Views: 7233 140

" އަހަރެމެން ކުއްޖަކު ނުހޯދާވެސް އުޅިދާނަން............މައްސަލަޔަކަށްވަނީ އަހަރެމެންނަށް ލޭއަޅާ ކުއްޖެއް ލިބިދާނެތީއޭނުން........" މާހިލަށް ކުރިންވެސް ހީވެފައި އޮތް އެއްޗެއް ބުނެލިއެވެ.

" އެޔެއް ނޫން މައްސަލައަކީ ..................މައްސަލަޔަކީ އާޝާ އާ މާހިލް ކައިވެނި ހަލާލު ނުވާނެތީ............." ނުބުނަން މިއޮއްހާ ދުވަހު ހިފަހައްޓައިގެން އޮތް ސިއްރު ދުލުން ބޭރުވީ އެނޫން އެހެން ގޮތެއް ނެތީމައެވެ. ބޭއިޙްތިޔާރުގައި މާޙިލާއި ދިމާލަށް އަފީފު ބަލާލިއިރު މާހިލްގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ދެލޯ ބޮޑުކޮށްގެން އަފީފަށް ބަލަންހުރީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ.

" ކީކޭ............؟ " މޫނުމަތިން ފެނުނު ހައިރާންކަން އަޑުގައިވެސްވިއެވެ. ވާހަކަ ދައްކަން އުނދަގޫވެގެން މީހާ ތުރުތުރުލާން ފެށިއެވެ.

" އެއީ ދިގު ވާހަކައެއް.........އަހަރެން ހީކުރީ މިވާހަކަ ސިއްރެއްގެ ގޮތުގައި ބޭއްވިދާނެޔޭ............... އެކަމަކު އެހެންވާކަށްނެތް........" އަފީފުގެ އަޑުގައިވީ އިންތިހާ މަޑުމައިތިރިކަމެވެ.

" އާޝާ އަކީ އަހަރެންގެ ދަރިއެއް ނޫނޭ ބުނާހިތެއްވެސް އަހަރެންގެ ނެތް........" އަފީފު ދޫކޮށްލީ ފިނި ނޭވާއެކެވެ.

" އަހަންނާއި އާޝާ މަންމަގެ ކައިވެންޏަށް ކުއްޖަކު ނުލިބުމުން އަހަރެންގެ އާއިލާ އިނގިލި ދިމާކުރީ އާޝާގެ މަންމައަށް ..........އޭނަ ސާބިތުކޮށްދިނީ އޭނަޔަކީ ދަރިން ލިބޭ މީހެއްކަން ...........ފުރިހަމަ އަންހެނެއްކަން.......އަހަންނަށް ކުރުމުއްދަތުގެ ކޯހެއް ލިބިގެން ރާއްޖޭން ބޭރަށްދާން ޖެހުނީ ............އޭރު މާހިލްގެ ބައްޕަ އުޅުނީ އަހަރެމެންގޭގަ މަސައްކަތްކުރަން.......ދެމީހުންގެ ގުޅުން ބަދަހިވީ އަހަރެން ބޭރުގައި ހުއްޓާ އެކޮޅަށްގޮސް އަހަރެން ޓެސްޓުތައް ހެދީމަ އެނގުނީ އަހަރެންނަށް ކުދިންނުލިބޭކަން...........ދުވަހަކުވެސް ދަރިއަކު ނުލިބޭނޭކަން......." އަފީފު ލޯމަރާލިއެވެ. އެއީ އޭނާއަށް ދައްކަން ފަސޭހަ ވާހަކައެއް ނޫނެވެ. އިތުރަށް އެހެންމީހަކަށް އެވާޙަކަ ކިޔައިދިނުންވީ ޒަޙަމްވެ ފިސްފިސްވެފައިވާ ހިތަކަށް ދެވޭ އަނިޔާއަކަށެވެ.

