Views: 7585 115

" ޗުއްޓީ ހަމަޖެހިފަ އިނީ މާޙިލް ބޭނުން އިރަކުން ޗުއްޓީ ނަގަންވީ ހަމަ..........." ނަވީން ފެށި ވާހަކަޔަކުން އަނެއްކާވެސް މާހިލަށް ނަވީނަށް ސަމާލުކަންދޭން މަޖްބޫރުވިއެވެ. ތަންކޮޅެއް ކުރިން މާހިލްވަނީ ނަވީންކައިރީ ޗުއްޓީ ބޭނުންވާ ވާހަކަ ދައްކާފައެވެ. އާޝާއާ ކައިވެނިކުރަން ބޭނުންވާތީއެވެ. އެހެނަސް މިވަގުތު ހުދު މާހިލަށްވެސް ހުރީ ދާންވީ ދިމާލެއް ނޭގިފައެވެ. އެއްކޮޅުން ސަޖާއެވެ. އަނެއްކޮޅުން އިންތިހާއަށް ލޯބިވާ ލޯބިވެރިޔާއެވެ.

" ކޮން އިރަކުން މެރީކުރަނީ............؟ " ނަވީން ކޮއްލި ސުވާލުން މާހިލް ކޮށިއެރީއެވެ. ކޮފީތަށި ތިރިކޮއްލި އިރު ނަވީން ބަލަން އިން ގޮތުން މާހިލްގެ ހަށިގަނޑުގައި ރޫރޫ އަޅާއިގެންދިޔައީ ހިތަށްވެރިވި ބިރުވެރިކަމަކުންނެވެ. މުޅި މީހާ ދާހިތްލާ ފޯވީ ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.
" ކޮންގުރާ..........." ސަލާމަށް އަތްދިމާކޮށްލަމުން ނަވީން ބުނެލިއެވެ. އެއަތުގައި މާހިލަށް ހިފާކަށް ނުކެރުނެވެ. އެހާ ސިއްރުން އުޅެނިކޮން ފަޅާއެރީތީ މާހިލް އިނީ ކަންތައް ބޮޑުވެފައެވެ.

" ތިހާ ބޮޑުކަމެއްކުރަން އުޅޭއިރު އަންގާވެސް ނުލާވިއްޔާ..........އަހަރެން ހީކޮށްގެން މިހުރީ އަހަރެން ވަރަށް މާހިލާ ގުލޯޒްކަމަށް......" ނަވީން ހިނިތުންވެލިއެވެ. އެތެރެހަށީގައި މާހިލާއި މެދު ރުޅިވެރިކަމުގެ އޮއެވަރެއް އުފެދިފައިވިޔަސް އެކަން ނަވީންގެ ބަހާއި އަމަލުން ނުދައްކަން ވަރަށް މަސައްކަތްކުރިއެވެ. އެހެނަސް މާހިލް އިނީ ބުނާނެ އެއްޗެއް ނޭގި އަނގަނަގާގެންނެވެ

" އެކަމަކު އަހަރެން މިއިނީ ވަރަށް ރުޅިއައިސް........ހިތްހަމަ ނުޖެހިފަ........ކީއްވެތޯ ނާޙާނަންތަ؟" ކުއްލިއަކަށް ނަވީން ވާޙަކަދައްކަމުންދިޔަ ރާގު ބަދަލުވިއެވެ. އިށިއިނދެއިން ގޮނޑިންތެދުވެތީ ކޮފީތަށިވެސް ހިފައިގެންނެވެ. ހީވަނީ މާޙިލް ކުރިމަތީ އިންނަން ބޭނުން ނުވެގެން ތެދުވިހެންނެވެ. ޓެރަހުގެ ރެއިލިންގ ގައި އަތްއަޅުވާލައިގެން ތިރިއަށް ނަޒަރު ހިންގާލިއެވެ.
" ކީ....ކީ.އްވެ؟ " އެސުވާލު މާޙިލްކޮށްލެވުނީ އަމިއްލަ އިހްތިޔާރަކު ނޫނެވެ.

