Views: 7172 112

" އާޝާ އެއީ އަހަރެން ބައްޕަގެ ދަރިއެއް........" މަމްދޫހާގެ މޫނަށް ބަލަންހުރެ މާހިލް ބުނެލިއެވެ. އެމޫނުމައްޗަށް އައި ބަދަލު މާހިލަށް ކިތަންމެ ރަނގަޅަކަށްވެސް ފާހަގަވިއެވެ. އެއްފިޔަވަޅު ކުރިއަށް ޖެހިލާ މަމްދޫހާ އަތުގައި ހުރި ބާރެއް ލައި ވިހެލީ މާހިލް ކަންކަށިމަތީގައެވެ. ވީތަދުން މަޑުމަޑު އާހަކާއި އެކު މަމްދޫހާ ޖެހިތަނުގައި ފިރުމާލެވުނެވެ. މަމްދޫހާ ހުރި ފިޔަވަޅުމަތީ ގުޑާނުލާ ހުރިއިރު ރުޅިއައިސްގެން ދެލޮލޮން އަލިފާންކަނި ބުރައެވެ. މީހާ ތުރުތުރު އަޅައެވެ.

" ތިހާކަހަލަ ހަޑި ވާހަކައެއް ބައްޕަޔާ ބެހޭ ގޮތުން ދައްކާކަށް ލަދެއް ނުގަނޭތަ ؟ " މާހިލްގެ ބައްޕަ މަމްދޫހާ ވަރިކޮށްފައި ހުއްޓަސް ދަރިން ކުރިމަތީ އޭނާ އެކުދިން ބައްޕަ ގަދަރު ކުޑަވާގޮތަށް "އުފް" ވެސް ބުނެފައި ނުވެއެވެ. ވީއިރު ދަރިއަކު ބައްޕަޔާ ބެހޭގޮތުން އެފަދަ ދަށުދަރަޖައިގެ ވާހަކައެއް އަޑުއަހަން މަމްދޫހާއަށް ފަސޭހަވާނީ ކޮން ފަދަޔަކުން ހެއްޔެވެ؟ ކުށެއްނެތި މަމްދޫހާ މިނިވަންކޮށްފައި ދިޔަޔަސް ދަރިންގެ ބައްޕަގެ މައްޗަށް އޮތް ލޯބި ފަނޑުވުމެއްނެތެވެ.

" އަހަރެން ބުނާ އެއްޗެއް ގަބޫލުނުކުރެވެންޏާ ބައްޕައަށް ގުޅާފަ އަހާބަލަ............. އަހަންނަށް ހުރިހާ ވާހަކައެއް ކިޔާ ދިނީ އަފީފް .........ހުރިހާ ހަގީގަތެއް އެނގި އަފީފްވަނީ އާޝާ އޭނާގެ ދަރިއެއްގެ ގޮތުގައި ބަލައިގަނެފަ ...........އެހެންވީމަ ސަޖާ ބަނޑުގައިވާ ދަރިފުޅުވެސް އަހަރެންގެ ދަރިއެއްގެ ގޮތުގައި ބަލައި ނުގަނެވެންވީ ސަބަބެއް ނެތް.......... ސަޖާ އެފަދަ ވިޔާނުދާ ގޮތަކަށް އުޅިފައެއް ނެތް...........މައްސަލަޔަކަށްވީ ބަނޑުބޮޑުކަން ނުބުނެ ސިއްރުކުރުން އެކަންވެސް ސަޖާކުރީ އަހަރެންގެ އުފަލަށް .....އަހަރެން އިތުރު ކައިވެންޏެއް ކުރާ ވާހަކަ ބުނީމަ........." އިތުރަށް މަމްދޫހާ ފެންނަ ހިސާބުގައި މަޑުކޮށްލުމެއްނެތި މާޙިލް ކޮޓަރިއަށްވަދެ ދޮރުޖެހިލެއް ބާރުކަމުން މުޅިގެއަށް ގުޑުން އަރައިގެން ދިޔައެވެ. އޭރު މަމްދޫހާ ދެލޯ ފުރިގެން ކަރުނަފައިބައެވެ. ކުރިންވެސް އިށިއިނދެއިން ގޮނޑީގައި މަމްދޫހާ އިށިއިނީ ކޮޅަށް ހުންނާނެ ވަރު ދެފައިކޮޅުގައި ނެތީމައެވެ.

******

ހެނދުނުގެ ވަގުތެވެ. ފަތިސްނަމާދުކޮށްގެން ނިކުތް ގޮތަށް ސަރުމީލާ މަސްއޫލުވެ އުޅެނީ ބަދިގޭގައެވެ. އަވަދިނެތި އުޅުނީ ހެނދުނުގެ ސައިތައްޔާރު ކުރުމުގައެވެ. މޭޒުމައްޗަށް ޖަލީލަށް ސައިތައްޔާރުކޮށްފައި ތަބަކަށް ސަޖާއަށް ގެންދަން އެއްޗެހި ތައްޔާރުކުރިއެވެ. ތަބަށް ހިފައިގެން ސިޑިޔާ ދިމާލަށް ހިނގައިގަތް ވަގުތު ޑޯބެލް އަޅާލިއެވެ. އެނބުރި މޭޒުމަތީގައި ތަބަށް ބަހައްޓާފައި ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި ހުރި މާޙިލް ފެނިފައި ސަރުމީލާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ފައިންފެށިގެން ބޮލަށް ނަޒަރު ހިންގާލެވުނީ ބޭއިޙްތިޔާރުގައެވެ. ކޮނޑުގައި ދަބަހެއް އަޅުވައިގެން ހުރިއިރު ކައިރީގައި އަތްގަނޑުލީ ދަތުރު ފޮއްޓެއްހުއްޓެވެ. އަތުގައި މާ ބޮނޑިއެއް އޮތެވެ. މާހިލް ވަންނަން ތަންދެއްކުމުގެ ބަދަލުގައި ސަރުމީލާއަށް ހުރެވުނީއެވެ.
" ސަޖާ ނުތެދުވޭތަ އަދި ........ " އެތެރެއަށް ބޯދިއްކޮށްލަމުން ސަރުމީލާއަށް ހިނިތުންވަމުން ބުނެލިއެވެ.

" ނޫނޭ....ފަތިސްނަމާދަށް ތެދުވާ ގޮތަށް ނުނިދާނެ............" އެއް ފަރާތަށް ޖެހިލަމުން ސަރުމީލާ ޖަވާބުދިނެވެ.

" އާދޭ..........ތިތަނުގަ ހުއްޓަކަސް ސަޖާއެއް ނުފެންނާނެ.......ކޮޓަރީގަ ވީ............." މާޙިލް ނުކެރިފައި ހުއްޓާ ސަރުމީލާ ވާޙަކަދެއްކީ ނިކަން ގާތްކޮށްނެވެ.

" ސަޖާއަށް ސައިގެންދަނިކޮށް ތިއައީ......." މޭޒުމަތީގައި ބެހެއްޓި ތަބަށް ނަގަމުން ސަރުމީލާ ބުނެލިއެވެ.

