10568 152

ހަމަ އެހިނދު ދޮރުގައިވެސް ނިކަން ބާރަށް މީހަކު ތަޅާއިގަތް އަޑުއިވުނެވެ. ފޯނުގެ ސްކުރީނަށް ބަލާލިއިރު އޮތީ " ނަވީން" ގެ ނަން އަރާފައެވެ. ދޮރު ހުޅުވުން ލަސްވެގެން ކުރިއަށް ވުރެން ބާރަށް ދޮރުފަތުގައި ތަޅައިގަތެވެ. ކުރިން ފޯނުނަގަންވީ ބާއޭ ހިތަށް އަރާފައިވެސް ފުރަތަމަ އާޝާ ގޮސް ހުޅުވީ ދޮރެވެ.
ދޮރުމަތީގައި ހުރީ އަފީފެވެ. އާޝާގެ ބައްޕައެވެ. ރުޅިއައިސް ރަތްވެފައިވާކަން މޫނު ފެނިއްޖެ ކޮންމެ މީހަކަށް އެނގޭނެއެވެ. ދެލޮލުންވެސް ހިވަނީ އަލިފާންކަނި ބުރާހެންނެވެ. ބުނާނެ ބަހެއް ނޭގިގެން އާޝާއަށް ޖެހިލެވުނީ ފަހަތަށެވެ.
" އާޝާ ކައިރީ އަހަރެން ނުބުނަންތަ ގޭގަ މަޑުކުރާކަށް.........." އަފީފު ވާހަކަ ދެއްކީ ދެކަންފަތް ފަޅާގެންދާހާ ބާރަށެވެ.
" އަހަރެން ނުބުނަންތަ ދެން މާހިލާއެކު އުޅިގެން ނުވާނޭ...........މާހިލަކާ ނީދެވޭނޭ............"
" ތިފާޑަށް އުޅުނީމަ ތިމާގެ އަގު ވެއްޓޭނީ..............." އަފީފުގެ ކޮންމެ ޖުމްލައެއް ކޮންމެ ލަފުޒެއް އާޝާގެ ހިތަށް އައިސްވަނީ ތޫނު ހަންޒަރެއް ފަދައިންނެވެ.
" ބައްޕަޔާ ހެދި މިހާރުވެސް އަޅުގަނޑުގެ އަގުވެއްޓިއްޖެ.............." އާޝާގެ އަޑުމަޑެވެ. ހަރުކަށިކޮން ބާރަށް އެއްޗެއް ބުނެގެން ބައްޕަ އަޑުނާހާނެކަން އާޝާއަށް އެނގެއެވެ.
" އަޅުގަނޑުގެ ރައްޓެހިންގެ ކުރިމަތީގަ...............އައްފާންގެ ކުރިމަތީގަ......." އިސްޖަހާލައިގެން ހުރެ އާޝާ ވާޙަކަދައްކަމުންގޮސް އިސްއުފުލާލައި އަފީފުގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އައްފާންގެ ނަން އާޝާ ބުނުމުން އެމޫނުމަތިން ފެނުނީ އެހެން ކަހަލަ ކުލަތަކެކެވެ.
" ބައްޕަ ބުނިންދޯ އާޝާ އިންނަންވާނީ ބައްޕަ ބުނާ މީހަކާއޭ...........ބައްޕައޭ މީހަކު ހޯދާނީ.............." އަފީފު ހީލިއެވެ. ހުރިހާ ގޮތަކުން ބެލިޔަސް އައްފާނާއި އާޝާ އެކަށޭނެކަން އަފީފަށް ޔަގީންކުރެވެއެވެ.
" ބައްޕަ ބޭނުމީ ބައްޕަ ނެތް ދުނިޔޭގައިވެސް އާޝާ ގެންގުޅެވޭނެ ފެންވަރުގެ މީހެއް...........އައްފާނާއި ދަރިފުޅު ހުރިހާ ގޮތަކުންވެސް އެކަށީގެންވޭ............އެފެންވަރު އައްފާންގެ އެބަހުރި " ކުރިން ވާހަކަދެއްކި ހަރުކަށި ގޮތްގަނޑުކެނޑި އަފީފު މުޅިން ހަމައަކަށް އެޅުނެވެ. އައްފާނަކީ އާޝާގެ ގާތް އެކުވެރިޔަކަށްވެފައި އައްފާނާއި މެދު އާޝާ ރުހޭނެޔޭ އަފީފަށް ހީވިއެވެ.
