާހިލްއެވެ. މާޙިލް ހުރިގޮތްފެނި ޖޫލީ އާއި ނަވީން އެކަކު އަނެއްކަކު ބަލާލާފައި ފެށީ ހޭށެވެ. އެއް އަތުގައި ދޭފަތެއް އޮތްއިރު އޭޕްރޯނެއް އަޅާފައި ހުރުމުން އޭނާ އެއައީ އުނދުން ކައިރީ ހުރެފައިކަން އެނގެއެވެ.

" ތީ ކޮންކަމެއް............" ހިނިއައިސް ނަވީން ބުނެލިއެވެ. ތަންކޮޅެއް އެތެރެއަށްވަންތަނުން ކާމޭޒު ދޮށުގައި އިން ސަޖާ ފެނުނެވެ. ސަޖާ ބޯއަރިކޮށްގެން ސަޖާ ދޮރާދިމާލަށް ބަލަންއިނީ ބޭރުން އައިބައެއް ބެލުމުގެ ބޭނުމުގައެވެ.

" މީ އަހަރެންގެ އަންހެނުންނަށް ޕާސްތާ ހަދައިދެނިއްޔޭނުން.............." މާޙިލް އުނދުންކައިރިއަށްދަމުން ވާހަކަދެއްކިއެވެ. ސަޖާގެ ތުންފަތްމައްޗަށް ހިނިތުންވެމެއް ވެރިވީ މާޙިލް އަންހެނުންނޭ ބުނުމުން އެލިބުނު ހިތްހަމަޖެހުމުގައެވެ. ދެމީހުންގެ ދެމެދުގައި ކުރިން އޮތް ދުރުކަން އިންތިހާއަށް އައީ ކައިރިވަމުންނެވެ. ޖޫލީވެސް ހިނިއައިސް ހުރެ ސަޖާ ގައިގާ ބައްދާލިއެވެ. ނަވީން އައިސް މަޑުކޮށްލީ އުނދުންކައިރީގައެވެ. މާހިލް ހަދާ ނުހަދާއެއް ބާލާލާށެވެ.

" މީރުވާނެ؟ " ތެލީގެ ތެރެއަށް ބަލަހައްޓައިގެން ހުރެ ނަވީން އަހާލިއެވެ.

" އާން......" މަސްގަނޑުތައްޔާރު ކުރަން ހުރެފައި މާޙިލް ޖަވާބުދިނެވެ.

" ތެދެއް..........." ޔަގީން ކުރާ ފަދައިން ނަވީން ބަލާލީ ސަޖާއާ ދިމާލަށެވެ.

" އާނއެކޭ........މިއަދު ތިމީހުންވެސް ރަހަބަލާފަ ދާންވާނީ...........މިހާރު ސަޖާ ޕާސްތާއެއް ނުކާނެ އަހަރެންލައްވާ ހަދައިގެން ނޫނީދޯ........" މާހިލް ސަޖާއަށް ދޯދެމުން ބުނެލިއެވެ. ނަވީން ހުރީ އެމީހުންގެ ގުޅުން ރަނގަޅުވީތީ އުފާވެފައެވެ.

" ކޮބާ މަންމަ.........." ނަވީން އެނބުރިއައިސް ސަޖާމެން ކައިރީ ހުއްޓެމުން އަހާލީ ސަރުމީލާ ފެންނަންނެތީމައެވެ.

" މިސިސް ނުބުނޭތަ............" ޖޫލީއަށް ބަލާލަމުން ސަޖާ ބުނެލިއެވެ. ޖޫލީ ހަނދާންނެތި ނުބުނެވޭކަން އެނގުނީ އެމީހުން އެވާހަކަ ދެއްކީމައެވެ.

" މަންމަޔާ ބައްޕަވީ މާފުއްޓަށްގޮސް ....... ތިންދުވަހަށް.......މިއަދު ހެނދުނު ފުރީ.........." ސަޖާ ޖަވާބުދިނެވެ.

" ކީއްކުރަން މާފުއްޓަށް............" ނަވީން ހިސާބަކަށް ހައިރާންވެފައި ބުނެލިއެވެ.

" އެމީހުން އެދިޔައީ ހަނީމޫނަށް....." ސަޖާ އެހެން ބުނުމުން ޖޫލީ ހީގަތެވެ. ސަޖާއަށް ސަމާސާކުރާކަށް ވަކި މީހެއް ނޯންނާނެއެވެ.

