Views: 10652 200

ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ 40
" ސަޖާ ބަނޑުގައި ތިއޮތީ ކާކުގެ ދަރިއެއް.............." ސަޖާއަށް ހީވީ ހޮނު ގުގުރުއެއްގެ އަޑު ކަންފަތް ބުޑުގައި އިވުނު ހެންނެވެ. ދެލޯ ބޮޑުކޮށްލެވުނުއިރު މީހާ ތުރުތުރު އަޅާގަނެއްޖެއެވެ. އަނގަމަތީ އަތް އަޅާލެވުނީ ގަބޫލުނުކުރެވިގެނެވެ. މާހިލްގެ ފުރަގަހުން ފެންނަން ހުރި ސަރުމީލާ އާއި ޖޫލީގެ މޫނުމަތިންވެސް ފެންނަނީ އިންތިހާ ބިރުވެރިކަމެވެ. އެދެމީހުންގެ މޫނު ފެނިފައި އިތުރަށް ބަހެއް ނުބުނެވުނެވެ. ހީވީ ދުލުގައި ތަޅެއް ލެވުނުހެންނެވެ. ސަރުމީލާ އަނގަމަތީގައި އަތްއަޅާލަމުން ކައިރީގައި ހުރި ޖޫލީގެ މޫނަށް ބަލާލިގޮތް ފެނި ސަޖާވެސް ބިރުގަތެވެ. މާހިލްގެ ދުލުން އަޑުއިވުނު ބަސްތައް އަހަން ސަރުމީލާއަށް ކުޅަދާނަ ނުވާނޭކަން ސަޖާއަށް އެނގެއެވެ. މުޅި މީހާ ދާހިތްލާ ފޯވާންފެށީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

މާހިލް ސަޖާއާ ކައިރިއަށް އެއްފިޔަވަޅު ކުރިއަށް ޖެހިލިއެވެ. ސަޖާއަށް މާހިލަށް ފުންނަޒަރެއް ދެވުނެވެ. ފައިންފެށިގެން ބޮލަށް ކަޅި ހިންގާލެވުނެވެ. މުށްކެވިފައިވާ ދެއަތެވެ. ދަތްދަތަކަށް ބާރުލައިގެން ހުރިއިރު ހީވަނީ ކަތުރުކަށިގަނޑުވެސް ނައްޓައިގެން ހިނގައިދާނެ ހެންނެވެ. ސަޖާއަށް ލޯއަޅައިގެން ހުރި އިރު ހީވަނީ ރުޅިއައިސްފައިވާ ބުޅަލެއް އެއްވެސް އާރެއް ބާރެއްނެތް ނިކަމެތި މީދަލަކަށް ބަލަހައްޓައިގެން ހުރިހެންނެވެ.

" ކަލޭގެ ބަނޑުގައި ތިއޮތީ ކާކުގެ ދަރިއެއްހޭ..........." މާހިލްގެ ކަނާތު ޝަހާދަތް އިނގިލި ސަޖާއަށް އަމާޒުކޮށްލަމުން ބުނެލިއެވެ. އެކޮޓަރިތެރޭގައި ޖޫލީ އާ ސަރުމީލާ ތިބިކަމެއް މާޙިލަކަށް ނޭގެއެވެ. އެއަށްވުރެން އޭނާވަނީ ރުޅިއައިސްފައެވެ. އެހެން ބަޔަކު ތިބިތޯ ބެލުމަށްވުރެން މިވަގުތު އޭނާއަށް މުހިއްމީ ސަޖާ އަނގައިން ހަގީގަތް އެނގުމެވެ.

" އަހަރެން މިކުރާ ސުވާލަށް ޖަވާބުދީބަލަ............." ސަޖާ އޮށުވެ އޮތް އެނދުގައި ގޮށްމުށްކަވާ މާޙިލްގެ އަތުން ބޮނޑިއެއް އަޅަމުން މާހިލް ހަޅޭލަވައިގަތެވެ. ސަޖާއަށް ގަތް ބިރުން މޭގައި އަތް އަޅާލެވުނެވެ. ދެފަރާތަށް ބޯހޫރާލެވުނުއިރު ދެލޮލުގައިވީ ކަރުނައެވެ. ތުންފަތުގައި މަޑު ތުރުތުރެއް ހުރިއިރު ހިތްވެސް ހީވީ ފުނޑުފުނޑުވެދާނެހެންނެވެ.

" މާހިލްގެ........." ސަޖާގެ އަޑުވެސް ހުރީ ކުރެހިފައެވެ. ބިރުންހުރިވަރުން ތުރުތުރުވެސްލައެވެ. އަމިއްލަ އަޑު އިވުމުންވެސް ޔަގީން ނުކުރެވުނެވެ.

