Views: 8192 167

ކާރު ގޮސް އައްފާން ބޭނުންވި މަންޒިލަށް މަޑުކޮށްލިއިރުވެސް ޒީނިޔާ އަނގަހުއްޓައިނުލައެވެ. ޒީނިޔާ އާވީ ފަރާތުގެ ދޮރުހުޅުވައި ދިނުމުންވެސް އާދެވުނުތަނެއް ބަލައިވެސް ނުލާ ޒީނިޔާ ދިޔައީ ވާހަކަދައްކަމުންނެވެ. ކާރުގެ ދޮރު ހުޅުވާފައި ޒީނިޔާގެ އަތުގައި ހިފައިގެން އައްފާން ހިނގައިގަތީ ކާރުގެ ދޮރު ނިކަން ބާރަށް ލައްޕާފައެވެ. ހީވަނީ ހައިޖާނުތަކުން ކިލަނބުވެފައިވާ ހިތުގައި ހުރި ހުރިހާ އަސަރެއް އެދޮރެއް ބާލާލިހެންނެވެ. އޭރުވެސް ޒީނިޔާ ދިޔައީ އަނގަހުއްޓާނުލާ އައްފާނަށް އެއްޗެހިކިޔަމުންނެވެ. ދޮރުން އެތެރެއަށް ވަދެވުމުން އައްފާނާއި ޒީނިޔާއަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. ޒީނިޔާއަށްވެސް މިހުރެވުނުތަނާއިމެދު ވިސްނާލެވުނުއިރު އަންހެނަކު އައިސް އޭނާގެ އަތުގައި ހިފައިފިއެވެ. ޒީނިޔާގެ ހައިރާންވެފައިވާ ދެލޮލުން އައްފާނަށް ބަލާލިއިރު ހިތުގައި ޖަހާ ވިންދުވެސް އެހެން ރާގަކަށް ބަދަލުވެއްޖެއެވެ.
" ހިނގާ ޑިޒައިންތައް ބަލާލަން............" އެއަންހެންމީހާގެ އަޑަށް ޒީނިޔާ ވަރަށް ފުންނަޒަރަކުން ކުރިމަތީގައި ހުރި އަންހެންމީހާއަށް ބަލާލިއެވެ. އޭނާ ޒީނިޔާގެ މޫނަށް ބަލަން ހުރީ ހިނިތުންވެލައިގެންނެވެ. އޭނާގެ ކުރުކޮށް ކޮށާފައިވާ އިސްތަށިގަނޑާއި އަޅާފައިވާ ހެދުމުން ފެޝަނަށް ލޯބިކުރާވަރު ހާމަވެއެވެ.
އެމީހާ ބުނި އެއްޗެއް ނޭގިގެން އައްފާންގެ މޫނަށް ބަލާލިއިރު އައްފާން ފަޓްލޫނުގެ ޖީބަށް އަތްޖަހާލައިގެން ދުރަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. ތުންފަތްމަތީގައި ލުއިހިނިތުންވުމެއްވިއެވެ.
" ހިނގާ.........." ހިނިތުންވެފައި ދެވަނަ ފަހަރަށް އެހެން ބުނުމުން ޒީނިޔާއަށް ހުރެވުނީ ކުޑިލަން ނޭގިފައެވެ. ވަށައިގެން ފެންނަ މަންޒަރުތަކުންވެސް ކުރަން މިއުޅޭކަންތައް ޒީނިޔާއަށް ގަބޫލެއް ނުކުރެވެއެވެ. ހީވަނީ ހޭލައި ހުރެގެން ރީތި ހުވަފެނެއް ބަލާލެވޭހެންނެވެ.
" ދޭބަލަ ސާރާއެކީ ޑިޒައިންތައް ބަލާލަން............." ޒީނިޔާ ހުރިފިޔަވަޅުމަތިން ގުޑިނުލުމުން އެންމެފަހުން އައްފާނަށް ޖެހުނީ ޒީނިޔާ ކައިރީ ބުނާށެވެ. ސާރާގެ އަތުގައި ހިފައިގެން ޒީނިޔާ ހިނގައިގަތްއިރު ވަށައިގެން އެނބުރި އެނބުރިފައި ޒީނިޔާއަށް ބެލެނީއެވެ. ޒީނިޔާ ބަލަމުންދިޔައީ ދެލޮލަށް ފެންނަ މަންޒަރު ގަބޫލުނުކުރެވިގެން ބަލާފަދަޔަކުންނެވެ.
