Views: 9673 162

ބޭރުން މީހަކު ސަލާން ގޮވާއަޑުއިވުނީ ގިފިލިތެރޭގައި ހުއްޓައެވެ. ބަޝީރާވެސް ގޭގައި ނެތް ވަގުތެއްކަމުން އަވަސް އަވަހަށް އަނގަދޮވެލައިގެން ބޭރަށް ނިކުތްއިރު މީހަކު ފެންނާކަށްނެތެވެ. މެދުގޯތި ޖޯލިފަތީގައި ރަތް ކަރުދާހުން ބަންދުކޮށްފައި ހުރި ޕާރުސަލެއް ހުއްޓެވެ. މީހަކު ފެނޭތޯ ދެފަހަރަކު ގޯތިތެރެއަށް ނަޒަރު ހިންގާލެވުނެވެ. ތެޅިތެޅި އޮތް ހިތަކާއި އެކު ޖޯއްޔާހަމައަށް ދިޔައީ ޖޯލީގައި އޮތް އެއްޗެއް ޔަގީންކުރުމުގެ ބޭނުމުގައެވެ. ޕާރުސަލް މަތީގައި ޖަހާފައި އޮތް ނަމުގައި އިނގިލިތަކުގެ ކުރި ޖައްސާލެވުނުއިރު ތުންފަތްމަތީގައިވީ ފުޅާ ހިނިތުންވުމެކެވެ. އެވަގުތު ގޭގެ ދޮރާށި ހުޅުވުނުއަޑަށް އެދިމާއަށް ބަލާލެވުނީ އެއުފާވެރިމޫނާއެކުއެވެ.

ދޮރުން ވަދެގެން އައީ ފާތުންނެވެ. ލާނެތް ގޮތަކަށް ހިނިއައިސްފައި ހުރެގެން އައިސް ޖޯލިކައިރީ ހުއްޓުނެވެ.

" އެބައުޅެންދޯ.....................ހާދީ ބުނި މިގޭން ސަލާން ގޮވާ ގޮވާ ޖަވާބެއް ނުދިނޭ ....." އަތުގައި އޮތް ޖަނބުރޯލު އަނގައަށްލަމުން ފާތުން ވާހަކަ ދެއްކިއެވެ.
" ހާދީތަ އައީ.............އިވުނޭ ސަލާން ގޮވާއަޑު ...ގިފިލީގަ އަހަރެން އުޅުނީ..........ނިކުތް އިރު ހިނގައްޖެ " ލައިބާ އެހެން ބުނި އިރު ފާތުންގެ ނަޒަރު ހުއްޓިފައިވަނީ ޖޯލިގައި އޮތް ޕާރުސަލަށެވެ.

" މާލޭން ހަދިޔާ ފޮއްޓެއް ހިފައިންނު ހާދީ އެއައީ................" ލައިބާގެ ކޮނޑުގައި ޖަހާލަމުން ފާތުން އެހެން ބުނެލުމުން ލައިބާ ފެށީ ހޭށެވެ.

" ދެން ކަނޑަން އުޅިބަލަ.............އަނެއްކާ އަހަންނަށް ދައްކަން ނުވާ ވަރު އެއްޗެއްވެސް އޮވެދާނެދޯ............" ފާތުން އެހެން ބުނުމުން ލައިބާ ލޯއަޅާލިއެވެ.
" ތި ބުނީ އަނެއްކާ ކޮންކަހަލަ އެއްޗެއްގެ ވާހަކައެއް............." ލައިބާވެސް އިތުރު ސުވާލެއް ކޮށްލީ ފާތުންނަށް ޖެއްސުމަށެވެ.

" އޭދެން އަވަސްކުރޭ މީގެ ތެރޭގަ އޮވެދާނެ ނަވީންވެސް................." ފާތުން ޕާރުސަލް ނަގައިގެން ހިނގައިގަތެވެ. ލައިބާވެސް ފާތުންގެ ފަހަތުން ހިނގައިގަތެވެ. އުނދޯލީގައި ދެމީހުންގެ މެދުގައި ޕާރުސަލް ބަހައްޓާފައި ލޮލުގެ އިޝާރާތުން ފާތުން އެދުނީ ކަނޑާށެވެ.