" ދޮގު ހުސް ދޮގު.........." މާހިލްގެ ދެލޮލުން ރުޅިވެރިކަމުގެ ކަނިބުރަމުން ދިޔައެވެ. އަޑުވެސް އެހާ ގަދައެވެ. ޕުރައިވެޓް ރޫމެއް ކަމުން އިތުރު ބަޔަކަށް އަޑުއިވޭ ހިސާބުގައި ނެތެވެ. ކަންތައްތައް ގޯހުން ގޯހަށް ދާހެން ހީވުން ސަރުމީލާ އުޅުނީ މާހިލާއި ވާހަކަދައްކަން ދާށެވެ. އެހެނަސް އެކަން ހުއްޓުވީ ޖޫލީއެވެ. ސަރުމީލާގެ އަތުގައި ހިފާ ޖޫލީ ބޮލުގެ އިޝާރާތުން އެކަން މަނާކުރިއެވެ. ދެމަފިރިންގެ މައްސަލައަކަށް ވާތީ އިތުރު ބަޔަކު ވަދެގެން އިތުރަށް މައްސަލަ ބޮޑުވެދާނެތީ ޖޫލީ އޭނާގެ މަންމަ ހުއްޓުވީއެވެ. ބުއްދިވެރިގޮތަކީ ހަނުހުރުންކަމަށް ވިސްނޭތީއެވެ. ޖޫލީ ސަރުމީލާ އެންމެ ކައިރީގައި ހުރި ގޮނޑީގައި ބޭންދިއެވެ. އަޑެއް ބޭރުވެދާނެތީ ޖޫލީއަށްވެސް ހުރެވުނީ އަނގަމަތީ އަތް އަޅާލައިގެންނެވެ.

" އަހަރެންގެ ކުއްޖެއް ނަމަ ބަނޑުބޮޑުކަން އެނގޭއިރަށް ދުވެފަ އަހަންނާ ފިލަން ގެއަކަށް ނާންނާނެ.................... ބަނޑުބޮޑުކަން ފުރަތަމަ އަހަންނަށްދޯ އެނގުނީހީ "
" ތީ އަހަރެން ކުއްޖެއް ނަމަ ............." ފިލިތަކަށް ބާރުލައިފާ މާހިލަށް އެހެންބުނެވުނު އިރު ދަތްތަކުން އަޑުކިޔައެވެ. ދެލޮލުން ކަރުނަތައް އޮހިގަތީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ.

" އަހަރެން މަންމަޔަށް ކަލޭ ބަނޑުބޮޑުކަން އެނގުނީމަ ނުބުނާނެދޯ އަހަރެންނަށް ސިއްރުކުރާކަށް ތީ އަހަރެންގެ ކުއްޖެއްނަމަ............" މާހިލްގެ ދުލުން ނިކުންނަ ކޮންމެ ބަހެއް ސަޖާގެ ހިތުގައި އިތުރު ރެނދެއް އެޅިގެންދެއެވެ. ދުވަހަކުވެސް ފޮހެވިގެން ނުދާނެހެން އެއިން ކޮންމެ ބަހެއް ހިތުގައި ބިންވަޅު ނެގުނެވެ.

" ނޫން މާހިލް މީ މާޙިލްގެ ..............މީ މާހިލްގެ ދަރިއެއް............" ސަޖާއަށް ރޮއެ ގަނެވުނެވެ. އަމިއްލަ ކުށެއްނެތްކަން ހާމަކުރަން މަސައްކަތްކުރިއެވެ. ސަޖާ މާޙިލްގެ އަތުގައި ހިފީ އެކަން ޔަގީންކޮށްދޭށެވެ. އެހެނަސް މާހިލް ހުރީ ސަޖާ ދައްކާ ވާހަކަ ގަބޫލުކުރެވޭ ކަހަލަ ހާލަތެއްގައި ނޫނެވެ. ސަޖާގެ އަތް ފޮޅުވާލައި މާހިލްގެ އަތް އޭނާ ލައިގެންހުރި ފަޓުލޫނުގެ ޖީބަށް ކޮއްޕާލީ އެއްވެސް ރަހުމެއްނެތިއެވެ

" އަހަރެން ކިހިނެތް ތިވާހަކަ ގަބޫލުކުރާނީ............" ސަޖާގެ ގިސްލުމުގެ އަޑު މުޅި ކޮޓަރިތެރޭގައި ވަކި ހިއްޕާލިއެވެ.

" އެއްރޭ ފަޅުގެއެއް ތެރެއިންވެސް ނެރެންޖެހުނު..................ކިހިނެތް ދެން ގަބޫލުކުރާނީ " މާޙިލްގެ އެޖުމްލަ އިވިފައި ސަޖާ ހިތުގައި ޖެހުނެވެ. އެއީ ކިހާ ބިރުވެރި ރެއެއްކަން އެފަދަ ބިރުވެރިކަމަކާއި ކުރިމަތި ނުލާ މީހަކަށް އިޙްސާސްކޮށްލަންވެސް ނޭގޭނެއެވެ. އެރޭ މާޙިލްގެ އެހީ ނުލިބުނު ނަމަ ސަޖާއަށް ވާނެ ގޮތެއްވެސް ނޭގެއެވެ. އެރޭ މާހިލް އެމާނަ ކުރާފަދަ ކަމެއް އެތާ ނުހިނގާކަން މާހިލަށް ރަނގަޅަށް އެނގޭނެއެވެ. އެނގިހުރެ އެފަދަ ވާހަކައެއް ދެއްކުމުން ސަޖާ ހިތަށްކުރި އަސަރު މާބޮޑެވެ.

