Views: 8646 149

ނަވީން އިށިއިނދެއިން ގޮނޑިން ތެދުވި އިރު މީހާގެ ހަށީގައި ދައުރުވާ ލޭގެ ހިނގުންވެސްވަނީ ހަލަބޮލިކުރުފައެވެ. އެވާހަކައިގެ ތެދުދޮގު އޮޅުން ފިލުވަން ނަވީން ހިނގައިގަތީ އެކޮޓަރިން ނިކުންނާށެވެ. އެވަގުތަކީ މުހިއްމު ޑޮކިއުމެންޓުރީ ތަކެއްގައި ސޮއިކުރަން އައި ނަވީންގެ ސެކެޓްރީއަށްވެސް އެކޮޓަރިއަށް ވަންނަން އައި ވަގުތެވެ. އޭނާ ދައްކާ ވާހަކަ އަޑުއެހުމުގެ ބަދަލުގައި ނަވީން ހިނގައިގަތީ މާހިލް ހޯދާށެވެ. މާހިލަށް ހާއްސަ ކޮޓަރީގެ ދޮރު ނަވީން ހުޅުވާލީ ނިކަން ބާރަށެވެ. އެކިއެކި މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ އެންމެހާ މުވައްޒަފުންގެ ސަމާލުކަން ހުއްޓުނީ ނަވީނަށެވެ. އެހެނަސް ނަވީން އެމީހުނަށް ބެލުމުގެ ބަދަލުގައި ހުޅުވިގެންދިޔަ ދޮރުން އެތެރެއަށްވަނެވެ.

މާހިލްގެ ގޮނޑި ހުރީ ހުހަށެވެ. މީހަކު އުޅޭކަމުގެ އެއްވެސް ހިލަމެއް އެކޮޓަރިތެރެއިން ފެންނާކަށް ނެތެވެ. ތަންކޮޅެއް އެތެރެއަށްވަދެފައި ނަވީން މާހިލް ހުރެދާނެކަމަށް ފާހާނާއާއި ބެލްކަނިވެސް ބެލިއެވެ. އެނބުރި ބޭރަށް ނިކުމެ މާހިލް ކޮބައިތޯ އެހީ ވަރަށް ހަރުކަށިކޮންނެވެ. ހުރިހާ މުވައްޒަފުންހެން ތިބީ ބަސް ހުއްޓި ޖަވާބެއް ދޭން ނޭގިފައެވެ. ނަވީންގެ ހަރުކަށިކަމަކީ އެމީހުންނަށް މުޅިން އާކަމަކަށްވުމުން އެންމެންހެން ތިބީ ހައިރާންވެފައެވެ. ކުރީ ފަހަރަށްވުރެން ދެވަނަ ފަހަރު ނަވީން މާހިލް ކޮބައިތޯ އާ އޭނާ އޮފީހަށް މިއަދު އައިތޯ ނަވީން އެހީ މާ ބޮޑަށްވެސް ބާރަށެވެ. ނަވީންގެ އަޑުގަދަކަމުން ބިރުންހުރެފައިވެސް ޖަވާބުދޭން ކެރުނީ ސެކެޓްރީއަށް އެކަންޏެވެ. މާހިލް މިއަދު އޮފީހަށް ސަލާން ބުނެފައިވާކަމަށް ބުނުމުން ނަވީން އެދުނީ އޭނާ ކާރުގެ ތަޅުދަނޑި ގެނެސްދިނުމަށެވެ. އެކުއްޖާ ތަޅުދަނޑި ގެނެސްދިނުމުން ނިކަން އަވަސްއަރުވާލައިފާ ބޭރަށް ނިކުތެވެ. އޮފީސްތެރެ ހަލަބޮލިވެގެން ދިޔައީ ނަވީން ބޭރަށް ނިކުތުމުންނެވެ. އެކިމީހުން ނަވީނަށް ވެފައިވާ ގޮތަކާއިމެދު ސުވާލުއުފައްދަންފެށިއެވެ. އެއެންމެންގެ ތެރޭގައިވެސް ނަވީނަކީ ނަމޫނާ ވެރިއެކެވެ. މަދުން ފެންނާނެ ކަހަލަ ހިތްތިރި ބޮހެކެވެ. މިނޫނީ ނަވީންގެ ހަރުކަށިކަން އެކުދިންނަށް ފެނިފައެއް ނުވެއެވެ.