" އެނބުރި އާތަނުން އާޝާގެ މަންމަ އާޝާއަށް ބަލިވެއިންކަމުގެ ޙަބަރު ދިން........އެއީ އަހަރެން ވަރަށް ދެރަވިދުވަހެއް........ އޭރު މާޙިލްގެ ބައްޕަ އަހަރެންގެ އަންހެނުންނަށް ލަނޑުދީފަ ހިނގައްޖެ.......އަހަރެން ފަހުން އޭނަޔާ ބައްދަލުކުރިން އެކަމަކު އޭނަ ހުރީ ޒަހީރާގެ ހަޔާތަށް އަންނަ ގޮތަކަށް ނޫން..........އަހަރެން ގަސްތުކުރީ ޒަހީރާ ބަނޑުގައިވާ ދަރިފުޅު އަހަރެންގެ ކުއްޖެއްގެ ގޮތުގައި އުފަންކުރަން..............އާޝާއަކީ އަހަރެންގެ ކުއްޖެއްނޫން......" އަފީފު ވާހަކަދެއްކީ ވަރަށް ދެރަވެ ހުރެއެވެ.

" އެއީ މާޙިލް ބައްޕަގެ ކުއްޖެއް............." އަފީފުގެ ފަހު ޖުމްލައިން މާހިލަށް ހީވީ ހަފަރާތުން އޭނާ ފިއްތާލިހެންނެވެ. ދެލޮލަށް ހޫނު ކަރުނަ ޖަމާވީ މަދުވަގުތު ކޮޅެއްގެ ތެރޭގައެވެ.
" އެކަން އެނގޭނީ ހަމަ އެކަނި އަހަރެމެން ތިން މީހުންނަށް.............." އަފީފު ރޯކަން މާހިލަށް ޔަގީންވީ އިރުއިރުކޮޅާ ނޭފަތް ދަމާލާ އަޑުއިވޭތީއެވެ.

" އަހަރެން އާޝާ ދަރިއެއްގެ ގޮތުގައި ބަލައިގަތީ އަހަންނަކީ ދަރިންލިބޭނޭ މީހެއް ނޫންވީމަ.........ޝަރުއީގޮތުން އާޝާގެ ބައްޕަގެ ލަގަބު ލިބުނަސް އެނގިހުރެ ތިދެކުދިން ކައިވެނިކުރިޔަ ދިނުމަކީ ރަނގަޅު ގޮތެއް ނޫން.........." މާހިލް އިސްޖަހާލީ ލަދުންނެވެ. ކައިވެނިނުކުރިޔަސް ކައިވެނިން ބޭރު ދާންނުޖެހޭ ހިސާބަކަށް ދެމީހުންގެ ގުޅުންވީ ގެންދެވިފައެވެ. ދެމީހުންގެ ހިތުގައިވީ އިޝްޤީލޯތްބެވެ.

" މާހިލްގެ ބައްޕަ މާހިލްގެ މަންމަ ދޫކޮށް ދިޔައީ ކުރެވުނު ކުށަށް މާފަށް އެދެންވެސް ލަދުން............." އަފީފު އިތުރަށް އޮޅުން ފިލުވައިދިނެވެ.

މާޙިލްއިން ރެސްޓޯރެންޓު ތެރެ ކިތަންމެ ހަލަބޮލިނަމަވެސް މާހިލް އިނީ ހިމޭންވެފައެވެ. ބޮލުގައި ރިހޭވަރުން ބޯވެސް ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. މޭފިތޭކަހަލަ ގޮތެއްވެފައި ހުރުމުން ނޭވާލާންވެސް އުނދަގުލެވެ. ހީވެސް ނުކުރާ ކަހަލަ ކޮޅިގަނޑެއް ބޯމަތިވުމުން މާހިލް އެވަނީ ގޮތްހުސްވެ އަމިއްލަ ނަފުސުދެކެވެސް ފޫހިވެފައެވެ.

ކެނޑިނޭޅި ލިބެމުންދިޔަ އާޝާގެ ކޯލްތަކަށް ޖަވާބުދޭކަށް މާހިލް ބޭނުމެއްނުވިއެވެ. އެނަންބަރު ބުލޮކް ކޮށްލީއެވެ. އެހެނަސް އާޝާގެ ނަން ހިތުން ފޮހެލުމަކީ ދަތިކަމަކަށްވާނެއެވެ.