ފޮށީގެ މަތި ނެގޭދެންވެސް ފާތުން ދިޔައީ އެކި އެއްޗެހި ކިޔާގެން ލައިބާ އާ ދިމާކުރަމުންނެވެ. އެފޮށީގެ ތެރެއިން އެންމެ ފުރަތަމަވެސް ލައިބާގެ އަތުގައި ޖެހުނީ ވަރަށް ރީތި ޑެނިއަމް ފޮތީގެ ޑަންގަރީސްއެކެވެ. ކަޅު ޑަންގަރީސް އަކާއި ސްކައި ބުލޫ ކުލައިގެ ޑަންގަރީސްއެކެވެ.

" އަޅޭ.................." ހެވިދިލިފައި އިނދެ ފާތުންގެ މޫނަށް ބަލާލިއެވެ.

" ކިހިނެތްބާ ނަވީނަށް އެނގުނީ އަހަރެން ޑަންގަރީސް ލާހިތްވާ ކަމެއް......؟ " އުފަލުން އިން ލައިބާގެ މޫނަށް ފާތުންވެސް ބަލަން އިނީ ހިނިތުންވެގެނެވެ. ބަނޑުބޮޑުވެއްޖެއްޔާ އޭގެ ހެދުމެއް ލާހިތް ވާވާހަކަ ލައިބާ ބުނީ ސްކޫލް ދައުރުގައި ފާތުންނާއެކު ފާތުންގެ ގޭގައި ހިންދީ ފިލްމު ކިޔާކެހެނާ ބަލަން އިނދެފައެވެ. ޕުރިތީ އެފިލްމުގައި ބޮނޑުބޮޑުއިރު އޭގެ ހެދުމެއް ލައިފައި ހުއްޓާ ފެނުމުން ލައިބާއަށް ރީތިވީއެވެ. ފާތުން ކައިރީ ލައިބާ ހެދުންތައް މޭމަތިން ބާރު ވާހަކަ ދައްކާފައި އޮއްވާ ނަވީން ލައިބާ އުފަންދުވަހު ހަދިޔާއަކަށް އެންމެ ރަނގަޅުވާނީ ކޯޗެއްތޯ އެހީ ފާތުން ކައިރީގައެވެ. އެދުވަހު ފާތުން ނަވީން ކައިރީ ލައިބާ ޑަންގަރީސްއެއް ލައިބާ ބޭނުންވާނޭ ބުނެލީ ޖެއްސުމަށެވެ. ފަހަރެއްގައިވެސް ގަނެފައި ފޮނުވަ ދާނެކަމަށް ވިސްނާފައެއް ނޫނެވެ.
" ކޮންމެވެސް ކަމެއްވެދޯ ބެސްޓުފުރެންޑުން ތިބެނީ..............." ފާތުން ލައިބާގެ ކޮނޑަށް އަތްވައްޓާލައި ގާތް ކޮށްލަމުން ބުނެލިއެވެ.

" އަޅޭ.....ފާތުންތައް ބުނީ ނަވީން ކައިރީ............" ގަބޫލު ނުކުރެވިގެން ލައިބާއަށް އަހާ ލެވުނެވެ. ރަކިވިވަރުން އަނގަމަތީ އަތް އަޅާލެވުނެވެ.

" އަހަރެންގެ ނެތްދޯ މިހެދުންލާ ކަހަލަ ބަނޑެއްވެސް ....." ގައިގާ ކަޅު ޑަންގަރީސް ޖައްސާލަމުން ދެރަވެލާފައި ލައިބާ ބުނެލިއެވެ.

" ސާބަހޭ.....އިރުކޮޅަކުން ތި ބަނޑު ފުފޭނޭ............" ލައިބާ އަތުން ހެދުން އަތުލަމުން ފާތުން ދިމާކޮށްލީ ލައިބާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

ލައިބާ އަނެއްކާވެސް ފޮށިގަނޑު އެތެރެއަށް ބަލާލައިފައި ނެގީ ކިޓްކެޓް ޗޮކުލެޓް ފޮއްޓެކެވެ. ނެގި ގޮތަށް ފާތުންނަށް ލޯއަޅާލައިގެން ލައިބާ އިނެވެ. ކިޓްކެޓްޗޮކްލެޓަކީ ލައިބާއަށް އެންމެ މީރު ޗޮކްލެޓެވެ. ނަވީނަކަށް އެކަމެއްވެސް ނޭގޭނެކަން ލައިބާއަށް ޔަގީންކުރެވެއެވެ. އެވާހަކަވެސް ޔަގީނުން ބުނާނީ ފާތުންނެވެ.