" ބައްޕަ ތިދައްކާ ފެންވަރަކީ ތަނަވަސްކަން............ގަނޑުވަރެއްގަ އުޅެން ޖެހުނަސް ލޯބިނުވާ މީހަކާއެކު ކިހިނެތް އުފަލުގަ އުޅޭނީ.......... އަހަރެންވެސް ލޯބިވާ މީހަކު އެބަހުރި..............." އާޝާ މޫނު އަނބުރާލީ ބައްޕަގެ ވިސްނުން ހުރި ގޮތުން ހިތާމަކުރާ ހާލުއެވެ.
" އައްފާން ދަރިފުޅު ދެކެ ލޯބިވެޔޭ............." ކައިވެންޏަށް އައްފާން އިންކާރުކޮށްފައި އޮތްކަން އެނގުމުންވެސް އަފީފު ދޮގުހެދީއެވެ.
" ހި.....ހި........ހި......." މީގެ އިރުކޮޅެއް ކުރިން އައްފާންގެ ދުލުން ހުރިހާ ހަގީގަތެއް އެނގުންކަން އެއީ ނަސީބެކޭ އާޝާ ހިތަށް އެރިއެވެ. އާޝާ ގާތަށް ހިނި އައީ އެހެންވެގެންނެވެ.
" ތީ ކާކު ބުނި ވާހަކައެއް........"
" އައްފާނާ މިއަދު ދިމާވި ........... އޭނަ އުޅުނީ އޭނާގެ ލޯބިވެރިޔާ އާ ކައިވެނިކުރަން ............." އާޝާ އެހެން ބުނުމުން އަފީފުގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. މީގެ ކުރިން އޭނާ ކުއްޖަކާ ރައްޓެހިވެގެން އުޅޭކަމެއް އަފީފަކަށް އެނގިފައެއް ނުވެއެވެ.
" ކީކޭ އޭނަގެ ލޯބިވެރިޔާ އާ ކައިވެނި.............." ލިބުނު ހައިރާންކަމުގައި އެބަސްތައް ދުލުކުރިން ނިކުތްއިރު މީހާ ހާސްވާންފަށާފިއެވެ. ހުރިހާ ކަމެއް ފަނުފުލުންދާން އުޅޭހެން ހީވާފެށުމުން އޭނާ ކަންތައް ބޮޑުވީއެވެ.
" އާން.........ޗެރީހައުސްގަ އުޅޭ ޒީނިޔާ އާ ކައިވެނިކުރަން އައްފާން މިހާރު ހެދުންވެސް ފަހައިފި.........." އާޝާގެ އަޑުގައިވީ ޔަގީންކަމެވެ. އެފަދަކަމެއްގައި އާޝާ ދޮގު ނުހަދާނެކަން އަފީފަށް ގައިމެވެ.
" ނިޒާރުމެން ގޭގައި ގެންގުޅޭ ކުއްޖާޔާ............" އަފީފަށް ގަބޫލުކުރަން ދަތިވިއެވެ. އައްފާން ކަހަލަ ކިޔަވައިގެންހުރި މާލޭގަ ގެދޮރު ހުރި ކުއްޖަކު އެފަދަ ރާއްޖެތެރޭ ނިކަމެތި އާއިލާއެއްގެ ކުއްޖަކާ އަރާ އަރަފޯދޭނެ އެއްވެސް ގޮތެއް އަފީފަކަށް ނުވިސްނުނެވެ.
****
" އަހަރެން ހަމަ ހައިރާންވެއްޖެ..............." އަފީފު ވާޙަކަދެއްކީ ނަސީރުއާއެވެ. އަފީފާއި ނަސީރު ވާހަކަތައް އިވޭ ހިސާބުގައި އާދިލާވެސް ހުއްޓެވެ. އާޝާ ދެއްކި ވާހަކަތައް ހިފައިގެން އައިސް އަފީފު އިނީ ނަސީރުމެން ގޭގައެވެ. އާޝާގެ ކައިވެނި އައްފާނާއި ކުރުވަން ބޭނުންވެފައިވާލެއް ބޮޑުކަމުން އެހަބަރު ހިފައިގެން ސީދާ އައީއެވެ. ފޯނުން ދައްކާވަރަށް ވުރެން ވާހަކައިގެ ސީރިޔަސްކަމުންވެސް މެއެވެ.