" އެދޮގެއް މަންމަ ރައްޓެއްސެއްގެ މާމަ ކުއްޖަކު ހިތާނުކުރާތީ އެމީހުންގެ އިންވިޓޭޝަންއަކަށް އެދިޔައީ........." ސަޖާ ކޮނޑުގައި ޖަހާލަމުން ޖޫލީ ޖަވާބުދިނެވެ.

އެންމެން އެއްސުފުރާމަތިން ކާންތިބިއިރު ހުއްޓާނުލާ ކޮންމެ މީހަކުވެސް ވާހަކަދެއްކިއެވެ. އެންމެންވެސް ތިބީ ހިތްހަމަޖެހިފައެވެ. އާއިލީ ގުޅުމުގެ ލޯތްބާ ބަދަހިކަން އެފަދަ ކޮންމެ ވަގުތެއްގައިވެސް މަދުންނަމަވެސް ފެނިގެންދެއެވެ. އެކުވެރިވެ އެންމެން ގުޅިގެން އުޅުމުން ލިބޭ ހިތްހަމަޖެހުން ކިތަންމެ ރަނގަޅަކަށްވެސް އެމީހުންނަށް އެކުޑަ ވަގުތުކޮޅުވެސް އިޙްސާސްވާނެއެވެ.

ކައިނިމިގެން ސަޖާ އާއި ޖޫލީ ވަނީ ކޮޓަރިއަށެވެ. މާހިލާއި ނަވީން ސިޓިންގރޫމްގައި އެކަނިވީއެވެ. އެފަދަ ފުރުސަތަކަށް ބަލަބާލާ ހުރީ ނަވީނެވެ. މާހިލާ ވާޙަކަ ދައްކާލާ ހިތުންނެވެ.

" އަހަރެން ވަރަށް އުފާވެއްޖެ........." އިސްޖަހާލައިގެން އިންއިރުވެސް ނަވީންގެ ތުންފަތްމަތީގައިވީ ހިނިތުންވުމެވެ. މާހިލް ނަވީނަށް ބަލާލީ އެބުނި އެއްޗެއް ދޭހާނުވާ ފަދަޔަކުންނެވެ.

" ސަޖާ އެކު ތިދެމީހުން ހެޕީކޮށް އުޅޭތަން ފެނިފަ.......ވަރަށް އުފާވެއްޖެ " މާޙިލްގެ ކޮނޑުގައި ޖަހާލަމުން ނަވީން ހިނިތުންވެލިއެވެ. މާހިލްވެސް ހިނިތުންވެލިއެވެ.

" ތި ނިންމުމަކީ ހަމަ ބޭނުންވެގެން ނިންމި ނިންމުމެއްތަ؟ ނޫނީ އާޝާ އާ ގުޅުން އަދިވެސް ކުރިއަށް ގެންދަނީތަ؟ " ވަގުތުން މާޙިލްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. މާހިލަށްވީގޮތް ފެނި ނަވީން ހިންދެމިލިއެވެ. ނަވީނަށް ނުބަލަން އިސްޖަހާލީ ނިކަން އަވަހަށެވެ.

" އޭނަޔާ އަހަންނާ އެއްވެސް ގުޅުމެއްދެން ނޯންނާނެ........." މާޙިލް ބުނެލި ގޮތުން ނަވީންގެ ނިތަށްރޫގިނަވިއެވެ. ވިސްނާލިއެވެ. އެހެނަސް ޖަވާބެއް ނުލިބުނެވެ.

" ރިއަލީ.........؟" ނަވީނަށް އެވާޙަކަ ގަބޫލުކުރަން ދަތިވަނީއެވެ. އެދެމީހުން ސްކޫލް ދައުރުގައި އުޅުނީ ނިކަން ލޯބިންނެވެ. ދެމީހުން ވަކިކުރީ އާޝާގެ ބައްޕައެވެ. އެކަން ނަވީނަށް ރަނގަޅަށް އެނގެއެވެ. ފަހުން ދެމީހުން ރައްޓެހިވެ ކައިވެންޏާ ހަމައަށްދާން ތިބީ ކެތްމަދުވެފައެވެ. މާޙިލް އެއްޗެއް ބުނޭތޯ އޭނަޔަށް ބަލައިގެން އިންދާ މާޙިލް ތެދުވެގެންގޮސް ހުއްޓުނީ ކުޑަދޮރުކައިރީގައެވެ.