******

ޕާރކްކޮށްފައި އޮތް ނަވީންގެ ކާރަށް އަރާފައި ފުރަތަމަ ނަވީން ގުޅާލީ މާހިލްގެ ފޯނަށެވެ. އެފޯނަށް ޖަވާބު ނުދިނުމުން ދެން ނަވީން ގުޅާލީ ޖޫލީއަށެވެ.

" ހޮސްޕިޓަލްގަ ތަ؟ " ޖޫލީ ފޯނުނެގުމުން ނަވީން ފުރަތަމަވެސް ޔަގީންކުރަން ބޭނުންވީ ޖޫލީ ހުރިތަނެކެވެ.

" އާން ހޮސްޕިޓަލްގަ........."

" ކޮންބައެއް ތިއުޅެނީ" ހޮސްޕިޓަލްގައި ކަން އެނގުމުން ނަވީން ބޭނުންވީ މާހިލް ހުރިތޯ ޔަގީންކުރާށެވެ.

" މަންމަޔާ ދެމީހުން " ޖޫލީގެ ޖަވާބު އިވިފައި ނަވީނަށް ގޮށްމުށްކަވާލެވުނެވެ. މާހިލް ހޯދަން ބޭނުންވެފައި ހުރިވަރުންނެވެ.

" ކޮބާ މާހިލް....." ހިތްހަމަ ނުޖެހިހުރެ ނަވީން ވާޙަކަދެއްކިއެވެ.

" ނޭގެ......." ޖޫލީގެ ޖަވާބުކުރެވެ. މާހިލްގެ ވާހަކަދައްކާކަށް ޖޫލީ ބޭނުމެއްނުވިއެވެ. އަދިވެސް މާހިލް ސަޖާއަށް ގޮވާލި އެއްޗެހި ހީވަނީ އޭނާގެ ކަންފަތު ހިނދުރީގައި ހަރުލާފައި ހުރިހެންނެވެ. ސަޖާއަށް އެކީ އެއްޗެހިން ދެން މާހިލް ބަލައިގަތުމަކީ ޖޫލީއަށް ފަސޭހަކަމަކަށް ނުވާނެއެވެ.

" ސަޖާ އާ މާހިލާއި ދެމެދު ކަމެއް ހިނގައިގެންތަ އުޅެނީ..........." ނުބުނަން ހުރެފައިވެސް ނަވީނަށް އެސުވާލުކޮށްނުލައި ނުހުރެވުނެވެ.

" ތިވާހަކަ ދައްކާނީ ފަހުން........" ސަޖާ ފެންނަ ހިސާބުގައި ހުރެ އެވާހަކަ ދައްކާކަށް ޖޫލީއަކަށް ފަސޭހައެއްނޫނެވެ. ޖޫލީގެ ޖަވާބުން ކޮންމެވެސް ކަންތައްގަނޑެއް ވެއްޖެކަން ނަވީނަށް ގަބޫލުކުރެވުނެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ދެން ވާހަކަދެއްކީ ޖޫލީއެވެ.

" އޭ ފަހުން ގުޅާނަން ......ސަޖާ ޑިސްޗާޖުކޮށްލައިފި އެހެންވެ ގެއަށްދާން މިއުޅެނީ........." ނަވީންގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ޖޫލީ ފޯނު ކަނޑާލީއެވެ. ފޯނު ކެނޑުނުއަޑަށް ކަންފަތާއި ފޯނު ވަކިކޮށްލައި ފޯނުގެ ސްކުރީނަށް ނަވީން ބަލާލާފައި ދޫކޮށްލީ ފުންނޭވާއެކެވެ. އަދި ކާރު އިސްޓާޓުކޮށް ދުއްވާލީ މާޙިލް ނޫނީ އާޝާ ހޯދުމުގެ ބޭނުމުގައެވެ.