" ކިހިނެތްވީ ބަލަހައްޓާއިގެން ތިއިނީ ......ޕުރެގްވީމަ ޗޮކްލެޓް ކާހިތް ނުވަންޏާ އެއްވެސް އަގަކާއި ނުލާ އަހަރެން ތި ކައިދީފާނަން......." ފާތުންގެ ލާނެތްކަން ފެނި ލައިބާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އެއްޗެއް ބުނަން ހީކޮށްލިތަނުން ލައިބާ ފޯނު ރިންގުވާން އަޑުއިވުނެވެ.

" އޭ އަހަރެން ފޯނު އެރިންގުވަނީ އަގަކާނުލާ އެފޯނު ގެނެސްދީބަލަ....." ފާތުން ހެމުން ހެމުން ގޭތެރެއަށް ވަދެގެން ދިޔައެވެ. މަދު ސިކުންތުކޮޅެއް ފަހުން ނިކުތީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ.

" ހިޔެއް ނުވޭ ނަވީނާ ވާހަކަދައްކާނެ ހެން.....ޗޮކްލެޓްފޮށި އަތުން ދޫކޮށްނުލާ......" ލައިބާ އަތަށް ފޯނު ދެމުން ފާތުން ލައިބާއާ ދިމާކޮށްލީ ނަވީންގެ ކައިރީގައެވެ. ނަވީންގެ ނަން އަރާފައި އޮތުމުން ފާތުން ފޯނުނެގީ ލައިބާ ލިބުނު ސަޕްރައިޒުން އުފާވެފައި އިން ވާހަކަ ބުނުމަށެވެ.

" ހަލޯ............." ނަވީންގެ ކޯލެއްކަން އެނގުމުން ލައިބާ ހުރީ ވާޙަކަދައްކާލަން ކެތްމަދުވެފައެވެ.

" ހެޕީ ބާރތު ޑޭ......" ނަވީން ހަދިޔާ ފޮނުވިޔަސް އެއީ ލައިބާ އުފަންދުވަހުގެ ހަދިޔާކަމެއް އޭނާ ނުދެނަހުއްޓެވެ. ނަވީން އެހެން ބުނުމުން ލައިބާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. ބަހެއް ބުނަންވެސް ހަނދާންނެތިފައެވެ.

މީގެ ކުރިން ދުވަހަކުވެސް ލައިބާ އުފަންދުވަހަކު އޭނާއަށް ހަދިޔާއެއް ނުލިބެއެވެ. އެއްވެސް ގޮތަކަށް އެދުވަސް ފާހަގަކުރަން ލައިބާ ބޭނުންނުވަނީ ލައިބާގެ މަންމަ ދެރަވެދާނެތީއެވެ. ބައްޕަނެތް ކުއްޖެއް ގޮތުގައި ލައިބާ އުފަންވުމަކީ ބަޝީރާއަށް އެތަށްބައެއްގެ މަލާމާތާއި ފުރައްސާރަ ލިބުންކަމެކެވެ. އެދުވަސް ލައިބާ ފާހަގަކުރަން ބޭނުންނުވަނީ ފިރިއެއްގެ އެހީއަކާނުލާ ބަޝީރާ އެކަނިމާ އެކަނި ހޭދަކުރި އެދުވަސްތައް ބަޝީރާ ހަނދާންކޮށް ކަރުނައަޅާކަށް އޭނާ ނޭދޭތީއެވެ.

" ހަލޯ..........ޗޮކްލެޓްކަނީތަ އަނގައިން ނުބުނަން ތިހިރީ............." ފާތުންވެސް ލައިބާ ވާހަކަ ނުދެއްކިފައި ހުރުމުން އެގެއިން ނިކުންނަން ހިނގައިގަތެވެ. ލައިބާ ނަވީނާއި ވާހަކަދައްކަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.

