Views: 8970 165

" ވިހަން މާލެ ގެންނަންވީނުން..............؟ " ނިޒާރު ހިތުގައި އެކަން ރާވާފައި އޮތީ ލައިބާ ބަނޑުބޮޑުކަން އެނގުނު ހިސާބުންނެވެ. އެކަމަކީ އޭނާ ނުހަނު އެދޭކަމެކެވެ. ނަވީން އެއްޗެއް ނުބުނެ ހުރުމުން ވާހަކަދެއްކީ އަނެއްކާވެސް ނިޒާރެވެ.

" ވިހަންވާނީ ހުރިހާ ވަސީލަތެއްވެސް ލިބެން ހުރި ތަނެއްގައި..................." ނިޒާރުގެ އަޑު ނިކުތީ އުނދަގުލުންނެވެ. އަޑުގައި ތުރުތުރެއް ހުރި އިރު ދެލޮލަށް ކަރުނަތައް ޖަމާވީ އަމިއްލަ އިހްތިޔާރަކުނޫނެވެ. މޭފިތޭހެން ހީވާންފެށީ އެދުވަސް ލޯކުރިމަތިން ފެންނަހެން ހީވާން ފެށުމުންނެވެ.

އެއީ ވިއްސާރަރެއެކެވެ. ސަލީމާ ބަނޑުގައި ރިއްސާތީ ތެޅިފޮޅޭތާ ސައްވީސްގަޑީރުވީއެވެ. ސަލީމާ އޮތީ ގޭގައެވެ. އޭނާ ނިދާ ކޮޓަރީގައެވެ. އޭނާގެ ކައިރީ ބޭކެނބިދައިތަޔާއި ދެމީހުންގެ މަންމަ އުޅުނެވެ. ވަރުދެރަވަމުން ދިޔަ ސަލީމާގެ ހާލު ފެނިފައި ބޭކެނބިދައިތަވެސް އެދެމަންމައިންވެސް ނަސޭހަތްތެރިވީ ސަލީމާ ވިހަން ހޮސްޕިޓަލަކަށް ގެންދިއުމަށެވެ. އެހެނަސް ނިޒާރު ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ސަލީމާ އެދެމަފިރިންގެ އަލަތު ދަރިފުޅު ވިހެއީވެސް އެބޭކެނބިދައިތަގެ އެޙީގައި ހަމަ އެކޮޓަރީގައެވެ. އެފަހަރު ސަލީމާގެ ބަނޑުމާ ބޮޑުވެސް މެއެވެ. ވީއިރު މިފަހަރުވެސް ނުވިހެންވީ ސަބަބެއް ނިޒާރަކަށް ނުވިސްނުނެވެ. ނިޒާރުގެ މައްސަލަޔަކަށްވީ ހޮސްޕިޓަލްގައި ބިދޭސީ ޑަކްޓަރުން ތިބުމެވެ. އެމީހުންގެ ރަހުމުކުޑަ ވާހަކަ މީހުންގެ ތުންތުންމަތިން އިވިފައި ވާތީއާވެސް އެކީއެވެ. ނިޒާރު ގޮތްދޫނުކުރުމުގެ ނަތީޖާ ކިތަންމެހާވެސް ހިއްޗެވެ. ލޯބިވާ އަނބިމީހާ ދަރިފުޅު އަބަދަށް ވަކިވެގެން ދިއުންވީ ނިޒާރުގެ ދިރިއުޅުން އެފުށްމިފުށަށްޖެހުނު ކަމަކަށެވެ. އޭރު ނަވީންވެސް އެހާ ކުޑައެވެ. އެކުޑަކުޑަ ދަރިފުޅަށް މައިމީހާގެ ލޯބިން މަޙްރޫމްވީ ޙުދު އޭނާގެ ސަބަބުންކަން އޭނާ އެއްވެސް އިރެއްގައި ހަނދާންނުނެތެއެވެ. މަންމަ ނެތުމުގެ ޝަކުވާ ނަވީން ނުކުރިޔަސް މަންމަގެ ލޯބި ކޮންމެކުއްޖަކުވެސް ބޭނުންވާނެ ކަމާމެދު ނިޒާރު ޝައްކެއް ނުކުރެއެވެ. ފުރިހަމަ ވަސީލަތްތަކެއް ލިބެންނެތް ތަނެއްގައި ނިޒާރުވަނީ ހިތި ތަޖްރިބާއެއް ކޮއްފައެވެ. ނިޒާރުގެ އަންހެނުންނާއި ދަރިފުޅު ނިޒާރާ ވަކިވެގެން ދިޔައީ ނިޒާރު ގޮތްދޫނުކުރުމުގެ ސަބަބުންނެވެ.