*****

ޒީނިޔާ އެތެރެއިން ނިކުތީ އައްފާން އިންތިޒާރުގައި އިންނަތާ އިރުކޮޅެއް ފަހުންނެވެ. ފޯނުގެ ސްކުރީނަށް ބަލަހައްޓައިގެން އިނުމުން ޒީނިޔާ އައިކަންވެސް އައްފާނަށް އެނގުނީ ގައިގާ ޖެހޭ ހިސާބު ކައިރިއަށް އައިސް ހުއްޓުމުންނެވެ. އައްފާން ޒީނިޔާއަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ފައިން ފެށިގެން ބޮލަށެވެ. އައްފާން ހީކުރީ ޒީނިޔާގެ މޫނުމަތިން އުފާވެރިކަން ފެންނާނެކަމަށެވެ. ތުންފަތުން ހިނިތުންވުން ފެންނާނެކަމަށެވެ. އެހެނަސް ޒީނިޔާގެ މޫނުމަތީގައިވީ އައްފާން ބޭނުންވި އަސަރުތަކެއް ނޫނެވެ. ހިމޭންކަމާއި މަޑުމައިތިރިކަން ނޫނީ ޒީނިޔާގެ ކިބައިގައި ނެތެވެ. ހީވަނީ ކަމަކާ ހިތްހަމަނުޖެހިފައި ހުރިހެންނެވެ.

" މިންނެގީތަ......؟ " ޒީނިޔާގެ ފުރަގަހުން ފެންނަން ހުރި ސާރާއަށް އައްފާން ބުނެލިއެވެ.

" އާން އެކަން ނިމިއްޖެ..........ހެދުން ފިޓްކޮށްލަންވީމަ ގުޅާލާނަން....." ނިކަން ފުޅާ ހިނިތުންވުމަކާއި އެކު ސާރާ ވާހަކަދެއްކިއެވެ. އައްފާން ސޯފާއިން ތެދުވުމުން ޒީނިޔާ ހިނގައިގަތީ އައްފާނަށް ވުރެން ކުރީގައި ހުރެއެވެ. ގޮސް ކާރަށް އަރާ އިށިއިންއިރު އޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ.

" ސަޕްރައިޒް......." ޑުރައިވަރ ސީޓްގައި އިށިއިނދެ ޒީނިޔާއަށް ބަލާލަމުން އައްފާން ބުނެލިއެވެ. ޒީނިޔާ އައްފާނަށް ބަލާލިއެވެ. ބުނާނެ އެއްޗެއް އޭނާގެ ދުލުކުރިއަކަށް ނައެވެ. އެހެނަސް އެގޮތަށް އައްފާން ކަންތައް ކުރުމުން ޒީނިޔާ އިނީ ހިތްހަމަނުޖެހިފައެވެ.

" މީގެ ދެހަފްތާފަހުން ބިއުޓިފުލްވާނީ މަގޭ ވައިފަށް........." ޒީނިޔާގެ އަތްތިލައިގައި ބޮސްދެމުން އައްފާން އޭނާގެ ނިންމުން އިއްވާލިއެވެ. ޒީނިޔާ އަތް ފޮޅުވާލީއެވެ. މިހަރަކާތުން އައްފާނަށް ހުރިހާ ކަމެއް ސާފުވިކަހަލައެވެ.

" އުފަލެއް ނުވޭތަ.....އަހަރެމެން ދެމީހުން މެރީކުރެވޭތި........." ޒީނިޔާގެ ދަތްދޮޅީގައި ހިފާ އޭނާއާ ދިމާއަށް މޫނު އަނބުރާލަން އުޅުމުން ޒީނިޔާ ކުރީ އިންކާރެވެ. ޗެރީހައުސް އާ ދިމާލަށް ކާރު ދުއްވާލީ ޒީނިޔާ ބަހެއް ނުބުނުމުންނެވެ. އައްފާނަށް ނުފެންނާނެހެން މޫނު އަނބުރާލައިގެން ޒީނިޔާ އިނެވެ. އިރުއިރުކޮޅާ އައްފާން ޒީނިޔާއަށް ބަލާލައެވެ. އެހެނަސް އައްފާންވެސް އިނީ ޒީނިޔާ ވާހަކަދެއްކީމައި ނޫނީ އެއްޗެއް ނުބުނަން ނިންމައިގެންނެވެ.

" ތިހާ ބޮޑުކަމެއް ނިންމާއިރު އަހަރެން ކައިރީވެސް އަހާލަންވާނެއްނު..........." ޒީނިޔާ އެއްޗެއް ބުނީ ކާރުގޮސް ޗެރީ ހައުސް ބޭރަށް މަޑުކުރުމުންނެވެ. ޒީނިޔާ ވާހަކަދެއްކުމުގައިވީ މަޑުމައިތިރިކަމެވެ.