އެހެނަސް ނަސީރު އިނީ ހިމޭންވެފައެވެ. އާދިލާ އެތަނުން ދުރަށް ޖެހިލީ ނަސީރަށް އާދިލާ އެތަނުގައި ހުރުމުން ވާހަކަ ދައްކަން އުނދަގޫވެފައިވާހެން އޭނާގެ ހަރަކާތްތަކުން ހީވެގެންނެވެ. އިރު އިރުކޮޅާ އާދިލާއަށް ކަޅިއަޅާލާ ގޮތުން އާދިލާއަށް އެތާ ހުންނަން އުނދަގޫވެގެންނެވެ. އެދެމީހުން ވާހަކަދައްކަން ފުރުސަތު ދީފައި އާދިލާ ވަނީ ގޭތެރެއަށެވެ.
" ކީއްވެ އެއްޗެއް ނުބުނެ ތިއިނީ.............." އާދިލާ ގޮސް ލޮލުކޮޅަށް އޮބާލުމުން އަފީފު ވާހަކަދައްކަން ފެށިއެވެ.
" އައްފާން ގެއިން ނިކުމެގެން ހިނގައްޖެ.............އާދިލާ ގުޅީމަ ފޯނުވެސް ނުނަގާ..........." ނަސީރު އެބުނި ޖުމްލައިން ދޭހަވަނީ އޭނާއަށް އެއްވެސްކަމެއް ކޮށްދެވެން އެކަމުގައި ނެތް ކަމެވެ.
" ކޮންތާކަށް ދިޔައީ..........އެއްޗެއް ނެތް މީހެއްގެ ފަހަތުން ގޮސްގެން ކިހިނެތް އުޅޭނީ.............." އަފީފުގެ ވާހަކައިން އޭނާ ހުރީ ދޫދޭ ގޮތަށް ނޫންކަން ނަސީރަށް ހާމަވިއެވެ.
" ތިކަމުގަ ނަސީރު ބޭބެގެ އަތެއްވާހެން މަށަށް ހާދަ ހީވެޔޭ.........." ނަސީރަށް ލިބުނު ސިހުމާއެކު ތެޅިގަނެވުނެވެ. ބޭބެއާމެދު އެއްވެސް ކަހަލަ ތުހުމަތެއް ކުރާއަޑު އަހާކަށް ނަސީރަކަށް ފަސޭހައެއް ނޫނެވެ. ނަސީރު އެކްސިޑެންޓުވުމަށްފަހު އެންމެ ގާތުގައި ހުރީ ނިޒާރެވެ. ހުރިހާ ގޮތަކުންވެސް ނަސީރުގެ ދިރިއުޅުމަށް ނިޒާރުވީ ބޭނުންތެރި މުހިއްމު މީހަކަށެވެ.
" ނިޒާރުގެ ބޭނުމަކީ ގަސްތުގަ ނަސީރު ނިކަމެތިކޮށް އަގުވައްޓާލުން..........." ދެބެންގެ ދެމެދު ޒަހަރުލާން ފުރަތަމަ ހަމަލާ އަފީފު ފޮނުވާލިއެވެ.