ދެފަރާތުގައި ޖަހާފައިވާ ހުރިހާ ފަހާފޮއްޓެއްގެ ދޮށުގައިވެސް މީހުން ތިބިއިރު އެއިން ކޮންމެ މީހެއްވެސް އަވަދިނެތި އުޅެނީ އެމީހަކާއި ހަވާލުކޮށްފައިވާ މަސައްކަތް އެންމެ ފުރިހަމައަށް އެންމެ ރަނގަޅަށް ނިންމާލެވޭތޯއެވެ. ވަށާއިގެންވި ހުދުކުލައިގެ ފާރުތަކުގައި ވަނީ ބޮޑެތި ފޮޓޯތައް ހަރުކޮށްފައެވެ.
ޒީނިޔާ އާއި އެއްހަމައެއްގައި ހުރެގެން ސާރާ ހިނގަމުންދިޔައިރު އޭނާ ދިޔައީ ހުއްޓާނުލާ ވާހަކަދައްކަމުންނެވެ. މުޅިންވެސް ދެއްކީ ކައިވެނީގެ ހެދުމުގެ ވާހަކައެވެ. ސާރާ އަތުގައި ރީތި ތަފާތު ޑިޒައިންތައް ހުންނާނެ ކަމަށް ސާރާ ބުންޏެވެ. ޒީނިޔާ ބަދަލުގައި އެއްވެސް އެއްޗެއް ނުބުނެއެވެ. ކޮންމެ ވާހަކައެއް އަޑުއެހުމަށްފަހު ހަމައެކަނި ހިނިތުންވުމަކުން ފުއްދާލަނީއެވެ. ކައިވެނިކުރާނެ ތާރީހެއްވެސް އައްފާން ބުނެފައި ނުވާއިރު މިގޮތަށް ކުއްލިއަކަށް އެނގުމުން ޒީނިޔާ ހުރީ ފާޑަކަށް ފިނިވާގޮތްވެފައެވެ. ހިތުގައި އެތަށް ޝަކުވާއެއްވިއެވެ. އެހެނަސް އެޝަކުވާތައް ދެން އައްފާނަށް އިއްވާލެވޭނީ މިތަނުން ނިކުމެފައިކަން ޒީނިޔާއަށް އެނގެއެވެ.
ސާރާ ގޮސްވަނީ ވަރަށް ތަނަވަސްކޮން ހުރި ކޮޓަރިއަކަށެވެ. މެދުގައި ސޯފާއެއް ހުރިއިރު ކުރިމަތީގައި ބިއްލޫރި ކުޑަ މޭޒެއް ހުއްޓެވެ. ވަށައިގެން ބަހައްޓާފައި ހުރި ބުދުތައްވަނީ ކުލަކުލައިގެ ވެޑިންގޑުރެސްތައް ލައްވާފައެވެ. ޒީނިޔާ ގޮނޑިއެއްގައި ބޭންދުމަށްފަހު ސާރާ ގެނެސްދިނީ ފޮތެކެވެ. ފޮތް ބަލާލަން ބުނެފައި ސާރާ ބޭރަށް ނިކުތީ ޒީނިޔާ އެކަނި އިނދެ ހިތްހަމަޖެހޭ ޑިޒައިނެއް ހިޔާރުކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. ފޮތުގެ ފުރަތަމަ ގަނޑު އެއްލުމުންވެސް ޒީނިޔާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ފަހަރަކު ގަނޑެއް އުކަމުން ދިޔަދިޔަހެން ޒީނިޔާއަށް އުނދަގޫވަމުން ދިޔައެވެ. މުޅިންވެސް ރީތި ޑިޒައިންތަކެވެ. އެއްޗަކަށް ވުރެ އެއްޗެއް ފުރިހަމައެވެ. އެހެނަސް ފަހަރަކު ގަނޑެއް އުކަމުންދިޔައީ ނިކަން ޝައުޤުވެރިކަމާއެކުއެވެ.