" ކީއްވެހޭ.........؟"

" ހަމަ ރަނގަޅަށް މާހިލަށް އެނގޭނެ ތިހެން ބުނާއިރުވެސް ކީއްވެގެންކަން.............." މާހިލަށް ބަލަންހުރެ ނަވީން ޖަވާބުދިންއިރު އަޑުގައިވީ ހިތްހަމަ ނުޖެހުމެވެ.
" ސަޖާޔާ ދޭތެރޭ މާޙިލް ކަންތައް ތިކުރީ ވަރަށް އިހާނަތްތެރިކޮށް..........އަހަރެން ހީކުރި ކަހަލަ މީހަކަށް މާހިލް ނުވި..........." ސަޖާގެ ނަން ނަވީންގެ ދުލުން ބޭރުވުމާއެކު މާހިލް އިސްޖަހާލީ ކުށްވެރިޔަކު ފަދައިންނެވެ.

" ޖޫލީއާ ކައިވެނިކުރެވުނު ފަހުން ސަޖާއަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ކުއްޖެއްފަދަ...........ބޭބެއަކު ކޮއްކޮއަކަށް ދެރައެއް ނޭދޭނެ........." ނަވީން ދޫކޮށްލީ ފިނި ނޭވާއެކެވެ. ޖޫލީގެ އާއިލާއަކީ ނިކަން އުފަލުން އުޅުނު އާއިލާއެކެވެ. ކޮންމެ މީހަކާވެސް އެއިން ކޮންމެ މީހަކު ބައްދަލުކުރަނީ އުފާވެރި މޫނަކާއިގެންނެވެ. އެހެނަސް މިހާރު އެއުފާވެރި މަންޒަރު މިވަނީ މުޅިން ބަދަލުވެފައެވެ.

" ސަޖާއާ މެދު ކަންތައްވީ ވަރަށް ދެރަކޮށް........އެފަކީރު ބޮލުގައި ހުތުރުވެގެންވާ ބަދުނާމެއް އަޅުވާފައި.........އަބުރަށް ހުތުރުކޮށްފަ............މީތަ ސަޖާ މާހިލް ދެކެވީ ލޯބީގެ ބަދަލު ދޭންފެނުނު ގޮތަކީ........." އިސްއުފުލާލަން ނުކެރިފައި މާހިލްއިނީއެވެ. އެންމެ ދުވަސްވީ އެކުވެރިޔާ އާ އޮތް ގުޅުން ކެނޑިގެންދިޔައީއެވެ. މުވައްޒަފެއްގެ ހައިސިއްޔަތުން ނަވީން ވާހަކަދެއްކިޔަސް ދެން ކުރީގެ އެކުވެރިކަން އޮވެދާނެކަމާމެދު ޝައްކުހީވާން ފެށިއެވެ.

" އަހަރެން ހަމަ އެންމެ ސުވާލެއް ކޮށްލަން ބޭނުންވަނީ ............؟ ހަމަ އެންމެ ސުވާލެއްގެ ޖަވާބު ބޭނުންވަނީ " މާހިލްގެ ކުރިމައްޗަށް ހުއްޓި ނަވީން ބުނެލިއެވެ. ލަދުން ހުރެވެސް މާޙިލް އެމޫނަށް ބަލާލިއިރު ހިތުގެ ހިނގުންވީ އަވަސްވެފައެވެ ކުރިންވެސް އިށިއިނދެއިން ގޮނޑީގައި ނަވީން އިށިއިންއިރު އޭނާގެ ނަޒަރު ސީދާވެފައިވަނީ މާހިލްގެ މޫނަށެވެ.
" ތިހެން ވިއްޔާ ކާކުގެ ދަރިއަކަށް ސަޖާ ބަލިވެއޭނީ.............." ދަތްތަކަށް ބާރުލާފައި ނަވީން ވާހަކަދެއްކިއިރު ރުޅިއައިސްގެން ދެލޮލުން އަލިފާންކަނި ބުރައެވެ. ނަވީން ކުރި ސުވާލަށް ދޭނެ ޖަވާބެއް މާޙިލަކަށް ނޭގުނެވެ. އަނގަ ކައިކައި އިނީ ނަވީނުގެ ނަޒަރުން ބަހެއް ބުނެލަން ނުކެރިފައެވެ. ބުނެވޭ އެއްޗަކުން ނަވީން ހަޅޭލަވައިގަނެދާނެތީއެވެ. އިސްޖަހާލީ ގޮތް ހުސްވެފައިވާ މީހަކު ފަދައިން ދެއަތް ޖޯޑުކޮށްލަމުންނެވެ.