" އެގޭގަ ގެން ގުޅޭ ކުއްޖަކު އައްފާނާ ރައްޓެހިވެގެން އުޅޭއިރު ނިޒާރަށް ނޭގިހުންނާނެތަ؟ މިހާރު ކުދިން ސިޓީ ބިޓީ ބަދަލުކޮށްގެންނެއްނޫން އުޅޭނީކީ ..............ހަމަ އެކަނި ފޯނުން ވާހަކަ ދައްކައިގެން ނުފުދޭނެ .........ދުވާލު ދެދަޅައަށް ބައްދަލުކޮށް ފިނިބުރުޖަހަންގޮސް ގާޑިޔާތަކަށްގޮސް ރެސްޓޯރެންޓުތަކާއި ސިނަމާތަކަށްގޮސް މިހެން ގޮސް ކިޔާނެ ކަމެއްނެތް ކިޔާ ކޮޅުން ނުލާނެ.........." އަތުގެ އިނގިލިތަކާއި ކުޅެން އިން ނަސީރުގެ މޫނުމަތީގެ ދިރުންވަނީ ގެއްލިފައެވެ. އަފީފު ދައްކާ ވާހަކައިން ނަފުސަށް ފޫހިކަން ވެރިވެގެން ގޮސް މީހަކު ރޫޅޭނެނަމަ އޭނާ އިނީ އެހާލަތަށް ގޮއްސައެވެ.
" އެހެންވެ މިބުނަނީ ނަސީރުގެ ބޭބެއަށް އެނގޭނޭ.......ނިކަން އަޅެ އަހާލަބަލަ........." ނަސީރު އިން ގޮތުން އަފީފަށް ގަބޫލުކުރެވުނީ އޭނާ އެދެއްކިވާހަކަ ހިތުގެ އެންމެ ފުނުން ނަސީރު ގަބޫލުކޮށްގެން އެކަމާ ވިސްނަން ހިމޭނުން އިނީ ކަމަށެވެ.
" އޯކޭ މަ ގޮސްލިއްޔޭ............ވާނުވާ އަންގާތި..............." އަފީފުގެ އެފޮނިކަމާއި ބޮޑާކަން އޭނާ ބަސްބުނާ ގޮތުންނާއި ހަރާކާތްތަކުންވެސް ފެނެއެވެ. ނަސީރު ހަމައެކަނި ބޯޖަހާލީއެވެ. އަނގައިން ބުނެލާނެ ހިތްވަރުވެސް އޭނާގެ ނެތީއެވެ.
*****
ގެއިން އައިސް ޖޫލީ ބޭނުންވީ ފެންވަރާލާށެވެ. ސިކުނޑި ހަމައަކަށް އަޅުވާލަން އެތައް އިރަކު ބިލިގާގައި ޖޫލީ އޮތެވެ. އަމިއްލަ ދިރިއުޅުމާއި މެދު ފިކުރު ކުރުމުގައި އެތަށް އިރަކު ހޭދަކުރެވުނެވެ. ނަވީނަށްވެސް ޖޫލީ އެދުނުކަންތައް ނުކޮށްދެވިގެން އެއުޅެނީ އުޅެންޖެހޭލެއް ބިޒީކަމުންކަން ޖޫލީއަށް ގަބޫލުކުރެވެއެވެ. އަނެއްކޮޅުން ސަޖާއަށް ކަންތައް ދިމާވެފައި ވާގޮތުންވެސް ޖޫލީގެ ސިކުނޑިއަށް ހައްތާބަރުވަނީއެވެ. ﷲގެ ހެޔޮ ރަހުމަތުން ސަޖާއަށް ދަރިއަކު ލިބެން އުޅޭއިރު މާހިލްގެ ފަރާތުން އެފެނުނު ކަންތަކާ ހެދި ޖޫލީ އިންތިޙާއަށް ފިކުރުބޮޑުވެއެވެ. ހިތެއްގައި ރަހުމު ހުރި އެއްވެސް އިންސާނަކަށް މާހިލް ކަންތައް ކުރިގޮތުން އަސަރު ނުކޮށް ނުހުންނާނެއެވެ. އެހެން ކައިވެންޏެއް ކުރަން ބޭނުން އިރު އަނބިމީހާ މީނީ ބަލިވެއެވެ. މާހިލް އެކަމަށް އިންކާރުކުރަމުންދާއިރު ސަޖާ ބުނަމުންދަނީ ސަޖާގެ ބަނޑުގައި އޮތީ މާހިލްގެ ކުއްޖެއްކަމުގައެވެ. ދެމީހުން ދެއެއްޗެއް ބުނާތީ ކޮންމެވެސް އެކަކު ދޮގުހަދާކަން އެނގެއެވެ.