" ބުނަން މިޖެހެނީ ވަރަށް އެހެން ކަހަލަ ވާޙަކައެއް........ނަވީނަށް ނޭގެ ގަބޫލުކުރެވޭނެ ކަމެއްވެސް..............." މާހިލްގެ ހިމޭންކަން ނަވީން ޝައުޤުވެރިކުރިވީ އެވާހަކައެއް އޮޅުން ފިލުވާށެވެ.

" އާޝާ އެއީ އަހަރެން..... އަހަރެން ބައްޕަގެ ދަ....ދަރިއެއް............"

" ވަޓް................" ނަވީނަށް ހަޤީގަތުގައިވެސް ގަބޫލުކުރަން އުދަނގޫވިއެވެ.

" އެހެންވާނީ ކިހިނެތް........ އެއީ އަފީފްގެ ދަރިއެއްނު ............." ނަވީނަށް ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ.

" ކާކު ދެއްކި ދެކޮޅު ނުޖެހޭ ވާހަކައެއްތީ..........." ނަވީނަށް އެވާޙަކަ ގަބޫލެއް ނުކުރެވުނެވެ.

" އަފީފު ބުނީ ........." މާޙިލް އެނބުރި ސޯފާޔާ ދިމާލަށް އަންނަމުން ވާހަކަދެއްކިއެވެ. ދެލޮލުގައި ރަތްކަމެއް ހުއްޓެވެ. ކުރިން ފެނުނު ތާޒާކަމެއް މިހާރު އެމޫނުމަތިން ނުފެނެއެވެ.
" އަހަރެން ބައްޕަ އެގޭގަ މަސައްކަތް ކުރަން އުޅުނު އިރު އާޝާގެ މަންމަޔާ އުޅުނީ ރައްޓެހިވެގެންނޯ......... އަފީފަކީ ދަރިން ލިބޭ މީހެއް ނޫނޯ.........ދެން ނޭގެ އަހަރެން ބޯ ރަނގަޅަށް ގޮވައިފި........." މާޙިލް ސޯފާގައި އިށިއިނެވެ.

" އަފީފުވެސް ހިޔެއް ނުވޭދޯ އެވަރު ކަމެއްގަ ދޮގު ހަދާފާނެއެކޭ............. " އަފީފުގެ ވާހަކަ މާހިލް ގަބޫލުކުރެއެވެ.

" ދެން ކީއްވެ އާޝާ އަފީފް ކިޔަނީ " ނަވީން ހިތުގައި އުފެދުނީ ސުވާލެވެ.

" އަފީފުގެ ނަން ފަހަތަށް ލެވެއްނު އަފީފުގެ ކުއްޖެއް ކަމަށް ގަބޫލުކުރަންޏާ............" މާޙިލް ދޫކޮށްލީ ފުންނޭވާއެކެވެ.

" އަފީފުގެ އަންހެނުން އެހާ ބޮޑު ފާފައެއް ކުރީމަވެސް ............" ނަވީން ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުކުރިއެވެ. ދެފަރާތަށް ބޯހޫރާލެވުނީ އެކަމާ ވިސްނާލަމުންނެވެ.

" އެކަމާދެން އަޅާނުލާ ............... ސަޖާ އެކު ރަނގަޅަށް އުޅުނީމަ ހުންނާނީ ރަނގަޅަށް.........." މާހިލްގެ ބުރަކަށީ ޖަހާލަމުން ނަވީން ދިނީ ހިތްވަރެވެ. ގަޑި ބަލާލާފައި ނަވީން އުޅުނީ ދާށެވެ. ފުރުމުގެ ކުރިން ޖައްސާލުމުގެ ވެސް ބޭނުމުގައެވެ.

" އޭ......މަވަރަށް އެހެން ކަހަލަ ވާޙަކައެއް އަޑުއަހާފިން............" ތެދުވެ ތެދުވެ ހުރި ނަވީން އަނެއްކާވެސް ސޯފާގައި އިށިއިނެވެ. ސުވާލުން ފުރިގެންވީ ނަޒަރަކުން ބަލަހައްޓައިގެން އިނެވެ.