" އުހުނ............." ލައިބާގެ ދެލޯ ފެންކަޅިވީ މަންމަ އޭނާއަށް ބަނޑުބޮޑުއިރު އުޅޭނެ ހާލު ހިތަށް އަރާފައެވެ. ލައިބާއަށްވެސް މިއަދު ނަވީންނެތްކަމުގެ ހުސްކަން އިންތިހާއަށް އިހުސާސްކުރެވެއެވެ.

" ޕުރެޒެންޓް ރަނގަޅުތަ؟ ..." ނަވީން އިނީ އޮފީހުގައެވެ. ލައިބާއާ މިނިވަންކޮން އޭނާއަށް ވާހަކަ ދައްކާލެވޭނީ އޮފީހުގައި އިނދެގެންނެވެ.

" އާނ..........ވަރަށް ލޯބި ......" އުނގުމަތީގައި އޮތް ހެދުމުގައި އަތްޖައްސާލަމުން ލައިބާ ހިނިތުންވެލީ ގަދަކަމުންނެވެ. ދެމީހުން މެދުގައި ތަފާތު ވާހަކަތައް ދެކެވުނެވެ. އެހެންޏާ ނަވީންވެސް ލައިބާ ހާލު އަހާފައި ފޯނު ބާއްވާނެއެވެ. އެކަމަކު މިފަހަރު އެއާ ހިލާފަށް ނަވީންގެ ކޯލު ދިގެވެ. އެކަމުން ލައިބާއަށް ހީނުކުރާވަރުގެ އުފަލެއް ލިބުނެވެ. ފޯނު ކަންފަތާއި ވަކިކޮށްނުލާ އުނދޯލީގައި ޖައްސާލީ ހަމަޖެހިލައިގެން އޮވެ ވާހަކަ ދައްކާލުމުގެ ބޭނުމުގައެވެ.

*****

މާޙިލަށް ހޭލެވުނުއިރު އަށްގަޑިބައިވެއްޖެއެވެ. ފާހާނާގައި މާގިނައިރެއް ނުވެ އަވަސް އަވަސްކޮށްލައިގެން ނިކުމެ ފޯނު ބަލާލިއިރު ސަޖާގެ އެތަށް ކޯލެއް މިސްވެފައި އޮތެވެ. ހެނދުނު އެހާ މައިރާ ސަޖާ ކައިރިއަށް ހޮސްޕިޓަލަށް ދާނެކަމަށް ވައުދުވެފައި އޮތްކަން ހަނދާންވީ ސަޖާގެ މިސްކޯލުތައް ފެނިފައެވެ.

ބޭރަށް ނިކުތްއިރު މަންމަ ފެންނާކަށް ނެތެވެ. ހެނދުނު ސަޔަށް ރޮއްޓާއި މަސްހުނި ތައްޔާރުކޮށްފައި ހުއްޓެވެ. އަމިއްލައަށް ތަރުމޯޒުން ސައިތައްޓެއް އަޅާއިގެން މާހިލް ގޮނޑިއެއްގައި އިށިއިން އިރު ރޭ މަންމަ ދެއްކި ވާހަކަތައް ކަންފަތް ބުޑުގައި ގުގުމަމުންދިޔައެވެ. މަންމަ އެވާހަކަ ދައްކާނީ ކޮންމެވެސް ކަމެއް ވީމަކަމަށް މާހިލަށް ވިސްނުނެވެ. އަދި ސަޖާއޭ ކިޔާގެން މަންމަ ދޮގެއް ނުހަދާނެކަން މާހިލަށް ޔަގީން ކުރެވުނެވެ.

މާހިލް ސައިބުއީވެސް ގަޔާނުވެއިނދެއެވެ. ކުޑަގޮތެއް ހަދާލައިގެން މާހިލް ބެލީ އަވަހަށް ހޮސްޕިޓަލަށް ސަޖާ ކައިރިއަށް ދެވޭތޯއެވެ. ސަޖާގެ އަނގައިން ހަގީގަތް އަހަން އޭނާ ހުރީ ނިހާޔަތަށް ބޭނުންވެފައެވެ.