ޖޫލީ ފާހާނާއިން ނިކުތީ ބީޓްރޫޓްކުލައިގެ ބާތްރޮބެއްގައެވެ. އިސްތަށިގަނޑު ހުދުތުވާއްޔެއް އޮޅާލާފައި އޮތް އިރު މޫނުމަތިން ފެންނަނީ ތާޒާކަމެވެ. އެނދު ހުރަހަށް ނަވީން އޮށުވެލައިގެން އޮތްވާ ފެނުމުން ޖޫލީ ކުޑަކޮން ސިހޭ ގޮތްވިއެވެ. ޖޫލީ ފާޙާނާއަށް ވަންއިރު ނަވީން ގެއަކު ނެތެވެ. އެހެން އޮންނަތާ ވީ ކިހާއިރެއްބާ އޭ ޖޫލީގެ ހިތަށް އެރިއެވެ. ޖޫލީ ފާހާނާއަށް ވަންފަހުންވެސް ދެގަޑީރުވީއެވެ.
ފާހާނާގެ ދޮރު ލެއްޕުނު އަޑަށް ނަވީން ބޯހިތްލާލާފައި ބަލާލިއެވެ. ޖޫލީ އަވަސްވީ ބޯ ހިތްކާ ރީތިވާށެވެ. ހެޔަރ ޑުރައިއަރ އަތަށް ނަގައިގެން ހުރެ ނަވީނަށް ބަލާލީ ނަވީން އެއްޗެއް ނުބުނެ އޮތީމައެވެ.
" ކީއްވެ މާމަޑުން ތިއޮތީ..............." ނަވީން ކަޅިޖަހާނުލާ ޖޫލީއަށް ބަލަން އޮތުމުން އަހާލިއެވެ.
" މަޑުން އޮވެގެން ކަމަކުނުދޭތަ ...........އެކަނި އޮވެވޭނީ މަޑުންނެއްނު ..........." ނަވީން އެއްއަރިއަކަށް އެނބުރެމުން ޖޫލީ ކުރި ސުވާލަށް ޖަވާބުދިނެވެ.
" ތިބުނީ.......؟ " ނަވީން ބުނި އެއްޗެއް ފަހުމު ނުވެގެން ޖޫލީ އަހާލިއެވެ.
" އަންނަންވީއޭނުން މަށާ ބައިވެރިވާން ނިކަން ހަލަބޮލިކޮށްދީފާނަމޭ ޖޫލީވެސް މަށާބައިވެރިވާން........ "
......އެކަނި އޮންނަ މީހަކު އޮންނާނީ މަޑުންނޭނު.......ހެހެހެ " ނަވީން ގަސްތުގައި ޖޫލީ ރަކިކޮށްލީއެވެ.
ޖޫލީ ލޯގަނޑާއި ދިމާލަށް މޫނު އަނބުރާލިއެވެ. ދެން ޖޫލީ ބަލަން ހުރީ ލޯގަނޑުން ފެންނަންހުރި ނަވީންގެ ހަރަކާތްތަކަށެވެ. ކަޅިޖަހާނުލާ ނިކަން ހިނިއައިސް ޖޫލީއަށް ބަލަން އޮތް ގޮތުން ޖޫލީއަށް އުނދަގޫވިއެވެ. އެހެންވެ ލޯގަނޑަށް ނުބަލަން ޖޫލީގެ ނަޒަރު ގުޅުވާލީ އެއްފަރާތަކަށް ދަމާލާފައިވާ ކޮޓަރީގެ ފަރުދާތަކުން ބޭރަށެވެ. އުސްއިމާރާތްތައް ބަލަންހުރެ ބޯހިއްކަމުންދިޔައިރު ތުންފަތްމަތީގައިވީ ލުއި ހިނިތުންވުމެކެވެ.
ފުރަގަހުން އައިސް ނަވީން ބައްދާލުމުން ޖޫލީއަށް ލިބުނީ ސިހުމެކެވެ. އަނގައިން ތޫލި ހަޅޭކެއްގެ އަޑު ބޭރުކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ.