" މާ....ހިލް...." ސަޖާގެ އަޑުބެދުނެވެ. ރޮވުނުވަރުންނާއި ހިތަށްކޮށްފައިވާ އަސަރުން ސަޖާއަށް ބުނާނެ އެއްޗެއް ނޭގުނެވެ. ސަރުމީލާ އާއި ޖޫލީވެސް ތިބީ މާހިލް ދައްކާވާޙަކަ އިވިފައި ބަސްހުއްޓި ޝޮކެއްގައެވެ. ސަޖާ އާ މެދު އެދައްކާ ވާހަކަ މިނެކިރާނެ ގޮތެއް ނޭގިފައެވެ.
" އިތުރު ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނޫން........... ދެން އަހަންނަށް އުނދަގޫ ނުކުރާތި............ތީ އަހަންނާ ބެހޭކަމެއްނޫން ............." މާހިލް އެނބުރިލީ ކޮޓަރިން ނިކުންނާށެވެ. ގަނޑުވެފައި ތިބި ސަރުމީލާ އާއި ޖޫލީ ފެނިފައި މާޙިލްގެ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. އެއްޗެއް ބުނަން އުޅިފައިވެސް ބާރުބާރަށް ނިކުމެގެން ދިޔައީއެވެ.
މާހިލް ދިއުމުން ސަޖާ އަޑުން އަޑުނަގާ ރޯންފެށިއެވެ. މޫނުގައި ދެއަތް އަޅާއިގެން އޮވެއެވެ. ޖޫލީ ، ސަޖާ އާ ދީމާއަށް ދުއްވައިގަތީ ސަރުމީލާއަށްވުރެންވެސް ކުރިންނެވެ. ސަޖާ އެހާލުގައި އޮވެ ރޯތަން ފެނުމުން ޖޫލީގެ ހިތަށް އަސަރުކުރީ މާ ބޮޑަށެވެ. ކޮއްކޮގެ އަތުގައި ހިފަ ހައްޓައިގެން އެނދުގެ މަގަތުގައި އިށިއިން އިރު އަނެއް އަތުން ސަޖާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދިނެވެ.
ސަރުމީލާ އިނީ ގުޑިލަންވެސް ނޭގިފައެވެ. ސަރުމީލާގެ ކަންފަތަށް އިވުނު ބަސްތަކުން ސަޖާއަށް އިތުބާރުކުރުންވީ އޭނާއަށް ދަތިކަމަކަށެވެ. މާހިލް އެބުނިހެން ސަޖާގެއަށް އައީ ކުއްލި ގޮތަކަށެވެ. ބަނޑުބޮޑުކަން އެނގުމުންނެވެ. އާޝާ ކުލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހުވެސް ސަރުމީލާ ކައިރީ ދަނީ މާހިލް އެކީގައި ކަމަށް ބުނެ ސަޖާ ހެދީ ދޮގެވެ. އެދުވަހުވެސް ސަޖާ ޓެކްސީއަކަށް ގުޅައިގެން ގެއިން ނިކުތީ ނިކަން ސިއްރުންނެވެ. މިކަންކަން ސަރުމީލާއަށް އެނގުންނަމަވެސް އޭނާ އެނގުނުކަމަށް ނުހަދާ ހުރީ ސަޖާއާ މެދު ޝައްކުކުރާނެ ކަމަކަށް އޭރު ޖާގަ ނުދޭތީއެވެ. އެހެނަސް މިހާރު.......... ސަރުމީލާ އިންތަނުން ތެދުވެގެން ސަޖާ އާ ދިމާއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅެއްގައިވީ ޝަކުވާއެވެ. މައެއްގެ ހިތަށް އެފަދަ ވަގުތެއްގައި ކުރާނެ ހުރިހާ އަސަރެއް ސަރުމީލާގެ ހިތަށްވަނީކޮސްފައެވެ. އިންތިހާއަށް ލޯބިންގެންގުނު ދަރިއެއްގެ ފުށުން އެފަދަ ހުތުރު އަޑެއް އަހަން މަޔަކަށް ކެތްވާނީ ކޮންފަދަޔަކުންތޯއެވެ.

އެނދުކައިރިއަށް ހުއްޓުނު ސަރުމީލާއަށް ޖޫލީވެސް ސަޖާގެވެސް ސަމާލުކަމެއް ނުލިބުނެވެ. ސަޖާ ހަމަ ރޮނީއެވެ. ތުއްތުކުއްޖަކު މަސަލަސް ކުރާހެން ސަޖާ ހަމަޔަކަށް އެޅުވޭތޯ ޖޫލީ ދިޔައީ މަސައްކަތްކުރަމުންނެވެ.

" އަހަރެންގެ ދަރިންނާމެދު ވަރަށް ފޮނި އުއްމީދުތަކެއް ކުރިން...................." ސަރުމީލާގެ އަޑަށް ޖޫލީ އާއި ސަޖާ އޭނާއާ ދިމާލަށް ބަލާލިއެވެ. ސަރުމީލާގެ ނަޒަރު ހުއްޓިފައިވަނީ ސަޖާ ބޯލާންކޮޅުގައި ހުރި ކުޑަދޮރާ ދިމާލަށެވެ. ހީވަނީ އެއިން ކުއްޖެއްގެ މޫނަށް ބަލާލާނެ ހިތްވަރުވެސް ސަރުމީލާގެ ނެތީ ހެންނެވެ. ނޫނީ އެއިން ކުއްޖެއްގެ މޫނަށް ބަލާލަން ބޭނުން ނުވީއެވެ.
" އަހަރެން ހީކުރީ އަހަންނަށް އަހަރެންގެ ދެކުދިނަށް ދޭންވީ ލޯތްބާ ތަރުބިއްޔަތު އެންމެ ފުރިހަމަ ގޮތުގައި ދެވުނޭ.........އެކަމަކު މިއަދު އެނގިއްޖެ އެއީ ކުންހީއެއްކަން............" ލޮލުގެ ތިރިން ރޮނގަކަށް ކަރުނަ ފައިބައިގަތެވެ. ސަޖާގެ ރުއިމުގެ އަޑު ހިނދުކޮޅަކަށް ކެނޑިގެންގޮސް އަނެއްކާވެސް ގަދަވީއެވެ. މާހިލް ދެއްކި ވާހަކަ މަންމަ ގަބޫލު ކުރިކަން ސަޖާއަށް ކަށަވަރުކުރެވުނެވެ. ޖޫލީއަށްވެސް ލިބުނީ ހައިރާންކަމެވެ. ސަޖާ އާމެދު މަންމަ އެފަދަ އެއްޗެއް ބުނެދާނެކަމަކަށް އޭނާ ހީވެސް ނުކުރެއެވެ. އަމުދުން ސަޖާ ބަލިވެ އިންދާ ސަޖާ ހިތުގައި ޖެހޭ ފަދަ އެއްޗެއް ސަރުމީލާ ބުނުމުން ޖޫލީއަކަށް އަނގަ ހިމޭނުން ލައިގެން ނީނދެވުނެވެ.