*****

އައްފާން އިނީ ޕާރކިންޒޯންގައި ޕާރކްކޮށްފައި އޮތް އޭނާ ދުއްވާ ކާރުތެރޭގައެވެ. ރުޅިގަދަވެފައި އިންވަރުން ކާރު ދުއްވާލަންވެސް އޭނާއަށް އިނީ ނުކެރިފައެވެ. އައިސްފައިވާ ރުޅީގައި މަގަށް އެއްވެސް ސަމާލުކަމެއް ނުދެވި ހިތާމަވެރި ހާދިސާއެއް ހިނގައިދާނެތީއެވެ. އަމިއްލަ ފުރާނައަށްވުރެން ބައެއްގެ ފުރާނަޔާއި އެހެން ބައެއްގެ ތަކެއްޗަށް ގެއްލުން ވެދާނެތީއެވެ.

ފޯނު ސައިލެންޓަށްލީ ކެނޑިނޭޅި އަންނަމުންދިޔަ މަންމަގެ ކޯލަށް ޖަވާބު ނުދޭންވެގެނެވެ. އައްފާން ހަމައަކަށް ނޭޅެނީސް އެއިން ކޯލަކަށް ޖަވާބުދޭން އޭނާ ބޭނުމެއް ނުވެއެވެ. ތަންކޮޅެއް ކުރިން ބޮޑުބެއާ ޒީނިޔާވެސް ގުޅާފައި އޮތެވެ. އެހެން ނަމަވެސް އެއިން މީހަކާ ވާހަކަދެއްކޭވަރަށް ވުރެން އޭނާގެ ރުޅިވަނީ ހައްދުންނައްޓާފައެވެ.

ފޯނުގެ ސްކުރީނަށް އެތަށް އިރަކު ބަލަންއިނުމަށްފަހު އައްފާނަށް ކެތެއް ނުވިއެވެ. ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ. އިވުނީ އައްފާން އަޑުއަހަން ބޭނުންވި އަޑެއް ނޫނެވެ. އާދިލާ ގިސްލުމުގެ އަޑެވެ. އައްފާނަށް ދެލޯ މަރާލެވުނީ ހަށިފުރާދޫކޮށްލި ނޭވާޔާއެކުއެވެ.

" އަފޫ ކޮންތާކަށް ތި ދިޔައީ............" އާދިލާ މަސައްކަތްކުރީ ވާހަކަދެއްކޭތޯއެވެ. އެހެނަސް އޭނާގެ ހިތަށް ކޮށްފައިވާ ފުންއަސަރެއްގެ ބޮޑުކަމުން ގިސްލެވެއެވެ. ވާހަކަދައްކަން އޭނާއަށް އުނދަގުލެވެ.

" އަހަރެން ނުދަމޭތާކަށް ބޭރުގަ މީނި........." މަންމަ ހިތުގައި ޖައްސާކަށް އައްފާނަކަށް ލާހިކެއްނޫނެވެ. އޭނަގެ ހުރިހާވެސް މީހަކީ މަންމައެވެ. އާދިލާ ފޯނު ކަނޑާލިއެވެ. އައްފާން ނިއްކުރީގައި ބޮލުން ހިފަހައްޓާއިގެން ޝީޓްގައި ބުރަކަށިޖައްސާލިއެވެ. ކާރު ބިއްލޫރިގަނޑުގައި ޖަހާލިއަޑަށް އައްފާން ސިހިފައި ބަލާލިއިރު މަންމައެވެ. މަންމައަށް ދޮރުފަތް ހުޅުވާލަދިނުމުން ކުރީ ސީޓްގައި އިށިއިނެވެ.

" މަންމާ އަޅުގަނޑަށް މާފުކުރޭ ......." ބޭރަށް ނަޒަރު ހުއްޓާލަމުން އައްފާން ބުނެލިއެވެ. މަންމަޔާ ހަތަރުކަޅި ހަމަކުރަންވެސް އައްފާނަކަށް ނުކެރުނެވެ. ކިޔުނު އެއްޗެހި ހިތަށް އަރާފައި ލަދުން އޭނާ އިނީއެވެ.