" އަހަރެމެން ދެމީހުން މިއުޅެނީ ރައްޓެހިވެގެންނޭ..........އަފޫ ބޭނުންވީމަ ޓަސްލައިފަ މެރީކުރަންވީ.........އެންމެދެރަވެގެން އަހަންނާ އެވާހަކަދެކެވެންވާނެދޯ............މިގޮތަށް ކަންތައްވީމަ ވަރަށް އުނދަގޫވެއްޖެ....އެޓްލީސްޓު ސާރާ ކައިރިއަށްދަމުންވެސް ބުނެލިނަމަ މިގެންދަނީ މިވެނިކަމެއް ކުރާށޭ......." ޒީނިޔާ ވާހަކަދައްކަމުން ދިޔައީ އިސްޖަހައިލައިގެން އިނދެއެވެ. އޭނާ ހިތްހަމަނުޖެހިފައިވާ މޫނު އައްފާނަށް ދައްކަން ބޭނުން ނުވާކަހަލައެވެ.

" އައަހރެން........." އައްފާން ވާހަކަދައްކަން ފެށުމުން ޒީނިޔާ ކާރުން ފޭބިއެވެ. އައްފާންވެސް ޒީނިޔާ ފޭބުމުން އަވަސްއަވަހަށް ކާރުން ފައިބައިގެން ބެލީ ޒީނިޔާ އާ ވާހަކަދެއްކޭތޯއެވެ. އެހެނަސް އަތުގެ އިޝާރާތުން ޒީނިޔާ އެންގީ އައްފާނަށް ވާހަކަ ނުދެއްކުމަށެވެ. ޒީނިޔާ ގޭތެރެއަށްވަނީ ދުވެފައި ކަހަލަގޮތަކަށެވެ. އެކަނިވާން ބޭނުންވެފައި ހުންނާނެތީ އައްފާންވެސް ޒީނިޔާ ހުއްޓުވާކަށް ނުހަދައެވެ. އަދި އޭނާގެ ފަހަތުން ދާކަށްވެސް ހިޔާލެއް ނުކުރެއެވެ. އައްފާން ހުރީ ހަމަޖެހިފައެވެ. މިވަގުތު ހިތްހަމަނުޖެހިފައި ޒީނިޔާ ހުއްޓަސް ފަހުން އޭނާ ހަމައަކަށް އެޅުމުން ވާހަކަދައްކާނެކަން އައްފާނަށް އެނގެއެވެ.

*****

ސަޖާގެއަށް ފޮނުވާލި ނަމަވެސް ފެންނަނީ މޮޅިވެރިކަމެވެ. ބަސްމަދުވެފައި އެއްދިމާލަކަށް އިންނާތީ އެކަމާ އެންމެ ކަންބޮޑުވީ ޖޫލީއެވެ. ސަޖާގެ ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއްވެދާނެތީ ޖޫލީ އިންތިހާއަށް ހާސްވިއެވެ.

" ކީއްވެ މާމަޑުން ތިއިނީ............." ޖޫލީ ބެލީ ސަޖާއާ ވާހަކަދެއްކޭތޯއެވެ. ޖޫލީގެ އަޑަށް ސަޖާ ބަލާލާފައި ދެފަރާތަށް ބޯހޫރުވާލީ ނުވިސްނަމޭ ބުނާ ފަދައިންނެވެ.
" މިހާ ވަރަށް ވާހަކަ ދައްކާއިރު ކީއްވެ އެއްޗެއް ނުބުނީ..........." ޖޫލީ ބުނިއެއްޗެއް އިވިފައި ސަޖާއަށް ތެޅިގަނެވުނެވެ. ޖޫލީ ވާހަކަދެއްކި އަޑެއް އޭނާ ނާހައެވެ. އޭނާގެ ހިތާއި ސިކުނޑީގައި ވަނީ މާހިލްއެވެ.