" ގެނޭ އަހަރެން އަތަށް................" މާހިލް ގެނައި މާބޮނޑި ތަބަކުގެ ތެރޭގައި ބާއްވަމުން ސަރުމީލާ އަތުން ތަބަށް އަތުލިއެވެ. އަދި މާހިލް ސިޑިން އަރައިގެންދާ މަންޒަރު ބަލަން ސަރުމީލާ ތިރީގައި ހުރިއިރު ތުންފަތުގައިވީ ހިނިތުންވުމެވެ. އެވަގުތުވެސް ސަރުމީލާ މާތް ރަސްކަލާނގެ ކިބަޔަށް ޝުކުރު ކުރިއެވެ. ދެލޯފުރުނީ އުފާވެރިކަމުގެ ކަރުނައެވެ.
މާހިލް ދޮރުހުޅުވާލި އިރު ސަޖާ އިނީ އެނދުމަތީގައެވެ. ކޮންމެވެސް ފޮތެއް ކިޔާށެވެ. ދޮރު ހުޅުވާލުމުންވެސް ދޮރާދިމާލަށް ބަލައިވެސް ނުލައެވެ. އެއަށްވުރެން އޭނާ އިނީ އެފޮތުގެ ޖާދޫގައި ރަނގަޅަށް ގެނބިފައެވެ. ނޫނީ މަންމަ ފިޔަވައި އިތުރު މީހަކު އައިސްދާނެކަމަށް އޭނާ ހީކޮށްފައިނެތީމައި އިންގޮތަށް އިނީއެވެ.

ސައިޑްޓޭބަލްމަތީ ގެނައި ތަބަށް ބަހައްޓާފައި މާހިލް މާބޮނޑިނެގިއެވެ. އަދި ސަޖާ ހިފަހައްޓައިގެން އިން ފޮތާއި އޭނާގެ މޫނާ ދޭތެރެއަށް މާބޮނޑި ގާތްކޮށްލިއެވެ. މާބޮނޑިއަށް ބަލާލާފައި ސަޖާގެ ލޯ ހޯދާލީ އެހިފަހައްޓައިގެން ހުރި މީހަޔާ ދިމާލަށެވެ. އެވަގުތު އެމޫނުމަތިން އެފެނުނު ކުލަވަރު މާހިލްގެ ހިތަށް ނޭގޭ އިހްސާސްތަކެއް ކުރެވުނެވެ. ސަޖާ އަތުން ފޮތް ދޫވީ އަމިއްލަ އިހްތިޔާރަކު ނޫނެވެ. ދެލޮލަށް ފެންނަ މަންޒަރާއި މެދު ދެލޯ ބޮޑުކޮށްގެން އިނީ ގަބޫލުނުކުރެވިގެން ބަލާފަދަޔަކުންނެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ފައިބައިގަނެދާނެތީ ތުންފަތުގައި ދަތްއަޅާލިއެވެ. އެހެނަސް އެކަންވީ ބޭކާރެވެ. ސަޖާޔަށްވީ ގޮތް ފެނި މާޙިލްގެ ދެއަތް ސަޖާގެ ގައިގާ ވަށާލިއެވެ. މާހިލް ދެއަތުގެ ހިމާޔަތް ލިބުނު ހިނދު ސަޖާ ބޭނުންވީ އަޑުންއަޑުނަގާ ރޯށެވެ.
" ސޮރީ ..............އައޭމް ރިއަލީ ސޮރީ.............." މާހިލް ގެ ލޮލުންވެސް ކަރުނައައެވެ. އެކަމަކު އެކަރުނަ އައީ އޭނާ އަމިއްލަ ނަފްސުކުށްވެރިކުރަމުންނެވެ.

" އެހާ ވަރަށް ރޯކަށްނުވާނެ..............." ސަޖާ ބޮލުދެފަރާތުގައި ހިފަހައްޓާލަމުން މާހިލް ބުނެލިއެވެ. އެހެނަސް ސަޖާ ދެލޯމަރައިގެން އިނދެ ގިސްލަގިސްލާފައި ރޮނީއެވެ.
" ޕުރެގްއިރު ރޮންޏާ އަހަރެމެންގެ ބޭބީއަށް ކަމެއް ވެދާނެ..............." މާހިލް ކަންބޮޑުވެފައި ބުނެލިއެވެ. ވަގުތުން ސަޖާގެ ރުއިން ހުއްޓާލައި މާހިލާ ހަތަރުކަޅި ހަމަކޮށްލިއެވެ.
" ކީކޭ.............؟ " އަދި އެއްފަހަރު މާޙިލްގެ ދުލުން އެހެން ބުނާ އަޑުއަހާލަން ސަޖާ ބޭނުންވިއެވެ.

" ޕުރެގްކުދިން ރޯކަށް ނުވާނެ ...............އަހަރެމެން ބޭބީއަށް ގެއްލުމެއް ވެދާނޭ..........." މާހިލް އަތުގައި ހިފާލަމުން ސަޖާ އެއަތަށް ފިތާލިއެވެ. އަދި ނިކަން ބާރަށް ރޯންފެށިއެވެ. ދެލޯ ބޮޑުކޮށްގެން މާހިލް ސަޖާއަށް ބަލަން އިނީ ވީގޮތެއް ނޭގިފައެވެ.

" ކިހިނެތް ވީތަ؟ " ސަޖާގެ ކޮނޑުގައި ހުސްކޮށް އޮތް އަތް ޖައްސާލަމުން މާޙިލް ބުނެލީ ހައިރާންވެ އިނދެއެވެ.

" ތިބުނީ މީ މާޙިލްގެ ކުއްޖެއް ކަމަށް ބަލައިގަންނަމޭތަ............" ރޮވިފައިވާ އަޑަކުން ސަޖާ ވާޙަކަދެއްކިއިރު އަޑުވެސް އައީ ފުދޭވަރަކަށް ބާރަށެވެ.

" ހޫމް.......އަހަރެންގެ އަންހެނުން ބަނޑުގަ އޮންނާނީ އަހަރެންގެ ކުއްޖެއްނު.............." ސަޖާ އަނެއްކާވެސް މާހިލް ގައިގާ ބައްދާލިއެވެ. ހިތަށް ބުނެދޭން ނޭގޭފަދަ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

" އަހަންނަށް މާފުކުރޭ............. ކަންތައް ކުރެވުނީ އެންމެ ރަނގަޅަކަށް ނޫން ............." ސަޖާ ދެލޯ ފޮހެދެމުން މާޙިލް މާއާފަށް އެދުނެވެ. ބަދަލުގައި ސަޖާ ބޯޖަހާލަމުން ހަމައެކަނި ތުންފަތްމައްޗަށް ހިނިތުންވުމެއް ގެނެވުނީއެވެ.

" ސަޖާވެސް ނުވާނެދޯ ބަނޑުބޮޑުކަން އަހަންނަށް ސިއްރުކުރާކަށް..........." މާޙިލް ދެރަވެލާފައި ބުނެލިއެވެ. އަދި ތަބަކުގައި ހުރި ކިރުތަށިނަގާ ސަޖާއަށް ދިއްކޮށްލިއެވެ.