*****

ސާރާ ކަލެކްސަންއިން ހެދުން ހެޔޮވަރުކޮށްގެން ޒީނިޔާ އާއެކު އައްފާން ނިކުތެވެ. ހެދުމާއި ބޫޓާއި ހުރިހާ ސާމާނެއް ހަމަކޮށްގެން އެނބުރި ޗެރީހައުސްއަށް އާދެވުނުއިރު ފުދޭވަރަކަށް ދަންވެސްވެއްޖެއެވެ. ޖެހިގެން އަންނަ ދުވަހު ހަވީރު ފުރަންޖެހޭތީ ރަށަށް ގެންދަން ބޭނުންވާ ސާމާނުވެސް އެދެމީހުން އައީ ގަނެގެންނެވެ.

އާދިލާ އިނީ ޗެރީހައުސްގައެވެ. އައްފާންމެން ފުރުމުގެ ކުރިން އެމީހުންނާ ބައްދަލުކުރަން އައިހެވެ. އާދިލާ އިންތިޒާރުކުރަމުން އައީ ޒީނިޔާމެން އަންނާނެ އިރަކަށެވެ.
އައްފާން ކުރީގައި ހުރެ އެތެރެއަށް ވަދެގެންދިޔަ ޒީނިޔާ ހުއްޓުން އެރީ ސިޓިންގރޫމް ދޮރުހުޅުވާލާ ކުރިއަށް އެޅި ފިޔަވަޅާއެކުއެވެ. ފަހަތުން ކޮތަޅުތައް ހިފައިގެން އައި އައްފާންގެ މޫނަށް ޒީނިޔާ ބަލާލިއިރު ދެލޯބޮޑުވެ މޫނުމަތީވީ ހައިރާންކަމެވެ.

" ކިހިނެތްވީ.........؟ " އައްފާނަށް ސޯފާގައި އިން އާދިލާ ފެނުނީ އެހެން ބުނިފަހުންނެވެ. އެދެކުދިންނަށް ބަލާލާފައި އާދިލާ ހިނިތުންވަމުން ތެދުވެތެވެ.

" ދަރިފުޅުމެން ފުރަން އުޅޭތީ...... ފުރުމުގެ ކުރިން ބައްދަލުކޮށްލަން ވެގެން............" އާދިލާގެ އަޑުގައިވި ގާތްކަމުން ޒީނިޔާ އައްފާނަށް ބަލާލިއިރު ހިތްހަމަޖެހުން އެމޫނުން ފެނެއެވެ. ދެތިން ފިޔަވަޅު ކުރިއަށް ޖެހިލިއިރު ޒީނިޔާ ހުރީ އާދިލާ އާ ދާދިގާތުގައެވެ. ސޯފާއަށް އިޝާރާތްކޮށް އާދިލާ އެދުނީ ޒީނިޔާ އޭނާ ކައިރީ އިށީއިނުމަށެވެ. ގެނައި ކޮތަޅުތައް ބަހައްޓަން ކަމަށްބުނެ އައްފާން ހިނގައިގަތީ އެތެރެއަށެވެ. އައްފާން ބޭނުންވީ މަންމަ ޒީނިޔާ އާ ވާޙަކަ ދައްކަން ފުރުސަތުދޭށެވެ.

" މާދަން ފުރަނީތަ ؟ ޒީނިޔާގެ މޫނަށް ބަލާލަމުން އާދިލާ ވާހަކަދެއްކީ ހިނިތުންވެ އިނދެއެވެ. ޒީނިޔާ ލަދުން އިންވަރުން ބޯހަލުވާލަމުން ހަމައެކަނި " ހޫމް " އަޅުވާލެވުނީއެވެ. އަރުބެދި ވާޙަކަ ދައްކަން އުނދަގޫވީއެވެ.