*****
އާޝާ ބާޒާރުކުރާވަރު ފެނިފައި މަލާއީ ހުރީ ބޮލަށް އުނދަގޫވެފައެވެ. އެތަށްހާސް ރުފިޔާއެއް އެއްޗެހިގަތުމަށް އާޝާ ހޭދަކުރަމުން ދިޔަޔަސް އެކަމާ ބެހޭ ގޮތުން އޭނާއަކަށް އެކައްޗެއްވެސް ބުނާކަށް ނުކެރުނެވެ. އާޝާ ހިތްހަމަނުޖެހިގެން ހަޅޭލަވައިގަނެދާނެތީ އޭނާ އަބަދުވެސް ހުންނަނީ ނިކަން ޖެހިލުންވެފައެވެ. ފައިވާނާއި ފޮއްޗާއި އެންމެ އަގުބޮޑެތި ސެންޓުތަކުގެ އިތުރުން ރަނުގެ ގަހަނާއަށް ދަންދެން އާޝާ ގަންނަމުން ދިޔައީ މަމްދޫހާއަށެވެ. މަމްދޫހާގެ ރުހުން ހޯދަން އާޝާ ބޭނުންކުރާނެ ހަތިޔާރަކީ އެތަކެއްޗެވެ. ހިތް ފުރޭވަރުވުމުން ފިހާރައިން ނިކުމެ ކާރަށް އަރަން ދިޔަ އާޝާގެ ލޮލުގައި އަޅައިގަތީ "ސާރާ ކަލެކްޝަން" ދޮރުމަތީގައި ފޯނަކުން ވާހަކަދައްކަމުން ދެކޮޅަށް ހިނގާލަ ހިނގާލައި ހުރި އައްފާނެވެ. މަލާއީގެ އަތަށް ކޮތަޅުތައް ދީފައި އާޝާ ހިނގައިގަތީ އައްފާނާއި ދިމާލަށެވެ.
އައްފާން ފޯންކޯލު ކުރުކޮށްލީ ކުރިމައްޗަށް އައިސް ހުއްޓުނު އާޝާއަށް ބަލަންހުރެއެވެ. އާޝާ ފެނުމުން އައްފާން ހަށީގައި ދައުރުވަމުންދިޔަ ލޭވެސް ހީވީ ކެކިގަތްހެންނެވެ. ބައްޕަ ދެއްކި ވާހަކަތައްވެސް ކަންފަތް ހިނދުރީގައި ހީވީ ހަރުލާފައިވާހެންނެވެ. އަމިއްލަ ނަފުސު ކޮންޓުރޯލް ކުރަމުން ފޯނު ޖީބަށް ކޮއްޕާލީ ދަތްތަކަށް ބާރުކޮށްލަމުންނެވެ.
" މިތާ ކީއްކުރަނީ.................." އާޝާ ސުވާލުކުރީ ހިނިއައިސް ހުރެގެންނެވެ.
" މެރީ ކުރަނީތަ........." ސާރާ ކަލެކްޝަންސަކީ ކައިވެންޏެއް ކުރާނަމަ ކޮންމެ މީހެއްގެ ވެސް ފުރަތަމަ މަންޒިލެވެ. ފެންވަރުގެ ރީތި ކައިވެނީގެ ހެދުމެއް ހޯދަން އެތަނަކީ މިހާރު މުޅި މާލޭގައިވެސް އެއްވަނައެވެ. އެކަން އާޝާއަށްވެސް އޮތީ މީހުންގެ ތުންތުންމަތިންނާއި ނޫސްތަކުން އެނގި ޔަގީންވެފައެވެ.
" ހޫމް........" ޢާޝާގެ މޫނަށް ނުބަލަން ދުރަށް ނަޒަރު ހުއްޓާލަމުން އައްފާން ދިނީ ކުރުޖަވާބެކެވެ.
" ކޮންގުރާ............ ކޮބާތަ ވާން އުޅޭ ވައިފް......" އައްފާންގެ ފުރަގަހުން ފެންނަން ހުރި ދޮރަށް ބަލާލަމުން އާޝާ ވާހަކަދެއްކީ ނިކަން ޖޯޝާއިއެކުއެވެ.
" ތިއޭނުން............." އައްފާންގެ ޖަވާބު އިވިފައި ރަކި ގޮތަކަށް އާޝާއަށް ޖަހާލެވުނީ ހިނިގަނޑެކެވެ. އާޝާ ހީކުރީ އައްފާން ސަމާސާކުރަނީ ކަމަށެވެ.
" ހޫން...........މަޖަލެއް ނޫނޭ........ "
" މެރީ ކުރުމުގެ ކުރިން ވައިފް އިންޓުރޯޑިއުސްކޮށްދެންވާނެ..............." އާޝާގެ ތުންފަތްމަތިން އެންމެ ހިނދުކޮޅަކަށްވެސް ހިނިތުންވުން ފިލާނުދެއެވެ.