*****

ޖަލީލް ކޮޓަރިން ނިކުތްއިރު ދެލޮލުގައި ނިދީގެ އަސަރުވިއެވެ. ފަތިސްނަމާދުން އައިސް މަސައްކަތު ދާންޖެހޭނދެން ޖައްސާލީ ތަންކޮޅެއް ލަހުން ނިކުންނަންޖެހޭ ދުވަހަކަށްވީމައެވެ. ކޮޓަރިން ނިކުމެގެން ކައްކާބަޔާ ދިމާލަށް އައިރު އެތަނުގެ ތެރެއިން އިވެމުންދަނީ ކުރީގެ ހިންދީލަވައެކެވެ. ޖަލީލްގެ ނިދިވެސް ފިލައިގެން ދިޔަ ކަހަލައެވެ. ސަރުމީލާ އަޑުން ކީ ނަމަވެސް އެލަވަޔަކީ ޖަލީލްގެ ހިތާކުޅެލާފަދަ އަސަރެއް އެކުލެވިގެންވީ ލަވައެކެވެ. ސަރުމީލާ އާއި ޖަލީލްގެ ލޯބީގެ ރަންދުވަސްތައް އެފިލްމެއް ބަލަން ގޮސް އެފިލްމުގެ ލަވަތައްވެސްވީ ވަރަށް ހާއްސަވެފައެވެ. އެހެންޏާ މާޔޫސްވެފައި ހުންނަ ސަރުމީލާގެ މޫނުމަތިން މިއަދު ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ސަރުމީލާގެ ހަރަކާތްތަކަށް ބަލަންހުރިއިރު ޖަލީލަށްވެސް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ކުޑަވަގުތުކޮޅަކަށް ނަމަވެސް ދެދަރިންގެ ހާލާއިމެދު ކުރާ ހިތާމަ ހަނދާންނެތުނު ކަހަލައެވެ.

" ސަ....ސައި މިހިރީ ތައްޔާރަށް............؟ ޖަލީލް ބަލަހައްޓައިގެން ހުރި ގޮތުން ރަކިވަރުން ސަރުމީލާއަށް ވާހަކަދައްކަން އުނދަގުވިއެވެ. އެހެނަސް ސަރުމީލާ ވާހަކަދެއްކިއިރު ތުންފަތުގައި ނުފިލާ ހިނިތުންވުމެއްވިއެވެ. އެމޫނަށް ބަލަންހުރެ ޖަލީލް ގޮނޑިއެއް ދަމާއިށިއިނެވެ.

" ސަޖާއަށް އެއްޗެއް ދެވޭތޯ އުޅެފިންތަ......؟ " އާދައިގެ މަތިން ޖަލީލް އެންމެ ފުރަތަމަ ބެލީ ސަޖާ އެއްޗެއް ކެއިތޯއެވެ.

" އާން ގެންގޮސްވީ........" އެއްޗެހީގެ މަތިނަގަމުން ސަރުމީލާ ބުނެލިއެވެ.

" ގެންގޮސް ބެހެއްޓިއަކަސް ކަމަކު ނުދާނެ ގަދަކަމުންވެސް އޭނަޔަށް އެއްޗެހި ދޭންވާނެ.............." ކޮންމެދުވަހަކުވެސް ޖަލީލް ތަކުރާރުކޮށް ބުނާ ވާޙަކަ މިއަދުވެސް ބުނެލިއެވެ. ސަރުމީލާއަށް އެއްޗެއް ނުބުނެވެނީސް ނިކަން ބާރަށް ސަޖާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެދިމާލަށް ދެމަފިރިންނަށް ބަލާލެވުނީ އެކުއެކީއެވެ. އޭރު ދުވެފައި ކަހަލަ ގޮތަކަށް މާޙިލް ސިޑިން ފައިބައިގެން އަންނަނީއެވެ. ތެޅެމުން ފޮޅެމުން މާހިލް އަންނަތަން ފެނި އިން ގޮނޑިން ޖަލީލަށް ތެދުވެވުނެވެ. އެގޭތެރެއިން މާހިލް ފެނުމުން އޭނާއަށް ލިބުނީ އިންތިހާ ހައިރާންކަމެވެ.
" މަ....މަންމާ .....ފެންފޮދެއް .........." މާހިލް އަތުގައި އޮތް ފެންހުސްކުރި ޖަގު ސަރުމީލާއާ ދިމާލަށް ދިއްކުރަމުން އަވަސްއަވަހަށް ބުނެލިއެވެ. އަޑުގަޔާއި މޫނުމަތިން ހާސްވެފައި ހުރިކަން ހާދަވެއެވެ. ސަރުމީލާ އަވަސްވީ ޖަގަށް ފެން އަޅާށެވެ. އޭރުވެސް މާޙިލްގެ ނަޒަރު ގުޅިފައިވަނީ މައްޗަށެވެ.

" ސަޖާ ހޮޑުލަނިއްޔޭ........" މާހިލް ހުރީ ފެންޖަގުލިބުން ލަސްވެފައެވެ. ސަޖާ ހޮޑުލާތީ އޭނާ ހުރީ ކަންބޮޑުވެފައެވެ. ޖަގު ލިބުމާއި އެކު މާހިލް ދުއްވައިގަތެވެ. ސަރުމީލާވެސް މާހިލްގެ ފަހަތުން ދާން ހިނގައިގަތެވެ. ޖަލީލް ސަރުމީލާގެ އަތުގައި ހިފެހެއްޓިއެވެ. ޖަލީލްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ.

" ސަރޫ މަޑުކުރޭ.............." ސަރުމީލާ ދެލޯ ހަނިކޮށްލީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ.

" މާޙިލަށްވެސް ސަޖާގެ ކަންކަން ކުރުމަށް ފުރުސަތުދޭންވާނެ..........." ޖަލީލް ހިނިތުންވިއިރު ދެލޮލުގައި ވިދަނީ އުފާވެރިކަމުގެ ކަރުނައެވެ. ދެމަފިރިން ސައިބޯންތިބެގެން އެކަމާ ބެހޭގޮތުން ވާޙަކަދެއްކިއެވެ. ޖަލީލްވެސް ހިތްހަމަޖެހުނެވެ. މާހިލް އޭނާގެ އާދޭސް ގަބޫލުކޮށް އެނބުރި އައިތީ އިންތިހާއަށް އުފާވިއެވެ.

*****

ޗެރީ ހައުސް އެންމެންވެސް އައްފާންމެންނާއެކު އެމީހުންގެ ކައިވެނި ހަފްލާގައި ބައިވެރިވުމަށް އައިސް އެތިބީ ޒީނިޔާމެން ރަށުގައެވެ. ޒީނިޔާގެ މަންމަ ހައްވާމަނިކެ ދެފައި އެތްތަނަކު ޖެހޭ ވަގުތެއް ނާދެއެވެ. ނިޒާރުމެންނަށް މެޙްމާންދާރީ އަދާކުރުމަށް އަބަދުވެސް ހުންނަނީ ދުވެލަދުވެލައެވެ. ނިޒާރުމެން ކަމަކަށް ދަތި ވެދާނެތީ އޭނާ ނިކަން ކަންބޮޑުވެއެވެ. ނިޒާރު ހައްވާމަނިކެގެ ތިންމައިންނަށްވީ ބަދަލުދެވޭ ވަރަށްވުރެން ބޮޑު އެހީއެކެވެ.