" ވާހަކަދެއްކިންތަ.....؟ " ޖޫލީގެ މޫނަށް ބާލާލާފައި ސަޖާ އަވަސްއަވަހަށް އިސްޖަހާލިއެވެ. ހީވީ އޭނާ މާހިލާއިމެދު ވިސްނާކަން އެނގިދާނެތީ މޫނުނުދައްކަން ގެނައި ހަރަކާތެއް ހެންނެވެ.
" އަހަރެން ބޭނުމީ ނިދާލަން.............." ސަޖާ ދޮގެއް ހަދާލިއެވެ. ބޭނުމަކީ ޖޫލީ ކޮޓަރިން ފޮނުވާލުމެވެ. އެކަނިވެލުމެވެ. ދެލޮލުތެރޭގައި ގިނަވެފައިވާ ކަރުނަތައް މީހަކަށް ދައްކާކަށް އޭނާ ބޭނުމެއްނޫނެވެ. ސަޖާ ބޭނުމަކީ ބަނޑުގައިވާ ދަރިފުޅު އުފަންކޮށް މާހިލަށް އެއީ އޭނާގެ ދަރިއެއްކަން ސާބިތުކޮށްދޭށެވެ. ހިތާއި ހަށިގަނޑުގައި ނެތް ހިތްވަރު ނެރެގެންވެސް އެކަން ކާމިޔާބުކުރުމަކީ އޭނާގެ އަޒުމެވެ. އުއްމީދެވެ.

ސަޖާ އޮށުވެތުމުން ޖޫލީ އެކޮޓަރިން ނިކުތީ އޭނާގެ ގައިމަތީ ރަޖާ އަޅާއިދީ ކޮޓަރީގެ ބޮކީގެ އަލިވެސް މަޑުކޮށްލާފައެވެ. ބޭރަށް ނިކުތްއިރު ޖަލީލާއި ސަރުމީލާ ކާމޭޒުދޮށުގައި ތިއްބެވެ. އެމޭޒާއި ކައިރިވި ވަރަކަށް ސަރުމީލާގެ ގިސްލުމުގެ އަޑު ޖޫލީއަށް އިވެމުންދެއެވެ.

" މަންމާ........ބައްޕާ............" ޖޫލީ ދެމީހުނަށް ގޮވާލީ އޭނާ ހުރިކަން އަންގާލުމުގެ ގޮތުންނެވެ. ސަރުމީލާ ކުޑަކޮން ސިހިފައި އަޑުއައި ދިމާލަށް ބަލާލާފައި އަވަސްއަވަހަށް ލޯ ފުހެލިއެވެ. ޖަލީލް ޖޫލީއަށް ބަލާލާފައި ހިނިތުންވުމެއް ތުންފަތް މައްޗަށް ގެނެވޭތޯ މަސައްކަތްކުރިއެވެ. ގޮނޑިންތެދުވެގެން ދަމުން ޖޫލީގެ ބޮލުގައި ފިރިމާލާފައި ސައިބޯން އުޅޭށޭ ބުނެލިއެވެ. އަދި ނިކަން ހަރުކޮށްގޮސްވަނީ ޖަލީލް ނިދާ ކޮޓަރިއަށެވެ. ޖޫލީއަށް މިނޫނީ ބައްޕަ ކަމަކާއި އެހާ ދެރަވެފައި ހުއްޓާނުފެނެއެވެ. ޖަލީލް ގޮސް ކޮޓަރިއަށް ވަންނަދެން ޖޫލީއަށް ބަލަން ހުރެވުނީ ބައްޕަގެ ހަރަކާތްތައް އެހެންޏާ ހުންނަގޮތް ނޫންވީމައެވެ.

" މަންމާ.........."

" ބައްޕައަށް ކިހިނެތްވެފައި އެހެރީ..............." ޖޫލީގެ ސުވާލު އިވިފައި ސަރުމީލާ ދިނީ ފުރަގަހެވެ. ޖޫލީ ކުރި ސުވާލުގެ ޖަވާބުދޭކަށް ސަރުމީލާއަކަށް ފަސޭހައެއް ނޫނެވެ.
" ބައްޕަ .........އަރާމްކޮށްލަން އެދިޔައީ.........." ސަރުމީލާއަށް ރޮވިދާނެތީ ތުންފަތުގައި ދަތްއަޅާލިއެވެ. އޭރު ދެލޯ ފުރިގެން ބަންޑުންވެއްޖެއެވެ. ސަރުމީލާ ދިނީ ޖޫލީ ބޭނުންވި ޖަވާބެއް ނޫނެވެ.