" އަހަންނަކަށްވެސް މަޖަލެއްނޫނޭ...........އާޝާގެ ބައްޕަޔާ އަހަރެންގެ ބައްޕަ މަސައްކަތް ކުރަނީ އަހަންނާ އާޝާއާ ދެމީހުން ގުޅުވަން............" އައްފާންގެ މޫނުމަތީގައިވީ ސީރިޔަސްކަން އެއަޑުގައިވެސްވިއެވެ. އާޝާއަށް އެއްފިޔަވަޅު ފަހަތަށް ޖެހިލެވުނުއިރު އަނގަމަތީގައި އަތް އަޅާލެވުނެވެ. ބައްޕަ އާޝާ އާ ކައިވެނިކުރަން މީހަކު ހޯދާނެކަމަށް ބުނަމުންދިޔައިރު އެއީ އައްފާނަށް ވެދާނެއެކޭ ކުޑަކޮންވެސް އާޝާ ހިތަށްވެސް ނާރައެވެ.
އާޝާގެ ހަރަކާތްތަކުން އައްފާނަށްވެސް ލިބުނީ ހައިރާންކަމެވެ. އައްފާން ހީކުރީ އާޝާއަށް އެކަން އެނގިފައި އޮންނާނެ ކަމަށެވެ. ނޫނީ އައްފާނާއި ކައިވެނިކުރަން އާޝާ ބޭނުންވެގެން އެވާހަކަ އާޝާގެ ބައްޕަ ކައިރީ ދެއްކީ ކަމަށެވެ. އެހެނަސް އާޝާގެ ބޮޑުވެފައިވާ ދެލޮލުން އައްފާނަށް ފެންނަންހުރީ ސިހުމާއި ހައިރާންކަމެވެ. އަނގަމަތީ ދެއަތް އަޅާލިގޮތަށް އަތްތިރިކޮށްލަންވެސް ނޭގިފައި އާޝާ ހުރުމުން އައްފާނަށް ހުރިހާ ސުވާލެއްގެ ޖަވާބުލިބުނު ކަހަލައެވެ.
" ބައްޕަމެން ކައިވެނިކުރުވަން އުޅޭތި އަހަރެން މިއުޅެނީ އަހަރެންގެ ލޯބިވެރިޔާ އާ ކައިވެނިކުރަން............." އައްފާންގެ މޫނުމަތީގައިވި މާޔޫސްކަން ފޮރުވާލުމަށް ފަޓްލޫނުގެ ޖީބަށް އަތްޖަހާލަމުން ދޫކޮށްލީ ފުންނޭވާއެކެވެ.
" ބައްޕަ އެކަންކުރަން އެއުޅެނީ އަހަރެން މާހިލާ ގުޅެން އުޅޭތީ.........." އާޝާގެ އަޑުމަޑެވެ. ދެރަވެފައިވާކަން އަޑުން ހާމަވެއެވެ. އައްފާނާއި މެދު އާޝާ ހަމްދަރުދީވިއެވެ. އައްފާންގެ ވެސް ލޯބިވާމީހަކު ހުއްޓާ ލޯބިނުވާ މީހަކާ ގުޅެވޭނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟
" މާ....ހި....ލް.... އޭ.........." އަކުރުތަށް ވަކިވަކިން ކިޔާލިއިރު އައްފާން ބޭނުންވީ އިތުރަށް ޔަގީންކުރާށެވެ.
" ހޫމް......" އާޝާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލީ އިސްޖަހާލަމުންނެވެ.
" އެކަމަކު މާހިލް އުޅެނީ މެރީކޮށްގެންނު..............." އެހާގާތް އެކުވެރިޔަކަށް ވިޔަސް މާހިލާއި އާޝާ އާމެދު ގާތް ގުޅުމެއް އޮތް ވާހަކަ އިވުމުން އައްފާނަކަށް އެކަން ބަލައިގަންނާކަށް ފަސޭހައެއް ނުވިއެވެ. ސަބަބަކީ މާހިލަކީ މީހެއްގެ ފިރިއަކަށްވީމައެވެ.