ކައިވެނި ހަފްލާއަށް ތަންތައްޔާރު ކޮށް ނިމުނިއިރު ހައްވާމަނިކެއާއި ރަށުގެ ހީވާގި އަންހެންކަނބަލުންގެ ބޮޑު ގުރޫޕަކުން ވަނީ އެހަފްލާއަށް ކާނެ ހެދިކާތައްޔާރުކޮށްފައެވެ. އައްފާންމެން ހެދިކާ ހަދަން ބޭނުންވާނެ ހުރިހާ ތަކެއްޗެއްވަނީ ހައްވާމަނިކެއަށް ފޯރުކޮށްދީފައެވެ. އޭގެއިތުރުން ކަމަކަށް ކަމަކަށް ދަތިވޭތޯވެސް އޭނާ ދިޔައީ ބަލަމުންނެވެ.

ރަށުގެ ތުނޑީގައި ހަފްލާއަށް ތަންތައްޔާރު ކުރުމުގައި އުޅުނީ ރަށުގައި ވެޑިންގ ބެކްޑުރޮޕާއި ޕާޓީތަކަށް ތަން ޒީނަތްތެރިކޮށްދޭ ޒުވާން ފިރިހެންކުދިންގެ ގުރޫޕަކުންނެވެ. ހަވީރު ހަތަރެއްޖަހާއިރު ކައިވެނިކުރަންވާއިރަށް ތަން ޒީނަތްތެރިކޮށް ނިންމާލެވޭނެ ކަމަށް އެމީހުންދިޔައީ ބުނަމުންނެވެ.

ޒީނިޔާ ތައްޔާރު ކޮށްދޭން އުޅުނީ ޖޫލީއެވެ. ދޭތެރެއަކުން ޒީނިޔާ ލަދުގަންނަވާލަން ޖޫލީ ލާނެތްކޮންމެވެސް އެއްޗެއް ބުނެލައެވެ. މިންޓުގުރީން ހެދުމުގައި ޒީނިޔާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ސާރާގެ ހުނަރުވެރިކަމާއި ފަންނުވެރިކަން އެހެދުމުން ވަޒަން ކޮށްލެވޭނެއެވެ. ހެދުމުގެ މޭމަތިން ފެށިގެން ބުޑާހަމައަށް ހެދުމުގައިވަނީ ރިބަނުން ތައްޔާރުކޮށްފައިވާ ކުދި ފިނިމެންމާތަކަކުން ޒީނަތްތެރިކޮށްފައެވެ. މިނަލާއި ކުދިއެހުން ފަޅުކަން ފިލުވައި އިތުރަށް ޒީނަތްތެރިކަން ގެނެސްދީފައިވެއެވެ. އުނަގަނޑުން ތިރިއަށް ފުޅާކޮށްލާފައިވާ ހެދުމުން ރަސްރަނިކަނބަލެއްފަދައެވެ. ޖޫލީ ޒީނިޔާގެ ތުންފަތުގައި ގަދަރަތްކުލައިގެ ލިޕްސްޓިކެއް ޖައްސާލަދިނެވެ. އަތުގައި އޮތް ފިހިން އިތުރަށް ރީތިކުރަން ޖެހޭތަނެއް ހުރި ނަމަ އެތަނެއްގައި ޖައްސާލިއެވެ.

އައްފާން ރީތިވާންހުރީ ޖޫލީމެންތިބި ކޮޓަރިއާ ޖެހިގެންހުރި ކޮޓަރީގައެވެ. އައްފާން ރީތިވާން ހުރިއިރު ނަވީން އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ފޯނާގުޅެން އޮތަސް ދޭތެރެއަކުން އައްފާނަށް ބަލާލާފައި ނަވީން ހިނިތުންވެލަނީ ގަޑިކައިރިވި ކައިރިވިހެން ކަންބޮޑުވެގެން އައްފާން އުޅޭތަން ފެނިފައެވެ. އައްފާން އަޅިފަޓުލޫނަކާއި ހުދުގަމީހާއިއެކު މިންޓްގުރީން ޓައީއެއް ބޭނުންކޮށްފައިވެއެވެ. ބޫޓަށް އަރަން ޑުރެސިންގޓޭބަލް ގޮނޑީގައި ޖައްސާލަމުން ގަޑިއަށް ބަލާލީ ކަންބޮޑުވެ ހުރެއެވެ. ގަޑިޖެހެންދެން މާގިނައިރެއްނެތެވެ. ނަވީން ތައްޔާރުވާން ނޫޅި އޮތުމުން އައްފާން ކަންތައް ބޮޑުވިއެވެ.

" އޭ....ބުރޯ ރެޑީވާން އުޅޭ............." ބޫޓަށް ފައިކޮށްޕާލަމުން ނަވީނަށް ބަލާލަމުން އައްފާން ވާހަކަދެއްކިއެވެ.

" ގަޑިޖެހިދާނެ..........." ނަވީން އޮތްގޮތަށް އޮތުމުން އިތުރަށް އައްފާން ހަނދާންކޮށްދިނީ ގަޑިޖެހެން އުޅޭކަމެވެ. ހަތަރެއް ޖަހާއިރު ކައިވެނިކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. ކައިވެނިކޮށް ނިމޭއިރަށް ކައިވެނީ ހަފްލާ ފެށޭގޮތަށްވަނީ ރާވާފައެވެ.

" ބުނީމެއްނު އަހަރެން ކައިވެނިކުރާއިރު ހުރެދޭނަމޭ.........ޕުލީޒް އަވަސްކޮށްބަލަ........" ގޮނޑިމަތީގައި އޮތް ތުވާލި ނަވީންގެ ބޮލަށް ޖަހަމުން އައްފާން ވާހަކަދެއްކީ ކަންބޮޑުވެ ހުރެއެވެ. ބޮލުން ތުވާލި ނަގަމުން ނަވީން ޖަހާލީ ހިނގަނޑެކެވެ. އަދިވެސް އޭނާ ހުރީ އައްފާނަށް ދިމާކުރުން ހުއްޓާ ގޮތަކަށްނޫނެވެ.

" ޒީ އާ ކައިވެނިކުރަންވީ އަހަރެންތަ ؟ ގަޑިއަށް އަހަރެން ތައްޔާރުވާން........!" އޮތްތަނުން ތެދުވަމުން ނަވީން ސަމާސާކޮށްލިއެވެ.

" މާ ވާހަކަ ގިނަނުކޮށް އަވަސްކޮށްލާ............ ހެޔޮ ނުވާނެ....." ޓިސޫއަކުން ނިއްކުރިމަތީގައި ބޮކިޖަމުން ދިޔަ ދާތިކިތައް ފޮހެލަމުން އައްފާން ވާހަކަ ދެއްކީ ހިސާބަކަށް ހިތްހަމަނުޖެހި ހުރެއެވެ. ނަވީން ތުވާލި ހިފައިގެން ފާހާނާއަށްވަނީ ހެމުން ހެމުންނެވެ. އައްފާން ލައިގެންހުރި ހުދު ގަމީހުގެ މަތިން އަޅި ކޯޓުލައި މުޅިގަޔަށް ސެންޓުބުރުވާލިއެވެ.
އައްފާންގެ ފޯނު ރިންގުވީ އެވަގުތުއެވެ. ރީތިވާ މޭޒުމަތީގައި އޮތް އޭނާގެ ފޯނު ސްކުރީނަށް "މަންމަ" ގެ ނަން އަރާފައި އޮތްތައް ފެނުމުން ހިތްހަމަޖެހުން ލިބުނެވެ. ކިތަންމެ ދުރުގައި ހުރެގެންވެސް އޭނާގެ އެހާއްސަދުވަހު މަންމަ ބައިވެރިވާނެކަން އެނގި ލިބުނީ ބުނެދޭން ނޭގޭފަދަ ހިތްހަމަޖެހުމެކެވެ.