" މަންމާ..........." ޖޫލީ ސަރުމީލާއަށް ގޮވާލީ އަޑަށް ބާރުލައިފައެވެ. ސަރުމީލާ ބުނި ބަހާމެދު ޖޫލީ ނުރުހުން ވެއްޖެކަން އެނގުމުގެ ގޮތުންނެވެ. ޖޫލީ އެނދުން ތެދުވެ އެއްފަހަރު ސަޖާއަށް އަނެއްފަހަރު ސަރުމީލާއަށް ބަލާލިއެވެ. ޖޫލީ ބޯ ހަލުވާލިއެވެ. މަންމަ ސަޖާ އާމެދު އެގޮތަށް ކަންތައް ނުކުރުމަށް ހިތްއެދި ގޮވަމުންދިޔައެވެ. މާހިލް ބުނީ ތެދަކަށްވިޔަސް އަދި އެއީ ދޮގެއް ކަމުގައި ވިޔަސް ސަޖާ އެއީ މަންމަގެ ދަރިއެއްކަމާއި އެކަން ބަދަލު ނުކުރެވޭނެޔޭ ބުނެލަން ބޭނުންވިއެވެ. އެހެންނަމަވެސް އެވާހަކަތައްވީ އޭނާގެ ހިތުގައެވެ. ބަސްގިނަކުރުމުގެ ބަދަލުގައި ޖޫލީ ސަރުމީލާ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދިއެވެ.