" މާހިލް މިހާރު އޭނަގެ ވައިފް ދޫކޮށްލައިފި............" އާޝާ ކިތަންމެ ހަމަޖެހިލާފައި އެހެން ބުންޏަސް އައްފާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. މާހިލްގެ ފަރާތުން އެވަރުކަމެއްވީއިރު ނޭގުނަސް އައްފާނަށް ނަވީންގެ ފަރާތުން އެވަރުކަމެއް ވެގެން އެނގޭނެކަން އޭނާއަށް ޔަގީން ކުރެވުނެވެ. މާހިލް ސަޖާ މިނިވަންކުރިނަމަ ނަވީނަށްވެސް ނޭގި ނުދާނޭކަން އައްފާނަށް އެނގެއެވެ.
" މާޙިލް އަބަދުވެސް ލޯބިވަނީ އަހަރެންދެކެ........." އާޝާ ހިނިތުންވެލިއެވެ.
" ކޮބާތަ ބިޓު އޭނަ ގޮވައިގެންތަ އައިސް ތިއުޅެނީ..............." އާޝާ ވަގުތުން މައުލޫ ބަދަލުކޮށްލިއެވެ. މާހިލްގެ ވާހަކަދައްކާކަށް އާޝާ ބޭނުމެއް ނުވެއެވެ. މާހިލްގެ ވާހަކަ ބުނުމުން އައްފާންގެ މޫނުމައްޗަށް އަރާ ފޭބި ކުލަތަކުން ހެކިދެނީ އައްފާން އެދެމީހުންގެ ގުޅުމާއިމެދު މާހިތްހަމަ ނުޖެހޭކަމެވެ.
" އެތެރޭގަވީ..........އެނގެޔޭނުން ޒީނިޔާ ނަވީންމެން ގޭގައުޅޭ.............." ޒީނިޔާގެ ނަންކިޔާލުމަކީވެސް އައްފާންގެ ހިތަށް އުފާވެރިކަން ގެނުވާކަމެއް ކަހަލައެވެ.
" ނަވީންމެން ގޭގަ އުޅޭ މެއިޑްތަ......؟ " ޔަގީން ނުކުރެވިގެން އަހާލާފަދައިން އާޝާ ބުނެލިއެވެ. އެކަމަކު އައްފާން އެންމެ އަޑުއަހަން ބޭނުންވި ގޮތަކަށް ނޫނެވެ. ޒީނިޔާގެ ފެންވަރުދައްކޮށްލަން ބުނެލި ބުނެލުމަކަށްވިޔަސް އައްފާން އެކަމާ ދެބަސްވާކަށް ނަހަދައެވެ.
" ހޫން ......އެއީ ކިތަންމެ ފަގީރު އާއިލާއެއްގެ ކުއްޖަކަށްވިޔަސް އަހަރެންނާ ހެދި އޭނަ އިތުރަށް ނިކަމެތި ވާކަށް އަހަރެން ބޭނުމެއްނޫން......"
" ނިކަމެއްޗަސް ޒީނިޔާ އަހަރެންގެ ހިތުން ޖާގަ ހޯދައިފި...........ޒީނިޔާ އެކު އުޅޭ ކޮންމެ ދުވަހެއް ﷲގެ އިރާދަފުޅުން އަހަރެން އުޅޭނީ އުފަލުން.....ހިތްހަމަޖެހިގެން އެވަރުން އަހަންނަށް ފުދޭ.........." އައްފާން ޒީނިޔާ އާ އެކު އުޅޭނެ އުފާވެރިދުވަސްތަކުގެ ތަސްވީރުތައް މިހާރުވެސް ހީވަނީ ކުރަހާލާފައިވާހެންނެވެ. ތުންފަތްމަތިން އެފެނުނު އުފާވެރިކަން ލޮލުކުރިމަތިން ސިފަވާހެން ހީވާކަހަލައެވެ.
" ކޮންދުވަހަކުން ވެޑިންގ އޮތީ.............." އައްފާން ޒީނިޔާ ދެކެ ލޯބިވާވަރު އާޝާއަށް އޭނާގެ މޫނުމަތިންވެސް ފެންނަ ކަހަލައެވެ.
" ވީކެއް ނޫނީ ޓޫވީކްސްވަރު ފަހުން..................ކޯޓަށް ގޮސް އެހާ ސިމްޕަލްކޮށް ނިންމާލަން ބޭނުންނުވީ.......އަހަރެން ޒީދެކެ ލޯބިވާވަރު ޒީއަށް އަންގަދޭން ބޭނުމީ..............އެހެންވެ ޕާޓީއެއް ބާއްވަން ބޭނުންވީ............." އައްފާން އާޝާއަށް ބަލާލައި ހިނިތުންވެލިއެވެ.