" ހަލޯ......." ފޯނުނަގާ ކަންފަތުގައި ޖަހާލަމުން އައްފާން ބުނެލިއެވެ

" ހަލޯ ހަލޯ ދަރިފުޅާ ކިހިނެތްތަ؟ ހުރިހާ ކަމެއް ތައްޔާރު ވެއްޖެތަ ؟ " އާދިލާ ހުރީ ކަންބޮޑުވެފައެވެ. އެއްވެސްކަމެއް ނުވެހުންނާކަށް އާދިލާ ބޭނުމެއް ނޫނެވެ. އޭނާޔާ ދުރުގައި ހުއްޓަސް އެދަރިފުޅުގެ އެއްވެސްކަމެއް އުނިވާން އޭނާ ނޭދެއެވެ.

" މަންމާ....." އައްފާން އާދިލާއަށް ގޮވާލީ ފަހު އަކުރަށް ދަމާލާފައެވެ.

" ހުރިހާ ކަމެއްވެސް ހުރީ ތައްޔާރަށް .........އެއްވެސް ކަމަކަށް ދައްޗެއް ނުވޭ..........." އައްފާން އަޑުގައިވި ހަމަޖެހުން މޫނުމަތިންވެސް ފެންނަން ހުއްޓެވެ.

" އަލްޙަމްދުﷲ ...މަންމަ ވަރަށް ހިތްހަމަޖެހިއްޖެ............" އާދިލާގެ އަޑަށް އައި ބަދަލާއެކު އޭނާ ހިތްހަމަޖެހުނު ވަރު އައްފާނަށް އިޙްސާސްކުރެވުނެވެ.

" ކޮބާ ޒީނިޔާ ؟ " އާދިލާ އެހެން ބުނިއިރު ކޮޓަރިދޮރުގައި ކޮންމެވެސް މީހަކު ޓަކިދެނީއެވެ.

" ރެޑީވަނީ.........." އައްފާން ދޮރުހުޅުވަން އެދިމާލަށް ދަމުން ޖަވާބުދިނެވެ. އައްފާން ދޮރުހުޅުވާލިއިރު ދޮރުމަތީގައި ހުރީ ޖޫލީއެވެ. އެމީހުން ލަސްވެގެން އައިހެވެ. އައްފާންގެ ދެލޯ އެވަގުތުވެސް ހޯދާލީ ޒީނިޔާއެވެ.

" ކޮބާ ޒީ.......؟ " ހިތުގައި އޮތް ސުވާލު ދުލުން ބޭރުވީ އަމިއްލަ އިޙްތިޔާރުން ބޭރުގައެވެ. ކައިވެނީގެ ހެދުމުގައި ޒީނިޔާ ދެކިލާހިތުން އައްފާންވަނީ ކެތްމަދުވެފައެވެ.

" ޒީ ހުރީ ރެޑީގަ ތިމީހުން އަދިވެސް ތައްޔާރެއް ނުވޭތަ ؟ " ނަވީން ފާހާނައިން ނިކުންނަތަން ފެނި ޖޫލީ ވާހަކަދެއްކީ ނަވީނާއެވެ. ޖޫލީ އެހެން ބުނުމުން ފޯނު ކަންފަތުގައި ޖައްސައިގެން އައްފާން ވާޙަކަ ދައްކަންފެށީ މަންމަޔާއެވެ.

" އަހަރެން ރެޑީ ނުވިޔަސް އޯކޭވާނެ އަފޫމެން ނައްޓާލާ............." ނަވީން ވާހަކަދެއްކީ ގަސްތުގައި އައްފާން ތަޅުވާލާށެވެ.

" އޭ އެހެން ކަމަކު ނުދާނެ........އަހަރެން ހާދަ ނާވަރސްއޭ......." ފޯނު ކަންފަތާ ދުރުކޮށްލަމުން ކަންބޮޑުވެފައި އައްފާން އެހެން ބުނެލިއެވެ. ޖޫލީ އާއި ނަވީން އެކަކު އަނެއްކަކު މޫނަށް ބަލާލާފައި ހޭންފެށީ ނިކަން ބާރަށެވެ.

*****

ހޮސްޕިޓަލް ގޮނޑިބަރީގައި އިންނަތާ މިހާރު ކިތަންމެ އިރެކެވެ. ކައިރީގައި ފާތުން އިނެވެ. ދައްކަން އައިސް ނަންބަރަށް ނުޖެހިގެން އިނދެއިނދެ ލައިބާ އިނީ ފޫހިވެފައެވެ. މޫނުމަތިން ހިތްހަމަޖެހިފައި އިންނަމަވެސް ހިތްދަތިވެގެން ހިތްވެސް ހީވަނީ ރޫޅިދާނެހެންނެވެ. ލައިބާ ފިޔަވައި ކޮންމެ ކުއްޖަކުހެން ޑޮކްޓަރަށް ދައްކަން އައިސް އިނީ ފިރިމީހާޔާ އެކުއެވެ. އެއްފަހަރުވެސް ލައިބާއަކަށް އެނަސީބެއް ނުލިބެއެވެ.

" ހިނގާދާން........" ލައިބާ އުޅުނީ ފައިވާނަށް އަރައިގެން އިށިއިނދެއިން ގޮނޑިން ތެދުވާށެވެ.

" ކޮންތާކަށް ؟ " ލައިބާގެ އަތުގައި ހިފަހައްޓަމުން ފާތުން ސުވާލުން ފުރިގެންވީ ނަޒަރަކުން ބަލާލިއެވެ. ނަންބަރާ އެހާ ކައިރިވެފައި ހުއްޓާ ދާވާހަކަ ބުނުމުން ފާތުންގެ ހިތުގައި އުފެދުނީ ސުވާލެވެ.

" ގެއަކަށްނު ........މިތާ އިންނަތާ ކޮންއިރެއް އަދިވެސް ނަންބަރާ ޖެހެން ނޫޅޭ........" ހިތްހަމަ ނުޖެހިފައި ލައިބާ ވާޙަކަދެއްކީ ހަމައެކަނި ފާތުންނަށް އިވޭ ވަރަށެވެ.
" މިއޮއްހާއިރުވެސް ތިބިއްޔޭނުން......މަށަކަށް ލަހެއް ނުވެޔޭ......." ވިސްނާދޭ ފަދައިން ފާތުން ވާހަކަދެއްކިއެވެ.