ހިމޭންކަމުގެ ވަގުތުތަކެއް ފާއިތުވެގެން ދިޔައެވެ. ސަރުމީލާ އިސްޖަހާލި ގޮތަށް އިނީ ސަޖާއަށް ބަލާވެސް ނުލައެވެ. ނޭފަތްދަމާތީ ރޮނީކަން އެނގުނެވެ.
" މަން.....މާ...." ސަޖާގެ އަޑު ޖެހުމުންވެސް ސަރުމީލާ އިތުރު ހަރަކާތެއް ނުގެނައެވެ.
" މަންމާ........." ރޮވިފައިވާ އަޑުން ދެވަނަ ފަހަރުވެސް ސަޖާ ގޮވާލީ މަންމަ އެންމެ ފަހަރަކުވެސް ބަލާލައިތޯއެވެ.
" އަހަންނާމެދު މާހިލް އެކުރަނީ ކުންހީއެއް............މީ މާޙިލްގެ ދަރިއެއް.............އަހަރެންމީ އެހާ ވިޔާނުދާ މީހެއް ނޫން........................." ހަޤީގަތް އަޑު ނާހާ މާޙިލް ދިޔުމުން އެހިތްވަނީ އެތަށްހާސްފަޅިއަކަށް ފަޅިވެފައެވެ. މަންމަ އޭނާގެ ވާހަކަ އަޑުނާހާ ގަބޫލުނުކޮށް ހިނގައްޖެނަމަ އެފަކީރު މޮޔަވެދާނެއެވެ.
" މަންމާ..........އަހަރެންގެ ވާހަކަ އަޑުއަހާ ............މާހިލަށްވެސް އަންގަދީ................." ސަރުމީލާގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ސަޖާ އާދޭސްކުރަން ފެށިއެވެ. ހިލަހިތެއްވެސް މަޑުވެގެންދާހާ އަސަރުން ފުރިގެންވީ ބުނުމެލެވެ. ސަރުމީލާއަށްވެސް ސަޖާއާ ދިމާލަށް ބަލާލަން މަޖްބޫރުވިއެވެ. އެދަރިފުޅުގެ އާދޭހަށް މައިލަގޮނޑިއަށް ކެތްވާނީ ކޮންފަދަޔަކުން ހެއްޔެވެ؟ ސަރުމީލާގެ ދެއަތުން ސަޖާގެ ދެލޯ ފޮހެދިނެވެ. އެކުޑަ ހަރަކާތުންވެސް ސަޖާއަށް ކުޑަ ނަމަވެސް ހިތްވަރެއް ލިބުނެވެ. ތުންފަތް ހިކިފައި ހުރުމުން ސަޖާ ފެންފޮދަކަށް އެދުމުންވެސް ޖޫލީއަށްވުރެން ކުރިން ފެންދިނީވެސް ސަރުމީލާއެވެ. މަންމަގެ މިހަރަކާތުން ޖޫލީގެ ހިތަށްވެސް ފަސޭހަވިއެވެ. އަދި ގޮނޑިއެއް ކައިރިކޮށްލަމުން ސަޖާ ކައިރީ އިށިއިނެވެ.
ސަޖާގެ ވާހަކަ އަޑުއަހަމުން ދިޔައީ ވަރަށް ކަނުލައެވެ. މުޅިންވެސް އާ ވާހަކަތަކަށްވާތީ ނިކަން ޝައުގުވެރިކަމާއެކުއެވެ. މާހިލް އެބުނާ ފަޅުގޭގައި ކަންތައްވީ ގޮތާއި މާހިލް ސަލާމަތްކުރަން އައި ވާހަކައަށް ދަންދެނެވެ. ސަޖާ ބަނޑުބޮޑުކަން އަންގަން އުޅުނުރޭ މާޙިލް ކައިވެންޏެއްކުރަން ބޭނުން ކަމަށް ބުނުމުން ސަޖާ ބަނޑުބޮޑު ވާހަކަ ބުނަން ބޭނުންނުވި ވާހަކައެވެ. އެންމެ ފަހުން މަމްދޫހާ އާ ދިމާވުމުން ކަންތައްވީ ގޮތުގެ ވާހަކަވެސް މަންމަޔާ ޖޫލީއަށް ސަޖާ ހިއްސާކުރިއެވެ. އެވާހަކަ އަޑުއަހާފައި ސަރުމީލާގެ ހިތް ސަޖާގެ މައްޗަށް ސާފުވީ ހިރަފުސްވެފައިވާ ބިއްލޫރި ދޮރެއްގައި ފެންފޮތިލުމުން ސާފުވާހާ ރީތިކޮންނެވެ. ހިތުގައި އެއްވެސް ކިލަނބުކަމެއްނެތިއެވެ.
ސަޖާއަށް ޖޫލީ އާ ސަރުމީލާގެ ހިތްވަރު ލިބުނީ އޭނާ އެންމެ ބޭނުންވިވަރަށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ސަޖާ ހަމައަކަށް އެޅުނެވެ. ސަރުމީލާ ބުނިގޮތުންނަމަ މާހިލާ އޭނާ އެވާހަކަތައް ހިއްސާކުރާނެއެވެ. ސަޖާ ހަމައަކަށް އެޅުނީ ސަރުމީލާ އެހެން ބުނުމުންނެވެ. ސަޖާ ދައްކާވާހަކަ މާޙިލް ގަބޫލު ނުކުރިޔަސް އަޑުނޭހިޔަސް މަންމަ ދައްކާވާހަކަ އަޑުއަހާނެކަމާމެދު ސަޖާއަށް ޔަގީންކަން އޮތެވެ.
*******
މާހިލް އޮފީހަށް ވަނުމުން އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. އޭނާ ހުރީ ޓީޝާޓަކާއި ޖިންސެއްގައެވެ. އެހެންޏާ އޮފީހަށް އަންނައިރު ހުންނަހެން ރަސްމީކޮން ހެދުން އަޅާފައި ނެތުމުން އެންމެންގެ ލޯ އޭނާއަށް އަމާޒުވިއެވެ. ފިންގާމެޝިނާއި ކައިރިވެލާފައި ކަނާތު ބޮޑުވައި އިނގިލި ޖައްސާލުމަށްފަހު މާހިލަށް ހާއްސަކުރެވިފައިވާ ކެބިންނާއި ދިމާއަށް ދިޔައީ ހުއްޓުން އަރާފައި ތިބި މީހުންގެ މޫނަށް ބެލުމެއްނެތިއެވެ.
ގޮނޑީގައި ފޫޖައްސާލެވުނު އިރު މާހިލްގެ ދެލޮލުން އާވިއަރައެވެ. ބޮލަށް ބަރުވެފައި ހުރިނަމަވެސް ގެއަށް ދިއުމުގެ ބަދަލުގައި މާހިލް ބޭނުންވީ އޮފީހުގައި މަޑުކުރާށެވެ. އޮފީހުގެ މަސައްކަތްތަކަށް ސަމާލުކަން ނުދެވޭނެކަން އެނގިހުރެވެސް ބޭނުންވީ އެކަނިވެލާށެވެ.