އެހެންވެ ޖޫލީ ދެތިން ފިޔަވަޅު ކުރިއަށްޖެހިލައި ސަރުމީލާ އޭނާ އޭނާ އާ ދިމާލަށް ނުހަނު އުނދަގުލުން އަނބުރާލިއެވެ. ހީވިހީވުން ޔަގީންވީ ސަރުމީލާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ފެނިފައެވެ. ސަރުމީލާވެސް ޖޫލީ ގައިގާ ބައްދާލިއެވެ. އަޑުން އަޑުނަގާ ސަރުމީލާއަށް ރޮއެގަނެވުނެވެ. ދަރިންގެ ދިރިއުޅުމާއިމެދު އެމައިމީހާގެ ކަރުނަތައް ހުސްކޮށްލަން ބޭނުންވެފައި ހުރި ކަހަލައެވެ. ވެގެން އުޅެނީ ކީއްކަން ޖޫލީއަކަށް ނޯޅެއެވެ. ސަޖާ އާ ދިމާލަށް މާހިލް ކީ އެއްޗެހިން އެމަންމަގެ ހިތަށް އަރާނެ އެއްޗެހި ޖޫލީއަށް އިހްސާސްކުރެވެއެވެ
" މަންމާ............" ޖޫލީގެ އަޑުގައިވީ އާދޭހެވެ. ޖޫލީ ގޮވާލިނަމަވެސް ސަރުމީލާ ހުއްޓައިނުލައެވެ.

" މަންމާ...........ދެން ނުރޮއެ............." އެންމެ ކައިރީގައި ހުރި ގޮނޑީގައި ސަރުމީލާ ބައިންދަމުން ޖޫލީ އެދުނީ މަންމަ ނުރުއިމަށެވެ. މަންމަ ރޯތަން ބަލާކަށް ޖޫލީއަކަށް ކުޅަދާނައެއް ނޫނެވެ. މޭޒުމަތީގައި ހުރި ބިއްލޫރި ޖަގުން ފެންތައްޓެއް އަޅާފައި ދިނުމުން ސަރުމީލާ އެތިފޮދެއް ބޯލިއެވެ. ޖޫލީވެސް ގޮނޑިއެއް ދަމާލާފައި ސަރުމީލާ އާ ކުރިމަތިވާނޭހެން އިށިއިނެވެ.

" ސަޖާއަށް ވެދާނެ ގޮތަކާއި މެދު މަންމަ ކަންބޮޑުވޭ..............." ސަރުމީލާ ލޯފޮހެލަމުން ބުނެލިއެވެ.

" މަންމާ........ނުރޮއެބަލަ.......އަހަރެމެން މީ ކޮއްކޮއަށް އަޅާލަން ތިބި މީހުން އަހަރެމެންގެ ހިތްވަރު ހުރެގެންދޯ ކޮއްކޮއަށް ހިތްވަރު ދެވޭނީ..................." ޖޫލީގެ ނަސޭހަތް އިވިފައި ސަރުމީލާ ވަރަށް ފަރުވާތެރިކަމާއެކު ޖޫލީގެ މޫނަށް ކަޅިއަޅާލިއެވެ.

" މަންމަ ދެރަވެފަ މާޔޫސްވެފަ އިންނަތަން ކޮއްކޮއަށް ފެންނަންޏާ ކިހިނެތްވާނީ........" ޖޫލީ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން އިންތަނުން ތެދުވެތެވެ. އަދި ސަރުމީލާއަށް ފުރަގަސްދިނެވެ.

" އަހަރެން މިހާރު ބިރުގަންނަން ފަށާފި....................." ޖޫލީގެ އަޑުގައިވީ އަސަރުތައް ސަރުމީލާގެ ހިތުގެ އެންމެ ފުނުގައި ނުބައި ހޫނެއް އުފައްދާލިއެވެ.