" އަނެއްކާ ކޮންވާހަކައެއް..........އަހަންނާ ބެހޭ ގޮތުންތަ ؟ " ނަވީން ކުޑަކޮން ހާސްވާގޮތްވިއެވެ.

" ތި މީހުންނަށް ކުދިން ނުލިބޭ ވާހަކަ .............."

" އެތެދު ވާހަކައެއްތަ ؟ " ނަވީން ވިސްނާލިއެވެ. މާޙިލަށް އެކަން ނޭގޭކަން އެނގުނީ އޭނާ އެސުވާލުކުރީމައެވެ. ނަވީން ހީކުރީ ސަޖާ ފަރާތުން އެކަން އޮންނާނީ އެނގިފައި ކަމަށެވެ.

" ހޫމް..........." ނަވީން ބޯޖަހާލިއެވެ. އިތުރަށް އެވާޙަކަދައްކަން ނަވީނަށް ފަސޭހައެއް ނުވިއެވެ. އެވާހަކަދައްކާނީ ފަހުންކަމަށް ބުނެލިއިރު ޖޫލީ ސިޑިން ފައިބައިގެން އަންނަނީއެވެ. އެހެންވެ މާހިލަށްވެސް އަހާކަށް ނުކެރުނެވެ. ޖޫލީގެ ފަހަތުން އައިސް ސަޖާ އިށިއިނީ ސޯފާގައެވެ. ނަވީންމެން އެގެއިން ނިކުމެގެން ދިއުމުން ސަޖާ މާހިލާ ކައިރިވެލިއެވެ.

" ވަރަށް ވަރަކުން އެޕޮއިންޓްމެންޓް ހަމަޖެހިއްޖެ..........ހަވީރު ފަސްގަޑިބަޔަށް " ސަޖާ ވާހަކަދެއްކީ ހިސާބަކަށް ހިތްހަމަ ނުޖެހި ހުރެއެވެ. ސަޖާ އެޕޮއިންޓްމެންޓު ނުލިބިގެން އުޅޭތާ ދެތިންދުވަސްވަރު ވެދާނެއެވެ.

" އެހާ އުނދަގޫތަ އެޕޮއިންޓްމެންޓު ހޯދަންވެސް" ސަޖާގެ ކޮނޑުގައި އަތްއަޅުވާ މާހިލާ ބޮޑަށް ކައިރިކޮށްލިއެވެ.

" ހޫމް........ ޑރ. އާޝާއަށޭ މިހާރު ހުރިހާ މާބަނޑުމީހުންވެސް ދައްކަން ބޭނުންވަނީ.........." ސަޖާ ދުލުން އާޝާގެ ނަންއިވުމުން މާޙިލަށް ހީވީ މީހަކު އޭނާގެ މޫނުމަތީ ބޮނޑިއެއް އެޅިހެންނެވެ. ސަޖާގެ ކޮނޑުން އަތްދޫކޮށްލާ އޭނާގެ ދެއަތް ޖޯޑުކޮށްލިއެވެ.

" އާ.......އާޝާއަށްތަ ސަޖާވެސް ދައްކަނީ..........." މާހިލްގެ އަޑުގައި އަޅައަޅައިގަންނަ ގޮތެއް ހުއްޓެވެ. ސަޖާޔާއެކު އާޝާ ކުރިމައްޗަށް އަރާނެ ހިތްވަރެއް މާޙިލްގެ ނެތެވެ.
" ހޫމް....." ސަޖާ ހިނިތުންވެލީ އުފަލުން އިނދެއެވެ.

" ފައިވް ތާރޓީއަށް ދެވޭނެދޯ .........." ސަޖާ އަނެއްކާވެސް އެހިއެވެ.

" ސަޖާ ދާންވިޔޭނުން ޖޫލީ އެކީ..........." ސަޖާ ބަލަހައްޓައިން އިނުމުން މާހިލް މޫނު އަނބުރާލީ އޭނަޔަށް ނުދެއްކުމަށެވެ. މާހިލް މޫނުގައިވި ކުލަވަރުން އޭނާޔަށް އައިސްފައިވާ ބަދަލު ފާހަގަވެސް ވެދާނެތީއެވެ.

" މާޙިލަކަށް ނުދެވޭނެތަ ހަމަ..........އެކަމަކު ކުރިން ބުނި ކޮންމެ ގަޑިޔަކުވެސް ދެވޭނޭ........" ސަޖާ ކުސްތަޅާލީ ތުއްތުކުއްޖަކު ފަދައިންނެވެ.