" ދަރިފުޅުމެންގެ ކައިވެނީގަ މަންމައަށް ބައިވެރި ނުވެވުނަސް ހިތްބަރު ނުކުރާތި.........." ބޭރުފުށުން ހަމަޖެހިފައި އިންގޮތް ދެއްކިޔަސް އާދިލާ އިނީ ހަމަޖެހިފައެއް ނޫނެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ކައިވެނީގައި ބައިވެރިވާން އޭނާވެސް ބޭނުމެވެ. އެހެނަސް ނަސީރު ނުދަންޏާ އޭނާ ދާނީ ކިހިނަކުން ހެއްޔެވެ؟ ނަސީރުއިން ހާލަތުން އޭނާ ދޫކޮށްދާން އާދިލާ އުޛުރުވެރިވެއެވެ.

" އަޅެ މަންމަ އަކަށް ހަމަ ނުދެވޭނެތަ؟ " ޒީނިޔާ އައްފާންގެ މަންމަ ކައިވެނީގައި ބައިވެރިވާން ނިކަން ބޭނުމެވެ. "މަންމާ" އޭ ކިޔާ ޒީނިޔާއަށް މުހާތަބު ކުރެވުނީ ބޭއިޙްތިޔާރުގައެވެ. އާދިލާގެ ހިތް އުފަލުން ފުރުނެވެ. ޒީނިޔާގެ ދުލުން މަންމައޭ ބުނާއަޑު އިވި ހިތުގައި ހިނގަންފެށީ އެހެންފަދަ ސުއޫރުތަކެކެވެ.

" އާނ ކިހިނެތް ދާނީ ބައްޕަ އިން ހާލުން ބައްޕަ ތަންތަނަށް ގެންދަން ވަރަށް އުނދަގޫވާނެ..........ހާއްސަކޮށް ރަށުން ބޭރަށް........" ހަގީގަތް ފޮރުވަމުން އާދިލާ ވާހަކަދެއްކިއެވެ. ނަސީރު އެކައިވެންޏަށް ގަބޫލުނޫންކަން ޒީނިޔާއަށް އަންގާކަށް އާދިލާ ބޭނުމެއްނުވިއެވެ. އެހެނަސް ނަސީރު އެކައިވެންޏަށް ނުރުހޭކަން އައްފާންގެ ފަރާތުން ޒީނިޔާއަށް އޮތީ އެނގިފައެވެ.

އާދިލާ މޭޒުމަތީގައި އޮތް އޭނާގެ ވޮލެޓްނަގާ ހުޅުވާލިއެވެ. އޭގެ ތެރެއިންނެގީ ރީތި ގެތުމަކުން ގަތާފައިވާ ރަންކެވެލި ކޮޅެކެވެ. ޔަގީނުންވެސް ތިލޭރެއްގެ މޮޅު ހުނަރު އެކެވެލިކޮޅު ގަތާފައިވާލެއް ރީތިކަމުން ޔަގީންކުރެވެއެވެ

" ރީތިތަ ؟ " ޒީނިޔާ އަތުގައި ޖައްސާލަމުން އާދިލާ އަހާލިއެވެ. ޒީނިޔާވެސް ހިނިތުންވުމާއެކު ބޯޖަހާލިއެވެ.

" މީމަންމަ ދަރިފުޅަށްދިން ކުޑަކުޑަ ހަދިޔާއެއް............" އާދިލާ ވާހަކަ ދެއްކީ ކެވެލިގަނޑުގެ ބޮޅުގަނޑު އަޅުވައިދެމުންނެވެ.

" އަހަންނަކަށް ނުގެންނަންތަ ހަދިޔާއެއް ؟ ހަމަ ޒީއަށްދޯ އެކަނިދޯ ގެނައީ............." އައްފާން އައިސް ސޯފާގައި އިށިއިންނަމުން ޝަކުވާކޮށްލިއެވެ. އާދިލާ އާއި ޒީނިޔާ ހޭންފެށީ އެކުއެކީއެވެ. އާދިލާ ފައިކައިރި ބިންމަތީގައި ބަހައްޓާފައި ހުރި ޕާރުސަލް ނަގާ ޒީނިޔާ އަށް ދިމާކޮށްލަމުން އައްފާނަށް ބަލާލިއެވެ.

" ތީ ދެކުދިންނަށް މަންމަގެ ފަރާތުން ..........." އައްފާން ހިނިއައިސްފައި މަންމަގެ ގައިގާ ބައްދާލިއެވެ.