ސަޖާ އާމެދު މާހިލް ފުންކޮން ވިސްނާލިއެވެ. ހިތުގައި ލޯބިނެތަސް އެއީ މާޙިލްގެ އަންހެނުންނަށް ވީތީއެވެ. މާހިލްގެ އަންހެނުންގެ މަގާމްގައި ހުރެ ސަޖާ އެހެންމީހަކާ ގުޅުމެއް ހިންގީއޭ ހިތަށް އެރި ވަގުތު މޭޒުމަތީގައި އޮތް ކަރުދާސްގަނޑު މާހިލްގެ އަތުގެ ތެރޭގައި ބޮނޑިކޮށްލެވުނެވެ. ރުޅިގަދަވި ވަރުން އަތުންޖަހާ މޭޒުމަތީގައި ހުރި އެއްޗެހި ބުރުވާލެވުނެވެ. އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން މާހިލަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އެތެރެހަށީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުންވީ ދަތި އުނދަގޫކަމަކަށެވެ. އެންމެ ފަހުން ޖީބުގައި އޮތް ފޯނުވެސް ނިއްވާލިއެވެ. ނަފުސަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭނެކަމަށް އުއްމީދުކުރަމުން ކޮފީތައްޓެއް ތައްޔާރުކޮށްގެން މާހިލް އެރީ ޓެރެހަށެވެ.
*****
ނަސީރުގެ ފޯނު ކޯލަށްފަހު އަފީފުގެ ދެފައިވެސް އެއްތަނެއްގައި ނުޖެހެއެވެ. ކުރަންހުރި މަސައްކަތްތައް ދޫކޮށް އެނބުރި ނަސީރުގެ ގެއަށް އައިސް އަފީފު އެހުރީ އެކަން ގަބޫލުކުރަން ބޭނުން ނުވެފައެވެ. އައްފާން އާޝާ އާ ކައިވެނިކުރަން އިންކާރުކުރި ހަބަރަކީ އަފީފުގެ ބޮލަށް ބަރުވެގެންދިޔަ ބޮޅެކެވެ. އިތުރަށް އަފީފު އެދުނީ ނަސީރު ކިބައިން އެކަމަށް ބާރު އެޅުމަށެވެ. އެހެނަސް އެހިތްވަރެއް ނަސީރުގެ ކިބަޔަކު ނެތެވެ. އައްފާންގެ ބަސްތަކުން ނަސީރުގެ ހިތަށް އަސަރުކޮށްފައިވަނީ މާބޮޑަށެވެ. އަފީފު ކިތަންމެ ވާހަކައެއް ދެއްކިނަމަވެސް ނަސީރު އިސްޖަހާލައިގެން އިނީ އައްފާން ދެއްކި ހުރިހާ ވާހަކައެއް އަފީފަށް ތަފްސީލްކޮށްދޭނެ ހިތްވަރު ނެތީމައެވެ. އެދެމީހުންނަށް ބަލަން ސިޓިންގރޫމްތެރޭގައި އާދިލާ ހުރީ ރޮވިފައެވެ. އިތުރަށް އެކައިވެނިކުރަން ނަސީރު ބާރު އަޅާއިދާނެތީ އޭނާހުރީ މޭގައި އަތުން ހިފަހައްޓާލައިގެނެވެ. އެއީ އާދިލާއަށް އެއްވެސް ގޮތަކަށް ރުހެވޭނެ ކަމެއް ނޫނެވެ. މަޖްބޫރުން ކުރި ކައިވެނީގެ ހިތިރަހަ އާދިލާގެ އަރުތެރޭއިން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އާދިލާ އިންތިހާއަށް ނަސީރުދެކެ ލޯބިވިޔަސް ނަސީރު ލޯބިނުވާކަން އަބަދުވެސް އާދިލާއަށް އިހްސާސްކުރެވެއެވެ. އެއިހްސާސް އޭނާގެ ދަރިފުޅު ކުރަން އޭނާއަށް ރުހެވޭނީ ކޮން ހިތަކުން ހެއްޔެވެ؟
******
އާޝާ އިރުއެރީންސުރެން ހުރިހާ ވަގުތެއްހެން ހުސްކުރީ ކުލިނިކުގެ ބަގީޗާތެރޭގައެވެ. ހުދު އޯކިޑްމާތަކެއް ބިނދެ ރީތި މާބޮނޑިއެއް ތައްޔާރުކޮށްލިއެވެ. ބަގީޗާތެރޭގައި ހުރި ކުޑަ މޭޒުދޮށަށް އާއިރު ތަބަކެއްގައި އާޝާއަށް ހެނދުނުގެ ނާސްތާ ގެނެސްފައި ހުއްޓެވެ. މޭޒުކައިރީގައި ހުރި ގޮނޑިމަތީގައި އާޝާގެ އަތްދަބަސް ބަހައްޓާފައި ހުއްޓެވެ. އެދަބަހުން ފޯނުނަގާ ފޯނުގެ ސްކުރީނަށް ބަލާލުމުން އާޝާގެ ދެލޮލުން ފެނުނީ މާޔޫސްކަމެވެ. މާޙިލްގެ އެންމެ ކޯލެއްވެސް ލިބިފައިނެތެވެ. އެހެނަސް އާޝާގެ ބައްޕަޔާ ދޮންމަންމަ ހައިފާގެ އެތަށްކޯލެއް މިސްވެފައިވިއެވެ. ވިނަގަނޑުމައްޗަށް އަތްދަބަސް ދޫކޮށްލަމުން އާޝާ ގޮނޑީގައި އިށިއިނީ މާހިލްގެ ނަންބަރަށް ގުޅަމުންނެވެ. އަދި ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ހުރި ތައިލެންޑު އަންހެންކުއްޖާއަށް އަތުން ހަނާ އަޅަމުން އާޝާ ކައިރިއަށް އައިސްދިނުމަށް އެދުނެވެ. އެއީ އާޝާގެ މެއިޑު މަލާއީއެވެ.
" ކީއްވެތަ މާހިލް އަހަރެންގެ ކޯލަށް ޖަވާބުނުދެނީ..........މިހާރު ފޯނު އޮތީ އޮފްކޮށްލާފަ.............." ހިތްހަމަ ނުޖެހިފައި އިންވަރުން އާޝާ ކުދިކިޔާލިއެވެ. އާޝާގެ މެއިޑް މަލާއީ ހިނިތުންވެލައިފައި ކިހިނެތްވީތޯ އަހާލުމުންވެސް އާޝާ ޖަވާބު ދިނީ ވަރަށް ރުންކުރުކޮށްނެވެ. ތަށިތައް ގެންދިއުމަށް ބުނެލިއިރު ހަރުކަށިގޮތެއް ހުއްޓެވެ. އެހެނަސް ތަބަށް ހިފައިގެން އޭނާ ހިނގައިގަތް ވަގުތު އާޝާ އޭނާއަށް ގޮވާލާފައި ކޮފީއެއް ގެންނަން ބުނެލީ ކުޑަހިނިތުންވުމަކާ އެކުއެވެ.
މަމްދޫހާގެ މަތިން ހަނދާންވެގެން ފޯނު ހާވަންފެށީ އޭނާގެ ނަންބަރުވެސް މިހާރު އާޝާ އަތުގައި އިންނާނެކަން ހަނދާންވުމުންނެވެ. ފޯނު ޑައެލްކޮށްލައި ކަންފަތުގައި ޖަހާލިއިރު މޭޒުމަތީގައި ވައަތުގެ އިނގިލިތަކުން ދިޔައީ ރީތި މިއުޒިކަކަށް ޖަހަމުންނެވެ. ހާސްވެފައި އިންވަރު ފޮރުވުމަށް އާޝާ ހަށިފުރާ ދޫކޮށްލީ ފުންނޭވާއެކެވެ.
މަމްދޫހާ އާ އާޝާ ވާހަކަދައްކަމުން ދިޔައިރު މަލާއީ ގެނައި ކޮފީތައްޓަށް ދިޔައީ އިންސާފުކުރަމުންނެވެ. ނުފިލާ ހިނިތުންވުމެއް ތުންފަތްމަތީ ދުވެލަ ދުވެލައި ހުއްޓެވެ. ފޯނު ކޯލަށްފަހު އާޝާއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.