" މާހިލަށް ނުދެވެންޏާ އަހަރެން ގަޑި ބަދަލުކުރާނީ........މާހިލަށް ދެވޭ ގަޑިއަކު ދާނީ.........އަހަރެން ބޭނުމީ ދެމީހުން އެކީދާން......." އެކަމާ ބެހޭގޮތުން ސަޖާ ހުއްޓާ ނުލާ ވާހަކަދެއްކުމުން މާހިލްގެ ބޮލަށް އުނދަގުވިއެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް ސަޖާ އޭނަ ގެންދަން އުޅޭތީ އެކަމާ ކަންބޮޑުވިއެވެ.

" އަހަންނަކަށް ނުދެވޭނެ.........އަހަރެން ނުދާނަން..........އެ ކުލިނިކަށް ނުދާނަން" މާހިލްގެ ދުލުން ބޭރުވީ އޭނާ ހިތުގައިވި ބަސްތަކެވެ. ސަޖާއަށް އޭނާ ދެއްކި ވާހަކަ މެދު ކަނޑާލައި މާހިލާއި ދިމާލަށް ބަލަންއިނީ ހައިރާންވެއެވެ. ހިތްހަމަނުޖެހިފައި މާހިލް އެހެން ބުނެލުމުން ސަޖާއަށް ކުރެވުނީ ވަރަށް އެހެން ކަހަލަ އިޙްސާސެކެވެ. އެމީހަކު އެހާ އުއްމީދުކޮށްގެން ހުރި ކަމަކަށް ނާއުއްމީދުވާން ބޭނުންވާނީ ފަހެ ކާކު ހެއްޔެވެ؟

" އެކީއްވެ ؟ " ސަބަބު އޮޅުން ފިލުވުމަށް ސުވާލުކޮށްލި އިރު ސަޖާގެ ދެލޯ ފެންކަޅިވެއްޖެއެވެ. ސޯފާއިން ތެދުވެ މާހިލް އަވަސްއަވަހަށް ބޭނުންވީ ސަޖާ ފެންނަ ހިސާބުން ދުރަށްދާށެވެ. ހަގީގަތް ކިޔާދޭވަރަށްވުރެން މާޙިލް ބަލިކަށްޓެވެ. އެހެނަސް އެއަށްވުރެން ކުރިން ސަޖާ އިންތަނުން ތެދުވެ މާހިލްގެ އަތުގައި ހިފެހެއްޓިއެވެ.

" ބައެއް ކަންކަމުގެ ސަބަބު އެނގުނީމަށްވުރެން ނޭނގުން ރަނގަޅުވާނީ.........." ހުރި ފިޔަވަޅުމަތީ ހުރެ މާޙިލް ބުނެލިއެވެ. މާހިލްގެ މޫނުމަތީގައި ހުރި ހާސްކަން ސަޖާގެ ހިތުގައި ބިރުވެރިކަން އުފައްދާލިއެވެ.

" އަހަންނަށް އެނގޭ ސަޖާވެސް އަހަރެން އެކީ ޑޮކްޓަރަށް ދައްކަންދާން ބޭނުންވާނެކަން.........ތީ އަހަރެންގެވެސް ޒިންމާއެއްކަން.........އެކަމަކު......." މާޙިލް އިސްޖަހާލީ ކުރިމައްޗަށް އައިސް ހުއްޓުނު ސަޖާގެ މޫނަށް ބަލާލާނެ ހިތްވަރު ނެތީމައެވެ. އޭނާޔާ ކުރިމަތިލާން ނުކެރިގެންނެވެ. ލަދުވެތިކަމާއި ފިނޑިކަމުންވެސްމެއެވެ.

" ބައެއްކަންކަމުގެ ހަޤީގަތް ފޮރުވިވަރަކަށް ލިބޭނީ އަނިޔާ.........ޒަޙަމް........ހަގީގަތް އެނގިގެން ބައެއްކަންކަމުގަ ލިބޭނީ ހިތްހަމަޖެހުން އުފަވެރިކަމާއި ލޯބި.......އަހަރެންމީ މާޙިލްގެ އަނބިމީހާ އަހަރެން ގަބޫލުކުރާ ގޮތުގައި ދެމީހުން ދެމެދު ހާމަކުރެވެންނެތް ސިއްރެއް އޮވެގެން ނުވާނެ........" ސަޖާ ވާހަކަ ދެއްކީ އަތުގެ އިނގިލިތަކާ ކުޅެން ހުރެގެންނެވެ. ކަންބޮޑުވެފައިވާކަން ސަޖާގެ އަޑުން ހެކިދެއެވެ.