" އަހަރެން މިއަހަނީ ކާކުގެ ކުއްޖެއްހޭ............؟ ކަލެއަށް ކަލޭގެ ކުއްޖެއް ނޫންކަން ކަށަވަރުވަނީ ކޮންކަމެއް ސަޖާ ކިބައިން ފެނިގެންހޭ............." މޭޒުމަތީގައި ބާރަށް ތަޅާއިގަތީ މާހިލް ބަހެއް ނުބުނެއިންނަން ފެށުމުންނެވެ.

" މިމި...........މި .........އަހަންނަކަށް...............އަހަންނަކަށް ނޭގެ " ތެޅިގަނެފައި މާހިލް ބުނެލިއެވެ. އަދި ކޮޅަށް ތެދުވެތީ އެތަނުން ދިއުމުގެ ބޭނުމުގައެވެ. އެހެނަސް ނަވީން ހުރީ އެކަމަށް ހުޝިޔާރުވެގެންނެވެ. ނަވީން ތެދުވެ ކުރިއަށް ޖެހިލިއެވެ. އަދި މާހިލްގެ ގިރުވާނުގައި ހިފާ ލައްކެއް ޖަހާލީ ބަސްބުނާހާ އަވަހަށެވެ.

" ނޭގެންޏާ ޖެހޭތަ އިލްޒާމު އަޅުވަން .........." ދަތްތަކަށް ބާރުލަމުން ނަވީން ވާހަކަދެއްކިއެވެ. މީ މީގެ ކުރިން ނަވީންގެ ކިބައިން ފެނިފައިވާ ސިފައަކަށް ނުވާތީ މާޙިލް ބިރުން ރޫރޫ އަޅާއިގަތްއިރު އަނގައިން ނިކުތީ ބިރުވެރިކަމުގެ އާހެކެސަވެ.

" މަޑު މަޑުކޮށްބަލަ ............." ކަރަށް ވާންވެފައި ހުރުމުން މާހިލަށް ބުނަން ބޭނުންވި އެއްޗެއް ބުނެލަންވީ އުނދަގުލެވެ. އެކަން އެނގިގެން ނަވީން ގިރުވާނުން ދޫކޮށްލިއެވެ. ވީތަދުން ކަރުގައި އަތް ޖައްސާލައި ގިރުވާން ހެޔޮކޮށްލިއެވެ.

" ސަޖާވެސް ކަންތައް ކުރި ގޮތުން އަހަރެން ގަބޫލުކުރަން ބޭނުންނުވީ އެއީ އަހަރެންގެ ކުއްޖެއްކަމަށް..........................." މޫނުމަތީގައި ހުރި ދާތިކިތައް ކުޑަރުމާލުން ފޮހެމުންދިޔަ ނަވީންގެ ހަރަކާތްތަކަށް މަޑުޖައްސާލީ މާޙިލް ވާޙަކަދައްކަން ފެށުމުންނެވެ. ނަވީންގެ މޫނުމަތިން ފެނުނީ އެވާހަކަ އަޑުއަހަން ހުރި ޝައުގުވެރިކަމެވެ.

" ބަނޑުބޮޑުކަން އެނގުނީމަ ފުރަތަމަވެސް އަހަރެން ކައިރިއަކު ނުބުނޭ............އެކަން އަހަންނަށް ނާންގާ އޭނަގެ މަންމަމެން ކައިރިއަށް ދިޔައީ..........އަހަރެން މަންމައަށް އެކަން އެނގުނީވެސް އެގެއަށް ދިޔާމަ ސަޖާ މަންމަ ފަރާތުން މަންމައަށް އެނގުނީމަވެސް ބުނީ ސިއްރުކޮށްދޭށޭ މާހިލަށް ނާންގާށޭ............ ގައިމު ކޮންމެވެސް ކަމެއް ވީމަދޯ ސިއްރުކުރަން ބުނާނީ........." މާހިލްގެ ވާޙަކަ އަޑުއަހަން ގޮނޑީގައި އިށިއިން ނަވީން ފުންވިސްނުމެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ. އެކަމުގެ ހަގީގަތް އެއަށްވުރެން ބޮޑަށް އެނގެން ބޭނުންވިއެވެ. ސަޖާ ސިއްރުކުރަން އެދޭނީ ގައިމުވެސް ކޮންމެވެސް ކަމަކާ ލައިގެންކަން ނަވީންގެ ސިކުނޑިއަށް ވިސްނުނެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ނަވީންގެ ވާހަކަދެއްކުމުގެ ރާގު މުޅިން ބަދަލުވިއެވެ.