" ފާތުންނަށް ލަސްނުވެހުންނާނެތަ ؟ އުނދަގޫނުވެ އެއްވެސް ނުހުންނާނެ ތިއުޅެނީ ނުބުނަން........." ލައިބާ ތުންކޮޅުދަމާލީ ތުއްތުކުއްޖަކު ފަދައިންނެވެ.

" އެއްފަހަރުވެސް ނަވީނަށް އާދެވުނުކަމަކަށް ނުހަދާ ވިއްޔާ........." އެންމެފަހުން ލައިބާ ހިތްހަމަނުޖެހުނީ ކީއްވެކަން އެނގުނީ އެހެން ބުނީމައެވެ.

" ނަވީން އުޅެނީ އެއަށްވުރެން ބިޒީކޮށްނޭނު.........." ލައިބާގެ ފަރާތުން އަބަދުވެސް އިވޭ ޖަވާބު ފާތުން ތަކުރާރުކޮށްލިއެވެ.

" ބިޒީވިޔަސް ލޯބިވާނަމަ ވަގުތު ދޭނެ.........އަބަދުވެސް އެއަނބިމީހާއަށްތަ ވަގުތު ދޭންވީ.......ލޯބިދޭންވީ ............ މަގޭ ހައްޤުތައް ކޮބާ؟ މަދޯ އޭނަގެ ދަރިއަކަށް ބަނޑުބޮޑީ .......މަށެއް ނޫންތަ މިހާރު މުހިއްމުވާނީ............" ހިތުގައި ފުނިޖެހިފައިވި ޝަކުވާތައް ބަންޑުންކޮއްލީ އަމިއްލަ އިޙްތިޔާރުން ބޭރުގައެވެ. ދެލޮލަށް ގިނަވި ކަރުނަތައް ފައިބައިގަނެދާނެތީ ލޮލުގައި ޓިޝޫ ޖައްސާ ބާރުކޮށްލިއެވެ.

" މިފަހަރުވެސް ބުނިން ދައްކަން ވާއިރަށް ކޮންމެހެންވެސް އަންނަންވާނޭ..........ކޮންމެ ފަހަރަކު ޑޮކްޓަރގެ ސުވާލުކުރެޔޭ......" ނޭފަތް ދަމާލަމުން ލައިބާ ބުނެލިއެވެ.
" ދާނަމޭ ދާނަމޭ ކިޔާލަ ކިޔާލަ އެހުރީ އިއްޔެ އާ ޖެހެންދެން އިއްޔެ ގުޅާފަ ބުނީ އަފޫ ވެޑިންގއޭ އެންމެން އެރަށަކަށްދާން ފުރަނިއްޔޭ........." ފާތުންނަށް ބަލާލާފައި ލައިބާ ބުނެލީ ހިތްހަމަނުޖެހި އިނދެއެވެ.

" ތިހެން ބުނީމަ އަހަރެންވެސް ހިތަށް އަރާ އެއްޗެއް ބުނަންތަ ؟ އަނެއްކާ ލައިބާ އެއްޗެއް ހީނުކުރާތި ........." ލައިބާގެ އަތްމަތީ އަތްބާއްވާލަމުން ފާތުން ބުނެލިއެވެ. ފާތުންނަށް ބަލާލާފައި ލައިބާ ބޯޖަހާލިއެވެ.

" އަހަރެން ހިތަށް އަރަނި ތިދަރިފުޅު އަނެއްކާ ............................" ފާތުން އެހެންބުނީ ލައިބާ ހީކުރާނެ އެއްޗަކާމެދު ފިކުރުކުރަމުންނެވެ. ފާތުން އެހެން ބުނުމުން ލައިބާ ތެޅިގަތެވެ. އެއަޑުއަހަންވެސް ފަސޭހައެއް ނުވިއެވެ. އެހެނަސް އެއްޗެއް ބުނަން ހީކޮށްލިތަނުން ނަންބަރަށް ޖެހިއްޖެއެވެ. އެތަށް ނަންބަރެއް ކެންސަލްވެގެން ލައިބާމެންގެ ނަންބަރާ ޖެހުނީއެވެ. ފާތުންނަށް ބަލާލާފައި ލައިބާ ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ދެމީހުން އެކީ ގޮސް ޑޮކްޓަރ ކޮޓަރިއަށްވަން އިރު ލައިބާ ހުރީ ހިތްބިރުގަންނަ ގޮތްވެފައެވެ. ކޮންމެ ދައްކަން އަންނަ ދުވަހަކުވެސް އޭނާގެ ހާލަކީ މިއީއެވެ.

******

އިރުއޮއްސުމާ ދާދިވަނީ ގާތްވެފައެވެ. ޕާޓީވެސް ދާދިވަނީ ނިމުމަކާ ގާތްވެފައެވެ. މިހާރު ކުރިއަށްދަނީ ފޮޓޯނެގުމެވެ. ގުރޫޕް ފޮޓޯ އާއި ދެމަފިރިން ވަކިން ފޮޓޯނަގަން ފޮޓޯގުރާފަރު އަވަދިނެތި އުޅުނުއިރު އެންމެ ކައިރީގައި ނަވީން ހުއްޓެވެ. ހީވަނީ ފޮޓޯގުރާފަރުގެ އެސިސްޓެންޓުހެންނެވެ. ތަންކޮޅެއް ދުރުގައި ހުރި މޭޒެއްދޮށުގައި ޖޫލީ އިނެވެ. ނިޒާރުވެސް ފެންނަ ހިސާބަކުނެތެވެ. ހައްވާމަނިކެގެ ރައްޓެހި އަންހެންގުރޫޕްއައިސް މަޑުކުރީ ޖޫލީ އެކަނި އިނީތީ އޭނާ ކައިރީގައެވެ.

" އެއީތަ ފިރިމީހާ.......؟ " އެތަނުން އެކަކު ނަވީން ދައްކާ އަހާލިއެވެ. ޖޫލީ ލަދުން އިންވަރުން ހަމައެކަނި ބޯޖަހާލީއެވެ.

" ކުއްޖަކު ނުހުރޭތަ ؟ " އެމީހާކޮށްލީ ބަރުދަން ހުރި ސުވާލެކެވެ. ޖޫލީއަށް ޖަޥާބުދޭން ފަސޭހަ ސުވާލެއްވެސް ނޫނެވެ. މިފަހަރުވެސް ވަކިވަކިން އެންމެންގެ މޫނަށް ބަލާލަމުން ހަމައެކަނި ބޯޖަހާލީއެވެ.

" އެކަމަކު ވަރަށް ދުވަސްވެއްޖެދޯ އިނދެގެން އުޅޭތާ..........." އެމީހަކު ވާހަކަދެއްކީ ވަރަށް އެނގިގެން ކަހަލައެވެ.

" ހޫމް........." އެއްވެސް އަސަރެއް ފާޅުނުވާނޭހެން ޖޫލީ ބުނެލިއެވެ.

" އަނެއްކާ ކުދިން ނުލިބެނީތަ.........." ޖޫލީއަށް ހީވީ މީހަކު ހިތުގައި ޅިޔައަޅާލިހެންނެވެ. ބުނާނެ އެއްޗެއް ދުލާ ހަމަޔަކަށް ނައެވެ. އަނގައަށް ގޮތެއް ހަދާލާފައި ލާން އުޅުނު ނޭވާވެސް ދޫކޮށްލެވުނީ އެހާމެ އުނދަގުލުންނެވެ.