" ކުރިންވެސް މާޙިލް ނުބުނޭ ޑޮކްޓަރަށް ނުދެވޭނެޔެކޭ..................އަނެއްކާ އާ...ޝާ........." ވިސްނާލަން ހުރެފައި ސަޖާ ބުނެލިއެވެ. ހިތަށް އެރި އެއްޗަކުން ސަޖާ ހިތް ބިރުގަތީއެވެ. މާޙިލް ދެލޯ ބޮޑުކޮށްގެން ސަޖާއަށް ބަލަން ހުރިގޮތުން ސަޖާއަށް ހީވީ އޭނާއަށް ހީކުރެވުނީ ހަމަ ރަނގަޅަށް ހެންނެވެ.

" އާޝާތަ އެމީހަކީ............." ސަޖާގެ ހިތުގެ ހަމަޖެހުންވީ ނަގާލާފައެވެ. ދޫވެސް ހިމޭނުން ނުބޭއްވުނެވެ.

" ތިބުނީ......" ދެކޮނޑުއަރުވާލަމުން މާޙިލް އެނގޭކަމަށް ހަދާކަށް ބޭނުމެއްނުވިއެވެ.

" އެއީތަ އަނެއްކާ މާހިލްގެ ލޯބިވެރިޔާ ..............." މާހިލް ސަޖާގެ އަނގަމަތީ އަތް އަޅާލަމުން ބޯހޫރާލީ ތިވާހަކަ ނުދައްކާށޭ ބުނާފަދައިންނެވެ. މާހިލް ބިރުގަނެފައިވާވަރުން ދާހިތްލާ ފޯވަނީއެވެ. މާހިލަށް ވީގޮތްފެނި ސަޖާ ދެލޯ ފުރުނީ ކަރުނައިންނެވެ. މާހިލް ސަޖާގެ އަތުގައި ހިފަމުން ބޯޖަހާލިއެވެ.

" ހޫމް...........އެއީ އެމީހަކީ........" ސަޖާއަށް ތުންފަތުގައި ދަތްއަޅާލެވުނީ އަޑުބޭރުވެދާނެތީއެވެ. އޭރު ދެލޮލުން ފައިބަމުންދާ ކަރުނައިން މީހާގެ ލޯވަނީ ފުސްވެފައެވެ. މާހިލްގެ މޫނަށް ބަލާލަންވެސް ސަޖާއަކަށް ނުކެރުނެވެ. މާހިލް އެނބުރި ސަޖާ ކައިރިއަށް އަޔަސް އެގުޅުން ކުރިއަށް ނުގެންދާކަމެއް އޭނާއަކަށް ނޭގެއެވެ. ކައިވެނިނުކުރާކަމެއްވެސް ނޭގެއެވެ. މާހިލް އެނބުރި އައުމުންވެސް އެކަމާ ބެހޭގޮތުން ސަޖާއަށް ސުވާލުކޮށްލާކަށް ނުކެރުނެވެ.

" އަދިވެސް ތިދެމީހުން އުޅެނީ ރައްޓެހިވެގެންތަ ނޫނީ އާޝާއާ ކައިވެނިކުރީތަ؟ " ސަޖާ މާހިލަށް ފުރަގަސްދެމުން އަހާލިއެވެ. އިސްޖަހާއިގެން ހުރި މާހިލްގެ ނަޒަރު ހުއްޓުނީ ސަޖާއަށެވެ. އެއަޑުގައިވި ރިހުން އޭނާގެ ހިތުގެ އެންމެ ފުނަށް ފޯރައްޖެއެވެ.

" ނޫން ........ނޫން.........." ފުރަގަހުން ސަޖާ ގައިގާ ބައްދާލިއިރު މާހިލްގެ ދެލޯ ފުރެގެން ބަންޑުންވެއްޖެއެވެ. އަރުބެދިގެން މާޙިލަކަށް ވާހަކައެއް ނުދެއްކުނެވެ.