އެންމެފަހުން އާޝާ އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޕާރކްކޮށްފައި އޮތް ކާރަށް އެރިއެވެ. މަމްދޫހާ ހިތްފުރޭވަރު ފުރަތަމަ ފަހަރުވެސް ކޮއްލަދޭން އާޝާ ބޭނުންވިއެވެ. އޭނާގެ އެދުމަށް މަލާއީވެސް އޭނާއާ އެކު ބާޒާރު ކުރުމުގައި ބައިވެރިކުރިއެވެ. ވިލިގިއްޔަށް ދިއުމުގެ ކުރިން އާޝާ ބޭނުންވީ ކުޑަކޮން ބާޒާރުކޮށްލާށެވެ. މަމްދޫހާވެސް ހުރީ އާޝާ އާ ބައްދަލުކޮށްލަން ނިކަން ބޭނުންވެފައެވެ. އެހެންވެ އާޝާ ގުޅުމުން މަމްދޫހާވެސް އެފުރުސަތުގެ ބޭނުން ހިފީއެވެ.
*****
ޕާރކްކޮށްފައި އޮތް އައްފާންގެ ކާރުކައިރީގައި އޭނާ ހުއްޓެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރެ ދައްކަމުން ދިޔައީ ވަރަށް ސީރިޔަސް ވާހަކަތަކެކެވެ. މިހާރު އެއީ އޭނާ އެތާ ހުރެގެން ކުރާ ތިންވަނަ ކޯލެވެ. އެފޯނު ކޯލު ނިންމާލުމަށްފަހު ފޯނު ޖީބަށް ކޮއްޕާލަމުން ޗެރީހައުސް ގޭދޮރާށިން ވަނެވެ.
ދޮރުގައި ހަރުކޮށްފައިވާ ރަނގަބީލަށް އޮބަމުން ދިޔައީ އެއްވެސް ކެތްތެރިކަމެއްނެތިއެވެ. އަތްދޮންނަން ހުރެފައި ޒީނިޔާ ދޮރުހުޅުވަން އައީ ދުވެފައި ކަހަލަ ގޮތަކަށެވެ. މާވަރަކަށް މީހަކު ޑޯބެލް އަޅާތީ ޒީނިޔާ އައީ އަތްފޮހެން ގެންގުޅުނު ތުވާލިކޮޅާވެސް އެއްކޮށެވެ. އައްފާން ފެނިފައި ޒީނިޔާގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރުތައް ފެނިގެންދިޔައެވެ. ދުލުން ބަހެއްވެސް ބުނެނުލާ އައްފާން ހިފީ ޒީނިޔާގެ އަތުގައެވެ.
" ފައިވާނަށް އަރާ.............." ބޭރަށް ޒީނިޔާ ދަމާލަމުން އައްފާން ބުނެލިއެވެ. އައްފާންގެ އަޑުގައިވީ އަމުރުވެރި ގޮތެކެވެ. ޒީނިޔާވެސް އެއްޗެއް ނުބުނު ފައިވާނަށް ފައި ކޮއްޕާލިތަނުން އަތުގައި ހިފައިގެން އައްފާން ހިނގައިގަތީ ބޭރަށް ނިކުންނާށެވެ.
" ކޮންތާކަށް ތި ގެންދަނީ....................އަހަރެން އަ....." ޒީނިޔާ އަތްފޮޅުވާލަން މަސައްކަތްކުރަމުންވެސް އައްފާން ހިފަހައްޓާލައިގެން ހުރީ ޒީނިޔާއަށް ގަދަ ހަދާލާފައި ދެވޭވަރަކަށް ނޫނެވެ. އަދި ޒީނިޔާ ދެއްކިވާހަކަވެސް އައްފާން އިވުނުކަމަކަށް ނުހަދައެވެ.
ކާރުގެ ދޮރުފަތް ހުޅުވާލާފައި އައްފާން އެދުނީ ކާރަށް އަރާށެވެ. ޒީނިޔާ ދެލޯބޮޑުކޮށްގެން ހުއްޓުން އަރާފައި ކާރަށް ނާރަން ހުރުމުން އައްފާން ޒީނިޔާ ކާރުތެރެއަށް ގަންނަވާލިއެވެ. އެއާއެކު ޒީނިޔާގެ އަނގައިން މަޑު ހަޅޭކެއްގެ އަޑުއިވިގެން ދިޔައެވެ. ޑުރައިވަރު ޝީޓްގައި ޒީނިޔާ ކައިރީ އިށިއިންނަމުން ހަމައެކަނި އައްފާން ބުނެލީ " ސޮރީ" އެވެ. ޒީނިޔާއަށް ބަލާލުމެއްވެސް ނެތި ކާރު ދުއްވާލީވެސް ނިކަންބާރަށެވެ. ޒިނިޔާއަށް އަތަށް ތަދުވިވަރުން އަތުގައި ފިރުމާލެވުނެވެ.
" ކޮންތާކަށްތަ ތިދަނީ .................އަހަރެން އަދި ނުވެސް ކައްކަން .............މެންދުރަށް ކައްކަންވެސް ޖެހޭނެ........" ޒީނިޔާ ފައްޗަކަށް ޝަކުވާތައް ކުރަމުން ދިޔައިރު އޭނާ އިނީ ފެންކަޅިވެފައެވެ. އައްފާން ބަހެއްވެސް ބުނެނުލާ އެތެރެއަށް ހީލަ ހީލައި އިނެވެ.
ކާރު ގޮސް އައްފާން ބޭނުންވި މަންޒިލަށް މަޑުކޮށްލިއިރުވެސް ޒީނިޔާ އަނގަހުއްޓައިނުލައެވެ. ޒީނިޔާ އާވީ ފަރާތުގެ ދޮރުހުޅުވައި ދިނުމުންވެސް އާދެވުނުތަނެއް ބަލައިވެސް ނުލާ ޒީނިޔާ ދިޔައީ ވާހަކަދައްކަމުންނެވެ. ކާރުގެ ދޮރު ހުޅުވާފައި ޒީނިޔާގެ އަތުގައި ހިފައިގެން އައްފާން ހިނގައިގަތީ ކާރުގެ ދޮރު ނިކަން ބާރަށް ލައްޕާފައެވެ. ހީވަނީ ހައިޖާނުތަކުން ކިލަނބުވެފައިވާ ހިތުގައި ހުރި ހުރިހާ އަސަރެއް އެދޮރެއް ބާލާލިހެންނެވެ. އޭރުވެސް ޒީނިޔާ ދިޔައީ އަނގަހުއްޓާނުލާ އައްފާނަށް އެއްޗެހިކިޔަމުންނެވެ. ދޮރުން އެތެރެއަށް ވަދެވުމުން އައްފާނާއި ޒީނިޔާއަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. ޒީނިޔާއަށްވެސް މިހުރެވުނުތަނާއިމެދު ވިސްނާލެވުނުއިރު އަންހެނަކު އައިސް އޭނާގެ އަތުގައި ހިފައިފިއެވެ. ޒީނިޔާގެ ހައިރާންވެފައިވާ ދެލޮލުން އައްފާނަށް ބަލާލިއިރު ހިތުގައި ޖަހާ ވިންދުވެސް އެހެން ރާގަކަށް ބަދަލުވެއްޖެއެވެ.
_____________ ނުނިމޭ_____________