" މިހާރު ކުދިން އެހާ އަވަހަކަށް ދަރިންނެއް ނުހޯދާނެ..............ދެބައި އުމުރަށް ދިޔާމަ ތެޅިގަންނާނެ ދަރިން ހޯދަން މުޅި ދުނިޔޭގަ އަތްފުނާ އަޅާނެ އެކަމަށް ފަރުވާއެއް ލިބޭތޯ........." އެމީހާ އެބުނެލި ޖުމްލައިން ޖޫލީގެ ހިތަށްވަރަށް އަސަރުކޮށްފިއެވެ.

" ބޭނުން ނުވަނީސް ދަރިއަކު ލިބިއްޖެއްޔާ ކޮންމެވެސް ގޮތަކުން ބަލާނެ އެކުއްޖާ ކިބައިން ސަލާމަތް ވެވޭތޯ............." އެހެން މީހަކު އެމީހާއާ އެއްބައިވެލުމުގެ ގޮތުން ބުނެލިއެވެ. އެމީހުން ކައިރީ އިންނަން އުނދަގުވީ ލައިބާއަށެވެ. އެހެނަސް ތެދުވެގެން ދިއުމަކީ ރީތިގޮތަކަށް ނުވާތީ އެފަދަ ފުރުސަތަކަށް ބަލަބަލާއިނީއެވެ.

" އޭ އެއްކަލަ ވިހާފަ ބާލީދީ ތެރޭ އޮއްވާ ފެނުނު ކުއްޖާ ދައުލަތަށް ނެގިއްޔޯ............" އެއަޑުއަހާފައި ޖޫލީއަށްވީ ގޮތެއް ބުނެދޭންވެސް ނޭގުނެވެ. ދެލޯ ހޯދާލީ ނަވީންއެވެ. އެކަމާ އުޅެދޭށޭ ކިޔާ އާދޭސްކުރާހިތްވިއެވެ. ޖޫލީ ހޯދަމުން އައިސް ނިޒާރު ދުރުގައި ހުރެ އަތުން ހަނާ އަޅަމުން ގޮވާލިއެވެ. ލިބުނު ފުރުސަތުގައި ޖޫލީ އެދިމާލަށް ދިޔައީ ނިކަން ބާރުލައިފައެވެ. އެމީހުންގެ ވާހަކަތައް ނީވޭހާ ދުރަށެވެ.

****

ކެނޑިނޭޅި ނަވީންގެ ފޯނަށް ލައިބާ ދިޔައީ ގުޅަމުންނެވެ. ކޮންމެ ފަހަރަކުވެސް ފޯނު ކެނޑުމުން ލައިބާ ފާތުންގެ މޫނަށް ބަލާލަނީ މާޔޫސްކަމުގެ ނަޒަރަކުންނެވެ. ހޮސްޕިޓަލުން ނިކުތްގޮތަށް ދެމީހުންވެސް ވަދެ ތިބީ ހޮސްޕިޓާ ކައިރީ ހުންނަ ފިނިއެއްޗެހި ވިއްކާތަނުގައެވެ. ފާތުން އިރުއިރުކޮޅާ ކައިރީގައި ހުރި ޖޫގޯތަށިން އެތިފޮދެއް ބޯލައެވެ. އެހެނަސް ލައިބާ ކައިރީގައި ހުރި މިލްކްޝޭކްތަށިން ފިނިކެނޑެން ކައިރިވީ އިރުވެސް އެބޯ ހިޔާލެއް ނުކުރިއެވެ.

" ކިތަންމެ ވަރަކަށް ގުޅިޔަސް ތި ފޯނު ނުނަގާނެ.......އޭނަ ކައިރީ ވިއްދާފަ ހުންނާނޭނު ޖޫރީ.........." ފާތުން އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. ފާތުންގެ މޫނަށް ބަލާލާފައި ލައިބާ ދޫކޮށްލީ ފުންނޭވާއެކެވެ.

" ޖޫރީއެއް ނޫނޭ ޖޫލީ.........." ލައިބާ ތުންކޮޅު ހަދާލަމުން ބުނެލިއެވެ.

" ހެވޭ ކޮންމެ މީހެއްވިޔަސް .......އޭނަ ހުންނާނެތީ ފޯނުނުނަގާ އެހުރީ ............"

" ގުޅާނެ ކަމެއްނެތް........މަށަކަށް ނުފެނޭ ތިވާހަކަ ނަވީނަށް އަންގާކަށް................." ފާތުންގެ ފަރާތުން އިވުނީ ލައިބާ އުއްމީދުކުރިފަދަ ބަސްތަކެއް ނޫނެވެ. އެކަމަކު އެއެކުވެރިޔާ ލައިބާއަށް ދެރަގޮތަކަށް ނުވިސްނާނެކަން ޔަގީންކުރިއެވެ.

" އެކަމަކު މީއޭނަގެ .................." ބަނޑާދިމާލަށް ބަލާލާފައި ހެދުމުގެ މަތިން ބަނޑުގައި އަތްޖައްސާލިއެވެ. ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރާކަށް ނުކެރުނެވެ. ބަނޑުގައިވީ ލައިބާގެ ފުރާނައެވެ. ދަރިއަކު ނުލިބި ހުރި ފިރިހެނެއްގެ އުއްމީދުތަކެވެ.

" އޭނަ އެބައުޅޭތަ އެހާ ވަރަކުން ލައިބާ އާ ހެދި........... ވިހަންވާ އިރުވެސް އާދެވުނު ކަމަކަށް ނުހަދާނެ ޔަގީން............" ފާތުން އެބުނީ މުޅިއަކުން ދޮގެއްވެސް ނޫނެވެ. ދަރިއަކު ނުލިބިގެން އެހާ ބޭނުންވެފައި ހުރި މީހަކު އުޅެންވީވަރާ ގާތަށްވެސް ލައިބާ އާގެން އޭނާއަކަށް ނޫޅެވެއެވެ.

" ބަލަން ހުންނާތި މަމިބުނިހެން އޭނަ ހަދާނީ............އެހެންނަމަ ކީއްވެ ދަރިންނުލިބެނީ ޖޫލީއަށޭ ނުބުނެ އެހުރީ ........." ފާތުން އިނީ ހިތްހަމަނުޖެހިފައެވެ.

" ފާތުން ޕުލީޒް ތިވާހަކަނުދައްކާ.............." ފާތުންނަށް އަނގަމަޑުންލައިގެން އިންނަން އެނގުނީ ލައިބާ ހިތްހަމަނުޖެހި ތަންކޮޅެއް ބާރަށް އެހެން ބުނީމައެވެ. ބުނެވުނު އެއްޗާއި ލައިބާ އިން ހާލަތު ފާތުންނަށް އިޙްސާސްވީ އެހެން ބުނެފައެވެ. އެކަމަކު އޭރު މާލަސްވެއްޖެއެވެ. ބަސްބުނުމަށްފަހު އެނުބުނާ ބަހަކަށް ނެހެދޭނެއެވެ.