ނަވީން ވާޙަކަ ދައްކާ ދައްކާ ނިޒާރު އަނގައިން ނުބުނުމުން ބަލާލިއިރު ނިޒާރު ހުރީ ކޮންމެވެސް ހިޔާލަކަށް ގެއްލިފައެވެ. ނަވީންގެ އަތް ނިޒާރުގެ ކޮނޑުގައި ޖައްސާލުމުން ނިޒާރު ދިޔައީ ސިއްސައިގެންނެވެ.

" ކިހިނެތްވީ ބައްޕާ.........." ނަވީންގެ މޫނުމަތީގައިވީ ކަންބޮޑުވުމުގެ އަސަރު އަޑުގައިވެސްވިއެވެ.

" ކަމެއް ނުވޭ............" ގަދަކަމުން ހިނިތުންވުމެއް ތުންފަތް މައްޗަށް ގެނައިރު ދެލޮލަށް ގިނަވެފައިވީ ކަރުނައެވެ.

" ނުވާނެ އެހެނެއް މިއޮއްހާއިރު ވާހަކަ ދެއްކިއިރު ކަމެއްވެގެންދޯ އަނގައިން ނުބުނާނީ........" ނިޒާރަށް ބަލަންހުރެ ނަވީން އެހެން ބުނީ ޔަގީންކަމާއެކުއެވެ.

" ނަވީންގެ މަންމަ މަތިން މާބޮޑަށް ހަނދާންވީ......" ދެލޯ ފޮހެލަމުން ނިޒާރު ބުނެލިއެވެ. އަދި ޖީބުގައި އޮތް ފޯނުނަގައިގެން އެއްފަރާތަކަށް ޖެހިލީ އެކަނިވެލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ނަވީންވެސް ބައްޕަ ފަހަތުން ދާކަށް ނުކެރުނެވެ. ބައްޕަވެސް އެކަނިވެލަން ބޭނުންވާނެކަން އިނގޭތީ ހުރީއެވެ.

އަލަށް އުފަންވާކުދިންނަށް ހާއްސަ ހުރިހާ އެއްޗެއްވެސް ފިހާރާގައި ހުއްޓެވެ. އެއްޗެހި ރީތިކަމުން ނަގާފައި ނުނަގާނެ އެއްޗެއް ނަވީނަކަށް ނޭގުނެވެ. ކުލައެއް އިޙްތިޒާރު ކުރުމުގައި ނަވީން ބޭނުންވީ ލައިބާގެ ހިޔާލުވެސް ހުރިގޮތެއް ބަލާލާށެވެ. ޖީބުގައި އޮތް ފޯނުނަގާ ލައިބާގެ ނަންބަރަށް ޑައެލްކޮށްލިއެވެ.

*****

ބުލްބުލާގެ ޖޯލިފަތީގައި ފާތުންނާއި އޭނާ ރައްޓެހިވެގެން އުޅޭ ސިނާން ތިއްބެވެ. ޖޯލިކުރިމަތީގައިވާ ދިގު ގޮނޑީގައި ސާމާނުތަކުން ފުރިފައިވާ ބޮޑު ތަބަކެއް ހުއްޓެވެ. ކުންނާރާއި ގޯނބިއްޔެވެ. ދޮންމަދާއި ޅަކުށްޅަވަކެވެ. ކޮށާފައި ހުރި ހުތްއަނބުތައްޓަކާއި ކުޅިކޮށްފައި ހުރި ރިހާކުރު ބޯތައްޓެކެވެ. ނޫޑްލިސް ހަވާދު ޕަކެޓް އަޅާފައި ހުރި ކުޑަ ތައްޓެކެވެ. ދިގު ގޮނޑީގެ އަނެއްފަރާތުގައި އަނދަރާދަ ގޮނޑިއެއްގައި ލައިބާ އިނެވެ. މިހާރަކަށް އައިސް ލައިބާ އަބަދުވެސް އިންނަނީ މިކަހަލަ އެއްޗެއް ކާން ބޭނުންވެފައެވެ.

ލައިބާ އާއި ފާތުން ހުއްޓާނުލާ ވާހަކަ ދެއްކިއިރު ސިނާން އެއްޗެއް ބުނެލަނީ މަދުފަހަރަކުއެވެ. ފޯނުގެ ސްކުރީނަށް ނަޒަރު ހުއްޓާލައިގެން އެތަށް އިރަކު އިނުމަށްފަހު އެތަނުން ތެދުވެގެން ބޭރަށް ނިކުތީ ފޯނެއް އައިސްގެންނެވެ. ފާތުން ސިނާން ދިޔަދިމާލަށް ބަލަންއިނީ ހިތުގައި ޖެހިފައި އިނދެއެވެ. ސިނާނަށް ބަދަލުތަކެއް އަންނަމުންދާތާ ދުވަސްތަކެއްވަނީ ވެފައެވެ. އެކަން އެންމެ ގާތް އެކުވެރިޔާއަށްވެސް ފާތުންވަނީ އެކަން ސިއްރުކޮށްފައެވެ.