" ސަޖާގެ ބޭބީ އަށް ކަމެއް ވެދާނެތީ .............ސަޖާއަށް ކަމެއް ވެދާނެތީ................" ތުންފަތުގައި ދަތްއަޅާލީ އިތުރަށް ވާހަކަ ކުރިއަށް ނުގެންދެވިގެންނެވެ. ސަޖާ ގެއަށް ފޮނުވާލަމުން ހުރިހާ ވާހަކައެއް ޑޮކްޓަރވަނީ ޖޫލީ އާ ހިއްސާކޮށްފައެވެ. ބުލީޑްވުމުން ބެޑްރެސްޓުކުރުން މުހިއްމު ވާހަކައެވެ. ކަންކަމާއި ފިކުރުކުރަން ސަޖާއަށް ފުރުސަތު ނުދިނުމަށް ތަކުރާރުކޮށް ޑޮކްޓަރ އެދުނެވެ.

" މަންމާ..........." އިރުކޮޅަކު ހިމޭނުން ހުރެފައި ޖޫލީ މަންމައަށް ގޮވާލީ ނިކަން ބާރަށެވެ. އަދި ސަރުމީލާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ.
" މަންމަ ދާންވިއޭނުން މާހިލާ ވާހަކަދައްކަން ...ފަހަރެއްގަ މަންމަ ވާހަކަދެއްކީމަ މާހިލް ގަބޫލުކޮށްދާނެ............" މާހިލް އެނބުރި ސަޖާ ކައިރިއަށް އައުމަކީ ސަރުމީލާގެވެސް އެދުމެކެވެ. މާހިލް ތާއަބަދަށް ސަޖާ ދޫކޮށް ހިނގައްޖެނަމަ ސަޖާ ދުނިޔެއިން މޮޔަވެދާނެއެވެ. ކުޑަކުޑަ ދަރިއަކު ބައްޕަގެ ލޯބިން މަހުރޫމްވާނެއެވެ. އެހެންވާކަށް ސަރުމީލާ ބޭނުންވާނީ ކިހިނެތް ހެއްޔެވެ؟

" އެހެން ކައިވެންޏެއް ކުރަން ފައިވިއްދާލާފަ ހުރި މީހަކު ސަޖާ އާ ދުރަށްދާން އެއްހާސް ބަހާނާވެސް ދައްކާނެ......." މާހިލްގެ މައްޗަށް ސަރުމީލާގެ ހިތްމިހާރު މާރަނގަޅެއްނޫނެވެ. ގެއްލިއްޖެ އިތުބާރެއް ވެއްޓިއްޖެ އަގެއް ދެން އެމީހެއްގެ ކުރިމަތީ ކުރިން އޮތް ގޮތަށް އިޔާދަވުމަކީ ވާނޭކަމެއް ނޫނެވެ.

" އެވަރުގެ މީހަކު އައުމަށްވުރެން ނައުން ގާތީ............" ސަރުމީލާގެ އަޑުގައިވީ މަޑުމޮޅިކަމެވެ.

" ޕުލީޒް މަންމަ...........އަޅެ ދާންވީއޭނުން މަންމަ ގޮސް ވާޙަކަދައްކަނިކޮން ފަހަރެއްގަ އޯކޭ ވެދާނެ........" އެންމެފަހުން ސަރުމީލާ އެކަމަށް އެއްބަސްވީ ހިތާ ދެކޮޅަށެވެ. ރަނގަޅު ވަގުތެއް ހޯދާލާފައި މާޙިލާއި ބައްދަލުކުރަން ދާނީ ބައްޕަޔާވެސް އެކީކަމަށް ބުނުމުން ޖޫލީ ހިތްހަމަޖެހުނެވެ.

*****

ބާޒާރުކޮށްގެން ގެއަށް އާއިރު ގޭގައި ރަސްކަންކުރަނީ ފަޅުކަމެވެ. އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ވަރަށް ހިތްހަމަޖެހި ހުރެގެން އާޝާ ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. ހޫނުވެފައި ހުރުމުން ފެންވަރާލައިގެން އެއްޗެހި ބަދަލުކޮށްލަން ވެގެންނެވެ. އާޝާ ކޮޓަރިއަށް ވަދެ ދޮރުލެއްޕި އަޑަށް ހައިފާވެސް އޭނާގެ ކޮޓަރިން ނިކުމެ ބޭރުބަލާލިއެވެ. އަފީފު އޮތީ އާޝާ ގެއަށް އައުމުން އަފީފަށް ގުޅަން ހައިފާ ކައިރީ ބުނެފައެވެ. ހައިފާ އިރުކޮޅަކު ހުރެފައި ހައުސްކޯޓުގެ ޖީބުން ފޯނުނަގާ އަފީފަށް ގުޅާލީ ހިތާދެކޮޅަށެވެ. ފިރިމީހާގެ އަމުރަކަށް ތަބާވުމުގެ ގޮތުންނެވެ. އަފީފު އައިސް އާޝާ އާ ދިމާލަށް ކިޔާނެ އެއްޗެއް ހައިފާއަށް ހިތަށް އަރުވާލަންވެސް ދައްޗެވެ. އެނގޭހައިވެސް އެއްޗަކީ ގޭގައި ތޫފާނެއް އުފައްދާނެ ކަމެވެ.