" ދަރިފުޅުމެން އެނބުރި އައިސް އުޅެންވާނީ މަންމަކައިރީ އިނގޭ............" އައްފާން އަންހެނުންނާއެކު ދިރިއުޅުން އެހެންތަނަކަށް ބަދަލުކޮށްދާނެތީ އާދިލާ ނިކަންކަންތައް ބޮޑުވެއެވެ. ނަސީރުއާ މައްސަލަޖެހިފައިވާތީ އައްފާން އެނބުރި ގެއަށް ނުދާނެހެން އާދިލާއަށް ހީވަނީއެވެ.

" ތިކަމާ ވިސްނާނަން.............." އިވުނީ އާދިލާ ބޭނުންވި ޖަވާބެއް ނޫނެވެ. މާޔޫސްކަމާއެކު އާދިލާ ދޫކޮށްލީ ފުންނޭވާއެކެވެ. އެހެނަސް އެނުތަނަވަސްކަން އެކުދިންނަށް ނުދައްކާ އާދިލާ އެތަށް އިރެއް ވަންދެން އެކުދިންނާ ވާޙަކަދައްކަން އިނީ ހިނިތުންވެފައިވާ މޫނަކާއިގެންނެވެ.

*****

ކޮޓަރިތެރެއަށް އަނދިރިކަންވެރިވެގެންދިޔަކަމުގެ ހިލަމެއްވެސް އާޝާއަށް ނުވާފަދައެވެ. އެއްފަރާތަށް ކަހާލާފައި ކުޑަދޮރުގެ ފަރުދާތައް ވަށައިގެން ފެންނަނީ އަނދިރިކަމެވެ. ވަށައިގެންވި އިމާރާތްތަކުން ފެންނަ އަލިކަމެއް ފިޔަވައި އަލިކަމެއް ނުފެނެއެވެ.

އާޝާ ސޯފާއިން ތެދުވެތީ ރޮއެރޮއެ ވަރުބަލިވެގެންނެވެ. ސޯފާއަށް ވެއްޓިގަނެ ރޯން އެހެން އޮވެވުނީ ކިހާ އިރެއް ވަންދެންކަމެއްވެސް އޭނާއަކަށް ނޭގެއެވެ. ތެދުވިއިރު އާޝާ ރޮއެ ރޮއެ ދެލޯ ހުރީ ދުޅަވެފައެވެ. މާހިލް އަންހެނުން ބަނޑުބޮޑުކަން އެނގުމުން އާޝާ ހިތަށްވަރަށް އަސަރުކޮށްފިއެވެ. މީ މީހަކު ބަނޑުބޮޑުކަން އެނގިގެން އާޝާއަށް މިކަހަލަ އިހްސާސެއް ކުރެވުނު ފުރަތަމަ ފަހަރެވެ. އެތަށް އަންހެނުންނެއް އޭނާ ކައިރިއަށް އައިސް ޓެސްޓު ހަދާ ރިޕޯޓް ދައްކައެވެ. އެމީހުންނަށް ބަނޑުބޮޑުކަމުގެ އުފާވެރި ޙަބަރު ދެނީ ހިނިތުންވުމާއެކުއެވެ. އެޙަބަރު ލިބުމުން އެމީހުން އުޅޭގޮތް ފެނި އާޝާގެ ހިތްވެސް އުފަލުން ފުރެއެވެ. އެހެނަސް މިއަދު އާޝާގެ ހިތުގައި ހިނގަނީ އެފަދަ އުފާވެރި އިޙްސާސެއް ނޫނެވެ. ހިތުގައިވީ ފުންޒަހަމެވެ. މާހިލްދެން އޭނާ ކައިރިއަށް ނާންނާނެކަން އެނގި ވާ ހިތްދަތިކަމެވެ.