" ސިނާން ނޫޅޭތަ އިންނާކަށް.................؟ " ފާތުން ދޮރާއްޓާ ދިމާލަށް ކަޅިހުއްޓާލައިން އިނުމުން ލައިބާ އަހާލިއެވެ. ތަންކޮޅެއް ކުރިން ކައިވެނީގެ ވާހަކަ ފާތުން ދެއްކިޔަސް މިހާރު އޭނަ އެވާހަކައެއް ނުދައްކައެވެ. ސިނާންގެ ވާހަކަވެސް ނުދައްކައެވެ.

" ހޫމް..........އިންނަން އުޅޭ މީހަކު ދެފައި އެތްތާ ނުޖެހިގެން ނުދުވާނެދޯ............" ފާތުންގެ އަޑުގައި އެއްވެސް ކަހަލަ ގަޔާވުމެއްނެތެވެ.

" މާދަން ވާނެ ފަޅޮލެއް އުފުރަން މަޖާހަދަން.............." ފާތުން ގަސްތުގައި މައުލޫ ބަދަލުކޮށްލީއެވެ. ސިނާންގެ ވާހަކަޔާއި ކައިވެނީގެ ވާހަކަ ދައްކަން މިހާރު ފާތުން ފޫހިވެއެވެ. އޭނާގެ އުމުރުދޮށީވަމުންދަނީއެވެ. ސިނާން އިންނާކަށް ނޫޅެއެވެ. ތާރީހަކަށްފަހު ތާރީހެއް ކަނޑައަޅައެވެ. ކޮންމެ ފަހަރަކުވެސް ލަސްކޮށްލަނީ ކޮންމެވެސް ބަހާނާއެއް ދައްކަމުންނެވެ.

" އަސްލުވެސްތަ؟ ......އެކަމަކު އެންމެ ފަހުން މަޖާކޭ ދުވަހުބުނި ދެން ދުވަހަކުވެސް މަޖަލެއް ނުކާނަމޭ...........ފާހާނާއިން ނިކުންނަހާ ނުވިޔޭ އަލިވިލުނުއިރުވެސް ....." ނިކަން ޖޯޝުގައި ލައިބާ ބުނެލީ ކުރީދުވަހުގެ ހަނދާނެއް އާކުރަމުންނެވެ.

" ކާހިތަކުންނޫނޭ.........ލައިބާއަށް ކާންދޭން ވެގެނޭ..........." ހިނިތުންވަމުން ފާތުން ލައިބާއަށް ޖަވާބުދިން އިރު އަޑުގައިވީ އުފާވެރިކަމެވެ.

ލައިބާ ރިހާކުރާ ޖަހާއިގެން ފަހަރަކު އެއްޗެއްކަމުން ދިޔައިރު ހުއްޓާލަން ހިތަށްވެސް ނާރައެވެ. ފާތުން އިނީ ލައިބާ ގަޔާވެގެން އެއްޗެހި ކާތީ އަޖައިބުވެފައެވެ. އޭރު ފާތުން ހުއްޓާލައިގެން އިންނަތާ ކިތަންމެ އިރެކެވެ.

ބޭރުން އައިސް ބަޝީރާ ވަނީ އެތަނުގައި އެދެކުދިން ތިއްބައެވެ. ބަޝީރާ އިށިއިނީ ފާތުން ކައިރީގައެވެ. ޖޯލިފަތީގައެވެ.

" ފާތުން ނުކަންތަ ؟ " ފާތުން ފެންބޯންފެށުމުން ބަޝީރާ އަހާލިއެވެ.

" ނޫނޭ އަހަރެން އަނގަބޯވެގެން ހުއްޓާލީ.............." ފާތުންނާއި ބަޝީރާ ވާހަކަދައްކަމުން ދިޔައިރު ލައިބާ އެމީހުން ދައްކަމުންދިޔަ ވާހަކަޔަކަށް ސަމާލުކަމެއް ނުދީ އަނބު އަޅާފައިވާ ބޯތަށި ކައިރިކޮށްގެން ރިހާކުރާޖަހައިގެން ކަނީއެވެ. ބަޝީރާ ލައިބާގެ ހަރަކާތްތަކަށް ބަލަން އިންއިރު ތުންފަތްމަތީގައިވީ ހިނިތުންވުމެވެ. އެހިނިތުންވުން ދެމިގެން ދިޔައީ ކުޑަ ހިދުކޮޅަކަށެވެ.