" ބައްޕަ ވިޔަސް މަންމަވިޔަސް ދަރިންނަށް ވަކިމީހަކާ ކައިވެނިކުރަން މަޖްބޫރުކޮށްގެން ނުވާނެ............." އާދިލާގެ އަޑުގައިވި ރިހުން އައްފާންގެ ހިތުގެ އެންމެ ފުނަށް އަސަރުކުރުވިއެވެ. މަންމަގެ މޫނަށް ބަލާލަން އައްފާނަށް މަޖްބޫރުވީ އާދިލާގެ އަތްތިލަ އައްފާންގެ އަތުގައި ޖައްސާލުމުންނެވެ.

" އެކަހަލަ މަޖްބޫރީ ދިރިއުޅުމަކަށް އަފޫގެ މަންމަޔާ ބައްޕަގެ ދިރިއުޅުން ފުދޭނެ.............." އައްފާން ކަޅިޖަހާނުލާ އިނީ އާދިލާގެ މޫނަށް ބަލާށެވެ. އާދިލާ އަވަސްއަވަހަށް އިސްޖަހާލިއެވެ. އައްފާނަށް ހުރިހާ ހަގީގަތެއް ކިޔާދިނުން މުހިއްމު ކަމުގައި އާދިލާއަށް ފެނުނެވެ.

" މަންމަޔާ ބައްޕަ ކައިވެނިކުރީ ބައްޕަގެ އާއިލާ މަޖްބޫރުކޮށްގެން................" އައްފާނަށް އާދިލާ އަތްމަތީގައި އޮތް އަތް ދަމައިގަނެވުނެވެ.

" އަފޫ ތިބުނީ ރަނގަޅަށް...........ބައްޕަ މަންމަދެކެ ކުޑަކޮންވެސް ލޯތްބެއްނުވޭ.............." އާދިލާ ދެލޯ މަރާބާރުކޮށްލަމުން ބުނެލިއެވެ. ބައެއް ހަގީގަތަކީ ހަބަރަށްވުރެން ހިތި އެއްޗެކެވެ. ކިތަންމެ ގަބޫލުކުރަން ބޭނުނޫނަސް ގަބޫލުކުރުން ނޫން ގޮތެއް އާދިލާއަކަށްވެސް ނެތެވެ. ބުނާނެ އެއްޗެއް ނޭގިފައި އައްފާން އިނީއެވެ. ފަހަރެއްގައިވެސް މަންމަ އައިސް ހުރިހާ ވާޙަކައެއް ދައްކަދާނެކަމަކަށް އޭނާ ހިތަށްވެސް ނާރައެވެ.

" މަޖްބޫރުން ކުރާ ކައިވެންޏަކުން ދެމީހުން ކުރެ އެކަކަށްވެސް ލިބޭނެ އުފަލެއް ނޯންނާނެ............" ކަނާތު ބޮޑުވައި އިނގިލި އަނގަޔަށް ލައިގެން ހަފާލަ ހަފާލައި އައްފާން އިނީ މަންމަގެ ވާހަކަ އަޑުއަހާށެވެ.

" ބައްޕަ ބުންޏަސް މަންމަ ބާރެއް ނާޅާނަން އަފޫ އާޝާއާ ގުޅޭކަށް............." މިފަހަރު އާދިލާގެ އަޑުއިވިފައި އައްފާނަށް ދޫކޮށްލެވުނީ ހިތްހަމަޖެހުމުގެ ނޭވާއެކެވެ.

" މަންމަ ބައްޕަ ދެކެ ލޯބިވޭތަ.........؟ " އައްފާން ކޮއްލި ސުވާލުން އާދިލާ ސިހިނެވެ. އައްފާނަށް ބަލާލާފައި މަގަށް ނަޒަރު ހިންގާލީ ނިކަން އަވަހަށެވެ.

" ހޫމް...........އަބަދުވެސް ބައްޕަދެކެ މަންމަ ލޯބިވޭ..........." އެސްފިޔަތައް ތަޅުވާލަމުން އާދިލާ ޖަވާބު ދިނީ ނިކަން މަޑުމަޑުންނެވެ.

" ދަރިފުޅު ލޯބިވާ ކުއްޖަކު އެބަހުރިތަ....؟" އާދިލާގެ ސުވާލު އިވިފައި އައްފާންގެ ތުންފަތް މައްޗަށްވެރިވީ ލުއި ހިނިތުންވުމެކެވެ.