" އިންވައިޓްކުރައްޗޭ............" ދަބަސްތެރޭގައި އޮތް ފޯނު ރިންގުވާ އަޑަށް ދަބަސްތެރެއަށް އަތް ކޮއްޕާލިއިރުވެސް އާޝާގެ ނަޒަރު ސީދާވެފައިވަނީ އައްފާންގެ މޫނަށެވެ.
" އިރާދަކުރެއްވިއްޔާ މިކޮޅަކުނޫން ޕާޓީ ބާއްވަނީ.......ޒީނިޔާ ރަށުގައި........އާޝާވެސް ދާންހުރިއްޔާ ގެންދަން މިހިރީ............." ހެވިފައި ހުރެ އައްފާން ވާހަކަ ދެއްކިޔަސް ހިތުގައިވަނީ އުދާހެވެ. ބައްޕަޔާ ގާތް ގުޅުމެއް ނެތަސް ބައްޕަގެ އެދުމަކަށް ދެކޮޅު ހަދަން އައްފާނަށް ފަސޭހައެއް ނޫނެވެ.
އާޝާގެ ދަބަހުން ނެގިފޯނަށް ބަލާލިއިރު ގުޅަނީ މަމްދޫހާއެވެ.
" އޭ ދެންދަނީ މާހިލްގެ މަންމަ އެގުޅަނީ .........ވިލިގިއްޔަށްދާން މިދަނީ..............." އައްފާން ހަމައެކަނި ހިނިތުންވުމަކުން ބޯޖަހާލިއެވެ. އާޝާ ގޮސް ކާރަށް އެރުމުން އައްފާންގެ ފޯނުނަގާ ނަވީންގެ ނަންބަރަށް ޑައެލްކޮށްލިއެވެ. އިވުނު ހަބަރަކީ ކިހާ ވަރެއްގެ ތެދެއްތޯ ޔަގީންކުރަން އޭނާ ހުރީ ބެނުންވެފައެވެ.
*******
އާވި އަރައަރާހުރި ދެތަށި ކޮފީމަގް ހިފައިގެން އައިރުވެސް ޒީނިޔާ އިނީ ސާރާދިން ފޮތް ބަލާށެވެ. ސާރާ އައުމުންވެސް ހިނިތުންވެލާފައި ފޮތަށް ނަޒަރުހުއްޓާލިއެވެ.
" ކޮބާ ކަމުދާ ހެދުމެއް ފެނިއްޖެތަ؟ " ސާރާ އެހެން ބުނުމުން ޒީނިޔާ ސާރާއަށް ބަލާލާފައި ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
" ނުފެނުނު............ކިހާ ރީތި ޑިޒައިންތަކެއް ހުއްޓާވެސް ޒީނިޔާއަށް ކަމުދާ ޑިޒައިނެއްގެ ހެދުމެއް ހަމަ ނެތީ............." މިފަހަރު ސާރާ ވާހަކަދެއްކީ ތަންކޮޅެއް ބާރަށެވެ. ސަބަބަކީ ޒީނިޔާއަށް ކަމުދާ ހެދުމެއް ނުފެނުނު ވާހަކަ ބުނުމުން އޭނާއަށް ގަބޫލުކުރަން ދަތިވީއެވެ. ސާރާ ޒީނިޔާ އާ އިށިއިނދެއިން ސޯފާގައި އިށިއިނެވެ.
" އަހަރެން އެއްވެސް ކުއްޖަކަށް ވަކި މިވެނި ހެދުމެއް ނަގާށެކޭ ނުބުނަން.............މުޅިންވެސް ހެދުމެއް ސެލެކްޓް ކުރާނީ ބުރައިޑް ނޫނީ ގުރޫމް ދެމީހުންވެގެން.........." ސާރާ ބުނި އެއްޗަކުން ފިނިވެފައި އިނދެވެސް ޒީނިޔާ ސާރާގެ މޫނަށް ބަލާލިއެވެ.
" އެހެންވީމަ ޒީނިޔާ ޖެހޭނީ ހެދުމެއް ޗޫސްކުރަން............." ސާރާ ބުނި އެއްޗަކުން ޒީނިޔާ އަނެއްކާވެސް ނަޒަރު ހުއްޓާލީ އަތުގައި އޮތް ފޮތަށެވެ. އަތުގައި މަޑުތުރުތުރެއް ހުރުމުން ގަނޑު އެއްލަންވެސް އުނދަގޫވިއެވެ.