" އަހަރެން ނުބުނާނަން މާހިލް ކައިރީ ސަޖާ އާ ގުޅޭށެކޭ............މާޙިލް ހިތުގަ ނެތް ލޯތްބެއް ގަދަކަމުން މީހަކަށް ދޭށެކޭ ބުނާކަށް ބޭނުމެއްނޫން...........މާހިލް ބޭނުން ގޮތަކަށް މާހިލްގެ ދިރިއުޅުން ކުރިއަށް ގެންދަންވީ ............"

" އެކަމަކު އަހަރެން ތިކަމުގެހަގީގަތް ހޯދާނަން................" ނަވީންގެ އަޑުގައިވީ ސާބިތުކަމެވެ. ޔަގީންކަމެވެ. ނަވީން ތެދެވެގެން ގޮސް މާހިލްގެ ލޯކުރިމައްޗަށް ގެއްލެންދެން މާޙިލް ހުރީ ފާޑަކަށް ގަނޑުވެފައެވެ. ކައިރީގައި ހުރި ގޮނޑީގައި އިށިއިނީ ހަލަބޮލިވެފައިވާ ހިތަށް ހަމަޖެހުމެއް ލިބޭނެކަމަށެވެ. ކޮފީމަގުގައި އަތް ޖައްސާލިއިރު ހުރީ ހިހޫވެފައެވެ. ކޮފީ މެޝިނުކައިރިއަށް ގޮސް ހޫނު ކޮފީތައްޓެއް ހަދައިލިއެވެ. ކޮފީމަގު ހިފައިގެން އައިސް މަޑުކޮށްލީ ބޭރުފެންނާނެހެންނެވެ. ހަލަބޮލިމަގަށް ބަލަހައްޓައިގެން ހުރިއިރު އޭނާ ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑުގެ ހަލަބޮލިކަން ވަކިކުޑައެއްނޫނެވެ. ވިސްނުމަކަށް ގެއްލިފައި ހުރިއިރު ވަށައިގެންވާ އެއްވެސްތަނެއް ނުފެންނަ ކަހަލައެވެ.

*****

ނިޒާރަށް އައްފާން ފެނުނީ އާންމުކޮން ނިޒާރު އިންނަ ހާޑްވެއަރ ފިހާރަ ކައިރިންނެވެ. ފިހާރާގައި އިނދެފައި ނިޒާރު ނިކުތްއިރ ނިކަން ހަލުވި އަރުވާލާފައި ގޮސް އައްފާން ކާރަށް އަރަނީއެވެ. އައްފާނަށް އިވުނީ ނިޒާރު ދެތިން ފަހަރު އައްފާނަށް ގޮވިފަހުންނެވެ. ނިޒާރުގެ އަޑަށް އައްފާން ބަލާލިއެވެ. ނިޒާރުކަން އެނގުމުން ކާރުގެ ދޮރު ލައްޕާފައި ނިޒާރާ ކުރިމަތިލީ ހިނިތުންވެފައިވާ މޫނަކާއިގެންނެވެ.

" ކޮންތާކަށް ތިދަނީ............ބިޒީ ގަޑިއެއްތަ ؟ " ނިޒާރު ވާޙަކަދެއްކީ އައްފާނު ހުރި ހިސާބަށް އައިސް ހުއްޓެމުންނެވެ. ނިޒާރުގެ މޫނުމަތިން ކޮންމެވެސް ވާހަކައެއް ބުނަން އުޅޭހެން އައްފާނަށް ހީވިއެވެ.

" ނޫނޭ ބިޒީއެއްނޫން..............ކިހިނެތްވީ.......؟" ނިޒާރުގެ ކޮނޑަށް އަތްވައްޓާލަމުން އައްފާން ބުނެލީ ނިކަން ފުޅާ ހިނިތުންވުމަކާއި އެކުއެވެ.

" ވާހަކަ ދައްކާލަން ނުފެނިފައޭ މިހިރީ ..........ހިނގާ ތަންކޮޅެއް ހަމަޖެހިލައިގެން ވާހަކަ ދައްކާލަންދާން..........." ނިޒާރު އިޝާރާތްކުރީ ކައިރީގައި ހުރި ރެސްޓޯރެންޓާ ދިމާލަށެވެ. އައްފާން ދެކޮޅު ހެދުމެއްނެތި ނިޒާރާއި އެއްހަމައެއްގައި ހުރެ ހިނގައިގަތީ ބޮޑުބެ ދައްކަން އުޅެނީ ވަރަށް ސީރިޔަސް ވާހަކައެއްކަން އެނގިހުރެއެވެ.
" ގެއަކަށް ނުދަންދޯ..............." ނިޒާރު ވާޙަކަދެއްކީ އެމީހުންގެ އޯޑަރ ނަގަން އައި ވެއިޓަރ ދުރަށްޖެހިލުންނެވެ.