  1. Avatar

   ހަފްތާއަކު 1 ދުވަހުވެސް ގެނެސްނުދެވިގެން އުޅޭ މީހަކު ކިހިނެތް ހަފްތާއަކު 2 ދުވަހު ގެނެސްދޭނީ؟؟

 1. Avatar

  ވަރަށް ފޫހި ލިޔުންތެރިއެއް…. ބުނާބަހުގަ އެއްވެސް އިތުބާރެއް ނޯވޭ…. އެހާދުވަސް ކޮށްފަ އައިސް ބައެއް އަޕްކުރާއިރު އަޕްކުރިއެއްޗެއްގެ ދެބައިކުޅަ އެއްބައިގަ ހުސް ސިފަކުރުމުގެ ހާސަރު… ދެން 3 ނޫނީ 4 ސީން… 40 ބައި ލިޔުނު އިރު މުހިއްމު ބޮޑު އެއްވެސް ކަމެއް ފަޅާނާރާ!!!

 2. Avatar

  އަދިވެސް އަނެއްބައި އަޕް ކުރަން ނުވަނީތަ ތިވަރުން ވާހަކަ ނުލިޔެބަލަ ދޯ!
  ވާހަކަ ރީތިވިޔަސް މީހާ މާ ކައްނެެއް ވީމަ ނުވާނެ ދޯ މިކަމެއް.

 3. Avatar

  ކޮން ދުވަހަކުން ގެނެސްދޭންތަ ތިހުންނަނީ.. މިހާރު 3 ހަފްތާ ވީ… އެއްކޮށް ލިޔެ ނިންމާފަ އަލުން ގެނެސްދޭން ފެށި ވާހަކަ ދުވަހަކުވެސް މިނޫން ވަރެއް ނުވޭ.. ތިކަހަލަ މީހުން ވާހަކަ ލިޔަން ފަށާތީ ދެރައީ

  6
  1
 4. Avatar

  ދެން ނުވަންޔާވެސް ބުނޭ! މަހެއް ފަހުން ވާހަކަ އަޕްކޮށްފަ ނިހާޔަތަށް މަޢާފަށް އެދެމޭ ބުނީމަ އެ ނިމުނީ ދޯ!

  1. Avatar

   އަސްލުވެސް ދޯވް… އަދި އެވެސް ކުޑަކުޑަ ފުކެއް އޮންނާނީ… ދެން އޮންނާނީ ހުސް ސިފަކުރުން

ޚިޔާލު ފޮނުއްވާ