" ކޮބާ އަ....އައްފާން.............؟ " ފިނިވެފައި އިނުމުން ޒީނިޔާއަށް ވާހަކަދައްކަންވެސް އުދަގޫވިއެވެ. އަޑުވެސް ހުރީ ކުރެހިފައިވާ ކަހަލަ ގޮތެކެވެ.
" ބޭރުގަ އެބަހުރި........އައްފާން ކައިރީ ބުނެފައި އޮތީ ޒީނިޔާ ބޭނުން ހެދުމެއް ފަހައިދޭން................." ޒީނިޔާގެ ދެލޮލުންވެސް ސާރާއަށް ފެނުނީ ކަންބޮޑުވުމެވެ. ސިހުމާއި އިންތިހާ ހައިރާންކަމެވެ.
" ޒީނިޔާ އަތް މައްޗަށް އެކަން ދޫކޮށްލާފަ އޮތީ..............." ގޮތެއް ނިންމަން ޒީނިޔާއަށްވެސް އުނދަގުވިއެވެ. އައްފާނަކީ ޒީނިޔާގެ ލޯބިވެރިޔާއަށް ވިޔަސް ދެމީހުން ރައްޓެހިވެގެން އުޅުނަސް ދެމީހުން ދެމެދު ޖަވާޒީ ހަޔާތެއް ފަށާނެ ދުވަހެއް ކަނޑައަޅާފައެއް ނުވެއެވެ. އެވާހަކަ ދައްކައިވެސް ނުލާ ކުއްލިއަކަށް ގެނެސް ހެދުމެއް އިހްތިޔާރުކުރަން ޒީނިޔާއަށްވެސް ފަސޭހައެއް ނޫނެވެ.
އަވަސް އަވަހަށް ފޮތުގެ ދެތިން ގަނޑު އެއްލިއެވެ. ޒީނިޔާ ބޭނުންވެފައި އިނީ އަވަހަށް އެތަނުން ނިކުންނާށެވެ. ރަތްކުލައިގެ ވެޑިންގ ޑުރެސެއްގައި އިނގިލި ޖައްސާފައި ސާރާއަށް ބަލާލިއެވެ. ސާރާ ވެސް އިނީ ޒީނިޔާ އަށް ބަލަން ކަމުން އެހަރަކާތުން ސާރާއަށް ޖަވާބެއް ލިބުންފަދައެވެ.
" އައްފާން ބުނެފަ އޮތީ ބީޗްކަމަށް ވެޑިންގ ތީމަކީ.......... ރެޑް ހެދުމެއް ނުގުޅޭނެ ބީޗް ތީމަކަށް.............." ހިނިތުންވެލާފައި ސާރާ ވާހަކަ ދެއްކިއިރު ހީވަނީ ވަރަށް ގާތް މީހަކާ ވާހަކަ ދައްކާހެންނެވެ. ކަންބޮޑުވެފައި އިން ނަމަވެސް ޒީނިޔާއަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނީ ސާރާގެ ގާތްކަމުންނެވެ. އެހެނަސް ޒީނިޔާ އިނީ ބަސްމަދުވެފައެވެ.
" ބީޗްވެޑިންގ އާގުޅޭނީ މިންޓްގުރީން .....ވައިޓް......ބޭބީ ޕިންކު .........ލައިޓް ބުލޫ މިކުލަތައް............" ސާރާ ޒީނިޔާ އަތުން ފޮތް އަތުލައިގެން ބަލަންފެށީ ޒީނިޔާ އިނގިލި ޖެއްސި ހެދުމަށެވެ.
" އެބައޮތް ގޮތެއް މިހެދުންވެސް މިބުނިތަނުން ކުލައެއްގަ ފެހިދާނެ.........މީތި ވަރަށް ގުޅޭނެހެން ހީވީ ޒީނިޔާ އާ........ޔޫގެ ޝޭޕްއާ ވަރަށް މެޗްވޭ.........." ޒީނިޔާ އަށް ބަލާލަމުން އިތުރަށް ސާރާ ބުނެލިއެވެ.