" ހޫމް" އަޅުވާލަމުން އައްފާން އިސްޖަހާލީ ކުށްވެރިޔަކު ފަދައިންނެވެ.

" މަންމަ ހުރީ އައްފާން ގެއިން ނިކުމެގެން ވަރަށް ދެރަވެފަ............" އައްފާންގެ މޫނަށް ބަލަން އިނދެ ނިޒާރު ވާހަކަދެއްކިއެވެ. އައްފާންގެ މޫނުމަތީގައިވި އުފާވެރިކަން ފިލާގެންދިޔައެވެ.

" މަންމައަށް ގުޅަން ކޮންމެ ދުވަހަކު.............." އިސްޖަހާލައިގެން އިނދެ ޖަވާބުދިންއިރު އެއީ ނިޒާރުކުރި ސުވާލުގެ ޖަވާބުނޫންކަން އައްފާނަށް އެނގެއެވެ.

" މަންމަ ކައިރިއަށް ދާންވާނުން............މަންމަ ކިހާ ދެރަވާނެ ..............." ޖީބުން ފޯނުނަގާ މޭޒުމަތީ ބާއްވަމުން ނިޒާރު ބުނެލިއެވެ.

" ގެއަށް ވަންނަ ހިތެއްނުވޭ.............ދެން ގަސްތެއް ނުކުރަން ގެއަށް އެނބުރިދާކަށް......." އައްފާން ޖަވާބުދިނީ އެއްވެސް ފޮރުވުމެއް ނެތި އޭނާގެ ހިތުގައި އޮތް ގޮތަށެވެ.
" ތިބުނީ ޒީނިޔާ އިނދެގެންވެސް ގެއަކަށް ނުދާނަމޭތަ؟ " ނިޒާރުގެ އަޑުގައިވީ ހައިރާންކަމެވެ.

" ހޫމް....... " ބޯޖަހާލަމުން ނިޒާރަށް އައްފާން ބަލާލިއިރު އައްފާންގެ ދެލޯހުރީ ފެންކަޅިވެފައެވެ.

" ބައްޕަ ނުބުނެޔޭނުން އައްފާން ކައިރީ ގެއިން ނިކުންނާކަށް............ ޒީނިޔާ ގޮވައިން ނާންނާކަށްވެސް ނުބުނެޔޭނުން.........." ނިޒާރުގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. އައްފާންގެ އެނިންމުން ނިޒާރަކަށް ކަމަކު ނުދިޔައެވެ.

" މަންމަ ބޭނުންވާނެދޯ ޅީދަރިފުޅު މަންމަ ކައިރީ އުޅެން...........އިތުރު ދަރިއަކުވެސް ހުރީކީ ނޫން ވިއްޔާ..........." ނިޒާރު އޭނައަށް ފެންނަ ގޮތް ހާމަކުރިއެވެ.

" ޒީނިޔާ ގޭގަ އުޅެން ފެށީމަ ބައްޕަގެ ހިތްވެސް ތިކުދިންގެ މައްޗަށް ހެޔޮވެދާނެ................"

" ތަނެއްގަ ކުއްޔަށް އުޅެން ނުވިސްނާތި.......ޗެރީހައުސް ދޮރު އަބަދުވެސް ތިކުދިންނަށް ހުޅިވިފައި ހުންނާނެ..........." ހިތުގައިވި ނުތަނަވަސްކަން ފޮރުވާލަމުން ނިޒާރު ހިނިތުންވެލިއެވެ.

ވެއިޓަރ އޯޑަރ ގެނެސް މޭޒުމަތީ ބެހެއްޓީ އެވަގުތުއެވެ. ނިޒާރަށް ކަޅުކޮފީއެއް ގެނައިރު އައްފާނަށް ގެނައީ ތާޒާ އޮރެންޖު ޖޫހެކެވެ.