ގެއަށް ނުދާން އަޒުމް ކަނޑައަޅާއިގެން އާޝާ ހުއްޓަސް ބޭނުންވީ ގެއަށްދާށެވެ. ކާރުގައި އައިސް ގޯތިތެރެއަށްވަނީ ނިކަންބާރަށެވެ. ކާރުން ފައިބައިގެން އައިސް ސިޓިންގރޫމް ދޮރުހުޅުވާލީވެސް އެހާމެ ބާރަށެވެ. ދޮރު ހުޅުވާލިލެއް ބާރުކަމުން ވާހަކާގައި ތިބި އަފީފު އާއި ހައިފާއަށް ދޮރާދިމާލަށް ބަލާލެވުނެވެ. އަފީފްގެ ހިތަށްވަން ބިރުވެރިކަމަކުން އިންތަނުން ތެދުވެވުނެވެ.
" އަނެއްކާ މާހިލް ހުރިހާ ވާހަކައެއް ކިޔާދިނީބާ؟ " އެސުވާލުވީ އަފީފުގެ ހިތުގައެވެ. އެދެމީހުން ކުރިމަތިންގޮސް އާޝާވަނީ އޭނާ ނިދާ ކޮޓަރިއަށެވެ. ނިކަން ބާރަށް ދޮރުފަތްލައްޕާލިއެވެ. އެއީ ސިގްނަލެކެވެ. އެކަމުން އަފީފަށް އާޝާ އެހުރީ ކަމަކާ ހިތްހަމަ ނުޖެހިފައިކަން ކަށަވަރުކުރެވުނެވެ.

މިއަދު އަފީފު ބޭނުންވީ އާޝާއާ ވާހަކަދައްކާށެވެ. އަފީފު ދޮރުގައި ޓަކިދިނީ ޖެހިލުންވެ ހުރެއެވެ. އެތެރެއަށް ވަންނާށޭ ބުނުމުންވެސް އަފީފުގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ބިރުންހުރެ އެދޮރުފަތް ހުޅުވާލަން ތަޅުގައި ހިފިއިރު އަފީފުގެ މޭވެސް ރޫރޫ އަޅައެވެ. އަފީފަށް އެތެރެއަށް އެޅުނީ ދެތިން ފިޔަވަޅެވެ. އާޝާ ދުވެފައި އައިސް އަފީފުގެ ގައިގާ ބައްދާލިއެވެ. އެއާއެކު އޭނާ ބަޑިފަޅާއިގެން ދިޔައެވެ. ގިސްލަގިސްލާފައި އާޝާ ރުޔެވެ. ކަންބޮޑުވެފައި ހުރެ އަފީފްވެސް ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.

" ބައްޕާ ! އަހަންނަށް މާފުކުރޭ...........؟ " އަފީފަށް ލިބުނީ ހައިރާންކަމެވެ. އާޝާ މަޢާފަށް އެދުމުންނެވެ. ހަގީގަތުގައި މައާފަށް އެދެންޖެހޭނެ މީހަކީ އޭނާއެވެ.
"އަހަންނަށް ލޯބިވެވުނީ ލޯބިވުން ހައްޤު މީހެއްދެކެ އެއް ނޫން.............." އާޝާ ކުށްވެރިކުރީ އޭނާގެ އަމިއްލަ ނަފްސެވެ. ބައްޕަގެ މޫނަށް ބަލަން ނުކެރިގެން އާޝާ ހުރީ އިސްޖަހާލައިގެންނެވެ. އަފީފުގެ ހާލަކީވެސް އެއެވެ. އެވަގުތުވެސް އަފީފަށް ހީވީ ހުރިހާ ހަގީހަތެއް ހާމަވެ، އާޝާ އާ މާޙިލްއަކީ ލޭގެ ގޮތުން ބޭބެއާ ކޮއްކޮކަން އެނގުނީކަމަށެވެ.
" ކީކ....ކީކޭތަ ތިކިޔަނީ ދަރިފުޅާ..........؟ " އަފީފު އަޑު ނިކުތީ އުނދަގުލުންނެވެ.