" ކޮބައި ކުލަޔަކީ..........؟ ވާހަކަ ދައްކަބަލަ އޭރުންދޯ އެނގޭނީ..........." ޒީނިޔާގެ މަޑުމައިތިރި މިޒާޖުން ސާރާއަށްވެސް އިނީ އުނދަގޫވެފައެވެ. އޭނާ ކައިރިއަށް ހެދުން ފައްސަން އަންނަ އެހެން ކުދިންނަށް ވުރެން މާބޮޑަށްވެސް ޒީނިޔާ އިންނަލެއް މަޑުމައިތިރިކަމުން އެންމެ ފަހުން ސާރާ އެހެން ބުނީއެވެ.
" މިންޓްގުރީން އޯކޭ ވާނެ.................." ޒީނިޔާގެ އަޑު ސާރާއަށް އިވުނީ ނިކަން މަޑުންނެވެ. ސާރާ އަވަސްވީ ޒީނިޔާ ގައިން މިންނަގާށެވެ.
*****
އައްފާން ދައްކަމުން ދިޔަ ވާހަކަ ނަވީން އަޑުއަހަމުންދިޔައީ ނިކަން ޝައުގުވެރިކަމާއެކުއެވެ. އައްފާންގެ ވާހަކަތަކުން ނަވީންގެ ނިތަށް އަރާފައިބަމުންދާ ރޫތަކުން ހެކިދެނީ އައްފާން އެދައްކާ ވާހަކަޔަކީ އޭނާގެ ދެކަންފަތަށް މުޅިން އާ ވާހަކަތަކެއްކަމެވެ. ނަވީން އިށިއިނދެއިން ގޮނޑިން ތެދުވި އިރު މީހާގެ ހަށީގައި ދައުރުވާ ލޭގެ ހިނގުންވެސްވަނީ ހަލަބޮލިކުރުފައެވެ. އެވާހަކައިގެ ތެދުދޮގު އޮޅުން ފިލުވަން ނަވީން ހިނގައިގަތީ އެކޮޓަރިން ނިކުންނާށެވެ. އެވަގުތަކީ މުހިއްމު ޑޮކިއުމެންޓުރީ ތަކެއްގައި ސޮއިކުރަން އައި ނަވީންގެ ސެކެޓްރީއަށްވެސް އެކޮޓަރިއަށް ވަންނަން އައި ވަގުތެވެ. އޭނާ ދައްކާ ވާހަކަ އަޑުއެހުމުގެ ބަދަލުގައި ނަވީން ހިނގައިގަތީ މާހިލް ހޯދާށެވެ. މާހިލަށް ހާއްސަ ކޮޓަރީގެ ދޮރު ނަވީން ހުޅުވާލީ ނިކަން ބާރަށެވެ. އެކިއެކި މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ އެންމެހާ މުވައްޒަފުންގެ ސަމާލުކަން ހުއްޓުނީ ނަވީނަށެވެ. އެހެނަސް ނަވީން އެމީހުނަށް ބެލުމުގެ ބަދަލުގައި ހުޅުވިގެންދިޔަ ދޮރުން އެތެރެއަށްވަނެވެ.
_____ ނުނިމޭ _____

  1. Avatar

    މަރީ…އަޅެއަހަރެމެން ކިޔުންތެރިންނައް ތިހެންނުހަދަބަ… ހާދަދިގު އިންތިޒާރެކޭ ތި ކުރުވަނީ… ވާހަކައިގެ ދެންއޮތްބައި އަވަހައް އަޕްކޮއްދެއްޗޭ…. ޕްލީޒް، ޕްލީޒް

  2. Avatar

    މިދެން އަޅެ ކޯއްޗެއްތަ 1 މަސް ކޮށްފަ ގެނެސްަދޭން! މީހުން ލިޔާތީ ވާހަކަ ލިޔަން އުޅޭ ގޮއްޔެއެއް ދޯ މި!

  3. Avatar

    ޢެހާ ދުވަސްކޮށްފަ ގެނެސްދިން އިރު އެހާ ކުރު. އަދި މާބޮޑު ހާދިސާއެއްވެސް ނެތް. ފާޑެއްގެ ހެދުމެެއް ނުފެހިގެން ހުސް އެވާހަކަ. މީ ވަރަށް ކިޔާ ހިތުން ކިޔާ ވާހަކައެެއް. ޭެކަމަކު ކިޔުންތެރިންގެ އިހުސާސްތައް ނުދަންނަ ލިޔުންތެރިއެެއްހެން ހީވަނީ. ކަމެއް ދިމާވެސް ވެދާނެ. ެކަމަކު މިވާހަކަ ލިޔުންތެރިޔާ…………..

ޚިޔާލު ފޮނުއްވާ