" ކޮންއިރަކުން ކައިވެނިކުރަނީ...........؟ " ނިޒާރު ދެއްކިވާހަކަޔަކުން އައްފާން މޫޑް ހަރާބުވެފައި އިންދާ ކުއްލިއަކަށް އެކޮށްލި ސުވާލަކުން މޫނުމަތި އުޖާލާވެގެން ދިޔައެވެ.
" ވެޑިންގ ޑުރެސް ނިމުނު ވާޙަކަ ބުނީމަ ޒީނިޔާ ގޮވައިން ހެދުންހެޔޮވަރުކުރަން ދެންދާނީ............"

" ދެދުވަހެއްތެރޭގައި ޒީނިޔާމެން ރަށަށްދާން ފުރާނަން..........." ފޯނުގެ ސްކުރީން ދިއްލާލަމުން އައްފާން ޖަވާބުދިނެވެ. އައްފާން ބޭލީ ޒީނިޔާ ނޫނީ ސާރާގެ މެސެޖެއް އައިސް އިންތޯއެވެ.

" ބޮޑުބެވެސް ތިކުދިންނާއެކު ދާނަން................" ނިޒާރުގެ ނިންމުން އިވިފައި އައްފާނަށް ލިބުނީ ބަޔާންކުރަންދަތި އުފަލެކެވެ. ފަހަރެއްގައިވެސް އޭނާގެ ކައިވެނީގެ ހަފްލާގައި ބޮޑުބެ ބައިވެރިވެދާނެކަމަކަށް އޭނާ ހީކޮށްފައިވެސް ނެތެވެ.

" އައްފާންގެ ކައިވެނީގައި ބޮޑުބެ ބައިވެރިވާނަން................. ޒީނިޔާގެ ބައްޕައަކީ ބޮޑުބެގެ ވަރަށް ގާތް އެކުވެރިއެއް........ ޒުބައިރު ނިޔާވީ ބޮޑުބެ ކައިރީ މަސައްކަތްކުރަން އުޅެނިކޮށް ވަރަށް ކުއްލި ގޮތަކަށް............ޒުބައިރު ނިޔާވުމުން އެމީހުން ވަރަށް ހާލުގައި ޖެހުނީސް ބޮޑުބެގެ އެހީ ނުލިބުނުނަމަ...........ޒީނިޔާ މާލެގެނެސް ކިޔަވައިދިނީ ބަދަލުގައި އެއްޗެއް ބޭނުންވެގެނެއް ނޫން....... ނިކަމެތި ބަޔަކަށް އެހީވުމުގެ ގޮތުން ........... ގޯސްމަގަކުން ނުގޮސް ޒީނިޔާ ކައިވެންޏަކާ ހަމައަކަށް ދާތީ ބޮޑުބެ މިހިރީ ހިތްހަމަޖެހިފައި.............އަންހެންދަރިއަކު ނެތް މީހަކަށް އަންހެންދަރިއަކު ރަނގަޅު ގޮތުގައި ބެލިއްޖެ ކަމުގެ އިހްސާސް މިހާރުކުރެވޭ އެބަ............" ނިޒާރު މަރުވެދިޔަ އަންހެންދަރިފުޅުގެ ހަނދާން އާކުރަމުން ވާޙަކަދެއްކިއެވެ. ކޮފީތަށީގައި ތުންޖެހިއިރު ހިތުގައިވީ ބުނެދޭންނޭގޭ ފަދަ އިޙްސާސެކެވެ.

" ބޮޑުބެގެ ދަރިއެއް ކަހަލަ ކުއްޖަކާ ޒީނިޔާ ކައިވެނިކުރެވޭތީ ބޮޑުބެ މިހިރީ އުފަލުން.......ބޮޑުބެ އުއްމީދުކުރަނީ އައްފާން ޒީނިޔާއަށް ދެރަގޮތެއް ނުހަދާނެކަމަށް............." ދެލޮލުގައި ވިދަވިދާ ހުރި އުފާވެރިކަމުގެ ކަރުނަތައް ހިންދާލަމުން ނިޒާރު ބުނެލީ އުއްމީދުން ފުރިގެންވީ ބުނުމެކެވެ.