އަލަތު ދަރިފުޅަށް ބަލިވެ އިނުމަކީ ބައެއް އަންހެނުންނަށް އުފަލެކެވެ. ދެފަރާތުގެ އާއިލާގެ ލޯބި އިންތިހާއަށް ލިބޭކަމެއްވެސް މެއެވެ. އެއާ ހިލާފަށް ބަޝީރާއަށް ލިބުނީ އިންތިހާ ހިތާމައެވެ. އެންމެންގެ ނަފްރަތާއި މަލާމާތެވެ. އެދުވަސްތައް ބަޝީރާ ހިތުގެ އެންމެ ފުނުގައި ރައްކާކޮށްފައިވެއެވެ. ބަޝީރާ ދިރިހުރިހާ ހިނދަކު އެހަނދާންތައް އޭނާޔާ ދުރުވުމެއް ނެތެވެ.

ކުއްލި ގޮތަކަށް މަންމަ ނިޔާވީ ބަޝީރާ ރަށްމެދަށް ބަލިވެ އިންކަން އެނގުމުންނެވެ. ދެންހުރީ ބައްޕައެވެ. ބައްޕަވެސް ބަޝީރާ އާ ވާހަކަދެއްކުން މުޅިން ހުއްޓާލިއެވެ. އެބައްޕަ ރުޅިއައިސްގެން ހުރެވެސް ބަޝީރާއަށް ބޯހިޔާވަހިކަންދީ ކާއެތިކޮޅުފޯރުކޮށްދިނީ އެހިތުގައި ކޮންމެވެސް ވަރެއްގެ ކުލުނެއް އޮތީމައިކަން ޔަގީނެވެ. ރަށުމީހުންގެ މަލާމާތާއި ފުރައްސާރައިން ބަޝީރާގެ ދެލޮލުން ކަރުނަ ހިކޭ އެންމެ ދުވަހެއްވެސް ނުދެއެވެ. ގޭގައި ބަންދުވެގެން ބަޝީރާ އިނަސް އޭނާގެ މުސްކުޅި ބައްޕަޔަށް މީހުންގެ މަލާމާތުން ސަލާމަތެއް ނުވެވުނެވެ. ބަޝީރާ ކަންތައްކުރި ގޮތުންނާއި މީހުން ކިޔާ އެއްޗެއްސަށް އެފަކީރު ހިތާމަކުރިއެވެ.

ލައިބާ ދުނިޔެއަށް އައުމުން އެދަރިފުޅު ދެކެ ނުރުހުންވެފައި ހުންނާކަށް ބައްޕައަކަށް ނުކެރުނެވެ. ކާފަގެ ލޯބި ލައިބާއަށް ދުނިޔޭގައި ހުރި މަދުދުވަސްކޮޅު އެންމެ ފުރިހަމައަށް ދިނެވެ. ބަޝީރާގެ ބައްޕަވެސް ނިޔާވީ ހަމަ ކުއްލިގޮތަކަށެވެ. ހާޓްއެޓޭކެއް ޖެހުނީއެވެ. އޭރު ލައިބާ އަދިވަރަށް ކުޑައެވެ. ކުޑަކުޑަ ލައިބާ ގޮވައިގެން ބަޝީރާ އުޅުނީ ނިކަން ދަތިހާލުގައެވެ. މީހަކަށް ސަލާން ނުޖަހާ އަމިއްލަ މަސައްކަތުން ލާރިހޯދަމުންނެވެ. އެދުވަސްތަކާއި އެހަނދާންތަކާއި ބަޝީރާ ވަކިވުމެއްނެތެވެ.

ފާތުންނާއި ލައިބާއަށް ފެނުނީ ބަޝީރާގެ ލޯ ފުރިގެން ރޮނގަކަށް ކަރުނަ ފައިބާތީއެވެ. ވީގޮތެއް ނޭގި ކަންބޮޑުވެފައި ތިބެ ދެކުދިން އެއްކުއްޖަކު އަނެއްކުއްޖެއްގެ މޫނަށް ބަލާލިއެވެ. ބަޝީރާއަށް ދެލޮލުން ކަރުނަ ހިލުނުކަންވެސް އެނގުނީ ކަރުނަ ފައިބަންފެށުމުންނެވެ. ޔަގީންކުރަން މޫނުގައި އަތްޖައްސާލިއިރު ކުރިމަތީގައި ތިބި ދެކުދިން ބަލަން ބިތިގޮތުން ހިތަށްވަނީ ބިރުވެރިކަމެކެވެ.