ސަޖާ ގައިގާ ބައްދައިގެންހުރެ ރޮމުން ގެންދިޔައިރު ސަޖާވެސް ރޮނީއެވެ. ހީވަނީ ދެމީހުންތެރެއިން އެކަކުވެސް ހުއްޓާލަން ބޭނުން ނުވާހެންނެވެ. ސަޖާ ރޮނީ މާޙިލް އާޝާދެކެ ލޯބިވާނެވަރު ހިތަށް އަރާފައެވެ. މާޙިލް ރޮނީ އާޝާ ދެކެ ލޯބިވެވުނީތީއެވެ. އެތަށް އިރަކަށް ދެމިގެންދިޔަ އެވަގުތު ކޮޅަށްފަހު މާޙިލް ހިތްވަރުކޮށްފައި އެވާޙަކަ ކިޔައިދިނެވެ. ސަޖާ ހުއްޓުން އަރާފައި އެތަށް އިރަކު އިނީ ގަބޫލުނުކުރެވިފައެވެ. އެކަމަކު މާތްﷲގެ ކިބަޔަށް ސަޖާ ޝުކުރުކުރީ ހަމައެކަނި އޭނާގެ މީހެއްގެ ގޮތުގައި މާޙިލް ލިބުނީތީއެވެ. ސަޖާ މާޙިލަށް ހިތްވަރުދިނެވެ. އެކަން ހަނދާންނެތޭ ވަރަށް ލޯބިދޭން އޭނާ ހުރީ އަޒުމްކަނޑައަޅައިގެންނެވެ.

******

ބުލްބުލާގޭގައި ހަދަން ފަށާފައިވާ އިމާރާތްވެސް ހުރީ ގާތްގަނޑަކަށް ނިމިފައެވެ. ފިހާރައަށް ބޭނުންވާ މުދާ ލައި ފިހާރަވެސް ހުރީ ހުޅުވޭ ވަރަށް ތައްޔާރުވެފައެވެ. ލައިބާމެން އުޅެން ހެދި ބައިވެސް ހުރީ ފަރުނީޗަރތައް ރާވަންވެފައެވެ. ނަވީން ވަނީ އެއްޗެހިވެސް ފޮނުވާފައެވެ. ފަރުނީޗަރތައް ރާވައިގެން އެތަނަށް ބަދަލުވެވޭ ވަރު ހުރީ ކޮއްފައެވެ.

ވިހަން މާލެދާން ލައިބާ ދަތުރަށް ތައްޔާރުވަމުން ދިޔައިރު ބަޝީރާގެ އެހީތެރިކަން ލިބުނެވެ. ފާތުންވެސް ލައިބާއަށް އެހީވާން އައިސް އުޅުނެވެ. ބަޝީރާ ތައްޔާރުވާތަނެއް ނުފެނެއެވެ. އެކަމާ ހިތުގައި ޖެހިފައި އިން ލައިބާއަށް އެހެން އަހާނުލާ ނީނދެވުނެވެ.

" މަންމާ ހަމަ ނުދާނަންތަ ؟ " ލައިބާގެ ދެލޮލުން އޭނާ އެކަމަށް އެދޭވަރު އެއްވެސް މީހަކަށް ސިއްރެއްނުވާނެއެވެ. ފާތުންވެސް ފައްޖަހަން ހުރި ތުވާލި ހިފަހައްޓާލި ގޮތަށް ބަޝީރާއަށް ބަލަންހުރީ އޭނާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ބަޝީރާ ދޫކޮށްލީ ފިނި ނޭވާއެކެވެ. ލައިބާ ކައިރީ އިށިއިންއިރު އެމޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.

" މަންމަ ކިހިނެތް ނުގޮސްހުންނާނީ............ތީ މަންމަވެސް ބޭނުންވާނެ ދޯ މަންމަގެ މާމަދަރިން ދެކެލަން..............." ލައިބާ އުފަލުން މަންމަގައިގާ ބައްދާލިއިރު ނަވީން ދޮރުމަތީ ހިނިއައިސް އެމަންޒަރު ބަލަން ހުއްޓެވެ. ފާތުންނަށް ވެސް ހިނިތުންވެވުނީ ބަޝީރާގެ ނިންމުން އިވިފައެވެ.