" ހާދަ މީރުވަސްދުވައޭ އެބަ ..............އޫމް...............މް................" ނޭފަތް ދަމާލަމުން ނަވީން މޫނުޖައްސާލީ ޖޫލީގެ ކަރުދޮށުގައެވެ. ޝަވަރޖެލްގެ މީރުވަހާ ބޭނުންކޮއްފައިވާ ކޮންޑިޝަނާގެ މީރުވަހުން ނަވީންގެ ހިތް ޖޫލީއަށް ލެނބެމުންދިޔައީ އަމިއްލަ އިޙްތިޔާރުން ބޭރުގައެވެ. ޖޫލީއަށް ދެލޯ މަރާލެވުނެވެ. ނަވީން އުޅެންޖެހޭލެއް ބިޒީކަމުން އެދެމެދުގައިވީ ދުރުކަން ގާތްކުރަން ޖޫލީވެސް ހުރީ ނިހާޔަތަށް ބޭނުންވެފައެވެ. ބޯހިއްކަން ގެންގުޅުނު ހެޔަރ ޑުރައިއަރ ޑުރެސިންގޓޭބަލްމަތީ ބާއްވާފައި ނަވީނާއި ދިމާލަށް އެނބުރުނު އިރު ޖޫލީ ދެލޯހުރީ މަރާ ބާރުކޮށްގެންނެވެ. ޖޫލީގެ މޫނުގައިވެސްވީ ނަވީން އެދޭފަދަ މަސްތުކަމެކެވެ. އެންމެ ހިނދުކޮޅެއްވެސް ލަސްކުރުމެއްނެތި ނަވީން އަތްދަނޑިމައްޗަށް ޖޫލީ އުފުލާލީ ވަރަށް ފަސޭހަކަމާއެކުއެވެ. އެއާއެކު ނަވީން ހިނގައިގަތީ އެނދާދިމާލަށެވެ.
******
އާވިއަރައަރާ ހުރި ކޮފީ މަގުގެނެސް ނަވީނަށް ދިއްކޮށްލިއިރު ނަވީންގެ ނަޒަރު ހުއްޓާލައިގެން ހުރީ ކުޑަދޮރުން ބޭރަށެވެ. ބޮލުން ފައިބަމުންދިޔަ ފެންތައް ނަވީންގެ ބުރަކަށީގައި ބޮސްދިނުމަށްފަހު އުނުގައި އޮޅާފައިވާ ތުވާއްޔަށް ވަދެގެންދަނީ ނިކަން ހަލުވިކޮށެވެ. ނަވީންގެ ސިކުނޑި ގުޅިފައިވަނީ މުޅިން އެހެން ހިޔާލަކާއެވެ.
" ބޭރަށްދާންތަ ތިއުޅެނީ................" ނަވީންގެ ކައިގާ ޖޫލީގެ އިނގިލިތކުގެ ކޮޅު ޖައްސާލަމުން ލޯތްބާއެކު އަހާލިއެވެ.
" އާން..........އޮފީހަށް ވަދެލަންކަމަށް.............ކިހިނެތްވީ.....؟ " ނަވީން އެނބުރި ޖޫލީގެ މޫނަށް ބަލާލިއިރު އެމޫނުމަތީގައިވީ ސީރިޔަސްގޮތެކެވެ.
" ގެއަށް ގޮސްލަންކަމަށް......." ޖޫލީ ދޫކޮށްލީ ފުންނޭވާއެކެވެ.
" ސަޖާ ޑިސްޗާޖުކޮށްލީތަ؟ " ގެއަށްދާ ވާހަކަ ބުނުމުން ނަވީން އަހާލިއެވެ.
" ހޫން.........ބުނީމެއްނު........" ނަވީން ހަނދާންވީ ޖޫލީ އެހެން ބުނީމައެވެ. އޭރު ނަވީން ހުރީ މާޙިލާއި ދިމާނުވެގެން އޭނާ ފޯނުނުނަގާތި އޭނާވީ ތަނެއް ހޯދަން ބޭނުންވެފައެވެ.