" މަންމާ .......ކިހިނެތްވީ......؟ " ލައިބާގެ ދޫހިމޭނުން ލައިގެން އިނުންވީ އުނދަގޫކަމަކަށެވެ. މަންމަގެ ލޮލުން ފައިބަމުންދާ ކަރުނަ ހެކިދެނީ ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަމެވެ. ޖަވާބު ދިނުމެއްނެތި ބަޝީރާ ހަލުވިކޮށް ހިނގާފައިވަނީ ގޭތެރެއަށެވެ. ނިދާ އެނދުގައި ފޫޖެހުމާއި އެކު ބަޝީރާ ބަޑިފަޅާއިގެން ދިޔައެވެ. ބޭނުންވީ ހިތްފުރެންދެން ރޯލުމަށެވެ. ލޯބިވާކަމަށްބުނެ މީހަކު ޖެހި ކެހިވެރިކަމުގެ ދަންތޫރާގައި ބަޝީރާގެ އަބުރު ވެއްޔާ މޮޑެވުނީއެވެ. ދުވަހެއްގައިވެސް ނުފިލާނެ ލައްގަނޑެއްޖެހުނީއެވެ. ބަޝީރާގެ އެންމެ ބޮޑު ހިތާމަޔަކީ މަންމަޔާއި ބައްޕަ އޭނާއަށް މާފުނުދީ ތާއަބަދަށް ވަކިވެގެންދިޔައީމައެވެ. އެމީހުންގެ މާފުލިބުނުނަމަ އޭނާގެ ނަފުސަށް ކޮންމެވެސްވަރެއްގެ ހަމަޖެހުމެއް ލިބުނީހެވެ.

ފާތުންގެ އެދުމަށް ލައިބާ އައީ ބަޝީރާއާ ވާހަކަދައްކާލާށެވެ. އެމަންމައަކީ އޭނާގެ އެންމެ ކުޑަދުވަހުންފެށިގެންވެސް ހުރިހާ ކަމެއް ބެލެހެއްޓިމީހާއެވެ. ބައްޕަގެ ލޯބި ހަނދާންނެތޭ ވަރަށް ލޯބިދިނީ އެ މަންމައެވެ. ވީއިރު މަންމަގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓޭތަން ދުށުމަށްވެސް ލައިބާގެ ހިތަކަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ؟

" މަންމާ......." ލައިބާގެ އަޑަށް ބަޝީރާ ހިމޭންވީ ސުއިޗަކުން ކަރަންޓު ކަނޑާލާ ފަދަޔަކުންނެވެ. އަވަސްއަވަހަށް ދެލޯ ފޮހެލަންވާއިރަށް ލައިބާ އައިސް ހުރީ ބަޝީރާގެ ކުރިމަތީގައެވެ. ބަޝީރާގެ އަތުގައި ލައިބާ ހިފާލިއެވެ.

" މަންމާ......." ބުނާނެ ބަހެއް ލައިބާއަކަށް ނުވިސްނުނެވެ. ބަޝީރާ ކަރުނައިން ފުރިގެންވީ ލޮލުން ލައިބާއަށް ބަލާލިއެވެ.

" ދަރިފުޅުގެ މާމަޔާ ކާފަމަތިން ހަނދާންވީ..................."

" މާޒީ ހަނދާންކޮށް ރޯކަށް ނުވާނެ..................." ލައިބާ އިށިއިނީ ބަޝީރާ ކައިރީ އެނދުމަތީގައެވެ. އަދި އުނދަގުލުންވެސް ބަޝީރާ ގައިގާ ބައްދާލިއެވެ.

" މީ ހަމަ ބެސްޓު.............. ހިތްވަރު ގަދަކަމާއި ކެތްތެރިކަމަށް އެވޯޑެއް ދޭހާވޭ..............." ބަޝީރާ ކޯތާފަތުގައި ބޮސްދެމުން ލައިބާ ބުނެލިއެވެ. ބަޝީރާއަށް ހިނިތުންވެވުނީ އަމިއްލަ އިޙްތިޔާރަކު ނޫނެވެ. ބަޝީރާވެސް ނިކަން ލޯބިން ލައިބާ ގައިގާ ދެއަތުން ވަށާލިއެވެ.

******

ދެހަފްތާ ފަހުން އާޝާ މާލެއައީއެވެ. މާހިލް އާ ބައްދަލުކުރާ ހިތުން ކެތްމަދުވެފައިވާ އާޝާ އާ މާޙިލް ބައްދަލުކުރީ އާޝާ ކުލިނިކުންނެވެ. މާހިލް ފެނުމުން އާޝާ ބައްދާލިއިރު މާހިލް ހުރީ ހިމޭންވެފައެވެ. އިތުރު ހަރަކާތެއް ނުގެނެސް މީހާ ހުރީ ހިލައިގެ ބުދެއް ފަދައިންނެވެ.

" އައި މިސްޑްޔޫ ސޯމަޗް......" މާހިލް ބޮލުގެ އިސްތަށިގަނޑުތެރޭގައި އާޝާގެ އިނގިލިތައް ހިންގާލަމުން ވާހަކަ ދެއްކިއެވެ. އާޝާ މާހިލާއި ގައިގޯޅިވުމުން މާހިލަށް އުނދަގޫވި މީ ފުރަތަމަ ފަހަރެވެ. ދެލޯމަރާ ބާރުކޮށްގެންލިއެވެ. އާޝާގެ ތުންފަތް މާހިލްގެ ކަންފަތުފޫޅުގައި ޖައްސާލި ހިނދު މާހިލަށް އާޝާ ދުރުކޮށްލެވުނެވެ.