*****

މަމްދޫހާ ދެލޮލުން ކަރުނަ ފައިބަމުންދިޔައެވެ. ކެތްނުވެގެން މާޙިލްގެ ބައްޕައަށް ފޯނުކުރީ އެކަމުގެ ތެދުދޮގު އޮޅުން ފިލުވާށެވެ. އިސްމާއިލަކަށް މަމްދޫހާ ކުރި ސުވާލުގެ ޖަވާބެއް ނުދެވުނެވެ. އާޝާ އެއީ އޭނާގެ ދަރިއެއްކަމަށް އިންކާރު ނުކުރިތާ އެއްބަހެއްވެސް ނުވެއެވެ. ހަމައެކަނި ބުނެލިހާވެސް އެއްޗަކީ ހަގީގަތް އެނގެން ބޭނުންނަމަ އޭނާ ގެންގުޅުނު ފޮތްތަކުގެ ތެރޭގައި އޮތް ޑައިރީކިޔުމަށެވެ. އޭރުން ބޭނުން ހުރިހާ ސުވާލެއްގެ ޖަވާބު ލިބޭނެކަމަށެވެ.

އިސްމާއިލްގެ ފޯނުކޯލަށްފަހު މަމްދޫހާ އަވަސްވީ އެބުނާ ޑައިރީއެއް ހޯދުމަށެވެ. އިސްމާޢީލަކީ ހުސްވަގުތު ވަރަށް ގިނައިން ފޮތްކީ މީހެކެވެ. އަމިއްލައަށް ފޮތް ގަނެގެން ހުސްވަގުތު އެކަމުގައި ހޭދަކުރި މީހެކެވެ. އިސްމާއިލްގެ ފޮތްތަކާއި އޭނާ ގެންގުޅުނު ތަކެތި މަމްދޫހާ ރައްކާކުރީ ގުދަނުގައެވެ. އިސްމާއިލް މަމްދޫހާ ދޫކޮށްދިއުމުން އޭނާގެ އެއްވެސް އެއްޗެއް ފެންނަ ހިސާބުގައި ބަހައްޓަން ބޭނުންނުވީއެވެ. އެހެނަސް އެއްޗެހި އޭނާ ރައްކާކޮށް ބެހެއްޓީ ވާލޯތްބެއްގެ ބޮޑުކަމުންނެވެ. ފޮތް ފޮށިގަނޑު ހުޅުވައިގެން ފަހަރަކު ފޮތެއް ބަލަމުން ގެންދިޔައެވެ. އިސްމާޢީލް އެބުނާ ޑައިރީއެއް އޮތީ ފޮށީގެ އެންމެ އަޑީގައެވެ. މަމްދޫހާ ބޭނުންވީ އޭގައިވާ އެއްޗެއް ކިޔާށެވެ. ހޫނުވާ ގުދަނުގެ ތެރޭގައި ޑައިރީ ހުޅުވައިގެން ކިޔަން ފެށިއިރު ހޫނުގެ އިޙްސާސެއްވެސް މަމްދޫހާއަށް ނުވާކަހަލައެވެ.

******

ހަނދުވަރުގެ ރިހިއަލީގައި ނަވީނާއި ޖޫލީ ނިކުތީ ރަށުތެރޭގައި ހިނގާލާށެވެ. ގޮނޑުދޮށުގައި ރާޅުޖަހާފަށުގައި ހުސްފަޔާ ހިނގާލަން ބޭނުންވެފައި ހުރިލެއްވެސް ބޮޑުކަމުން ދެމީހުން ނިކުތީ އަތިރިމައްޗަށެވެ. އަތަށް ފައިވާންނަގައިގެން ގޮސް ފާލަންމަތީ ދެމީހުން އިށިއިނދެލީ ރަށްފުށުގެ ހަމަހިމޭންކަމާއި އަމާންކަމުގެ ހިތްހަމަޖެހުން ލިބިގަތުމަށެވެ. މަދުންނޫނީ އެފަދަ ހިތްގައިމުކަމެއް ލިބުމުގެ ނަސީބު ނުލިބެއެވެ.

" ހާދަ އަމާނޭދޯ............" ހިނިތުންވެލަމުން ނަވީން ބުނެލިއެވެ.

" ކީއްވެ މާ ބަސްމަދުވެފަ ތިއިނީ............ ޕާޓީ ނިމުންފަހުން އަބަދުވެސް ފެންނަނީ ކޮންމެވެސް ކަމަކާ ދެރަވެފައި އިންނާތީ ...."

" މީހަކު އެއްޗެއް ބުނީތަ ؟" ޖޫލީ ދަތްދޮޅީގައި ހިފާ އޭނާޔާ ދިމާލަށް އަނބުރާލަމުން އަހާލިއެވެ. ޖޫލީ ގަދަ ދައްކާލާފައި މޫނު އަނބުރާލިއެވެ.

" ނަވީން އެއްވެސް ވަރަކަށް އަހަންނާ ދޭތެރޭ ނުވިސްނާ ..............." ޖޫލީ ވާޙަކަދެއްކިއިރު އަޑަށް އައިސްފައިވާ ބަދަލުން އޭނާ ރޮއެފައިވާކަން ނަވީނަށް ކަށަވަރު ކުރެވުނެވެ.

" ތިބުނީ.........؟ " ނަވީނަށް ހީވާގޮތުން އޭނާގެ ފުށުން ޖޫލީ ބޭނުންވާ އެއްވެސް ކަމަކަށް އުނިނުވާނެއެވެ.

" މީހުން ލޭބަލްކުރަނީ އަހަރެންމީ ކުދިންނެއް މީހެއްގެ ގޮތުގަ ........އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ ފިރިހެނުންގެ މައްސަލައެއް ހުރެގެން ދަރިން ނުލިބޭކަމަކަށް............." ވީގޮތް އެނގުމުން ނަވީނަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

" ހިނގާ ބޭރަށްދާން ...........އަހަރެން ބޭނުން އިތުރަށް ޓެސްޓުކުރަން.........." ޖޫލީ ބޭނުންވާ ގޮތް އެނގުމުން ނަވީނަށް ތެޅިގަނެވުނެވެ. ބޭރަށް ގޮސްގެން ހަގީގަތް އެނގޭކަށް ނަވީން ބޭނުމެއްނޫނެވެ. ނަވީން އެހުރިހާ ކަމެއް ސިއްރުކުރީ ޖޫލީ އޭނާ ދޫކޮށް ހިނގައިދާނެތީއެވެ.

ނުނިމޭ

  1. Avatar

    ސިފަކުރުން މިމިންގަނޑުގައި ހުރީމަ ވަރަށް ސަޅި…. 48 އަދި 49 ވަނަބައި ހަމަ ހަބޭސް… ޒީނިޔާވެސް އެއީ ކުޅުދުއްފުށީ ކުއްޖެއް ދޯވް… ވވވވ ސަޅި މިހާރު ވާހަކަ ކުރިއަށް ގޮއްސަ މިއޮތްވަރު… އުއްމީދްކުރަން މިގޮތުގައި ވާހަކަ ނިމެންދެން ކުރިއަށް ގެންގޮސްދޭނޭ ކަމަށް..

    24

ޚިޔާލު ފޮނުއްވާ