*****

އަސުރު ނަމާދުން ފައިބައިގެން ނަވީން އައީ ފިހާރައަށެވެ. އަލަށް ފިހާރަޔަށް ގެނައި ކުޑަކުދިންގެ ސާމާނުތައް ބަލަމުންދިޔައިރު ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ. ކައުންޓަރުގައި އިން ނިޒާރަށް ނަވީން ފެނިގެން ކައިރިއަށް އައެވެ. ނިޒާރު އައިކަމެއް ނަވީނަކަށް ނޭގެއެވެ. އޭނާގެ ހިޔާލީ ދުނިޔޭގައިވީ ދެލޯދުށުމަށް އެދިއެދި ހުރި ދަރިފުޅެވެ. ނަވީންގެ ހަރަކާތްތަކަށް ބަލަންހުރި އިރު ނިޒާރުގެ ހިތްވެސް އުފަލުން ނަށަނީއެވެ.

ނަވީންގެ ހަރަކާތްތައް ހުރި ގޮތުން ހީވަނީ ނޫކުލަޔާއި ފިޔާތޮށިކުލައިގެ ތެރެއިން އިޙްތިޔާރު ކުރާނެ ކުލައެއް ނޭނގިގެން އުޅޭހެންނެވެ. އެއްފަހަރު ފިޔާތޮށި އެއްޗެއް ނެގިއްޔާ އަނެއް ފަހަރު ނޫކުލައިގެ އެއްޗެއް ނަގައެވެ. ނިޒާރު ނަވީނާއި ކައިރީގައި ހުރެ ކަރުކެހިލުމުން ނަވީން ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ބޭބީ ބުލޭންކެޓް ސެޓް އަތުންދޫނުވީވެސް ކިރިޔާއެވެ.
" އަންހެން ކުއްޖެއްތަ......؟" ނިޒާރު އުފަލުން ހުރެ ވާޙަކަދެއްކިއިރު ހުރިހާ ދަތެއް ފެނެއެވެ.

" ނޭގެ........." ކޮނޑު އަރުވާލަމުން ޖަވާބުދިންއިރު އަޑާއި މޫނުމަތީގައިވީ ހައިރާންކަމެވެ.

" ކިހިނެތް ބައްޕައަށް އެނގުނީ...........؟ " ލައިބާ ބަނޑުބޮޑު ޙަބަރު ނަވީން ހަމައެކަނި ހިއްސާކުރީ އައްފާނާއެވެ. ޔަގީނުންވެސް އޭނާ އެވާހަކަ އިތުރު މީހަކު ކައިރީ ބުނެވުނު ހަނދާނެއް ނުވެއެވެ.

" އައްފާން ބުނީ..............."

" ތީ އެއްވެސް ވާހަކައެއް ބައްޕަ ކައިރީ ބުނަން ބޭނުންވާ ދަރިއެއް ނޫނެއްނު...........ހިހިހި....ހި " ނިޒާރު ވާހަކަ ނިންމާލީ ހިނިގަނޑަކުންނެވެ. ނިޒާރުގެ ވާހަކައިން ނަވީން ހިތުގައި ޖެހޭކަށް އޭނާ ބޭނުމެއް ނޫނެވެ. ނަވީންގެ ބުރަކަށީ އަތްޖައްސާލަމުން ނިޒާރު ހިނގައިގަތީ އެހެން ހަރަކާއި ދިމާލަށެވެ.

" ނާބުނެބަލަ ކޮންކަހަލަ ކުއްޖެއްހެން ހީވަނީ.............." ލިބެން އުޅޭ ކާފަ ދަރިފުޅަށްޓަކާ ނިޒާރު ހުންނަނީ އުފަލުންނެވެ. އައްފާން ފަރާތުން އެކަން އެނގުނު ހިސާބުން ލައިބާއަށް ގުޅައިގެން ހާލުބަލަން ފަށާއިފިއެވެ. ދޭތެރެ ދޭތެރެއިން މޭވާ ފޮށިގަނޑެއް ނޫނީ ތަރުކާރީ ފޮށިގަނޑެއް ނިޒާރު ދިޔައީ ލައިބާއަށް ފޮނުވަމުންނެވެ. ލައިބާވެސް ނިޒާރު އެއްޗެހި ފޮނުވާ ވާހަކައެއް ނުބުނެވެ. ލައިބާވެސް އެވާހަކަ ނުދައްކާ ހުރީ އެކަން ނަވީނަށް އޭނާގެ ބައްޕަ ފަރާތުން ނޭގިނުދާނެ ކަމަށް ހީކޮށެވެ.

" ހަމަ އެއްގޮތަކަށްވެސް ނޭގެ.........ލައިބާ ބޭނުމެއް ނޫނޯ ބަލާކަށްވެސް............" ނަވީން ވާހަކަދެއްކި އިރު އަޑުގައި ފަސްޖެހޭ ގޮތް ހުއްޓެވެ.