" ސްޓޮޕް ދިސް ......" ދެލޯ މަރާލަމުން މާޙިލް ފަހަތަށް ޖެހުނުއިރު އަޑުގައިވީ އާދޭހެވެ. އާޝާ މާޙިލަށް ބަލަންހުރީ ހައިރާންކަމުގެ ބެލުމަކުންނެވެ. މާހިލް އޭނާގެ ބީހުމަށް އިންކާރުކުރި މީ ފުރަތަމަ ފަހަރެވެ.

" ވަޓް ހެޕަން ޑާލިންގ.........." އާޝާ އުޅުނީ މާހިލް މޫނުގައި އަތްޖައްސާލާށެވެ. އޭގެ ކުރިން މާހިލް ހިފެހެއްޓީ އާޝާގެ އަތުގައެވެ.

" އައި ކާންޓް ޑޫ ދިސް އެނީމޯރ.........." މާހިލް އެހެން ބުނުމުންވެސް އާޝާއަށް ހީވީ އޭނާ ސަމާސާއެއް ކުރަނީކަމަށެވެ.

" މީ ރަނގަޅު ގޮތެއްނޫން.......ސަޖާއަށް ދެރަދީފަ ...............އާޝާ އެކީ އުޅޭނީ ކިހިނެތް............؟ " ހީވީ ބާރުގަދަ އަތަކުން އާޝާ މޫނުގައި އެތިފަހަރެއް ވިހެލިހެންނެވެ.

" ޝީއިޒް ޕުރެގުނެންޓް................" މިފަހަރު އެއިވުނު އަޑުން ކޮޅަށް ހުންނަންވެސް އާޝާއަށް ދަތިވިއެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން އެންމެ ކައިރީ ހުރި ސޯފާމައްޗަށް ތިރިވިއެވެ. އާޝާއަށް ހީވީ ކުޑަވަގުތު ކޮޅަކަށް ވަށައިގެންވި ހުރިހާ ކަމެއް ހުއްޓުނު ހެންނެވެ. ހަރަކާތް ހުއްޓިފައިވާ މީހަކު ފަދައިން އެސްފިޔަ ޖަހާވެސްނުލާ އާޝާ އިނެވެ.

ފަޓްލޫނު ޖީބަށް ދެއަތްޖަހާލިއިރު މޫނުގައިވީ ދާތިކިތަކެވެ. ފުންނޭވާއެއް ދޫކޮށްލާ މާހިލް ބަލަންހުރީ އެހެން ދިމާލަކަށެވެ. އާޝާ އާ ދިމާލަށް ބަލާލާނެ ހިތްވަރު ނެތިފައި މާހިލް ހުރީ އާޝާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. އާޝާއަކަށް ވާހަކައެއް ނުދެއްކުނެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ހީވީ ދެންމެ ދެންމެ ފައިބައިގެންދާނެ ހެންނެވެ.

" ޝީއިޒް ސްޓިލް މައިވައިފް ............އައި ކާންޓު ލީވް ހާރ...................." ވައަތު ކަށިއިނގިލީގައި އޮތް ރިހިކުލައިގެ އަނގޮޓި ބޭއްވިއިރު ދެމީހުންގެ ނަޒަރުވީ ސީދާވެފައެވެ.

" އަހަރެން އާޝާ ދެކެ ވަރަށް ލޯބިވޭ...........އާޝާ އާ ވަކިވާން އަހަންނަކަށް ފަސޭހައެއްނޫން..........އެކަމަކު އެކަމަކު........." އެވާހަކަތައްވީ މާހިލްގެ ހިތުގައެވެ. މިވަގުތު މާހިލް އެތަނުގައި މަޑުކޮށްފިނަމަ ދުރުވާން އުނދަގުވެދާނޭހެން ހީވަނީއެވެ. ބޭރަށް ނިކުމެ ދޮރުގައި ބުރަކަށި ޖައްސާލީ ދިގުދަތުރެއްކޮށް ވަރުބަލިވެފައިވާ މީހެއް ފަދައިންނެވެ.

" ސޮރީ ސޮރީ.........." މާހިލް މޫނުގައި އަތްއަޅަމުން ކަރުނަތައް ހިންދާލިއެވެ. އާޝާ ދޫކޮށް މާޙިލް އެދަނީ ހިތާ ދެކޮޅަށެވެ.

މާހިލް ނިކުމެގެން ދިއުމުން އާޝާ ނެގީ ބިއްލޫރި މޭޒުމަތީގައި އޮތް އަނގޮޓިއެވެ. މުށުތެރޭގައި އަނގޮޓި ފިއްތާލިއިރު ދެލޮލުން ކަރުނަތައް ފައިބައިގަނެއްޖެއެވެ. މޭގައި އަތްޖައްސާލީ ދެލޯ މަރާ ބާރުކޮށްލަމުންނެވެ.