" ހޫމް............" ބޯޖަހާލަމުން އައްފާން އެއްބަސްވިއެވެ.

" އެކުއްޖާ ދަރިފުޅު ދެކެ ލޯބިވޭތަ...؟ " އައްފާންގެ މޫނުމަތީގައިވި ހިނިތުންވުމުން އާދިލާއަށް ހުރިހާ ޖަވާބެއް ފެންނަން ހުރި ކަހަލައެވެ.

" ހޫމް..............." ކިތަންމެ ކުރަސް އައްފާންގެ އެޖަވާބުން އާދިލާ މޫނުމަތީގައިވި ހިތާމާއިގެ އަސަރު ފިލައިގެން ދިޔައެވެ.

" އަވަހަށް އެކުއްޖަކާ އެކު ދިރިއުޅުމެއް ފަށަން އުޅޭ............." އައްފާންގެ ކޮނޑުގައި އަތްޖައްސާލަމުން އާދިލާ އެހެން ބުނެލިއިރު ދެލޮލުގައި އުފާވެރިކަމުގެ ކަރުނަ ބަބުޅަންފަށާއިފިއެވެ. އައްފާން މަންމަގެ އަތުގައި ހިފާލަމުން ހިނިތުންވެލިއެވެ. ބައްޕަޔާ ދެކޮޅަށްވެސް މަންމަ ރުހޭކަމަށް ވާނަމަ އޭނާ އެހުރީ ޒީނިޔާ އާ ކައިވެނިކުރަން ތައްޔާރަށެވެ. އާދިލާ ކާރުން ފޭބުމުން އައްފާން ކާރު ދުއްވާލީ ޗެރީ ހައުސްއާ ދިމާލަށެވެ. އެދަތުރު އޭނާ ފެށީ ވަރަށް ފޮނި އުއްމީދުތަކާއެކުއެވެ. އުފާވެރި އަމާން މަންޒިލަކަށް ފޯރާނެކަމުގެ އުއްމީދާއިވެސް އެކުގައެވެ.

*****

ހަލުވި ފިޔަވަޅުތަކެއް އަޅަމުންދިޔަ މާހިލް މިސްރާބު ހުރީ ސަޖާ އެޑްމިޓްކޮށްފައިވާ ކޮޓަރިއާ ދިމާލަށެވެ. ކޮޅުކޮޅަށް ހިނގާ މީހުން ގައިގާ ނުޖެހި ވަރަށް ފަރިތަކަމާއި އެހާމެ ހުށިޔާރު ކަމާއެކު އޭނާ ހިނގަމުން ގޮސް ސަޖާ އޮތް ކޮޓަރީގެ ދޮރުހުޅުވާލިއެވެ. ފޯނުގެ ސްކުރީނަށް ނަޒަރު ހުއްޓާލައިގެން ސަޖާ އޮތެވެ. ހަނާ ވައިބަރ އިން ކުރަމުންދިޔަ މެސެޖްތަކަށް ރިޕްލައި ކުރަމުން ގެންދިޔައީ އެއްވެސް ކަހަލަ ހިޔާލެއް ފިކުރެއްނެތިއެވެ. އަންނަން އުޅޭ ތޫފާންގެ ހިލަމެއްވެސް ސަޖާ އަކަށް ނުކުރެއެވެ. ސަރުމީލާ ކެންޓީނަށް ސައިބޯން ދިޔަތާ އިރުކޮޅެއްވެއްޖެއެވެ. އެހެންވެ މިވަގުތު ސަޖާ އޮތީ އެކަންޏެވެ.