" މާޙިލް ސަޖާ........ސަޖާ ޑިވޯސްކުރީތަ؟ " މާހިލްގެ ނަން އިވުމުން ޖޫލީ މޫނުއަނބުރާލިއެވެ. އެނަން އަޑުއަހަންވެސް މިހާރު އޭނާ ފޫހިވާ ކަހަލައެވެ. މާޙިލް އުޅޭގޮތް ނަވީނަށް އެނގޭނެޔޭ ޖޫލީގެ ހިތްބުންޏެވެ. ދެމީހުން އެހާ ގާތް އެކުވެރިކަމެއް އޮވެފައި ދެމީހުން އެއްތަނެއްގައި އެކީ މަސައްކަތް ކުރާތީ ޖޫލީއަށް ހީވީ ހުރިހާ ކަމެއް މާޙިލް ހިއްސާކޮށްފައި އޮވެދާނެކަމަށެވެ.
" މާޙިލް ބުނީތަ.......؟ " ނަވީން ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޖޫލީވެސް ކޮށްލީ ސުވާލެކެވެ.
" އުހުން..........ފާޑެއްގެ އަޑުތަކެއް އަރާއިގެން އަހަރެން މިހުންނަނީ މާޙިލާ ދިމާނުވެގެން އެކަން އޮޅުން ފިލުވަންވެގެން.........." ނަވީންގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. އެއްވެސްކަހަލަ ސަމާސާއެއްނެތް ނިކަން ސާދާ ބުނުމެކެވެ.
" ކޮންކަހަލަ އަޑުތަކެއް؟ " ޖޫލީގެ ހިތްތެޅިލިއެވެ. އަނެއްކާ ސާޖާ އޭ ކިޔާގެން މާހިލް އެއްޗެކޭ ކީ ބާއޭ ޖޫލީގެ ހިތަށް އެރިއެވެ.
" މާޙިލް ކައިވެނިކުރަން އުޅެނީޔޯ........... އަފޫ ގުޅާފަ އެހެންބުނީ އެނގޭތަ އެކަން.........." ޖޫލީ ހިމޭންވެފައި ހުރުމުން ނަވީން އަޙާލިއެވެ.
" ހޫމް.......އެނގޭ......" ފަރުވާކުޑަ ގޮތަކަށް ޖޫލީ ބުނެލިއެވެ.
" ސަޖާއޭ ކިޔާގެން ވަރަށް ހަޑިކޮން ވާހަކަދެއްކިއަޑު މަންމަޔަށް އިވިގެން މަންމަވެސް އެހުރީ ޝޮކެއްގަ............." ޖޫލީ ނަވީންގެ މޫނަށް ބަލާލިއިރު ޖޫލީގެ ލޮލުގައި ގިނަވެފައި ހުރީ ކަރުނައެވެ.
" ކޮންކަހަލަ ވާހަކައެއް...............؟ " ނަވީންގެ މޫނުމަތިން ފެނުނީ އެވާޙަކައެއް އޮޅުން ފިލުވަން ހުރި ޝައުޤުވެރިކަމެވެ.
ޖޫލީއަށް އެނގިފައިވާ ވަރަކަށް ހަޤީގަތް ކިޔާދެމުން ދިޔައީ އެއްވެސް ފިއްޔަކަށް އަކުރަކަށް ބަދަލެއް ގެނައުމެއްނެތިއެވެ. އެވާހަކަތައް އަޑުއަހަން ހުރިއިރު ނަވީންގެ މޫނުމަތިން ފެންނަނީ ނުރުހުރާ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. ކޮފީމަގުގައި ބާރަށް ހިފަހައްޓާއިގެން ހުރި އިރު ހީވަނީ އެމަގްވެސް ފިސްކޮށްލަން އުޅުނުހެންނެވެ. ދަތްތަކަށް ބާރުލީލީނުން ހީވީ ދަތްތައްވެސް ކުދިކުދިކޮށްލަން އުޅުނުހެންނެވެ.
" މިވަގުތު އަހަރެމެން އެންމެންގެ ހިތްވަރު ސަޖާއަށް ބޭނުންވާނެ................" ފަޓްލޫނު ޖީބުތެރެއަށް އެއްއަތް ޖަހާލިއިރު ނަވީންގެ ހިތުގައިވެސް ސަޖާއާ މެދުވަނީ އިންތިހާ ހަމްދަރުދީއެވެ. ޖޫލީ އާ ރައްޓެހިވީން ސުރެން ސަޖާއާމެދު ނަވީން ކަންތައް ކުރަނީ އެއްބަނޑުގައި އަންހެން ކޮއްކޮއަކު ހުރިނަމަ އެކޮއްކޮ އަކާއިމެދު ކަންތައް ކުރާނެހާ ގާތްކޮށްނެވެ. ސަޖާއަށް ލިބޭ ދެރައެއްގައި އޭނާ އެންމެ ގާތުން އަޅާލަން ހުރީ ތައްޔާރަށެވެ.