އެއަނގޮޓިއަކީ އާޝާ، މާހިލްގެ އިނގިލީގައި އަޅުވާލަދިން ލޯބީގެ ރަމްޒެކެވެ. އެ އަނގޮޓި މާހިލްގެ އަތުން ވަކިކޮށްލުމަކީ ދެމީހުން ދެމެދުގައިވީ ގުޅުން ނިންމާލިކަމުގެ ފުރިހަމަ ހެއްކެކެވެ. އެއަނގޮޓި އަޅުވާދިނީ ދެމީހުން އެކީ އަބަދަށް ވުމަށް އެދި ވީ ވައުދާއެކުއެވެ. އެހުރިހާ ވައުދާ ހުވައެއް އުވާލައި އޭނާ ދޫކޮށް މާހިލް ދިޔައީއެވެ. ރޮއެ ރޮއެ ދެލޯ ދުޅަވަންދެން އާޝާ ރުއެވެ.

*****

މާހިލް އިށިއިނީ ރެސްޓޯރެންޓެއްގެ އެއްކަނެއްގައި ހުރި މޭޒެއް ކައިރީގައެވެ. ތަނުގައި ހަލަބޮލިކަންވިޔަސް މާހިލަށް އެއިންކަމެއްގެ އިޙްސާސެއް ނުވެއެވެ. ހިތާދެކޮޅަށް ނިންމުމެއް ނިންމުމަކީ ކިހާ ވޭނެއް ހުރި ކަމެއްކަން އެނގޭނީ އެއިހްސާސް ކުރަން ޖެހޭ މީހަކަށެވެ. ހިތްއެދޭ މީހާ ދޫކޮށްލާ ހިތްނޭދޭ މީހާއާއެކު ދިރިއުޅުމުގައި ކުރިއަށްދާންޖެހުމަކީ އަމިއްލަ ނަފުސަށްވެސް އޮޅުވާލާ އޮޅުވާލުމެކެވެ. އާޝާ އާ ގުޅުން ކަނޑާލާފައި މާހިލް އައިސް އެއިނީ ހިތްހަމަޖެހިފައެއް ނޫނެވެ. އެނޫން ގޮތެއް އޭނާޔަކަށް ނެތެވެ. އާޝާ އާއެކު އެގުޅުން ކުރިއަށްގެންދެވުނީތީ އަމިއްލަ ނަފްސުވެސް އޭނާއަށް މަލާމާތްކުރާ ކަހަލައެވެ.

އަފީފް މާހިލާ ބައްދަލުކުރަން އައީ އިއްޔެ ހެނދުނުގެ ވަގުތުގައެވެ. މާޙިލް އޮފީހުގައި އިންދައެވެ. ބައްދަލުކުރަން ހުއްދަދެވުނީ ކާކުތޯ ބަލައިވެސް ނުލައެވެ. މީޓިންގ ރޫމުގައި މާހިލްގެ އިންތިޒާރުގައި އިން އަފީފް ފެނުމުން މާޙިލްގެ އަތްފައި ފިނިވެ ހިތްނުތަނަވަސްވާ ގޮތްވިއެވެ. ނިކަން ހަމަޖެހޭ ގޮތް ދައްކަމުން މާހިލް ގޮސް އަފީފު ކުރިމަތީ ހުއްޓުނެވެ. އަފީފުގެ މޫނުމަތިން ފެނުނީ އަބަދުވެސް މާހިލަށް ފެންނަ ރުޅިވެރިކަމެވެ. އެކަން ބަދަލެއް ނުވެއެވެ.

" ބަ.....އިށިއިނދޭ........" މާހިލް ފެނުމުން ކޮޅަށް ތެދުވަތް ގޮތަށް އަފީފު ހުރީ ކޮޅަށެވެ.

" އަހަރެން މިއައީ އިށިއިންނާކަށްނޫން........." މޫނު ހަދާލުމުން ކުރިއަށްވުރެންވެސް ނުރުހޭކަން މޫނުން ފާޅުވިއެވެ. މާހިލަށް ހީވީ ބޭރަށް ލާން އުޅުނު ނޭވާވެސް އެތެރޭގައި ތާށިވިހެންނެވެ. ދައްކަން އެ އައި ވާހަކައަކީ ސުލްހަވެރިކޮށް ނިމިދާނެ ވާހަކައެއް ކަމާމެދު މާހިލްގެ ހިތަށް ބިރުވެރިކަން ވަނެވެ. ކުރިންވެސް އަފީފުވަނީ އާޝާއާ ރުޅިވާން އަންގާފައެވެ. އެތަށް އިންޒާރެއް ދިނުމުން އެފަހަރުވެސް މާޙިލްވަނީ އާޝާ އާ އޮތް ގުޅުން ކަނޑާލާފައެވެ.