" ސަޖާ.............." ސަޖާގެ ތުންފަތްމަތީގައިވި ހިނިތުންވުންފެނި މާހިލްގެ ލޭކަކުވާލިއެވެ. އަޑުގެ ކޮޅަށް މާހިލް ހަޅޭލަވައިގަތް އަޑަށް ސަޖާ ސިހިފައި ފޯނުވެސް ދޫކޮށްލެވުނެވެ. ދަތްދޮޅީގައި ފޯނު ޖެހުމުން ތަދުވިވަރުން ވާތް ދަތްދޮޅީގައި ޖައްސާލެވުނު އިރު ސަޖާގެ ދެލޮލުން ފެންނަނީ ބިރުވެރިކަމެވެ. އޭނާގެ ދެލޯ އަމާޒުވެފައިވަނީ މާޙިލްގެ މޫނަށެވެ. މާހިލްގެ މޫނުމަތިން ފެންނަ ރުޅިވެރިކަމުން ފެނި ސަޖާގެ ހިތުގައި ބިރުވެރިކަމުގެ އޮއެވަރެއް ދެމިގެން ދިޔައެވެ. މާހިލް ސަޖާއާ ދިމާލަށް ހިނގާފައި އައިރު އޭނާގެ ދެލޯވެސް އަމާޒުވެފައިވަނީ ސަޖާގެ މޫނަށެވެ.
" މާ.....ހިލް...." ސަޖާއަށް މާޙިލްއަށް ގޮވާލެވުނީ މާޙިލްގެ މޫނުމަތީގައިވި ރުޅިވެރިކަން ފެނި ގަބޫލު ނުކުރެވިގެންނެވެ. އިއްޔެ ސަޖާ އާ ވަކިވިއިރު މާހިލްވަނީ ބަދަލުވެފައެވެ. ކަންތައް ކުރެވުނު ގޮތުން އަމިއްލަ ނަފުސުކުށްވެރިކުރިއެވެ. އެހެނަސް މިއަދު އަނެއްކާވެސް އެފެންނަނީ ކުރީގެ މާހިލެވެ.

ސަރުމީލާ އާއެކު ޖޫލީވެސް އައިސް ކޮޓަރިގެ ދޮރުމައްޗަށް މަޑުކޮށްލީ އެވަގުތުއެވެ. ދެމައިން ކޮންމެވެސް ވާހަކައެއްގައި ތިބެގެން އެކޮޓަރިއަށް ވަންނަން އައިސް މަޑުޖެހިލީ މާޙިލް ފެނިފައެވެ. ދޮރަށް ފުރަގަސްދީގެން ހުރި ނަމަވެސް އެމީހުންނަށް މާހިލް ނޯޅޭނެއެވެ.

" ސަޖާ ބަނޑުގައި ތިއޮތީ ކާކުގެ ދަރިއެއް.............." ސަޖާއަށް ހީވީ ހޮނު ގުގުރުއެއްގެ އަޑު ކަންފަތް ބުޑުގައި އިވުނު ހެންނެވެ. ދެލޯ ބޮޑުކޮށްލެވުނުއިރު މީހާ ތުރުތުރު އަޅާގަނެއްޖެއެވެ. އަނގަމަތީ އަތް އަޅާލެވުނީ ގަބޫލުނުކުރެވިގެނެވެ. މާހިލްގެ ފުރަގަހުން ފެންނަން ހުރި ސަރުމީލާ އާއި ޖޫލީގެ މޫނުމަތިންވެސް ފެންނަނީ އިންތިހާ ބިރުވެރިކަމެވެ.

...................................ނުނިމޭ........................................

 1. Avatar

  ޝުކުރީއްޔާ ހީވެސް ނުކޮށް ހުއްޓާ ކިޔާލަން ލިބުނީމަ. ކިޔުންތެރީންގެ ޚިޔާލުތަކަށް އިޙްތިރާމް ކުރާކަން އެނގިއްޖެ. ޥަރަށް ރީތި މިވާހަކަ

  8
  3
 2. Avatar

  އަޅެ ވަރަށް ރީތި.. ބަރާބަރަށް ވާހަކަ އަޕްކޮއްދޭތީ ވަރަށް ސަޅި.. އެކަމް ތަންކޮޅެއް ކުރީ

  10
  2
 3. Avatar

  ހާދަ ލަހުންނޭ އަޕް ކުރަނީ.. އެހާ ލަސްނުކޮށް ތަންކޮޅެއް އަވަހަށް އަޕްލޯޑް ކުރާ ނަމަ ތަންކޮޅެއް ކިޔާހިތުން ކިޔާލެވޭނެ ދޯ…

ޚިޔާލު ފޮނުއްވާ