އާޝާ ފާހާނާއިން ނިކުތްއިރު ނަވީންގެ ދެތިން ކޯލު ލިބިފައި އޮތެވެ. ނަވީނަށް ގުޅަން އުޅެފައިވެސް އާޝާ ބެލީ ތައްޔާރު ވެވޭތޯއެވެ. ވޯޑްރޮބް ހުޅުވާލައިފައި ފަހަރަކު ހެދުމެއްނަގާ ގައިގާ ޖައްސާލާފައި އަތުކޮޅަށް އެހެދުމެއް އެއްލާލަނީ އެނދުމައްޗަށެވެ. ދިހަޔަކަށްވުރެން ގިނަ ހެދުން ބެލިއިރުވެސް ކަމުދާ ހެދުމެއް ދިމަލެއް ނުވިއެވެ. ހިތްހަމަ ނުޖެހި ހުރެފައި އެންމެފަހުންލީ މަސްޓަޑް ކުލައިގެ ގަޔަށްދޫ ހެދުމެކެވެ. އާދައިގެ އެހެދުން ހުރީ އާޝާގެ ކަކުލުން ތިރިއަށެވެ. މެދުހަށީގައި ހުދުކުލައިގެ ފުލޯރާ ބެލްޓެއް އަޅާލިއެވެ. އަދި އިސްތަށިގަނޑު މައްޗަށްނަގާ ހައްޔަރުކޮށްލީ ކުޑަ ދައްޗަކުންނެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި ފަރުވާތެރިކަމާއެކު މޫނަށް ބަލާލިއެވެ. އޮއިލް ކޮންޓުރޯލް ޕައުޑަރއަކުން މޫނުމަތީގައި ފުއްމާގަނޑު ކާތާލިއެވެ. ބޭނުންވީ މޭކަޕަކާއި ނުލާ ވަރަށް އާދައިގެ ގޮތަކަށް ހުންނާށެވެ. މޫނުގެ ހަމާ ދާދި އެއްކުލަޔަކުން ލިޕްގުލޯސެއް ޖައްސާލުމަށްފަހު ދޮރާދިމާލަށް ހިނގައިގަތް ވަގުތު އެނދުމަތީގައި އޮތް ފޯނު ރިންގުވިއެވެ. ހަމަ އެހިނދު ދޮރުގައިވެސް ނިކަން ބާރަށް މީހަކު ތަޅާއިގަތް އަޑުއިވުނެވެ. ފޯނުގެ ސްކުރީނަށް ބަލާލިއިރު އޮތީ " ނަވީން" ގެ ނަން އަރާފައެވެ. ދޮރު ހުޅުވުން ލަސްވެގެން ކުރިއަށް ވުރެން ބާރަށް ދޮރުފަތުގައި ތަޅައިގަތެވެ. ކުރިން ފޯނުނަގަންވީ ބާއޭ ހިތަށް އަރާފައިވެސް ފުރަތަމަ އާޝާ ގޮސް ހުޅުވީ ދޮރެވެ.

________ ނުނިމޭ ___________

  1. Avatar

    ތޭންކްސް މަރީ. މިއަދުވާހަކަ އަޕްކޮއްފަ އިނުމުން މި ލިބުނީ ސަރޕްރައިޒެއް!!
    ޙާދަމޮޅޭ މަރީވާހަކަ ލިޔާލެއް. ޥަރަށް ރިއަލިސްޓިކް…

    21
    1

ޚިޔާލު ފޮނުއްވާ