" އަހަރެން މިއައީ އާޝާ އާ އޮތް ގުޅުން ކަނޑާލާށޭ ބުނަން........ ކުރިންވެސް އޮންނާނީ ދެކޮޅުހަދާފަ " މާހިލަށް ފުރަގަސްދީގެން ގޮސް އަފީފު ހުއްޓުނީ ފަރުދާ ކަހާފައިވާ ކުޑަދޮރު ކައިރީގައެވެ.

" ދެކުދިންނަށްވެސް ރަނގަޅަކަށް މިހެން މިބުނަނީ .............." މިފަހަރު އަޑުގައި ތަފާތުކަމެއް ހުރިހެން މާހިލަށްވެސް ހީވިއެވެ.

" ދެ ކެރިއަރުންނަށްވީމަތަ؟ " މާހިލް ސަބަބު އޮޅުން ފިލުވަން ބޭނުންވިއެވެ. އަފީފުގެ ފަރާތުން ޖަވާބެއް ނުލިބުނެވެ.

" އަހަރެމެން ކުއްޖަކު ނުހޯދާވެސް އުޅިދާނަން............މައްސަލަޔަކަށްވަނީ އަހަރެމެންނަށް ލޭއަޅާ ކުއްޖެއް ލިބިދާނެތީއޭނުން........" މާހިލަށް ކުރިންވެސް ހީވެފައި އޮތް އެއްޗެއް ބުނެލިއެވެ. ދެމީހުންނަކީ ތެލެސީމިޔާ ކެރިއަރުންނަށްވީމައެވެ.

" އެޔެއް ނޫން މައްސަލައަކީ ..................މައްސަލަޔަކީ އާޝާ އާ މާހިލް ކައިވެނި ހަލާލު ނުވާނެތީ............." ނުބުނަން މިއޮއްހާ ދުވަހު ހިފަހައްޓައިގެން އޮތް ސިއްރު ދުލުން ބޭރުވީ އެނޫން އެހެން ގޮތެއް ނެތީމައެވެ. ބޭއިޙްތިޔާރުގައި މާޙިލާއި ދިމާލަށް އަފީފު ބަލާލިއިރު މާހިލްގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ދެލޯ ބޮޑުކޮށްގެން އަފީފަށް ބަލަންހުރީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ.

ނުނިމޭ

  1. Avatar

    ކޮބާ މިހާރު ކޮމެންޓެއް ކޮއްލާނެ ކުއްޖަކުވެސް ނުވީތަ؟ ކޮބައިތަ ވަރުދައްކާފަ ވާހަކަ ނުނިކުމެގެން އުޅުނު ކުދިންތައް

    8
    1
    1. Avatar

      ލީނާ ކިތަންމެ ހިތްހަމަ ނުޖެހުނަސް ބުނެލަން އޮތީ ވާހަކައިގައި ގިނައީ ހުސް ހާސަރޭ… ކެއުމުގެ ފޯރިގަނޑަކާ، މާކުރިންވެސް އެނގިފައި އޮތް ބަޝީރާގެ ޕާސްޓްވެސް ދެން ނޭނގެ ފޫހިވެއްޖެ ސަހާދެއް… އެވަރަށް ސީންތައް ތަފްސީލް ކުރަނީ ހަމަ އެޕިސޯޑް ދިގުކުރުން ދެން ކޮންކަމަކުއޯވް… ކުރީބައެއްގައި ޒީނިޔާގެ ހެދުން ނުފެހިގެން ވެސް ދަމާފައި ހުރި ހާސަރަށް ކިޔުންތެރިން ހިތްހަމަނުޖެހޭ ވަރު ދައްކުވައިދިން…

      6
      7
  2. Avatar

    ދިގު ވާހަކަތަކުގައި ހާސަރުވެސް ދިގުވާނެ ތަފްސީލްވެސް އަންނާނެ ތިޔަ އުޅެނިީ ނޭގިގެން ބޮލަަށްތުރާވެގެނެއްނޫން
    އަޅެފަހެ ކެއުމުގެ ފޯރިކުޑަމީހެއްތަ ތީ……

    2
    6
  3. Avatar

    މާތްކަލާކޯ. 2ވަނަ ސީންގައި 22 ޕެރެގްރާފް ލިޔެފައި އޮތް އިރު ފާތުންގެ ލޯބިވެރިޔާ ސިއްރުތަކެއްވާކަން ހާމަކުރުމުގެ އިތުރުން ދެން މުޅިން ބޭކާރު ހާސަރު. ބޮލައްތުރާ ބުނިހެން މި ލިޔުންތެރިޔާގެ ސިފަކުރުންތަކާ ހެދި ހަމަރަނގަޅަށް ވެސް ފޫހިވެއްޖެ. 3 މަސްދވަހުގެ ބްރޭކކަށްފަހު މި ދެން ކޯއްޗެއްތަ އަޅެ

    1
    7

ޚިޔާލު ފޮނުއްވާ