ދިގު ދަތުރަކަށްފަހު މާލޭ ފަސްގަނޑުގައި ފައިޖެހުމުން ބަޝީރާއަށް ކުރެވުނީ ބަޔާންކުރަން ދަތި އިޙްސާސެކެވެ. ވަށައިގެންވީ އިމާރާތްތަކަށް ނަޒަރު ހިންގާލިއިރު ދެލޯކަރުނައިން ވިދަން ފަށާފިއެވެ. ލައިބާއަށްވެސް ކުރެވުނީ ތަފާތު އިޙްސާސެކެވެ. މާލޭ އާދެވުނީ މުޅިން އަލަށެވެ. ވެހިކަލްތަކުން ފުރި ބާރުވެފައިވާ މަގުތައް ލައިބާ ހިތުގެ ހަމަޖެހުން ނަގާލިއެވެ. ބާރުބާރަށް ދުއްވާ އެއްޗެހިތަކުން ހީވަނީ ދެންމެ ދެންމެ އެއްޗެއްގައި ޖެހިދާނެހެންނެވެ. އެމަންޒަރުތަކަށް ގެއްލިފައި ހުއްޓާ ކައިރިއަށް އައިސް މަޑުކޮށްލީ ޓެކްސީއެކެވެ. އައްފާންގެ ޓެކްސީއެވެ. ނިކަން ފުޅާ ހިނިތުންވުމަކާއި އެކު އައްފާން ކާރުން ފައިބައިގެން އައިސް ބަޝީރާ އާއި ސަލާންކޮށްލިއެވެ. ތަންކޮޅެއް ދުރުގައި ހުރި ލައިބާ ފެނުނީ އެއަށް ފަހުގައެވެ.

" ޔާރައްބީ ............ " ލައިބާ ފެނިފައި ބުނާނެ ބަހެއް އައްފާންގެ ދުލާހަމައަކަށް ނައެވެ. ކުރިން ފެނުނު ލައިބާޔާ މިހާރު މިފެންނަ ލައިބާ ހާސްބައިތަފާތެވެ. ލައިބާ ހަށިގަނޑަށް އައިސްފައިވާ ބަދަލުން އެއީ ލައިބާކަން ގަބޫލުކުރަންވެސް ދައްޗެވެ. ކުރިން ހިކި ހިކިކޮށް ހުރި ލައިބާ ފުށްވެފައި ހުއްޓަސް ބަލާލަން ރީތިގޮތެއް ހުއްޓެވެ.

" ކޮބާ ވައިފް........މެރީ ކޮށްފަ ސައިނުދީ ތިހުރީ .........." ލައިބާ އައްފާން ފެނުމުން ދިމާކޮށްލިއެވެ.

"ހިހިހި.........ވައިފްވީ ގޭގަ .................. ފަހަރިއަށް ސައިނުދީއެއް ނުހުންނާނުން................." ނަވީނާއި އައްފާންވެގެން ކާރުގެ ޑިކީއަށް އެމީހުން ގެނައި ސާމާނުތައް އަރުވަން އަވަސްވިއެވެ. ބަޝީރާ އާއި ލައިބާ ކާރުގެ ފަހަތު ސީޓަށް އަރާ ހަމަޖެހިލުމާއެކު ނަވީނާއި އައްފާންވެސް ކާރަށް އެރިއެވެ. ކާރުގޮސް އެދާންވީ މަންޒިލާހަމައަށް ފޯރަންދެންވެސް އައްފާން ހުއްޓާނުލާ ވާހަކަ ދެއްކިއެވެ. އެހެނަސް ނަވީން އިނީ ހިމޭންވެފައެވެ.

ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ނަވީން ކާރުން ފޭބިއެވެ. ނަވީންގެ އެހީތެރިކަމާއެކު ލައިބާ ކާރުން ފޭބިއިރު ބަޝީރާ ހުރީ ކާރުން ފައިބައިގެން އެގޭ ދޮރުމަތީގައެވެ. މަންމަ ބަލަން ހުރިގޮތުން ލައިބާވެސް އެގެއާދިމާލަށް ވަރަށް ފުންނަޒަރަކުން ބަލާލިއެވެ. ދޮރުގެ އެއްކައިރީގައި ރަތްއަކުރުން ފަވާފައިވާ " ޗެރީ ގާޑަން " ގެ ނަން ލައިބާ ދެތިން ފަހަރަކު ކިޔާލިއެވެ.

~ ނުނިމޭ ~

ޚިޔާލު ފޮނުއްވާ