" މާހިލް އޭނާގެ އަންހެނުން ދޫކޮށެއްނުލާ...........ނުވެސްލާނެ......ޝީއިޒް ޕުރެގުނެންޓް............." އެއަޑު އިވުމުން އަފީފަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ.
" މާޙިލްވީ އޭނަގެ ބައްޕަގެ ލޯބިން މަޙްރޫމްވެފަ...........އެކަން އޭނަގެ ދަރިއަކު އިޙްސާސްވިޔަކަ އޭނާ ނުދޭނެ........" އާޝާގެ އަޑުގައިވީ އިންތިހާ ރިހުމެވެ.

" އެމީހުންގެ ދިރިއުޅުން އަހަރެންގެ ސަބަބުން ހަލާކުވާކަށް ނޭދެން......... ދިރިއުޅުމެއް ހަލާކު ކޮށްލައިފި މީހަކަށް ދިރިއުޅުމެއް އާބާދެއްވެސް ނުކުރެވޭނެ........." އަފީފު އާޝާގެ ބޮލުގައި ފިރުމާލިއެވެ. އަފީފުގެ ލޮލުން މީރާލީ އުފާވެރިކަމުގެ ކަރުނައެވެ.

******

މާހިލްގެ ފޯނަށް ނުގުޅިގެން ކަންތައް ބޮޑުވެފައި ހުރި މަމްދޫހާ ދެކޮޅަށް ހިނގާލަ ހިނގާލައި ހުއްޓެވެ. ސަރުމީލާ އާއި ޖަލީލު މާހިލާ ބައްދަލުކޮށް ދެއްކި ވާހަކަތަކުން މަމްދޫހާ ހިތުގެ ހަމަޖެހުންވީ ނަގާލާފައެވެ. މަމްދޫހާއަށް ހީވަނީ މާހިލް އެމީހުން ދެއްކި ވާހަކަތަކަށް ހެއްލިދާނެ ހެންނެވެ. އެހެން އެގޮތަށްވާން އޭނާ ނޭދެއެވެ.

އާޝާގެ ފޯނަށް ގުޅޭތޯވެސް މަމްދޫހާ ވަރަށް މަސައްކަތްކުރިއެވެ. ފޯނު ކަނޑާލާތީ އާޝާއަށް ލިބެމުންދާ ކޯލުތައް ފެންނަކަން މަމްދޫހާއަށް ޔަގީންކުރެވުނެވެ. އެކަމާވެސް އޭނާވަނީ އިންތިހާއަށް ކަންބޮޑުވެފައެވެ. ދެކޮޅަށް ހިނގާ ހިނގާ ވަރުބަލިވެގެން އެންމެފަހުން މަމްދޫހާ ސަރަންފީ ގޮނޑީގައި އިށިއިނދެ ޓީވީގެ އަޑުމަޑުކޮށްލިއެވެ. ދެލޯ މަރާލަމުން ނިއްކުރިމަތީ އަތް ޖައްސާލީ ބޮލަށް ބަރުވެގެންނެވެ.

މަމްދޫހާ ނިދިޖެހިލި ތަނުން ދޮރުހުޅުވާލި އަޑަށް ބަލާލިއިރު މާހިލް އައިސް އެތެރެއަށް ވަންނަނީއެވެ. ވަގުތުން މަމްދޫހާގެ ނިދިވެސް ފިލައިގެން ދިޔަކަހަލައެވެ. ކޮޅަށްތެދުވުމާ ފާރުގައި ހުރި ގަޑިއަށް ބަލާލުމާ ދިޔައީ އެކުއެކީއެވެ.

" މަންމަ ހާދަ ވަރަކަށް ގުޅާފީމޭ..........؟ " މަމްދޫހާގެ މޫނަށް ބަލާލާފައި މާހިލް ހުރީ ހިމޭނުންނެވެ.

" ދަރިފުޅު ހަބަރެއް ނުވެގެން އާޝާއަށްވެސް ގުޅައިފިން...........އާޝާވެސް ފޯނެއް ނުނަގާ...." އާޝާގެ ނަން އިވުމުން މާހިލްގެ މަންމައަށް ފުރަގަސްދީ ދެލޯމަރާލީ އުނދަގޫވިވަރުންނެވެ.

" ކީއްކުރަން އޭނަޔަށް ގުޅީ...........؟ " ހިތްހަމަ ނުޖެހިފައި މާހިލް ބުނެލިއެވެ.