" ބައްޕަވެސް ތާއީދުކުރާ ކަމެއް ނޫން އެއަކީ.................... ވިހާ ވަގުތު އެކުރެވޭ އިހްސާސެއް ނުކުރެވޭނެ އޭގެކުރިން އެނގުނީމަކާ........." ނިޒާރު ގޮސް ނަވީނަށް ދައްކަންފެށީ ބޭބީ ލިބާސްކޮޅުތަކެވެ. އަދިވެސް ބޭނުންވާނެ އެހެން ސާމާނުތަކެވެ.

" ފެހިކުލަ ނޫނީ ހުދުކުލަވެސް ރަނގަޅުވާނެ ވަކިވައްތަރެއް ނޭގެންޏާ.............." ގޮތެއް ނިންމަން އުނދަގޫވެފައި ހުރިހެން ހީވާތީ ނިޒާރު ދިނީ ނަވީން ބޭނުންވި ފަދަ ހިޔާލެކެވެ.
" ލައިބާ ވިހަން މާލެއެއް ނުގެންނާނަންތަ........؟ " ނިޒާރުގެ މޫނަށް ނަވީން ބަލާލިއެވެ. ދޭނެ ޖަވާބެއް ނޭގިފައި ނަވީން ބަލަހައްޓައިގެން ހުރީ އެކަމާ ކުޑަވެސް މަސްވަރާއެއް ލައިބާއާ ކޮށްފައި ނުވާތީއެވެ.

" ވިހަން މާލެ ގެންނަންވީނުން..............؟ " ނިޒާރު ހިތުގައި އެކަން ރާވާފައި އޮތީ ލައިބާ ބަނޑުބޮޑުކަން އެނގުނު ހިސާބުންނެވެ. އެކަމަކީ އޭނާ ނުހަނު އެދޭކަމެކެވެ. ނަވީން އެއްޗެއް ނުބުނެ ހުރުމުން ވާހަކަދެއްކީ އަނެއްކާވެސް ނިޒާރެވެ.

" ވިހަންވާނީ ހުރިހާ ވަސީލަތެއްވެސް ލިބެން ހުރި ތަނެއްގައި..................." ނިޒާރުގެ އަޑު ނިކުތީ އުނދަގުލުންނެވެ. އަޑުގައި ތުރުތުރެއް ހުރި އިރު ދެލޮލަށް ކަރުނަތައް ޖަމާވީ އަމިއްލަ އިހްތިޔާރަކުނޫނެވެ. މޭފިތޭހެން ހީވާންފެށީ އެދުވަސް ލޯކުރިމަތިން ފެންނަހެން ހީވާން ފެށުމުންނެވެ.

ނުނިމޭ

  1. Avatar

    ތޭންކްސް…….
    ހާދަ ކޫލް ބައްޕައެކޭ……
    ނިޒާރު ތީމޭންއަކީ…..އަނެއްކާ ކޮންކަމެއް ވެގެންބާ ނިޒާރު ދެރަވީި…..؟؟؟؟

  2. Avatar

    މިސައިޓް ފެށިގެން އާއިރު ވަރަށް މުބާރަތްތައް ބޭއްވި…..ވާދަވެރިކޮން ގެންގޮސް މިހާރު ވަރަށް ވައި 2019ގަ ތަންކޮޅެއް ފޯރި އަރުވާލަ ބަލަ
    2 ސިލްސިލާ ވާހަކަ މުޅި ސައިޓްގަވެސް
    ޙަރާންލޯބި
    ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ

      1. Avatar

        ޢަބޯ އެކަމާ އުޅިލަބަލަ…….
        ސައިޓް ފަނި ނުކޮށް ގަދައަށް ޖައްސާލަ ބަލަ
        މިފަހަރު ތަފާތު ކޮއްލާތި

    1. Avatar

      މުބާރާތްތައް ހުއްޓާލީ ލިޔާ މީހުން ނުލިޔާތީ ދޯ؟ 4 މަސްވެސް އެއްބަޔަކު ލިޔުނީ މުބާރާތައް. ބޭކާރަށް ހަރަދު ކުރަނީ ކީއްކުރަން. އަގުވަޒަން ނުކކުރަާ ބަޔަކަށް

      3
      1

ޚިޔާލު ފޮނުއްވާ