ނަވީން ގުޅުމުން މާހިލްވެސް އާޝާވެސް ފޯނުނުނެގީ ގަސްދުގައިކަން ނަވީނަށް ވިސްނުނުނީ ޖޫލީ ކަންވީގޮތް ތަފުސީލްކޮށްދިނުމުންނެވެ. ކޮޓަރިތެރޭގައިވީ ހިމޭންކަމެވެ. ދެމީހުންވެސް ހީވާގޮތުން ވިސްނަމުން ދިޔައީ އެކަމާއެވެ. ނަވީންގެ ފޯނު ރިންގުގެ އަޑަށް ކޮޓަރީގައިވި ހިމޭންކަން ފޫއަޅުވާލިއެވެ. ނަވީން ހުރީ ކުރިންވެސް ހުއްޓިހުރި ދޮރުކައިރީގައެވެ. ފޯނު ހޯދަން އުޅުނީ ޖޫލީއެވެ. ބުލޭންކެޓްދަށުން ފޯނުނަގާ ބަލާލިއިރު ފޯނުގެ ސްކްރީނަށް އަރާފައި އިން ނަމުން ޖޫލީގެ މޫނުމަތިން ފެނުނީ އެހެންކަހަލަ ކުލަވަރެކެވެ. ޖޫލީގެ މޫނުމައްޗަށް އައި ބަދަލު ފެނި ނަވީންގެ ހިތުގައި ބިރުވެރިކަމުގެ އޮއެވަރެއް ހިނގާލިއެވެ.
~ ނުނިމޭ ~

  1. Avatar

    މިހާރު ފަހެ ލައިބާގެ ޕާރޓް ނިމުނީތަ. ނަވީންވެސް ހިއެއްނުވޭ އިތުރު އަންބަކު ހުރިކަން ހަނދާންވާ ހެނެއް، އެހެންނަމަ ލައިބާ ކައިރިއަށް ދާންވެއްޖެ ދޯ މިހާރު.

    17
    3
  2. Avatar

    މާޝާ ﷲ…ވަރަށް ސަޅި..އަވަހަށް ގެނެސް ދެއްވައްޗޭ…!!
    އަޅުގަނޑަށް އިގޭ ލަސް ވަނީ ތިބޭފުޅާ ވެސް ބުރަ ވީމަކަން ނުކުންނަ ބައި ލަސް ވަނީ…އެކަމަކު ވެސް މި ވާހަކަ ރީތި ކަމުން އެހެން މިބުނެލި…އަދިވެސް އެއްފަހަރު ބުނެލާނީ ވަރަށް ފުރިހަމަ އޭ….
    ޝުކުރިއްޔާ…!!!

    10
    2
  3. Avatar

    މި ފަހަކަށް އަހިސް ކިޔުނު އެންމެ ރީތި ސިލްސިލާ ވާހަކަ.. ޝައުގުވެރިކަން ވެސް ވަރަށް ފުރިހަމަޔަށް ހިފަހައްޓަމުން ދަނީ.. ތިގޮތަށް އަބަދުވެސް ވާހަކަ ލިޔާނެކަމަށް އުންމީދުކުރަން.. ވާހަކަ ލިޔުން ހުއްޓާ ނުލާތި.. ވާހަކަ ލިޔުމުގެ ހުނަރު ވަރަށް ރަނގަޅަށް އެބަ ހުރި..

    6
    3
  4. Avatar

    2-3 ބައި ކައިރިކައިރިން ގެނެސްދާނެ. ދެން ހަބަރެއްވާނީ މަސްދުވަސް ފަހުން. ތިހެން ހެދީމަ ކިޔުންތެރިންގެ އިތުބާރު ގެއްލޭނޭ ރައިޓާރ.

    14

ޚިޔާލު ފޮނުއްވާ