" މަންމަ ހީކުރީ ދެކުދިން ތިބޭނީ އެއްތާކުކަމަށް އެހެން ހީކޮށް ދަރިފުޅު ފޯނު ނުނެގީމަ އާޝާއަށް ގުޅުނީ..............." މަމްދޫހާ ނިކަން ހަމަޖެހިފައި އޮޅުން ފިލުވައިދިނުމުގެ ގޮތުންބުނެލިއެވެ.

" އަހަރެން މާދަން މިއުޅެނީ ސަޖާމެން ގެއަށް ބަދަލުވާން............" މާހިލް ބުނެލީ މަމްދޫހާ އުއްމީދުކުރި ކަހަލަ ވާހަކައެއް ނޫނެވެ. ލިބުނު ސިހުމުގައި އަނގަމަތީއަތް އަޅާލެވުނުއިރު ދެލޯވެސްހުރީ ބޮޑުވެފައެވެ.

" އެ ސަރުމީލާ އާ ޖަލީލް ދެއްކި ވާހަކަޔަށް ހެއްލުނީދޯ........." މަމްދޫހާ އަޑުގައިވީ މަލާމާތެވެ. އެމީހުން ދެއްކި ވާހަކަ މަމްދޫހާއަށް އިވުނީކަން މާހިލަށް ޔަގީންވިއެވެ. މާހިލް މަމްދޫހާގެ މޫނަށް ބަލާލާފައި އިސްއޮބާލިއެވެ. ކޮންމެ ވާހަކައެއް ދެއްކިޔަސް މަންމަ އެހުރީ ގަބޫލުކުރާ ކަހަލަ މޫޑެއްގައި ނޫންކަން މާހިލަށް ޔަގީނެވެ.
" މަށެއް ގަބޫލެއް ނޫން......... ސަޖާ ކައިރިއަށްދާން މަށެއް ގަބޫލެއްނޫން........އޭނަ ވަރިކޮށްފަ އާޝާއާ އިނދޭ..........." މަންމަގެ ނިންމުން އިވިފައި މާހިލަށް ހީވީ މޫނުމަތީގައި މީހަކު ބޮނޑިއެއް އެޅިހެންނެވެ.

" ތިކަމެއް ނުވާނެ މަންމާ............." މާހިލް ހަޅޭލަވައިގަތީ އަޑަށް ބާރުލައިފައެވެ.

" އާޝާ އެ ކާކުކަން މަންމައަށް އެނގޭތަ ؟ އަޑުއަހާނެހާ ހިތްވަރު މަންމަގެ އެބަހުރިތަ ؟ " މާހިލް ވާޙަކަ ދެއްކި ރާގު ބަދަލުވެގެން ދިޔައެވެ.

" ލޭގެ ގޮތުން އަހަރެމެންމީ ދެބެން..........."

" އާޝާ އެއީ އަހަރެން ބައްޕަގެ ދަރިއެއް........" މަމްދޫހާގެ މޫނަށް ބަލަންހުރެ މާހިލް ބުނެލިއެވެ. އެމޫނުމައްޗަށް އައި ބަދަލު މާހިލަށް ކިތަންމެ ރަނގަޅަކަށްވެސް ފާހަގަވިއެވެ. އެއްފިޔަވަޅު ކުރިއަށް ޖެހިލާ މަމްދޫހާ އަތުގައި ހުރި ބާރެއް ލައި ވިހެލީ މާހިލް ކަންކަށިމަތީގައެވެ. ވީތަދުން މަޑުމަޑު އާހަކާއި އެކު މަމްދޫހާ ޖެހިތަނުގައި ފިރުމާލެވުނެވެ. މަމްދޫހާ ހުރި ފިޔަވަޅުމަތީ ގުޑާނުލާ ހުރިއިރު ރުޅިއައިސްގެން ދެލޮލޮން އަލިފާންކަނި ބުރައެވެ. މީހާ ތުރުތުރު އަޅައެވެ.

~ ނުނިމޭ ~

ޚިޔާލު ފޮނުއްވާ